"އުނޭޝްގެ އަނބިމީހާ ތިކޮޓަރިން ވައްކަންކޮށް އެފައިސާ ނެގީ. އެމަންޖެގެ ބޭނުމަކީ އަހަރެންގެ އަނބިމީހާއާ ގުޅިގެން މިއާއިލާ ބަނގުރޫޓް ކޮށްލުން. މިގޭގަ އަޅާ އެފިހާރައަކީ އޭނާ ވަގަށްނެގި ފައިސާއިން އަޅާ ތަނެއް. އެއީ ރަނގަޅު ކުއްޖެއްނޫން. ވަގުތު އޮއްވާ ސަލާމަތްވޭ. ނޫނީ އެމަންޖެއަށް ވިސްނައިދީ. އަހަރެންގެ ދަރިފުޅާ އަދްޔަންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ތަމަންނީއާއި ސަބްރީން ގުޅިގެން އެކަންވެސް ނުބައިކުރީ. އެކަމުގެ ހިތާމައިގައި އަހަރެންގެ ދަރިފުޅު ނިމިއެދަނީ. ވެވެން އޮތިއްޔާ އަހަރެންގެ ދަރިފުޅާ އެހީވެދީ" ޝެނަލްގެ ވާހަކަތައް އައި ހިސާބުން ބައްސާމް ހިތަށް ތަދުވެލިއެވެ.
"އަހަރެންގެ ހިތުގައި ޝަކުވާއެއްނެތް. އެކަމަކު މިހާރު ވަގުތުފާއިތުވެއްޖެ" އަދްޔަން ބުނެލިއެވެ. ބައްސާމަށް ހީވީ އޭނާގެ ހިތުގައި ވަކިއެޅިގެން ދިޔަހެންނެވެ.
***
އާޝިދާއި އެކީގައި އިރާނިޔާ ބޭރަށް ނިކުތީ ދުވަހުގެ ހަވީރު ވަގުތުގައެވެ. ގޯލްޑް ކުލައިގެ ކުޑަކުޑަ ސްކާރޓް ކޮޅަކާއިއެކު މަތިކޮޅެއް ލައްވާ ރީތިކޮށްލާފައި އިން ހޫރު އިނީ އާޝިދްގެ އަތް މަތީގައެވެ. މަގުގެ އެއްފަރާތުން ހިނގާފައި ދިޔައިރުު އާޝިދް އިރުކޮޅަކާއި ހޫރުގެ ކޮލުގައި ބޮސްދެއެވެ. އެމަންޒަރު ފެނުމުން އިރާނިޔާގެ ތުންފަތަށް ވެރިވަނީ ހިނިތުންވުމެކެވެ. ހީކުރި ގޮތަށް ވަރަށް ފަސޭހައިން އާޝިދާއި ހޫރުު އެކުވެރިވެއްޖެއެވެ.
"ވަރަށް ދުރުގަތަ އެގެ ހުންނަނީ؟" އިރާނިޔާ އަހައިލިއެވެ.
"މިދެވެނީ" އާޝިދް ބުނެލިއެވެ.
"އެއީ ވަރަށް ރަނގަޅު ދެމަފިރިން. ބޮޑު ގެއެއް އެއްމަސް ދުވަހަށް ދޫކޮށްލިއިރު މާބޮޑު ކުއްޔެއް ނުނަގާ. މާލޭ މީހުންނަށް ވުރެ އަތޮޅުތެރޭ މީހުން މާބޮޑަށްވެސް ހިތްހެޔޮ. މީހުންގެ އިހުސާސްތަކަށް ގަދަރުކުރޭ" އާޝިދް ވާހަކަދެއްކިއެވެ.
ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަން އާޝިދް ފެނުމާއެކު ގޯތިތެރޭގައި ސައިހަދައިގެން ތިބި ވަޙީދުއްދީނާއި ޒުކް ތެދުވެއްޖެއެވެ. ގޮނޑީގައި އިން ޒަހުރިއްޔާގެ ތުންފަތްމަތީގައިވެސް ވީ ހިނިތުންވުމެކެވެ.
"އަނހަ. ހާދަ ލޯބި ކުއްޖެކޭ މިއީ..." ވަޙީދުއްދީން ބުނެލިއެވެ. އަދި އާޝިދް އަތުގައި އިން ހޫރު އުރާލިއެވެ. ރަކިވެފައި ހުރެވުނީ އިރާނިޔާ އަށެވެ. ޒުކް އިރާނިޔާއަށް ބަލަހައްޓައިގެން ހުރެފައި އައިސް ކުރިމަތީގައި ހުއްޓިއްޖެއެވެ.
"އަޅުގަނޑު މިއީ ޒުކް. ދޮންބެދައްތަ ހާދަ ރީއްޗޭ" އިރާނިޔާއަށް ލަދުގަނެއްޖެއެވެ. ޒުކް ކޮލުގައި ހިފާލާފައި ހިނިތުންވެލައިފިއެވެ.
