ޖަޒުބާތުގައި ބެހިގެން ދިޔަ ޝަބާނާއަށް ޖާދިންގެ ގައިން ދޫކޮށެއް ނުލެވުނެވެ. އަދިވެސް އެދަރިފުޅާއި ވަކިވެދާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ. ޖާދިންއާ ދުރަށް ޖެހިލާ އިރަށް މަންޒަރުތައް ބަދަލުވެގެން ހިނގައިދާނެކަމުގެ ހާސްކަން އެހިތުގައި ވިއެވެ. ޒަމާންތަކަށް ފަހު އެދިލަ ހިތަށް ލިބިފައިވި ރާހަތުން މަހުރޫމްވާކަށް ބޭނުމެއް ނުވިއެވެ. މައިވަންތަކަމުގެ ކުލުނުން ޝަބާނާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ދަރިފުޅާއި ބައްދަލުވުމުގެ ނަސީބު ލިބުމުން ކަރުނަތައް ހިފެހެއްޓުން އޭނައަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ.
މަންމަގެ ހިތުގައި ދައުރުވަމުން އައި އިހުސާސްތައް ޖާދިންއަށް ނަގައިގަނެވުނެވެ. އެހެންކަމުން މަންމަގެ އަތުގެ ތެރޭން ދުރަށް ދާން އޭނަ ބޭނުމެއް ނުވިއެވެ. އެހިތަށް ވެސް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް އެވަގުތު ލިބިފައި ވިއެވެ. މަންމައަށްޓަކައި އޭނަގެ މުޅި ހިތް ވަނީ ސާފުވެފައެވެ. މަންމައާ މެދު ދެކެވުނު ގޮތާ މެދު އޭނަ އިންތިހާއަށް ދެރަވިއެވެ. ހަޤީޤަތް އެނގުމުން ހިތަށްލިބުނު ޒަހަމްތައް މަންމަގެ އެންމެ ފިރުމުމަކުން ފަސޭހަވެގެން ދިޔައެވެ. ޝިފާ ލިބުނެވެ. އެހިތް ރޮމުން ދިޔައީ މަންމައާއި ވަކިން އުޅެން ޖެހުނު ދުވަސްތައް ހަނދާންވުމުންނެވެ. އެދުވަސްތައް އަނބުރާ ލިބޭނެނަމައެވެ.
''މީ ދަރިފުޅުގެ ކޮއްކޮ، މާކިން...'' ހިތުގެ މައްޗަށް ބާރުފޯރުވަމުން ޖާދިންއާ ދުރަށް ޝަބާނާ ޖެހިލިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު، ޖާދިންއާ ބައްދަލުކުރި ހިނިތުންވުމާއެކު ފަހަތުގައި ހުރި މާކިން ތަޢާރަފްކޮށްދިނެވެ. ހިތާމައިގެ އަސަރެއް ޝަބާނާގެ މޫނުމަތިން ނުފެނެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އެމޫނުމަތިން ރަމްޒުކޮށްދެއެވެ. އޭނަގެ ދެދަރިންނަށް ވެސް އެކަކު އަނެކަކާއި ބައްދަލުވުމުގެ ނަސީބު ލިބުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެއެވެ. އެދުވަސް ދުށުމުގެ ނަސީބު ދުވަހަކު ލިބިދާނެ ކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ނަމަވެސް ތަޤުދީރުގެ ރޭވުންތެރިކަން ނިކަން ދެކިބަލާށެވެ. އެތައް އަހަރުތަކެއްގެ ވޭނާއި ކެކުޅުންތަކުގެ ތޫފާން އެވަނީ އަލިވެގެން ގޮސްފައެވެ. ތޫފާނުގެ ރޯޅިތައް ހިނދި އުޑުމަތި ސާފުވެއްޖެއެވެ. އަމާން ދުވަސްތަކަށް ދޮރުހުޅުވިފައިވާ ކަހަލައެވެ.
''މާކިން!، އާދެބަލަ، ދުރުގަ ތިހުންނަނީ ކީއްކުރަންތަ؟... މީ ދަރިފުޅުގެ ބޭބެއޭ، މީރާ... ޖާދިން...'' މީރާންގެ ނަމުން ޖާދިންއަށް ގޮވޭލެވެން އުޅުމުން އެކަން ޝަބާނާއަށް އިސްލާހުކޮށްލެވުނެވެ. ނިތަށް އުނދަގޫ ވިޔަސް އެއީ މިހާރު ޖާދިން އެވެ. އޭނަގެ ހިތުގައި ބަސްމާ ކަންތައް ކުރި ގޮތާ މެދު މިހާރު ރުޅިވެރިކަމެއް ނުވެއެވެ. ނަފުރަތެއް ނުވެއެވެ. އެދަރިފުޅަށް ބަސްމާ ހޯދަދިން މުސްތަޤުބަލާއި ދިން ތަރުބިއްޔަތާ މެދު ޝުކުރުވެރިވެވުނެވެ. ނަފުރަތާއި ރުޅިވެރިކަމުގެ އިހުސާސަކީ މީހާގެ ނަފުސު ހަލާކުގެ ތެރެއަށް ހުށަހެޅިގެން ދާ އިހުސާސްތަކެވެ. އޭގެ ސަބަބުން މީހާގެ ވިސްނުން ފަސާދަވެއެވެ. ރުޅިއާދެވެއެވެ. ގޯސްކަންތައް ކުރުމަށް ހިތްވަރު ލިބެއެވެ. ހިތުގެ ހަމަޖެހުން ގެއްލި، ބަދަލުހިފުމުގެ ޚިޔާލުތަކުން ސިކުނޑި ކައި ހުސްކުރަމުން ދާނެއެވެ. އެފަދަ ގެއްލުން ދެނިވި ޝައިތާނީ ވަސްވާހުގައި ނަފުސު ޤައިދުވެގެން ދިއުމުގެ ފުރުސަތު ދޭން ޝަބާނާ ބޭނުމެއް ނުވިއެވެ. ބަސްމާއަށް މަޢާފްކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް މަސްލަހަތު ގޯސްނުވާނީ އޭނަ އިސްނެގުމުންނެވެ. ދަރިންނަށް މަޢާފްކުރުމުގެ ރަނގަޅު އާދަތައް ވެސް ދަސްކޮށްދޭން ޖެހޭނެތީއެވެ. މާޒީ އޭނައަށް ބަދަލެއް ނުކުރެވޭނެއެވެ. އެއީ ތަޤުދީރުގެ ނިޔާއެވެ. ދުނިޔޭގައި އިންސާނުންނަށް ތަފާތު އިމްތިހާނުކާއި ކުރިމަތިލާން ޖެހޭނެއެވެ. ދިރިއުޅުމުގައި އަޑިގުޑަންތައް ވެސް އަންނާނެއެވެ. ކެތްތެރިކަމާއެކުގައި އެކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެންނޫންނަމަ ދިރުއުޅުން ފަނާ ވެގެން ގޮސްފާނެއެވެ. ނާއުއްމީދުގެ ކޯރެއްގައި ބެހިގެން ހިނގައިދާނެއެވެ.
ޝަބާނާގެ ނަޒަރު ގޮސް ބަސްމާއަށް ހުއްޓުމާއެކު ކުށްވެރިކަމުގެ އިހުސާސްތަކާއެކު ބަސްމާއަށް އިސްޖަހާލެވުނެވެ. ޝަބާނާއަށް އެއްޗެއް ބުނެވުމުގެ ކުރިން ބަސްމާގެ ގާތަށް އާރަބް ދިޔައެވެ. ބަލަން އުނދަގޫ މަންޒަރެއް ނަމަވެސް އެއީ މިއަދުގެ ހަޤީޤަތެވެ. އާރަބްއަކީ ބަސްމާގެ ފިރިމީހާއެވެ. ކޮންމެ ފަދަ ގޮތަކަށް އެގުޅުން ފެށިގެން ދިޔަ ކަމުގައި ވިޔަސް އެދެމެދުގައި އޮތް ލޯބި ޝަބާނާއަށް ފާހަގަ ކުރެވުނެވެ. ހިތަށް އުނދަގޫ ވިޔަސް ޝަބާނާ ހިނިތުންވެލިއެވެ. މާޒީގެ ހިތި ހަނދާންތައް މާޒީގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލިއެވެ. އަލުން އެހަނދާންތައް އާލާކުރުމުގެ ގަސްދެއް ނެތެވެ. އެއަށްފަހު މުޅިން އައު ހިތްވަރަކާއެކު މުސްތަޤުބަލާ އޭނަ ކުރިމަތިލިއެވެ.
