ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 39

3

ތިރީސްނުވަވަނަ ބައި

"ޒީކް މަޑުކުރޭ. އަހަރެން އޭނަ މިހިސާބަށް ގެނެވޭތޯ ބަލާނަން. ޒީކް ފެނިއްޖިއްޔާ އޭނާ ގޭތެރެއަށް ވަދެގެންދާނީ" ކައިރީގައި އިން މައިނާ ބުނެލިއެވެ. ޒީކް މަޑުޖެހުނެވެ. މައިނާ ކުރިއަށްދާ މަންޒަރަށް ބަލަން ހުރިއިރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ޝެނަލްގެ ސިކުނޑިއަށް ސަބްރީން އަޅާފައިވާ ހޮޑުތައް ސާފުކުރަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. މައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައުމާއެކު ޒީކް ގަސްތަކުގެ އޮފިތައް އަތުން ތިރިކޮށްލައިފައި ބަލައިލިއެވެ. ޝެނަލް ކައިރީގައި ފިރިހެން ކުއްޖަކު އައިސް ހުއްޓިއްޖެއެވެ.

މައިނާ ހުއްޓި އައިކޮޅަށް ހިނގައިގަތުމާއެކު ޒީކަށް ރުޅިއާދެވުނެވެ. އޭނާއަށް ގަހުގެ އޮފިތަކަށް ބާރުކޮށްލެވުނެވެ. ޝެނަލްއާ ބައްދަލުކުރަން ކުރި މަސައްކަތް އެދިޔައީ ފެނަށް ވެގެންނެވެ.

ދޮރާށި ލެއްޕުމުގެ ކުރިން ޝެނަލް އެތެރޭގައި ހުރި ސަބްރީނަށް ގޮވާލާފައި ގެއިން ނިކުތް ވާހަކަ ބުނެލިއެވެ. ހުޝާމްއާ އެކުގައި އެމަގު ހުރިގޮތަށް ހިނގާފައި ދިޔައިރު އެއްވެސް މީހަކު ބަހެއް ނުކިޔައެވެ. ކައިވެނި ހަމަޖެހުނު ހިސާބުން ދެކުދިންގެ އެކުވެރިކަމުގައި ފުލުސްޓޮޕް ޖެހިފައިވާ ކަހަލައެވެ. މަގު ހުރިގޮތަށް ނިކުތް ދެކުދިންގެ މިސްރާބަކަށްވީ ބަނދަރު މައްޗެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު ބަނދަރުމަތީގެ އެކި ހިސާބުތަކުގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ލައިޓްތަކުން މުޅި ސަރަހައްދަށް ވެރިވެފައިވަނީ އަޖައިބެއްކަހަލަ ހިތްގައިމު ކުލައެކެވެ. ނިސްބަތުން މީހުން މަދު ނަމަވެސް ތަނަށް ވެރިވެފައިވަނީ އަމާންކަމެވެ.

"މިތަނުގައި އިށީންނަން ހިނގާ" ހުޝާމް ބުނެލިއެވެ.

"ޝާނީ ކީއްވެ އެހާ ވަރަށް ވާހަކަނުދައްކަނީ މިހާރު؟" ޙުޝާމް އެހިއެވެ.

"ކަމެއްނުވޭ. ކީކޭ ކިޔަންވީ؟؟" ޝެނަލް ބުނެލިއެވެ.

"ނޭނގެ.. އަހަރެން ވާހަކައެއް އަހަންތަ؟" ޙުޝާމް ބުނެލިއެވެ.

"އަނހާ"

"މިކައިވެންޏާ ޝާނީ ހިތުން ރުހުމުން ޤަބޫލުތަ؟"

"އަހަރެން... އަހަރެން ކީއްވެ ނުގަބޫލުވާންވީ... އަނެއްކާ ޝާމް ޤަބޫލުތަ؟"

"ނޫން.... އެހެންވީމަ ތާރީހަކަށް ހަދާނީ ކޮންދުވަހެއް؟"

"މާދަމާ ތިގެއަށް އެބައޮތެއްނު ދަޢުވަތެއް ޝިރޫަދައްތަގެ ފަރާތުން އައިސްފަ. އެގަޑީގަ ދެފަރާތުގެ ފެމެލީއާއި އެކު ތާރީހެއް ކަނޑައަޅާނީ... އެގޮތް ކިހިނެއްވާނެ؟" ޝެނަލް އެހިއެވެ.

"އޯކޭވާނެ.... މިސާލަކަށް...." ޙުޝާމް އެއްޗެއް ބުނަން އުޅުނެވެ.

"ކީއްވެ ތިހުއްޓާލީ؟ އަނހާބަލަ" ޝެނަލް ބުނެލިއެވެ.

