''ޔަޤީން މީ ލައިލާގެ ކަންތައްކަން!، ކަރީމްގެ ނިންމުން މިހާ ފީކަޅާ ނުވާނެ... އަހަރެން ނެތްކަމުގެ ފައިދާ ރަނގަޅަށް ވެސް ނަގާފަ މިއޮތީ... ކީކޭ ބުނާނީ ވެސް، މުޅި މާލެއަށް އަހަރުމެން ބަދުނާމުކޮށްލުންތަ އެއަންހެނާގެ ބޭނުމަކީ، ހުރި ހަމައެކަނި ދަރިފުޅުގެ ގޯސް ނިންމުންތަކަށް ހިތްވަރުދެނީ ކީއްވެގެންތަ؟، މިޚަބަރު މީހުންގެ ކަންފަތާ ހަމައަށް ފޯރައިފިނަމަ ވާނީ ކިހިނެއްތަ!... ނޫން!، ނޫން!، ހަމަހިލާ އެހެންވުމުގެ ފުރުސަތެއް އަހަރެން ނުދޭނަން، އީވާ!، ކިޔަވަން ބޭރަށް ފޮނުވީމަ ކޮން ފަދަ ލަދުވެތި ކަމެއްތަ އާއިލާގެ ބޮލުގައި ތިއެޅުވީ، މިނިވަންކަން ދިނުމުގެ ހިތި ނަތީޖާ މިފެންނަނީ!، ދިން ތަރުބިއްޔަތު ވެސް ހަނދާން ނައްތާލީތަ؟... ކޮންކަހަލަ މުސީބާތެއްތަ މި ކުރިމަތިވަނީ؟...''
ރުޅިގަދަވެގެން ގޮސް ހާޖަރާ ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ލައިލާއާއި ކަރީމް ކައިވެނިކުރަން އުޅުނު އަނދިރި ދުވަސްތަކެވެ. މީހުންގެ ދޫތަކުން އޭނައަށް އަމާޒުވި މަލާމާތުގެ ބަސްތައް އަދިވެސް އެކަންފަތަށް އަޑު އިވޭކަހަލައެވެ. މުޅި ހަޔާތުގައި ވެސް އެފަދަ ބޮޑު ލަދަކާއި ކުރިމަތިލާން ޖެހިފައި ނުވެއެވެ. ފިރިމީހާގެ ނުފޫޒު އޭނަގެ މައްޗަށް ނުފޯރިނަމަ ހަށިފޮޅާލައިގެން ވިޔަސް ލައިލާގެ މުސީބާތުން އޭނަގެ އާއިލާއާއި ދަރިފުޅު ސަލާމަތްކުރީހެވެ. ނަމަވެސް ފިރިމީހާއަށް ކުރާ ޤަދަރާއި އިހުތިރާމުގެ ސަބަބުން މަޖުބޫރުވީ އެކައިވެންޏަށް ޤަބޫލުވާށެވެ. ހިތާއި ދެކޮޅަށެވެ. އަދިވެސް އެހިތުގައި ލައިލާއާ މެދު ނަފުރަތު ވެއެވެ. އޭނަ ކުރިމަތިލާން ޖެހުނު ލަދުވެތި ދުވަސްތައް ދުވަހަކު ހަނދާނުން ފިލައިގެން ނުދާނެއެވެ. ލައިލާގެ ސަބަބުން އޭނަގެ ޝާހީ އާއިލާގައި ޖެހުނު ލައްގަނޑުވެސް ދުވަހަކު ފިލައިގެން ނުދާނެއެވެ.
''އަނެއްކާ އެދުވަސް ތަކުރާރުވާންބާ މިއުޅޭނީ؟... ލާހިކެއް ނޫން އެފަދައިން ކަންތައް ވާން... އީވާ ކައިވެނި ކުރާނީ ޖާދިންއާ... އިތުރު ގޮތަކަށް މިކަންތައް ނިމިގެން ދިޔުމުގެ ފުރުސަތެއް އަހަރެން ނުދޭނަން!...'' ފުރަން އެއާޕޯޓަށް ގޮސްފައި ވެސް ހާޖަރާ ވިސްނަމުން ދިޔައީ ކުރިމަތިލާން ޖެހިފައި އޮތް މުސީބާތުން ސަލާމަތުގެ އައްސޭރިޔަކަށް ދެވޭނެ ގޮތަކާ މެދުގައެވެ. އީވާއާ މެދު އޭނަގެ ހިތުގައި ރުޅިވެރިކަން އުފެދިފައި ވިއެވެ. އީވާއަށް އޭނަ ކުރި އިތުބާރު ނަގައިލުމުން އެކަމުގެ ހިތްހަމަނުޖެހުން ވެސް ހިތުގައި ވިއެވެ.
*****
ކުއްލި ގޮތަކަށް ހާޖަރާ ރާއްޖެ އައުމުން ކަރީމްއަށް ހައިރާންކަމާއި ސިހުން ލިބުނެވެ. ހެނދުނާ އޮފީހަށް ދާން އުޅުނު ކަރީމްއަށް، މައިދޮރާށިން ވަދެގެން އައި އޭނަގެ މަންމަ ފެނުމުން ހުއްޓުންއަރާފައި ބަލަން ހުރެވުނެވެ. އޭރު ރުޅިވެރިކަމާއެކު ކަރީމްއަށް ބަލަން ހާޖަރާ ހުއްޓެވެ. ދަތުރުމަތީގެ ވަރުބަލިކަމެއް ވެސް އޭނަގެ މޫނުމަތިން ފާޅެއް ނުވެއެވެ. ބުމަ ގޮށްޖެހިފައިވިއިރު މޫނުމަތި ފެންނަނީ ވަރަށް ބަނަކޮށެވެ.
''ކޮޓަރިއަށް ގެން ގޮސްލާ!...'' ހާޖަރާގެ ފޮށިތަންމަތި ހިފައިގެން އައިސް ސާހިބާއޭ ކިޔާ ގޮވާލި ދޮރުފާރަވެރިޔާއާ ދިމާއަށް ރުޅިވެރިކަމާއެކު ހާޖަރާ އަމުރުކޮށްލިއެވެ. ހާޖަރާއަށް އަދަބުއިހުތިރާމް އަދާކޮށްލަމުން ދޮރުފާރަވެރިޔާ އަވަސްއަވަހަށް ހާޖަރާގެ އަމުރަށް ކިޔަމަންވިއެވެ. އޭރު އެމީހާ ވެސް ބިރުން ގޮސް ތުރުތުރު އަޅައެވެ.
''މަންމާ، ކޮންއިރަކުތަ އައީ؟... އަހަންނަށް ގުޅާލި ނަމައެއްނު، އޭރުން މަންމަ ބަލާ އެއާޕޯޓަށް ދެވުނީހެއްނު...'' ހިނިތުންވުމަކާއެކު ކަރީމް ބުންޏެވެ.
''ކަރީމް ކުރާ ކަންތައްތައް އަހަންނަށް އަންގަންތަ؟...'' ހަރުކަށިކަމާއެކު ހާޖަރާ ބުންޏެވެ. ހިނދަށްހިނދަކަށް ރުޅީގެ ހޫނުކަން ސިކުނޑިއަށް ސަވާރުވަމުން ދިޔައެވެ.
މަންމަގެ ރުޅިވެރިކަން ފެނި އެކަމުގެ ފަހަތުގައި އޮތް ސަބަބު ކަރީމްއަށް ވިސްނައިގަނެވުނެވެ. އެހާ އަވަހަށް މަންމަގެ ކަންފަތާ ހަމައަށް އެޚަބަރު ދިޔުމުން ޚަބަރު ފަތުރާ މީހުންގެ ކުޅަދާނަކަމާއޭ އޭނަގެ ހިތަށް އެރިއެވެ.
''މަންމާ...'' ކަރީމްއަށް ގޮވައިލެވުނެވެ.
''މަށަށް ގޮވާނެ ކަމެއް ނެތް، ކިހިނެއް ހަދަންތަ ކަރީމް ތިއުޅެނީ؟، އޭނަ!... ކޮބާތަ އީވާ!...'' ރުންކުރު ރާގަކަށް ހާޖަރާ ބުނެލިއެވެ. ކަރީމްއަށް ބަލައިލުމެއް ނެތި އޭނަ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ކަރީމްއާ ވާހަކަދައްކަން ވެސް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ އީވާއާ ކުރިމަތިލާށެވެ.
