ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 37

2

ތިރީސްހަތްވަނަ ބައި

"ކުރިން ޒުކް މަންމަ ކީ ކަހަލަ ނުލަފާ އަންހެނެއްގެ އަތްދަށުގަ އެމަންމަ ހުރީ ހައްޔަރުވެފަ. އެމަންމަ އަބަދު އާދޭސްކުރަމުން ދިޔައީ ޒުކް ކައިރިއަށް ދާން. އެމަންމަގެ ހުރިހާ މިނިވަންކަމަކާއި އުފާތަކުން މަހުރޫމްކޮށްފަ ބެހެއްޓީ. އެއީ ދުނިޔޭގައި ހުއްޓަސް ހަމަ ދިރި ހުރި ފުރާނައެއް. ހިތްދަތިކަމާއި ވޭނުގަ ހުރި ހަމައެކަނި ދަރިފުޅު ކޮންމެސް ދުވަހަކުން ލޮލަށް ފެންނާނެކަމުގެ އުންމީދުގަ އުޅުނީ. ކިތަންމެ ބޭނުންވިޔަސް އެމަންމަ ކިހިނެއް އަންނާނީ؟ އެހެން މީހުން ހިނގައި އުޅޭގޮތަށް އެމަންމައަށް ނުހިނގޭ. ބަލައިބަލަ. މިހާރުވެސް އޭނީ ފުރޮޅުލީ ގޮނޑީގައެއްނު. ދޮންބެގެ މި ވާހަކަތަކަށް އިތުބާރު ނުކުރެވެންޏާ މިއަދު ގެއަށް ދާއިރު ފޮޓޯއެއް ނަގައިގެން ގޮސް ބައްޕައަށް ދައްކާފަ އަހާ.... އަދި އެއަށްވުރެ މާ ފަސޭހަގޮތެއް ދޮންބެއަށް އިނގޭ" އާޝިދް ވާހަކަދެއްކިއެވެ. އެއްވެސް ބަހެއްނުކިޔާ ޒުކް ހިމޭންކަމާއެކު އަޑުއަހަމުން ދިޔައެވެ. ދޮންބެގެ ދުލުން ބޭރުވީ ކޮންމެ ލަފްެޒެއް އެނާގެ ސިކުނޑީގައި ހަރުލައްވައިފިއެވެ.

***

ފާހާނާއިން ނިކުތް ތަމަންނީގެ ދެލޮލުން ފާޅުވަމުންދަނީ ކަންބޮޑުވުމެވެ. އެނދުގައިން އުނޭޝް ތަމަންނީއަށް ބަލަހައްޓައިގެން ހުރީ ތަމަންނީގެ ފުށުން އެހެންޏާ އޭނާއަށް ނުފެންނަ ކަމެއް ފާހަގަވަމުން ދާތީއެވެ. އަބަދު ސިހިސިހި ހުރުމާއި ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދިނުމާއި މޫނުމަތިން ނުތަނަވަސްކަމެއް ފެންނަކަން އުނޭޝްއަށް ފާހަގަވަމުން ދިޔައެވެ. އުނޭޝްއަށް އެންމެ ބޮޑު ޚައިރާންކަމެއް ލިބުނީ ފާހާނާ ތެރޭގައި ހުރި ޑަސްބިން ހިފައިގެން ތަމަންނީ ނިކުތުމުންނެވެ. ޑަސްބިން ފުރިގެން އުކާލަން ޖެހުނަސް މީގެކުރިން ތަމަންނީ އަޅައެއް ނުލައެވެ. ހުރިހާ ފަހަރަކުވެސް ޑަސްބިން އުކާލަންޖެހެނީ އުނޭޝްއަށެވެ. މިއަދު ތަމަންނީ ޑަސްބިން ހިފައިގެން ނިކުތުމުން އުނޭޝްއަށް އިނދެވުނީ އެއީ ތަމަންނީކަން ޤަބޫލުނުކުރެވިފައެވެ.

"މިއަދު އަނެއްކާ ކޮންފަރާތަކުން އިރުއެރި ދުވަހެއްބާ؟" ހުސް ޑަސްބިން ހިފައިގެން ކޮޓަރިއަށް ވަން ތަމަންނީއަށް އުނޭޝް ބުނެލިއެވެ.

"ހެހެހެ.. މިއީ އެވަރުކަމެއް ނޫނެއްނު" ތަމަންނީ ބުނެލިއެވެ.

"ތި ފުރެން ގާތްވެސްނުވޭ. މިއަދު ކީކޭ ހިތަށް އަރައިގެން ތިކަން ކުރީ" އުނޭޝް ބުނެލިއެވެ.