"އަދްޔަން ފެނުނު. ވާހަކަވެސް ދެއްކިން. މެރީކުރި ވާހަކައެއް ނުބުނޭ. އެކަމަކު ވަރަށް އަވަހަށް...."

"ބޭކާރު މީހުންގެ ވާހަކަ ނުދައްކާ. އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން" ޝެނަލް ބުނެލިއެވެ.

"އޯލްރައިޓް..." ޙުޝާމް ބުނެލިއެވެ.

***

ވަޙީދުއްދީންގެ އެތައް މަސައްކަތަކަށްފަހު ވެސް ޒުކް ބޭސްކާން އެއްބަހެއް ނުވިއެވެ. އެންމެފަހުން ކުޑަދޮރު ކައިރީގައި ހުރި އާޝިދަށް ވަޙީދުއްދީން ބަލައިލީ ގޮތްހުސްވެފައިވާ ކަހަލަ ގޮތަކަށެވެ. ބައްޕަގެ އެބަލައިލުމުގައި ވަނީ ކީކޭ ކަން އިނގުމާއެކު އާޝިދް އައިސް ޒުކް ކައިރީގައި އިށީނެވެ.

"ބޭސް ނުކަންޏާ ކިހިނެއް ރަނގަޅުވާނީ ދޫނީ" ޒުކްގެ ބޮލުގައި ފިރުމައިލަމުން އާޝިދް ބުނެލިއެވެ.

"ޒުކް ބައްޔެއްނޫން. ޒުކްއަށް ކަމެއް ކޮށްދެންޏާ ޒުކްގެ މަންމަ ގެނެސްދީ... ބައްޕާ!! ޒުކްގެ މަންމަ ގެނެސްގެން މަންމަގެ ފައި ރަނގަޅުކޮށްދީ" ވަޙީދުއްދީންގެ ފައިގައި ހިފައި ތަޅުވައިލަމުން ޒުކް ބުނެލިއެވެ. ވަޙީދުއްދީނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.

"މަންމަގެ ފައޭ... ފައި ހަލާކުވެފަތަ ހުރީ؟" ވަޙީދުއްދީން ބުނެލިއެވެ.

"މަންމައަކަށް ނުހިނގޭ... މަންމަ އުޅެނީ އެހެން މީހެއްގެ އެހީ ހޯދައިގެން. ޒުކް ދިރިއުޅެން ބޭނުންވަނީ މަންމަޔާއެކު. ބައްޕާ ޕްލީޒް މަންމަ ކީއްވެތަ އެހެން ގެޔަކު އެއުޅެނީ؟" ޒުކްގެ ސުވާލުތައް ގިނަވަމުން ދިޔައެވެ. މިހުރިހާ ދުވަހު އެ ހުރިހާ އިހުސާސެއް ހިތުތެރޭގައި ބަހައްޓައިގެން އޭނާ ހުރީ ކެތްތެރިވެގެންނެވެ. އެހެންނަމަވެސް އެ އިހުސާސްތައް އޭނާގެ ޅަ ހިތަށް ބަރުދާސްތުކުރަން ފަސޭހަނުވީއެވެ.

"ޒުކް އެކިޔަނީ ކީކޭ؟؟ ޒަހުރިއްޔާގެ ފަޔަށް ކަމެއްވެފަތަ ހުރީ...؟" ވަޙީދުއްދީންގެ ސުވާލު އަމާޒުވީ އާޝިދަށެވެ.

"ޒަހުރިއްޔާމަންމައަށް ނުހިނގޭ. އިންނަނީ ގޮނޑީގަ. ސޮފާއްތަ ދޮގުހެދީ... ޒަހުރިއްޔާމަންމަގެ ހަނދާނުގަ ހުރިހާ ކަމެއް އެބަހުރި. ހަނދާންތައް އައިތާ ކިތަންމެ ދުވަހެއް. ބައްޕައާ ޚިލާފަށް ސޮފާއްތަ ހުރީ ވަރަށް ނުބައި ވާހަކަތަކެއް ދައްކާފަ. ޒަހުރިއްޔާމަންމަ ހީކޮށްގެން އެހުންނަނީ ބައްޕަ އެހެން ކައިވެންޏެއް ކޮށްގެން އުޅޭކަމަށް" އާޝިދް ހުރިހާ ވާހަކައެއް ކިޔައިލިއެވެ. ވަޙީދުއްދީންގެ ފެންކަޅި ވަމުންދާ ދެލޮލަށް ބަލަން އޮތް ޒުކް ހިތަށް ވީތަދުން ދެތުންފަތް ފިއްތައިލިއެވެ.

