ދެ ދުވަސް ފަސް...
ކެބިންގައި ހުރި ގޮނޑީގައި އިށީންނަމުން އަތުގައި އޮތް ބޮޑު ސިޓީ އުރަ ޖާދިން ކަނޑާލިއެވެ. މާކިންގެ މާބޮޑު މަޢުލޫމާތެއް އޭނައަށް ލިބިފައި ނެތުމުން މާކިންގެ ވަނަވަރު ހޯދަން ފުރަތަމަ ކޮޅު އޭނައަށް އުނދަދޫތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އޭނަގެ ނުފޫޒާއި ދަންނަ މީހުން ގިނަ ކަމުން ބޭނުންވި ހުރިހާ މައުލޫމާތެއް ހޯދުމުގައި ކާމިޔާބު ހޯދިއެވެ. މާކިން ކުރިން މަސައްކަތްކުރަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމާއި ދިރިއުޅެނީ ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ކަން އެނގުނެވެ. އަތުގައި އޮތް ބޮޑު ސިޓީއުރައަކީ މާކިންގެ ވަނަވަރުގެ ތަފުސީލު އެކުލެވިގެންވި ލިޔެކިޔުންތެކެވެ. ބާރުގެ ބޭނުންކޮށްގެން މާކިންގެ ބޭންކް އެކައުންޓުގެ މައުލޫމާތަށް ދާންދެން ޖާދިން އެއްކުރިއެވެ.
ސިޓީ އުރައިގައިވި ލިޔުންތައް ނަގަމުން އެއަށް ނަޒަރު ހިންގާލިއެވެ. ޝައުޤުވެރިވާ ކަހަލަ އެއްޗެއް ނުފެނުނެވެ. މާކިން އައިސްފައިވަނީ މެދުފަންތީގެ އާއިލާއަކުންނެވެ. ބުމަ ކައިރިކޮށްލެވުނީ އެފަދަ ނިކަމެއްޗަކު ދެކެ އީވާ ގަޔާވުމުންނެވެ. ލޯބިވުމުންނެވެ. ރުޅިވެރިކަން ވެސް އެދެލޮލުގައި ވިއެވެ. ގަނޑުތައް އުކަމުން ދިޔަ އިރު ވެސް އޭނަގެ މަޤުސަދާ ހަމައަށް ވާސިލުވެވޭނެ ފަދަ ހަތިޔާރެއް ނުފެނުނެވެ. ނަމަވެސް އިރުކޮޅެއް ފަހުން ތުންފަތުގައި ހިނިތުންވުމެއް ދުވެލީ އޭނަގެ ލޮލުގައި އަޅައިގަތް އެއްޗެއްގެ ސަބަބުންނެވެ. އަތުގައި އޮތް ގަނޑަށް ބަލަހައްޓައިގެން އިނދެވުނެވެ.
''މީހަކާ އިނދެ ވަރިވެފައި ހުރި މީހެކޭ... އަދި އެވެސް އެންމެ ހަމަސް ދުވަހަށް، މީހާގެ ޖައްބާރުކަމުން އުޅެވެން ނެތިގެން ވަރިވެގެން ދިޔައީ ކަން ނޭނގެ، ރަނގަޅަށް ވިއްޔާ އީވްއަށް ވެސް މިކަންތައް ސިއްރުކޮށްގެން އުޅެނީ!... އެހެންނޫންނަމަ އޭނައާއެކު އެންމެ މިނެޓަކަށް ވެސް ހުންނަން އީވް ބޭނުމެއް ނުވާނެ... ތާކު ހުރި ބޮޑު މަކަރުވެރިޔެއް، އީވްދެކެ ލޯބިވާތީއެއް ނޫން ރައްޓެހިވެގެން އެއުޅެނީ، އީވްގެ މުއްސަނދިކަމުގެ ނާޖާއިޒް ފައިދާ ނަގަން ވެގެން އެއުޅެނީ، ބޮލުގައި އެތައް ދަރަންޏެއް އެޅިފައި އެބަހުރި... އެދަރިނިތަކުން ސަލާމަތްވާނެ ފަސޭހަ ގޮތެއް ހޯދޭތޯ އެއުޅެނީ... މަކަރުވެރިޔާ!، ކަލޭ ހީކުރީތަ އަހަރެން ހުއްޓާ ކަލޭގެ ނުބައި ރޭވުންތައް ކާމިޔާބުވާނެހެން...'' މާކިންއާއި މެދުގައި ޖާދިންގެ ހިތުގައި ވަނީ ނަފުރަތެވެ. އެދެލޮލުން އަލިފާން ކަނި ވެސް ބުރައެވެ. އޭނަގެ ނަޒަރުގައި ހުރިހާ ނުބަޔެއްގެ އަސަލަކީ މާކިންއެވެ. އީވާގެ މައުސޫމްކަމުގެ ނާޖާއިޒް ފައިދާ ނަގައި ވިސްނުން ފަސާދަކޮށްލުމަށްފަހު އެދަނީ އީވާގެ އިހުސާސްތަކާ ކުޅެމުންނެވެ. މަކަރުވެރިކަމުގެ ދަލެއްގައި އީވާ ހައްޔަރުކުރަމުންނެވެ. ލޯބީގެ ދަޅަތައް ދައްކަމުން އެދަނީ ނުބައި ރޭވުންތައް ހާސިލުކުރާށެވެ. އެފަދަ މެދު ފަންތީގެ މީހުންގެ ވިސްނުން ވެސް ހުންނާނީ އެފަދަ ގޮތަކަށް ނޫން ހެއްޔެވެ؟ މުއްސަނދިކަމަށް ތިބޭނީ ބޫތުކައިފައެވެ.
