ވާހަކަ

ދެކިލަން އެދޭތީ - 39

1

''މަންމާ...'' އީވާއަށް ނުތަނަވަސްކަމާއެކުގައި ބުނެވުނެވެ. އޭނައާއި ޖާދިންއާ ދެމެދު ދެކެވުނު ވާހަކަތައް މަންމައަށް އަޑު އިވުނުބާވައޭ ހިތާއި ސުވާލުކޮށްލެވުނެވެ. ހަމައެއާއެކު އޭނައަށް ޖާދިންގެ މޫނަށް އަތް އިސްކުރެވުނު މަންޒަރު ވެސް މަންމައަށް ފެނެނު ބާވައޭ ހިތަށް އެރިއެވެ. އެދެމެދުގައި އޮތް ހަމަނުޖެހުން ފާހަގަ ކުރެވުނު ބާވައޭ ވެސް ހިތަށް އެރިއެވެ.

ހިތަށް ވެރިވެގެން އައި ސުވާލުތަކާއެކު އީވާއަށް ހާސްކަން ލިބުނެވެ. މަންމަގެ މޫނަށް ބަލަން ހުރެވުނީ އަވަސްވެފައިވި ހިތަކާއެކުގައެވެ. އެމޫނުގެ ޝުއޫރުތައް ދެނެގަންނަން ބޭނުންވެފައިވާ ހާލުގައެވެ. މިފަދަ ގޮތަކަށް ހަޤީޤަތް ބޭޒާރު ވެގެންދާން އޭނަ ބޭނުމެއް ނޫނެވެ.

ޖާދިންއަށް ވެސް ފަސްއެނބުރި ބަލައިލެވުނެވެ. ލައިލާ ފެނި އޭނަގެ މޫނުގެ ކުލަވަރުތައް ބަދަލުވެގެން ދިޔައެވެ. ދޫކޮށްލި ފުން ނޭވާއާއެކު ރުޅިވެރިކަމުގެ އަސަރަށް ނިމުމެއް ގެންނަމުން ހިނިތުންވެލިއެވެ. ހިތަށް ލިބިފައިވި ހާސްކަން ވެސް ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ.

''ކޮން އިރަކުތަ ޖާދުއައީ؟... މިގެއަށް ނާންނާތީ ވެސް އީވް ގާތު އަހަންވެގެންނޭ އުޅުނީ...'' ޖާދިންއާއި އީވާއަށް ވަކިވަކިން ބަލައިލި ލައިލާ ސުވާލުކުރިއެވެ. އޭނައަށް އީވާއާއި ޖާދިން ޒުވާބުކުރި އަޑާއި، އެދެމެދުގައި އުފެދުނު ހައިޖާންގަނޑު ފެނުނު ކަމުގައި ވިޔަސް އެވަގުތަށް އެކަން ނުފެންނަކަމަށް ހެދުނެވެ. ސިއްރުކުރިއެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނުކަމުގައި ވިޔަސް ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ މާހައުލުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެންނަންވެގެންނެވެ. އީވާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ބިރުވެރިކަމަށް އޭނަގެ ސަމާލުކަން ހުއްޓުނެވެ. ޖާދިންގެ ހާސްކަމަށް ވެސް މެއެވެ. އެދެމެދުގައި އޮތް ގުޅުން ހީނަރުވެފައި އޮތް މިންވަރު ވެސް ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން ހިތުގައި އިތުރު ސުވާލުތައް އުފެދި މީހާގެ ހަމަޖެހުން ގެއްލުނެވެ. މައުލޫމާތު ސާފުކުރަން ބޭނުން ވިޔަސް އެއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއް ނޫންކަން ލައިލާގެ ޒަމީރު އޭނައަށް ވިސްނައިދިނެވެ. ފަހުން އީވާއާއި ވާހަކަދައްކަން އަޒުމު ކަނޑައަޅަމުން އެއްވެސް ކަމެއްގެ ހިލަމެއް ނުވާކަމުގެ ތަމްސީލެއް ކުޅުނެވެ.

''އޮފީހުގައި ބިޒީކޮށް އުޅޭތީ އާދެވޭ ގޮތް ނުވީ...'' ހިނިތުންވުމަކާއެކު ޖާދިން ބަހަނާއެއް ދެއްކިއެވެ. ''އީވް ގުޅާފަ އަންނާށޭ ބުނީމަ މިއައީ... މަންމަގެ ހާލު ކިހިނެއްތަ؟...''

