ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 36

2

ތިރީސްހަވަނަ ބައި

"ކައިވެންޏަށްފަހު އަހަރެން ދުނިޔެއިން ނައްތާލުން އެއީ ސޮފާއްތަގެ އެންމެ ބޮޑު ޕްލޭން" އާޝިދް ބުނެލިއެވެ. ވަގުތުން އައިރިސް ހުއްޓުން އެރިއެވެ.

***

ބަނދަރުމަތީގައި ހުރި ބެންޗެއްގައި ޒަމްޙާއާއި އެއްކޮށް އިރާނިޔާ އިށީނދެގެން އިނެވެ. ހޫރު ގޮވައިގެން ދުރަށް ހިނގާފައި ދިޔަ ޔަޝްފީއަށް ބަލަހައްޓައިގެން ދެކުދިން ތިއްބެވެ. ޒަމްޙާ އިރުކޮޅަކާއި އިރާނިޔާއާއި ދިމާލަށް ބަލައިލައެވެ.

"ހަމަ ހިތުން ރުހުމުންތަ ތިދިނީ" ޒަމްޙާ އަހައިލިއެވެ.

"އާނ.. ކޮންމެގޮތެއް ވިޔަސް އެއީ ހޫރުގެ ބައްޕައެއްނު. ދެބަފައިން ދުރުކުރާކަށް ބޭނުމެއްނޫން" އިރާނިޔާ ބުނެލިއެވެ.

"އޭނަ ހޫރު އެއްކޮށް ގެންދަން ބޭނުމިއްޔާ ދެން ކިހިނެއްހަދާނީ؟" ޒަމްޙާ އަހައިލިއެވެ.

"ހިއެއްނުވޭ. އެހެންނޫނަސް އެހެންވިޔަކަ ނުދޭނަން. އަހަރެންގެ ނޭވާ ހިނގާހާ ހިނދެއްގައި ހޫރު އަހަރެންނާ ދުރުކުރިޔަ ނުދޭނަން" އިރާނިޔާ ބުނެލިއެވެ.

"ޙާއިޝާއްތައަށް އިނގޭތަ އޭނަ ހޫރާ ބައްދަލުކުރާކަން" ޒަމްޙާ އެހިއެވެ.

"ހިއެއްނުވޭ. އަހަރެން ނުދައްކާނަން އެކަހަލަ ވާހަކައެއް" އިރާނިޔާ ބުނެލިއެވެ.

***

ބަނދަރު ސަރަޙައްދުން ހުޅަނގަށް ދާއިރު ދެވެނީ މަސްކައްކާގެތަކާއި ދިމާލަށެވެ. އެސަރަހައްދުގައި ހުންނަ ހަމައެކަނި ގެއަކީ ސައީދުގެ ދެމަފިރިން ދިރިއުޅޭ ގެއެވެ. އެގޭ ބޭރުގައި ސައީދުގެ މަސައްކަތުން ހައްދާފައި އޮންނަ ހިތްގައިމު ބަގީޗާއެއް އޮވެއެވެ. އެ ބަގީޗާ ބޭރު ދިއްގާގަހުގައި އެލުވާފައި ހުރި އުނދޯލީގައި އޮތް އުނޭޝްއަށް އޭނާއާއި ދިމާލަށް ހިނގާފައި އަންނަ ޔަޝްފީ ފެނި ހަށިގަނޑު ސީދާކޮށްލިއެވެ. އެހިސާބަށް ޔަޝްފީއަށް ނުދެވެނީސް އުނޭޝް ތެދުވެއްޖެއެވެ. ޔަޝްފީ އަތުން ހޫރު އަތުލާފައި އެ ތުއްތު މޫނުގެ އެކި ތަންތަނުގައި ބޮސްދޭން ފެށިއެވެ. އޭނާގެ ހަށިގަނޑާލާ ބޮނޑިކޮށްލިއެވެ. އުނޭޝްއަށް ވަމުންދާ ގޮތް ފެނި ޔަޝްފީގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހޫރުދެކެ ދޮންބެ ލޯބިވާވަރު އޭނާއަށް ފެނިއްޖެއެވެ. ހޫރާއި ސަކަރާތްޖަހަމުން ގޮސް އުނދޯލީގައި އިށިން އިރުވެސް ޔަޝްފީ ހުރީ ބަލަހައްޓައިގެންނެވެ.

"ކީއްވެ ޔަޝްކޮ ކޮޅަށް ތިހުންނަނީ؟ އާދޭ އިށީންނަން" އުނޭޝް ބުނެލިއެވެ.

"ތިތަނުގަ އިށީންނާކަށް ތަނެއް ނެތެއްނު" ޔަޝްފީ ބުނެލިއެވެ.

