ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 47

3

ސާޅީސްހަތްވަނަ ބައި

ދިޔަ މަގުމަތީގައި ހުޝާމްގެ ބަސްމަދުވެފައި ހުރިކަން ޝެނަލްއަށް ފާހަގަވިއެވެ. އެހެންކަމުން ޝެނަލްގެ ސަމާލުކަން ހުޝާމްއަށް ދެވިއްޖެއެވެ.

"އެ އަންހެންމީހާ އަކީ ކާކު؟ ކީއްވެ ތިގޭގަ؟" ޝެނަލްއަށް އެއްޗެއް ބުނެވުމުގެ ކުރިން ހުޝާމް ވާހަކަދެއްކިއެވެ.

"އެއައީ އޭނާގެ ދަރިފުޅު ބަލައެއްނު. މީހުންގެ ދިރިއުޅުމާއި ކުޅެވިފަ އޮންނާނީ މިހާރު. ޝާމްއަށް އިނގޭތަ މަންމަ ހުރިހާ ގޯހެއް ހެދީ އެ ތަމަންނީ އާއި ބައިވެރިވެގެން" ޝެނަލް ބުނެލިއެވެ.

"އެކަމަކު އެ އަންހެންމީހާ އަކީ ޝާނީމެންގެ ތިމާގެ މީހެއްކަން ކުރިން ނޭނގޭ" ޙުޝާމް ބުނެލިއެވެ.

"އެއީ މަންމަގެ ބެސްޓްފްރެންޑެއްނު. ޝާމްއާއި ދިމާލަށް އެއްޗެއް ބުނީތަ؟ އޭނަ ގޭގައި އުޅޭތީ މިހާރު އަހަރެންގެ ބޮލަށް އުނދަގުވަނީ" ޝެނަލް ބުނެލިއެވެ. ވާހަކައިގައި ތިބެ އައިސްކޯނަށް ވަދެ ދެކުދިން އެރީ މައްޗަށެވެ. ޖާގައިގެ ދަތިކަމެއްނެތް އެބޮޑު ސަރަހައްދުގައި މީހުން މަދެއް ނޫނެވެ. ހިތްފަސޭހަ ދިމާލުން މޭޒެއްގެ ކައިރީގައި ދެކުދިން އިށީނދެއްޖެއެވެ.

"ޝީޒް މައި އެކްސް ވައިފް" ޙުޝާމް ބުނެލިއެވެ. ޝެނަލްއަށް ޙައިރާންކަމެއް ލިބިގެން ދިޔައެވެ.

"ވަޓް...؟" އެސްފިޔަޖަހައިލަން ވެސް ނޭނގި ޝެނަލްއަށް އިނދެވުނީ ހުޝާމްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ޔެސް. އީޝްގެ މަންމަ އެއީ. ދެންމެ ތިގެއަށް ވަން ގަޑީގަ އެ އަންހެންމީހާ ވަރަށް ހަޅޭއްލެވި. ސޮރީ. ކުރިން އަހަރެން ޝާނީއަށް މިވާހަކަތައް ކިޔައިނުދެވުނީ ތަމަންގެ ވާހަކަތައް މީހުން ކައިރީގައި ދައްކާހިއްނުވާތީ. ހިތަށް އުނދަގުވާތީ" ޙުޝާމް ބުނެލިއެވެ.

"އޭނަ ތަ އީޝް އެހާލުގައި ތަޅުވާލީ. އަތޮޅުތެރެ މީހަކަށް އަމިއްލަ ދަރި ވިއްކައިލީ. ހުންނަ ނުބައިކަން. އެއީ މައެއްތަ؟" ޝެނަލް ވާހަކަދެއްކިއެވެ. ތަމަންނީއާ ދެކޮޅަށް ޝެނަލް ވާހަކަދައްކަން ފެށުމުން ޙުޝާމްއަށް އުނދަގުވަމުން ދިޔައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ތަމަންނީގެ ހަގީގަތް އިނގުނު ކޮންމެ މީހެއްވެސް ބުނާނީ އެފަދައިންކަން ޙުޝާމްއަށް ޤަބޫލުކުރެވެއެވެ.

"މަންމައަށް އަދި ތިކަމެއް ނޭނގޭނެ. މިއަދު އަހަރެން މަންމަ ކައިރީގައި ތިވާހަކަތައް ބުނާނަން" ޝެނަލް ވާހަކަދެއްކިއެވެ. ޙުޝާމް ހިތަށް ތަދުވެލައިފިއެވެ. މޭޒުގައި ބޯއެޅުނީ އޭނާގެ ދެލޮލުން ފާޅުވަމުންދާ ކުލަވަރު ޝެނަލްއަށް ސިއްރު ކުރުމަށެވެ.

"އަދިވެސް ލޯބިވަންތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ޝެނަލް އަހައިލިއެވެ.