''މަންމާ...'' ހާޖަރާގެ ފަހަތުން ކަރީމް ވެސް ދިޔައެވެ. މަންމަ ކަންތައް ކޮށްފާނެ ގޮތަކާމެދު ކަންބޮޑުވެފައި ހުރެއެވެ. މަންމަގެ ރުޅިވެރިކަން ފެނި ހިތަށް ނުތަނަވަސްކަން ވެރިވީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ.
ކާކޮޓަރީގައި އުޅުނު ލައިލާ ވެސް އޭރު އަޑުގަދަވެގެން ނިކުމެއްޖެއެވެ. ރުޅިން ގޮސް ރަތްވެފައި ހުރި ހާޖަރާގެ މޫނު ފެނި ލައިލާގެ ފިޔަވަޅުތައް ގަނޑުވެއްޖެއެވެ. ހާޖަރާގެ ކަންފަތާހަމައަށް ޚަބަރުދަބަރު ގޮސްފިކަން އޭނައަށް ނަގައިގަނެވުނެވެ. އެއާއެކު ހިތަށް ފޭދިގެން ދިޔައީ ބިރުވެރިކަމެވެ. ބޮޑު ތޫފާނެއް އަންނަން އުޅޭކަމުގެ އިންޒާރުގެ ރަނގަބީލު އިވެން ފެށިއެވެ.
''އީވާ...'' ލައިލާއަށް މަޑުމަޑުން ބުނެވުނެވެ. ދަރިފުޅާއި މެދު ލައިލާގެ ހިތުގައި ނުތަނަވަސްކަން އުފެދިގެން ދިޔައެވެ. އެއާއެކު ހިތުގެ ތެޅުން ވެސް އަވަސްވާން ފެށިއެވެ. ނިތްކުރިން ފިނި ދަލެއް ހިއްލައިލިއެވެ. އަވަސްވެގެން އައި ނޭވާތަކާއެކު ކަރީމްގެ ފަހަތުން އޭނައަށް ހިނގައިގަނެވިއްޖެއެވެ.
ހެނދުނުހެނދުނާ ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނިކުތް އީވާއަށް ފިޔަވަޅުތައް މަޑު ޖައްސާލެވުނީ ސަރަންކާލިން ހިނގަމުން އައީ މާމަ ފެނިފައެވެ. މާމަގެ ހަލުވި ފިޔަވަޅުތަކާއި އެމޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ އަސަރުތަކުން އީވާގެ ހިތް ބިރުން ގޮސް ރޫރޫއަޅައިފިއެވެ. ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފަހައްޓާލައިގެން ހުރި ގޮތަށް ގަނޑުވެފައި ހުރެވުނެވެ. ހަމަހޭވެރިކަން ވީ މާމާގެ ހޫނު އަތްތިލަ ކޯތާފަތަށް އަރައިގެން ދިއުމުންނެވެ. އެބާރު އެތިފަހަރުގެ ސަބަބުން އީވާއަށް ހީވީ މޫނުމަތިން ތަރިތައް ބުރައިގެން ދިޔަހެންނެވެ. ކަންފަތް ވެސް ބައްވެގެން ދިޔައެވެ. މޫނުން ނަގަން ފެށި ހޫނު ދިލައާއެކު ކޯތާފަތުގައި އަތްތިލަ ޖައްސާލެވުނެވެ. ހަމަހޭވެރިކަން ވިއިރު އެދެލޮލުން ކަރުނަ ނީރާލައިފިއެވެ.
''މަންމާ...'' ދުރުގައި ހުރި ކަރީމްއަށް ބާރަށް ގޮވާލެވުނެވެ. އެއަޑަށް ފަސްއެނބުރި ހާޖަރާ ބަލައިލިއެވެ.
''ދަރިން ކުރާ ގޯސްކަންތައް ހުއްޓުވަން ތިބެނީ މައިންބަފައިން، އެގޯސްކަންތަކަށް ހިތްވަރު ދޭކަށެއް ނޫން!....'' ހާޖަރާ ހަޅޭއްލަވައިގަތެވެ.
އަވަސް ފިޔަވަޅުތަކެއްގައި އީވާގެ ގާތަށް އައިސް ކަރީމް ހުއްޓުނެވެ. ދުރުގައި މަންޒަރު ބަލަން ލައިލާ ހުއްޓެވެ. އެހައިޖާންގަނޑާ ކައިރިވާން ނުކެރިފައެވެ. ހާޖަރާގެ ދެލޮލުން ބުރަމުން ދިޔަ ނަފުރަތުގެ އަލިފާންކަނިތަކުން ލައިލާގެ ނަފުސު އަނދާއަޅިއަށް ހަދާލިއެވެ. ހިތްވަރުއެލި މީހާ އިސްޖެހުނެވެ. އެހިތުގައި ބިރު އޮތް ދުވަސް މިވަނީ ކުރިމަތިލައިފިއެވެ. ލައިލާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
''ކިޔަވަން ފޮނުވީމަ ކަންތައް ކުރަން އެނގުނީ މިހެންތަ؟... މާމަ އީވާއަށް ހާދަ އިތުބާރެއް ކުރީމޭ...'' އީވާއަށް ބަލައިލަމުން ހާޖަރާ ބުނެލިއެވެ. ރުޅިން ގޮސް ހާޖަރާގެ އަޑު ތުރުތުރުއަޅައެވެ. ދެވަނަ ފަހަރަށް ވެސް އީވާގެ ގައިގައި ޖަހަން ހާޖަރާ އަތް އުފުއްލާލިއެވެ. ނަމަވެސް އީވާގެ ލޮލުން ފޭދެމުން ދިޔަ ކަރުނަތަކުން އޭނަގެ ހަރު ހިތަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެވެ. އޭނައަށް އަތް ތިރިކޮށްލެވުނެވެ.
''މާމާ، އަޅުގަނޑަށް މަޢާފް....'' އީވާ ބުނަން އުޅުނެވެ. އޭނަގެ އަޑު ދިޔައީ ކުރެހިގެންނެވެ.
''ކޮން މަޢާފެކޭ ކިޔާކަށްތަ!... ހަމަ މިހާރުން މިހާރަށް ތިކަން ހުއްޓާލާ، މީ މާމަ ދޭ ނަސޭހަތެއް ކަމުގައި ބަލާ، ދަރިފުޅާއި އެކަށީގެންވަނީ ހަމައެކަނި ޖާދިން، ނިކަމެތި އާއިލާއަކުން އައިސްފައި ހުރި ފަޤީރު މީހަކާއެއް ނޫން ރައްޓެހިވާންވީކީ... އީވާ ގެންގުޅުމުގެ ހައިސިއްޔަތު ތިމީހެއްގެ ކިބައިގައި އެބަހުރިތަ؟... ބަލަ ތިހެން ނުހުރެ ޖަވާބު ދީބަލަ، މިފަދަ މުއްސަނދިކަމެއްގައި އީވާ ގެންގުޅުމުގެ ޤާބިލުކަން އެމީހަކަށް ލިބިފައި ވޭތަ!...'' އީވާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ހާޖަރާ ބުނެލިއެވެ.
''މުއްސަނދިކަމަކީ މުހިންމު އެއްޗެއް ނޫން!، ބޭނުންވަނީ ރަނގަޅު ހަރުދަނާ ބައިވެރިޔަކު، ލޯތްބާއި އޯގާތެރިކަމާއެކު ގެންގުޅޭވޭނެ މީހަކު...'' ކަރީމް މަސައްކަތްކުރީ އޭނަގެ މަންމައަށް ވިސްނައިދޭށެވެ. ނަމަވެސް އެއީ އަނދައަނދާ ހުރި އަލިފާން ގަނޑަކަށް ޕެޓްރޯލް އެޅުން ކަހަލަ ކަމަކަށް ވިއެވެ.
''ކަރީމްގެ ވިސްނުން ތިހުރީ އެހެރަ އަންހެނަކާ ހެދި ފަސާދަވެފަ، އެހެން ނޫންނަމަ ތިހެން ވާހަކަ ނުދެއްކީސް!... ތިކުރާ ކަމަކުން މިއާއިލާ ބަދުނާމުވާނެ ވަރެއް ނޭނގޭތަ!...'' ނުރުހުމާއެކު ކަރީމްއަށް ހާޖަރާ ރައްދުދިނެވެ. އީވާގެ ކޮނޑުން ދޫކޮށްލަމުން ދުރުގައި ހުރި ލައިލާއާ ދިމާއަށް ނަފުރަތުން ފުރިގެންވި ބެލުމެއް ދިނެވެ.
