ސާޅީސްހަތަރުވަނަ ބައި
ބަނޑުގައި އަަތް އަޅައިގެން ތަމަންނީއަށް ކޮޓަރިން ނިކުމެވުނީ ޙާއިޝާގެ ކުރިމައްޗަށެވެ. ތަމަންނީގެ މޫނު މަތީގައިވާ ކުލަވަރު ދިރާސާ ކުރަމުން ޙާއިޝާ މަޑުޖެހިލިއެވެ. އޭނާ ވޭނެއްގައި ހުރިކަން އިނގުމުން ޙާއިޝާ ހިތުގައި ރަހުމު އުފެދުނެވެ.
"ކިހިނެއްވީ؟" ޙައިޝާ އެހިއެވެ.
"ވަރަށް ބޮޑަށް ލޭ ފައިބައިފި. ވަރަށް އެބަ ރިއްސާ" ހުދު ތަމަންނީގެ އަޑުންވެސް އޭނާ ތަދެއް އިހުސާސް ކުރަމުންދާކަން ޙާއިޝާއަށް އިނގުނެވެ. ގުދަށް ކަހަލަ ގޮތަކަށް ބަނޑުގައި އަތްއަޅައިގެން އޮތް ތަމަންނީގެ އަތުގައި ޙާއިޝާ ހިފައިލިއެވެ. އަދި ތަންކޮޅެއް ބާރަށް ޔަޝްފީއަށް ގޮވައިލިއެވެ.
"އަހަރެމެން މިއީ އިންސާނުން. މީހަކު ޖަނަވާރުންގެ ދަރަޖައަށް ވެއްޓުނަސް އަހަރެމެންނަށް އެހެން ވާކަށް ނުޖެހޭ. ހެއްދެވިފަރާތުން އަހަރެމެންގެ ހިތުގައި ރަހުމާއި ކުލުނު ލައްވާފައިވޭ. ގުޅާބަލަ ދޮންބެއަށް. ކަމްލާ ގުޅާބަލަ އެމްބިޔުލާންސަށް" ޙާއިޝާ ވާހަކަދެއްކިއެވެ.
"އުނޭ ފޯނު ނުނަގާ. އަހަރެން ވަރަށް ގުޅައިފިން. އޮފީހުގަ ބިޒީކަންނޭނގެ" ތަމަންނީ ބުނެލިއެވެ.
މާގިނަ އިރެއް ނުވަނީސް ތަމަންނީ ހޮސްޕިޓަލަށް ގެންދެވުނެވެ. އެކުގައި ޔަޝްފީ އަދި ޙާއިޝާ ދިޔައެވެ. ތަމަންނީއާ އެކުގައި ޙާއިޝާ އެތެރޭގައި ހުރިއިރު ބޭރުގައި މަޑުކޮށްލައިގެން ހުރި ޔަޝްފީ އުނޭޝްއާއި އަދްޔަންއަށް ގުޅަން މަސައްކަތްކުރަމުން ދިޔައެވެ. އެކަހަލަ ވަގުތެއްގައި ދޮންބެ ފޯނު ނިއްވާލާފައި އޮތީތީ ޔަޝްފީ ހުރީ ހިތްހަމަނުޖެހިފައެވެ.
"ބޭބީ ނުފެނޭ މިހާރު" ސްކޭން ކުރަންހުރި ޑޮކްޓަރ ބުނެލި އަޑު ޙާއިޝާއަށް އިވުނެވެ. އެހިނދު ތަމަންނީގެ ތުންފަތަށް ވެރިވެގެންދިޔަ ހިނިތުންވުންވެސް ޙާއިޝާއަށް ފެނުނެވެ. ގަބޫލުނުކުރެވިފައި ޙާއިޝާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
***
ގެއަށް ވަދެވުމާއެކު ޝެނަލް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހިނގަމުންދާ ގޮތުން އަދިވެސް އޭނާގެ ހަށިގަނޑުގައި ވަރު ނެތްކަން ބައްސާމަށް އިނގުނެވެ. އޭނާ ސޯފާގައި އިށިން ސަބްރީނަށް ބަލައިލިއެވެ.
"އަދިވެސް އިންނަނީތަ؟ ނިކަން ދޭބަލަ އެމަންޖެ ގޮވައިގެން ކޮޓަރިއަށް" ބައްސާމް ބުނެލިއެވެ. ސަބްރީން ފުންމައިގެން ތެދުވިއެވެ. ޝެނަލްއާ ދިމާލަށް ހިނގައިގަތުމުން ފަހަތަށް އެނބުރި އެކަން ޝެނަލް މަނާކުރިއެވެ. ބައްސާމަށް ހުރީ ގަބޫލުނުކުރެވިފައެވެ. ސަބްރީން އިސްޖަހައިލި މަންޒަރު ފެނުމުން ސުވާލު ނަޒަރަކުން ބައްސާމް ޝެނަލްއަށް ބަލައިލިއެވެ.
