ވާހަކަ

އަންނަދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 38

2

ތިރީސްއަށްވަނަ ބައި

"ބުނަން ރަނގަޅު ވާހަކައެއް... އަހަރެންގެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ ހަނދާންކުރާތި އެހިސާބުން ތިއީ އަހަރެންގެ އަންބެއްނޫންކަން" ބައްސާމް ފަހުބަސް އިއްވާލުމާއެކު ސަބްރީނަށް އަތުގައި އޮތް ދޭފަތް ދޫކޮށްލެވިއްޖެއެވެ. އަނގަމަތީގައި ދެއަތް އެޅުނުއިރު ދެލޮލުގައި ކަރުނަތައް ބޮޑިވެއްޖެއެވެ.

"ބައްސާމް! ތިކިޔޭ އެއްޗެއް އެބައިނގޭތަ؟" ބައްސާމްގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ސަބްރީން ހަޅޭއްލަވައިގަތެވެ.

"އާނ އަހަރެންނަށް އިނގޭ. އަހަރެން ހަމައިގަ ހުރެ ވާހަކަ މިދައްކަނީ. ހުރިހާވެސް ނުބަޔަކީ ކަލޭ" ބައްސާމް ބުނެލިއެވެ. އެތެރެހަށީގައި ހިފާފައިވާ އަލިފާންގަނޑަށް ލޮޅުން އައިސް އިސާހިތަކު ރުޅިވެރިކަން ކަރުނައިގެ މަގު ޚިޔާރުކޮށްފިއެވެ. ނަފްސު ހަމައަކަށް އެޅި ހަށިގަނޑު ވަރު ދޫވަން ފަށައިފިއެވެ. އަޑުމަޑުވެ މޫނުމައްޗަށް މޮޅިވެރިކަމުން ވަށާލައިފިއެވެ. ފުންކޮށް ލަމުން ދިޔަ ނޭވާތައް މައިތިރިވެއްޖެއެވެ.

"މަގޭ ދަރި އުޅެނީ ވަރަށް ހާލުގަ. ނުބައި ފިރިހެނަކު އޭނާގެ އިތްފަތްތެރިކަން ފޭރިގަންނަން މަސައްކަތްކޮށްފި. އެވާހަކަތައް ސަބްރީން ކައިރީގައި އޭނަ ނުކިޔާތަ؟ ކީއްވެތަ މައެއްގެ މަގާމުގައި ހުރެ އޭނަ ދެއްކި ވާހަކަތައް ނޭހީ. ސަބްރީންގެ އެހީއަކަށް އެދިގެންނޭ އޭނަ އެވާހަކަދެއްކީ. އަންހެން ދަރިއެއްގެ އެންމެ ގާތް އެކުވެރިޔަކަށް ވާންވާނީ މައިމީހާ. އަހަރެންގެ ދަރިފުޅު އެވާހަކަތައް އަހަރެންގެ ކަންފަތާއި ހަމައަށް ގެންނާނީ މައިމީހާގެ ފުށުން އަޅާލުމެއް ނުލިބުނީމަ. ސަބްރީނަށް ކެތްވިތަ؟ ތީތަ ދަރިންދެކެ ލޯބިވާ ގޮތަކީ؟ ކީއްވެގެންތަ އެމަންޖެ މިރަށަށް އަންނަން ދެކޮޅު ތިވަނީ؟ ކޮންކަންތައްގަނޑެއް ތިފޮރުވަނީ؟" ދޮރުކަނީގައި އަތް ވިއްދާލައިގެން ހުރެ ބައްސާމް ވާހަކަދައްކަމުން ދިޔައިރު އިސްޖަހާލައިގެން ހުރެ އެވާހަކަތައް އަޑުއަހަމުން ސަބްރީން ދިޔައެވެ. އެހެން ހުރިއިރު އޭނާ ޝެނަލް ގުޅާފައި ދެއްކި ވާހަކަތައް ހަނދާންވަމުން ދިޔައެވެ. އޭނާ އެވާހަކަތައް ގަބޫލުނުކުރީކީ ނޫނެވެ. ވިސްނައިގެން އުޅުމަށް އެތައް ފަހަރަކު ޝެނަލްއަށް އޭނާ ހަނދާންކޮށްދިނެވެ. ރަށަށް ގެންނަން ބޭނުންނުވީ އޭނާ ކުޅެފައިވާ ފިލްމު އެހާ އަވަހަށް ރިލީޒްވާން ބޭނުންނުވާތީއެވެ.