"ސައީދުބެމެންގޭ ކައިރީގަ އެހެރީ ގޮނޑިއެއް. އާދޭ ހިފައިގެން. ނުބުނާނެ އެއްޗެއް. ސައީދުބެ ވަރަށް ރަނގަޅުވާނެ" އުނޭޝް ބުނެލިއެވެ. ޔަޝްފީ ގޮނޑި ހިފައިގެން އައިސް އުނޭޝްއަށް ކުރިމަތިވާނޭހެން އިށީނެވެ.

"ދޮންބޭ! ޔަޝްކޮ ވާހަކައެއް ބުނަންތަ؟ ތިގޮތަށް ހޫރާއި ބައްދަލުކުރުމަށްވުރެ ރަނގަޅެއްނު ކޮންމެގަޑިއެއްގަވެސް ބައްދަލުކުރެވޭގޮތަށް ކަންތައް ކޮށްފިއްޔާ" ޔަޝްފީ ބުނެލިއެވެ.

"އެކިހިނެއް؟" އުނޭޝް އެހިއެވެ.

"ދޮންބެދައްތަ ގެނެސްބަލަ. އޭރުން މިއާއިލާ ކިހާ އުފާވެރިވާނެ. ދޮންބެ ބޭނުމެއްނުވޭތަ އުފަލުގަ ހުންނަން" ޔަޝްފީ ބުނެލިއެވެ.

"މިހާރުވެސް ދޮންބެ އުފަލުންނޭ މި ހުންނަނީ. ހަމައެކަނި ދޮންބެގެ ޕްރިންސަސް ނެތް ތަންކޮޅު" ހޫރުގެ ބޮޑު ކޮލުގައި އިނގިލިން ކޮށްޓައިލަމުން އުނޭޝް ބުނެލިއެވެ.

"ދޮންބެގެ ދިރިއުޅުމާ މެދު ޔަޝްކޮ ނުވިސްނަބަލަ. ދޮންބެ މިއުޅެނީ ވަރަށް އުފަލުގަ. ތަމަންވެސް އެއީ ޔަޝްކޮގެ ދޮންބެދައްތައެކޭ. ޔަޝްކޮ ކީއްވެ ވާހަކަ ނުދައްކަނީ" އުނޭޝް އެހިއެވެ. ޔަޝްފީ ވަކި ޖަވާބެއް ނުދެއެވެ. އޭނާއަށް އެއްގޮތަކަށްވެސް ތަމަންނީ ކަމުނުދާ ވާހަކަ ބުނަން ނުކެރުނެވެ.

"ހޫރު އަވަހަށް ގެންނާށޭ ދޮންބެދައްތަ ބުނި. ބަންގި ގޮވަންވާއިރަށް ގެއަށް ވައްދަންޖެހޭނޭ" ޔަޝްފީ ބުނެލިއެވެ.

"މިއީ އެކަނި އޭނަގެ ދަރިއެއްނޫނޭ. އަހަރެން ބޭނުން އިރަކުން ދޭނީ. އެހެންނޫނަސް އަދި ކިރިޔާ ފަހެއް އެޖެހީ" އުނޭޝް ބުނެލިއެވެ. ޔަޝްފީއަށް އިނދެވުނީ އުނޭޝްގެ މޫނަށް ބަލާށެވެ. އަދިވެސް ދޮންބެގެ ހިތުގައި ދޮންބެދައްތައާއިމެދު ވަނީ ފޫހިކަން ހެއްޔެވެ؟ ދޮންބެގެ ކުށެއް ދޮންބެއަށް ނުފެންނަނީ ހެއްޔެވެ؟

***

އާދައިގެމަތިން އިޝާނަމާދަށްފަހު ކޮންމެރެއަކު ޙާއިޝާ އިރާނިޔާއާއި ހޫރާއި ބައްދަލުކުރަން އެގެއަށް ދެއެވެ. ކުޑަކޮށް ހިނގާލަން ޑޮކްޓަރުން އިރުޝާދު ދީފައިވެސް ވާތީއާއެކުގައެވެ. ގެއިން ނިކުތްއިރު ތަމަންނީ މަގުމަތީގައި ޖޯލީ އިންތަން ޙާއިޝާއަށް ފެނުނެވެ.

"މަންމަ ތަނަކަށް ދަނީތަ...؟" ތަމަންނީ އެހިއެވެ.

"އަހަރެން ކޮންމެ ތަނަކަށް ދިޔަސް އެއީ ކަލެއަކާ ބެހޭކަމެއްނޫން" ޙާއިޝާ ހިނގައިގަތެވެ.