ހިތްވަރު ދިނުމުގެ ގޮތުން ބަސްމާގެ އުނަގަނޑުގައި އާރަބް އަތް ވަށައިލިއެވެ. އަދި އޭނައާ ކައިރިކޮށްލިއެވެ. ބަސްމާގެ ހިތަށް ކުރަމުންދާ އަސަރުތައް އޭނައަށް އިހުސާސްކުރެވުނެވެ. އެއްވެސް ކަމެއްގައި ބަސްމާ ކުށްވެރިކުރަން އާރަބް ބޭނުމެއް ނުވެއެވެ. ކުރިކަމެއް ވިއްޔާ ކުރީ އޭނަގެ ވެސް އިހްތިޔާރާއެކުގައެވެ. އޭނަ ބަސްމާ ދެކެ ލޯބި ވެއެވެ. ޝަބާނާގެ ހަނދާންތައް އެހިތުގައި ވިޔަސް އެއިހުސާސްތައް ވަންހަނާކުރަން ބޭނުން ވިއެވެ. އެހަނދާންތަކާ ދުރުވާން ބޭނުން ވިއެވެ. ޝަބާނާއަކީ އޭނަގެ މާޒީއެވެ. އޭނަގެ މިހާރަކީ ބަސްމާއެވެ. ދެމީހުންނަށް ވެސް ވަނީ ބޮޑެތި ގޯސްތައް ހެދިފައެވެ. ދިރިއުޅުންތަކެއް ނަގާލެވިފައެވެ. ޝަބާނާގެ ގާތުން މަޢާފަށް އެދުން ނޫން އިތުރު ގޮތެއް ނެތެވެ. އަނިޔާވެރިންގެ މައްޗަށް އިންސާފު ވެސް ލިބެން ޖެހޭނެއެވެ. ޝަބާނާގެ ކޮންމެ ނިންމުމަކާއި ރުހި ޤަބޫލުވާން ވެސް ޖެހޭނެއެވެ.
''މާކިން!...'' ދުރުގައި ހުރި މާކިންއަށް ޝަބާނާ ގޮވާލިއެވެ. ހަޤީޤަތް ނަގައިގަންނަން މާކިންއަށް އުނދަގޫވެފައިވަނީއޭ ޝަބާނާގެ ހިތަށް އެރިއެވެ. އޭރު މާކިންއާއި ޖާދިންގެ ދެމެދުގައި އުފެދިފައި އޮތް ހައިޖާންގަނޑުގެ ހިލަމެއް ޝަބާނާއަކަށް ނުވެއެވެ. އެކަކު އަނެކަކާއި ނަޒަރު ބައްދަލުކުރަން އުނދަގޫވެފައިވަނީ އެކަމުގެ ސަބަބުންކަމެއް ރޭކާ ނުލިއެވެ.
މަންމަގެ އަޑަށް މިފަހަރު މާކިން އިޖާބަ ދިނެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް މަންމަ ގާތަށް ހުއްޓުނެވެ. ޖާދިންއާ ހަތަރުކަޅި ހަމަކުރުން މާކިންއަށް ވީ އުނދަގޫ ކަމަކަށެވެ. ޖާދިން ކަންތައްކޮށްފާނެ ގޮތަކާ މެދުގައި އޭނަގެ ހިތުގައި ނުތަނަވަސްކަން ވިއެވެ.
''ދަރިފުޅާ، މީ މާކިން، ދަރިފުޅުގެ ކޮއްކޮ...'' ހިނިތުންވުމަކާއެކު ޖާދިންއަށް ބަލައިލަމުން ޝަބާނާ ބުންޏެވެ. މާކިންއެކޭ އެއްފަދައިން ޖާދިންއަށް ވެސް އުނދަގޫ ވިއެވެ. ނަމަވެސް އޭނަ އިސްނެގިއެވެ. ބޭބެއެއްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ސުލްހައިގެ އަތް މާކިންއަށް ދިއްކޮށްލިއެވެ. މާކިންއާއި މެދު ކަންތައް ކުރެވުނު ގޮތުން ޖާދިން ހަޤީޤަތުގައި ވެސް ހުރީ ދެރަވެ ލަދުގެންފައެވެ. އޭނަގެ ކޮއްކޮއަކަށް ނުވިޔަސް އެހެން އިންސާނަކާ މެދުގައި އެފަދައިން ކަންތައް ކުރަން ނުޖެހޭނެކަން އޭނައަށް ވިސްނިއްޖެއެވެ. ގަދަ މަޖުބޫރުން ތިމާގެ ހިތުގެ މުހުތާދު ހާސިލުކުރުމަކީ ކޮންފަދަ ދަށު ދަރަޖައިގެ އަމަލެއްކަން ވެސް ވިސްނުނެވެ. މާކިން ބުނީ ތެދެކެވެ. އޭނަ ކަންތައް ކުރި ގޮތުގެ ސަބަބުން އީވާއާއި އޭނައާ ދެމެދުގައި އޮތް އެކުވެރިކަން ވެސް އޮތީ ހީނަރުވެފައެވެ. އެދެމެދުގައި އޮތީ ރުޅިވެރިކަމެވެ. ނުވީތާކަށް އީވާގެ މައްޗަށް ވެސް ވަނީ އަނިޔާވެރިވެފައެވެ.
ހެދުނު ގޯސްތައް ޖާދިންއަށް ވިސްނެން ފެށިއެވެ. ރުޅީގެ މައްޗަށް އަމުލުކުރެވުމުން އެކަމުގެ ހިތިރަހަ ކަރުބުޑަށް ފޭދުނެވެ. މަޖުބޫރުން އޭނަގެ ބޭނުންތައް ހާސިލުނުކުރެވޭނެކަމުގެ ހަޤީޤަތާ ވެސް ކުރިމަތިލާން ޖެހުނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން ތިމާގެ ޝަހުސިއްޔަތަށް އުނިކަމެއް އައުން ނޫންކަމެއް ނުވިއެވެ. ހެޔޮ ވިސްނުން މީހާއަށް ލިބުނީ ބޮޑު މުސީބާތެއް ކުރިމަތިވުމުންނެވެ. ކުރެވުނު ކުށްތައް އިހުސަށްކުރެވުނީތީ ވެސް ޖާދިންއަށް ހެއްދެވި ފަރާތަށް ޝުކުރުއަދާކުރެވުނެވެ. އެއީ މަދު ބަޔަކަށް ނޫނީ ނުލިބޭނެ ނިޢުމަތެކެވެ. ދުނިޔޭގައި ޖާހިލުކަންމަތީ އުޅޭ ކިތައް މީހުން ދިރިއުޅޭ ހެއްޔެވެ؟ ރަހުމެއް ހަމްދަރުދީއެއް ނެތި އަނިޔާވެރިވާ ކިތައް ޖައްބާރުން އުޅޭ ހެއްޔެވެ؟ އެފަދަ ކަނު ވިސްނުމެއްގެ ތެރޭގައި ދުނި އުމުރަށް އޭނަގެ ނަފުސު ހައްޔަރުވެގެން ނުދިޔަކަން އެއީ އޭނަގެ ނަސީބެވެ. ޝައިތާނީ ވަސްވާހުގެ މައްޗަށް އަމަލުކުރެވުމުން އެއްވެސްކަމެއް ކާމިޔާބުވީ ހެއްޔެވެ؟ ނޫނެކެވެ. މަސްލަހަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ. ލޯބިވާ ކަމަކަށް ދައުވާ ކުރި އަންހެންކުއްޖާގެ ދިރިއުޅުން ނަރަކައަކަށް ހަދާލެވުނީއެވެ. މަޖުބޫރުގެ ދަލުގައި ހައްޔަރުކުރަން މަސައްކަތްކުރެވުނީއެވެ.
ޖާދިންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ވަގުތު ފާއިތު ނުވެއެވެ. ހެދުނު ގޯސްތައް ރަނގަޅު ކުރުމަށް މާތްﷲ އެވަނީ ހެޔޮ މަގު އޭނައަކަށް ދައްކަވާފައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެއެވެ.
ޖާދިން ދިއްކުރި އަތަށް ހައިރާންކަމާއެކު ބަލަން ހުރި މާކިންއަށް އެއަތުގައި ހިފުނެވެ. ކުރިން ފަހަރުތަކާ އެވަގުތުކޮޅު ހާއްސަވެގެން ދިޔައެވެ. މިހާރު އޭނަ ޖާދިންއާ އެބައްދަލުކުރީ އޭނަގެ ބޭބެގެ ހައިސިއްޔަތުންނެވެ. ބަޔާން ކުރަން ދަތި އިހުސާސްތަކެއް ހިތުގައި ވިންދުޖަހާލިއެވެ. ޖަޒުބާތީ ވެވުނެވެ. އިސްއުފުލައި ފުރަތަމަ ފަހަރަށް ޖާދިންގެ މޫނަށް ބަލައިލެވުނީ ކުރިމަތީ އެހުރީ އޭނަގެ ބޭބެއޭ އެހިތް ބުނުމާއެކުގައެވެ.
އެދެމެދުގައި އޮތް ނުތަނަވަސްކަމުގެ ފަރުދާ ހިއްލާލަމުން ޖާދިން ކުރިއަށް ޖެހިލިއެވެ. އަދި މާކިންގެ ގައިގައި ބައްދާލިއެވެ. އެއީ އޭނަގެ ކޮއްކޮއެވެ. އަހަރުތަކެއް ފަހުން ބައްދަލުވިޔަސް އެގުޅުން ދަމަހައްޓަން ބޭނުމެވެ. ބޮޑުވަމުން އައިއިރުގައި އަބަދު ވެސް ކޮއްކޮއަކު ހުރުމަށް ޖާދިންއަށް އެދެވުނެވެ. ނަމަވެސް އެއުއްމީދުތައް އޮތީ ހިތުގައި ވަންހަނާ ކުރެވިފައެވެ. މިއަދު އޭނަގެ ހުވަފެންތައް ކޮންމެވެސް ގޮތަކަށް އެވަނީ ފުރިހަމަވެގެން ގޮސްފައެވެ. ބޭނުންވި ގޮތަށް ނޫންކަމުގައި ވިޔަސް ކޮއްކޮއެއް ހުރުމުން ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. ވަގުތާއި ހާލަތު ނުބައްދަލުވިކަމުގައި ވިޔަސް އެގުޅުން ފުރިހަމަކުރަން ބޭނުން ވިއެވެ. ލޯބިދޭން ބޭނުން ވިއެވެ. މާކިންގެ ގާތުން މަޢާފަށް އެދެން ވެސް ބޭނުން ވިއެވެ.
ދެބެއިންނަށް ބަލަން ހުރި ޝަބާނާއަށް އުފަލުން ގޮސް ރޮވިއްޖެއެވެ. ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނައަށް އަނގަމަތީ އަތްއަޅާލެވުނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.
އުފާވެރިކަމުގެ ވަގުތުކޮޅަށް ހަނައި އެޅިގެން ދިޔައީ ޖާދިންއަށް ޝަބާނާގެ ލޮލުން ކަރުނަ ފައިބާ މަންޒަރު ފެނުމުންނެވެ. އަވަސްއަވަހަށް މަންމަގެ ގާތަށް ދެވުނެވެ. ޖާދިންއަށް ފުރުސަތުދެމުން މާކިން ހުރީ ދުރުގައި ބަލަހައްޓައިގެންނެވެ. އެތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ.
''މަންމާ، ދެން ނުރޮއި، އަޅުގަނޑު މިހުރީނު...'' ޝަބާނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އޯގާތެރިކަމާއެކު ޖާދިން ބުނެލިއެވެ.
''މީ ހިތާމައިގެ ކަރުނައެއް ނޫނޭ ދަރިފުޅާ، މަންމައަށް މިރޮވެނީ އުފަލުން ގޮސް... މިދުވަސް ދުށުމުގެ ނަސީބު ލިބުމުން މަންމަ ވަރަށް އުފާވެއްޖެ...'' ޖާދިންގެ ކޮލުގައި އަތްތިލަ ޖައްސާލަމުން ޝަބާނާ ހިނިތުންވެލިއެވެ. އެވަގުތު މާތްﷲއަށް ހަމްދުކުރެވުނެވެ. އޭނަގެ ދުޢާތައް އިޖާބަކޮށްދެއްވުމުންނެވެ. ހިތަމަޔާއި އުދާސްކަމުގެ ދުވަސްތަކަށް ނިމުމެއް އައިސްފިއެވެ.
މާހައުލުގެ އުދާސްކަން ކެނޑި އުފާވެރިކަން ވެރިވިއެވެ. ދަރިފުޅާއި ބައްދަލުވެ އެކުގައި ވަގުތު ހޭދަކުރެވުމުން ޝަބާނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ދެބެއިންނާއި ބައްދަލުކޮށްލި ނަޒަރަށް ފަހު ދުރުގައި ތިބި އާރަބްއާއި ބަސްމާއަށް ވެސް ޝަބާނާ ބަލައިލިއެވެ. ހުރިހާ ކަމެއް ހަމައަކަށް އަޅުވަން ޝަބާނާ ގަސްދުކުރިއެވެ. ހަޤީޤަތް ހާމަވުމުން މަސްލަހަތު ގޯސްވެފައި އޮތްކަން ޝަބާނާއަށް ނަގައިގަނެވުނެވެ. ހަމައެއާއެކު ބަސްމާއަށް ނުބަލަން ޖާދިން ކުރަމުން ދިޔަ މަސައްކަތްތައް ވެސް ފާހަގަ ވިއެވެ
.
''ދަރިފުޅުމެން އިށީންނަން ވީނު، މަންމަ ބޭނުން ވާހަކައެއް ދައްކާލަން... ބަސްމާއާއި އާރަބް ވެސް...'' ބޮޑުކޮޓަރީގައި ހުރި ސޯފާތަކަށް އިޝާރާތްކޮށްލަމުން ޝަބާނާ ބުންޏެވެ. ޖާދިން އޭނަގެ މަންމައަށް ބަލައިލިއެވެ. އެއަށްފަހު އަދަބުވެރިކަމާއެކުގައި ގޮސް ސޯފާގައި އިށީނެވެ.
ޝަބާނާގެ ޖުމްލައިން ބަސްމާއަށް ލިބުނީ ސިހުމެވެ. އެއަޑުގައި އޭނައާ މެދުގައި ރުޅިވެރިކަމެއް ވެސް ނުވެއެވެ. އެންމެ ކުޑަމިނުން ނަފުރަތުގެ އަސަރެއް ވެސް ނުވެއެވެ. ޝަބާނާއަށް ބަލައިލެވުނު ހިނދު އެތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔަ ތަން ވެސް ބަސްމާ ދުށްޓެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވިއެވެ. އޭނައަށް ހަލާކުކޮށްލެވުނީ އެފަދަ މާތް އަންހެނެއްގެ ދިރިއުޅުން ހެއްޔެވެ؟ ޝަބާނާގެ ސަބަބުން އޭނަގެ ދިރިއުޅުން ހަލާކުވެގެން ދިޔަ ނަމަ އެހިތުގައި އަނދަމުން ދާނީ ނަފުރަތުގެ އަލިފާނެވެ. އެނަފުރަތުގެ ބާރުގައި ޝަބާނާގެ ފަރާތުން ބަދަލު ހިފަން ވެސް ބޭނުން ވާނެއެވެ.
