ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 41

12

ސާޅީސްއެއްވަނަ ބައި

"ހުރިހާވެސް ނުބަޔަކީ ކަލޭ. ޔަޤީން މިކަމުގައި ކަލޭގެ އަތެއް ވާނެކަން" ވަލުޖަނަވާރެއް ފަދައިން ސޮފާ އައިރިސްގެ ގަޔަށް އަރައިގަތެވެ. މޫނުމަތީގައި ވިހެލި އެތިފަހަރާއެކު އައިރިސްގެ އަނގައިން އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. އެވަރުން އަދި ފުއްދާލީއެއް ނޫނެވެ. އައިރިސްގެ އިސްތަށިގަނޑުގައި ހިފައިފައި ތިރިއަށް ވައްޓައިލިއެވެ. އެއްވެސް ރަހުމެއްނެތި އައިރިސްގެ ދެކޯތާފަތުގައި ހިފާ އަނގައިން ލޭރަހަލާ ވަރަށް ފިއްތައިލިއެވެ.

"މަންމާ...!! ވަރަށް ތަދުވޭ އެބަ" އައިރިސް ރޯންފެށިއެވެ.

"މަށަކީ ކަލޭގެ އަމައެއްނޫން" ސޮފާ އައިރިސްގެ ގައިން ދޫކޮށްލާފައި އަމިއްލަ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ދެއުކުޅުގައި އަތްއަޅުވާލައިގެން ހުރެ ދެކޮޅަށް ހިނގަންފެށިއެވެ. އިތުރަށް ކުރަންވީ ކަންތައްތަކާއި މެދު އޭނާ ވިސްނަމުން ދިޔައެވެ. އެންމެ މިނިޓެއްވެސް އޭނާއަށް ލަސްކުރެވެން ނެތެވެ.

"އަހަރެން މިއީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާނެ މީހެއްނޫން. އަހަރެންގެ ރޭވުން ކާމިޔާބު ކުރާނަން. ޒަހުރިއްޔާ... ޔޫ ބިޗް... އަހަރެން ކޮށްދިން އެއްވެސް ހެޔޮކަމެއްގެ އަގު ކަލޭ އަދާނުކުރީމު..." ސޮފާގެ އަނގައިން ބޭރުވެގެން ދިޔައީ ނުބައި ބަސްތަކެކެވެ. ލިބުނު ނާކާމިޔާބީއަށްފަހު އަދިވެސް އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރެއެވެ.

***

ދޮރާށި ލައްޕާލާފައި ނިކުތް ދެކުދިން މަޑުކޮށްލީ ގޭ ދޮރުމަތީގައި ހުރި ގަސްދޮށުގައެވެ. އެލުވާފައި ހުރި ޖޯލީގައި ހުޝާމް އިށީނުމުން ޝެނަލް ގަހުގެ އޮފިގަނޑެއްގައި ހިފައިގެން ހުޝާމް ކައިރީގައި ކޮޅަށް ހުއްޓެވެ. ތަނަށް ވެރިވެފައިވަނީ ތަންކޮޅެއް ދުރުގައި ހުރި ލައިޓްގެ އައްޔެވެ. ހަނދުވަރު ދީފައިވާ ރެއަކަށްވާތީ ދުރަށްދުރަށް ދާންދެން އޮތީ ހިތްގައިމު ވިދުވަރަކުން ދިއްލާލާފައެވެ.

"ކޮން ވާހަކައެއްބާ ބުނަން އުޅުނީ؟" ހުޝާމް އެހިއެވެ.

"އަހަރެން އަހަން އުޅޭ އެއްޗަކުން ޝާމް އެއްވެސް ނުބައި މާނައެއް ނުނަގައްޗެ. މިސުވާލުތަކުގެ ޖަވާބު އަހަރެންނަށް ވަރަށް މުހިންމު" ޝެނަލް ބުނެލިއެވެ.

"އާދެ ސާހިބާ... ދުރުދުރުން ނުގޮސް ސީދާ ޕޮއިންޓަށް ދޭބަލަ. މިހާރު އަހަރެން ބިރުގަންނަން ފަށައިފި" ހުޝާމް ބުނެލިއެވެ.

"އެއްކަލަ ރޭގައި ބުނީމެއްނު އަދްޔަން ދިމާވި ވާހަކަ. އޭނަ ކޮންވާހަކައެއް ދެއްކީ" ހުޝާމް ކައިރީގައި ހުހަށް ހުރި އުނދޯލީގައި އިށީންނަމުން ޝެނަލް އެހިއެވެ. އުންމީދުނުކޮށް ހުއްޓާ ޝެނަލް އަދްޔަންގެ ވާހަކަ އެހުމުން ހުޝާމްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"މާގިނަ ވާހަކައެއް ނުދައްކާ. ބުނީ މެރީކުރަން އުޅޭ ވާހަކަ. ޝާނީގެ ވާހަކައެއް ނުދައްކާ" ހުޝާމް ބުނެލިއެވެ.