''އީވްއަށް ކީއްވެތަ އޭނަގެ ނުބައިކަން ނުވިސްނެނީ...'' ޖާދިންއަށް އޭނަގެ ހިތާ ސުވާލުކުރެވުނެވެ. މާކިންގެ ހީލަތްތެރިކަމުގެ ދަންތުރަތަކުން ސަލާމަތުގެ އައްސޭރިޔަކަށް އީވާ ގެންދަން ޖާދިން އަޒުމު ކަނޑައެޅިއެވެ. އޭރުން މާކިންގެ އަސްލު ސިފަ ފެނި އޭނައަށްޓަކައި އީވާގެ ހިތުގައި އިހުސާސްތައް އުފަންވެގެން ދާނެއެވެ. މާކިންގެ މަކަރުވެރިކަމުން ލިބޭ ޒަހަމްތަކަށް ޝިފާއަކަށް ވެވޭނީ ވެސް އޭރުންނެވެ. އެއީ އީވާއާއި ކައިރިވުމަށް އޭނައަށް ލިބޭނެ ފުރުސަތަކަށް ވެސް ވާނެއެވެ.
''މާމަ ވެސް މިދުވަސްކޮޅު އުމްރާއަށް ގޮސްފައިވުމުން ކައިވެނި އަވަސްކުރަން އެދެވޭކަށް ވެސް ނެތް، އީވް ވެސް ހަޤީޤަތް ހާމައެއް ނުކުރޭ، އެހެންނޫންނަމަ މަންމަމެންގެ ކަންފަތާ ހަމައަށް މިކަމެއްގެ ޚަބަރު ދިޔައީސް... އޭގެ މާނައަކީ އީވް ފަސްޖެހެނީއޭ، ދެއާއިލާގެ ދެމެދުގައި މައްސަލަ ޖެހިދާނެތީ ފިކުރު ބޮޑުވަނީއޭ، މިއީ އަހަންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް، އީވް... އަހަންނަށް މަޢާފްކުރޭ، ކުރަން އުޅޭ ކަންތަކުން އީވްގެ ހިތުގައި ޖެހޭނެ... އެކަމަކު ފަހުން ވިސްނޭނެ، އަހަރެންދެކެ ލޯބި ވެސް ވާނެ... އެމާކިންގެ ނުބައިކަން ވިސްނުމުން އީވްއަށް ވިސްނޭނެ... ފުރަތަމަ ވެސް އޭނައާއި އީވް ދުރުކުރަންވީ... އެނޫން ގޮތަކަށް އޭނަގެ މުސީބާތުން ސަލާމަތެއް ނުވެވޭނެ... އޭނަގެ ނުފޫޒު ގަދަ ނުވަނީސް ފިޔަވަޅު އަޅަން އެބަޖެހޭ...'' ކޮޅަށް ތެދުވެ، ކެބިން ތެރޭގައި ޖާދިން ހިނގަން ފެށިއެވެ. މާކިންއާއި އީވާގެ ގުޅުމަށް ނިމުން ގެންނާނެ ގޮތަކާ މެދުގައި އޭނަ ވިސްނިއެވެ. އީވާގެ ދިރިއުޅުމުން މާކިން އެއްފަރާތްކޮށްގެން މެނުވީ އޭނައަށް ފުރުސަތު ލިބޭނެ ގޮތެއް ނެތެވެ. ގަދަ މަޖުބޫރުން ވިޔަސް އީވާއާއި ކައިވެނި ކުރަން އޭނަ އަޒުމުކަނޑައެޅިއެވެ. އޭނަ ދެކެ ހާޖަރާ ވާ ލޯބީގެ ނާޖާއިޒް ފައިދާ ނަގަން ވެސް އޭނަ ހުރީ ތައްޔާރަށެވެ. ލޯބީގައި ދީވާނާ ވެފައި ހުރި ޖާދިންއަށް އޭނަގެ ނުބައި ނިންމުންތައް ވެސް ފެންނަނީ ރަނގަޅު ނިންމުންތަކެއްގެ ގޮތުގައެވެ. އެނިންމުންތަކުން އޭނައާއި އީވާގެ ދިރިއުޅުން އާބާދުވެގެން ދާނެކަމުގެ ޔަޤީންކަން ހިތުގައި އޮތީތީއެވެ.