ބަސްމާއަށް ވިސްނާލެވުނެވެ. އޭނައަށް މިހުރިހާ އަހަރެއް ވަންދެން ޝަބާނާއާ މެދު ދެކެވުނީ ގޯސްކޮށް ހެއްޔެވެ؟ އެހިތުގައި އޭނައަށްޓަކައި ނަފުރަތު ނުވަނީ ކީއްވެގެން ހެއްޔެވެ؟ ފިރިމީހާއި ދަރިފުޅު ޖަހައިގަތުމުން ވެސް ރުޅިވެރިކަން ނުވަނީ ކީއްވެގެން ހެއްޔެވެ؟ އޯގާތެރި ހިނިތުންވުމެއް އޭނައަށް އެދިނީ ކީއްވެގެން ހެއްޔެވެ؟
''ބަސްމާ...'' އާރަބް ގޮވާލުމުން ބަސްމާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު އަވަސްއަވަހަށް ގޮސް ސޯފާގައި އިށީނެވެ. އާރަބް ވެސް ބަސްމާއާ ޖެހިގެން އިށީނެވެ. ޖާދިން އިނީ ޝަބާނާގެ ގާތުގައެވެ. މާކިން އިނީ ވަކިން ހުރި ސޯފާ ގޮނޑިއެއްގައެވެ.
ވާހަކައެއް ނުދެކެވި އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ. މާހައުލުގައި އޮތީ ނުތަނަވަސްކަމެވެ. ޖާދިން އިނީ އިސްތިރިކޮށްގެންނެވެ. ބައްޕައާއި ދޮންމަންމަގެ މޫނަށް ބަލަން ބޭނުން ނުވެފައެވެ. ރުޅިވެރިކަމުގެ އަސަރުތައް ޖާދިންގެ މޫނުގައި ދައުރުވަމުން ދިޔައެވެ. މާކިން ވެސް ހިތްހަމަނުޖެހުމާއެކު ބަސްމާއަށް ބަލަން އިނެވެ. އޭނަގެ މަންމަގެ އުފާތައް ފޭރިގަތް އަންހެނާއާ މެދު އެހިތުގައި އޮތީ ރުޅިވެރިކަމެވެ. ރަހުމެއް ނެތް އެއަންހެނާ ފެނި ދަތްކުނޑި ވެސް ވިކައިގަނެވުނެވެ.
މާކިންއާއި ޖާދިންގެ ނަޒަރުގައިވި ރުޅިވެރިކަމުން ބަސްމާގެ ހިތަށް އަސަރުކުރިއެވެ. އެންމެ ބޮޑަށް ހިތުގައި ޖެހުނީ ޖާދިންގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހުމުންނެވެ. ހިތް ފޮތިފޮތިވަމުން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. މޭގައި އުފެދިގެން އައީ ތޫނު ތަދެކެވެ. ލޮލުން ވޭނީ ކަރުނަ ހިލިގެން ދިޔައެވެ.
''މާޒީގައި ކަންތައް ވެގެން ދިޔަ ގޮތް އަހަރުމެންކުރެން އެކަކަށް ވެސް ބަދަލެއް ނުކުރެވޭނެ، އެކަމުން ދިރިއުޅުމަށް އައި ބަދަލުތައް ވެސް އިސްލާހެއް ނުކުރެވޭނެ، އެއީ އިލާހީ ޤާނޫނު، އެއްވެސް ކަމެއް އަހަރުމެންނަށް ބަދަލެއް ނުކުރެވޭނެ... ބަސްމާއާ މެދުގައި ކުރިން އަހަރެންގެ ހިތުގައި ރުޅިވެރިކަން އޮތް، އެންމެ ބޮޑަށް ރުޅި އައީ އަހަރެންގެ ދަރިފުޅު ގެންދިޔައީތީ، އެކަމުގެ ތެރޭގައި ހޭދަވި ދުވަސްތަކުގައި އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނު، އަބަދު ރުޅި އިސްކުރެވުނީ، ނަމަވެސް ދިރިއުޅުމާ މެދު ވިސްނާލުމުން އަހަރެންގެ ނަޒަރިއްޔާތު ބަދަލުކޮށްލަން ޖެހުނު، ހަޤީޤަތާ ކުރިމަތިލާން ޖެހުނު... ޖާދިންއަށް ބަސްމާގެ ފަރާތުން މަންމަގެ ލޯބި ލިބުނު، ރަނގަޅު ތަރުބިއްޔަތެއް ވަނީ ލިބިފައި، އެދަރިފުޅަށް މިހާރު ލިބިފައިވާ މުސްތަޤުބަލުގެ ހިއްސާދާރަކީ ވެސް ބަސްމާ، އެކަމަށް އަހަރެން އަބަދުމެ ޝުކުރުވެރިވާނަން، ބަސްމާއަކީ ނުބައި މީހެއް ނޫންކަން އެކަމުން އަހަންނަށް ސާބިތުކޮށްދީފި، މައްސަލައަކީ ލޯބި ހޯދަން އިހްތިޔާރުކުރި މަގު... އަހަންނަށް އެނގޭ ބަސްމާ ތިހުރީ ދެރަވެފައިކަން، ކުށް އިހުސާސްކުރެވިއްޖެކަން، ތި މޫނުމަތިން އެކަމަށް ހެދިކޭ... އަހަރެން ބަސްމާއަށް މަޢާފްކުރާނަން، މާޒީ ހަނދާން ނައްތާލަން އަހަރެން ބޭނުން، އާރަބްއަށް ވެސް މަޢާފްކުރާނަން، ކުށްކުރެވޭނީ އިންސާނުންގެ އަތުން، މަޢާފްކުރުމަކީ ވަރަށް ރީތި ސިފައެއް، އަބަދުވެސް މަޢާފްކުރުމުގެ ރީތި އުސޫލުގެންގުޅޭން ވާނެ، ގިނަ މީހުންނަކީ އެމީހުނަށް ކުރެވޭ ކުށް އިހުސާސްކުރެވޭ ބަޔެއް ނޫން، އެކުށްތަކުގެ ސަބަބުން މީހާ އިތުރު ހަލާކަށް ހުށަހެޅިގެންދޭ، ނަމަވެސް ބަސްމާއަށް ވަނީ ހެޔޮމަގަށް އެނބުރި ދިއުމަށް ފުރުސަތު ލިބިފައި، އަހަރެންގެ މަޢާފް ލިބޭނެ...... މިއީ ކުރީގެ ޝަބާނާއެއް ނޫން، އަހަރެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފި... ތަފާތު އިމްތިހާނުތަކާ ކުރިމަތިލައިފިން... މާޒީގައި ހިފަހައްޓައިގެން ކުރިއެރުމެއް ނުލިބޭނެ......'' ފުންނޭވާއެއް ދޫކޮށްލަމުން ޝަބާނާ ބުނެލިއެވެ.
ޝަބާނާގެ ޖުމްލައިން ބަސްމާގެ ލޮލުން ކަރުނަ ފައިބައިގެން ދިޔައެވެ. އިންތިހާއަށް ދެރަވިއެވެ. ޝަބާނާ ފަދަ މާތް އަންހެނެއްގެ ދިރިއުޅުމަށް ވިހަ ލެވުނީތީއެވެ. ނާގަ ހަރުފަޔަކަށްވެ ޝަބާނާގެ އުފާތައް ފޭރިގަނެވުނީތީއެވެ. މިހުރިހާ އަހަރުތަކެއް ވަންދެން ޝަބާނާއާ މެދު އޭނައަށް ދެކެވުނީ ހާދަ ގޯސްކޮށެވެ. ބަސްމާގެ ހިތަށް އިލްހާމެއް ވެގެން ދިޔައެވެ. ދެރަވެ މާޔޫސްވެ ޝަބާނާގެ ކުރިމަތީގައި އިސްޖަހާލެވުނެވެ.
''އަހަންނަށް ކުރެވުނީ މަޢާފް ލިބުން ހައްޤު ކަމެއް ނޫން، މަޔަކާ ކުޑަކުޑަ ދަރިފުޅު ވައްކެއް ނުކުރާނެ ރަނގަޅު ހިތެއް ލިބިފައިވާ މީހަކު...'' ބަސްމާގެ އަޑުގައި ވަނީ އުދާސްކަމެވެ.
