ވާހަކަ

ދެކިލަން އެދޭތީ - 41

''އެކަހަލަ އެއްވެސް ވާހަކައެއް އަހަރުމެންނާއި ޖާދިން ހިއްސާ ނުކުރޭ...'' އާރަބްއަށް ހައިރާންކަމާއެކު ބުނެވުނެވެ. އެމޫނުމަތިން ޤަބޫލުކުރަން ދަތިވެފައިވާ ކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ސިކުނޑިވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އީވާއާއި ޖާދިން އުޅެމުން އައީ ނުލާހިކު ލޯބިންނެވެ. ކުއްލިޔަކަށް އީވާގެ ޚިޔާލު ބަދަލުވެގެން ދިޔައީ ކީއްވެގެން ބާވައޭ ވެސް ސުވާލު އުފެދުނެވެ. ޖާދިންއަށް ގޯސްކޮށްކަމެއް ކުރެވުނީ ހެއްޔެވެ؟ ނޫނީ އީވާއަށް އެކަށީގެންވާ ވަރަށް ވަގުތު ނުދެވުނީ ހެއްޔެވެ؟ އީވާގެ ހިތުގައި ޖާދިންއަށް ޖެއްސުނީ ހެއްޔެވެ؟ ތަފާތު އެކިއެކި ސުވާލުތައް އާރަބްގެ ހިތުގައި އުތިރިއަރަން ފެށުމުން ނުތަނަވަސްކަން ހިތުގައި އުފެދުނެވެ.

''ޖާދުއަށް ގޯސްކޮށްކަމެއް ކުރެވުނީތަ؟...'' އާރަބްގެ ހިތުގައިވި ސުވާލުތައް ބޭރުވެގެން ދިޔައީ ބަސްމާގެ ދުލުންނެވެ. އޭނަގެ އަޑުގައި ވެސް ހައިރާންކަން އެކުލެވިގެންވިއެވެ. ކުއްލިޔަކަށް އީވާގެ ޚިޔާލު ބަދަލުވުމުން ސިހުމުގެ އަސަރު އެމޫނުމަތިން ފެންނަމުން ދިޔައެވެ. ޖާދިންގެ ފަރާތުން ފެންނަ ހިތާމައިގެ ސިއްރަކީ އީވާގެ އެނިންމުން ހެއްޔެވެ؟ ކަންތައްތައް އެހިސާބަށް ދިޔައިރުގައި ވެސް ޖާދިންއަށް އެވާހަކަތައް ހިއްސާނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އީވާގެ ޚިޔާލު ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ޖާދިންއަށް ގޯހެއް ހެދުނީ ހެއްޔެވެ؟

ބަސްމާގެ ހިތުގައި ވަނީ ހާސްކަމެވެ. އޭނައަށް ކަރީމްއާއި ލައިލާގެ މޫނަށް އަވަސް ނަޒަރެއް ދެވުނެވެ.

''ނޫން، ޖާދިންއަށް ގޯސްކަމެއް ނުކުރެވޭ...'' ފުންނޭވާއެއް ދޫކޮށްލަމުން ކަރީމް ބުނެލިއެވެ. ''ބަސްމާ ތިހީކުރާ ކަހަލަ ކަމެއް ދިމާނުވޭ...''

''ދެން ކީއްވެގެންތަ ކުއްލިޔަކަށް އީވާގެ ޚިޔާލު ބަދަލުވެގެން ދިޔައީ؟، ކައިވެންޏަށް އިންކާރު ކުރީ ކީއްވެތަ؟...'' ކަރީމްގެ ޖުމްލައިން ބަސްމާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އޭނަގެ ހިތުގައި ވަހަމު އުފެދިފައިވާ ފަދަ ކަމެއް ކުރިމަތި ނުވާނަމަ ކުއްލި ގޮތަކަށް އީވާގެ ނިންމުން ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟

މާހައުލަށް ވެރިވި ހިމޭންކަމުން ބަސްމާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މީހާ ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނަފުސު ގެނބެމުން ދިޔަ ހާސްކަމުގެ ސަބަބުން ނޭވާލާން ވެސް ދަތިވެއްޖެއެވެ. ނިއުޅެމުން ދިޔަ މަންޒަރުތައް ނަގައިގަންނަންވީ ކިހިނެއްކަމެއް ވިސްނައިގަންނަން އުނދަގޫވެފައި ވިއެވެ. އެދަނޑިވަޅުގައި ޖާދިންއާއި މެދުގައި ބަސްމާއަށް ވިސްނުން ހިންގާލެވުނެވެ. މިހާރަކަށް އައިސް ދަރިފުޅުގެ ފަރާތުން ފެންނަ ނުތަނަވަސްކަމާއި މާޔޫސްކަން ލޯކުރިމަތިން ސިފަވާން ފެށިއެވެ. ޖާދިންގެ ތަބީއަތަށް އައިސްފައިވާ ބަދަލުތަކުގެ ހަޤީޤަތް ވެސް ހާމަވިއެވެ. އޭނައަށް ޔަޤީންކުރެވުނީ އެބަދަލުތަކާއި ގުޅިފައިވަނީ އީވާ ކަމެވެ. ކައިވެންޏާއި ދެކޮޅު ހެދުމުން ޖާދިންގެ ހިތް ހަލާކުވެއްޖެކަމުގެ ނިޝާންތައް އެމޫނުމަތިން މިހުރިހާ ދުވަހު ފެންނަމުން ދިޔައެވެ. ދަރިފުޅުގެ ހިތްދަތިކަން ބަސްމާއަށް ތަސައްވަރުކުރެވެން ފެށިއެވެ.

