''ދެން ހިނގާބަލަ އަހަންނާއެކު ބޭރަށް ގޮސްލަން، އެނގޭތަ ރެއިން ބުނި ރާއްޖެ އަންނަން ބޭނުމޭ، ބައްޕައާ ބައްދަލުކޮށްލަންށޯ ބުނީ...'' ކޮޅަށް ތެދުވި ރައުހާ، އީވާގެ އަތުގައި ހިފާލަމުން ދަމާލީ އެނދުން ތެދުވަން ބުނަމުންނެވެ. ދެފަހަރެއްގެ މަތިން އަތަށް ދަމައިލުމުން އީވާ ތެދުވުނެވެ. ބޭރަށް ނިކުމެލަން އޭނަ ވެސް ހުރީ ބޭނުންވެފައެވެ.
''އެހެންތަ؟... އެހެންވީމަ ގިނަ ދުވަހެއްނުވެ ރައުގެ ކައިވެނި ހަމަޖެހިގެން ދާނެދޯ...'' އުފާވެރިކަމާއެކު އީވާ ބުނެލިއެވެ. ތުންފަތް ހުޅުވިގެން ދިޔައީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.
''ހެހެހެ، އީވް ޖެހޭނެ އަހަރެންގެ ބްރައިޑްސްމެއިޑްއަކަށް ވާން، ރެއިން ބޭނުމެއް ނުވޭ އެހާ ގިނަ ދުވަހު ރައްޓެހިވެގެން އުޅޭކަށް، ރެއިންގެ މައިންބަފައިން ވެސް ހުންނަނީ ކުރީގެ ޕާކިސްތާނު މީހުންގެ ވިސްނުމޭ، ހީވަނީ އެކޮޅުގަހެން ކައިވެނި ވެސް އޮތްނާނީ...'' ރައުހާ ބުންޏެވެ. އެއަޑުގައި އުފާވެރިކަން ވިއެވެ. ބައްޕައާ ބައްދަލުކުރަން ފަރްހާން އަންނާނެ ވާހަކަ ބުނީއްސުރެން ފެށިގެން ރައުހާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. ހިތަށް ފިނިކަމެއް ލިބިފައި ވިއެވެ.
''ނުބުންޏަސް ބްރެއިޑްސްމެއިޑްއަކަށް ވާނަން، އަހަރެން މީ އެންމެ ގާތް އެކުވެރިޔާ ވިއްޔާ......'' ހުނުމެއްގެ އަޑާއެކު އީވާ ބުނެލިއެވެ. ވާހަކަ މެދު ކަނޑަލާމުން އީވާ ގޮސް ވަނީ ފާޚަނާއަށެވެ. ބޭރަށް ދާން ތައްޔާރުވުމަށެވެ.
އީވާ ނިމެންދެކަށް ރައުހާ ގޮސް ބެލްކަނީގެ ދޮރު ހުޅުވާލަމުން ބޭރަށް ނިކުތެވެ. އޮއްސެމުން ދިޔަ އިރުގެ ކުލަތަކުން ދުނިޔެ ގިރިޓީވެފައިވާ މަންޒަރު ފެންނަމުން ދިޔައެވެ. ޖެހިލާ ރޯޅިތަކުގައި އެކުލެވިގެންވަނީ ހަވީރަށް ފަރިވެފައި ތިބި މާތަކުގެ ލުއިލުއި މީރު ވަހެވެ. ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ރައުހާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.
*****
ރައުހާއާއެކު ބޭރަށް ދާން ތައްޔާރުވެގެން ނިކުތް އީވާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނި ލައިލާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ރައުހާއަށް ގުޅާފައި އީވާއާ ބައްދަލުކޮށްލުމަށް އެދެވުނީ ވެސް އީވާއާ މެދު ކަންބޮޑުވެގެންނެވެ. އެކުވެރިޔާއާ ބައްދަލުވެ ހިތުގެ އުދާސްތައް ހިއްސާކުރެވުމުން އީވާގެ ހިތަށް ލުޔެއް ލިބިއްޖެކަން ލައިލާއަށް ޔަޤީންކުރެވުނެވެ. އީވާގެ މޫނަށް ބަލައިލި ހިނދު ލައިލާއަށް ހިނިތުންވެވުނެވެ.
ރައުހާއާއެކު ބޭރަށް ދިޔުމުގެ ކުރިން މަންމަގެ ގައިގައި އީވާ ބައްދާލިއެވެ. އަދި މަންމަގެ ހިތަށް ނުތަނަވަސްކަމެއް ގެނެވުނީތީ މަޢާފަށް އެދުނެވެ.
އީވާގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމާލަމުން ލައިލާ ހިނިތުންވެލިއެވެ. އަދި ރައުހާއަށް ބަލައިލީ ޝުކުރެވިކަމާއެކުގައެވެ.
އީވާއާއި ރައުހާ ބޭރަށް ނުކުމެގެން ދިޔަ މަންޒަރު ބަލަން ލައިލާއަށް ހުރެވުނެވެ. ޚިޔާލުތަކަށް ގެއްލިފައެވެ.
''ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ރަނގަޅުވެގެން ދާނެ، މަންމަ ވެސް އީވާގެ އުފަލަށް އިސްކަން ދޭނެ...'' ހާޖަރާއާ މެދު ވިސްނުން ހިންގާލަމުން ލައިލާ އޭނަގެ ހިތަށް ވިސްނައިދިނެވެ. އެފަދައިން ކަންތައް ނުވެދާނެތީ ހިތުގައި އޮތް ބިރުވެރިކަމާ ދުރުވެލަން ބޭނުން ވިއެވެ. ހިތުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެތީއެވެ. އޭރު ވެސް ހިތުގެ ކަނަކުން ހާޖަރާގެ ވިސްނުން ބަދަލުވެގެން ދިއުން އެއީ މުސްތަހީލުކަމެއްކަމުގެ އިންޒާރު ދިނެވެ. ތިރީސް އަހަރު ފާއިތުވެގެން ދިޔަ އިރުގައި ވެސް އޭނައާ ދިމާއަށް ރުހުމުގެ ލޮލަކުން ހާޖަރާ ބަލާފައި ނުވެއެވެ. އެކަމާ ވެސް ލައިލާގެ ހިތުގައި ރިހުމެއް އުފެދިފައި ވެއެވެ. މައިދައިތަގެ ލޯބި އޭނައަށް ލިބޭނީ ކޮންދުވަހަކު ބާވައޭ ވެސް ހިތާހިތާ ސުވާލުކުރެވުނެވެ.
*****
އީވާއާ ބައްދަލުކުރަން ރައުހާ ގެއަށް އައި ޚަބަރާއި، އެދެމެދުގައި ދެކެވުނު ވާހަކަތައް އީވާގެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖަހައިގެން އަޑު އަހަން ހުރުމަށްފަހު، ހާޖަރާގެ ކަންފަތާ ހަމައަށް ހީނާ ގެންގޮސް ދިނެވެ. ހީވަނީ ގޭތެރޭގެ ކަންތައް ރިޕޯޓު ކުރަން ހަވާލުކުރެވިފައިވާ ނޫސްވެރިޔެއް ހެންނެވެ.
ހީނާގެ ވާހަކަތަކުން ހާޖަރާގެ ތަބީއަތު ގޯސް ވިއެވެ. ރުޅިވެރިކަން މޫނަށް ވެރިވެގެން ދިޔައެވެ.
''އެ ރައުހާއަކާ ހެދި އީވާގެ ވިސްނުން ގޯސްވަމުން އެދަނީ!، ރަނގަޅު ގޮތް ދަސްކޮށްދޭން ވީމަ ހިތްވަރު ދެނީ ނުބައި މަގު ޚިޔާރުކުރަން!، ކޮންކަހަލަ އެކުވެރިޔެއްތަ!، އީވާ ވެސް އޭނަގެ ވާހަކަތައް އަޑުއަހަން ޝައުޤުވެރިވޭ، މި ވަރުން ދަންޏާ އަހަރެންގެ ބަސް ގަދަ ނުކުރެވޭނެ، އޭރުން ބޮޑު ލަދެއް ބޮލުގައި އެޅިގެން ދާނެ، މިހާރު ވެސް ތުންތުން މަތިން އީވާގެ ވާހަކަދެކެވެން ފަށައިފި، މިކަން ހުއްޓުވަން އެބަޖެހޭ، އެފިރިހެނާގެ ފުށުން އީވާ ސަލާމަތްކުރަން އެބަޖެހޭ!...'' ރުޅިވެރިކަމާއެކު ހާޖަރާއަށް ބުނެވުނެވެ. އޭރު ހާޖަރާގެ ގާތުގައި ހުރި ހީނާގެ މޫނުމަތިން ޖެހިލުންވުމުގެ އަސަރު ފެނުނެވެ. ހާޖަރާ ރުޅިގަދަވެގެން ދިޔަ ތަން ފެނި އެރުޅީގެ ރޯޅިތައް އޭނައަށް އަމާޒުވެދާނެތީ ހިތްނުތަނަވަސް ވިއެވެ.
''ކަރީމް ވެސް ގޮތް ދުލެއް ނުކުރޭ، އެކަމުގެ ސަބަބުން އީވާއަށް އިތުރު ހިތްވަރެއް އެލިބެނީ... ހަމަހިލާ އެފިރިހެނަކާ ކައިވެނި ކުރުމުގެ ފުރުސަތެއް އީވާއަށް ނުލިބޭނެ!... އީވާ ކައިވެނި ކުރަން ޖެހޭނީ މުއްސަނދި ޒުވާނަކާ، ތަކުންތާކު ނުޖެހޭ އާދައިގެ މީހަކާއެއް ނޫން!، ޑޮކްޓަރަކަށް ވިޔަސް އޭނަގެ ނަސަބާއި އައިސްފައި ހުރި އާއިލާގެ ފަގީރުކަމުން އަރައިގަނެވޭނެތަ؟... އެއީ ވާނެކަމެއް ނޫން، ފަޤީރުން ތިބެން ޖެހޭނީ އެމީހުންގެ ހައިސިއްޔަތު ދަނެގެން، އަހަރުމެންނާ އެއްހަމަ އެމީހުނަށް ކުރެވޭނީ ކިހިނެއްތަ؟... އެއީ ދުވަހަކު ވާނެކަމެއް ނޫން!... މި މުސީބާތުން އަވަހަށް ސަލާމަތްވެވޭނީ ކިހިނެއްބާ؟... ފައިސާގެ ދަހިވެތިކަމުގެ އީވާގެ ސިކުނޑި ފަސާދަ ކުރަމުން އެދަނީ، ބޭނުން އަދަދަކަށް ފައިސާ ދިނީމަ ރައްކާވެދާނެހެން ހީވަނީ!... އެކަހަލަ މީހުން ފައިސާއަށް ހައްލާލެވޭނެ... ލައިލާއާ ދެކޮޅަށް ފައިސާ މަސައްކަތް ނުކުރިޔަސް މިފަހަރު އެފިރިހެން ކަލޭގެއާ ދެކޮޅަށް މަސައްކަތްކޮށްފާނެހެން ހީވަނީ!...'' މަކަރުވެރި ރޭވުމެއް ސިކުނޑީގައި ކުރަހާލަމުން ހާޖަރާ ހިނިތުންވެލިއެވެ. ވިހަ ހިނިތުންވުމަކާއެކު އޭނަގެ ރޭވުން އަތުރާލިއެވެ.
