ވާހަކަ

ދެކިލަން އެދޭތީ - 44

2

ވިއްސާރަ ދުވަހެކެވެ. ހެނދުނު ގަދަ ވަޔާއެކު ވެހެން ފެށި ވާރެޔަށް މެންދުރު ވީއިރުގައި ވެސް ބަދަލެއް ނާދެއެވެ. ގަދަ ވިއްސާރައިގައި، ހިތް ނުތަނަވަސްވެފައި ހުރި ބަސްމާ ކާރުގައި މިސްރާބު ޖެހީ ހިތުގައި އޮތް މަންޒިލަށް ދިއުމަށެވެ. އޭރު ނުތަނަވަސްކަން އޭނަގެ ހިތުގައި ވިއެވެ. ހުޅުމާލެއަށް އޭނަ އެދަނީ ހިތުގައި އޮތް ހާސްކަމެއް ނިމުމެއް އަންނާނެ ކަމުގެ އުއްމީދުގައެވެ. އެދިޔަ މަގުމަތީގައި ކޮންމެވެސް މީހަކަށް ފޯނުން ގުޅައި ވާހަކަދެއްކިއެވެ. ޝަބާނާގެ މަޢުލޫމާތު އޮޅުން ފިލުވަންވެގެންނެވެ. ޝަބާނާ އުޅެނީ މީހަކާ ކައިވެނިކޮށްގެންތޯ ނުވަތަ ވަރިވެފައިތޯ ބަލަން ބޭނުން ވީތީއެވެ. އެސުވާލުތަކުގެ ޖަވާބު އައިސްދާނެ ގޮތެއް ނޭނގޭތީ ބަސްމާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.

ޝަބާނާ ދިރިއުޅޭ ފްލެޓާއި ކައިރިއަށް އާދެވުމުން ކާރު މަޑުކޮށްލަން ޑްރައިވަރު ގާތު ބަސްމާ ބުނެލިއެވެ. ބަސްމާގެ އެދުމަށް އިހުތިރާމްކުރަމުން ދުވާރު ކައިރިއަށް ޑްރައިވަރު ކާރު މަޑުކޮށްލިއެވެ. ވާރެއާއި ފަޒާގެ ތެތްފިނިކަމުން ފުސްވެފައިވި ކުޑަދޮރުގެ ލޫވާގައި އަތްތިލަ ހިންގާލަމުން، ކުރިމަތިން ފެންނަން ހުރި ފްލެޓަށް ބަސްމާ ބަލައިލިއެވެ. ފުންވިސްނުމަކަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުޑައެއް އަޅައިގެން ބޭރަށް ނިކުތްތަން އެފެނުނީ އިތުރު ދެވަނަ މީހެއް ނޫނެވެ. ޝަބާނާއެވެ. ޝަބާނާގެ ފަހަތުން ޒުވާން އުމުރުފުރައިގެ ބޭރު އަންހެންކުއްޖަކު ނިކުތްތަން ވެސް ފެނުނެވެ.

އަތުގައި އޮތް ކުޑަ ހުޅުވާލަމުން މަގުގެ އަނެއް ފަރާތުގައި އޮތް ކާރަށް ޝަބާނާ ބަލައިލިއެވެ. ކާރުގެ ކަޅު ބިއްލޫރީގެ ސަބަބުން ކާރުގެ އެތެރެ ފެންނަ ގޮތެއް ނުވިއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ރޫބީއާއެކު އޭނަ ހިނގައިގަތީ މަގުގެ ކޮޅުގައި ހުރި ސުޕަމާކެޓަށް ބާޒާރުކޮށްލަން ދާށެވެ.

ޝަބާނާ ކާރާ ދިމައަށް ބަލައިލި ތަން ފެނި ބަސްމާއަށް އަތުން މޫނު ފޮރުވާލެވުނެވެ. ކަޅު ބިއްލޫރީގެ ސަބަބުން އެތެރެ ނުފެނުނުކަމުގައި ވިޔަސް އޭނައަށް އެހަރަކާތް ގެނެވުނީ ބޭއިހްތިޔާރުގައެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭނައަށް ޝަބާނާ އެފެނުނީ އަހަރުތަކެއް ފަހުންނެވެ. ނަމަވެސް މާޒީގެ ހަނދާންތައް ލޯކުރިމަތިން ނިއުޅުވާލައިފިއެވެ. ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ގެނެސްދެމުންނެވެ.