"އަހަރެން ޝާނީ ކައިރީގައި ބުނިން ވިސްނައިގެން އުޅޭށޭ. އެމަންޖެއަށް ދެރަގޮތެއްވާން އަހަރެން އެދޭނެތަ؟ އަހަރެން މިއީ މައިމީހާ" ސަބްރީން ދެލޮލުން ކަރުނައެއް ވެއްޓުނެވެ.

"ފިރިހެނެއްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވަމުންދާ މީހަކަށް އިނގޭނީ އެއީ ކިހާ ވަރެއްގެ ކަމެއްކަން. ސަބްރީނަށް އެކަހަލަ ކަމެއް ދިމާނުވީމަ ނުވިސްނިގެން ތިއުޅެނީ. ދެރައީ މައެއްގެ މަގާމުގައި ހުރެ ހުރި ހަމައެކަނި ދަރިފުޅުގެ އިހުސާސްތައް ސަބްރީނަށް ނުވިސްނުނުކަން. ބަފައެއްގެ މަގާމުގައި ހުރެ އެމަންޖެ ދެއްކި ހުރިިހާ ވާހަކައެއް އަހަރެން ކަންފަތުގެ ހިނދުރީގައި އަދިވެސް ހުރީ ހަރުލާފައި...." ބައްސާމް ވާހަކަދައްކަމުން ދިިޔައެވެ. ސަބްރީން އިތުރަށް ވާހަކަނުދައްކައެވެ. އޭނާއަށް ކުށެއް ކުރެވިއްޖެކަމުގެ އިހުސާސް ކުރެވުނަސް އެކަން ގަބޫލުކުރަން ބޭނުމެއްނުވިއެވެ. އިތުރަށް ބައްސާމާއި ބަހުސްކުރަން ވެއްޖިއްޔާ އޭނާގެ ސޯޓު ބޭލިދާނެކަމުގެ ބިރު މާބޮޑެވެ.

"އަހަރެންނަށް އިނގޭ މިކަހަލަ ވާހަކަ ސަބްރީނާއި ހިއްސާކުރުމަށް ވުރެ މިތާ ހަތަރުފާރާއި އަހަރެން ހިއްސާކުރުންވެސް ރަނގަޅުވާނެކަން" ބައްސާމް ނިކުންނަން ހިނގައިގަތެވެ.

"ދެން ކިހިނެއް ހަދަން ތި ގަސްދުކުރަނީ؟" ބައްސާމް އަތުގައި ހިފާ ހުއްޓުވަމުން ސަބްރީން އެހިއެވެ.

"އަހަރެން ހަމަ މިހާރު މާލެދާން ފުރަން މިދަނީ. ކިތަންމެ ބޮޑު އަގެއް ދީފައި ވިޔަސް ލޯންޗެއް ކުއްޔަސް ނަގައިގެން އަހަރެން ފުރާނަން. މިރޭ ނިދުމުގެ ކުރިން އަހަރެންގެ ދަރިފުޅު މިގެއަށް ގެންނާނަން" ބައްސާމް ހިގައިގަތުމުން ސަބްރީނަށް ހުރެވުނީ ގަނޑުވެފައެވެ.

"ދެންވާނީ ކިހިނެއް؟ އަނެއްކާވެސް ޝާނީ އެ އަދްޔަންއާއި ގުޅޭނީ ކަންނޭނގެ. ޒީކްއާއި ވެސް ބައްދަލުކުރާނެ. އަހަރެންގެ ހުރިހާ ރޭވުމެއް ފެނަށްވާނެ" އަމިއްލަ ނަފްސާ ވާހަކަދައްކަމުން ސަބްރީން ބަދިގެއިން ނިކުމެ ގޯތިތެރޭގައި ހުރި ޖޯލީގައި އިށީނެވެ.

***

އަތުގައި އޮތް ކަރުދާސްގަނޑަށް ތަމަންނީ ހުރީ ބަލަހައްޓައިގެންނެވެ. ޤަބޫލުކުރަން ދަތިވިޔަސް އޭނާ ބަލިވެއިނީއެވެ. އަނެއްކާވެސް ކުޑަދަރިއެއް އޭނާއަށް ލިބެން ތައްޔާރުވަނީއެވެ. މިނިވަންކަން ގެއްލެނީއެވެ. ފާހާނާއިގައި އުޅުނު އުނޭޝް ނިކުތް އަޑު އިވުމާއެކު ތަމަންނީ ތެޅިގަތެވެ. އަތުގައި އޮތް ކަރުދާސްގަނޑު ފުރަގަހަށްލާ ފޮރުވައިފިއެވެ. ތަމަންނީއަށް ބަލަންހުރި އުނޭޝް ދެލޯ ކުޑަކޮށްލިއެވެ. އޭނާއަށް ތަމަންނީ ފޮރުވި އެއްޗެއް ބަލަން ބޭނުންވެފައި ހުރި ކަހަލަ ގޮތަކަށް ބޯއަރިކޮށްލިއެވެ.