"ކޮބާ އަޑުއިވިއްޖެތަ...؟ ކިހާ ދުވަހަކުތަ މި ލަދުވެތިކަމުގަ އަހަރެން އުޅެންވީ...؟ އުނޭގެ މަންމަގެ ރުހުން ހޯދަން އަހަރެން ކިހިނެއްތަ ހަދަންވީ...؟" ފޯނުގައި ހުރި އުނޭޝް ކައިރީގައި ތަމަންނީ ބުނެލިއެވެ.

"ބޮޑެތި ކަންތައްތައް ވާނީ ބުރަމަސައްކަތް ކޮށްގެން. ދުނިޔެ އަބަދު އެއްގޮތަކަށް ނޯންނާނެ" އުނޭޝް ބުނެލިއެވެ. ތަމަންނީގެ ފަރާތުން އެކަހަލަ ޝަކުވާއެއް އަތުވެއްޖެނަމަ އަބަދުވެސް އުނޭޝް ދޭ ޖަވާބަކީ އެއީއެވެ. ތަމަންނީ ފޯނު ކަނޑައިލިއެވެ.

"އަހަރެންނަށް ހެޔޮ ދުވަހަކު މިގޭ މީހުންގެ ހިތް އަހަރެންނަށް ހެޔޮ ނުވިޔަސް. އަހަރެން ބޭނުމީ އުނޭޝްގެ ހިތް އަހަރެންނަށް ހެޔޮވާން. އަހަރެން ބޭނުން ކަންތައްވާނީ އޭރުން" ހިތާހިތުން ތަމަންނީ ކިޔައިލިއެވެ. މަގުމަތިންދާ މީހުންނަށް ބަލަހައްޓައިގެން އޭނާ އޮތީ އުނޭޝް މިއަންނަނީ އޭ ބުނުމުންނެވެ. އޭނާގެ މެއަށް ނުބައިގޮތެއް ވާންފެށީ ކުއްލިއަކަށެވެ. ހަށިގަނޑު ސީދާކޮށް ނުލެވެނީސް މޭނުބައިކުރަން ފަށައިފިއެވެ. އަނގަމަތީގައި އަތް އަޅައިގެން އިރުކޮޅަކު އިނުމުން ހަމަޔަކަށް އެޅިއްޖެއެވެ. ހިތުގެ ކަނަކުން ނުބައި ސިގްނަލެއްދޭން ފެށުމުން ޖޯލިން ފުންމައިގެން ތެދުވެއްޖެއެވެ. ވިސްނަން ހުރެފައި ހިތުން ހިސާބެއް ހަދައިލިއެވެ. ފެންވެރިފަހުން އަދި ވީ އެންމެ ސަތާރަ ދުވަހެވެ.

"އެވާނީ ނުބައި އެއްޗެއް ކެވުނީކަމަށް. ކިހިނެއް އިނގޭނީ؟ ޙާއިޝާ އަހަރެންނަށް ޒަހަރެއްވެސް ދީފާނެއްނު" މޫނު ކުނިކޮށްލަމުން އަމިއްލަ ހިތާއި ވާހަކަދައްކައިލިއެވެ. އޭނާ ބޭނުންވާ ޖަވާބު އަމިއްލަ ހިތުން ހޯދަމުން ދިޔައެވެ. ޖޯލީގައި އަލުން އިށީންނަން އުޅުނު ވަގުުތު ދެވަނަ ފަހަރަށް މޭނުބައިކޮށް އޯކަށްދެމިގަތެވެ. މިފަހަރު ކޮންޓްރޯލް ނުވާނެކަން އިނގުމުން ދޮރާށި ހުޅުވާލާފައި އެތެރެއަށް ދެމިގަތެވެ.

***

މޭޒުމައްޗަށް ކާންހަދާފައި ހުއްޓެވެ. އީސައާއި ރުޒާނާގެ އެދުމުގެ މަތިން އަދްޔަން އިށީނީ ގުމްރޫހާއި ޖެހިގެން ހުރި ގޮނޑީގައެވެ. މޭޒުގެ ކޮޅުގައި އީސަ އިންއިރު އަނެއްފަރާތުގައި ތިބީ ރުޒާނާއާއި އިރާނިޔާއެވެ. ގުމްރޫހް ލަދުގަނެފައި އިނުމުން އިރާނިޔާ އިނީ މަޖާވެފައެވެ. ކައިވެންޏެއް ކުރަން އުޅޭއިރު އަންހެންކުއްޖަކު އެހާ ލަދުން އުޅޭތަން އަދި އޭނާއަށް ފެނިފައެއް ނުވެއެވެ.

"ކޮންދުވަހެއް ތިނިންމީ ދެކުދިން؟" އީސަ އެހިއެވެ.

"ގޮމަ ބޭނުން ދުވަހެއް" އަދްޔަން ބުނެލިއެވެ.

