ސާޅީސްއަށްވަނަ ބައި
"މަންމަ ހިތަށްވެސް ނާރާވަރުގެ މަކަރުވެރިއެއް އެއީ. މަންމައަށް އިނގޭތަ އެ ތަމަންނީގެ ދަރިއެއް ހުރޭ. އޭނާ އެކުއްޖާ ވިއްކާލީ. ދޮންބެއަށް ހުރިހާ އެއްޗެއް މިއަދު އިނގިގެންވަރަށް ކެތްކޮށްފަ އެއައީ" އިތުރަށް އަދްޔަން އޮޅުންފިލުވައިދިނެވެ.
"ތަމަންނީއަށް ކިހިނެއް ހަދަން އެއުޅެނީ.؟" ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޙާއިޝާ އަހައިލިއެވެ.
"ބަލަން ތިބެމާ..." އަދްޔަން ބުނެލިއެވެ.
***
މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށް ސަބްރީނާއި ބައްސާމް ތިއްބެވެ. ބައްސާމް ގުޅާލުމުން ޝެނަލް ވަރަށް ފަސޭހައިން ކެއުމުގައި ބައިވެރިވާން އެއްބަސްވެއްޖެއެވެ. ސަބްރީންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެގެންދިޔައީ މަޑު ހިނގުމެއްގައި ހިނގާފައި އައި ޝެނަލް ބައްސާމް ކައިރީގައި އިށީނުމުންނެވެ.
"ދަރިފުޅާ!! ދުނިޔެއިން ފަހަތަށް ގޮސް ވެނިމިފައިވާ ކަންތައްތައް އަހަރެމެން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އަލުން އިއާދައެއް ނުކުރެވޭނެ" ބައްސާމް ބުނެލިއެވެ. ކުރިމަތީގައި ހުރި ހުސް ތައްޓަށް ބަލަހައްޓައިގެން ހިމޭންކަމާއެކު ޝެނަލް އިނެވެ.
"ދަރިފުޅު މަރުވެ ދަންދެން ތިގޮތަށް މަންމައަށް ނަފްރަތު ކުރިޔަސް އެއީ މަންމަގެ ފަރާތުން ނުހިނގާ ކަންތައްތައް ކަމުގައި ވާނެތަ؟" ބައްސާމް ބުނެލިއެވެ. ސަބްރީން އިސްޖަހާލައިގެން ހުއްޓެވެ.
"އިންސާނުންނަށް ކުށްވެސް ކުރެވޭނީ. މަންމައަށް ކުރެވުނު ކުށް މިހާރު މަންމައަށް އިހުސާސް ކުރެވިއްޖެ. ބައްޕަ ލަދުގަންނަންޖެހޭ ކިތަންމެ ކަމެއް މަންމަގެ ފަރާތުންވެފަ ހުރީ. އެހުރިހާ ކަމަކަށް ބައްޕަ ހެޔޮހިތުން މަންމައަށް މަޢާފްކޮށްފިން" ބައްސާމް ވާހަކަދެއްކިއެވެ. ޝެނަލް ބަހެއްނުކިޔާ އިނަސް ބައްޕަ ދައްކަމުންދިޔަ ކޮންމެ ވާހަކައެއް އޭނާގެ ސިކުނޑީގައި ހަރުލައްވަމުން ދިޔައެވެ.
"މާތްﷲ ގެ ހަޟްރަތުގައި މަޢާފަށް އެދޭ މީހާއަށް ވުރެ ބޮޑަށް މަޢާފްކުރާ މީހާގެ ދަރަޖަ މަތިވެރި. ކިހާ ދުވަހަކު ތިގޮޮތަށް ހުންނާނީ. ކާކަށް އިނގޭނީ ފަސްގަނޑު ދަށަށް ދާންޖެހޭ ވަގުތެއް" ބައްސާމް ވާހަކަދެއްކިއެވެ. ހިފަހައްޓާލައިގެން ހުއްޓަސް ސަބްރީނަށް ރޮވިއްޖެއެވެ. އެކަން އިނގުމުން ޝެނަލްއަށް އުނދަގޫވަމުން ދިޔައެވެ. މިހުރިހާއިރު ކޮންޓްރޯލް ކުރަމުން އައި ކަރުނަތައް މިނިވަންކަމާއެކު ދޫކޮށްލައިފިއެވެ. އިސާހިތަކު އޭނާއަށް ބައްސާމްގެ ކޮނޑުގައި ބޯއަޅާލެވިއްޖެއެވެ.