"ކޯޗެއް ތިފޮރުވީ" އުނޭޝް ބުނެލިއެވެ.

"އެއްޗެއް ނޫން. ކޮޓަރި ސާފުކުރަނީ" ތަމަންނީ ހިނގައިގަތެވެ. ޓީވީ ރެކް ސާފުކުރަން ފެށިއިރު އަތުގައި އޮތް ހުދު ކަރުދާސްގަނޑުން ބައެއް އުނޭޝްގެ ލޮލުގައި އަޅައިގަނެއްޖެއެވެ.

"ދޮގެއްދޯ.. ކޮން ކަރުދާސްގަނޑެއް ތިގެންގުޅެނީ؟" ކަނދުރާގައި އަޅުވާލާފައި އޮތް ތުވާލި އެނދުމައްޗަށް ހޫރާލާފައި އޭނާ ހިނގައިގަތީ ތަމަންނީއާ ދިމާލަށެވެ.

"އަހަރެން މިދައްކަނީ މިގަނޑުގެ ވާހަކަ" ތަމަންނީ އަތުން ކަރުދާސްގަނޑު ޖަހައިގަންނަމުން އުނޭޝް ބުނެލިއެވެ. ތަމަންނީގެ ދެލޮލުން ނުތަނަވަސްކަމެއް ފާޅުވަމުން ދިޔައެވެ. އެއީ އުނޭޝްއަށް އޭނާ އަންގަން ބޭނުންވާ ހަގީގަތެއް ނޫނެވެ. ކަރުދާސްގަނޑު ބަލަމުން ދިޔަ އުނޭޝްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުރެހެމުން ދިޔައިރު ތަމަންނީގެ ދެލޮލުން ފާޅުވަމުންދާ ކަންބޮޑުވުން ހިނދެއް ހިނދަކަށް ފުންވަމުން ދިޔައެވެ.

"މިތަ އަހަރެންނަށް ތިފޮރުވަނީ. ކީއްވެ؟ މިއުފާ އަހަރެންނާ ހިއްސާކުރަން ބޭނުންނުވަނީތަ؟ އަނެއްކާ ތަމަން ތިއުޅެނީ އަހަރެންނަށް ނޭނގި މިދަރިފުޅަށް....."

"ނޫން.... ސަޕްރައިޒެއްދޭން އުޅުނީ"

"ދެން...؟؟ ކީއްވެ އެއްވެސް އުފާވެރިކަމެއް ތިމޫނުމަތިން ނުފެންނަނީ؟" އުނޭޝް ބުނެލިއެވެ. ތަމަންނީއަށް އިތުރު ހަރަކާތެއްކުރަން ނުކެރުނެވެ. އިތުރު ސުވާލެއް އުނޭޝް ކުރުމުގެ ކުރިން އުނޭޝްގެ މޭގައި ބޯއަޅައިފިއެވެ.

"އަހަރެން ކީއްވެ އުފާނުވާންވީ. އަހަރެންނަށް ދަރިޔަކު ލިބެނީ. ކިހާ ދުވަހަކު އަހަރެން ކުރި އިންތިޒާރެއްމިއީ" ތަމަންނީ ވާހަކަދެއްކިއެވެ. އުނޭޝް ދެއަތުން ތަމަންނީގެ ގައިގާ ވަށައިލިއެވެ.

"ބަލާތި މަންމައަށް އަންނަ ބަދަލު. އަހަރެން މިއަދު ވަރަށް އުފާވެއްޖެ..... " ތަމަންނީގެ ނިތްކުރިއަށް ބޮސްދެމުން އުނޭޝް ބުނެލިއެވެ.

"އަހަރެންގެ ދަރިފުޅާ ހޫރާއި އެއްވެސް ތަފާތުކުރުމެއް ގެންގުޅޭނަންތަ؟" ތަމަންނީ އެހިއެވެ.

