ވާހަކަ

ދެކިލަން އެދޭތީ - 49

3

އައު ދުވަހަކަށް ފެނުން ތޮޅެލި އިރުގެ ދޯދިތަކާއެކު މާލޭގެ މަލަމަތި ހަލަބޮލިވެގެން ދިޔައެވެ. މަގުތަކަށް ވެރިވެފައި އޮތް ހިމޭންކަން ކެނޑި ކާރުބާރު ބޮޑުވާން ފެށިއެވެ. ޗުއްޓީ ދުވަސްކޮޅަށް ފަހު އޮފީހާއި ސްކޫލުތައް ހުޅުވުނު ދުވަހަށް ވުމުން އެހެނިހެން ދުވަސްތަކަށްވުރެން ބޮޑަށް މަގުމަތި ހަލަބޮލިކަމަށް ދައްކައެވެ.

ރޭގަނޑު އެއްގޮތަކަށް ވެސް ޖާދިންއަށް ލޮލުފިޔަޖަހާނުލެވުނެވެ. ޚިޔާލުތަކުގައި އޮތްވާ ހެނދުނަށް އިރު އަރައިފިއެވެ. އިރުގެ ދޯދިތައް ކޮޓަރީގެ ފަރުދާތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮޓަރީގެ ތެރެއަށް އެޅެމުން ދިޔައެވެ. އޭރު ހުޅުވާލެވިފައިވި ބެލްކަނީގެ ދޮރުން ހެނދުނުގެ ފިނި ރޯޅިތައް ކޮޓަރިއަށް ވަންނަމުން ދިޔައެވެ. ބަނާތު ގެނެސް ހަށިގަނޑު ނިވާކޮށްލަމުން ތަންމަތީގެ އަރާމު ލިބިގަނެވޭތޯ ޖާދިން މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އޭނަގެ މުޅި ތަބީއަތު ވަނީ ގޯސްވެފައެވެ. އެންމެފަހުން އެނދުން ތެދުވެގެން ގޮސް އަލަމާރި ހުޅުވާލާފައި ސޯޓެއް ނަގައި ފަޔަށް މަހާލިއެވެ. ޖިމަށް ދިއުމަށް ލައި އުޅޭ ކޮނޑުކެނޑި ބޮލުން ވައްޓާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކަސްރަތުކޮށްލުމުން ސިކުނޑިއަށް ލުޔެއް ލިބިދާނެޔޭ ހިތަށް އެރިއެވެ.

ކޮނޑުގައި ޖިމް ދަބަސް އަޅުވައިގެން، ކޮޓަރިން ނިކުންނަން ޖާދިން ދިޔައެވެ. ދޮރާއި ހަމައަށް ދެވުނުތަނާ ޚިޔާލު ބަދަލުވުމުން، ޖިމް ދަބަސް ގެންގޮސް އެއޮތްނަ ތަނުގައި ބޭއްވުމަށްފަހު ގޮސް އެނދަށް ވެއްޓިގަތެވެ. އެހެން އޮތްނަތާ އިރުކޮޅެއް ފާއިތުވެ ދިޔައެވެ. ކޮޓަރިން ނިކުންނަ ހިތެއް އޭނަ ނުވެއެވެ. މަންމައާއި ބައްޕައާ ކުރިމަތިލާން ބޭނުން ނުވާތީއެވެ. އެއްގެއެއްގެ ތެރޭގައި އުޅޭއިރު އެއީ މުސްތަހީލުކަމެއްކަން ރޭކާލުމުން ހިތްވަރުކޮށްލަމުން އެނދުން ތެދުވިއެވެ. މައިންބަފައިންނާއި ކުރިމަތިލައިގެން މެނުވީ އެހިތަށް ދެނެއް ހަމަޖެހުމެއް ނުލިބޭނެއެވެ. އެހާ ބޮޑަށް އޭނަ ފަސްޖެހެވެނީ ކީއްވެބާވައޭ ވެސް ހިތާއި ސުވާލުކުރެވުނެވެ. އޭނަ ގޯސްކަމެއް ނުކުރެއެވެ. އަޑު ގަދަވެގެން ބައްޕަގެ ކޮޓަރި ކައިރިއަށް ދިޔައީ ވެގެން އުޅޭ ގޮތެއް ސާފުކުރުމަށެވެ. އެހެނަސް ކަންފަތަށް އަޑުއިވިގެން ދިޔައީ ބިރުވެރި ޚަބަރެކެވެ. އޭގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް ވެސް ބުރޫ އަރައިފިއެވެ. މުޅި މީހާއަށް ބިރުވެރިކަން ލިބިފައި ވިއެވެ. ހަޤީޤަތް އަޑު އެހުމުގެ ކުޅަދާނަކަން ލިބިގެން ވޭބާވައޭ ވެސް ޒަމީރާއި ސުވާލުކުރެވުނެވެ.

ސިއްރުސިއްރުން މުޅި ގޭތެރެއަށް ނަޒަރު ހިންގަމުން ސިއްރުސިއްރުން ޖާދިން ސިޑިން ފޭބިއެވެ. ހީވީ އެއްވެސް މީހަކަށް ފެންނަން ބޭނުން ނުވާ ހެންނެވެ. އޭނަގެ އަމާޒު ހުރީ ބަދިގެއަށް ދިއުމަށެވެ. ކޮފީއެއް ބޯލައިގެން ވިޔަސް ސިކުނޑީގެ ހާސްކަމަށް ނިމުމެއް ގެންނަން ބޭނުން ވިއެވެ. ރޭގަނޑު ނުނިދުމުގެ ސަބަބުން އެރީތި ދެލޮލުން ވަރުބަލިކަން ފެނެއެވެ. މޫނުމަތި ވެސް ވަނީ މިލާފައެވެ. ފަން އިސްތަށިގަނޑުގެ ބޮޑު ބައެއް ވެސް ނިތްކުރި މައްޗަށް ވެއްޓިފައި އޮތެވެ.

ބަދިގެއަށް ވަދެ އަވަސްއަވަހަށް ކޮފީމެޝިން ކައިރިއަށް ޖާދިން ހުއްޓުނެވެ. އޭރު ބަދިގޭގައި ހެނދުނުގެ ނާޝްތާ ތައްޔާރުކުރަން ނޯކަރުންތަށް ހޭބޯނާރާ އުޅެއެވެ. ނޯކަރުންނަށް ޖާދިން ފެންނައިރަށް އަދަބުއިހުތިރާމް އަދާކުރިއެވެ. ބަދަލުގައި ޖާދިން ހިނިތުންވެލިއެވެ.

ކޮފީމެޝިން ކުރިމައްޗަށް ހުއްޓިލަމުން ޖާދިން އޭނަގެ ހަރަކާތްތަށް އަވަސްކޮށްލިއެވެ.

''ޖާދިން...'' އިވިގެން ދިޔައީ ބަސްމާގެ އަޑެވެ.

ޖާދިން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ކޮފީތަށި ބަންޑުން ނުވީ ވެސް ހަމަކިރިޔާއެވެ. ފަސްއެނބުރި ބަލައިލެވުނު ހިނދު ތަންކޮޅެއް ދުރުގައި މަންމަ ހުއްޓިގެން ހުރި މަންޒަރު ފެނުނެވެ. އެމޫނުމަތިން ނުތަނަވަސްކަމާއި މޮޅިވެރިކަމުގެ އަސަރު ޖާދިން ދުށްޓެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޖާދިންއަށް ހުރެވުނެވެ.

