ވާހަކަ

ދެކިލަން އެދޭތީ - 47

2

ވިދުވަރުގެ ހަލުވިމިނުގައި ގޮސް އާރަބްގެ އަތުން ސިޓީއުރަ ޖަހައިގަންނަން ބަސްމާ އުޅުނެވެ. އެއާއެކު ހައިރާންކަން އެކުލެވިގެންވި އާރަބްގެ ނަޒަރު ބަސްމާގެ މޫނަށް ހުއްޓުނެވެ. އަވަސްއަވަހަށް އާރަބްގެ އަތުން ސިޓީއުރަ ޖަހައިގަންނަން ހަދައިގެން އޭގެ ތެރޭގައި ހުރި ގަނޑުތައް ވެސް ބިންމައްޗަށް ފައިބައިގެން ދިޔައެވެ. ބަސްމާއަށް ދެލޯ ބޮޑުކޮށްލަމުން އެމަންޒަރު ބަލަން ހުރެވުނެވެ. ގަނޑުތަކުގެ މައްޗަށް އެންމެފަހުން ވެއްޓުނީ ސިޓީއުރަ ތެރޭގައި އޮތް ޝަބާނާގެ ފޮޓޯއެވެ. ބަސްމާއަށް ހީވީ އޭނަގެ މޭގަނޑު އަނގަޔަށް އައިހެންނެވެ. އަވަސްއަވަހަށް އެފޮޓޯގަނޑު ނަގަން ތިރިވެލެވުނެވެ.

ބަސްމާއަށް ވުރެ ކުރިން ފޮޓޯގަނޑު ނެގީ އާރަބްއެވެ. ފޮޓޯގަނޑަށް ދެވުނު ނަޒަރާއެކު އާރަބްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ސިހުމުގެ އަސަރު އެމޫނުމަތިން ފެނުނެވެ. ފޮޓޯގަނޑަށް ބަލަމުން ބަސްމާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. އޭރު ހާސްވެގެން ގޮސް ބަސްމާގެ ނިތުން ދާހިތްލަން ފަށައިފިއެވެ. ކޮޓަރީގެ ތެރެއަށް ފެތުރިފައި އޮތް އޭސީގެ ފިނިކަމުގެ ތެރޭން ވެސް މީހާއަށް ހޫނުވާން ފެށިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައީނުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެހެންނެވެ. ހަޤީޤަތް ބޭޒާރު ވެދާނެކަމުގެ ބިރާ ހުރެ ނޭވާލާން ވެސް ދަތިކަމަކަށް ވެއްޖެއެވެ. އާރަބްގެ ތޫނު ނަޒަރުން ފިލައި ސަލާމަތުގެ އައްސޭރިއަކަށް ދާން ބޭނުން ވިއެވެ. އާރަބްގެ ހިތުގައި ސުވާލު ނުއުފެދޭނެ ގޮތަކީ ނެތް ގޮތަކަށެވެ. ހާސްވެގެން ދިޔަ ސިކުނޑިއާއެކު ބަސްމާއަށް އިސްޖަހާލެވުނެވެ.

''މިކޯޗެއްތަ؟...'' ތެޅިތެޅި އޮތް ހިތަކާއެކު އާރަބްއަށް ސުވާލުކުރެވުނެވެ. ޒަމާންތަކެއް ފަހުން ޝާބާނާގެ ފޮޓޯ ފެނުމުން މާޒީގެ ހަނދާންތައް އާލާވެގެން ދިޔަހެން އާރަބްއަށް ހީވިއެވެ. އެސޫރަ ފޮޓޯގަނޑަކުން ފެނުނު ކަމުގައި ވިޔަސް ރިހުމެއް ހިތުގައި އުފެދިގެން ދިޔައެވެ. ޝަބާނާއާ މެދު ކަންތައް ކުރެވުނު ގޮތް ލޯކުރިމަތިން ތަމްސީލުވެގެން ދިޔައެވެ.

ބަސްމާއާ ވަކިކޮށްލެވުނު ނަޒަރު އާރަބްއަށް ހުއްޓާލެވުނީ ބިންމަތީ އޮތް ގަނޑުތަކަށެވެ. އެގަނޑުތައް ވެސް ނަގައި އޭގައި ހުރި ލިޔެކިޔުންތަކަށް އަވަސް ނަޒަރެއް ދިނެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްކަން ނޭނގި ސިކުނޑިއަށް ހާސްކަން ވެރިވިއެވެ.

''ބަސްމާ، އަހަރެން މިއަހަނީ މީ ކޯޗެއް ހެއްޔޭ!، ޖަވާބު ދީބަލަ...'' ބަސްމާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އާރަބް ސުވާލުކުރިއެވެ. އޭނަގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިގެންވިއެވެ. ''ކީއްކުރަން މިފިރިހެންކުއްޖާއާއި ޝަބާނާގެ މައުލޫމާތު ހޯދަން ބަސްމާ ތިއުޅެނީ؟...''

ބަސްމާގެ ހިމޭންކަމުން އާރަބްގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. އޭނައާ ހަތަރުކަޅި ހަމަކުރަން ބަސްމާ ފަސްޖެހެމުން ދިޔަ ތަން ފެނި ހިތަށް ބިރުވެރިކަމުގެ ރާޅުތަކެއް ބިންދާލިއެވެ. އެހިނދު އޭނައަށް ވިސްނެމުން ދިޔައީ އެލިޔެކިޔުންތަކާ މެދުގައެވެ. ވިސްނެމުން ދިޔަ ވަރަކަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ. އެކަމުން ނެގެން އޮތީ ހަމަ އެންމެ މާނައެކެވެ. ހާސްކަން ލިބެނީ އެހެންވެއެވެ.