''އޭނަ އުޅެނީ އިތުރު މީހަކާ ކައިވެނިކޮށްގެންތަ!، އޭނައާއެކު އެދަނީކޮން އަންހެންކުއްޖެއްތަ؟... ބޭރު ކުއްޖެއްހެން ހީވަނީ، ބޭރު މީހަކާ ކައިވެނިކޮށްގެން ލިބިފަ ހުރި ކުއްޖެއްތަ އެއީ؟، އެހެންވިއްޔާ މާކިންއަކީ އެމީހެއްގެ ދަރިއެއްތަ؟...'' ބަސްމާއަށް ވިސްނައިލެވުނެވެ. އިތުރަށް މަޑުކުރުން އެއީ ބުއްދިވެރި ކަމަކަށް ނުވުމުން ޑްރައިވަރު ގާތު ކާރު ދުއްވާލުމަށް ބަސްމާ އެދުނެވެ. އަދި މަޑުމަޑުން މޭގައި ފިރުމާލެވިއްޖެއެވެ. މޫނަށް ވެރިވެފައިވި ހާސްކަމަށް ނިމުމެއް ގެންނަން އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ.

''މިއަދު ހުރިހާ ކަމެއް އެނގޭނެ!، އޭރަށް އަހަރެންގެ ހިތުގައި މިވާ ކުށްހީތަށް ވެސް ފިލައިގެން ހިނގައިދާނެ...'' ބަސްމާ އޭނަގެ ހިތަށް ވިސްނައިދިނެވެ. ހިތުގައި އޮތް ބިރުވެރިކަން އަމިއްލަ އިހުތިޔާރުގެ ދަށަށް ގެންނަން މަސައްކަތްކުރިއެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރުކުރެވެން ފެށުނީ އޭނަ ހޯދަން ބުނި މައުލޫމާތު އޭނައާ ހަމައަށް އަންނާނެ އިރަކަށެވެ. އެމައުލޫމާތު ނަގައިގަތުމުގެ ޤާބިލުކަން ސިކުނޑިއަށް ލިބިފައިވޭ ބާވައޭ ވެސް ޒަމީރާ ސުވާލުކޮށްލެވުނެވެ. އެކަމުން ދިރިއުޅުން ބަދަލުވެގެން ގޮސްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެހިތުގައި އޮތް ބިރުވެރިކަން ހަޤީޤަތަކަށް ވެއްޖެއްޔަ ވާނީ ކިހިނެއް ހެއްޔެވެ؟ އާރަބްއަށް ފަޅާއަރައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

''ނޫން!... ނޫން!...'' ހިތަށް ގޯނާކުރަމުން ދިޔަ ޚިޔާލުތަކާ ދުރުވެލަން ބަސްމާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ނޭވާލާން ވެސް ކުއްލިޔަކަށް ދަތިވެއްޖެއެވެ. ބިރުވެރިކަމުގެ ސައިލަކުން އައިސް އޭނަ ވަށާލި ކަހަލައެވެ. ސަލާމަތްވާން ނަފުސު ތެޅިފޮޅެމުން ދިޔައެވެ.

*****

މެންދުރުގެ ކެއުމަށްފަހު އީވާއާ ވަކިން ބައްދަލުކޮށްލަން ހާޖަރާ ބޭނުން ވިއެވެ. ކުރީ ދުވަހުގެ ހަމަނުޖެހުމަށްފަހު އެއްވެސް މީހަކާ ހާޖަރާ އަނގަޔަކުން ނުބުނެއެވެ. ހުންނަނީ ފުސް މޫނު ހަދައިގެންނެވެ. ކަރީމް ވާހަކަދެއްކިޔަސް ރުޅިވެރިކަން ނޫން އެހެން އިހުސާސެއް ހާޖަރާގެ ފަރާތުން ނުފެނުނެވެ. ހާޖަރާ ހުރީ އޭނަގެ ގޮތުގައި ހިފަހައްޓައިގެންނެވެ. އަދިވެސް އޭނަ ބޭނުންވަނީ އީވާއާއި ޖާދިންގެ ކައިވެނި ކުރުވާށެވެ. އުފެދިފައި އޮތް ނުތަނަވަސްކަމަށް އޮތް ހަމައެކަނި ހައްލަކީ އެއީއެވެ. އީވާ ހިއްސާކުރި ވާހަކަތަކަށް ފަހުގައި ވެސް އޭނަގެ ނިންމުން ބަދަލުކުރުމުގެ ޚިޔާލެއް ހާޖަރާގެ ނެތެވެ.

