ވާހަކަ

ދެކިލަން އެދޭތީ - 43

2

''ނޫން!!!...'' އަވަސްވެގެން ދިޔަ ހިތުގެ ސަބަބުން ބަސްމާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ނޭވާލާން ވެސް ދަތިވާން ފަށައިފިއެވެ. މީހާއަށް ވެގެން ދިޔަ އުނދަގޫތަކާއެކު ބަސްމާގެ ނަފުސު ހާސްކަމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. ސިކުނޑީގައި ދައުރުވާން ފެށި ޚިޔާލުތަކާއެކު ސިކުނޑީގެ ނާރުތަކަށް ވާންވެގެން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ދެލޯބޮޑުވެފައި ވާއިރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ ގަނޑުތަކަށާއި އޭގެ ތެރޭގައި ހުރި ފޮޓޯތަކަށެވެ.

''ކިހިނެއް ވާންތަ މިއުޅެނީ؟...'' ބިންމައްޗަށް ފައިބާފައި ހުރި ގަނޑުތައް ނަގަން ބަސްމާއަށް ގުދުވެލެވެނެވެ. އެލިޔެކިޔުންތަކުން އޭނަގެ މުޅި ވުޖޫދަށް ވެސް ސިހުން ގެނުވައިފިއެވެ. ބިރުން ގޮސް އޭނަގެ އަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދިގެން ގޮސް ފިއެވެ. ކަންތައް ވާން އުޅޭ ގޮތަކާ މެދު އޭނަގެ ހިތުގައި ބިރުވެރިކަން އެފެދިފައި ވިއެވެ. މާޒީގެ އަނދިރި ހިޔަނިތަކުން އޭނަގެ އުފާވެރި ދިރިއުޅުން ނަގައިލާނެކަމުގެ ހާސްކަން ހިތަށް ވެރިވާން ފެށިއެވެ.

''ޝަބާނާ!...'' ބަސްމާއަށް ސިހުން ލިބިފައިވަނީ މާކިންގެ އާއިލީ މައުލޫމާތުގެ ތެރެއިން ފެނުނު ނަމާއި ފޮޓޯގެ ސަބަބުންނެވެ. މާކިންގެ އުފަން ރަށުން ފެށިގެން ގޮސް އޭގައިވި ހުރިހާ މައުލޫމާތެއް ވެގެން ދިޔައީ ބަސްމާއަށް ބޮޑު ބިރަކަށެވެ. ހިތް އަވަސްވެގެން ދިޔައީ އޭގެ މާނަ ނަގަންވީ ކިހިނެއްކަން ވެސް ނޭނގުމުންނެވެ. އޭގައި ލިޔެފައިވި އެއްޗެއް ތަކުރާރުކޮށް ކިޔާލެވުނެވެ. އޭރު އޭނަ ވަނީ ދާހިތްލާފައެވެ.

''އަހުމަދު މާކިން!...'' ތެޅިތެޅި އޮތް ހިތަކާއެކު ބަސްމާއަށް ބުނެވުނެވެ. އޭނަގެ އިނގިލިތަކުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ.

''މީގެ މާނައަކީ ކޮބާތަ!، ކިހިނެއް ވާންތަ މިއުޅެނީ!... ޝަބާނާ، ކީއްވެތަ މިހުރިހާ އަހަރެއް ފަހުން އޭނަގެ ހިޔަނި އަހަރެން އުފާވެރި ދިރިއުޅުމެއް އެޅެންވީ!... މާކިން!، އެއީ ހަމަ ޝަބާނާގެ ދަރިއެއްތަ...... ނޫން!... ނޫން!، އެހެންވެގެން ނުވާނެ... ނުވެސް ވާނެ... ޝަބާނާ!، ކޮންކަހަލަ ނުބައި ކުޅިވަރެއްތަ މިއީ... މިހުރިހާ އަހަރެއް ފަހުން އަހަރެންގެ ހަޔާތަށް އަންނަން އެނގުނު ގޮތަކީ މިއީތަ!......'' ބަސްމާއަށް ބުނެވުނެވެ. އޭނައަށް ހިންދިރުވާލުން ވެސް ދަތިކަމަކަށް ވެއްޖެއެވެ.

ހައިޖާންގަނޑެއްގެ ތެރޭގައި ބަސްމާ ވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އަވަސްއަވަހަށް އަތުގައި ހުރި ގަނޑުތައް ފުރަގަހަށް ގެންނަމުން ބަސްމާއަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ފޯނެއްގައި ހުރެ ކޮޓަރިއަށް ވަން އާރަބް ފެނި އިތުރު ހާސްކަމެއް ބަސްމާއަށް ލިބުނެވެ. އަތުގައި ހުރި ގަނޑުތައް އާރަބްއަށް ފޮރުވަން ބޭނުންވިއެވެ. އެއްވެސް އެއްޗެއް އާރަބްއަށް ފެންނަން ބޭނުން ނުވާތީއެވެ. އޭގައި އެކުލެވިގެންވަނީ ކިހާ ވަރެއްގެ ތެދެއްކަމެއް ވެސް އެނގެނީކީ ނޫނެވެ. އެއީ އޭނަގެ އުފާވެރި ދިރިއުޅުމަށް ވިހަލާން ޝަބާނާ އަތުރަމުންދާ ދަންތުރައަކަށް ވެސް ވެދާނެއެވެ.

