ސާޅީސްފަސްވަނަ ބައި
ކުނިކަހަމުން ދަނިކޮށް އިލޮށިފަތި މައްޗަށް އެރި ފިރިިހެން ބޫޓެއް ފެނި އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ލަސްލަހުން މައްޗަށް ބަލައިލިއެވެ.
ކޮފީ ކުލައިގެ އަތްދިގު ޓީޝާޓުގައި ހުރި އާޝިދް ފެނުމުން އިރާނިޔާއަށް ޤަބޫލުވެސް ނުކުރެވުނެވެ. އެސްފިޔަޖަހާލަން ވެސް ހަނދާންނެތިފައި އޭނާއަށް ހުރެވުނީ އެއީ ޚިޔާލަކަށްވެ އާޝިދް ގެއްލިދާނެތީއެވެ. އޭނާއަށް ހީވީ އެތައް އަހަރަކަށްފަހު އާޝިދް ފެނުނުހެންނެވެ. މޭގައި ބޯއަޅާލަން ބޭނުންވިއެވެ. އަތުގައި ހިފާލާހިތްވިއެވެ.
އިރާނިޔާ ބަލަހައްޓައިގެން ހުރިގޮތުން އާޝިދް ލަދުގަނެއްޖެއެވެ. ހީލަމުން އިރާނިޔާ ވަށާލާފައި ގޮސް ފަހަތުގައި ހުއްޓުނެވެ. ތެޅިގަނެފައި އިރާނިޔާ ފަހަތަށް އެނބުރުމާއެކު ލިބިގެންދިޔައީ ސިހުމެކެވެ. ކުރުފައި މައްޗަށް އިށީނދެގެން އިން އާޝިދް ފެނުމާއެކު އިރާނިޔާއަށް ހެވިއްޖެއެވެ.
"މަށާ އިންނާނަންތަ؟" އިރާނިޔާއަށް އަތް ދިއްކޮށްލަމުން އާޝިދް ބުނެލިއެވެ. އިރާނިޔާއަށް ހެވިއްޖެއެވެ. ހިތަށް ހިތްހަމަޖެހުންވެސް ލިބިއްޖެއެވެ. މަގުގެ ދެފަރާތަށް ނަޒަރު ހިންގައިލެވުނީ އެދެމީހުންނަށް މީހެއްގެ ނަޒަރު ހުއްޓިފައި ހުރިތޯއެވެ. ޖެހިގެން ހުރި ގެއިން ނިކުތް އުމުރުން ދުވަސްވީ އަންހެނަކަށް އެމަންޒަރު ފެނުމުން ނިކަން ބޮޑަށް ހިނިތުންވެލައިފިއެވެ. އެއީ އަބަދުވެސް އިރާނިޔާއަށް ހިތްހެޔޮ ދައިތައެކެވެ.
"ދެން ހިފާބަލަ އެސޮރު އަތުގަ. ތިއޮތީ ނަސީބު އަތުގަ ހިފާފަ" އެމީހާ އެއްޗެއް ނުބުނެ ނުދާނެކަން މާކުރިންވެސް އިރާނިޔާއަށް އިނގެއެވެ.
"ސިޑް ތެދުވެބަލަ. އަހަރެން ވަރަށް ލަދުގަންނަން ފަށައިފި" އިރާނިޔާ ބުނެލިއެވެ. ހެމުން ހެމުން އާޝިދް ތެދުވެއްޖެއެވެ.
"އަހަރެން މިތަންކޮޅު ކުނިކަހާލަންދެން މަޑުކޮށްލެވޭނެތަ؟ ނޫނީ ލަސްވާނެތަ؟" އިރާނިޔާ ބުނެލިއެވެ.
"ނިންމާލާ. އަހަރެން މި ފާރު ކައިރީގައި މަޑުކޮށްލާނަން" އާޝިދް ބުނެލިއެވެ.
އިރާނިޔާ ކުނިކަހަން ފެށިއެވެ. އާޝިދް ބަލަހައްޓައިގެން ހުރިކަން އިނގުމުން ހަރަކާތްތަކަށް ލަސްކަމެއް އަންނަން ފެށިއެވެ. ކުނިކެހޭ ނުކެހޭ ގޮތެއް ނޭނގި ފެނުނީ ކުނިކޮޅު އެއްކޮށްލާފައި ޖަސްތުގަނޑަށް ނެގި ތަނެވެ. ބަރޮލަށް ގޯނި އަރުވާފައި ދުއްވާލަން އުޅުނު ވަގުތު އާޝިދް އައިސް ބަރޮލުގައި ހިފައިފިއެވެ. އެކަކު އަނެކަކަށް ލޯބިވެތި ހިނިތުންވުމެއް ދިނުމަށްފަހު ހިނގައިގަތެވެ.