ޖާދިން ހެދި ދޮގާއެކު އީވާ ހުރީ ދުލުން ބަސް ހުއްޓިފައެވެ. ދޮގު ވާހަކަދެއްކުމުގެ ފަށުވިކަން ވެސް އޭނައަށް ފެނުނެވެ. އަދިވެސް ޖާދިން މަސައްކަތްކުރަނީ އޭނައާއި ޖާދިންގެ ދެމެދުގައި އޮތީ ފުރިހަމަ ގުޅުމެއްކަން އަންގައިދޭށެވެ. އޭނައަށް ފަސްޖެހެވޭތީ އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުގައި އެހެރީ ބޮންތިއަށް އަރާފައެވެ. ވީފޫއްސެއްގެ ބޮޑުކަމުން އީވާއަށް ތުންއަނބުރާލެވިއްޖެއެވެ. ޖާދިންގެ ހުޝިޔާރުކަން ފެނި ހިތަށް ބިރުވެރިކަން ވެސް ސަވާރުވެގެން ދިޔައެވެ.

''އެހެންތަ؟، އެހެންވިއްޔާމު ސައިބޮއެގެން ދާންވާނީ، މަންމަ މިއައީ ވެސް ހަވީރުގެ ސަޔަށް އީވް ބަލާ، ދެން ޖާދު ވެސް އާދޭ......'' ލައިލާ ބުނެލިއެވެ. އެއާއެކު އަވަސްއަވަހަށް ލައިލާގެ ގާތަށް ދިއުމަށް އީވާ އަވަސްވެގަތެވެ. ޖާދިން ވެސް ފަހަތުން ހިނގައިގަތެވެ.

*****

ކާމޭޒު ދޮށަށް ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ޖާދިން ގާތުގައި އިންނަން ބޭނުން ނުވެގެން އީވާ ގޮސް އިށީނީ ލައިލާ ގާތުގަ އެވެ. އެއީ ލައިލާގެ ހިތުގައި އިތުރު ވަހުމުތަކެއް އުފަން ކުރިވި ސަބަބެއްކަމުގައި ވިއެވެ. އީވާ ކަންތައް ކުރި ގޮތުން ޖާދިން އިނީ ހިތްހަމަނުޖެހިފައެވެ. މޫނަށް އަރައިގެން ދިޔަ ކުލަވަރުތަކުން އެކަން ސާބިތުކޮށްދިނެވެ. ލައިލާއަށް އެދެމެދުގައި ހިނގި ޒުވާބުގެ މަލަމަތި ފެނިފައިވަނީ ކިހާވަރަކަށް ކަމެއް ވެސް އެނގެނީކީ ނޫނެވެ. އެކަމުގެ ހާސްކަން އެހިތުގައި ވެއެވެ. މިހާރު އީވާ ކަންތައް ކުރަމުންދާ ގޮތުން ޝައްކު އުފެދިދާނެތީ ޖާދިންގެ ހިތް ބިރުގަންނަ ގޮތް ވިއެވެ. އޭނަގެ މަޤުސަދަކީ އެދެމެދުގައި އޮތީ ފުރިހަމަ ލޯތްބެއްކަން އެންމެންގެ ލޯތަކަށް ސާބިތުކޮށްދޭށެވެ. ދެގޮތެއްނުވާނެ ގުޅުމެއްކަން ހާމަކޮށްދެށެވެ. އެހެނަސް، އީވާގެ އަމަލުތައް ހުރި ގޮތުން އެހިތުގެ މުރާދު ހާސިލުކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިވަމުން ދިޔައެވެ.

ކަރީމްއަށް މާހައުލުގެ ނުތަނަވަސްކަމުގެ ހިލަމެއް ނުވިއެވެ. ނަމަވެސް ލައިލާ ފަރުވާތެރިކަމާއެކު ޖާދިންއާއި އީވާއަށް ބަލަމުން ދިޔައެވެ. މަސްރަހު ދިރާސާކުރިއެވެ.

އިރުކޮޅެއް ފަހުން ކަރީމް ފެށީ ވިޔަފާރީގެ ވާހަކައެކެވެ. އެކަމާއި ނުހަނު ގަޔާވެފައި ޖާދިން ވާހަކަތައް އިތުރުކޮށްލިއެވެ. ކަރީމްއާއި ވަރަށް ގާތް ގުޅުމެއް ބޭއްވޭތޯ ޖާދިން މަސައްކަތްކުރިއެވެ. އިތުބާރު ވެސް ހޯދޭތޯ މަސައްކަތްކުރިއެވެ. އޭނަގެ ހިތު ނިޔަތް ހާސިލުކުރެވޭނީ އޭރުންނެވެ.

ހިތްހަމަނުޖެހިފައި އީވާ އިނެވެ. ޖާދިން އިރުއިރުކޮޅާ އޭނައަށް ދެމުން ދިޔަ ސިއްރު ނަޒަރުތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބު އީވާއަށް ވިސްނައިގަނެވުނެވެ. އަނގަޔަށް ލާން އުޅުނު ގުޅަ ވެސް ތަށީގެ ތެރެއަށް ދޫކޮށްލެވުނެވެ.

