މުޅި މާހައުލަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އީވާ އިނީ ސަރަންފީގައި އިށީންދެލައިގެންނެވެ. ކަރީމްއާއި ލައިލާ ތިބީ ބެލްކަނީގެ ރެއިލިންގް ކައިރީގައި ހުއްޓިލައިގެންވެ. ދެމަފިރިންގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ކަރީމްއަށް އޭނަގެ ނިތުގައި ބޮޑުވާ އިނގިލި ހިންގާލެވުނެވެ. ލައިލާ ދެއްކި ވާހަކަތަކާއި މެދު ވިސްނާލެވުމުން ބޮލުގައި ރިހުމެއް ވެސް އުފެދުނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ސަރަންފީގައި އިން އީވާއަށް ކަރީމް ބަލައިލިއެވެ.
ޖޯޑުކޮށްލެވިފައިވި ދެއަތަށް ބަލަހައްޓައިގެން އީވާ އިނީ އިސްޖަހާލައިގެންނެވެ. މަންމައާއި ބައްޕައާއި ކުރިމަތި ލުމުގެ ހިތްވަރު ގެއްލިފައިވާ ކަހަލައެވެ. އިސްއޮބާލައިގެން އިންކަމުގައި ވިޔަސް އެމޫނުމަތި މިލައިގެން ގޮސްފައިވާ މިންވަރު ކަރީމް ދެނެގަތެވެ. ދަރިފުޅުގެ ހިތާމަތައް ވެސް އޭނައަށް އިހުސާސްކުރެވުނެވެ. ފުންކޮށް ވިސްނުން ހިންގާލެވުނީ ލޯބިވާ ދަރިފުޅަށް މަދަދުވެރިވާނެ ގޮތަކާ މެދުގައެވެ. ކުރެވޭ ކަމެއްގެ ސަބަބުން އީވާ އޭނަ ދެކެ ރުޅިއައިސް ހިތްހަމަނުޖެހެން ބޭނުމެއް ނޫނެވެ. ހަމައެއާއެކު އީވާއަށް އެއްވެސް ކަމެއްގައި މަޖުބޫރުކުރަން ވެސް ބޭނުމެއް ނޫނެވެ.
އީވާގެ ގާތަށް ކަރީމް ދާން އުޅުމުން، ކަރީމްގެ އަތުގައި ލައިލާއަށް ހިފަހައްޓާލެވުނެވެ. ކަރީމް ކަންތައް ކޮށްފާނެ ގޮތަކާ މެދު ލައިލާގެ ހިތް ނުތަނަވަސްވެފައިވާ މިންވަރު އެމޫނުމަތިން ހާމަކޮށްދިނެވެ. ލައިލާގެ އަތުގައި ފިރުމާލަމުން ކަރީމް ހިނިތުންވެލިއެވެ. އެއީ އޭނައަށް އިތުބާރުކުރުމުގެ އިޝާރާތެކެވެ. އީވާއަށް ބަލައިލި ލައިލާއަށް ކަރީމްގެ އަތުން ދޫކޮށްލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''ދަރިފުޅާ...'' އީވާއާއި ޖެހިގެން ހުރި ސަރަންފީގައި އިށީންނަމުން ކަރީމް ގޮވާލިއެވެ. ލޮލުގެ ހިމަކޮޅުންލާފައި ފޭބި ކަރުނަތައް ފޮހެލަމުން އީވާ އިސްއުފުލައިލިއެވެ. އަދި އެތެރެއަށް ނޭފަތް ދަމާލިއެވެ.
އީވާގެ ދެލޮލޮގައިވި ކަރުނަގައިގެ އަސަރާއި އެމޫނުން ފެންނަމުން ދިޔަ އުދާސްކަމުގެ ކުލަވަރުތަކުން ކަރީމްގެ ހިތަށް އަސަރުކުރިއެވެ. ލޯބިވާ ދަރިފުޅުގެ ހުރިހާ ހިތާމައަކަށް ނިމުން ގެންނަން އޭނަ ބޭނުންވިއެވެ. އުމުރުގެ މިހާތަނަށް އައިއިރު އީވާއާ ދިމާއަށް އަޑުހަރުކޮށް އޭނަ ދުވަހަކު ވެސް ވާހަކަދައްކާފައި ނެތެވެ. މަންމަގެ ސަބަބުން އީވާގެ ހިތުގައި ޖެހޭ ފަހަރުތަކުގައި އަބަދުވެސް ދަރިފުޅުގެ ހިތްހަމަޖައްސާދެވޭތޯ އޭނަ ބަލައެވެ. ހައްލެއް ފޯރުކޮށްދެވޭތޯ ވެސް މެއެވެ. އެއީ އޭނަގެ މުޅި ހިތެވެ. އަބަދުވެސް އެހިތް އެދޭނީ ދަރިފުޅު އުފަލުގައިވާތަން ދުށުމަށެވެ. ހިނިތުންވެލާތަން ދެކިލުމަށެވެ. އީވާގެ ހިތުގައި ޖެހި ކަރުނައަޅާ މަންޒަރު ބަލަން އެހިތަކަށް ކެތެއް ނުކުރެވޭނެއެވެ. އީވާގެ އުފަލަށްޓަކައި މަންމައާއި ދެކޮޅަށް ނިކުންނަން ޖެހުނަސް ހެޔޮކަމަށް ކަރީމްގެ ޒަމީރު ނިންމިއެވެ. ދަރިފުޅަށް މަޖުބޫރުކުރަން އޭނަގެ ހިތް އިންކާރުކުރިއެވެ. ދަރިފުޅުގެ އުފަލަށް އަހައްމިއްޔަތުކަން ދެވުނެވެ.
''ދަރިފުޅު ޖާދިންއާއި ކައިވެނި ކުރަން ބޭނުމެއް ނޫންތަ؟...'' ޔަޤީންކޮށްލަން ކަރީމް ސުވާލުކުރިއެވެ.
ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒުބާތުތަކުގެ ސަބަބުން އީވާއަށް ވާހަކަދައްކަން އުނދަގޫ ވިއެވެ. އަރުތެރެ ބެދޭ ގޮތް ވާތީއެވެ. ބައްޕަގެ ސުވާލަށް އީވާއަށް ޖަވާބު ދެވުނީ ބޮލުގެ އިޝާރާތުންނެވެ.
އީވާގެ ޖަވާބު ލިބުމުން، ތުނބުޅީގައި ކަރީމްއަށް އަތްތިލަ ހިންގާލެވުނެވެ. ދުރުގައި އެމަންޒަރު ބަލަން ހުރި ލައިލާ އައިސް ކަރީމްގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. އެހަރަކާތުން ލައިލާގެ މޫނަށް ކަރީމް ބަލައިލިއެވެ.
''ދަރިފުޅު ބޭނުންނުވާ ކަމަކަށް ބައްޕަ މަޖުބޫރެއް ނުކުރާނަން، ދަރިފުޅުގެ ނިންމުން އެއީ ބައްޕަގެ ވެސް އެންމެ ފަހުގެ ނިންމުން، ބައްޕަ މާދަމާގެ ވަގުތެއްގައި އާރަބްއާ ވާހަކަދައްކާނަން... އާރަބްއަށް ވެސް ވިސްނޭނެހެން ބައްޕަ ހުރިހާ ވާހަކައެއް ކިޔައިދޭނަން... ބައްޕައާއި އާރަބްގެ އެކުވެރިކަމާ މެދު ދަރިފުޅު ހާސްނުވޭ، މިހުރިހާ ދުވަހު ބައްޕަ ގާތަށް ދަރިފުޅަށް ނާދެވުނީ އެކަމާ މެދު ވިސްނާފައި، ބައްޕަ ހުރިހާ ކަމެއް ވެސް ހަމައަކަށް އަޅުވާނަން، ބައްޕައަށް ދެރައީ ދަރިފުޅު ކުރިން މިވާހަކަތައް ނުދެއްކީމަ، އަދިވެސް ވަގުތު ފާއިތެއް ނުވޭ...'' ކަރީމް ބުންޏެވެ.
ބައްޕަގެ ވާހަކަތަކުން އީވާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އުއްމީދުގެ އޮއެވަރު އެދެލޮލުން ފާޅުވިއެވެ.
އީވާއަށް ބަލަން އިން ކަރީމްއަށް އެބަދަލުތައް ފާހަގަކުރެވުނެވެ. އެއާއެކު އެހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ވެސް ލިބިގެން ދިޔައެވެ. އޯގާތެރިކަމާއެކު އީވާގެ ބޮލުގައި ފިރުމާލެވުނެވެ.
''ސޮރީ ބައްޕާ...'' އީވާއަށް ބުނެވުނެވެ.
''ދަރިފުޅުގެ ހޮވުމާމެދުގައި ވެސް ބައްޕަ ޝައްކެއް ނުކުރާނަން، މާތް ސިފަތަކެއް ހުރުމުން ދަރިފުޅު ގަޔާވާނީ ވެސް... އަބަދުވެސް ބައްޕަ އިސްކަން ދޭނީ ދަރިފުޅުގެ އުފަލަށް، ދަރިފުޅު އުފަލުގައި ނުވާނަމަ ބައްޕަގެ މިމުއްސަނދިކަމަކުން ވެސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ... ދަރިފުޅުގެ އުފާތައް ޤުރުބާން ކުރަން ބައްޕަ ދުވަހަކު ވެސް މަޖުބޫރެއް ނުކުރާނަން، ބައްޕަގެ އުފާތައް ވެސް ވަނީ ދަރިފުޅާ ގުޅިފައި...'' ކަރީމް ބުނެލިއެވެ.
''ކަރީމް...'' ލައިލާއަށް ގޮވާލެވުނެވެ. ކަރީމްއާއި ލައިލާ ބަދަލުކޮށްލި ނަޒަރުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބު ކަރީމްއަށް ނަގައިގަނެވުނެވެ. އޭނަ ފަނޑު ހިނިތުންވުމެއް ލައިލާއަށް ދިނެވެ. އަދި އޭނައަށް އިތުބާރުކުރުމަށް ބުނެލިއެވެ.
''މާމަ...'' އީވާއަށް ވެސް ބުނެވުނެވެ. މާމަ އޭނަގެ ނިންމުމާއި މެދު ނުރުހޭނެކަން ޔަޤީން ކުރެވޭތީ އީވާއަށް އެހާސްކަން ފާޅުކުރެވުނެވެ. މަންމަ ވެސް ހިމޭންކަން ޚިޔާރުކުރީ އެކަމުގެ ސަބަބުންކަން އޭނައަށް އެނގެއެވެ. އަދިވެސް މަންމަގެ ދެލޮލުގައި އެކަންބޮޑުވުން ވެއެވެ.