"ދޮންބެ މިއީ ކޮންކަހަލަ މީހެއްތަ؟ އެންމެން ކިޔައިދޭންވާނެއްނު" ޒުކް ބުނެލިއެވެ.
"މިއީ މަންމަ. މިއީ ބައްޕަ. ދޮންބެ ދެކެ ޒުކް ވަރަށް ލޯބިވޭ. އަދި ދޮންބެ ޒުކްދެކެވެސް" ޒުކް ހުއްޓާނުލާ އަނގަ ހަލުވަމުން ދިޔައެވެ. ޒަހުރިއްޔާ ކައިރީގައި ގޮޮނޑީގައި އިން އާޝިދް އިނީ އިރާނިޔާއަށް ބަލަހައްޓައިގެންނެވެ.
"ޒުކް ނުބުންޏަސް އިނގޭ ހުރިހާ އެންމެންވެސް" އިރާނިޔާ ބުނެލިއެވެ.
"އާދޭ އިށީންނަން. މިއީ ދުރު ބައެއް ނޫނެއްނު" އިރާނިޔާގެ އަތުގައި ހިފައިލަމުން ޒަހުރިއްޔާ ބުނެލިއެވެ. ވަޙީދުއްދީނާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަން ޖެހުމުން އިރާނިޔާ ޖެހިލުންވިއެވެ. ވަޙީދުއްއްދީނާއި އެންމެ ފުރަތަމަ ބަދަލުކޮށްލެވުނު ނަޒަރާއެކު ވަޙީދުއްދީނަށްޓަކައި އޭނާގެ ހިތުގައި އެތައް ގަދަރެއް އުފުލިގެން ހިނގައްޖެއެވެ.
"އިށީނދޭ. ކުރިން ބައްޕައަށް ތިދެކުދިންގެ ގުޅުމަށް ނުރުހެވުނީ ވަރަށް ބޮޑެތި ސަބަބުތަކެއް ހުރެގެން. ދަރިފުޅު ރާނީއަށް ކިޔައިދިނިންތަ؟" ވަޙީދުއްދީން ބުނެލިއެވެ. އާޝިދް ބޯޖަހައިލިއެވެ.
"ދީބަލަ އަހަރެން އުރާލަން. ހާދަ ރައްޓެހިކުއްޖެކޭ މިއީ" ވަޙީދުއްދީން އަތުގައި އިން ހޫރު ޒަހުރިއްޔާ އުރާލިއެވެ.
"ތިދެކުދިން ދުުވަހެއް ކަނޑާއަޅާފަ ބުނޭ އިނގޭ ބައްޕަ ކައިރީގައި. ބައްޕަ ބޭނުން ދަރިފުޅުމެންގެ ކައިވެނި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން" ވަޙީދުއްދީން ބުނެލިއެވެ. އިރާނިޔާ ބަހެއް ނުކިޔާ އިނަސް އޭނާގެ ތުންފަތްމަތިން ހިނިތުންވުން ފިލައިނުދެއެވެ.
"އަޅުގަނޑު ހުރިހާ އިޚްތިޔާރެއް އީރަންއަށް މިދޫކޮށްލީ. އީރަން ހިތްހަމަޖެހޭގޮތަށް ހުރިހާ ކަމެއް ކުރަން އަޅުގަނޑު ބޭނުންވަނީ. މިރަށުގައި ދިރިއުޅެން ބޭނުންވަންޏާ އެގޮތްވެސް އަޅުގަނޑު ހިތްހަމަޖެހޭ. މަންމައާއި ބައްޕަ ބުނުއްވަނީ ކީކޭތޯ؟" އާޝިދް ވާހަކަދެއްކިއެވެ. ހޫރު ގޮވައިގެން ދުރުގައި ހުރެ ފޮޓޯ ނަގަމުން ދިޔަ ޒުކްއަށް އިރާނިޔާގެ ނަޒަރު ހުއްޓިފައިވިޔަސް އެތަނުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް އިރާނިޔާ ސަމާލުކަންދެމުން ދިޔައެވެ.
"ދަރިފުޅަށް އެއްވެސް ކަމަކަށް މަޖުބޫރުކުރަން ބައްޕަ ބޭނުމެއްނޫން. އެކަމަކު ބައްޕަ ކައިރިއަށް ދަރިފުޅު އައީވެސް ވަރަށް ދުވަސްފަހުން. އެހެންވީމާ ދެކުދިންގެ ކައިވެންޏަށްފަހު ބައްޕައަށް ފެންނަ ހިސާބުގައި ތިބުމަކީ މި ބައްޕަގެ އެދޭ ވަރަށް ބޮޑު އެދުމެއް" ވަޙީދުއްދީން ވާހަކަދެއްކިއެވެ. އާޝިދް ޖަވާބެއްނުދީ އިރާނިޔާއާއި ނަޒަރު ބަދަލުކޮށްލިއެވެ. އިރާނިޔާ ހީލިއެވެ.