"ޕްލީޒް ބައްޕާ. މަންމަގެ އެއްވެސް ވާހަކައެއް އަޅުގަނޑުގެ ކައިރިން ނާހައިފިއްޔާ ރަނގަޅީ. މަންމަގެ އެއްވެސް ވާހަކައެއް އަޅުގަނޑު އެއްވެސް މީހެއް ކައިރީގައި ދައްކާކަށް ބޭނުމެއްނޫން" ޝެނަލް ބުނެލިއެވެ. މާބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވެން ފެށުމުން ކައިރީގައި ހުރި މަސްޓޭންކްގައި އަތުން ހިފަހައްޓައިލެވިއްޖެއެވެ.
"ކިހިނެއްވެގެން މިއުޅެނީ؟ ރީން ޝާނީ ކީކޭ އެކިޔަނީ؟" ބައްސާމް އެހިއެވެ. ސަބްރީން ބައްސާމަށް ބަލައިލިއެވެ. ބުނާނެ އެއްޗެއް އޭނާގެ ދުލަށް ނައެވެ.
"އަޅުގަނޑަށް ރަނގަޅީ މަންމަ އަޅުގަނޑުގެ އެއްވެސް ކަމަކާ ނޫޅުނިއްޔާ. އެކަނިން އަޅުގަނޑަށް އުޅެވޭނެ. އަޅުގަނޑުވެސް މިހާރު ބޮޑު އަންހެނަކަށްވެއްޖެ" އެއްވެސް އަސަރެއް ނެތް ގޮތަކަށް ޝެނަލް ބުނެލިއެވެ. ޝެނަލް އެބުނެލި ޖުމްލައިން ސަބްރީން ހިތުގައި އިންތިހާއަށް ރިއްސައިލިއެވެ.
ކުށްވެރިއެއް ފަދައިން އަމިއްލަ ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކާ ހުރި ސަބްރީނަށް ބަލަހައްޓައިގެން ހުރިއިރު ބައްސާމްގެ ހިތުގައި އެތައް ސުވާލުތަކެއް އަރައި ފައިބަމުން ދިޔައެވެ. ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ގޭތެރޭގައި ހިނގައިފިކަން އޭނައަށް އިނގިއްޖެއެވެ. ޝެނަލް އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ފަަހަތުގައި ސަބްރީންގެ އިހުމާލެއްވާކަން އޭނާގެ ވިސްނުންތޫނު ސިކުނޑި ދެނެގަނެއްޖެއެވެ. އޭނާއަށް ވިސްނައި ގަންނަން އުނދަގުވީ އެކަމުގެ ފަހަތުގައިވާ ސަބަބެވެ. ޝެނަލް ކައިރީގައި އަހައިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންނުވާތީ އޭނާ ހިމޭނުން ހުއްޓެވެ. ޝެނަލް ކޮޓަރިއަށް ވަދެ ދޮރުލައްޕައިލުމާއެކު ބައްސާމް ކުރިއަށް ހިނގައިގަތެވެ.
"ހަމަ މިހާރު މަށާއެކު ކޮޓަރިއަށް ހިނގާ" ބައްސާމްގެ އަޑުގައިވާ ރުޅިވެރިކަން ސަބްރީން ސައިޒަށް ތިރިކޮށްލައިފިއެވެ. މުޅި ހަށިގަނޑުގައި ތުރުތުރު އަޅައިގަތުމާއެކު ލަސްލަހުން ބައްސާމްގެ ފަހަތުން ސަބްރީން ހިނގައިގަތެވެ.
***
ގެސްޓްހައުސްއަށް ދިޔައިރު ފަތުރުވެރިޔާ ނެތުމުން އުނޭޝްއަށް ޖެހުނީ އޭނަ އަންނާނެ އިރަކަށް އިންތިޒާރު ކުރާށެވެ. އޮފީހުގެ ބައްދަލުވުން ބާއްވާ ތަނުގައި އުނޭޝް ދެކޮޅަށް ހިނގަމުން ދިޔައިރު ސޯފާގައި މާލިކާއި އަދްޔަން އުނޭޝްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ.
