ތުރުތުރު އަޅަމުން ދިޔަ އަތުން ކަންފަތުގައި ޖައްސާލެވިފައިވި ފޯނު ބަސްމާއަށް ތިރިކޮށްލެވުނެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދަނިކޮށް ފޯނު ވެސް ކަނޑާލައިފިއެވެ. އޭރު އެމޫނު ހުދުވެއްޖެއެވެ. ނޭވާލާން ވެސް ދަތިވެގެން ދިޔައީ މޭގައި އުފެދިގެން އައި ވަރުގަދަ ތޫފާނެއްގެ ސަބަބުންނެވެ. ބިރުވެރިކަމާއި ސިހުން ބަސްމާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ދެފައިގައި ވެސް ތުރުތުރުލުމެއް އުފެދިގެން ދިޔުމާއެކު ރެއިލިންގައި ބާރުބާރަށް ދެއަތުން ހިފަހައްޓާލެވުނެވެ. އަދި ކުޑަކޮށް ގުދުވެލަމުން ނޭވާލެވޭތޯ މަސައްކަތްކުރިއެވެ. އަނގަ ތަންމިނަށް ހުޅުވާލަމުން މޭގައި އަނެއްކާ ވެސް ފިރުމާލެވިއްޖެއެވެ.
ބޮޑު ބިރެއް ފެނިފައިވާ ކަހަލައެވެ. ކަންފަތަށް އިވުނު ޖުމްލަތައް ރަނގަބީލެއްގެ ސިފައިގައި ގުގުމަމުން ދިޔައެވެ. އެއާއެކު ބަސްމާއަށް ކަންފަތުގައި އަތް އަޅައިލެވުނެވެ. ހާސްކަމާއެކު އޭނަގެ ނަފުސު ތެޅިފޮޅެނީއެވެ. ކަންފަތަށް އިވުނު ހަޤީޤަތާ ކުރިމަތިލާނެ ގޮތެއް އޭނަގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެވާހަކަތައް ނަގަންވީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ.
''ޝަބާނާ!، މިހުރިހާ އަހަރެއް ފަހުން!، ކީއްވެތަ؟...'' އަވަސްވެފައިވި ހިތަކާއެކު ބަސްމާއަށް ބުނެވުނެވެ. އިހުނަށްވުރެން ބާރަށް ރެއިލިންގައި އޭނައަށް ހިފަހައްޓާލެވުނެވެ. ބޮލަށް އެނބުރުމެއް އަރާހެން ވެސް ހީވިއެވެ. މިހުރިހާ އަހަރެއް ފަހުން އޭނަގެ މާޒީ އައިސް ފައިހަމަކޮށްފާނެ ކަމުގެ ބިރުވެރިކަމުން މުޅި ވުޖޫދަށް ސިހުން ގެނުވައިފިއެވެ. އިވުނު ހަޤީޤަތަށް ރިޔާއަތް ކުރާނަމަ ކުރިމަތިލާން ޖެހޭނީ ކަޅު އަނދިރި ދުވަސްތަކާއެވެ. އޭނަގެ އުފާވެރި ހަޔާތް ބަރުބާދުވެގެން ހިނގައިދާނެއެވެ.
''މާކިން!... މާކިން... އެއީ އާރަބް!...'' ބަސްމާއަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައީނުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެންނެވެ. ނިއްކުރިން ފިނި ދަލެއް ވެސް ހިއްލައިފިއެވެ. މީހާ ކުޑަކޮށް ހަމައަކަށް އެޅުމާއެކު ރެއިލިންގްއިން ދޫކޮށްލުމަށްފަހު، ތުރުތުރު އަޅަމުން ދިޔަ އަތްތިލަ މުށްކަވާލެވުނެވެ.
''ނޫން!، އެހެން ވާންވީ ކީއްވެ!، ޝަބާނާ!، އެފަދަ ކަމެއް ވިނަމަ އޭނަ ސިއްރެއް ނުކުރާނެ، އަހަރެންގެ ގާތުން ބަދަލު ހިފަން ވެސް އެކަން ހާމަކުރާނެ... އެކަމަކު... އެކަމަކު އޭނަ އިތުރު ކައިވެންޏެއް ނުކުރޭ، ދެން... ނޫން!... ކިހިނެއް ވާންބާ މިއުޅެނީ!...'' ބަސްމާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
''މާކިން!، އެއީ ހަމަ އާރަބްގެ ދަރިއެއްތަ؟، އެހެން ވާނީ ކިހިނެއްތަ!... އާރަބްގެ ދަރިއަކަށް ވެއްޖެނަމަ ކީއްވެތަ މިހުރިހާ އަހަރެއް ވަންދެން އެހަޤީޤަތް ޝަބާނާ ސިއްރުކުރީ؟، އެއީ އަހަރެންގެ ފަރާތުން ބަދަލު ހިފަން ޝަބާނާއަށް ލިބޭނެ ފުރުސަތެއް ނޫންތަ؟، ދެން ކީއްވެ؟، ކީއްވެ މިހުރިހާ އަހަރަކަށް ފަހު މިހެން މިކަން އެނގެންވީ؟، ޝަބާނާގެ މަޤުސަދަކީ ކޮބައިތަ؟... މާކިން!، އަނެއްކާ އޭނައަށް މިކަމެއް އެނގޭތަ!، އެހެންވެގެންތަ ޖާދިންއާއި އީވާގެ ދެމެދަށް ވަނީ؟... އެކަމަކު... އެކަމަކު...'' ހާމަފެންޑާގައި ދެކޮޅަށް ހިނގަމުން ބަސްމާ އޭނަގެ ޒަމީރާއި ވާހަކަދެއްކިއެވެ. އިރުއިރުކޮޅާ އެމޫނުގެ ކުލަވަރު ބަދަލުވެގެން ދެއެވެ. ސިހުމާއި ބިރުވެރިކަމާއެކުވެ ހައިރާންކަމުގެ އަސަރުތައް ވެސް މޫނަށް ވެރިވެގެން ދެއެވެ.