''ބަސްމާ!!!'' ތަންކޮޅެއް ބާރަށް އާރަބްއަށް ގޮވާލެވުނެވެ. އެއަޑަށް ބަސްމާ ދިޔައީ ސިހިގެންނެވެ. ބިރުން ގޮސް ލޮލުން ކަރުނަ ހިލިއްޖެއެވެ. ކަރުނުން ފުރިގެންވި ދެލޮލާއެކު އިސްއުފުލައިލެވުނެވެ. އާރަބްގެ މޫނު ފެނި އޭނައަށް ހިންދިރުވާލެވިއްޖެއެވެ. ރުޅިވެރިކަމާއި ހާސްކަމުގެ އަސަރުތައް އެމޫނުން ފެނުނެވެ.

''މި ކީއްކުރާ އެއްޗެއް!، ޝަބަނާއާއި މިފިރިހެންކުއްޖާގެ މަޢުލޫމާތި ބަސްމާ ހޯދަނީ ކީއްވެ!، ޖަވާބު ދީބަލަ!...'' ބަސްމާގެ ހިމޭންކަމުން އާރަބްގެ އަޑު ބާރުވިއެވެ. ހިތަށް ލިބުނު ހާސްކަން ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރަން ފެށިއެވެ. ސިކުނޑިއަށް ވެރިވެގެން ދިޔަ ޚިޔާލުތަކާއެކު މީހާގެ ތަބީއަށް ބަދަލުވެގެން ދިޔައެވެ.

''އާރަބް... އަހަރެން...'' ބަސްމާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ހަޤީޤަތް ދުލާ ހަމައަށް ގެންނަން އުނދަގޫ ކަމަކަށް ވެއްޖެއެވެ. އެކަންތައް އާރަބްއަށް އެނގިއްޖެނަމަ ކަންތައް ވެގެން ދާނެ ގޮތަކާ މެދު އޭނަގެ ހިތް ބިރުގަންނަން ފެށިއެވެ. ދިރިއުޅުން ބަރުބާދުވެދާނެތީ ވެސް ފިކުރު ބޮޑުވިއެވެ. ނަމަވެސް އާރަބްގެ ރުޅިވެރިކަން ފެނި އިތުރަށް ސިއްރުކުރުން އެއީ ބުއްދިވެރި ޚިޔާލެއް ކަމުގައި ނުފެނުނެވެ.

ބަސްމާއަށް އޭނަގެ ތުންފަތުގައި ދަތް އަޅާލެވުނެވެ. މިއީ އޭނަގެ އުފާވެރިކަމުގެ ގަނޑުވަރުގެ ބިންގާ ފުނޑުފުނޑުވެ ބިމާ ހަމަވުމުގެ ކޮޅުމަތި ހެއްޔެވެ؟ ހަޤީޤަތް އެނގުމުން އާރަބް ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ މަޢުލޫމާތު ހޯދަން ޝަބާނާގެ ގާތަށް ގޮސްފާނެ ހެއްޔެވެ؟ ޝަބާނާގެ ގާތުން އެފަދަ ބޮޑު ހަޤީޤަތެއް ސިއްރުކުރުމުގެ ސަބަބު އޮޅުންފިލުވަން މަސައްކަތްކޮށްފާނެ ހެއްޔެވެ؟ އެހުރިހާ ޚިޔާލަކާ މަސްހުނިވެ ޖާދިންއާއި މެދުގައި ވެސް ބަސްމާއަށް ވިސްނުނެވެ. މިހުރިހާ އަހަރުތަކެއް ވަންދެން ޖާދިން ގާތު ހަދާފައިވާ ދޮގުތަކާއި އޮޅުވާލުންތައް ހާމަވެދާނެތީ ވެސް ގަތީ އަމަށަކު ބިރެއް ނޫނެވެ. ބަސްމާ އެންމެ ބޮޑަށް ހާސްވީ ޖާދިންއާ މެދު ވިސްނާލާފައެވެ. އެދަރިފުޅު ބީވެގެން ދާން ބަސްމާގެ ހިތަކަށް ކެތެއް ނުކުރެވޭނެއެވެ. މިއީ މާޒީގައި އޭނަ ކުރި ކަންތަކަށް ސަޒާ ލިބެން އޮތް ގޮތް ހެއްޔެވެ؟

''ޖަވާބު ދޭށޭ...'' ކުރިއަށް ވުރެން އާރަބްގެ އަޑު ބާރުވެގެން ދިޔައެވެ. އޭނަގެ ނަފުސު ތެޅިފޮޅެނީއެވެ. ޝަބާނާގެ ފިރިހެންދަރިއަކު ހުރުމުން އެކަމާ މެދު ސިކުނޑި ހާސްވަނީއެވެ. ވިސްނެމުން ދިޔަ ވަރަކަށް ބޮލުގައި ރިހުމެއް ވެސް އުފެދެން ފެށިއެވެ.