"އަހަރެންނަކަށްވެސް ނޭނގޭ މިވާގޮތެއް. މަޢާފް ކުރާކަށް ބޭނުމެއްނޫން. ހިތުން ފިލުވާލަން އުނދަގޫ. ދެރަގޮތެއްވާން ހިތެއް ނެދޭ. އެކަމަކު އޭނަ އެކުޅެލީ ކިތައް މީހުންގެ ދިރިއުޅުމާ. އޭނާގެ ފިރިއެއްގެ މަގާމުގައި ހުރި މީހާއަށްވެސް އޭނާގެ ދަރިއެއް ހުރިކަން ނޭނގޭނެކަން ޔަޤީން" ބޯޖަހައިގެން އޮތް ޙުޝާމް ވާހަކަދެއްކިއެވެ.

"ޝާމް ތިހުރިހާ ވާހަކައެއް ކުރިން ނުބުނީ ކީއްވެ؟ އެކަން ކުރިން އަހަރެންނަށް އިނގިފަ އޮތްނަމަ ފަހަރެއްގައި އެތައް ކަމެއްގެ ޙައްލު ހޯދުނީހެއްނު. ތަމަންނީގެ ސަބަބުން އުނޭޝްގެ ދިރިއުޅުން ސަލާމަތް ކުރެވުނީސް. އިރާނިޔާ ނިކަމެތިވެ ހާލުޖަ ނުޖެހުނީސް. އެކަމަކު ދެން ކުރާނެކަމެއް ނެތެއްނު. ހިތްވަރުކޮށްލާ... ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދެމީހުންގެ ދިރިއުޅުންވެސް އަދި އާބާދުވާނެ" ޝެނަލް ވާހަކަދެއްކިއެވެ.

***

ފެންވަރައިގެން ނިކުތް އަދްޔަން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ކަނދުރާގައި އަޅުވާލާފައި އޮތް ތުވާލިން ފަހު ފަހަރަށް އިސްތަށިގަނޑާއެކު މޫނު ފޮހެލިއެވެ. އެއަށްފަހު ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތް ހިންގައިލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ގުމްރޫހް ބުނެލި ޖުމްލައެއް ހަނދާންވެފައެވެ.

"ތިގޮތަށް ތުނިކޮށް ތުނބުޅި ހުރުމުން އަހަރެންނަށް އަދޫ ހާދަ ރީއްޗޭ" އަދްޔަންއަށް ހީވީ އޭނާގެ ކަންފަތްދަށުން ގުމްރޫހްގެ އަޑު އިވުނުހެންނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ތުވާލި ގޮސް ހަރުގައި އެޅުވިއެވެ. މިހާރު އޭނާގެ ހަރަކާތްތައް އަވަސްވެއްޖެއެވެ. ގުމްރޫހް ބައްދަލުކުރަން ބުނި ގަޑި ޖެހެނީއެވެ. ގަޔަށް ބޮޑީ ސްޕްރޭ ބުރުވާލާފައި އިސްތަށިގަނޑުގައި ޖެލްހާކާލިއެވެ. އަލަމާރިން ނެގި ރަތްކުލައިގެ އަތްކުރު ޓީޝާޓަކާއި ނޫ ކުލައިގެ ޖީންސަކުން އޭނާގެ ހަށިގަނޑު ފޮރުވައިލިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގަން އުޅުނު ވަގުތު ފޯނު ރިންގުވާން ފެށުމުން ނަގާފައި ބަލައިލިއެވެ. ދަންނަ ނަންބަރަކާއި ވައްތަރުވިއެވެ. ސޭވްނުކޮށް އިނުމުން ނަންބަރުގެ ވެރިފަރާތް ހަނދާންކުރުން އޭނާއަށް މުހިންމު ކަމަކަށް ނުވިއެވެ. ކަންފަތުގައި ޖަހާފައި އޭނާ އެތައް ފަހަރަކު ހަލޯ އޭ ބުނުމުންވެސް ޖަވާބެއް ނައެވެ.

"ތިއްތި ތަނަކަށް ދަނީތަ؟" ކޮޓަރިން ނިކުތް ވަގުތު ބަދިގެއިން ނިކުމެގެން އައި ޔަޝްފީ އަހައިލިއެވެ.