"ހަމަ ހިތަށް އެރީ. މިއަންނަނީ އިނގޭ ފާހާނާއަށް ވަދެލާފައި" ތަމަންނީ ބުނެލިއެވެ.

ފާހާނާއަށް ވަނުމަށްފަހު ދުވަހަކުވެސް ލޮކް ނުކުރާ މީހާ މިއަދު ފާހާނާ ލޮކްކޮށްފިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓުމަށްފަހު އަމިއްލަ މޫނަށް ބަލައިލިއެވެ. ދެއަތުން މޫނަށް ފެންގޮށްޓެއް ބުރުވާލުމަށްފަހު ރީތިކޮށް މޫނު ދޮވެލިއެވެ. ދެލޮލުން ފާޅުވަމުންދާ ކަންބޮޑުވުން ފިލުވާލަން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ލައިގެން ހުރި ޓީޝާޓް މަތިން މޭމައްޗަށް ނަޒަރު ހިންގައިލިއެވެ. ތަފާތުކަމެއް ފާހަގައެއް ނުވެއެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ބަނޑުމައްޗަށެވެ. ޓީޝާޓްގައި ހިފާފައި ފަހަތުން ބޭރަށް ދަމައިލިއެވެ. އޭނާގެ ބަނޑު އިންޗިއެއްހާތަންވެސް ނިކުމެފައެއް ނެތެވެ.

"އީޝް ލިބެން އުޅުނު ފަހަރުވެސް މޭމައްޗަށް ވަރަށް ބޮޑަށް ބާރުކޮށްފަ ހުރީ. މިފަހަރު އެކަހަލަ އެއްވެސް ކަމެއްނެތް. ކިޓުން ޕޮޒިޓިވްކަމަށް ދެއްކިޔަސް އެއީ %100 ގެރެންޓީ އެއްޗެއް ނޫން. ބްލަޑުން ޓެސްޓް ހަދަންވީ ކަންނޭނގެ" އޭނާ އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.

***

"މި މަންމަގެ ލޮލަށް ޒުކް ބަލައިބަލަ. ޒުކްއަށް އިހުސާސްވަނީ ކޯޗެއްތޯ؟ ޒުކްއަށް އެމަންމަގެ ލޮލުން ފެންނަނީ ކޮންކަމެއް؟ ވަރަށް ފަރުވާތެރިވެ ބަލައިލަބަލަ" ޒަހުރިއްޔާގެ އަތްޖެހޭ ހިސާބުގައި ޒުކް ބަހައްޓަމުން އާޝިދް ބުނެލިއެވެ.

ޒަހުރިއްޔާގެ ދެލޮލަށް ބަލަހައްޓައިގެން ޒުކްއަށް ހުރެވުނީ ހިނދުކޮޅަކުއެވެ. އޭނާއަށް ޒަހުރިއްޔާގެ ކަރުގައި ބައްދައިގަނެވިއްޖެއެވެ. އެތައް ޒަމާކަށްފަހު ލޯބިވާ ދަރިފުޅު ހަށިގަނޑާލާ ބޮނޑިކޮށްލަން ޒަހުރިއްޔާއަށް ފުރުސަތު ލިބިއްޖެއެވެ. ޒުކްގެ ދެފަޔާއެކު ނަގާފައި އޭނާގެ އުނގުތެރެއަށް ލައިފިއެވެ. ސިކުންތަކަށްފަހު ސިކުންތެއް އޭނާ އޭނާ ޒުކްގެ ހަށިގަނޑަށް ބާރުކުރަމުން ދިޔައެވެ. ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ކަހަލައެވެ. ހިފަހައްޓާލައިގެން ހުއްޓަސް ޒުކްގެ ރުއިމުގެ އަޑު ހިމޭންކަމުގެ ތެރެއިން ނިކުމެއްޖެއެވެ. ހަޔާތުގައި ދުވަހަކުވެސް އެކުއްޖާ އެވަރަށް ނުރޮއެވެ. ތަނުގައި ދެމައިންގެ ރުއިމުގެ އަޑު ހިފާލާފައި ހުއްޓެވެ. އައިރިސްއަށް ވެސް ރޮވެމުން ދިޔައެވެ. އެމަންޒަރު ބަލަން އާޝިދަށްވެސް ފަސޭހައެއްނުވިއެވެ. އޭނާގެ ދެލޮލުގައި ކަރުނަތައް ބޮޑިވެގަތުމާއެކު އަނެއްފަރާތަށް އެނބުރި ދެލޯ ސާފުކޮށްލައިފިއެވެ.