''މިއީ އަހަރެންގެ ފަރާތުން ބަދަލު ހިފަންވެގެން ޝަބަނާ ކުރާ ކަމެއްތަ؟...'' ބަސްމާއަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ''މިކަމުން ޝަބާނާއަށް ލިބޭނެ ފައިދާއެއް ވެސް ނޯންނާނެ، މިހުރިހާ އަހަރެއް ވަންދެން އާރަބްގެ ކުރިމައްޗަށް ނާރާ އުޅުނީ މާކިންގެ ހަޤީޤަތް ސިއްރުކުރަންތަ؟... އެކަމަކު ކީއްވެތަ؟... މާޒީގަ ކަންތަކަށް ވެދިޔަ ގޮތުގެ ސަބަބުންތަ؟... ޖާދިން... މިކަންތައް ފަޅާ އަރައިފިއްޔާ ބޮޑު މައްސަލަގަނޑެއް ހިލިގެންދާނެ... ކިހިނެއްތަ ހަދަންވީ!، ސިއްރުކުރަންވީތަ!، އެކަމަކު ފަހުން އާރަބްއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ؟... ޝަބާނާ ގާތަށް ދާންވީތަ؟، ނޫން!، އެއީ ބުއްދިވެރިކަމެއް ނޫން!، މާކިންގެ ހަޤީޤަތް އޭނަ ސިއްރުކުރާނީ ކޮންމެވެސް ކަމެއް ވެގެން، އަނެއްކާ އާރަބް އޭނަ ވަރިކުރި ފަހުން ނަހަމަ ގުޅުމެއް ހިންގައިގެން ލިބުނު ކުއްޖެއްތަ އެއީ؟... އެކަހަލަ މީހަކަށް ޝަބާނާ ވެދާނެތަ؟...''
ވިސްނެމުން ދިޔަ ވަރަކަށް ބަސްމާގެ ބޮލުގެ ނާރުތަކަށް ވާންވަމުން ދިޔައެވެ. ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. އެތައް ހާސްޓަނުގެ ބަރުދަނާއެކު ސިކުނޑިއަށް ވެރިގަތް ޚިޔާލުތަކުން ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އެކި ގޮތްގޮތަށް ވިސްނުން ހިންގައިލެވުނެވެ. ކޮންމެ ފަހަރަކު ޚިޔާލުތަކުގެ މިސްރާބު ގޮސް ހުއްޓެނީ އެއް ދިމާއަކަށެވެ. އިޝާރާތް ކުރަނީ އެންމެ ހަޤީޤަތަކަށެވެ. ނަމަވެސް އެހަޤީޤަތާ ކުރިމަތިލާން ބަސްމާ ބޭނުމެއް ނުވިއެވެ. އެހަޤީޤަތާ ދެކޮޅު ހަދަން އޭނަގެ ޒަމީރު ލަފާ ދިނެވެ. ޝަބާނާ ވަރިކޮށް އާރަބް އޭނަ ގާތަށް އައި ފަހުން އެހެން ފިރިހެނަކާ ޝަބާނާ ގާތް ނުވާކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ކައިވެނީގެ ބޭރުން ހިންގި ގުޅުމަކުން ލިބިފައިވާ ދަރިއެއް ނޫންކަމުގެ ވެސް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ މީހާގެ ހުންނަ ސިފައަކުން އެމީހާގެ ވިޔާނުދާ އަދި ފީކަޅާ މިޒާޖެއް ވެސް ނޭނގޭނެއެވެ. ކަން އެހެން އޮތް އިރު ޝަބާނާއަކީ ހިލޭ ފިރިހެނުންގެ ގާތަށް ނުދާ އަންހެނެއް ނޫންކަމުގެ ޔަޤީންކަމެއްވެސް ނެތެވެ.