***

އުނޭޝް އޮފީހަށް ނުގޮސް މަޑުކުރީ ތަމަންނީ ހޮޑުލާ ވަރުންނެވެ. ބަދިގެއަށް ވަދެ ކައްކަންވެސް ޖެހުނީ އުނޭޝް އަމިއްލައަށެވެ. ޙައިޝާއާއި ޔަޝްފީ ބަދިގެއަށް ވަންއިރު ފުށްމޮޑެން ހުރި އުނޭޝް ފެނުމުން އެމަންޒަރު ދެވަނަ ފަހަރަށް ބަލަން ޙާއިޝާގެ ހިތް އޭނާއަށް މަޖުބޫރު ކުރިއެވެ. ހިތުގައި ރިއްސައިގަތް ވަރުން އޭނާއަށް ހިންދިރުވަންވެސް އުނދަގުވިއެވެ.

"ދަރިފުޅާ!! މަންމަ ކައްކާފަ އެހުރި ބަތްޕެންކޮޅު ގޮސް ފަހަރިއަށް ދީބަލަ. މޭ ހެޔޮވާނެ" ޙާއިޝާ ބުނެލިއެވެ. އުނޭޝް ބަލައިލިއެވެ. އެހެން އެބުނީ ޙާއިޝާކަން އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އުނޭޝް ދެއަތް ދޮންނަން ޒިންކު ކައިރިއަށް ދިޔަވަގުތު ޙާއިޝާ ދެލޮލުން އިޝާރާތްކުރީ ކައިރީގައި ހުރި ކަމްލާއަށެވެ. ކަމްލާއަށް ޙައިޝާ އިޝާރާތުން އެބުނި ވާހަކަ ނަގައިގަނެވުނީ އިރުކޮޅަކު ވިސްނާލަން ހުރުމުންނެވެ. އަތްދޮވެގެން އެނބުރުނު އުނޭޝްއަށް ފުށްއެތި ކައިރީގައި ހުރި ކަމްލާ ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"އަހަރެން މިބުނީނު މިއީ ޖޯޖްގެ އެއް ނޫނޭ..."

"ދެން މަށަށް ވުރެ ބޮޑަށް ކާކަށް އިނގޭނީ...."

"ދެން ހެޔޮ. ދެން ބައްދަލުވާނީ ވިހައި ގަދަވީމަ"

"ޖޯޖް ކައިރީގަ ބުނޭ އަހަރެންނަށް ދެން ރިސޯޓަށް ނުދެވޭނޭ... އަހަރެން ބޮލުގަ ނުކޮށާށޭ ބުނޭ... އަހަރެންނަށްވެސް ނޭނގެ މިއީ ޖޯޖްގެ ކަމެއް ނޫނީ އުނޭޝް......" ދޮރާއި ދިމާލަށް އެނބުރު ތަމަންނީގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އެހިސާބުން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ކަންފަތާއި ފޯނު ދުރުކޮށްލާފައި ޔަޝްފީއަށް ހިނިތުންވުމެއް ދެވިއްޖެއެވެ.

"މިއީ މަންމަ ދިން. މަންމަ ބުނި މިބޯލާށޭ..." އެތެރެއަށް ވަދެގެން ގޮސް އެތަށި ސައިޑްކަބަޑު މަތީގައި ބަހައްޓާފައި ނިކުންނަން ހިނގައިގަތް ވަގުތު ތަމަންނީ ޔަޝްފީއަށް ގޮވައިލިއެވެ.

"އާދެބަލަ މިތާ އިށީނދެލަން ކުޑައިރުކޮޅު ވާހަކަދައްކާލަން" ތަމަންނީ ބުނެލިއެވެ. އޭނާ ބޭނުންވީ އޭނާ ފޯނުން ދެއްކި ވާހަކަތައް ޔަޝްފީއަށް އިވުނީ ކިހާ ވަރަކަށްކަން ޔަޤީންކުރާށެވެ.

"އިނގޭތަ ވަރަށް އުފާވެއްޖެ ޔަޝްކޮ މިކޮޓަރިއަށް ވަދެލީމަ" އެނދުގެ ތަންކޮޅެއްގައި ޔަޝްފީ އިށީނުމުން ތަމަންނީ ބުނެލިއެވެ. ބަހެއް ނުކިޔަން އިނަސް ގަދަކަމުން ކަހަލަ ގޮތަކަށް ޔަޝްފީ ހީލިއެވެ.