***

ދުވަސްތަކަށްފަހު ވަޙީދުއްދީން އޮފީހަށް ނިކުތްއިރު ސޮފާ މޭޒު ކައިރީގައި އިނެވެ. ވަޙީދުއްދީން ފެނުމާއެކު ފުޅާ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވެއްޖެއެވެ. ކުރަންއުޅޭ ކަންތައް ކާމިޔާބުވާނެ ކަމުގެ ހެކިތައް ލޯމަތިން ފެންނަމުންދާތީ އެނޫން އެހެން އެއްވެސް ކަމެއް އޭނާގެ ސިކުނޑީގައި ނުވެއެވެ. ވަޙީދުއްދީން ފެނުމާއެކު ރީތި ހިނިތުންވުމެއްވެސް ދިނީ އެހެންވެއެވެ.

"އަަހަރެން މިއިންނަނީ ވަރަށް އުފަލުން. އެދެކުދިން މިހާރު ހާދަ އެއްކޮށޭ އުޅެނީ" ސޮފާ ބުނެލިއެވެ. ވަޙީދުއްދީން އެއްޗެއް ނުބުނި ކަމުގައި ވިޔަސް ސޮފާގެ ވާހަކަތަކާއި އެއްބައިވެލުމުގެ ގޮތުން ހީލިއެވެ.

"ކޮބާ ޒަހުރިއްޔާ؟ އޭނަގެ ހާލު ރަނގަޅުތަ؟ އޭނައަށް އެއްވެސް ކަމެއް ކުރިންތަ؟" ހިނދުކޮޅަކަށްފަހު ވަޙީދުއްދީން އެހިއެވެ.

"ހެހެހެ... އޭނަ ވަރަށް ރަނގަޅު. އަހަރެން އެހެން ބުންޏަސް އެއްވެސް ކަމެއް ނުކުރަން. އެއީ އަހަރެންގެވެސް އެންމެ ގާތް އެކުވެރިޔާއެއްނު" ސޮފާ ބުނެލިއެވެ.

"ބޭސްފަރުވާގެ ކަންތައް ދަނީ ކިހިނެއްތަ؟ ހަނދާންތައް އަންނަން އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެނޭތަ؟" ވަޙީދުއްދީން އެހިއެވެ.

"ތިކަހަލަ އެއްވެސް ކަމެއްނެތް. ހީވަނީ ވަރަށް އަވަހަށް އަތުވެދާނެހެން އެކަމަކު. ހަނދާންތައް ނަޔަސް ވަރަށް އުފާވެރި ޚަބަރެއް ދީފާނަން" ސޮފާ ބުނެލިއެވެ. އޭނާ ތެދުވެގެން އައިސް ވަޙީދުއްދީންގެ މޭޒު ކައިރީގައި ހުއްޓުނެވެ.

"ދެކުދިންގެ ކައިވެނި ކުރެވުމާއެކު ޒަހުރިއްޔާ ތިގެއަށް ފޮނުވާނަން. އޭގެފަހުން އަބަދުވެސް ވަޙީދު ހުންނާނީ އަނބިމީހާއާއެކު" ސޮފާ ބުނެލިއެވެ. ވަޙީދިއްދީންގެ ތުންފަތަށް ވެރިވީ އެއްވެސް އަސަރެއްނެތް ހިނިތުންވުމެކެވެ. ސޮފާ ދެއްކި ވާހަކަތަކާއި އޭނާ މާބޮޑަށް އަޅައެއްނުލިއެވެ. އެކަން ވީ ސޮފާއަށް ޚައިރާންކަން ލިބުނު ކަމަކަށެވެ.

"އުފަލެއްވެސް ނުވޭތަ؟" ސޮފާ އަހައިލިއެވެ.

"ސޮފާއަށް އިނގޭތަ އެދުވަހަކުން ސޮފާއަށް ވާނެގޮތް" ވަޙީދުއްދީން ބުނެލިއެވެ.

"ތިބުނި އެއްޗެއް ނުވިސްނުނު" ސޮފަ ބުނެލިއެވެ.

"އަޅާނުލާ... އަދި ވިސްނޭނެ.... އަހަރެން މިދަނީ ލަންޗަށް ދާން. ދާނަންތަ؟؟ ނުދަންޏާ އިނދޭ..." ސޮފާ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ވަޙީދުއްދީން ހިނގައިގަތެވެ. ނިތަށް ރޫ އަރުވާލައިގެން ސޮފާ ހުރީ ވަޙީދުއްދީންގެ ވާހަކަތަކުގައި ފޮރުވިފައިވާ މާނައެއް އޮތްކަން އިނގުމުންނެވެ. އޭނާއަށް ނޭނގެނީ އެއީ ކޮންކަމެއް ކަމެވެ.