ޝަބާނާއާ މެދުގައި ބަސްމާއަށް ދެކެވުނީ އެންމެ ނުބައި ގޮތަށެވެ. ހަޤީޤަތާ ކުރިމަތިލާން ބޭނުން ނުވާތީ ޝަބާނާގެ އަބުރު އޭނަ ކަތިލައިފިއެވެ. ޝަބާނާގެ އުފާވެރި ދިރިއުޅުމަށް ވިހަލީ އޭނަ ކަން ވެސް އެވަގުތު ހަނދާނެއް ނެތެވެ. ޝަބާނާގެ ހުރިހާ އުފާވެރިކަމެއް ފޭރިގަތީ އޭނަ ކަން ވެސް ހަނދާނެއް ނެތެވެ. ދިރިހުރުމުގެ ހުޅުކޮޅު ވެސް ނިއްވާލީ ހަމަ އޭނަގެ ދެއަތުންނެވެ. ވީމާ ޝަބާނާއަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ހައިސިއްޔަތެއް އޭނަގެ އެބަ އޮތް ހެއްޔެވެ؟ ޝަބާނާގެ ފިރިމީހާގެ ގޮތައި އާރަބް ވަނިކޮށް، އާރަބްގެ މައްޗަށް އަތް ގަދަކޮށް އެދެމެދަށް ވަނީ ވެސް ޚުދު އޭނަ އެވެ. އެދެމެދުގައި އޮތް ގުޅުން ކިލަނބުކޮށް އާރަބްގެ ވިސްނުން ވެސް ފަސާދަ ކުރީ އޭނައެވެ. އަމިއްލަ ހިތުގެ މުހުތާދަށްޓަކައި އެހެން އަންހެނެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެސް ވައްޓާލީ އޭނައެވެ. މާޒީއަށް ބަލައިއިރު އެފަދަ މުޑުދާރު ތުހުމަތެއް އޭނައަށް ކުރެވިދާނެ ހެއްޔެވެ؟
ނިންމުމަކާ ހަމައަށް އާދެވޭ ގޮތެއް ނުވިއެވެ. ބޮލުގެ ރިހުން ގަދަވަގެން ދިޔައީނުން އެނބުރުން އަރާހެން ވެސް ހީވިއެވެ. އެންމެފަހުން ބޭހެއެއް އެއްޗެއް ކާން ވެގެން ބަސްމާ ކޮޓަރިއަށް ދިޔައެވެ.
ބަސްމާއަށް ކޮޓަރިއަށް ދެވުނު އިރު، ކޮޓަރީގައި ހުރި ސޯފާގައި އާރަބް އިންތަން ފެނި ފިޔަވަޅުތައް ގަނޑުވެގެން ދިޔައެވެ. އާރަބް އިނީ ކޮންމެވެސް މަސައްކަތެއްގައި ކަން ހުޅުވާފައި ހުރި ލެޕްޓޮފާއި، އަތުގައި އޮތް ފައިލުން އެނގެއެވެ. އާރަބް ފެނި ބަސްމާގެ ބޮލުގެ ރިހުން އިހުނަށްވުރެން ގަދަވެގެން ދިޔައެވެ.
''އާރަބްއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ؟، ހަޤީޤަތް އޮޅުން ފިލުވަން ޝަބާނާގެ ގާތަށް ގޮސްފާނެތަ؟ ޝަބާނާ އެނބުރި އަހަރުމެންގެ ދިރިއުޅުމަށް އައިސްފިނަމަ ވާނީ ކިހިނެއްތަ؟، އެދުވަހަކުން އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދާނެ، އާރަބް ފާޅު ނުކުރިޔަސް އަދި ވެސް އެހިތުގައި ޝަބާނާވޭ، އެކަން އަހަންނަށް ސިއްރުކުރަން މަސައްކަތްކުރޭ... ދެން ކިހިނެއްތަ އަހަރެން ހަދަންވީ!، ދުވަސްކޮޅަކުން ބޯފަޅައިގެން ގޮސްދާނެހެން ހީވަނީ...'' ރީތިވާމޭޒުގެ ވަތްގަނޑު ހުޅުވާލަމުން ބޭސް ކާޑެއް ނެގި ބަސްމާއަށް ވިސްނާލެވުނެވެ. ޚިޔާލުތަކުގައި ވަނިކޮށް ސިއްސައިގެން ދިޔައީ އާރަބްގެ އަޑަށެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފަސްއެނބުރި ބަލައިލެވިއްޖެއެވެ.
''އަނެއްކާ ވެސް ބޮލުގަ ރިއްސަނީތަ؟...'' ބަސްމާގެ އަތުގައި އޮތް ބޭސްކާޑަށް އިޝާރާތްކޮށްލަމުން އާރަބް ސުވާލުކުރިއެވެ. ''ޑޮކްޓަރަށް ދައްކަން ދާންވީއެއްނު؟...''
''ގޭތެރޭގެ ހާލަތު އޮތް ގޮތް އާރަބްއަށް ވެސް އެނގެއެއްނު، އެކަމާ ވިސްނާވިސްނާ ބޮލުގައި މި ރިއްސަނީ، ޖާދިންއާ މެދު އަހަރެން ވަރަށް ފިކުރުބޮޑުވެޔޭ... ޑޮކްޓަރަށް ދައްކަން ނުދިޔަސް ރަނގަޅުވާނެ... ބޭހުން ރިހުން ކެނޑިދާނެ...'' ބަސްމާ އަވަސްއަވަހަށް ބުނެލިއެވެ. އާރަބްގެ ކުރިމަތިން ދުރަށް ދާން ބޭނުންވީތީ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން އިން އާރަބްއަށް ހީވީ ބަސްމާ އޭނަ ދެކެ ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ. ސޯފާއިން ތެދުވެލަމުން، ބަސްމާގެ ފަހަތުން ދާން އުޅެފައި ވެސް ހުއްޓެވުނީ ފޯނު ރިންގްވާ ފެށީމައެވެ.