''އާރަބް، އީވާ ރައްޓެހިވެގެން އުޅޭ ކުއްޖަކީ އެއީ، ތިމައުލޫމާތު ހޯދި އިރުގައި އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން ތިހެން ކަންތައް ވެދާނެޔެކޭ، ޝަބާނާގެ ކުއްޖަކަށް ވެދާނެޔެކޭ... އަހަންނަށް ވެސް ތިކަން އެނގުނީ ވަރަށް ފަހުން... ތީގައި ތިވާ ހަޤީޤަތް އާރަބްއާ ހަމައަށް ގެންދަން އަހަރެން ފަސްޖެހުނީ... ނޫން!، ފަސްޖެހުނީއެއް ނޫން!، ބިރުގަތީ... އަހަރުމެން ހަދާފައިވާ ދޮގުތައް އެނގި ފާޅުވެދާނެތީ ބިރުގަތީ... އާރަބް!...'' ބަސްމާ އުނދަގުލުން ވާހަކަދެއްކިއެވެ. އޭނައަށް ރޮވިއްޖެއެވެ. އާރަބް ކަންތައް ކުރާނެ ގޮތަކާ މެދުގައި އޭނަ ހިތްނުތަނަވަސް ވިއެވެ.

''ކޮން ހަޤީޤަތެއްތަ؟، ކޮންކަމެއް އަހަރެން ގާތު ބުނަންތަ ބިރުގަންނަނީ؟، ޝަބާނާގެ ދަރިއަކަށް ވީމަތަ؟...'' އަވަސްވެގެން ދިޔަ ހިތަކާއެކު އާރަބްއަށް ސުވާލުކުރެވުނެވެ. މިވީހާ އަހަރުގެ ތެރޭގައި ޝަބާނާގެ މައުލޫމާތު ހޯދަން އޭނަ މަސައްކަތްކޮށްފައެއް ނުވެއެވެ. ހަޤީޤަތަށް ބުނާނަމަ ޝަބާނާއާ މެދު ކަންތައް ކުރެވުނު އިހާނެތި ގޮތުގެ ސަބަބުން އެފަދަ ކަމެއް ކުރަން އޭނަ ފަސްޖެހުނީއެވެ. ޝަބާނާގެ ކުރިމައްޗަށް ވެސް އަރަން ފަސްޖެހުނީއެވެ. މިއަދާ ހަމައަށް ވެސް ޝަބާނާގެ ހަނދާންތައް އެހިތުގެ ކަނެއްގައި ވަންހަނާ ކުރެވިފައި ވިއެވެ. އެހަނދާންތަކާއި ދުރުވެލަނީ އޭނަގެ އައު ހަޔާތަށްޓަކައެވެ. ބަސްމާ ދެކެ ވެސް ލޯބިވާތީއެވެ. ދެމީހުން ބިނާކޮށްފައިވި ދޮގުތައް ފާޅުވެގެން ދާން ބޭނުން ނުވާތީއެވެ. ނަމަވެސް ނިއުޅެމުން ދިޔަ މަންޒަރުތަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ޝަބާނާގެ އެފިރިހެން ދަރިފުޅާ މެދު ހިތް ނުތަނަވަސްވެއްޖެއެވެ. މަންޒަރުތައް ގުޅުވާލަން އުޅުނު ހަޤީޤަތާ މެދު ހިތް ބިރުގަންނަން ފަށައިފިއެވެ.

''ޝަބާނާ... އޭނަ އުޅެނީ އިތުރު ކައިވެންޏެއް ކޮށްގެންތަ!...'' މޫނުގައި އަތް ހިންގާލަމުން އާރަބްއަށް ސުވާލުކުރެވުނެވެ. ކެތްތެރިކަމެއް ނެތި އެސުވާލުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައި އާރަބް ހުއްޓެވެ. މިކަންތަކުގެ ފުނަށް ފީނަން ބަސްމާ މަސައްކަތްކުރާނެކަން ޔަޤީންވާތީއެވެ. އެހިތަށް ގޯނާކުރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ބަސްމާ ވާނީ ހޯދާފައިކަން ވެސް ޤަބޫލުކުރެވުނެވެ.

''ޖަވާބު ދީބަލަ!...'' އާރަބްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ބަސްމާ ސިހުނެވެ. ދެލޯބޮޑުކޮށްލަމުން އާރަބްއަށް ބަލައިލިއެވެ.

''ނޫން!... އާރަބްއާއި ވަރިވިފަހުން އިތުރު ކައިވެންޏެއް ނުކުރޭ...'' އާރަބްއާ ހަތަރުކަޅި ހަމަކުރުން އުނދަގޫ ކަމަކަށް ވުމުން ބަސްމާއަށް އިސްޖަހައިލެވުނެވެ. އެޖަވާބާއެކު އާރަބްއަށް ހީވީ ފައިގެދަށުންބިންގަނޑު ދެމިގެން ދިޔަ ހިންނެވެ. ސިހުމުގެ އަސަރާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެ ދިޔައިރުގައި ވެސް ބަސްމާގެ ޖުމްލަ ހޮނު ގުގުރިއެއްގެ ސިފައިގައި އެކަންފަތުގައި ގުގުމަމުން ދިޔައެވެ. ކޮޅަށް ހުންނާނެ ހަކަތަ ހުސްވުމާއެކު އާރަބްއަށް އެނދަށް ތިރިވެވުނެވެ. ނޭވާލާން އުނދަގޫވެފައިވުމުން މޭގައި އޭނައަށް ފިރުމާލެވުނެވެ.

