ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 42

10

ސާޅީސްދެވަނަވަނަ ބައި

އެތަނަށް އައިސް ހުއްޓުނު ތަމަންނީގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައީ އުނޭޝްގެ އަތުތެރޭގައި އިރާނިޔާ ވީތަން ފެނުމުންނެވެ.

"ދަރިފުޅާ..!!! ކެތްކުރޭ... އަހަރެމެންގެ ދަރިފުޅަށް އެއްވެސް ކަމެއް ނުވާނެ... ހެއްދެވިފަރާތް މަތިން ހަނދުމަކޮށްލާ.." އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ޙާއިޝާ ބުނަމުން ދިޔައެވެ. އިރާނިޔާއަށް ހުއްޓުމެއްނެތި ރޮވެމުން ދިޔައިރު އޭނާގެ މޫނަށް ނަޒަރު ހުއްޓައިލެވިފައި އުނޭޝްއަށް ހުރެވުނެވެ. އޭނައަށް ދުވަހަކުވެސް ނުފެންނަހާ ހިތްދަތިކަމާއި ވޭނާއި ކެކުޅުން އެވަގުތު އިރާނިޔާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެހުރިހާކަމެއް ފެންނަމުން ދިޔައިރު އުނޭޝްގެ ހިތުގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ. ހޫރުގެ ހާލަތަށް ވުރެ ބޮޑަށް އޭނާއަށް ވިސްނާ ފިކުރުކުރެވުމުން ދަނީ އިރާނިޔާއާ މެދުގައެވެ. ތަމަންނީ އައިސް ކައިރީގައި ހުއްޓުނުއިރުވެސް އުނޭޝްގެ ނަޒަރަށް ބަދަލެއް ނާދެއެވެ.

ޒަމްޙާ އައިސް އިރާނިޔާގެ ދެކޮނޑުގައި ހިފައިލުމުން އުނޭޝް ދޫކޮށްލިއެވެ. އިރާނިޔާ ގައިގައި ހިފަހައްޓާލައިގެން ޒަމްޙާ ގޮސް ހުއްޓުނީ ނަރުހުންގެ ޖަގަހައިގެ ތެރޭގައެވެ.

"މާބޮޑުވަރު ވެފައި އޮތީމަ ހޫރު ފިޓް ޖެހުނީ. މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު. މާތްﷲ ގެ ކުޅަދުންވަންކަން އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑު" އިރާނިޔާ ކައިރީގައި އިށީނދެގެން އިން ޒަމްޙާ ބުނެލިއެވެ. އެހެން ނަރުހަކު ގެނައި ފެންތަށި ޒަމްޙާ އިރާނިޔާގެ އަނގައިގައި ޖެއްސިއެވެ. ކުޑަ ފެންފޮދެއް އަރުން އެތެރެ ކުރަން އިރާނިޔާއަށް ޖެހުނީ އެތައް މަސައްކަތަކުންނެވެ.

"މަށަށް އެތަނަށް ވަދެވޭ ގޮތް ހަދައިދީބަލަ. މަ ބޭނުން މަގޭ ދަރި ކައިރީގައި ހުންނަން. މިހާރު އޮންނާނީ ވަރަށް ބަނޑުހައިވެސްވެފަ. އަހަރެންނަށް އެކަން އިހުސާސް އެބަކުރެވޭ" އިރާނިޔާ ބުނެލިއެވެ. ދުރުގައި އިރާނިޔާއަށް ބަލަން އުނޭޝް ހުރި މަންޒަރު އޭނާއަށް ފެނުނެވެ. އެކަން މާބޮޑު ކަމަކަށް އޭނާ ނެހެދިއެވެ. އުނޭޝްއަށް ހެޔޮ ބަދަލެއް އަންނަން އުޅޭ ކަމުގެ ފެށުން ކަމެއް އެއްވެސް މީހަކަށް ދެނެގަންނަން ނޭނގުނެވެ.

***

ވަޙީދުއްދީންގެ އާއިލާ ހެނދުނުގެ ނާޝްތާއަށް އިންސާފު ކުރަން ތިބި ވަގުތު ގޭ ދޮރު ބެލްއަޅަން ފެށި އަޑު އިވުނެވެ. އެދިމާލަށް ބަލައިލެވުނީ ހުރިހާ މީހުންނަށް އެކުއެކީގައެވެ.

"އެބައަންނަން" އާޝިދް ތެދުވަން އުޅުނެވެ.

"ސަކިންތަ މިދަނީ" ދުރުގައި ހުރި ސަކީނާ ބުނެލިއެވެ.