''މަންމާ، ހޮޔެނުވާނެ!، އެއްފަހަރު ވިޔަސް މުއްސަނދިކަމާއި ފަޤީރުކަން އަޅާކިޔުމުގެ ވިސްނުން ދޫކޮށްލަބަލަ.... ފަޤީރުކަމާއި މުއްސަނދިކަމަކީ އިންސާނުން އުފައްދައިގެން އުޅޭ އެއްޗެކޭ... ތިމާއަށްވުރެން އަނެކާގެ މައްޗަށް ބާރުވެރިވާންވާން އަދި ނިކަމެތިކޮށްލަން ވެގެން ގެނެސްގެން އުޅޭ އުސޭލެކޭ... ތިކަހަލަ ތަފާތުކުރުންތައް ގެންގުޅޭކަށް ނުވާނެ، މާދަމާ ނޫންކަމެއް ނޭނގޭ މިމުއްސަނދިކަން ގެއްލި ފަޤީރުކަމާ ކުރިމަތިލާން ޖެހޭނީ.... ﷲ އެކަމަކަށް އިރާދަ ކުރެއްވިހާ އަވަހަކަށް އެދުވަސް ވެސް ދެކެން ޖެހިދާނެ، އެދުވަހަކުން ވާނީ ކިހިނެއްތަ؟... މަންމާ، ތީ ރަނގަޅު ވިސްނުމެއް ނޫނޭ، ތިހެން ވިސްނަން ހެޔޮވެސް ނުވާނެ... އީވާ އެހެރީ ބޮޑުވެފައި، އަމިއްލައަށް ކަންކަން ނިންމޭ ވަރުވެފައި... ގަދަ މަޖުބޫރުން ކުރާ ކަންތަކުން އީވާގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައިދާނެ...... މަންމާ، އާދޭސްކޮށްފަ މިބުނަނީ... އީވާ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރޭ!...''
ކަރީމްގެ ހިތަށް އަސަރުކުރިއެވެ. އަނބިމީހާއާއި ދަރިފުޅު މަންމަގެ ވިހަ ދުލުގެ ތޫނުކަމުން ހިމާޔަތް ހޯދައިދެވޭތޯ އޭނަ ނުހަނު މަސައްކަތްކުރިއެވެ. މަންމަގެ ވިސްނުން ބަދަލުކުރެވޭތޯ ވެސް މެއެވެ. އާދޭސް ވެސް ކުރިއެވެ.
ކަރީމްގެ ވާހަކަތަކުން އިރުކޮޅެއް ވަންދެން ހާޖަރާގެ ދުލުން ބަސްހުއްޓުނެވެ. ދަރިފުޅުގެ މޫނަށް ބަލަން ހުރެވުނެވެ. ބޮޑުވެފައި ހުރި ފިރިހެން ދަރިފުޅުގެ ލޮލުން ކަރުނަ އޮހެރުމުން ދިޔަ މަންޒަރު ފެނި ހާޖަރާ ހުރީ ހުއްޓުން އަރާފައެވެ. ލަގޮނޑިއަށް އަސަރު ނުކުރެޔޭ ބުނެފިނަމަ ވާނީ ކަނޑައެޅިގެން ދޮގަކަށެވެ. ނަމަވެސް މޫނުމަތިން އެކަމުގެ އަސަރުތައް ހާޖަރާ ސިއްރުކިއެވެ. ޖަޒުބާތުގައި ޖެހިގެން ހައްލުކުރެވޭ ވަރަށް ވުރެން ބޮޑު މައްސަލަގަނޑެއް ހިލިފައިވާތީއެވެ. އޭނަގެ އާއިލާގެ ޝަރަފާއި އިއްޒަތަށް އުނިކަމެއް އައިސްފާނެ އިމްތިހާނަކާ އެވަނީ ކުރިމަތިލާން ޖެހިފައެވެ. އެއްފަހަރު ނާކާމިޔާބީއާ ކުރިމަތިލާން އޭނައަށް މަޖުބޫރުވިއެވެ. ނަމަވެސް މިއަދު ވަގުތާއި ހާލަތު ތަފާތެވެ. ކޮންމެ ފަދަ އިމެއް ކަނޑައްތުކުރަން ޖެހުނަސް އޭނަގެ ހިތުގެ މުރާދު ހާސިލު ކުރާނެއެވެ.
ބައްޕަގެ ލޮލުން ފޭބި ކަރުނަތަކުން އީވާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނައަށް އިތުރަށް ރޮވުނެވެ. ހަދާނެ ގޮތް ހުސްވި މީހަކު ފަދައިން އަނގައިގައި އަތްއަޅަމުން އިސްޖަހައިލެވުނެވެ.
''އީވާ ކައިވެނި ކުރާނީ ބޭނުންވާ މީހަކާއި، އީވާގެ މައްޗަށް އެއްވެސް މަޖުބޫރުކަމެއް ނޯންނާނެ... މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން...'' އަތުގެ ނުފުށުން ކަރުނަ ފޮހެލަމުން ކަރީމް ބުންޏެވެ. އަދަބުވެރިކަމާއެކުގައެވެ. މޮޅިވެރިކަމުގެ ދެލޮލުން އޭނަގެ މަންމައަށް ބަލަން ކަރީމް ހުއްޓެވެ.
''މިހާރު މަންމައާއި ޒުވާބުކުރަން ވެސް ފެށީތަ؟...'' އަނެއްކާ ވެސް ހާޖަރާގެ ގާތަށް ރުޅި އަތުވެއްޖެއެވެ.
''މަންމާ، އަހަރެން ދުވަހަކު މަންމައާ ޒުވާބެއް ނުކުރާނަން...'' ކަރީމް ބުންޏެވެ. މާޔޫސްކަން އޭނަގެ އަޑުގައި ވިއެވެ.
''އެހެންތަ؟... އެހެންވިއްޔާމު އަހަރެންގެ ނިންމުމާ އެއްގޮތަށް ކަންތަށް ކުރަން ޖެހޭނީ، އީވާ އިންނާނީ ޖާދިންއާ، މިއީ އަހަރެންގެ ނިންމުން!...'' ހަރުކަށިކަމާއެކު ހާޖަރާ އޭނަގެ ފަހު ބަސް އިއްވާލިއެވެ.
''އަހަންނަށް މަޢާފްކުރޭ، މަންމަގެ ތިނިންމުމަށް އަމަލު ކުރެވޭކަށް ނެތް... އީވާ ކައިވެނި ކުރާނީ އީވާއަށް ކަމުދާ މީހަކާ، އާރަބްގެ ދެމަފިރިން ވެސް ވަނީ އަހަރެންގެ ނިންމުމާ އެއްބަސްވެފައި... ދެން މިނިންމުން ބަދަލެއް ނުކުރެވޭނެ... އަހަންނަށް މަޢާފްކުރޭ މަންމާ... މަންމައަށް ކީއްވެގެންތަ އީވާގެ އުފާވެރިކަން މުހިންމު ނުވަނީ؟... މަޖުބޫރުން ކުރުވާ ކަންތަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ، ހިތްދަތިކަމުގައި އީވާ ދިރުއުޅޭ މަންޒަރު ދެކެން އަހަންނަކަށް ކެތެއް ނުވާނެ...'' ކަރީމް ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ހާޖަރާގެ ފުށުން އެސިފަ ކަރީމްއަށް ވެސް ވާރުތަ ކޮށްފައި ވެއެވެ. ނިންމުމެއް ނިންމައިފިނަމަ އެކަމެއްގެ މަތީގައި ދެމިހުރެއެވެ. ލައިލާއާ ވެސް ކަރީމް ކައިވެނި ކުރީ އެގޮތްދޫނުކުރުމުގައި ހިފަހައްޓައިގެން ހުރެއެވެ. މިހާރު އޭނަގެ ދަރިފުޅުގެ އުފަލަށްޓަކައި ވެސް ފަހަތަށް ޖެހެން އޭނަ ބޭނުމެއް ނުވިއެވެ. މަންމައަށް ވިސްނައިދޭން އޭނަ މަސައްކަތްކުރަމުން ދިޔައެވެ.