''ތި ބުނީ އެއީ އަހަރެންގެ ދަރިއެކޭތަ؟...'' ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން އާރަބްއަށް ބުނެވުނެވެ.

ބަސްމާއަށް އޭނަގެ ތުންފަތުގައި ދަތް އަޅާލެވުނީ ނިކަން ބާރަށެވެ. އެސުވާލަށް ޖަވާބު ދޭން ބޭނުމެއް ނުވިއެވެ.

ބަސްމާގެ ހިމޭންކަމުން އާރަބްގެ ސުވާލަށް ޖަވާބު ލިބުނެވެ. ފުން ނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ. އެއީ ހަޤީޤަތެއް ނަމަ މިހުރިހާ އަހަރު ވަންދެން އެކަން ސިއްރެއްގެ ގޮތުގައި ޝަބާނާ ބޭއްވީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ނޭންގީ ކީއްވެގެން ހެއްޔެވެ؟ މާޒީގައި ކަންތައް ވެދިޔަ ގޮތުން ބިރުގަތީ ހެއްޔެވެ؟ ނަމަވެސް އޭނަގެ އިތުރު ދަރިއަކު ހުރިނަމަ އޭނައަށް އެނގެން ޖެހޭނެއެވެ. އެދަރިއެއްގެ ޒިންމާތައް އުފުލުމުގެ ފުރުސަތު އޭނައަށް ދޭން ޖެހޭނެއެވެ. ޒިންމާތަކަށް ދުވާހާ އޭނައަކީ ހިލަހިތެއްގެ ވެރިޔެއް ނޫނެވެ. އާރަބްގެ ހިތް ޝަކުވާތަކުން ފުރިގެން ދިޔައެވެ. ހަމަ އެދަނޑިވަޅުގައި އޭނައަށް ކުރެވުނު ކަންތައް ވެސް ހަނދާންވެ އިސްޖަހާލެވުނެވެ.

''އަހަރެން މީ ކާކުތަ ޝަބާނާ އެފަދައިން ކަންތައް ކުރުމުން ޝަކުވާ ކުރަން!، އަހަންނަށް ޝަބާނާއާ މެދު ކަންތައް ކުރެވިފައިވަނީ ވަރަށް ރަހުމުކުޑަ ގޮތަކަށް!... މިއަދު އަހަރެން ކުރި ކަންތަކުގެ ސަޒާ ކަންނޭނގެ އަހަންނަށް ލިބެމުން މިދަނީ، އެއީ އަހަރެންގެ ދަރިއަކަށް ވެއްޖެނަމަ އެދަރިފުޅު އަހަންނާ މެދު ދެކޭނީ ކިހިނެއްތަ؟، ޝަބާނާ އެދަރިފުޅަށް ކިޔައިދީފައިވާނީ ކިހާ މިންވަރަކަށްތަ؟... އޭނަގެ ބޭބެއަކު ހުރިކަން ހާމަ ކުރާނެތަ؟... އަހަރެން ބޭނުން ހުރިހާކަމެއް އެނގެން!، އެކަމަކު ކިހިނެއް!... ޝަބާނާގެ ގާތަށް ގޮސްގެން ނޫނީ ސުވާލުތަކުގެ ޖަވާބެއް ނުލިބޭނެ!... އެކަމަކު ޝަބާނާގެ ގާތަށް އަހަރެން ދާނީ ކޮން ހައިސިއްޔަތަކުންތަ؟... އެހިތުގައި އަހަންނަށްޓަކައި ނަފުރަތު ނޫން އެހެން އިހުސާސެއް ނުވާނެ، އަހަރެންގެ މި ދެއަތުން...'' އާރަބްއަށް އޭނަގެ ދެއަތަށް ބަލައިލެވުނެވެ. އޭނައަށް ޝަބާނާއާ މެދު ކަންތައް ކުރެވުނު އިހާނެތި ގޮތް ހަނދާންވެ ހިތުގައި ރިހުމެއް އުފެދިގެން އައެވެ. ލޮލުން ކަރުނައިގެ ދިލަކަން ފާޅުވާން ފެށިއެވެ.

''އާރަބް!...'' ހިމޭންވެފައި އިން އާރަބް ފެނި ބަސްމާއަށް ގޮވާލެވުނެވެ. އެހިމޭންކަމުން އޭނައަށް އުނދަގޫވާން ފެށިއެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އާރަބްގެ ވިސްނުން ހުރި ގޮތް ހޯދުން މުހިންމުކަމަކަށް ވެއްޖެއެވެ.

''ވެދާނެއެއްނު އެއީ އެހެން މީހެއްގެ ދަރިއެއް ކަމަށް ވެސް... އެއީ އާރަބްގެ ދަރިއެއް ނަމަ އޭނަ ބަދަލު ހިފަން ވެސް އުޅުނީސް، އެކަމަކު ސިއްރެއްގެ ގޮތުގައި އެކަން ބާއްވާނީ އެހެން މީހެއްގެ ދަރިއަކަށް ވީމައެއް ނޫންތަ!... ކައިވެންޏެއް ނުކޮށް ލިބިފަ ހުރި ދަރިއަކަށް ވެސް......'' ބަސްމާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ރުޅިވެރިކަމުގެ ނަޒަރެއް އާރަބް ދިނުމުންނެވެ. އެލޮލުގައިވި ރަތްކަމުން ވެސް ބަސްމާގެ ދުލުގައި ތަޅެއް ލެވިގެން ދިޔައެވެ. ހިތްވެސް ހިނދުކޮޅަކަށް މަޑު ޖެހިލިއެވެ. ބުނަން ނުވާ އެއްޗެއް ދުލާ ހަމައަށް އައުމުން ހިންދިރުވާލަން ދަތިކަމަކަށް ވެއްޖެއެވެ.