އާރަބް ފޯނުގައި ހުރިތަން ފެނުމުން ބަސްމާއަށް ވަށައިގެން ހޯދާލެވުނެވެ. ލޮލުގައި އަޅައިގަތީ އެނދުގެ އަރިމަތީ ކަބަޑެވެ. ފަހަތަށް ފިޔަވަޅުތަކެއް އަޅާލުމާއެކު ސިއްރުސިއްރުން އޭގެ ވަތްގަނޑު ހުޅުވާލަމުން އަތުގައި ހުރި ގަނޑުތައް އޭގެ ތެރެއަށް ލިއެވެ. މުހިންމު ފޯނެއްގައި ހުރި އާރަބްއަށް ބަސްމާގެ ހަރަކާތްތައް ފާހަގައެއް ނުކުރެވުނެވެ.

އާރަބްއަށް އޭނަގެ ހާސްކަމާއި ބިރުވެރިކަން ފާހަގަ ކުރެވިދާނެތީ، ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު މޫނުމަތިން އެހުރިހާ އިހުސާސެއް ބަސްމާ ސިއްރުކުރިއެވެ. އޭރު ވެސް އެހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. މާޒީގެ އަނދިރިކަން އައިސް އޭނައާ ފައިތިލަ ސާބިތުކުރަން އުޅެނީ ހެއްޔެވެ؟ އާރަބްއަށް މިކަންތަކުގެ ހިލަމެއް ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

ބަސްމާއަށް ހިންދިރުވާލެވުނެވެ. އެކަމުގެ ހަޤީޤަތް އޮޅުން ފިލުވަން އޭނަ ބޭނުން ވިއެވެ. އެއަށްފަހު އެމުސީބާތުން ސަލާމަތްވާނެ ގޮތެއް ފެނޭތޯ ބަލަން އެބަޖެހެއެވެ. ތަފާތު ގޮތްގޮތަށް ވިސްނުން ހިންގަން ހުރި ބަސްމާ ސިހިގެން ދިޔައީ އާރަބް ގޮވައިލުމުންނެވެ.

ބަސްމާ އަވަސްއަވަހަށް އާރަބްއާށް ބަލައިލިއެވެ. އެވަގުތު އެދެލޮލުން ހައިރާންކަމުގެ އަސަރު ބަސްމާ ދުށްޓެވެ.

''ކިހިނެއްވެފަ ތިހުންނަނީ، ކަމެއް ވީތަ؟، އަހަރެން ގޮވީމަ ވެސް އަޑެއް ނީވުނު...'' ރީތިވާ މޭޒު ކުރިމައްޗަށް ހުއްޓި ހުރި އާރަބް ވާހަކަދެއްކިއެވެ. އަތުކުރީ އޮތް ގަޑި ނަގަމުން ރީތިވާ މޭޒުގެ މަތީގައި ބޭއްވިއެވެ. އެއަށްފަހު އޭނަ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ.

''މިއަދު ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ...'' އެނދުގައި އިށީންނަމުން ބަސްމާ ބުނެލިއެވެ. ހަޤީޤަތުގައި ވެސް އޭނަގެ ބޮލުގައި ތޫނު ރިހުމެއް އުފެދިފައި ވިއެވެ. ވިސްނެމުން ދިޔަ ކަންތަކުގެ ސަބަބުން ބޮލަށް ވަނީ ބަރުވެފައެވެ. ބިރުވެރިކަމުގެ ވިންދު ހިތުގައި ޖަހަމުން ދިޔައެވެ.

''ބޭހެއް އެއްޗެއް ކައިފިންތަ؟...'' ހަށިގަނޑާއި ވަކިކޮށްލި ގަމީސް ގެންގޮސް ދާވަށިގަނޑަށް ލަމުން އާރަބް ސުވާލުކޮށްލިއެވެ.

''އާނ، މިހާރު ކުރިއަށް ވުރެން ރަނގަޅު، އަރާމުކޮށްލީމަ ފަސޭހަވެދާނެހެން ހީވަނީ...'' ބަސްމާ ދޮގުހެދިއެވެ.

''އެހެންތަ؟...... ފެންވަރައިގެން އައިސް ބޯމޮޑެލަދޭނަން!...'' ތުވާލި ހިފައިގެން ފާޚަނާއާ ދިމާއަށް މިސްރާބުޖެހި އާރަބް ބުނެލިއެވެ. އާރަބްއަށް ހިނިތުންވެލަމުން ބަސްމާ ބޯޖަހައިލިއެވެ. އާރަބް ގޮސް ފާޚަނާއަށް ވަނުމާއެކު، އެތުންފަތުގައިވި ހިނިތުންވުން ގެއްލިގެން ދިޔައެވެ. އަނެއްކާ ވެސް ނުތަނަވަސްކަން އެމޫނަށް ވެރިވެގެން ދިޔައެވެ.

