ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 40

2

ސާޅީސްވަނަ ބައި

ސައިކަލް ގޮސް އޮބާލަންދެން ޝެނަލްއަށް އިނދެވުނީ އެދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާ މޫނުމަތިން ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަސް ހިތުގެ ކަނެއްގައި ރިއްސާލައިފިއެވެ. އަދްޔަން އެހެން އަންހެނަކާއެކު ފެނުމުން ހިތުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.

***

މިއަދުވެސް ވަޙީދުއްދީން ޖޫސްތަށި ހިފައިގެން އިނީ ޒުކް ކުރިމަތީގައެވެ. ޒުކްއަށް އެ ބަދަލުތައް އައިސް ހަށިގަނޑު ބަލިވުމާއި ގުޅިގެން އޭނާގެ ހުރިހާ ވަގުތެއް ވަނީ ޒުކްއަށް ހުސްކޮށްފައެވެ. އެއްވެސް ވަރަކަށް ބޭރަށް ނުދެއެވެ. މިނިޓަކު އެއްފަހަރު ޒުކްގެ ހުން ހުރިތޯ ޗެކް ކޮށްލައެވެ. އިތުރު އުނދަގުލެއްވެތޯ ބަލައިލައެވެ. ކުރިން ދެކޮޅު ހަދަމުން އަޔަސް ބައްޕަ އެހާ ވަރުން އުޅޭތީ ޒުކް މައިތިރިވެއްޖެއެވެ. ދިންހާ އެއްޗެއް ކައިބޮއެގެން އޭނާ ބަސްއަހަން ފަށައިފިއެވެ.

"ދޮންބެ އަންނާނީ ކިހާ އިރަކުން ބައްޕާ" ސޯފާގައި އިން ޒުކް ވަޙީދުއްދީނަށް ބުނެލިއެވެ.

"އިރުކޮޅަކުން އަންނާނެ. ޒުކް ދޭބަލަ ކުރުނބާ ފެންފޮދެއް ބޯލަން" ވަޙީދުއްދީން ބުނެލިއެވެ. ޓީވީން އަންނަމުންދިޔަ ޕްރޮގްރާމަކަށް ނަޒަރު ހުއްޓާލައިގެން އިން ވަޙީދުއްދީންގެ މޫނަށް އިރުކޮޅަކު ބަލަން ޒުކް އިނެވެ. މަންމައާ ވަކިވެފައި ވިޔަސް ދުވަހަކުވެސް އެބައްޕަ މަންމަ ނެތްކަމުގެ އިހުސާސް އޭނާއަށް ވިޔަކަ ނުދެއެވެ. ބައްޕަވެސް ހިތާމައެއް ކުރި މަންޒަރު އޭނާއަށް ފެނިފައެއް ނުވެއެވެ. އިރުކޮޅަކުން ވަޙީދުއްދީން ސިހުނީ އޭނާގެ ކޮނޑުގައި ޒުކް ބޯއަޅާލުމުންނެވެ. ޓީވީން ނަޒަރު ވަކިކޮށް އޭނާގެ ނަޒަރު އަންހެން ދަރިފުޅަށް ހުއްޓައިލިއެވެ.

"ބައްޕަ ގޮތަށް ވަރަށް ހިތްވަރުގަދަވާން ޒުކް ބޭނުން. ބައްޕަ ކިހިނެއްތަ ކެތްކުރަނީ؟" ޒުކް އެހިއެވެ. ވަޙީދުއްދީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ނަމާދުކޮށް މާތްﷲ އެންގެވި މަގުން އުޅޭ އަޅުންނަށް އެކަލާނގެ ހިތްވަރު ދެއްވަވާނެ ދަރިފުޅާ. ދަރިފުޅުވެސް ރޮއި ތިހަދަނީ ކެތްނުކުރެވޭތީއެއް ނޫން. އެއީ ރޯލުމުން ދަރިފުޅުގެ ހިތަށް ހަމަޖެހުން ލިބޭތީ" ޒުކްގެ އިސްތަށިގަނޑުގައި ފިރުމަމުން ވަޙީދުއްދީން ވާހަކަދެއްކިއެވެ.

ވަދެގެން އަންނަ އާޝިދް ފެނުމާއެކު ވަޙީދުއްދީނަށް ގޮނޑީގައި ހަށިގަނޑު ސީދާކޮށްލެވުނެވެ. އޭނާގެ މޫނުމަތިން އުންމީދުގެ ހުޅުކޮޅެއް ދިއްލިގެން ދިޔަ މަންޒަރު އާޝިދަށް ފެނުނެވެ.