އީވާ ގޮވައިގެން ހާޖަރާ ދިޔައީ ގޭގައި ހުންނަ ކުޑަ ލައިބްރަރީއަށެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައިލުމަށްފަހު އީވާ އޭނަގެ މާމައަށް ބަލައިލިއެވެ. އޭރު ހާޖަރާ ގޮސް އެތާ ހުރި ހުދުކުލައިގެ ބޮޑު ސޯފާގައި އިށީންނަނީއެވެ. މާމަގެ ހަރަކާތްތަކުން އީވާއަށް ލިބުނީ ހައިރާންކަމެވެ. ހިނގައިގަންނަން ވެސް ނޭނގިފައި އީވާއަށް ހުރެވުނެވެ. ހާސްކަން އޭނަގެ މޫނުގައި ވިއެވެ. މާމަ ހިއްސާކުރަން އުޅޭ ވާހަކައެއް ނޭނގޭތީ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ.

''ކިހިނެއްވެފަ ތިހުންނަނީ؟... މާމަ ގާތު އައިސް އިށީނދެބަލަ...'' ސޯފާގައި އަތް ޖައްސާލަމުން ހާޖަރާ ބުނެލިއެވެ. އޭނަގެ އަޑުގައި ރުޅިވެރިކަމެއް ނުވެއެވެ. ވަނީ މަޑުމައިތިރިކަމެވެ. ރުޅި އިސްކޮށްގެން އޭނަގެ ހިތުގެ މުހުތާދު ހާސިލު ނުވެދާނެތީ ހާޖަރާ އަޒުމު ކަނޑައެޅީ ޖަޒުބާތުގެ ދަލުގައި ޖައްސައިގެން ވިޔަސް ޖާދިންއާ ކައިވެނި ކުރުމަށް އީވާ އެއްބަސް ކުރުވާށެވެ. މާކިންއާއިއެކު އީވާއަށް މުސްތަޤުބަލެއް ނުލިބޭނެކަން ސާބިތުކޮށްދޭން ވެސް ހާޖަރާ ހުރީ އަތުރުކުރިއޮޅާލައިގެންނެވެ.

''އީވާ...'' އޭނަގެ މަގަތުގައި ސޯފާގައި އިށީން އީވާގެ އަތުގައި ހިފައިލަމުން ހާޖަރާ ގޮވައިލިއެވެ. ލޯތްބާއެކުގައެވެ.

''މާމާ...'' އީވާއަށް ވެސް ބުނެވުނެވެ. މާމަގެ އެގާތްކަން ނަގައިގަންނަން ވީ ކިހިނެއްކަން އީވާއަކަށް ނޭނގުނެވެ. ނަފުސަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނަގެ ވާހަކަތަކުން މާމަގެ ހިތަށް އަސަރުކުރީ ހެއްޔެވެ؟ މާމަގެ ޚިޔާލު ބަދަލުވެގެން ހިނގައިދާނެ ހެއްޔެވެ؟ އެއީ ވެދާނެ ގޮތެއް ހެއްޔެވެ؟ މާކިންއަށް މާމަގެ ރުހުން ލިބިދާނެ ހެއްޔެވެ؟