***

މުޅިން އާ ދުވަހެކެވެ. ހޫނުގަދަ ދުވަސްތައް ފަހަނައަޅާ ވިއްސާރަ ވިލާތައް އުޑުމަތީގައި ޖާގަ ހަދަމުން ދިޔައެވެ. މުޅި ރަށަށް އޮތީ އަވި މަރާލާފައެވެ. ހިތްގައިމު ވަރަކަށް ވައިޖެހެމުން ދިޔައެވެ. ހެނދުނު ދިހައެއް ޖަހާލިހާއިރެވެ. ބޭރު ޖޯލީގައި ދުފާދަޅު ހިފައިގެން ޙާއިޝާ އިނެވެ. އޭނާގެ އުނގުމަތީގައި ހޫރު އިންއިރު އެގޭ އިން ވަކިކޮށްފައިވާ ހިސާބުގައި ޔަޝްފީ ކުނިކަހަން އޮތެވެ. ހޫރުގެ ނަޒަރު ހުއްޓިފައި ހުރީ ކުނިކަހަމުން ދިޔަ ޔަޝްފީއަށެވެ.

އަތުގައި ހުރި ދުފާދަޅު ފައި އަރުވައިގެން އިން ގޮނޑި މަތީގައި ބަހައްޓާފައި ޙާއިޝާ ހޫރާއި ސަކަރާތްޖަހަން ފެށިއެވެ. އަވަށްޓެރި ޒުބޭދާ ޖެހިގެން ހުރި ޖޯލީގައި އިށީނީ މާމަދަރިފުޅާއެކު ޙާއިޝާ ސަކަރާތުގައި އިންދައެވެ.

"ޙާއިޝާ ތިއީ ވަރަށް ނަސީބުވެރި އަންހެނެއް" ޒުބޭދާ ބުނެލިއެވެ.

"އަހަރެން އެއް އިރެއްގައިވެސް ނުވިސްނަން އަހަރެންނަކީ ބަދުނަސީބު ވެރިއެއްގެ ގޮތުގައެއް. ތިންދަރިން ބޮޑުނުވަނީސް ފިރިމީހާ ނިޔާވެގެން ދިޔައީ. ބީރައްޓެހި ރަށަކަށް އަހަރެން އެކަނިވީ. އެދުވަހުވެސް އަހަރެން ވިސްނީ ހެއްދެވި ފަރާތުން އަހަރެންނަށްޓަކައި ފޮރުވިފައިވާ ރަޙްމަތްތަކާމެދު" ޙާއިޝާ ވާހަކަދެއްކިއެވެ.

"ހަމަ ތެދެއް މިބުނީ. ތިކަހަލަ އުންމީދު ނުގުޑާ އަންހެނުން މަދުވާނެ" ޙާއިޝާގެ ކޮނޑުގައި އަތްއަޅައިލަމުން ޒުބޭދާ ބުނެލިއެވެ.

އެވަގުތު ސައިކަލުގައި އައި އަދްޔަން އެހިސާބާއި ގާތްކޮށްލިއެވެ. ޙާއިޝާ ތެދުވެގެން ގޮސް ހޫރު އަދްޔަން އަތަށް ދިނެވެ. ދޮރާށިން ނިކުތް އުނޭޝްއަށް އަދްޔަން އަތުގައި އިން ހޫރު ފެނުމާއެކު ދެލޯ ވިދައިގަތެވެ. އޭނާގެ ދަރިފުޅު އެފެނުނީ ނުފެންނަތާ ހަފްތާއެއްވާން ގާތްވެފައި ވަނިކޮށެވެ. ފިޔަވަޅެއް ކުރިއަށް އަޅާލެވުނީ އެދަރިފުޅު އުރާލާހިތުންނެވެ. އެކަން އަދްޔަންއަށް އިހުސާސްވުމުން ކުރިއަށް ދުއްވާލަން އުޅުނެވެ. ނަމަވެސް ދޮންބެގެ ދެލޮލުން ހޫރަށްޓަކައިވި އުންމީދު ފެނިފައި އޭނާ މަޑުޖެހުނެވެ.

"ދޮންބެދައްތަ އުޅެނީ ވަރަށް ލަސްވެގެން. ބުނި ހޫރު ހުންނާނީ މިހާރު ބަނޑުހައިވެފައޭ... އަދި ބުނި ހަވީރުން ހިނގާލަންދާން އަންނާނަމޭ. މަންމަ ކައިރީގައި ބުނާށޭ ރެޑީވެގެން ހުންނާށޭ" އަދްޔަން ބުނެލިއެވެ.