"ހުއްޓާލާ. ކަރުނައަކީ އިންސާނާގެ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެއް. އެއީ ވަރަށް މުހިންމު ހަނދާނެއް. ބޭކާރުގޮތުގައި ކަރުނައެޅުމެއް ނޯވޭ. ހެޔޮހިތުން މަންމައަށް މަޢާފްކޮށްދީ. އެއީ ދަރިފުޅުގެ މަންމައެއްނު" ޝެނަލްގެ އިސްތަށިގަނޑުގައި ފިރުމަމުން ބައްސާމް ވާހަކަދައްކަމުން ދިޔައެވެ. ދެކޮޅު ހެދުމުގެ ގޮތުން ޝެނަލް އެއްޗެއް ނުބުނެއެވެ. ސަބްރީން ޝެނަލްއާ ކައިރިވެލިއެވެ. ޝެނަލްގެ ތައްޓަށް ބަތް އަޅައިދިނެވެ. އަމިއްލަ އަތުން މޮޑެފައި ޝެނަލްގެ އަނގައާ ކައިރިކޮށްލިއެވެ. ސަބްރީނާއި ހަތަރުކަޅި ހަމަކުރުމެއްނެތި އޭނާ ބަތްސުވާ ކައިލިއެވެ. ސަބްރީންގެ ދެލޮލުން ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ.
"ރީން!! މިއަދު ކެއުމުގައި ރީންގެ އެކުވެރިޔާ ބައިވެރިނުވަނީތަ؟" ބައްސާމް އަހައިލިއެވެ.
"އެބައާދޭ" ސަބްރީން ބުނެލިއެވެ.
"އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން" ޝެނަލް ބުނެލިއެވެ. ސަބްރީނާއި ބައްސާމަށް އެކީގައި ޝެނަލްއަށް ބަލައިލެވިއްޖެއެވެ.
"އަވަހަށް ބުނޭ" ސަބްރީން ބުނެލިއެވެ. ޝެނަލްއަށް އެއްޗެއް ނުބުނެވުނީ މޭޒު ކައިރީގައި އައިސް ހުއްޓުނު ސޯއިމާ ފެނިފައެވެ. އެކަން އިނގުމުން ބައްސާމްގެ ހަރަކާތްތައް އަވަސްކުރިއެވެ.
"މަޑުކުރައްޗޭ. އަޅުގަނޑު އެބައަންނަން" ޝެނަލް ތެދުވެގެން ގޮސް ދޮރުކައިރީގައި ހުއްޓުނެވެ. ފޯނު ނަގާފައި ނަންބަރަކަށް ގުޅާލާފައި އައިސް ކުރިން އިން ތަނުގައި އިށީނދެއްޖެއެވެ.
***
ސޯފާގައި އިން ޙާއިޝާއަށް އިރުކޮޅަކާއި އުނޭޝްގެ ކޮޓަރިއާ ދިމާލަށް ބަލައިލެވެއެވެ. އެތެރޭގައި ހިނގާކަމެއް ނޭނގޭތީ ޙާއިޝާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ނޭވާވެސް ހީވަނީ އެތެރެހަށިން ދެބުރިވެގެން ނިކުންނަހެންނެވެ. މަންމަގެ ހަރަކާތްތަކަށް ފާރަވެރިވެގެން އަދްޔަން އިނެވެ. ޙާއިޝާއަށް ފުންމައިގެން ތެދުވެވުނީ ކޮޓަރީ ދޮރުހުޅުވާލާފައި ނިކުތް އުނޭޝް ފެނިފައެވެ. ހަމަ އެސިކުންތުގައި ދޮރުން އެތެރޭގައި ހުރި ތަމަންނީގެ އަތުގައި ހިފާ ބޭރަށް ނެރެ ލުއްކެއްޖެހިއެވެ. ޖެހިލުންވެފައި ހުރި ތަމަންނީ ދެއަތުން އަމިއްލަ ހަށިގަނޑުގައި ވަށައިލަމުން އިސްޖަހައިލިއެވެ.
"އަހަރެން މިހާރު މޮޔަހީވޭ ތިކަހަލަ އަންހެނަކު އަހަރެންގެ އަންބަކަށް ހެދުނީތީ" އުނޭޝް ބުނެލިއެވެ. ވާނުވާ ނޭނގިފައި ޙާއިޝާ ހުއްޓެވެ. އަދްޔަން މަޑުކޮށްލީ އުނޭޝްއާ ދާދި ކައިރީގައެވެ.
"ވަރަށް އުފަލާ އަރާމުގައި އޭސީ ކޮޓަރި ތެރޭގައި ކަލެއަށް މަޖާ ނެގިއްޖެއްނު. ކަލޭ އަހަރެންގެ ދިިރިއުޅުމުން ނެރެންވީ ވަގުތު ޖެހިއްޖެ" އުނޭޝް ބުނެލިއެވެ.