*****
ޖާދިންގެ އިންތިޒާރުގައި ބައްދަލުކުރަން ބުނި ރެސްޓޯރެންޓްގައި މާކިން ހުންނަތާ ގަޑިއެއްހާއިރު ވެއްޖެއެވެ. އެއީ ޖާގައިގެ ގޮތުން ކުޑަ ތަނެކެވެ. ނަމަވެސް ހިތްފަސޭހަ މާހައުލެއް އޮތެވެ. މީހުންގެ މެދުގައި މަޝްހޫރު ތަނަކަށް ވުމުން މޭޒުތައް ވެސް ވަނީ ފުރިފައެވެ. ތިން ވަނައަށް ގެނައި ކޮފީތަށީގެ ރަހަބަލަމުން މާކިން ގަޑިއަށް ނަޒަރެއް ދިނެވެ. ނުވައެއް ޖަހައި ބޮޑު ވެއްޖެއެވެ. ހިސާބެއްގެ ރުޅިވެރިކަން އެމޫނުމަތިން ފެނެއެވެ. ގަސްދުގައި ޖާދިން ނައިސް ގިނައިރު ކުރަނީކަން މާކިންއަށް ޔަޤީން ކުރެވުނެވެ. ވަގުތު ދިގުލާން ފެށުމުން ޖާދިން އައިސްދާނެ ކަމާމެދުގައި ވެސް ޝައްކު އުފެދުނެވެ. އެފަދަ ޚިޔާލުތަކެއްގައި ވަނިކޮށް ރެސްޓޯރެންޓްގެ ދޮރުން އެތެރެއަށް ވަދެގެން އައި ޖާދިން ފެނިއްޖެއެވެ.
ވަށައިގެން އޮތް މާހައުލަށް ޖާދިން ދިން ނަޒަރާއެކު، މީހުންނާ ތަންކޮޅެއް އެކަހެރި މޭޒެއްގެ ދޮށުގައި އިން މާކިން ފެނުނެވެ. ލައިގެން ހުރި އަތް ދިގު ގަމީހުގެ އަތުކުރި ކުޑަކޮށް ހިއްލާލަމުން ގަޑިއަށް އޭނަ ބަލައިލިއެވެ. އޭރު އެތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އެއީ މާކިންގެ ހައިސިއްޔަތެވެ. އޭނަ ހިތަށް އެރި ގަޑިއެއްގައި އަޔަސް ޖެހޭނީ އިންތިޒާރުކުރާށެވެ. ބޮޑާކަމާއި ކިބުރުވެރިކަން އެކުލެވިގެންވި ހިނގުމަކާއެކުގައި ގޮސް މާކިންއާ ކުރިމައްޗަށް ވާހެން ހުރި ގޮނޑި ދަމާލަމުން އިށީނެވެ. ޖާދިން ފެންނައިރަށް އެމޭޒު ދޮށަށް ވެއިޓަރަކު އައިސްފިއެވެ. ޖާދިން އަކީ ހާއްސަ މީހެއްކަން އެނގޭހާވެއެވެ. އަދަބުއިހުތިރާމް އަދާކުރަމުން ޖާދިންގެ އޯޑަރު ނަގައިގެން ވެއިޓަރު ދިޔައެވެ.
މޭމަތީގައި ދެއަތްތިލަ ހުރަސްކޮށްލަމުން މާކިންއަށް ޖާދިން ބަލައިލިއެވެ. ބޮޑާކަން ޖާދިންގެ މޫނުމަތިން ފެނެއެވެ.
''ބައްދަލުކުރަން ގަޑި ބުނުމަށްފަހު ގަޑިއަށް ނައުމަކީ ކިހާ އަންޕްރޮފެޝަނަލް ކަމެއް ކަން އެނގޭތަ؟...'' ޖާދިންއަށް ބަލަން އިން މާކިން ސުވާލުކޮށްލިއެވެ. މާހައުލުގައި ނުތަނަވަސްކަމުގެ ތޫފާނެއް އުފެދިގެން ދިޔައެވެ. ލަންޑަންގައި ދިމާވެ ހަޅުތާލިގަނޑެއް ހިންގާލިފަހުން އެއީ ޖާދިންއާއި މާކިންގެ ދެވަނަ ބައްދަލުވުމެވެ. ލޮލުން އަލިފާންކަނި ބުރަމުން ދިޔަ ހާލު މާކިންއަށް ބަލަން ޖާދިންއަށް އިނދެވުނެވެ.