''ހަބަރުދާރު...'' ޝަބާނާގެ ބޮލުގައި ބަސްމާ އެޅުވި އިލްޒާމުގެ ސަބަބުން އާރަބްގެ ގާތަށް ރުޅި އަތުވެއްޖެއެވެ. އޭނައަށް ފުންމައިގެންފައި އެނދުން ތެދުވެވުނެވެ. އާރަބްގެ އެހަރަކާތުން ބިރުން ގޮސް ބަސްމާއަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ.

''ދެން އިތުރަށް ޝަބާއާ ދިމާއަށް އެއްޗެއް ނުބުނާތި، ތިކަހަލަ ތުހުމަތެއް އަންހެނަކަށް ވެހުރެ އެހެން އަންހެނެއްގެ ބޮލުގައި އަޅުވަން ބަސްމާއަށް ކެރުނީ ކީއްވެގެންތަ!، ޝާބާއަކީ އެކަހަލަ އަންހެނެއް ނޫން، އަހަންނަށް ޔަޤީން އެއީ އަހަރެންގެ ދަރިއެއްކަން، ވަރިވުމުގެ ކުރިން އެފަދަ ގުޅުމެއް ޝާބާއާއިއެކު ވަނީ ހިންގިފައި... އެކަންތައް ސިއްރުކުރަން ޖެހުނީ އަހަރުމެންނަށް ޝަބާނާއާ މެދު ކަންތައް ކުރެވުނު ގޮތުން، އެދުވަސްތައް ބަސްމާ ހަނދާން ނެތުނީތަ؟، އަހަރުމެން ދެމީހުން އުފާވެރި ދިރިއުޅުމެއް ހޯދަން ޝަބާނާއާ މެދު ކަންތައް ކުރެވުނީ ކިހިނެއްތަ... އަހަރެއްވީ ދަރިފުޅު އަތުލައިގެން އަހަރުމެން އައީ އަހަރުމެންގެ އާއިލާ ފުރިހަމަ ކުރަން، ޝަބާނާ ކުރި އާދޭހާއި ރުއިރުއިން ބަސްމާ މިހާ އަވަހަށް ހަނދާން ނެތުނީތަ!...'' އާރަބްގެ އަޑު ބާރުވެގެން ދިޔައެވެ.

*****

ކޮޓަރިއަށް ދިއުމަށް ބާރު ބާރަށް ހިނގާފައި ދިޔަ ޖާދިންއަށް ފިޔަވަޅުތައް މަޑު ޖައްސާލެވުނީ ބައްޕަގެ ބާރު ހަޅޭކުގެ އަޑަށެވެ. ލިބުނު ހައިރާންކަމާއެކު އޭނައަށް ބަލައިލެވުނީ ބައްޕަގެ ކޮޓަރިއާއި ދިމާއަށެވެ. ދެފިކުރެއްގެ މަތީގައި ހުރެފައި ޖާދިންއަށް ހިނގައިގަނެވުނީ އެދިމާއަށެވެ. ދޮރު ކުރިމައްޗަށް ހުއްޓެމުން ޖާދިންއަށް މަޑުކޮށްލެވުނެވެ. ހިތުގައި ސުވާލު އުފެދިފައިވާ ހާލު ދޮރުގައި ޓަކި ޖަހަން އަތް ހިއްލާލެވުނެވެ. ނަމަވެސް މަޑުޖެހެވުނީ އިވެމުން ދިޔަ ވާހަކަތަކުންނެވެ. ޖާދިންގެ ކަންފަތް އެވާހަކަތަކަށް ހުޅުވާލެވުނެވެ.

*****

''އާރަބް!، ކޮންތާކަށް ދާންތަ ތިދަނީ؟...'' ކޮޓަރިން ނިކުންނަން ދިޔަ އާރަބް ފެނި ބަސްމާއަށް ތެޅިގަނެވުނެވެ. ދުވެފައި ގޮސް އާރަބްގެ އަތުގައި އޭނައަށް ހިފަހައްޓާލެވުނެވެ.

''މިދަނީ ހަޤީޤަތް އޮޅުން ފިލުވަން!...'' ބަސްމާގެ އަތް ފޮޅުވާލަމުން އާރަބް ބުނެލިއެވެ.

''ނޫން، ތިހެން ނަހަދާ!، ޖާދިން!، ޖާދިންއާ މެދު ވިސްނާލަބަލަ، ޖާދިންއަށް ހަޤީޤަތް އެނގިއްޖެނަމަ ވާނީ ކިހިނެއްތަ!، އަހަރުމެން ހެދި ދޮގުތައް...... އެދޮގުތައް ޖާދިންއަށް އެނގިއްޖެނަމަ ވާނީ ކިހިނެއްތަ!، އާރަބް، އަހަރެން އާދޭސްކުރަން، މިހިސާބުން މިކަންތައް ނިންމާލާ... އާދޭސްކުރަން، ޖާދިންއަށް ހަޤީޤަތް އެނގެން އަހަރެން ބޭނުމެއް ނޫން، އެދަރިފުޅު އަހަރެންދެކެ ނަފުރަތުކުރާ މަންޒަރު ދެކެން ކެތެއް ނުވާނެ... މިހުރިހާ ދުވަހު ވެސް އާރަބްގެ ހުރި ހަމައެކަނި ދަރިފުޅަކީ ޖާދިންއެއް ނޫންތަ!، ޝަބާނާ އޭނަގެ ދަރިއާއެކު އެކަނިވުމަށް ދޫކޮށްލާ، ހެޔޮނުވާނޭ...'' އަނެއްކާ ވެސް އާރަބްގެ އަތުގައި ހިފަމުން ރޮމުންރޮމުން ބަސްމާ އާދޭސްކުރިއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އާރަބް ހުއްޓުވަން އޭނަ ބޭނުމެވެ. އޭނަގެ އާއިލާގެ އުފަލަށްޓަކައެވެ. ހަމަޖެހުމަށްޓަކައެވެ.