ކޮޓަރިން ނިކުމެވުމާއެކު ބަސްމާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. އާރަބްއާ ކުރިމަތިލާން ވެސް އޭނަ ފަސްޖެހޭ ހިސާބަށް ކަންތައް ގޮސްފިއެވެ. ހަދާނެ ގޮތަކާ މެދު ވިސްނަމުން ގޮސް ސިޑިން ފޭބީ ބަދިގެއަށް ދިއުމަށެވެ.
*****
ހަވީރެވެ. މާލޭގެ މަގުތަކުގެ ކާރުބާރުބޮޑުކަމުން ގެއަށް ދިއުމުގައި ޖާދިންއަށް އުނދަގޫތަކެއް ކުރިމަތިވެފައި ވިއެވެ. ކާރުގައި ކުރިއަށް ނުދެވިފައި މަގުގައި ނަގިލި އަޅައިގެން އިންނަން ޖެހުނެވެ. ޓްރެފިކްގައި ތާށިވެފައި އިނދެ އޭނަ މަގަށް ބަލަން އިނެވެ. އޭރު ހިސާބެއްގެ ފޫހިކަމެއް އޭނަގެ މޫނުމަތިން ފެނެއެވެ. ބުމަ ވެސް ގޮށްޖެހިފައި ވިއެވެ. އެއީ މަގުގެ ކާރުބާރުބޮޑުކަމުން ކަމެއް ނުވަތަ އީވާއާ އޭނަގެ ގުޅުން ކުރިއަށް ވުރެން ހީނަރުވެފައި ވުމުން އެކަމުގެ ބަދުލަތަކެއްކަމެއް ވަކިކުރާކަށް ނޭނގެއެވެ. ނަސްމާ ވެސް އޭނައަށް މަކަރުހެދުމުން އެކަމާ ވެސް ޖާދިން އިނީ ރުޅިގަދަ ވެފައެވެ. މިރޭ ހާޖަރާއާއި ނަސްމާ ބައްދަލުކުރަވަން ރާވަމުން ދަނިކޮށް ނަސްމާއަށް ގުޅޭ ގޮތެއް ނުވިއެވެ. ގުޅާގުޅާ ފޯނަށް ޖަވާބެއް ވެސް ނުދެއެވެ. އެކަމާ ވެސް ޖާދިން ހުރީ ރުޅިގަދަވެފައެވެ. ރުޅިގަނޑު ހިލިގެން އައި ވަގުތު ކާރުގެ ހުންގާނުގައި ބާރަށް ޖަހާލެވުނެވެ. އެވަގުތު ބަރުގޮނުގެ އަޑު މާހައުލުގައި އޮތް ހަލަބޮލިކަމުގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
ކުރިއަށް ދެވޭނެ ގޮތެއް ނެތިފައި އިން ޖާދިންގެ ކަންފަތުގައި ފޯނު ރިންގްވާ އަޑު ޖެހުނެވެ. އަވަސްއަވަހަށް ފަޓުލޫނުގެ ޖީބުން ފޯނު ނެގީ ނަސްމާއަށް ވެދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް ދެވުނު ނަޒަރާއެކު މޫނަށް ވެރިވީ ހައިރާންކަމެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.
''ހަލޯ...'' ޖާދިން ފޯނު ނެގިއެވެ.
''މީ އަހަރެން!... މާކިން...'' އެކޮޅުން އިވުނު އަޑާއެކު ޖާދިންގެ ތަބީއަތު ގޯހުން ގޯހަށް ދިޔައެވެ. ރުޅިގަވެއްޖެއެވެ.
''ކަލެއަށް ކިހިނެއް އަހަރެންގެ ނަންބަރު ލިބުނީ!...'' ބުމަކައިރިކޮށްލަމުން ޖާދިންއަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި އެސުވާލަށް ޖަވާބު ވެސް ލިބިގެން ދިޔައެވެ. އެއާއެކު އޭނަގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އީވާގެ ފަރާތުން އޭނަގެ ނަންބަރު ހޯދުމަށް މާކިން ނާހާނެކަން ޔަޤީނެވެ. ނަސްމާ ނޫން އިތުރު މީހެއްގެ ފަރާތުން އޭނަގެ ފޯނު ނަންބަރެއް މާކިންއަކަށް ނުލިބޭނެއެވެ.
''ކުރީގެ އަނބީގެ އަތުން ދޯ... އަދިވެސް އޭނައާއި ގުޅުން ބާއްވަން ދޯ، ނޫނޭވާ މަކަރުވެރި މީހެއް ކަލޭތީ!...'' ޖެއްސުމުގެ ރާގަކަށް ޖާދިން ބުނެލިއެވެ. ''ކަލޭ ބުނެގެން ދޯ އޭނަ އަހަރެންގެ ފޯނަށް ވެސް ޖަވާބު ނުދެނީ؟... މިހާރު ވިސްނިއްޖެ...''