''ނޫން، ތިހެން ނުބުނޭ، ކޮންމެ ކުށަކަށް ވެސް މަޢާފް ލިބޭނެ، ބަސްމާއަށް އެދުވަހު އަމަލު ކުރެވުނީ ބަސްމާގެ އުނިކަން ސިއްރުކުރަން، ޖާދިން ދެކެ ބަސްމާ ތިވާ ލޯބި ފަހަރެއްގައި އަހަންނަށް ނުވެވިދާނެކަމުގެ ބިރު ހިތުގައި އެބަ އޮތް، މިހުރިހާ ދުވަހު ޖާދިންގެ މަންމައަކީ ބަސްމާ، އެކަމެއް ބަދަލެއް ނުވާނެ... ބަސްމާ، ދެރަނުވޭ... އަހަރެންގެ ހިތް މިހާރު ބަސްމާގެ މައްޗަށް ސާފު، ރުޅިވެރިކަމާއި ނަފުރަތުން އެއްވެސް އެއްޗެއް ހާސިލެއް ނުވާނެ، އެއީ މީހާގެ ދިރިއުޅުން ބަރުބާދުކޮށްލާ އިހުސާސެއް...'' ޝަބާނާގެ ވާހަކަތަކުން އެންމެންގެ ހިތަށް އަސަރުކުރިއެވެ. ވިސްނުން ބަދަލުވެގެން ދިޔައެވެ. މަޢާފްކުރުމުގެ ރީތި އުސޫލު ދަސްވެގެން ދިޔައެވެ.
ޖާދިންއަށް އޭނަގެ މަންމައަށް ބަލައިލެވުނެވެ. ހުރިހާ ހިތާމަތަކަށް ފަހުގައި ވެސް މަންމަގެ ފަރާތުން ފެންނަމުން ދިޔަ އޯގާތެރިކަމުން އެހިތަށް ފުން އަސަރުތަކެއް ކުރިއެވެ.
''ޖާދިން، މަންމަ ބުނީތީ ވެސް މަޢާފްކޮށްދީ، އެއީ ވެސް ދަރިފުޅުގެ މަންމައެއް ނޫންތަ؟، ރުޅި އިސްކުރުމަކީ ރަނގަޅުކަމެއް ނޫން...'' ޖާދިންގެ އަތުގައި ހިފަމުން ޝަބާނާ ބުންޏެވެ. އޭނަ އެތައް ވާހަކައެއް ޖާދިންއާ ހިއްސާކުރިއެވެ. ދިރިއުޅުމުގެ ތަޖުރިބާތައް ވެސް މެއެވެ. އެއިން ލިބުނު ފިލާވަޅުތައް ވެސް މެއެވެ. ބޭނުމަކަށްވީ ޖާދިންގެ ހިތުގައިވާ ނަފުރަތުގެ އަލިފާނަށް ނިމުމެއް ގެނެސްދިނުމެވެ. ދަރިފުޅަށް ހަމަޖެހުމެއް ގެނެސްދިނުމަށެވެ.
ޖާދިންއަށް އަނގަޔަކުން ނުބުނެވުނެވެ. ހިތަށް ކުރުވާފައިވި އަސަރުތަކުން ވާހަކަދެކެވޭ ގޮތެއް ނުވިއެވެ. މަންމަ ދެއްކި ވާހަތަކާ މެދު ފުންކޮށް ވިސްނާލެވުނެވެ. އެނަސޭހެތުގައި ހިފަން އޭނަ ނުހަނު ބޭނުން ވިއެވެ. ހިލަހިތެއްގެ ވެރިޔަކަށް ވާން ބޭނުން ނުވާތީއެވެ. ނަމަވެސް އޭނަ އިނީ ހިމޭންވެފައެވެ. ބަސްމާއާ ކުރިމަތިލާން ފަސްޖެހިފައެވެ.
ޖާދިން ހިމޭންވެފައި އިނުމުން އެހިސާބުން ވާހަކަ ކުރުކޮށްލަން ޝަބާނާއަށް މަޖުބޫރުވިއެވެ. ޖާދިންއަށް ވަގުތު ދިނުމުގެ ނިޔަތުގައެވެ. އޭރު ވެސް ހިތުގެ އަޑިން ދުޢާކުރެވުނީ ބަސްމާއަށް ޖާދިން މަޢާފްކުރުމަށެވެ. ހުރިހާ ހަމަނުޖެހުމަކަށް ނިމުން އައުމަށެވެ.
މާކިންއަށް ވެސް ޝަބާނާ ނަސޭހަތް ލައިދިނެވެ. އާރަބްއަށް މަޢާފްކުރުމަށެވެ. ނަމަވެސް މާކިން ވެސް އިނީ ހިމޭނުންނެވެ.
އާރަބްއާއި ބަސްމާގެ ހިތަށް ވެސް އަސަރުކުރިއެވެ. މަޢާފް އެމީހުނަށް ހައްޤުބާވައޭ ވެސް ހިތާއި ސުވާލުކުރެވުނެވެ.
*****
ޝަބާނާ ދިއުމުގެ ކުރިން، ޝަބާނާއާ ވަކިން ބަސްމާ ބައްދަލުކުރިއެވެ. ރޮމުން މަޢާފަށް އެދުނެވެ. ކުރެވުނު ކަންތަކާ މެދުގައި ބަސްމާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ޝަބާނާގެ ފިރިމީހާގެ މައްޗަށް އަތްގަދަވެގަތުމަށްފަހު ދަރިފުޅު ވެސް އޭނަ ވަނީ ފޭރިގަނެފައެވެ. ޖާދިންގެ ދިރިއުޅުމުން ޝަބާނާގެ ހުރިހާ އަސަރެއް ފިލުވާލީ ހިތުގައި އޮތް ރުޅިވެރިކަމުގެ ސަބަބުންނެވެ. މިހުރިހާ ދުވަހު ޝަބާނާގެ ހަޤީޤަތް ޖާދިންއަށް އޭނަ އޮތީ ސިއްރުކޮށްފައެވެ. ދޮގުހަދައި އޮޅުވާލީ ޖާދިންގެ ހިތުގައި ޝަބާނާ މެދު ނަފުރަތު އުފައްދަމުންނެވެ. އެހެނަސް ޝަބާނާއާ ބައްދަލުވި ދުވަހު އޭނަ ކަންތައް ކުރި ފަދައިން އެއްވެސްކަމެއް ކުރުމުގެ ވިސްނުމެއް ޝަބާނާގެ ނެތެވެ. ބޭނުންވިނަމަ ޖާދިން ގޮވައިގެން ވެސް ދެވުނީހެވެ. އެދަރިފުޅުގެ ހިތުގައި އޭނައާއި މެދު ނަފުރަތު އުފެއްދުނީހެވެ. ބަދަލު ހިފުނީހެވެ. ނަމަވެސް ޝަބާނާ އިސްކުރީ ވަރަށް މާތް ސިފައެކެވެ. ރުޅީގެ މައްޗަށް އަމަލުކުރުމުގެ ބަދަލުގައި ހިފީ އިސްލާމީ ރީތި އުސޫލުތަކުގައެވެ. މަޢާފްކުރުމުގެ ރީތި ސިފަ ޚިޔާރުކުރީއެވެ. އެއީ ބަސްމާގެ ލޯހުޅުވާލަ ދިން ދަނޑިވަޅެކެވެ. ހެދުނު ގޯސްތަކަށް ތައުބާ ވުމަށް ލިބުނު ފުރުސަތެކެވެ.
''އަހަރެންގެ ހިތުގައި ބުރަކަމެއް ނެތް، ބެނުންވަނީ އާރަބްއާއި ބަސްމާއަށް އުފާވެރި ދިރިއުޅުމެއް ލިބެން...... މިހެން ބުނަން ހަޤީޤަތުގަ ވަރަށް އުނދަގޫ، އެކަމަކު ވެސް މިއީ ހަޤީޤަތް!، އާރަބް މިހާރު ލޯބިވަނީ ބަސްމާ ދެކެ... އަހަންނަށް ލިބެން ނެތް ނަސީބަކާ މެދު ހަސަދަވެރިވުމުގެ ބޭނުމެއް ނެތް، ހެޔޮ ހިތަކާއެކު ތި ދެމަފިރިންނަށް އުފާވެރި މުސްތަޤުބަލަކަށް އެދޭނަން...'' ބަސްމާގެ އަތުގައި ހިފާލަމުން ޝަބާނާ ބުނެލިއެވެ. ޝަބާނާގެ ހިތްތިރިކަމުން ބަސްމާގެ ހިތަށް އަސަރުކުރިއެވެ. އެސްފިޔަތަށް ފޫއަޅުވާލާފައި ކަރުނަ ފައިބައިގެން ދިޔައެވެ.