ހެނދުނުގެ ހިތްގައިމު ވަގުތު އެދިމާލަށް ދިއްލާފައި އޮތީ އަރާމު އަތްވެކެވެ. އެއްވެސް މީހަކު ފެންނަން ނެތެވެ. ހިތަށް އަމާންކަން ވެރިވާހާވެއެވެ. ދޫނިސޫފާ ސޫފީގެ އަޑުން ނޫން އެހެން އަޑެއް ނީވެއެވެ. ޖެހިލާ ފިނިފިނި ވައިރޯޅިން ހިތަށް ހިތްހަމަޖެހުން ގެނެސްދެއެވެ.
"މިއީ ކިހާ ހިތްގައިމު ތަނެއް. އާދެބަލަ މިތާ މަޑުކޮށްލަން. މިކަހަލަ ތަނެއްގައި އީރަން އާއެކު ވަރަށް މަޑުކޮށްލާހިއްވޭ" އާޝިދް ބުނެލިއެވެ. ބަރޯ ބަހައްޓާފައި ދެކުދިން އިށީނީ ބޮޑު ހިރުނދު ގަހެއްގެ ދަށުގައި އޮތް ރުއް ގުޅިއެއް މަތީގައެވެ.
"ސިޑް މިއަދު އަންނަކަން ނުވެސް އިނގޭ. ކީއްވެ ނުބުނީ؟" އިރާނިޔާ ބުނެލިއެވެ.
"ބުނެފަ އައިނަމަ އަހަރެންނަށް ކިހިނެއް އީރަންގެ ތި ލަދުކޮޅު ފެންނާނީ؟" އާޝިދް ބުނެލިއެވެ. އިރާނިޔާ ހީލާފައި ދުރަށް ނަޒަރު ހުއްޓައިލިއެވެ.
"ތެދުވެބަލަ.." އިރާނިޔާ އަތުގައި ހިފާ ނަގަމުން އާޝިދް ބުނެލިއެވެ. ކުރިމަތީގައި އިރާނިޔާ ބަހައްޓާފައި އޭނާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ނަޒަރު ހިންގައިލިއެވެ. އިރާނިޔާގެ މޫނުމައްޗަށް ވެރިވެގެންދިޔަ ލަދުވެތިކަމުގެ އަސަރު މުޅި ހަށިގަނޑަށް ކުރިއެވެ. ލައިގެން ހުރި އަތްދިގު ކުރުތާމަތިން ހަށިގަނޑުގައި ދެއަތް ވަށައިލެވުނީ އާޝިދްގެ ތޫނު ނަޒަރުން ސަލާމަތްވުމަށެވެ.
"ކުރިއަށް ވުރެވެސް ލޯބި. މިހާރު ހީވަނީ އެންމެ ފުރަތަމަ ދުވަހު އަހަރެންނަށް ފެނުނު އީރަން ހެން. އީރަން އަލަށް ފެންނަ މީހަކު ނުބުނާނެ އީރަންގެ ދަރިއަކު އޮންނާނޭ" އާޝިދް ބުނެލިއެވެ.
"ސާބަހޭ...." އާޝިދްގެ ނަޒަރުން ސަލާމަތްވުމަށް އިރާނިޔާއަށް ބުނެވުނީ އެވަރަށެވެ.
"ސީރިޔަސްކޮށް. މިއަދު އަހަރެން ވަރަށް އުފާވެއްޖެ. އަހާބަލަ މި ވޭތުވެދިޔަ ދުވަސްތައް އަހަރެން އީރަން ނުފެންނަ ހިސާބުގަ ހޭދަކުރީ ކިހިނެއްތޯ" އިރާނިޔާގެ އަތްތިލައިގެ ތެރެއަށް އަމިއްލަ އަތް ލައްވައިލަމުން އާޝިދް ބުނެލިއެވެ.
"އިނގޭ. ނޭވާ ލައިގެނެއްނު" އިރާނިޔާ ބުނެލިއެވެ. އިރާނިޔާގެ މޫނަށް އާޝިދް ބަލައިލުމާއެކު އިރާނިޔާ ހީލިއެވެ.
"އަހަރެން އަންނަދެން އިންތިޒާރުގައި ހުރީތީ ޝުކުރިއްޔާ" އިރާނިޔާގެ އަތްތިލައަށް ބޮސްދެމުން އާޝިދް ބުނެލިއެވެ.