''ހަޤީޤަތް ހޯދަން އެބަޖެހޭ، ފާއިތުވި އަހަރުތަކުގައި ޝަބާނާގެ ދިރިއުޅުން ގޮސްފައި އޮތް ގޮތް އެނގެން އަހަރެން ބޭނުން!، އެންމެ ފަހުގެ ބައްދަލުވުމަށް ފަހު އަހަރެން ހީކުރީ ދެން އޭނަގެ ސޫރަ ވެސް ދެކެން ނުޖެހޭނެ ކަމަށް، އެކަމަކު ކުއްލިޔަކަށް މިހެން ވާންވީ ކީއްވެތަ؟........'' އިސްތަށިގަނޑުގެ ތެރޭގައި އަތްތިލަ ހިންގާލަމުން ބަސްމާއަށް ކޮޅަށް ތެދުވެވުނެވެ. ހިތް މޭގެތެރޭގައި ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެތައް ޒަމާނަކަށްފަހު މާޒީގެ ދުވަސްތައް މަތިން އޭނައަށް ވިސްނެމުން ދިޔައެވެ. ހާސްކަން ހިތަށް ވެރިވެފައިވާ ހާލުގައެވެ. ވިސްނެމުން ދިޔަ ވަރަކަށް ބޮލުގެ ރިހުން ގަދަވާން ފެށިއެވެ.

''އޭނަ އިތުރު ކައިވެންޏެއް ކޮށްގެން ލިބިފަ ހުރި ކުއްޖެއްތަ އެއީ!... ނޫނީ....'' ބަސްމާއަށް އޭނަގެ ޒަމީރާ މަޝްވަރާކުރެވުނެވެ. ''ނޫން އެހެނެއް ނުވާނެ... ޝަބާނާ އިތުރު މީހަކާ އިނދެގެން ލިބިފަ ހުރި ދަރިއަކަށް މާކިން ވާނީ... އަހަރެން ބޭނުން އެކަން އޮޅުން ފިލުވަން، ޝަބާނާ!! މިހުރިހާ އަހަރެއް ފަހުން އޭނަ މިފެނުނީ ކީއްވެތަ!...''

ހާސްވެފައި ހުރި ބަސްމާއަށް ޝަބާނާގެ ދިރިއުޅުމުގެ މައުލޫމާތު މުހިންމު ކަމަކަށް ވެއްޖެއެވެ. އެމައުލޫމާތު ނުލިބެނީސް އެހިތަށް ދެނެއް ހަމަޖެހުމެއް ނުލިބޭނެއެވެ. ސިކުނޑީގައި ބުރުޖަހަން ފެށި ޚިޔާލުތަކުން ދުރުވާން އޭނަ ބޭނުންވިއެވެ. އެއާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގައި ހުރި ނަސްމާ، އޭނަގެ އަތްދަބަސް ތެރޭން ޖާދިން އޭނަ އަތަށް ދިން ބިޒްނަސް ކާޑު ނެގިއެވެ. އިރުކޮޅެއް ވަންދެން ބިޒްނަސް ކާޑަށް ބަލަން ހުރެފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެމޫނުގެ ކުލަވަރުތައް ވަނީ ބަދަލުވެފައެވެ. އޭރު އޭނަގެ ޚިޔާލުތަކާ ގުޅިފައިވަނީ ހަވީރު ޖާދިންއާއި ބައްދަލުވެ، އެދެމެދުގައި ދެކެވުނު ވާހަކަތަކެވެ. އެވާހަކަތަކާ މެދު ފުންކޮށް އޭނައަށް ވިސްނުން ހިންގާލެވުނެވެ.

''މާކިން...'' މަޑުމަޑުން ނަސްމާއަށް ބުނެވުނެވެ. އަހަރުތަކެއް ފަހުން މާކިންގެ ހަނދާންތަކުން އޭނަގެ ހިތަށް އުނދަގޫތަކެއް ކުރުވައިފިއެވެ. އޭނައަށް މާކިންއާ މެދުގައި ކަންތައް ކުރެވުނު ގޮތުން މިހާރު އޭނަ ދެރަވެ ލަދު ވެސް ގަނެއެވެ. މާކިންގެ އެންމެ ގާތް އެކުވެރިޔާއާއެކު ނަހަމަ ގުޅުމެއް ބާއްވައި މާކިންއަށް އޮޅުވާލެވުނީތީއެވެ. މާކިން އޭނަ ދެކެ ވީ ލޯތްބާއި ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ ނެގުނު ގޮތުގެ ސަބަބުންނެވެ. މާކިން އޭނަ ވަރިކޮށް ބޭޒާރުކޮށްލުމުން ފުރަތަމަ އެހިތުގައި ނަފުރަތު އުފެދުނެވެ. ރުޅިވެރިކަން ވިއެވެ. ނަމަވެސް ދުވަސްތައް ފާއިތުވެ އެކަމާ މެދު ފުންކޮށް ވިސްނުން ހިންގާލެވުމުން އޭނަގެ ކުށްތައް ޤަބޫލުކުރެވުނެވެ. މާކިންއަށް އޮޅުވާލެވުނު މިންވަރާއި އެހިތް ހަލާކުކޮށްލެވުނު މިންވަރު ވެސް އަންދާޒާ ކުރެވުނެވެ. މާކިންގެ ގާތުން މަޢާފަށް އެދެން ވެސް ބޭނުން ވިއެވެ. ނަމަވެސް މިހާތަނަށް އެހިތްވަރު އޭނައަށް ލިބިފައި ނުވެއެވެ.