''އައި ހޭޓް ޔޫ ޖާދިން!... އަހަންނަށް ރަނގަޅަށް އެބަފެނޭ ތިކުރަން އުޅޭ ކަންތައް!، ބައްޕައާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރިޔަސް ވަރިހަމަ... މިއަދުންމިއަދަށް މިކަންތަކަށް ނިމުމެއް ގެންނާނަން!...'' ހަށަން ބަނދެލަމުން އީވާ ބުންޏެވެ. އޭނައަށް ބުމަ ވެސް ގޮށްޖަހާލެވުނެވެ. ޖާދިންގެ ނުބައި ރޭވުންތައް އޭނައަށް ފެންނަމުން ދިޔައެވެ. ރުޅި ވެސް ގަދަވާން ފެށިއެވެ.

*****

ރޭގަނޑެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ބަލަން އީވާ ހުރީ ކޮޓަރީގެ ބެލްކަނީގައެވެ. މިނިވަންކަމާއެކު ދޫކޮށްލެވިފައިވި ފަން އިސްތަށިގަނޑު ވައިރޯޅިތަކުގެ ސަމާސާތަކަށް ކިޔަމަންވަމުން ދިޔަ އެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ ތަނާ މަންމަ އޭނައަށް ގޮވާލި އަޑު އިވުނެވެ. އެއާއެކު ފަސްއެނބުރި އީވާއަށް ބަލައިލެވުނެވެ. އޭރު މަންމަ ހުރީ ބެލްކަނީގެ ދޮރު ކުރިމަތީގައެވެ.

''މަންމާ...'' އީވާއަށް ގޮވާލެވުނެވެ. އިރުކޮޅެއް ވަންދެން އީވާއަށް ބަލަން ލައިލާ ހުއްޓެވެ. އެއަށްފަހު ބެލްކަނިއަށް ނިކުންނަމުން، އެތާ ހުރި ސަރަންފީ ގޮނޑީގައި އިށީނެވެ.

''އާދެބަލަ، މަންމަ ކައިރީ މިތާ އިށީނދެބަލަ...'' ޖެހިގެން ހުރި ސަރަންފީ ގޮނޑީގައި އަތުން މަޑުމަޑުން ޖަހާލަމުން ލައިލާ ބުނެލިއެވެ.

މަންމަގެ ނަޒަރުގައި ތަފާތުކަމެއް އެކުލެވިފައިވާކަން އީވާ ދެނެގަތެވެ. ނުތަނަވަސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް ސަރަންފީ ގޮނޑީގައި އީވާ އިށީނެވެ. މޫނަށް ފައިބާފައި ހުރި އިސްތަށިތައް ކަންފަތުގައި އަޅުވާލަމުން އޭނަ އިސްއުފުލައިލިއެވެ.

ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. ހީވާ ގޮތުން ފުރަތަމަ އީވާއަށް ވާހަކަދެއްކުމުގެ ފުރުސަތު ލައިލާ ދީފައިވާ ކަހަލައެވެ. އީވާ އިސްނުނެގުމުން ލައިލާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އީވާގެ އަތުގައި ހިފާލެވުނެވެ.

''ދަރިފުޅު މަންމައަށް އެއްވެސްކަމެއް އެބަ ސިއްރުކުރަންތަ؟...'' ދުރުދުރުން ވާހަކަ ފެށުމުގެ ބަދަލުގައި ލައިލާ ދިޔައީ ސީދާ މައުޟޫޢު އަށެވެ. ހަވީރުއްސުރެން އެހިތުގައި ވަނީ ހައިޖާންގަނޑެއް އުފެދިފައެވެ. ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދުން މުހިންމުކަމަކަށް ވެއްޖެއެވެ.

''މަންމާ...'' އީވާއަށް ބުނެވުނެވެ. އޭރު އޭނަގެ ހިތް ތެޅިލައިފިއެވެ. މިއަދު ހަވީރު ހިނގި ހާދިސާ މަންމައަށް ފެނިއްޖެކަން އޭނައަށް ޔަޤީންކުރެވުނެވެ. މަންމަގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އެކަމަށް ހެކިވެއެވެ.

''ދޮގު ނަހަދާތި، ދަރިފުޅަށް އެނގެއެއްނު ދޮގު ހެދުމަކީ މަންމަ ފޫހިވާ ކަމެއްކަން، ތެދު ހާމަކުރޭ، މަންމަ އަޑުއަހާނަން...'' މަޑުމަޑުން އީވާގެ އަތުގައި ފިރުމާލަމުން ލައިލާ ބުނެލިއެވެ. އޭނައާއި ވާހަކަ ހިއްސާކުރަން އީވާއަށް ފުރުސަތު ފަހިކޮށްދިނެވެ. ކިތަންމެ އުނދަގޫ ވާހަކައެއް ކަމުގައި ވިޔަސް ހިތްވަރު ދިނީ އޭނައާއި ހިއްސާކުރުމަށެވެ. ދަރިފުޅަށް މަދަދުވެރިވާނަން ކަމުގައި ވަޢުދު ވަމުންނެވެ.