ހާޖަރާގެ ބޮލަށް ކުއްލިޔަކަށް އެނބުން އަރައިގެން ދިޔައެވެ. އޭނައަށް ފާރުގައި ހިފަހައްޓާލެވުނެވެ. އެމަންޒަރު ފެނި ބިރުވެރިކަމާއެކު ކަރީމްއަށް ފިޔަވަޅެއް އަޅާލެވުނެވެ.
''ހަބަރުދާރު...'' އޭނަ ގައިގައި ހިފަހައްޓަން އުޅުނު ކަރީމްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ހާޖަރާ އަމުރުކުރިއެވެ. ''އަހަންނަށް ކަމެއް ވިޔަސް ކަރީމްގެ މަދަދުވެރިކަމެއް ބޭނުމެއް ނޫން......''
މަންމަގެ ވާހަކަތަކަށް ކަރީމް ސަމާލުކަމެއް ނުދިނެވެ. މަންމަ ވެއްޓެން އުޅޭހެން ހީވެގެން އަތުލިފައިކޮށްލެވުނެވެ.
ކަރީމްގެ އަތް ފޮޅުވާލަން އުޅުނު ހާޖަރާއަށް ކުއްލިޔަކަށް އެއަތުގައި ބާރަށް ހިފަހައްޓާލެވުނީ ޚަބަރު ހުސްވެދާނެހެން ހީވުމުންނެވެ.
ބައްޕަ އެތެރެއަށް ވަންނަން އީވާއަށް އަވަސްއަވަހަށް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ. އޭރު އެމޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަމުން ދިޔައެވެ. ލޮލަށް ކަރުތައް ބޮނޑިވެފައި ވިއެވެ.
ޑޮކްޓަރެއްގެ ހައިސިއްޔަތުން މާމަގެ ހާލު ބަލައިލަން އީވާ ބޭނުން ވިއެވެ. ނަމަވެސް އެފުރުސަތު އީވާއަށް ހާޖަރާ ނުދިނެވެ. ހަމަހިލާ އޭނަގެ ގައިގައި އީވާއަށް އަތްލުމުގެ ފުރުސަތެއް ވެސް ނުދިނެވެ. ހޮސްޕިޓަލަށް ދާން ވެސް ދެކޮޅު ހެދިއެވެ. އެންމެފަހުން އީވާއަށް ޖެހުނީ އޭނަގެ ރައްޓެއްސަކަށް ގުޅައިގެން އެގެއަށް ގެންނާށެވެ. އެހުރިހާ އިރުވަންދެން އެނދުގައި އޮށޯވެލައިގެން އޮތް ހާޖަރާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އޭރު އޭނަގެ މަގަތުގައި ކަރީމް އިށީންދެލައިގެން އިނެވެ.
ލޮލުގެ އިޝާރާތުން އީވާ ގާތު ކަރީމް އެދުނީ ބޭރުގައި މަޑުކޮށްލުމަށެވެ. ބައްޕަގެ އެދުމުގެ މަތިން އީވާ ކޮޓަރިން ނިކުތެވެ. އޭރު ކޮޓަރީގެ ބޭރުގައި މަންމަ މަޑުކޮށްލައިގެން ހުރި ތަން ފެނި އީވާ ހިނގައިގަތީ މަންމަގެ ގާތަށެވެ. މަންމަގެ ކަންބޮޑުވުންތައް އީވާއަށް ދޭހަކުރެވުނެވެ
.
''މިހާރު ކިހިނެއްތަ؟...'' ހާޖަރާގެ ހާލު އޮޅުންފިލުވަން ލައިލާ ސުވާލުކޮށްލިއެވެ.
''ހޮސްޕިޓަލުގަ އުޅޭ ރައްޓެހި ކުއްޖެއް އެބައާދޭ މާމަގެ ހާލު ބަލައިލަން...'' އީވާ އައިސް އޭނަގެ މަންމަގެ ގައިގައި ބައްދައިލިއެވެ. ''މަންމާ، އަހަރެންގެ ސަބަބުންތަ މިހެން މިވަނީ؟، ބައްޕަދެކެ މާމަ ވަރަށް ބޮޑަށް ރުޅި އައިސްފައި ހުރީ...''
''ދަރިފުޅު ތިހެން ނުވިސްނަބަލަ، ބައްޕައަށް ވަގުތުދީ، މަންމައަށް ޔަޤީން މާމައަށް ވިސްނޭނެކަން..." ޔަޤީންކަމެއް ހިތުގައި ނުވިޔަސް އީވާގެ ހިތުގައި އުއްމީދު އާލާކޮށްލަދޭން ލައިލާ ބުނެލިއެވެ. އަދި އޯގާތެރިކަމާއެކު ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ.
*****
''މަންމާ...'' ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން ކަރީމް ގޮވައިލިއެވެ. އެއަޑަށް ހާޖަރާ އޭނަގެ މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. ނުރުހިފައި އޮތްކަން އަންގާލަންވެގެންނެވެ.
''އީވާއަށް މަޖުބޫރުކުރަންޏާ އަހަރުމެންނާ މެދުގައި އެހިތުގައި ރުޅިވެރިކަން އުފެދިގެން ހިނގައިދާނެ، މިވީހާ ދުވަހު އީވާ މަސައްކަތްކުރީ މަންމަ ހިތްހަމަޖެހޭނެ ފަދައަކުން ދިރިއުޅުން ކުރިއަށް ގެންދަން... އޭނަ ޖާދިން ދެކެ ލޯބި ނުވާއިރުގައި ވެސް އެކައިވެންނަށް އެއްބަސްވީ މަންމަ ދެރަވެދާނެތީ، އެކަމަކު ބޮޑު ކުށެއް ނުކުރެވެނީސް ހިތްވަރުކޮށްފައި އެހިތުގެ ހާލު އެވަނީ އަހަރުމެންނަށް އަންގައިދީފައި... އީވާ ވެސް ބޭނުންވޭ އުފާވެރި ދިރިއުޅުމެއް... އޭނަގެ ދެލޮލުން އެއުއްމީދުތައް ފެނޭ، މަންމަ ރުޅި އައިސްފައި ހުންނަހާ ހިނދަކު އީވްގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ، މަންމާ، އަހަރެން އާދޭސްކުރަން، އެންމެ ފަހަރަކު، ހަމަ އެންމެ ފަހަރަކު އީވްގެ އުފަލަށް އިސްކަން ނުދެވޭނެތަ؟... އަހަންނަށް އެނގޭ މާޒީގައި އަހަންނަށް ކުރެވުނު ކަމަކުން މަންމަގެ ހިތުގައި ޖެއްސިފައިވާކަން، އެކަމަށް އަހަރެން އަބަދުވެސް މަންމަގެ ގާތުން މަޢާފަށް އެދެން، އެކަމަކު އީވްއާ ދޭތެރޭގައި ތިހެން ކަންތައް ނުކުރޭ...'' ހާޖަރާގެ އަތުގައި ހިފައިލަމުން ކަރީމް އާދޭސްކުރިއެވެ.
ހާޖަރާ އޮތީ ހިމޭނުންނެނެވެ. އެގޮތުގެ މަތިން ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ. ހާޖަރާ އަނގަޔަކުން ނުބުންޏެވެ.
*****
އީވާގެ އެކުވެރި ޔާސްމީން އައިސް ހާޖަރާގެ ހާލުބެލިއެވެ. އިތުރަށް ތަހުލީލުތަކެއް ހަދަން ބޭނުން ވާތީ ލޭ ވެސް ނެގިއެވެ. އެހުރިހާ އިރު ހާޖަރާ އޮތީ ހިމޭނުންނެވެ.
ޔާސްމީސް ކޮޓަރިން ނިކުތުމާއެކު ޔާސްމީންގެ ގާތަށް އީވާ ދިޔައެވެ.