މާގިނައިރުތަކެއް އިންތިޒާރުކުރަން ނުޖެހުނެވެ. ޓަކި ޖަހާލި އަޑު އިވުމުން ބަލައިލިއިރު ފަތުރުވެރިޔާ ދޮރުމަތީގައި ހުއްޓެވެ. އިސްކޮޅުން ދިގު ރަތްދޮން މީހެކެވެ. މޫނުމަތީގައި ބިހިތަކެއް ނަގާފައި ހުއްޓެވެ. ފަތުރުވެރިޔާއާ ސަލާންކޮށް އެންމެފުރަތަމަ ވާހަކަދެއްކީ މާލިކެވެ. ފަތުރުވެރިޔާގެ ފޯނު އުނޭޝްއަތަށް ދިނީ މާލިކް އެތައް ވާހަކައެއް ދެއްކި ފަހުންނެވެ.
ބޭނުންވާ އެއްޗެހިތައް ލިބުމުން އުނޭޝްއާއި އަދްޔަން އޮފީހުން ނިކުމެ ގެއާއި ދިމާލަށް ދުއްވައިލިއެވެ. އެދެކުދިން ދާ މަންޒަރު ބަލަހައްޓައިގެން ދޮރުމަތީގައި މާލިކް ހުއްޓެވެ.
ދޮރުން އެތެރެއަށް ވަން އުނޭޝްއާއި އަދްޔަން އެކީގައި ފެނުމުން ސޯފާގައި އިން ޙައިޝާ ޙައިރާންކަމެއް ލިބުނެވެ. ހިތަށް އެހާ ހިތްހަމަޖެހުންވެސް ލިބުނެވެ. ދެކުދިންގެ މެދުގައިވާ ރުޅިވެރިކަމަށް ނިމުމެއް އައިސްފައިވާކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ.
"ދޮންބެ..! އަޅެ ފޯނު ކޮބާތަ؟ ހާދަ ވަރަކަށް ގުޅައިފީމޭ. ތިއްތިއަށްވެސް ގުޅިން" ތަމަންނީގެ ކޮޓަރިން ނިކުތް ޔަޝްފީ ބުނެލިއެވެ.
"އިނގޭތަ ދޮންބެއަށް ފަހަރި ވަރަށް ބަލިވެއްޖެކަން" ޔަޝްފީ ބުނެލިއެވެ. ޖަވާބެއްނުދީ އުނޭޝް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ދެއްކި ވާހަކަތަކަށް ޖަވާބެއްނުދީ އުނޭޝް ދިޔުމުން ޔަޝްފީ ހިތްހަމަނުޖެހުނެވެ. އުނޭޝް ފަހަތުން ހިނގައިގަތެވެ.
"ޔަޝްކޮ! ދޮންބެ ނުހުއްޓުވާ. ދޮންބެ އެދަނީ މިހާތަނަށް ދޮންބެއަށް ދިރިއުޅުމުގަ ހެދުނު އެންމެ ބޮޑު މިސްޓޭކް ރަނގަޅުކުރަން" އަދްޔަން ބުނެލިއެވެ. އަދްޔަންގެ މޫނަށް ޙާއިޝާ ބަލައިލީ ސުވާލު އުފެދިފައެވެ. އުނޭޝްއަށް ތަމަންނީގެ ހަގީގަތް އިނގުނީބާއޭ ހިތަށް އެރިއެވެ.
"ތިއްތި!! ދޮންބެމެންގެ ބޭބީ އެބޯރޓްވެއްޖެ. އެކަން ދޮންބެ ކައިރީގައި ބުނަން އެވަރަށް ގުޅީ" ޔަޝްފީ ބުނެލިއެވެ.
"ރަނގަޅަށް އެވީ" އަދްޔަން އައިސް ހުއްޓުނީ ޙާއިޝާ ކުރިމަތީގައެވެ. ލެއްޕެމުން ދިޔަ އުނޭޝްގެ ކޮޓަރި ދޮރަށް ނަޒަރު ހުއްޓާލައިގެން ހުރެ ޙާއިޝާގެ ދެއަތްތިލައިގައި އަދްޔަން ހިފައިލިއެވެ.
