ތިރީސްފަސްވަނަ ބައި
"އަހަރެންގެ އެއްވެސް ކަމެއް އެ މަންމަ ހަނދާނެއްނުނެތޭ. މަންމައަކީ އެއީ...." ތަމަންނީއަށް އެކަނި އިވޭވަރަށް އުނޭޝް ބުނެލިއެވެ. އޭނާގެ ލޮލުން ކަރުނައެއް ވެއްޓުނުއިރުވެސް ނޭނގުނެވެ.
***
އަދްޔަންއާއި އުނޭޝްއާއި މާލިކް ބައްދަލުކުރީ ކެފޭއަކުންނެވެ. އޭނާގެ މަގްސަދަކީ ދެބެންގެ ދެމެދުގައި އުފެދިފައިވާ ނަފްރަތާއި ރުޅިވެރިކަން ނައްތާލުމަށް އެހީވެދިނުމެވެ. އެ ކޮފީގައި އުނޭޝް ބައިވެރިވާކަން އަދްޔަންއަށް އިނގުނީ ހުސްކޮށް ހުރި ގޮނޑީގައި އުނޭޝް އައިސް އިށިން ފަހުންނެވެ. އުނޭޝްގެ މޫނަށް ބަލަން އިނުމަށްފަހު ތެދުވެގެން ދާން އަދްޔަން އުޅުނު ވަގުތު މާލިކް އަދްޔަންގެ އަތުގައި ހިފެހެއްޓިއެވެ.
"ކޮންތާކަށް...؟" އަދްޔަން ބަލައިލުމުން މާލިކް އެހިއެވެ.
"ގެސްޓްހައުސް ކަންތައް ބަލާލަން އެތަނަށް" އަދްޔަން ބުނެލިއެވެ.
"އިހަށް އިށީނދެބަލަ. އަދި ދާކަށް ނުވެއެއްނު" މާލިކް ބުނުމުން އަލުން އަދްޔަން ގޮނޑީގައި އިށީނެވެ. ހިމޭންކަމުގައި ވަގުތުތަކެއް ފާއިތުވެގެންދިޔަ ވަގުތު ވަރަށް ރަނގަޅަށް މާލިކް ދެކުދިންގެ މޫނަށް ބަލައިފިއެވެ.
"ތިއީ އެއްބަނޑު އެއްބަފާ ދެމީހުން. ކޮން ރުޅިވެރިކަމެއް؟ ރަހިމުގެ ގުޅުން ކެނޑުމަކީ ބޮޑު ފާފައެއް. އަހަރެންނަކަށް ހިއެއްނުވޭ އެކަންތައް ނޭނގޭ މީހަކު ތިތަނުގައި އިންހެނެއް" މާލިކް ވާހަކަދެއްކިއެވެ.
"ވީކަމެއްވެ ދިޔައީ. ކިތަންމެ ދުވަހަކު ތިގޮތަށް ގޮތްދޫނުކުރަން ތިއްބަސް ފާއިތުވެގޮސްފައިވާ ވަގުތެއް އިއާދައެއް ނުވާނެ. އެކަމަކު ކުރިއަށް އޮތްތަނުގައި ކުރެވިފައިވާ ގޯސްކަމެއް ތަކުރާރު ނުކުރަން މަސައްކަތް ކުރެވިދާނެ. އެހެއްނު އުނޭޝް..." މާލިކްގެ ވާހަކަތައް ނިންމައިލީ އުނޭޝްގެ މޫނަށް ބަލައިލަމުންނެވެ.
"އަ..އަޅުގަނޑު ހިތުގައި އަދޫއަކަށް އެއްވެސް ހިތްބުރަކަމެއްނެތް" އުނޭޝް ބުނެލިއެވެ.
"އަޅުގަނޑު ރަހިމުގެ ގުޅުމެއް ނުކަނޑަން. އެކަމަކު އޭނަގެ ފުށުން ފެނިފައި ހުރި މަންޒަރުތަކަކީ އަޅުގަނޑަށް ހިތުން ފިލުވައިލަން ފަސޭހަ މަންޒަރުތަކެއްނޫން. ވަރަށް މަސައްކަތްކުރިން އެއްބަނޑު ބޭބެއަށް ވީތީ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލަން. އެކަމަކު މާބަނޑު އަންހެނަކަށް ކުރި އަނިޔާއާއި ބަނޑުއަޅައި ވިހޭ މައިމީހާ މަރުގެ ތުންފަތްމައްޗަށް ވައްޓައިލި ގޮތް...." ޖަޒްބާތުގައި ޖެހި އަދްޔަންގެ ދެލޮލުން ކަރުނަ ނީރައިލިއެވެ.