"އެއީ އޭނަގެ ފުރަތަމަ ކައިވެނިތަ؟ އެކަހަލަ އެއްވެސް އެއްޗެއް ބުނިތަ؟" ޝެނަލް އެހިއެވެ.

"އަހަރެން ނުވެސް އަހަން. އެކަމަކު ބުނި ފުރަތަމަ ކައިވެނި ވީމަ ވަރަށް ފުރިހަމަކޮށްލަން ބޭނުންވެޔޭ. ކިހިނެއްވީ އަނެއްކާ...؟" ހުޝާމް އެހިއެވެ.

"އެހެންވީމަ ޒީކް އާ ދެމީހުން މެރީނުކުރޭތާ ދޯ... އެކަަމަކު މަންމަ...."

"އެވާނީ ރީންދައްތައަށް އެރި އޮޅުމެއްކަމަށް..." ހުޝާމް ބުނެލިއެވެ. ނަމަވެސް އެގޮތް ޝެނަލްގެ ސިކުނޑި ގަބޫލެއްނުކުރިއެވެ. މަންމައާއި މެދު ނުބައި ޝައްކުތަކެއް ހިތުގައި އުފަންވަމުން ދިޔައެވެ. މޫނުމަތީގައި އަތްހިންގައިލެވުނުއިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.

"ޝާމް...!! އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން... އޯ ގޯޑް.... އެންމެ ކުޑައިރުއްސުރެ ދެގޮތެއްނުވެ ކައިރީގައި ހުރި އެކުވެރިޔާއަށް އިތުބާރެއް ނުކުރެވުނު... އަނެއްކާ އަދޫ....؟" ޝެނަލްއަށް ވާހަކަ ފުރިހަމަ ނުކުރެވުނެވެ. އޭނާ ހިތުގައި ޖެހިފައިވަނީ މާބޮޑަށެވެ. އަދްޔަންގެ ކުށެއްނެތްކަން އޭނާގެ ހިތް ގަބޫލުކުރަން ފަށައިފިއެވެ. ދެންހަދާނީވެސް ކިހިނެއް ހެއްޔެވެ؟

"ޝާނީ...؟؟" ހުޝާމް ޝެނަލްގެ އަތުގައި ހިފައިލިއެވެ.

"ކޮންގޮތެއް ބޭނުމީ... ހަމަޖެހިފައިވާ ދުވަހު މެރީކުރާނީތަ؟ ނޫނީ ތާރީހު ފަސްކުރަންވީތަ؟ ޝާނީގެ ނިންމުން ކޮންމެ ގޮަތަކަށް އަޔަސް އަހަރެން އެނިންމުމަށް އިހުތިރާމް ކުރާނަން" ހުޝާމް ބުނެލިއެވެ. ޝެނަލްގެ ބޮޑު ދެލޮލުން ހުޝާމަށް ނަޒަރެއް ދިނެވެ. އެދެލޮލުގައި ވިދަމުންދިޔަ ތަޒާ ކަރުނަތައް ފެނި ހުޝާމް ދެރަވިއެވެ. އަދިވެސް ޝެނަލްގެ ހިތުގައި ތާޒާކަމާއެކު އަދްޔަންގެ ތަސްވީރު ކުރެހިފައިވާކަން ހުޝާމްއަށް އިނގުނެވެ.

***

ކާރު ދުއްވަން އިން އާޝިދް އިރުކޮޅަކާ ޖެހިގެން އިން ޒަހުރިއްޔާއަށް ބަލައިލައެވެ. އެތުންފަތްމައްޗަށް ވެރިވެފައިވި ހިނިތުންވުން އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުން ރަމްޒުކޮށްދެއެވެ. އާޝިދު ހީލިއެވެ.

"ބައްޕައަށް ނޭނގޭނެ އަޅުގަނޑު މަންމަ ގޮވައިގެން ކަމެއް އަންނަނީ" އާޝިދް ބުނެލިއެވެ.

"ސޮފާ އެހާ އަވަހަށް ދެރަ ގަބޫލެއްނުކުރާނެ. ޔަގީން މިހާރު އައިރިސް ފަކީރުގެ ދުވަސް ދުއްވާލާނެކަން" ޒަހުރިއްޔާ ވާހަކަދެއްކިއެވެ.