"ކަލޭ އެއްޗެކޭ ހިތަށް ނާރާތަ. އަމިއްލަ ބަނޑުން މިދުނިޔެއަށް އުފަންކުރި ދަރިއެއްނޫންތަ އެއީ. ތިއީ ކޮންކަހަލަ އަމައެއް. ލަގޮނޑިއެކޭ ކިޔާފަ ރަބަރު ގަނޑެއްތަ ގެންގުޅެނީ. ހިތަކަށް ހިލަގަނޑެއްތަ އޮންނަނީ. ކިހާ ކަމެއް ކަލޭ މަށަށް އޮޅުވާލީ. ކަލޭ އަހަރެން ނުބައި މީހަކަށް ހަދައިފިި. އެމީހަކާއެކު މުޅި އުމުރު އަހަރެން ދިރިއުޅެން ބޭނުންވި އަންހެންކުއްޖާއަށް އަހަރެން ލައްވާ ކިހާ އަނިޔާއެއް ކުރުވީ. ބޮޑުވަގު" އުނޭޝްގެ އަޑު ބާރުކަމުން ކޮޓަރީގައި އޮތް ޔަޝްފީވެސް ނިކުމެ ޙާއިޝާ ކައިރީގައި ހުއްޓިއްޖެއެވެ. ބަދިގެއިން ނިކުތް ކަމްލާވެސް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
"އަހަރެން ކަލެއަށް ކަމެއް ސާފުކޮށްދެން ބޭނުން. އަހަރެން ކަލެއަށް ނަފްރަތުކުރަން. ވަރަށް ބޮޑަށް. އޭރުވެސް މިހާރުވެސް އަހަރެންގެ ހިތުގެ މިލްކުވެރިއަކީ ހަމައެކަނި ރާނީ. ރާނީ މިގެއިން ދިޔަފަހުން އަހަރެންނަށް އަހަރެންގެ ހަށިގަނޑުގެ އެއްބައި މަދުކަމުގެ އިހުސާސް ނުކުރެވޭ އެންމެ ދުވަހެއްވެސް ނުދޭ. އަހަރެންގެ މަންމައާ މެދު ކަންތައް ކުރެވުނީ ކޮންފަދަ ނިކަމެތި ގޮތަކަށް. އަހަރެންގެ މުޅި ދިރިިއުޅުން ބަރުބާދުކޮށްފިއޭ" އުނޭޝްއަށް އެއްތަނެއްގައި މަޑުން ހުންނަންވެސް އުނދަގުވިއެވެ.
"ކަލޭ އަހަރެންގެ ލޯމަތީގައި އެންމެ ހިނދުކޮޅަކުވެސް ހުންނަން އަހަރެން ނޭދެން. ރައްކާވޭ.... ރައްކާވާށޭ... އަޑެއްނީވެތަ...؟" އުނޭޝްގެ ރުޅިގަނޑު ހަމައިން ނައްޓައިފިއެވެ. ތަމަންނީގެ މޫނުމަތީގައި ޖަހަން އަތްނެގި ވަގުތު އޭނާއަށް ބަލަން ދެލޯބޮޑުކޮށްގެން ހުރި ޙާއިޝާ ފެނި ހުއްޓެވިއްޖެއެވެ. ދެފަރާތަށް މޫނު ހޫރަމުން ދިޔަ ޙާއިޝާ އެބުނަނީ ކީކޭކަން އިނގުނު ހިނދު އުނޭޝް ހިމޭންވެއްޖެއެވެ.
"ކަލޭ ތިހިރީ ވަރިކޮށްފަ. ކޯޓަށް އެއްލައްކަ ރުފިޔާ ދައްކަން ޖެހުނު ނަމަވެސް އަހަރެންނަށް ކަލޭ އަހަރެންގެ އަންބެއްގެ މަގާމުގައި ބަހައްޓަން އެންމެ ފަޅި ސިކުންތުވެސް ކެތްތެރިނުވެވޭނެ. ދާންއުޅޭ މިގެއިން" ތަމަންނީ އަތުގައި ހިފާ ދޮރާއި ދިމާލަށް ކޮށްޕާލަމުން އުނޭޝް ބުނެލިއެވެ.
"ޝުކުރުކުރޭ ކަލޭ ފުލުހުންނާ ހަވާލުނުކޮށް ކަލޭ ދޫކޮށްލީތީ" އަދްޔަން ބުނެލި ޖުމްލަ ތަމަންނީގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ.
"ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއް ދުވަސް" ތަމަންނީ ގެއިން ނިކުތް ވަގުތު އަވަށްޓެރިއެއް ބުނެލި އަޑު އިވުނެވެ.