"އަޅުގަނޑު ހުރިހާ ހަގީގަތެއް ކިޔައިދީފިން. ވަރަށް ރުއި. ބައްޕައާއި ބައްދަލުކުރަން ވަރަށް ބޭނުންވެފަ ހުރީ" ޒުކްގެ އަނެއްފަރާތުން އިށީންނަމުން އާޝިދް ބުނެލިއެވެ. ވަޙީދުއްދީންގެ ހިތަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދެލޮލުން ކަރުނަ ނީރާލިއިރު ކައިރީގައި އިން ޒުކްގެ ނިތްކުރިއަށް ބޮސްދެވިއްޖެއެވެ.

"ސޮފާއްތައަށް ކަމެއް އަންގާނީވެސް މަންމަ މިގެއަށް ގެނެސްފަ. ދެމީދާ ފެހި ބުޅަލަށްވީ ވަރުވެސް އެ އަންހެނާއަށް ނުވާނެ" އާޝިދް ބުނެލިއެވެ.

***

ހެނދުނުގެ ވަގުތެވެ. ހޫރު އުރާލައިގެން އިރާނިޔާ އައިސް ދޮރުމަތީގައި ހުއްޓުނުއިރު ދޮރާށި ހުރީ ލައްޕާފައެވެ. އޭނާ ހޫރު ގޮވައިގެން ގެއިން ނިކުންނަމުން ޙާއިޝާ ކައިރީގައި ނުބުނެވޭ ހަނދާންވިއެވެ. ދަބަސް ތެރޭގައި އޮތް ފޯނު ނަގަން އުޅުމުގެ ތެރޭގައި އަތުގައި އޮތް ހޫރުގެ ސޮނިފޮތިކޮޅު ތިރިއަށް ވެއްޓިއްޖެއެވެ. އެކަމެއް އޭނާއަށް ނޭނގެއެވެ. ފޯނު ނަގައިގެން ޙާއިޝާގެ ނަންބަރަށް ގުޅަން ފެށިއެވެ. މާވަރަކަށް ހޫރު ބިންމައްޗަށް ބޯއަރިކޮށް ބަލާތީ އިރާނިޔާގެ ސަމާލުކަން ހޫރަށް ހުއްޓުނެވެ.

"ދަރިފުޅު ކޯޗެއް ތިރިން ތިހޯދަނީ" ހޫރުގެ ބޮލުގައި އަޅާފައި އޮތް ތޮފި ރީތިކޮށްލަމުން އިރާނިޔާ ބުނެލިއެވެ.

އިތުރު ހަރަކާތެއް ހަށިގަނޑަށް ނުގެނެވި އުޅެނިކޮށް ދޮރާށި ހުޅުވާލާފައި އުނޭޝް ނިކުމެއްޖެއެވެ. ކުރިމަތިން ފެންނަން ހުރި އުނޭޝްއަށް އިރާނިޔާގެ ނަޒަރު ހުއްޓުނީ ހިނދުކޮޅަކަށެވެ. އޭނާ ނަޒަރު ބަދަލުކޮށްލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.

"އަނހާ... މީގެއަށް ދޯ އެވަރަށް ތިބަލަނީ" ތިރީގައި އޮތް ފޮތިކޮޅު ނަގަން އިރާނިޔާއަށް ވީ އުނދަގު ކަމަކަށެވެ. ކުރިއަށް ޖެހުނު އުނޭޝް އެފޮތިކޮޅު ނަގާފައި އިރާނިޔާ އަތަށް ދިއްކޮށްލިއެވެ. އިރާނިޔާ ފޮތިކޮޅުގައި ހިފިއެވެ. އުނޭޝްއަށް ހުރެވުނީ ހޫރުގެ މޫނަށް ބަލަހައްޓައިގެން ހެވިފައެވެ. އެދަރިފުޅާ އުރާ ލޯބިކޮށްލަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅަން އޭނާއަށް ނުކެރުނެވެ. އުނޭޝްއާ ދަރިފުޅު ހަވާލުކުރަން އިރާނިޔާވެސް ނޫޅެއެވެ.

"މަންމަ ލަސްވީދޯ... ފާހާނައިގައޭ ހުރީ... އާދޭ އަވަހަށް މާމަގެ ލޯބިކޮޅު" ހޫރު އުރާލަމުން ޙާއިޝާ ބުނެލިއެވެ.
 "އަޅުގަނޑު ވަރަށް ގުޅައިފިން. އަދޫވެސް ބިޒީވީމަ ކަންނޭނގެ. ފޯނަކަށް ނުއެއް ގުޅުނު" އިރާނިޔާ ބުނެލިއެވެ.