''ވަރަށް އުނދަގޫ މިހެން ބުނަން ވެސް، އެކަމަކު ސިއްރުކުރާކަށް ވެސް ނެތިން...'' އާރަބްގެ ދެމަފިރިންނަށް ބަލައިލަމުން ކަރީމް ވާހަކަދެއްކިއެވެ. އެއާއެކު ބަސްމާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ދެން އިވިގެންދާނެ ވާހަކަތަކުން މަސްލަހަތު އިތުރަށް ގޯސްވެގެން ދިއުން ނޫންކަމެއް ނުވާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. ކަރީމްއާއި ލައިލާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އެކަމަށް ހެކިދެއެވެ.

''ޖާދިން ދެކެ އީވާ ލޯތްބެއް ނުވޭ، ކައިވެންޏަށް އާނ ބަސް ދެވުނީ ވެސް އަހަރުމެންގެ އުއްމީދުތައް އެކައިވެންޏާއި ގުޅިފައިވީތީ، އީވާގެ މަޖުބޫރީ ހާލަތުގެ ސަބަބުން މިހުރިހާ ދުވަހު ހަޤީޤަތް ހާމަނުކުރެވުނީ!...'' އިސްޖަހައިލަމުން ކަރީމް ބުނެލިއެވެ. ވާހަކައިގެ ސީރިޔަސްކަން އާރަބްއަށް ނަގައިގަނެވުނެވެ. މިވީހާ ދުވަހު އޭނައާއި ހަތަރުކަޅި ހަމަކުރަން ކަރީމް ދުވަހަކު ފަސްޖެހިފައި ނެތެވެ. މަސްލަހަތުގެ ނާޒުކުކަން ވެސް އޭނައަށް ވިސްނައިގަނެވުނެވެ.

''އެކަމަކު...'' ބަސްމާ ބުނަން އެޅުނެވެ. ހުއްޓެވުނީ އޭނަގެ އަތުގައި އާރަބް ހިފައިލުމުންނެވެ. އާރަބްގެ އެހަރަކާތުން ބަސްމާގެ ދުލުގައި ތަޅެއް ލެވުނެވެ. ހިތުގައި އުފެދިގެން އައި ސުވާލުތައް ދިރުވާލަން މަޖުބޫރު ވެއްޖެއެވެ.

''އީވާގެ ނިންމުމަށް އަހަރުމެން ޤަދަރުކުރާނަން، މަޖުބޫރުކަމެއް އޮތްނާކަށް އަހަރެން ބޭނުމެއް ނޫން، މަޖުބޫރުކަންމަތީ ކައިވެނި ކުރެވިއްޖެނަމަ އެއީ އެދެކުދިންނަށް ވެސް ދެވޭނެ ބޮޑު އަނިޔާއެއް، ވާހަކައިގެ ގޮތުން ކަން ނޭނގެ ޖާދިންއަށް އަހަރުމެންނާ ހިއްސާކުރަން އުނދަގޫވީ... އެކަމަކު ވަގުތު ފާއިތުވުމުގެ ކުރިން އީވާ ބޭނުންވާ ގޮތް ހާމަކުރީތީ އަހަރެން އުފާވެއްޖެ، އީވާ ވެސް އުފަލުގައި ވާތަން ދެކެން އަހަރެން ބޭނުންވަނީ... ޖާދިންއާ އަހަރެން ވާހަކަދައްކާނަން، އަހަރެންގެ ގާތުން ކަރީމް މަޢާފަށް އެދޭނެކަމެއް ނެތް...'' އިރުކޮޅެއް ވަންދެން ވިސްނާލުމަށްފަހު އާރަބް ބުނެލިއެވެ. އިސްއުފުލައިލެވުނު ކަރީމްއަށް އާރަބްގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު އާރަބްއަށް ކަރީމްއާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެހިތުގައި ބުރަހެލިކަމެއް ނެތްކަން ސާބިތުކޮށްދިނެވެ.