''އަހަރެން ބޭނުން ގަޑިއެއްގައި އަންނަނީ!، އެހެން ނޫނަސް ކަލޭ ތީ ކާކުތަ؟ މުހިންމު މީހެއް ނަމަތާ ގަޑިއަށް އަންނަން ޖެހޭނީ...'' ދަތްތަކަށް ބާރުލަމުން ޖާދިން ބުނެލިއެވެ. ''ތިމާގެ ފެންވަރު އޮޅިގެން އުޅޭ މީހުންނަށް ޖެހޭނެ ހައިސިއްޔަތު އަންގަދޭން، ތިއީ ކަލޭގެ ހައިސިއްޔަތަކީ!...''
މުށްކަވާލެވުނު އަތްތިލަ މޭޒުދޮށަށް ގެންނަމުން މާކިންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ވަށައިގެން އޮތް މާހައުލަށް މާކިން ދިން ނަޒަރާއެކު ނަފުސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވެދާނެ ކަމުގެ ބިރު އެހިތުގައި ވިންދުޖަހާލިއެވެ. ބޮޑު ހަމަނުޖެހުން ގަނޑެއް އުފެދިގެން ދާކަށް މާކިން ބޭނުމެއް ނުވެއެވެ. ނަމަވެސް ޖާދިންގެ އަމާޒު ހުރީ އެދިމާއަށެވެ. މާކިންއަށް ބަލަމުން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.
''ރުޅި އައީތަ؟...'' ދެލޯހަނިކޮށްލަމުން ޖާދިން އެހިއެވެ. ''ހަޤީޤަތުގަ ރުޅި އަންނަން ޖެހޭނީ އަހަރެން!، ކަލޭގެ ސަބަބުން އީވް އަހަރެން ދެކެ ރުޅިއައިސްފައި ހުންނަނީ!... އަހަރުމެންގެ ދެމެދަށް ވަނީ ވެސް ކަލޭ!...''
''އީވާ އެއްވެސް އިރެއްގައި ޖާދިން ދެކެ ލޯތްބެއް ނުވޭ!، އެކަން ޤަބޫލުކުރަން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ، ތިހެން އީވާގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވުމުގެ ހައްޤެއް ޖާދިންއަށް ލިބިފައި ނުވޭ، ތިހެން ކަންތައް ކުރީމަ އީވާއަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭކަމެއް ނޭނގޭތަ؟.... ޖާދިންގެ ރުޅިވެރިކަން ވަނީ އަހަންނާ މެދުގައެއްނު، ތިރުޅިވެރިކަން އަހަންނަށް އަމާޒުކުރޭ، ކޮންމެހެން މިދެމެދަށް އީވާ ވައްދަން ހަދާނެކަމެއް ނެތް... ދޭތެރެޖެހޭ ފަދަ ކަންތައް ވެސް ކުރުން ހުއްޓަން ވެއްޖެދޯ...'' މާކިންގެ އަޑުގައި މަޑުމައިތިކަން އެކުލެވިގެން ވިއެވެ. ކިތަންމެ ހަމަޖެހިފައި ވާހަކަދެއްކިޔަސް އިންޒާރުގެ އަސަރު އެކުލެވިގެން ވިއެވެ.
ޖާދިންގެ ކަތުރުކަށިގަނޑަށް އަރައިގެން ދިޔަ ވާންކަމާއެކު ފުންމައިގެން ގޮސްފައި އޭނަ ހިފީ މާކިން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ. ގިރުވާން އަތަން ބޮޑިކޮށްލަމުން މާކިންއަށް ބަލަމުން ދިޔައީ އެދެލޮލުގައިވި ރުޅިވެރިކަމުން މާކިން އަނދާ އަޅިއަށް ހަދަން ބޭނުންވެފައިވާ ފަދައަކުންނެވެ.
''މިތާ މީހުން ތިބިކަން ހަނދާން އެބަހުރިތަ؟... ދޫކޮށްލާ...'' މާކިންއަށް ޖާދިންގެ އަތުގައި ހިފަހައްޓާލެވުނެވެ. އެއާއެކު މާކިންގެ ގިރުވާނުން ޖާދިން ދޫކޮށްލިއެވެ. އަދި މާކިންގެ އަތް ފޮޅުވާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. ކޮންމެ ވެސް ވަރަކަށް މީހުންގެ ނަޒަރު ހުއްޓެމުން ދިޔަކަން ޖާދިންއަށް ފާހަގަ ވިއެވެ.
''ގަޔަށްބޮލަށް އަތް އިސްކުރުމެއްނެތި މިކަންތައް ނިންމަން އަހަރެން ބޭނުން!...'' މާކިން ބުނެލިއެވެ. ހަރުކަށިކަން އޭނަގެ އަޑުގައި ވިއެވެ. ޖާދިންގެ އަމަލުތަކުން މާކިން ގާތަށް ރުޅިއައެވެ. ސުލްހަވެރިކަމާއެކު ވާހަކަ ކުރިއަށް ގެންދަން ބޭނުން ވިޔަސް ޖާދިންގެ ފަރާތުން އެއްބާރުލުން ނުލިބޭނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެގޮތް ދޫނުކުރުމުގެ މިޒާޖު އޭނައަށް ނިކަން ރަނގަޅަށް ދޭހަކުރެވުނެވެ.