***
އެނދުގައި އޮތް ތަމަންނީ ސިހުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އުނޭޝް ފެނިފައެވެ. ދުވެފައި ގޮސް އުނޭޝްގެ ކަރުގައި ބައްދައިލަން ތަމަންނީ އުޅުނެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އުނޭޝް އެއް އަތުން އެކަން މަނާކުރިއެވެ. ތަމަންނީއަށް މަޖުބޫރުވީ އެހިސާބުގައި މަޑުޖެހޭށެވެ.
"އުނޭ!! އަހަރެންގެ އެއްވެސް މީހެއް މިތަނުގައި ތި ނޫނީ ނެތް. އަހަރެންނަށް ކީއްވެ ތިހެން ތިހަދަނީ؟ އަހަރެންނާއި ބެހޭގޮތުން މީހަކު އެއްޗެކޭ ކިއީތަ؟" ތަމަންނީ ވާހަކަދެއްކިއެވެ. ދުނިޔެއަށް ގިނަވެއްޖެކަމުގެ އިހުސާސް ކުރެވި ހަގީގަތުގައިވެސް ތަމަންނީ ހުރީ ދެރަވެފައެވެ.
"ހެހެހެ... އަހަރެން މިތަނަށް މިއައީ ކަލޭގެ ތި ރީތި ލަވަތައް އަހާހިތަކުން ނޫން. އަން... ކޯޓަށް ހާޟިރުވާން ތިއޮތީ ޗިޓު އައިއްސަ. އަހަރެންގެ ދިރިއުޅުމުން ދުރަށްދާން ތައްޔާރުވޭ. ފޮށި ތަންމަތި ބަންދުކުރޭ" އުނޭޝް ބުނެލިއެވެ. ތަމަންނީއަށް އަނގަ މަތީގައި އަތް އެޅިއްޖެއެވެ.
"ތިހެން ނަހަދާ އުނޭ. އަހަރެން އުނޭދެކެ ވަރަށް ލޯބިވޭ" ތަމަންނީ ބުނެލިއެވެ. ތަމަންނީގެ އަޑުގައިވި ހިތްދަތިކަމުން މިއަދު އުނޭޝްގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. މީގެ ކުރިން އޭނާ ހުރީ ތަމަންނީގެ ލޯބިގެ ދަލުގައި ޖެހި ތަނެއް ނުފެންނަ ވަރަށް ކަނުވެފައެވެ. ނަމަވެސް މިހާރު އޭނާއަށް ތަމަންނީގެ ލޮލުން ފައިބަމުން އެދާ ކަރުނަތަކުގެ ފަހަތުގައި ފޮރުވިފައިވާ މަކަރުވެރިކަން ފެންނަމުން ދިޔައެވެ.
"އަހަރެން އުނޭގެ ތި ދިރުއުުމުން ދުރަށްލާން ތިއުޅޭ ސަބަބު ބުނެދީ؟" ތަމަންނީ ބުނެލިއެވެ.
"އަހަރެންގެ މުދަލުން ވައްކަން ކުރުން. އަހަރެންގެ މުޅި އާއިލާއާއި ދެކޮޅަށް ތެދުވަން އަހަރެންނަށް މަޖުބޫރުކުރުން. އަހަރެންގެ ވަފާތެރި އަނބިމީހާއަށް އަހަރެންގެ މި ދެއަތުން އަނިޔާ ކުރުމަށް ހިތްވަރުދިނުން. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު މިދުނިޔެއިން ނެތިކޮށްލަން މަސައްކަތްކުރުން. އަހަރެންގެ ދެލޮލުގައި ފޮތި ބަނުމަށްފަހު އަހަރެންގެ ފަސްފަހަތުން އެހެން ފިރިހެނެއްގެ ތަންމަތި ފަޅުފިލައުވައިދިނުން. އަހަރެންގެ އަނބިމީހާގެ މަގާމުގައި ހުރެ ބަލިވެ އިންއިރު ހުދު ތިމާއަށްވެސް ނޭނގޭ އެދަރިފުޅުގެ ބަފައަކީ ކާކުކަމެއް. މަކަރާއި ހީލަތުން އަހަރެންގެ މި ދިރިއުޅުން ބަނގުރޫޓް ކުރަން މަސައްކަތްކުރުން. އެންމެ ބޮޑު ކަމަކީ ތިކަހަލަ މުޑުދާރު އަންހެނެއްގެ ސިހުރުގައި ޖެހި އަހަރެންނަށް އަހަރެންގެ މައިމީހާގެ ހިތުގައި ޖެއްސުނުކަން. މަރުގެ ތަންމަތީގައި އެމަންމަ ހަނގުރާމަ ކުރަމުން ދިޔައިރުވެސް އަހަރެންނަށް އެ މަންމައަށް ގުޅާލާފަ ހާލު ބަލާލާނެ ހިތްވަރެއްވެސް ނުލިބުނު. އަދިވެސް ތި އަންހެނާގެ ނުފެންނަ އެތައް ފަރާތެއް ވާނެކަން ޔަޤީން. ފަހަރަކު ކަމެއް ކަމަށް މިދަނީ ފެންމަތިވަމުން. އިތުރަށް އަޑުއަހަން ބޭނުންތަ؟ ނޫނީ މިވަރުން ފުދޭތަ؟" އުނޭޝް ވާހަކަދައްކާ ނިމުނުއިރު ތަމަންނީއަށް އިސް އުފުލައިލަންވެސް ނުކެރުނެވެ. އޭނާ ބޭޒާރުވެއްޖެކަން ޔަޤީންކުރެވި ދުލުގައި ކަސްތޮޅު އެޅިއްޖެއެވެ. އުނޭޝްގެ އިތުބާރު ހޯދަން ދެން އޭނާއަށް ކުރެވޭނެ ކަމެއްނެތްކަން ޔަޤީންވެއްޖެއެވެ.