''ދަރިފުޅު ހާސްނުވޭ، ބައްޕަ މިހުރީހެއްނު، މާމައަށް ވިސްނައިދޭނީ ބައްޕަ...'' މޭގައި އަތް ޖައްސާލަމުން ކަރީމް ބުނެލިއެވެ. އަދި އީވާއަށް ފަނޑު ހިނިތުންވުމެއް ދިނެވެ. އެއީ ކިހާ އުނދަގޫކަމެއްކަން ކަރީމްއަށް ތަސައްވަރުކުރެވުނެވެ. ނަމަވެސް އީވާގެ އުފަލަށްޓަކައި ކޮންމެ ފަދަ އަޑިގުޑަންގަނޑެއް ކަނޑައްތުކުރަން ޖެހުނަސް އޭނައަށް ވަރިހަމައެވެ. އޭނަގެ އަމިއްލަ ހިތުގެ މުހުތާދާއި އާއިލާގެ ކަރާމަތަށްޓަކައި ދަރިފުޅު ޤުރުބާނެއް ނުކުރާނެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. އެހެނިހެން މީހުންގެ ރުހުމާއި ހިތްހަމަޖެހެން ލިބޭނެ ފަދައަކުން ދިރިއުޅުން ބައްޓަން ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މިމުއްސަނދިކަމުގެ ލައްޒަތު ދުނިއުމުރަކަށް ހާސިލެއް ނުކުރެވޭނެއެވެ. މަރު އައިސް ތިމާއާއި ފައިތިލަ ސާބިތުކޮށްލުމުން ޖެހޭނީ މި ވަގުތީ ގޯތި ދޫކޮށް ދާށެވެ. އެދުވަހަކުން ފައިސާއާއި މުދަލުގެ ބޭނުމެއް ނޯންނާނެއެވެ. މީހުން ރުއްސަން ކުރި މަސައްކަތުން ވެސް ފައިދާއެއް ނުކުރާނެއެވެ. ތިމާއާއެކުގައި ވާނީ ހަމައެކަނި ތިމާގެ އަމަލުތަކެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން ތިމާގެ ނަފުސު ހަލާކުގެތެރެއަށް ދޫކޮށްލެވުން ނޫންކަމެއް ވެސް ނުވާނެއެވެ.
ހާޖަރާއަށް ވިސްނައިދޭން ކަރީމް މިއަދާ ހަމައަށް ކުރި ހުރިހާ މަސައްކަތެއް ގޮސްފައިވަނީ ފެންފުލުންނެވެ. ހާޖަރާގެ ބޯހަރުކަމާ ހުރެ މީހަކު ދައްކާ ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ރަނގަޅު މަގު ޚިޔާރުކުރާކަށް ވެސް ބޭނުމެއް ނުވެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމާ ހުރެ ތިމާގެ ހަސީލަތް ދައްކަނީ އޭނަގެ ނިންމުމާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދާށެވެ. މީހުން ދެކެފާނެ ގޮތަކާ މެދު ހާޖަރާ އަންނަނީ އަމަށަކު ބިރެއް ނޫނެވެ. މުޅި ދިރިއުޅުން ބައްޓަން ކުރަން ބޭނުންވަނީ މީހުންގެ ރުހުމާއި ތައުރީފުގެ ބަސްތައް ލިބޭނެ ފަދައިންނެވެ. ތިމާގެ ޝާހީކަމާއި މުއްސަނދިކަން ލޯތަކަށް އިޝްތިހާރުކުރެވޭނީ އޭރުން ކަމުގައި ވާތީއެވެ.
''ދެން ތިހެން ދެރަވެފަ އިންނާނެ ކަމެއް ނެތް، ބައްޕަގެ ބަހަށް އިތުބާރު ކުރޭ...'' ހިނިތުންވުމަކާއެކުގައި ކަރީމް ބުންޏެވެ.
''ތެންކިއު...'' ޝުކުރުވެރިކަން އީވާގެ ދެލޮލުގައި ވިއެވެ. އޭނައަށް ބައްޕަގެ ގައިގައި ބައްދާލެވުނެވެ.
މަންޒަރު ބަލަން ހުރި ލައިލާއަށް ހިނިތުންވެވުނެވެ. ލޮލުން ފޭބި ކަރުނަތައް އަވަސްއަވަހަށް ފޮހެލެވުނެވެ. އެވަގުތު ލައިލާގެ އަތުގައި ކަރީމް ހިފައިލިއެވެ. އަދި މަޑުމަޑުން ފިތާލީ އޭނަގެ ބަހަށް އިތުބާރުކުރާށޭ ބުނާ ފަދައަކުންނެވެ. ކަރީމްއާއި ބަދަލުކޮށްލެވުނު ނަޒަރާއެކު ލައިލާ ބޯޖަހާލިއެވެ. އޭރުވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޭނަގެ ހިތުގައި ވިއެވެ. އެވާހަކަތައް ހާޖަރާގެ ކަންފަތާ ހަމައަށް ދަތުރުކޮށްފިނަމަ ވާނެ ގޮތެއް އަންދާޒާކޮށްލަން ވެސް ދައްޗެވެ. އުމުރާ ދަތުރުގައި ހާޖަރާ މައްކާއަށް ގޮސްފައިވިކަން ވެސް އެއީ ނަސީބެކޭ ލައިލާގެ ހިތަށް އެރިއެވެ. ހާޖަރާ އަންނަންވާއިރަށް މަސްރަހަށް ތައްޔާރުވެލުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ. އެހެންނޫންނަމަ ކަންތައް ބޮއްސުންލައިގެން ދިޔައީހެވެ.
''ބައްޕަ ބޭނުން އެނގޭ ތިކުއްޖަކާ ބައްދަލުކުރަން... ކޮން ނަމެއްތަ ކިޔައީ؟...'' ކަރީމް އެހިއެވެ. ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.
''މާކިން...'' އީވާ ކިޔައިދިނެވެ. މާކިންގެ ހުރިހާ ވާހަކައެއް ބައްޕައަށް އީވާ ކިޔައިދިނެވެ.
ކަނުލާ އަޑުއަހަން ތިބި ލައިލާއާއި ކަރީމްއަށް ހެވުނެވެ. އީވާގެ ވާހަކަތަކުން ވެސް މާކިންދެކެ އީވާ ލޯބިވާ މިންވަރު ދެމަފިރިންނަށް އިހުސާސްކުރެވުނެވެ. މާކިންއާއެކު ދިރިއުޅުމެއް ފަށަން އީވާ ދެކެމުން އައި ހުވަފެންތައް ވެސް ނަގައިގަނެވުނެވެ. ލައިލާއަށް އެވަގުތު ހިތާހިތުން ދުޢާކުރެވުނީ ދަރިފުޅުގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހިގެން ދިޔުމަށެވެ. ރަހުމަތުގެ ވާރެއިން އަބަދުމެ އީވާގެ ދިރިއުޅުން ބާއްޖަވެރިވެގެން ދިއުމަށެވެ.