ޖާދިންގެ ތުންފަތަގައި މަކަރުވެރި ހިނިތުންވުމެއް ދުވެލިއެވެ. ފުރަތަމަ ދޭންވީ ހަމަލާ އޭނަގެ ސިކުނޑީގައި ކުރަހާލެވިއްޖެއެވެ. މާކިންގެ މާޒީއަކީ އޭނަގެ މަދަދުޤާރެއްގެ ގޮތުގައި ސިފަކުރެވުނެވެ. ޖާދިން ބޭނުންވީ މާކިންއާ މެދު އެންމެން ދެކެމުން އަންނަ ނަޒަރިއްޔާތު ކިލަނބުކޮށްލާށެވެ. ނަފުރަތު އުފެދޭނެ ގޮތް ހަދާށެވެ. މާކިންއަކީ ނުބައި މީހެއްގެ ގޮތުގައި ދައްކާށެވެ. އޭރުން އެއްވެސް މީހެއްގެ ރުހުން މާކިންއަށް ނުލިބޭނެޔޭ ޖާދިންގެ ހިތަށް އެރިއެވެ. އެއީ އޭނަ ބޭނުންވާ ގޮތް ވެސް މެއެވެ. ރުހުމުގެ ލޮލަކުން އެކަކު ވެސް މާކިންއަށް ބަލަން ބޭނުމެއް ނުވެއެވެ. ހަސަދަވެރިކަމާއި ރުޅިވެރިކަމުގެ ބާރުތަކުން ޖާދިންގެ ނުބައި ރޭވުންތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެމުން ދިޔަ އެވެ.
ޖާދިންއަށް އެވަގުތު ނޭނގުނުކަމީ މާކިންގެ މާޒީގެ ހަޤީޤަތްތަށް އީވާއަށް އެނގިފައިވާކަމެވެ. މަކަރުވެރިކަމެއް އަދި އޮޅުވާލުމެއް ވެސް މާކިންގެ ހިތުގައި ނުވާކަމެވެ. އީވާދެކެ މާކިން ވަނީ ތެދުވެރި އަދި ސާފު ލޯތްބެއްކަން ވެސް ރޭކާނުލިއެވެ. އެހިތުގައި މާކިންއާ މެދު އޮތް ރުޅިވެރިކަމުން މާކިންގެ ރަނގަޅު އެއްވެއް ސިފައެއް ޤަބޫލުކުރަން ޖާދިންގެ ޒަމީރު ދެކޮޅު ހަދަމުން ދިޔަ އެވެ.
*****
ހެނދުނުގެ ވަގުތެވެ. ފަތިހާ ދުވަން ދިޔަ މާކިން ގެއަށް އައީ ހަތެއް ޖަހަން އުޅެނިކޮށެވެ. އެޕާޓްމެންޓަށް އޭނަ ވަންތަނާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ މަންމަ ފެނުނެވެ. ހައިރާންކަން ވެސް ލިބުނެވެ. ފަޔާ ވަކިކޮށްލި ބޫޓާއި އިސްޓާކީނު ގެންގޮސް ބެލްކަނީގެ އަވިދޭ ހިސާބުގައި ހުރި ފައިވާން ހަރުގަނޑުގައި ބަހައްޓަމުން، އޭނަ ބަދިގެއަށް ވަނެވެ.
''ރޫބީ ކޮބާތަ؟...'' ސިންކުކައިރިއަށް ހުއްޓިލަމުން އަތްދޮންނަން އުޅުނު މާކިން އެހިއެވެ. މަންމަގެ ބަލި ހާލަތު ހުންނަ ގޮތުން ގޭތެރޭގެ ކަންތައް ކުރުމާއި މަންމައަށް އަތްގާތް ކޮށްލަ ދޭން ނޭޕާލް އަންހެންކުއްޖަކު ގެނެސްފައި ހުރެއެވެ. މަންމައާއި ދުރުގައި އޭނަ ހޭދަކުރާ ދުވަސްތަކުގައި މަންމަގެ ކަންތައް ވެސް ބަލަހައްޓަނީ ވެސް ރޫބީ އެވެ. ލަންޑަންގައި އުޅުނު އިރުގައި ގަވައިދުން ރޫބީއަށް ގުޅައިގެން މަންމަގެ ހާލު އޮޅުންފިލުވައެވެ.
''ރޫބީ ބަލިކޮށް އުޅޭތީ މަންމަ ބުނެގެން އަރާމުކުރަން ކޮޓަރިއަށް ގޮސްވީ...'' އުނދުން ކައިރީގައި ހުރި ޝަބާނާ އޭނަގެ ފިރިހެންދަރިފުޅަށް ބަލައިލަމުން ހިނިތުންވެލިއެވެ.
''އެހެންތަ؟...'' މާކިން ބުނެލިއެވެ. ''ބޭހެއް އެއްޗެއް ކައިގެންތަ ރޫބީ ހުރީ؟...''
ތިން ކޮޓަރީގެ އެޕާޓްމެންޓްގައި ހުންނަ ކުޑަ ކޮޓަރި ހުންނަނީ ރޫބީއަށް ދީފައެވެ. މަސައްކަތްކުރާ ކުއްޖަކަށް ވިޔަސް ޤަދަރާއި އިހްތިރާމު ލިބެއެވެ. މިނިވަންކަން ވެސް ލިބެއެވެ. ރޫބީގެ އުމުރުގެ ހަގުކަމުން ޝަބާނާއަށް ރޫބީދެކެ ދަރިކުލުނު ވެސް ޖެހިއްޖެއެވެ.
''އާނ، ޕެނެޑޯލް ގުޅައެއް ކައިގެން ދެންމެ ދިޔައީ، ދެން ހުން ފިނިނުވެއްޖެއްޔާ ހޮސްޕިޓަލަށް ދާން ވެސް މަންމަ ބުނިން...'' ޝަބާނާ ބުނެލިއެވެ.