***
ކައި ނިމިގެން ސޯއިމާ ތެދުުވި ވަގުތު ދޮރާށިން ހުޅުވާލާފައި އެތެރެއަށް ވަން އަންހެނަކާއި ފިރިހެނަކު ފެނުނެވެ. ކޮންބައެއްތޯ ރަނގަޅަށް ބަލައިލަން ބޭރަށް ނިކުންނަން އުޅުނު ވަގުތު އަންހެންމީހާގެ އަތްމަތީގައި އިން އަންހެންކުއްޖާ ފެނި ހީވީ ބިންމަތީގައި އޭނާގެ ފިޔަވަޅުތައް ތަތްލި ހެންނެވެ. ފަހަތަށް ބަލައިލާފައި އެއްޗެއް ބުނަން ދޫ ހަރަކާތްކޮށްލިއެވެ.
"އަނހަ. މިއީ ކޮންވަގުތެއް އެމަންޖެ ގޮވައިގެން އަންނަން. ހާދަ ހޫނުވެފަ އޭ ހުންނާނީ. އަނެއްކާ ބޮޑު ކަމެއްވީތަ؟" ކޮޓަރިން ނިކުތް ބައްސާމް ވާހަކަދެއްކިއެވެ. އެ އަޑަށް ބަދިގެ ތެރޭގައި ހުރިި ސަބްރީން ބޯދިއްކޮށްލިއެވެ.
"އެބުނާހެން. އާދޭ އެތެރެއަށް. ކާންވީނުން" ސަބްރީން ބުނެލިއެވެ. ޝިރޫއާއި އަލިފުޅު ބަހެއްނުކިޔައެވެ. އެދެމީހުންގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީގައި ހުރި ސޯއިމާއަށެވެ.
"އަޅުގަނޑޭ ގުޅީ" ކޮޓަރިން ނިކުތް ޝެނަލް ބުނެލިއެވެ.
"އާދޭ އިށީންނަން. އަޅުގަނޑު ބުނީމެއްނު މުހިންމު ވާހަކައެއް ބުނަންވެގެންނޭ. ކޮބާ ޝާމް؟ އެއީ އެންމެ ކުރިން ގުޅި މީހާ" ޝެނަލް ބުނެލިއެވެ. ޝިރޫއާއި އަލިފުޅު އިށީނުމުން ޝެނަލް ގޮސް އީޝް އުރާލިއެވެ.
"ސޯއިމާއްތަ ކޮންތާކަށް ތިދަނީ...؟" ސޯއިމާ ކޮޓަރިއަށް ދާން އުޅުމުން ޝެނަލް ބުނެލިއެވެ.
"އެއީ ތެދެކޭ. އަދި މި މީހުން ތައާރަފެއްވެސް ނުކޮށްދެވެއެއްނު" ސަބްރީން ބުނެލިއެވެ. ސޯއިމާއަށް މަޖުބޫރުވީ ހިތްނޭދުނަސް އެތަނުގައި މަޑުކުރާށެވެ.
ދޮރާށިން އެތެރެއަށް ވަން ޙުޝާމް ފެނި ސޯއިމާއަށް ހިންދިރުވައިލެވިިއްޖެއެވެ. ބޮޑު ކަންތައްގަނޑެއް ވާން އުޅޭ ކަމަށް އޭނާގެ ހަވަނަ ހިއްސު ބުނެލައިފިއެވެ.
"ސޯއިމާއްތަ އަޅެ މިދަރިފުޅު އުރާލާހިއްވެސް ނުވޭތަ؟" ޝެނަލް ބުނެލިއެވެ. ގަދަކަމުން ސޯއިމާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭރު ޙުޝާމް އައިސް ބައްސާމާއި ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ލޯބި ކުއްޖެއްދޯ... މާމަ ދަރިއަކު ބޭނުންނުވާނީ ކާކު؟" ސަބްރީން ބުނެލިއެވެ. އެންމެންގެ ނަޒަރުން ސަލާމަތްވުމަށްޓަކައި ސޯއިމާ ޝެނަލް ގާތަށް ޖެހިލައިފިއެވެ. އޭނާގެ އަސްލު ފޮރުވުމަށްޓަކައި ބޭނުންވީ އެއްފަހަރު ނަމަވެސް އީޝް އުރާލާށެވެ.
"ސޯއިމާއަށް އިނގޭތަ! އަހަރެމެންގެ ޝާނީ ތިދަރިފުޅުގެ މަންމައަށް ވާނެ ދުވަސްކޮޅަކުން" ސަބްރީން ބުނެލި ޖުމްލަ ގޮސް ސޯއިމާގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ. އިވުުނު ޖުމްލަތައް އޭނާއަށް މުޅިން އާ ހަބަރަކަށް ވެއްޖެއެވެ.