''މާމަގެ މިވާހަކަތައް ކަނުލާ އަޑު އަހައްޗޭ، ކައިވެންޏެއް ކުރާއިރު ލޯތްބަކީ މުހިންމު އެއްޗެއް ނޫން، އެކުގައި އުޅެން ފެށުމުން ލޯބި ވެވޭނެ، ލޯތްބަކީ އެކަކު އަނެކަކަށް ކުރެވޭ އިތުބާރަށް ކިޔާ ދެވަނަ ނަން، ޖާދިންއަށް ހެދުނު ގޯސްތައް ހަނދާން ނައްތާލާ، ތެދަށް ބުނާނަމަ ޖާދިންއަށް އެފަދައިން އަމަލުކުރަން މަޖުބޫރުވީ ވެސް އީވާ!، އީވާގެ ބޭވަފާތެރިކަމުން ޖާދިންއަށް ރުޅި އިސްކުރެވުނީ... ކުށްކުރެވޭނީ ވެސް އިންސާނުންގެ އަތުން... އެކުށަށް ޖާދިން މަޢާފަށް އެދެފިއެއްނު؟، ޖާދިންއަށް ދެވަނަ ފުރުސަތެއް ދީ، އީވާ ރައްޓެހިވެގެން ތި އުޅޭ މީހާއާއެކު އުފާވެރި ދިރިއުޅުމެއް އީވާއަކަށް ނުލިބޭނެ، އެއީ އަދި މީހަކާ އިނދެ ވަރިކޮށްފަ ހުރި މީހެކޭ، ކިހިނެއް އެނގެނީ މާދަމާ ނޫންކަމެއް އީވާއާ މެދު އެފަދައިން ކަންތައް ކުރާނީ؟...... އެވަރު މީހަކާ ހެދިތަ މާމަގެ ވާހަކަ ޤަބޫލުނުކުރަން ތިއުޅެނީ؟... މާމަގެ ހިތެއް ނުބުނޭ އެއީ ރަނގަޅު ޒުވާނެކޭ... މާމަ ބުނީތީ އޭނައާ ރުޅިވޭ، ޖާދިންއާއެކު ދަރިފުޅުގެ މުސްތަޤުބަލު ގުޅިފައިވަނީ... މާމައާ ހިއްސާކުރި ވާހަކަތައް އިތުރު އެއްވެސް މީހެއް ގާތު ނުބުނާތި، އޭރަށް ޖާދިންގެ ޝަހުސިއްޔަތަށް އުނިކަމެއް އައިސްދާނެ، އީވާ އެވާހަކަތައް މާމައާ ހިއްސާކުރީ ވެސް އެފަދައިން ކަންތައް ކުރަންދޯ؟، އެފިރިހެނާ ތިހުރީ އީވާގެ ވިސްނުން ފަސާދަކޮށްލާފަ...'' އީވާގެ އަތުގައި ފިރުމަމުން ހާޖަރާ ވާހަކަދެއްކިއެވެ. ކުއްލިޔަކަށް އީވާއަށް އޭނަގެ އަތް ދަމައިގަނެވުނެވެ.

''މާމާ، އަޅުގަނޑާ މެދު ޖާދިން ކަންތައް ކުރި ގޮތަށް ފަހުގައި ޖާދިންއަށް މަޢާފްކުރުމަކީ ފަސޭހަކަމެއް ނޫން، މާމަގެ ހުށަހެޅުން އަޅުގަނޑަށް ޤަބޫލުކުރެވޭކަށް ނެތް... އަޅުގަނޑަށް މަޢާފްކުރޭ...'' ކަންފަތަށް އަޑުއިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައި މާމަގެ މޫނަށް ބަލަން އީވާއަށް އިނދެވުނެވެ. މާމަ އެދުނު ފަދައިން ކަންތައް ކުރަން އޭނައަށް ނުހަނު އުނދަގޫ ކަމަކަށް ވިއެވެ. މާމަ އެފަދަ ކަމަކަށް އެދުމުން ހިތުގައިވެސް ޖެހުނެވެ.

''ކީއްވެ؟...'' ހަރުކަށިކަން ހާޖަރާގެ އަޑަށް ވެރިވިއެވެ. ''ކީއްވެ މަޢާފް ނުކުރެވެންވީ؟، އީވާގެ ބޭވަފާތެރިކަން ހަނދާން ނައްތާލުމަށްފަހު ދެވަނަ ފުރުސަތެއް ދޭން ޖާދިން ތައްޔާރަށް ހުރިއިރުގައި އީވާއަށް އެވަރުގެ ކުޑަކަމެއް ނުކުރެވެންވީ ކީއްވެތަ؟، ރުޅިއައިސް އީވާއަށް ޖާދިން ގެއްލުމެއް ނުދޭ، ހަމައެކަނި މަސައްކަތްކުރީ އީވާއަށް ވިސްނައިދޭން، ތިދެމެދުގައި ހިނގިކަމެއްގެ ޒިންމާ ވެސް ނަގަން ޖެހޭނީ ހަމަ އީވާ!، އެހުރިހާ ކަމެއް ވީ އީވާއަށް ކުރެވުނު ކަންތަކުގެ ސަބަބުން... ދެން ވެސް ބޮޑާ ނުހާކާ މާމަ އެދުނު ފަދައިން ކަންތައް ކުރޭ، އީވާއާއި ގުޅޭނީ ހަމައެކަނި ޖާދިން، ކައިވެނި ކުރުމުން ލޯބިވެވޭނެ... އެފިރިހެނާ ދެކެ މިހާރު ތިވަނީ ލޯތްބެއް ނޫން...''