''މޫނަށް ކިހިނެއްވެފަތަ ތިހުރީ؟......'' ޖާދިންއަށް ފަރުވާތެރިކަމާއެކު ބަލައިލި ބަސްމާއަށް ދެލޯބޮޑުކޮށްލެވުނެވެ. އަވަސްއަވަހަސް ޖާދިންގެ ގާތަށް ދެވުނެވެ. ނަމަވެސް ހުއްޓެވުނީ ރޭގެ ހާދިސާ ހަނދާންވުމުންނެވެ. އިތުރަށް އެންމެ ފިޔަވަޅެއް އެޅުމުގެ ހިތްވަރު ވެސް ނުލިބި އިސްޖަހާލެވިއްޖެއެވެ. ބިރުވެރިކަން އެހިތުގައި ވިންދުޖަހަމުން ދިޔައެވެ. ޖާދިން އޭނަދެކެ ނަފުރަތުކޮށްފާނެ ކަމުގެ ބިރާއެކު މޭގައި ރިހުމެއް އުފެދެން ފެށިއެވެ. އާރަބް ބުނިފަދައިން ދެން އިތުރަށް ފިލަން ދުވޭކަށް ވެސް ނެތެވެ. މިއީ އެކަމާއި ކުރިމަތިލާން ޖެހޭ ވަގުތެވެ. ޖާދިންގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ބޭނުންވެފައިވާނެކަން ބަސްމާއަށް ނަގައިގަނެވުނެވެ. އެއާއެކު ތުންފަތް ހަރަކާތްކޮށްލެވުނެވެ. ނަމަވެސް ހިތުގެ ގިލަންވެރިކަމާ ހުރެ ހިތްވަރު އެލިގެން ދިޔައެވެ. އެވާހަކަތަކަށް ފަހު އޭނައާއި މެދު ޖާދިން ދެކެފާނެ ގޮތް ބަދަލުވާނެކަން ގައިމެވެ. ނަފުރަތުކުރާނެކަން ގައިމެވެ. ޝަބާނާ ޚިޔާރުކޮށްފާނެ ކަމުގެ ބިރުވެރިކަމާ ހުރެ މީހާއަށް ހާސްކަން ލިބުނެވެ. ފިލަން ވަންނާނެ އަސްކަންޏެއް ވެސް ނެތެވެ. ހެދޭނެ ދޮގެއް ވެސް ނެތެވެ. ހާދަ ދެރައެވެ. މިއީ އޭނަ ކުރި ކުށުގެ ސަޒާ ހެއްޔެވެ؟

''ކުޑަ އެކްސިޑެންޓެއް ދިމާވީ...'' މަންމައަށް ބަލަން ހުރެފައި ޖާދިން ބުނެލިއެވެ. މާކިންއާ ދެމެދު ހިނގި ކޯޅުންގަނޑު ހަނދާނުގެ ލޯގަނޑަށް ސިފަވުމާއެކު އަނެއްކާ ވެސް ބޮލުގައި ރިއްސާލައިފިއެވެ.

''މަންމާ...'' ޖާދިންއަށް ގޮވާލެވުނެވެ. އެއަޑަށް ބަސްމާއަށް އިސްއުފުލައިލެވުނެވެ. ހިތަށް އެގޮވާލުމުން ރާހަތެއް ގެނެސްދިނެވެ.

''އަޅުގަނޑު ކުރާ ސުވާލަށް ޖަވާބު ދެވިދާނެތަ؟...'' ތެޅިތެޅި އޮތް ހިތަކާއެކު ޖާދިން ސުވާލުކުރިއެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުން ޖާދިންގެ ހިތަށް އުނދަގޫވިއެވެ. ބޮޑުކަމެއް ސިއްރުކުރަން އުޅޭކަން އޭނައަށް ނަގައިގަނެވުނެވެ.

ބަސްމާގެ ދޫ ހިމޭން ވެއްޖެއެވެ. ތުންފަތް ހަރަކާތްކޮށްލެވުނެވެ. އަޑެއް ނުނިކުތެވެ. ބިރުން ގޮސް މީހާ ދާހިތްލަން ފެށިއެވެ. ފިނިވެފައިވި ދެއަތުން ހެދުމުގެ ފަސްބައިގައި ހިފާލެވުނެވެ. ޖާދިން ކުރަން އެއުޅެނީ ކޮން ސުވާލެއްކަން ނައިގަނެވުނެވެ. ހިތަށް ތުރާލެއް ލިބުނަސް އެކަމާ ކުރިމަތިލުން ނޫން ގޮތެއް ނެތެވެ. ބަދިގެއަށް ނަޒަރު ހިންގާލަމުން ޖާދިން ގޮވައިގެން ބަސްމާ ދިޔައީ ގޭގެ ތިރީގައި ހުންނަ އާރަބްގެ އޮފީހަށެވެ. ވާހަކައިގެ ޒާތުން އިތުރު ކަންފަތަކާ ހަމައަށް އެވާހަކަތައް ފޯރާކަށް ބޭނުމެއް ނުވިއެވެ.

ސޯފާގައި ޖާދިންއާއި ބަސްމާ އިށީނދެގެން ތިއްބެވެ. ކުރިމަތީ ހުރި ރެޑްވުޑް މޭޒުމަތީގައި ޖާދިން ގެނައި ކޮފީތަށި ހުއްޓެވެ. އެއިން އަރަމުން ދިޔަ ހޫނު އާވިއާއެކު ކޮފީގެ ލުއި ވަސް މާހައުލަށް ފެތުރިފައި އޮތެވެ. ކޮފީތަށީގައި އަތްލުމުގެ ވިސްނުމެއް ޖާދިންގެ ނެތް ކަހަލައެވެ. އިސްތިރިކޮށްލައިގެން އޭނަ ދިޔައީ ވިސްނަމުންނެވެ. ހިތުގައިވި ސުވާލުތައް ދުލާ ހަމައަށް ގެންނާނެ ގޮތަކާ މެދުގައެވެ.

ޖާދިންއަށް ވާހަކަ ނުދެކެވެނީސް ބަސްމާ އިސްނަގައިފިއެވެ. އުނދަގޫ ކަމެއްކަމުގައި ވިޔަސް ފުރަތަމަ ފިޔަވަޅު އެޅީ ބަސްމާއެވެ. ޖާދިންގެ ގާތުން މަޢާފަށް އެދެމުންނެވެ. އެއަށްފަހު ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ސިހުމެއްގެ ތެރޭގައި ޖާދިން އެވާހަކަތައް އަޑުއަހަން އިނެވެ. އެވާހަކަތައް ނިމުމުން ވެސް އޭނަ އިނީ ހިމޭންވެފައެވެ. ވިސްނަން ނޭނގިފައެވެ. ހަޤީޤަތާ ކުރިމަތިލާނެ ގޮތެއް އޭނަގެ ސިކުނޑިއަކަށް ނޭނގުނެވެ. އޮޅުވާލުންތަކާއި ދޮގުތަކުގެ ސަބަބުން ހިތުގައި ރުޅިވެރިކަމުގެ ރޯޅިތައް ވެސް ދައުރުވާން ފެށިއެވެ. އެއިހުސާސަށްވުރެން ބޮޑަށް ހިތުގައި ވަނީ މާޔޫސްކަމެވެ. މަންމައާއި މެދު ދެކެވުނު ގޮތް ހިތަށް އަރާފައި ދެރަވިއެވެ. އެމަންމަގެ ކުށެއް ނެތްކަމާއި އޭނަ ދޫކޮށްނުލާކަން އެނގުމުން ޖާދިންގެ ހިތަށް އަސަރުކުރިއެވެ. އެމަންމަ އެންމެ ފަހުވަގުތާއި ޖެހެން ދެން ވެސް އޭނަ ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ހައްޔަރުވެ އެމަންމައަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބާއެވެ. ހިތްދަތިކަމާއެވެ.

ހަމަހޭވެރިކަންވުމާއެކު ފުންމައިގެންފައި ޖާދިންއަށް ކޮޅަށް ތެދުވެވުނެވެ. ޖާދިންއަށް ބަލަން އިން ބަސްމާގެ ހިތުގައި ޖެހި ރޮވިއްޖެއެވެ. ކަރުނުން ފުރެމުން ދިޔަ ދެލޮލުން ޖާދިންއަށް ބަލަން ބަސްމާ އިނެވެ. އޭނަގެ ހިތުގައި އޮތް ބިރު އެދަނީ ހަޤީޤަތަކަށް ވަމުންނެވެ. ކެތްކުރަން އިންތިހާއަށް ދަތިވިއެވެ. މިދުވަސް ދެކެން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ދެކެ ޖާދިން ނަފުރަތުކޮށްފާނެ ހެއްޔެވެ؟ އޭނަ ދޫކޮށްފައި ޝަބާނާގެ ގާތަށް ގޮސްފާނެ ހެއްޔެވެ؟

''ކީއްވެ؟...'' ޖަޒުބާތުގެ ގަދަ ކަނޑުގައި ބެހިގެން ދިޔަ ޖާދިންއަށް ބުނެވުނެވެ. އަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. ވަނީ މާޔޫސްކަމާއި ޝަކުވާއެވެ.

''މަންމައަށް މަޢާފްކުރޭ!...'' ގިސްލުމަކާއެކު ބަސްމާ ބުންޏެވެ. ''މަންމައަކީ ކުށްވެރިޔެއް، އެކަމަކު އެފަދައިން ކަންތައް ކުރެވުނީ ޖާދިންއާ ވަކިވާން ބޭނުން ނުވާތީ، އަމިއްލަ ދަރިޔަކަށް ހަދަން ބޭނުންވީތީ... ފަހަރެއްގައި ވެސް ޖާދިންގެ އަސްލު މަންމަގެ ހަޤީޤަތް ހޯދަން އުޅެފާނެތީ ދޮގު ހެދުނީ، މަންމަ ބޭނުން ނުވި ޖާދިން އޭނަގެ ގާތަށް ދާކަށް... މަންމައަށް މަޢާފްކުރޭ، އެއީ ބޭއިންސާފުން މަންމައަށް ކުރެވުނުކަމެއް...''

ޖާދިންގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. އެހިތް ރޮމުން ދިޔައީ އޭނަގެ މަންމައާ މެދު ކަންތައްވި އިހާނެތި ގޮތް ހިތަށް އެރުމުންނެވެ. އެމަންމަގެ ހިތުގައި މިހުރިހާ އަހަރެއް ވަންދެން އަޅާނެ ވޭނާއި ކެކުޅުންތައް އިހުސާސްކުރެވުނެވެ. ކިތައް ރޭ ކަރުނައިގެ ދާނުގައި އޭނަގެ ހަނދާންތައް އާލާކުރާނެއެވެ. ދަރިފުޅާ މެދު ފިކުރުކުރާނެއެވެ.

''މަންމަ މިހާރު ކޮބާތަ!...'' އުނދަގުލުން ޖާދިންއަށް ބުނެވުނެވެ. ''މާކިން... އެއީ... އެއީ އަހަރެންގެ ކޮއްކޮތަ؟...''

މާކިންއަކީ އޭނަގެ ކޮއްކޮއަށް ވެދާނެކަމުގެ ޚަބަރާއެކު ވެސް ޖާދިންގެ ބޮލުގައި ރިއްސަން ފަށައިފިއެވެ. އެހެން ކަންތައް ވެއްޖެނަމަ ވެދާނެ ގޮތެއް ވެސް ހިތަށް ގެންނަން ދައްޗެވެ. މާކިންއާ މެދު އޭނައަށް އަމަލުކުރެވިފައިވާ ގޮތްތައް ލޯކުރިމަތިން ސިފަވާން ފެށިއެވެ. މާކިންގެ މަންމައާ ދިމާއަށް ބުނެވުނު ބަދުބަސްތައް ވެސް ސިކުނޑިއަށް ސަވާރުވެ އިތުރު ތަކުލީފަކަށް ވެއްޖެއެވެ. މާކިންއަކީ އޭނަގެ ކޮއްކޮއަށް ވެއްޖެނަމަ ދެމީހުންގެ މަންމައަށް ވެސް ވާނީ އެކަކެވެ. ނޭނގި ނަމަވެސް ބަދު ބަސްތައް އަމާޒުކުރެވުނީ ޚުދު އޭނަގެ މަންމަ އަށެވެ. މިއީ ކޮންކަހަލަ ނުބައި ކުޅިބަރެއް ހެއްޔެވެ؟

''ޖަވާބު ދޭށޭ!...'' ބަސްމާގެ ހިމޭންކަމުގެ ޖާދިން ގާތަށް ރުޅިއައެވެ. ހަޅޭކުގެ އަޑު އެންމެފަހުން ބަދަލުވެގެން ދިޔައީ ހިތާމައިގެ އާހަކަށެވެ. މޭގައި ހިތް ފިތިބާރުވަމުން ދަނީއެވެ. ވޭން އިތުރުވަނީއެވެ.

''އާނ، އެއީ ޖާދިންގެ ކޮއްކޮ... ޖާދިންގެ މަންމަ މިހުރިހާ އަހަރެން ވަންދެން އެކަން އޮތީ ސިއްރުކޮށްފައި... އެކަން އެނގުނީ މާކިންގެ މައުލޫމާތު ހޯދުމުގެ ތެރޭން..'' ބަސްމާ ކިޔައިދިނެވެ. ޖާދިންގެ ފަރާތުން ފެނުނު ރުޅިވެރިކަމުން ބަސްމާއަށް އިތުރަށް ރޮވުނެވެ.

ބަސްމާގެ ޖުމްލައިން ޖާދިން ހުއްޓުން އެރިއެވެ. އޭނަ ވެސް މާކިންގެ މައުލޫމާތު އެއްކުރިއެވެ. ނަމަވެސް ޝައްކުވުމުގެ ފުރުސަތު އެހިތަށް ނުލިބުނީ އޭނައަށް އޮޅުވާލެވިފައި އޮތް މިންވަރުގެ ސަބަބުންނެވެ. ހަދާފައިވާ ދޮގުތަކުގެ ސަބަބުންނެވެ. އެކަމުގެ ރުޅިވެރިކަމުގެ ސަބަބުން މިއަދާ ޖެހެންދެން ވެސް އުފަން މަންމަގެ ނަމެއް ވެސް އަހާފައި ނުވެއެވެ. އުޅޭ ރަށަކާއި އެއްވެސް ޒާތީ މައުލޫމާތެއްވެސް ސާފުކޮށްފައި ނުވިއެވެ. ހިތުގައި އޮތް ރުޅިވެރިކަމުގެ ސަބަބުންނެވެ. ހަމައެއާއެކު އޭނައަށް ލޯބިދިން ދޮންމަންމަގެ ހިތުގައި ޖައްސަން ވެސް ބޭނުން ނުވާތީއެވެ.

''ނޫން!...'' ޖާދިންއަށް އޭނަގެ ބޮލުގައި ހިފަހައްޓަމުން ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއީ ވޭނުން ފުރިގެންވި ހަޅޭކެއްގެ އަޑެވެ. މާކިންއާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އަރާފައި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އަމިއްލަ ކޮއްކޮއަށް ކުރެވުނު މަލާމާތާއި ޖެއްސުމުގެ އިތުރުން ދެވުނު އަނިޔާތައް ހަނދާންވެ މޭގައި ރިހެން ފެށިއެވެ. ރަހުމުކުޑަކަމާއެކު އަމަލުކުރެވުނު އިހާނެތި ގޮތްތައް ހަނދުމަވާން ފެށިއެވެ. އެއީ އޭނަގެ ކޮއްކޮކަން ކުރިން އެނގުނުނަމަ އޭނަގެ އަމަލުތައް އެދަރަޖައަށް ދިޔައީސް ހެއްޔެވެ؟ އަނިޔާ ކުރެވުނީސް ހެއްޔެވެ؟ ނަފުރަތާއެކު ބެލުނީސް ހެއްޔެވެ؟ އޭނަގެ ލޯތްބަށް އެޅިފައި އޮތް ހުރަހެއްކަމުގައި ދެކެވުނީސް ހެއްޔެވެ؟

''ޖާދިން!...'' ރޮމުން ދިޔަ ޖާދިން ފެނި ބަސްމާއަށް ގިސްލެވުނެވެ. ލިބުނު ހިތާމަތައް ބަރުދާސްތުކުރަން ޖާދިންއަށް ދަތިވެއްޖެކަން ބަސްމާއަށް ދޭހަކުރެވުނެވެ. ދަރިފުޅުގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ. އެހެނަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރުޅިވެރިކަމުން ފުރިގެންވި ދެލޮލުން އޭނާއަށް ޖާދިން ބަލައިލުމުންނެވެ. އަދި ޝަހާދަތް އިނގިލި ދިއްކޮށްލުމަށްފަހު ދުރުގައި ހުރުމަށް އަމުރުކުރުމުންނެވެ. އެމަންޒަރު ފެނި އޭނައަށް އަނގަމަތީ އަތްއަޅާލެވުނެވެ. ވޭނީ ގިސްލުމެއްގެ އަޑު އަރުތެރޭން ނިކުތެވެ.

''ދުރުގަ ހުރޭ!...'' ރުޅިވެރިކަން ޖާދިންގެ މޫނުގައި ވިއެވެ. ބާރުބާރަށް ހިނގާފައި ގޮސް އޭނަ ބޭރަށް ނިކުތެވެ. އަދި ދެފަޔަށް ލެވުނުހާ ބާރެއްލާފައި ގޮސް ސިޑީގެ ހަރުފަތްތަކުގެ މަތިން ފުންމަމުން ކަހަލަ ގޮތަކަށް މައްޗަށް އަރަން ފެށިއެވެ. ޖާދިންއަށް ގޮވަމުން، ޖާދިންގެ ފަހަތުން ބަސްމާ ދިޔައެވެ.

ބަސްމާގެ ގޮވާލުމަށް އިޖާބަ ދިނުމެއްނެތި ޖާދިން ގޮސް ކޮޓަރިއަށް ވަނެވެ. އަޑުގަދަ ވެގެން އާރަބް ކޮޓަރިން ނިކުތީ އެދަނޑިވަޅުގައެވެ. އޭރު ޖާދިންގެ ކޮޓަރީގައި ޓަކިދެމުން ބަސްމާ ގޮވާ އަޑު އިވެއެވެ. މަސްލަހަތު ގޯސްވެއްޖެކަން އާރަބްއަށް ނަގައިގަނެވުނެވެ. އަވަސްއަވަހަށް އެދިމާއަށް ދެވުނެވެ.