"ތިއީ މިވަގުތު ދައްކަން މުހިންމު ވާހަކަތަކެއްނޫން" މާލިކް ބުނެލިއެވެ. އަދްޔަން ހިމޭންވިއެވެ.
"އެއީ... އެއީ އަޅުގަނޑު ގަސްތުގަ ކުރި ކަންތައްތަކެއްނޫން. މަންމައަށް ދެރައެއް ދިނުމަކީ ހަމަހޭގައި ހުރެ ދުވަހަކުވެސް ކުރާނެކަމެއް ނޫން" އުނޭޝް ބުނެލިއެވެ.
"މީހަކު ދަންޖައްސާ މަރާފައިވެސް ގަސްތަކުނޫނޭ ބުނަންވީނުން" އަދްޔަން ބުނެލިއެވެ. ދެކުދިންގެ މޫނަށް ބަލަމުންދިޔަ މާލިކަށް އެދެކުދިން ހަމަޔަކަށް އެޅުވުމަކީ އަދި އެހާ ފަސޭހަކަމެއް ނޫންކަން އިހުސާސްވިއެވެ. އަދްޔަންގެ ހިތުގައި އުފެދިފައިވި ފޫހިކަން ނެތިގެންދާން އަދި ވަގުތު ބޭނުންވާކަން އޭނާއަށް އިނގުނެވެ.
"މާލިކްބޭ!! އަޅުގަނޑު ދިޔުމުގެ ހުއްދައެއް ދެއްވާ. އަޅުގަނޑުގެ ފުރަތަމަ ދުވަސްވީމަ އަދި ނިންމަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުރި. މަންމަގެ ބައެއް ބޭސްތައްވެސް ހުރީ ހުސްވެފައި. މިކޮޅުން ނުލިބޭ ބޭސްތައްވެސް އެބަހުރި. ހަވީރު ގެއަށް ގޮސްފައި ގެސްޓުން ބަލާ ދާ ލޯންޗުން މާލެ ގޮސް އެ ބޭސްތައް ނެގޭނީ..." އަދްޔަން ބުނެލިއެވެ. މާލިކް ހިނިތުންވެލުމާއެކު މޭޒުމަތީގައި އޮތް އަވި އައިނު ނަގައިގެން އަދްޔަން ހިނގައިގަތެވެ.
"އަދްޔަންއަށް އަދި ވަގުތު ބޭނުންވޭ. އުނޭޝްވެސް ޖެހޭނެ ޤަބޫލުކުރަން އަދްޔަން އެދެއްކީ ރަނގަޅު ވާހަކަތަކެއްކަން. އެހުރިހާކަމެއްގެ މަތިން ހަނދާންނައްތާލަން ހަގީގަތުގަ އުނދަގުވާނެ. އެހެންއެވީ އޭނަ އުންމީދު ނުކުރާފަދަ ކަންތައްތަކެއް އުނޭޝްގެ ފަރާތުން ފެނުނީމަ" މާލިކް ވާހަކަދެއްކިއެވެ.
"ޤަބޫލުކުރަން. އެކަމަކު ކީއްކުރާނީ...؟ އަޅުގަނޑު މިއީ ގޭތެރޭގަ ބޭކާރުމީހެއް. ޔަޝްކޮ ނޫން އެކަކުވެސް ވާހަކައެއް ނުދައްކާ. އަދޫ ކައިވެންޏެއްކުރަން އުޅޭކަން އިނގޭ. ކާކުކަމެއް ނޭނގޭ..." އުނޭޝްގެ އަޑުގައިވި ހިތްދަތިކަން މާލިކަށް އިހުސާސްވިއެވެ.