''އަހަންނަށް ކުށެއް ކުރެވިއްޖެ...'' ތުންފަތުގައި ދަތްއަޅާލަމުން އީވާއަށް ބުނެވުނެވެ. ހިންދިރުވާލުން ވެސް ދަތިކަމަކަށް ވެއްޖެއެވެ.

''ކޮންކަހަލަ ކުށެއްތަ؟...'' ހައިރާންކަމާއެކު ލައިލާއަށް ސުވާލުކޮށްލެވުނެވެ. އީވާގެ މޫނަށް ސަމާލުވެ ބަލަމުން ދިޔަ ލައިލާގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލިއެވެ. އީވާގެ ޖުމްލައާ މެދު ތަފާތު ގޮތްގޮތަށް ވިސްނުން ހިންގި ހާސްކަން އިތުރުވާން ފެށިއެވެ.

''މަންމާ، އަހަރެން ޖާދިން ދެކެ ލޯތްބެއް ނުވޭ...'' މަންމައާއި ހަތަރުކަޅި ހަމަކުރަން ފަސްޖެހުނު އީވާއަށް އިސްތިރިކޮށްލެވުނެވެ. މަންމަ ގާތު އޭނައަށް ހެދިފައިވި ދޮގުތައް ހަނދާންވެ މާޔޫސްކަން ހިތަށް ވެރިވާން ފެށިއެވެ.

ބަސްހުއްޓިފައި ލައިލާއަށް އިނދެވުނެވެ. އޭނަގެ މޫނުމަތިން ސިހުމުގެ ނިޝާންތައް ފެނެއެވެ. ނޭވާލާން ވެސް ހަނދާނެއް ނެތެވެ.

''އަހަރެން ބޭނުމެއް ނޫން ޖާދިންއާ ކައިވެނިކުރާކަށް..'' މަންމަގެ ހިމޭންކަމުން އުނދަގޫވެފައި އިން އީވާއަށް އިސްއުފުލާލެވުނެވެ. އޭރު އެދެލޮލުގައި ކަރުނަތައް ވިދާ ބަބުޅަމުން ދިޔައެވެ. ''މަންމާ، އަހަންނަށް މަޢާފްކުރޭ، މަންމަ ގާތު އަހަންނަށް ވަނީ ދޮގު ހެދިފައި، ސޮރީ... ހަޤީޤަތް ހާމަކުރަން އޭރު ފަސްޖެހެވުނީ...''

ބުނާނެ އެއްޗެއް ނޭނގިފައި ލައިލާ އިނީ ހިމޭންވެފައެވެ. ކަންފަތަށް އިވުނު ހަޤީޤަތާ ކުރިމަތިލާން ސިކުނޑި ތައްޔާރުކުރަން ވަގުތު ބޭނުން ވިއެވެ.

''ދަރިފުޅާ... ކައިވެނި ކުރަން ބޭނުން ނުވާއިރު ކީއްވެގެންތަ އެކަމަށް އެއްބަސްވީ؟...'' އެސުވާލުގެ ޖަވާބު ކޮންމެ ވެސް ވަރަކަށް ލައިލާގެ ހިތަށް އިހްލާމްވެގެން ދިޔައެވެ. ހިތުގައި ރިހުމެއް އުފަންވާން ފެށިއެވެ. އީވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން މައިލަގޮނޑިއަށް އަސަރުކުރަން ފެށިއެވެ. ދަރިފުޅުގެ މާޔޫސްކަން އިހުސާސްކުރެވުނެވެ.

''މާމަގެ އުއްމީދުތައް އެކައިވެންޏާއި ގުޅިފައި ވާތީ، ކައިވެންޏަށް ދެކޮޅު ހަދައިފިނަމަ އާއިލާގެ ހަމަޖެހުން ގެއްލިދާނެތީ، މާމާ ރުޅި އަތުވެދާނެތީ...'' ރޮވިފައިވާ އަޑަކުން އީވާ ބުންޏެވެ. ފިނިވެގެން ދިޔަ ލައިލާއަށް ހީވީ އޭނަގެ މޭގައި ބާރުގަދަ އަތަކުން ހިފަހައްޓާލި ހެންނެވެ. މެޔަށް ބާރުވާން ފެށިއެވެ. ދަރިފުޅުގެ ކެކުޅުންތައް ތަސައްވަރު ކުރެވުނެވެ. އާއިލާގެ އުފަލަށްޓަކައި އަމިއްލަ ހިތުގެ ހަމަޖެހުމާއި އުފާތައް ޤުރުބާންކުރަން އިވާ އުފުލި އުދާސްކަން އިހުސާސްކުރެވުނެވެ. ދަރިފުޅުގެ އެއުދާސްކަން އޭރު އޭނައަށް ނުފެނުނީތީ އިންތިހާއަށް ދެރަވެސް ވިއެވެ. ދަރިފުޅަށް މަދުވެރިވުމުގައި އޭނަ އެވަނީ ނާކާމިޔާބު ވެފައެވެ. މިހިރުހާ ދުވަހު އީވާ އެވަނީ އެވޭން ބަރުދާސްތުކޮށްފައެވެ.