"ތެދެއް ދަރިފުޅާ!! ދުވަހެއް ކަނޑައަޅާފައި އޮތިއްޔާ ބައްޕަމެން ކައިރީގައި އަވަހަށް ބުނައްޗެ. އޭރުން އެހެން ރަށްތަކުގައި ތިބި ބައްޕަގެ އެއްބަނޑު އެއްބަފާ މީހުން ކައިރީގައި ބުނެވޭނީ" އީސަ ވާހަކަދެއްކިއެވެ. ގުމްރޫހް ބޯޖަހައިލިއެވެ.

"އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން އަޅުގަނޑަށް ފެންނަނީ ކާން ފަށަން. އެހެންނޫނީ ކާއެއްޗެހީގެ ތާޒާކަން ކެނޑޭނީ" އިރާނިޔާ ބުނެލިއެވެ.

"އެބުނީ ތެދެއް" ރުޒާނާ އިރާނިޔާއާއި އެއްބައި ވެލިއެވެ.

"އަދޫއަށް އިނގޭތަ މިއީ މުޅިންވެސް ގޮމަ ކައްކާފައި ހުރި އެއްޗެހި. އެހެންވީމަ އަދޫ ވާނެ ރަނގަޅަށް ކާން" އިރާނިޔާ ބުނެލިއެވެ. އަދްޔަން ގުމްރޫހަށް ބަލައިލިއެވެ.

އެންމެން ކަމުންދިޔަ ވަގުތު ރުޒާނާގެ ސަމާލުކަން ގުމްރޫހަށް ހުއްޓުނީ އަދިވެސް އޭނާ ކާންނުފަށާ އިނުމުންނެވެ. ތައްޓަށް ބަލަހައްޓައިގެން އިންއިރު އެހެން އެއްވެސް މީހެއްގެ ސަމާލުކަމަށް އެކަން ނާދެއެވެ.

"ކީއްވެ ދަރިފުޅު ކާންނުފަށަ ތިއިންނަނީ...؟" ރުޒާނާ އެހިއެވެ. ހުރިހާ މީހުން ގުމްރޫހަށް ބަލައިލިއެވެ.

"އެއީ ތެދެއް...؟ އަހަރެން އިނީމަތަ ނުކާން ތި އިންނަނީ؟" އަދްޔަން އަހައިލިއެވެ.

"ގޮމަ އަދި ބަނޑުހައި ނުވަނީ ކަންނޭނގެއެއްނު" އިރާނިޔާ ބުނެލިއެވެ.

"އެކަމަކު ދަރިފުޅާ ކުޑަކޮށް ނަމަވެސް ކާންވާނެއްނު. ތިތަނުން ފޮނިއެއްޗެއް ކާލަބަލަ" ރުޒާނާ ބުނެލިއެވެ. އަދްޔަން ގުމްރޫހުގެ މޫނަށް ބަލަހައްޓައިގެން އިނީ ހެވިފައެވެ. އިރާނިޔާއަށް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ. އެދެކުދިންގެ މޫނުން ނަޒަރު ވަކިކޮށްލައިފިއެވެ.

"އަހަރެން ލަވައިދޭންވީތަ...؟" ގުމްރޫހާއި ކުޑަކޮށް ކައިރިވެލާފައި އަދްޔަން އެހިއެވެ. ވަގުތުން ދެފަރާތަށް ގުމްރޫހް ބޯ ހޫރާލިއެވެ.

"ޔާރައްބީ... ކަނާއަތަށް ކިހިނެއްވީ...؟؟ ވާއަތުން ގުމްރޫހް ތައްޓަށް ކާއެއްޗެހި އަޅާތަން ފެނުމުން ރުޒާނާ އެހިއެވެ.

"ހަނދާންނެތިގެން ކޮޓަރީގަ ބާއްވާފަ އެއައީ. ދޯ..." އަދްޔަން ބުނެލިއެވެ.

ދެކުދިންގެ ސަމާސާގައި ބައިވެރިވަމުން ދިޔަ އެންމެން ކައި ނިމުމުން ފަހަރަކު މީހަކު ނިކުންނަމުން ދިޔައެވެ. އިރާނިޔާވެސް ހީލާފައި ދިޔައީ އަދްޔަންއާއި ދެކުދިންނަށް ވަގުތު ދީފައެވެ.

"އެންމެން އެދިޔައީ. ދެން ކާންވީނުން" އަދްޔަން ބުނެލިއެވެ.

"އަދޫ ޕްލީޒް! އަހަރެންގެ އަތުން ދޫކޮށްލަބަލަ... ދުވަހަކުވެސް މިހާ ލަދެއް ނުގަނޭ" ގުމްރޫހް ބުނެލިއެވެ. ވަގުތުން އަދްޔަން ގުމްރޫހްގެ އަތް މިނިވަން ކޮށްލިއެވެ. ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލުމަށްފަހު އެތަނުން ތެދުވާން އުޅުނު ވަގުތު އަދްޔަން ގުމްރޫހްގެ އަތުގައި ހިފައިފިއެވެ.