"ހޫމް... ވަރަށް ލަސްވޭ. ގޮމަ ކައިރިއަށްދާން މިދަނީ. މަންމަ ކައިރީގަ ބުނައްޗޭ ތިއްތި ދިޔައީ ގޮމަދައްތައާއެކު ޑިނަރ އަކަށޭ" އަދްޔަން ބުނެލިއެވެ. އަދިވެސް އޭނާގެ ކަންފަތުގައި ފޯނު ޖަހާފައި ހުއްޓެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ފޯނު ކަނޑައިގެން ދިޔުމުންނެވެ. ފައިވާން ހަރުގަނޑާއި ހަމައަށް ގޮސްފައި އެ ކޯލާއި މެދު އޭނާ ވިސްނައިލިއެވެ. އެމީހަކު ބަހެއް ނުކިޔާ ފޯނުގައި ގިނައިރު ހުރުމުން ހިތުގައި ސުވާލު އުފެދިއްޖެއެވެ. އެއި ކާކު ބާއެވެ؟

***

ރޭގަނޑު އެގާރަ ގަޑި ބައިވެ ބާރަޖަހަން ގާތްވެއްޖެއެވެ. ބައްސާމް ނިދީކަން ޔަޤީންވުމުން ސަބްރީން މަޑުމަޑުން ތެދުވިއެވެ. އޭނާއާ ވީ ދިމާލަށް އެނބުރިގެން އޮތް ބައްސާމްގެ މޫނަށް އިރުކޮޅަކު ބަލަން އިނީ ބައްސާމް އިތުރު ހަރަކާތެއް ކުރޭތޯއެވެ. އެއްވެސް އިޝާރާތެއް ނުވުމުން ސަބްރީން ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓިއްޖެއެވެ. ލައިގެން ހުރި ނައިޓީ މަތިން ޖެކެޓްކޮޅު ލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. މަޑުމަޑުން ކޮޓަރި ދޮރުލައްޕާލާފައި ހިނގައިގަތުމާއެކު ސަބްރީންގެ ހަރަކާތްތަކަށް ވިސްނައިގެން އޮތް ބައްސާމް ދެލޯ ހުޅުވާލައިފިއެވެ.

***

އަދްޔަންގެ ހަނދާންތަކުގައި ނުނިދިފައި އޮތް ޝެނަލް އިރުކޮޅަކާއި އެތެރެއަށް ނޭފަތް ދަމާލައެވެ. އެހެން ހިތަކުން އަދްޔަން ލޯބި ހޯދަމުންދާކަން އިނގި ކެތްނުވާ މިންވަރަށް ޝެނަލްގެ ހިތަށް ތަދުކުރަމުން ދިޔައެވެ. އޭނާގެ ހިތަށް ފަރުވާއެއް ހޯދައިދެވޭނީ ހަމައެކަނި އަދްޔަންއަށެވެ. އެނދުގައި އޮވެފައި ތެދުވެގެން ގޮސް އިށީނީ ކޮޓަރި ތެރޭގައި ހުރި ސްޓަޑީ ޓޭބަލްކައިރީގައި ހުރި ގޮނޑީގައެވެ. އޭނާގެ އަމިއްލަ ލެޕްޓޮޕް ހުޅުވާލާފައި ފޮޓޯތައް ހުރި ފައިލް ހުޅުވައިލިއެވެ. އަދްޔަންއާއި ދެކުދިން ރައްޓެހިވެގެން އެވީ ކުޑަ ދުވަސްކޮޅުގައި ނަގާފައި ހުރި ފޮޓޯތަކަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ހިތް ރޮމުން ދިޔައެވެ. ދެލޯ ދުޅަވެ މޫނުމަތި އެއްކޮށް ރަތްވެފައިވާއިރު އަތު ތެރޭގައި އޮތް ފޯނުގެ ޑިސްޕްލޭގައި ވެސް ވަނީ އަދްޔަންގެ ފޮޓޯއެކެވެ. ހިނދަކަށްފަހު ހިނދެއް އަދްޔަންގެ ލޯތްބަށްޓަކައި އޭނާގެ ހިތް މޮޔަވަމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ރޯންފެށިއްޖެއެވެ. ހިތަށް ކުރަމުން ދިޔަ އަސަރުތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައީއެވެ. ކޮޓަރި ތެެއިން އިވެމުންދިޔަ ޝެނަލްގެ ރުއިމުގެ އަޑުން ދޮރުމަތީގައި ހުރި ސަބްރީންގެ ހިތް ވިރެމުން ދިޔައެވެ. އޭނާގެ ދަރިފުޅު ކުރަމުންއެދާ ހިތާމައަކީ މައިމީހާގެ ފުށުން ލިބުނު ހިތާމައެއްކަން އިނގި އަމިއްލަ ނަފްސު ކުށްވެރި ކުރެވިއްޖެއެވެ. ބޮޑުވެފައިވާ އަންހެން ދަރިފުޅު ލޯބީގައި ނާކާމިޔާބު ވަމުންދާ މަންޒަރު ބަލަން މައިލަނގޮޑިއަށް ކެތްނުވިއެވެ. އެތެރެއަށް ވަދެގެން އައިސް ކައިރީގައި ހުއްޓުނުއިރުވެސް ޝެނަލްއަށް ނޭނގުނެވެ. މީހަކު އިސްތަށިގަނޑުގައި ފިރުމައިލިކަން އިނގުމުން ބޯހިއްލާލާފައި ޝެނަލް ބަލައިލިއެވެ. ދާދި ކައިރީގައި ހުރި މަންމަ ފެނުމުން ޝެނަލް އަޅާނުލިއެވެ. އެ މަންމައާ ކުރިމަތިލައިގެން ވާހަކަދައްކާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