ޒަހުރިއްޔާގެ އަތުން ކާން އިން ޒުކް އިނީ ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޒުކް އިންތަނުން ގޭދޮރު ވަރަށް ރީތިކޮށް ފެނެއެވެ.

"އަދި ދުވަހަކުވެސް ނުދެކޭ އަންހެންމީހެއް އެއީ" ޒުކް ބުނެލިއެވެ. ޒަހުރިއްޔާ ބޯއަރިކޮށްލާފައި ބަލައިލިއެވެ. ނުބައި ޒާތަކަށް ހެމުން އަންނަ ސޮފާ ފެނުމާއެކު ޒަހުރިއްޔާގެ އަތުން ސަމްސާ ތަށިތެރެއަށް ވެއްޓުނެވެ. ސޮފާ ކައިރިއަށް އަންނަމުންދާ ވަރަކަށް ޒަހުރިއްޔާގެ ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. އާޝިދްގެ ނަޒަރު އެއްފަހަރު ޒަހުރިއްޔާ ހުއްޓިފައި ދެވަަނަ ނަޒަރު ތަނބުގެ ނިވަމުން ނިކުތް ސޮފާއަށް ހުއްޓުނެވެ. ވަޙީދުއްދީންވެސް ކަޅިޖަހާނުލާ ސޮފާއަށް ބަލަން އިނެވެ. ޒަހުރިއްޔާ ޖެހިލުންވެފައި އިންކަން އިނގުމުން ވަޙީދުއްދީން ޒަހުރިއްޔާގެ އަތްތިލައަށް ފިތާލިއެވެ.

"އަނހަ ސޮފާއްތަ... ދުރުވޭ... ވަރަށް ރަނގަޅު ވަގުތެއްގަ ތިއާދެވުނީ" އާޝިދް ބުނެލިއެވެ.

"ބައްޕާ...!! ސޮފާއްތަ ބައިވެރިކުރައްވާ. އަޅުގަނޑު އެބައަންނަން" ޖީބުގައި އޮތް ފޯނު ނަގަމުން އާޝިދް ދުރަށް ހިނގައިގަތެވެ. އެއީ ކާކުކަން ނޭނގި ޒުކް އިނީ ސޮފާއަށް ބަލަހައްޓައިގެންނެވެ.

"އަހަރެން މިއައީ އަހަރެންގެ ޒިންމާގެ ދަށުގައި ހުރި މީހަކު ބަލާ" ސޮފާ ބުނެލިއެވެ.

"އެއީ ކާކު؟" ވަޙީދުއްދން ބުނެލިއެވެ.

"އަހަރެންގެ އެކުވެރިޔާ" ސޮފާ ބުނެލިއެވެ.

"ނުދާނަން. އަހަރެން އުޅެނީ ސޮފާއަކާ އިނދެގެނެއްނޫން. މިވަގުތު އަހަރެން މިހެރީ އަހަރެންގެ އާއިލާ ކައިރީގައި. ސޮފާ މިގެއިން ދޭ" ޒަހުރިއްޔާ ބުނެލިއެވެ.

"އާޗާ... ހާދަ އަވަހަކަށޭ ދޯ ކަނޑިކިބުރި މަތިން ތިހަނދާން ނައްތާލީ... ބަލަ މިހުރިހާ ދުވަހު ކަލޭގެ ހުރިހާ ކަމެއް ބެލެހެއްޓީ މަށޭ. ކަލޭ ޖެހޭނީ މިގެއިން މަށާއެކު ދާން. އަހަރެން ދާނީ ގަދަކަމުންވެސް ކަލޭ ގޮވައިގެން" ޒަހުރިއްޔާ އިން ގޮނޑީގެ އަތްގަނޑުގައި ދެއަތް އަޅުވާލާފައި އަޑަށް ބާރުލަމުން ސޮފާ ބުނެލިއެވެ. ދެލޯ ބޮޑުކޮށް ޒުކް ބަލަހައްޓައިގެން އިންއިރު އެއީ އެ އާއިލާގެ ދުޝްމިނެއްކަން އިނގުނެވެ.

"ކަލޭ ތިއީ މަކަރުވެރިއެއް. ދުރަށްދޭ... މިވަގުތު ކަލޭ ތިހިރީ އަހަރެންގެ ގޭގައި. ހަމަ މިހާރު ނިކުމޭ. މިބުނީނު ނިކުންނާށޭ" ޒަހުރިއްޔާ އަޑުލައިގަތެވެ.