''ފިޒިކަލް އެގްޒަމިނޭޝަންތަކުން އެއްވެސްކަމެއް ފާހަގައެއް ނުކުރެވޭ، އެހެންވެ އިތުރަށް ޔަޤީންކޮށްލަން ލޭވެސް ނަގައިގެން މިދަނީ، ބޮޑަށް ހީވަނީ ނުކައި ހުރުމުގެ ސަބަބުން ހެން، ދެން ޑީހައިޑްރޭޝަން ވެސް އެބަހުރި... އަރާމުކޮށްލީމަ އިރާދަކުރެއްވިއްޔާ މުޅިން ރަނގަޅުވެދާނެ، ކަންބޮޑުވާންޖެހޭ ކަހަލަ ކަމެއް ނުފެނުނު، ދެން ޓެސްޓްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް އީވްއަށް ފޮނުވާނަން...'' ޔާސްމީސްގެ ވާހަކަތަކުން އެންމެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ޔާސްމީނަށް ޝުކުރުވެރިވެލަމުން މައިދޮރާ ހަމައަށް ޔާސްމީންއާއެކު އީވާ ދިޔައެވެ.
''ވާނެ އެނގޭ ހޮސްޕިޓަލުގެ އެންމެނާ އެކު ކެއުމަކަށް ދާން!...'' ދިއުމުގެ ކުރިން އީވާއާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ޔާސްމީން ބުނެލިއެވެ. އީވާ ވެސް ހިނިތުންވުމަކުން ފުއްދާލިއެވެ.
*****
ހާޖަރާއާ ވަކިން ބައްދަލުކޮށްލަން އީވާ ބޭނުން ވިއެވެ. އެކަމުގެ ހުއްދައަކަށް އެދި ކަރީމްގެ ގާތަށް އީވާ ދިޔައެވެ. ދެފިކުރެއްގައި ހުރި ކަރީމް އެއްބަސް ވިއެވެ. އޭރު ލައިލާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.
''މާމާ...'' ކޮޓަރިއަށް ވަންނަމުން ހާޖަރާއަށް އީވާ ގޮވަލިއެވެ. އީވާގެ އަޑު އިވުނުކަމަށް ވެސް ހާޖަރާ ނުހެދިއެވެ. މޫނު ކުނިކޮށްލަމުން ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ނަޒަރު ހުއްޓާލިއެވެ.
ޖެހިލުންވެފައި ހުރި އީވާ ލަސް ހިނގުމެއްގައި ގޮސް އެނދުގައި އިށީނެވެ. ތުންފަތުގައި ދަތް އަޅާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
''މާމާ...'' އެނދުމަތީ އޮތް ހާޖަރަގެ އަތުގައި އީވާ ފިރުމާލިއެވެ. ހަމަ އެވަގުތު ހާޖަރާ އޭނަގެ އަތް ދަމައިގަތެވެ.
''މާމައޭ ކިޔައި އަހަންނަށް ގޮވާނެކަމެއް ނެތް...'' ތުންއަނބުރާލަމުން ހާޖަރާ ބުނެލިއެވެ.
''އަޅުގަނޑު ވަރަށް މަސައްކަތްކުރީން މާމަ އެދިލެއްވި ގޮތަށް ކަންތައްކުރަން، ޖާދިންއާއެކުގައި މުސްތަޤުބަލެއް ލިބިދާނެކަމަށް ވެސް އުއްމީދުކުރިން، އެކަމަކު އަޅުގަނޑުގެ ހިތަށް ވިސްނައެއް ނުދެވުނު... ޖާދިން ދެކެ އަޅުގަނޑަށް ލޯތްބެއް ނުވެވުނު، ކަންތައް ވެދިޔަ ގޮތުން ދެރަވެސްވި، އެކަމަކު ޖާދިންގެ ފަރާތުން ފެނުނު އަމަލުތަކުން ޔަޤީން ކުރެވުނު ޖާދިންއާއެކުގައި އަޅުގަނޑަށް ނޫޅެވޭނެކަން، މާމާ.......'' ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުން އީވާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޭނަގެ އަރުތެރެ ބެދިގެން ދިޔައެވެ.
''ކީކޭ ބުނަންތަ އީވާ ތިއުޅެނީ؟...'' ނުރުހުމާއެކު ހާޖަރާއަށް ބުނެވުނެވެ.
ދެފިކުރެއްގައި ހުރި މީހަކު ފަދައިން މާމަގެ މޫނަށް އީވާއަށް ބަލައިލެވުނެވެ. އެއަށްފަހު ހަށިފުރާ އަވަސް ނެވާތަކެއް ދޫކޮށްލެވުނެވެ. އެދަނޑިވަޅުގައި ރައުހާ ބުނެފައިވި ވާހަކަތައް ކަންފަތުގައި ގުގުމާލިއެވެ. ޖާދިންގެ ހަޤީޤަތް ކިޔައިދީގެން މެނުވީ މިކަމަށް ދެން ހައްލެއް ނުލިބިދާނެޔޭ އީވާގެ ހިތަށް އެރިއެވެ.
އީވާ ކިޔައިދޭން ފެށިއެވެ. ހޮޓެލުން ދިމާވި ހާދިސާއިން ފެށިގެން ގޮސް އެޕާޓްމެންޓްގެ ތެރޭގައި ހިނގި ހަމަނުޖެހުމަށް ދާންދެން ހިއްސާކުރިއެވެ. އަޑުއަހަން އޮތް ހާޖަރާގެ މޫނުމަތިން ސިހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ނަމަވެސް ނިކަން އަވަހަށް އެއަސަރުތަކުގެ މައްޗަށް ރުޅިވެރިކަން އިސްކުރިއެވެ.
''އީވާއަށް ދޮގު ހަދަން ދަސްކޮށްދިނީ ކާކުތަ؟...'' ހަރުކަށިކަމާއެކުގައި ހާޖަރާ ސުވާލުކުރިއެވެ. "އީވާ ހީކުރީ އެފަދަ ބުހުތާނު ވާހަކަތައް ދައްކައިގެން އަހަރެންގެ ސިކުނޑިއާއި ކުޅެލެވޭނެ ކަމަށް ހެއްޔެވެ؟ އެހެން ހީކުރެވެންޏާ އެއީ ކުށްހީއެކެވެ. ދިރިއުޅުމުގެ މައިދާނުގައި އެތައް ތަޖުރިބާއެއް އަހަރެންނަށް ވަނީ ލިބިފައެވެ. އެތައް ފިލާވަޅެއް ވަނީ ދަސްކުރެވިފަ"
''އަޅުގަނޑު ކީއްވެގެންތޯ މާމަ ގާތު ދޮގު ހަދަންވީ؟...'' މާޔޫސްކަމާއެކުގައި އީވާއަށް ބުނެވުނެވެ. ޖާދިންގެ ހަޤީޤަތް ހިއްސާކުރުން އެއީ އޭނައަށް ވަރަށް އުނދަގޫވި ކަމެކެވެ. ޖާދިންގެ ޝަހުސިއްޔަތު ކަތިލަން ބޭނުން ނުވީތީއެވެ. ނަމަވެސް އޭނަގެ ބަލިފަޔަކީ ކޮބައިކަން ޖާދިންއަށް ރަނގަޅަށް އެނގެއެވެ. ހަތިޔާރެއްގެ ގޮތުގައި މާކިންއާ ދެކޮޅަށް މާމަ ބޭނުން ކުރާނެކަން ވެސް މެއެވެ.
''ޖާދިންއަށް ގުޅާ، ބުނޭ ހަމަ މިހާރު މާމަ ބުންޏޭ އަންނާށޭ!...'' ހާޖަރާ އަމުރުކުރިއެވެ. ''އޮފީހުގައި އުޅުނަސް މާމަ ބުނެފިއްޔާ އަންނާނެ...''
އީވާ އިނީ ހިމޭންވެފައެވެ. އެކަމާ ހާޖަރާ ހިތްހަމަނުޖެހުނެވެ.
''ކީއްވެ މަޑުން ތިހުންނަނީ!...'' ހަރުކަށިކަމާއެކު ހާޖަރާ ހަޅޭއްލަވައިގަތެވެ. ''ގެނޭ ފޯނު! އީވާއަށް ނުވަންޏާ މާމަ ގުޅަފާނަން...''
*****
ކުއްލި ގޮތަކަށް ޖާދިން އައުމުން ކަރީމްއާއި ލައިލާއަށް ލިބުނީ ހައިރާންކަމެވެ. ސުވާލެއް ކޮށްލުމުގެ ފުރުސަތު ނުލިބެނީސް، ވިދުވަރުގެ ހަލުވިމިނުގައި ޖާދިން ގޮސް ވަނީ އީވާގެ ކޮޓަރިއަށެވެ.