"މަންމާ ފޮތިކޮޅު އިހަށް ނުޖައްސައްޗެ. ބިންމައްޗަށް ވެއްޓިއްޖެ" ޙާއިޝާ އަތަށް ފޮތިކޮޅާއި ހޫރުގެ ދަބަސް ދެމުން އިރާނިޔާ ބުނެލިއެވެ.

"ދެން ދަރިފުޅު ދޭ އަވަހަށް. އެހެންނޫނީ ގަޑިޖެހިދާނެ" ޙާއިޝާ ބުނެލިއެވެ.

"އާނ... ދިޔައީ އިނގޭ މަންމިގެ ޕްރިންސަސް... މާމައާއި ދޮންތިގެ ބަސްއަހައްޗޭ އިނގޭ" ހޫރުގެ ބޮޑު ކޮލަށް ދޮނެއް ދެމުން އިރާނިޔާ ބުނެލިއެވެ. ޙާއިޝާ އެތެރެއަށް ވަނުމުން އުނޭޝް އިރާނިޔާ ދާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ތުނބުޅީގައި އަތް ހާކައިލީ އިރާނިޔާ އަދާކުރަމުންދާ ވަޒީފާއާ މެދު ވިސްނުން ހިންގަމުންނެވެ.

"މަށަށް ކޮންކަމެއް ކޮންމެތާކު އުުޅުނިއްޔާ" އަމިއްލަ ނަފްސަށް އުނޭޝް ބުނެލިއެވެ. ދާން އުޅުނުތަނަށް ދިޔުމުގެ ޚިޔާލު އޭނާ ދޫކޮށްލީ ގެއަށް ހޫރު ގެނައި ކަން އިނގުމުންނެވެ. އަލުން އެތެރެއަށް ވަދެފައި އޭނާ ދޮރާށި ލައްޕައިލިއެވެ.

***

ފިހާރައިން ނިކުތް ޒީކްއަށް އެދިމާލަށް އައި ޝެނަލް ފެނުމުން ހިތް އަވަސްވެލިއެވެ. ޝެނަލްއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ޝެނަލް ވަނީ އެމީހުންގެ ފިހާރައަށެވެ. މާގިނައިރު ނުވަނީސް ޝެނަލް ނިކުތް މަންޒަރު ފެނުުމުން އެދިމާލަށް ޒީކް ހިނގައިގަތެވެ.

"އަހަރެން މިފަހަރު ކުރިމަތިލާނަން" ޒީކްގެ ހިނގުން ބާރުކޮށްލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޝެނަލްގެ ކުރިމައްޗަށް އަރައިފިއެވެ.

"ޝާނީ...!!..." މާނޭވާ އަޅަމުން ޒީކް ގޮވައިލިއެވެ. ޝެނަލް ފުން ނަޒަރަކުން ޒީކްއަށް ބަލައިލިއެވެ. އެއީ އޭނާއަށް ބޭވަފާތެރި އެކުވެރިޔާއޭ ހިތަށް އެރުމާއެކު މޫނު ހަދައިލިއެވެ. ފަސްދީ ހިނގައިގަންނަން އުޅުމުން އެކަމަށް ޒީކް ހުރަސްއެޅިއެވެ.

"މަޑުކޮށްބަލަ. އެއްޗެއް ހަވާލުކޮށްލަންށޭ.." ޒީކް ބުނެލިއެވެ. ޝެނަލް ހުއްޓުނެވެ.

"އަހަރެންގެ ކައިވެނީގެ ދަޢުވަތު ކާޑު" އަތުގައި އޮތް އެތެރެ ނުފެންނަ ކޮތަޅު ތެރެއަށް އަތްލާފައި ނަގާފައި ދިއްކޮށްލީ ކާޑެކެވެ. ޙައިރާންކަމުން ފުރިގެންވީ ނަޒަރަކުން ޒީކަށް ބަލަން ހުރުމަށްފަހު ޝެނަލް އެ ކާޑުގައި ހިފައިފިއެވެ.

"ނެކްސްޓް ފްރައިޑޭގަ. ޝާނީ ވާނެ ކޮންމެހެންވެސް އަންނަން. އެކުގަ ރީންދައްތަ ގެނައުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް" ޒީކް ބުނެލިއެވެ. ޝެނަލް އެކާޑަށް ބަލައިލިއެވެ. ހިތްތެޅެމުން ދިޔަ ހާލު ޒީކްގެ ކައިވެނި ކުރެވޭ ފިރިހެން މީހާގެ ނަމަށް ކިޔައިލިއެވެ.

"ޝުހޭލް"

"އާނ ޝުހޭލް. މިރަށު ހޮސްޕިޓަލުގެ ހުރި ހަމައެކަނި އޮޕަރޭޝަން ޑޮކްޓަރ" ޒީކް ބުނެލިއެވެ.