ކޮޓަރިއަށް ވަނުމާއެކު ދިމާލަށް ހުރި އެނދުގައި އޮތް ތަމަންނީ އުނޭޝްއަށް ފެނިއްޖެއެވެ. މުޅި ގައިމަތީގައި ކުއިލްޓް އަޅައިގެން އޮތްއިރު ފެންނަން އޮތީ ހަމައެކަނި ތަމަންނީގެ މޫނު އެކަންޏެވެ. ފުންނޭވާތަކެއް ލަމުން އޭނާ ދިޔައީ އެތެރެހަށީގައި ކެކެމުންދިޔަ ރުޅިގަނޑު މައިތިރި ކުރުމުގެ ގޮތުންނެވެ. އަންހެނަކަށް އަތް އިސްކޮށް ކުރިން ކުރެވިފައިވާ ގޯސްތައް ތަކުރާރު ކުރަން އޭނާ ބޭނުމެއްނުވިއެވެ. ނަމަވެސް އިންސާނަކަށް ކެތްކުރެވޭނީ ވަކި ދަރަޖައަކަށް ނޫން ހެއްޔެވެ؟ އެދިޔަ ބާރު މިނުގައި ގޮސް ތަމަންނީގެ ގައިމަތީގައި އޮތް ކުއިލްޓް ދަމައިގަތެވެ.
ފުންމައިގެން ތެދުވި ތަމަންނީއަށް އެނދުކައިރީގައި ކޮޅަށް ހުރި އުނޭޝް ފެނުމުން ހަމަޖެހުމުގެ ނޭވައެއްލިއެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން އޭނާ އެނދުމަތީގައި އިށީނެވެ.
"އުނޭތަ؟ ކޮންތާކު އުޅެފަތަ ތިއައީ؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ. އިނގޭތަ! ވަރަށް ދެރަކޮށް ކަންތައް މިދިމާވީ. އަހަރެން އެންމެ ބޭނުންވި ވަގުތު އުނޭ ކައިރީގައި ނެތް. މަންމަ ގާތްވިކަން އެއީ ނަސީބު. އަހަރެމެންގެ ބޭބީ ހިނގައްޖެ. ދަރިއަކު ލިބުމުގެ ނަސީބެއްނެތް" ތަމަންނީ ވާހަކަދެއްކިއެވެ.
"ކަލޭގެ ބަނޑުން ދުވަހަކުވެސް އަހަރެން ދަރިއެއް ބޭނުމެއްނޫން" އުނޭޝް ބުނެލިއެވެ. އޭނާގެ އަޑުގައިވި ތަފާތު ފާހަގަވުމާއެކު ތަމަންނީއަށް އުނޭޝްއަށް ނަޒަރެއް ދެވިއްޖެއެވެ.
***
ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރި ބައްސާމް އެނދުގައި އިށީނދެ ދެއަތުން މޫނު ފޮރުވައިލިއެވެ. އަނބިމީހާގެ ނުބައިކަން އިނގި ހާމަވުމުން އޭނާ ގޮތްހުސްވި ކަހަލައެވެ. ސަބްރީން އަމިއްލައަށް ދެއްކި ވާހަކަތައް އަޑުއަހާފައި އޭނާގެ ބޮލުގެ ރިހުންވީ ގަދައެވެ.
"ތިއީ މައެއްތަ؟ ކޮންކަހަލަ ނުބައި އަންހެނެއް ތިއީ؟ އަހަރެންނަށް އިނގޭ އަހަރެންނާ ކައިވެނިކުރީވެސް ލޯތްބަކުން ނޫންކަން. އެކަމަކު ދަރިއަކު ބޭނުންވެގެން އަހަރެން ކައިރީގައި އެންމެ ފުރަތަމަވެސް ބުނީ ސަބްރީނެއް ނޫންތަ؟ އެހާވަރުން ލިބުނު ދަރިފުޅުގެ އުފާތަކުގައި ތިގޮތަށް ކޮޅުފައިން ޖެހިއިރު އަޅެ ކެތްވިތަ؟ މައި ލަގޮނޑިއަށް ބާރެއް ނުކުރޭތަ؟" ބައްސާމް ވާހަކަދެއްކިއެވެ. ސަބްރީން އިސްޖަހާލައިގެން ހުއްޓެވެ.
"ޙާއިޝާގެ އާއިލާއަށް ކުރުން ޙައްޤު ނަފްރަތެއްތަ ތިކުރަނީ؟ ބަލަ ފައުޒީ ސަބްރީން ބޭނުންނުވުން އެއީ ޙާއިޝާގެ މައްސަލައެއްތަ؟ އެންމެންނަށް ޖެހޭތަ ސަބްރީން ރީތިވާން؟ ކަމުދާން؟ ލޯބިވާން؟ ނޭނގޭތަ ތިމާއަށް ލިބިފައިވަނީ ބަލައިލަން ރީތި ސިފައެއް އެކަނިކަން. ދީނަށް ލޯބި ކުރުމެއް ތަޤްވާވެރިކަމެއް ހެޔޮ ތަރުބިއްޔަތެއްގެ ޒައްރެއްގެ މިންވަރުވެސް ތިމާގެ ގައިގައި އެބަހުރިތަ؟ މިއިން އެއްވެސް ކަމެއް ސަބްރީން ގައިގަ ހުރިނަމަ މިއަދު އަހަރެންގެ ދަރިފުޅު އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ނުކުރީސް" ބައްސާމް ވާހަކަދައްކަމުން ދިޔައެވެ.