''މަންމަ މިހާރު ކިހިނެއްތަ؟... އެންމެފަހުން ހެދި ޓެސްޓްތަކުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ދައްކަނީ، ދެން އޮތްނާނީ އެންމެ ފަހުގެ ކީމޯތެރަޕީ ސެޝަން، އެއަށްފަހު ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއް ރަނގަޅުވެގެން ދާނެ......'' އައިސްއަލަމާރިން ނެގި ފެންފުޅި ހިފައިގެން ގޮސް މާކިން އިށީނީ ކާމޭޒުދޮށުގައެވެ. މޭޒުމަތީ ފެންބޯތަށިތައް އަޅާފައި ހުރި ކުޑަ ހަރުގަނޑުން ތައްޓެއް ނަގައި ފެންއަޅަން ފެށިއެވެ.
މާކިންގެ މުޅި ދުނިޔެއަކީ އޭނަގެ މަންމައެވެ. ކުޑައިރު ބައްޕަވަނީ އޭނައާއި މަންމަ ދޫކޮށް ގޮސްފައެވެ. އެކަމާ ބައްޕަ ދެކެ މާކިން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ބައްޕަގެ އެއްވެސް މަޢުލޫމާތެއް ހޯދަން ވެސް އޭނަ ބޭނުމެއް ނުވެއެވެ. މަންމަ މިހުރިހާ ދުވަހު ކުރާ ހިތާމަތަކާއި ވެސް ބައްޕަ ގުޅިފައިވާތީ ވަކިން ބޮޑަށް ރުޅި އާދެއެވެ. މަންމަ މަތިން ހަނދާންނައްތާލި ޖައްބާރު މީހަކު މަތިން މަންމަ ހަނދާންކުރާތީ ވެސް މާކިން ހިތްހަމައެއް ނުޖެހެއެވެ. ކެންސަރު ބަލީގައި މަންމަ އުފުލަމުންދާ ވޭންތައް ފެނި މާކިންގެ ހިތުގައި ރިހުމެއް އުފެދިފައި ވިއެވެ. އެއްދުވަސްވަރެއްގައި ކެންސަރު ބަލީގައި މަންމަ މިފަނާވަނިވި ދުނިޔެ ދޫކޮށް ގޮސްފާނެހެން ވެސް ހީވިއެވެ. އެއީ އޭނަގެ ފުރަތަމަ ކައިވެނި ވެސް ރޫޅިގެން ދިޔަ ދުވަސްވަރެވެ. ދުނިޔޭގެ ހިތި ހަޤީޤަތާ ކުރިމަތިލާން ޖެހުނު ގިލަންވެރި ދުވަސްތަކެވެ. އެހިތްދަތިކަމާއި ކެތްތެރިކަމާއި ކުރިމަތިލީ މަންމައަށްޓަކައެވެ. މާތްﷲގެ ރަހްމަތުން ކެންސަރާއި ހަނގުރާމަކޮށް މަންމައަށް އެދަނީ ކުރިއެރުން ލިބެމުންނެވެ. ދުޢާއަކީ މަންމަގެ ހަޔާތަށް އުފާވެރިކަން ވެރިވެގެން ދިޔުމެވެ. އެމަންމަ ހިތާމަޔާއި މާޔޫސްކަމުގައި ވަރަށް ގިނަ ދުވަސްތައް ހޭދަކޮށްފިއެވެ. އޭނައާއި ހިއްސާކުރަން ބޭނުންނުވާ އެތައް ހިތާމައެއް އެމަންމަގެ ހިތުގައި ވެޔޭ މާކިންގެ ހިތް ބުނެއެވެ. އެދެލޮލުގައި އަބަދުމެވާ މޮޅިވެރިކަމުގެ އަސްލަކީ އެއީއެވެ.
މާކިންއަށް ލަންޑަނުން ލިބުނު ސްކޮލަޝިޕްގައި، އިތުރަށް ކިޔަވަންދާން ގަސްދުކުރީ ވެސް އެކަމަށް މަންމަ އާދޭސްކުރުމުންނެވެ. މަންމަގެ ހުވަފެންތައް އެކަމާއި ގުޅިފައިވީތީއެވެ. އޭނަ ފުރީ ވެސް މަންމަގެ ބަލިހާލަތު ހަމަޔަކަށް އެޅުނު ދުވަސްވަރާ ދިމާކޮށެވެ. ރޫބީއަށް އެތަކެއް އިރުޝާދުތަކެއް ވެސް ދީފައެވެ.
''އިރާދަކުރެއްވިއްޔާ ރަނގަޅު، އެކަމަކު ކުޑަކޮށް ވަރުބަލި ވާތީ މިއުޅެނީ...'' ޝާބާނާ ބުނެލިއެވެ. ކީމޯތެރަޕީގެ ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނަ އުނދަގޫތަކާ އޭނައަށް ކުރިމަތިލާން ޖެހުނެވެ. މަރުވަނީއޭ ވެސް ހީވި ދުވަސްތައް ވެސް ދިޔަ އެވެ. ނަމަވެސް މިހާރު އެވޭންތަކަށް އޭނަގެ ހަށިގަނޑު މިހާރު ހޭނިއްޖެއެވެ. އާދަވެއްޖެއެވެ. އެހުރިހާ ވޭނަކަށް ކެތްކުރީ ލޯބިވާ ދަރިފުޅުގެ ހައްޤުގައެވެ.