"ދުވަހަކުވެސް އަހަރެން ސިޑްގެ ހަޔާތާ ދުރުކޮށްނުލައްޗެ. އަހަރެންގެ މާޒީ އަލުން އިޢާދަވިޔަ ނުދެއްޗޭ. އެހިތްދަތިކަން އިތުރަށް ބަރުދާސްތު ކުރާނެހާ ހިތްވަރެއް އަހަރެންގެ ނެތް" އިރާނިޔާ ބުނެލިއެވެ. އޭނާ މަޑުމަޑުން އާޝިދްގެ ކޮނޑުގައި ބޯއަޅައިލިއެވެ.
"އަހަރެން މުޅި އުމުރު ކުރި ފޮނި އިންތިޒާރަކީ ތިއީ. ލިބުމުން ދޫކޮށްލާނެހެން ހީވަނީތަ؟ އަހަރެންގެ ހަޔާތުގައި އީރަންގެ މަގާމަކީ މިކަހަލަ ފަތެއްގެ މަގާމެއްނޫން. އެފަތްވެސް ހިކި ބާރުދެރަވުމާއެކު ޖާގަ އެހޯދީ ބިންމަތިން. ކޮންމެފަދަ ހާލަތެއް ދިމާވިޔަސް އަހަރެން މިއަތުން ދުލެއްނުކުރާނަން. މިއީ އަހަރެން އީރަން އާ ވާ ވަޢުދެއް" އާޝިދް ވާހަކަދެއްކިއެވެ. އިރާނިޔާގެ ލޮލުން ވެއްޓުނު ކަރުނަތިކި އާޝިދްގެ ޓީޝާޓް ތެރެއަށް ހިނދިގެން ދިޔައެވެ.
"އަހަރެންނާއެކު މަންމަވެސް ބައްޕަވެސް މިރަށުގަ އެބަތިބި. މަހެއްހާ ދުވަހު މަޑުކޮށްފަ ދާނީ. އެންމެންވެސް ތިބީ އީރަން އާ ބައްދަލުކުރަން ބޭނުންވެފަ. ވަކިން ހާއްސަކޮށް ޒުކް... އެހެންވީމަ ކޮންދުވަހަކު ދާނީ" އާޝިދް ބުނެލިއެވެ.
"ސިޑް ބުނި ކޮންމެ ގަޑިއެއްގަވެސް ދާނަން" އިރާނިޔާ ބުނެލިއެވެ.
"އޯކޭ. އެކަމަކު މިއަދަށް ފަހު ރާނީ ވަޒީފާއަށް ދާން އަހަރެން ބޭނުމެއްނޫން. ތިދެމައިންނަކީ އަހަރެންގެ ޒިންމާއެއް. އެގޮތަށް އަހަރެން ދެކެނީ" އާޝިދް ބުނެލިއެވެ. އިރާނިޔާ ޙައިރާންވެފައި އާޝިދްގެ މޫނަށް ބަލައިލިއެވެ.
"ހީނުކުރައްޗެ އަހަރެން ދުރުގައި ހުއްޓަސް އީރަންގެ ކަންތައްތައް ނުބަލައޭ. އަހަރެންނަށް ހުރިހާ ކަމެއްވެސް އިނގޭ" އާޝިދް ބުނެލިއެވެ. އިރާނިޔާ ހީލިއެވެ.
"ދެން ހިނގާ. އަދި މިއުޅެނީ އައިފަހުން އަހަރެންގެ ދަރިފުޅު ދެކިވެސްނުލާ" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ދެލޮލުން ކަރުނަ ނީރާލީ އާޝިދްގެ ހިތްހެޔޮކަން އަމިއްލަ ހިތަށް ވަޒަން ކޮށްލެވުމުންނެވެ.
***
ކޯޓުން ނިކުތް އުނޭޝް ސައިކަލަށް އަރަން ދިޔަ މަގުމަތީގައި އެމަގުން ހުރަސްކުރި އާޝިދް ފެނުުމުން ބަލަހައްޓައިގެން ހުއްޓެވެ. އާޝިދު އެނބުރި އެ އައީ އިރާނިޔާއަށްޓަކައި ކަން އިނގުމުން ހިތުގައި ރިއްސާލައިފިއެވެ. ދުވަހަކުވެސް އިރާނިޔާ ދެން އޭނާއަށް ލިބުމެއްނެތޭ ހިތައް އަރައިފިއެވެ. ސައިކަލުގައި ނައްޓާލަން އުޅެނިކޮށް ފަހަތުން މީހަކު ގޮވައިލި އަޑު އިވުނެވެ. ބަލައިލިރު ހުރީ މެދު އުމުރުގެ ފިރިހެނެކެވެ. މާގިނައިން ފެންނަ މީހެއް ނޫނަސް އެމީހާގެ ތުންފަތްމަތީގައިވި ހިތްހެޔޮ ހިނިތުންވުން ފެނި އެމީހާއާއި އިތުރަށް ކައިރިވެލިއެވެ.