"ކީކޭ...؟" ސޯއިމާއަށް ބުނެވުނެވެ.
"ހޫމް... ތެދެއް މަންމަ އެބުނީ. ސޯއިމާއްތަމެން ބޭނުންނެތިގެން ވިއްކާލި ކުއްޖާ ދުވަސްކޮޅަކުން އަހަރެންނަށް މަންމަ ކިޔަން ފަށާނެ" ޝެނަލް ބުނެލިއެވެ. ސަބްރީނާއި ބައްސާމަށް ޝެނަލްއަށް ބަލައިލެވިއްޖެއެވެ.
"ޝާނީ ކީކޭ ތިބުނީ؟" ސަބްރީން އަހައިލިއެވެ.
"އާނ މަންމާ! ތަމަންނީ ވިހޭ ދަރިފުޅު މިއީ. ތަމަންނީ އަކީ ޝާމްގެ ކުރީގެ އަނބިމީހާ. މީގެ ކުޑަދުވަސްކޮޅެއް ކުރިން ޝާމް މިދަރިފުޅު ހޯދަން ފައިޓް ކުރި މީހަކީ މިހެރަ ނުލަފާ އަންހެންމީހާ. މަންމަގެ އެންމެ ގާތް އެކުވެރިިޔާއަށް ވީއިރު އެކައްޗެއްވެސް މަންމައަށް ނޭނގެއެއްނު. މީނައާއި މީނަގެ ނުލަފާ އަންހެންދަރި ވެގެން މިދަރިފުޅު އަތޮޅުތެރޭ މީހަކަށް ވިއްކާލީ. މިއީ އަޅެ ހިތެއް އޮތް ބައެއްތަ؟ ވިިއްކައިނުލާ އެކުއްޖާގެ ބައްޕަ އެވަރަށް ކީ އިރު ބައްޕައާއި ހަވާލުކުރިނަމައެއްނު" އެންމެންގެ ކުރިމަތީގައި ސޯއިމާގެ ފަތިފުށް ޝެނަލް ހާމަކޮށްލިއެވެ. ސަބްރީނަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އެކުވެރިޔާ އޭނާއަށް ހުރިހާ ކަމެއް އޮޅުވާލިވަރު ހާމަވުމުން ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ.
"އެއީ ތެދެއްތަ؟ ސޯއިމާ ބުނެބަލަ؟" ސަބްރީން އެހިއެވެ.
"ރީންވެސް ކަންތައް ތިކުރީ ރަނގަޅަކަށްނޫން. އަމިއްލަ އެދުންތައް ހާސިލްކުރަންވެގެން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލީ. ނުވިތާކަށް އަހަރެންގެ ދަރިފުޅު ނުލާހިކު ލޯބިވާ ފިރިހެންކުއްޖަކާ އަމިއްލަ ދަރި ދެވަން ނިންމައިގެން ތިހުރީ. ތިއަށްވެސް ކިޔަނީ އޮޅުވާލުމެއްނޫންތަ؟" ސޯއިމާ ވާހަކަދެއްކިއެވެ.
"ތިމާގެ އަމިއްލަ ކުށް ފޮރުވަން ބޭކާރު ވާހަކަތަކެއް ދައްކާނެކަމެއް ނެތް. އަހަރެން ޤަބޫލުކުރަން ނުބައި ކަންތައްތަކެއް އަހަރެންނަށް ކުރެވުނުކަން. އެހުރިހާ ކަމަކުން އަހަރެންގެ އަމިއްލަ ނަފްސު ޠޯހިރުކޮށްގެން މިއުޅެނީ. އެކަމަކު ސޯއިމާ އެހެންތަ؟ ކޮންކަހަލަ ރަހުމުކުޑަ ބައެއްތަ އެއީ؟ ނުދަންނަ ބަޔަކަށް އެވަރުގެ ތުއްތު ކުއްޖަކު ވިއްކާލިއިރު އަޅެ އިންސާނިއްޔަތުގެ ކުޑަ މިންވަރެއްވެސް ހުރިތަ...؟" ސަބްރީން ވާހަކަދެއްކިއެވެ.
"އެއީ މިހިރަ ގޮތްކުޑަ ފިރިހެނާ ގަސްތުގަ އަހަރެންގެ ދަރިފުޅު ބޮލުގަ އެޅުވި ދަރިއެއް. އަހަރެން ޝަރުތު ކުރުވިން އެހާ އަވަހަށް ދަރިއެއް ނުހޯދަން. އަހަރެންވެސް އަދި އަހަރެންގެ ދަރިވެސް މުސްކުޅިއެއްނުވޭ" ސޯއިމާ ބުނެލިއެވެ.
