ސާޅީސްތިންވަނަ ބައި
"ދެން ވީގޮތް ދޮންބެ ފަހަރި ކައިރީގަ އަހަންވީނުން. އެއީ އަޅުގަނޑު ވަންއިރު އެނދުމަތީގައި ހޫރު އޮތީ ހުއްޓިފަ. އެނދުކައިރީގަ ފަހަރި ހުރީ ހުއްޓިގެން ހޫރަށް ބަލަން" ޔަޝްފީ ބުނެލިއެވެ. ޝައްކުގެ ނަޒަރަކުން އުނޭޝް ތަމަންނީއަށް ބަލައިލިއެވެ.
"އަހަރެން އެހެން ހުންނާނެއްނު. އެކުއްޖާއަށް އެހެންވީމަ އަހަރެން ހުރީ ޝޮކެއްގަ" އަމިއްލަ މީހާ ދިފާއުކުރަމުން ތަމަންނީ ބުނެލިއެވެ.
"އަޅުގަނޑު އުޅުނިން ހޫރު ފަހަރިއާ ހަވާލު ނުކުރަން. އެކަމަކު ފަހަރި ބުނީ ތިމަންނަ ގޮތެއް ނަހަދާނަމޭ. ކޮޓަރީގަ ދޮންބެވެސް އެބަހުއްޓޭ" ޔަޝްފީ އިތުރަށް ބުނެލިއެވެ.
"ތަމަން...! ކީއްވެ އެހެން ބުނީ. ތަމަންއަށް ހަމަ ރަނގަޅަށް އިނގޭނެ އަހަރެން ހުންނާނީ އޮފީހުގަކަން. ކީއްވެ އެގޮތަށް ކަންތައްކުރީ. ހޫރަށް ކިހިނެއްހެދީ. އެންމެންނަށްވެސް އިނގޭ ތަމަން އެކުއްޖާދެކެ ލޯތްބެއް ނުވާނެކަން" އުނޭޝް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ރިހުމެއްވިއެވެ.
"އަހަރެންނަށް ގޯހީ ޔަޝްފީ... ބަލަ ޔަޝްފީއަކަށް ނޭނގޭތަ އޭނަ ރާނީދެކެ ނަފްރަތުކުރާ ވަރެއް. ރާނީ މިދުނިޔޭގައި ހުންނާތީވެސް އޭނާއަށް އެހާ އުނދަގުވޭ. ގަހަށް ނެތް ކުލުނެއް ފަތަށް ހުންނާނެތަ؟" ޙާއިޝާ ހަޅޭއްލަވަމުން ދިޔައީ ޔަޝްފީއަށެވެ. އިސްޖަހާލައިގެން ހުރިއިރު ޔަޝްފީއަށްވެސް ރޮވެމުން ދިޔައެވެ.
"ބުނަން ތަމަންނީ ވާހަކައެއް؟ މިދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންނަށް އަހަރެންގެ ދަރިފުޅު މުހިންމު. އަހަރެން ޤަބޫލުކުރަން އެކުއްޖާ މިދުނިޔެއަށް އުފަން ނުވަނީސް އަހަރެންނަށް ކިތަންމެ ގޯހެއް ހެދެން އުޅުނުކަން. އެއީ އަހަރެންގެ ބޮލަށް ޝާއިތާނާ ސަވާރުވެފަ އިނީމަ އަހަރެންނަށް ނުވިސްނުނީ. އެކަަމަކު މިހާރު ހޫރަކީ އަހަރެން ދިރިހުރުމަށްޓަކައި ބޭރަށް ދޫކޮށްލާފައި އެތެރެއަށް ދަމާލާ ނޭވާ. އެދަރިފުޅުއެހާލުގައި އޮއްވާ ފެނުމުން އަހަރެންގެ ފުރާނަ ނުދިޔައީ ހަމަކިރިޔާ. ރާނީދެކެ ކިތަންމެ ނަފްރަތެއް ކުރިޔަސް އަހަރެންގެ ދަރިފުޅަށް ކިތަންމެ ކުޑަ ގޯނާއެއް ކުރަން ހިތަށްވެސް ނާރުވާތި. ދުނިޔެއިން އަހަރެންނަށް އިންނާނެ އަންހެނެއް ލިބިދާނެ. އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް ވަކިވެގެން ދިޔުމަށްފަހު އެދަރިފުޅެއް އަނބުރާ ނުލިބޭނެ" އުނޭޝްގެ އަޑުގައި ވޭނެއް އެކުލެވިފައިވިއެވެ. އެކަން ޙާއިޝާއަށް ފާހަގަވެސްވިއެވެ.
"އަހަރެން އިންތިހާއަށް ބޭނުން އެދަރިފުޅު އަހަރެންގެ ކުރިމަތީގައި ސައުވީސްގަޑިއިރު ހުންނަން. އެކަމަމު މިއަދު އެހެންވާކަށް ނެތް" އުނޭޝްގެ އަޑު ކުރެހިގެން ދިޔައެވެ.