"ހޫރަކީ އަހަރެންނަށް އެންމެ ފުރަތަމަ ބައްޕަ ކީ ކުއްޖާ. އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ހޫރުދެކެ. ކޮންމެސް ދުވަހަކުން އަހަރެން ކައިރިއަށް ދިރިއުޅެން ހޫރު އައުން އެއީ އަހަރެން ކުރާ އުންމީދެއް. އެކަމަކު އޭގެ މާނައަކީ އަހަރެންނަށް އިތުރު ދަރިއެއް ލިބުނީމަ އެއްވެސް ތަފާތެއް ގެންގުޅޭނަމެކޭ ނޫން. އަހަރެންގެ ކުރިމަތީގައި އަހަރެންގެ ހުރިހާ ދަރިންވެސް ވާނީ ހަމަހަމަ" ތަމަންނީގެ ބުރަކަށީގައި ފިރުމަމުން އުނޭޝް ވާހަކަދެއްކިއެވެ.

***

އޮފީހުގައި އިނދެފައި ވަޙީދުއްދީން ގެއަށް އައީ ސަކީނާގެ ފޯނުކޯލް ލިބުމުންނެވެ. ސްކޫލުން ގުޅައިގެން ދާންޖެހުނު ވާހަކަ ބުނުމުން ބޮޑުކަމެއްވީއޭ ހިތަށް އެރިއެވެ. މާގިނަ އިރެއް ނުވަނީސް ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބިއްޖެއެވެ. ޒުކް ހުންގަދަވެގެން ސްކޫލު އޮފީހުން ގުޅިއޭ ބުނުމުން ވަޙީދުއްދީން ބޭނުންވީ އަވަހަށް ޒުކް ކައިރިއަށް އަންނާށެވެ.

ބޭރުން ގެއަށް އައިސް ވަން އާޝިދަށް ސޯފާގައި އިން ސަކީނާ ފެނުމުން ބަލައިލިއެވެ. އާޝިދް ފެނުމާއެކު ސަކީނާ ފުންމައިގެން ތެދުވިއެވެ. އަދި ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އާޝިދް ކުރިމަތީގައި ހުއްޓުނެވެ.

"ޒުކް ވަރަށް ހުންގަދަ. އެކުއްޖާ ބޭހެއް ކާންވެސް ބޭނުމެއްނުވި. މިވަނީ ކިހިނެއް؟ ވަޙީދުއްދީން ހުރީ ވަރަށް މާޔޫސްވެފަ" ސަކީނާ އެއްފައްޗަކަށް އަމުނާލިއެވެ.

"ޒުކް ކޮންއިރަކު ހުންއައީ؟ އަހަރެން އޭނަ ގޮވައިގެން ހެނދުނު ދިޔައިރު އެކަހަލަ ކަމެއް އުޅޭހެނެއް ހިއެއްނުވޭ" އާޝިދް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަންއިރު ޒުކްގެ އަތުގައި ހިފާލައިގެން ވަޙީދުއްދީން އެނދުގައި އިނެވެ. ޒުކްގެ ނިތްކުރިމަތީގައި ހުދުކުލައިގެ ކުޑަ ތުވާލިކޮޅެއް އަޅާލާފައި އޮތްއިރު ދޮންދޮން މޫނުމަތި ވަނީ ރަތްއަރާފައެވެ. ކުރަކިވެފައިވާ ދެތުންފަތް ކުޑަކޮށް ފޭވެފައި ހުރިއިރު ގައިމަތީގައި އޮތީ ކުއިލްޓް އަޅާފައެވެ. ދެލޯ މެރިފައި އޮތުމުން މިވަގުތު އޮތީ ނިދިފައިކަން އިނގުނެވެ.

"ޒުކްއަށް ކޮން ބަދަލެއް އައިސްގެން މިއުޅެނީ؟ ދަރިފުޅަށް އިނގޭނެ. ކީއްވެތަ އެއްވެސް ކަމެއް ބައްޕައަށް ކިޔާނުދެނީ؟" ވަޙީދުއްދީން ވާހަކަދެއްކީ ކައިރިއަށް އައިސް ހުއްޓުނު އާޝިދާއެވެ.

"އަނެއްކާ ޒުކްއަށް ފިރިހެނެއްގެ..."

"ތިކަހަލަ އެއްވެސް ކަމެއްނުވޭ. އަހަރެން ދުނިޔޭގައި ހުރިހާ ހިނދެއްގައި ހުރިހާ ވަގު ފިރިހެނުންގެ ވިހަ ލޯތަކުން އަޅުގަނޑުގެ ކޮއްކޮ ހިމާޔަތް ކުރާނަން" އާޝިދް ކުރިއަށް ޖެހިލާ ޒުކްގެ ބޮލާއި ދިމާލުން އިށީނެވެ.