''އާރަބް!...'' ބަސްމާއަށް ރޮވިފައިވާ އަޑަކުން ގޮވާލެވުނެވެ. ބަސްމާއަށް ބަލަން ހުރެފައި އާރަބް ވެސް ދޮރުގައި ޓަކިދިނެވެ. ޖަވާބެއް ނުލިބުނެވެ.

*****

ސިކުނޑިއަށް ވެރިވެފައިވި ހާސްކަމާއި ހިތްދަތިކަން ބަރުދާސްތުކުރާނެ ގޮތެއް ޖާދިންއަކަށް ނޭނގުނެވެ. އޭނަ ގާތަށް ރުޅި އަންނަން ފެށިއެވެ. ރުޅި ކޮންޓްރޯލުން ދޫވެގެން ދިއުމާއެކު ރުޅީގެ ރޯޅިތައް އަމާޒުކުރެވުނީ ކޮޓަރީގައި ހުރި ސާމާނުތަކަށެވެ. ރުޅިއާއި ހިތްދަތިކަން ޖާދިންގެ މޫނުމަތިން ފެނެއެވެ.

ރީތިވާ މޭޒަށް ޖާދިން ފައިން ދިން ހަލަމާއާއެކު، އޭތި ބިންމައްޗަށް ވެއްޓި، މޫނުބަލާ ލޯގަނޑު ތަޅައިގެން ދިޔަ އަޑު ނާމާންކަމާއެކު ކޮޓަރިއަށް ވެރިވެގެން ދިޔައެވެ. ސެންޓުފުޅިތައް ވެސް ތަޅައިގެން ގޮސް އެތިކޮޅުތަކަށް ބުރައިގެން ދިޔަ އަޑުފަށްގަނޑު ވެސް އިވުނެވެ. އެވަރުން ވެސް ޖާދިން މައިތިރިވާ ގޮތެއް ނުވިއެވެ. މުޅި ކޮޓަރިއަށް ނަގޫރޯޅިއެއް އަރުވާލަމުން އެނދުގެ ފައިލާކޮޅުން ބިމުގައި އިށީނެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް ތުނބުޅީގެ ތެރެއަށް ހިނދެމުން ދިޔައެވެ.

*****

''އާރަބް!...'' ޖާދިންގެ ކޮޓަރި ތެރޭން އިވެމުން ދިޔަ އަޑުތަކުން ބަސްމާއަށް ބިރުން ގޮސް އާރަބްގެ އަތުގައި ހިފައިލެވުނެވެ. އޭނައަށް ދެލޯ ވެސް ބޮޑުކޮށްލެވުނެވެ.

''ތަޅުދަނޑިފަތި ހިފައިގެން އާދެބަލަ...'' އާރަބް ވެސް ކަންބޮޑުވިއެވެ. އާރަބްއަށް ބަލަން ހުރި ބަސްމާ އަވަސްއަވަހަށް ބޯޖަހާލިއެވެ. އެއަށްފަހު ކޮޓަރިއަށް ދިއުމަށް ދުއްވައިގަތެވެ. ގޭގެ ހުރިހާ ތަނެއްގެ ތަޅުދަނޑިފަތި އޮތްނަނީ ބަސްމާ އަތުގައެވެ. ކޮޓަރިއަށް ވަދެވުމާއެކުގައި އަލަމާރި ހުޅުވާލަމުން ވަތްގަނޑު ދަމާލިއެވެ. ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަމުން ވަތްގަނޑު ތެރޭގައި އޮތް ތަޅުގަނޑިފަތި މުށުތެރެއަށްލަމުން ދުވެފައި ނިކުތެވެ.

''ދަރިފުޅާ ދޮރުހުޅުވަބަލަ...'' އާރަބް އާދޭހާއެކު ބުންޏެވެ. ބަސްމާ ގެނައި ތަޅުދަނޑިން ޖާދިންގެ ކޮޓަރީގެ ތަޅުދަނޑި ވަކިކުރުމަށްފަހު، ތަޅުދަނޑިވަޅަށް ކޮއްޕާލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު އާރަބް ދޮރު ހުޅުވާލިއެވެ. އާރަބްގެ ފަހަތުގައި ހުރި ބަސްމާ ވެސް ބިރުން ގޮސް ހަލާކުވާން ކައިރިވެއްޖެއެވެ.

ކޮޓަރީގެ ދޮރު ހުޅުވިގެން ދިއުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ތަރުތީބު ގެއްލިފައި އޮތް މަންޒަރެވެ. ހީވަނީ ނަގޫރޯޅިއެއް އަރައި މުޅިތަން ސުންނާފަތިވެފައި އޮތް ހެންނެވެ. އެނދުގެ ފައިލާކޮޅުގައި އިސްދަށަށް ޖަހައިގެން ރޯން އިން ޖާދިން ފެނި އާރަބްއަށް ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ. ދަރިފުޅުގެ ހިތްދަތިކަން ފެނި އެހިތަށް ވަރަށް އަސަރުކުރިއެވެ.

ދޮރުހުޅުވުނު އަޑަށް އެދިމާއަށް ޖާދިން ބަލައިވެސް ނުލިއެވެ. ހަމަ އިން ގޮތަށް އިނީއެވެ. އިސްތިރިކޮށްލައިގެންނެވެ.

ޖާދިންގެ ގާތަށް ގޮސް ތިރިވި އާރަބްއަށް ދަރިފުޅުގެ ގައިގައި ބައްދާލެވުނެވެ. މިއަދު އެދަރިފުޅު އުފުލަމުން އެދާ ހުރިހާ ހިތާމައެއްގެ ހިއްސާދާރަކީ އޭނައެވެ. އެންމެ ބޮޑު ކުށްވެރިޔަކީ ވެސް އޭނައެވެ. އަނިޔާވެރިޔަކީ ވެސް އޭނައެވެ.

ބައްޕަގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕާލަން ޖާދިން އުޅުނެވެ. ނަމަވެސް އެހިތްވަރު ވެސް އޭނައަށް ނުލިބުނެވެ. އަތް ތިރިކޮށްލަމުން އޭނައަށް ރޮވުނެވެ. އާރަބްގެ ދެލޮލުން ވެސް ކަރުނަ ނީރާލިއެވެ. ދަރިފުޅުގެ ހިތަށް ކޮއްފައިވި އަސަރު އޭނައަށް އިހުސާސްކުރެވުނެވެ.

''ދަރިފުޅު ނިންމާ ކޮންމެ ގޮތަކަށް ބައްޕަ ހުރި ޤަބޫލުވާނަން، މިހެން ކަންތައް ވެފައިވަނީ ބައްޕަގެ ސަބަބުން، ބައްޕައަށް މަޢާފްކޮށްދޭތި...'' ކުރެހިފައިވާ އަޑަކުން އާރަބް ބުނެލިއެވެ.

''ކީއްވެ؟، މަންމައާ މެދު އެފަދައިން ކަންތައް ކުރީ ކީއްވެ!...'' ޖާދިންއަށް ޝަކުވާ ކުރެވުނެވެ. އެސުވާލަށް ދޭނެ ޖަވަބެއް ނޭނގި އާރަބްއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. ދުރުގައި މަންޒަރު ބަލަން ރޮވިފައި ބަސްމާ ހުއްޓެވެ.

''މަންމަ ގެނެސްދީ!...'' ޖާދިންގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އާދޭހެވެ.

*****

މެންދުރެވެ. އީވާއާ ފޯނުން ވާހަކަދައްކަން އޮވެފައި މާކިން ކޮޓަރިން ނިކުތީ މެންދުރުގެ ކެއުމަށް އައުމަށް ރޫބީ ގޮވާލުމުންނެވެ. ރޭގައި ޖާދިންއާ ދެމެދު ހިނގި ކޯޅުންގަނޑުގެ ވާހަކަ މާކިން ހިއްސާ ނުކުރެއެވެ. އީވާއަށް ލިބިދާނެ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. މިހާރު ވެސް އީވާ ވިސްނަން ޖެހޭ އެތައްކަމެއް ވަނީ ކުރިމަތިވެފައެވެ. އެހެންވުމުން އިތުރު ހާސްކަމެއް އީވާއަށް ލިބެން މާކިން ބޭނުމެއް ނުވިއެވެ. އީވާއާ ވާހަކަދެއްކުމުން މާކިންގެ ހިތަށް ފިނިކަމެއް ލިބުނެވެ.

''މިހާރު ކިހިނެއްތަ؟...'' މާކިން އައިސް ކާކޮޓަރިއަށް ވަންތަން ފެނި ސުފުރާމަތި ތައްޔާރުކުރަން ހުރި ޝަބާނާ އެހިއެވެ. ޝަބާނާގެ ނަޒަރު މާކިންގެ މޫނުގައި ހުރި ޒަހަމަތްކަށް ދަތުރުކުރިއެވެ.