"އެކުވެރިއެއް ބޭނުންވަނީ އަހަރެން ރިސޯޓަށް ގެންދަން. މަޖާކޮށްލަންށޯ. އަދި ބުނީ ދޮންބެ ގޮވައިގެން އަންނާށޭ. އަހަރެން ކިހިނެއް މިހާލަތުގަ ދާނީ ދޯ" ތަމަންނީ ވާހަކަދެއްކިއެވެ. ޔަޝްފީ ބަލަހައްޓައިގެން އިނީ ޝައްކުގެ ނަޒަރަކުންނެވެ.

"ދޮންބެ އެއައީ. ޔަޝްކޮ ދެންދަނީ" އެނދުން ތެދުވެ ޔަޝްފީ ހިނގައިގަތެވެ. އެވަގުތު އުނޭޝް އައިކަން ނަސިބޭ ހިތާ ހިތުން އުފާކޮށްލިއެވެ. އެތަނުގައި އިންނަން ޖެހުމުން އޭނާ އިނީ ބޮލަށް އުނދަގުވެފައެވެ.

"ދޮންބެ އައިމަ ދަނީތަ؟؟ ދެކުދިން ކޮންވާހަކައެއް ދައްކާލީ" ޔަޝްފީ އަރާހަމަވުމާއެކު އުނޭޝް ބުނެލިއެވެ.

"ނުދައްކަން ވާހަކައެއް... މިދަނީ މަންމަ ލަސްވެގެން އުޅޭނެތީ" ޔަޝްފީ އަވަސް އަވަހަށް ހިނގައިގަތެވެ.

***

އިއްތިފާގުން އިރާނިޔާއަށް ފުރަތަމަ ޑިޔުޓީ ޖެހުނީ ޒަމްޙާއާއި އެކުގައެވެ. އަހަރުނުވާ ކުޑަދަރިއަކު ހުރުމުން އިރާނިޔާއަށް ހަމަޖެހުނީ އަބަދު ހެނދުނު ނިކުންނަ ގޮތަށެވެ. އާދައިގެ މަތިން ޑިޔުޓީއަށް ގޮސް ސޮއިކޮށް ހަދާފައި އިރާނިޔާ ޙާއިޝާއަށް ގުޅައިލީ ހޫރު އެގެއަށް ގެންދިޔަތޯ ޔަޤީންކުރުމަށެވެ. އޭނާއައީ އެކަން އަދްޔަންއާ ހަވާލުކޮށްފައެވެ.

"މަންމާ!! އަޅުގަނޑު ހޫރަށް ފީޑްކުރަން ދާނަން. އެކަމަކު"

"ރާނީ މިގެއަށް ނުވަންނާނަންތަ؟" ޙާއިޝާ ބުނެލިއެވެ.

"މަންމާ! އަޅުގަނޑު ތިގެއަށް ވަންނަން ބޭނުމެއްނޫން... އެކަމަކު ދުވަހަކުވެސް ތިމަންމައާއި އަޅުގަނޑާ ދެމެދު އޮތް ގުޅުން ކެނޑިގެނެއް ނުދާނެ" އިރާނިޔާ ބުނެލިއެވެ.

"މަންމާ!! ސޮރީ އިނގޭ... ތިގެއާ ގުޅުން އޮތީ މިހާރު ހޫރާ އެއްނު. މަންމަ ބޭނުން ކޮންމެ ގަޑިއެއްގަ ތިގެއަށް ހޫރު ވެއްދޭނެ" ޙާއިޝާ ބަހެއް ނުކިޔުމުން އިރާނިޔާ ވާހަކަދެއްކިއެވެ.

"އެހެންވީމަ ދަރިފުޅު އަންނަމުން ރިންގެއް ޖަހާލާ. އޭރުން މަންމަ އަދޫއަށް ގުޅައިގެން ހޫރު ފޮނުވާނަން އެގެއަށް" ޙާއިޝާ ބުނެލިއެވެ.

ޒަމްޙާއަށް އާދެވުނީ އިރާނިޔާ ކުރަން ހުރި މަސައްކަތް ނިންމާފައި ފޯނާކުޅެން އިންދައެވެ. އާޝިދާއި ފޯނުން ޗެޓްކުރަމުން ދިޔައިރު އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޒަމްހާ ކަރުކެހިލުމާއެކު ބަލައިލިއެވެ.

"އައްދޭ... ދެކުދިންގެ ލޯބީގެ ފަސާނާ އެންމެ ހޫނުވި ގަޑީގަ ދޯ އުނދަގޫ މިކުރެވުނީ" ޒަމްޙާ ބުނެލިއެވެ.

"ނޫނޭ... ސަޔަށްދާންވީތަ؟" އިރާނިޔާ އެހިއެވެ.

"އާނ... އަހަރުން ގެއަށް ދާނީ ދޯ. މަންމަ ހުންނާނީ މިހާރު ސައިހަދާފަ... އެހެންނޫނަސް ރާނިއަށް ދެވޭނެތަ؟" ޒަމްޙާ ބުނެލިއެވެ.