"ސޮރީ..." އުނޭޝްގެ ކުރިމަތީގައި ކޮފީތަށި ބަހައްޓަމުން ތަމަންނީ ބުނެލިއެވެ. ކޮފީތަށި އަތުން ދުރަށް ޖައްސާލައިފައި އުނޭޝް ހިނގައިގަތެވެ. އެމަންޒަރު ބަލަން ޙާއިޝާ ހުރީ ރޮވިފައެވެ. މިއަދު ފުރަތަމަ ފަހަރަށް އުނޭޝްގެ ވާހަކަތައް ޙާއިޝާއަށް ކަމުގޮސްފިއެވެ. ހެޔޮބަދަލެއް އުނޭޝްގެ ފަރާތުން ފެނިއްޖެއެވެ. އޭނާ ހުއްޓުމެއްނެތި ހެއްދެވި ފަރާތަށް ކުރަމުންދިޔަ ދުޢާ އިޖާބަކުރައްވައިފިއެވެ. ދެން އޮތީ އެންމެ އިންތިޒާރެކެވެ. އެކަން ކައިރި މުސްތަގުބަލެއްގައި ވުމަށް އޭނާ ހިތާހިތުން ދުއާކޮށްލިއެވެ.
***
ގޭ ބޭރު ހުރި ޖޯލީގައި އަދްޔަން އިށީނެވެ. ވަގުތަކީ އިރާކޮޅުގެ ވަގުތެކެވެ. އިޝާނަމާދަށް ގޮވަން ފަސްވަރަކަށް މިނިޓް ހުއްޓެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ނަންބަރަކަށް ގުޅާލައިފައި އިރުކޮޅަކު މަޑުކޮށްލިއެވެ. އިރުކޮޅަކުން އިސްތަށިގަނޑުގައި ފުނާއަޅަމުން އިރާނިޔާ ނިކުތެވެ. އަދްޔަން ފެނުމުން ހިނިތުންވެލާފައި ކައިރީގައި އިށީނެވެ.
"ހޫރު ރަނގަޅުތަ؟ މިހާރު ނޯމަލް ވެއްޖެތަ؟" އަދްޔަން އެހިއެވެ.
"އަލްހަމްދުލިﷲ. ވަރަށް ރަނގަޅު. ހީވޭ ކުރީގެ ހޫރު އެނބުރި އަންނަހެން. މިއަދު ތަންކޮޅެއް އަވަހަށް ނިދި ދުވަހެއް" އިރާނިޔާ ބުނެލިއެވެ.
"މަޣްރިބް ކޮށްލައިގެން މިސްކިތުގައި މަޑުކޮށްލައިގެން އިންދާ މާލިކްބެ ގުޅައިގެން ގެސްޓްހައުސް ކަމެއްގަ ނިކުމެލީ. ދޮންބެދައްތަ ގުޅީމަ ހުރިހާކަމެއް ދޫކޮށްލާފަ މިގެއަށް މިއައީ... ކޮންވާހަކައެއް ބުނަންތަ އަނެއްކާ؟" އަދްޔަން އެހިއެވެ.
"މިބުނަނީ... ތެދަށް ބުނައްޗެ" އިރާނިޔާ ބުނެލިއެވެ. އަދްޔަން ބޯޖަހައިލިއެވެ.
"ޝެނަލް އާ ގުޅުމެއް ބޭއްވިންތަ އެއްވެސް އިރެއްގަ" އިރާނިޔާ އެހިއެވެ. އަދްޔަންގެ މޫނުމަތި ބަދަލުވެގެން ދިޔަ މަންޒަރު އިރާނިޔާއަށް ރަނގަޅަށް ފެނުނެވެ. އަދްޔަންގެ ޖަވާބު ލަސްވިކަމުގައި ވިޔަސް އިރާނިޔާއަށް ޖަވާބު ލިބިގެން ހިނގައްޖެއެވެ.
***
ޒުކް އޭނާގެ ފިޔާތޮށި ކުލައިގެ ފޮށްޓަށް ހެދުން އަޅާ މަންޒަރު ބަލަހައްޓައިގެން އެނދުގައި ޒަހުރިއްޔާ އިނެވެ. އޭނާގެ ދިރިއުޅުމަށް ބަހާރުމޫސުމް އައިސްފައިވާ ކަހަލައެވެ. އިރުކޮޅަކުން އެކޮޓަރިއަށް ވަޙީދުއްދީނާއެކު އާޝިދް އައިސް ވަދެއްޖެއެވެ. ޒަހުރިއްޔާ ދެބަފައިންނަށް ބަލައިލިއެވެ.
"ފްލައިޓް ޑިލޭވެއްޖެ" އާޝިދް ބުނެލިއެވެ. ޒުކް ބަލައިލާފައި އޭނާގެ އުފާވެރި މޫނުމަތި ހިތާމަވެރި މޫނަކަށް ބަދަލުކޮށްލަމުން ވައްތަރެއް ޖައްސައިލިއެވެ. އެމަންޒަރު ފެނުމުން އާޝިދް ކައިރިއަށް ހިނިއައެވެ.