"ވައްކަން ކުރުމާއި، މަކަރާއި ޙީލަތް ހެދުމާއި، ދޮގުވާހަކަ ފެތުރުމާއި، މީހުންނަށް މައްލަވަ ކުރުމާއި، ދޭތެރެ ޖެއްސުމާއި މިހިރީ ކޮންމެ މީހަކު ކުރި ކަމުގައި ވިޔަސް ހުތުރު ކަންތައްތައް. ފާފަ ލިބޭނެ ބޮޑެތި ކަންތައްތައް. އަހަރެންގެ އަމިއްލަ ނަފްސުވެސް މިހާރު އަހަރެންނަށް މަލާމަތްކުރަން ފަށައިފި. ސަބްރީން އަޅެ ލަދެއްވެސް ނުގަނޭތަ؟ ކޮންއިރަކުން ތިނުބައި ކަންކަން ކުރުން ހުއްޓާލަން ހިތުއަޅައިގެން ތިހުންނަނީ؟ މަރުވީމަތަ؟" ބައްސާމް ވާހަކަދެއްކިއެވެ.
"ތި ރީތި ކަމުގެ ފަހަތުގައި ފޮރުވިފައިވާ އަމިއްލަ އެދުން ބޮޑުކަމާއި، ގޮތްދޫނުކުރުމާއި، ހަރުކަށިކަން އަހަރެންނަށް ނުފެނުނަސް ފައުޒީއަށް ފެނުނީމަ އޭނަ ސަބްރީން ބޭނުންނުވީ" ބައްސާމް ހިތަށް އައިހާ އެއްޗެއް ގޮވަމުން ދިޔައިރުވެސް ސަބްރީން ހަމަ އެކައްޗެއްވެސް ނުބުނެ ހުއްޓެވެ. އޭނާއަށް ކުރެވުނު ކުށް އޭނާއަށް އިހުސާސްވެއްޖެއެވެ. ބައްސާމްގެ ދުލުން ބޭރުވެގެން އެދަނީ އޭނާއަށް ގޮވުން ޙައްޤު އެއްޗިއްސެވެ.
"މިދުނިޔޭގައި ކޮންމެ އިންސާނަކީވެސް ވަގުތީ މެހެމާނެއް. މިހާރު މިވަގުތުވެސް މަރުގެ މަލާއިކަތާ ހާޟިރުވުމާއެކު ޖެހޭނީ ދެއަތް ފޮޅާލާފައި ދާން. ބޭނުންނުވިޔަސް ހަމަ މިހާރު މިވަގުތުވެސް ތިމާއާއި މަރުގެ މަލާއިކަތާ ބައްދަލުކޮށްފާނެ. ތިމާގެ ރުހުން އެކަމަށް ބޭނުމެއްނުވާނެ. އިންސާނާއަށް ލިބިގެންވަނީ ހިނދުކޮޅެއް. ﷲ ގެ މަގަށް ރުޖޫޢަވެ ތަވްބާވުމަށް އަހަރެން ސަބްރީނަށް ނަޞޭޙަތްތެރިވަން. އަދިވެސް ސަބްރީން ތިއީ އަހަރެންގެ އަނބިމީހާ" ބައްސާމް ވާހަކަދެއްކިއެވެ.
"ކޮބާ އެފައިސާތައް؟" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ބައްސާމް އެހިއެވެ.
***
ބޮލުގެ ދެފަރާތުގައި އަތްއަޅައިގެން އުނޭޝް އިނެވެ. އޭނާގެ ކުރިމަތީ ހުރި ގޮނޑީގައި މާލިކް އިނެވެ. މާލިކް ކައިރީގައި އަދްޔަން އިނެވެ. ވަކިން ހުރި ސޯފާގައި ޙާއިޝާ އިންއިރު އެ ގޮނޑީގެ އަތްގަނޑު މަތީގައި ޔަޝްފީ އިނެވެ. އުނޭޝްގެ ލޮލުން ވެއްޓެމުންދާ ކޮންމެ ކަރުނަ ތިއްކެއް ޙާއިޝާގެ ހިތް ފޫއަޅުވަމުން ދިިޔައެވެ.