''ބަސްމާއަށް ތިދެއްކޭ ވާހަކައެއް އެބަ އެނގޭތަ!، އަހަރެންގެ އިތުރު ދަރިއަކު ހުންނަކަން އެނގުމުން ވެސް ނޭނގޭ ކަމަށް ހަދާށޭތަ ތިބުނަނީ!... ކޮންމެވެސް އެއްދުވަހަކުން ޖާދިންއަށް ވެސް ހަޤީޤަތް އެނގޭނެ، އަހަރުމެން އޭނައަށް ހެދި ދޮގުތަކާ އޮޅުވާލާފައިވާ މިންވަރު ވެސް އެނގޭނެ...... އޭރު އަހަރުމެންނަށް ހީވީ އަބަދު ސިއްރުކުރެވޭނެހެން، ޖާދިންގެ ޅަކަމުގެ ފައިދާ ނަގައި ވިސްނުމާ ކުޅެލީ މިކަހަލަ ދުވަހެއް ދެކެން ޖެހިދާނެކަން ނޭނގި... އެކަމަކު ކިހާ ދުވަހެއް ވަންދެންތަ އޮޅުވާލެވޭނީ، އޭނަގެ އަސްލު މަންމައާ މެދު އެހިތުގައި އޮތް ނަފުރަތަކީ އަހަރުމެން ދެއްކި ދަޅައެއް ނޫންތަ؟، ބަސްމާއަކީ ދޮންމަންމަ ކަން އެނގޭ އިރުގައި ވެސް އަސްލު މަންމަގެ ހަޤީޤަތް ހޯދަން ބޭނުން ނުވަނީ އަހަރުމެން ހެދި ދޮގުތަކުގެ ސަބަބުން، އޭނަގެ އަސްލު ނަމުން ފެށިގެން ގޮސް ކިހާ ވަރަކަށް އޮޅުވާލެވިފައި ވަނީ... މިއަދު މިފެންނަނީ އަހަރުމެން ކުރި ކަންތަކުގެ ސަޒާ ކަންނޭނގެ، ޝަބާނާގެ ހިތުގައި ޖައްސާފައި އުފާވެރި ދިރިއުޅުމަކަށް އަހަރުމެން ކުރި އުއްމީދު މިވަނީ ނިމުމަކަށް އައިސްފައި... އަހަރެން ހަޤީޤަތުގަ ދެރަވޭ ޝަބާނާއާ މެދު ކަންތައް ކުރެވުނު ގޮތުން!، ބަސްމާއަށް ތުހުމަތުގެ އިނގިލި އަހަރެން ދުވަހަކުވެސް ދިއްނުކުރާނަން، ޚުދު އަހަރެން ވެސް ބޭނުންވެގެން ކުރެވުނު ކަންތައް އެއީ... ބަސްމާދެކެ ލޯބިވާތީ ކުރެވުނު ކަންތައް... އޭރު އެކަމާ މެދު ވިސްނަން ބޭނުންނުވީ... ކުރެވުނު ކަންތަކުގެ ސަޒާ ކަންނޭނގެ މިލިބެނީ، އިތުރު ދަރިއަކު ދުނިޔޭގެ ހުރިކަން ވެސް ނޭނގި އެހުރީ ބޮޑުވެފައި، އެދަރިފުޅުގެ ހިތުގައި އަހަންނާ މެދުގައި ވަނީ ކީކޭކަމެއް ވެސް ނޭނގޭ......'' އާރަބްގެ އަޑުގައި ހިތިކަމެއް އުކެލެވިގެން ވިއެވެ. ބަސްމާގެ އަތް ނައްޓުވާލަމުން ކޮޓަރިން ނިކުންނަން އާރަބް އުޅުނެވެ. ތެޅިގެންފައި ގޮސް މިފަހަރު ބަސްމާ އެރީ އާރަބްގެ ކުރިމައްޗަށެވެ. ލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލު ދެފަރާތަށް ބޯހޫރާލިއެވެ.