"އެހެންނޭވާނީ. މަންމަ ބުނި ރޭގައި ފުރާހިތުން ކުއްޖަކު ނުވެސް ނިދައޭ" ޒުކް އާ ދިމާކޮށްލަމުން އާޝިދް ބުނެލިއެވެ. ޒުކް ޒަހުރިއްޔާއަށް ބަލައިލިއެވެ.
"ޒުކް އަދި އަލަށްވެސް އަތޮޅުތަކުގެ އެއްވެސް ރަށަކަށް ނުދަމޭ. މިފަހަރު ތިދަނީވެސް މާލެ ކައިރީގައި އޮތް ރަށަކަށް. ޒުކް ބޭނުންވަނީ ވަރަށް ދުރު ރަށަކަށް ދާން" ޒުކް ބުނެލިއެވެ.
"އެރަށަށް ދޮންބެ ދާނެއްނު. ދޮންބެ މިތާ ހުއްޓަސް ހިތް އޮތީ އެރަށުގައޭ. އެހެންވީމަ ދާނެއްނު" ވަޙީދުއްދީން ދިމާކޮށްލިއެވެ. ބޮލުގެ ފުށްކިބައިގައި މަޑުމަޑުން ޖަހައިލަމުން އާޝިދަށް ހެވުނެވެ.
"މިފަހަރު އެމަންޖެވެސް ފެންނާނެތާ. ބޭނުންވަނީ އެރަށުން އަންނައިރު އާޝިދްގެ އަންބަކަށް އެމަންޖެ ހަދައިގެން ގޮވައިގެން އަންނަން" ޒަހުރިއްޔާ ބުނެލިއެވެ. އާޝިދްގެ ތުންފަތްމަތިން ހިނިތުންވުން ފިލާނުދެއެވެ.
"އަހަރެމެންނަށް ފޮޓޮއެއްވެސް ދައްކާލީކީނޫން. ޒުކް ދުށިންތަ ފަހަރީގެ ފޮޓޮއެއް" ޒަހުރިއްޔާ އަހައިލިއެވެ.
"ކޮންތާކު؟ ދައްކާނަމޭ ވީޑިޔޯ ކޯލް ކޮށްދޭނަމޭ ކިޔާފައި ދޮންބެ ހަނދާން ނައްތާލީ" އަނގަ ހަދައިލަމުން ޒުކް ބުނެލިއެވެ.
"ތިވާހަކަތައް ދެން ފަހުން ދައްކާނީ. މަންމަ ބުނީމަ އައިރީ އާ ޖައިޝް އާއެކު ޓިކެޓް ހޯދީ. މަންމައަށް ޔަޤީންތަ އައިރީ ދާނެކަން" އާޝިދް އަހައިލިއެވެ.
"އެއީ އެހާ ބޯހަރު ކުއްޖެއްނޫން. މަންމަ ބުނެފިއްޔާ އެއްބަސްވާނެ. މިއަދު އެމަންޖެ އެވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި. އެގޭތެރޭގައި ސޮފާއަށް ވުރެ ބޮޑަށް މަންމައަށް އަޅައިލީ އެމަންޖެ. މަންމަ ބޭނުމެއްނޫން މަންމަ ދުނިޔޭގައި ހުއްޓާ އެމަންޖެއަށް އެއްވެސް ހާލެއްގަ ޖެހެން" ޒަހުރިއްޔާ ބުނެލިއެވެ.
***
އުނޭޝް ހިތްހަމަނުޖެހިފައި ހުރިކަން އިނގުމާއެކު ތަމަންނީ ވިސްނަން ފެށީ އަނެއްކާވެސް އުނޭޝްގެ ހިތް ހަލާލު ހޯދާނެ ގޮތަކާއި މެދުގައެވެ. އޭނާގެ ނަމުން ނަންދޭން ގަސްތުކޮށްފައިވާ ފިހާރައިގެ ހުރިހާ ކަމެއް ނުނިމެނީސް އުނޭޝް އެގޮތަށް ދުރުވުމުން އޭނާ ކަމުނުދިޔައެވެ. ބޭޒާރުވެގެން ދާއިރު ހުސްއަތާ ދާކަށް އޭނާ ބޭނުމެއްނޫނޭވެ. ސަބްރީން އަބަދުވެސް އޭނާއަށް ދޭ ނަޞޭޙަތަކީ އެއީއެވެ.
"އުނޭ... އުނޭ މަޑުކޮށްބަލަ... ޕްލީޒް އަހަރެން މިހާލުގައި އިންދާ ތިގޮތަށް އަހަރެންދެކެ ރުޅިނާދެބަލަ. އަހަރެން ގަސްތުގައި ހޫރަށް ގެއްލުމެއް ނުދެން" ކޮޓަރިން ނިކުމެގެން ހިނގައިގަތް އުނޭޝްގެ އަތުގައި ހިފަން މަސައްކަތްކުރަމުން ތަމަންނީ ކިޔަމުން ދިޔައެވެ.