"މާލިކްބެ ވެސް އަދި މިގޭ އެއްވެސް މީހަކު ބޭނުމެއްނުވާނެ ދެވަނަ ފަހަރަށް އުނޭޝްގެ ފަރާތުން އަނިޔާއެއް މީހަކަށް ލިބޭކަށް. މާލިކްބެއަށް އިނގޭ އޭނާގެ ހަގީގަތް އިނގުމަށްފަހު އުނޭޝްގެ ކެތްތެރިކަން ކޮޅުންލައިފިކަން. އެކަމަކުވެސް ކެތްކުރަންވާނެ. ބުއްދީގެ މައްޗަށް ރުޅި އިސްކޮށްގެން އެއްގޮތަކަށްވެސް ކަމަކުނުދާނެ" މާލިކް ވާހަކަދެއްކިއެވެ. އުނޭޝް ހަމަ ބަހެއްވެސް ނުކިޔާ އިނެވެ. އެންމެ މިނިޓަކުވެސް އޭނާގެ އަންބެއްގެ މަގާމުގައި ތަމަންނީ ބަހައްޓާކަށް ބޭނުމެއްނުވިއެވެ.
"ދެން އަޅުގަނޑު ކިހިނެއް ހަދަންވީ؟" އުނޭޝް ބުނެލިއެވެ.
"އުނޭޝް ކަންތައް ކުރާނީ މާލިކްބެމެން ބުނާ ގޮތަށް. ތަމަންނީ ވަރިކުރުމުގެ ކަންތައްތައް ކުރާނީ ކޯޓް މެދުވެރިކޮށް. ކޯޓުން ބޭރުގައި ވަރިކުރާނެކަމެއް ނެތް" މާލިކް ބުނެލިއެވެ.
***
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ވީކަމެއް ނޭނގި އުނޭޝްއަށް ބަދަލުތަކެއް އައިސްފައިވާކަން އިނގުމުން ތަމަންނީ އިނީ ހަދާނެގޮތެއް ނޭނގިފައެވެ. މެންދުރު ފެނުނު ގޮތަށް އުނޭޝް ދައްކާވެސް ނުލައެވެ. ކޮޓަރިއަށް ނިދަންވެސް ނާދެއެވެ. ގިނައިރުތަކެއް ވަންދެން ނުކައި އިނުމުގެ ސަބަބުން އޭނާއަށް ބަނޑުހައި ހޫނުކަންވެސް އިހުސާސްވާން ފަށައިފިއެވެ. އޭނާ ކޮޓަރި ދޮރުހުޅުވާލީ އެތައް އިރަކު ވިސްނަން އިނދެފައެެވެ. ބަދިގޭ ދޮރަށް އެރިއިރު އުނޭޝް ކުރިމަތީގައި ހުރި ފެންތައްޓަށް ބަލަހައްޓައިގެން އިންދާ ފެނުނެވެ. ވާހަކަދައްކާލަން ރަނގަޅު ވަގުތެކޭ ތަމަންނީގެ ހިތް ބުނެލިއެވެ. ލަސްލަހުން ހިނގާފައި ގޮސް އުނޭޝްގެ ފަހަތުން ހުއްޓި ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. އެހިނދު އުނޭޝް ތަމަންނީގެ އަތް ދުރަށް ފޮޅުވާލިއެވެ. ތަމަންނީއަށް ލިބިގެން ދިޔައީ ސިހުމެކެވެ.
"ތި މުޑުދާރުު އަތުން އަހަރެންގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލައިގެންވެސް ނުވާނެ. އިނގިލިތައް ބިންދާލާނަން" އުނޭޝްގެ ވިހަގަދަ ޖުމްލަތަކުން ތަމަންނީގެ ހިތުގައިޖެހިއްޖެއެވެ.
"ކް..ކިހިނެއްވީ އުނޭޝް؟ އަހަރެންނަށް ގޯސްކޮށް ކޮންކަމެއް ކުރެވުނީ؟" ތަމަންނީ ބުނެލިއެވެ.
"އަހަރެންނަށް ރަނގަޅީ ކަލޭ އަހަރެންގެ ކުރިމައްޗަށް ދުވަހަކުވެސް ނައިއްޔާ. ވަރަށް އަވަހަށް ކޯޓުން ބައްދަލުވާނެ" އުނޭޝް ހިނގައިގަތެވެ. ތަމަންނީއަށް އަނަގަމަތީގައި އަތްއަޅައިގެން އުނޭޝްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކޯޓުން ބައްދަލުކުރާ ވާހަކަ އެބުނީ ކީއްވެގެން ހެއްޔެވެ؟ "އަހަރެންނަށް އުނޭޝްގެ ހަޔާތުން ދީފައިވާ އަންބެއްގެ މަގާމު އަތުލަނީ ހެއްޔެވެ؟" ތަމަންނީގެ ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ.