ހާޖަރާގެ ވާހަތަކުން އީވާގެ ދެލޮލުން ކަރުނަ ހިލުނެވެ. ކަރުނައިގެ ފިނިކަން ކޯތާފަތަށް އިހުސާސްވެގެން ދިޔުމާއެކު އީވާއަށް ގެނެވުނު އަވަސް ހަރަކާތާއެކު ކަރުނަތަށް ފޮހެލެވުނެވެ. އަދި ސޯފާއިން ތެދުވެވިއްޖެއެވެ.

''އަޅުގަނޑަށް މަޖުބޫރުނުކުރޭ...'' އީވާ އާދޭސްކުރިއެވެ.

''ބަލަ މިއީ މަޖުބޫރުކުރުމެއް ނޫނޭ!!!، އީވާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާ މަންޒަރު ބަލަން މާމަ ހުންނަންވީތަ؟...'' ރުންކުރުކަމާއެކު ހާޖަރާ ބުނެލިއެވެ. ބުމަގޮށްޖަހާލަމުންނެވެ.

''ޖާދިންއާ ކައިވެނިކޮށްފިނަމަ އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުވެގެންދާނެ، އަޅުގަނޑަށް ދުވަހަކު ޖާދިންއަށް އިތުބާރެއް ނުކުރެވޭ، ކުރި ކަންތަކަށް މަޢާފެއް ވެސް ނުކުރެވޭނެ، މާމާ، އަޅުގަނޑަށް މަޢާފްކުރޭ...'' އީވާގެ އަޑު ކުރެހިގެން ދިޔައެވެ. އޭނައަށް ރޮވިއްޖެއެވެ.

''އީވާ!!!'' އަޑަށް ބާރުލަމުން ހާޖަރާއަށް ބުނެވުނެވެ. އޭނައަށް އަތް ހޫރާލެވުނީ އީވާގެ މޫނަށް އަމާޒުކޮށްލަމުންނެވެ. އެބާރު އަޑުފަށްގަނޑު ލައިބްރަރީގެ ތެރޭގައި ގުގުމާލިއެވެ.

އީވާއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. ހިތުގައިޖެހި އޭނައަށް ރޮވެމުން ދިޔައެވެ. އޭނަގެ އިހުސާސްތަކަށް ދުވަހަކު މާމަ ޤަދަރު ނުކުރާނެކަމުގެ ހިތި ހަޤީޤަތާ ކުރިމަތިލާން ޖެހުނެވެ. މާމަ އޭނަ ދެކެ ލޯބިވާނަމަ ޖާދިންއާ ކައިވެނި ކުރުމަށް މަޖުބޫރެއް ނުކުރާނެއެވެ. ޖާދިންގެ ހަޤީޤަތް އެނގުމަށްފަހުގައި ޖާދިންއާއެކުގައި ދިރިއުޅުމެއް ފަށަން ޚިޔާލެއް ނުދޭނެއެވެ. ހިތަށް ކުރި އަސަރާއެކު އީވާއަށް ގިސްލެވުނެވެ.

''ހަނދާންކުރާތި!... ދުވަހަކު ތި ފިރިހެނަކަށް މާމަގެ ރުހުން ނުލިބޭނެ!، ތިމީހަކާއެކު ދުވަހަކު އީވާއަށް އުފަލެއް ނުލިބޭނެ... މާމަގެ ހުށަހެޅުން ބޮލާލާޖަހައި ގޮސްފިނަމަ އުފާވެރިކަން ލިބޭނެކަމަށްތަ ހީކުރަނީ؟، އީވާގެ މައިންބަފައިން އީވާގެ ގޯސް ނިންމުންތަކަށް ހިއްވަރުދޭން ތިއްބަސް މާމައެއް ނުހުންނާނަން، މާމަގެ ހުށަހެޅުމާ ޤަބޫލުނުވެ މިތަނުން ނުކުމެގެން ގޮސްފިނަމަ މާމަގެ ހިތް ދުވަހަކު ހެވެއްނުވާނެ...'' ރުޅިވެރިކަމާއެކު ހާޖަރާ އިއްވާލިއެވެ.

އީވާގެ ހިތަށް ކުރި ފުންއަސަރުތަކާއެކު އޭނަގެ ދުލުން ވޭނީ އާހެއް ނިކުމެގެން ދިޔައެވެ. އޭނައަށް އަނގަ މަތީގައި އަތްއަޅާލެވުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. މާކިންއަށް ވެފައިވި ވަޢުދުތައް އެވަގުތު އޭނަގެ ކަންފަތުގައި ގުގުމާލިއެވެ. މާކިން އޭނަދެކެ ވާ ލޯބި ވެސް ހިތަށް އިލްހާމްވެގެން ދިޔައެވެ.