"އާނ ހިނގާ...." އިރާނިޔާ ދަބަސް ހިފައިގެން ތެދުވިއެވެ.

"މީހަކު ވަރަށް ލޯބިން ރާނީއަށް ދޮނެއް ދީފައެއްނު އެއޮތީ... ބަދަލުގަ ފޮނުވާލާ ދޮނެއް.. އަހަރެން ނުބަލާނަން" ޒަމްޙާ ބުނެލިއެވެ. އިރާނިޔާ ފޯނަށް ބަލައިލިއެވެ. ތެދެކެވެ. އާޝިދް އަދިވެސް ވާހަކައެބަދައްކައެވެ. ހީލާފައި ޓައިޕްކުރަން ފެށުމުން ޒަމްޙާ ހީލިއެވެ. އިރާނިޔާގެ ތުންފަތްމަތިން މިހާރު ފެންނަމުންއެދާ ހިނިތުންވުމަކީ އޭނާ އެންމެ ދެކެންބޭނުންވި މަންޒަރެވެ. އެކުވެރިޔާއަށްޓަކައި އޭނާ އުފާކުރިއެވެ.

"ނިމުނީތަ...؟ މިހާރު ބުނީތަ މަންޖެ ލޯބިވެޔޭ..." ފޯނު ދަބަސް ތެރެއަށްލި މަންޒަރު ފެނުމުން ޒަމްޙާ ބުނެލިއެވެ.

"ސާބަހޭ ޒަމް.... ސިޑް ދެކެ ލޯބިނުވިޔަސް ޒަމްދެކެ ލޯބިވެޔޭ" ހީލަމުން އިރާނިޔާ ބުނެލިއެވެ.

***

އައިރިސް ދިރިއުޅޭ ގެއަށް އާޝިދް ދިޔައީ އޮފީހުގައި ސޮފާ އެންމެ ބިޒީވި ވަގުތު ބަލާފައެވެ. އޭނާ ބޭނުމަކަށްވީ ބިރެއްނެތި ޒަހުރިއްޔާއާ ވާހަކަދައްކާލުމެވެ. ވަޙީދުއްދީންގެ އެއްވެސް ކުށެއްނެތްކަން ޒަހުރިއްޔާއަށް އަންގައިދިނުމެވެ.

"އައީތަ؟ ހިނގާ. ޒަހުއްތަ އެބައިން ރޫމުގަ" ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި އާޝިދް ފެނުމުން އައިރިސް ބުނެލިއެވެ.

"މަންމަ ނާންނާނެކަން ޔަޤީންތަ މިގަޑީގަ" ކޮޓަރިއާއި ދިމާލަށް ހިނގައިގަންނަމުން އައިރިސް އެހިއެވެ.

"އައިމް ޝުއަރ. ވަރަށް ވަރުގަދަ މަސައްކަތެއްގަ އިނީ... އެހެންނޫނަސް ވަރަށް އަވަހަށް އައިރިސްގެ މަންމަ ދާއިމީގޮތެއްގަ ގެއަށް ބަދަލުކުރަން މިއުޅެނީ.." ދެމާނަ އެކުވެލޭ ޖުމްލައެއް އާޝިދް ބުނެލިއެވެ. އައިރިސްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. "ޑޯންޓް ގެޓް މީ ރޯންގް. ހަމައެކަނި ޒަހޫމަންމަ އެކަންޏެއްނޫން ސޮފާއްތަގެ ނުބައި ރޭވުންތަކުން ސަލާމަތްކުރަން މިއުޅެނީ... ޔޫ ނޯ.... މައި ބިޒްނަސް... އެ އޮފީސް... އައިރީގެ ބޭބީ...." އައިރިސް ހުއްޓިގެން ހުންނަން ފެށުމުން އާޝިދް ބުނެލިއެވެ. އައިރިސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

ކޮޓަރިއަށް ވަންއިރު ޒަހުރިއްޔާ އެނދުގައި އަލްބަމަކަށް ބަލަހައްޓައިގެން ގެއްލިފައި އިނެވެ. ބަޔަކު އެތެރެއަށް ވަން ކަމެއް އޭނާއަކަށް ނޭނގެއެވެ.