ކޮޓަރިއަށް ވަންގޮތަށް އުނޭޝްއަށް އެނދާއި ދިމާލަށް ދެވުނީ ވަރަށް ބާރަށެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން މޫނުމަތީގައި ދެއަތް އަޅާފައި ނިތްމަތިން ފާޅުވާންހުރި އުދާސްތައް ފޮހެލައިފިއެވެ. ދެއުކުޅުވަޅުގައި އަތްއަޅުވާލާފައި ފުންނޭވާއެއް ދޫކޮށްލައިފިއެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނަތަކުން ފުރިއްޖެއެވެ. ރޮނގުތަކެއްހެން އެކަރުނަތައް ކޯތާފަތް ހުރަސްކުރަން ހިނދުކޮޅެއްވެސް ނުނެގިއެވެ. އޭނާގެ ދެތުންފަތް ދޭތެރެއިން 'ރާނީ' ގެ ނަން ބޭރުވެގެން ދިޔައެވެ. ހިތުގައި އަަމުންދިޔަ ވޭން ގަދަވަމުން ދިޔައެވެ. މާޒީގައި ކުރެވިފައި ހުރި ކަންތައްތައް ހަނދާންކޮށްލަން މަޖުބޫރު ވެއްޖެއެވެ. ހިތް ފުނޑުފުނޑުވެގެން ދިޔައީ އޭނާގެ ދެއަތުން އިރާނިޔާއަށް ކުރެވުނު އަނިޔާތައް ލޯ މަތީގައި ތަމްސީލުވެގެން ދިޔުމުންނެވެ. ކުށެއްނެތް އަންހެން ކުއްޖެކެވެ. ކެތްތެރިކަމުގެ ނަމޫނާއެކެވެ. އޯގާތެރި އަންބެކެވެ. ކިޔަމަންތެރި ދަރިއެކެވެ. އެކުވެރި ފަހަރިއެކެވެ. ތައްޔާރުވަމުން ދިޔައީ އޭނާގެ ދަރިއަކު މިދުނިޔެއަށް އުފަންކުރާށެވެ. މިހުރިހާ ހަނދާންތަކާއެކު އުނޭޝްގެ ނަފްސު މުޅިން ބަލިކަށި ކޮށްލިއެވެ. ޓައިލްސްތަކުގެ މަތީގައި އޭނާއަށް އޮށޯވެވުނެވެ. މާޒީ ހަނދާންވަމުން ދިޔަ ވަރަކަށް އޭނާގެ އަނިޔާވެރިކަން ހިތަށް އުނދަގުކުރަމުން ދިޔައެވެ. ވެދިޔަ ކަންތައްތައް ހަނދާންނުން ފޮހެލަން ބޭނުންވިއެވެ. އިރާނިޔާގެ ފަރާތުން މަޢާފަށް އެދެން ބޭނުންވިއެވެ. އޭނާ އިރާނިޔާއާ އެކު ހޭދަކުރި ދުވަސްތައް އަލުން ގެންނަން ހިތްއެދުނެވެ. އެހެންނަމަވެސް އޭނާ އިރާނިޔާ ކުރިމައްޗަށް ދާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އިރާނިޔާ ކުރިމަތީގައި އަނގަ ހުޅުވާނީ ކިހިނެއް ހެއްޔެވެ؟ އޭނައާ އެއްބައި ވާނީ ކާކު ހެއްޔެވެ؟ އޭނާއަށް ހިތްވަރު ދޭނީ ކާކު ހެއްޔެވެ؟ މަކަރުވެރި އަންހެނެއްދެކެ ވެވުނު ކަނު ލޯތްބެއްގެ ސަބަބުން މިއަދު އޭނާ ވަނީ އުފަން މަންމަގެ ލޯބިންވެސް މަހުރޫމް ވެފައެވެ. ދެރަ ނިކަމެއްޗެއްހެން އުނޭޝް ރޮމުންދިޔައިރު އޭނާގެ ވެރި ރައްބު ފިޔަވާ އެކަން ދެނެހުރި އެއްވެސް ފަރާތެއް ނެތެވެ. ނުވިސްނުމުގެ ނަތީޖާއެވެ.