"ކޮންތާކަށް ތިދަނީ؟" އަދްޔަން އެހިއެވެ.

"މިއަންނަނީ" ގުމްރޫހް ބުނެލިއެވެ. އަދްޔަން ދޫކޮށްލުމުން ގުމްރޫހް ތެދުވެގެން ގޮސް ހުއްޓުނީ އައިސްއަލަމާރި ކައިރީގައެވެ. އަދްޔަން މޭޒުގައި ލެގިލައިގެން ގުމްރޫހްގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. އެއްޗެއް ބަލާ ދިޔަ މީހާ އެތަނުގައި ހަރުލުމުން އަދްޔަންއަށް ހެވިއްޖެއެވެ. އޭނާގެ ކައިރިން ދާން ގުމްރޫހް ދެއްކި ބަހާނާއެއްކަން އިނގުމުން އޭނާ ކުރިއަށް ހިނގައިގަތެވެ.

ކުއްލިއަކަށް ގުމްރޫހްގެ އަތުގައި ހިފާ އޭނާއާއި ވީކޮޅަށް އަނބުރާލިއެވެ. އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ގުމްރޫހްގެ އުނގަނޑުގައި އެއްއަތުން ހިފާލުމަށްފަހު ކައިރިއަށް ދަމައިލިއެވެ. އަދްޔަންގެ މޭމަތީގައި ގުމްރޫހް ތަތްވިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ގުމްރޫހް އިސްޖަހައިލިއެވެ.

"އަޅެ އަހަރެން ކިހިނެއް ހެދީމަތަ ގޮމަ ތިހާބޮޑަށް ލަދުނުގަންނާނީ؟" އަދްޔަން އެހިއެވެ. ގުމްރޫހް ޖަވާބެއްނުދީ ހީލައިގެން ހުއްޓެވެ.

"އަހަ...އަހަރެން ލަދެއް ނުގަނޭ..." ގުމްރޫހް ބުނެލިއެވެ.

"އެކަން އަހަރެންނަށް އެބަ އެނގެޔޭ.... އަހަރެން ކަމެއް ކޮށްލިޔަސް ހެޔޮތަ...؟" އަދްޔަން ބުނެލިއެވެ. އެނާގެ ތުނިކޮށް ފަޅާފައިހުރި ތުނބުޅި ގުމްރޫހްގެ މޫނުގައި ބީހޭހާ ކައިރިވެލައިފިއެވެ. އެހުރިގޮތަށް ހުރެ ފަހަތަށް ޖެހެމުން ގޮސް ގުމްރޫހްގެ ބުރަކަށި ފާރުގައި ޖައްސައިފިއެވެ.

"އަދޫ...!! ކީއްކުރަން ތިއުޅެނީ...؟" ގުމްރޫހް އަހައިލިއެވެ.

"މަންމަމެން އައިސްދާނެ..." އަދްޔަންއަށް ނަޒަރެއް ދިނުމަށްފަހު ގުމްރޫހް ބުނެލިއެވެ. އަދްޔަންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި އޭނާ ނަޒަރު ބަދަލުކޮށްލައިފިއެވެ.

"ކޮންއިރަކުން އަހަރެންނާ އިންނާނީ؟ އަހަރެން ބޭނުން ތި އަންހެންކުއްޖާ އަހަރެންގެ މިދެއަތުގެ ތެރޭގައި ލުއިފަތެއް ގެންގުޅޭހެން ގެންގުޅިލަން" އަދްޔަން ބުނެލިއެވެ. ގުމްރޫހްގެ މޫނަށް ވެރިވެގެން ދިޔަ ޖަންބުކުލަ އިން އޭނާ ލަދުގަތްވަރު އަދްޔަންއަށް އިހުސާސްވެގެން ދިޔައެވެ.

"އެރޭ އަހަރެން ބޭނުން ގޮމަ އަހަރެންގެ....." އަދްޔަން ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ގުމްރޫހް އަދްޔަންގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލައިފިއެވެ. އަދްޔަންއަށް ހެވުނެވެ.

"އަހަރެން...." ގުމްރޫހް ބުނެލިއެވެ.

"ރާނީއްތަ އަންނަ އަޑު އެބައިވޭ" ގުމްރޫހް ބުނެލިއެވެ. ވަގުތުން ގުމްރޫހްގެ ހަށިގަނޑުން އަދްޔަން ދޫކޮށްލައިފިއެވެ. އަދްޔަން ދުރަށް ޖެހިލާފައި މީހާ ހަމަޔަކަށް އެޅިލައިފިއެވެ. އަދްޔަންގެ އެ އަވަސް ހަރަކާތުން ގުމްރޫހް ކައިރިއަށް ހިނިއައެވެ.