"ތަމަންނީ...!! އަހަރެން ބޮލަށް ތުރާ ނުކޮށްބަލަ. އަހަރެން ދިރިއުޅުނަދީބަލަ" އުނޭޝް ހިތްހަމަނުޖެހިފައި ބުނުމާއެކު ތަމަންނީ ހުއްޓުންއެރިއެވެ.
"އަހަރެންގެ ސަބަބުން އުނޭގެ ބޮލަށް ތުރާ ވަނީއޭ؟ ކީއްވެ ތިހެން ތިބުނީ؟ އަހަރެންނަށް އިތުބާރު ނުކުރަނީތަ؟" ތަމަންނީ ބުންޏެއެވެ.
"މުޅި އާއިލާ އާ ދެކޮޅަށް ތަމަން އަހަރެންގެ މީހަކަށް ހަދައިގެން އައިސް މިވަރުން މިއުޅެނީ. ތަމަންނީ ކީއްވެ ހޫރު ގޮވައިގެން ދަމުން އަހަރެން ކޮޓަރީގައި އުޅެޔޭ ކިޔާފައި ދޮގުހެދީ؟ ތިއީ އިންސާނެއްތަ؟ ބަލަ އެއީ އަލިފާނެއް ފެނެއް ވަކިނުވާ ކުޑަކުޑަ ކުއްޖެކޭ. އެކުއްޖާއަށް ވީގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތް. މަށަށް އިނގޭހާވެސް އެއްޗަކީ ތަމަންނީގެ ނިޔަތް ރަނގަޅުނޫންކަން" އުނޭޝް ބުނެލިއެވެ. އުނޭޝް ކިޔަމުން ދިޔަ އެއްޗެހިން ތަމަންނީގެ ހިތަށް އަސަރެއް ނުކުރިއެވެ. އަސަރެއް ކުރާވަރަށް ވުރެ ބޮޑަށް އޭނާގެ ހިތް ހަރެވެ. އެހެންނަމަވެސް އުނޭޝްގެ ކުރިމަތީގައި ރޯން އޭނާ ބޭނުންވިއެވެ. ދެލޮލުން ކަރުނައިގެ އަސަރު ނުހުންނާތީ ދެތުންފަތް ފިއްތާ ބާރުކުރަމުން ދިޔައެވެ.
***
"އެއްޗެއް ނުބުނެ އިނީމަ އިނގިއްޖެ ކުރިން ގުޅުމެއް އޮތްކަން" އިރާނިޔާ ބުނެލިއެވެ. އިރާނިޔާގެ މޫނަށް ބަލައިލާފައި އަދްޔަން ބޯޖަހައިލިއެވެ.
"އެކަމަކު އަހަރެން ބޭނުމެއްނޫން އޭނަގެ ވާހަކަދައްކާކަށް. އަހަރެން އޭނަދެކެ ލޯބިވިން. މެރީކުރަންވެސް ބޭނުންވި. އެކަމަކު ދޮންބެދައްތައަށް އިނގޭތަ އޭނަ ކަމުގެ ދެކޮޅުނުބަލާ ގޮވި އެއެއްޗެހި. އިނގޭތަ އަޅުވާކިއީ ކާކާކަން" އަދްޔަން ބުނެލިއެވެ.
"ކުރިން ނޭނގޭ. މިހާރު އިނގިއްޖެ. އިނގޭތަ! އޭނަ އެބައޮތް ހޮސްޕިޓަލުގަ. ނިދާ ބޭސްތަކެއް ކާލީ. އޭނަ ޒަމް އާ ވަރަށް ވާހަކަދެއްކީމަ އިނގުނީ" އިރާނިޔާ ބުނެލިއެވެ.
"ހެހެހެ... ހިތުގަ އެއްވެސް އީމާންތެރިކަމެއް ނެތީމަ އަމިއްލައަށް މަރުވާން މަސައްކަތްކުރާނީ. އިނގޭތަ އޭނަގެ މަންމަވެސް އަހަރެންނާ ދިމާލަށް ވަރަށް ހަޑިކޮށް ހަޅޭއްލެވީ. ޝެނަލް އެއީ އެއްކަލަ އަންހެން މީހާގެދަރިފުޅު" އަދްޔަން ބުނެލިއެވެ.
"އެހެންތަ...! އަޅާނުލާ... ޝެނަލްއަށް ބަދަލެއް އައިއްޔާ އައީ އޭނަގެ މަންމަގެ ފަރާތުން. ދެން އޯކޭތާ... އަދޫ މިހާރު ތިއުޅެނީ ލައިފެއް ފެށުމުގެ މަގުމަތީގައެއްނު. ޝެނަލްވެސް ދެން އެންމެ ރަނގަޅުވާނީ ހަގީގަތް ގަބޫލުކޮށްފަ މޫވްއޮން ކުރިއްޔާ" އިރާނިޔާ ވާހަކަދެއްކިއެވެ.