***
އެހެން ދުވަސްދުވަހާ ޚިލާފަށް އިރާނިޔާއަށް ފަތިސް ނަމާދަށް ހޭލެވުނީ ލަހުންނެވެ. އިރުއަރަން ފަނަރަ މިނިޓް ހުއްޓާ ނަމާދުކޮށް ނިމިގެން ކޮޓަރިން ނިކުތްއިރު އަތްމަތީގައި ހޫރު އިނެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އީސައާއި ރުޒާނާ ތިއްބެވެ. ގޯނިތަކާއި ކަތިވަޅި އަދި ބޭނުންވާނެ އެހެނިހެން ސާމާނު ހިފައިގެން އީސަ ރުއްދަނޑަށް ދާން ނިކުތީ އިރާނިޔާގެ ދެމައިންގެ ބޮލުގައި ފިރުމާލާފައެވެ. އީސައަށް ސައިދިން ތަށިތައް ހިފައިގެން ރުޒާނާ އެތެރެއަށް ވަނުމުން ހޫރު ގޮވައިގެން އިރާނިޔާ ޖޯލީގައި އިށީނެވެ. ދޫނިސޫފާ ސޫފީގެ ނަލައަޑުތަކުން ސަނާ ކިޔަމުން ދިޔައިރު އެ އަޑު އަންނަ ދިމާ ހޯދަމުން ހޫރު ދިޔައެވެ. ހޫރު ދެލޯ ބޮޑުކޮށްގެން ގަސްތަކާއި ދިމާލަށް ބަލަން އިންގޮތުން އިރާނިޔާއަށް ހެވިއްޖެއެވެ.
"މިއަދު ހާދަ ތަންތަން ހޯދާ ދުވަހެއް" ސައިތައްޓެއް ހިފައިގެން ނިކުތް ރުޒާނާ ބުނެލިއެވެ.
"އާނ މިއަދު ވަރަށް ރީތި ލަވަތަކެއްނު ކޮވެލިތައް އެކިޔައިދެނީ ދޯ ދޫނީ" އިރާނިޔާ ބުނެލިއެވެ.
"އަން. މިއީ ރުޒާނައްތަ ރާނީއަށް ވަރަށް މީރުކޮށް ގިރައިގެން ގެނެސްދިން ކަޅުސައި ތައްޓެއް" ރުޒާނާ ބުނެލިއެވެ.
"ތެންކިޔު ރުޒާނާއްތާ. ކޮބާ ގޮމަ؟" އިރާނިޔާ އެހިއެވެ.
"ތައްޔާރުވަނީ ވަޒީފާއަށް ދާންވާއިރަށް" ރުޒާނާ ބުނެލިއެވެ. އިލޮށި ފައްޗާއި ދަތިގަނޑު ހިފައިގެން މަގުމައްޗަށް ނިކުންނަން އުޅުނު ރުޒާނާއަށް އިރާނިޔާ ގޮވައިލިއެވެ.
"މިއަދު ގެނޭ އަހަރެން އަތަށް. ވަރަށް ދުވަސްވެއްޖެ ކުނި ނުކަހާތާ... ދީބަލަ... އަން.. ރުޒާނައްތަ ހޫރު ގޮވައިގެން މިތާ އިނދޭ" ރުޒާނާ އަތުން އިލޮށިފަތި ހިފައިގެން އިރާނިޔާ ދޮރާށި ހުޅުވާލާފައި މަގުމައްޗަށް ނިކުތެވެ.
މަގުމަތީގައި މާގިނަ މީހުން ފެންނާކަށް ނެތެވެ. ދެތިން އަންހެނުން ގޭދޮރުމަތި ކުނިކަހަން ނިކުމެ ތިއްބެވެ. އެއިން ކޮންމެ މީހަކު އިރާނިޔާއަށް ހިތްހެޔޮ ހިނިތުންވުމެއް ދިނެވެ. އިރުއެރުމުގެ ނިޝާންތައް އިރުމަތި ފަރާތުން ފާޅުވަމުން ދިޔަ މަންޒަރު ފެނުމުން އޭނާގެ ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ބުނަން ނޭނގޭ އުފާވެރި އިހުސާސްތަކެއް އޭނާއަށް ކުރެވެމުން ދިޔައީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ.
ކުނިކަހަމުން ދަނިކޮށް އިލޮށިފަތި މައްޗަށް އެރި ފިރިިހެން ބޫޓެއް ފެނި އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ލަސްލަހުން މައްޗަށް ބަލައިލިއެވެ.
(ނުނިމޭ)