''މަންމައަށް އެހީވެދެންތަ؟...'' މޮޑުނު ފުށްގަނޑުން ގުޅަޖަހަން އުޅުނު ޝަބާނާއަށް މަދަދުވެރިކަމުގެ އަތެއް ފޯރުކޮށްލަދޭން މާކިން ބުނެލިއެވެ.
''ނޫން، ތި ދާއެއްޗެހިއްސާ އެކު ކައިރިވާން އުޅޭނެ ކަމެއް ނެތް، އަވަހަށް ދޭބަލަ ފެންވަރަން، އެހެންނޫނީ ދާވަސް ގޭގަ ހަރުލަފާނެ... ދާހެދުންތައް މެޝިނަށް ލައްޗޭ، އޭރަށް މަންމަ ދޮވެލާނަން...'' މާކިންއަށް ބަލައިލަމުން ޝަބާނާ މަނާކުރިއެވެ. އެވަގުތު މާކިން އޭނަ ލައިގެން ހުރި ގަމީހުގެ ވަސް ބަލައިލުމުން ފަކުރުގެ އަސަރު ޝަބާނާގެ މޫނަށް ވެރިވިއެވެ. އެމަންޒަރު ފެނި މާކިން ގާތަށް ހިނިއައެވެ.
''އަހަރެން ދޮވެފާނަން...'' މަންމައަށް އެއްވެސް ކަމެއް ކުރަން ޖައްސަން ބޭނުން ނުވުމުން މާކިން ބުނެލިއެވެ. ގޭގައި ހުންނަ ދުވަސްކޮޅުގައި ގޭގެ ހުރިހާ ކަމެއް ކުރުމުގައި މާކިން އޭނަގެ މަންމައަށް އެހީވެދެއެވެ. ކެއްކުމާއި އަންނައުނު ދޮވުމުގެ އިތުރުން ގޭތެރެ ސާފުކުރުމުގައި ވެސް މެއެވެ. މާކިން ހުންނަ ދުވަސްތައް އެއީ ރޫބީގެ ޗުއްޓީ ދުވަސްކޮޅެވެ. ބޭރަށް ގޮސް އެކުވެރިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބެއެވެ. ނަމަވެސް އޭނަ ބޭރަށް ދަންޏާ އަބަދު ދާނީ ގޭތެރޭގެ ކަންތައް ހަމައަކަށް އަޅުވާފައެވެ.
*****
ފެންވަރައި ތައްޔާރުވެލައިގެން މާކިންއަށް އާދެވުނު އިރު ޝަބާނާ އުޅެނީ ސުފުރާމަތި ތައްޔާރުކުރާށެވެ. އަވަސްއަވަހަސް މަންމައަށް އެކަމުގައި އެހީވާން މާކިން ދިޔަ އެވެ. މާކިން ފެނުމުން ފުޅާ ހިނިތުންވުމެއް ޝަބާނާގެ ތުންފަތުގައި ދުވެލިއެވެ. ރޫބީ ވެސް ކުރީ ދުވަހަކު މާކިންގެ އަމަލުތައް ތަފާތު ވެގެން އެވާހަކަ ދައްކައިފިއެވެ. ކުރިން އަބަދު ރުންކުރުވެފައި ހުންނަ މީހާ ހިނިތުންވެފައި ހުރުމުން ޝަބާނާއަށް ވެސް ހައިރާންކަން ލިބުނެވެ. ލަންޑަނުން އައީއްސުރެން މާކިން ފެންނަނީ ހަމަޖެހިފައި ހުންނަތަނެވެ. ހިނިތުންވެފައި ހުންނަތަކެވެ. ހިތުގައި އެކަމާ ގުޅިގެން ސުވާލުތައް ވެސް އުފެދުނެވެ.
''ދަރިފުޅަށް އައިސްފައި ތިހުރި ބަދަލުތައް ފެނި މަންމަގެ ހިތަށް ފިނިކަމެއް ލިބިއްޖެ...'' މާކިންގެ ދިރިއުޅުމަށް އައި އަޑިގުޑަންތަކުގެ ސަބަބުން މާކިންއާ މެދުގައި ޝަބާނާއަށް އަބަދުމެ ހުރެވުނީ ކަންބޮޑުވެފައެވެ. ނުތަނަވަސްވެފައެވެ. އެހާ ޒުވާން އުމުރުގައި ދަރިފުޅުގެ ޖަވާޒީ ހަޔާތް ރޫޅިގެން ދިއުމުން އެކަމާ ވެސް ވިސްނެއެވެ. ދަރިފުޅުގެ އެކަނިވެރިކަން ފެނި ވެސް ހިތުގައި ރިހެއެވެ. ލޯބިވާ ދަރިފުޅަށް މަދަދުވެރިވާން ނުހަނު ބޭނުން ވެއެވެ.
މާކިންގެ ތުންފަތަށް މާނަ ފުން ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. އެއީ ޝަބާނާގެ ހިތަށް ރާހަތެއް ގެނެސްދިން މަންޒަރެކެވެ. މާތްﷲއަށް ޝުކުރުވެރިވެވުނެވެ. ކުރީގެ މާކިން އޭނަގެ ލޯކުރިމަތިން ފެންނަމުންދާހެން ޝަބާނާއަށް ހީވެއެވެ.