"އަޅުގަނޑު އަމިއްލަ ވާހަކައެއް ދައްކާލަން. ބިޒީ ނޫނިއްޔާ އަޅުގަނޑާއެކު ކައިރި ކެފޭއަކަށް އެރިލެވޭނެތޯ" އުނޭޝްއާ ސަލާމް ކުރަމުން ބައްސާމް ބުނެލިއެވެ. އުނޭޝް ދެކޮޅެއް ނެހެދިއެވެ. އޭނާގެ ސައިކަލް ފަހަތަށް ބައްސާމް އަރުވައިގެން ދުއްވައިލިއެވެ.
ކެފޭއަށް ވަދެގެން ގޮސް މީހުން މަދު ހިސާބެއްގައި ބައްސާމާއި އުނޭޝް އިށީނެވެ. ދެކޮފީއަށް އޯޑަރު ދިނުމަށްފަހު އުނޭޝް ބައްސާމްގެ މޫނަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ.
"އަޅުގަނޑަށް އަދި ނޭނގުނު ތިއީ ކޮންބޭފުޅެއް ކަމެއް" އުނޭޝް ބުނެލިއެވެ.
"އަޅުގަނޑަކީ ބޭފުޅެއްނޫން. އަޅުގަނޑަށް ވަރަށް ރަނގަޅަށް އުނޭޝް އިނގޭ. ތިއާއިލާވެސް އިނގޭ" ބައްސާމް ބުނެލިއެވެ.
"ކިހިނެއްތޯވީ؟ އަޅުގަނޑުގެ އާއިލާގެ ފަރާތުން ކަމެއް ދިމާވީތޯ؟" އުނޭޝް ބުނެލިއެވެ.
"ނޫން. އަޅުގަނޑުގެ އާއިލާގެ ފަރާތުން ތިއާއިލާއަށް ކަމެއް ދިމާވީ. އެނގިލައްވާތަ ސަބްރީން؟ އެއީ އަޅުގަނޑުގެ އަންހެނުން" ބައްސާމް ވާހަކަދެއްކިއެވެ. އެނަމަކީ ކޮންމެސް ތަނަކުން އުނޭޝްއަށް އަހާފައިވާ ނަމެއްކަން އޭނާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން ބައްސާމަށް އިނގުނެވެ.
"ހަނދާނެއްނުވި. އެކަމަކު ބީރައްޓެހި ނަމެއްހެން ހިއެއްނުވޭ" އުނޭޝް ބުނެލިއެވެ.
"އުނޭޝްގެ އަނބިމީހާގެ ނަމަކީ ތަމަންނީ ތޯ؟" ބައްސާމް ބުނެލިއެވެ. ވަގުތުން އުނޭޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ތަމަންނީއާ ބެހޭގޮތުން ދެވަނަ ނުބައި ހަބަރެއް ލިބެން އުޅޭހެން ހީވެ ދެއަތް މުށްކެވިއްޖެއެވެ. މިހާރު ސަބްރީންއަކީ ކާކުކަންވެސް އޭނާ އިނގިއްޖެއެވެ. ކަންތައްތައް ރަނގަޅު ނޫންކަން އިނގި ބައްސާމް ބުނަން އުޅޭ އެއްޗަކަށް އުނޭޝް ޝއުޤުވެރިކަން ފާޅުކޮށްފިއެވެ.
***
ދުވަހުގެ އިޝާނަމާދުގެ ފަހު ވަގުތެވެ. ހުޝާމް ބައްދަލުކުރަން ބޭނުންވާކަން އިނގި ކުޑަކޮށް ތައްޔާރުވެލައިގެން ޝެނަލް ބޭރަށް ނިކުތްއިރު ސޯފާގައި ހަބަރު ބަލަން ބައްސާމް އިނެވެ. ކޮޓަރިން ނިކުމެގެން އެދިމާލަށް އައި ސަބްރީނަށް ތައްޔާރުވެގެން ހުރިި ޝެނަލްއަށް ނަޒަރެއް ދެވިިއްޖެއެވެ.
"ދަރިފުޅު ތަނަކަށް ދަނީތަ؟" ބައްސާމް އެނބުރި ބަލައިލީ ސަބްރީން ވާހަކަދެއްކި އަޑަށެވެ.
"އާނ. ބައްޕާ! އަޅުގަނޑު ޝާމްއާ އެކު މިތާ ގޭކައިރި ބޭރުގައި މަޑުކޮށްލިޔަސް އެންމެ ރަނގަޅުތޯ" ޝެނަލް ބުނެލިއެވެ. ބައްސާމް ހީލާފައި ބޯޖަހައިލިއެވެ. ފައިވާން ހަރުގަނޑު ކައިރީގައި ހުރެ ޝެނަލް ފައިވާނަށް އަރައިގެން ނިކުންނަންދެން ސަބްރީނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ހިތުގައި ޖެހިފައެވެ. ވިސްނުމެއްނެތި ކުރެވުނު ކުޑަކުޑަ ކަމަކުން އޭނާއަށް މިވަނީ ހުރި ހަމައެކަނި ދަރިފުުޅުގެ ނަފްރަތާއި ކުރިމަތިލާން ޖެހިފައެވެ. ކުރާނެކަމެއް ނެތެވެ.