މާހައުލުގައި އޮތް ނުތަނަވަސްކަމަށް ނިމުން އަތުވެއްޖެއެވެ. އުފާވެރިކަމާއި އުއްމީދުގެ އަސަރުތައް ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އީވާގެ ހިތަށް ވެސް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައި ވިއެވެ. އުނދަގޫ މަރުހަލާއެއް ކަނޑައްތުކުރެވުނީތީއެވެ. މައިންބަފައިންގެ އެއްބާރުލުން ވެސް އޭނައަށް ލިބެމުން ދިޔައީތީއެވެ. އެއީ އެހިތުގައި އުއްމީދު އާލާކޮށްލަދިން ކަމެކެވެ.
*****
ނިދުމަށް ތައްޔާރު ވާން ރީތިވާ މޭޒުގެ ގޮނޑީގައި އިށީނދެގެން އިން ލައިލާއަށް ފަސްއެނބުރި އެނދުގައި ފޮތެއް ކިޔަން އިން ކަރީމްއަށް ބަލައިލެވުނެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑު ގަތަމުން އޭނަ ކަރީމްއާ ވާހަކަދެއްކިއެވެ. ހިތުގެ ނުތަނަވަސްކަން ހިއްސާކުރަމުންނެވެ.
''ކަރީމްއަށް ހީވޭތަ މަންމަ ޤަބޫލުވާނެހެން؟...'' ލައިލާގެ ޖުމްލައިން ކަރީމްގެ ސަމާލުކަން ލައިލާއަށް ހުއްޓުނެވެ. އަތުގައި އޮތް ފޮތް ލައްޕާލަމުން ލޮލުގައިވި ނަންބަރު އައިނު ވެސް ނެގިއެވެ. އެއަށްފަހު އެނދުގެ އަރިމަތީ ކަބަޑު މަތީ ފޮތް ބޭއްވިއެވެ.
''މަންމަގެ ގޮތް އެނގެއެއްނު، އަދިވެސް އަހަންނާއި ރަނގަޅަށް ވާހަކައެއް ނުދައްކާ، އީވް އެވާހަކަތައް ހިއްސާކުރުމުން އަހަރެންގެ ހަނދާނަށް އައީ އަހަރުމެން ރައްޓެހިވެގެން އުޅުނު ދުވަސްތައް މަތިން، އެހެންވެ ޚިޔާލެއް ދޭން ވެސް އުނދަގޫވެފައި ހުރީ... މަންމަ ރުޅި އަންނާނެ މިންވަރު ތަސައްވަރުކުރެވުނީމަ އީވް ހިތްހަމަޖައްސަދޭން އެއްޗެއް ނުބުނެވުނީ ވެސް...'' ރީތިވާމޭޒުގެ ގޮނޑިން ތެދުވި ލައިލާ އައިސް އެނދުގައި އިށީނެވެ. އަދި ކަރީމްއަށް އަވަސް ނަޒަރެއް ދިނެވެ.
''އުނދަގޫވާނެ، އެކަމަކު މަންމަ ވެސް މިހާރު އެވިސްނުން ބަދަލުކުރާހާ ދުވަސް ވެއްޖެދޯ، މަންމަގެ ވިސްނުން އަހަންނަށް އެއް ގޮތަކަށް ވެސް ކަމަކު ނުދޭ، އެއްޗެއް ބުނަން ބޭނުން ނުވަނީ ވެސް ލައިލާ ދެކެ މަންމަ ރުޅި އައިސްފާނެތީ... މިހާރު އީވްއަށް ކުރިމަތިވެފައިވާ ހާލަތުން ވެސް މަންމަ ރުޅި ނައުން އެއީ ނާދިރު ކަމެއް، އުނދަގޫވާނެ، އެކަމަކު މަންމައަށް ވިސްނައިދޭން ވެސް އެބަޖެހޭ، އީވްއަށް އެއްވެސް ހާލަތެއްގައި މަޖުބޫރުކުރާކަށް އަހަރެން ބޭނުމެއް ނޫން، އެހެންނޫނީ އެދަރިފުޅުގެ ހިތުގައި އަހަރުމެންނާ މެދު ރުޅިވެރިކަން އުފެދިދާނެ، މިހާރު ވެސް އީވް އެހުރީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި...'' ކަރީމް ބުނެލިއެވެ.
''ކިހިނެއްތަ އާރަބްއަށް މިވާހަކަތައް ކިޔައިދޭނީ؟...'' ލައިލާއަށް އަހާލެވުނެވެ. އެސުވާލުން އޭނަގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ.
''އެކަމާ ލައިލާ ހާސްނުވޭ، އަހަރެން އެކަންތައް ހަމަޖައްސާނަން... ޖާދިންއާ ވެސް ވާހަކަދައްކާނަން...'' ކަރީމް ޔަޤީންކަން ދިނެވެ.
''އީވްގެ ވާހަތަކުން އީވްއަށް ކަމުދާ ކުއްޖާއަކީ ވަރަށް ރަނގަޅު ޒުވާނެއްކަން އެނގޭ، ކިޔަވަގައިގެން ހުރި ހަރުދަނާ ޒުވާނެއް... ޑޮކްޓަރެއް، މިހާރު ސްޕެޝަލައިޒްވުމަށް އިތުރަށް ކިޔަވަމުން އެދަނީ... އެގުޅުމާ ނުރުހެންވީ ސަބަބެއް ނެތް... ލައިލާ ވެސް ދެން މިކަންތަކާ މެދު ފިކުރުބޮޑުނުވޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ، އަހަންނަށް އިތުބާރުކުރޭ....'' ހިނިތުންވުމަކާއެކު ކަރީމް ބުނެލިއެވެ. ލައިލާ ވެސް ފަނޑު ހިނިތުންވުމެއް ދިނެވެ. ކަރީމްގެ ވާހަކަތަކަށް ލައިލާ އިތުބާރު ކުރެއެވެ. ނަމަވެސް ކަންތައް ވެދާނެ ގޮތަކާ މެދު އެހިތުގައި އޮތް ހާސްކަމާއި ބިރުވެރިކަން ފިލައިގެން ނުދިޔައެވެ. ހިތް ބިރުވެރިކަމާއެކު ތެޅެނީއެވެ. ބޮޑު މުސީބާތެއް އަންނަން އުޅޭކަމުގެ ކޮޅުމަތި ވެސް ފެންނަ ހެން ހީވަނީއެވެ. އޭނަގެ ކަންފަތުގައި އިންޒާރުގެ ރަނގަބީލުތައް ވެސް ގުގުމައެވެ.