''ޖާދިންއަށް ވަގުތު ދީ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ...'' ޝަބާނާ ބުންޏެވެ. ބަސްމާއާ ވަދާއުގެ ސަލާން ބަދަލުކޮށްލުމަށްފަހު، ޕޯޓިކޯގައި އޮތް ކާރަށް ޝަބާނާ އެރިއެވެ. އެވަގުތު ދުރުގައި ހުރި މާކިން ބަލަމުން ދިޔައީ ބަސްމާ އަށެވެ. މާކިންއަށް ހިނިތުންވެލަން ބަސްމާ އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ބަސްމާއާ ނަޒަރު ވަކިކޮށްލުމަށްފަހު މާކިން ކާރަށް އެރިއެވެ. ޖާދިން ވެސް އޭނަގެ މަންމައާއެކު ދާން ބޭނުންވިއެވެ. އެމަންޒަރު ބަލަން ބަސްމާ ހުރީ މާޔޫސްވެފައެވެ. އެހެނަސް ޝަބާނާގެ ވާހަކަތައް ހަނދުމަކުރަމުން ހިތްހަމަޖައްސާލިއެވެ. ވަގުތު ނަގާނެކަން އޭނައަށް އެނގެއެވެ. އޭނަ ކެތްތެރިވާނެއެވެ. ހިތުގައި އޮތް އުއްމީދުގެ ހުޅުކޮޅު ނިވުމުގެ ފުރުސަތެއް ނުދޭނެއެވެ.
ޑްރައިވަރު ކާރު ދުއްވާލުމުން މާޔޫސްކަން ބަސްމާގެ ހިތަށް ވެރިވިއެވެ. އެވަގުތު އޭނަގެ ގާތަށް އާރަބް އައިސް ހުއްޓުމުން އެމޫނަށް ބަލައިލެވުނެވެ.
އާރަބްގެ މޫނުމަތިން ވެސް އުދާސްކަން ފެނުނެވެ. ނަމަވެސް ފަނޑު ހިނިތުންވުމެއް ބަސްމާއަށް ދިނެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާކަމައެއް ރަނގަޅުވާނެ، އަހަރެންގެ ހިތް ބުނަނީ ޖާދިން އަދި މާކިންގެ މަޢާފް ވެސް ލިބޭނެޔޭ...'' އާރަބް ބުންޏެވެ. ބަސްމާއަށް ހިތްވަރު ދެމުންނެވެ.
''ޝަބާއާ މެދު ކަންތައް ކުރެވުނު ގޮތުން ވަރަށް ދެރަވެއްޖެ...'' އުދާސްކަމާއެކު ބަސްމާ ބުނެލިއެވެ.
''މާޒީން ފިލާވަޅު ލިބިގަތުން އޮތީ...'' އާރަބް ބުންޏެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން ގޭޓުން ނިކުތް ކާރަށް ބަލައިލިއެވެ.
*****
ޖާދިން އެރޭ ބޭނުންވީ އެޕާޓްމެންޓްގައި މަޑު ކުރާށެވެ. ޖާދިން އެކަމަށް ބޭނުންވެފައި ހުރިވަރުން މަނާކުރަން ޝަބާނާއަކަށް ނުކެރުނެވެ. ހީވަނީ ޝަބާނާއާ ދުރަށް ދާން ބޭނުން ނުވާ ހެންނެވެ. އެކަމާ ޝަބާނާ ގާތަށް ހިނިވެސް އައެވެ. ނަމަވެސް ބަސްމާގެ ހިތަށް ކުރާނެ އަސަރު ވިސްނި ހިތަށް އުދާސްކަމެއް ލިބުނެވެ. އެހާ ބޮޑަށް އަމިއްލަ އެދުން އިސްކުރަން އޭނައަށް ނުކެރުނެވެ. ޖާދިންއަށް ވިސްނައިދޭން ފަހުން ވާހަކަ ދައްކަން އޭނަ ގަސްދުކުރިއެވެ.
ޖާދިންއަށް އޭނަގެ ކޮޓަރި ދީފައި މާކިން ގޮސް އޮތީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ޖާދިންއާ ވާހަކަދައްކަން އޭނައަށް ހަމަ އުނދަގުލީއެވެ. އެހެން އޮތްވާ ފޯނަށް އީވާގެ މެސެޖެއް އައެވެ. މިއަދު އޭނައަށް އީވާގެ ހާލު ބަލާނުލޭވެކަން ވެސް ހަނދާންވީ ދެނެވެ. އެއާއެކު މުށްކަވާލެވުނު އަތުން މަޑުމަޑުން ނިތުގައި ޖަހާލެވުނެވެ.
މެސެޖަށް ޖަވާބު ފޮނުވަމުން ޚަބަރެއް ނުވީތީ އީވާގެ ގާތުން މާކިން މަޢާފަށް އެދުނެވެ. އެދެމެދުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. ނަމަވެސް މިއަދު ހާމަވި ކަންތަކުގެ ވާހަކަތައް އީވާއަށް ކިޔައިދޭން މާކިންއަށް އުނދަގޫވުމުން އެވާހަކަތައް ފަސްކޮށްލެވުނެވެ. ރަނގަޅު ދަނޑިވަޅެއްގައި ނޫނީ އެވާހަކަތައް ހިއްސާކުރަން ބޭނުން ނުވީތީއެވެ. ވާހަކައިގައި އޮވެ މާކިންއަށް ނިދުނު އިރެއް އޭނައަށް ނޭނގެއެވެ. ހޭލެވުނީ ހުސްގަޔާ އޮތުމުން ހަށިގަނޑަށް ފިނިވާން ފެށުމުންނެވެ. ކަންނެތްކަމާއެކު ލޯހުޅުވާލެވުނު އިރު ފަތިސްވާން ކައިރިވެއްޖެއެވެ. ފަތިސް ނަމާދު ނުކޮށް ނިދަން ބޭނުންނުވާތީ ކަންނެތްކަން ވެރިވެފައި އޮތް ހަށިގަނޑު ސޯފާ މަތިން ނެގިއެވެ. އެ ދިގު ހަށިގަނޑު ސޯފާގެ ކުޑަ ޖާގައިގެ ތެރެއަށް ފައްތަން ހަދައިގެން ގައިގައި ރިހުމެއް ވެސް ހުއްޓެވެ. ކޮޅަށް ތެދުވަމުން މާކިން މޯޅިއަކަށް ދެމިލިއެވެ.
ޖާދިން ކޮޓަރީގައި ހުރި ކަމުގެ ވިސްނުމެއް މާކިންގެ ނެތެވެ. ދެލޯ އުނގުޅަމުން ހިސާބަކަށް ސޮހިފައި އޮތް ސޯޓުގެ ކަންގަނޑުގައި ހިފާ މައްޗަށް އަރުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޖާދިން ވެސް އުޅޭނީ ފަތިސް ނަމާދަށް ދާން ހޭލައެވެ. ފާޚަނާއިން ނިކުތް ޖާދިންއަށް މާކިން ފެނި ހުއްޓެވުނެވެ. އުނދަގޫކަމެއް އެދެމެދުގައި ވާކަން ޖާދިންއަށް ފާހަގަ ވިއެވެ. އެކަމަށް ނިމުން ގެންނަން އޭނަ ބޭނުން ވިއެވެ.
''ނަމާދަށް ދާންތަ؟...'' ޖާދިން އިސްވެ ސުވާލުކުރިއެވެ. މާކިން އަވަސްއަވަހަސް ބޯޖަހާލިއެވެ. އޭނަ ހަލުވިކޮށް ގޮސް ފާޚަނާއަށް ވަނީ ޖާދިން ރީތިވާން ފެށުމުންނެވެ.
މާކިން ފާޚަނާއިން ނިކުތް އިރުގައި ވެސް އެނދުގައި އިށީނދެލައިގެން ޖާދިން އިނެވެ. އެކަމުން މާކިންއަށް ހައިރާންކަން ލިބުނެވެ.