"އެމަންޖެގެ އިތުބާރާއި ލޯބި ހޯދަން ސަބްރީން ވަރަށް މަސައްކަތްކުރަންޖެހޭ" ބައްސާމް ބުނެލިއެވެ. ސަބްރީން އަނބުރާލާފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
***
ހުޝާމްއާ އެކުގައި ހިނގަމުން ގޮސް ދެކުދިން ނިކުތީ ގެއާއި ދިމާލުން އަތިރިމައްޗަށެވެ. އުޑުމެދުގައި ދިއްލާފައި އިން ޝާއްބަ ހަނދުން މުޅި ސަރަހައްދަށް ވަނީ އަމާންކަން ގެނުވާފައެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ބަސްމަދުވެފައި ހުރި ޝެނަލްއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ހުޝާމްއަށް އިނގެއެވެ. އެ މައުސޫމް އަންހެންކުއްޖާއާ މެދު އޭނާގެ ހިތުގައި ވަނީ ރަހުމު އުފެދިފައެވެ.
"ޝާނީ! ތިހެން ހުރީމަ އަހަރެންނަށް ވަރަށް އުނދަގުވޭ. ނިކަން މަޖާ ވާހަކައެއް ފަށާބަލަ. ކޮޓަރިން ނުނިކުމެ އަބަދު އެތާ ހައްޔަރުވެފައި އޮންނާތީ އެވަރަކުން މިނެރުނީވެސް" ހުޝާމް ވާހަކަދެއްކިއެވެ.
"އަހަރެން ހުންނަނީ މުޅި ދިރިއުޅުން މަތިން ފޫހިވެފަ. އަދިވެސް ޤަބޫލެއްނުކުރެވޭ. މަންމަ އަހަރެންދެކެ ލޯބިވާނަމަ އެވަރުގެ ކަމެއް ކުރާނެތަ؟" ޝެނަލް ބުނެލިއެވެ.
"އެކަމާ މާބޮޑަށް ދެން ނުވިސްނަބަލަ. ހިނގާބަލަ މިތަނުގަ އިށިންނަން. ވަރަށް ހިތްގައިމު ތަނެއްނު" ޝެނަލްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަންނަމުން ހުޝާމް ބުނެލިއެވެ.
"ޝާމް! އެއްޗެކޭ ހިތަށް ނާރުވާތި. އަހަރެން ބޭނުން އެންމެ ފަހަރަކު ނަމަވެސް އަދޫ އާ ބައްދަލުކޮށްލަން. އަހަރެން ބޭނުން މަޢާފަށްއެދެން. އެހެންނޫނީ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ" މޫދާއި ދާދި ކައިރިން ފަސްގަނޑުމަތީގައި އިށީންނަމުން ޝެނަލް ބުނެލިއެވެ.
"އަހަރެން ތިކަން ކޮށްދޭނަން. އެކަމަކު ތެދަށް ވާހަކައެއް ބުނެފާނަންތަ؟" ހުޝާމް އެހިއެވެ.
"ޝާނީ އަދިވެސް އަދޫދެކެ ލޯބިވަންތަ؟ އަހަރެމެންގެ މިގުޅުން ކުރިއަށްގެންދަން ބޭނުންތަ؟" ހުޝާމް އެހިއެވެ. ޝެނަލް އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ފައިވާން ބަހައްޓާފައި މޫދުގެ ލޮނުގަނޑުގައި ފައިތިލަ ބީއްސާލިއެވެ.
"ހެހެހެ... އެންމެ ސުވާލެކޭ ބުނެފަ ދެސުވާލެއްނު ތިކުރީ. އަހަރެން ތިދެސުވާލަށްވެސް ޖަވާބުދޭނަން. އަހަރެން އަދޫ ދެކެ އިންތިހާއަށް ލޯބިވަން. އޭނަގެ ކުށެއްނެތްކަން އިނގުމުން އެލޯބި އެތައް ގުނަ އިތުރުވެއްޖެ. އަހަރެންގެ ދިރިއުޅުމުން ހަޔާތުގެ ބައިވެރިއެއްގެ މަގާމުގައި ޝާމް ހުންނާކަށް ބޭނުމެއްނޫން. އަބަދުވެސް އަހަރެންނަށް ދެކެވެނީ ތިއީ އަހަރެންގެ އެންމެގާތް އެކުވެރިޔާ ކަމުގަ. މިހާރު އަހަރެންނަށް ހެޔޮއެދޭ ހުރީވެސް ބައްޕަ އާ ޝާމް ދެން ޒީކް" ޝެނަލް ވާހަކަދެއްކިއެވެ.