''ހާދަ ހީވެޔޭ މަންމަ ގާތު ވާހަކައެއް ބުނަން ބޭނުންވެފައިވާހެން... ނިކަން ބުނެބަލަ، މަންމަ އަޑުއަހާނަމޭ...'' ހެނދުނުގެ ސައި ކުރިއަށް ދިޔަ ވަގުތު ޝަބާނާ ސުވާލުކުރިއެވެ. މާކިން އޭނައަށް ދެމުން ދިޔަ ނަޒަރާއި ތުންފަތަށް ގެންނަ ހަރަކާތްތަކުން ވާހަކައެއް ބުނަން ބޭނުން ވެފައި އިންކަން ހުޝިޔާރުކަމާއެކު ދެނެގަތެވެ.
މަންމަގެ ޖުމްލައިން މާކިންއަށް ސިހިފައި ބަލައިލެވުނެވެ.
''މިހާރު ޔަޤީންވެއްޖެ... އަވަހަށް ބުނެބަލަ...'' މާކިންއަށް އައި ބަދަލުތައް ފެނި ޝަބާނާ ހިނިތުންވެލިއެވެ. އަތުގައި އޮތް އޫ ތަށީގެ ތެރެއަށް ދޫކޮށްލަމުން ފުއްކިބައިގައި މާކިންއަށް ފިރުމާލެވުނެވެ. ވާހަކައިގެ ޒާތުން ދުލާހަމައަށް ލަފުޒުތައް ގެންނަން އޭނައަށް އުނދަގޫތަކެއް ކުރިމަތިވެފައިވިއެވެ. މަންމަގެ ޚިޔާލު ހުރި ގޮތް ނޭނގޭތީއެވެ.
''އަހަރެން ބޭނުން މަންމައާއި ބައްދަލުކޮށްލަން ކުއްޖަކު ގެންނަން...'' ފުންނޭވާއެއް ދޫކޮށްލަމުން މާކިން ބުންޏެވެ. މާކިންގެ ޖުމްލައިގެ ސަބަބުން އިރުކޮޅެއް ވަންދެން ޝަބާނާއަށް ހުއްޓުން އަރާފައި އިނދެވުނެވެ. އޭނަގެ ކަންފަތަށް އަޑު އިވުނީ ރަނގަޅަށް ބާވައޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ.
''މަންމަ ހިތްހަމަނުޖެހުނީތަ؟...'' މަންމަގެ މޫނަށް ވެރިވެފައިވި ކުލަވަރުތައް ދެނެގަންނަން މާކިންއަށް ދަތިވިއެވެ. އެއާއެކު ހިތް ތެޅިލައިފިއެވެ.
''ނޫން!...'' ޝަބާނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. މާކިން އަލުން ޒަވާޖީހަޔާތެއް ފަށަން ޝަބާނާ ހުރީ ނުހަނު ބޭނުންވެފައެވެ. އެވާހަކަ މާކިންއާ ދައްކަން ވެސް އޭނަ ހުރީ ހިތުލައިގެންނެވެ. ނަމަވެސް ކަންތައް ވެދިޔަ ގޮތުގެ ސަބަބުން މާކިން ރުޅިއައިސްފާނެތީ ޝަބާނާއަށް އެވާހަކަތައް ހިއްސާކުރަން ނުކެރުނީއެވެ. އެގޮތުގެ މަތީން ދުވަސްތައް ފާއިތުވެ ދިޔަ ފަހުން، ޚުދު މާކިންގެ ދުލުން އެފަދަ ޖުމްލައެއް އަޑުއިވުމުން އޭނައަށް ޤަބޫލުކުރަން ދަތި ވިއެވެ. ސިހުން ލިބުނެވެ. މާކިންގެ ވާހަކަދެއްކުމުގެ ރާގުން އެއީ މާކިންއަށް ވަރަށް ހާއްސަ އަންހެންކުއްޖެއްކަން ޝަބާނާއަށް ވިސްނައިގަނެވުނެވެ. ހިތަށް އުފާވެރިކަން ވެރިވެގެން ދިޔަ އެވެ.
''ހީވަނީ ދަރިފުޅަށް ވަރަށް ކަމުދާ ކުއްޖެއްހެން، އަވަހަށް މަންމައާއި ބައްދަލުކުރަން ގެންނައްޗޭ...'' ޝަބާނާ ބުނެލިއެވެ. މަންމަގެ ވާހަކަތަކުން މާކިން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އީވާއާއި އެވާހަކަ ހިއްސާކުރުމަށްފަހު ދުވަހެއް ކަނޑައަޅަން އޭނަ ގަސްދުކުރިއެވެ.