"ދަރިފުޅާ!! ތިގޮތަށް ރޮއެ ހިތާމަކޮށް މަންމަ ބޮޮޑު ކުށެއް ކޮށްފިކަން ކިހާ ދުވަހެއް ވަންދެން މަންމައަށް ހަނދާންކޮށްދޭނަންތަ؟" ސަބްރީންގެ އަޑު ކުރެހިގެން ދިޔައެވެ. ހުޅުވާލާފައިވާ ލެޕްޓޮޕުން ފެންނަން ހުރި ފޮޓޯއަށް ނަޒަރު ހުއްޓުނު ވަގުތު ސަބްރީންއަށް މޭގައި ފިރުމައިލެވިއްޖެއެވެ.

"މަންމަ މިތަނުން ދޭ" ރުއިން ހުއްޓާލާފައި ގޮނޑިން ތެދުވެ އެނދާއި ދިމާލަށް ދަމުން ޝެނަލް ބުނެލިއެވެ.

"ހެޔޮނުވާނެ ދަރިފުޅާ! މަންމައަށް މަޢާފްކޮށްދީ. މަންމައަށް ކުރެވުނު ކުށް މަންމައަށް އިހުސާސްވެއްޖެ. ތިގޮތަށް މި މަންމަގެ ހިތަށް ސަޒާނުދީ" ސަބްރީންއަށް ރޮވިއްޖެއެވެ. އެނދުގައި އިސްޖަހާލައިގެން އިން ޝެނަލްގެ ރުއިމަށް ހުއްޓުމެއް ނާދޭއެވެ. ކައިރީގައި އިނދެ މަންމަ ރޮމުންދާކަން އިނގި އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ގަދަވަމުން ދިޔައެވެ.

"ވީކަންތައް ހަނދާން ނައްތާލުމަށްފަހު މަންމައަށް މަޢާފް ނުކޮށްދެވޭނެތަ؟ ދަރިފުޅު ތިހާލުގައި ހިތާމަކުރަމުންދާ މަންޒަރު ފެންނާތީ މި މަންމަގެ ހިތަށް ހާދަ އަސަރެއް ކުރެއޭ" އަސަރާއެކު ސަބްރީން ވާހަކަދެއްކިއެވެ. ޝެނަލް އިތުރަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭނާގެ ކަރުނަތަކަށް ބަދަލެއް ނާދޭއެވެ.

"ބުނެބަލަ. މި މަންމަ ކިހިނެއް ހަދަންވީ؟ ދަރިފުޅު ބުނި ކޮންމެ ކަމެއް ކުރާނަން ކަންތައްތައް ރަނގަޅުކުރަން. މަންމަ މަރުވާންވީތަ؟ މަންމައަށް ކުރެވުނު ކުށް އަބަދު އަބަދު ހަނދާންކޮށްދިނުމަށް ވުރެ އެގޮތްވެސް މާ ރަނގަޅު" ސަބްރީން ވާހަކަދެއްކިއެވެ.

"މަންމަ މިތަނުންދޭ. އަޅުގަނޑު އެކަނި ހުންނަން ބޭނުމީ. ނިދިވެސް އެބައާދޭ" ޝެނަލް ބުނެލިއެވެ. ސަބްރީން އިންތަނުން ތެދުވިއެވެ. މަޑުމަޑުން ހިނގާފައި ދޮރާއި ދިމާލަށް ދިޔައިރު ހުރި ހަމައެކަނި ދަރިިފުޅުގެ މަޢާފް ނުލިބޭނެކަން އިނގި ހިތުގައި އިންތިހާއަށް ރިއްސަން ފަށައިފިއެވެ. ސަބްރީން ނިކުތްކަން އިނގުމާއެކު ޝެނަލް ދޮރުލެއްޕިއެވެ.

ދޮރުމަތީގައި ހުރި ބައްސާމް ފެނި ސަބްރީނަށް ހުއްޓެވިއްޖެއެވެ. އޭނާއަށް ދުުވެފައި ގޮސް ބައްސާމްގެ ދެއަތް ތެރެއަށް ވަދެވިއްޖެއެވެ.