''ދަރިފުޅާ...'' ލައިލާއަށް ގޮވާލެވުނެވެ. އީވާގެ ކަރުނަތަކުން އެހިތަށް ކޮށްފައިވާ ފުން އަސަރުތައް ލައިލާއަށް ތަސައްވަރުކުރެވުނެވެ. އޭނައަށް ވެސް އޭރު ރޮވިއްޖެއެވެ. ދަރިފުޅަށް މަދަދުވެރިވާނެ ގޮތަކާ މެދު ވިސްނާލެވުނެވެ.

''އަހަރެން ބޭނުންވި މަންމައަށް ކިޔައިދޭން، އެކަމަކު ފަސްޖެހެވުނީ... ހިތަށް އެރީ ކައިވެނި ކުރުމުން އެކުގައި އުޅެން ފަސޭހަ ވެދާނެޔޭ، އެކަމަކު މިހާރު ޔަޤީންކުރެވިއްޖެ އެހެން ނުވާނެކަން...'' ކުރެހިފައިވާ އަޑަކުން އީވާ ހާމަކުރިއެވެ. އެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކޯތާފަތުގައި ރޮނގު ދަމަން ފަށައިފިއެވެ. އެމަންޒަރު ފެނި އީވާގެ ކަރުނަތައް ލައިލާ ފޮހެލަދިނެވެ. އަދި ދަރިފުޅު ގެނެސް މޭގައި ޖައްސާލަމުން އޯގާތެރިކަމާއެކު ބުރަކަށީގައި ފިރުމާލިއެވެ.

''މަންމާ، އަހަންނަށް މަޢާފްކުރޭ، އަހަރެންގެ ސަބަބުން އާއިލާ ތެރޭގައި ހަމަނުޖެހުމެއް އުފެދިގެން ދާކަށް ބޭނުމެއް ނޫން، އެކަމަކު ލޯބި ނުވާ މީހަކާއެކުގައި ކިހިނެއްތަ އަހަރެން ދިރިއުޅޭނީ... އަހަންނަށް ދުވަހަކު ވެސް ޖާދިން ދެކެ ލޯތްބެއް ނުވެވޭނެ، އިތުބާރެއް ނުކުރެވޭނެ...'' ރޮމުންރޮމުން އީވާ ވާހަކަދެއްކިއެވެ. ލައިލާގެ ލޮލުގައި ވިދަމުން އައި ކަރުނަތައް ވެސް އެސްފިޔަތައް ފޫއަޅުވާލައިފިއެވެ.

''ދަރިފުޅާ... ހުއްޓާލަބަލަ... މަންމަ ކުރާ އިތުރު ސުވާލަކަށް ޖަވާބު ދީފާނަންތަ؟...'' އީވާގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ލައިލާ ސުވާލުކުރިއެވެ. ކަރުނަތައް ފޮހެލަމުން މަންމައާއި ދުރަށް އީވާ ޖެހިލިއެވެ. އަދި މަންމަގެ މޫނަށް ބަލައިލިއެވެ.

''ޖާދިންއާއި ކައިވެނި ކުރަން ބޭނުންނުވާ އިތުރު ސަބަބެއް އެބައޮތްތަ؟...'' ހަވީރު އީވާއާއި ޖާދިންއާއި ދެމެދު ކުރެވުނު ޒުވާބު އޭނައަށް ރަނގަޅަށް ފަހުވުމުވާ ގޮތެއް ނުވިއެވެ. ނަމަވެސް އެޒުވާބުގެ މިސްރާބު ހުރީ ކޮން ދިމާއަކަށްކަން އޭނަ ދެނަގެތެވެ. ހިތުގައިވި ސުވާލުތައް އޭނަ ފެންމަތިކުރުވިއެވެ. އީވާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވޭނީ އެހުރިހާ ކަމެއް އޮޅުން ފިލުމުންނެވެ.