"ދޮންކަލޯ.. އިނސާނުންނަށް ކުށްވެސް ކުރެވޭނީ. ތިކުދިން ކިތަންމެ ވަރަކަށް އިހުސާސްތައް ފޮރުވަން އުޅުނަސް ތި ހުރިހާ ކުދިންގެ މެދުގައިވަނީ އަޖައިބެއް ކަހަލަ ލޯތްބެއް. ތިކުޑަ ދަރިފުޅު ނިކަން އެސޮރު އަތަށް ދީބަލަ. ތިއީ އެސޮރުގެ ލެއަށް ނުވާނެ ގޮތެއް ނޯންނާނެ" ޒުބޭދާ އަދްޔަންގެ ބުރަކަށީގައި ފިރުމައިލަމުން ބުނެލިއެވެ. ޙާއިޝާ ބަހެއްވެސް ނުކިޔާ ހުއްޓެވެ. ދުރުގައި ހުރި ޔަޝްފީވެސް ހުރީ އިލޮށިފަތި ހިފައިގެން ހުރީ އެމަންޒަރު ބަލަހައްޓައިގެންނެވެ.

"އުރާލާ... އޭނަ މާބޮޑަށް ބަނޑުހައިވިއްޔާ ރޯންފަށާފާނެ" އުނޭޝްއަށް ބަލައި ނުލިޔަސް އަދްޔަން ވާހަކަދެއްކީ އުނޭޝް އާއެވެ. އުނޭޝް ކުރިއަށް ޖެހިލާފައި އަދްޔަން އަތްމަތީގައި އިން ހޫރު ނަގާފައި މޫނުގައި ބޮސްދީފިއެވެ. އެމަންޒަރު ފެނުމުން ޙާއިޝާ ރޮވިއްޖެއެވެ. ކިހާ ހިތްދަތި މަންޒަރެއް ހެއްޔެވެ؟ އެތުއްތު ދަރިފުޅު ބޮޑުވަމުން އަންނައިރު މަންމައާއި ބައްޕަގެ ގުޅުން ކެނޑިފައިވާކަން އިނގުމުން ހާދަ ހިތްދަތިވާނެއެވެ.

ހޫރު އުރައިގެން ހުރި އުނޭޝް ހޫރާއި އެކު ސަކަރާތްޖަހަމުން ދިޔަ މަންޒަރު ފެނުމުން ދޮރުމަތީގައި ހުރި ތަމަންނީގެ މޫނުމަތިން ނުރުހުން ފާޅުވަމުން ދިޔައެވެ. އޭނާއަށް އަމިއްލަ ބަނޑުގައި އަތްޖައްސާލެވިއްޖެއެވެ. އެމަންޒަރު އެއްގޮތަކަށްވެސް އޭނާއަށް ކަމުނުދިޔައެވެ. އުނޭޝް ޖެހޭނީ އެދަރިފުޅާ އެއްކޮށް ދުރުވާށެވެ. އިރާނިޔާއާއި ގުޅޫންހުރި އެއްވެސް އެއްޗަކަށް އުނޭޝް ލޯބިކުރުން އޭނާ ނޭދޭއެވެ.

"ބައްޕިއަށް ބާއި ބުނޭ ދޫނީ..." އަދްޔަން ދުއްވާލަން އުޅެނިކޮށް ކައިރިއަށް އައިސް ހުއްޓުނު ޔަޝްފީ ބުނެލިއެވެ. އަދި ހޫރުގެ ކުޑަކުޑަ އަތްތިލަ އުފުލާލުމަށްފަހު ދެފަރާތަށް ހޫރާލިއެވެ. ހޫރުގެ ކުޑަކުޑަ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި އުނޭޝްގެ ތުންފަތްމަތިން ވެސް ހިނިތުންވުމެއް ދުވެލައިފިއެވެ.

"އަދި މަޑުކޮށްލަބަލަ. އަހަރެން އައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެނޭ" ޙާއިޝާ ގެއަށް ވަންނަން އުޅުނު ވަގުތު ޒުބޭދާ ބުނެލައިފިއެވެ. ޖޯލީގައި ޙާއިޝާ އިށީނުމުން އުނޭޝް އަލުން ގޭތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ތަމަންނީވެސް ވަނެވެ. ޙާއިޝާގެ އަނެއްފަރާތުން ޔަޝްފީވެސް އިށީނެވެ.

"އެފަރާތުން ކޮންތަނެއްތަ އެހަދަނީ؟" ޒުބޭދާ އެހިއެވެ.

"ތިކަމާ ގުޅިގެން އަހަރެންނަށް މާބޮޑު ޚަބަރެއް ލިބިފައެއްނެތް. އެއީ އުނޭޝް ކުރާ ކަމެއް" ޙާއިޝާ ބުނެލިއެވެ.