***

ފަތިހުގެ ހިތްގައިމު ވަގުތެވެ. ރަށު ތެރެއަށް އަލިވެލަފައި އޮތްއިރު ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. ދޫނިސޫފާ ސޫފީގެ ނަލަ އަޑުތަކުން ލަވަކިޔަމުން ދިޔައެވެ. މަސްވެރިން މަހަށް ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ މަންޒަރު ބަނދަރުމަތިން ފެންނަމުން ދިޔައެވެ. އުމުރުން ދުވަސްވީ ދެތިން މީހުން މިސްކިތުން ފައިބައިގެން ދިޔަތަން ފެނި އިރާނިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. ނިދަން ލައްވާފައި އިން ޕިޖާމާ ކޮޅުގައި ހޫރާއި ސަކަރާތްޖަހަމުން ދިޔަ އާޝިދަށް އިރުކޮޅަކާއި އިރާނިޔާގެ ނަޒަރު ހުއްޓެއެވެ. ގުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިޔޯތައް ޒުކް ގެންގުޅުނު ކެމެރާގައި ރައްކާކުރަމުން ދިޔައެވެ. ޒަޙުރިއްޔާގެ ގޮނޑި ދަމަމުން ދިޔައީ އިރާނިޔާއެވެ.

"މީހުން ބުނަނީ ތެދެއް. އަތޮޅުތެރެއަކީ ދުނިޔެމަތީގެ ސުވަރުގެ. މަންމަ އެއްގޮތަކަށްވެސް މިރަށުން ދާކަށް ބޭނުމެއްނޫން" ޒަޙުރިއްޔާ ބުނެލިއެވެ.

"ހެހެހެ... މަންމަމެންނަށް މިރަށުން އަދި ކުޑަ ތަންކޮޅެއް ތިފެނުނީ. ހަވީރުންވެސް ރަށުތެރެ ބަލައިލަން ނިކުންނަންވާނެ" އިރާނިޔާ ބުނެލިއެވެ.

މިސްކިތުގެ ފިރިހެނުން ވަންނަ ދޮރާއި ހަމަވި ވަގުތު ނިކުތް އުނޭޝް ފެނިފައި އިރާނިޔާއަށް ހުއްޓެވިއްޖެއެވެ. އުނޭޝްގެ ނަޒަރު އިރާނިޔާއިން ފެށިގެން ބާކީ ތިބި ހުރިހާ މީހުންނަށް ވަކިވަކިން ހުއްޓިއްޖެއެވެ. އިރާނިޔާއާ ދާދި ކައިރީގައި ހުރި އާޝިދް ފެނުމުން އޭނާގެ ހިތަށް އުނދަގުވެއްޖެއެވެ. އާޝިދްގެ އަތްމަތީގައި އިން ހޫރަށް އުނޭޝްގެ ނަޒަރު ހުއްޓުނު ވަގުތު އޭނާގެ މުޅި ނަފްސު ތެޅިގަތީ އެކުއްޖާ އުރާލާ ލޯބިކޮށްލާ ހިތުންނެވެ. ބޭއިޚްތިޔާރުގައި އެއް ފިޔަވަޅު ކުރިއަށް އެޅިއްޖެއެވެ. ނަމަވެސް އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އިރާނިޔާ ބަލައިލީ އާޝިދްގެ މޫނަށެވެ. އެހިނދު އާޝިދް އިރާނިޔާއަށް ހަދިޔާކޮށްލި ހިނިތުންވުން އިރާނިޔާއަށް ޖަވާބަކަށް ފުދިއްޖެއެވެ.

"މިދިމާލުން ފައިބަންވީ ދޯ. ހިނގާ ދާން ޒުކް. އީރަން ބައިވެރިވާނެ ކުޑައިރުކޮޅެއްގެ ތެރޭގަ" އިރާނިޔާ ހޫރު އުރާލުމުން އާޝިދް ހިފީ ޒަޙުރިއްޔާ އިން ގޮނޑީގައެވެ. ޒަޙުރިިއްޔާގެ ހިތުގައި ސުވާލު އުފެދިފައި ވިޔަސް އޭނާ އެވަގުތު ހިމޭންކަން ޚިޔާރުކުރިއެވެ.

"އެއީ ކާކުތަ ދޮންބޭ؟" ސުވާލުކުރީ ޒުކްއެވެ.

"ހޫރުގެ ބައްޕަ" އާޝިދް ބުނެލިއެވެ. އެއްވެސް މީހަކަށް ފޮރުވުމެއްނެތެވެ.