"ބޭހެއްކާންވެސް އެއްބަހެއް ނުވި. ސަކީނާ ބުނި ކާއެއްޗެއް ކަނީވެސް ނަމަކަށޭ. އެއީ ކުރިން ޒުކް އުޅުނު ގޮތެއް ނޫން. މިގޭތެރޭގަ އެކުއްޖާ އުޅެމުން އައީ މިނިވަން ކޮކާލެއް ފަދައިން. ކޮންމެސް ކަމެއްވެއްޖެ. ދެލޯ ހުޅުވާލުމާއެކު ހިތުގައި ޖެހިފައި ރޮނީ" ވަޙީދުއްދީން ވާހަކަދެއްކިއެވެ.

"ބައްޕާ...!! ބައްޕަގެ ދިރިއުޅުމުގަ ޒުކްއަށް ނޭނގޭ އެއްވެސް ކަމެއް މިހާރު ނެތް"

"ތިބުނީ...؟"

"އަޅުގަނޑު މިބުނީ ޒުކްއަށް އިނގިއްޖެ ސްކޫލު ކައިރިއަށް އައިސް އެއުޅޭ އަންހެން މީހާއަކީ ޒުކްގެ އަސްލު މަންމައެއް ނޫންކަން" އާޝިދް ބުނެލިއެވެ.

"ދެން...؟ ކިހިނެއް ޒުކްއަށް އިނގުނީ؟

"އަޅުގަނޑު ކިޔާދިނީ. ޒަހުރިއްޔާމަންމައަކީ ޒުކްގެ މަންމަކަން މިހާރު އިނގިއްޖެ" އާޝިދް ބުނެލިއެވެ. ވަޙީދުއްދީން ބަހެއްނުކިޔާ ހިމޭންކަމާއެކު އެނދުގައި އިނެވެ.

"ބައްޕާ!! އަޅުގަނޑު މިކަމުގަ ކުށްވެރިވަނީ. އަޅުގަނޑަށް އިނގޭ މިހަގީގަތާ ކޮންމެސް ދުވަހަކުން ޒުކް ކުރިމަތިލާން ޖެހޭނެކަން. ހުރިހާ ކަމެއް ނިމުމަށް މިއަންނަނީ. އެހެންވީމަ ޒުކްގެ ހިތުގައި ޖަވާބުނުލިބޭ އެއްވެސް ސުވާލެއް އޮވެގެން ނުވާނެއްނު" އާޝިދް ބުނެލިއެވެ. ވަޙީދުއްދީން ބަހެއްނުކިޔާ އިނުމުން އާޝިދް ތިރީގައި ވަޙީދުއްދީންގެ ދެކަކުލުގައި އަތް އަޅުވާލައިގެން އިށީނެވެ.

"ޒުކްގެ އަސްލު މަންމައާ ޒުކް ބައްދަލުކޮށްފި. ޒުކްއަށް އައިސްގެން އުޅޭ ބަދަލަކީ އެއީ.. ބައްޕާ!! ޒުކް ހިތްހަމަޖައްސައިދީ. އަޅުގަނޑު ވަރުބަލިވެއްޖެ" އާޝިދުގެ އަޑު ކުރެހިގެން ދިޔައެވެ. ވަޙީދުއްދީނަށް ހިމޭންކަމުގައި ކެތެއްނުވިއެވެ. އޭނާ ހިތުގައި އުފެދުނު އުދާސްވެރިކަން ކޮޅުންލައިގެން ދިޔައެވެ. ކެތްނުވާ ދަރަޖައަށް ދިޔުމާއެކު އޭނާގެ ދެލޮލުން ކަރުނަ ހިލިގަތެވެ.

"ޒުކްގެ ޅަހިތް އެވަނީ ހަލާކުވާން ކައިރިވެފަ. އެތައް އަހަރަކަށްފަހު މަންމައަކީ ކާކުކަން އިނގި އެމަންމަގެ އުނގުގައި އޮށޯވެލާނެ ފުރުސަތު ލިބުމުން އެހިތަށް ވަނީ ކެތްނުވާ މިންވަރަށް އަސަރުކޮށްފަ" އާޝިދް ވާހަކަދެއްކިއެވެ.