"އުނޭޝް ކުރަންވީ ކަމަކީ ގޭތެރެއިން އަދްޔަންއާއި ވާހަކަދައްކަން މަސައްކަތް ކުރަންވީ. ކުރެވުނު ކަންތައްތަކާއި ދެރަވެ މަޢާފަށް އެދެންވީ. މާލިކްބެއަށް އިނގެނީ އުނޭޝް މަޢާފް ހޯދަންވީ މީހުން ވަރަށް ގިނަކަން" މާލިކް ބުންޏެވެ. އުނޭޝް އިސްޖަހާލައިގެން އިންއިރު ކުރިމަތީގައި ބަހައްޓާފައި ހުރި ކޮފީތަށީގައި އަތްޖައްސާވެސް ނުލައެވެ.
***
ދަންވަރު ބާރަޖަހަން އުޅެނިކޮށް އާފަލެއް ހިފައިގެން ކޮޓަރިއަށް އައިސް ވަން އާޝިދްގެ ކަންފަތުގައި ފޯނު ރިންގުވާއަޑު ޖެހުނެވެ. އޭނާ އަވަސް އަވަހަށް އައިސް ބަލައިލިއެވެ. މާކުރިންވެސް އެފަދަ ގަޑިއެއްގައި ގުޅާނީ އިރާނިޔާކަން އިނގި އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލައިފިއެވެ.
"ކީއްވެ އެއްބަސްނުވީ" ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެނދަށް އަރާ ހެޑްބޯޑުގައި ލެގިލަމުން އާޝިދް ބުނެލިއެވެ.
"އިނގޭ ތިއުޅެނީ ދުރުގައި ހުރީމަ ހިތްހަމަޖެހޭނެ ގޮތެއް ހޯދަންކަން. އެކަމަކު ނޯ ވީޑިޔޯ ކޯލްސް" އެކޮޅުން ފޯނުގައި ހުރި އިރާނިޔާ ބުނެލި އަޑު އިވުނެވެ. އާޝިދަށް ހެވުނެވެ.
"ބައްޕަގެ ރުހުން ލިބިއްޖެ. އެކަމަކު އަދި މަޑުކޮށްލަން އެބަޖެހޭ. ނިންމަންޖެހޭ ވަރަށް ބޮޑު ޕްރޮޖެކްޓެއް އެބައިން" އާޝިދް ބުނެލިއެވެ. އޭނާ ވަޙީދުއްދީން ދެއްކި ހުރިހާ ވާހަކަތަކެއް އިރާނިޔާއަށް ކިޔައިދިނެވެ. އިރާނިޔާގެ ހިތްވަރުގެ ބަސްތައް ލިބި އޭނާއަށް އާ ޖޯޝެއް ލިބުނު ކަހަލައެވެ. އެކަމަކު ފޯނުން ޒުކް އާ ބައްދަލުކޮށްދިނުމަށް އެދުމުން އާޝިދް މަނާވެގަތެވެ.
"ނޮޓް ފެއަރ.. މަށާ އެއްކޮށް ނޯމަލް ކޯލްސް. ޒުކްއާ އެއްކޮށް ވީޑިޔޯ ކޯލްސް" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ލުއިލުއި ހީލުމުގެ އަޑު ކަންފަތުގައި ޖެހުމުން އާޝިދަށް ދެލޯ މަރާލެވިއްޖެއެވެ. އޭނާ ބޭނުންވަނީ އަބަދުވެސް އޭނާގެ ކަންފަތަށް އެ އަޑު އިވިއިވި ހުރުމަށެވެ.
"އަނެއްކާވެސް ބުނެލެވޭނީ އަންނަންދެން ތިޔަ އިންތިޒާރުގައި ހުރީމޭ..." އިރާނިޔާ ބުނެލިއެވެ.
"އިނގޭތަ! އީރަން ތިހެން ބުނާ ކޮންމެފަހަރަކު އަހަރެންގެ ހިތް ތެޅިފޮޅޭ މިންވަރު ކައިރިއަށް ދާހިތުން. އަހަރެން ހިތްހަމަޖެހޭ މިންވަރު އީރަން ތިހެން ބުނެލާ އަޑު އިވުނީމަ... އަހަރެން ވަރަށް ވަރަށް ލޯބިވޭ އީރަންދެކެ" އާޝިދް ބުނެލިއެވެ. ހީލުން ފިޔަވާ އިތުރު ޖަވާބެއް އިރާނިޔާއަށް ނުދެވުނެވެ.