"އައިރީއަށް އަޅުގަނޑު އެހީވާނަން. ސޮފާދައްތައަށް ދެން ޖާގަ އޮތީ ޖަލުން. ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް މިނިމުނީ" އާޝިދް ވާހަކަދެއްކިއެވެ.

"އިނގޭތަ ދަރިފުޅަށް. އައިރިސްއަކީ ސޮފާގެ އުފަން ދަރިއެއްނޫން. އެއީ ދޮންދަރިއެއް. އެކަން އައިރިސްއަށް ނޭނގޭނެ" ލިބުނު ޙައިރާންކަމުގައި އާޝިދަށް ކާރުގެ ބުރަކި ޖައްސައިލެވިއްޖެއެވެ. އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.

ޒަހުރިއްޔާ ގޮވައިގެން ގޭދޮރުން އެތެރެއަށް ވަނުމާއެކު މޮޕް އަޅަންހުރި ސަކީނާ ބަައިލިއެވެ. އެތައް އަހަރަކަށްފަހު ފެނުމުންވެސް އޭނާއަށް ޒަހުރިއްޔާ ފާހަގަކުރަން އިނގިއްޖެއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ސަކީނާ ޒަހުރިއްޔާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ސަކީނާގެ ހިތުގައި ރިހުމެއް އުފެދިގެން ދިޔައީ ޒަހުރިއްޔާއަކީ ނުކުޅެދޭ މީހެއްކަން އިނގުނު ހިސާބުންނެވެ.

"އެމަންޖެ ވަރަށް އުފާވާނެ. އަލްޙަމްދުލިﷲ. މިގޭގެ އުފާވެރިކަން އެނބުރި އަތުވެއްޖެ" ސަކީނާ ބުނެލިއެވެ.

"ބައްޕަ އެބަ އުޅުއްވާތަ؟" އާޝިދް އެހިއެވެ.

"ސައިބޮއެގެން ކޮޓަރިއަށް ވަންނަވައިފި" ސަކީނާ ބުނެލިއެވެ.

"ޒުކް އަންނަ ގަޑިއަކީ ކޮބާތަ؟" ޒަހުރިއްޔާ އެހިއެވެ.

"މިއަދު އެދިޔައީ އެންމެފަހު އެގްޒާމަށް. އެއްކޮށް އެނިމުނީ އެގްޒާމްތައް. ކުރިއަށް އޮތް ދުވަސްތަކުގައި ޒުކް ހުންނާނީ އަބަދުވެސް މަންމަ ކައިރީގައި" އާޝިދް ބުނެލިއެވެ.

"ދަރިފުޅު މަޑުކުރޭ... މަންމަ ބޭނުންވަނީ ބައްޕަ ކޮޓަރިއަށް އެކަނި ވަންނަން" ޒަހުރިއްޔާ ބުނެލިއެވެ. އާޝިދް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލޯބިވާ ބައްޕައަށް އެބައްޕަގެ އުފާވެރިކަން އަނބުރާ ހޯދައިދެވިއްޖެ ކަމުގެ އިހުސާސް ކުރެވި އޭނާގެ ނަފްސަށް ހަމަޖެހުން ލިބިއްޖެއެވެ.

***

ތަމަންނީ ކޮޓަރިން ނިކުތް ގޮތަށް ދެކަންފަތުގައި އަތް އަޅައިފިއެވެ. ހޫރުގެ ރުއިމުގެ އަޑުން އޭނާގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. ބަދިގެއާއި ދިިމާލަށް ދިޔަވަރަކަށް އެ އަޑު ގާތުން އިވެމުން ދިޔައެވެ. ޙާއިޝާގެ ކޮޓަރި ކުޑަކޮށް ހުޅުވިފައި ހުރުމުން އޭނާ ބަލައިލިއެވެ. އެނދުގައި އޮތް ހޫރު ރޮމުން ދިޔަ މަންޒަރު ފެނުމުން އޭނާއަށް ހެވިއްޖެއެވެ.

"މުސީބާތެއް ކަހަލަ ކަމެއް" ތުން އަނބުރާލަމުން ތަމަންނީ ބުނެލިއެވެ. އޭނާ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ފާހާނާއިން ނިކުތް ޔަޝްފީ ބޮލުން ތުވާލި ވަކިކޮށް ހޫރާއި ދިމާލަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ.

"އަޅޭ ދޮންތި ކުޑައިރުކޮޅަކަށޭ ޕްރިންސަސް ބޭއްވީ... އަވަހަށް ހުއްޓާލާ...." ހޫރު މަސަލަސް ކުރަން މަސައްކަތް ކުރަމުން ޔަޝްފީ ދެކޮޅަށް ހިނގަން ފެށިއެވެ. ދަނޑިވަޅު ބަލާފައި ތަމަންނީ އެކޮޓަރިއަށް ވަނެވެ.