''މިކަން ނިމޭނީ އެންމެ ގޮތަކަށް!، ކަލޭ އީވާ ދޫކޮށް ދިއުމުން!...'' ރުންކުރުމަކާއެކު ޖާދިން ބުނެލިއެވެ. ދަތްތަކަށް ބާރުލަމުންނެވެ.
''އެހެނެއް ނުވާނެ!...'' މާކިން ރައްދުދިނެވެ. އޭނައަށް ދެލޯ ހަނިކޮށްލެވުނެވެ.
''އެހެންވިއްޔާ ގަދަ ބާރުން ވެސް އަހަރެންގެ މީހަކަށް އީވާ ހަދާނަން!... ކަލޭ ހުންނާތި ބަލަން!...'' މާކިންއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޖާދިން ބުނެލިއެވެ.
''ތިއީތަ އީވާދެކެ ލޯބިވާ ކަމަށް ދައުވާ ކުރާ މީހާގެ ވިސްނުން ހުރި ގޮތަކީ!، ލޯތްބަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫން!...'' މާކިން ބުނެލިއެވެ. ހޫނު ޒުވާބަކަށް ގޮސްފާނެކަމުގެ ކޮޅުމަތި ފެންނަމުން ދިޔައެވެ. ރުޅި އިސްކުރަން މާކިން ބޭނުން ނުވިޔަސް އެކަމަށް ހިތަވްރުދެމުން ދިޔައީ ޖާދިންގެ މިޒާޖެވެ. ޖާދިން މުހާތަބުކުރަމުން ދިޔައީ ވެސް ހުތުރު ބަހުރުވައިންނެވެ.
''ކަލޭ ތީ ކާކުތަ!، އޭނ!، ތަރުބިއްޔަތެއް ލިބިފައި ހުރި މީހެއް ނޫން ތީކީއެއް!... ކަލޭގެ މަންމަ ކަލެއަށް ދަސްކޮށްދިނީ ތިހެން އުޅޭން ދޯ!، މަށަށް އެނގެޔޭ ކަލޭ ތީ ކޮން ފެންވަރެއްގެ މީހެއްކަން!... މުއްސަނދި އަންހެންކުއްޖަކު ފެންނައިރަށް ކަލޭ ތިހުރީ ހޭބަލިވެފަ... ކަލޭގެ ފަޤީރު ދިރިއުޅުމުން އަރައިގަނެވޭނެ ހަމައެކަނި ގޮތަކަށް ފެނުނީ އީވާތަ؟، ކަލޭގެ ބޮލުގަ އެޅިފަ ހުރި ދަރަނިތަކުން ބޯދަމައިގަންނަން އެނގުނު ގޮތަކީ އެއީތަ!...'' މާކިންއަށް މަލާމާތް ކުރަމުން ޖާދިން ބުނެލިއެވެ. ޖާދިންގެ ޖުމްލައިން މާކިން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މުށްކަވާލެވިފައިވި އަތްތިލަ ޖާދިންގެ މޫނަށް އަމާޒުނުކުރެވުނީ ކިރިޔާއެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޖާދިންއާ އެއް ފެންވަރަކަށް މީހާ ވެއްޓިގެން ދާން އޭނަ ބޭނުމެއް ނުވިއެވެ.
''މިކަމުގެ ތެރެއަށް އަހަންނަށް ލިބިފައިވި ތަރުބިއްޔަތާ އަހަރެންގެ މަންމަ ވައްދަން ނޫޅެތި... ޖާދިންގެ ރުޅިވެރިކަން ވަނީ އަހަންނާ... އެހެންވީމަ އަހަންނާ ވާހަކަދައްކާ!... އަހަރެން އީވާއާ ރައްޓެހިވީ އީވާގެ މުއްސަނދިކަމުގެ ފައިދާ ނަގާކަށެއް ނޫން، އީވާ ދެކެ އަހަރެން ލޯބިވާތީ، ތިކަހަލަ މީހުންނަކަށް ނޭނގޭނެ ލޯތްބަކީ ކޯޗެއްކަމެއް!، އެއިހުސާސެއް ވެސް ނޭނގޭނެ، ތިކަހަލަ ރަހުމެއް ނެތް ހިތް ހަރު މީހުންނަކަށް ކުރެވޭ ކަންތަކެއް ވެސް ނޭނގޭނެ، މީ މިކަމާ ވާހަކަދައްކާނެ ފަހު ފަހަރު، ތިކުރާ ކަންތައް ހުއްޓާލާ!، ކިތަންމެ ވަރެއް ކުރިޔަސް އީވާ ދޫކޮށްފައި އަހަރެން ނުދާނަން!، އީވާއާ ވަކިވުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅޭނަން، އީވާ އަހަރެންދެކެ ވާ ލޯތްބަށް އަބަދު އިހުތިރާމާއި ޤަދަރުކުރާނަން... އަހަރުމެން ދެމެދުގައިވާ ލޯތްބަށް ޖާދިންގެ ކުރާ ކަމަކުން އުނިކަމެއް ނާންނާނެ، އެކަމަކު ޖާދިންގެ ތިއަމަލުތަކުން އީވާގެ ހިތުގައި ޖާދިންއާ މެދު ރުޅިވެރިކަން އުފެދޭނެ، ތިދެމެދުގައި އޮތް އެކުވެރިކަމަށް އެއްވެސް ޤަދަރެއް ކުރާނަމަ ކިތަންތައް ހުއްޓާލާ!......'' އިތުރަށް ވާހަކަ ދިގުކުރުމުގެ ވިސްނުމެއް ނެތުމުން އެތަނުން ދާން މާކިން ތެދުވުނެވެ.