"މިހުރިހާ ދުވަހު އަހަރެންގެ ހިޔާވަހި ކަމުގައި އިނދެ އަހަރެން ދިނީމަ ކައިގެން އަހަރެން ދިނީމަ ލައިގެން އުފަލާ އަރާމުގައި އުޅެވުނީމަ ތިއީތަ ދޭން ފެނުނު އިނާމަކީ... ؟ ތިއީ ތިކަހަލަ އަންހެނުންގެ ވައްތަރު" ސޮފާ ވާހަކަދެއްކިއެެވެ.

"ކަލޭ އަހަރެން ދެލޮލުގައި އަނދުން އަޅުވައިގެން އަމިއްލަ އެދުމެއް ހާސިލްކުރަން މަސައްކަތްކުރީ. ކަލޭ ތިިއީ ހިޔާނަތްތެރިއެއް. މަކަރުވެރިއެއް... ކޮންފަދަ ބޮޑު ދޮގުތަކެއް އަހަރެން ކައިރީގައި ހެދީ. ބުނަންތަ ސޮފާ ވާހަކައެއް. އަހަރެންގެ އެއްފައި ބަލިކޮށް އޮތީ. އަހަރެންގެ ދެއަތާއި އަނގައާއި ހުރިހާ ހިއްސެއް ބަރާބަރަށް މަސައްކަތްކުރޭ. މިގެއިން ކަލޭ ނުދިޔައިއްޔާ ހަވާލުކުރާނީ ފުލުހުންނާ" ޒަހުރިއްޔާ ވާހަކަދެއްކިއެވެ. ވަޙީދުއްދީން އިނީ ޒަހުރިއްޔާއަށް ބަލަހައްޓައިގެންނެވެ.

"އަހަރެން ބުނީމެއްނު އަހަރެން ދާނީ ތި ކޮރުމީހާ ގޮވައިގެންނޭ... އަހަރެން ބަލާނަން ކާކަށްތޯ އަހަރެން ހުއްޓުވެނީ" ސޮފާ ހިފީ ޒަހުރިއްޔާ އިން ގޮނޑީގެ އަތްގަނޑުގައެވެ. ކުރިއަށް ދުއްވާލި ވަގުތު ވަޙީދުއްދީންގެ އަތުތެރެއިން ޒަހުރިއްޔާގެ އަތްތިލަ ވަކިވެގެން ދިޔައެވެ. ވަޙީދުއްދީން ފުންމައިގެން ތެދުވިއެވެ. މިފަހަރު ސޮފާގެ ކޮޅަށް އެއްވެސް ކަމެއް ނިމެން އޭނާ ބޭނުމެއް ނުވެއެވެ. ފުންމައިގެން ތެދުވި އެދިޔަ ބާރު މިނުގައި ޒުކް ގޮސް ސޮފާގެ އަތުގައި ދަތްއެޅިއެވެ. ވީތަދާއެކު ސޮފާ ހަޅޭއްލަވައި ގަނެފައި ޒުކްގެ ކުޑަ ހަށިގަނޑު ދުރަށް ބުރުވާލިއެވެ. ކާމޭޒުގެ ފައި ބުޑުގައި ބުރައިގެން ގޮސް ޒުކް ޖެހުމާއެކު ސަކީނާ ދުވެފައި އެދިމާލަށް ދިޔައެވެ.

"ދުރުވޭ... " އާޝިދްގެ އަޑަށް އެންމެން ބަލައިލިއެވެ. އާޝިދްގެ ފަހަތުން ވަދެގެން އައި ފުލުހުންގެ ދެ އޮފިސަރުން ފެނުމާއެކު ސޮފާއަށް ހިންދިރުވާލެވުނެވެ. ޖެހިލުންވުމުގެ އަސަރުތައް އޭނާގެ މޫނުމަތިން ފާޅުވާން ފެށިއެވެ. ދެއަތްތިލަ ފިިނިވާން ފެށުމުން ޒަހުރިއްޔާ އިން ގޮނޑިން އަތްދޫކޮށް ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ.

"ސާބަހޭ ދަރިފުޅާ... ސޮފާ ކަލޭގެ މިނިވަންކަމުގެ ވަގުތު ހަމަވީ" ވަޙީދުއްދީން ބުނެލިއެވެ. ސޮފާ ވަޙީދުއްދީނަށް ބަލައިލިއެވެ. ފުލުހުން ތިބުމުން އެއްޗެއް ބުނަން ނުކެރުނެވެ. ޖައިޝްއާއި އެކުގައި އައިރިސް ވަން މަންޒަރު ފެނުމުން ސޮފާއަށް މާބޮޑު ޙައިރާންކަމެއް ލިބިގެން ދިޔައެވެ.