"ޖަވާބު ލިބިއްޖެ. އަހަރެން މަންމަ އާ ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދީފިން. އަހަރެން ކޮންމެގޮތަކަށް ނިންމިޔަސް މަންމަމެން މައްސަލައެއް ނުޖައްސާނެ. އެހެންވީމަ މިރެއަށްފަހު އަހަރެމެންނަކީ ހަމައެކަނި ދެއެކުވެރިން. ހިފާ އަހަރެންގެ އަތުގަ" ހުޝާމް ވާހަކަދެއްކިއެވެ. ޝެނަލް ހުޝާމް އަތުގައި ހިފާފައި ބަލައިލިއެވެ. ހިތަށް ލިބިގެން ދިޔައީ އެތައްހާސް ހިތްހަމަޖެހުމެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ފިލައިގެން ދިޔައީ އަންހެންކުއްޖެއް އަތުގައި ހިފާލައިގެން އެދިމާލަށް ނިކުތް އަދްޔަން ފެނިފައެވެ. އަދްޔަންގެ ހިޔަނި ފެނުނަސް އޭނާގެ ހިތް ފާހަގަކުރާނެއެވެ. ޝެނަލް ހިންދިރުވައިލިއެވެ. ހިތަށްކުރި އަސަރު ބޭރުފުށަށް ނުފޯރަނިސް ދެތުންފަތް ފިއްތާ ބާރުކޮށްލިއެވެ. އަންހެންކުއްޖާގެ ފަހަތުން ބައްދާލައިގެން ހަނދަށް ބަލަހައްޓައިގެން ތިބިއިރު ކައިރީގައި އެހެން ބައެއް ތިބިކަމެއް އެމީހުންނަށް ނޭނގޭ ކަހަލައެވެ.
"ވަޓް...؟ އެއީ އަދްޔަންތަ؟" ޝެނަލް ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލާފައި ހުޝާމް ބުނެލިއެވެ. ޝެނަލް ހަމައެކަނި ބޯޖަހައިލިއެވެ.
"ލެޓްސް ގޯ" ޝެނަލްގެ ހާލަތު ރަނގަޅުނޫންކަން އިނގުމުން ހުޝާމް ބޭނުންވީ އެތަނުން ދާށެވެ.
"މީގެ ދެތިންމަސް ކުރިން އަހަރެންވެސް ހަމަ އެގޮތަށް އަދޫގެ އަތުތެރޭގަ ހުރިން. ވިސްނަބަލަ. ކަންތައްތައް ބަދަލުވެގެންދިޔަ ގޮތް. އަހަރެންގެ ހިތަށް ހާދަ އެބަ ތަދުވެޔޭ" ޝެނަލްގެ އަޑު ކުރެހިގެން ގޮސް އެންމެފަހުން ކަރުނައިގެ އަސަރު ދެލޮލުން ފާޅުވެއްޖެއެވެ.
"ހިނގާބަލަ ދާން...." ޝެނަލް ހުރިތަނުން ގުޑާވެސް ނުލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާނެހާ ހިތްވަރު އޭނާގެ ނެތީއެވެ.
***
އުނޭޝްގެ އެދުމަށް ގޭ ހުރިހާ މީހުން ސިޓިންގރޫމަށް ޖަމާވެފައި ތިއްބެވެ. މަދީ ހަމައެކަނި ތަމަންނީއެވެ. ތަމަންނީ ކޮޓަރިން ނިކުންނަނީ ހަމައެކަނި މީހުން ނިދާ ގޭތެރެ ހިމޭންވުމުން ހަމައެކަނި ބަނޑުހައި ހޫނުކަން ފިލުވާލުމަށެވެ.
"ދޮންބެ މިއީ ކޮންކަމެއް؟ ކާކު އަންނަނީ؟" ޔަޝްފީ އަހައިލިއެވެ.
"ދެން އިނގިދާނެއްނު. މާލިކްބެ އެ އައީ ކަންނޭނގެ ދޯ" ބެލްއަޅާއިލި އަޑު އިވުމުން އުނޭޝް ބުނެލިއެވެ.
ވަދެގެން އައި މާލިކް ޙާއިޝާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ސުވާލުގެ ނަޒަރަކުން ފަހަރަކު މީހެއްގެ މޫނަށް މާލިކް ބަލައިލިއެވެ.