''މާކިންއަށް މިކަންތައް އަންގަންވީތަ؟، ޖާދިންގެ ނުބައި ރޭވުންތައް ހާމަކުރަންވީތަ؟، އެކަމަކު މާކިން އަހަރެންގެ ވާހަކަ ޤަބޫލުކޮށްފާނެތަ؟...'' ނަސްމާއަށް އޭނަގެ ހިތާ ސުވާލުކުރެވުނެވެ. ޖާދިންގެ ހުށަހެޅުން ޤަބޫލުކުރަން އޭނަ ބޭނުމެއް ނުވެއެވެ. ދެވަނަ ފަހަރަށް މާކިންގެ ދިރިޅުން ނަގާލާން އޭނަގެ ޒަމީރު ދެކޮޅެ ހެދިއެވެ.

ނަސްމާއަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އޭނަގެ ފޯނު ނެގިއެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު މާކިންގެ ނަންބަރަށް ގުޅިއެވެ. މާޔޫސްކަން ހިތަށް ވެރިވީ އެއީ މިހާރު ބޭނުންކުރާ ނަންބަރަކަށް ނުވީމައެވެ. ކަންފަތާ ފޯނު ވަކިކޮށްލަމުން ނަސްމާއަށް ތުންފަތް ދަމާލެވުނެވެ. މާކިން މިހާރު ގެންގުޅޭ ނަންބަރު ހޯދާނީ ކިހިނެއް ބާއޭ އޭނަގެ ހިތަށް އެރިއެވެ. އިނގިލިތަކުގެ ނިޔަފަތީގައި ދަތް އަޅާލަމުން ފިކުރު ހިންގާލެވުނެވެ. ކުއްލިޔަކަށް ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ އަލިމަގެއް ފެނުނީތީއެވެ.

*****

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އިން މާކިންއަށް ކާމޭޒު މަތީ އޮތް ފޯނަށް ބަލައިލެވުނެވެ. ފޯނު ރިންގް ވާތީއެވެ. ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނިތަށް ޖަމާވި ރޫތަކާއެކު އިރުކޮޅެއް ވަންދެން ފޯނަށް ބަލަހައްޓައިގެން އިނދެވުނެވެ.

''ކިހިނެއްވެފަތަ ތިއިންނަނީ، ފޯނަށް ޖަވާބު ދީބަލަ...'' މާކިންއަށް ބަލަން އިން ޝަބާނާއަށް ހައިރާންކަމާއެކު ބުނެވުނެވެ. މަންމައާ ބަދަލުކޮށްލި ނަޒަރަށް ފަހު، މާކިންއަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލެވުނެވެ.

''ހަލޯ...'' މާކިން ބުނެލިއެވެ. އެކޮޅުން ވާހަކަނުދައްކައި ގިނަ އިރުވުމުން ކަންފަތާއި ފޯނު ވަކިކޮށްލަމުން ފޯނުގެ ސްކްރީނަށް އަވަސް ނަޒަރެއް ދެވުނެވެ. އޭނަ ހީކުރީ ފޯނު ކެނޑުނީ ކަމަށެވެ. ނަމަވެސް އިނީ ގުޅިފައެވެ. ލިބުނު ހައިރާންކަމާއެކު އަނެއްކާ ވެސް ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.

''ހަލޯ، ކާކުތަ؟...'' ޖަވާބެއް ނުލިބުމުން މާކިން ބުންޏެވެ.

''މާކިން...'' އިވުނު އަޑާއެކު މާކިންގެ މޫނުމަތިން ސިހުން ފެނުނެވެ. ގެނެވުނު އަވަސް ހަރަކާތާއެކު އޭނައަށް ކޮޅަށް ތެދުވެވިއްޖެއެވެ. ބުމަ ގޮށްޖެހި މޫނަށް ވެރިވީ ރުޅިވެރިކަމުގެ އަސަރެވެ.

މާކިންގެ ހަރަކާތުން ޝަބާނާއަށް ހައިރާންކަމާއެކު މާކިންއަށް ބަލައިލެވުނެވެ.

''މާކިން، ޕްލީޒް، ފޯނު ކަނޑާނުލާތި...'' ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ ފަހުން ނަސްމާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެތައް ބަޔަކަށް ގުޅައިގެން މާކިންގެ ނަންބަރު އޭނައަށް ލިބުނީ ވަރަށް އުނދަގުލުންނެވެ. ލިބިފައި އޮތް ފުރުސަތު ގެއްލިގެން ދާކަށް އޭނަ ބޭނުމެއް ނުވިއެވެ.