***
މުޅިން އާ ދުވަހެކެވެ. ފަތިހުން ފެށިގެން ވެހެންފެށި ވާރޭ އަދިވެސް ތުނި ނުކުރެއެވެ. ފަޒާގައި ވަނީ ތެތްފިނިކަމެއް ހިފާފައެވެ. އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިވެސް ތޫފާނަށް ބޯލަނބާ ގަދަކުރަން ފަށައިފިއެވެ. ފަތިސް ނަމާދަށްފަހު ކަސްރަތުކޮށްލަން ނިކުންނަން ޙާއިޝާއަށް ނުކެރުނެވެ. އެހެންކަމުން އޭނާ ބޭނުންވީ ސިޓިންރޫމު އެއްކޮޅުން އަނެއްކޮޅަށް ހިނގާލާށެވެ. ކޮފީތައްޓެއް ހިފައިގެން ޔަޝްފީ އައިސް ސޯފާގައި އިށީނީ ޙާއިޝާ ހިނގަން ފެށިތަނާއެވެ. އުނޭޝް ކޮޓަރިން ބޯދިއްކޮށްލި މަންޒަރު ޙާއިޝާއަށް ފެނުނެވެ. އޭނާ ދެބުމަ ގޮށްޖަހައިލިއެވެ.
"މަންމާ!! ތިއްތި ނުހޭލަނީތަ؟ ފަތިސް ނަމާދުވެސް ނުކޮށް ކަންނޭނގެ އެއޮތީ" ޔަޝްފީ ބުނެލިއެވެ.
"ނަމާދު ނުކޮށް އޮންނާނެހެން ހިއެއްނުވޭ. މިހާރު އޮފީހަށްދާން ތައްޔާރުވާހެން ހީވަނީ" ޙާއިޝާ ވާހަކަދެއްކިއެވެ.
ގަމީހަކާއި ފަޓްލޫނެއް ހިފައިގެން ކޮޓަރިން ނިކުތް އުނޭޝް ސިޓިންރޫމުގައި ހުރެ އިސްތިކުރަން ތައްޔާރުކުރަމުން ދިޔައެވެ. ޔަޝްފީ ބަލަހައްޓައިގެން އިނެވެ. ގޮނޑީގައި ހަށިގަނޑު ސީދާކޮށްލަމުން ޔަޝްފީ ޙާއިޝާއަށް ނަޒަރު ސީދާކޮށްލިއެވެ. އެހިނދު ޙާއިޝާ އިޝާރާތުން ޔަޝްފީއަށް އެއްޗެއް ބުނެދިނެވެ. މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި އޭނާ އުނޭޝް އާއި ދިމާލަށް ހިނގައިގަތެވެ.
"ދޮންބެ ކީއްވެ އަޅުގަނޑު ކައިރީގައި ނުބުނީ" އުނޭޝް ދުރަށްލާފައި ޔަޝްފީ އިސްތިރިކުރާ މޭޒު އޭނާއާ ދިމާލަށް އަނބުރައިލިއެވެ.
"ދޮންބެ ގުޅިން. ފޯނެއް ނުނަގަމެއްނު" އުނޭޝް ބުނެލިއެވެ.
"ކޮޓަރީގަ ވީ ފޯނުގަ. ފަހަރިއަށް ނުގޮވަންތަ؟" ޔަޝްފީ އަހައިލިއެވެ.
"އަހަރެންގެ މަސައްކަތް ތަމަންނީ ލައްވާ ކުރުވަން ބޭނުމެއްނޫން. އަހަރެން އަމިއްލައަށް ކުރަން ބޭނުންވަނީ" އުނޭޝް ބުނެލިއެވެ.
"ދެން ދޭ ފެންވަރަން. ދޮންބެ ފާހާނައިން ނިކުންނަން ވާއިރަށް މިކަން ކޮށްލާނަން. އަދި ބުނަން. ދޮންބެގެ ދާވެފައި ހުރި އެއްޗެހިތައް ނަގާފައި ބަހައްޓާތި" ޔަޝްފީ ބުނެލިއެވެ.
"އަދި ނުދެވޭނެއްނު. ބަނޑު ސަކަރާތްވެފަ ހުރީމަ ރޭގަ އެއްޗެއް ނުކެވޭ. އެހެންވެ ވަރަށް ހައިވެފަ މިހެރީ. ދޮންބެ މިދަނީ ބަދިގެއަށް އެއްޗެއް ތައްޔާރުކޮށްލަން. ތިއެއްޗެހި ހިފައިގެން އެކީއެކައްޗަކަށް ވަންނާނީ" އުނޭޝް ބުނެލިއެވެ.
"ދޮންބެއަށް ތިހެން އުޅެވޭނެތަ؟ މިގޭގަ ހަދާފައި ހުރި އެއްޗެއްވިއްޔާ ދޮންބެއަށްވެސް ކެވޭނެ. ތިގޮތް ދޫކޮށްލަބަަ ދޮންބޭ" ޔަޝްފީ ބުނެލިއެވެ.