''ކުރިއަށްވުރެން ރަނގަޅު...'' ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީންނަމުން މާކިން ހިނިތުންވެލިއެވެ. އޭރު ރޫބީ ވެސް ޝަބާނާގެ އެނދުމުގެ މަތިން ގޮނޑީގައި އިށީނދެ ކާން ތައްޔާރުވެލިއެވެ.

''މަންމަ ހާދަ ރުޅިއެއް އެބާއާދެޔޭ މާކައިންގެ ސައިކަލުގައި ޖެއްސި މީހާ ދެކެ، އަދި އެހީތެރިވުމެއް ވެސް ނެތޭ، ކީއްތަ ވާނީ ހޮސްޕިޓަލަށް ގެންގޮސް ދިންނަމަ ވެސް...'' ކުދިކިޔަމުން ޝަބާނާ ދިޔައެވެ. އެހެން ހުއްޓާ ހައިރާންކަން ލިބުނީ ގޭގެ ބެލްޖެހި އަޑަށެވެ. އެއީ އާންމުކޮށް މީހުން އައިސް އުޅޭ ގެޔެއް ނޫނެވެ.

''ރޫބީ މަޑުކުރޭ، އަހަރެން ގޮސްފާނަން...'' ގޮނޑިން ތެދުވާން އުޅުނު ރޫބީގެ ކޮނޑުގައި ފިރުމާލަމުން ޝަބާނާ ހިނގައިގަތީ ދޮރުހުޅުވަން ދިއުމަށެވެ. މާކިންއާއި ރޫބީއަށް އެކަކު އަނެކަކާއި ނަޒަރު ބަދަލުކޮށްލެވުނެވެ.

*****

ދޮރުހުޅުވާލުމާއެކު ޝަބާނާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ދޮރުކުރިމަތީ ހުރި އާރަބްއަށް ބަލަން ހުރެވުނީ ހައިރާންވެ އަންތަރީސްވެފައިވާ ހާލުގައެވެ. ނިކަން ހަލުވިކަމާއެކު އެސްފިޔަތައް ތަޅުވާލެވުނީ ލޯކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބަދަލުވެދާނެ ކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. ޝަބާނާއަށް ދޮރުގެ ތަޅުން ދޫކޮށްލެވުނެވެ. އަދި ފަހަތަށް ފިޔަވަޅުތަކެއް އަޅައިލެވުނީ ފައިގެ ދަށުގައި އޮތް ބިންގަނޑު ގުޑައިގެން ދިޔަހެން ހީވުމުންނެވެ. ނޭވާލާން ވެސް އުނދަގޫވެފައިވާ ހާލު އާރަބްއަށް ބަލަން ޝަބާނާ ހުއްޓެވެ. ޤަބޫލުކުރަން ދަތިވެފައެވެ. ހިތުގެ ތެޅުން ވެސް ހިނދަށްހިނދަކަށް އަވަސްވަމުން ދިޔައެވެ.

ޝަބާނާ ފެނި އާރަބް ވެސް ހުއްޓުން އެރިއެވެ. ފަރުވާތެރިކަމާއެކު ޝަބާނާގެ މޫނަށް ބަލައިލެވުނެވެ. އެއީ ކުރީގެ ޝަބާނާއެއް ނޫނޭ އާރަބްގެ ހިތަށް އެރިއެވެ. މޫނުމަތިން ފެންނަނީ އަނަރޫފަކަމެވެ. ތުންފަތުގައި ކުރިން ވާ ހިނިތުންވުމެއް ނުވެއެވެ. ދެލޮލުގައިވާ އޯގާތެރިކަމުގެ އަސަރެއް ވެސް ނުވެއެވެ. އެއާ ޚިލާފަށް ފެންނަނީ މޮޅިވެރިކަމެވެ. މާޔޫސްކަމެވެ. ހިތްދަތިކަމުގެ އަސަރެވެ. އެއާއެކު ކުށްވެރިކަމުގެ އިހުސާސްތަކުން މީހާ ވަށާލައިފިއެވެ. ޝަބާނާގެ ކުރިމަތީގައި އާރަބްއަށް އިސްޖަހައިލެވިއްޖެއެވެ.

''އާ..އާރަބް؟...'' އަޅައިގަންނަމުން ޝަބާނާއަށް ބުނެވުނެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައީނުން މޭގައި ރިހުމެއް އުފެދެން ފެށިއެވެ. އެތައް އަހަރެއް ކުރިން އެހިތުގައި ލެވުނު ޒަހަމްތަކުން ލޭހިލިގެން ދިޔައެވެ. މަލަންތައް ނެއްޓި ޒަހަމްތަކުގެ ތާޒާކަން އިހުސާސްކުރެވެން ފެށުނެވެ. މާޒީގެ ދުވަސްތައް ސިފަކުރެވި ލޮލުން ކަރުނަ ހިލިގެން އައީ ލިބުނު ހިތްދަތިކަމުންނެވެ. މިހުރިހާ އަހަރެއް ފަހުން އާރަބް އެއައީ ކީއްވެގެން ހެއްޔެވެ؟ އެއީ ޝަބާނާގެ ހިތުގައި އުފެދުނު ހަމައެކަނި ސުވާލެވެ.

''މަންމާ، ކާކުތަ؟...'' ޝަބާނާގެ ޚަބަރެއް ނުވެ ގިނައިރުވާން ފެށުމުން ކާކޮޓަރިން ނިކުތް މާކިން ގޮވާލިއެވެ. ޝަބާނާއަށް ހަމަހޭވެރިކަންވީ ދެނެވެ. މިހުރިހާ ޒަމާނެއް ވަންދެން އާރަބްއަށް ސިއްރުކުރަން އުޅުނު ކަންތައް ފަޅާއަރާފާނެތީ ގަތީ އަމަށަކު ބިރެއް ނޫނެވެ. އާރަބްއާ ވަކިކޮށްލެވުނު ޝަބާނާގެ ނަޒަރު ގޮސް ހުއްޓުނީ މާކިން އަށެވެ. އޭރު މާކިން ހުރީ އާރަބްއަށް ބަލަންށެވެ.

އާރަބް ވެސް މާކިންއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މާކިން ބޮޑަށް ވައްތަރީ ޝަބާނާއެވެ. ނަމަވެސް ސަމާލުވެ ބަލަންފެށުމުން އޭނަގެ ސިފަތައް ވެސް އެމޫނުމަތިން ފެންނަން ފެށިއެވެ.

ހިތަށް ކުރުވި ފުން އަސަރުތަކާއެކު މާކިންއަށް ބަލަން އާރަބްއަށް ހުރެވުނެވެ. އެތެރެއަށް ޖެހިލެވުނީ ބޭއިހްތިޔާރުގައެވެ.

''މަންމަ ދަންނަ މީހެއްތަ އެއީ؟...'' ހައިރާންކަމާއެކު ޝަބާނާއަށް ބަލަމުން މާކިން ސުވާލުކުރިއެވެ. ދަންނަ މޫނެއްހެން ވެސް އޭނައަށް ހީވިއެވެ. ހައިރާންކަމާއެކު ބަލަން ހުރެވުނީއެވެ.

''މާކިން!...'' ހާސްވެގެން ގޮސް ހަދާނެ ގޮތެއް ޝަބާނާއަކަށް ނޭނގުނެވެ. އާރަބްއަށް މާކިންގެ ހަޤީޤަތް އެނގުނީ ބާވައޭ ވެސް ޝަބާނާގެ ހިތަށް އެރިއެވެ. އަވަސްއަވަހަށް ގޮސް އޭނައަށް ހިފުނީ މާކިންގެ އަތުގައެވެ. މީރާން އޭނަގެ އަތުން ޖަހައިގަނެގެން ގެންދިޔަ ފަދައިން މާކިން ވެސް ގެންގޮސްފާނެ ކަމުގެ ބިރުވެރިކަން ޝަބާނާގެ ހިތަށް ވެރިވިއެވެ. އެދުވަސްތައް މިއަދު ވީ ކަމެއް ފަދައިން އަދިވެސް ޝަބާނާގެ ހިތުގައި ބިންވަޅުނެގިފައި ވެއެވެ. އާރަބްގެ ފަރާތުން އިތުރު ދަރިޔަކު ލިބުނުކަން ޝަބާނާ ސިއްރުކުރީ ވެސް އެހެންވެއެވެ. މާކިން ދުނިޔޭގައި ހުރިކަން އެނގިއްޖެނަމަ އެދަރިފުޅު ވެސް ގެންގޮސްފާނެކަމުގެ ބިރަށެވެ. ދެދަރިންވެސް އަތުން ބީވެގެން ދާން އޭނަގެ ހިތެއް ނޭދުނެވެ. މިހުރިހާ އަހަރެއް ވަންދެން މާކިންއަށް އޭނަގެ ބައްޕަގެ ހަޤީޤަތް ވެސް ސިއްރުކޮށްފައި އޮތީ ހިތުގައި އޮތް ބިރުވެރިކަމުގެ ސަބަބުންނެވެ.