"ކޮންކަހަލަ ޕާޓީއެއް އަނެއްކާ؟" ސަމާސާ އެކުލެވޭ ރާގެއްގައި މާލިކް އަހައިލިއެވެ.
"ކޮންމެ ކަމެއްވެސް ފާޅުވެ މީހުންގެ ލޯމައްޗަށް ހަގީގަތް ފާޅުވެގެންދާނެ ވަގުތެއް އަންނާނެ. މިއީވެސް އެކަހަލަ ވަގުތެއް" އުނޭޝް ބުނެލިއެވެ. އެހެން މީހަކަށް އިތުރަށް އެއްޗެއް ނޭހިގެން އުޅެނިކޮށް ހުޅުވާލާފައި ހުރި ގޭދޮރު މައްޗަށް މީހަކު އަރައިފިއެވެ. އުނޭޝް ތެދުވެގެން ގޮސް ބައްސާމާއި ސަބްރީން އެތެރެއަށް ވެއްދިއެވެ. ބައްސާމަށް ހުރިހާ މީހުން ތަޢާރަފްކޮށްދިނެވެ. އިސްއުފުލާލަން ނުކެރިފައި ސަބްރީން ހުރިއިރު މިއަދު އޭނާގެ ހިތުގައި ރުޅިވެރިކަމެއްވެސް ހަސަދަވެރިކަމެއްވެސް ނެތެވެ. އޭނާއަށް މީހެއްގެ މޫނަށް ބަލަން ނުކެރިފައި ހުރީ ލަދުގަނެފައި ހުރި ވަރުންނެވެ.
ޙާއިޝާގެ ތުންފަތަށް ހިތްހެޔޮ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ސަބްރީން ހުރިގޮތުން ދެރަވެސްވިއެވެ.
"ސަބްރީން...!! މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. ކަމްލާ!! ނިކަން މޭޒުމަތި ތައްޔާރުކޮށްބަލަ. ސަބްރީން މިގެއަށް އައި ފުރަތަމަ ދުވަސް މިއީ" ޙާއިޝާގެ ހިތްހެޔޮކަން އިނގުމުން ސަބްރީން އިތުރަށް ލަދުގަތެވެ. އޭނާ ޙާއިޝާއަށް ކިހާ އެއްޗެއް ގޮވި ހެއްޔެވެ؟ ކިހާ މަލާމާތެއް ކުރި ހެއްޔެވެ؟ މިއަދު އެއިން އެއްވެސް ކަމަކަށް ބަދަލުހިފުމެއް ޙާއިޝާގެ ނެތެވެ. ސަބްރީންގެ ދެލޮލުން ކަރުނަ ނީރައިލިއެވެ.
މާލިކާ ސަލާންކުރުމަށްފަހު ބައްސާމް އިށީނެވެ. އަދި ކައިރީގައި ސަބްރީން ބޭންދިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ބައްސާމް ވާހަކަފެށިއެވެ.
"މިއާއިލާ އެންމެންނާ ވާހަކައެއްދައްކަން ބޭނުންވީ އަހަރެންނެއްނޫން. އަހަރެންގެ އަނބިމީހާ. މިވަގުތު މިތަނުގައި އަހަރެން މީނީ ހަމައެކަނި ސަބްރީނަށް ދެވޭ ހިތްވަރެއްގެ ގޮތުގަ" ބައްސާމް ބުނެލިއެވެ. އަދި އަތުގެ އުނޅަބޮށިން ސަބްރީންގެ އަތުގައި ޖަހައިލިއެވެ.
"ސަބްރީން މިގޭ އެއްވެސް މީހެއް ކައިރީގައި އެއްވެސް އެއްޗެއް ބުނާކަށް ނުޖެހޭ. އަހަރެންގެ ހިތް ކަރުދާސްކޮޅެއްހާ ސާފު. އެއްވެސް ޝަކުވާއެއްނެތް. މިރަށުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ އަހަރެންގެ އަވަށްޓެރިއެއް. ތިމާގެ މީހެއް. އެހެންވީމަ އެއްވެސް ކަމަކާ ސަބްރީން ކަންބޮޑުނުވޭ. ހިތްހަމަޖައްސާލާ" ޙާއިޝާ ވާހަކަދެއްކިއެވެ. ސަބްރީންގެ ހިތް ލޯބިން ފުރުނެވެ. ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟
"ވަރަށް އުފާވެއްޖެ. އަލްޙަމްދުލިﷲ. އަދި ވަރަށް މުހިންމު އެއްޗެއް ހަވާލުކުރަންވެފަ އެބައޮތް" ބައްސާމް ބުނެލިއެވެ. އަތުގައި އޮތް ކުޑަފޮށި ބައްސާމް ހަވާލުކުރީ އުނޭޝްއާއެވެ.