އީވާގެ ފަރާތުން އަޑުއިވުނު ވާހަކަތައް ހާޖަރާ ޖާދިންއާ ހިއްސާކުރުމުން އެމޫނުމަތިން ހާސްކަމުގެ އަސަރު ފެނިގެން ދިޔައެވެ. އެބަދަލުތައް ހާޖަރާއަށް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނަގެ ހިތް ތެޅިލިއެވެ. އެއީ ހަޤީޤަތަކަށް ވެދާނެ ހެއްޔެވެ؟ އެސުވާލުން މީހާގެ ހަމަޖެހުން ގެއްލުނެވެ.
''އެއީ ތެދެއްތަ؟، އެފަދައިން ޖާދިން ކަންތައް ކުރިންތަ؟...'' ހާޖަރާގެ އަޑުގައި ތުރުތުރުލުމެއް ވިއެވެ. ޖާދިންއާ މެދު އޭނަ ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުވެދާނެތީ އޭނަގެ ހިތް ބިރުގަތެވެ. ހިތުގައި އުފެދިގެން އައި ވަހުމުތައް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އޭނަގެ ނިންމުންތައް ދުވަހަކު ގޯސް ނުވާނެތީއެވެ. ޖާދިންއަކީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ޒުވާނާއެވެ.
ޖާދިންއަށް އިސްޖަހާލެވުނެވެ. އެއީ ހާޖަރާއަށް ބިރުވެރި ވަގުތުކޮޅަކަށް ވިއެވެ.
''މާމާ، ރުޅީގެ ސަބަބުން އަޅުގަނޑަށް އެފަދައިން ކަންތައް ކުރެވުނީ، އަޅުގަނޑު އީވާގެ ގާތުން މަޢާފަށް އެދުނިން، އެފަދަ ކަމެއް ތަކުރާރުނުވާނެކަމަށް ވަޢުދުވިން...'' ލަދުވެތިކަމާއެކު ޖާދިން ބުންޏެވެ. އަޑުގައި މޮޅިވެރިކަން ވިއެވެ. ކުރެވުނު ކަންތަކާ ދެރަވެ ހިތާމަކުރާކަން މޫނުމަތިން ހާމަކޮށްދިނެވެ. އޭނަގެ ބަހުގެ ތެދުކަން ހާމަކޮށްދޭން ވެސް މެއެވެ. އޭނަ މަސައްކަތްކުރީ ކުރިމަތިވެފައި އޮތް މުސީބާތުން ސަލާމަތް ވެވޭތޯއެވެ. އެކަން އޭނަގެ ފައިދާއަށް އަނބުރާލެވޭތޯއެވެ. އީވާ ދެކެ ޖާދިން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެފަދަ ޒާތީ މައްސަލައެއް ހާޖަރާގެ ކަންފަތާ ހަމައަށް ގެންދިއުމުންނެވެ. އެހެނަސް، ރުޅީގެ ސިފަތައް ވަންހަނާ ކުރަމުން މޮޅެވިރިކަމާއި ހިތްދަތިކަމުގެ ކުލަތަކުން މޫނުމަތި އޮމާންކޮށްލިއެވެ. ލޮލަށް ކަރުނަ ވެސް ޖަމާކުރިއެވެ. ޖާދިން ބޭނުންވީ ހާޖަރާގެ ހަމްދަރުދީއެވެ.
''މާމާ، އަޅުގަނޑަށް މަޢާފްކުރޭ، އަޅުގަނޑުގެ ފުށުން އެފަދަ ކަމެއް ދުވަހަކު ތަކުރާރެއް ނުވާނެ، އަޅުގަނޑު އީވާދެކެ ވަރަށް ލޯބިވޭ، އަދިވެސް ކައިވެނި ކުރަން އަޅުގަނޑު މިހިރީ ތައްޔާރަށް...'' ޖާދިންގެ ޖުމްލައިން އީވާ ސިހުނެވެ. ދެލޯބޮޑުކޮށްލަމުން ޖާދިންއަށް ބަލައިލެވުނެވެ.
''އީވްގެ ވިސްނުން ފަސާދަވެފައިވަނީ އެފިރިހެނާގެ ސަބަބުން، އޭނަގެ ވަސްވާސްތަކުން އީވްއަށް ގޯސް ނިންމުންތައް ނިންމެނީ!... އެއީ ކުރިން ކައިވެނިކޮށް ވަރިވެސް ވެފައި ހުރި މީހެއް...'' ޖާދިން ވައްޓާލި ބޮމާއެކު މާހައުލު ހަލަބޮލިވެގެން ދިޔައެވެ. ހާޖަރާއަށް ރުޅިވެރިކަމާއެކު އީވާއަށް ބަލައިލެވުނެވެ.
''އެއީ ތެދެއްތަ!...'' ރުންކުރުކަމާއެކު ހާޖަރާއަށް ހަރުއަޑުން ބުނެވުނެވެ. ''އެވަރު މީހަކާތަ މާމަގެ ހިތުގައި ޖައްސާފަ ކައިވެނިކުރަން ބޭނުންވެގެން ތިއުޅެނީ!...''
''މާމާ!...'' އީވާއަށް ރޮވުނެވެ.
''ހުއްޓާލާ! އިތުރު އެއްވެސް އެއްޗެއް ބުނެގެން ނުވާނެ، ކުށްކުރެވެނީ އިންސާނުންގެ އަތުން... ޖާދިންއަށް ކުރެވުނު ކުށަށް މަޢާފަށް ވެސް އެދެފި، އެކަމާ މެދު އެހުރީ ނުހަނު ދެރަވެފައި... ވެދިޔަ ކަންތަކާ މެދު ވިސްނަން ހަދާނެ ކަމެއް ނެތް... ޖާދިންއަށް ދެވަނަ ފުރުސަތެއް ހައްޤު... އީވާއަށް ކުރެވުނު ކަންތަކަށް ފަހުގައި ވެސް ޖާދިން އީވާ ދެކެ ލޯބިވޭ، ކައިވެނި ކުރަން ބޭނުންވޭ!... ތިފިރިހެނަކާ ހަމަހިލާ އީވާއަށް ކައިވެނި ކުރުމުގެ ފުރުސަތެއް މާމަ ނުދޭނަން!... ހަމަހޭގަތަ ތިހިރީ!!!...'' އަޑުގެ ކޮޅަށް ހާޖަރާ ހަޅޭއްލަވައިގަތެވެ. އެވަގުތު ޖާދިންގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔަތަން އީވާއަށް ފެނުނެވެ. އީވާ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ރުޅި ވެސް އާދެވުނެވެ.
ހާޖަރާގެ ހަޅޭކުގެ އަޑަށް ކޮޓަރީގެ ބޭރުގައި ތިބި ލައިލާއާއި ކަރީމް އެތެރެއަށް ވަނެވެ. އެމަންޒަރު ފެނި ހާޖަރާ އައީ އަމަށަކު ރުޅިއެއް ނޫނެވެ.
''ކަރީމް!، ހުރިހާކަމެއް އެނގި ހުރެ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓެން ދޫކޮށްލައިގެންތަ ތިތިބީ!...'' ހާޖަރާގެ އަޑު އިހުނަށްވުރެން ގަދަވެގެން ދިޔައެވެ. މަސްރަހު ގޯސްވެގެން ދިޔުމުން އެންމެފަހުން ކަރީމް ފިޔަވާ ހުރިހާ އެންމެން ޖެހުނީ ކޮޓަރިން ނިކުންނާށެވެ. އިތުރަށް މަޑުކުރުން ރަނގަޅު ފާލަކަށް ނުފެނުމުން ޖާދިން ވެސް އޮފީހަށް ދާން މިސްރާބު ޖެހިއެވެ. އެއާއެކު ޖާދިންގެ ފަހަތުން އީވާ ހިނގައިގަތެވެ.
ޖާދިންއާއި އީވާ ކުރިމަތިލީ ގޭގެ ޕޯޓިކޯއަށް ނިކުމެވުމުންނެވެ. ނަފުރަތުގެ ނަޒަރެއް ޖާދިންއަށް އީވާ ދިނެވެ.