"އަހަރެންގެ ފަރާތުން ހޫރުގެ ލޯބި މޫނުކޮޅަށް ދޮނެއް ދެއްޗޭ އިނގޭ..." އާޝިދް ބުނެލިއެވެ.
ފޯނުކޯލް ނިންމައިލިއިރު އާޝިދް ކަމުންދިޔަ އާފަލުގެވެސް އޮތީ ހަމައެކަނި ކަރުގަނޑެވެ. ޑަސްބިނަށް ލާފައި އޭނާ ފާހާނާއަށް ވަދެފައި އައިސް އެނދަށް އެރިއެވެ. އިރާނިޔާގެ ހިތްގައިމު ތަސްވީރު އޭނާގެ ލޯމަތިން ސިފަވެގެން ދިޔުމާއެކު ހެވިއްޖެއެވެ. ނިދުމަށްޓަކައި ދެލޯ މަރާލީ ހުވަފެނުގައި އެސޫރައިގެ ވެރި އަންހެންކުއްޖާއާއި ބައްދަލުކުރުމަށް ހިތުއަަޅައިގެންނެވެ.
***
ޔަޝްފީއާއި ޙާއިޝާއާ މަގުމަތިން ހިނގާފައި ދިޔައީ އިރާނިޔާއާއި ހޫރާ ބައްދަލުކުރުމަށެވެ. ޔަޝްފީގެ އެދުމުގެ މަތިން މަގު ދިގުކޮށްލުމުގެ ގޮތުން ބަނދަރު ސަރަހައްދު ޖެޓީމަތިން ހިނގާފައި ދަނިކޮށް އިތުރު ރައްޓެއްސަކާއެކު އެދިމާލަށް ނިކުތް ސަބްރީނަށް އެމަންޒަރު ފެނިއްޖެއެވެ. ދެފައި މައްޗަށް ކޮޅަށްހުރި ޙާއިޝާ ފެނުމުން ސަބްރީނަށް ނުބައި ގޮތެއް ވިއެވެ. ކައިރީގައި ހުރި ޔަޝްފީގެ ހެޔޮވަރުގެ އިސްކޮޅާއި ޝެނަލްގެ އިސްކޮޅާއި އަޅާ ކިޔައިލިއެވެ.
"އޭނަ ސަލާމަތްވާނޭ އަޅެ މީހަކު ބުނާނެތަ؟ އެހެރީ ކުޅަދުންވަންތަކަން. ހާދަ ބޮޑުވަރު ވެފައޭ ޙާއިޝާއަށް އޮތީ..." ސަބްރީން ކައިރީގައި ހުރި އެކުވެރިޔާ ބުނެލިއެވެ.
"ކޮންތާކު؟ ޒުލޭހާމެންނަށް ހާދަ އެއްޗެއް ނޭނގެޔޭ ދޯ. ފާފަކުރާ މީހުން އަވަހަކަށް މަރެއްނުވާނެ. އެކަހަލަ މީހުން ގިނަ ދުވަހު ދުނިޔޭގަ ހުންނާނެ" ސަބްރީން ބުނެލިއެވެ. ޒުލޭހާ ޚައިރާންކަން އެކުލެވިގެންވި ބެލުމަކުން ސަބްރީންގެ މޫނަށް ބަލައިލިއެވެ.
"މިރަށުގައިވެސް ހިއެއްނުވޭ ހުންނާނެހެނެއް ޙާއިޝާއަށް ވުރެ ޚުލްޤުހެޔޮ އަންހެނެއް. މާދަމާއިން ފެށިގެން އަނެއްކާ ކުޅެން ނިކުންނާނެ. ދެން އިނގޭ ފޯރި ހުންނާނީ... އެއީ މިރަށުގެ ބަށި ރާނީ" ޒުލޭހާ ބުނެލިއެވެ. ޒުލޭހާގެ ވާހަކަތަކުން ސަބްރީން އެތެރެއެތެރެއިން އަނދަމުން ދިޔައެވެ. އޭނާއަށް އިވޭ ފަށުގައި މީހަކު ޙާއިޝާއަށް ތަޢުރީފްކުރާ އަޑު އެހުމަކީ އޭނާއަށް ކުޅަދާނަކަމެއް ނޫނެވެ.