"އަހަރެން ކަލެއަށް ނަފްރަތުކުރަން" ފަހު ޖުމްލަ އިއްވާލާފައި އުނޭޝް ކޮޓަރިން ނިކުތުމާއެކު ތަމަންނީއަށް ހުރި ދިމާލުން ތިރީގައި އިށީނދެވިއްޖެއެވެ. ދެލޮލުން ކަރުނަ ނިރާލާފައި ވާއިރު ހިތުގައި އިންތިހާއަށް ޖެހިއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ނަންބަރަކަށް ގުޅާލާފައި ކަންފަތުގައި ޖެހިއެވެ.
***
ކާމޭޒު ކައިރިއަށް މެންދުރުގެ ކެއުމަށް ބައްސާމް އައީ ޝެނަލް ގޮވައިގެންނެވެ. ސަބްރީން ޝެނަލް ކައިރިއަށް ޖެހިލާފައި އެމޫނަށް ބަލައިލިއެވެ. ޝެނަލް އިސްއުފުލާ މަންމަގެ މޫނަށް ބަލައިނުލިއެވެ. އެކަމުން ސަބްރީނަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ.
"މަންމަ މިއަދު ހެދީ ދަރިފުޅަށް އެންމެ މީރު ބަށި ހިކިކޮށް. އަލަނާސި ފަނި ވެސް ހުންނާނެ" ސަބްރީން ބުނެލިއެވެ. ސަބްރީން އަތުގައި ހިފައިލަން އުޅުމުން ޝެނަލް މަނާވެގަތެވެ.
"ބައްޕާ! އަޅުގަނޑު މިގަޑީގަ ކާން ބޭނުމެއްނޫން. ހަވީރު ސައިބޯންދާން ޝާމް އެބައޮތް ދައުވަތެއް ދީފަ" ޝެނަލް ބުނެލިއެވެ.
"އެކަމަކު ދަރިފުޅާ ކުޑަގޮތެއް ހެދިދާނެއްނު. ގެއިން ރަނގަޅަށް ދަރިފުޅު ނުކާތާ ކިހާ ދުވަހެއް. ދެން މިފަހަރު ހިނގާ" ބައްސާމް ބުނެލިއެވެ. ޝެނަލްއަށް އިތުރަށް ދެކޮޅުހަދަން ނުކެރުނެވެ.
"ބައްސާމް!! މިއަދު ސޯއިމާ ގުޅައިފި. މިރަށަށް އެބަ އަންނަމޯ. ތަމަންނީ ވަރިކުރަން އުނޭޝް އެބައުޅެޔޯ. އެހެންވެ ތަމަންނީ ބަލަޔޯ މިއަންނަނީ" ސަބްރީން ބުނެލިއެވެ.
"ދެން ސަބްރީން ކީކޭ ބުނީ؟" ބައްސާމް ބުނެލިއެވެ.
"ޖަވާބެއްނުދެން. އަހަރެން ކީކޭ ބުނަންވީ؟" ސަބްރީން އެހިއެވެ.
"އާއެނކޭ ބުނޭ. އެކަމަކު ހަފްތާއެއް ތެރޭގައި މިރަށުން ފުރަންވާނެ. ނުފުރުނަސް އެއް ހަފްތާއަށްފަހު މިގޭގަ ނުހުރެވޭނެ. އެންމެ ރަނގަޅެއްނު" ބައްސާމް އޭނާގެ ހިޔާލު އިއްވައިލިއެވެ. ސަބްރީން ބޯޖަހައިލިއެވެ. ފިރިމީހާގެ ހިތް ނުރުހޭ އެއްވެސް ކަމެއްކުރަން ސަބްރީން ބޭނުމެއްނުވެއެވެ.