"މިހެން ބުނަން ވަރަށް ލަދުވެސްގަނޭ. މިއީ އުނޭޝް އަތުން ގެއްލުނު ހަތަރު ލައްކަ ރުފިޔާގެ ތެރެއިން އަހަރެންގެ އަންހެނުންނަށް ބައިއެޅި ދެލައްކަ ރުފިޔާ. ވެރިފާރަތަށް އަމާނާތްތެރިކަމާއެކު ހަވާލުކުރެވިއްޖެ. އަދި އެ އުފާވެސް ލިބިއްޖެ" ހުރިހާ މީހުންގެ މޫނުމަތިން ޙައިރާންކަން ފާޅުވެގެން ދިޔައެވެ. ކިޔާނެ އެއްބަސްވެސް ނޭނގުނެވެ.
"އުނޭޝް އަދި ތިހުރިހާ މީހުން ބޭނުންނަމަ އަޅުގަނޑުގެ އަނބިމީހާ ފުލުހުންނާ ހަވާލުކުރިޔަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއްނެތް" ބައްސާމް ބުނެލިއެވެ. އޭނާގެ އަޑުގައި ރިހުމެއްވިއެވެ. ސަބްރީނަށް އަނގަމަތީގައި އަތްއެޅުނެވެ. އޭނާއަށް ވޭނީ ގިސްލުމަކުން ރޮވެން ފެށުނެވެ.
"ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. ކުރެވުނު ކުށް އިހުސާސްވެ މަޢާފަށް އެދުމުން ސަބްރީން އެދައްކައިދެނީ ވަރަށް ރީތި ނަމޫނާއެއް. އޭނާ ފުުލުހުންނާ ހަވާލުކޮށްފިއްޔާ އެވާނީ އަހަރެމެންނަށް ބޭއިންސާފުން ކުރެވުނު ކަމަކަށް" ޙާއިޝާ ވާހަކަދެއްކިއެވެ. އޭނާ ތެދުވެގެން ގޮސް ސަބްރީން ކައިރީގައި އިށީނދެ ސަބްރީންގެ އަތުގައި ހިފައިލިއެވެ. އެހިނދު ކަރުނުން ފުރިގެންވި ދެލޮލުން ސަބްރީން ޙާއިޝާއާ ނަޒަރު ބަދަލުކޮށްލިއެވެ. އެތައް ޒަމާނަކަށްފަހު ސަބްރީން ޙާއިޝާގެ ގައިގައި ބައްދައިގަތެވެ. އޭނާގެ ރުއިމުގެ އަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ތަނުގައި ތިބި ހުރިހާ މީހުންގެ ދެލޯ ކަރުނުން ބަރާވިއެވެ. މިހުރިހާއިރު ސަބްރީންދެކެ ހިތްހަމަނުޖެހިފައި އިން އަދްޔަންގެ ހިތަށްވެސް އަސަރުކޮށްފިއެވެ.
"އުނޭޝްގެ އަނބިމީހާ ތިކޮޓަރިން ވައްކަންކޮށް އެފައިސާ ނެގީ. އެމަންޖެގެ ބޭނުމަކީ އަހަރެންގެ އަނބިމީހާއާ ގުޅިގެން މިއާއިލާ ބަނގުރޫޓް ކޮށްލުން. މިގޭގަ އަޅާ އެފިހާރައަކީ އޭނާ ވަގަށްނެގި ފައިސާއިން އަޅާ ތަނެއް. އެއީ ރަނގަޅު ކުއްޖެއްނޫން. ވަގުތު އޮށްވާ ސަލާމަތްވޭ. ނުނީ އެމަންޖެއަށް ވިސްނައިދީ. އަހަރެންގެ ދަރިފުޅާ އަދްޔަންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ތަމަންނީއާއި ސަބްރީން ގުޅިގެން އެކަންވެސް ނުބައިކުރީ. އެކަމުގެ ހިތާމައިގައި އަހަރެންގެ ދަރިފުޅު ނިމިއެދަނީ. ވެވެން އޮތިއްޔާ އަހަރެންގެ ދަރިފުޅަށް އެހީވެދީ" ޝެނަލްގެ ވާހަކަތައް އައި ހިސާބުން ބައްސާމް ހިތަށް ތަދުވެލިއެވެ.
"އަހަރެންގެ ހިތުގައި ޝަކުވައެއްނެތް. އެކަމަކު މިހާރު ވަގުތުފާއިތުވެއްޖެ" އަދްޔަން ބުނެލިއެވެ. ބައްސާމަށް ހީވީ އޭނާގެ ހިތުގައި ވަކިއެޅިގެން ދިޔަހެންނެވެ.
(ނުނިމޭ)