ހިތުގައި އެތައް ސުވާލެއް އުފެދިފައި ވީ ނަމަވެސް ޝެނަލް ކުރިއަށް ހިނގައިގަތެވެ. އޭނާ މަޑުކުރަން ބޭނުންނުވީއެވެ.

"އަހަރެންގެ ފުރަތަމަ ކައިވެނި. އިތުރު މައުލޫމާތު ބޭނުންނަމަ ޝާނީގެ މަންމަގެ ފަރާތުން ލިބޭނެ" ޝެނަލްއަށް އަޑު އިވޭވަރަށް ޒީކް ވާހަކަދެއްކިއެވެ. އެއްފަހަރު ފަހަތަށް އެނބުރި ބަލައިލާފައި ޝެނަލް ހިނގުން ބާރުކޮށްލިއެވެ. ޒީކް ހުއްޓިގެން ހުރިއިރު ޝެނަލްގެ ފަހަތުން ދާން ބޭނުންނުވިއެވެ. އޭނާ ބޭނުންވި ކަންތައް ވެއްޖެއެވެ. ޔަޤީނުންވެސް މިހާރު ޝެނަލްގެ ހިތުގައި ވާނީ އެތައް ސުވާލެއް އުފެދިފައެވެ. އޭނާ އެސުވަލުތަކުގެ ޖަވާބު ހޯދާނެކަން ޒީކަށް ޔަޤީނެވެ.

"އަހަރެންގެ ކައިވެނި ކުރެވުުގެ ކުރިން ޝާނީ އަހަރެންނާ ބައްދަލުކުރަން ބޭނުންވާނެ. ޔަޤީން" ޒީކް ހިތާހިތުން ކިޔައިލިއެވެ.

***

އުނޭޝް އެތައް ވަރަކަށް ކިޔުމުންވެސް ބޭރަށް ނިކުމެ ހިނގާލަން ތަމަންނީ އެއްބަހެއް ނުވިއެވެ. އޭނާ ކުރާހިތްނުވާ ކަމަށް ބުނެ އިންކާރު ކުރަމުން ދިޔައެވެ.

"މާބަނޑު މީހުންނަކީ ވަރަށް މޫޑީ ވާ ބައެއް. ކުރާހިތްވާ ކަންތައްތަކާ ކުރާހިތްނުވާ ކަންތައްތައްވެސް ހުންނާނެ" ތަމަންނީ ބުނެލިއެވެ. އިތުރު ސުވާލެއް އުނޭޝް ނުކުރިއެވެ. ތަމަންނީއަށް މަޖުބޫރު ކޮށްގެން ތަމަންނީގެ ނަފްސަށް ތަކުލީފު ލިބޭ ކަމެއް ކުރަން އޭނާ ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވަނީ ތަމަންނީގެ ހިތްހަމަޖެހުމެވެ.

"މިހާރު އުފާވޭތަ؟" ތަމަންނީ ކުރެން އުނޭޝް އެހިއެވެ.

"ވަރަށް. މަންމަވެސް ވަރަށް ކެއަރ ކުރޭ. ކުރިން ޔަޝްކޮ ވާހަކަނުދެއްކިޔަސް މިހާރު ބައެއްފަހަރު ކޮޓަރިއަށް އައިސް ވާހަކަދައްކާ ހަދާ. ކުރިން ދުވަހަކު އަހަރެންގެ ފޯނުވެސް ބޭނުންކޮށްފި އޭނަ ފޯނު ސްޓަކްވާތީ" ތަމަންނީ ބުނެލިއެވެ.

"އަހަރެން ބުނީމެއްނު ވަގުތާއެކު ހާލަތުވެސް ބަދަލުވާނޭ" ތަމަންނީގެ ބޮލުގައި ފިރުމައިލަމުން އުނޭޝް ބުނެލިއެވެ.

"އަދި އަހަރެން ބުނެފާނަން މަންމަ ވަރަށް ހިތްހެޔޮވާނެ ގޮތެއް" އުނޭޝް ބުނެލިއެވެ. ތަމަންނީ އުނޭޝްގެ މޫނަށް ބަލައިލިއެވެ.

"މިގޭތެރޭގަ ހޫރު އުޅޭ ގަޑީގަ ތަމަން ނިކަން އެމަންޖެ އުރާލާ ސަމާސާކޮށް ހަދާބަލަ" އުނޭޝް ބުނެލިއެވެ. ތަމަންނީގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެއީ އޭނަ ކުރާހިތްވާ ކަމެއް ނޫނޭ ބުނާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ހީލުމަކުން ނިންމައިލިއެވެ.