"ޔާރައްބީ ތިހިރަ ވިސްނުމެއްދޯ. އަހަރެން ހަމަ ޙައިރާންވެއްޖެ" ސަބްރީން ބުނެލިއެވެ.
"މަންމާ...!" ހުރިހާ މީހުންނަށް އެއްފަހަރާ ބަލައިލެވުނީ އަޑު އައި ދިމާލަށެވެ. ރޮވިފައި ހުރި ތަމަންނީ ދޮރުމަތީގައި ހުއްޓެވެ. ޙުޝާމްގެ ނަޒަރު ތަމަންނީގެ ފައިން ފެށިގެން ބޮލާއި ހަމައަށް ދަތުރުކޮށްލައިފިއެވެ. އޭނާގެ ހިތުގައި އިންތިހާއަށް ރިއްސައިގަތީ އޭނާ ފުރާނަ ފަދަ ލޯބިވާ އަންހެންކުއްޖާ ހުރި ނިކަމެތި ހާލަތު ފެނިފައެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު ދެލޮލުގައި ވަނީ ކަރުނަތަކެވެ. ތަމަންނީގެ ނަޒަރު ގޮސް ހުއްޓުނީ ހުޝާމަށެވެ. އޭނާއަށް ގިސްލެވެން ފެށިއްޖެއެވެ. ބޭއިޚްތިޔާރުގައި ހުޝާމްއާއި ގާތަށް ފިޔަވަޅެއް އެޅިއްޖެއެވެ. ހުޝާމަށްވެސް ވީ އެވަރެވެ. ނަމަވެސް އޭނާއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ އަތުގައި ކައިރީގައި ހުރި ޝެނަލް ހިފެހެއްޓުމުންނެވެ.
"އޭނައަށް ދެވަނަ ފުރުސަތެއް ޙައްޤެއްނޫން." ޝެނަލް ބުނެލިއެވެ.
"ދަރިފުޅާ...!!" ސޯއިމާއަށް ބުނެވުނެވެ.
"އަހަރެންނަށް މަޢާފްކުރޭ. އަހަރެންނަށް ވިސްނިއްޖެ. އަހަރެންނަށް އެހީވެދީ. އަހަރެންނަށް ހިނގަންވީ ތެދުމަގު ދައްކައިދީ. އަހަރެންގެ ހިތުގައިވާ ޣާފިލުކަން ފޮހެލުމަށް އެހީތެރިވެދީ. ތަޤްވާވެރިކަމުގެ ކާނާއިން އަހަރެންގެ ބަނޑު ފުރައިދީ. އަހަރެން ބާކީކޮށްނުލާ..." ތަމަންނީ އައިސް އިށީނީ ހުޝާމްގެ ފައި ބުޑުގައެވެ. ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެސް ހުޝާމްއަށް ހުރެވުނެވެ. އޭނާގެ އެއްފަރާތުގައި ޝެނަލް ހުރިއިރު އަނެއްފަރާތުގައި ހުރީ މަންމަ ޝިިރޫއެވެ.
"ދަރިފުޅާ! މަންމައަށް މަޢާފްކޮށްދީ" ތަމަންނީގެ ނަޒަރު އުފުލާލުމަށްފަހު ޝެނަލް އަތުގައި އިން އީޝްއަށް ބުނެލިއެވެ. ޝެނަލް އީޝް ތަމަންނީއާ ދުރުކޮށްލިއެވެ.
"އުނޭޝް ވަރިކުރީތަ؟ ހިނގާ ދާން. އަހަރެމެންނަށް ދިރިއުޅެން މި މީހުންގެ މަދަދެއް ބޭނުމެއްނުވޭ. މިކަހަލަ ތާކުންތާކު ނުޖެހޭ މީހުން އުޅޭ ގައުމެއްގައިވެސް ތިބޭނެކަމެއް ނެތް" ސޯއިމާ އައިސް ތަމަންނީގެ ކޮނޑުގައި ހިފާ ނަގައިފިއެވެ.
"ނޫން މަންމާ. އަހަރެން ނުގެންދޭ. އަހަރެން ދިރިއުޅެން ބޭނުން. އަބުރުވެރިި ދިރިއުޅުމެއް އަހަރެންނަށް ހޯދައިދެވޭނީ ހަމައެކަނި ހުޝާމްއަށް. އަހަރެންނަށް ކުރެވުނު ކުށަކަށް ބުނެވުނު ބަހަކަށް ހުޝާމްގެ އާއިލާގެ ފަރާތުންވެސް މަޢާފަށްއެދެން" ތަމަންނީ ވާހަކަދެއްކިއެވެ.