''އެކީގަ ދާންވެގެން...'' ޖާދިންއަށް މާކިންގެ ހައިރާންކަން ފެނި ބުނެވުނެވެ. އެދެމެދުގައި އޮތް ގުޅުން ބަދަހިކުރަން ޖާދިން އަޒުމުކަނޑައެޅިއެވެ.
އަވަސްކޮށްލައިގެން މާކިން ތައްޔާރުވެލިއެވެ. އެއަށްފަހު ޖާދިންއާއެކު މިސްކިތަށް ދިއުމަށް ނިކުންނަން ހިނގައިގަތެވެ. މިސްކިތަށް ދިޔަ މަގުމަތީގައި ގިނަ ވާހަކަތަކެއް ދެއްކީ ޖާދިން އެވެ. މާކިން ވެސް ލަސްލަހުން ޖާދިންއާ ވާހަކަދައްކަން ފެށިއެވެ.
*****
މިސްކިތުން ފައިބައިގެން އައިސް ޖާދިން އުޅުނީ ކޮފީއެއް ބޯންވެގެންނެވެ. ބަދިގެއަށް ވަދެފައި އެއްޗެހި ހުންނަތަން ވަކިކުރަން އޭނައަކަށް ނޭނގުނެވެ. މުޅިން ތަފާތު މާހައުލެއް ވީމައެވެ. މަންޒަރު ބަލަން ހުރި މާކިން ޖާދިންއަށް އެހީވެ ދިނެވެ. އިތުރަށް ނިދުމުގެ ވިސްނުމެއް ނެތުމުން މާކިން ވެސް ކޮފީއެއް ތައްޔާރުކުރިއެވެ. އިރުކޮޅަކުން އޭނަ ދާނީ ދުވަންށެވެ.
ކޮފީ ތައްޔާރުކޮށްގެން ގޮސް ދެބެއިން ވެސް ކާމޭޒު ދޮށުގައި އިށީނެވެ. އޭރު މާހައުލަށް ވެރިވެފައި އޮތީ ހިމޭންކަމެވެ.
''ތަދުވޭތަ؟...'' މާކިންގެ މޫނަށް އިޝާރާތްކުރަމުން ޖާދިން ސުވާލުކުރިއެވެ. އެރޭ މަތިން ހަނދާންވެ އޭނައަށް އިސްތިރިކޮށްލެވުނެވެ. ''ސޮރީ...''
''އުހޫނ، ތަދެއް ނުވޭ... އަހަރެން ވެސް މަޢާފަށް އެދެން ވާނެ ދޯ...'' މާކިން ބުންޏެވެ.
''އަހަންނަށް ވަރަށް ބޮޑެތި ގޯސްތަކެއް ވަނީ ހެދިފައި، އެކަމަށް މަޢާފަށް އެދެން ބޭނުން... މާކިންގެ އުފަލަށް އިސްކަން ދޭން ވެސް ބޭނުން... އީވާގެ އުފާތައް ވަނީ މާކިންއާއެކުގައި... ހަމައެއާއެކު މާކިންގެ ވެސް، ތިދެމެދަށް އެޅޭ ހުރަހެއްކަމުގައި އަހަރެން ނުވާނަން... މާކިން ބުނިހެން ގަދަ މަޖުބޫރުން ލޯތްބެއް ހާސިލެއް ނުވާނެ... އަހަރެން ހާޖަރާމާމައާ ވާހަކަދައްކާނަން...'' އާވި އަރަމުން ދިޔަ ކޮފީތަށްޓަށް ބަލަން ހުރެފައި ޖާދިން އިސްއުފުލާލިއެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ.
މާކިން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖާދިންގެ ދެލޮލުން ރިހުމެއްގެ އަސަރު އޭނައަށް ފެނުނެވެ.
''އީވާގެ ނިންމުންތަކަށް އަހަރެން ޖެހޭނެ ޤަދަރުކުރަން، އަހަރެންގެ ސަބަބުން އަހަރުމެން ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ވެސް ހީނަރުވެގެން ދިޔައީ... މާކިން... ބޭބެއަށް ފުރުސަތު ދީ، ހުރިހާކަމެއް އަހަރެން ހަމައަކަށް އަޅުވައި ދޭނަން... މާކިންގެ އުފާވެރިކަން އަހަންނަށް މުހިންމު...'' ހިނިތުންވުމެއް ބަދަލުކޮށްލަމުން ޖާދިން ބުނެލިއެވެ. އެހިތުގައި އީވާއަށް އޮތް ލޯބި މާކިންއަށްޓަކައި ޤުރުބާންކުރަން ޖާދިން ގަސްދުކުރިއެވެ. އެކަމުން އޭނަގެ ހިތަށް ފިނިކަމެއް ލިބޭނެތީއެވެ.
''ސޮރީ...'' މާކިންއަށް ބުނެވުނެވެ.
''މާކިން މަޢާފަށް އެދޭކަށް ނުޖެހެއެއްނު، އީވާއަށް މާކިން ކަމުދާތީތާ ޚިޔާރުކުރެވުނީ، އެއީ މަޢާފަށް އެދޭވަރުގެ ކަމެއް ނޫން، އެކަމާ ހުރެ އިތުރު ނުތަނަވަސްކަމެއް އޮތްނާކަށް ވެސް އަހަރެން ބޭނުމެއް ނޫން...'' ޖާދިން ބުންޏެވެ.
''އީވްއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނީ އަހަރެން، އެފުރުސަތު ދޭނަންތަ؟...'' ހަޤީޤަތް އީވާއަށް ހާމަކުރުމުގެ ހުއްދައަކަށް ޖާދިން އެދުނެވެ. ޖާދިންއަށް ބަލަން އިން މާކިން ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. އެއީ އީވާއާއި ޖާދިންގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެންނަން ލިބޭނެ ފުރުސަތެއް ކަމުގައި ވެސް މާކިން ދުށްޓެވެ. ދެބެއިންގެ ގުޅުން ބަދަހިވެގެން ދިޔައެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އައު އަޒުމަކާއެކު ދިރިއުޅުމާ ކުރިމަތިލައިފިއެވެ. ދެބެއިން ވާހަކައިގައި ތިއްބާ ރޫބީ އައިސް ބަދިގެއަށް ވަނެވެ.
ރީތިކަން ހުސްކުރި ދެފިރިހެނުން ބަދިގޭގައި ތިބިތަން ފެނި ރޫބީ އަނބުރައި ނުގަތީ ވެސް ކިރިޔާއެވެ. ފުންނޭވާތަކެއް ލަމުން ހެނދުނުގެ ސައި ތައްޔާރުކުރަން އޭނަ އުޅުނެވެ. އެހެން ހުރެފައި ވެސް އިރުއިރުކޮޅާ މާކިންއާއި ޖާދިންއަށް ބަލައިލައެވެ. ދެބެއިންގެ ތެރެއިން އޭނައަށް އެންމެ ކަމުދިޔައީ ޖާދިން އެވެ. މާބޮޑަށް ވެސް ފިރިހެންވަންތަކަމަށް އޭނައަށް ފެނުނެވެ. ރޫބީ ހުވެފެނެއްގައި އުޅެނިކޮށް ބަދިއަށް ޝަބާނާ ވެސް އައިސް ވަނެވެ.
*****
ހެނދުނުގެ ސަޔަށްފަހު ޖާދިންއާ ވަކިން ޝަބާނާ ބައްދަލުކުރިއެވެ. އަދި ބަސްމާއަށް މަޢާފްކޮށްދިނުމަށް އެދުނެވެ. މަންމަގެ ވާހަކަތަކާ މެދު ޖާދިންއަށް ވިސްނާލެވުނެވެ. އެވާހަކަތައް ބޮލާލާޖަހަން ނުކެރުނެވެ. ހަމައެއާއެކު މަންމަ ދިނީ ރަނގަޅު ނަސޭހަތެއް ވެސް މެއެވެ. ދިރިއުޅުމާ މެދު ފިކުރު ހިންގާލަން ލިބުނު ފުރުސަތެއް ކަހަލައެވެ. އިތުރަށް އޭނަގެ ލޯހުޅުވިގެން ދިޔައެވެ.