***

ހޫރު ގޮވައިގެން އިރާނިޔާ ހުއްޓުނީ އުނޭޝް ކުރިމަތީގައެވެ. ފަހަކަށް އައިސް އުނޭޝްއަށް އައިސްފައިވާ ބަދަލުތަކުން އޭނާ ހޫރު އުރާލަން ބޭނުންވާނެ މިންވަރު އިރާނިޔާއަށް އަންދާޒާ ކުރެވެއެވެ. އުނޭޝް ހޫރު އުރާލިއެވެ. ހޫރުގެ ތުއްތު ހަށިގަނޑު ހަށިގަނޑާލާ ބޮނޑިކޮށްލިއެވެ. މޫނުގައި ބޮސްދިނެވެ. އުނޭޝްގެ ދެލޮލުން ވެއްޓިގެން ދިޔަ ކަރުނަތިކި ފެނި ވިސްނަންވީ އެއްޗެއް އިރާނިޔާއަށް ނޭނގުނެވެ. ހޫރު ގޮވައިގެން އުނޭޝް އުޅޭ ގޮތް ފެނި އިރާނިޔާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭރު އިރުއަރަމުންދާކަމުގެ ނިޝާންތައް ދުނިޔެމަތިން ފާޅުވާން ފަށައިފިއެވެ. ކުރިއަށް ވުރެ ބޮޑަށް މަގުތަކުން މީހުން ފެންނަން ފަށައިފިއެވެ.

"އަހަރެން ހޫރާއެކު ކުޑަ ވަގުތުކޮޅެއް ބޭނުން. ރާނީއަށް ލަސްވާނެތަ؟" ވަރިކޮށްފަ އިރާނިޔާ ގެއިން ނެރުނުފަހުން ފުރަތަމަ ފަހަރަށް އުނޭޝް އިރާނިޔާއާ ވާހަކަދެއްކިއެވެ.

"އަހަރެން.... އަހަރެން...." އިރާނިޔާ ބުނަން އުޅުނެވެ.

"ބިރުނުގަނޭ. އަހަރެންގެ ދެއަތުގެ ތެރެއިން މިދަރިފުޅަށް ލިބެނީ ހިމާޔަތާއި ރައްކާތެރިކަން. މިހެން ބުނީމަ ޤަބޫލުވެސް ނުކުރެވޭނެކަން އިނގޭ" އުނޭޝް ބުނެލިއެވެ.

"ރާނީ ތިކުރަން އުޅޭ ކަމެއް ކުރަންދޭ. ނިންމާފަ ގެއަށް އާދޭ ހޫރު ބަލާ. އެހެންނޫނީ އަހަރެން ރާނީ ބުނާ ގަޑިއަކަށް ހޫރު ގެންގޮސްވެސްފާނަން" އުނޭޝް ބުނެލިއެވެ. އިރާނިޔާ އެއްޗެއް ނުބުނެއެވެ. ދެވަނަ ފަހަރަށް އެދަރިފުޅު މަރުގެ ތުންފަތް މައްޗަށް ދޫކޮށްލަން އޭނާއަށް އާބަސް ދެވޭނީ ކިހިނެއް ހެއްޔެވެ؟

"ޖެހިލުންވާނެކަން އިނގޭ. އަހަރެން މިހަވާލުވަނީ. މިދަރިފުޅުގެ ދޮންމަންމަ އާ އަހަރެންނާ އެއްވެސް ގުޅުމެއްނެތް. މިދަރިފުޅަށް އަނިޔާވެރިވީ ތަމަންނީ. އަހަރެންނެއްނޫން. އަހަރެން ގެއަށް ގެންދިޔަސް ހެޔޮތަ؟" އުނޭޝް ވާހަކަދެއްކިއެވެ. ތަމަންނީއާ ގުޅުމެއްނެތޭ ބުނުމުން ޙައިރާންކަމެއް ލިބިގެން ދިޔައެވެ. އުނޭޝްއަށް އައިސްފައިވާ ބަދަލުތަކުގެ ފަހަތުގައިވާ ސަބަބާ މެދު ވިސްނުން ހިންގައިލެވިއްޖެއެވެ.

"އެންމެރަނގަޅު. އަހަރެން ދާނަން. ފީޑްކޮށްފަ ހުންނާނީ. އަން. ބަނޑުހައި ވެއްޖިއްޔާ މި ބޭގް ތެރޭގަ އޮންނާނެ ބުށްފުޅި." އިރާނިޔާ ބުނެލިއެވެ. އުނޭޝް ހޫރުގެ ދަބަހުގައި ހިފިއެވެ.

"އަދި އެއްވާހަކަ. ރާނީގެ އެކައުންޓް ޗެކް ކޮށްލައްޗެ. ރާނީގެ އިއްދައިގެ ފައިސާއާއި ހޫރަށް އަހަރެން ދޭންޖެހޭ ހުރިހާ ހަރަދެއް ޖަމާކޮށްފައި ހުންނާނީ. އަދި އަހަރެން އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. ކިތަންމެ ކުޑައެއްޗެއް ހޫރަށް ބޭނުންވިޔަސް އަހަރެން ކައިރީގައި ބުނުން. މިދަރިފުޅަށް ބަފައެއްގެ ފަރާތުން ލިބެންޖެހޭ ކިތަންމެ ކުޑަ އެއްޗެއްވެސް ހޯދައިދޭން އަހަރެން ބޭނުން. ގޭގަ ހަދަމުން އެދާ ފިހާރައިގެ ނަންވެސް ހޫރަށް ބަދަލުކޮށްފަ އިންނާނީ. އެތަނުގެ ވެރިމިހަކީ އަހަރެންގެ މިދަރިފުޅު" އުނޭޝް ވާހަކަދެއްކިއެވެ. އިރާނިޔާއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ އުނޭޝް ހިނގައިގަތެވެ.