"ޒުލޭހާ ދައްކާވާހަކަ. އަހަރެން ހިތަށްއަރާ މިއުޅޭ ސަމީރާމެން އެޓީމުގެ ބޮޑު މީހަކަށް އެ ޙާއިޝާ ހަދައިގެން އެ އުޅެނީ ކީއްކުރަންބާއޭ. އެއަކީ މިރަށަށް އުފަން މީހެއްވެސް ނޫނޭ" ސަބްރީން ބުނެލިއެވެ. ދެއެކުވެރިން ވާހަކަދައްކަމުން ގޮސް ޖެޓީމަތީގައި އިށީނދެއްޖެއެވެ.
"އޭނަ އެއީ މިރަށުގެ ރައްވެއްސެއް މިހާރު އެއީ... ކޮންދުވަހެއް އައިޑީކާޑު ބަދަލުކުރިތާ. އެހެންނޫނަސް އެންމެނާ ގުޅޭ ހިތްހެޔޮ އަންހެނެއް އެއީ. ދަރިން ގޮވައިގެން ކިހާ ހަމަޖެހިގެން އެއުޅެނީ. ބޭރުގަ ކިޔަވަން ހުރި މަންޖެވެސް މިފަހަރު ގޮވައިގެން އައިސް އެއުޅެނީ" ޒުލޭހާ ވާހަކަދެއްކިއެވެ. ސަބްރީންގެ ކަޅި އަމާޒުވެފައި ހުރީ އެމަގު ކޮޅުން އޮބަމުންދިޔަ ޙާއިޝާގެ ދެމައިންނަށެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟ ރީން ކިއްވެތަ ޙައިޝާއަށް އެހާ ނަފްރަތު ތިކުރަނީ؟" ޒުލޭހާ އެހިއެވެ.
"ޒުލޭހާއަށް އެކައްޗެއްވެސް ނޭނގޭނެ. އޭނާ އެހެރީ އަހަރެންގެ ދިރިއުޅުމާ ކުޅެލާފައި. އަހަރެން ކަށްވަޅުގައި އޮތަސް އެ އަންހެނާއަށް ހިތްހެވެއް ނުވާނެ. އަލިފު ތެދަށް ހުރުމަކުން އެއީ އަލިފެއް ކަމަކަށް ނުނިންމޭނެ. ކަލޭމެންނަށް ތިފެންނަނީ އެނާގެ ބޭރުފުށުގެ ގޮތް. އަހަރެން މިހުރި މަގާމަށް އައިސް ނިކަން ބަލައިލަބަލަ އޭނަގެ ވައްތަރު" ސަބްރީން ވާހަކަދެއްކިއެވެ.
"އަހަރެންނަކަށް ޤަބޫލެއްނުކުރެވޭ" ޒުލޭހާ ބުނެލިއެވެ.
"ހޫން... ކަންތަކާޖެހުނީ... ކަލެއަށް ޤަބޫލުކުރެވޭތަ ކަލޭ ތީ ޒުލޭހާކަން. އާދަންމަނިކުގެ ވަރިކުރިފުޅުކަން... އެހެންޏާ.... ހިނގާދާން" ޒުލޭހާގެ އަތުގައި ހިފައިގެން ތެދުވަމުން ސަބްރީން ބުނެލިއެވެ.
***
ބަނބުކެޔޮ ގަސްދަށުގައި އެލުވާފައި ހުރި އުނދޯލީގައި އިން ހުޝާމްގެ އަތަށް ކޮފީތަށި ދީފައި ޝިރޫ އިށީނީ ކައިރީގައި ހުރި އަދަރާދު ގޮނޑީގައެވެ. އަދި ހުޝާމް އުނގުގައި އިން އީޝް ނަގާ އޭނާގެ އުނގުގައި ބޭންދިއެވެ.