"މަންމަ..." ތަނުގެ މަސްލަހަތު ރަނގަޅު ނޫންކަން އިނގުމުން އައިރިސްއަށް ގޮވައިލެވުނީ އެންމެންނާ ވަކިން ކުށްވެރިއެއް ފަދައިން އިސްޖެހިފައި ހުރި ސޮފާއަށެވެ.

"އާޝިދް!! މަންމަ ފުލުހުންނާ ހަވާލުކުރަނީތަ؟" ރޮވިފައިވި އަޑަކުން އައިރިސް ބުނެލިއެވެ. އާޝިދް ބޯޖަހައިލިއެވެ.

"މީނާ ގެންދަވާ. މިވަގުތު މީނަ ދޫކޮށްލައިފިނަމަ މުޖްތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ. އަމިއްލަ ދަރިވެސް މަރާލަން މި އަންހެނާ ފަސްނުޖެހޭނެ" އާޝިދް ބުނެލިއެވެ. ޖައިޝްގެ ގައިގައި ބައްދާލައިގެން ހުރި އައިރިސްއަށް ރޮވެމުން ދިޔައެވެ.

"އަޅުގަނޑުގެ އަންހެނުން ގިނަ ދުވަސްތަކެއް ވަންދެން މަކަރާއި ހީލަތުން އަޅުގަނޑަށް ފޮރުވައިގެން އުޅުނީ. އެގާރަ އަހަރަށްފަހު މިއެނގުނީ އަޅުގަނޑުގެ އަންހެނުންނަކީ ނުކުޅެދޭ މީހެއްކަން" ވަޙީދުއްދީން ބުނެލިއެވެ. އެހުރިހާއިރު ސޮފާ އިސްޖަހާލައިގެން ހުއްޓެވެ. އެކަންތައް ދޮގުކުރަންވެސް އޭނާ މަސައްކަތެއް ނުކުރެއެވެ.

"ތިޔަބޭފުޅުން ގުޅުއްވާލީމަ ބަޔާންދޭން އަޅުގަނޑުމެން ދާނަން" އާޝިދް ބުނެލިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ޒަހުރިއްޔާ އެގެއިން ނެރުނުއިރު އެހާލަތު ބަދަލުކުރުމަށް އައިރިސް ހިތްއެދެމުން ދިޔައެވެ.

"މަންމާ..!!" އައިރިސް ގޮވައިލިއެވެ. ސޮފާ ހުއްޓި ބަލައިލިއެވެ.

"އަޅުގަނޑަށް ކުށެއް ކުރެވިފައިވާނަމަ މަޢާފް ކުރައްވާތި. މަންމަ ދިން ކޮންމެ އަނިޔާއަކަށް މިހުރިހާ ދުވަހު އަޅުގަނޑު މިއައީ ކެތްކުރަމުން. އަޅުގަނޑަށް އިނގޭ އަޅުގަނޑަކީ މަންމަގެ އުފަން ދަރިއެއްނޫންކަން. ދުވަހަކުވެސް ތި މަންމަ އަޅުގަނޑުދެކެ ލޯބި ނުވާކަންވެސް އިނގޭ. އެކަމަކު އަޅުގަނޑު ދެކެނީ ތީ އަޅުގަނޑުގެ އުފަން މަންމަ ކަމުގަ. އެއީ އަޅުގަނޑު ހަނދާން ހުންނަން ފެށިއްސުރެ މަންމަގެ ސިފައިގައި އަޅުގަނޑަށް ފެނުނު މީހަކީ ތިއީ ކަމަށް ވާތީ.... އަޅުގަނޑު އުންމީދުކުރަން ޖަލުން ސަލާމަތްވާއިރު މަންމަގެ ހިތް ބަދަލުވެ ހެޔޮވިސްނުން މަންމައަށް ލިބިފައިވާނެ ކަމަށް. އަޅުގަނޑުގެ ބަނޑުގައިމިވާ ދަރި މާމައަށް އިންތިޒާރުކުރާނެ" އައިރިސް ވާހަކަދެއްކިއެވެ. އައިރިސް ބަނޑުގައި ދަރި އޮތްކަން ސޮފާއަށް އިނގުނީ އެހިސާބުންނެވެ. އޭނާ އައިރިސްގެ ފަހަތުގައި ހުރި ޖައިޝްއަށް ބަލައިލީ ނަފްރަތުގެ ބެލުމަކުންނެވެ.