"ހާދަ ވަރަކަށް ހޫރު ރޮނީ.... އަނެއްކާ ކިހިނެއްވީ...؟" ތަމަންނީއަށް ބަލައިލާފައި ޔަޝްފީ އަނެއްކޮޅަށް އެނބުރުނެވެ. ތަމަންނީއާ އެއްވެސް ވަރަކަށް ވާހަކަދައްކަން އޭނާ ބޭނުމެއްނުވެއެވެ.

"އާނ އަހަރެން ކުޑައިރުކޮޅަކަށް ފާހާނާއަށް ވަނީމަ ދެރަވީ... ދޯ ދޫނީ..." ރުއިން ހުއްޓާލައިފައި ވީނަމަވެސް ހޫރުގެ ދެލޯ ކައިރިން އަދިވެސް ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.

"ޔަޝްކޮއެކަނިތަ؟ ކޮބާ މަންމަ؟" ތަމަންނީ އެހިއެވެ.

"މަންމަ ބޭރުގަ. އެއްޗެއް ގަންނަން ދިޔައީ. މިހާރު ލަސްވެސްވެއްޖެ. ހޫރުގެ ބުށްފުޅިވެސް ހަދަންޖެހޭ އެބަ" ޔަޝްފީ ބުނެލިއެވެ.

"ގެނޭ އަހަރެން އަތަށް. އަހަރެން ކޮޓަރިއަށް ގޮސް ނިންދަވާލާނަން" ތަމަންނީއާ ހޫރު ހަވާލުކުރަން ޔަޝްފީ ޖެހިލުންވިއެވެ.

"ކަންބޮޑުނުވޭ. އަހަރެން ނަހަދާނަން ގޮތެއް. އުނޭވެސް އެބައުޅޭ ކޮޓަރީގަ. ޔަޝްކޮ ދޭ ބުށްފުޅި ހަދަން" ޔަޝްފީ އަތުގައި އިން ހޫރު އުރާލަމުން ތަމަންނީ ބުނެލިއެވެ. ހޫރު ގޮވައިގެން ކޮޓަރިން ނިކުންނަންދެން ޔަޝްފީއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ތަމަންނީއާ ހޫރު ހަވާލުކޮށް އޭނާއަށް ކުރެވުނީ ކުށެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.

***

ޒުކް ގޮވައިގެން ވަޙީދުއްދީންގެ ކޮޓަރި ދޮރަށްއެރިއިރު ފެނުނު މަންޒަރަކުން ހީވީ އޭނާގެ ހިތްފަޅައިގެން ދިޔަހެންނެވެ. ޒަހުރިއްޔާގެ އުނގުގައި ބޯއަޅައިގެން އިން ވަޙީދުއްދީންގެ ރުއިމުގެ އަޑުން އާޝިދްގެ ދެލޮލުން ކަރުނަ ހިލުވައިލިއެވެ. ނޭފަތް ދަމައިލި އަޑު އިވުމުން އާޝިދް ބަލައިލިރު ޒުކްވެސް ރޮނީއެވެ. އެވަގުތު އެތަނަށް ވަނުން އެހާ ރަނގަޅު ނޫންކަން އިނގޭތީ ޒުކްގެ ދެކޮނޑުގައި ހިފާލައިގެން އައިސް ސޯފާގައި ބޭންދިއެވެ.

"ކުރެވުނު ކުށަކަށަށް، ބުނެވުނު ބަހަކަށް އަހަރެންނަށް މަޢާފްކުރޭ! އަހަރެން ވަރުބަލިވެއްޖެ. އަހަރެން ކައިރީގައި މިއުނގުން ބޯނަގާށޭ ނުބުނައްޗޭ. އަހަރެން ހިތް ފުރެންދެން މިތަނުގައި އޮތަދީ" ވަޙީދުއްދީން ވާހަކަދައްކަމުން ދިޔައެވެ.