''ނޫން، ނޫން... ތިހެން ނަހަދާ، ޖާދިންގެ ހިތުގައި އަހަންނާ މެދު ނަފުރަތު އުފެދިދާނެ، އުފަން ދަރިޔަކަށް ނުވިޔަސް އަހަރެން ޖާދިން ދެކެނީ އަމިއްލަ ދަރިއެއް ފަދައިން، އެދަރިފުޅާ ވަކިވާކަށް އަހަރެން ބޭނުމެއް ނޫން، ޝަބާނާގެ ހަޤީޤަތް އެނގުމަށް ފަހު ޖާދިން ބޭނުން ވާނީ އޭނަގެ ގާތަށް ދާން، އަހަރުމެންގެ ގާތުގައި މަޑެއް ނުކުރާނެ، ހެޔޮނުވާނެ އާރަބް... ތިހެން ނަހަދާ!، މިހުރިހާ ދުވަހު އާރަބްގެ ގާތުގައި ހުރި ދަރިފުޅާ މެދު ވެސް ވިސްނާލަބަ، ހަޤީޤަތް އެނގުމުން އެދަރިފުޅަށް ލިބޭނެ ހިތާމަތަކާ މެދު ވިސްނާލަބަލަ، ޝަބާނާއާއެކު ދެން ހުރި ދަރިފުޅު ދޫކޮށްލާ، އާދޭސްކުރަން، ޖާދިންއާ މެދު ވިސްނާ...'' ދެއަތްތިލަ ޖޯޑުކުރަމުން ބަސްމާ އާދޭސްކުރިއެވެ.

''ކިހާ ދުވަހެއް ވަންދެންތަ ހަޤީޤަތް ފޮރުވާނީ؟، މީހުންގެ ދުލުކުރީގައި ވެސް ކިހާ ދުވަހެއްވަންދެން ހިފެހެއްޓިއްޖެ، ޖާދިންއަށް ވެސް ހަޤީޤަތް އެނގުމުގެ ހައްޤުލިބިގެނެއް ނުވޭތަ؟... ދެން ހެޔޮ!، ވަރަށް ގިނަ ދުވަހު ދޮގު ހެދިއްޖެ، އޮޅުވާލެވިއްޖެ، މިކަމާހުރެ އެންމެފަހުން އަހަރެންގެ ދަރީން ވެސް އަހަރެންދެކެ ނަފުރަތުކުރާނީ... ބަސްމާ، މިއީ ޖާދިންއަށް ހަޤީޤަތް އަންގަންވީ ވަގުތު، ދުނި އުމުރަށް ހުރިހާކަމެއް ފޮރުވިފައި ނޯންނާނެ... އޭނަގެ މަންމަގެ ހަޤީޤަތް އެނގުން ވަރަށް މުހިންމު، އެހިތުގައި އެވާ ނަފުރަތު އެއީ އަހަރުމެންގެ އަމިއްލަ އެދުން ހާސިލުކުރަން އެފެއްދި އެއްޗެއް، މިހުރިހާ ދުވަހު ޖާދިން އެހުންނަނީ އެވާހަކަތައް ޤަބޫލުކޮށްގެން!... މިއަދު މީ އަހަރުމެން ވެސް އެކަމާ ކުރިމަތިލާން ވީ ދުވަސް، ދޮގު ހަދަހަދާ އަހަރެން ވަރުބަލި ވެއްޖެ، ބަސްމާ ވަރުބައްޔެއް ނުވޭތަ!......'' ފުންނޭވާއެއް ދޫކޮށްލަމުން އާރަބް ބުނެލިއެވެ. އޭނަގެ އަޑުގައި މިހާރު މަޑުމޮޅިކަން ވިއެވެ. ރުޅިވެރިކަމެއް އާރަބްގެ އަޑުގައި ނުވެއެވެ. ބަސްމާއަށް ވިސްނައިދޭން މަސައްކަތްކުރާ ކަހަލައެވެ. ދޮގުހަދަހަދާ އޭނަ ވަރުބަލިވެއްޖެކަމަށް ބުނަމުން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

''ނޫން!...'' ރޮމުންރޮމުން ބަސްމާއަށް ބުނެވުނެވެ.

''ބަސްމާ، ވަގުތު އައިސް ޖެހިއްޖެ، އިތުރަށް މައްސަލަ ގޯސް ނުވަނީސް ހައްލެއް ހޯދުން މުހިންމު، ޝަބާނާގެ ގާތަށް ދާން އަހަރެން ބޭނުން... މާކިންއަކީ އަހަރެންގެ ދަރިއެއް!، އެކަމާ ޝަބާނާއާ ސުވާލުކުރަން ބޭނުން..... ދެބެއިންގެ ދެމެދުގައި ހައިޖާންގަނޑެއް އުފެދުނުމުގެ ކުރިން ހަޤީޤަތް ހާމަކުރަން ވެސް ބޭނުން...'' ބަސްމާގެ ކޮނޑުގައި ހިފާލަމުން އާރަބް ބުނެލިއެވެ. ރޮމުންރޮމުން އާރަބްގެ މޭގައި ބަސްމާއަށް މޫނު ޖައްސާލެވުނެވެ. އޭނައަށް ގިސްލެވެމުން ދިޔައެވެ. ޖާދިންއާއި މެދު ވިސްނި އެހިތުގައި ވޭން އަޅަން ފެށިއެވެ. އެވޭންތައް ކަރުނައިގެ ސިފަ އިހުތިޔާރުކުރަން ފެށިއެވެ.