"ނާދޭ ދޯ..." ގުމްރޫހް ހިނިއައި މަންޒަރު ފެނުމުން އަދްޔަން އެހިއެވެ. ގުމްރޫހް ބޯޖަހައިލިއެވެ.

"މިފަހަރު ސަލާމަތެއްނުވާނެ އަހަރެން އަތްދަށުން" އަދްޔަން ކައިރިއަށް ހިނގައިގަތުމާއެކު ގުމްރޫހް ދޮރުން ނިކުންނަން ދުއްވައިގަތެވެ. ގުމްރޫހްގެ އެ ސަމާސާއިން އަދްޔަންއަށް ހުރީ ހެވިފައެވެ.

***

ޓެރަސްމަތީގައި ޖަހާފައި ހުރި ސޯފާގޮނޑީގައި ޒުކް ބާގާއެއް ކާން އިނެވެ. ލެޕްޓޮޕުން މަސައްކަތެއް ކުރަން އާޝިދް އިންއިރު އައިރިސް އަންނަން ބުނި ގަޑި އަދި ނުޖެހެއެވެ. މީރުކޮށްފައި ކަމުންދިޔަ ޒުކް އިރުކޮޅަކާއި އާޝިދަށް ބަލައިލައެވެ.

"ދޮންބޭ!" ޒުކް ގޮވައިލިއެވެ.

"ލައްބަ. ނިމުނީތަ؟ ޕެކެޓްވެސް ބޯލަބަލަ" ލެޕްޓޮޕުން ނަޒަރު ވަކިކޮށްނުލާ އިނދެ އާޝިދް ބުނެލިއެވެ.

ޕެކެޓް ބޮމުން ޒުކް ގޮސް އާޝިދް ކައިރީގައި އިށީނެވެ. އާޝިދް ކުރަން އިން މަސައްކަތަށް ބަލަހައްޓައިގެން އިނދެފައި ހުސް ޕެކެޓް ގެންގޮސް ކޮތަޅަށްލިއެވެ. އަލުން އައިސް އާޝިދް ކައިރީގައި އިށީނެވެ.

"ދޮންބެ ތެންކިއު އިނގޭ ބާގަރ އަށް" ޒުކް ބުނެލިއެވެ.

"ޒުކް ދޮންބެއަށް ނުޖެހޭނެ ތެންކިއު ބުނަން" އާޝިދް ބުނެލިއެވެ.

"ދޮންބެ ކީއްވެތަ މިތަނަށް ތިއައީ.. ކީއްވެ ރެސްޓޯރަންޓްގަ މަޑުނުކުރީ" ޒުކް އެހިއެވެ.

"ދޮންބެ ވޯރކް މިނިމުނީ. އަސްލު މިއުޅެނީ ޒުކްއަށް ސަޕްރައިޒެއްދޭން. މީހަކު އެބައާދޭ ޒުކް އާ މީޓްކޮށްލަން" އާޝިދް ބުނެލިއެވެ.

"ޒުކް އާ... ކާކު...؟ އޯވް.. ދޮންބެގެ ގާރލް ދޯ..." ހީލަމުން ޒުކް ބުނެލިއެވެ.

"ނޯޕް. ދޮންބެގެ ގާރލްއަކީ ތީއެއްނު...." ޒުކްގެ ދަތްދޮޅީގައި ހިފައިލަމުން އާޝިދް ބުނެލިއެވެ.

އާޝިދްގެ ފޯނަށް އައިރިސް ގުޅަން ފެށުމުން އޭނާ ޖެހުނީ އެތަނުގައި ޒުކް ބައިންފާދައި ތިރިއަށް ފައިބާށެވެ. ޒަހުރިއްޔާއަކީ ނުކުޅެދޭ މީހަކަށް ވެފައި އޭނާ އެތެރެއަށް ވައްދަން އައިރިސް އުނދަގުވާނެތީއެވެ.

ޒަހުރިއްޔާ އިން ގޮނޑި ދަމަމުން ޓެރަސްއަށް ނިކުތީ އާޝިދެވެ. އައިރިސް ހުރީ ކައިރީގައެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުކްއަށް ޒަހުރިއްޔާގެ ނަޒަރު ހުއްޓިއްޖެއެވެ. ވަގުތުން އޭނާގެ ދެލޯ ފުރާލީ ކަރުނައިންނެވެ. ޒުކްގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލައިލިއެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ލޭސްފޮތީގެ ޓޮޕްކޮޅާއި އެކު އައިސްބްލޫ ކުލައިގެ ސްކިނީގައި އެހާ ފަލަކަމަށްވެސް އަދި ހިކިކަމަށްވެސް ނުދައްކައެވެ. ފައިކުރިން ހުރީ ކުޑަކޮށް އޮޅާލާފައެވެ. ބުރަކަށިން ތިރިއަށް ހުރި ފަންއިސްތަށިގަނޑު ހައްޔަރުކޮށްލާފައިވަނީ ހުދާއި ކަޅު އެކުލެވޭ ހެއަރ ބޭންޑަކުންނެވެ.