"ތަމަން ކީކޭ ތިކިޔަނީ. ތިފެންވަރަށް ވެއްޓެން އަދި ގާތްވެސްނުވޭ. އަހަރެމެން މިއުޅެނީ ގޮތްހުސްވެގެނެއްނޫން. އާދޭ މަންމައާއެކު" ސޯއިމާ ބުނެލިއެވެ.
"ބުނަން ރީން ވާހަކައެއް. މިކަހަލަ އަންހެނުންނަށް ހުތުރު އަރުވާ ބަޔަކަށް އަހަރެންގެ ގެއަކުން ޖާގައެއްނެތް" އެމަންޒަރު ބަލަން ބައްސާމް ބޭނުމެއްނުވިއެވެ.
"އަމުދަކުން މަ އެބައުޅެންތަ؟ އަޑެއްނީވޭތަ ތަމަންނީއަކަށް" ސޯއިމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
"ނޫން މަންމާ! މަންމަ އަހަރެންނަށް ރަނގަޅު ތަރުބިއްޔަތެއް ދިންނަމަ މިއަދު މިހާލު އަހަރެންނަށް ނުޖެހުނިސް. އެންމެ ދަރިއަކު ހުރިއިރު މަންމަ އަހަރެން ބޭނުންކުރީ ކޮންގޮތަކަށް. ރަނގަޅު ނަޞޭޙަތެއްދިނިންތަ؟ އަހަރެންގެ މިދެއަތުން އަހަރެންގެ ދަރިފުޅަށާ ހަލާލު ފިރިމީހާއަށް ކޮން ހާލެއް ޖެއްސުނީ" ތަމަންނީ ބުނެލިއެވެ. ސޯއިމާއަށް ކިޔާނެ ބަހެއް ނޭނގުނެވެ.
"އަހަރެން ބޭނުމީ ޙުޝާމްގެ ފަރާތުން ޖަވާބެއް" ތަމަންނީ ބުނެލިއެވެ.
"އަހަރެން ތަމަންއަށް މަޢާފްކޮށްފިން" ޙުޝާމް ބުނެލިއެވެ. ޝެނަލްގެ ނަޒަރު ޙުޝާމްއަށް ހުއްޓުނެވެ. ކަރުނައިގެ ތެރެއިން ތަމަންނީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަހަރެންނަށް އިނގޭ ޙުޝާމް އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން. އަހަރެންދެކެ އަދިވެސް ލޯބިވާކަން" ތަމަންނީ ޙުޝާމްގެ މޭގައި ބޯއަޅައިލިއެވެ. އެހިނދު ޙުޝާމްގެ ދެއަތުން ތަމަންނީ ދުރަށް ލިއެވެ.
"އަހަރެން ހަމައެކަނި މަޢާފްމިކުރީ އަހަރެންގެ ދަރިފުޅު ދުނިޔެއަށް ގެނައި އަންހެނަކީ ތިއީކަމަށްވާތީ. އަހަރެން ތަމަންނީއާއެކު ދިރިއުޅެން ބޭނުމެއްނޫން" ޙުޝާމް ބުނެލިއެވެ.
"ތާހިރުވެއްޖެއްނު. ބަލަ މި މީހުން އުޅެނީ ޝެނަލްގެ ކައިވެނި މީނަ އާ ކުރުވަން. ތަމަން! ހިނގާ ދާން މަންމައާއެކު. މަންމަ ދުނިޔޭގަ ހުއްޓަ ދަރިފުޅަށް ދެރަގޮތެއް ދުވަހަކުވެސް ނުވާނެ" ތަމަންނީ ގޮވައިގެން ސޯއިމާ ހިނގައިގަތެވެ.
"ކީއްވެ މަށަށް ތިވައްތަރަށް ތިބަލަނީ. އަހަރެންނާ އަހަރެންގެ ލޯތްބާ ދެމެދަށް ވަން މީހާއަށް އަހަރެންނާއި ދިމާލަށް އެއްޗެއް ބުނުމުގެ ޙައްޤެއް ނޯންނާނެ" ތަމަންނީ ބަލަން ފެށުމުން ޝެނަލް ބުނެލިއެވެ. ސޯއިމާ ތަމަންނީ ގޮވައިގެން އެގެއިން ނިކުންނަންދެން އެންމެން ބަލަހައްޓައިގެން ތިއްބެވެ.
ދޮރާށިން ބޭރަށް ތަމަންނީ ނިކުތުމާއެކު ހުރި ދިމާލުން ތިރިއަށް ހުޝާމް ސޮހިގެން ދިޔައެވެ. ހިތުގެ ހަމަޖެހުން ލިބިފައިވެސް ގެއްލިގެން ދިޔައީއެވެ. މިފަހަރު އޭނާ ބޭނުންނެތިގެންނެވެ.