***

އުނގުމަތީގައި އޮތް ހޫރުގެ މޫނަށް ބަލަހައްޓައިގެން އިރާނިޔާ އިނެވެ. ވޭތުވެދިޔަ ބާރަ ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ ކެއިން ބުއިމުންވެސް ހަނދާންނެތިފައެވެ. ހޫރުގެ ކުޑަކުޑަ އަތްތިލައިގައި ގުޅާފައިވާ ކެނިއުލާއަށް އޭނާގެ ނަޒަރު ހުއްޓުނު ވަގުތު ހިތުގައި ރިއްސާލައިފިއެވެ. އެކަށި އޭނާގެ ހިތަށް ކޮށްޕާލާފައިވީ ކަހަލައެވެ. އަރާމު ނިންޖަކުން ހޫރަށް ނިދިފައި އޮތްއިރު އެދަރިފުޅުގެ މައްޗަށް ހިތުން ހެޔޮ ދުޢާ ކުރަމުން ދިޔައެވެ. ހޫރު އޮތް ވޯޑު ކުޑަދޮރު ކައިރީގައި އުނޭޝް ހުއްޓެވެ. ދަރިފުޅު އެހާލުގައި ބާއްވާފައި ނިކުންނަން އޭނާގެ ހިތް އެއްބަސް ނުވީއެވެ. އިރާނިޔާ ފަދައިން އެދަރިފުޅަށްޓަކައި އޭނާވެސް އެތައް ކަރުނައެއް އަޅައިފިއެވެ. އިރުކޮޅަކާ އިރާނިޔާގެ މޫނަށް އޭނާއަށް ބަލައިލެވެއެވެ. ދުނިޔޭގެ ހުރިހާ ހިތާމައެއް މޫނުމައްޗަށް ޖަމާވެފައި އިން އިރާނިޔާ އޭނާގެ އަތުތެރެއަށް ދެމިގެން ދިޔަ މަންޒަރު އަދިވެސް އޭނާގެ ހިތަށް ސިފަވަމުން ދިޔައެވެ.

ހޫރު ކުކުރާލި އަޑު އިވުމުން އުނޭޝްއާއި އިރާނިޔާ އެކުއެކީ ބަލައިލިއެވެ. ހޫރު ނަގާ މޭގައި ލައްކޮށްލަމުން އިރާނިޔާ އުނޭޝްއަށް ބަލައިލިއެވެ. އުނޭޝް އިރާނިޔާ ގާތަށް ފިޔަވަޅު އަޅައިލިއެވެ. ދާދި ގާތަށް ހުއްޓުމަށްފަހު ދެއަތް ދިއްކޮށްލިއެވެ. އަދި ހޫރު އުނޭޝް އަތަށް ލައިދިނެވެ. ހޫރުގެ ހަށިގަނޑު އުނޭޝްގެ މެއާލާ ބޮނޑިކޮށްލި މަންޒަރުން އިރާނިޔާ ހިތަށް އުނދަގޫވިއެވެ.

"ބައްޕިގެ ފުރާނަޔާ..." އުނޭޝްގެ ދުލުން ބޭރުވެގެން ދިޔައެވެ.

"ރާނީ...!!" ވަދެގެން އައި ޒަމްޙާ ގޮވައިލިއެވެ. އިރާނިޔާއާ ދާދި ކައިރީގައި އުނޭޝް އިންތަން ފެނުމުން ޒަމްޙާ ހިމޭންވިއެވެ.

"ހޫރަށް ފީޑްކުރަން ޖެހޭނެ" މަޑުމަޑުން އިރާނިޔާ ބުނެލިއެވެ. އުނޭޝް ހޫރު އިރާނިޔާ އުނގުތެރެއަށް ލިއެވެ. އެއަށްފަހު ދެލޯ ފޮހެމުން ނިކުމެއްޖެއެވެ.

"އަންބްލީވަބަލް... އޭނާއަށް ކަންތައްތަކާ ދެރަވާންވެސް އިނގޭތަ؟" އިރާނިޔާ ކައިރީގައި އައިސް އިށީންނަމުން ޒަމްޙާ ބުނެލިއެވެ. ޖަވާބެއް ނުދިނަސް އިރާނިޔާ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ކޮބާ ފޯނު..؟" ޒަމްޙާ ބުނެލިއެވެ.

"ނޭނގެ. އެއްވެސް އެއްޗެއް ވީތަނެއް މަށަކަށް ނޭނގޭ. ވޭތުވެމިދިޔަ ގަޑިތަކުގައި މަށަކަށް ނޭނގެ މަށަށް އުޅެވުނީ ކޮން ދުނިޔެއަކު ކަމެއް" އިރާނިޔާ ބުނެލިއެވެ.