*****
އީވާއަށް ގުޅައިގެން އޭނައާއި ބައްދަލުކުރަން އެއްބަސް ނުވާނެތީ އެންމެފަހުން ޖާދިން ދިޔައީ އެގެއަށެވެ. ހަވީރު އޮފީސް ނިންމާލުމަށްފަހު ކާރު ގޮސް ''މޫންލައިޓް'' ޕޯޓިކޯއަށް މަޑުކޮށްލުމަށްފަހު، ޖާދިން ކާރުން ފޭބިއެވެ. އެވަގުތު ގޭގައި އުޅޭ ޒުވާން ފުރައިގެ ނޯކަރުކުއްޖަކާއެކު، ބަގީޗާއަށް ފެން ދޭން ހަރަކާތްތެރިވަމުން ދިޔަ އީވާއަށް ޖާދިން ފެނި ހައިރާންކަން ލިބުނެވެ. ރާއްޖެ އައިފަހުން ޖާދިން އޭނަގެ ލޮލަށް އެފެނުނީ އަދި ކިރިޔާއެވެ. އެދެމެދުގައި އުފެދުނު ދެބަސްވުމަށްފަހު، ޖާދިންގެ ސޫރަ ވެސް ފެންނަން އީވާ ހުރީ ބޭނުން ނުވެފައެވެ. ހިތުގައި އޮތް ފޫހިކަމެއް ސަބަބުންނެވެ.
ޖާދިން ފެނުމުމާއެކު ނޯކަރުކުއްޖާ އަވަސްވެގަތީ އެތަނުން ދިއުމަށެވެ. އަތުގައި އޮތް ފެން އިސްކުރު ވިނަގަނޑު މައްޗަށް ދޫކޮށްލުމަށްފަހު އިސްކުރަށް ބާރުކޮށްލިއެވެ. އަދި އީވާ ކައިރިއަށް އައިސް ހުއްޓުނު ޖާދިންއަށް ހިނިތުންވެލަމުން، ބާރުބާރަށް ގޮސް މައިގެއަށް ވަދެއްޖެއެވެ.
''ކީއްކުރަން ތިއައީ؟...'' ޖާދިންއަށް ފުރަގަސްދެމުން އީވާ ބުނެލިއެވެ. ކައިރީގައި ހުރި ފިނިފެންމާގަހުގައި ފޮޅިފައިވި މާތަކުގައި އޭނައަށް އިނގިލިތަކުގެ ކުރި ހިންގާލެވުނެވެ.
''ނައިސް ގިނަ ދުވަސްވުމުން މަންމަމެން ހީކޮށްފާނެ އެއްޗެއްގެ ސަބަބުން، މާލެ އައިއިރުގައި ވެސް އަހަންނަށް އަންގާނުލީމެއްނު...'' ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ޖާދިން ބުނެލިއެވެ. އަދިވެސް އޭނައާއި އީވާގެ ދެމެދުގައި އޮތީ ފުރިހަމަ ގުޅުމެއްކަން އެންމެނަށް ހާމަކޮށްދޭން ޖާދިން ބޭނުންވާ ކަހަލައެވެ.
''މުހިންމު މީހަކަށް ނުވާތީ ނޭންގީ...!'' ވީފޫއްސެއްގެ ބޮޑުކަމުން އީވާއަށް ބުމަގޮށްޖަހާލެވުނެވެ.
''ހިނިތުންވުމަކާއެކު އަހަންނާ ވާހަކަނުދެއްކޭނެތަ؟...'' ޖާދިންގެ އަޑުގައި މާޔޫސްކަން ވިއެވެ.
''ކީއްކުރަންތަ ޖާދިން ތިއައީ؟...'' ޖާދިންގެ ސުވާލަށް ސަމާލުކަން ދިނުމެއް ނެތި އީވާ އެހިއެވެ. އޭނަ ވާހަކަދައްކަމުން ދިޔައީ ވަށައިގެން އޮތް މާހައުލަށް ނަޒަރު ހުއްޓަމުން ސިއްރުންނެވެ. އެކަން ޖާދިންއަށް ފާހަގަ ކުރެވި ޒާތެއްގެ ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ.
''އޭރު ބުނީމެއްނު ރާއްޖެ އާދެވުނުހާ އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަދައްކާނަމޭ...'' އީވާއާއި ގާތަށް ޖާދިން ޖެހިލުމުން އީވާއަށް ތެޅިގަނެވުނެވެ. ފިނިފެންމާގަހުގެ ކަށިތައްވެސް އަތަށް ނުހެރުނީ ކިރިޔާއެވެ. ނުރުހުމާއެކު ޖާދިންއަށް އީވާ ބަލައިލިއެވެ.
''ހާސްވަނީތަ؟...'' އީވާ ހިމޭނުން ހުރުމުން ޖާދިން ބުންޏެވެ. ''ނޫނީ އެފިރިހެނާ އީވްގެ ބައްޕައަށް ކަމުނުދާނެތީ ބިރުގަންނަނީތަ؟...''
''ޖާދިން!...'' އީވާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. އޭނަ ޖާދިންއާ ކުރިމަތިލިއެވެ. ހަޤީޤަތުގައި އެވާހަކަތައް ބައްޕައާއި ހަމައަށް ގެންދަން އުނދަގޫވެފައި ހުރީ އެވާހަކަތައް ފަށަންވީ ކިހިނެއްކަން ވިސްނައިނުގަނެވުމުންނެވެ. ނަމަވެސް ޖާދިން އޭނައަށް ކުރަމުން ދިޔަ ޖެއްސުންތަކުން އޭނަގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ބައްޕައަށް ހަޤީޤަތް ހާމަކުރަން ބޭނުން ވިއެވެ.