"މަންމާ...!!" އަޑުއައި ދިމާލަށް ޒަހުރިއްޔާ ބަލައިލިއެވެ. ދިމާ ކުރިމަތީގައި ހުރި އާޝިދުގެ ފުރިހަމަ އިސްކޮޅަށް ނަޒަރު ހިންގައިލުމާއެކު ޒަހުރިއްޔާގެ ދެލޯ ފުރިގެން އައެވެ. އާޝިދްގެ ދުލުން 'މަންމަ' މި ލަފްޒު އަޑުއިވިގެން ދިޔުމާއެކު އޭނާއަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އާޝިދް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ވަޙީދުގެ ފިރިހެން ދަރިއެއް ހުންނަކަން އަހަރެންނަށް މާކުރިން އިނގޭ. ތިއީ އެދަރިކަން އަހަރެންނަށް އިނގުނީ އިހަކަށްދުވަހަކު" އަލްބަމް ލައްޕާލައިފައި އެއްފަރާތުގައި ބާއްވަމުން ޒަހުރިއްޔާ ވާހަކަދެއްކިއެވެ.

"މާކުރިން އަހަރެން ތިއީ އަހަރެންގެ އުފަން ދަރިއެއް ކަމުގައި ނިންމައިފިން" ޒަހުރިއްޔާ ބުނެލިއެވެ.

"އަޅުގަނޑު ދުވަހަކުވެސް އުފަން މަންމަ ނުދެކެން އުޅެ ބޮޑުވީ ޒީލަގަދަ ބޮޑުދައިތައެއްގެ އަތްމަތީގަ. ޒުކްގެ މަންމަ ވާނީ ޔަޤީނުންވެސް އަޅުގަނޑުގެވެސް މަންމައަށް. އަޅުގަނޑު މަންމަގެ އުނގުގައި ބޯއަޅާލިޔަސް ހެޔޮތަ؟" ޒަހުރިއްޔާއާ ދާދި ކައިރިއަށް އާދެވުމުން އާޝިދް ބުނެލިއެވެ. ޒަހުރިއްޔާ ބޯޖަހައިލިއެވެ. އެހެންޏާ ނުފެންނަފަދަ ފަރާތެއް އާޝިދްގެ ފުށުން ފެންނަމުންދާތީ އައިރިސްއަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.

"މަންމާ...!! ސޮފާއްތައަކީ ރަނގަޅު މީހެއްނޫން. ސޮފާއްތަ ވަރަށް ގޯސްކޮށް ކަންތައްތައް އެބަކުރޭ. މިގޭތެރޭގަ އުޅޭއިރު އެއްވެސް ކަމެއް މަންމައަށް ނޭނގެނީތަ؟ ނޫނީ ނޭނގޭކަމަށް ހަދައިގެން އުޅެނީތަ؟" ޒަހުރިއްޔާގެ އުނގުގައި ބޯއަޅާލައިގެން އޮވެ އާޝިދް ވާހަކަދެއްކިއެވެ.

"އިނގޭ ބައެއް ކަހަލަ ކަންތައްތަކުގަ ސޮފާ ހުރީ ހައްދުފަޙަނައަޅާފަކަން. އެކަމަކު އަހަރެންނަށް ރަނގަޅަށް ކަންތައްކޮށްދެނީ. މިޒަމާނުގަ އަހަރެން ކަހަލަ ނުކުޅެދޭ މީހަކު ބަލަހައްޓާނެތަ ނުރަނގަޅު މީހަކު" ޒަހުރިއްޔާ ފާޅުކުރީ އޭނާއަށް ވިސްނޭ ގޮތެވެ.

"ރަނގަޅު. އެއްވެސް މީހަކު އެދުމެއްނެތިި ވެދުމެއް ނުކުރާނެ... މަންމާ!! މިޒަމާނުގަ ތިކަހަލަ އިތުބާރު އެކަކު އަނެކަކަށް ކޮށެއްނޫޅޭ. އެންމެ ގާތްކޮށް ވާހަކަދައްކާ ހީފައި ފުރަގަސްދިނީމަ ބުރަކައްޓަށް ހަރާާލާނީ ވަޅި" އާޝިދް ވާހަކަދެއްކިއެވެ.

"ދަރިފުޅު ކީކޭ ތިކިޔަނީ؟ މަންމައަކަށް ނުވިސްނޭ" ޒަހުރިއްޔާ ބުނެލިއެވެ.

"މަންމާ!! ބައްޕަގެ އެއްވެސް ކުށެއްނެތް. ބައްޕަ އަދިވެސް ހުރީ މަންމައަށް ވަފާތެރިކަމާއެކު. މަންމަގެ އެންމެފަހުގެ ހަނދާނަށް ދިން އެކުޑަކުޑަ ޒުކް ބެލެހެއްޓުމުގަ. ބައްޕަ އަދިވެސް އިންތިޒާރު އެކުރަނީ މަންމަ އެގެއަށް އަންނާނެ ދުވަހަކަށް" އާޝިދް ވާހަކަދެއްކިއެވެ.