ކަރީމްގެ ވާހަކަތަކުން ބަސްމާ ހިތްހަމަނުޖެހުނެވެ. ޖާދިންއާ މެދު ވިސްނާލުމެއް ނެތި އެފަދަ ނިންމުމެއް ނިންމީތީއެވެ. އެކަމުގައި ޖާދިންއާ މަޝްވަރާކުރުމެއް ވެސް ނެތި އެގޮތަށް ފަހު ބަސް ބުނީތީއެވެ. އުއްމީދެއް ނެތަސް ޖާދިންގެ ދިރިއުޅުމުގެ އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ޖާދިންގެ ޚިޔާލު ބޭނުން ވާނެއެވެ. ޖާދިން ކުރަމުންދާ ހިތާމަތައް ވެސް އާރަބްއަށް ނުފެންނަނީ ބާވައޭ ބަސްމާގެ ހިތަށް އެރިއެވެ. ޖާދިންގެ ފުރަތަމަ ލޯތްބަކީ އީވާއެވެ. އެލޯބި ހާސިލުނުވާނެކަމުގެ ހިތިކަމާ ދަރިފުޅު ކުރިމަތިލަމުންދާކަން އާރަބްއަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ ދަރިފުޅަށްވުރެން ބޮޑަށް އާރަބްއަށް މުހިންމު ވަނީ އެކުވެރިކަން ހެއްޔެވެ؟

ކިތަންމެ ވަރަކަށް ހިތްހަމަނުޖެހުނުކަމުގައި ވިޔަސް، ބަސްމާއަށް އާރަބްގެ ނިންމުމާއި ދެކޮޅަށް އެންމެ ލަފުޒެއް ވެސް ބޭރުކޮށްނުލެވުނެވެ. ހިމޭނުން އިންނަން މަޖުބޫރުވިއެވެ. ނަމަވެސް މޫނުމަތީން އެހިތަށް ކޮށްފައިވި އަސަރުތައް ސިއްރުކުރަން އުނދަގޫ ވިއެވެ.

''ފަހަރެއްގައި ވެސް މިފަދަ ދުވަހެއް އައިސްދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން، އެކަމަކު މިވަނީ ކުރިމަތިލާން ޖެހިފައި، ދެރަވޭ އަހަރުމެންގެ ދުވަސްވީ އެކުވެރިކަން އާއިލީ ގުޅުމަށް ބަދަލުނުވާނެތީ، އެކަމަކު ޖާދިންއާ ކައިވެނިކުރަން އީވާ ބޭނުންނުވާ ނަމަ އެކަމަށް މަޖުބޫރުކުރުމުން ނިކުންނާނީ ގޯސް ނަތީޖާއެއް... އެންމެ ރަނގަޅުވާނީ ވެސް އީވާ ބޭނުންވާ ގޮތަށް ކަންތައް ކުރުން...'' އާރަބް ބުންޏެވެ. އާރަބްގެ ވާހަކަތަކުން ކަރީމްގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނެވެ. ލައިލާއަށް ވެސް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ދެއެކުވެރިންގެ ދެމެދުގައި އޮތް ފުރިހަމަ އެކުވެރިކަން ފެނި އުފާ ވެސް ވިއެވެ. އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ޤަދަރުވެސް ސާބިތުކޮށްދީފިއެވެ. އޭރު މާހައުލު ހަމައަކަށް އެޅެމުން ދިޔައެވެ. އެކަމާ ހިތްހަމަނުޖެހިފައި އިނީ ބަސްމާއެވެ. އޭނައަށް ވިސްނެމުން ދިޔައީ ޖާދިންއާ މެދުގައެވެ. ދަރިފުޅު ކުރަމުންދާ ހިތާމަތަކުގެ އަސްލު އެވަނީ ހޯދައިގަނެވިފައެވެ. ހިތާމައަކީ ދަރިފުޅުގެ ދިލަ ހިތަށް ފަރުވާއެއް ހޯދައިދޭނެ ގޮތެއް ވިސްނުމަށް ނައުމުންނެވެ. ސިއްކަ ޖެހިގެން ދިޔަ ނިންމުމުގެ ސަބަބުން އަލިމަގެއް ފެނިދާނެ ކަމާމެދު ހިތުގައި ޝައްކު އުފެދިގެން ދިޔައެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނަ ބޭނުންވަނީ ޖާދިން އުފަލުގައިވާތަން ދުށުމަށެވެ. އަލަތު ލޯބި ނާކާމިޔަބުވުމުން ކެކުޅުންތަކުގައި ދުވަސްތައް ހޭދަކުރާތަން ދެކެން އޭނަގެ މައިލަގޮނޑިއަށް ކެތެއް ނުވާނެއެވެ.

އީވާ ދެކެ ބަސްމާއަށް ރުޅިއާދެވުނެވެ. ޖާދިންގެ ހިތަށް އުއްމީދުތަކެއް ދީފައި ކައިވެންޏާއި އެއްބަސް ވީތީއެވެ. ފުރަތަމަ ވެސް އެކައިވެންޏާއި ދެކޮޅު ހެދިނަމަ ޖާދިންގެ ހިތަށް ލުޔެއް ލިބުނީހެވެ. ފޮނި ހުވަފެންތަކެއް ދައްކާފައި އެހިތަށް އަނިޔާ ދިނުމުން ބަސްމާގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ.

އާރަބްގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު އެއްވެސްކަމެއް ސިރުކުރުމެއް ނެތި ހަޤީޤަތް ކަރީމް ހާމަކުރިއެވެ. އަދި އީވާ ބޭނުންވާ ގޮތް ވެސް ހާމަކުރިއެވެ. އެވާހަކަތަކުން ބަސްމާ ރުޅިގަދަވެގެން ގޮސް ހީވީ ކެކެމުން ދިޔަ އަލިފާން ފަރުބަދަޔެއް ހެންނެވެ. ކޮންމެ އިރެއްގައި ވެސް ފަޅައިގެން ހިނގައިދާނެ ހެންނެވެ. އީވާ ދެކެ އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޖާދިންގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓާލާފައި އުފާވެރި ދިރިއުޅުމަކަށް ކުރަމުން ދިޔަ އުއްމީދުތަކާ މެދު އޭނަ ނުރުހުންވިއެވެ. ނަފުރަތުގެ ދިލަ ހޫނުކަން މޭގެ ތެރެއަށް ފޭދެން ފެށިއެވެ. ޖާދިން ހިތާމަކުރާ ހިނދު، އީވާއަށް އުފާވެރި ދިރިއުޅުމެއް ލިބޭތަން ދެކެން އޭނަ ހުންނަންވީ ހެއްޔެވެ؟ މޮޅިވެރިކަން ޖާދިންގެ ހަޔާތަށް ވެރިވެގެން ދާއިރު އީވާގެ ހަޔާތް ހުޅުދާންވެގެންދާ މަންޒަރު ބަލަން ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

''އީވާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުން އެންމެ ރަނގަޅުވާނީ... އީވާއަށް އުފާވެރި އަދި ފާގަތި މުސްތަޤުބަލެއް ލިބުން އަބަދު ވެސް އަހަރެންގެ ދުޢާއަކީ...'' އާރަބް ހިނިތުންވުމަކާއެކުގައި ބުނެލިއެވެ. ކަރީމްގެ ކޮންމެ ނިންމުމަކަށް ވެސް އޭނަގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަން ވެސް ހާމަކުރިއެވެ. އެދެމެދުގައި އޮތް އެކުވެރިކަމަށް ވެސް ބަދަލެއް ނާންނާނެ ވާހަކަ ބުނެލިއެވެ.

*****

ހިތުގައި އޮތް ރުޅިވެރިކަން ބަސްމާއަށް ބޭރުކޮށްލެވުނީ ކާރުގައި ގެއަށް ދިޔަ މަގުމަތީގައެވެ. އާރަބްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކާ މެދު އޭނަ ހިތްހަމައެއް ނުޖެހުނެވެ. އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލިއިރުގައި ވެސް ވިސްނާނުލީތީ އޭނަ ރުޅިގަދަވިއެވެ.

''ކީއްވެ އެފަދައިން އާރަބް ވާހަކަދެއްކީ؟... ޖާދިންއާއި މެދު ވިސްނައެއް ނުލަންތަ؟... ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް މިކަމުން ލިބޭނެ ހިތްދަތިކަމާ މެދު ވިސްނާލިންތަ!، އޭރު ވެސް ކުއްލި ގޮތަކަށް ޖާދު ލަންޑަނުން އައީމަ އަހަރެންގެ ހިތަށް އެރިޔޭ ކޮންމެ ވެސް ކަމެއް ވެއްޖެއްޔޭ، އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ވެސް އާރަބްގެ ފަރާތުން އެއްބާރުލުމެއް ނުލިބުނު، އެދަރިފުޅު ހާދަ ހިތާމަޔެއް އެބަކުރެޔޭ. އެކަމަކު އާރަބް ތިޔައީ އެހިތްދަތިކަން އިތުރުވާނެ ގޮތަށް ކަންތައް ކޮށްދީފައި...'' އަޑުހަރުކޮށް ބަސްމާއަށް ބުނެވުނެވެ. މިވިހާ ދުވަހު އަޑުހަރުކޮށް އާރަބްއާއި ބަސްމާ ވާހަކަދައްކާފައެއް ނުވެއެވެ. ފިރިމީހާއަށް ލިބެންޖެހޭ ޤަދަރާއި އިއްޒަތަށް ކުޑަމީސް އުނިކަމެއް އަންނާނެ ފަދަ ކަމެއް ކޮށްފައި ނުވެއެވެ. ނަމަވެސް ހިތުގައި ކެކެމުން ދިޔަ ރުޅިވެރިކަމުގެ ސަބަބުން ދޫ ހިމޭނުން ބޭއްވުން ދަތިކަމަކަށް ވެއްޖެއެވެ. މިހުރިހާ އިރު ކޮންޓްރޯލް ކުރަމުން ދިޔަ ރުޅިގަނޑު ފަޅައިގެން ގޮސްފިއެވެ.