"ނޫނޭ... މަންމަގެ ރުހުމެއްނެތް ތިކަމަކަށް. ދޮންބެ އެކަނިވެރިވާން ވަރަށް ކައިރިވެއްޖެ ޔަޝްކޮ. އެއީ ދޮންބެއަށް ހުރިގޮތް. ދޮންބެއަށް ހީވަނީ ދޮންބެ މަރުވެގެންދާނީވެސް އެއްވެސް މީހަކަށް ނޭނގި ތަނެއްގަ އެކަނި އޮށްވަކަންނޭނގެ"
އުނޭޝް ބުނެލި ބަސްތައް ރުވާފާއި ފޮނުވާލި ތީރެއްހެން ގޮސްވަނީ ޙާއިޝާގެ ހިތަށެވެ. އޭނާގެ ފިޔަވަޅުތަކަށްވެސް ހުއްޓުމެއް އަތުވެއްޖެއެވެ. ލަނގޮޑިއަށް ބާރުވެގެން ދިޔައެވެ. ހިތުގައި ވަށައިލި ހިތްދަތިކަމުގެ ބޮޑުރާޅުގެ ބާނިތަކުގެ އަސަރު ސިކުނޑިއާ ހަމައަށް ފޯރައިފިއެވެ. އެހުރިހާ އިހުސާސްތަކަށް ކެތްކުރަން ދަތިވިއެވެ. ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއިރު ކަރުނަތައް ހިފެހެއްޓުމެއްނެތި ދެލޮލުން އޮހިގަނެއްޖެއެވެ.
***
އަންހެނުންނަށް ހާއްސަކޮށްފައިވާ ވާޑުގެ ބޭރުގައި ހުރި ގޮނޑިއެއްގައި ސަބްރީން އިށީނދެގެން އިނެވެ. އެނދުުމަތި ކޮށްފައިވާ ޝެނަލްއަށް އޮތީ ނިދިފައެވެ. އޭނާގެ ކައިރީގައި ބައްސާމް އިނެވެ. އެދެބަފައިން ކުރިމައްޗަށް ދާން ސަބްރީނަށް އުނދަގުވަމުން ދިޔައެވެ. ޝެނަލްގެ ދުލުން ހުރިހާ ހަގީގަތެއް ބައްސާމަށް ކިޔައިދޭން ގިނައިރެއް ނެތެވެ. އެހެންކަމުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިފައިވިއެވެ. އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކައި އަމިއްލަ ދަރިފުޅުގެ އިހުސާސްތަކުގައި އޭނާއަށް ކޮޅުފައިން ޖެހިފައިވާކަން މިހާރު އޭނާއަށް ވިސްނެން ފަށައިފިއެވެ. މާކުރިން ހިނގާއިވާ ކަމެއްގެ ބަދަލުހިފުމަށް ބޭނުންވެފައި ހުރިވަރުން ދަރިފުޅުގެ އުފާތަކާމެދު އޭނާއަށް ވިސްނާނުލެވުނީއެވެ. ހަޔާތުގެ ބައިވެރިޔާއަށް ކަންތައްތަކެއް ސިއްރުކޮށް ބޭވަފާތެރިވެވުނީއެވެ.
"ކިހިނެއްވެފަތަ އާގަމަވެފަ ތިއިންނަނީ؟ އެމަންޖެ ދޫކޮށްލާ ގަޑި ޖެހިއްޖެ. ދޭބަލަ އެތެރެއަށް. އަހަރެން މިއަންނަނީ ފާހާނާއަށް ވަދެލާފަ" ވާޑުން ނިކުތް ބައްސާމް ބުނެލިއެވެ. ސަބްރީން ތެދުވެގެން އެތެރެއަށް ވަނެވެ.
އެނދުގައި އިށީނދެގެން އިން ޝެނަލް ސަބްރީނަށް ބަލައިލިއެވެ. އަދިވެސް އޭނާގެ އެއްއަތުގައި އައިވީ ގުޅާފައި ހުއްޓެވެ. ސަބްރީންގެ ދެލޮލަށް އޭނާ ބަލަހައްޓައިގެން އިނީ ޝަކުވާގެ ބެލުމަކުންނެވެ. ސަބްރީނަށް ޝެނަލް އާ ނަޒަރު ހަމަކޮށްލަން ނުކެރުނެވެ. ބޭނުންކުރަން ގެނެސްފައި ހުރި ތަކެތި ކޮތަޅުތަކަށް އަޅަންފެށިއެވެ.
"ކީއްވެތަ މަންމާ...!!" ރޮވިފައިވާ އަޑަކުން ޝެނަލް އެހިއެވެ. ސަބްރީން ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ.
"ތިއީތަ މަންމަ އަޅުގަނޑުދެކެ ވާ ލޯތްބަކީ؟ އަޅުގަނޑަށް އިނގޭ ގޮތުގައި މައިންނަކީ ދަރިންގެ އުފަލަށްޓަކައި އަމިއްލަ ނަފްސު ގުރުބާންކުރަންވެސް ތައްޔާރަށް ތިބިބައެއް. އެކަމަކު ތި މަންމައަކީ އަމިއްލަ އެދުންބޮޑު މަންމައެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްތިދިނީ. ކީއްވެ؟ އަދޫއަކީ އެހާ ނުލަފާ އާއިލާއަކުން އައިސްހުރި ކުއްޖަކީތަ؟ ނޫނީ އަޅުގަނޑަށް ކުރެވެން އުޅުނީ މަންމަ ލަދުގަންނަންޖެހޭ ވަރުގެ ކަމެއްތަ؟" ޝެނަލް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވަނީ ހިތްދަތިކަމެވެ. ވޭނާއި ކެކުޅުމެވެ. ސަބްރީންގެ ދުލަށް އެކައްޗެއްވެސް ނައެވެ. ދޭނެ ޖަވާބެއް އިނގެނީއެއްވެސް ނޫނެވެ.