"ހަމަ ތެދެއް މިބުނީ... އަހަރެން ހިއެއް ނުކުރަން މިދަރިފުޅު އަލުން ދެލޯ ހުޅުވާލާނެ ކަމަކަށް. ދުވަހަކުވެސް އެހާ ބިރެއްނުގަނޭ. މިދަރިފުޅު ދުނިޔެއާ ވަކިވެގެންދިޔަނަމަ އަހަރެންވެސް ހަމަ އެކަށްވަޅުގަ ވަޅުލަން ޖެހުނީސް" އިރާނިޔާއަށް ރޮވިއްޖެއެވެ. އެބިރުވެރި ވަގުތުކޮޅު ހަނދާންވުމުން އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަނެގެން ހިނަގއްޖެއެވެ.

"ދެން ތިވާހަކަނުދައްކާ. ﷲ ގެ އިރާދަފުޅާ މިންވަރުފުޅުން ތި ދަރިފުޅުގެ އުމުރު ދިގުކުރައްވާށި.... ތިއެއްނޫނޭ... އާޝިދް އަހަރެން ފޯނަށް ގުޅި. އަހަރެން ބުނިން ރާނީއަށް ދިމާވެގެން އުޅޭ ކަންތައް. ބުނި ރާނީ ފޯނަށް ޖަވާބުނުދޭތީއޭ" ޒަމްޙާ ވާހަކަދެއްކިއެވެ.

"މަޑުކުރައްޗޭ. ބުނި ރާނީ ކައިރިއަށް ގޮސް ގުޅާށޭ" ޒަމްޙާ ފޯނު ނަގާފައި އާޝިދްގެ ނަންބަރު ޖަހާފައި ޑަޔަލްކޮށްލިއެވެ. ކަންފަތުގައި ފޯނު ޖަހައިގެން އެއްއަތުން ހިފަހައްޓައިގެން އިންނަން އުނދަގުވެދާނެތީ އިރާނިޔާއާ ފޯނު ކައިރިކޮށްލީ ސްޕީކަރ އޮން ކޮށްފައެވެ.

"މިއަންނަނީ ހޫރު ޑިސްޗާޖުކުރާ ގަޑި ޗެކްކޮށްލާފަ" ޒަމްޙާ ހިނގައިގަތެވެ.

އާޝިދްގެ އަޑު ކަންފަތުގައި ޖެހުމާއެކު އިރާނިޔާއަށް ރޮވިއްޖެއެވެ. ދެތިންފަހަރަކު 'ހަލޯ' އޭ ބުނުމަށްފަހު އާޝިދް މަޑުޖެހުނެވެ. ފޯނުގައި ހުރި އިރާނިޔާ ރޯކަން އިނގުމުން އާޝިދްގެ ނަފްސަށް ހިމޭންކަމެއް ވެރިވި ކަހަލައެވެ.

"ސްޓޮޕް ކްރައިންގް... އަހަރެން ލޯބިވާ މީހުން ރޯއަޑު އަހާކަށް އެހާ ފަސޭހައެއްނޫން" އާޝިދް ބުނެލިއެވެ.

"ސިޑް މަތިން އެވަގުތު ވަރަށް މިސްވި" އިރާނިޔާ ބުނެލިއެވެ. އަނެއްކާވެސް އޭނާގެ ހިތުގެވެރިޔާ އޭނާއަށް ބޭނުންވި ވަގުތު ކައިރީގައި ނުހުރެވުނުކަން އިނގުމުން ހިތުގައި ޖެހިއްޖެއެވެ.

"ސޮރީ މައި ލަވް.... ވަރަށް އަވަހަށް ދާނަން. ފަހަރެއްގައި މާދަމާ އިރުއޮއްސެންވާއިރަށް ވެސް ތިދެމައިން ކައިރިއަށް ދެވިދާނެ" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާގެ ނަފްސަށް ހަމަޖެހުން ލިބި ލޯބިން ފުރިގެންވި ބެލުމަކުން ގާތުން ބޮމުންދިޔަ ހޫރަށް ބަލައިލިއެވެ. ދެލޯ ހުޅުވައިގެން އޭނާގެ މޫނަށް ބަލަން އޮވެ ބޮމުންދިޔަ ހޫރުގެ މޫނުމަތިން އަދިވެސް ވަރުބަލިކަން ފެންނަން ހުއްޓެވެ.