"ޒުކް...!!" އާޝިދް ގޮވައިލުމާއެކު ޒުކް އެނބުރި ބަލައިލިއެވެ. ކައިރީގައި ހުރި އައިރިސްއަށް ޚައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާއަށް ހީވީ ކުރިމަތިންވެސް ޒަހުރިއްޔާގެ ދެވަނަ ސޫރައެއް ފެނިގެން ދިޔަހެންނެވެ. ޒަހުރިއްޔާއަށްވެސް ވީ އެވަރެވެ. އޭނާއަށް އޭނާގެ ލޯބިވާ ދަރިފުޅު އެފެނުނީ ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. ގޮނޑިން ތެދުވެގެން ހިނގައިގަނެވޭނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ.

ކުރިމަތީގައި ގޮނޑީގައި އިން އަންހެންމީހާ ރޯމަންޒަރު ފެނި ޒުކް ހުރީ އަޖައިބުވެފައެވެ. އެސްފިޔަ ޖަހައިވެސްނުލާ ޒަހުރިއްޔާއަށް ބަލަމުން އައިސް ހުއްޓުނީ އާޝިދް ކައިރީ އެއްފަރާތުގައެވެ.

"ދަރިފުޅާ...!!" ޒަހުރިއްޔާއަށް އިހުސާސްތައް ކޮންޓްްރޯލް ނުކުރެވުނެވެ. ޒުކްއާއި ދިމާލަށް ދެއަތް ދިއްކޮށްލައިފިއެވެ. އޭރު ޒަހުރިއްޔާގެ ދެއަތާއި ދެފައިގައި ތުރުތުރު އަޅަމުން ދިޔައެވެ. ޚައިރާންކަމާއެކު ޒުކް ބަލައިލީ އާޝިދްގެ މޫނަށެވެ.

"ދޮންބޭ...!!" ޒުކް އާޝިދްގެ އަތުގައި ހިފައިލިއެވެ. އާޝިދްގެ ފަރާތުން އޭނާ ޖަވާބެއް ބޭނުންވާ ކަހަލައެވެ. އެތަނުގައި ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަށް ނޭނގެއެވެ.

"ލުކް ޒުކް....!! ދޮންބެ ބުނީމެއްނު މީހަކާ ބައްދަލުކޮށްދޭނަމޭ... މިއީ އެމީހަކީ" އާޝިދް ބުނެލިއެވެ.

"އާނ ދޮންބެ އެހެން ބުނި. ބަޓް ހޫ އިޒް ޝީ..." ޒުކް އަހައިލިއެވެ. ޒުކްގެ މައުސޫމުކަމުން ފުރިފައިވި މޫނަށް ބަލަހައްޓައިގެން ހުރި އައިރިސްގެ ދެލޮލުންވެސް ފާޅުވަމުންދަނީ ހިތްދަތިކަމެވެ. ޒަހުރިއްޔާ ހުއްޓާނުލާ ރޮމުންދިޔަ މަންޒަރުފެނި އޭނާގެ މޭގައި ރިހުމެއް އުފެދިއްޖެއެވެ.

"ދޮންބެ މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން އިނގޭ ދޫނީ... ތިއީ ވަރަށް ވިސްނޭ ކުއްޖެއްނު. ކޮންމެ ދުވަހަކު ޒުކްގެ ސްކޫލް ކައިރިއަށް އައިސް ޒުކް ގެންދަން އުޅެނީ ޒުކްގެ މަންމައެއްނޫން" އާޝިދް ބުނެލިއެވެ. ޒުކް އާޝިދްގެ މޫނަށް ބަލައިލިއެވެ. އޭނާ ބުނުމަކާ ނުލާވެސް އާޝިދަށް އެހިތުގައި އުފެދިފައިވާ ސުވާލުތައް ފަހުމްވެއްޖެއެވެ.

"އެމީހާ އުޅުނީ އޮޅުވާލައިގެން ޒުކްގެ މަންމަކަމަށް ހެދިގެން. އެއީ ވަރަށް ނުލަފާ މީހެއް. ދޮންބެ ޕޮލިހުގަ މައްސަލަ ޖެއްސީމަ މިހާރު ނާދެއެއްނު. މަންމަ ނަމަ ހަމަ އަންނަންވީނުން ދޯ" އާޝިދް ވާހަކަދެއްކީ ޒުކްއަށް ވިސްނޭނެ ފަދައަކުންނެވެ.