އީވާއަށް އޭނަގެ ތުންފަތުގައި ދަތްއަޅާލެވުނެވެ. އަދި އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. ހީވީ ނަފުސު ތައްޔާރުކޮށްލިހެންނެވެ.

އީވާ ކިޔައިދޭން ފެށިއެވެ. މާކިންއާއި އޭނަ ބައްދަލުވި ގޮތެވެ. އެދެމެދުގައި ލޯބި އުފެދިގެން އައި ދުވަސްވަރުގެ ވާހަކަތައް ވެސް ކިޔައިދިނެވެ. އޭނައަށް ފުރަތަމަ ވެސް ލޯބި ވެވުނީ މާކިންދެކެ ކަން ވެސް ހިއްސާކުރިއެވެ. މާކިންގެ އާއިލާގެ މައުލޫމާތު ވެސް އޮޅުންފިލުވައި ދިނެވެ. އޭނައާއި ޖާދިންގެ އެދެމެދުގައި އުފެދިގެން އައި ނުތަނަވަސްކަމާއި ގުޅިފައި އޮތް ސަބަބުތައް ވެސް ބުނެދިނެވެ. ހަޤީޤަތާ ކުރިމަތިލާން ޖާދިން ބޭނުން ނުވާކަން ވެސް ހާމަކުރިއެވެ. ނަމަވެސް ޖާދިން އޭނަގެ މައްޗަށް އަނިޔާވެރިވި ވާހަކަތައް އޭނަ ސިއްރުކުރިއެވެ. ޖާދިންގެ ޝަހުސިއްޔަތަށް އުނިކަމެއް އަންނަން ބޭނުން ނުވާތީއެވެ.

''މަންމާ، އަހަރެން ވަރަށް ބޮޑަށް ލޯބިވޭ މާކިންދެކެ...'' ކަރުނުން ފުސްވަމުން ދިޔަ ދެލޮލުން މަންމައަށް ބަލައިލަމުން އީވާ ބުނެލިއެވެ. އީވާގެ ހިތަށް އަސަރުކޮށްފައި ވިއެވެ. މަންމަޒަރުތައް ނިއުޅިގެން ހިނގައިދާނީ ކިހިނެއް ކަން ވެސް ލަފާކޮށްލަން ދަތިވެފައި ވާތީއެވެ. މަންމަ އޭނައާއި މެދު ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުވެދާނެތީ އެކަމާ ވިސްނެމުން ދިޔަ ވަރަކަށް މޭގައި ރިހުމެއް އުފެދެން ފެށިއެވެ.

ލައިލާއަށް ހީވީ އޭނަގެ މާޒީގެ މަންޒަރުތައް ލޯކުރިމަތިން ނިއުޅެމުން ދިޔަ ހެންނެވެ. ކަރީމް ހުރި މަގާމުގައި މިއަދު އެހުރީ އީވާ އެވެ. އޭނަގެ މަޤާމުގައި އެހުރީ މާކިންއެވެ. އެދެކުދިންގެ ލޯތްބާއި އުއްމީދުތަކަށް ވެސް މިއަދު ހުރަހަކަށް ވެފައިވަނީ އެންމެ ކަމެކެވެ. ފަޤީރުކަމާއި މުއްސަނދިކަމެވެ. އެގުޅަމަށް އިންކާރު ކުރާނެ ހަމައެކަނި މީހަކަށް ވާނީ ވެސް ހާޖަރާ އެވެ. ހާޖަރާގެ ޒީލަގަދަކަމާއި އަމަރުވެރިކަމުގެ ހިތިރަހަ އޭނަ ވަނީ ތަޖުރިބާ ކޮށްފައެވެ. މިއަދާ ޖެހެން ދެން ވެސް އެކަމުގެ ތަކުލީފުތައް އޭނަ އެދަނީ އުފުލަމުންނެވެ. އެކަމުގެ ގިލަންވެރިކަމުން ދެކުދިންގެ ހަޔާތް ވެސް ބަރުބާރުދުވެގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ލައިލާ ވަށާލައިފިއެވެ. މީހާ ހާސްކުރުވަން ފެށިއެވެ.

''މާކިން އަކީ ކިޔަވައިގެން ހުރި ހަރުދަނާ ޑޮކްޓަރެއް، މާކިން އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ، އަހަންނާއެކު ދިރިއުޅުމެއް ފަށަން ވެސް ބޭނުންވޭ... މަންމާ...... އަހަރެން ވަރަށް ބޮޑަށް މާކިން ދެކެ ލޯބިވޭ... ދުރުގައި ހުންނަން މިހިތަށް ކެތެއް ނުކުރެވޭނެ...'' ހުއްޓުން އަރާފައި އިން މަންމައަށް ބަލައިލި އީވާއަށް ގިސްލެވުނެވެ. މަންމަގެ އަތުގައި ހިފާ އޭނައަށް އާދޭސްކުރެވުނެވެ.