***
އުނޭޝްގެ އެއްލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ އޭނާގެ އަތުތެރޭގައި އޮތް ފޮޓޯ ފްރޭމްގައެވެ. ގަބޫލުކުރަން ދަތިވިޔަސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކައިވެނީގެ ބޮޑު ހެދުމުގައި އޭނާގެ ދެއަތުގެ ހިމާޔަތުގެ ދަށުގައި އިން އިރާނިޔާ އަށެވެ. އިންތިހާދަަރަޖައަށް އޭނާ އިރާނިޔާ މަތިން ހަނދާންވަމުން ދިޔައެވެ. ހިތަށް ކެތްނުވެ ކަރުނައިގެ މަގު އޭނާގެ ހިތާއި ސިކުނޑި ޚިޔާރުކުރީ އެހެންވެއެވެ. އިނގިލިތަކުން ފޮޓޯއިން ފެންނަން އިން އިރާނިޔާގެ ހިތްގައިމު ތަސްވީރުގައި ފިރުމައިލިއެވެ.
"އަހަރެންނަށް މަޢާފްކޮށްދޭނަންތަ؟ އެ ޖުމްލަ ވީ އޭނާގެ ހިތު ތެރޭގައެވެ. ދުލާއި ހަމައަށް ގެންނަން ކިތަންމެ މަސައްކަތެއް ކުރިިޔަސް އިރާނިޔާއާ މެދު އޭނާއަށް ކަންތައްތައް ކުރެވުނު އިހާނެތި ގޮތްތައް އޭނާގެ ދުލުގައި ހިފަހައްޓަމުން ދިޔައެވެ.
"ދޮންބޭ" އިސްއުފުލާ ދޮރާއި ދިމާލަށް އުނޭޝް ބަލައިލިއެވެ. އަދްޔަންއަށް އޭނާގެ ދޮންބެ ފެނުނީ ކަރުނަތަކެއްގެ ކަނޑަށް ޣަރަޤުވެ ގެނބެމުންދާ ހާލެއްގައި ވަނިކޮށެވެ. އަދްޔަންއަށް ބަލަން ހުރެވުނެވެ.
"އަދޫ...!! އަވަހަށް އާދޭ" ރާއްޖެއިން ބޭރުން އައިފަހުން އަދްޔަން އިސްވެ އޭނާއާ ވާހަކަދެއްކި ފުރަތަމަ ފަހަރު ކަމުން އުނޭޝްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަދްޔަންއަށް ނޭނގޭނެހެން އަތުގައި އޮތް ފްރޭމް މޭޒުގެ ވަތްގަނޑު ދަމާލާފައި އޭގެތެރެއަށް ލައިފިއެވެ.
"އާރ ޔޫ އޯލްރައިޓް؟" ކުރިއަށް ހިނގައިގަންނަމުން އަދްޔަން އެހިއެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅު. އަދޫ ދޮންބެއަށް މަޢާފްކުރީތަ؟" ދެލޯ ކައިރި ސާފުކޮށްލަމުން އުނޭޝް އެހިއެވެ.
"ތިވާހަކައެއްނޫން. ގެސްޓްހައުސްގެ ސެކަންޑް ފްލޯރގެ ތިރީސް ހަތަރު ނަމްބަރު ރޫމް. އެ ރޫމުގަ އުޅޭނެ ކެމްބޯޑިއާ ފަތުރުވެރިއެއް. އަހަރެން ބޭނުން އޭނަ އާ ދޮންބެ މީޓްކޮށްލަން" އުނޭޝް ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީންނަމުން އަދްޔަން ބުނެލިއެވެ.
"ވައި...؟ އަހަރެން ކީއްވެ އޭނަ އާ މީޓްކުރަންވީ؟" އުނޭޝް އެހިއެވެ.
"ރުޅިނާންނައްޗެ އަހަރެން ބުނާ އެއްޗަކުން" އަދްޔަން ބުނެލިއެވެ.
"ހޫމް..." އަދްޔަން ބުނަން އުޅޭ އެއްޗެއް އިނގެން އުނޭޝް ބޭނުންވިއެވެ.