***
ކޮޓަރީގައި ހުރެފައި އަދްޔަން ބަދިގެއަށް ދިޔައީ ވަރަށް ބޮޑަށް ކަރުހިއްކައިގަނެފައި ހުރުމުންނެވެ. ގޯތިތެރޭގައި ޙާއިޝާއާއި ކަމްލާގެ އިތުރުން ޔަޝްފީ ބާބަކިޔު ހަދަން ތައްޔާރުކުރަން އުޅުނެވެ. ވަކިން ހުރި ޖޯލީގައި އުނޭޝް އެމަންޒަރު ބަލަން އޮތްތަން ފެނުމުން އަދްޔަން ހިތަށް ތަދުވެލިއެވެ. އަމިއްލަ އާއިލާ ކުރިމަތީގައި އުނޭޝް ބާކިވެފައިވާ މިންވަރު ފެނި ކަރުއެލުވާލިއެވެ. ބޭރަށް ނިކުތުމުގެ ކުރިން އޭނާ ފެންބޯން ބަދިގެއަށް ވަންނަން އުޅުނު ވަގުތު މީހަކާ މުޑި އަރައިފިއެވެ.
"އައުޗް..." އަދްޔަން ބުނެލިއެވެ. ގުމްރޫހަށް ހެވުނެވެ. އަދްޔަންއަށް އެއީ ގުމްރޫހްކަން އިނގުނީ ރަނގަޅަށް ބަލައިލި ވަގުތުއެވެ. އޭނާ ދެފަރާތް ބަލައިލާފައި ގުމްރޫހް އަތުގައި ހިފައިގެން އެތެރެއަށް ދެމިގަތެވެ.
"ކީއްކުރަން ތިއުޅެނީ؟" ގުމްރޫހް ބުނެލިއެވެ.
"ކިހާ ދުވަހަކު ކައިރިއަށް ނައިސް ފިލައިގެން އުޅެފިން" އަދްޔަން ބުނެލިއެވެ. އެއްއަތުން ގުމްރޫހްގެ އުނގަނޑުގައި އަތް އަޅުވާލައިގެން ހުރިއިރު އަނެއް އަތުން ގުމްރޫހްގެ އަތުގައި ހިފައިގެން ހުރީ އޭނާގެ އަތްދަށުން ގުމްރޫހް ނެއްޓިގެން ހިނގައިދާނެތީއެވެ.
"މީހަކު އައިސްދާނެ" ގުމްރޫހް ބުނެލިއެވެ. އަދިވެސް އަދްޔަންއާއި ނަޒަރު ސީދާކުރަން ގުމްރޫހް ލަދުގަނެއެވެ.
"މީހަކު އައިސްފަ ހިނގައިދާނެއްނު" އަދްޔަން ދިނީ ފަރުވާކުޑަ ޖަވާބެކެވެ. ގުމްރޫހް އެއްޗެއް ނުބުނެ ހުއްޓެވެ. އަދްޔަންގެ އަތުތެރެއިން ސަލާމްތަވާކަށްވެސް މަސައްކަތެއް ނުކުރެއެވެ.
"ކިހާއިރެއް ވަންދެން ތިހެން ބަލަހައްޓައިގެން ހުންނަން ގަސްތުކުރަނީ" ގުމްރޫހް ބުނެލިއެވެ.
"އަހަރެން ތެދެއް ބުނަންތަ؟ އަހަރެންނަށް މީގެކުރިން ގޮމަގެ މޫނަށް ބެލީމަ މިހާރު މިކުރެވޭ އިހުސާސް ނުކުރެވޭ. ހާދަ ހާދަ ރީއްޗޭ" އަދްޔަން ބުނެލިއެވެ.
"ނިމުނީތަ؟" ގުމްރޫހް އެހިއެވެ.
"ހީވޭތަ؟ ކޮންއިރަކުު ގޮމަ އަހަރެންގެ މީހަކަށް ވެގެން އެއްކޮށް އަންނާނީ؟ ކޮންއިރަކުންތަ އަހަރެންގެ ދެއަތުގެ ތެރޭގައި އޮވެ ނިދާލާނީ؟" އަދްޔަން ވާހަކަދެއްކިއެވެ.
"އަދޫ އަނބި ގަބޫލުކުރީމައެއްނު. އަދި އެހެން ނުބުނަމެއްނު" ގުމްރޫހް ބުނެލިއެވެ.
"އަނބިގަބޫލުކޮށްފިން" އަދްޔަން ބުނެލިއެވެ. ގުމްރޫހް ހީލާފައި އަދްޔަންގެ ނިތުގައި ނިތްކުރި ޖައްސައިލިއެވެ. އިސާހިތަކު ދެމޫނު ކައިރިވަމުން ދިޔައެވެ. ގުމްރޫހަށް ދެލޯ މަރައިލެވުނީ އަދްޔަންގެ ހޫނު ނޭވާތައް އޭނާގެ މޫނަށް އެޅެން ފެށުމުންނެވެ. ގުމްރޫހްގެ އުނަގަނޑުގައި ދެއަތް އަޅުވާލާފައި އިތުރަށް ގާތަށް ދަމައިލި ވަގުތު ދާދި ކައިރިން މީހަކު ކަރުކެހިލި އަޑު އިވުނެވެ. ސިހިފައި ބަލައިލެވުނީ ދެ ޒުވާނުންނަށް އެކީގައެވެ. ހަމަ އެހާ އަވަހަށް އެކަކު އަނެކަކާ ދުރަށްވެސް ޖެހިލައިފިއެވެ.