''މަޢާފްކުރޭ...'' އީވާއަށް ބުނެވުނެވެ. މާމަގެ ހުށަހެޅުން އީވާއަށް ޤަބޫލެއް ނުކުރެވުނެވެ. ލޮލުން ލޭކަރުނަ އޮހޮރެމުން ދިޔަ ހާލު އީވާއަށް ފަހަތަށް ޖެހިލެވުނެވެ.

''އަބަދު ވެސް އަޅުގަނޑު މަސައްކަތްކުރީ މާމަ ބޭނުންވާ ފަދައިން ދިރިއުޅުން ކުރިއަށް ގެންދަން، އެކަމަކު މާމަގެ ތި ހުށަހެޅުން އަޅުގަނޑަށް ޤަބޫލުނުކުރެވޭނެ، އަޅުގަނޑަށް ޖާދިންއާއެކު އުފަލެއް ނުލިބޭނެ، ހިތެއް ބަދަލެއް ވެސް ނުވާނެ... މާމާ...'' ގިސްލުމާއެކު އީވާއަށް ބުނެވުނެވެ.

''މާމަގެ ހިތުގައި ޖައްސާފައި ވެސް އަމިއްލަ އެދުން އިސްކުރަންތަ ބޭނުންވަނީ؟...'' ހަޅޭއްލަވައިގަންނަމުން ހާޖަރާ ބުނެލިއެވެ. އެއަޑަށް އީވާ ދިޔައީ ސިއްސައިގެންނެވެ. ލައިބްރަރީގައި އަޑުގަދަވެގެން ކަރީމްއާއި ލައިލާވެސް އެވަގުތު އެތެރެއަށް ވަދެއްޖެއެވެ. އެދެމަފިރިން ތިބީ އެހުރިހާ އިރުވަންދެން ބޭރުގައި މަޑުކޮށްލައިގެންނެވެ. އީވާއާ ބައްދަލުކުރަން ހާޖަރާ އެދުނީއްސުރެން ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.

ރޮމުން ދިޔަ އީވާގެ ގާތަށް ކަރީމްއަށް ދެވުނެވެ. ބައްޕަގެ ގައިގައި އީވާއަށް އޮޅުލައިގަނެވުނެވެ. އަދި ގިސްލެވުނެވެ.

އޯގާތެރިކަމާއެކު އީވާގެ ބުރަކަށީގައި ކަރީމްއަށް ފިރުމާލެވުނެވެ.

''ލޯބި ދީގެން ބޮޑުކުރުމުގެ ނަތީޖާ މިހިރަ ފެންނަނީ... އެއްވެސް ކަހަލަ އަދަބެއް ނެތް، އީވާ ބޭނުން ގޮތަކަށް ކަންތައް ކުރޭ، އެކަމަކު އަހަރެންގެ ރުހުމެއް ދުވަހަކު ނުލިބޭނެ، ބަދުދުޢާ ނޫން އެއްޗެއް ނުލިބޭނެ...'' ރުޅިވެރިކަމާއެކު ހާޖަރާ ހަޅޭއްލެވިއެވެ.

''މަންމާ، ތިހެން ނުބުނޭ...'' ކަރީމްއަށް ކެތެއް ނުކުރެވުނެވެ. އީވާއަށް ބަދުދުޢާކުރުމުން އެއަޑު އެހުން ފަސޭހަކަމަކަށް ނުވިއެވެ.

''ދުވަހަކު ވެސް އަހަރެންގެ އަޑު އަހަން އެކަކުވެސް ބޭނުމެއް ނުވޭ، އެހެންވީމަ ތިކުރާ ކަމެއް ކުރޭ!...'' ނިކުމެގެން ދިއުމުގެ ކުރިން ހާޖަރާ ބުނެލިއެވެ. އެއަށްފަހު ބާރުބާރަށް ހިނގާފައި ގޮސް ލައިބްރަރީން ނިކުތެވެ. ދޮރުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ލައިލާއާ ދިމާއަށް ކަޅިއަޅާލަމުންނެވެ. އެދެލޮލުން ލައިލާ އަނދާއަޅިއަށް ހަދާލި ކަހަލައެވެ.