އެދުވަހު ގެއަށް ގޮސް ބަސްމާއާ ޖާދިން ވާހަކަދެއްކިއެވެ. އުފަލުން ގޮސް ބަސްމާއަށް ރޮވުނެވެ. ޝަބާނާއަށް ހިތުގެ އަޑިން ޝުކުރުވެރިވެވުނެވެ. ދަރިފުޅުގެ މަޢާފް ލިބުމުން ބަސްމާގެ ދިލަ ހިތަށް ރާހަތެއް ލިބުނެވެ. ވޭނީ ކަރުނަތަކުގެ ސިލްސިލާއަށް ނިމުމެއް އައެވެ.
''ޝަބާ... ތިއީ ވަރަށް މާތް އިންސާނެއް، އަހަރެން ދެރަވަނީ ތިހިތުގައި އަހަންނަށް ޖެއްސުނީތީ، އަނިޔާ ވެރިވެވުނީތީ، އަހަންނަށް މަޢާފްކުރާތި...'' ދުރުގައި މަންޒަރު ބަލަން ހުރި އާރަބްގެ ދެލޮލުން ވެސް ކަރުނަ ހިލިގެން ދިޔައެވެ. ހިތާހިތުން ޝަބާނާއަށް ޝުކުރު އަދާކުރެވުނެވެ. ގެއްލިފައި އޮތް ހަމަނުޖެހުމަށް ނިމުން އައިސްފިއެވެ. އުފާވެރިކަން ވެރިވެއްޖެއެވެ. މާޒީގެ ހިތިކަމުން އަރައިގަތުމަށް އެއީ ލިބުނު ހިތްވަރެކެވެ.
*****
މާކިންއަކީ އާރަބްގެ ދަރިއެކަން ހާޖަރާގެ ކަންފަތާ ހަމައަށް ފޯރުމުން ބޮޑު ޝޮކެއް ވެސް ލިބުނެވެ. އެޚަބަރު ހާޖަރާގެ ކަންފަތާ ހަމައަށް ގެނެސްދިނީ ވެސް ހީނާ އެވެ. އީވާއާ ބައްދަލުކުރަން އައި ޖާދިންއަށް ފާރަލަމުން ގޮސް، އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރެފައި އަވަސްއަވަހަށް ހާޖަރާއަށް އެހޫނު ޚަބަރު ގެނެސްދިނީއެވެ.
''އެހެން ވެދާނެތަ؟...'' ޤަބޫލުކުރަން ދަތިވެފައި ހާޖަރާއަށް ހުރެވުނެވެ. ''އެއީ ހަމަ އާރަބްގެ ދަރިއެއްތަ؟...''
ޚިޔާލެއްގެ ތެރެއަށް ހާޖަރާގެ ނަފުސު ގެއްލުނެވެ. އެހަޤީޤަތާ ކުރިމަތިލާން ނުހަނު އުނދަގޫ ވިއެވެ.
*****
ޖާދިންއާއި އީވާ ތިބީ ހާމަފެންޑާގައެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށް ވުމުން އިރުގެ ޖާދުވީ ކުލަތަކުން ވިލާތަކުގައި ކުލަޖެހިފައިވާ މަންޒަރު ފެނެއެވެ. ރެއިލިންގައި ދެއަތުން ހިފަހައްޓާލަމުން އީވާއަށް އުޑަށް ނަޒަރު ހިންގާލެވުނެވެ. އޭރު ޖާދިން ދެއްކި ވާހަކަތައް ހަލުވި ކަމާއެކު އޭނަގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައެވެ. ޖާދިންއާއި މާކިންގެ ގުޅުން ހާމަވުމުން ސިހުމުގެ އަސަރު އެމޫނުމަތިން ފެނެއެވެ.
ކަންފަތަށް އިވުނު ވާހަކަތައް ޤަބޫލުކުރަން އީވާއަށް އުނދަގޫވިއެވެ. ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ.
''އީވް، އައިމް ސޮރީ، ވަރަށް ބޮޑަށް އީވްގެ ހިތުގައި ޖެއްސިއްޖެކަން އެނގޭ... ރުޅީގެ ސަބަބުން ބޮޑެތި ގޯސްތައް އަހަންނަށް ވަނީ ހެދިފައި، އަހަންނަށް މަޢާފްކޮށްދޭތި... މަޖުބޫރުން ލޯބި ނުހޭދޭނެ، އެކަން އަހަންނަށް ވިސްނިއްޖެ، އީވްގެ ލޯބި އީވްއަށް ހޯދައިދޭނަން، މާމައާއި ވެސް އަހަރެން ވާހަކަދައްކާނަން، މާކިން ވެސް ވަރަށް ބޮޑަށް އީވްދެކެ ލޯބިވޭ... އަހަންނަށް ޔަޤީން އީވް އުފަލުގައި ގެންގުޅޭނެކަން...'' އީވާ ކައިރިއަށް ހުއްޓެމުން ޖާދިން ބުނެލިއެވެ. އޭނަ ވެސް ހާމައަށް އޮތް އުޑަށް ނަޒަރު ހިންގާލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އީވާގެ ގާތުން މަޢާފަށް އެދެވުމުން ހިތަށް ފިނިކަމެއް ލިބުނެވެ.
''ސޮރީ...'' ވިސްނުމުގެ ތެރެއަށް ގެއްލިފައި އިން އީވާ ބުނެލިއެވެ. އުދާސްކަން އެދެލޮލުން ފެނުނެވެ.
''ކޮންކަމަކަށްތަ؟...'' އީވާއަށް ބަލައިލުމެއް ނެތި ޖާދިން އެހިއެވެ.
''ހުރިހާކަމަކަށް ވެސް، އަހަރެންގެ ސަބަބުން މާކިންއާއި ޖާދިންގެ ދެމެދުގައި ނުތަނަވަސްކަމެއް އޮތްނަން ބޭނުމެއް ނޫން...'' އީވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ދެބެއިން ވެސް އޭނަ ދެކެ ލޯބިވާކަން އީވާއަށް އެނގެއެވެ. އެހިތަށް އުނދަގޫވަނީ އެހެންވެއެވެ.
''ނުތަނަވަސްކަމެއް ނޯންނާނެ، އީވްދެކެ އަހަރެން ވީ ލޯބި ހަނދާން ނައްތާލަން މަސައްކަތްކުރާނަން، އީވް އަހަރެންދެކެ ލޯބި ނުވާއިރު އެކަމުން މިހިތަށް އަސަރުކުރުން ނޫންކަމެއް ނުވާނެ، މާކިންއާއެކު އީވް ވުމަށް އަހަރެންގެ ހިތް އެދެނީ، ދެކިލަން އެދޭ މަންޒަރަކީ އެއީ... ބައެއް ފަހަރު ލޯބީގައި ޤުރުބާން ވާން ވެސް ޖެހޭނެ، އެއީ ލޯބިވާކަން ހާމަކުރެވޭނެ ގޮތެއް، އަހަންނާއި މެދު އީވް ދެރަނުވޭ، އަހަރެންގެ އިރާދައިގައި ލިޔެވިފައިވާ ކުއްޖާއާ އަދި ދިމާނުވަނީ، އެދަވަސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނެ... އީވް... މާކިން ދެކެ އަބަދުވެސް ލޯބިވައްޗޭ......'' މައުނަވީ ހިނިތުންވުމެއް އީވާއާ ބަދަލުކުރަމުން ޖާދިން ބުންޏެވެ. ޖާދިންއަށް ބަލަން ހުރި އީވާގެ ލޮލުން ކަރުނަ ނީރާލިއެވެ. ޖާދިންއާއި އީވާގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް އައެވެ. ދެހިތް ވެސް ސާފުވެގެން ދިޔައެވެ.
''އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ޖާދުގެ ބައިވެރިޔާ ފެންނާނެ، އަހަރެން ދުޢާކުރާނަން ޖާދުއަށް އުފާވެރިކަން ލިބުމަށް، އަބަދުވެސް އުފަލުގައި ވުމަށް، ތެންކިއު...'' ކަރުނައިގެ ތެރޭން އީވާ ހިނިތުންވެލިއެވެ. ޖާދިން ވެސް އީވާއަށް ހިނިތުންވުމެއްދިނެވެ.
(ނުނިމޭ)