''މަންމާ...'' މަންމަގެ މޫނުމަތިން ފެންނަމުން ދިޔަ ބިރުވެރިކަމުން މާކިން ކަންބޮޑުވިއެވެ. ދޮރުކުރިމަތީ ހުރި ފިރިހެންމީހާއަށް އަނެއްކާ ވެސް ބަލައިލެވުނެވެ.

މާކިންއަށް އޭނަގެ ބައްޕަގެ އެއްވެސް މައުލޫމާތެއް ޝަބާނާ ހިއްސާކޮށްފައި ނުވެއެވެ. އެންމެ ކުޑަމިނުން ފޮޓޯއެއްހާ މިންވަރު ވެސް ދައްކާފައި ނުވެއެވެ. އާރަބްގެ ހަނދާންތަކުން އެހިތަށް ވޭން ލިބޭތީ ހިއްސާކުރަން ދަތިކަމަށްވީ އެވެ. އައު ދިރިއުޅުމަކާއި ކުރިމަތިލި ހިނދު އާރަބްގެ ހުރިހާ ހަނދާންތައް ހަޔާތުން ފޮހެލަން ޝަބާނާ މަސައްކަތްކުރިއެވެ. އެފޮޓޯތަކުން ހިތްދަތިކަން ލިބޭތީ އަންދާލިއެވެ. މީރާންގެ ކުޑައިރުގެ ފޮޓޯގަނޑެއް މެނުވީ މާޒީގެ ހަނދާންތައް އޭނަގެ އަތުގައި ރައްކާކޮށްފައި ނެތެވެ. މާކިންއަށް ވެދިޔަ ކަންތައް ސިއްރުކުރަމުން ދަނިކޮށް، އޭނަގެ އަތުގައި އޮތް މީރާންގެ ކުޑައިރުގެ ފޮޓޯ އެއްދުވަހަކު މާކިންއަށް ފެނި ފެންމަތިވި ސުވާލުތަކުން މާކިންއާއި އެއްބަނޑުއެއްބަފާ ބޭބެއެއް ހުންނަކަން ބުނެދިނެވެ. ނަމަވެސް މާބޮޑު ތަފުސީލެއް ނުދިނެވެ. މަންމަގެ ފަރާތުން ފެނުނު ހިތްދަތިކަމުން އިތުރަށް ސުވާލުކުރާކަށް ވެސް މާކިންއަކަށް ނުކެރުނެވެ. އެއީ މަންމަގެ ހިތަށް ވޭން ލިބޭ ކަމަކަށް ވުމުން މާކިން ފަސްޖެހެވުނީއެވެ. ބައްޕައާ މެދުގައި މާކިންގެ ހިތުގައި ނަފުރަތު އުފެދުނެވެ. ހަމައެއާއެކު އެހާ ގިނަ އަހަރުތަކެއް ފާއިތުވެ ދިޔައިރުގައި ވެސް މަންމަގެ ހާލު ބަލައިނުލީތީ ބޭބެ ދެކެ ވެސް ނަފުރަތު ކުރިއެވެ.

''ޝަބާނާ...'' އާރަބްއަށް ގޮވާލެވުނެވެ.

''ކީއްކުރަން ތިއައީ؟...'' ހިތްދަތިކަމުގެ ރާގަކަށް ޝަބާނާ އެހިއެވެ. ''މިހުރިހާ އަހަރެއް ފަހުން ތިއައީ ކީއްކުރަންތަ!...''

''ޝަބާނާ...'' އަނެއްކާ ވެސް އާރަބްއަށް ގޮވާލެވުނެވެ.

''ދޭ!، މިތަނުން ދޭ!، އާރަބްގެ މޫނު ދެކެން ވެސް އަހަރެން ބޭނުމެއް ނުވޭ!...'' ކުރެހިފައިވާ އަޑަކުން ޝަބާނާއަށް ބުނެވުނެވެ. ދެކެވެމުން ދިޔަ ވާހަކަތަކުގެ މާނަ ނަގައިގަންނަން މާހިރެއްގެ ލަފާ މާކިންއަށް ބޭނުމެއް ނުވިއެވެ. މަންމަގެ ހިތްދަތިކަމުން ކުރިމަތިން ފެންނަމުން އެދާ ހައިބަތު ހުރި ފިރިހެނާއަކީ އޭނަގެ ބައްޕަކަން ޔަޤީންކުރެވުނެވެ. ހިތަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ ދިނެވެ.

''މަންމަ އެބުނީއެއްނު ނިކުމެގެން ދާށޭ!...'' ހަރުކަށިކަމާއެކު ކުރިއަށް ޖެހިލަމުން މާކިން ބުނެލިއެވެ. މާކިންގެ ރުޅިވެރިކަމުން އާރަބްގެ ހިތަށް އަސަރުކުރިއެވެ. އެރުޅިވެރިކަމަކީ އޭނައަށް ޖާއިޒް އެއްޗެއްކަމަށް ޔަޤީންކުރެވުނެވެ.

''ޝަބާ، އަހަންނަށް މަޢާފްކުރޭ... ވެދިޔަ ކަންތަކާ މެދު އަހަރެން ދެރަވޭ، އަހަރެންގެ ފީކަޅާ ކަމުން މިއަދު އަހަރުމެންގެ ދަރިންނަށް ހިތްދަތިކަން ލިބިފައިވަނީ، ޖާދިން... ނޫން! މީރާން... މީރާން ވެސް ބޮޑެތި އޮޅުވާލުންތަކެއްގެ ތެރޭގައި ބެހެއްޓުނީ... އެދަރިފުޅަށް ޝަބާއާ މެދު ކަންތައް ކުރެވުނު ގޮތް އެނގިއްޖެ...'' ކުށްވެރިކަމުގެ އިހުސާސާއެކު އާރަބްއަށް ބުނެވުނެވެ.

''މީރާން!، މީރާން ކޮބާތަ؟...'' އާރަބްގެ ޖުމްލައާއެކު ޝަބާނާއަށް ތެޅިގަނެވުނެވެ. އާރަބްގެ ގާތަށް އޭނައަށް ދެވުނީ އިހުތިޔާރަކާ ނުލާއެވެ. އެދަރިފުޅުގެ ނަން އިވުމުން ވެސް މައިވަންތަކެއް ލޯބި އުތުރިއަރައިގެން ދިޔައެވެ. ދަރިފުޅު ދެކިލަން އެދެވުނެވެ. އެދަރިފުޅާ ބައްދަލުކޮށްލަން ބޭނުން ވިއެވެ.

ޓީވީން އާރަބްއާއެކު ދެފަހަރެއްގެ މަތިން މީރާން ފެނިލުމުގެ ނަސީބު ޝަބާނާއަށް ލިބުނެވެ. އެދަރިފުޅަށް އޭނަ ދިން ނަން ވެސް ބަދަލުކޮށްފައިވުމުން އެހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އެދުވަހު ޝަބާނާއަށް ވަރަށް ގަދަޔަށް ރޮވުނެވެ. އެދަރިފުޅު ދެކިލަން އެދެވި ހިތް ބޭޤަރާރުވިއެވެ. ލޮލުން ލޭކަރުނަ ހިލުނެވެ. އެކަނިވެރިކަމާއި ހިތްދަތިކަމުން ނަފުސަށް ސަޒާ ލިބުނެވެ. ދުރުން ބަލައިގެން ހިތްހަމަޖެއްސާލުން ނޫން ގޮތެއް ނެތޭ ޝަބާނާގެ ހިތަށް އެރިއެވެ.

''މީރާން އެދެނީ އޭނަގެ މަންމައާއި ބައްދަލުކުރަން...'' އާރަބް ބުނެލިއެވެ. ''ކީއްވެތަ މާކިންގެ ވާހަކަ އަހަންނަށް ސިއްރުކުރީ؟... އިތުރު ދަރިއަކު ހުރިކަން އަހަންނަށް ނޭންގީ ކީއްވެގެންތަ؟...''

އާރަބްގެ ފަރާތުން ފެންނަނީ މާޔޫސްކަމެވެ.

''މީރާން ފަދައިން މާކިން ވެސް ގޮވައިގެން ހިނގައިދާނެތީ، އަހަންނަށް އޭރު އޮތީ ބަސްމާއަކީ ދަރިން ނުލިބޭ މީހެއްކަން އެނގިފަ...'' ކަރުނައިގެ ތެރޭން އާރަބްއަށް ޝަބާނާ ބުނެލިއެވެ.