"އަހަރެމެންގެ ޕްރިންސަސްއަށް މަންމައެއް ލިބެނީ ދޯ... " އީޝްއާއި ސަމާސާ ކޮށްލަމުން ޝިރޫ ވާހަކަދެއްކިއެވެ. ހުޝާމްގެ ހަބަރެއް ނުވާތީ އޭނާ ހުޝާމްއަށް ނަޒަރެއްދިނެވެ. ވިސްނުމަކަށް ގެއްލިފައި އިނދެ މަޑުމަޑުން ކޮފީބޮމުންދިޔަ ހުޝާމްއަށް ވަރަށް ފަރުވާތެރިވެ ޝިރޫ ބަލަމުން ދިޔައެވެ.
"ދަރިފުޅާ...!!" ޝިރޫގެ އަޑެއް ހުޝާމްއަށް ނީވުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތާއި ސިކުނޑި ވަނީ އެހެން ކަމަކާއި ގުޅިފައެވެ.
"ޝާމް...!!" ހުޝާމްގެ ފައިގެ ކަކުލުގައި ހިފާ ތަޅުވައިލަމުން ޝިރޫ ގޮވައިލިއެވެ. ސިހުނުވަރުން ހުޝާމް ބޮލަށްވެސް އެނބުރުން އަރައިގެންދިޔައެވެ. އަތުން ކޮފީތަށި ދޫނުވީވެސް ކިރިޔާއެވެ.
"ޔާރައްބީ... ކޮން ވިސްނުމެއްގަ؟ ޝާމްއަށް ވީގޮތް ފެނިފަ އީޝްވެސް ސިހިގެން އެދިޔައީ. ވާނީވެސް އެހެންތާ..." ޝިރޫ ބުނެލިއެވެ.
"މަންމާ!! އެއްވެސް އިންސާނެއްގެ ހިތާއި ސިކުނޑިން ފިކުރުތަކެއް ދުރެއްނުވާނެ. އަބަދުވެސް ކޮންމެސް ފިކުރެއްކުރާނެ. ދުނިޔެއަކީ އެންމެންނަށް ރަހުމުކުރާނެ ތަނެއް ނޫނެއްނު" ހުޝާމް ބުނެލިއެވެ.
"އަނެއްކާ ކިހިނެއްވީ؟ ރަނގަޅު ވާހަކައެއް ތިޔަދައްކަނީ" ޝިރޫ ބުނެލިއެވެ.
"މަންމާ! ތެދަށް ބުނައްޗޭ.. މަންމައަށް ހީވޭތަ އަޅުގަނޑުގެ ކައިވެނި ޝާނީ އާ ކުރުން އެންމެ ރަނގަޅޭ. މިހެން މިއެހީ ކައިވެންޏަކީ ދެމީހުން ވަރަށް ވިސްނައިގެން ވަރަށް ބޮޑެތި ކަންތައްތަކެއް ގުރުބާންކޮށްފަ ކުރާ ކަމެއް. ޝާނީ އެހެރީ ދުރުގަ. އަޅުގަނޑު މިހުންނަނީ އެހެން ރަށެއްގަ. ރީންދައްތަ ބުނާ ގޮތުން ވިއްޔާ ރަންކިޔާ ދުވަހަށް ޝާނީ އަންނާނީ" ހުޝާމް ވާހަކަދެއްކިއެވެ.
"ހެހެހެ... ފޯނޭ މިކިޔާ ވަސީލަތަކީ ތިހުރިހާ ކަމެއްގެ ހައްލޭ ދަރިފުޅާ..." ޝިރޫ ބުނެލިއެވެ.
"ރަނގަޅު. އެކަމަކު ހުރިހާ ވާހަކައެއް ކިހިނެއް ފޯނުން ދައްކާނީ" ހުޝާމް ބުނެލިއެވެ.