''ޖާދިން ހީކުރީތަ އެފަދައިން ކަންތައް ކުރުމުން އަހަރެން ހާސިލު ވެދާނެޔޭ؟، އެހެން ހީވަންޏާ އެއީ ކުށްހީއެއް، މަޖުބޫރުން އަހަންނާއި ޖާދިންގެ ކައިވެނި ކުރެވުނަސް އަހަރެންގެ ހިތެއް ޖާދިންއަކަށް ދުވަހަކު ނުލިބޭނެ!... އެނގިއްޖެތަ!...'' ޖާދިންއާ ދިމާއަށް ހަޅޭއްލަވައިގަތުމަށް ހިތުގެ އުދާސްތައް އީވާއަށް ބޭރުކޮށްލެވުނެވެ. އިތުރަށް އެންމެ ސިކުންތަކަށްވެސް ޖާދިންގެ ކުރިމަތީގައި ހުންނަން ބޭނުން ނުވުމުން، ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެތެރެއަށް ވަންނަން އީވާ މިސްރާބު ޖެހިއެވެ. އެމަންޒަރު ބަލަން ހުރި ޖާދިން ދަތްކުނޑިވިކައިގަތެވެ.
''އަހަރެން ދުވަހަކު ހިޔެއް ނުކުރަން އެވާހަކަތައް މާމައާއި އީވް ހިއްސާކޮށްފާނެޔޭ، ކޮންމެ ގޮތެއް ވިޔަސް އަހަންނަށް ވަރިހަމަ، އީވް އަހަރެންގެ މީހަކަށް ހަދާނަން، އެފިރިހެނާ އީވްގެ ދިރިއުޅުމުން ބޭރުކުރާނަން!...'' ޖާދިންއަށް ބުނެވުނެވެ.
*****
ހަވީރެވެ. އޮފީސް ނިންމާލާފައި ގެއަށް ދާން ނިކުތް ނަސްމާއަށް ހުއްޓެވުނީ އޭނަގެ ނަމުން މީހަކު ގޮވައިލުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު އިސްކޮޅުން ދިގު ފިރިހެނަކު އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. ރަސްމީ ހެދުމުގައި ހުރި އެޒުވާނާއަށް ހައިރާންކަމާއެކު ނަސްމާ ބަލައިލިއެވެ.
''ނަސްމާތަ؟...'' ލޮލުގައި އޮތް އަވިއައިނު ނަގަމުން އެޒުވާނާ އެހިއެވެ. އަދި ފަރުވާތެރިކަމާއެކު ނަސްމާއަށް ނަޒަރެއް ދިނެވެ. އެނަޒަރުން ނަސްމާއަށް އުނދަގޫވިއެވެ.
''ތީ ކާކުތަ؟...'' ހައިރާންކަމާއެކު ނަސްމާއަށް ސުވާލުކޮށްލެވުނެވެ.
''ޖާދިން...'' ޖާދިން ބުނެލިއެވެ. ''ވާހަކައެއްދައްކާލަން، ވަގުތު އެބައޮތްތަ؟...''
ކުރިމަތީ ހުރީ އޭނައާ މީގެ ކުރިން ދުވަހަކު ބައްދަލުވެފައިވާ ޒުވާނެއް ނޫނެވެ. ދެން އެދެމެދުގައި ދައްކަން އޮތްނާނީ ކޮން ވާހަކައެއްތޯ ހިތާހިތާ ނަސްމާއަށް ސުވާލުކޮށްލެވުނެވެ. ބަލާބެލުމަށް މުއްސަނދިކަމުގެ ކުލަވަރުތައް ވެސް އެޒުވާނާގެ ފަރާތުން ފެންނަމުން ދިޔައެވެ. ހިތުގައި ކޮންމެވެސް ވަރަކަށް ޝައުޤުވެރިކަން އުފެދުނެވެ. ދެޚިޔާލެއްގައި ހުރި މީހަކު ފަދައިން އަތުގައި އޮތް ފޯނުން ގަޑި ބަލައިލެވުނެވެ. ވަގުތުކޮޅެއް އޮތުމުން ޖާދިން އިޝާރާތް ކޮށްލި ކެފޭއަށް ވަނުމަށް އޭނަ ހިނގައިގަތެވެ. ސުވާލު އުފެދިފައި ހުރެއެވެ.
*****
ޖާދިންއަށް ބަލަމުން ގެނައި ކޮފީތަށީގެ ރަހަ ނަސްމާ ބަލައިލިއެވެ. ފަރުވާތެރިކަމާއެކު ބަލައިލުމުން ދަންނަ މޫނެކޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ފެނުނު ތަނެއް ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ. އެކަމާ ވެސް ސުވާލު އުފެދުނެވެ.
''ކަމަކު އެދެން ވެގެން މިއުޅެނީ...'' ދުރުދުރުން އޭނަގެ ވާހަކަތައް ޖާދިން ފެށިއެވެ.
''އަދި ކިރިޔާ ބައްދަލުމިވީ...'' ނަސްމާ ދެލޯބޮޑުކޮށްލިއެވެ. ''ތީ ކާކުކަމެއް ވެސް އަހަންނަކަށް ރަނގަޅަށް ނޭނގޭ...''
''ހެހެހެ... ނަން ބަދަލުކުރެވިއްޖެދޯ، އެއަށް ވުރެން ގާތް ގުޅުމެއް އޮންނާކަށް އަހަރެން ބޭނުމެއް ނޫން... އަނެއްކޮޅުން ނަސްމާއަށް ނުކުރެވޭނެ ވަރުގެ ކަމެއް ވެސް ނޫން އެއީ، ބަދަލު ހިފުމަށް ދެވޭނެ ފުރުސަތެއް މިއީ...'' ޖާދިން ހިނިތުންވެލިއެވެ.
''ބަދަލުހިފުމޭ؟...'' ހައިރާންކަމާއެކު ނަސްމާއަށް ބުނެވުނެވެ. ޖާދިންގެ މަޤުސަދާ މެދު ހިތުގައި ސުވާލު އުފެދުނެވެ.
''އާނ، އަހަންނަށް އަޑުއިވިފަ އޮތް ގޮތުގަ މާކިން ވަނީ ނަސްމާ ވަރަށް ބޮޑަށް ބޭޒާރުކޮށްލާފައި... އެކަމުގެ ބަދަލު ހިފަން ފުރުސަތު ދޭން މިއުޅެނީ...'' މާކިންގެ ނަން އިވުމާއެކު ނަސްމާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހަށިގަނޑު އެލާޓަށް ވެސް އައިސްފިއެވެ.
''ތީ ކާކު؟...'' ނަސްމާގެ ރާގު ބަދަލު ވިއެވެ.
''ހެޔޮއެދޭ މީހެއްކަމަށް ހީކޮށްލާ...'' ޖާދިން ބުނެލިއެވެ.
''ކިހިނެއްތަ މާކިން އެނގުނީ؟...'' ސުވާލަކަށް ފަހު ސުވާލެއް ނަސްމާއަށް ކުރެވުނެވެ. ޖާދިންގެ ބޭނުން އޮޅުންފިލުވަން އުޅޭތީއެވެ. ހަމައެއާއެކު މާކިންއާއި އޭނަގެ މާޒީ ޖާދިންއަށް އެނގުނު ގޮތަކާ މެދުގައި ވެސް ހިތް ނުތަނަވަސްވެފައި ވާތީއެވެ.
''މާކިން ދޯ؟... އޭނައަކީ އަހަންނަށް ކުރިމަތިވެފައި ހުރި މުސީބާތެއް، ބަދަލު ހިފުމަށް މިހުށަހެޅި ފުރުސަތު ޤަބޫލުކުރާނަންތަ؟...'' ޖާދިން އެއްބުމަ އަރުވާލިއެވެ.
''ކިހިނެއް އަހަރެންގެ ޒާތީ ދިރިއުޅުމުގެ މައުލޫމާތު ހޯދީ؟، މާކިންއަކީ މުސީބާތެކޭ ތިބުނީ ކީއްވެތަ؟...'' ނަސްމާއަށް ބުނެވުނެވެ.
''ހާދަ ސުވާލުތައް ވެސް ގިނައޭ ދޯ!...'' ހިތްހަމަނުޖެހުމުގެ ރާގަކަށް ޖާދިން ބުނެލިއެވެ. ކުރު ގޮތަކަށް ނަސްމާއަށް ވިސްނޭނެހެން އޭނަގެ ރޭވުން ކިޔައިދިނެވެ. ދެލޯބޮޑުކޮށްގެން އެވާހަކަތައް އަޑުއަހަން ނަސްމާ އިނެވެ.