''ދެން ހިނގާ ނިދަމާ، މާދަމާ އެބަޖެހޭ ހެނދުނުހެނދުނާ އޮފީހަށް ވެސް ދާން...'' ކަރީމް ބުނެލިއެވެ. ކޮޓަރީގެ ނިދާބޮކީގެ އަލި އަތުގައި އޮތް ކުޑަ ރިމޯޓުން ފަނޑުކޮށްލަމުން އެނދުގައި އޭނަ އޮށޯތެވެ. ލައިލާ ވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނިދަން ނައްތާރުވެލިއެވެ.
*****
މެންދުރެވެ. ފޯނުން ރައުހާއާ ވާހަކަދައްކަން އީވާ ހުރީ ގޭގެ ބަގީޗާ ތެރޭގައެވެ. އުޑުމަތި ސާފު ދުވަހަކަށް ވުމުން މެންދުރުގެ ހޫނުކަމުން ދުނިޔެ ދޮންކުރަމުން ދިޔަ އެވެ. ވައިރޯޅިތައް ޖެހެމުން ދިޔަޔަސް އޭގައި ވެސް އެކުލެވިގެން ވަނީ ދިލަހޫނުކަމެވެ. ބިޔަ ގަސްތަކުގެ ހިޔަލުގެ ދަށުން ހިނގަމުން ގޮސް އީވާ އިށީނީ ބަގީޗާގައި ހުރި އުނދޯލީގައެވެ.
އުނދޯލި ހެއްލަމުން ރޭގެ ވާހަކަތައް ރައުހާއާއި އީވާ ހިއްސާކުރިއެވެ.
''މިހާރު ބޮޑުބައެއް ވެސް ނިމުމަކަށް ތިއައީ... އީވްގެ ޕޭރެންޓްސްގެ ސަޕޯޓްވެސް ތިއޮތީ ލިބިފައި...'' ރައުހާގެ އަޑުގައި އުފާވެރިކަން ވިއެވެ.
''އެކަމަކު މާމަ ކަންތައް ކޮށްފާނެ ގޮތަކާމެދުގައި އަހަރެން ކަންބޮޑުވަނީ...'' އީވާއަށް ބުނެވުނެވެ. މަންމައާއި ބައްޕަގެ ސަބަބުން ހިތަށް އުއްމީދެއް ލިބިފައި އޮތަސް، މާމަގެ ކަންފަތާ ހަމައަށް އެވާހަކަތައް ދާ ހިސާބުން ކަންތައް ވެދާނެ ގޮތަކާ މެދު ވިސްނި ހިތަށް ހާސްކަން ވެރިވެގެންދެއެވެ. މާމަގެ ހަރުކަށިކަމުގެ ސަބަބުން ކަންތައް ކޮށްފާނެ ގޮތެއް ހިތަށް ގެންނަން ވެސް ދައްޗެވެ.
''އީވް ދެން ތިވަރަށް ނުވިސްނަބަލަ، ކަރީމްބެ ބުނެފިއެއްނު ހަމައަކަށް އަޅުވައިދޭނަމޭ، ދެން އެވާހަކަ ބާއްވަބަލަ، ކުރީ ދުވަހަކު ބުނީމެއްނު މާކްގެ މަންމައާ ބައްދަލުކޮށްލަން ދާން އުޅޭ ވާހަކަ، މިއަދަށް ދޯ ހަމަޖެހުނީ؟...'' ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ރައުހާ ބުނެލިއެވެ.
''އާނ، މިއަދު ހަވީރު ދަނީ، އެކަމާ މެދުގައި ވެސް ހާސްވޭ... ރައު އަހަންނާއެކު ދާންވީއެއްނު...'' އީވާ އެދުނެވެ. މާކިންގެ މަންމައާއި ބައްދަލުކުރަން މިއަދު ހަމަޖެހިފައި އޮތްކަން ހަނދާންވުމާއެކު އެހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ނުތަނަވަސްވާން ފެށިއެވެ.
''ނޫނޭ، އޭރުން ކަމަކު ނުދާނެ!...'' ރައުހާ ވިސްނައިދިނެވެ. ''އަހަރެން ދިޔައީމަ އެވަގުތުގެ ހާއްސަކަން ގެއްލިދާނެ، އެހެން ނޫނަސް އަހަރެން ހުރީމަ މާކްގެ މަންމައަށް ވެސް އީވްއާ ވާހަކަދައްކަން އުނދަގޫވާނެއެއްނު... ވަރަށް ސިމްޕްލްކޮށް ތައްޔާރުވެގެން ދާނީ އެނގޭ، އޭރަށް ފުރަތަމަ ނަޒަރުން ކަމުދާނީ ވެސް...''