"ނުބުނާނަން. މާޒީގައި އަހަރެން ހަޔާތުގައި ހިނގައިދިޔަ ހުރިހާ ހިތާމަވެރި ދުވަސްތަކެއް އެއްފަހަރާ ހަނދާނުން ފޮހެވިއްޖެ. މިވަގުތުކޮޅުގެ އުފާވެރިކަން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑު" ޒަހުރިއްޔާ އެއް އަތުން ވަޙީދުއްދީންގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ހިމޭންކަމުގައި އެތައް ވަގުތެއް ފާއިތުވެގެން ހިނގައްޖެއެވެ. މަޑުމަޑުން އިވެމުންދިޔަ ވަޙީދުއްދީންގެ ގިސްލުމުގެ އަޑު ކެނޑެމުން ދިިޔައެވެ. އެތައް ޒަމާނަކަށްފަހު ދެތަނުގައިވި ދެހިތް އެއްތަންވެ އެކަކު އަނެކަކުގެ ޝަކުވާތައް ދެހިތްވެސް އަހައިފިއެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބިއިރު ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ކަހަލައެވެ.

***

ހުކުރު ދުވަހުގެ ހަވީރެވެ. ޝެނަލް ތައްޔާރުވަމުންދަނީ ރަށުގެ އަތިރިމަތީގައި އޮތް ޒީކްގެ ކައިވެނި ޕާޓީއަށް ދިޔުމަށެވެ. ދައުވަތު ދިފައިވާ ގަޑީގެ އެއްގަޑިއިރު ކުރިން އެތަނަށް ހާޟިރުވާން ޝެނަލް ބޭނުންވިއެވެ. އޭނާ ބޭނުންވީ ޒީކްއާއި ވަކިން ބައްދަލުކުރާށެވެ. އޭނާ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ.

ބަދިގެތެރޭގައި ހުރި ސަބްރީން ޝެނަލް ފެނުމާއެކު އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. އެޕާޓީއަށް ދާން ޝެނަލްއަށް އެންގުމުންވެސް ގަބޫލުނުކުރިއެވެ. ރަތްކުލައިގެ މިޑީއެއްގައި ހުރި ޝެނަލް ބަދިގެ ތެރެއިން ގޮސް ގަސް ހައްދާފައިވާ ބަޔަށް ނިކުތްއިރު އެތަނުގައި ހުރި ސަބްރީން ހުއްޓުނެވެ.

"މަންމަ އަޅުގަނޑު ދެކެ ރުޅިއައިސްފަތަ؟" ޝެނަލް އެހިއެވެ.

"އަހަރެން މިއީ ކާކު ޝާނީދެކެ ރުޅި އަންނަން" ސަބްރީން ދިނީ ރުންކުރު ޖަވާބެކެވެ.

"ސޮރީ މަންމާ. މީހަކު ދައުވަތެއް ދިނީމަ އެކަން ގަބޫލުކުރަންވާނެ. މަންމަވެސް ދާންވާނެ. ޝާމްވެސް ދާނެ އަޅުގަނޑާއެކު" ޝެނަލް ބުނެލިއެވެ. ސަބްރީން ބަހެއް ނުކިޔުމުން ޝެނަލް ހިނގައިގަތެވެ.

ދިޔަ މަގުމަތީގައި މައިނާއާ ބައްދަލުވިއެވެ. ޝެނަލް ގޮވާލުމުން މައިނާ ޙައިރާންކަމާއެކު ބަލައިލިއެވެ.

"ޒީކް ގޭގަތަ އަދި ހުރީ" ޝެނަލް އެހިއެވެ. މައިނާ ބޯޖަހައިލިއެވެ.

"އަހަރެން އެގެއަށް ދާން ބޭނުން. އަހަރެން ބޭނުންވަނީ ޒީކްއާ ވަކިން ބައްދަލުކުރަން" ޝެނަލް ބުނެލިއެވެ. މައިނާ ޝެނަލްގެ މޫނަށް ބަލަން ވިސްނުމެއްގައި ހުރެފައި ހީލިއެވެ.

"ހިނގާ" މައިނާ ބުނެލިއެވެ.

***

ހޫރު ގޮވައިގެން ކޮޓަރިއަށް ވަން ތަމަންނީ އެނދާއި ކައިރިވެފައި ހޫރަށް ބަލައިލީ ފާޑަކަށެވެ. ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކުރުވަމުން ހޫރުގެ މައުސޫމް ދެލޮލާއި އޭނާގެ ނުރައްކާތެރި ނަޒަރު ބަދަލުކޮށްލިއެވެ. އޭނާގެ ދެލޮލުން އެ ތުއްތު ކުއްޖާއަށް އިންޒާރެއްދިން ކަހަލައެވެ. ހޫރުގެ ކުޑަކުޑަ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ. އެހިނދު ހޫރުގެ ރުއިމުގެ އަޑު ކޮޓަރި ތެރޭގައި ގުގުމައިގެން ދިޔައެވެ.