''ކަލޭ ހީކުރީތަ ކަލެއަށް ކާމިޔާބު ލިބޭނެ ކަމަށް؟...'' ޖާދިން ވެސް ކޮޅަށް ތެދުވިއެވެ. ޖާދިންއަށް ރައްދު ދިނުމުގެ ވިސްނުމެއް މާކިންގެ ނެތެވެ. އެއާއެކު ޖާދިން ވަކިން ބޮޑަށް ރުޅި ގަދަވިއެވެ.
''މިއަދަށް ފަހު ޖާދިންއާ ބައްދަލުކުރާކަށް އަހަރެން ބޭނުމެއް ނޫން، އަހަރެންނާއި އީވާގެ ދިރިއުމަށް ނުފޫޒު ފޯރުވުން ހުއްޓާލާނެ ކަމަށް ހީކުރަން!... މަޖުބޫރުން ތިމާގެ ހިތުގެ އެދުންތައް ހާސިލު ކުރިޔަސް އުފަލެއް ނުލިބޭނެ......'' ކުރިއަށް ހިނގައިގަންނަމުން މާކިން ބުނެލިއެވެ. ދިއުމުގެ ކުރިން ކައުންޓަރު ކައިރިއަށް ގޮސް ކޮފީއަށް އޭނަ ފައިސާ ދެއްކިއެވެ. ޖާދިންއަށް ވެސް ފައިސާ ދެއްކީ މާކިންއެވެ. އެއީ އޭނައަށް އަމާޒުވި މަލާމާތުގެ އެތިފަހަރެއްކަމުގައި ޖާދިންއަށް ހީވިއެވެ. ރެސްޓޯރެންޓުން ނިކުމެގެން ދިޔަ މާކިންއަށް ބަލަން ހުރެފައި އޭނައަށް އަތްމުށްކަވާލެވުނެވެ. ރުޅިގަދަވެގެން ގޮސް މީހާ އޭރު ތުރުތުރު އަޅައެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ގޮސް އޭނަ ބޭރަށް ނިކުތެވެ.
ޕާކުކޮށްފައި ހުރި ސައިކަލާއި ދިމާއަށް ހިނގަމުން ދިޔަ މާކިންއަށް ހުއްޓެވުނީ ބާރުބާރަށް ޖާދިން ގޮވާލި އަޑެވެ. ހައިރާންކަން ލިބި ފިޔަވަޅުތައް މަޑު ޖައްސާލެވުނެވެ. ފަސްއެނބުރި ބަލައިލެވުނު ވަގުތު ބާރަށް ހިނގާފައި އައިސް ހުއްޓުނު ޖާދިންގެ ގޮށްމުށުގެ ހަމަލާ މާކިންގެ ކަންކަށިމައްޗަށް އަމާޒުވެގެން ދިޔައެވެ. އެބާރުގަދަ އެތިފަހަރާއެކު މޫނަށް އަނދިރިވިހެން ވެސް ހީވިއެވެ. މިހުރިހާ އިރު ކޮންޓްރޯލްކުރަމުން ދިޔަ ރުޅިވެރިކަން އަމިއްލަ އިހުތިޔާރުގެ ދަށުން ދޫވެގެން ދިޔައީ ދެނެވެ.
''ކަލޭ ހީކުރީތަ ތިހާ ފަސޭހައިން އަހަރެން ދޫދޭނެ ކަމަށް؟...'' ރުޅިގަދަވެގެން ގޮސް ޖާދިން ހަޅޭއްލަވައިގަތެވެ. ރުޅިން ގޮސް ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ.
މާކިން ވެސް ބަލަން ނުހުރެ ޖާދިންގެ މޫނުގައި ޖެހިއެވެ. އެއާއެކު ބޮޑު ކޯޅުންގަނޑެއް އުފަންވެގެން ދިޔައެވެ. ބާރުގަދަ ދެފިރިހެންނުން ތަޅަމުން ދިޔަ އިރު ހީވަނީ ބޮކްސިން މެޗެއް ހެންނެވެ. މަގުގައި ހޭލަމޭލަވަމުން ދިޔަ މީހުންތައް ވެސް ހުއްޓި އެމަންޒަރު ބަލަން ތިބީ އަޖައިބުވެ އަންތަރީސްވެފައެވެ.