"އެއީ ދޮންބެގެ ވައިފް ފިހާރައެއް ހުޅުވަނީއޯ. ދޮންބެ ހަދައިދޭ ތަނެއް އެއީ" ޔަޝްފީ ބުނެލިއެވެ. ޙާއިޝާގެ ޚައިރާންކަމުން ފުރިގެންވީ ނަޒަރު ޔަޝްފީއަށް ހުއްޓުނެވެ.

"އަހަރެން ދައްކަން މިއުޅޭ ވާހަކަތަކާއި މެދު ފުންކޮށް ވިސްނައްޗެ. ދައްކަން މިއުޅެނީ އަހަރެންގެ ދެލޮލުން ދެކިފައި ހުރި ކަންކަމުގެ ވާހަކަ. އެއްރެއަކު ނޫން. ކިތަންމެ ރެއަކު. އަހަރެން މިވާހަކަ މިދައްކަނީވެސް ތިއާއިލާއަކީ އަހަރެން ވަރަށް ގަދަރުކުރާ އާއިލާއަކަށް ވާތީ" ޒުބޭދާ ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ވާހަކަތައް އަހާހިތުން ޔަޝްފީއާއި ޙާއިޝާ އިނީ ދެމައިންގެ ހުރިހާ ސަމާލުކަމެއް ޒުބޭދާއަށް ހުއްޓާލައިގެންނެވެ.

***

ކާމޭޒު ކައިރީގައި އިން ޒުކްއަށް ބަލަހައްޓައިގެން ވަޙީދުއްދީން އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. އޭނާގެ މޫނުމަތިން ޚައިރާންކަމެއް ފާޅުވާން ހުއްޓެވެ. ޒުކްގެ ނަފްސަށް ހިމޭންކަމެއް ވެރިވެފައިވާތާ ތިން ވަރަކަށް ދުވަސް ވެއްޖެއެވެ. އެކަން ވަޙީދުއްދީނަށް ފާހަގަވާން ފަށައިފިއެވެ. އަންހެންކުއްޖަކަށް ވާތީ އޭނާއަށް މާ ބައިވަރު ސުވާލު ކުރާކަށްވެސް ނުކެރުނެވެ. އެހެންކަމުން ޒުކްއާއި ވާހަކަދެއްކުމަށް ސަކީނާ ކައިރީގައިވެސް އޭނާ އެދިއްޖެއެވެ. ސަކީނާއަށް ޒުކްގެ ފަރާތުން އެއްވެސް ކަމެއް ނޭނގުނެވެ. ވަޙީދުއްދީން މަޑުކޮށްލައިގެން އިނީ އާޝިދް އަންނަންދެނެވެ. ޔަޤީނުންވެސް އާޝިދާއި ޒުކް ވާހަކަދައްކާނެކަން އޭނާއަށް ކަށަވަރެވެ.

އުންމީދުކުރި ގޮތާއި ޚިލާފަށް އާޝިދާއި އެކުގައި ހަވީރު ސައިގައި ޖައިޝް ބައިވެރިވުމުން ވަޙީދުއްދީނަށް ސުވާލެއް ކުރަން ނުކެރުނެވެ.

"ކޮންމެސް އެއްޗެއް ކައިބަލަ. ދޮންބެ ބޭރުން އެއްޗެއް ގެނެސްދޭންވީތަ؟" ޒުކްގެ އަތުގައި އުނޅަބޮށިން ޖަހައިލަމުން އާޝިދް ބުނެލިއެވެ. ދެފަރާތަށް ޒުކް ބޯހޫރާލިއެވެ. އެމަންޒަރު ފެނުމުން ވަޙީދުއްދީން ނިތަށް ރޫ އަރައިގެން ދިޔައެވެ. ޒުކްއަށް އައިސްފައިވަ ބަދަލާއި ގުޅިގެން އާޝިދަށް ކޮންމެސް މިންވަރެއް އިނގޭކަން ވަޙީދުއްދީނަށް ވިސްނުނެވެ.

"ހޮޓް ޗޮކްލެޓް ގެންނަންވީ ދޯ... ސަކިންތާ...!!" އާޝިދް ސަކީނާއަށް ގޮވައިލުމާއެކު ސަކީނާ ހާޟިރުވެއްޖެއްޖެއެވެ. އަދި ޒުކްއަށް ހޮޓްޗޮކްލެޓް ގެނެސްދޭން އެދުނެވެ.

"އަހަރެން މިދަނީ އެއްކަލަ ކަންތަކުގަ އިނގޭ... މަ ގުޅާނަން ނިންމާފަ" އާޝިދްގެ ކޮނޑުގައި ޖަހައިލަމުން ޖައިޝް ބުނެލިއެވެ.