"ކައިވެނީގެ މަޖިލިސް ނިމުނުތަނަށް ދޯ މިއާދެވުނީ. ސާބަހޭ ތިއްތީ.... މަންމަ އުޅުނީ ގޮމަދައްތަ ވީތަނެއް ބަލަން އަންނަން. އަޅުގަނޑަށް އާދެވުނުކަން ނަސީބެއްނު" ޔަޝްފީ ބުނެލިއެވެ. ގުމްރޫހް އިސްޖަހާލާފައި ތުންފަތުގައި ދަތްއަޅައިލިއެވެ.
"އެންމެ ނުބައި ގަޑީގަ ޔަޝްކޮ އަބަދުވެސް އަންނާނީ؟ ޔަޝްކޮ ތިކުރަން އައިކަމެއް ކޮށްފަ ދެން ދޭބަލަ. ތިއްތި އުޅުނީ ގޮމަ ކައިރީގަ މުހިންމު ވާހަކައެއް ބުނަން" އަދްޔަން ބުނެލިއެވެ. ފުރިޖު ކައިރިއަށް ގޮސް ފެންފުޅިއެއް ނަގައިގެން މޭޒު ކައިރިއަށް ޖެހިލިއެވެ.
"އައި ކަންތައް ކޮށްގެން ދާން މިދަނީ. ތިއްތި އަންނާތި އަވަހަށް" ދުރުގައި ހުރި ޔަޝްފީ އަތުގައި ހިފައިގެން ޔަޝްފީ ދުއްވައިގަތެވެ. ބޮލުގެ ފުށްކިބައިގައި ފިރުމައިލަމުން އަދްޔަންއަށް ހެވިއްޖެއެވެ.
***
ކުދިންނަށް އެހީވުމުގައި މަސްފިހާ ތަނުގައި ހުރި ޙައިޝާގެ ނަޒަރު އިރުކޮޅަކާއި އުނޭޝްއަަށް ހުއްޓެއެވެ. އެދަރިފުޅުގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ހުރުމުން ޙައިޝާގެ ހިތަށް ކެތްނުވާ ދަރަޖައަށް އުނދަގުވަމުން ދިޔައެވެ. ދުވަހަކުވެސް އެހާލުގައި އުނޭޝް ވީތަން އޭނާއަށް ފެނިފައެއް ނުވެއެވެ. އެތަނުގައި ހުންނަންވެސް އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އެންމެފަހުން ގޮސް މޭޒު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ޔަޝްފީ ކައިރީގައި ހުއްޓިއްޖެއެވެ.
"ދަރިފުޅާ! މަންމަ މިވަންނަނީ އެތެރެއަށް ނަމާދުކޮށްލަން. ދޮންބެވެސް ބައިވެރިކޮށްގެން އުޅޭ" ޙައިޝާ ބުނެލިއެވެ. ޔަޝްފީ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޙާއިޝާ ގޭތެރެއަށް ވަންނަން ހިނގައިގަނެއްޖެއެވެ. ދޮންބެއާ މެދު ޙާއިޝާ ކަންބޮޑުވެފައި ހުރިކަން އިނގުމުން ޔަޝްފީއަށް ހިނިތުންވެވިއްޖެއެވެ. ޓިޝޫއަކުން ދެއަތް ފޮހެލުމަށްފަހު ޔަޝްފީ ހިނގައިގަތީ ދުރުގައި ހުރި ޖޯލީގައި އޮތް އުނޭޝްއާ ދިމާލަށެވެ.
"ދޮންބޭ! ކިހިނެއްވެފަ ތި އޮންނަނީ؟" އުނޭޝް ބަލައިލީ ކައިރީގައި ޔަޝްފީ އައިސް އިށީނުމުންނެވެ.
"މަރުވާނީ ކޮންދުވަހަކުންބާއޭ ހިތަށް އަރާވަރުން އޮތީ" އުނޭޝް ބުނެލިއެވެ.
"ތިކަހަލަ ވާހަކަނުދައްކަބަލަ. ދޮންބެ ކިތަންމެ އަވަހަކަށް މަރުވަން ބޭނުންވިޔަސް އަޖަލު ހަމަވީމަ ގެންދަވާނީ" ޔަޝްފީ ބުނެލިއެވެ.
"އިނގޭ. އެދުވަހަށް ވަރަށް އިންތިޒާރުކުރެވޭ" އުނޭޝް ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.
"ތިގޮތަށް އަމިއްލައަށް އެކަހެރިވެގެން އޮންނަން ވެއްޖިއްޔާ މީހާ މޮޔަވެދާނެއްނު. ހިނގާބަލަ އެތަނަށް އަޅުގަނޑުމެންނާ ބައިވެރިވެލަން" ޔަޝްފީ ބުނެލިއެވެ.
"ހިތްވަރެއްނެތް. ޔަޝްކޮ ދޭ. އެހެންނޫނީ މަންމަ ހިތްހަމަނުޖެހިދާނެ" އުނޭޝް ބުނެލިއެވެ.