''ބަލިވެ އިންކަން އެނގުނީ ކޮންއިރަކުތަ؟...'' ހިތަށް އުނދަގޫ ވިޔަސް އެސުވާލުތަކުގެ ޖަވާބު އެނގެން އާރަބް ބޭނުމެވެ.

''އާރަބް އަހަރެން ވަރިކޮށްލާފައި މީރާން ގޮވައިގެން ދިޔަ ދުވަހު، އެދުވަހު އަހަރެން ޖެޓީ މައްޗަށް ޚަބަރު ހުސްވެގެން ވެއްޓުނީ... ހޭއެރިއިރު އޮތީ ސިއްހީމަރުކަޒުގައި... ހެދި ޓެސްޓްތަކުން އެނގުނީ ބަލިވެއިންކަން، އޭރު ބަނޑަށް ދެ މަސް... އެކަމުން އަހަރެންގެ ހިތްދަތިކަން އިތުރުވި... ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ވަރަށް ހިތްވަރުކުރިން، ރަށުގައި އުޅުނު މީހުން ބޭނުންވި އާރަބްއަށް އަންގަން، އެކަމު އަހަރެން ބިރުގަތީ، ވަގުތުން މަނާ ކުރިން... ދަރިފުޅު އުފަންވުމުން ގެންގޮސްފާނެކަމުގެ ބިރު ހިތުގައި އުފެދުނީ... ވޭނާއި ހިތްދަތިކަމުގައި ވަނިކޮށް ސަކީނާއްތަ ރަށަށް އައިސް އަހަރެން ގޮވައިގެން ސަކީނާއްތަގެ ފިރިމީހާގެ ރަށަށް ދިޔައީ، އެރަށުގައި ހުއްޓާ އަހަންނަށް މާކިން ލިބުނީ، އަހަރެންގެ އެދެމުގެ މަތިން ސަކީނާއްތަ ވެސް އާރަބްއަށް އެއްވެސްކަމެއް ނާންގާ، ކަންތައް ސިއްރުކުރަން ހަދައިގެން އަހަރެންގެ އަތުން ވެސް ގޯސް ހެދުނު، މާކިން ގާތު ދޮގު ހެދުނު، އާރަބްގެ މައުލޫމާތެއް ވެސް ނުދެވުނު، ހަޤީޤަތަށް ބުނަނީނަމަ ދޭން ބޭނުމެއް ނުވީ... އާރަބް ކަންތައް ކުރި ގޮތުން އަހަރެންގެ ހިތުގައި އޮތީ ރުޅިވެރިކަން... އަހަރެން ބޭނުންވީ އެހުރިހާ ކަމެއް ހަނދާން ނައްތާލާފައި އައު ދިރިއުޅުމެއް ފަށަން......'' ޝަބާނާ ކިޔައިދިނެވެ. އޭނަ ވަރިކޮށްފައި އާރަބް ދިޔަ ދުވަހުން ފެށިގެން އޭނަގެ ވޭނީ ފަލްސަފާ ހިއްސާކުރިއެވެ.

ކުށްވެރިކަމާއެކު އާރަބްއަށް އިސްޖަހާލެވުނެވެ.

''އަހަންނަށް ކުރެވުނީ މަޢާފް ހައްޤުވެގެންވާކަމެއް ނޫން!... ޝަބާއަށް ކަންތައް ކުރެވުނީ ރަނގަޅަށް، މާކިން ދުނިޔޭގައި ހުރި ކަން އެނގުނު ނަމަ މީރާން ފަދައިން އެދަރިފުޅު ވެސް ގެންދަން މަސައްކަތްކުރެވުނީސް... އަހަންނަށް ހެދުނު ގޯސްތަކުން މިހެން މިވީ... މާކިން...'' ދުރުގައި ހުރި މާކިންއަށް އާރަބް ބަލައިލިއެވެ. ހާމަވެގެން ދިޔަ ހަޤީޤަތުން މާކިން ހުރީ ދެލޯބޮޑުވެފައެވެ. އެންމެ ބޮޑު ސިހުމެއް ލިބުނީ އޭނަގެ ބޭބެއަކީ ޖާދިންކަން އެނގުމުންނެވެ. ހިތަށް ވެގެން ދިޔައީ ނުބައި ގޮތެކެވެ. ޖާދިން އެންމެ ބޮޑަށް ވައްތަރީ ވެސް އޭނަގެ ބައްޕައާއެވެ. ދަންނަ ސޫރައެއްހެން ހީވީ ވެސް އެހެންވެއެވެ.

''އެނގޭ ދަރިފުޅު ބައްޕަދެކެ ނަފުރަތުކުރާކަން... ބައްޕައަށް ހެދުނު ގޯސްތަކުން ދަރިފުޅު ރުޅި އަންނާނެކަން ވެސް އެނގޭ.....'' ހިތްދަތިކަމާއެކު އާރަބް ބުންޏެއެވެ.

''ތިއީ އަހަރެންގެ ބައްޕައެއް ނޫން!...'' ތެޅިތެޅި އޮތް ހިތަކާއެކު މާކިންއަށް ބުނެވުނެވެ. އެއަށްފަހު ހަޤީޤަތަށް ފިލަން އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ. އެމަންޒަރު ބަލަން ހުރި އާރަބްއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެމޫނު ވަނީ މިލައިގެން ގޮސްފައެވެ. މާކިންގެ ފަރާތުން ފެނުނު ރުޅިވެރިކަމުން އެހިތުގައި ލޭކޮށިގެން ދިޔައެވެ. ދަރިފުޅު އޭނަދެކެ ކުރަމުންދާ ނަފުރަތު ފެނި ހިތަށް މާޔޫސްކަން ލިބުނެވެ. އެންމެ ދެރަވީ އެކަން ބަދަލުކުރަން ކުރެވޭނެކަމެއް ނެތީމައެވެ.

''އަހަރެން ތިރީގަ މަޑުކުރާނަން، މީރާންއަށް މިވަގުތު ވަނީ ޝަބާގެ އެހީ ބޭނުންވެފައި، އެދަރިފުޅު ދަނީ ހިތާމަކުރަމުން...'' ދިޔުމުގެ ކުރިން އާރަބް ބުނެލިއެވެ. އެޖުމްލައިން ޝަބާނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އާރަބް ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރެވުނީ ފެންކަޅިވެފައެވެ.

*****

ކޮޓަރީގައި ހުރި މާކިންއަށް ދެކޮޅަށް ހިނގެމުން ދިޔައެވެ. ވިސްނަމުން ގޮސް މީހާގެ ހަމަޖެހުން ގެއްލިއްޖެއެވެ. ޖާދިން އޭނަގެ ބޭބައަށް ވެދާނެކަން ޤަބޫލުކުރަން ދަތިވިއެވެ. ބައްޕައާ މެދު ހިތުގައި އޮތް ރުޅިވެރިކަމަށް ވުރެން ބޮޑަށް ޖާދިންގެ ހަޤީޤަތާ މެދު ހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ގެނބިފައެވެ. އެހެން ހުންނަތާ އިރުކޮޅެއް ފަހުން މަންމަ ގޮވާލި އަޑު އިވުނެވެ. ދޮރުހުޅުވަން ބޭނުން ނުވެފައި ހުއްޓާ ކުރުނުކޮށް މަންމަ ގޮވަން ފެށުމުން ޖެހުނީ ދޮރު ހުޅުވާށެވެ.

ދޮރުހުޅުވުމަށްފަހު މާކިން ގޮސް އިށީނީ އެނދުގައެވެ. އިރުކޮޅެއް ވަންދެން ދޮރު ކުރިމަތީގައި މާކިންގެ ހަރަކާތްތަކަށް ބަލަން ޝަބާނާ ހުއްޓެވެ. ޝަބާނާ ހުރީ ބޭރަށް ދާން ތައްޔާރުވެގެންނެވެ.

''ދަރިފުޅާ...'' ޝަބާނާ ގޮވާލިއެވެ. އޭނަ ގޮސް މާކިންގެ މަގަތުގައި އިށީނެވެ. ''މަންމަދެކެ ރުޅިއައިސްފަތަ؟، ހިތްހަމަނުޖެހިފަތަ؟...''

''ނޫން...'' މަޑުމަޑުން މާކިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''މަންމައަށް އެނގޭ ދަރިފުޅުގެ ބައްޕައަށް މަޢާފްކުރަން އުނދަގޫވާނެކަން، އެކަމަކު މަޢާފްކުރުމުގެ ރީތި އުސޫލު ގެންގުޅެން ވާނެ... އެއީ ދަރިފުޅުގެ ބައްޕަ، އެކަން ބަދަލެއް ނުކުރެވޭނެ، މަންމައަށް ކަމެއް ކޮށްދެންޏާ ދަރިފުޅުގެ ބައްޕައަށް މަޢާފްކޮށްދީ، މިއަދު އެބައްޕަ އެހުރީ ކުރެވުނު ކަންތަކާ މެދު ދެރަވެފައި...'' މާކިންގެ ބުރަކަށީގައި ފިރުމާލަމުން ޝަބާނާ ބުނެލިއެވެ. ''މަންމައާއެކު ނުދާނަންތަ ބޭބެއާ ބައްދަލުކުރަން؟...''