''އެނޫން ގޮތަކަށް ސުލްހަ ވެރިކަމާއެކު މިކަމެއް ނުނިންމޭނެ، އީވާ ބޭނުން ނުވާކަމަކަށް މަޖުބޫރުކޮށް އަހަރުމެންގެ ދަރިފުޅުގެ އުފަލަށޭ ކިޔާފައި އެހެން މީހެއްގެ ދަރިއެއްގެ އުފާވެރިކަން ޤުރުބާނެއް ނުކުރެވޭނެދޯ؟... ދިރިއުޅުމުގައި އަބަދު އެމީހަކު ބޭނުންވާހާ ގޮތަކަށް ކަންތައް ނުވާނެ، އެއީ ދުނިޔޭގެ ހަޤީޤަތް، ޖާދިން ވެސް ޖެހޭނީ އެހަޤީޤަތާ ކުރިމަތިލާން... ޖާދިންއަށް ހެޔޮ ގޮތް ވުމަށް އެދޭ ފަދައިން އީވާ ވެސް އުފަލުގައިވުމަށް އަހަރެން ބޭނުންވަނީ... އީވާ ލޯބިވާ މީހަކާއެކު ދިރިއުޅުމެއް ފެށުމުގެ ފުރުސަތު ލިބެން ޖެހޭނެ... ޖާދިން ވެސް އެކަން ޤަބޫލުކުރަން ޖެހޭނެ...'' ނިތުގައި ބޮޑުވާ އިނގިލި ހިންގާލަމުން އާރަބް ވާހަކަދެއްކިއެވެ. އޭނަގެ އަޑުގައި ރުޅިވެރިކަމެއް އަދި ހަރުކަށިކަމެއް ނުވެއެވެ. ވަނީ މަޑުމައިތިރިކަމެވެ. ބަސްމާއަށް ވިސްނައިދޭން މަސައްކަތްކުރާ ކަހަލައެވެ.

''އެކަމަކު...''

''ބަސްމާ!، ދެން އިތުރަށް މިމަޢުޟޫއަށް ވާހަކަދައްކައިގެން ލިބޭނެ ފައިދާއެއް ނެތް، އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވޭނެ، ހަޤީޤަތުގައި ކަރީމް ނިންމާ ކޮންމެ ނިންމުމަކަށް އަހަރުމެން ޤަދަރުކުރަން ޖެހޭނެ، އަހަރުމެން މިހާރު ދިރިއުޅުމެނުން މިދާ މުއްސަނދިކަމުގެ ހިއްސާދާރަކީ އެއީ... މިއަދު ކަރީމް ދެރަވެފައި އަހަންނާއި އެވާހަކަތައް ދެއްކުމުން ވެސް ހިތަށް ގޮތެއް ވެއްޖެ.......... ޖާދިން ވެސް ކަންތައްތައް އެހާ ހިސާބަށް ދިއުމުގެ ކުރިން އަހަރުމެންނަށް އަންގަން މުހިންމުކަމަކަށް ނުވި...'' ބަސްމާއަށް އާރަބް ދިން ނަޒަރާއެކު، އާރަބްގެ ނިންމުމާ ދެކޮޅަށް އެއްޗެއް ބުނަން ނުކުރެވުނެވެ. ވަގުތުން ދޫ ހިމޭންވެގެން ދިޔަ އެވެ.

*****

ހަވީރު އޮފީސް ނިންމާލައިފައި ގެއަށް އައި ޖާދިންއަށް ގޭތެރެއިން މަންމައާއި ބައްޕަގެ ހިލަމެއް ނުވުމުން ހައިރާންކަން ލިބުނެވެ. އެވަގުތު ބޮޑުކޮޓަރި ސާފުކުރަން އުޅުނު ނޯކަރަކު ކައިރިން އޭނަ މައުލޫމާތު ސާފުކޮށްލިއެވެ. ލިބުނު ޖަވާބާއެކު ޖާދިން ހުއްޓުން އެރިއެވެ. ސިހުމުގެ އަސަރު މޫނުމަތިން ފެނުނެވެ. އަވަސްއަވަހަށް އޭނައަށް ހިނގައިގަނެވުނީ ގޭގެ މައިދޮރާއި ދިމާއަށެވެ. ވިސްނުމެއްގައި ހުރެއެވެ.

''ބައްޕަމެން އެގެއަށް ދިޔައީ ކީއްކުރަންތަ؟...'' ޖާދިންއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. ''ކިހިނެއް ވާންބާ މިއުޅެނީ، އަނެއްކާ އީވާ ހުރިހާ ކަމެއް ހާމަކުރީތަ؟...''