މަންމައަށް ބަލައިލުމަށްފަހު މާކިން މިސްރާބު ޖެހީ އޭނަގެ ކޮޓަރީއާ ދިމާއަށެވެ. ސުވާލު އުފެދިފައި އިން ޝަބާނާއަށް މާކިންގެ ނަމުން ގޮވައިލެވުނެވެ. ފަސްއެނބުރި ބެލުމެއް ނެތި ބާރުބާރަށް ހިނގާފައި މާކިން ދިޔައީއެވެ.

''ކާކުބާ އެގުޅީ؟، ކީއްވެތަ ކުއްލިޔަކަށް ރުޅި އައީ...'' ކާކޮޓަރީގައި އެކަނިވުމުން ޝަބާނާއަށް ބުނެވުނެވެ. މާކިންގެ ފަހަތުން ދާން އުޅެފައި ވެސް މަޑުކޮށްލީ ދަރިފުޅަށް ވަގުތުކޮޅެއް ދިނުމަށެވެ. އޭރު ޝަބާނާ އިނީ ފިކުރުބޮޑުވެފައެވެ.

*****

''ކީއްކުރަން ތިގުޅީ؟، މި ނަންބަރު ހޯދީ ކިހިނެއް؟...'' ކޮޓަރިއަށް ވަދެ ދޮރުލައްޕާލަމުން ރުންކުރު ރާގަކަށް މާކިންއަށް ބުނެވުނެވެ. ނަސްމާގެ އަޑު ކަންފަތުގައި ގުގުމާލުމާއެކު މާޒީގެ ހިތިކަން އަރުތެރެއަށް ފޭދިގެން ދިޔައެވެ. އެހަނދާންތައް އާވެއާލާވެގެން ދިޔުމުން ރުޅި ގަދަ ވިއެވެ.

''މާކިން ޕްލީޒް، ފޯނު ކަނޑާނުލާތި، ވަރަށް މުހިންމު ވާހަކައެއް ބުނަން ވެގެން މިގުޅީ...'' މާކިންގެ ސުވާލުތަކަށް ޖަވާބު ދިނުމެއް ނެތި ނަސްމާ ވާހަކަދެއްކިއެވެ. އެއަޑުގައި ވަނީ އާދޭހެވެ.

''އަހަރުމެން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ، ނަސްމާ ނުޖެހޭނެ އަހަންނަށް ގުޅާކަށް!...'' ހަރުކަށިކަމާއެކު މާކިން ބުނެލިއެވެ.

''އަހަންނަށް އެނގޭ ރުޅިގަދަވެފަކަން ތިހުރީ، އެކަމަކު މިއީ މުހިންމު ވާހަކައެއް... މާކިންގެ ދިރިއުޅުމަށް އަސަރުކޮށްފާނެ ކަމަކަށް ވާތީ މިގުޅީ ވެސް، ދެވަނަ ފަހަރަށް މާކިންގެ ދިރިއުޅުން ބަރުބާދުވެގެން ދާކަށް އަހަރެން ބޭނުމެއް ނޫން...'' މާޔޫސްކަން ނަސްމާގެ އަޑުގައި ވިއެވެ. މާކިންގެ ރުޅިވެރިކަމަކީ އޭނައަށް ޖާއިޒް އެއްޗެއް ކަން ޤަބޫލުކުރެވެއެވެ. މާކިންއާ މެދު އޭނައަށް ކަންތައް ކުރެވިފައިވަނީ އިހާނެތިކޮށެވެ. އެހިތަށް ރަހުމެއް ނެތި އެތައް ތަކުލީފެއް ވަނީ ދެވިފައެވެ. ހިތާމައަކީ ވިސްނުނު އިރު ވަގުތު ފާއިތުވެފައި ވާތީއެވެ.

''ބޭކާރު ވާހަކަދައްކަން އުޅޭނެ ކަމެއް ނެތް... ހަނދާން ކުރާތި!، މީގެ ފަހުން އަހަންނަށް ނުގުޅާތި...'' މާކިން އުޅުނީ ފޯނު ކަނޑާލާށެވެ. ނަސްމާގެ ވާހަކަތައް އަޑުއެހުމުގެ ޝައުޤުވެރިކަމެއް އޭނަގެ ނެތެވެ. ރުޅިގަދަވެގެން ގޮސް އޭނަ ތުރުތުރު އަޅައެވެ.

''ޖާދިން!، ޖާދިން ކިޔާ މިހާކު މިއަދު އަހަންނާ ބައްދަލުކުރަން އައި...'' މާކިން ފޯނު ކަނޑާލަން އުޅެތީ އަވަސްއަވަހަށް ނަސްމާއަށް ބުނެވުނެވެ.

ނަސްމާގެ ޖުމްލައިން މާކިންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އިރުކޮޅެއް ވަންދެން އެޖުމްލައާ މެދު ވިސްނަން ހުރެވުނެވެ. ހިތުގައި އޭރު އެތައް ސުވާލެއް އުފެދިފައި ވިއެވެ.