***

އިރާނިޔާ ދެއްކި ވާހަކަތަކާއި ޙާއިޝާ މާ ހިތްހަމައެއްނުޖެހުނެވެ. އެއްޗެއް ނުބުނެ އިނީ އެހެންވެގެންނެވެ. ނަމަވެސް އިރާނިޔާއަށް އެގޮތް ކަމަކު ނުދިޔައެވެ. ޙާއިޝާގެ ކޮނޑުގައި ބޯއަޅާލައިފިއެވެ. ހިމޭންކަމުގައި ވަގުތުކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ. އެކަކު އެއްވެސް ބަހެއް ނުކިޔައެވެ.

"ސޮރީ މަންމާ...!!" އެންމެފަހުން އިރާނިޔާ ބުނެލިއެވެ. ޙާއިޝާ ބަހެއް ނުކިއިއެވެ.

"އެ ހަމަ ކުޑަދުވަސްކޮޅަކަށް މަންމާ... ސިޑް އެނބުރި އަންނަންދެން" އިރާނިޔާ ބުނެލިއެވެ. ޙާއިޝާގެ އެއްވެސް ޚަބަރެއް ނުވުމުން އިރާނިޔާ ބަލައިލިއެވެ. އަނެއްފަރާތަށް އެނބުރި އިން ޙާއިޝާގެ ދަތްދޮޅީގައި ހިފާ އަނބުރައިލިއެވެ.

މަންމަ ރޮނީތަ...؟" ޙާއިޝާގެ ދެލޮލުން ފުރި ބަންޑުންވާން ތައްޔާރަށް ހުރި ކަރުނަތައް ފެނުމާއެކު އިރާނިޔާ ބުނެލިއެވެ.

"މަންމަ ވަރަށް ދެރަވެއްޖެ. ރާނީ ތިހާލުގައި އުޅޭ މަންޒަރު ދެކެން ދުވަހަކުވެސް ޖެހިދާނެ ކަމަކަށް މަންމަ ހިއެއް ނުކުރަން" ޙާއިޝާ ބުނެލިއެވެ.

"އަޅުގަނޑު ހާލެއްގަ ނޫޅެން މަންމާ... ވަޒީފާއަކަށް ދާން ބޭނުންވީ އަމިއްލަ ހަރަދަށާއި ހޫރަށް ބޭނުންވާ އެއްޗެހި އަމިއްލައަށް ހޯދަންވެގެން. މިހާރު ހުރިހާ ޚަރަދެއް ކުރަނީ ސިޑް. ކައިވެނި ނުކުރެވެނީސް ސިޑް އެގޮތަށް ޚަރަދުކުރުން އަޅުގަނޑު އެހާއެހާއެއް ނޫން" އިރާނިޔާ ވާހަކަދެއްކިއެވެ.

"މަންމަ ދީފާނަން ދެމައިންނަށް ބޭނުންވާވަރަށް ފައިސާ. ރާނީ ވަޒީފާއަށް ނުގޮސް ކުޑަމަންޖެ ބަލަން ހުރޭ" ޙާއިޝާ ބުނެލިއެވެ.

"ނޫނޭ މަންމާ... ހޮސްޕިޓަލްގެ ރިސެޕްޝަނުންނޭ ލިބުނީ. ޒަމްވެސް އުޅޭނެއްނު. ދަންވަރު ޑިޔުޓީ ޖެހޭ ދުވަސްތަކުގަ މަންމަ ކައިރީގައި ހޫރު ބޭއްވޭނެއްނު. ޕްލީޒް! މަންމަ ކަންބޮޑުނުވޭ. މިއީ ކުޑަކުޑަ ދުވަސްކޮޅެއްގެ ކަމެއް" އިރާނިޔާ މަސައްކަތްކުރީ ޙާއިޝާއަށް ވިސްނައިދިނުމަށެވެ.

"އެކަމަކު..."

"މަންމާ! ރުޒާނައްތަމެންނަށްވެސް އަޅުގަނޑަށް އެއްޗެއް ދެވޭނީ އޭރުންނެއްނު" އިރާނިޔާ ބުނެލިއެވެ.

"އެމީހުން އެއްޗެއް ބުނީތަ؟"

"ނުއެއްބުނޭ. މިކަމަކީ އަޅުގަނޑު ހިތުން ރުހުމުން ނިންމި ނިންމުމެއް" އިރާނިޔާ ބުނެލިއެވެ.

"އާޝިދަށް އިނގޭތަ؟ އެސޮރު ޤަބޫލުތަ؟" ޙާއިޝާ އެހިއެވެ.

"ނުބުނަން. ފަހުން ބުނާނީ" އިރާނިޔާ ބުނެލިއެވެ.