"އޭނަގެ ފޯނުގަ ތަމަންނީގެ ފޮޓޯ އެބަހުރި. މިބުނީ ކޮންކަހަލަ ފޮޓޯއެއްކަން ދޮންބެއަށް އިނގޭނެ އަހަރެން ކިޔައިނުދިނަސް. މިއަތޮޅު ރިސޯޓްގަ. ދޮންބެއަށް އިނގޭތަ އޭނަ ރިސޯޓަކަށް ދިޔަކަން. ދޮންބެއަށް އޯކޭތަ އޭނަ އެގޮތަށް އުޅުނަސް" އަދްޔަން ދައްކަންފެށި ވާހަކައަކުން އުނޭޝްގެ އެތެރެހަށީގައި ލޭ ހޫނުވެގެން ދިޔައެވެ. ތަމަންނީ އޭނާއަށް އޮޅުވާލާފައިވާ މިންވަރު ހާމަވުމުން ދެއަތް މުށްކެވުނެވެ. އެތަނުގައި އިންނަންވެސް އޭނާއަށް އުނދަގުވިއެވެ.
"އަދޫއަށް ކިހިނެއް؟"
ރޫމުގެ މައްސަލައެއް އުޅޭކަމަށް އޭނަގެ ކޮމްޕްލެއިންއެއް އައިމަ މެއިންޓަނަންސް މީހެއް ފޮނުވީ. އިރުކޮޅަކުން އެދެމީހުން ޒުވާބެއްކޮށް ހޫނުވެގެން އަހަރެން އެޓެންޑްވީ. ވާހަކަދައްކައިގެން އެކަން ހައްލުކޮށް އަހަރެން ނިކުންނަން އުޅެނިކޮށް އެމީހާ ގޮވާލާފަ ދެއްކީ ތަމަންނީގެ ފޮޓޯއެއް. ބުނީ މި އަންހެންކުއްޖާ އާއި ބެހޭ މަޢުލޫމާތުކޮޅެއް ދީބަލާށޭ. އަހަރެން ބުނިން އަހަރެންގެ ދޮންބެގެ ވައިފްއޭ. އޭނައަށް އިނގެޔޯ މެރީޑްކަން. މިހާރު ޕްރެގްކަންވެސް. އިނގެޔޯ. އޭނައަށް ކިހިނެއްހޯ ޔަޤީންކަމާއެކު ބުނަން އިނގޭނީ އެއީ ތިމަންނަގެއެއްނޫންކަން. އެއީ ތިމަންނަގެ ލޯބިވެރިޔާ އޯ. ހެކިދައްކަންހޭ ކިޔާފަ ފޮޓޯތައް ދެއްކީ. ހިތަށްއެރި ދޮންބެއަށް ދައްކަން ފޮޓޯތައް ހިފައިގެން އަންނަން. އެކަމަކު ފަހުން ޚިޔާލު ބަދަލުވީ. މިހާރު ތިމަންނަ އާ އެއްވެސް ގުޅުމެއް ނުބާއްވާތީ އޭނަ އާ ބައްދަލުކުރަން އައިކަމަށް ބުނީ. ދޮންބޭ! ވިސްނަބަލަ ނިކަން. މީހުން ބުނޭ ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއްދުވަހޭ. ކަމެއްނުވާނަމަ އޭނަ ކީއްކުރަން އެވާހަކަތައް ދައްކަންވީ" އަދްޔަން ހުރިހާ ވާހަކަތަކެއް ކިޔައިދިންއިރު އުނޭޝްގެ ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދެމުން ދިޔައެވެ. ދުނިޔެއިން ދިމާވާ ކޮންމެ ހިތާމައަކަށްވެސް ކެތްކޮށްފާނެއެވެ. އެހެންނަމަވެސް އަންހެނެއްގެ ބޭވަފާތެރިކަން ބަރުދާސްތުކުރުން އެއީ އޭނާއަށް ވާނެ ކަމެއްނޫނެވެ. އޭނާވީ ވަފާތެރިކަމުގައި ތަމަންނީ އެ ވިހެލީ ބާރުގަދަ އެތިފަހަރެކެވެ. ދުވަހަކުވެސް އެކަން ހިތުން ފިލައިގެން ނުދާނެއެވެ.
ގޮނޑި ދުރުކޮށްލާފައި ދިޔަގޮތުން އަދްޔަންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާއްޏެއް ދުވެލިއެވެ. ރުޅިގަދަވިއްޔާ ދޮންބެގެ އަތުން ކޮންމެފަދަ ކަމެއްވެސް ވެދާނެކަން އަދްޔަން އިނގެއެވެ. އެހެންކަމުން އުނޭޝް ފަހަތުން އަދްޔަން ހިނގައިގަތެވެ.
"ދޮންބެގެ ސައިކް ބަހައްޓާ... ހިނގާ މަށާއެކު..." ސައިކަލަށް އަރަން އުޅުނު އުނޭޝް އަތުގައި ހިފާ ހުއްޓުވަމުން އަދްޔަން ބުނެލިއެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އުނޭޝް އިތުރު ބަހެއްނުކިޔާ އަދްޔަންގެ ސައިކަލް ފަހަތުގައި އަރާ އިށީނެވެ.
"ފުރަތަމަ ހިނގާ ގެސްޓްހައުސްއަށް" އަދްޔަން ސައިކަލް ދުއްވާލުމާއެކު އުނޭޝް ބުނެލިއެވެ.
(ނުނިމޭ)