އުނޭޝް ދައްކަމުން ދިޔަ ވާހަކަތަކާއިމެދު މިއަދު ފުރަތަމަ ފަހަރަށް އިރާނިޔާއަށް ވިސްނަން މަޖުބޫރު ވެއްޖެއެވެ. އުނޭޝްގެ ވާހަކަތަކަށް އިތުބާރުވެސް ކުރެވިއްޖެއެވެ. ހޫރު ބޮޑުވެގެންދާއިރު ބައްޕައެއްގެ ލޯބިން މަހުރޫމު ނުވާނެ ކަމުގެ ޔަޤީންކަން ލިބިއްޖެއެވެ. އެހެނަސް.... އިރާނިޔާގެ ހިތުގެ ކަނެއްގައި ރިއްސާލައިފިއެވެ.

"އުނޭޝްއަށް ތިވިސްނުނީ ހަދަ ލަހުންނޭ...." މަޑުމަޑުން އިރާނިޔާއަށް ބުނެވިއްޖެއެވެ.

***

ގޯތިތެރެ ކުނިކަހާފައި ޙާއިޝާ ބަދިގެއާ ދިމާލަށް ދިޔައީ އަތް ދޮންނަންވެގެންނެވެ. ހެނދުނުގެ ސައި ތައްޔާރުކުރުމުގައި ޔަޝްފީއާއި ކަމްލާ އުޅުނެވެ.

"އަދޫ އައިތަ؟ މަންމަ ނިކުތީ ގޮވާފަ" އަތް ދޮންނަން ހުރި ޙާއިޝާ އެހިއެވެ.

"އާނ ބުނި ފެންވަރައިގެން ސައިބޯން އަންނާނަމޭ" ޔަޝްފީ ބުނެލިއެވެ.

"މަންމާ! ދޮންބެ ކައިރީގަ ބުނަންވީތަ ސައިބޯން އަންނަން" ޔަޝްފީ އެހިއެވެ. ޙާއިޝާ ބަހެއް ނުކިޔައެވެ. އޭނާގެ ހިތުގައި ރިއްސާލައިފިއެވެ.

"މަންމާ!" ޔަޝްފީ ގޮވައިލިއެވެ.

"މިއަދު އެސޮރަށް އަހަރެން ނޫނީ ފެންފޮދެއްވެސް ދިއްކޮށްލާނީ ކާކު؟ އެސޮރު ނުކައި ބަނޑުހައި ހޫނުކަމުގައި އޮންނައިރު އަހަރެންގެ އަރުން އެތެރެއަށް އެއްވެސް އެއްޗެއް ލެވޭނެތަ؟ އަހަރެންގެ އެންމެ ބޮޮޑު ދަރިއޭ އެއީ" ޙާއިޝާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ރިހުމެއްވިއެވެ.

ގަސްތަކަށް ފެންދެން ނިކުންނަން ދިޔަވަގުތު އުނޭޝް އުޅޭ ކޮޓަރިން ކުޑަކުއްޖެއްގެ ސަކަރާތުގެ އަޑު އިވެމުން ދިޔައެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރާއި ދިމާލަށް ޙާއިޝާ ބަލައިލިއެވެ. އެއްވެސް ތަނެއް ނުފެނުނެވެ. ދޮރާއި ކައިރިވަމުން ދިޔަ ވަރަކަށް އެކުއްޖާގެ ހުނުމުގެ އަޑު ގާތްވަމުން ދިޔައެވެ. ދޮރުމައްޗަށް އެރިއިރު އެނދުގައި އޮތް އުނޭޝް ހޫރާއެކު ސަކަރާތްޖަހަމުން ދިޔަ މަންޒަރު ފެނުމުން ޙާއިޝާގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. ފެނުނު މަންޒަރު ޤަބޫލުރަންވެސް ދަތިވިއެވެ. ހޫރަށް ބުއްފުޅި ދެމުން ތުއްތު އަޑުން ވާހަކަދައްކަމުން ދިޔައިރު އެތަނުގައި ޙާއިޝާ ހުރިކަމެއް އުނޭޝްއަށް ނޭނގޭއެވެ. އެހާ ހެނދުނާއި އުނޭޝް ހޫރު ބަލައި އިރާނިޔާ ދިރިއުޅޭ ގޭދޮށަށް ދިޔައީބާއޭ ހިތަށް އެރިއެވެ.