ޖާދިން އުޅުނީ ގަރާޖުގައި އޮތް އޭނަގެ ކާރު ނެރޭށެވެ. ގަރާޖާއި ދިމާއަށް މިސްރާބު ޖަހަން އުޅުނު ވަގުތު ހުއްޓެވުނީ ގޭގެ މައި ގޭޓުން އެތެރެއަށް ވަން އަޅިކުލައިގެ ކާރު ފެނުމުންނެވެ. އެއާއެކު ފިޔަވަޅުތައް މަޑުޖައްސާލަމުން އެދިމާއަށް ބަލަން ހުރެވުނެވެ. އެއީ ބައްޕަގެ ކާރުކަން އެނގުމުން ނުތަނަވަސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއެކު އެދިމާއަށް ޖާދިން މިސްރާބު ޖެހިއެވެ. ހާސްކަން އޭނަގެ މޫނުމަތިން ފެނެއެވެ. އެގެއަށް ކުއްލި ގޮތަކަށް މަންމައާއި ބައްޕަ ދާން ޖެހުނު ސަބަބާ މެދު ފިރުކުރުބޮޑުވެއްޖެއެވެ.

ކާރުން ފޭބުމާއެކު އާރަބްއަށް ހުއްޓެވުނީ ޖާދިން ފެނިފައެވެ. ބަސްމާ ވެސް ކާރުން ފައިބަމުން ޖާދިންއަށް ބަލައިލިއެވެ. ޖާދިންއާ ނަޒަރު ބައްދަލުވި ހިނދު ބަސްމާއަށް އިސްޖަހައިލެވިއްޖެއެވެ. އެދެލޮލުން ހަމްދަރުދީގެ އަސަރު ފެނި ޖާދިންގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ.

''ޖާދިން...'' އާރަބް ގޮވާލިއެވެ. ''ކީއްވެތަ ކަންތައް މިހާ ހިސާބަށް ދިޔަ އިރުގައި ބައްޕަމެންނަށް ނޭންގީ؟...''

''ކޮން ކަމެއްތޯ؟...'' ހާސްކަން ޖާދިންގެ އަޑުގައި ވިއެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވެލިއެވެ.

''ނޭނގިގެންތަ ތި ސުވާލު ކުރަނީ؟...'' ހިތްހަމަނުޖެހުމާއެކު އާރަބްއަށް ބުނެވުނެވެ. އެއަޑުގައި މިހާރު ހަރުކަށިކަން ވިއެވެ.

''ބައްޕާ...'' ޖާދިންއަށް ގޮވާލެވުނެވެ. އެހިތުގައި އޮތް ބިރުވެރިކަން ލޯކުރިމަތިން ހަޤީޤަތެއްގެ ސިފައިގައި ފެންނަން ފެށިއެވެ. އެހިތުގައި އީވާއާ މެދު ޝަކުވާތައް ވެސް އުފެދިގެން ދިޔައެވެ.

''ބައްޕައަށް އެނގޭ ދަރިފުޅު ދެރަވާނެކަން، އެކަމަކު ވެސް އީވާގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭނެ، މަޖުބޫރުކަމެއް އޮވެގެން ނުވާނެ... ދަރިފުޅު ވެސް ދެން އީވާގެ ނިންމުން ޤަބޫލުކުރޭ، ބައްޕަ ވާނީ ކައިވެނި ކެންސަލްކުރަން ކަރީމްގެ ހުށަހެޅުން ޤަބޫލުކޮށްފައި...'' އާރަބް އޭނަ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމަށް ފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އެމަންޒަރު ބަލަން ޖާދިންއަށް ހުރެވުނީ ސިހުމެއްގެ ތެރޭގައެވެ. ހުރިހާކަމަކަށް ނިމުން އަތުވެއްޖެކަން ޤަބޫލުކުރަން އޭނައަށް ދަތިވެފައި ވިއެވެ. ހިތާމަޔާއި މޮޅިވެރިކަމާއެކު ރުޅި ވެސް އަތު ވެއްޖެއެވެ.

''ދަރިފުޅާ...'' އިވުނީ މަންމަގެ އަޑެވެ. ކަރުނުން ފުރިފައިވި ދެލޮލުން މަންމައަށް ޖާދިން ބަލައިލިއެވެ.

ޖާދިންގެ ހިތްދަތިކަން ފެނި ބަސްމާއަށް ހީވީ ހިތް ގެނބިގެން ދިޔަ ހެންނެވެ. އަވަސްއަވަހަށް ޖާދިންގެ ގާތަށް ދެވުނެވެ. ދަރިފުޅުގެ ގައިގައި ދިރުމާލަން އުޅުނު ވަގުތު، ޖާދިން ފަހަތަށް ޖެހިލުމުން ބަސްމާގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ދެލޯފެންކަޅިވެގެން ދިޔައެވެ.

''ކީއްވެ ބައްޕަ އެފަދަ ނިންމުމެއް ނިންމީ!...'' ޖާދިންއަށް ބުނެވުނެވެ. އަޑުގައި ހިތްދަތިކަން އެކުލެވިގެން ވިއެވެ. ނުރުހުންތެރިކަން ވެސް ވިއެވެ.