"ކާކަށް އަޑުއިއްވަން ތިރޮނީ" ތަމަންނީ ބުނެލިއެވެ. ނަމަވެސް އެ މައުސޫމް ތުއްތު ކުއްޖާއަށް ވިސްނޭނީ ކޮންއެއްޗެއް ހެއްޔެވެ؟ އެއްވެސް ރަހުމެއްނެތި ތަމަންނީ ހޫރު އެނދު މައްޗަށް ވައްޓައިލިއެވެ. އެހިނދު ހޫރުގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ރޮއެގަތްވަރުން އެކުއްޖާ އެއްކޮށް ހިނދުނުއިރުވެސް ހަށަން ބަނދެލައިގެން ތަމަންނީ ހެވިފައި ހުއްޓެވެ.

ބުށްފުޅި ހިފައިގެން ކޮޓަރިއަށް ވަން ޔަޝްފީއަށް އެނދުގައި ހަރަކާތް ހުއްޓިފައި އޮތް ހޫރު ފެނުމާއެކު ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ގޮސް ހޫރު ނަގާފައި ބާރަށް ތަޅުވައިގަތެވެ. ޔަޝްފީއަށް ބާރަށް ރޮވެމުން ދިޔައިރު ހިމޭނުން ހުރި ތަމަންނީވެސް ގޮތް ދައްކަން ރޮއެގަތެވެ.

"އަޅެ އަހަރެން ފޯނެއްގައޭ ހުރީ" ތަމަންނީ ކިޔަމުން ދިޔައެވެ. އޭނާ މަސައްކަތްކުރީ ޔަޝްފީ އަތުން ހޫރު އަތުލާށެވެ.

"ދޫކޮށްލާ..." ތަމަންނީ ދުރަށް ކޮށްޕާލައިފައި ހޫރު އުރާލައިގެން ޔަޝްފީ ދުއްވައިގަތެވެ. ކޮތަޅުތަކެއް ހިފައިގެން އެތެރެއަށް ވަން ޙާއިޝާއަށް ހޫރު ގޮވައިގެން ދުވަމުން އައި ޔަޝްފީ ފެނުމާއެކު ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.

"މަންމާ!! ހޫރު މަރުވީ...." ރޮމުންދިޔަ ޔަޝްފީ ގޮވަމުން ދިޔައެވެ. ޙާއިޝާ ހޫރު އަތްމައްޗަށްލިއިރު އެކުއްޖާގެ ކަޅި ވަނީ ހުއްޓިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ.

"މަގޭ ދަރި.... މަގޭ ދަރި...." ޙާއިޝާ ހީވީ މޮޔައެއް ހެންނެވެ. ގެއިން ނިކުންނަން ދުއްވައިގަތެވެ. ހޫރުގެ ނަސީބު ރަނގަޅީ ކަންނޭނގެއެވެ. ސައިކަލުގައި އައިސް މަޑުކޮށްލި އުނޭޝްއަށް ބޭރަށް ނިކުތް ޙައިޝާ ފެނުމާއެކު ތެޅިގަނެވުނެވެ. ޙާއިޝާގެ އަތްމަތީގައި ހަރަކާތް ހުއްޓިފައި އޮތް ހޫރު ފެނުމާއެކު އުނޭޝް ހުއްޓުން އެރިއެވެ.

"މަގޭ ދަރިއެއްނެތް... ހޮސް...ހޮސްޕިޓަލަށް ހިނގާ..." ޙާއިޝާ ރޮމުން ބުނަމުން ދިޔައެވެ. ހަދާނެގޮތް ނޭނގިފައި ހުރި އުނޭޝްއަށް ރޯންވެސް ނޭނގުނެވެ. ސައިކަލަށް އަލުން އަރާ އަނބުރާލުމާއެކު ހޫރު އަތްމައްޗަށް ލައިގެން ޔަޝްފީ އެރީ އުނޭޝްގެ ފަހަތަށެވެ. ސައިކަލް ކުރިއަށް ދުއްވައިލިއެވެ. ފަހަތުން މަޑު ދުވުމެއްގައި ދިޔަ ޙާއިޝާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ތަމަންނީ ހެވިފައި ހުއްޓެވެ.

***

"މައީ... އަދި ވަރަށް ވަގުުތު އެބައޮތް ދޯ. މި ހެދުމުގަ ހުރީމަ މިހާރުވެސް އަހަރެން ވަރުބަލިވެއްޖެ" ލޯގަނޑު ކުރިމަތީގައި ހުރި ޒީކް ބުނެލިއެވެ. އޭނައަށް ދޮރުން ވަނީ ކާކުކަމެއް ނޭނގި ވާހަކަދައްކަމުން ދިޔައެވެ.