***

އެނދުގައި އިން ޝެނަލްއަށް ކާއެއްޗެއް ދެވޭތޯ މަސައްކަތްކުރަމުން ސަބްރީން ދިޔައެވެ. މުޅި ގައިގައި ރަޖާ އޮޅާލައިގެން އިންއިރު އޭނާ އިނީ ސިހިސިހިއެވެ. އެއްފަރާތުގައި އެމަންޒަރު ބަލަން ކެތްނުވެފައި ބައްސާމް ހުއްޓެވެ.

"ދަރިފުޅު އަދި އައިފަހުން ފެންފޮދެއްވެސް ނުބޮމެއްނު. މަންމަ މިހެރީ ދަރިފުޅަށް އެންމެ މީރުކޮށް ނޫޑްލްސް ކައްކާފަ. ރަހަ ބަލައިލަބަލަ" ސަބްރީން އާދޭސް ކުރަމުން ދިޔައެވެ. ޝެނަލްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. ސަބްރީން ބައްސާމަށް ބަލައިލުމަށްފަހު ގޮސް ކައިރީގައި ހުއްޓުނެވެ.

"ޝެނަލްގެ ހާލު އެހާ ރަނގަޅުހެނެއް ހިއެއްނުވޭ. ބައްސާމް އިހަށް ބޭރަށް ނިކުމެބަލަ. އަހަރެން ވަކިން އެމަންޖެއާ ވާހަކަދައްކާލަން ބޭނުން" ސަބްރީން ބުނެލިއެވެ. ބައްސާމް ނިކުމެގެން ދިޔައެވެ. ދޮރުލައްޕާލުމަށްފަހު ސަބްރީން އައިސް ޝެނަލް އާ ޖެހިގެން އިށީނެވެ. އަތުގައި ހުރި ނޫޑްލްސްތަށި ސައިޑްކަބަށް މަތީގައި ބަހައްޓާފައި ޝެނަލްއަށް ބަލައިލިއެވެ. މުޅި ހަށިގަނޑު ނިވާކޮށްފައިވާ ރަޖާގަނޑު ސަބްރީން ނަގަން އުޅުމުން ދެތިން ފަހަރު ޝެނަލް ގަދަ ހެދިއެވެ. ނަމަވެސް ފަހުން އެއްވެސް ހަރަކާތެއް ނުކުރިއެވެ.

"ދަރިފުޅާ!! މިއީ މަންމައެއްނު. ދަރިފުޅު ހިތުގައިޖެހޭފަދަ ކަމެއް މަންމަގެ ފަރާތުން ވެފައިވާނަމަ މަޢާފަށް އެދެން" ޝެނަލްގެ އަތްތިލައިގެ ތެރެއަށް އަތް ލައްވައިލަމުން ސަބްރީން ވާހަކަދެއްކިއެވެ.

"މަންމައަށް ހުރިިހާ ވާހަކައެއް ކިޔައިދީބަލަ. ކޮންމެ ހާލެއްގައިވެސް ޝާނީއަށް މަންމަ އެހީވާނަން" ސަބްރީން ބުނެލިއެވެ.

"ދެން ދުވަހަކުވެސް މަންމަ އާ ވަކިން އެއްވެސް ތަނަކަށް ދަރިފުުޅު ނުފޮނުވާނަން" ސަބްރީން ބުނެލިއެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައި އިންކަހަލަ ގޮތަކަށް ޝެނަލް އިނެވެ.

"މަންމަ ކިހިނެއް ހަދަންވީ؟ ދަރިފުޅުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެންޏާ މަންމަ މޮޔަވެދާނެއްނު" ސަބްރީނަށް ރޮވެން އުޅޭ ކަހަލަ ގޮތެއް ވިއެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ޝެނަލް ނޭފަތް ދަމައިލި އަޑު އިވުމުން ސަބްރީން ބަލައިލިއެވެ. ވާހަކަދައްކަން އުޅޭ ކަހަލަ ގޮތަކަށް ޝެނަލްގެ ފަރާތުން އިޝާރާތެއް ލިބުމުން ސަބްރީނަށް ހިތްވަރެއް ލިބިގެން ދިޔައެވެ.

"ކޮންމެސް އެއްޗެއް ކިޔާބަލަ" ޝެނަލްގެ މޫނުގައި ފިރުމައިލަމުން ސަބްރީން ބުނެލިއެވެ.