''އަހަރެންގެ ދިރިއުޅުމުގެ ނިންމުމެއް ކީއްވެތަ ބައްޕަ ނިންމަން ޖެހުނީ!، ކީއްވެ ކައިވެނި ހުއްޓުވަން ބައްޕަ އެއްބަސްވީ؟، އަހަރެން ގާތު އެހުން މުހިންމުކަމަކަށް ނުވީތަ؟...'' ޖާދިންއަށް ދަތްކުނޑި ވިކައިގަނެވުނެވެ. މަންމަގެ ކުރިމަތީގައި މިއިން ދުވަހަކު ރުޅި އިސްކޮށްފައިނުވާ ޖާދިން ރުންކުރުވިއެވެ. މިއީ ހުރިހާ ކަމެއްގެ ނިމުންކަމުގައި ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އީވާ ހާސިލުކުރަން އޭނަ އަދިވެސް ބޭނުމެވެ. ކޮންމެ ފަދަ އިމެއް ހުރަސް ކުރަން ޖެހުނަސް އޭނައަށް ހެވެވެ.

''ޖާދިން...'' ފަސްދީ ހިނގައިގަތް ޖާދިންއަށް ބަސްމާ ގޮވާލިއެވެ. ޖާދިން އެދިޔަ ބާރު މިނުގައި ގޮސް ގަޖާރުން އޭނަގެ ކާރު ނެރުނެވެ. ބަސްމާ ގޮވަމުން ދަނިކޮށް ކާރަށް އަރައި ދުއްވާލިއެވެ. ކާރު ގޮސް ގޭޓުން ނިކުންނަންދެން އެދިމާއަށް ބަލަން ބަސްމާއަށް ހުރެވުނެވެ.

''އާރަބް!، އެބަފެނޭތެ ޖާދިންއަށް ވަމުންދާ ގޮތް، އީވާ!... މިހުރިހާކަމެއް މިވަނީ އޭނަގެ ސަބަބުން!... އަހަރެންގެ ދަރިފުޅު ހިތުގައި ޖެއްސި މީހަކީ ހަމަ އޭނަ، އެދަރިފުޅަށް ހިތްދަތިކަން ލިބުނީ އޭނަގެ ސަބަބުން، މިއަދު އޭނަ އެދަނީ އެހެން މީހަކާއެކު އުފާވެރި ދިރިއުޅުމަކަށް އުއްމީދުކުރަމުން...'' ބަސްމާއަށް ރުޅި އާދެވުނީ އީވާ ދެކެއެވެ.

''ކިހިނެއް ހެދީމަތަ މިކަންތައް ހައްލުވާނީ!...'' ބަސްމާއަށް ވިސްނާލެވުނެވެ.

*****

ހަވީރު ދިޔަ ގޮތަށް ޖާދިން ގެއަށް އައީ ދަންވަރު ބާރަ ވެސް ޖެހި ފަހުންނެވެ. އެހުރިހާ އިރެއް ވަންދެން ޖާދިންގެ އިންތިޒާރުގައި ބަސްމާ އިނީ ބޮޑުކޮޓަރީގައެވެ. ފަނޑުއަލިކަމެއް މުޅި މާހައުލަށް ވެރިވެފައި އޮތް އިރު ދަންވަރުގެ ހަމަހިމޭންކަން ވެސް ރަސްކަން ކުރަމުން ދިޔައެވެ. ޖާދިންގެ ޚަބަރެއް ނުވަނީސް ލޮލުފިޔަ ޖަހާނުލެވޭނެތީ ބަސްމާ އިނީ ޖާދިން ގެއަށް އަންނަން ދެކަށެވެ. ގުޅާލިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އެކަމާ ވެސް ބަސްމާގެ ހިތްވަނީ ހާސްކަމެއް ތެރޭގައެވެ.

އެކަނިމާއެކަނި ވަގުތު ގުނަމުން ދަނިކޮށް ޕޯޓިކޯއަށް ކާރެއް މަޑުކޮށްލި އަޑު އިވުނެވެ. ބަސްމާއަށް އަވަސްއަވަހަށް ސޯފާއިން ތެދުވެވުނެވެ. މައިދޮރާއި ދިމާއަށް ހިނގައިގަނެވުނެވެ. އޭރު މައިދޮރު ހުޅުވާލައިފައި ޖާދިން ވަންނަނީއެވެ. އެތެރެއަށް އަޅާލި ފިޔަވަޅާއެކު ޖާދިންއަށް ހުއްޓެވުނެވެ. އެފަދަ ވަގުތެއްގައި މަންމަ ފެނުމުން ހައިރާންކަން ވެސް ލިބުނެވެ. ދަންކޮށްލާފައި އޭނަ ގެއަށް އައީ ވެސް މައިންބަފައިންނާ ކުރިމަތިލާން ބޭނުންނުވާތީއެވެ. ހިތްހަމަނުޖެހިފައި ހުރުމުންނެވެ.