''ކީއްކުރަން؟...'' ލިބުނު ސިހުމާއެކު މާކިންއަށް އަހާލެވުނެވެ. ނަސްމާއާއި ޖާދިން ބައްދަލުކުރަން ދިއުމުން އެމޫނުމަތިން ހައިރާންކަން ވެސް ފެނުނެވެ. ޖާދިންގެ މަޤުސަދާ މެދުގައި ވެސް ވިސްނުން ހިންގާލެވުނެވެ.

''ފޯނުން ވާހަކަދެއްކުމަށް ވުރެން ރަނގަޅުވާނީ ބައްދަލުކޮށްފައި މިވާހަކަ ހިއްސާކުރިއްޔާ...'' ނަސްމާ އެދުނެވެ. އޭނަ ބޭނުންވީ މާކިންއާ ބައްދަލުކޮށްލާށެވެ. މާޒީގެ ހިތި ހަނދާންތަކާ ވެސް ދުރުވެލަން އެދޭތީއެވެ. މާކިންގެ ގާތުން މަޢާފަށް އެދެން ވެސް ބޭނުން ވާތީއެވެ. ލިބިފައި އޮތް ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އޭނަގެ ޒަމީރު އިރުޝާދު ދިނެވެ.

ނަސްމާއާ ބައްދަލުކުރަން މާކިންގެ ހިތް ދެކޮޅު ހަދަމުން ދިޔައެވެ. އައިސްފައި ހުރި ރުޅީ ސަބަބުންނެވެ. ނަމަވެސް ނަސްމާ ދެއްކި ވާހަކައަށް އޭނަގެ ސަމާލުކަން ހުއްޓިއްޖެއެވެ. ނަސްމާގެ ގާތަށް ޖާދިން ދާން ޖެހުނު ސަބަބެއް އޮޅުން ފިލުވަން ބޭނުން ވިއެވެ. ނުބައި ނިޔަތެއްގައި މެނުވީ ޖާދިން ނުދާނެއެވެ. އޭނައާއި އީވާގެ އުފާވެރިކަމަށް ނިމުން ގެންނަން ޖާދިން މަސައްކަތްކުރާނެކަން އޭނައަށް ކުރިން ވެސް ލަފާކޮށްލެވުނެވެ. ޖާދިންއާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވީ އީވާއާ މެދުގައި ވިސްނާލާފައެވެ. ނަމަވެސް ކަންތައް މާ މައްޗަށް ދާނަމަ ޖާދިންއާއި އޭނަ ކުރިމަތިލާނެއެވެ. ނަސްމާގެ ގާތަށް ޖާދިން ދިއުމުން އެހިތުގެ ނުބައި ނިޔަތް ވެސް ވިސްނައިގަނެވުނެވެ.

''މައްސަލައެއް ނެތް...'' މާކިން ފުންނޭވާއެއް ލަމުން އެއްބަސް ވިއެވެ.

''މިރޭ ބައްދަލުވެދާނެތަ؟... ނޫނެކޭ ނުބުނައްޗޭ...'' އާދޭހާއެކު ނަސްމާ އެދުނެވެ.

''ކޮންތާކަށްތަ ދާންވީ؟...'' މާކިން އެހިއެވެ. ކޮންމެހެން ނަސްމާއާ ބައްދަލުކުރުމުގެ ޝައުޤުވެރިކަމެއް މާކިންގެ ނެތެވެ. އޭނަގެ ސަމާލުކަން ހުއްޓިފައި ވަނީ ޖާދިންއާއި ނަސްމާއާ ދެމެދު ދެކެވުނު ވާހަކައަށެވެ. އެހުރިހާކަމެއް އޮޅުން ފިލުވުމުގެ ޝައުޤުވެރިކަން ހިތުގައި އޮތެވެ.

ބައްދަލުކުރަންވީ ރެސްޓޯރެންޓާއި ގަޑި ނަސްމާ ބުނެލުމާއެކު، އިތުރަށް ނަސްމާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި މާކިން ފޯނު ކަނޑާލިއެވެ. އެއަށްފަހު ސައިކަލުގެ ތަޅުދަނޑިއާއި ވޮލެޓު ހިފައިގެން އޭނަ ކޮޓަރިން ނިކުތެވެ.

''ދަރިފުޅާ!، ނުކައި ކޮންތާކަށްތަ ތިދަނީ؟...'' ބޭރަށް ދާން އުޅުނު މާކިން ފެނި ޝަބާނާއަށް ބުނެވުނެވެ. ކާކޮޓަރިން ނިކުމެގެން އައިސް ބޮޑުކޮޓަރިއަށް އޭނަ ވަނެވެ. އޭރު މައިދޮރު ހުޅުވާލާފައި މާކިން ނިކުންނަނީއެވެ.

''މަންމާ، ވަރަށް އަވަހަށް ތާކަށް ދާން ޖެހިގެން މިދަނީ...'' މަންމައާ ބަދަލުކޮށްލި އަވަސް ނަޒަރާއެކު މާކިން ނިކުމެގެން ދިޔައީއެވެ. އެމަންޒަރު ބަލަން ހައިރާންކަމާއެކު ޝަބާނާއަށް ހުރެވުނެވެ.