***

މިސްކިތުން އައިސް ވަން ބައްސާމް ބަދިގެއަށް ވަންއިރު މޭޒުމައްޗަށް ކާން އަރުވާފައި ހުއްޓެވެ. އެއްވެސް މީހަކު ގޭތެރެއިން ފެންނަން ނެތުމުން އޭނާ ސިޓިންރޫމުގައި މަޑުކުރިއެވެ. ޓީވީ ހުޅުވާލާފައި އަށެއްގެ ހަބަރު އެޅުވީ ސަބްރީން ކޮޓަރިން ނިކުންނަންދެނެވެ. މާގިނަ އިރެއް ނުވަނީސް ކޮޓަރީ ދޮރުހުޅުވި އަޑު އިވުމުން ސަބްރީން ނިކުތްކަން ބައްސާމަށް އިނގުނެވެ.

"ކޮންއިރަކުން ކަނީ؟" ސަބްރީންގެ އަޑު އިވުމުން ބައްސާމް ބަލައިލިއެވެ.

"ކޮބާ ޝާނީ؟؟ ގޮވަންވީނުން ކާން" ބައްސާމް ބުނެލިއެވެ. ސަބްރީން ފަސްޖެހުނެވެ. އެޕާޓީން އައި ފަހުން ޝެނަލް އޭނާއާ ވާހަކައެއް ނުދައްކައެވެ. ކޮޓަރިން ނުވެސް ނިކުމެއެވެ. އޭނާ ދޮރުގައި އެތައް ފަހަރަކު ތެޅުމުންވެސް ޖަވާބެއް ނުދިނެވެ. ފޯނަށް ގުޅިއިރު އޮތީ ނިއްވާލާފައެވެ.

"އަހަރެން ވަރަށް ބަނޑުހައިވެފަ މީނީ. ދޭބަލަ ޝާނީއަށް ގޮވަން" އަނެއްކާވެސް ބައްސާމް ބުނެލިއެވެ.

"އަހަރެން ވަރަށް ގޮވައިފިން. ހަބަރެއްނުވި" ސަބްރީން ބުނެލިއެވެ. ޖަވާބެއްނުދީ ހުރުމުން ބައްސާމްގެ ސުވާލުތަކަށް ހުއްޓުމެއް ނާންނާނެކަން އޭނާއަށް އިނގެއެވެ.

"ރީން ދޭ. އަހަރެން މިދަނީ އެމަންޖެ ގޮވައިގެން" ދާން ނުދާން ހުރި ގޮތަކަށް ސަބްރީން ހިނގައިގަތެވެ. އޭނާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ޝެނަލްއަށް އެއްވެސް ބަދަލެއް އައިސްފައި ހުރިކަން އިނގޭއިރަށް ބައްސާމްގެ ހުރިހާ ސުވާލުތަކެއް އަމާޒުވާނީ އޭނާއަށްކަން އިނގެއެވެ.

"ދަރިފުޅާ...!! ޝާނީ... ބައްޕައޭ... ދޮރުހުޅުވަބަލަ" ބައްސާމް ޝެނަލްއަށް ގޮވަން ފެށިއެވެ. އެތެރެއިން އެއްވެސް ޖަވާބެއް ނައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ބައްސާމް ޝެނަލްގެ ނަންބަރަށް ގުޅަން ފެށިއެވެ. ފޯނު އޮތީ އޮފްކޮށްފައެވެ.

"ޝާނީ... ޝާނީ... ދަރިފުޅާ.." ބައްސާމްގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ. ސަބްރީން ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައީ ކަންތައްތައް ވަރަށް ގޯސްވެއްޖެކަން އިނގުމުންނެވެ. ސަބްރީންގެ މޫނަށް ބަލައިލާފައި ބައްސާމް ދުވެފައި ކަހަލަ ގޮތަކަށް މައިދޮރުން ބޭރަށް ނިކުމެ ކަނާތްފަރާތުން ގޯތިތެރެއަށް ކަނޑާފައި ހުރި ޝެނަލްގެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ޖެހުނެވެ. އެއްފަރާތުގައި ސިމެންތިން ހަދާފައި ހުރި އަށިމައްޗަށް އަރާފައި ތޭރިތަކުގެ ތެރެއިންއިން އޭނާ ބަލައިލިއެވެ. ކާރޓެއިން ކަހާލާފައި ހުރިކަން ނަސީބޭ ހިތަށް އެރިއެވެ. ހާމައަށް ފެންނަން އޮތް ކޮޓަރި ތެރެއަށް އޭނާ ނަޒަރު ހިންގައިލިއެވެ. ފާހާނާ ދޮރު މައްޗަށް ވެއްޓިފައި އޮތް ޝެނަލް ފެނުމާއެކު ބައްސާމަށް ރޮއެގަނެވުނެވެ.