***

ބަދިގެ ތެރޭގައި މަސައްކަތެއްގައި ހުރި ސަބްރީން ބަލައިލީ ފުރިޖު ކައިރީގައި އައިސް ހުއްޓުނު ޝެނަލް ފެނިފައެވެ. ފިނިފެން ފުޅިއަކާއި ބިއްލޫރި ތައްޓެއް ހިފައިގެން ގޮސް ޝެނަލް އިށީނީ މޭޒު ކައިރީގައެވެ. އުނދުން ކައިރީގައި ހުރި ސަބްރީނަށް ބަލަމުން އޭނާ ދިޔައިރު ހިތުގައި އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އަދިވެސް އޭނާގެ އަތުގައި ޒީކްގެ ކައިވެނީގެ ދައުވަތު ކާޑު އެބައޮތެވެ.

"ބައްޕަ ހަމަ ހަނދާންނައްތާލާފަ ތަޅުދަނޑި ބާއްވާފައޭ ދޯ ދިޔައީ. ޝާނީ އެ ދިނީމަ އެއްޗެއް ބުނިތަ؟ ފާޑަކަށް ހެވިފަ ދޯ އިނީ" ސަބްރީން ވާހަކަދެއްކިއެވެ.

"ދެންމެ މަގުމަތިން ޒީކް އާ ދިމާވެއްޖެ" ޝެނަލް ބުނެލިއެވެ. ސަބްރީނަށް އަތުގައި އޮތް ރޮށިދަމާ ދަނޑިގަނޑު ދޫވެގެންދިޔަ ގޮތެއްވެސް ނޭނގުނެވެ.

"އާހް..." ދަނޑިގަނޑުން ފައިމަތީގައި ނުޖެހުނަސް އޭނާއަށް ޝޮކެއް ލިބުނުކަން ޝެނަލްއަށް އެނގުނަ ނުދިނުމަށްޓަކައި ޑްރާމާއެއް ކުޅެލިއެވެ.

"ކީއްތިކުރީ މަންމާ... ވަރަށް ތަދުވިތަ" ޝެނަލް ފުންމައިގެން ގޮސް ހުއްޓުނީ ސަބްރީން ކައިރީގައެވެ.

"ނަސީބަކުން މާބޮޑު ތަދެއްނުވޭ. ކީކޭތަ ދަރިފުޅު ބުނީ" ސަބްރީން ބުނެލިއެވެ.

"ޒީކް ފެނިއްޖޭ ބުނީ" ޝެނަލް ބުނެލިއެވެ.

"އެ ގޯތި މައިނާގެ މަންމަ ބުނި ޒީކް މާލޭގައޭ ވީ" ސަބްރީން ބުނެލިއެވެ. އޭނާ އެހިސާބަށް ޝެނަލް ފޮނުވީވެސް ޒީކް ރަށުގައި ނެތްކަމަށް ނިންމާފައެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ.

"ޒީކް އެއްޗެއް ބުނިތަ؟ އެކަހަލަ މީހުންނާ ގުޅުން ބަދަހިކުރާނެ ކަމެއް ނެތޭ" ސަބްރީން ބުނެލިއެވެ. ހަލުވިކަމާއެކު ރޮށި ދަމަމުން ދިޔައިރު އެންމެ ފަހަރަކުވެސް ޝެނަލްގެ މޫނަށް ބަލައިނުލައެވެ. ނަމަވެސް ޝެނަލް ކޮށްފާނެ ސުވާލެއް ނޭނގޭތީ ހިތުތެރޭގައި ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ.

"މަންމަ އެއްވެސް ކަމެއް ސިއްރުކުރަންތަ އެބަ" ޝެނަލް އެހިއެވެ. ސަބްރީންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެސުވާލު ޝެނަލް ކުރަންޖެހުނު ސަބަބާއިމެދު ވިސްނަން ފެށިއެވެ.

"އޭނަ އެއްޗެއް ކިއީތަ؟" ސަބްރީން އެހިއެވެ.

"ޒީކް މެރީކުރަން އުޅެނީ. މިއޮތީ ކާޑު. ޒީކް ބުނި ޕާޓީއަށް މަންމަ ގޮވައިގެން އަންނާށޭ.. މަންމަ ކިއްވެތަ ބުނީ ޒީކް އަދްޔަންއާ މެރީކޮޮށްފިއޭ. އިއްޔެގަ އަދްޔަންވެސް މަގުމަތިން ދެކުނިން. އޭނާގެ ސައިކަލް ފަހަތުގައި އިނީ ޒީކްއެއް ނޫން. އެކޮޅު ތަންގަނޑުގަ އުޅޭ ކުއްޖެއް" ޝެނަލް ވާހަކަދެއްކިއެވެ. ސަބްރީން ނިތްމަތިން ދާތިކިތައް ފާޅުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ހިތްތެޅެން ފެށިއިރު ދަރިފުޅުގެ ކުރިމަތީގައި އެހާ އަވަހަށް ބޭޒާރުވާން އޭނާ ބޭނުމެއްނުވިއެވެ.