ޒުވާބުކުރުމުގެ ނިޔަތެއް މާކިންގެ ނެތެވެ. ސުލްހަވެރިކަމާއެކު އެކަން ނިންމާލެވޭތޯ މާކިން ބެލިއެވެ. ހޫނު ޒުވާބަކަށް ގޮސް ބޮޑު އަރައިރުންގަނޑެއް ހިލިއްޖެނަމަ އީވާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ވެސް ޖެހިދާނެއެވެ. ކުރިން އޭނަ ގަސްދުކުރީ ޖާދިންއާ ރުޅިވެރިކަމާއެކުގައި ކުރިމަތިލާށެވެ. ނަމަވެސް އީވާއާ މެދު ވިސްނާލުމުން އެޚިޔާލު ދޫކޮށްލެވުނެވެ. ރުޅީގެ މައްޗަށް ބުރަވެ ހުރެ ކުރާ ކަމެއްގެ ސަބަބުން އޭނަގެ ޝަހުސިއްޔަތަށް އުނިކަމެއް އައިސްދާނެއެވެ. އޭރުން އިތުރު ހައިޖާންގަނޑެއް އުފެދިގެން ދާނެއެވެ. އެކަމުގެ ފައިދާ ޖާދިން ނަގަން މަސައްކަތް ވެސް ކޮށްފާނެއެވެ.
''އަހަރެން ބޭނުން ބައްދަލުކޮށްލަން...'' މާކިންގެ ޖުމްލައިން ޖާދިންއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ.
''ކީއްކުރަން؟، ކަލެއާއި އަހަންނާ ދެމެދު ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ!...'' ރުންކުރު ރާގަކަށް ޖާދިން ބުންޏެވެ.
''ދައްކަން ޖެހޭ ވާހަކައެއް ނެތް ނަމަ އަހަރެންގެ ހަޔާތާ ގުޅިފައިވި މީހުންގެ ގާތަކަށް ނުދާނެދޯ... ދައްކަން ޖެހޭ ވާހަކައެއް ވިއްޔާ އަހަންނާ ދައްކާ، މިކަމުގެ ތެރެއަށް އިތުރު މީހުން ގެންނަން ހަދާނެކަމެއް ނެތް!...'' ޖާދިންގެ ރާގުން މާކިންގެ ގާތަށް ރުޅި އާދެވުނުކަމުގައި ވިޔަސް ފުން ނެވާއެއް ދޫކޮށްލިއެވެ. އަދި ނަފުސު ހަމައަކަށް އަޅުވާލިއެވެ.
''ހެހެހެ، އަދިވެސް އޭނައާ މެދު ކަލޭގެ ހިތުގައި ޖަޒުބާތުވޭދޯ؟، އޭނައާ އަހަރެން ބައްދަލުކުރީމަ ކަލޭގެ މޭގަނޑު ކަރަން ފެށީދޯ... ދެން އީވާ ދެކެ ކަލޭ ތިވަނީ ކޮންކަހަލަ ލޯތްބެއްތަ؟...'' ދަތްތަކަށް ބާރުލަމުން ޖާދިން ބުންޏެވެ. އޭނަގެ އަޑުގައި ވަނީ މަލާމާތެވެ. ބޭނުމަކަށްވީ މާކިން ދަށްކޮށްލުމެވެ. މާކިންގެ ހައިސިއްޔަތު އަންގައިދިނުމެވެ. އެއްވެސް މީހެއް ނޫންކަން ސާބިތުކޮށްދިނުމެވެ.
''އަހަންނާއި އީވާއާ ދެމެދު އޮތް ގުޅުން ޖާދިންއަށް ބަޔާންކޮށްދޭކަށް ނުޖެހޭނެ!... ޖާދިން ތިކުރާ ކަންތަކުން އަހަރެންދެކެ ބިރުގަންނަކަން ވެސް އެނގޭ...'' މާކިން ބުނެލިއެވެ. އޭނަ ގާތަށް ރުޅިއަން ގޮތް ވިޔަސް މީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. އޭނަގެ ބޮލުގައި ޖާދިން އަޅުވަމުން ދިޔަ ތުހުމަތުތަކަށް ޖަވާބު ދިނުން މުހިންމުކަމަށް ނުހެދީ އެހެންވެއެވެ.
''ކަލޭ ދެކެ އަހަރެން ބިރު ގަނެޔޭ؟... ހެހެހެ... ކަލޭ ތިހިރީ ހަމަ ހޭގަތަ!، ބުނަންތަ ރަނގަޅު ވާހަކައެއް!، ކަލޭގެ ފެންވަރު ދެނެގެން އުޅޭތީ، ކަލޭ ބޭނުންވަނީ ބައްދަލުވާންކަމަށް ވަނީއްޔާ މިރޭ އަހަރެން ބުނާ ތަނަކަށް އާދޭ...'' ރުޅިވެރިކަމާއެކު ޖާދިންއަށް ހަޅޭއްލަވައިގަނެވުނެވެ.