ރައްޓެހިވެގެން އުޅޭ ކުއްޖާގެ އާއިލާއާ ބައްދަލުކުރަންދާއިރުގައި ކަންތައްކުރަންޖެހޭ ގޮތުގެ ތަޖުރިބާ ލިބިފައި ހުރުމުން އެހުރިހާ ކަމެއް އީވާއާއި ރައުހާ ހިއްސާކުރިއެވެ. ރައުހާގެ ހުރިހާ އިރުޝާދެއް ވެސް ކަނުލާ އަޑުއަހަން އީވާ އިނެވެ. ކަންތައް ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ސިކުނޑީގައި ނޯޓްކުރަމުން ދިޔައެވެ. ރައުހާގެ ވާހަކަތަކުން އީވާގެ ހާސްކަން ފިލައިގެން ދިޔައެވެ. މީހާއަށް ހަމަޖެހުމެއް ލިބުނެވެ.
''ބައްޕަ ވެސް ބުނި މާކްއާއި ބައްދަލުކުރަން ބޭނުމޭ...'' އީވާ ބުނެލިއެވެ.
''ހެހެހެ، އަވަހަށް އެކަން ވެސް ހަމަޖައްސާ... އެފަހުން ޖާދިންގެ އުނދަގުލެއް ކުރިމައްޗެއް ނުވޭތަ؟...'' ރައުހާ ސުވާލުކުރިއެވެ.
''އިއްޔެގަ އަހަންނާ ބައްދަލުކުރަން އައި، ކޮންމެވެސް ގޮތަކަށް މާކްގެ މައުލޫމާތު ހޯދައިގެން އައީ، އައިސްފަ އަހަންނަށް ބިރުދައްކަން އުޅުނީ...'' ފޫހި ރާގަކަށް އީވާއަށް ބުނެލެވުނެވެ.
''ވަރެއްގެ ފިރިހެނެއްނު، މިހާރު ބާރު އޮތީމަ ބޭނުންކަމެއް އެކުރެވެނީ... އޭނަގެ ކަންތައް މާ ބޮޑު ވަންޏާ އީވްގެ މަންމައަށް ތެދުތެދަށް ކިޔައިދެއްޗޭ، އީވް ހިމޭނުން ހުންނާނެކަން އެނގޭތީ އޭނަ އެހާ ފޯރިއަރައިގެން އުޅެނީ، އެކަހަލަ މީހުންނަށް ރަނގަޅު ފިލާވަޅެއް ދީގެން ނޫނީ މައިތިރިއެއް ނުވާނެ، މިހާރު އެއުޅެނީ އީގޯ ހާޓްވެގެން، މާކިން ދެރަކޮށްލަން އުޅެނީ ވެސް އެހެންވެ...'' ރައުހާ ވެސް ޖާދިންއާ ދިމާއަށް އެއްޗެހި ކިޔާލިއެވެ.
''އޭރުން މަންމަގެ ހިތުގައި ޖާދިންއާ މެދުގައި ނަފުރަތު އުފެދިދާނެ...'' ޖާދިންގެ ހަޤީޤަތް ހާމަކުރުން އެއީ ބުއްދިވެރިކަމެއް ނޫނޭ އީވާގެ ހިތަށް އެރިއެވެ. މައްސަލައިގެ ނާޒުކު ކަމުންނެވެ.
''އީވް ތިހެން ވިސްނާހާ ހިނދަކު އޭނައަށް ހިތްވަރު ލިބޭނީ، އިފް ހީ އިޒް ޕްލެއިންގް ޑާރޓީ، ޔޫ ޑޫ އިޓް ޓޫ...'' ރައުހާ ނަސޭހަތް ދިނެވެ.
*****
ހަވީރެވެ. މާކިންގެ ސައިކަލުގެ ފަހަތުގައި އީވާ ދަތުރުފެށީ ހުޅުމާލެއަށް ދިއުމަށެވެ. މާކިންގެ މަންމައާ ބައްދަލުކުރުމަށެވެ. މެދުމިނުގެ ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔައިރު ދެޒުވާނުންގެ ދެމެދުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. އިސްފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން އިން އީވާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ރައުހާ ދިން އިރުޝާދުތައް ހަނދަމުކުރަމުން ހިތުގެ ހާސްކަމާ ދުރުވާން މަސައްކަތްކުރިއެވެ.
މަންޒިލާ ހަމައަށް އާދެވުމާއެކު އީވާ ސައިކަލުން ފޭބިއެވެ. އަދި މާކިންއަށް ބަލައިލިއެވެ. އީވާއާ ހިނިތުންވުމެއް ބަދަލުކޮށްލަމުން މާކިން ވެސް ސައިކަލުގެ ހަރު ޖައްސާލަމުން ފޭބިއެވެ. އަދި ސައިކަލު ތަޅުލިއެވެ.
''ހަވީރު އީވް އަންނާނެއޭ ބުނީމަ ރޫބީއާއި ދެމީހުން ވެގެން ލައްކަ އެއްޗެހި ތައްޔާރުކޮށްފަ ހުރީ...'' ހުނުމަކާއެކު މާކިން ބުންޏެވެ. މާކިންއަށް ބަލަން ހުރި އީވާ ވެސް ހިނިތުންވެލިއެވެ.
''މާބޮޑަށް ހާސްނުވޭ، މަންމައަށް އީވް ކަމުދާނެ... އަހަރެންގެ ހޮވުމަކަށް މަންމަ ފާޑެއް ނުކިޔާނެ...'' އެތެރެއަށް ވަންނަން ދިއުމުގެ ކުރިން އީވާގެ އަތުގައި މާކިން ހިފާލިއެވެ. މާކިންއާއި އެކު ކުރިއަށް ހިނގައިގަންނަމުން އީވާ ހިތްހަމަޖައްސާލިއެވެ.
*****
''ދައްތާ، އެބަ އަދޭ...'' ބެލްކަނީގައި ބަނޑު އަޅައިގެ އޮތް ރޫބީއަށް އެތެރެއަށް ވަންނަން ހިނގައިގަތް މާކިންއާއި އީވާ ފެނުމާއެކު ބުނެލިއެވެ. އެއަޑު ބަދިގޭގައި ސުފުރާމަތި ތައްޔާރުކުރަން އުޅުނު ޝަބާނާއަށް އިވުނެވެ. އަތްމަތި އަވަސްކޮށްލަމުން އޭނަ ބޮޑުކޮޓަރިއަށް ނިކުތެވެ. އަދި ރޫބީއާއެކު މާކިންގެ އިންތިޒާރުގައި ހުއްޓެވެ.
އެޕާރޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން މާކިންއާއި އެކުގައި ހުރި އަންހެންކުއްޖާއަށް ޝަބަނާ ބަލައިލިއެވެ. އެއާއެކު އޭނަގެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއް ދުވެލިއެވެ. އީވާ ލައިގެން ހުރި މުށިކުލައިގެ ދިގު ހެދުމާއި އަޅާފައިވި ބުރުގާއިން ފެށިގެން ގޮސް އެމޫނުމަތީގެ ސާދާކަން ވެސް ޝަބާނާއަށް ކަމުދިޔައެވެ. އެންމެ ބޮޑަށް އެދެލޮލުގައި އަޅައިގަތީ އީވާގެ ތުންފަތުގައިވި އޯގާތެރި ހިނިތުންވުމެވެ. އޭނައަށް ފުރަތަމަ ނަޒަރުން ވެސް އީވާ ކަމުގޮސްފިއެވެ. މާކިންއަށް ދިން ނަޒަރާއެކު ޝަބާނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.
އީވާ ގާތު އަވަހަށް އެތެރެއަށް ވަންނަން ބުނެލަމުން އަވަސްއަވަހަށް އީވާގެ އަތުގައި ޝަބާނާ ހިފައިލިއެވެ. އަދި ގެންގޮސް ބޮޑުކޮޓަރީގެ ސޯފާގައި ބޭންދިއެވެ. ކެއުމަށް ދައުވަތު އެރުވުމުގެ ކުރިން އީވާއާއި ކުޑަކޮށް ވާހަކަދައްކާލަން ޝަބާނާ ބޭނުން ވިއެވެ. އެދެމެދުގައި އޮތް ބީރަށްޓެހިކަމަށް ނިމުމެއް ގެނައުމުގެ ނިޔަތުގައެވެ.
ޝަބާނާގެ ހިތްހެޔޮކަމުން އެދެމެދުގައި އޮތް ބީރަށްޓެހިކަމުގެ ފަރުދާ ނެގިގެންދާން ގިނަ އިރެއް ނުނެގިއެވެ. އީވާއާ ތަފާތު ސުވާލުތައް އޭނައަށް ލިބިފައިވާ އިމުގެ ތެރޭން ޝަބާނާ ކުރިއެވެ. އީވާއަށް އުނދަގޫނުވާނެ ފަދައަކުންނެވެ. ޝަބާނާގެ ކޮންމެ ސުވާލަކަށް ވެސް އީވާ ޖަވާބު ދިނެވެ. މަންމަގެ އުފާވެރިކަން ފެނި މާކިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ހަވީރުގެ ސައި ކުރިއަށް ދިޔައިރުގައި ވެސް ތަފާތު ވާހަކަތައް ދެކެވުނެވެ. ރޫބީއާއި ވެސް އީވާ އެކުވެރިވިއެވެ. ރޫބީގެ އަނގަގަދަ މިޒާޖު ފެނި އީވާއަށް ހީވީ ރައުހާ އޭނަގެ ލޯކުރިމަތިން ފެންނަ ހެންނެވެ. އެކަމާ އޭނަ ގާތަށް ހިނި ވެސް އައެވެ.
ހަވީރުގެ ސަޔަށް ފަހު އީވާއާއި ވަކިން ވާހަކަދައްކާލަން ޝަބާނާ ބޭނުން ވިއެވެ. އެކަމަށް މާކިން އިންކާރެއް ނުކުރިއެވެ. މަންމައާއި އީވާއަށް ވަގުތު ދެމުން އޭނަ އިނީ ބޮޑުކޮޓަރީގައި މަޑުކޮށްލައިގެންނެވެ. ޓީވީ ހުޅުވާލަމުން ފުޓުބޯޅަ ޗެނެލެއް އަޅުވާލިއެވެ.
އީވާ ގޮވައިގެން ޝަބާނާ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ޝަބާނާއާއި އީވާ ވާހަކަދެއްކީ ''މަންމަ'' ބޭނުންކޮށްގެންނެވެ. ޝަބާނާގެ އެދުމުގެ މަތިންނެވެ. އެދެމުދުގައި ގާތް ގުޅުމެއް އުފައްދަން ބޭނުންވީތީއެވެ.
''މަންމަ ވަރަށް އުފާވެއްޖެ، މިއަދު މަންމައަށް ހީވަނީ ކުރީގެ މާކިން ފެންނަހެން، އެހުރިހާ ޝުކުރެއްގެ ހައްޤުވެރިފަރާތަކީ އީވާ...'' އެނދުގައި އީވާ ބައިންދަމުން ޝަބާނާ ބުނެލިއެވެ. ''މާކިންގެ ދިރިއުޅުމުގައި ކަންތައް ވެދިޔަ ގޮތުން މަންމަ ހުރީ ވަރަށް މާޔޫސްވެފައި، މާކިންގެ އެކަނިވެރިކަން ފެނި އެކަމާ ނުވިސްނޭ އެންމެ ދުވަހެއް ވެސް ނުދޭ... އެކަމަކު މިހާރު މަންމަގެ ހިތަށް އުއްމީދެއް ލިބިއްޖެ، އީވާގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް މާކިންއަށް އައިސްފި، އެކަމަށް އަބަދު ވެސް ޝުކުރުވެރިވާނަން...''
މާކިންގެ ކުޑައިރުގެ މަޖާ ވާހަތަކުން ފެށިގެން ގޮސް ތަފާތު ވާހަކަތައް އެދެމެދުގައި ބަދަލުކުރެވުނެވެ. އަލަމާރި ހުޅުވާލުމަށްފަހު ފޮޓޯއަލްބަމެއް ހިފައިގެން އައިސް މާކިންގެ ކުޑައިރުގެ ފޮޓޯތައް ވެސް ދެއްކިއެވެ. ވާހަކައިގައި ތިއްބާ ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ.