''ޖާދިން!، މަންމަ ހާދަ ވަރަކަށް ގުޅަން މަސައްކަތްކޮށްފީމޭ... ފޯނު ނިއްވާލައިފަ އޮތީ ކީއްވެތަ!، ދަރިފުޅުގެ ޚަބަރެއް ނުވެގެން މަންމަ ހާދަ ފިކުރުބޮޑުވެފައޭ ހުރީ، މަންމަ ހީކުރީ ދަރިފުޅަށް ކަމެއްވީކަމަށޭ، ދެން ދުވަހަކު މިކަހަލަ ކަމެއް ނުކުރާތި، މަންމަ ދެރަވި ވަރެއް ނޭނގޭތަ؟...'' ބަސްމާގެ އަޑު ކުރެހުނެވެ. އޭނަ ނުތަނަވަސްވެފައި ހުރި މިންވަރު މޫނުމަތީގައިވި ކުލަވަރުތަކުން ހާމަކޮށްދެއެވެ.

މަންމައާ ނަޒަރު ބައްދަލުކުރަން ޖެހިލުންވި ޖާދިންއަށް އިސްޖަހައިލެވުނެވެ. ރުޅީގެ މައްޗަށް އަމަލުކުރުމުން މަންމަގެ ހިތުގައި ޖެއްސުނީތީއެވެ.

''އެއްޗެއް ކައިގެންތަ ތިހިރީ؟...'' އިސްއޮބާލައިގެން ކުރިއަށް ދިޔަ ޖާދިންގެ އަތުގައި ހުޝިޔާރުކަމާއެކު ބަސްމާ ހިފިއެވެ.

''ކައިގެން މިހިރީ...'' ޖާދިން ބުނެލިއެވެ. ''ވަރުބަލިވެފަ މިހިރީ، ނިދަން ބޭނުންވަނީ...''

ޖާދިންއަށް ބަލަން ހުރި ބަސްމާއަށް ޖާދިންގެ އަތުން ދޫކޮށްލެވުނެވެ. އަދި ކުރިއަށް ހިނގައިގަތް ޖާދިންއަށް ބަލަން ހުރެވުނެވެ. އެމޫނު މިލައިގެން ގޮސްފައިވާ މިންވަރު ފެނި ހިތުގައި ރިއްސާލައިފިއެވެ. ލޮލުން ކަރުނަ ވެސް ހިލުނެވެ.

''މަންމައަށް ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވިޔަސް ދަރިފުޅުގެ ހިތާމަތަކަށް ނިމުމެއް ގެނެސްދެވޭތޯ ބަލާނަން...'' ބަސްމާ އަޒުމުކަނޑައެޅިއެވެ. ހައްލެއްކަމުގައި އޭނައަށް ފެނުނީ ހާޖަރާއެވެ. ހާޖަރާގެ ކަންފަތާ ހަމައަށް އެވާހަކަތައް ގެންދަން އޭނަ ނިންމިއެވެ.

''އީވާ!، ހީނުކުރައްޗޭ ޖާދުއަށް ދެރައެއް ދީފައި އުފަލުގައި ހުރެވޭނެ ކަމަށް، އަހަރެން އެހެން ވިޔަކަ ނުދޭނަން...'' ބަސްމާއަށް ހިތާހިތާ ބުނެވުނެވެ.

*****

އުމްރާގެ އަޅުކަން ނިންމާލުމަށްފަހު ރާއްޖެ އަންނަން ތައްޔާރުވަމުން ދިޔަ ހާޖަރާގެ ކަންފަތާ ހަމައަށް ފޯރި ޚަބަރެއްގެ ސަބަބުން މުޅި މީހާގެ ތަބީއަތު ގޯސްވެގެން ދިޔައެވެ. އޭނަ ކުރިން ރާވަފައި އޮތީ ދުވަސްކޮޅަކު މައްކާގައި މަޑުކޮށްލުމަށްފަހު ރާއްޖެ ދާށެވެ. އުމްރާގެ އަޅުކަމުން ބައްދަލުވި ބަޔަކާއެކު އާސާރީ ތަންތަން ބަލައިލަން ދާށެވެ. ކިތަންމެ ފަހަރަކު ގޮސްފައި ވިޔަސް އިތުރަށް ދާން ބޭނުންވާތީއެވެ.

ލިބުނު ޚަބަރާއެކު ދަތުރުކުރުކޮށްލުމަށްފަހު ރާއްޖެ ދިއުމަށް ހާޖަރާ އަވަސްވެގަތެވެ. މަސްލަހަތު ގޯސްނުވަނީހެވެ. ދުރާލައި އޭނަ އަންނަން އުޅޭކަމުގެ ޚަބަރެއް ވެސް ކަރީމަށް ނުދިނެވެ. ކަރީމްގެ ދެކެ ހިތްހަމަނުޖެހިފައި ހުރިވަރުންނެވެ. އެފަދަ ބޮޑު ކަންތައް ގަނޑެއް ހިނގައިގެން އުޅުނު އިރުގައި ވެސް އޭނައަށް ޚަބަރެއް ނުވީތީ ހާޖަރާ ނުރުހުން ވިއެވެ. އީވާއާއި ޖާދިންގެ ކައިވެނި ހުއްޓުމަކަށް ގެނައި އިރުގައި ވެސް އޭނަގެ ޚިޔާލެއް ނުހޯދީތީ އެމަކާ ވެސް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

(ނުނިމޭ)