ބައްދަލުކުރަންވީ ތަނާއި ގަޑި ޖާދިން ބުނުމާއެކު މާކިން ފޯނު ކަނޑާލިއެވެ. މާކިންގެ އެއަމަލުން ޖާދިން ވަކިން ބޮޑަށް ރުޅިގަދަވިއެވެ. ޖެހިގެން ހުރި ސީޓުގެ މައްޗަށް ފޯނު ހޫރާލެވުނެވެ. ކަންފަތަށް އިވެމުން ދިޔަ ބަރުގޮނުގެ އަޑުގެ ސަބަބުން ހައްތާހާ ރުޅިގަދަވިއެވެ. ޝައިތާނީ ވަސްވާސްތައް ސިކުނޑިއަށް ވެރިވެގަތުމާއެކު ބާރުބާރަށް ކާރުގެ ހުންގާނުގައި ޖެހުނެވެ. އަދި ކަރުގައި އޮތް ޓައިއަށް ދޫކޮށްލުމަށްފަހު ބާރު ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ކާރުގެ ބަރުގޮނުގެ އަޑާއި ޖާދިންގެ ހަޅޭކުގެ އަޑު މާހައުލުގައި ވިދިވިދިގެން ގުގުމާލިއެވެ. ސައިކަލުތަކުގައި ތިބި މީހުންގެ ނަޒަރު ވެސް ކާރަށް ހުއްޓުނެވެ.
''ބޮޑުބަލާއެއް ކަހަލަ އެއްޗެކޭ!!!، މި މުސީބާތަކުން ސަލާމަތްވާނީ ކޮން ދުވަހަކުތަ؟، އަހަންނާއި އީވްގެ ދިރިއުޅުމަށް ފާވެގަތުމަށްފަހު ދާކަށް ވެސް ނޫޅެޔޭ... ކަލޭ ހީކުރީތަ ކަލެއަށް ކާމިޔާބު ލިބޭތަން ދެކެން އަހަރެން ހުންނާނެޔޭ؟، ދުވަހަކު ނުވާނެ އެކަމެއް... ފަޤީރު ކަލޭގެ... ކަލޭ މަރުވާނެ ނަމަ ކިހާ ރަނގަޅު...'' ޖާދިންއަށް ރުޅި ކޮންޓްރޯލްކުރަން އުނދަގޫކަމަކަށްވެ އަނެއްކާ ވެސް ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. އޭރު އެދެލޮލުން އަލިފާން ކަނި ބުރައެވެ.
*****
ގޭގެ އެއްވެސް މެމްބަރަކާ މިހާރު ހާޖަރާ ވާހަކައެއް ނުދައްކައެވެ. ހުންނަނީ ފުސް މޫނު ހަދައިގެންނެވެ. ކެއުމުގައި ބައިވެރިވާން އައުން ވެސް ހުއްޓާލައިފިއެވެ. ހީނާ ގާތު ބުނެފައި އޮތްނަނީ ކެއުން އޭނަގެ ކޮޓަރިއަށް ގެނެސްދިނުމަށެވެ. ކޮޓަރިން ވެސް ނުކުމެއެވެ. ނަމަވެސް ގޭތެރޭގެ ޚަބަރުދަބަރު އޮޅުން ފިލުވަން ހީނާއާ އޭނަ ހަވާލުކުރެއެވެ. ރަނގަޅު ޚާދިމެއް ފަދައިން ގޭތެރޭގެ ހުރިހާ ދިމާއަކަށް ކަންފަތް ދިއްކުރަމުން ހާޖަރާއާ ހަމައަށް ހީނާ ޚަބަރު ގެންދެއެވެ.
ހާޖަރާގެ އަމަލުތަކުން އެތައް ފަހަރަކު ހާޖަރާގެ ގާތަށް ކަރީމް ދިޔައެވެ. މަންމައަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭނަގެ ގޮތުގައި ހާޖަރާ ހިފެހެއްޓިއެވެ. ފިރިހެން ދަރިފުޅުގެ ނަސޭހަތުގައި ކޮޅުފައިން ޖެހިއެވެ. ރުޅި މޫނު ހަދައިގެން ހުންނައިރު އެކަމުން އެހެން މީހުންގެ ހިތަށް ކުރާނެ އަސަރާއިމެދުގައި ވެސް ވިސްނަން ހާޖަރާ ބޭނުމެއް ނުވިއެވެ. އޭނަގެ ހިތުގެ މުރާދު ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް ހާސިލުކުރުގެ އަޒުމު ހިތުގައި ވިއެވެ.
މާމައާ މެދު ވިސްނި އީވާ ހުންނަނީ ހާސްކަމެއްގެ ތެރޭގައެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން ނަފުސު ބަނދެވެމުން ދިޔައެވެ. މާމަގެ ހިތުގައި ޖައްސަން އޭނަ ބޭނުމެއް ނުވެއެވެ. ވޭން އެހިތަށް އިހުސާސްކުރެވެނީ އެކަމުގެ ސަބަބުންނެވެ. މާކިންއާއެކު އުފާވެރި ހަޔާތެއް ފަށާއިރު މާމަގެ ހެޔޮ ދުޢާތައް އޭނައަށް ވަރަށް މުހިންމެވެ. މާމައަކީ އޭނަގެ ދިރިއުޅުމުގެ އެއްބަޔެވެ. މާމަގެ އުފާވެރިކަން ނުވާ ކައިވެންޏެއްގެ ސަބަބުން އޭނަގެ ދިރއުޅުމަށް ފަޅުކަން އައިސްފާނެތީ އީވާ ބިރުގަތެވެ. ވަމުން ދިޔަ ގޮތާ މެދު ވިސްނަމުން ގޮސް މޮޅިވެރިކަމުގެ ސައިލެއްގެ ތެރޭގައި އީވާ ހަފުސްވާން ކައިރިވެއްޖެއެވެ. ލޯތްބަށްޓަކައި ކުރަމުން އައި ފޮނި އުއްމީދުތައް އަވާމެންދުރަކަށް ވެދާނެކަމުގެ ގިލަންވެރިކަން ހިތުގައި އުފެދިއްޖެއެވެ. މާކިންގެ ހިތުގައި ޖެއްސިދާނެތީ އެކަމާ ވިސްނާވިސްނާ މީހާ ބަލިކަށިވާން ފެށިއެވެ. ކަރުނައިގެ ކޯރެއްގައި ބެހެން ފެށިއެވެ. ސަލާމަތުގެ އައްސޭރިއެއް ނުވާ ފަދައެވެ.