"ނޫންތަ...؟ ޝުހޭލް ފެމެލީ މީހުން އެއްވެސް އެއްޗެއް ބޭނުންވޭތޯ ބަލައްޗެ އަނެއްކާ. މަންމަމެން އެބައުޅޭދޯ އެކޮޓަރީގަ" ޒީކް ވާހަކަދައްކަމުން ދިޔައެވެ. އޭނާ ފަހަތް ބަލައިލީ މައިނާގެ އެއްވެސް ހަބަރެއް ނުވުމުންނެވެ. މައިނާ ބަހެއްނުކިޔާ ހުރުމުން ޒީކް ތުންއަނބުރައިލިއެވެ.

"އަޅެ އަހަރެން މިހިރަ އަލަމާރިއަކާ ނޫންވިއްޔާ މިވާހަކަ ދައްކަނީ..." ޒީކް ބުނެލިއެވެ. ކުއްލިއަކަށް މައިނާ ކައިރީގައި ހުއްޓުނު ޝެނަލް ފެނިފައި ޒީކަށް ހީލަންވެސް ނޭނގުނެވެ.

"އަހަރެން މިއަންނަނީ ޝުހޭލްގެ ފެމެލީ ތިބި ތަނަށް ގޮސްލާފައި" މައިނާ ދިޔައެވެ. އޭނާ ދެ އެކުވެރިންނަށް ވަގުތު ދިނީއެވެ.

"އަހަރެން ކައިރީގައި ވަންނާކަށްވެސް ނުބުނާނަންތަ؟" ޝެނަލް ބުނެލިއެވެ.

"ވަދޭ.." ޒީކް ބުނެލިއެވެ.

"އަހަރެންގެ ބެސްޓީގެ އެންމެ ހާއްޞަ ދުވަހު އެންމެ ކައިރީގައި ހުންނަން އަހަރެންވެސް ބޭނުންވާނެއްނު" އެތެރެއަށް ވަންނަމުން ޝެނަލް ބުނެލިއެވެ.

"ދައްކަބަ. ލޯކައިރިން ކުޑަކޮށް ފޭޑްވެފަ ހުރީ" ޝެނަލް ކައިރިވެލިއެވެ. ޒީކްގެ މޫނުމަތިން ފެނުން އޭނާއަށް ކަމުނުދާ ތަންތަން ރީތި ކުރަމުން ދިޔައެވެ.

"ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުންނަނީ... އަހަރެންނާ ވާހަކަނުދައްކަން ވެގެންތަ؟" ޝެނަލް އެހިއެވެ.

"ހިތަށް އަރަނީ ތިއީ ހަމަ ޝާނީބާއޭ. އަހަރެންގެ އެކުވެރިޔާ ބާއޭ" ޒީކް އެހިއެވެ.

"ހޫމް... ރަނގަޅަށް ތިބުނީ. އަހަރެންގެ ފަރާތުން ކުށެއް ކުރެވިފައި ވާނަމަ އަހަރެންނަށް މަޢާފްކުރޭ ޒީކް. ގޯސްހެދުނީ އަހަރެންނަށް" ޝެނަލް ބުނެލިއެވެ.

"ޝާނީއާ މެދު އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް. ޝާނީއަށް އެއްވެސް ކަމެއް ނޭނގޭ. ކާކު ހީކުރާނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ތިމާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާފާނޭ" ޒީކް ވާހަކަދެއްކިއެވެ. ޝެނަލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ޒީކް އެދެއްކީ މަންމަގެ ވާހަކަ ހެއްޔެވެ؟

"އަހަރެން ހުރިހާ ކަމެއް އިނގެން ބޭނުން" ޝެނަލް ބުނެލިއެވެ.

"ނޫން. އެވާހަކަ ދޫކޮށްލާ. އަހަރެން ބޭނުމެއްނޫން ސަބްރީން ދައްތަގެ ވާހަކަ ޝާނީ ކައިރީގައި ދައްކާކަށް. އަޑުއަހާކަށް ޝާނީއަށް ކެތެއްވެސް ނުވާނެ" ޒީކް ބުނެލިއެވެ. ޝެނަލް ހިތުގައި ޖެހިއްޖެއެވެ. އޭނާއަށް އޮޅުވާލީ މަންމަ ކަން އެނގި ސާބިތުވެއްޖެއެވެ. ހިތުގައި ކޫރުމެއް އެޅިއްޖެއެވެ.

"އަދި ވަގުތު އެބައޮތެއްނު. މަންމަ ދެއްކި ވާހަކަތައް އަހަރެންނަށް ކިޔައިދީ ޒީކް.. ޕްލީޒް!" ޝެނަލް ބުނެލިއެވެ.