"މި މަންމަގެ ހިތްހަލާލު ވަޙީދަށް ކިހިނެއް ލިބޭނީ. މި ހާލުގަ މަންމަ ބައިންދާފަ އޭނަ ކޮންފަދަ އުފާވެރި ދިރިއުޅުމެއް އެ އުޅެނީ؟ ދަރިފުޅު ކޮންމެހެން ދޮގުތަކެއް ނެހެދިޔަސް މަންމަގެ މައްސަލައެއްނެތޭ. މަންމައަށް ޒުކް ނުގެއްލޭހާ ހިނދަކު މިހާލުގައިވެސް ދުނިޔެއަށް ނޭވާ ލައިގެން މަންމަ އިނދެފާނަން" ޒަހުރިއްޔާއަށް ރޮވިއްޖެއެވެ.

"ނޫން މަންމާ! އަޅުގަނޑު ކީއްކުރަން ދޮގުހަދަންވީ. ގަބޫލުނުކުރެވެންޏާ އެހެރީ އައިރިސް. ގޮވާފަ އަހާބަލަ. އަމިއްލަ މައިމީހާއާއި ބެހޭގޮތުން އައިރިސް ދޮގުނަހަދާނެއްނު" ޒަހުރިއްޔާ ދޮރުމަތީގައި ހުރި އައިރިސްއަށް ބަލައިލިއެވެ. އައިރިސްގެ ދެލޮލުން އެހެންޏާ ނުފެންނަ ޔަޤީންކަމެއް އޭނާއަށް ފެނިއްޖެއެވެ.

"ދެން އެހެންވިއްޔާ އަހަރެން ވަޙީދަށް ފޮނުވިހާ ސިޓީތަކެއްގެ ޖަވާބު ނުދޭންވީ ކީއްވެ؟؟ ސޮފާ އަހަރެންނަށް އޮޅުވާލާންވީ ކީއްވެ؟" ޒަހުރިއްޔާ އެހިއެވެ.

"ޒަހުއްތަ ލިޔުނު ހުރިހާ ސިޓީއެއް އަދިވެސް އެބަހުރި މަންމަގެ އަލަމާރީގަ. މިހާރުވެސް ގެނެސްދީފާނަން" އައިރިސް ބުނެލިއެވެ. ޒަހުރިއްޔާ ގަބޫލުނުކުރެވިފައި އާޝިދްގެ މޫނަށް ބަލައިލިއެވެ.

"ހެޔޮނުވާނެ. މިހުރިހާ ކަމެއް އަހަރެންނަށް ކިޔައިދީ... އަހަރެން މޮޔަވެދާނެ" ދެކަންފަތް މަތީގައި އަތް އަޅަމުން ޒަހުރިއްޔާ ވާހަކަދެއްކިއެވެ.

"މިގަޑީގަ މިގެއަށް މިއައީވެސް މިވާހަކަތައް ކިޔައިދޭންވެގެން. މަންމަ ބޭނުމިއްޔާ މިއަދު ނޫނީ މާދަމާވެސް ގެއަށް ދެވިދާނެ" އާޝިދް ބުނެލިއެވެ.

"އެންމެ ފުރަތަމަ އަހަރެން ބޭނުންވަނީ ހުރިހާ ކަމެއް އިނގެން" ޒަހުރިއްޔާ ބުނެލިއެވެ. އާޝިދް އިންތަނުން ތެދުވިއެވެ. ދެލޯކައިރި ފޮހެލާފައި ޒަހުރިއްޔާ ކައިރީގައި އިށީނެވެ. އެއަށްފަހު ޒަހުރިއްޔާގެ އަތްތިލަ އުފުލައިލުމަށްފަހު އޭނާގެ އަތްތިލައިގެ ތެރެއަށް ލައިފިއެވެ. ދައްކަންޖެހޭ ވާހަކަތަކުގެ ގޮތުން އޭނާ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން ދިޔައެވެ.

***

ޔަޝްފީ ދެއްކި ވާހަކަތަކަށްފަހު ޙާއިޝާ ވިސްނަން އިނެވެ. އެވާހަކަތަކާއި އަވަށްޓެރި ޒުބޭދާ ދެއްކި ވާހަކަތައް ގުޅުވާލުމުން ވަރަށް ފަސޭހައިން ދިމާވެއްޖެއެވެ. ތަމަންނީގެ ނުބައި ފަރާތެއް އުނޭޝްއަށް ސިރުކޮށްފައިވާކަން އޭނާގެ ތޫނު ސިކުނޑިން ދެނެގަނެއްޖެއެވެ. ތަމަންނީގެ ބަނޑުގައި އޮތް ދަރިފުޅާ މެދު އޭނާއަށް ނުބައި ޝައްކުތަކެއް ކުރެވެން ފެށުމުން ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިިޔައެވެ.