"ޝާނީ އިތުބާރު ތިކުރަނީ އެ ޒީކަށްތަ؟ ތިބުނަނީ މަންމަ ދޮގުހެދީއޭތަ؟ ޝާނީ މަންމައަށް ޝައްކުކުރަނީތަ؟" ސަބްރީން ވާހަކަދެއްކިއެވެ.

"ތިހެނެއް ނުބުނަމެއްނު. މަންމައަށްވެސް އޮޅުމެއް އަރާފައި އޮވެދާނެއްނު" ޝެނަލް ބުނެލިއެވެ.

"ތިހެންވިއްޔާ ކީއްވެ ޒީކް ދަރިފުޅު ހުރިހާ އެކައުންޓަކުން ބްލޮކްކޮށްފަ އަމިއްލައަށް ފިލައިގެން އުޅުނީ... އެހިންތަ އެހެން... އެހިނަމަ ގައިމުން އޭނަގެ އަނގަ ބަންދުވީހެއްނު" ސަބްރީން ވާހަކަދެއްކިއެވެ.

"އެކަމަކު މިހާރު އެއުޅެނީ މިރަށު ހޮސްޕިޓަލް ޑޮކްޓަރާ މެރީކުރަން. އަދްޔަންއާއި ދެމީހުން ޑިވޯސްވީ ކަންނޭނގެ ދޯ. އެހެންވެ ކަންނޭނގެ ދޯ އަދްޔަން އެހެން ކުއްޖަކު ގޮވައިގެން އެއުޅެނީ" ޝެނަލް އޭނާއަށް ހީވާ ގޮތްގޮތަށް ވާހަކަދައްކަމުން ދިޔައެވެ.

"ނޭނގެ މަންމަޔަކަށް. މަންމައަށް މާ މުހިންމު ބައެއް ނޫން ތީކީ. އެހެންނޫނަސް މިހާރު ޝާނީ ނުޖެހޭނެ ތިއެންމެންނާ މެދު ވިސްނާ ފިކުރުކުރާކަށް. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝާނީގެ ކައިވެނިވެސް ކުރެވޭނެ. ބޭކާރު މީހުންގެ ޚިޔާލުތައް ތި ހިތާއި ސިކުނޑިން ފޮހެލާ" ސަބްރީން ވާހަކަދެއްކިއެވެ. އިތުރަށް ޝެނަލް ވާހަކައެއް ނުދައްކައެވެ.

***

ދުވަސްތަކަށްފަހު ގުމްރޫހް ޙާއިޝާ ކައިރިއަށް ޒިޔާރަތެއް ކުރިއެވެ. އަދްޔަން ކޮޓަރި ދޮރުމަތިން ހުރަސްކުރި ވަގުތު އެތެރޭގައި އިސްތިރި ކުރަންހުރި ޙާއިޝާ ފެނި އެދިމާލަށް ދިޔައެވެ. އިތުރު މީހަކު ގޭތެރެއިން ފެންނާކަށް ނެތެވެ. ޙައިޝާއަށް ގުމްރޫހް ފެނުނީ ދާދި ކައިރިއަށް ދިޔަ ފަހުންނެވެ.

"އަނހަ ދަރިފުޅުތަ...؟ ޙާއިޝާއްތަ ހީކުރީ މިގެއިން ގޮމަ ފެންނާނީ ކައިވެންޏަށް ފަހު ކަމަށް" ޙާއިޝާ ބުނެލިއެވެ.

"ނޫނޭ..." ގުމްރޫހް ބުނެލިއެވެ.

"ހާދަ ބިޒީކޮށްލައިގެން. ކޮބާ ޔަޝްކޮ" ގުމްރޫހް އެހިއެވެ.

"މާލިކްމެން ގޭގައި ވީ. މިއުޅެނީ އަދޫ ދެތިން ދުވަހަށް ފުރަން އުޅޭތީ އެއްޗެހި ޕެކްކޮށްލަން ކަމަށް. ގޮމަ އާދެބަލަ މިކަން ކޮށްލަން. ޙައިޝާއްތަ މިއުޅެނީ އުނދުން މައްޗަށް އެއްޗެއް އުދައިގެން" ޙާއިޝާ ބުނެލިއެވެ. ގުމްރޫހް ކައިރިވެލިއެވެ.