''ކޮންމެވެސް ކަމެއް ވެއްޖެ!...'' މާކިންއަށް އައިސްފައި ހުރި ބަދަލާ މެދު ވިސްނަމުން ޝަބާނާއަށް ބުނެވުނެވެ. މައިދޮރުން ބޭރަށް ބޯދިއްކޮށްލަމުން ސިޑިން ފައިބަމުން ދިޔަ މާކިންއަށް އޭނަ ބަލައިލިއެވެ.

*****

މާކިން އިނީ ނަސްމާއާ ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައި އިށީނދެލައިގެންނެވެ. ހަށަން ބަނދެލައިގެން އިން އިރު އެމޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފެންނަމުން ދިޔައެވެ. އެދެމެދަށް ވެރިވެފައި އޮތީ ނުތަނަވަސްކަމެވެ.

މާކިންއާއި ނަސްމާ ބައްދަލުވީ އަހަރެއްހާ ދުވަސް ފަހުންނެވެ. ޖެހިލުންވުމުގެ އަސަރު އެކުލެވިގެންވި ދެލޮލުން މާކިންއަށް ނަސްމާ ބަލައިލިއެވެ. ސިކުނޑީގެ ލޯގަނޑަށް މާޒީގެ ދުވަސްތައް ފެންނަން ފެށިއެވެ. އެއާއެކު ނަސްމާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

''އަހަރެން އަތަކު ބޭކާރުކުރަން ވަގުތެއް ނެތް!...'' އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން ރުންކުރުކަމާއެކު މާކިން ބުނެލިއެވެ. ނަސްމާ ފެނުމުން އޭނަގެ ބޮލަށް ތުރާލަކަށް ވެއްޖެއެވެ. ރުޅި ކޮންޓްރޯލްކުރުން ދަތިކަމަކަށް ވެއްޖެއެވެ.

''ސޮރީ...'' ނަސްމާ މަޢާފަށް އެދުނެވެ.

''ކޮންކަމަކަށްތަ؟...'' ދެލޯހަނިކޮށްލަމުން މާކިން އެހިއެވެ.

''ހުރިހާ ކަމަކަށް ވެސް، އަހަންނަށް މާކިންގެ ހިތުގައި ޖެއްސުނީތީ މަޢާފަށް އެދެން ވަރަށް ބޮޑަށް ބޭނުންވި، ހަޤީޤަތުގައި އެދުވަހު މާކިންދެކެ ރުޅިއައުމުގެ ހައިސިއްޔަތެއް ވެސް އަހަރެންގެ ނެތް، ހުރިހާ ގޯސްކަމެއް ކުރެވުނީ އަހަންނަށް، މިއަދު ތިހިތުގައި އަހަންނަށްޓަކައިވާ ރުޅިވެރިކަން އަހަންނަށް ޖާއިޒް، އެކަމަށް އެއްޗެއް ބުނުމުގެ ހައިސިއްޔަތެއް ވެސް އަހަންނަށް ލިބިގެން ނުވޭ، މާކިންއަށް އޮޅުވާލުމަށްފަހު ތިހިތުގައި ޖެއްސިފައިވަނީ ވަރަށް ބޮޑަށް، މާކިންގެ ގާތް އެކުވެރިޔާއެކު މާކިންއަށް ބޭވަފާތެރިވެވުނީ... ތެދަށް ބުނާނަމަ އަހަންނަށް އުފަލެއް ނުލިބޭ، އަހަންނާ މެދު ދާނިޝް އަބަދު ވެސް ޝައްކުކުރޭ، ކައިވެންޏަކުން ލިބެންޖެހޭ އުފަލެއް ނުލިބުނު، މިހާރު ވަރިވުމުގެ ކޮޅުމަތި ވެސް ފެންނަން ފަށައިފި.........'' ނަސްމާގެ އަޑު ކުރެހުނެވެ. ޖަޒުބާތު ތަކުގައި ޖެހުމުން އަރުތެރެ ބެދޭ ގޮތް ވެއްޖެއެވެ.

ނަސްމާއަށް ސަމާލުކަން ދޭން މާކިން ބޭނުމެއް ނުވިއެވެ. ހިތުގައިވި ފޫއްސެއްގެ ސަބަބުންނެވެ.

''ތި ބޭކާރު ވާހަކަދައްކަންތަ އަހަރެން ގެނައީ؟... އަހަރެންގެ ހަމްދަރުދީ ލިބޭނެކަމަށްތަ؟...'' ރުޅިވެރިކަމާއެކު މާކިން ބުނެލިއެވެ. ނަސްމާއާ މެދު ހަމްދަރުދީވާން އޭނަ ބޭނުމެއް ނޫނެވެ. މާޒީގެ ދިލަ ހޫނުކަމުން ނަފުރަތު ނޫން އެހެން އިހުސާސެއް އެހިތުގައި ނުވެއެވެ.