*****

ކޮޓަރީގެ ބޭރުގައި ހުރި ޖާދިންއަށް ސިހިފައި ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އިވުނު ވާހަކަތަކުން މީހާއަށް ސިހުމެއް ލިބިފައި ވިއެވެ. އެވާހަކަތައް ނަގައިގަންނަން ވެސް އުނދަގޫވިއެވެ. އެދެކެވުނީ ކޮން ހަޤީޤަތެއްގެ ވާހަކަ ހެއްޔެވެ؟ ކޮން ދޮގުތަކެއްގެ ވާހަކަ ހެއްޔެވެ؟ އޭނަގެ މަންމަގެ ކޮން ހަޤީޤަތެއް އޮޅުވާލެވުނު ވާހަކަ ހެއްޔެވެ؟ މާކިންގެ ވާހަކަ އެދެކެވެނީ ކީއްވެގެން ހެއްޔެވެ؟ ދެބެއިންނޭ ބައްޕަ އެބުނަނީ ކީއްވެގެން ހެއްޔެވެ؟

ސިކުނޑީގައި އެނބުރެން ފެށި ސުވާލުތަކުން ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. އޭނައަށް ވިސްނެން ފެށީއްސުރެ ބަސްމާއަކީ އޭނަގެ ދޮން މަންމަކަން އޮތީ ބުނެދީފައެވެ. ދޮންމަންމަ ކިޔައިދިން ގޮތުން ވިއްޔާ މަންމަ ވަނީ އޭނަގެ އުމުރުން އަހަރެއްހާ ދުވަސް ތެރޭގައި ބައްޕަ ދޫކޮށް ގޮސްފައެވެ. އޭނަ ބެލުމުގެ ޒިންމާވެސް ހަވާލުކުރީ ބައްޕައާއެވެ. ދޮންމަންމައާ ދިމާވެ ބައްޕަ ކައިވެނި ކުރީ އެދުވަސްވަރުގައެވެ. ދޮންމަންމަގެ ވާހަކަތަކަށް ޖާދިންއަށް އިތުބާރުކުރެވުނެވެ. މަންމަގެ ލޯބިން އޭނަ މަހުރޫމްވި ދުވަހު ދޮންމަންމަގެ ފަރާތުން ލިބުނު އޯގާތެރިކަމަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރެވުނެވެ. ދޮންމަންމަގެ ލޯބި ބަލައިގަނެވުނީ ހިތުގެ އަޑިންނެވެ. އޭރު އޭނަގެ މަންމައާ މެދުގައި ހިތުގައި އުފެދިފައި އޮތީ ނަފުރަތުގެ އަލިފާނެވެ. އެމަންމަގެ ޚަބަރެއް ބަލަން ވެސް އޭނައަށް މުހިންމުކަމަކަށް ނުވިއެވެ. އެއީ ދޮންމަންމައަށް ވެވޭ ބޭއިންސާފެއް ކަމުގައި ނިންމުނީތީއެވެ. މިއަދާ ޖެހެންދެން ދުވަހަކު ވެސް މަންމަގެ ހަޤީޤަތް ހޯދުން އޭނައަށް މުހިންމުކަމަށް ވެފައި ނުވެއެވެ. ޝައުޤުވެރިކަމެއް ވެސް ނެތީއެވެ. އޭނަގެ މުޅި ދުނިޔެއަކީ ދޮންމަންމައަށް ވީތީއެވެ. މަންމަގެ ލަޤަބު ވެސް ދެވުނީ އެހެންވެއެވެ.

ނަމަވެސް ކަންފަތަށް އަޑު އިވުނު ވާހަކަތަކުގެ މާނަ ނަގަންވީ ކިހިނެއްކަމެއް ޖާދިންއަކަށް ނޭގުނެވެ. ނަފުސު ބިރުގަތީ އެކަމުގެ ސަބަބުންނެވެ. އެހާސްކަމެއްގެ ތެރޭގައި ވަނިކޮށް ދޮރުހުޅުވާފައި ބައްޕަ ނިކުތް މަންޒަރު ޖާދިންއަށް ފެނުނެވެ.

''ޖާދިން!...'' ހުއްޓުންއެރި އާރަބްއަށް ބުނެވުނެވެ. އާރަބްއަށް އިތުރު އެއްޗެއް ނުބުނެވެނީސް ބާރުބާރަށް ހިނގާފައި ގޮސް ޖާދިން ވަނީ އޭނަގެ ކޮޓަރިއަށެވެ. ހީވީ ސިއްރުން ކަމެއް ކުރަނިކޮށް ފަޅާއެރުމުން ފިލަން ދުވީ ހެންނެވެ.

ޖާދިންއަށް ބަލަން ހުރި އާރަބް ފަސްއެނބުރި ބަސްމާއަށް ބަލައިލިއެވެ. އޭރު ބަސްމާ ހީވަނީ ކުރިމަތިން ފުރޭތައެއް ފެނިގެން އުޅުނު ހެންނެވެ. މޫނުމަތިވަނީ މިލައިފައެވެ. މުޅި މޫނު ހުދުވެއްޖެއެވެ.

*****

ކޮޓަރިއަށް ވަދެވުމާއެކު ކޮޓަރީގެ ދޮރު ތަޅުލަމުން، ޖާދިންއަށް ލެނގިލެވުނީ ކޮޓަރީގެ ދޮރަށެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކުރެވޭތޯ މަސައްކަތްކުރިއެވެ. ބޮލަށް ހީވަނީ ބަރުވެފައިވާ ހެންނެވެ. ކަންފަތަށް އިވުނު ވާހަކަތައް ނަގަންވީ ކިހިނެއްކަމެއް ނޭނގެއެވެ. ހާއްސަކޮށް މާކިންގެ ވާހަކަދެކެވުމުން ހިތުގައި ހައިރާންކަމާއި އެތައް ސުވާލު އުފެދިފައި ވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