ރޮމުން ދިޔަ ދަރިފުޅަށް ލައިލާ ބަލައިލިއެވެ. އެދެލޮލުން އޮހޮރެމުން އެދާ ކަރުނައަކީ ކަރީމްގެ ލޯތްބަށް އެދި އޭނަ ވެސް އޮހޮރި ކަރުނަތަކެވެ. އެހިތްދަތިކަން މިއަދު އެދަނީ އޭނަގެ ލޯކުރިމަތިން ތަކުރާރުވަމުންނެވެ. މާޒީގެ ސަފުހާތަކެއް ފަދައިންނެވެ. މާޔޫސްކަން ގެނެސްދެމުންނެވެ.

ލިބިފައިވި ހާސްކަމާއި ނުތަނަވަސްކަމާއެކު، ލައިލާއަށް ކުއްލިޔަކަށް ސަރަންފީން ތެދުވެވިއްޖެއެވެ. އެއަށްފަހު ސާފު ވައިފޮދެއް ބޭނުންވެފައިވާ މީހަކު ފަދައިން ރެއިލިންގް ކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. އަދި އޭނަގެ މޭގައި ފިރުމާލައިފިއެވެ. މޭތެރޭގައި ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. އޭނަގެ ހިތި މާޒީގެ ސަފުހާތައް ސިކުނޑީގައި ތަމުސީލުވަމުން ދިޔައެވެ. އީވާގެ ރުއިމުގެ އަޑުން އިތުރު ތަކުލީފެއް އެހިތަށް ލިބުނެވެ.

''މަންމާ...'' އީވާއަށް ގޮވާލެވުނެވެ. ކޮޅަށް ތެދުވެގެން އައިސް މަންމަގެ ގާތަށް އީވާ ހުއްޓުނެވެ. ''މާކިންއަކީ ރަނގަޅު ޒުވާނެކޭ، އަހަރެން އުފަލުގައި ބަހައްޓައިދޭނެ... އަހަރެންގެ އުފާތައް ގުޅިފައިވަނީ ވެސް މާކިންއާއި... އެންމެ ފުރުސަތެއް ވިޔަސް މާކިންއަށް ނުދެވޭނެތަ؟... ބައްދަލުކޮށްލުމުން މާކިންގެ ހިތްހެޔޮކަން މަންމައަށް ވެސް ފެންނާނެ!...''

ލައިލާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އޭނައަށް ރޮވެމުން ދިޔައެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާކަމުގެ އިހުސާސް ކުރެވުނެވެ. ނޭވާލާން ވެސް ދަތިކަމަކަށް ވެއްޖެއެވެ.

''ދަރިފުޅާ...'' އީވާގެ ގައިގައި ބައްދާލަމުން ލައިލާއަށް ބުނެވުނެވެ. އެހިނދު އޭނަގެ ދުލުން ވޭނީ އާހްތަކެއް ބޭރުވެގެން ދިޔަ އެވެ. އޭނަގެ ވޭނީ ފަލްސަފާ ހަނދުމަވަމުން ދިޔައެވެ. ދަރިފުޅުގެ ހިތަށް ފިނިކަމެއް ގެނެސްދޭން ބޭނުން ވިއެވެ. ނަމަވެސް، ކަންތައް ކުރަންވީ ގޮތެއް ވިސްނައިގަންނަން އޭނައަށް ދަތިކަމަކަށް ވިއެވެ. މީހާއަށް ހާސްކަން ލިބުނީ އެސަބަބާ ހުރެއެވެ. ކަރުނައިގެ އުދާސްކަމުގައި ވަގުތު ހޭދަވާން ފެށިއެވެ. ދަރިފުޅަށް ހިތްވަރުދޭނެ ބަހެއް ލައިލާގެ ދުލަކާ ހަމައަށް ނައެވެ. އޭނައަށް އިސްޖަހާލެވުނެވެ. މައެއްގެ ހައިސިއްޔަތުން ވެސް އޭނަ ނާކާމިޔާބު ވެއްޖެއްޔޭ ހިތަށް އެރިއެވެ. ދަރިފުޅަށް އުއްމީދު ގެނެސްދޭން ދައްކާނެ ވާހަކައެއް ވެސް ނޭނގުނެވެ. އެއުދާސްކަމުގެ ތެރޭގައި ވަނިކޮށް ދެމައިން ވެސް ސިއްސައިގެން ދިޔައީ ކަރީމްގެ އަޑަށެވެ.

އީވާއަށް އަވަސްއަވަހަށް މަންމައާއި ދުރަށް ޖެހިލެވުނެވެ. ކަރުނަތަށް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލެވުނެވެ.