ހިތުގައިވި ރުޅިވެރިކަން މާކިންއަށް އަމާޒުކުރަމުން، މާކިން ދުވާރުގެ މައްޗަށް ވައްޓާލުމަށްފަހު، ދެތިން ފަހަރު މާކިންގެ މޫނުގައި ޖާދިން ޖެހިއެވެ. ކެއްސައިގަނެފައި މާކިންގެ އަނގައިން ލޭ ބޭރުވެގެން ދިޔައެވެ. ބޮލަށް ހިސާބަކަށް އެނބުރުން އެރިޔަސް ޖާދިންގެ ހަމަލާއިން ސަލާމަތް ވާން މޫނުމަތީގައި އަތް ހުރަސް ކުރެވުނެވެ. އެވަގުތު މާކިންގެ މޫނުގައި ޖަހަން އުޅުނު ޖާދިންގެ ހަރަކާތަށް ހުއްޓުމެއް އައީ މަމުގައި ފޯރިބަލަން ތިބި މީހުން އެހައިޖާންގަނޑުގެ ތެރެއަށް ވަނުމުންނެވެ. މާކިންއަށް ލުޔެއް ލިބުނީ ދެނެވެ.
ކޮޅަށް ތެދުވަމުން ގައިގައި ހުރި ވެއްޔާއި ތުންފަތާއި ނޭފަތް ފަޅައިގެން ގޮސް އަންނަމުން ދިޔަ ލޭ އަތުގެ ނުފުށުން ފޮހެލަމުން ރުޅިވެރިކަމާއެކު ޖާދިންއަށް މާކިން ބަލައިލިއެވެ. ކުރިއަށް ދާން އުޅުފައި ވެސް އެޚިޔާލު ދޫކޮށްލަމުން އޭނަ ގޮސް އެރީ ސައިކަލަށެވެ. އެއަށްފަހު ސައިކަލު ދުއްވާލިއެވެ.
އޭނަގެ ގައިގައި ހިފަހައްޓައިގެން ތިބި މީހުންގެ އަތް ފޮޅުވާލަމުން ޖާދިން ކުރިއަށް ޖެހިލިއެވެ. އަދި މާކިން ދިޔަ ދިމާއަށް ބަލަން ހުރެފައި ހިނިތުންވެލިއެވެ. މާކިންއަށް އަނިޔާ ކޮށްލެވުމުން އޭނަ ހުރީ ހިތްހަމަޖެހިފައެވެ. އޭނައަށް ވުރެން ބޮޑެތި ހާނިކަތައް ވެސް ވީ މާކިން އަށެވެ. އެކަމާ ހިތްހަމަޖެހުނެވެ. ރުޅިގަނޑު ބޭރުކޮށްލެވުމުން ނަފުސަށް ހަމަޖެހުމެއްވެސް ލިބިއްޖެއެވެ.
*****
ރޫބީއާއެކު ބޮޑުކޮޓަރީގައި ޓީވީ ބަލަން އިން ޝަބާނައަށް އެޕާޓެމްންޓްގެ ދޮރު ހުޅުވުނު އަޑާއެކު އެދިމާއަށް ބަލައިލެވުނެވެ. ބިރެއް ފެނުނުހެން އޭނައަށް ސޯފައިން ތެދުވެވުނީ މާކިން ފެނުމުންނެވެ. މާކިންގެ ހުދު ގަމީހުގައި ހުރި ލެޔާއި މޫނުގެ ޒަހަމްތައް ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. ރޫބީއަށް ވެސް ވީ އެވަރެވެ. ހައިރާންކަމާއެކު މާކިންއަށް ބަލައިލިއެވެ.
''ސުބުހާނަﷲ، ކިހިނެއްވަފަ ތިހުރީ؟...'' ހާސްކަން ލިބުނު ޝަބާނާއަށް ބުނެވުނެވެ. އޭނަ ހުރި ހާލާ މެދު މާކިންއަށް ސަމާލުވެލެވުނީ ދެނެވެ. މިހުރިހާ އިރު އޭނަގެ ސިކުނޑީގައި ތޫފާނެއް އުފައްދާފައިވީ ޖާދިންއާ ދެމެދު ބަދަލުކުރެވުނު ހޫނު ޒުވާބުގެ ސަބަބުންނެވެ. އެކަމާ ހުރެ އީވާއާ މެދު މާކިން ހުރީ ނުހަނު ފިކުރުބޮޑުވެފައެވެ. ކަންތައްވެދާނެ ގޮތެއް ނޭނގޭތީ ހިތް ހާސްވެފައެވެ.
މަންމަގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާއެކު ދޮގު ހަދަން މާކިންއަށް މަޖުބޫރުވިއެވެ. އޭނައަށް ހާނިކަވި އަސްލު ސަބަބު ސިއްރުކުރެވުނެވެ.
''އެކްސިޑެންޓެއްވީ...'' މާކިން ބުނެލިއެވެ. މަންމައާއި ހަތަރުކަޅިހަމަކުރަން އުނދަގޫވުމުން އިސްޖަހާލެވުނެވެ.
''އެކްސިޑެންޓެކޭ!... ހޮސްޕިޓަލަށް ދިޔައިންތަ؟...'' ކަންބޮޑުވުމާއެކު ޝަބާނާއަށް ސުވާލުކުރެވުނެވެ.
''އެހާ ބޮޑު އަނިޔާއެއް ނުވެޔޭ މަންމާ، ކުދިކުދި އަނިޔާވީ، ބޭސްއެޅީމަ ރަނގަޅުވާނެ...'' މަންމައަށް ހިނިތުންވުމެއް ދޭން އުޅުނު މާކިންއަށް ވޭނީ އަޑެއް ލައްވާލެވުނީ ތުންފަތުގައިވި ޒަހަމްތަކުގެ ސަބަބުންނެވެ. އޭނައަށް ތުންފަތުގައި އަތްޖައްސާލެވިއްޖެއެވެ.