''މާކިންގެ ހަމްދަރުދީ އަހަންނަށް ހައްޤެއް ނޫން، މަޢާފް ވެސް ހައްގެއް ނޫން... އެކަމަކު ވެސް މިހިތަށް ލުޔެއް ލިބޭތޯ މަޢާފަށް އެދެވުނީ... އަހަރެން ބޭނުން މާކިން އުފަލުގައި ހުންނަތަން ދެކެން...... އެހެންވެ ބައްދަލުކުރަން އެދުނީ...'' ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ނަސްމާ ބުނެލިއެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ނާންނާނެކަމުގެ ހަޤީޤަތާ ނަސްމާ ކުރިމަތިލިއެވެ. ދެރަވެފައެވެ.

''ކިހިނެއް ޖާދިންއާއި ދިމާވީ؟...'' މާކިން އެހިއެވެ.

''އޮފީސް ނިންމާފައި ގެއަށް ދާން އުޅެނިކޮށް ދިމަވީ، އަހަރެންގެ ހުރިހާ މަޢުލޫމާތެއް ހޯދައިގެން އޭނަ އައީ ވެސް... މާކިންއާއި އަހަރެންގެ ގުޅުން ވެސް އެނގިފަ އޮތީ...'' ނަސްމާ ކިޔައިދިނެވެ.

''ކޮންކަމަކަށްތަ އޭނަ އެދުނީ؟...'' މާކިންގެ ބުމަގޮށްޖެހިގެން ދިޔައެވެ.

''ބަދަލުހިފުމަށް.... މާކިން އަހަރެން ވަރިކޮށްލީމަ އެކަމުގެ ބަދަލުހިފުމުގެ ފުރުސަތު ދިނީ... ކޮންމެވެސް މީހަކާއި ބައްދަލުކުރަން އެދުނީ!... އެމީހާއާއި ބައްދަލުކޮށް އަހަރެން މާކިންއާއި ވަރިވީއޭ ބުނާށޯ... މާކިން އަހަންނަށް އަނިޔާކޮށް ހެދިއޭ ވެސް ބުނާށޯ...'' ޖާދިންގެ މަކަރުވެރިކަން ހިއްސާކުރަމުން ނަސްމާ ބުނެލިއެވެ.

''ދެން އެއްބަސް ވިންތަ؟...'' މަލާމާތުގެ ރާގަކަށް މާކިން އެހިއެވެ. ''ބަދަލުހިފަން ލިބުނު ފުރުސަތުގެ ބޭނުން ހިފިންތަ؟...''

''އަހަންނާއި މާކިންއާއި ދެމެދު ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް ބަދަލު ހިފުމުގެ ރޫހެއް ނެތް، އަހަންނަށް ކުރެވުނީ ގޯސްކަމެއް، އެކަން ޤަބޫލުކުރަން... ކޮންމެ މީހަކު ނަމަވެސް ކަންތައް ކުރެވޭނީ މާކިންއަށް ކަންތައް ކުރެވުނު ފަދައިން، އެކަމަށް ބަދަލު ހިފަންވީ ކީއްވެތަ؟... މާކިން އަހަރެން ވަރިކޮށް ގެއިން ނެރެލި ގޮތުން ރުޅިއައި، އެކަމަކު ބަދަލު ހިފަން ބޭނުމެއް ނޫން... އަހަރެން ބޭނުމީ މާކިން އުފަލުގައި އުޅޭތަން ދުށުމަށް، ތިހިތަށް ދެވުނު އަނިޔާތަކުން ފަސޭހަވެ ދިރިއުޅުމާ ކުރިމަތިލުމަށް... މާކިންއަށް ކަމުދާ ކުއްޖަކު ހުރިކަން އަހަންނަށް އެނގޭ، އެއީ ނަސީބު ރަނގަޅު ކުއްޖެއް، މާކިންގެ އޯގާތެރިކަމާއި ލޯބި އެކުއްޖާއަށް ލިބޭނެކަން ޔަޤީން......'' އަތްދަބަހުން ނެގި ޖާދިންގެ ބިޒްނަސްކާޑު މާކިންއަށް ދިއްކޮށްލަމުން ނަސްމާ ބުނެލިއެވެ. އަދި މާކިންއާ މޮޅިވެރިކަމުގެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެއަށްފަހު ދާން ތެދުވެލިއެވެ.

''ދިސް އިޒް އެ ގުޑްބާއި، އަހަރެންގެ ދުޢާއަކީ މާކިންއަށް އުފާވެރި ދިރިއުޅުމެއް ލިބުން... ކޮންމެވެސް އެއްދުވަހަކުން އަހަންނަށް މަޢާފްކޮށްދޭނެކަމަށްވެސް އުއްމީދުކުރަން...'' ދިއުމުގެ ކުރިން ނަސްމާ ބުނެލިއެވެ. މާކިންއާ ނަޒަރު ބައްދަލުކުރަން އުނދަގޫވުމުން އޭނަ އިސްޖަހައިލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ފަސްދީފައި ކުރިއަށް ހިނގައިގަތެވެ. އެއީ ވަދާއުގެ ސަލާމެކެވެ.

ވިސްނުމެއްގައި އިން މާކިން މޭޒުމަތީ އޮތް ބިޒްނަސްކާޑު ނެގިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