"މަންމަ ބުނެގެނޭ މިއައީ ދޮންބެ ބަލާ" ޔަޝްފީ ބުނެލިއެވެ.
"ހެހެހެ... ޔަޝްކޮއަށް ނޭނގޭނެ ދޮގެއް ހަދަންވެސް. ދޮންބެ ހިތްހަމަޖައްސަން އޯކޭވާނެ މަންމަގެ ވާހަކަ ނުދެއްކިޔަސް" އުނޭޝް ބުނެލިއެވެ.
"އެގުޅަނީ ދޮންބެދައްތަ. އައީ ކަންނޭނގެ. ދޮންބެ ފަނި ނުހަދާ އަންނައްޗޭ" އިރާނިޔާ ގުޅުމުން ފޯނުން ވާހަކަދައްކަމުން ޔަޝްފީ ހިނގައިގަތެވެ. އިރާނިޔާގެ ނަން އަޑު އިވުމުން އުނޭޝްގެ ހިތް ތެޅިލައިފިއެވެ. އެ ސޫރަ ދެކިލާހިތުން ހަށިގަނޑުވެސް ސީދާކޮށްލެވިއްޖެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅެފައިވެސް ކުއްލިއަކަށް ފިލައިގެން ހިނގައްޖެއެވެ.
"އަހަރެންނަށް ރާނީ ލިބޭނެތަ؟ ހާލަތު ބަދަލުކުރަން އަހަރެން ކިހިނެއް ހަދަންވީ؟ އަހަރެންނަށް ކުރެވުނީ މަޢާފް ޙައްޤު ނޫން ކުށެއްތަ؟" އެހުރިހާ ވާހަކަތަކެއް އުނޭޝް ކުރަމުން ދިޔައީ އޭނާގެ ހިތާއެވެ. އުޑުމެދުގައިވާ ހަނދަށް ނަޒަރު ހުއްޓާލާފައި ވިޔަސް އޭނާގެ ހިތާއި ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި އިރާނިޔާއެވެ.
"އޭ ދޮންބޭ! މި ރެޑިވީ. އާދެބަލަ ކުކުޅު ފައެއް ކާލަން" އަދްޔަން ގޮވައިލިއެވެ. އަދްޔަންއަށް ހިނިތުންވުމެއް ދީފައިވެސް އުނޭޝް އިންތަނުން ހިއްލާވެސް ނުލިއެވެ.
"މަންމާ! ދޮންބެދައްތައާއި އާޝިދްބެ އެބައިން ބޭރު ޖޯލީގަ" ބޭރަށް ނިކުތް ޙާއިޝާއަށް އަދްޔަން ބުނެލިއެވެ.
އުނޭޝްގެ ސަމާލުކަން ދެވުނީ އާޝިދްގެ ނަމަށެވެ. އިރާނިޔާއާއި އާޝިދްގެ ގުޅުން ރަސްމީ ވީ ހެއްޔެވެ؟ އަނެއްކާ އެދެމީހުން އުޅެނީ ރައްޓެހިވެގެން ހެއްޔެވެ؟ ކައިވެނިކުރަން ނިންމީ ހެއްޔެވެ؟ އަހަރެންނަށް އަބަދަށްޓަކައި ރާނީ ގެއްލެނީ ހެއްޔެވެ؟ އެހިތުގައި އަހަރެންގެ މައްޗަށް ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް ނެތީ ހެއްޔެވެ؟ އުނޭޝްގެ ހިތުގައި އުފެދިފައިވި ސުވާލުތަކާއި އެކު އޭނާއަށް އިންތަނުން ތެދުވެވިއްޖެއެވެ. ލައިގެން ހުރި ސޯޓްބުރީގެ ދެޖީބަށް އަތް ޖަހާލައިގެން މަޑުމަޑުން އޭނާ ހިނގާފައި ދިޔައީ ހަދަން ފަށާފައި ހުރި ފިހާރައާއި ދިމާލަށެވެ. އޭނާ ބޭނުންވީ އިރާނިޔާ ދެކިލުމަށެވެ. އޭނާގެ ހިތުގެ ގޮވުމަށް އިޖާބަދިނުމަށެވެ. ދޮރާށިން ބޭރަށް ނިކުތުމުގެ ބަދަލުގައި ފިހާރައިން މަގުމަައްޗަށް ނިކުންނަން ކަނޑާފައި ހުރި ދޮރު އޭނާ ޚިޔާރުކުރީ އެންމެންނަށް އޭނާގެ މަގްސަދު ސިއްރު ކުރުމަށްޓަކައެވެ.