''ރޫބީ، ދޭބަލަ އައިސްޕެކް ހިފައިގެން އަންނަ، ދެން ފޮތިކޮޅެއް ހޫނު ފެނުން ތެތްމާލައިގެން ވެސް ގެންނައްޗޭ...'' މާކިންގެ އަތުގައި ހިފާލަމުން ގެންގޮސް ސޯފާގައި ބައިންދަމުން، ޝަބާނާ ރޫބީއަށް ބަލައިލިއެވެ. އޭރު އެދެލޮލުން ކަރުނަ ހިލޭހާ ވެއްޖެއެވެ. އެކްސިޑެންޓެކޭ މާކިން ބުނުމުން މޭގަނޑު އަނގަޔަށް އަންނަވަރު ވެސް ވެއްޖެއެވެ.
''މަންމާ، އަހަރެން ރަނގަޅޭ!...'' މަންމަގެ އަތުގައި ހިފާލަމުން މާކިން ޔަޤީންކަންދިނެވެ.
''ކޮން ރަނގަޅެކޭ ކިޔާކަށްތަ!، މޫނަށް ވެފަ ހުރި ގޮތް އެބަ އެނގޭތަ!... ކާކުގެ ފަރުވާކުޑަކަމުން ހިނގި އެކްސިޑެންޓެއްތަ، ތިމީހަކާ ބައްދަލުކުރަން ދާން މަންމަ ބޭނުން!...'' މާކިންގެ ގާތުގައި ސޯފާގައި އިށީންނަމުން ޝަބާނާ ބުނެލިއެވެ.
ކޮންމެވެސް މޮޅު ވާހަކައެއް ހަދައިގެން މަންމަގެ ހިތަށް ތަސަލެއްލީއެއް ހޯދައިދޭން މާކިން މަސައްކަތްކުރިއެވެ. ހަޤީޤަތް މަންމައަށް އެނގެން ބޭނުންނުވާތީއެވެ.
ރޫބީ ގެނައި ފޮތިކޮޅުން މާކިންގެ މޫނުގައިވި ޒަހަމްތައް ސާފުކޮށް ބޮޑިތާން ކޮށްލަމުން އައިސްޕެކް ވެސް އަޅައިދިނީ ޝަބާނާ އެވެ. ސޯފާގައި މާކިން އޮށޯވެލައިގެން އޮވެ މަންމަގެ ހަރަކާތްތަކަށް ބަލަން އޮތެވެ. ހިތްދަތިކަން މާކިންގެ ދެލޮލުގައި ވެއެވެ. މަންމައަށް ދޮގު ހަދަން ޖެހުނީތީއެވެ. ހަމައެއާއެކު ޖާދިން އޭނަގެ މަންމައާ ދިމާއަށް އަމާޒުކޮށް ބުނި ބަސްތަކުން ރުޅިވެރިކަން ވެސް ހިތަށް ސަވާރުވިއެވެ.
*****
މުހިންމު ފައިލެއް ލެވުނު ތަން ހަނދާން ނެތިގެން ކޮޓަރީގެ ކަބަޑުތައް ހާވަން އާރަބް އުޅުނެވެ. އޭރު ބަސްމާވީ ފާޚަނާގައެވެ. ބަސްމާއަށް ގޮވާލަން އުޅެފައި ވެސް އާރަބް އެޚިޔާރު ދޫކޮށްލިއެވެ. އެނދުގެ އަރިމަތީގައި ހުރި ކަބަޑުގެ ވަތްގަނޑު ހުޅުވާލުމާއެކު އޭގެތެރޭގައި އޮތް ސިޓީއުރަ އާރަބްގެ ލޮލުގައި އަޅައިގަތެވެ. ހައިރާންކަމާއެކު ބަލަން ހުރެފައި އޭނަ އެސިޓީ އުރަ ނެގިއެވެ. އެއީ ބަސްމާ ފާޚަނާއިން ނިކުތް ވަގުތު ވެސް މެއެވެ.
ފެނުނު މަންޒަރާއެކު ބަސްމާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. ނޭވާލާން ވެސް ހަނދާން ނެތިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެލިޔުންތަށް ވަތްގަނޑަށް ލުމަށްފަހު އޭގެ މަތިން އޭނަ ހުރީ ހަނދާން ވެސް ނެތިފައެވެ. އެފަދަ ބިރުވެރި އެއްޗެއް އާރަބްއަށް އެހާ ފަސޭހައިން ފެނިދާނެ ތަނެއްގައި ބަހެއްޓުނު ކަމުގެ މޮޔަ ހީވިއެވެ. ބާރުވެގެން ދިޔަ ހިތާއެކު މުޅި މީހާއަށް ހާސްކަން ލިބުނެވެ. ސިޓީއުރަ ހުޅުވަން އުޅުނު އާރަބް ފެނި ބަސްމާއަށް ތެޅިގަނެވުނެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ކުރިއަށް ހިނގައިގަނެވިއްޖެއެވެ. އާރަބްގެ ސަމާލުކަން އަތުގައި އޮތް ސިޓީއުރައަށް ދެވިފައިވުމުން ބަސްމާ އަންނަކަމެއް ރޭކާނުލިއެވެ.
(ނުނިމޭ)