"އަޅުގަނޑު ބޭނުމެއްނޫން އެމީހާ މިނިވަން ކަމުގައި އުޅޭކަށް. އަޅުގަނޑު ބޭނުންވަނީ އެމީހާ ފުލުހުންނާ ހަވާލުކުރަން" ޝެނަލް ވާހަކަދެއްކިއެވެ.

"އެއީ ކާކު؟؟ އެމީހާ ޝާނީ އާ ބެހުނުތަ؟" ސަބްރީން އެހިއެވެ.

"އެމީހާއަށް އަޅުގަނޑާ ނުބެހެވޭ. ކިތަންމެ ރެއަކު ކޮޓަރިއަށް ވަދެ އަޅުގަނޑު ހެދުން އިރާލަން މަސައްކަތްކުރިި" ޝެނަލް ބުނެލިއެވެ.

"އެއީ ކާކު؟؟"

"އެއީ މަންމަގެ އެކުވެރި މަރީނާއްތަގެ ފިރިމީހާ ހަސަންބެ"

ޝެނަލް ފާޅުކޮށްލި ނަމުން ސަބްރީންގެ ދެލޯ ބޮޑުވިއެވެ. ހަސަނަކީ އެހާ ވިޔާނުދާ މީހަކީ ހެއްޔެވެ؟ ދުވަހަކުވެސް ހަސަނުގެ ފަރާތުން އެފަދަ ވިޔާނުދާ ކަމެއް ފެނިފައެއް ނެތެވެ.

"އެއީ ވަރަށް ނުލަފާ މީހެއް. އެމީހާގެ ގޮތް މަރީނާއްތައަށް ނޭނގޭ. އަމިއްލަ ދަރިފުޅާ ބެހެމުން އެދަނީ. މަންމަ އިނގެއެއްނު ޔޫލީން... ޔޫލީން ވަރަށް ރޮއެފައި އެވާހަކަ ދެއްކީ އަޅުގަނޑު ކައިރީގައި. ޔޫލީންގެ މުޅި ހަޔާތް ބަރުބާދު ކުރަމުން އެދަނީ. ބައްޕަ އަޅުގަނޑު ބަލާ ދިޔައިމަވެސް ޔޫލީން އާދޭސްކުރިި އޭނަ ގޮވައިގެން ދިިޔުމަށް" ޝެނަލް ވާހަކަދައްކަމުން ދިޔައެވެ. ޝެނަލްގެ ވާހަކަތައް އަހާފައި ސަބްރީން އިނީ ހުއްޓުން އަރާފައެވެ. ހަސަނުގެ އެފަދަ ނުބައި ފަރާތެއް އޮވެދާނެކަމަށް ދުވަހަކުވެސް ހީކޮށްފައެއް ނެތެވެ.

***

ތަަމަންނީއަށް ހުޅުވައިދޭ ފިހާރައިގެ މަސައްކަތްތައް ކުރިއަށްދާ ތަނުގައި އުނޭޝް ހުއްޓެވެ. އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަން އޭނާ ކޮޓަރީގައި އޮވެފައި ނިކުތީ ތަމަންނީއަށް ނިދުނު ވަގުތުގައެވެެ. މާބަނޑު މީހުންނަށްވާ އުނދަގޫތައް ތަމަންނީއަށް ނުވިޔަސް އޭނާގެ މޫނުމަތީގައި ވަރުބަލިކަމެއް ހުރެއެވެ. މަގުމަތީ ޖޯއްޔަށް ހާއީޝާ ނިކުތްތަން ފެނުމުން އެދިމާލަށް އުނޭޝް ހިނގައިގަތެވެ.

"މަންމާ!!" ކައިރިން އުނޭޝްގެ އަޑު އިވުމާއެކު ޙާއިޝާ ބަލައިލިއެވެ. މަގުމަތި ވުމުން އުނޭޝްއަށް ފުރަގަސްދީފައި ދާން ނުކެރުނީ އެތައް ބައެއްގެ ސަމާލުކަން ދެމައިންނަށް ހުއްޓިފައިވާތީއެވެ.

"މަންމާ!! ކުށެއް ކުރެވިފައިވާނަމަ އަޅުގަނޑަށް މަޢާފްކުރޭ" އުނޭޝް ބުނެލިއެވެ. ޙާއިޝާ ޖަވާބެއް ނުދިނެވެ. އެދަރިފުޅަށް އޭނާ ހިތް ނުބައެއް ނޫނެވެ. ނަމަވެސް އެތައް ޝަކުވާތަކާއި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

"މަންމާ!! ވަރަށް އުފާވެއްޖެ މިތަނުގައި އަޅުގަނޑު ވާހަކަދައްކަންދެން މަންމަ މަޑުކޮށްލީތީ" އުނޭޝް ބުނެލިއެވެ.