މާކިންއަށް އިސްޖަހާލެވުނެވެ. ކުއްލިޔަކަށް އޭނަގެ ހިތަށް އުނދަގޫ ވެއްޖެއެވެ. ޖާދިންއާއި މެދު ބަދަލުކުރެވުނު ހޫނު ޒުވާބާއި ތަފާފޮޅުންގަނޑު ލޯކުރިމަތިން ސިފަވާން ފެށިއެވެ. މަންމަގެ ހުށަހެޅުމާއި ޤަބޫލުވާން އުނދަގޫކަމަކަށް ވެއްޖެއެވެ.

''މަންމަ ވަރަށް ބޭނުން ދަރިފުޅާއެކު ދާން... ނޫނެކޭ ނުބުނައްޗޭ...'' އާދޭހާއެކު ޝަބާނާ ބުންޏެވެ. މަންމަގެ އާދޭސްތަކުގައި ކޮޅުފައިން ޖެހުމުގެ ހިތްވަރެއް މާކިންއަކަށް ނުލިބުނެވެ. އެންމެފަހުން ހިތާއި ދެކޮޅަށް ވެސް ޖެހުނީ ޤަބޫލުވާށެވެ.

*****

ޝަބާނާ އަންނަން އުޅޭ ވާހަކަ ގޮސް ކޮޓަރީގައި ހުރި ޖާދިންގެ ގާތުގައި ބަސްމާ ބުންޏެވެ. ބަސްމާއާ ދިމާއަށް ޖާދިން ބަލާ ވެސް ނުލިއެވެ. އެކަމުން ބަސްމާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ދޮރުކަނީގައި ހިފަހައްޓާލަމުން ޖާދިންއަށް ބަލައިލި ވަގުތު ދެލޮލުން ކަރުނައިގެ ދިލަކަން ފާޅުވެއްޖެއެވެ.

ލައިގެން ހުރި ސޯޓުބުރިއާއި ކޮނޑުކެނޑި ބަދަލުކުރުމެއް ނެތި ޖާދިން މިސްރާބު ޖެހީ ކޮޓަރިން ނިކުތުމަށެވެ. އެދިޔަ އިރުގައި ބަސްމާއަށް ބަލައި ވެސް ނުލިއެވެ. ލޮލުން ނީރާލި ކަރުނަތައް ފޮހެމުން ޖާދިންގެ ފަހަތުން ބަސްމާ ދިޔައެވެ.

ކެތްތެރިކަމެއް ނެތި ބޮޑޮކޮޓަރީގައި ޖާދިން ހުއްޓެވެ. ޖާދިންގެ ހަރަކާތްތަކަށް ބަލަން ސޯފާގައި ބަސްމާ އިނެވެ. ޖާދިންގެ މޫނުގައިވި ބޭޤަރާރުކަމުގެ އަސަރުތަކުން އެހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އިންތިޒާރުގައި ވަގުތު ގުނަމުން ދަނިކޮށް ގޭގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލި މަންޒަރު ފެނުނެވެ. ކުއްލިޔަކަށް ޖާދިންއަށް ސޯފާއިން ތެދުވެވުނެވެ. އޭރު އެހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

އާރަބްގެ ފަހަތުން އެތެރެއަށް ވަދެގެން އައި ޝަބާނާ ފެނި ޖާދިންއަށް ކުރިއަށް ޖެހިލެވުނެވެ. ނަމަވެސް ޝަބާނާގެ ފަހަތުން އައި މާކިން ފެނި އޭނަގެ ފިޔަވަޅުތައް ގަނޑުވެއްޖެއެވެ. މާކިންއަށް ވެސް ވީ އެވަރެވެ. ކުރިއަކަށް ނުހިނގުނެވެ. ޖާދިންއަށް ބަލަން ހުރެވުނީއެވެ.

''ދަރިފުޅާ...'' މައިވްނަތަކަމުގެ ކުލުނު އުތުރިއަރައިގެން ދިޔަ ވަގުތު ޝަބާނާއަށް ގޮވާލެވުނެވެ. އެތައް އަހަރެއް ވަންދެން ކުރި އިންތިޒާރަށް ނިމުން އައުމުން އެހިތަށް ކެތެއްނުކުރެވުނެވެ. ރޮވިއްޖެއެވެ. ދުވަހަކުވެސް ދަރިފުޅާއި ބައްދަލުވެދާނެ ކަމަކަށް ޝަބާނާ އުއްމީދެއް ނުކުރެއެވެ. ނަމަވެސް ދަރިފުޅު ޒުވާނަކަށް ވިފަހުން އެދަރިފުޅާ ބައްދަލުކުރުމުގެ ނަސީބު އެވަނީ ލިބިގެން ގޮސްފައެވެ. މާތްﷲއަށް އެވަގުތު ހަމްދުކުރެވުނެވެ. ޝުކުރުކުރެވުނެވެ. އޭނަގެ ވޭނީ އިންތިޒާރަށް ނިމުމެއް އައިސްފިއެވެ. ދަރިފުޅާއި ބައްދަލުވުމުގެ ފުރުސަތު ފަހިވެގެން ގޮސްފިއެވެ.

ދަރިފުޅާއި ވަކިވި ދުވަހު ޝަބާނާއަށް ހީވީ އޭނަގެ ހަށިގަނޑު އެއްބައި ވަކިވެގެން ދިޔަ ހެންނެވެ. އެކަމުގެ ހިތްދަތިކަން މިއަދާ ހަމައަށް ވެސް ދިޔައީ ބަރުދާސްތުކުރަމުންނެވެ. އެހިތް ދަރިފުޅަށް އެދި ނުރޯ އެންމެ ވަގުތެއްވެސް ނުދެއެވެ. މިއަދު އެދަރިފުޅު އެހުރީ އޭނަގެ ކުރިމަތީގައެވެ. އަތްލެވޭނެހޭ ގާތުގައެވެ. ޖަޒުބާތުތައް ކޮންޓްރޯލްކުރަން ޝަބާނާއަށް ނުހަނު އުނދަގޫވިއެވެ.

''މަންމާ...'' ޖާދިންގެ ދުލުން އެލަފުޒުތައް އަޑުއިވުމާއެކު ޝަބާނާއަށް ގިސްލެވިއްޖެއެވެ. ދެއަތް ފުޅާކޮށްލެވުނީ އޭނަގެ އަތުގެ ތެރެއަށް އައުމަށް ދައުވަތު ދެމުންނެވެ.

ޖާދިން ގޮސް އޭނަގެ މަންމަގެ ގައިގައި ބައްދާލިއެވެ.

ޝަބާނާގެ ހިތަށް ލިބުނު ފިނިކަން ލަފުޒަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. ހިތުގެ ހުރިހާ ވޭނަކަށް ނިމުން އައި ކަހަލައެވެ. ދަރިފުޅުގެ ގައިގައި ބާރަށް ބައްދާލެވުނެވެ. ޖާނުން ވަރުގަދަ ޖާދިންގެ ހަށިގަނޑުގައި ފިރުމާލެވުނު ހިނދު ޝަބާނާގެ ހަނދާނަށް އައީ ޖާދިން ވިހައިގެން ފުރަތަމަ އެދަރިފުޅު އޭނަގެ އަތަށް ލައިދިން މަންޒަރެވެ. އެއުފާވެރި ވަގުތުކޮޅު ތަކުރާރުވަމުން ދިޔަހެން ޝަބާނާއަށް ހީވިއެވެ. ހިތަށް އުފާވެރިކަން ލިބުނެވެ. ޒަހަމްތައް ފަސޭހަވެގެން ދިޔައެވެ.

ދުރުގައި މަންމައާއި ބޭބެއަށް ބަލަން މާކިންއަށް ހުރެވުނެވެ. އެމަންޒަރުން ހިތަށް އަސަރުކުރިއެވެ. ހަޤީޤަތުގައި އެދެމެދުގައި ހިނގާފައި އޮތް ހައިޖާންގަނޑުގެ ސަބަބުން ޖާދިންއާ ހަތަރުކަޅި ހަމަކުރަން މާކިންއަށް އުނދަގޫވެފައި ވިއެވެ. މާކިން ފަދައިން އެއިހުސާސްތައް ޖާދިންގެ ހިތުގައި ވެސް ވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