''އީވްއަށް ކިހާ ވަރަކަށްތަ އޭނަގެ ކަންތައްތައް އެނގެނީ...'' ޖާދިން އެހިއެވެ.
''ވަރަށް ރަނގަޅަށް އެނގޭ، ޖާދިންއަށް ވުރެން ބޮޑަށް އަހަންނަށް މާކިން ދަސްވެއްޖެ...'' އީވާ ރައްދުދިނެވެ.
''އެހެންތަ؟، އެހެންވީއިރު އޭނަ ކުރިން ކައިވެންޏެއްކޮށް ވަރިވެފައި ހުރިކަން އެނގޭތަ؟...'' މަލާމާތުގެ ރާގަކަށް ޖާދިން ބުނެލިއެވެ. އެޖުމްލައިން އިރުކޮޅެއް ވަންދެން ހައިރާންކަމާއެކު ޖާދިންއަށް ބަލަން އީވާއަށް ހުރެވުނެވެ. މާކިންގެ ދިރިއުޅުމުގެ ސިއްރުތައް ޖާދިންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
''ކިހިނެއްތަ ޖާދިންއަށް އެނގުނީ؟...'' އީވާގެ ސުވާލުން ޖާދިންއަށް ލިބުނީ ސިހުމެވެ. މޫނުގެ ކުލަ ފަނޑުވެގެން ދިޔަ އެވެ. ތުންފަތުގައިވި ހިނިތުންވުން ވެސް ގެއްލުނެވެ. ދެލޯބޮޑުކޮށްލަމުން އީވާއަށް ބަލަން ހުރެވުނެވެ.
''ކީއްކުރަންތަ ޖާދިން ތިއުޅެނީ؟، މާކިންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަދެގެން ތިއުޅެނީ ކީއްކުރަން؟...'' ޖާދިންގެ ނިޔަތާ މެދު ހިތުގައި އުފެދުނު ސުވާލުތައް އީވާއަށް ފެންމަތިކޮށްލެވުނެވެ. އިހުނަށްވުރެން ޖާދިން ދެކެ އޭނަ ހިތްހަމަނުޖެހުނެވެ.
''އީވް ގާތު އޭނަ ބުނިތަ؟...'' ޖާދިންއަށް އަހާލެވުނެވެ. އޭނަ އުއްމީދުކުރީ އެއީ މާކިންއާ ދެކޮޅަށް ބޭނުން ކުރެވޭނެ ހަތިޔާރެއްކަމުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ދިމާ އޭގެ އިދިކޮޅަށެވެ.
''އާނ، މާކިން ވަނީ އަހަންނަށް ހުރިހާކަމެއް ކިޔައިދީފައި!، ޖާދިން ކުރަން ތިއުޅޭ ކަމެއް ހަމަ މިހާރުން މިހާރަށް ހުއްޓާލާ...'' އީވާއަށް ބުނެވުނެވެ. ހޫނު ޒުވާބެއްގެ ކޮޅުމަތި އޭރު ފެންނަން ފަށައިފިއެވެ.
''އެނގިހުރެވެސް އޭނައާއި ރައްޓެހިވާން ބޭނުންވީ ކީއްވެ؟...'' ހަރުކަށިކަމާއެކު ޖާދިންއަށް ސުވާލުކުރެވުނެވެ. އޭނަ ގާތަށް ރުޅިއަތުވެއްޖެއެވެ. ''އޭނަގެ ބޭނުމެއް ނޭނގޭތަ؟، އެފަގީރު މީހާ އުޅެނީ އީވްގެ މުއްސަނދިކަމުގެ ފައިދާ ނަގަން! ލޯބިވާތީއެއް ނޫން އީވްގެ ފަހަތުން އެއުޅޭނީ... ކީއްވެގެންތަ އީވްއަށް އޭނަގެ ހަޤީޤަތް ނުފެންނަންވީ؟...'' ޖާދިންއަށް ރުޅިވެރިކަމާއެކުގައި ބުނެވުނެވެ.
''ހުއްޓާލާ!...'' ބޭއިހްތިޔާރުގައި ޖާދިންގެ މޫނުގައި އީވާއަށް ޖެހުނެވެ. ކަތުރުކަށިގަނޑުން ނަގަން ފެށި ދިލައާއެކު ޖާދިންއަށް މޫނުގައި ފިރުމާލެވުނެވެ. އޭނަ އީވާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. އީވާ އަވަސްވެގަތީ އެތަނުން ދާށެވެ. އެހިނދު ޖާދިން އޭނަގެ އަތުގައި ހިފުމުން އެއަތް ފޮޅުވާލެވުނެވެ.
ރުޅިއައިސްފައި ހުރި އީވާ ގެއަށް ވަންނަން އުޅުނު ވަގުތު ހުއްޓުންއެރީ ކުއްލިޔަކަށެވެ. އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައި، އޭނައާއި ޖާދިންއަށް ބަލަހައްޓައިގެން ހުރި މަންމަ އަށެވެ. އީވާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މުޅި މީހާ ފިނިވެއްޖެއެވެ. މަންމަގެ ނަޒަރު އޭނައަށް ހުއްޓިފައިވާތަން ފެނި ހާސްކަން އިތުރުވާން ފެށިއެވެ.
(ނުނިމޭ)