"ޒުކްގެ އަސްލު މަންމައަކީ މިއީ..." ޒަހުރިއްޔާ ދައްކައިލަމުން އާޝިދް ބުނެލިއެވެ. ޒުކްގެ އަނގަ ހުޅުވިގެން ދިޔައެވެ. ކުރިމަތީގައި އިނދެ ރޮމުންދިޔަ އަންހެންމީހާއަކީ އޭނާގެ މަންމަ ކަން އޭނާ ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ނަމަ މިހުރިހާ ދުވަހު އޭނާ ކައިރިއަށް ނައީ ކީއްވެގެން ހެއްޔެވެ؟ ތޭރައަހަރުވަންދެން ދުރުގައި ހުންނަން އެމަންމަގެ ހިތަށް ކެތްވިހެއްޔެވެ؟

"ދޮންބެއަށް އިނގޭ ޒުކްއަށް އަދި ބްލީވްއެއް ނުކުރެވޭނެކަން. އެކަމަކު ދޮންބެ ވާހަކައެއް ކިޔައިދީފާނަން. އަޑުއަހައްޗެ" އާޝިދް ޒުކް ދެކޮނޑުގައި ހިފަހައްޓަލައިގެން ހުރިއިރު ކަޅިކަހާނުލާ ޒުކް ހުރީ އާޝިދްގެ މޫނަށް ބަލާށެވެ. އޭނާ ބަސްހުއްޓި ކިޔާނެ އެއްޗެއް ނޭނގުނެވެ. އިނގޭ ކަމަކީ އޭނާގެ ޅަ ހިތުގައި ރިހުމެއް އުފެދެމުންދާކަމެވެ. ޒަހުރިއްޔާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެނި އޭނާގެ ހިތުގައި ވޭނެއް އުފެދިއްޖެއެވެ.

"ދުނިޔޭގައި އުޅޭއިރު އެކި މީހުންނަށް ދިމާވާނީ އެކިގޮތްގޮތް. އެއްބަޔަކު އުފަލުގަ އުޅޭއިރު އަނެއް ބަޔަކު އުޅޭނީ ވަރަށް ވޭނާ ހިތާމައިގަ. އެއްބައި ކުދިން ވަރަށް އުފަލުން މައިންބަފައިންނާއެކު ދިރިއުޅޭއިރު އަނެއްބައި ކުދިން މަންމަ އާ ނުލާ ވަރަށް ހިތްދަތި ދިރިއުޅުމެއް އުޅޭ. އެހެންނު. ހަމަ އެގޮތަށް މަންމަގެ އަނިޔާ ލިބި ބޮޑުވާ ކުދިންވެސް އުޅޭ. މިހުރިހާ ދުވަހު ޒުކް މަންމަ ކަމަށް ހީކޮށްގެން ހުރި މީހާއަށް ޒުކް ނަފްރަތުކުރަމެއްނު. އެއީ އެމީހާ ބޭނުންވި ގޮތަކީވެސް. ޒުކްގެ މަންމައަށް ޒުކް ނަފްރަތުކުރުން. އެމީހާއަށް އިނގޭ ކޮންމެސް ދުވަހަކުން ޒުކްގެ މަންމަ ޒުކް ކައިރިއަށް އަންނާނެކަން. އެދުވަހަކުން ޒުކް އެމަންމައަށް ހަމަ އެނަފްރަތު ކުރާނެކަން" އާޝިދް ވާހަކަދައްކަމުން ދަނިކޮށް ޒުކްގެ ލޮލުން ކަރުނައެއް ވެއްޓުނެވެ. ބޮޑުވައި އިނގިލިން އެކަރުނތިކި ފޮހެލަދީފައި އާޝިދް ހީލިއެވެ.

"ޒުކްގެ ލޮލުން މިހާ އަގުބޮޑު އެއްޗެހި ފައިބާތަން ދެކޭކަށް ދޮންބެއަށް ނުހުރެވޭނެ..." އާޝިދް ބުނެލިއެވެ.

"ދޮންބެ ތިބުނަނީ ހަމަ ތެދެއްތަ؟ އެހެންވިއްޔާ މިހުރިހާ ދުވަހު މި މަންމަ ކީއްވެ ޒުކް ކައިރިއަށް ނައީ..." ޒުކްގެ އަޑުގައިވި ޝަކުވާތައް އިހުސާސްވެ ޒަހުރިއްޔާއަށް އިތުރަށް ރޮވެމުން ދިޔައެވެ. އެ ޅަ ހިތުގައި އުފެދިފައިވި ގިލަންވެރިކަން ކަރުނައިގެ ސިފަ ޚިޔާރުކޮށް ދެކޯތާފަތުން ތިރިއަށް އޮހިގަނެއްޖެއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