"ޝިރޫދައްތަ އީޝް ގޮވައިގެން ގެއަށްދޭ. އަޅުގަނޑު ޝާމް ކައިރީގައި މަޑުކޮށްލާނަން" ޝެނަލް ބުނެލިއެވެ.
***
ޓައިލްސްތައް މަތީގައި އިނދެ ރޮމުންދިޔަ އުނޭޝްއަށް ބަލަހައްޓައިގެން ޙާއިޝާ ހުރިއިރު އޭނާގެ ދެފައި ތުރުތުރު އަޅަމުން ދިިޔައީ އުނޭޝް ކައިރިއަށް ދާހިތުންނެވެ. ދެފަރާތުގައި ޔަޝްފީއާއި އަދްޔަން ތިބިއިރު އެދެމީހުން އެކި ގޮތްގޮތުން އުނޭޝްއަށް ވިސްނައިދެމުން ދިޔައެވެ. އެމަންޒަރު ބަލަން ޙާއިޝާގެ މައިލަނގޮޑިއަށް ކެތްނުވިއެވެ. އޭނާ ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިލިއެވެ.
އެނދުގައި އިށީނދެވުމާއެކު ޙާއިޝާއަށް ބާރަކަށް ރޮއެގަނެވިއްޖެއެވެ އިވުނު ވާހަތަކުންނާއި ފެނުނު މަންޒަރުތަކުން އޭނާގެ ހިތަށް އިންތިހާދަރަޖައަށް އަސަރުކޮށްފިއެވެ. ދުވަހަކުވެސް އެހިތާމަތައް ފިލައިގެންދާނެ ކަމެއް ނޭނގެއެވެ. އުނޭޝްއަށް އެލިބުނު ހިތާމަ ތާ އަބަދު އެކުއްޖާ ކުރަމުންދާނެކަން ޔަޤީން ވާތީ އެހިތަށް މާބޮޑަށް އަސަރު ކުރަމުން ދިޔައެވެ.
"ފައުޒީ...!!" ހިތަށް ކުރަމުންދިޔަ ފުންއަސަރުތަކުގެ ތެރެއިން ޙާއިޝާގެ ހިތުން ލޯބިވާ ފިރިމީހާއަށް ގޮވައިލެވިއްޖެއެވެ. ލޯބި ކައިވެންޏަކުން ގުޅިގެން އެކުގައި ދުވަސްތައް ހޭދަކުރަމުން ގޮސް ދެމަފިރިން އިންދި ގަހުގައި އެންމެ ފުރަތަމަ އެޅި މޭވާއަކީ އުނޭޝްއެވެ. ދަރިފުޅު ތަރުބިއްޔަތު ކުރީ އިސްލާމްދީނުގެ މަތީގައެވެ. ނުބައި ކަންތައްތަކާއި ރަނގަޅު ކަންތައް ވަކިކޮށްދިނެވެ. އެންމެ ފުރަތަމަ އެޅި ފިޔަވަޅުވެސް ހުރީ ތެދަށެވެ. ފިރިމިހާގެ މަރަށްފަހު ފުރަތަމަ ކައިވެނި ކުރެވުމާއި ހަމައަށްވެސް އުނޭޝް އަދާކުރީ އާއިލާގެ އެންމެ އިސްމީހާގެ ރޯލެވެ. މަކަރުވެރި އަންހެނެއްގެ ލޯބީގެ ދަޅައިގައި ޖެހިގެން އެފަކީރުގެ މުޅި ދިރިއުޅުން ބަރުބާދު ވީއެވެ. ދުނިޔެއަށް ގިނަވީއެވެ. ބިކަވެ ހާލުގަ ޖެހުނީއެވެ. ލޯބީގެ ދުނިޔޭގައި ބާކީވީއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ވެއްޔާއި މޮޑެވިގެން ދިޔައީއެވެ. ދިރިއުޅުމަށްޓަކައި ކުރި ފޮނި އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔައީއެވެ.
"މަންމަގެ ހިތް ދަރިފުޅުގެ މައްޗަށް ހެޔޮ" ޙާއިޝާއަށް ބުނެވިއްޖެއެވެ. ކަރުނަތަކާއިއެކު ރޮމުން ގިސްލަމުންނެވެ.
***
އިވިގެންދިޔަ ވާހަކަތަކާއެކު އިރާނިޔާއަށް އިންތަނުން ކޮޅަށް ތެދުވެވިއްޖެއެވެ. ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. މީހަކު އަތުގައި ހިފައިފިކަން އިހުސާސްވުމާއެކު ބަލައިލެވިިއްޖެއެވެ.
(ނުނިމޭ)