***

ތަށިތައް ބަހައްޓާފައި ހުރި ހަރުގަނޑު ތިރީގައި ޖެހުމުގެ ކުރިން ތަށިތައް މުގުރައިގެން ދިޔަ އަޑުފަށްގަނޑުން މުޅި ބަދިގެ ގުގުމައިގެން ދިޔައެވެ. އަނގައިން ލަވައެއްގެ ރާގު އަޅުވާލައިގެން އުނދުން ކައިރީގައި ހުރި ސަބްރީނަށް ތެޅިގަނެވުނީ ސިއްސައިގެންދިޔަ ވަރުންނެވެ. އޭނާއަށް ހީވީ ސުނާމީއެއްގެ އަޑުފަށްގަނޑު އިވުނު ހެންނެވެ. ދެފައިގައި އަޅަންފެށި ތުރުތުރު އަދިވެސް ނުފިލައެވެ. ކޮޅަށް ހުރުންވެސް އޭނާއަށް ދަތިވެއްޖެއެވެ. ދުވަހަކުވެސް އެހާ ވަރަށް އަދި ނުސިހެއެވެ. އަދިވެސް އެ އަޑު ނުކެނޑެއެވެ. ބިންމަތީގައި ހުރި ތަށިތަކުގައި ފައިން ތަޅަމުންދިޔަ ބައްސާމް ފެނި ސަބްރީނަށް ހީވީ އޭނާއަށް އެހެން ދުނިޔެއެއްގައި ހުރެވުނު ހެންނެވެ. ކައިވެންޏަށް ތޭވީސް އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ދުވަހަކުވެސް ބައްސާމްގެ ފަރާތުން އެފަދަ އަމަލެއް ފެނިފައެއް ނުވެއެވެ. ތަށިތަކާއި ސަމްސާތަކުގައި ފައިން ތަޅަމުން ދިޔައިރު ގަލޮޅު ދަނޑަށް ކުޅެން އަރުވާފައި ހުރި ކުޅުންތެރިއެކޭ އެއްގޮތެވެ.

"މޮޔަވީތަ...؟" ދެކަންފަތް މަތީގައި އަތް އަޅަމުން ސަބްރީން ބުނެލިއެވެ. ބައްސާމަށް މީހަކު އެއްޗެކޭ ކިޔާހެންވެސް ހިއެއް ނުވެއެވެ. ކައިރީގައި މިހަކު ހުރިކަންވެސް އޭނާއަށް ނޭނގޭ ކަހަލައެވެ.

"އޭ ބައްސާމް...!! ތިއީ ކޮންކަމެއް؟ ކިހާ ބޮޑު ގެއްލުމެއް ތިކުރީ؟ ތިއީ ކުޑަކުއްޖެއްތަ؟" ބައްސާމްގެ އަތުގައި ހިފާ ލުއްކެއް ޖަހައިލަމުން ސަބްރީން ހަޅޭއްލަވައިގަތެވެ.

"ތިއީ ކޮންކަހަލަ އަމައެއްތަ؟ މާ ލޯބިވާކަމަށް ހެދިގެން އުޅުނީ އެއީ ދެއްކުންތެރިކަން ދޯ...." ބައްސާމް މައިތިރިވިއެވެ. ފުންނޭވާތަކެއް ލަމުން އޭނާ ދިޔައީ އެތެރެހަށީގައި ހުޅުހިފާފައިވާ އަލިފާންގަނޑު މައިތިރިކުރަން އުޅޭ ފަދައަކުންނެވެ.

"އަހަރެންގެ ދަރިފުޅުގެ ކަމެއް ޖެހުނިއްޔާ މި ގެ ބިމާއި ހަމަކުރަންވެސް އަހަރެން ފަހެއް ނުޖެހޭނަން. އެކަން ހަނދާނުގަ ބަހައްޓާތި" ބައްސާމް ބުނެލިއެވެ. ސަބްރީން ވާނުވާ ނޭނގިފައި ހުއްޓެވެ. އޭނާގެ ނަޒަރު ހުރީ ބައްސާމްގެ މޫނަށް އަމާޒުވެފައެވެ.

"ބުނަން ރަނގަޅު ވާހަކައެއް... އަހަރެންގެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ ހަނދާންކުރާތި އެހިސާބުން ތިއީ އަހަރެންގެ އަންބެއްނޫންކަން" ބައްސާމް ފަހުބަސް އިއްވާލުމާއެކު ސަބްރީނަށް އަތުގައި އޮތް ދޭފަތް ދޫކޮށްލެވިއްޖެއެވެ. އަނގަމަތީގައި ދެއަތް އެޅުނުއިރު ދެލޮލުގައި ކަރުނަތައް ބޮޑިވެއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