*****
''ކުއްލިޔަކަށް ގުޅާފަ ބައްދަލުކޮށްލަން އެދުނީ އަނެއްކާ ބޮޑު ކަމެއް ދިމާވީތަ؟...'' އާރަބްގެ ދެމަފިރިންނާ ބައްދަލުކުރަން ކުއްލި ގޮތަކަށް ކަރީމް އެދުމުން ދެމަފިރިން ވެސް ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. ސުވާލު އުފެދިފައެވެ. އާރަބްގެ އަޑަށް މަޝްވަރާއެއްގައި ތިބި ލައިލާއާއި ކަރީމްއަށް ބޮޑުކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އޭރު އާރަބްގެ ދެމަފިރިން މައި ދޮރުން ވަދެގެން އެދީމާއަށް އާދެއެވެ.
''ވަރަށް ބޮޑު ވާހަކައެއް ދައްކަން ޖެހޭތީ...'' ސޯފާގައި އިށީންނަން އިޝާރަތްކޮށްލަމުން ކަރީމް ބުންޏެވެ. އާރަބްއާއި ބަސްމާއަށް އެކަކުއަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ހައިރާންކަމާއެކުގައެވެ.
''އަނެއްކާ ކޮންކަހަލަ ވާހަކައެއްތަ؟...'' ސޯފާގައި އިށީންނަމުން އާރަބް ބުނެލިއެވެ. އެވަގުތު ލައިލާ އެތަނުން ދިޔައީ ގެއަށް އައި މެހެމާނުންނަށް ފިނި ބުއިމެއް ގެނެސްދިނުމަށެވެ. އެފަދަ ކުޑަކަމެއް ގޭގެ ނޯކަރުންނަށް ޖައްސަން ލައިލާ ބޭނުމެއް ނުވިއެވެ.
ތަބަކުގައި ގެނައި ޖޫސްތަށި އާރަބްއަށް ދިއްކޮށްލަމުން ލައިލާ ހިނިތުންވެލިއެވެ. ތަބަކުގައި ހުރި ދެވަނަ ޖޫސްތަށި ބަސްމާއަށް ދިއްކޮށްލުމާއެކު ބަސްމާ މަނާވެގަތެވެ. ނުބައި ޚަބަރެއް ލިބެން އުޅޭ ކަމުގެ ކޮޅުމަތި ބަސްމާއަށް ފެންނަން ފެށީ ވެރިވެފައި އޮތް ހިމޭންކަމުގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ހިތުގެ ތެޅުންވެސް އަވަސް ވާން ފެށިއެވެ. ކަރީމްއާއި ލައިލާގެ ފަރާތުން ފެންނަމުން ދިޔަ ބަދަލުތަކުން އޭނަގެ ހިތް ނުތަނަވަސްކުރުވިއެވެ. މިހާރަކަށް އައިސް ޖާދިންއަށް އައިސްފައިވާ ބަދަދުތަކާއި ވެސް އެކަމާއި ގުޅުމެއް ވެދާނެޔޭ ހިތުގެ އަޑިން ބުނެލުމާއެކު ބަސްމާގެ އަތްފައި ފިނިވާން ފެށިއެވެ. ފަހަރަކު މީހެއްގެ މޫނަށް ސަމާލުވެ ބަލަން ފެށުނެވެ.
''ވާހަކައިގެ ގޮތުން ވަރަށް އުނދަގޫވޭ ހިއްސާކުރަން ވެސް...'' އާރާބްއަށް ބަލައިލަމުން ކަރީމް ފެށިއެވެ.
މާހައުލުގެ ސީރިޔަސްކަން އާރަބްއަށް ރޭކާލީ ދެނެވެ. އަތުގައި އޮތް ޖޫސްތަށި ސޯފާ ކުރިމަތީ ހުރި ބިއްލޫރިމޭޒުމަތީ އޮތް ތަބަކުގައި ބަހައްޓަމުން އޭނަ ކަރީމްއަށް ބަލައިލިއެވެ. އޭރު ބަސްމާއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
''ފުރަތަމަ ވެސް އަހަރެން ބޭނުންވަނީ އާރަބްގެ ގާތުން މަޢާފަށް އެދެން...'' ކަރީމް ފުންނޭވާއެއް ދޫކޮށްލިއެވެ.
''ކޮންކަމަކަށްތަ؟...'' ހައިރާންކަމާއެކު އާރަބްއަށް ސުވާލުކޮށްލެވުނެވެ.
''އީވާ ބޭނުމެއް ނުވޭ ޖާދިންއާއި ކައިވެނި ކުރާކަށް...'' ކަރީމްގެ ޖުމްލައާއެކު މާހައުލަށް ބޮމެއް ވައްޓާލެވުނުކަހަލައެވެ. ބަސްމާއާއި އާރަބް ދިޔައީ ސިއްސައިގެންނެވެ. ބަސްމާއަށް ދެލޯވެސް ބޮޑުކޮށްލެވުނެވެ. އާރަބް ވެސް އެއްޗެއް ބުނަން އަނގަހުޅުވާފައި މަޑުޖައްސާލެވުނެވެ.
''މިއީ އަޑުއަހަން އެހާފަސޭހަ ނިންމުމަކަށްނުވާނެކަން ވެސް އެނގޭ... އީވާ ބުނި ޖާދިންއާއި ވެސް ވާހަކަދެއްކީމޭ، އީވާގެ ނިންމުން ޖާދިންއަށް ވެސް ހާމަކުރީމޭ... ޖާދިން އެކަހަލަ ވާހަކައެއް ނުދައްކާތަ؟...'' ކަރީމްއަށް އަހާލެވުނެވެ.
(ނުނިމޭ)