*****
''އީވް، ދެން ތިހެން ނޯވެ ތެދުވެލަބަ، އީވްގެ އަމަލުތަކުން ލައިލާ އާންޓީ ފިކުރުބޮޑުވެގެން އަހަންނަށް ގުޅީ ވެސް، ކަންތައް މިހާ ހިސާބަށް ދިޔައިރުގައި އަހަންނަށް އަންގާ ވެސް ނުލަމެއްނު!، އެއީ ކީއްވެތަ؟...'' އެނދުގައި އޮތް ބަނާތުގެ ދަށަށް ވަދެ ފިލާފައި އޮތް އީވާއަށް ރައުހާގެ އަޑު އިވުނެވެ. ކަރުނައިގެ ދާނުގައި އޮތް އީވާ ކުރިއަށްވުރެން ބޮޑަށް ބާލީސް ގެނެސް އޭނަގެ މޫނުގައި ޖައްސާ ބާރުކޮށްލިއެވެ.
''އަހަންނަށް އެނގެޔޭ ތިއޮތީ ނިދަން ނޫންކަން!، އެހެން ނޫނަސް މިދެން މިހުން ނިދާ ގަޑިއެއްތަ!...'' ބަނާތުގައި ހިފާ ދަމައިގަންނަމުން ރައުހާ ބުނެލިއެވެ. ބަނާތު ގަޔާ ވަކިވެގެން ދިއުމުން އޭސީގެ ފިނިކަން އީވާއަށް އިހުސާސްކުރެވުނެވެ.
''ތިހެން ރޯން އޮތީމަ ކަންތައް ހައްލުވޭތަ؟...'' ނުރުހުމާއެކު ރައުހާ ބުންޏެވެ. އަދި އީވާ ހިފަހައްޓައިގެން އޮތް ބާލީހުގައި ވެސް ހިފާ ދަމައިގަތެވެ. އެބާލީހުން އީވާ ދުލެއް ނުކުރިއެވެ. ރައުހާގެ ވެސް ދޫދޭ ފަދަ ވިސްނުމެއް ނެތެވެ. ދެއެކުވެރިން ވެސް ހީވަނީ ވާދަމަނީ ހެންނެވެ. އެންމެފަހުން ބާލީސް ދިޔައީ ފަޅައިގެންނެވެ. އޭގައި ހުރި ދޫނިފިޔަތަކާއި ކަފަތައް ބާރު އަޑަކާއެކު ވައިގެ ތެރެއަށް އުދުހިގެން ދިޔައެވެ.
''މިހާރު ބާލީސް ތި ހަލާކުކޮށްލީ!...'' ރައުހާ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.
ކަރުނަ ފޮހެމުން އީވާ އެނދުގައި އިށީނެވެ. އަދި ނުރުހިފައި ރައުހާއަށް ބަލައިލިއެވެ.
''ހޫނ، ދެލޯ ހަދާނެ ކަމެއް ނެތް، ގައިމު އަހަރެން ގާތު ބުނި ތިމަންނައަކީ ވަރަށް ހިތްވަރުގަދަ މީހެކޭ، މާކިންއަށް ޓަކައި ހަތް ކަނޑު ވެސް ހުރަސްކޮށްފާނެމޭ، މާމައާ ވެސް ކުރިމަތިލާނަމޭ، އެކަމަކު މީހާ ތިއޮތްނަނީ ކޮޓަރިއަށް ވަދެ ފިލާ ރޯން...'' އުކިޅުގައި އަތް ވިއްދާލަމުން މޫނަށް ގޮތެއް ހަދާލަމުން ރައުހާ ބުނެލިއެވެ.
އިވާ އިނީ ހިމޭނުންނެވެ. އެންމެ ބަހެއް ވެސް ބުނެނުލިއެވެ.