"އެހެންނޫނަސް މިކަންކަމަކީ ކުޑަދުވަސްކޮޅަކުން ގޮމަ ކުރަންޖެހޭ ކަންކަމެއްނު" ހީލަމުން ޙާއިޝާ ހިނގައިގަތެވެ.

ކޮޓަރި ދޮރުހުޅުވާލައިފައި ހުރުމުން އަދްޔަން އެތެރެއަށް ވަންކަމެއް ގުމްރޫހަށް ނޭނގެއެވެ. ކޮޓަރީ ދޮރަށް ފުރަގަހަށް ހުރެ އިސްތިރި ކުރަމުންދިޔަ އަންހެންކުއްޖާއަކީ ކާކުކަން އިނގުނު ހިނދު އަދްޔަންގެ ތުންފަތް މައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ސިއްރު ސިއްރުން ގޮސް ގުމްރޫހް ފަހަތުން ހުއްޓުނެވެ. ފުރަގަހުން ގުމްރޫހްގެ ހަށިގަނޑުގައި ބައްދާލައި ކަނދުރާގައި ތުންފަތް ޖައްސައިލުމާއެކު ގުމްރޫހް ތެޅިގަތެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔުމާއެކު އެއީ އަދްޔަންކަން ދެވަނަ ވިސްނުމަކަށް ނުގޮސް އޭނާއަށް ޔަގީންވެއްޖެއެވެ.

"ކިހިނެއްވީ...؟ ކާކުކަމަށް ހީކޮށްގެން އިސްތިރި ޖައްސަން އުޅުނީ" އަދްޔަން ބުނެލިއެވެ. މިހާރު ގުމްރޫހް ހުރީ އަޔަންބޯޑުގެ އަނެއް ފަރާތުގައެވެ.

"އިނގޭ އަދޫ ކަން. ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެއްނު" ގުމްރޫހް ބުނެލިއެވެ.

"އަހަރެންނަކަށް ނޭނގެ. ގޮމަ ފެނުނީމަ އަބަދުވެސް އެކަހަލަ ސަމާސާއެއް ކޮށްލާހިއްވަނީ. ސޮރީ" އަދްޔަން ބުނެލިއެވެ. ގުމްރޫހް ތުންފަތުގައި ދަތްއަޅައިލިއެވެ.

"އެވަރުކަމެއް ނޫން. އަހަރެން... އަހަރެން ކައިރީގައި ފުރަންއުޅޭ ވާހަކަ ނުވެސް ބުނަމެއްނު" ގުމްރޫހް ބުނެލިއެވެ.

"ގޮމައަށް ހީވޭތަ ގޮމަ ކައިރީގައި ނުބުނެ އަހަރެން ރަށުން ފުރައިގެންދާނެހެން. އަހަރެން ދަބަސް ހިފައިގެން ދަމުން ތިގެއަށް ވަދެފައި ދާން.... ވަރަށް ވަރަށް މިސްވާނެ އިނގޭ" ގުމްރޫހާއި ކައިރިއަށް ޖެހިލަމުން އަދްޔަން ބުނެލިއެވެ.

"ޙާއިޝާއްތަ އަތުވެދާނެ" ގުމްރޫހް ބުނެލިއެވެ. އަދްޔަން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

"ދިޔުމުގެ ކުރިން އެންމެފަހަރަކު ބުނެލަބަލަ..." އަދްޔަން ބުނެލިއެވެ.

"ކޯޗެއް"

"ތި ދުލުން އަހަރެންދެކެ ވަރަށް ލޯބިވެޔޭ"

"އަދޫއަށް ނޭނގޭތަ އަދިވެސް"

"އިނގޭ... އަހަރެންނަށް ހީވަނީ އަހަރެންނަށް ގޮމައާ ވަރަށް ގަޔާވެވިއްޖެހެން. އަހަރެން ވަރަށް ލޯބި......"

"އަނހަ އަދޫ އެބައުޅެންދޯ..." ދޮރުން ވަން ޙާއިޝާއަށް ބަލައިލެވުނީ އަދްޔަންއާއި ގުމްރޫހް އެކީގައެވެ. ދެކުދިން އެކަކު އަނެކަކަށް މާނަފުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

***

ބޭރު ޖޯލީގައި އިން ޙުޝާމް ފެނުމުން ގޭތެރޭގައި ހުރި ޝެނަލް ބޭރަށް ނިކުތެވެ. އިޝާނަމާދު ކޮށްގެން މިސްކިތުން ފޭބިތަނާ ޝެނަލް ގުޅުމުން އޭނާ އެއައީ ޝެނަލްއާ ބައްދަލުކުރާށެވެ.