''ދަރިފުޅާ، ދެން ނުރޮއެ، އެއީ މާމަ ރުޅި އައިސްގެން ބުނެވުނު އެއްޗެއް...'' ދަރިފުޅު މަސަލަސްކުރަން ކަރީމް ބުނެލިއެވެ. އޭނަ އީވާ ގޮވައިގެން ގޮސް ސޯފާގައި ބޭންދިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަމުން ލޯތްބާއެކު ގެނެސް މޭގައި ޖައްސާލިއެވެ.

''އީވާގެ ކޮންމެ ނިންމުމަކަށް ބައްޕަ އެއްބާރުލުންދޭނަން، އީވާ ބޭނުންވަނީ ކޮން ގޮތެއްތަ؟...'' އީވާގެ ބޮލުގައި ފިރުމާލަމުން ކަރީމް އެހިއެވެ.

ކަރުނުން ފުރެމުން އައި ދެލޯ އީވާއަށް ތަގުޅިކޮށްލެވުނެވެ. އެހިތަށް ފުން އަސަރުތަކެއް ވަނީ ކޮށްފައެވެ. ހާޖަރާގެ ޖުމްލަތަކުން އެހިތް ޒަހަމްވެގެން ގޮސްފިއެވެ. މާމަގެ ނަފުރަތު ލިބެން އޭނަގެ ހިތެއް ނޭދެއެވެ. ނަމަވެސް މާމަ އެދޭފަދައިން ކަންތައްކޮށްފިނަމަ އޭނަގެ ދިރިއުޅުން ވެއްޓިގެން ދާނީ އަނދަވަޅަކަށެވެ. އުމުރު ދުވަހުގައި މާމަގެ އެންމެ ނިންމުމަކަށް ވެސް އޭނަ ފުރަގަސް ދީފައި ނުވެއެވެ. ނަމަވެސް މާކިންދެކެ ވާ ލޯބި އެހިތުގެ މައްޗަށް ބާރު ގަދަކޮށްފައި ވިއެވެ. މާކިންގެ ހިތުގައި ޖެހުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. މާކިން އޭނައަށް ކުރާ އިތުބާރު ނަގާލެވޭކަށް ވެސް ނެތެވެ. އޭނަގެ ހުރިހާ އުފާތަކެއް ގުޅިފައިވަނީ މާކިންއާއެވެ. އެލޯތްބާ ދުރުވާން ވެއްޖެނަމަ ފުރާނަ ވެސް ނެތިގެން ހިނގައިދާނެއެވެ. ހިތާމައަކީ މާމައަށް އެކަން ނުވިސްނޭތީއެވެ.

''ދަރިފުޅާ، ބައްޕައަށް ދަރިފުޅުގެ ނިންމުން ވަރަށް މުހިންމު...'' ކަރީމް ބުންޏެވެ. ''ދަރިފުޅު ބޭނުންވަނީ މާކިންއާއެކު ދިރިއުޅުމެއް ފަށަންތަ؟...''

''ބައްޕާ...'' ރޮވިފައިވާ އަޑަކުން އީވާއަށް ބުނެވުނެވެ.

''ދަރިފުޅުގެ ކޮންމެ އެދުމެއް ބައްޕަ ފުރިހަމަކޮށްދޭނަން، މާމައަށް ވަގުތު ދިނުމުން ފަހުން މާމަގެ ނިންމުން ވެސް ބަދަލުވެގެން ދާނެ، ބައްޕަ މާމައާ ވާހަކަދައްކާނަން... ދަރިފުޅުގެ އުފާތަކަކީ ބައްޕައަށް ވަރަށް މުހިންމު އެއްޗެއް، ދަރިފުޅު ހިތްދަތިވެފައިވާ މަންޒަރު ބަލަން ބައްޕައަށް ކެތެއް ނުކުރެވޭނެ...'' ކަރީމް ބުންޏެވެ. އެއަޑުގައި ސާބިތުކަން އެކުލެވިގެން ވިއެވެ.

''މާކިންއާއި ބައްޕަ ބައްދަލުކުރަން ބޭނުން...'' އީވާގެ ފަރާތުން ޖަވާބެއް ނުލިބުމުން ކަރީމް ބުނެލިއެވެ. ހާޖަރާގެ ސަބަބުން ނިންމުމަކާ ހަމައަށް އަންނަން އީވާއަށް އުނދަގޫވެފައިވާކަން ކަރީމްއަށް ނަގައިގަނެވުނެވެ.