''ކީކޭ ބުނަނީ... ޤަބޫލުވާނަންތަ؟...'' ޖާދިންގެ އަޑުން ކެތްތެރިކަން ކުޑަވެފައިވާކަން ހާމަވެއެވެ. ''ދެމީހުން ވަރިވި ސަބަބު އޮޅުވާލަންވީ، އެނިމުނީ... އަހަރެން ބުނާ މީހާ ގާތު މާކިންއަކީ އަނިޔާ ކުރާ މީހެކޭ ބުނެ ދޮގު ހަދަންވީ، އޭރަށް އެނިމުނީ... ބޭނުން ވަރަކަށް ފައިސާ ދޭނަން!...''
ބުނާނެ އެއްޗެއް ނޭނގިފައި ނަސްމާއަށް އިނދެވުނެވެ. މާކިންދެކެ ޖާދިން ކުރާ ނަފުރަތު އޭނައަށް ނަގައިގަނެވުނެވެ. ވާހަކަދެއްކުމުގެ ރާގުން ވެސް މާކިން ދަށްކޮށްލަން އުޅޭހެން ހީވިއެވެ.
''ކީއްވެ އެއްޗެއް ނުބުނެ ތިއިންނަނީ، އޭނަ ނަސްމާ ވަރިކޮށްލީ ބޭޒާރުކޮށްލާފައި، މަކަރު ހެދިޔަސް ސުލްހަވެރިކަމާއެކު ވަރިކޮށްލެވޭނެދޯ... އެކަމަކު އޭނަގެ ނުލަފާކަމުން އެހެން ކަންތައް ނުކުރިއެއްނު... އެންމެންގެ ތެރޭ ބޭޒާރުކޮށްލީއެއްނު... މިއީ ބަދަލު ހިފަން ރަނގަޅު ފުރުސަތެއް، މާކިން އުފަލުގައި އުޅޭތަން ދެކެން ނަސްމާ ބޭނުން ނުވާނެކަން އަހަންނަށް އެނގޭ، އޭނަގެ އުނިކަމެއް ހުރުމުންތާ އެހެން މީހަކު ކައިރިއަށް ދާނީ، އެއީ ޒާތީ ކަމެއް ވީމަ އެކަންތައް އޮޅުންފިލުވާކަށް އަހަރެން ނެތިން...'' ޖާދިން ބުނެލިއެވެ. ބަދަލުހިފުމަށް ނަސްމާއަށް ހިތްވަރު ލިބޭނެ ފަދައަކުންނެވެ.
''ތިކަން ކޮށްދީފިއްޔާ އަހަންނަށް ލިބޭނީ ކޯޗެއް؟...'' ނަސްމާގެ ސުވާލުން ޖާދިންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. ޝައުޤުވެރިކަން ނަސްމާގެ ހިތުގައި އުފެދިއްޖެކަން އޭނައަށް ޤަބޫލުކުރެވުނެވެ.
''ބޭނުން ވަރަކަށް ފައިސާ ދޭނަން... މިވަގުތު ވާހަކަދައްކަން ހުރެވޭކަށް ނެތް، މިއޮތީ އަހަރެންގެ ބިޒްނަސް ކާޑު، މީގައި މިއޮތް ނަންބަރުން އަހަރެން ގުޅާނަން، މާދަމާގެ ވަގުތެއްގައި އަހަރެން ދަޢުވަތު ދޭނަން، އަހަރެން ބުނާ ތަނަކަށް އައިސް ބައްދަލު ކުރުވާ މީހާ ގާތު ދޮގު ހަދަންވީ... އޭރަށް ނިމުނީ...'' ފޯނުކޯލެއް އަންނަން ފެށުމުން އޭނަގެ ގަމީހުގެ ޖީބުން ގެނި ބިޒްނަސް ކާޑު މޭޒުމަތީ ބާއްވަމުން ޖާދިން ކޮޅަށް ތެދުވުނެވެ. އެއަށްފަހު ކެފޭއިން ނިކުންނަން ހިނގައިގަތެވެ.
މޭޒުމަތީ އޮތް ކާޑު ނަގައި ނަސްމާ ބަލައިލިއެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔާލުމުން ޖާދިންގެ ސޫރައިން ދަންނަ ވައްތަރު ޖެހީ ކީއްވެގެންކަން އޭނައަށް ނަގައިގަނެވުނެވެ. ޓީވީއިން އެކިފަހަރު މަތިން ފެނިފައި ވާތީއެވެ. ނިކުމެގެން ދިޔަ ޖާދިންއަށް ބަލަން ހުރެފައި ނަސްމާ ވެސް ދާން ތެދުވުނެވެ.
*****
އީވާ ރައްޓެހިވެގެން އުޅޭ ޒުވާނާގެ މަޢުލޫމާތު އެނގެން ބޭނުންވާތީ، ދަންނަ މީހެއްގެ އެހީތެރިކަމާއެކު މާކިންގެ ހުރިހާ މަޢުލޫމާތެއް ބަސްމާ ހޯދިއެވެ. ހާޖަރާގެ ކަންފަތާ ހަމައަށް ޚަބަރު ފެތުރުމުގެ އިތުރުން ވެސް އޭނައަށް ކުރެވެން އޮތް ކަމެއް ވިއްޔާ ކުރަން ބަސްމާ ހުރީ ތައްޔާރަށެވެ. ލޯބިވާ ދަރިފުޅަށްޓަކައެވެ. ދަރިފުޅުގެ ލޯބި ހާސިލުކޮށްދިނުމަށްޓަކައެވެ. އީވާއާއި މާކިން ދުރުކޮށްލައި، ލޯތްބަށް އޮތް އިތުބާރު ކަނޑުވާލުމުން، އީވާގެ ދިރިއުޅުމުން ޖާދިންއަށް ޖާގައެއް ލިބިދާނެކަމަށް ބަސްމާ އުއްމީދުކުރިއެވެ.
ހަމަލާދިނުމުގެ ކުރިން މާކިންގެ ފަތިފުށް އެނގެން ބަސްމާ ބޭނުން ވިއެވެ. ބަލިފަޔެއް ހޯދައިގެން މެނުވީ ކުރިއަކަށް ނުދެވޭނެއެވެ. ރޭގަނޑަށް އޭނަ ހޯދަން ބޭނުންވި މައުލޫމާތުތައް ހިފައިގެން މީހަކު އައެވެ. އެމީހާ ދިއްކޮށްލި ބޮޑު ސިޓީއުރަ އަތުލަމުން ބަސްމާ ޝުކުރުއަދާކޮށްލިއެވެ. އެއަށްފަހު އެހިފައިގެން މިސްރާބު ޖެހީ އޭނަގެ ކޮޓަރިއަށެވެ. ގަޑީގެ ގޮތުން ޖާދިން ވެސް އަދި އާރަބް ވެސް ގެޔަކު ނޫޅޭއެވެ. އާރަބްއަށް އޭނަ ކަންތައް ކުރަން އުޅޭ ގޮތުގެ ހިލަމެއް ވާން ބަސްމާ ބޭނުމެއް ނުވިއެވެ.
އެނދުގައި އިށީންނަމުން އަތުގައި އޮތް ސިޓީއުރަ ކަނޑާލިއެވެ. އަދި އޭގެ ތެރޭގައި ހުރި ލިޔެކިޔުންތައް ބަލަން ފެށިއެވެ. އެލިޔުންތަކުގެ ތެރޭން އޭނަގެ ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުން ކުއްލިޔަކަށް ބަސްމާއަށް އެނދުން ތެދުވެވުނެވެ. މޫނަށް އަރައިގެން ދިޔަ ކުލަވަރުތަކުން ހީވީ ބިރެއް ފެނުނުހެންނެވެ. އަތުގައި ހުރި ގަނޑުތަކުން ވެސް ދޫކޮށްލެވިއްޖެއެވެ. އޭނަގެ ދެލޯ ވަނީ ބޮޑުވެފައެވެ. ބިރުވެރިކަން އެދެލޮލުގައިވިއެވެ. އެނދުގެ ވަށައިގެން އަޅާފައި އޮތް ކާޕެޓު މައްޗަށް ފޭބި ގަނޑުތަކަށް ބަލަން އޭނައަށް ހުރެވުނީ ބިރެއް ފެނުނު ފަދައަކުންނެވެ.
(ނުނިމޭ)