"އަދި ނުވެސް ކައި ދޯ ތީނީ. ހިނގާ ކާން" ޝެނަލް ބުނެލިއެވެ.

"ނޫނޭ. ރަނގަޅުވާނެ. ތަންކޮޅެއް ފަހުން ކާނީ" ޙުޝާމް ބުނެލިއެވެ.

"ވަރަށް ހީވޭ ބޮޑު ވާހަކައެއް ބުނަން އުޅޭހެން" ޙުޝާމް ބުނެލިއެވެ.

"އާނ... އެކަމަކު..." ޝެނަލް ފަހަތަށް އެނބުރި ބަލައިލިއެވެ. ގޭތެރެއިން ސަބްރީން ފެންނަން ނެތްކަން ޔަގީންވުމުން ޙުޝާމްއާ ޖެހިގެން އިށީނެވެ.

"ހާދަ ބިރުން. އަނެއްކާ ކޮންކަހަލަ ވާހަކައެއް ބުނަން އުޅުނީ؟" ޙުޝާމް އެހިއެވެ.

"މިތަން އެހާ ރަނގަޅެއްނޫން. ހިނގާ ބޭރަށް" ޝެނަލް އެދުނެވެ.

***

އަރައިގެން އައި އިރާއެކު ގޭތެރޭގައި ހީވީ ބޮމެއް ގޮށްވާލައިގެން އުޅޭ ހެންނެވެ. ޒަހުރިއްޔާގެ ކޮޓަރިން ނިކުތް ސޮފާގެ މޫނުމަތިން އަލިފާން ކަނި ބުރާކަހަލައެވެ. ގޭތެރޭގެ ހުރިހާ ދިމާލަކަށް އަވަސް ނަޒަރެއް ހިންގައިލިއިރު ހިތުތެރޭގައި އެތައް ސުވާލެއް އުފެދިގެން ހިނގައްޖެއެވެ. ބަދިގެއިން ނިކުމެގެން އައި އައިރިސް ގޮވާލައިފައި ކުރިމަތީގައި ހުއްޓިއްޖެއެވެ. ސޮފާގެ މޫނުމަތި ފެނުމާއެކު އައިރިސްއަށް ހުރިހާ އެއްޗެއް އެނގިއްޖެއެވެ.

"އިތުރު މީހެއްގެ އެހީއަކާއި ނުލާ އެއްތަނުން އަނެއް ތަނަށް ދެވޭ މީހެއްނޫން އެއީ. ކޮބާ ޒަހުރިއްޔާ؟؟" ހަރުކަށިކަމާއެކު ސޮފާ ސުވާލުކުރިއެވެ. ބިރުން ތުރުތުރު އަޅާ ހާލުގައި ހުރި އައިރިސްއަށް ހިންދިރުވާލެވުނެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. މަންމައަށް ދޭންޖެހޭ ޖަވާބެއްގެ ގޮތުން އަތާއިފަޔަށް އައްސި އަރައިގެން ދިޔައެވެ.

"އައިރިސް އާއޭ މިވާހަކަ ދައްކަނީ؟؟" ސޮފާ ބުނެލިއެވެ.

"ޒަހުއްތަ ގެންގޮށްސި" ޖެހިލުންވެފައި ހުރި އައިރިސް ބުނެލިއެވެ.

"ގެންގޮށްސިއޭ... ކާކު...؟" ސޮފާ އެހިއެވެ.

"ވަޙީދުބެ" އައިރިސް ބުނެލިއެެވެ. ސޮފާގެ ދެލޯ ނިތަށް އަރައިގެން ދިޔުމާއެކު އެތެރެހަށީގައި ހައިޖާނުގަނޑެއް އުފެދިގެން ހިނގައްޖެއެވެ. އެތެރެހަށީގެ ލޭތައް ކެކިގަނެގެން ދިޔައެވެ. އޭނާއަށް ނޭނގޭ ކަންތައްގަނޑެއް އެގޭތެރޭގައި ހިނގަމުންދާކަން ޔަޤީންވެއްޖެއެވެ. ދެކެމުން އައި އުންމީދުގެ ހުޅުކޮޅު މުޅިން ނިވިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވިއްޖެއެވެ. ލިބުނު ބޮޑު ކެހީގެ ސަބަބުން ދެލޯމައްޗަށް ފުސްވެގެން ދިޔަހެން ހީވެ ކޮޅަށް ހުންނަންވެސް ދަތިވެއްޖެއެވެ. ހީވެސް ނުކުރާކަހަލަ ގޮތަކަށް ބާޒީ އޭނާގެ އަތުން ދޫވެގެން ދިޔައީއެެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