"އަހަރެން މިތަނުގައި އިނީމަ އުނޭޝް ހީނުކުރައްޗެ އަހަރެން ހިތުން އުނޭޝްއަށް މަޢާފް ދީފިއޭ. ނުދޭނަން. އަހަރެން ގަބޫލެއްނުކުރަން އުނޭޝްއަކީ އަހަރެންގެ ދަރިއެއް ކަމަކަށް" ޙާއިޝާ އިއްވައިލި ބަސްތަކުން އުނޭޝްއަށް ހީވީ އޭނާގެ ކަރުގެ ވައިނޮޅި ބުރިބުރިވެގެން ދިޔަހެންނެވެ. އެއްއަތުން ކަރުގައި ފިރުމައިވެސް ލެވިއްޖެއެވެ. ކަރުތެރޭގައި ނުބައި ޒާތެއްގެ ދިލައެއް ހުރިހެން ހީވެ ކަރުކެހި ލެވިއްޖެއެވެ.

"އަހަރެންގެ އުނޭޝް ކިޔާ ދަރިއެއް ކުރިން ހުރި. އެކަމަކު މާތް ނަބިއްޔާގެ ސުންނަތަށް ކުރަފި އެރުވި ހިސާބުން އެދަރި މަރުވެއްޖެ" ޙާއިޝާ ތެދުވެގެން ހިނގައިގަންނަން އުޅުނެވެ.

"މަންމާ!! ތަމަން ބަނޑުބޮޑު" އުނޭޝްގެ އެޖުމްލައާއެކު ޙާއިޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. އޭނާ ކުރިއަށް ހިނގައިގަތްތަން ފެނުމުން އުނޭޝްއަށް ހިފަހައްޓައެއް ނުލެވުނެވެ. ކަރުނަތައް އޮހިގަނެއްޖެއެވެ. ނަމަވެސް އޭނާ އަވަސް ހަރަކާތަކާއެކު މޫނުމަތީގައި ދެއަތް ހިންގާލާ ސާފުކޮށްލައިފިއެވެ. ޙާއިޝާ ކުރިއަށްދާ މަންޒަރު ބަލަން އޭނާއަށް އިނދެވުނީ ހިތްދަތިވެފައެވެ.

***

މައިނާ ދިން ހަބަރަށްފަހު ޒީކް އިންތިޒާރު ކުރަމުން އެދަނީ ގޭ ދޮރުމަތިން ވިޔަސް ޝެނަލް ފެންނާނެ އިރަކަށެވެ. އޭނާ ދައްކަން ބޭނުންވާ އެތައް ވާހަކައެއް އެއްކޮށްގެން އައިސްއިނީ ދޯނިތައް އޮތް ދިމާލު ހުރި ގަސްތަކުގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯއްޔެއްގައެވެ. އެތަނުގައި އޮންނައިރު އެގޭ ދޮރާށި ނުލާހިކު ރީތިކޮށް ފެނެއެވެ.

މާގިނައިރުތަކެއް އެގޭ ދޮރާށި ދޮށަށް މީހަކު ނިކުތްތަން ޒީކްއަށް ފެނުނެވެ. އޭނާ ތެދުވެގެން ހިނގައިގަތީ އެއީ ޝެނަލްކަން ޔަޤީންވުމުންނެވެ.

"ޒީކް މަޑުކުރޭ. އަހަރެން އޭނަ މިހިސާބަށް ގެނެވޭތޯ ބަލާނަން. ޒީކް ފެނިއްޖިއްޔާ އޭނާ ގޭތެރެއަށް ވަދެގެންދާނީ" ކައިރީގައި އިން މައިނާ ބުނެލިއެވެ. ޒީކް މަޑުޖެހުނެވެ. މައިނާ ކުރިއަށްދާ މަންޒަރަށް ބަލަން ހުރިއިރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ޝެނަލްގެ ސިކުނޑިއަށް ސަބްރީން އަޅާފައިވާ ހޮޑުތައް ސާފުކުރަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. މައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައުމާއެކު ޒީކް ގަސްތަކުގެ އޮފިތައް އަތުން ތިރިކޮށްލާފައި ބަލައިލިއެވެ. ޝެނަލް ކައިރީގައި ފިރިހެން ކުއްޖަކު އައިސް ހުއްޓިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