އޭނާ ދުރަށް ހިނގައިގަތްއިރު ދުވަހުގެ ފެށުން ރަނގަޅު ވީތީ ހެއްދެވި ފަރާތަށް ޙަމްދު ކުރެވިގެން ދިޔައެވެ. ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވާން ފަށައިފިއެވެ. އުނޭޝްއާއި މެދު ހިތުގައި މައިވަންތަ ލޯބި އުތުރި އަރައިގަނެގެން ދިޔައެވެ.

***

ބަށި ކުޅެންދާން ތައްޔާރުވެގެން ޙާއިޝާ އިނީ ބޭރު ޖޯލީގައެވެ. މީހުން ހަމަވަންދެން އޭނާ އިނއިރު އަތުގައި ކިއްލިއެއް އޮތެވެ. ބަލާ ބެލުމަށް އޭނާ އިނީ ވަރަށް ހަމަޖެހިފައެވެ.

"މިރަށުތެރޭގަވެސް އެހާ ބާރަށް ސައިކަލް ދުއްވާ މީހުން މިހާރު ގިނަވެއްޖެ" މަގު ގޮޅުން ބާރު ސްޕީޑުގައި އެދިމާލަށް އަންނަމުން ދިޔަ ސައިކަލެއް ދައްކައިލަމުން އަވަށްޓެރިއަކު ޙާއިޝާއަށް ބުނެލިއެވެ.

"ކީއްކުރާނީ؟ ޒުވާނުންގެ ހާލަތު" ޙާއިޝާއަށް ބުނެވުނީ އެވަރަށެވެ. ގޭ ކައިރިއަށް ކުއްލިއަކަށް މަޑުކޮށްލި ސައިކަލުގައި އިން އުނޭޝް ފެނި ޙާއިޝާއަށް ކޮޅަށް ތެދުވެވިއްޖެއެވެ. އުނޭޝްގެ މޫނުމަތިން އޭނާ އިންތިހާއަށް ރުޅިގަދަވެފައި ހުރިކަން ޙާއިޝާއަށް އިނގުނެވެ. އެހެންނޫންނަމަ ސައިކަލުގެ ހަރު ރަނގަޅަށް ނުޖައްސާ އޭނާ ނުދާނެއެވެ. ގޭ ދޮރުމަތީގައި ސައިކަލް ވެއްޓިފައި އޮތްއިރު އިންޖީނުގެ އަޑު އިވިއިވި ހުއްޓެވެ. އުނޭޝްގެ ފަހަތުން ޙާއިޝާ އެތެރެއަށް ވަންނަން އުޅުނު ވަގުތު ގޯޅިއަކުން ނިކުތް އަދްޔަން އައިސް މަޑުކޮށްލިއެވެ. އަދްޔަންގެ ހަރަކާތްތައް އަވަހެވެ. ވާނުވާ ނޭނި ގޭ ކައިރިއަށް މީހުން އެއްވާން ފަށައިފިއެވެ.

"ދޮންބެއަށް ކިހިނެއްވީ؟" ޙާއިޝާ އެހިއެވެ. އަދްޔަން އުޅުނީ އުނޭޝްގެ ސައިކަލް ނަގާފައި އެއްފަރާތުގައި ޕާކް ކުރާށެވެ.

"މަންމާ!! ދޮންބެ ނުހިފައްހައްޓާތި. ކޯޓުން ކަންތައްތައް ނިންމަން ދޮންބެ ވަރަށް މަސައްކަތްކޮށްފި. މިފަހަރު ދޮންބެގެ ކެތްތެރިކަން ކޮޅުންލާފަ އެެހެރީ" ދޮރާށި ލައްޕާލާފައި ޙާއިޝާ ގޮވައިގެން އަދްޔަން އެތެރެއަށް ވަނެވެ.

"މަންމަ ހިތަށްވެސް ނާރާވަރުގެ މަކަރުވެރިއެއް އެއީ. މަންމައަށް އިނގޭތަ އެ ތަމަންނީގެ ދަރިއެއް ހުރޭ. އޭނާ އެކުއްޖާ ވިއްކާލީ. ދޮންބެއަށް ހުރިހާ އެއްޗެއް މިއަދު އިނގިގެން ވަރަށް ކެތްކޮށްފަ އެއައީ" އިތުރަށް އަދްޔަން އޮޅުންފިލުވައިދިނެވެ. އުނޭޝްއަށްޓަކައި ޙާއިޝާގެ ދެލޮލުން ކަންބޮޑުވުން ފާޅުވާން ފަށައިފިއެވެ. ދަރިފުޅުގެ ރުޅިވެރިކަން އިންފަހަނައަޅާ ގޮސްދާނެތީ ހިތުގައި ބިރުވެރިކަމެއް އުފެދިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