ދޮރުން ކުޑަކޮށް މަގުމައްޗަށް އޭނާ ބޯދިއްކޮށްލިއިރު ދާދި ކައިރީގައި ޖެހިޖެހިގެން އާޝިދާއި އިރާނިޔާ އިށީނދެގެން ތިއްބެވެ. އާޝިދްގެ ސަބަބުން އިރާނިޔާ އިނީ ފޮރުވިފައެވެ. އެހެންކަމުން އިރާނިޔާގެ ލައިގެން ހުރި ފެހިކުލައިގެ ހެދުމުގެ ތަންކޮޅެއް ނޫން އިތުރު އެއްވެސް ހިސާބެއް އުނޭޝްއަށް ނުފެނުނެވެ. އޭނާގެ ހިތް ފޫއަޅައިގެން ދިޔަހެން ހީވީ އާޝިދްގެ އަނގައިގައި ލަވާ އިރާނިޔާ ކާންދިން މަންޒަރު ފެނުމުންނެވެ. ހަމަ އެހިނދުގައި އިރާނިޔާގެ އަތްތިލައިގައި އާޝިދް ބޮސްދިން މަންޒަރުވެސް އުނޭޝްއަށް ފެނުނެވެ. އެމަންޒަރުތަކުން އޭނާގެ ހިތް ފޮތިފޮތިވެގެން ތިރިއަށް ފައިބައިގެން ދިޔަހެން ހީވިއެވެ. ހިތަށް ކުރި އަސަރު ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. އެތެރެއަށް ދެމިގަނެފައި ފާރުގައި އޭނާ ލެގިލިއެވެ. ދެލޮލުން އޮހޮރިގަތް ކަރުނަތައް ހުއްޓުވުމުގައި އޭނާއަށް ކާމިޔާބު ނުވިއެވެ. އިރާނިޔާގެ ލޯބި ދުވަހެއް ދުވަހެއްކަމަށް އެދަނީ އޭނާގެ ނަފްސު ބަލިކަށި ކުރަމުންނެވެ. ވަގުތު ފާއިތުވެފައި ވީނަމަވެސް މިހާރު އޭނާ ލިބުމަށް އެދޭ ހަމައެކަނި ލޯތްބަކީ އެއީއެވެ.
***
ރިސޯޓުން އައި ގޮތަށް ފެންވަރާލައިގެން ހުޝާމް ނިކުތީ ބޭރަށެވެ. ޝެނަލް ބައްދަލުކުރަން އެދިފައި އޮތުމުން އެގެއަށް ދިޔުމަށެވެ. އީޝްއާއި ޝިރޫ ގޭގައި އެވަގުތު ނެތެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ސައިކަލުގައި އެގޭ ދޮރުމައްޗަށް މަޑުކޮށްލުމަށްފަހު ހުޝާމް އިރުކޮޅަކު މަޑުކޮށްލިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ޝެނަލްއަށް ގުޅައިލިއެވެ. ހަބަރެއް ނުވުމުން ސައިކަލް ޕާކްކޮށްފައި އޭނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ލައްޕާފައި ހުރި ދޮރާށި ތަޅުގައި ހިފާ އެތެރެއަށް ކޮށްޕާލިއެވެ. އޭރުވެސް ދިޔައީ ޝެނަލްއަށް ގުޅަމުންނެވެ. ކުރިމަތީ ޖޯލިފަތީގައި ދުފަން އިން ސޯއިމާއަށް ކޮޅަށް ތެދުވެވުނީ އެގެއިން ފެނިދާނެކަމަށް އޭނާ އުންމީދުވެސް ނުކުރާ މީހަކު ކުރިމައްޗަށް އެރުމުންނެވެ. ތަމަންނީގެ ވާހަކަތަކުން ހުޝާމްގެ އާއިލާ އެމީހުންގެ އަމިއްލަ ގެއަށް ދިރިއުޅުން ބަދަލުކުރިތާ ކިތަންމެ ދުވަހެކެވެ.
"ކަލޭ! ކަލޭ މިގެއަށްވެސް އަންނަން ފެށީތަ؟ އަހަރެންގެ ދަރިފުޅުގެ ދެވަނަ ކައިވެނިވެސް ރޫޅިގެންދާތީ އެކަމާ އުފާ ފާޅުކުރަންތަ މިގެއަށް ތިއައީ؟" ސޯއިމާ އަޑުލައިގަތެވެ. ހުޝާމް ދެބުމަ ގޮށްޖެހިގެން ދިޔައީ ކުރިމަތީގައި ހުރި ގޮތެއްފޮތެއް ނެތް އަންހެންމީހާ އެގޭތެރެއިން ފެނުމުންނެވެ. ފެންނަ ހިސާބުގައި ތަމަންނީ ހުރެދާނެކަމަށް ހުރިހާ ދިމާލަކަށް އޭނާގެ ކަޅި ދަތުރުކޮށްލިއެވެ.
"ޝާމް! ސޮރީ އިނގޭ. އެންމެފަހު ގަޑީގަ ފަހާނާއަށް ދާން ޖެހުނީ. ހިނގާ ދާން. އައިސްކޯނަށް ދޯ ދާނީ" ޝެނަލް ބުނެލިއެވެ. ސޯއިމާގެ ނަޒަރު އެއްފަހަރު ޝެނަލްއަށް އަނެއްފަހަރު ހުޝާމްއަށް ހުއްޓިގެން ދިޔައެވެ.
(ނުނިމޭ)