"ޝާނީ ފުރަން އުޅުނު ގަޑީގަ އަހަރެން ގުޅިން. ފޯނު ނެގީ ރީންދައްތަ. އަހަރެން ކިޔައިދިނިން. އެދުވަހު ޝާނީއަށް އަދްޔަން ކައިރީގައި ހުއްޓާ ފެނުނު މާބަނޑު އަންހެންމީހާ އަކީ އޭނަގެ ފަހަރި. އޭނަ ދޮންބެގެ އަންހެނުން. އިނގޭތަ! ތިގޭގަ ހުރި ތަމަންނީ އަކީ އުނޭޝް ދެއަންބަށް އިން މީހާ. ތަމަންނީއާ ކައިވެނިކޮށްގެން އެގެއަށް ގެންދިޔަ ފަހުން އެ އާއިލާ ތެރޭގައި ވަނީ ވަރަށް މައްސަލަ ޖެހިފައި. މިހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިނީ އަހަރެންގެ ބައްޕަ" ޒީކް ކިޔައިދިނެވެ. އިވުނު ވާހަކަތައް އަހާފައި ޝެނަލް އެއްވެސް ބަހެއް ނުކިޔައެވެ. އޭނާއަށް އިސްޖަހައި ލެވުނުއިރު ދެލޮލުގައި ފިލާތިބި ކަރުނަތައް ފައިބައިގަނެއްޖެއެވެ.

"އަހަރެން ބުނިން ޝާނީއަށް މިވާހަކަތައް ކިޔައިދޭށޭ. ރީންދައްތަ އާއެނކޭ ބުނެފައި ބުނީ މިދަތުރުގަ ދެން ދާނީޔޯ. އޭގެފަހުން އަނެއްދުވަހު އަހަރެންނާ ގުޅާފަ އިންޒާރުދިނީ. އެންގީ ޝާނީ އާ ގުޅުން ކަނޑައިލުމަށް. އެންގީ އަދްޔަންއާ ގުޅުން އޮތްކަމަށް އެއްބަސްވާން. އެހެންނޫނީ ތަމަންނީ މެދުވެރިކޮށް އެގޭ ދޯނިން ބައްޕަ ބާލުވާނެކަމަށް. އަހަރެންގެ ސަބަބުން މަންމައާއި ކޮއްކޮމެންނަށް އެވަރުގެ ދެރައެއް ލިބެން ބޭނުންނުވާތީ އަހަރެން ހިމޭނުން ހުރީ. އަހަރެން ހިތަށް އެރި ރީންދައްތަ އެގޮތަށް ކަންތައް އެކުރަނީ ކީއްވެގެންބާއޭ... ވަރަށް ދެރަވި ހުރިހާ އެއްޗަކުން ޝާނީ އަހަރެން ބްލޮކް ކުރީމަ" ޒީކް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އެހެންވީމަ ހުރިހާ ނުބައެއް ހެދީ މަންމައެއްނު" ޝާނީ ބުނެލިއެވެ.

"ނޫން... ތަމަންނީއާ ރީންދައްތަ. އެދުވަހު އެމަންޒަރު ދައްކަން ޝާނީ ގެންދިޔައީ ތަމަންނީއެއްނު. އޭނާއަށް އަދްޔަންއާއި ރާނީދައްތައަކީ ދެމަފިރިން ނޫންކަން އިނގިހުރެ ކޮންފަދަ ހުތުރު ވާހަކަތަކެއް ޝާނީ ކައިރީގައި ދެއްކީ" ޒީކް ބުނެލިއެވެ.

ޝެނަލް ހިންދިރުވައިލިއެވެ. އަދްޔަންއަށް ކިޔުނު އެއްޗެހި ހަނދާންވެފައި އޭނާގެ ހިތުގައި ހީީވީ ވަޅިޔަކުން ޅިޔަ އަޅުވަމުން ދިޔަހެންނެވެ. އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހިތުގައި ޖެހިފައި ޝެނަލް ރޮމުންދިޔަ މަންޒަރު ބަލަން ޒީކަށް ކެތެއް ނުވިއެވެ. ޝާނީގެ ގައިގައި ލޯބިން ބައްދައިލިއެވެ.

***

ޑޮކްޓަރ ދިން ހަބަރާއެކު އިރާނިޔާ އަރިއަޅައިލިއެވެ. ކައިރީގައި ހުރި އުނޭޝް ނުހިފެހެއްޓިނަމަ އިރާނިޔާ މުށިތަކުގެ މަތީގައި ޖެހި ބޮޑު އަނިޔާއެއް ވީހެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