ކަރީމާ ކުރިމަތިލާނެ ހިތްވަރު ނުލިބުމުން ލައިލާއަށް ފުރަގަސް ދެވުނެވެ. އަދި ލޮލުން އޮހޮރެމުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.

ލޯބިވާ އަނބިމީހާއާއި ދަރިފުޅަށް ކަރީމް ބަލަން ހުރީ ހާސްކަން ލިބިފައިވާ މީހަކު ފަދައިންނެވެ. އޭނަ އީވާގެ ކޮޓަރިއަށް އައީ އީވާއާއި ބައްދަލުކުރަން ދިޔަ ފަހުން ލައިލާގެ ޚަބަރެއް ނުވެގެންނެވެ. އެކޮޓަރިއަށް އައިސް ވަންތަނާ ފެނުނު މަންޒަރަކުން މީހާއަށް ހައިރާންކަން ލިބިފައި ވިއެވެ. ނުތަނަވަސްކަން ވެސް މެއެވެ.

''ބައްޕާ...'' އީވާއަށް ގޮވާލެވުނެވެ. ބައްޕައާއި ހަތަރުކަޅިހަމަކުރަން ވެސް އީވާއަށް އުނދަގޫ ކަމަކަށް ވިއެވެ. މަންމައަށް އައި ބަދަލުތައް ފެނި، ބައްޕައަށް ހަޤީޤަތް ހާމަވުމުން ކަންތައް ވެދާނެ ގޮތަކާ މެދު އޭނަ ބިރުގަތެވެ.

''ލައިލާ...'' ފުރަގަސްދީގެން ހުރި ލައިލާއަށް ކަރީމް ގޮވާލިއެވެ. ''ކިހިނެއްތަ ވެގެން މިއުޅެނީ؟...''

''ކީއްވެތަ ތި ދެމައިން ތިރޮނީ؟... އަހަންނާއި ވެސް ހިއްސާކޮށްބަލަ...'' އީވާއާއި ލައިލާގެ ގާތަށް ހުއްޓިލަމުން ކަރީމް ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ. ބައްޕައާއި ނަޒަރު ބައްދަލުކުރަން ދަތިވުމުން އީވާއަށް އިސްތިރިކޮށްލެވުނެވެ. އީވާގެ މޫނުމަތިން ހިތާމައިގެ އަސަރު ކަރީމް ދުށްޓެވެ. ހިތް ގެނބިގެން ދިޔަ ކަހަލަ އިހުސާސެއް އޭނައަށް ކުރެވުނެވެ. ފުރާނައަށްވުރެން ބޮޑަށް ލޯބި ވާ ދަރިފުޅު ހިތާމަކުރާތަން ދެކެން އޭނައަށް ކެތެއް ނުކުރެވުނެވެ. ވަގުތުން ގެނެސް މޭގައި ލައްކޮށްލެވުނެވެ.

ހިތްވަރުކުރަމުން ކަރީމްއާ ލައިލާ ކުރިމަތިލިއެވެ. ކަރުނަތައް ފޮހެލަމުންނެވެ.

''ބައްޕައަށް ކިޔައި ނުދޭނަންތަ؟ ދަރިފުޅު ރޯތަން ދެކެން ބައްޕައަށް ކެތެއް ނުކުރެވޭނެ...'' އޯގާތެރިކަމާއެކުގައި ކަރީމް ބުންޏެވެ. ބައްޕަގެ އޯގާތެރިކަން އިހުސާސްކުރެވި، އީވާގެ ހިތަށް ނިކަން އަސަރުކުރިއެވެ. ރޮވެން ފެށުނެވެ.

ކަރީމްއަށް ހީވީ އޭނަގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔަ ހެންނެވެ. އަވަސްއަވަހަސް އޭނައަށް ބަލައިލެވުނީ ލައިލާ އަށެވެ. ލައިލާގެ ދެލޮލުން ވެސް މޮޅިވެރިކަން ފެނުނެވެ. މަސްރަހުގެ ގޯސްކަން އޭނައަށް ލަފާކޮށްލެވުނެވެ.

''ދަރިފުޅާ، ހުއްޓާލާފަ ބައްޕައަށް ވެގެން އުޅޭ ގޮތެއް ކިޔައިދީފާނަންތަ؟...'' ލޯތްބާއެކު އީވާގެ ބުރަކަށީގައި ފިރުމާލަމުން ކަރީމް ބުނެލިއެވެ.

އީވާއަށް ވާހަކައެއް ނުދެކެވުނެވެ. ހަމަ ރޮވެނީއެވެ. އެވަގުތު ލައިލާ ވެސް އީވާގެ ބުރަކަށީގައި ފިރުމާލިއެވެ. އެކަންތައް ސިއްރުކުރަން އުޅޭންޏާ މަސްލަހަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެކަން ލައިލާއަށް ވިސްނުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