''ދަރިފުޅު އެދެނީ މާކިންއާއި ކައިވެނިކުރަން ކަމަށް ވަނީނަމަ ބައްޕަގެ ރުހުން ލިބޭނެ، މަންމަގެ ރުހުން ވެސް ލިބޭނެ...'' ޔަޤީންކަންދެމުން ކަރީމް ބުނެލިއެވެ.

އެތެރެއަށް ނޭފަތް ދަމައިލަމުން ބައްޕައާ ދުރަށް ޖެހިލަމުން، އީވާއަށް ލޮލުން ފޭބި ކަރުނަތަށް ފޮހެލެވުނެވެ.

''މާމަ...'' އީވާއަށް ބުނެވުނެވެ.

''ދަރިފުޅު މާމައާ މެދު ހާސްނުވޭ، ކިތަންމެ ދުވަހެއް ނެގިޔަސް ބައްޕަ މާމައަށް ވިސްނައިދޭން މަސައްކަތްކުރާނަން، މަޖުބޫރުކަމެއް އޮތްނަން ބައްޕަ ބޭނުމެއް ނޫން، ދަރިފުޅުގެ ހިތުގެ އަޑު އަހަން ބައްޕަ ބޭނުމީ...'' ކަރީމް ބުނެލިއެވެ.

''އަޅުގަނޑު ބޭނުން މާކިންއާ ކައިވެނިކުރަން...'' އިސްޖަހާލައިގެން އިން އީވާ ބުނެލިއެވެ. ''ހުރިހާ އެންމެންގެ ރުހުން ވެސް ބޭނުން...''

''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވެގެން ދާނެ... ބައްޕައަށް ދަރިފުޅު އިތުބާރުކުރަމެއްނު؟...'' ފަނޑު ހިނިތުންވުމަކާއެކު ކަރީމް ބުނެލިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ލައިލާއަށް ވެސް ރޮވިއްޖެއެވެ. ހިތާ ހިތާ ދުޢާކުރެވުނީ ހިތާމައިގެ ކަޅު ވިލާތައް ފޫއަޅުވާލައި ރަހުމަތާއި އުފާވެރިކަމުގެ ދޯދިތަކުން އެއާއިލާ ރޯޝަންވެގެންދިއުމަށެވެ.

*****

''ކޮބާ އަހަރެން ބުނި ކަންތައް ވެއްޖެތަ؟...'' ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން ބަސްމާ ސުވާލުކުރިއެވެ. ބަސްމާ ހުރީ ގޭގެ ހާމަފެންޑާގައެވެ. ވިއްސާރަ އަލިކޮށްލާފައި ވުމުން އުދަރެސް މަތިން އިރުއޮއްސެމުން ދިޔަ ކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ.

"ލައްބަ...'' އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ. އެމީހާގެ ޖަވާބާއެކު ބަސްމާގެ ހިތް ތެޅިލައިފިއެވެ. އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ.

''މިހާރު ކައިވެންޏެއް ކޮށްގެންތަ އޭނަ އުޅެނީ؟...'' ތެޅިތެޅި އޮތް ހިތަކާއެކު ބަސްމާއަށް ސުވާލުކުރެވުނެވެ. އެސުވާލުގެ ޖަވާބު އަންނާނެ ގޮތަކުން އޭނަގެ ދިރިއުޅުމަށް ޒަލްޒަލާއެއް ވެސް އައިސްފާނެއެވެ. އެކަމުގެ ގިލަންވެރިކަން ހިތުގައި ވިއެވެ. ނޭވާ ހިފަހައްޓާލެވުނެވެ.

''ނޫން!...'' އެމީހާ ބުނެލިއެވެ. އެއާއެކު އެތެރެއަށް ލާން އުޅުނު ނޭވާ ވެސް ހިނދުރީގައި ތާށިވެގެން ދިޔަކަމުގެ އިހުސާސް ކުރެވުނުވެ. ދެލޯބޮޑުކޮށްލެވުނެވެ.

''ކުރިން އިނދެ ވަރިވެފަތަ ހުރީ؟...'' ބަސްމާގެ އަޑުގައި ނުތަނަވަސްކަން ވިއެވެ.

''ފުރަތަމަ ކައިވެނި ރޫޅުނު ފަހުން ކައިވެންޏެއް ނުކުރޭ...'' އެޖަވާބާއެކު ބަސްމާއަށް ހީވީ ފައިގެ ދަށުގައި އޮތް ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