"ޝާނީ...!! ދަރިފުޅާ...." ބައްސާމް ގޮވައިލިއިރު އެ އަޑު މަގަށް އިވޭނެކަންވެސް ޔަގީނެވެ.

***

އުނޭޝް ކޮޓަރިއަށް ވަންގޮތަށް އެނދުގައި އިސްޖެހިފައި އިނެވެ. އަދިވެސް އޭނާގެ ނަފްސު ހަމައަކަށް ނޭޅެއެވެ. ފާހާނާއިން ތަމަންނީ ނިކުތުމާއެކު އުނޭޝް ބަލައިލިއެވެ.

"އަހަރެންގެ ޓީޝާޓަކާއި ޖީންސެއް ތައްޔާރުކޮށްދީބަލަ" އުނޭޝް ބުނެލިއެވެ.

"އަނެއްކާ ދަނީތަ...؟" ތަމަންނީ އެހިއެވެ.

"އާނ.. އަހަރެންގެ ދަރިފުޅު އެހާ ބަލިކޮށް އޮތްއިރު އަހަރެން ކިހިނެއް މިތަނުގައި އިންނާނީ؟" އުނޭޝް ބުނެލިއެވެ. ތަމަންނީގެ މޫނުމައްޗަށް ވެރިވި ފޫހިކަން އުނޭޝްއަށް ނުފެނެއެވެ.

ކޮޓަރިން ނިކުތްގޮތަށް ތަމަންނީއާއި އުނޭޝް އެކީގައި މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ. އޭރު ބަދިގޭގައި ޔަޝްފީއާއި ޙާއިޝާގެ އިތުރުން ކަމްލާ މަސައްކަތުގައި އުޅުނެވެ. އުނޭޝް މޭޒު ކައިރީގައި އިށީނުމުން ތަމަންނީ އުޅުނީ ކޮފީ ގިރާށޭވެ.

"ޔަޝްކޮ....!!" އުނޭޝް ގޮވައިލިއެވެ.

"އާދެބަލަ މިކޮޅަށް" ޔަޝްފީ ބަލައިލުމުން އުނޭޝް ބުނެލިއެވެ.

"ހޫރަށް ކިހިނެއްވީ؟ ކީއްވެ އެކުއްޖާ އެއްކޮށް ހުއްޓުނީ" އުނޭޝް އެހިއެވެ. ތަމަންނީ ސިހިފައި ބަލައިލީ ޔަޝްފީގެ މޫނަށެވެ. ގޭތެރޭގެ މަސްލަހަތު ގެއްލިދާނެތީ އޭނާ އެވާހަކަ އެއްވެސް މީހެއް ކައިރީގައި އަދި ނުދައްކައެވެ. ޙާއިޝާ އެހުމުންވެސް އޭނާ ބުނީ ވީގޮތެއް ނޭނގޭ ކަމަށެވެ.

"ދޮންބެއަށް އިނގޭ ވަރަށް ބޮޑު ކަމެއްވީމަކަން އެވަރު ވާނީ" އުނޭޝް ބުނެލިއެވެ.

"އަޅުގަނޑު ހޫރު ގޮވައިގެން ކޮޓަރީގަ ހުއްޓާ އައީ ފަހަރި. އައިސް ބުނީ ތިމަންނަ އަތަށް ދޭށޭ އެކޮޓަރިއަށް ގޮސް ނިންދަވާނަމޭ..." ޔަޝްފީ ބުނެލިއެވެ. އުނޭޝްއާއި ޙާއިޝާގެ ނަޒަރު އެއްފަހަރާ ތަމަންނީއަށް ހުއްޓުނެވެ. ތަމަންނީއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

"ދެން...؟" އުނޭޝް އެހިއެވެ. ޔަޝްފީގެ ނަޒަރު އަނެއްކާވެސް ތަމަންނީއަށް ހުއްޓުނެވެ.

"ދެން ވީގޮތް ދޮންބެ ފަހަރި ކައިރީގަ އަހަންވީނުން. އެއީ އަޅުގަނޑު ވަންއިރު އެނދުމަތީގައި ހޫރު އޮތީ ހުއްޓިފަ. އެނދުކައިރީގަ ފަހަރި ހުރީ ހުއްޓިގެން ހޫރަށް ބަލަން" ޔަޝްފީ ބުނެލިއެވެ. ޝައްކުގެ ނަޒަރަކުން އުނޭޝް ތަމަންނީއަށް ބަލައިލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