"މަންމާ ކޯޗެއް ތިވިސްނަނީ؟" ޚިޔާލުތަކުގެ ކަނޑަށް ޣަރަޤުވެފައި އިން ޙާއިޝާ ސިހިގެންދިޔައީ ޔަޝްފީގެ އަޑުންނެވެ.

"މަންމަ މިހިތަށް އަރަނީ..."

"ތިހެން އަޅުގަނޑުވެސް ހިތަށް އެބައަރާ..." ޔަޝްފީ ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީ؟؟" ޙާއިޝާ އެހިއެވެ.

"ހިނގާ ޔަޤީންކުރަން" ޔަޝްފީ ބުނެލިއެވެ.

"އެކިހިނެއް؟ މަންމަ ނުބުނާނަން ދަރިފުޅު ކައިރީގަ ނުބައި ކަމެއް ކުރާކަށް" ޙާއިޝާ ބުނެލިއެވެ.

"އޭނައާއި ތަންކޮޅެއް ފްރެންޑްވެލާފަ ފޯނު ހާވާލަން އުޅުނީ. އެއީ ގޯސްކަމެއްތަ؟" ޔަޝްފީ ބުނެލިއެވެ.

"އަހަރެންނަށް މިފިކުރު ކުރެވެނީ އުނޭޝްއާ މެދު. އަހަރެން ހިތް މިބުނާގޮތަށް ވެފައި އޮތް ކަމެއްވިއްޔާ އެސޮރަށް އެލިބުނީ ހާދަހާ ބޮޑު ދެރައެކޭ" ޙާއިޝާ ބުނެލިއެވެ. އެވަގުތު ޔަޝްފީގެ މޫނުމަތިންވެސް ކަންބޮޑުވުން ފެނިލައިފިއެވެ. ދޮންބެގެ ހިތްކުދިކުދި ވާވަރުގެ ކަމެއް ނުވުމަށް އެދި ހިތާއިހިތުން ދުޢާ ކޮށްލެވިއްޖެއެވެ.

"މިހާރުވެސް އެސޮރު ކުރާނެ ހިތާމައާއި ތެޅޭނެ ތެޅުން އަހަރެންނަށް ފެންނަ ކަހަލަ" ޙާއިޝާ ބުނެލިއެވެ. އޭނާގެ އަޑުގައިވީ މަޑުމޮޅިކަމެވެ.

***

ޤުދުރަތީގޮތުން ޖެހެމުންދާ ފިނިފިނި ވައިރޯޅީގެ މަސްތުގައި ޖެހިފައި ޝެނަލް އިނީ ގޭ ދޮރުމަތީގައި އެލުވާފައި ހުރި ޖޯލީގައެވެ. ވަގުތަކީ ހަވީރު ފިނިޖެހިފައިވި ވަގުތެވެ. އެހިސާބުން މީހުން މަދުން ފެންނަމުން ދިޔަސް ޖެޓީ ސަރަހައްދުގައި ހުރިހާ އުމުރުފުރާތަކެއްގެ މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ. ޝެނަލް އޮތީ އެދިމާލަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އޭނާގެ ހަށިގަނޑު ސީދާކޮށްލީ ކުރިމަތިން މަޑު ދުވެއްޔެއްގައި ދިޔަ އަދްޔަން ފެނިފައެވެ. އެހާ ދުވަސްފަހު ފެނުނުއިރުވެސް އެއްވެސް ބަދަލެއް އަދްޔަންގެ ހަށިގަނޑަށް އައިސްފައެއް ނެތެވެ. އޭނާގެ ހިތުގައި ރިއްސައިލީ އަދްޔަން ފަހަތުގައި އިން އަންހެންކުއްޖާ ފެނުމުންނެވެ. އޭނާއާ އަރާ ހަމަވެފައި އަދްޔަން ސައިކަލުގެ ބުރަކި ޖައްސައިލީ ހަމަ ގަސްތުގައެވެ. ގުމްރޫހް އޭނާގެ ބުރަކަށީގައި ތަތްވެގެން ދިޔަ މަންޒަރާއި އެވަގުތު ގުމްރޫހް ހީލި މަންޒަރު ފެނުމުން ޝެނަލްއަށް ނުބައި ގޮތެއްވެގެން ދިޔައެވެ.

"އަދްޔަން ޒީކްއަށްވެސް ދޯކާ ދެނީތަ...؟؟ ދުވަހަކު އިސްލާހެއްނުވާނެ" ޝެނަލް ދެފަރާތަށް ބޯހޫރާލިއެވެ.


(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