''މިއީ ހިތްވަރުކުރަންވީ ވަގުތެއްނު!، އީވްގެ މަންމައާއި ބައްޕަ ގާތުގައި އެބަތިބި، މާކިން އެބަހުރި، ދެން ކޮން ކަމަކާތަ ތިރޮނީ؟، އީވްގެ މާމަގެ ވިސްނުން ދުވަހަކު ބަދަލެއް ނުވާނެ، ކުރިން ވެސް އަހަންނަށް އެނގުނު މިހެން ވެދާނެކަން، ޝީ އިސް އެ ސްޓަބަން އޯލްޑް ލޭޑީ...'' އެނދުގައި އިށީންނަމުން ރައުހާ ބުންޏެވެ. ''އަހަރެން ނަމަ އީވް ތި ރޯހެން ނުރޯނަން، އަހަރެންގެ ރައިޓްސް ހޯދަން އުޅޭނީ، މިހުރިހާ ދުވަހު އީވް ކަންތައް ކުރީ މާމަ އެދުނު ގޮތަކަށްނު، އޭގެ ސަބަބުން ދިރިއުޅުން އުނދަގުލަކަށް ނޫނީ ނުވިއެއްނު، އަބަދު ހުންނަނީ މާމަ ނުރުހިދާނެތީ... ކުރަން ބޭނުންވާ ކަމެއް ނުކުރެވޭ، ބޭނުން ތަނަކަށް ނުދެވޭ، ކުރު ގޮތަކަށް ބުނަނީނަމަ ކޮއްޓެއްގައި ތާށިވެފައި އިންނަނީ... މިހެން އަހަރެން ބުނީމަ ރުޅި ނާންނައްޗޭ، އެކަމަކު އަބަދު އީވްގެ މާމަ ހިތް ރުހޭ ގޮތަކަށް ދިރިއުޅުން ނުގެންދެވޭނެ، މާމަ އެދުނީތީ އަމިއްލަ އުފާތައް ޤުރުބާން ކޮށްފާނަންތަ؟، އެނުލަފާ ޖާދިންއާ ކައިވެނިކޮށްފާނަންތަ!، އޭރުން މާކިންއަށް ވާނީ ކިހިނެއް؟، މާކިންއަށް ވި ވަޢުދުތަކަށް ފުރަގަސްދޭން ކެރޭނެތަ؟...''
ރައުހާގެ ވާހަކަތަކުން އީވާގެ ހިތަށް އަސަރުކުރިއެވެ. ދެލޯފެންކަޅިވެގެން ދިޔައެވެ.
''އަހަންނަށް މާކިންއާއި ދުރުނުވެވޭނެ!...'' ކުރެހިފައިވާ އަޑަކުން އީވާ ބުނެލިއެވެ.
''ތިއޮތީ އީވްގެ ހިތުގެ ޖަވާބު، ތިއީ ކުރިއަށް ދާންވީ ގޮތަކީ، މަންމައާއި ބައްޕަގެ އެއްބަރުލުމާއެކު ކުރިއަށް ދޭ، އީވްއަށް ހެޔޮއެދޭ އެންމެން ގާތުގައި އެބަތިބި، އަހަންނަށް ޔަޤީން މާކިންއާއެކުގައި އީވްއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެކަން... ދެން މާމަދޯ... މާމައަށް ވެސް މާކިންއަކީ ރަނގަޅު ޒުވާނެއްކަން އެނގުމުން ވިސްނުން ބަދަލުވެދާނެ...... އެކަމަށް ދުވަސް ނަގާފާނެ... އީވް ޖެހޭނީ ކެތްތެރިވާން...'' ރައުހާ ބުންޏެވެ.
''ކެތްކުރާނަން، މާމަގެ ރުހުންވެސް ބޭނުން... ރައު ބުނިހެން މާމައަށް ވަގުތު ދޭނީ، މައްސަލައަކީ މާމަ އަދިވެސް ޖާދިންއާ އަހަރެން ކައިވެނި ކުރުވަން ބޭނުން ވާތީ......'' ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން އީވާ ބުނެލިއެވެ.
''ޖާދިން ވެސް ގޮތް ދުލެއް ނުކުރިދޯ... އާރަބް އަންކަލް ކައިވެނި ކެންސަލް ކުރީމަ ވެސް ދުލެއް ނުކުރިދޯ، ބޮޑަށް އީގޯ މައްސަލައެއްކަމަށް އަހަންނަށް ފެންނަނީ، އެކަހަލަ ފިރިހެނުން ވެސް އުޅޭނެ، ވަރަށް ފޫހިވޭ...'' ތުން އަނބުރާލަމުން ރައުހާ ބުނެލިއެވެ.
''އަހަންނަށް ވެސް ހީވަނީ ތިހެން، މިހާރު ޖާދިންއާ ވާހަކައެއް ނުދައްކަން...'' އީވާ ބުންޏެވެ.
''ރަނގަޅު ވާހަކަދައްކާނެކަމެއް ވެސް ނެތް!...'' ރައުހާ އިތުރުކޮށްލިއެވެ.
''ދެން ވެސް ކަމެއް ވާއިރަށް ރޯނީއެއް ނޫން އިނގޭ، ލޯތްބަށްޓަކައި ދުނިޔެއާ ހަނގުރާމަކުރާނަމޭ ބުނާ މީހުން ކޮޓަރީގަ ތިހެން ނުތިބޭނެ، ޖޫލިއެޓް ވީމަ ވަކި ލޯބި ހާސިލް ވާނެތަ؟...'' ރައުހާ ބުންޏެވެ. އޭނަގެ މަޤުސަދަކަށްވީ ހިތާމައާއި މޮޅިވެރިކަމުން އީވާގެ ނަފުސު ދުރުކޮށްދިނުމެވެ. ތަފާތު ވާހަކަދައްކައިގެން އީވާގެ ހިތްހަމަޖައްސައިދިނުމެވެ.
''ދެން ނުރޯނަން...'' ރައުހާއާ ވާހަކަދައްކާލެވުމުން އީވާގެ ހިތަށް ލުއިކަމެއް ލިބުނެވެ.
(ނުނިމޭ)