"ޝާނީ އަންނާނެހެން ހީވަނީ ކުރު ޗުއްޓީއަކަށް. އޭރުން ބޭނުން ވާހަކައެއް ދެއްކޭނެއްނު. ދަރިފުޅު ހިތްހަމަޖެހުނު ދުވަހަކުން މިކައިވެނި ކުރާނީ. އެންމެރަނގަޅެއްނު. މަންމަ މިދަނީ މި މަންޖެ ނެޕީ ބަދަލުކޮށްލަން އިނގޭ" ޝިރޫ ހިނގައިގަތުމާއެކު އަނެއްކާވެސް އޭނާގެ ނަފްސު ހިމޭންދުނިޔެއަކަށް މިސްރާބު ޖަހައިފިއެވެ. ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދޭން އޭނާ ބޭނުމެއްނުވިއެވެ. ރިސޯޓުން ތަމަންނީ ފެނުނު ވާހަކަ އޭނާ ދައްކަން ބޭނުމެއްނުވިއެވެ. ޔަޤީންވާކަމަކީ ތަމަންނީ އަލުން އެ ހަޔާތަށް ގެންނަން މައިންބަފައިން ނުރުހޭނެ ކަމެވެ. ހިތްދަތިކަމެއް ލިބެނީ އަދިވެސް އެސޫރަ އޭނާގެ ހިތުން ނުފިލާތީއެވެ. ތާޒާ ކަމާއެކު އޭނާގެ ހިތުގައި އެހަނދާންތައް ހުރީތީއެވެ. އެންމެ ގާތް އެކުވެރިޔާ ހަޔާތުގެ ބައިވެރިއަކަށް ހަދަން ޖެހިފައިވުމުން ހިތަށް އުނދަގުވާތީއެވެ. ވިސްނަންޖެހޭ ކަމަކީ އަލުން ދިރިއުޅުމެއް ފަށާއިރު އޭނާގެ ހިތުގެ އެދުންތަކަށް ފުރަގަސްދޭން ޖެހޭނެކަމެވެ. އޭނާ ވިސްނަންޖެހޭނީ އެ މައުސޫމް ތުއްތު ދަރިފުޅާ މެދުގައެވެ.
***
އާޝިދާއި އެކުގައި ގޭތެރެއަށް ވަދެގެން އައި ޖައިޝް ފެނި ސޯފާގައި އިން ވަޙީދުއްދީން ކޮޅަށް ތެދުވިއެވެ. ދަރިފުޅުގެ އެކުވެރިޔާއަށް ވީތީ އޭނާ ޖައިޝްއަށް ވެދިނީ އިހުސާންތެރިކަމެވެ.
"މިގޭގަ އާޝިދެކޭ އެއްފަދައިން ޖައިޝްއަށް ވެސް އުޅެވޭނެ. މާގިނަ މީހުން މިގެއަކު ނޫޅެނެ" ޖައިޝްގެ ކޮނޑުގައި ފިރުމައިލަމުން ވަޙީދުއްދީން ބުނެލިއެވެ.
ޖައިޝް އަތަށް ތަޅުދަނޑި ދީފައި އާޝިދް ހިނގައިގަންނަން އުޅުނު ވަގުތު ޖައިޝް ގޮވައިލިއެވެ.
"ތެންކްސް މޭން. ރަށަށް ދެވެންދެން މަޑުކޮށްލާނެ ތަނެއް ލިބުނީތީ" ޖައިޝް ބުނެލިއެވެ.
"ތީދައްކަން މުހިންމު ވާހަކައެއްނޫން. ފްރެޝްވެލައިގެން އާދޭ. އިރުކޮޅަކުން އައިރިސް އަންނާނެ... އަވަސްކުރައްޗޭ" ހީލަމުން އާޝިދް ބުނެލިއެވެ.
އައިރިސް ވަދެގެން އައި މަންޒަރުފެނި ވަޙީދުއްދީން ހީލިއެވެ. އަދަބުވެރިކަމާއެކު ވަޙީދުއްދީންގެ ހާލު އަހާފައި އައިރިސް ހިނގައިގަތީ ބަގީޗާއާއި ދިމާލުގައި ކުޑައިގެ ދަށުގައި އިން އާޝިދާ ދިމާލަށެވެ.
"ވަޙީދުބެއަށް އިނގޭތަ އަހަރެންގެ ވާހަކަ" ގޮނޑީގައި އިށީންނަމުން އައިރިސް އަހައިލިއެވެ.
"ހޫމް... އެކަމަކު އެއީކީ މައްސަލައެއް ނޫނެއްނު. ބައްޕަ ވަރަށް ކޫލްވާނެ" އާޝިދް ބުނެލިއެވެ.
"ޖައި... ޖައި އެބައުޅޭތަ؟" ދެފަރާތް ހޯދައިލަމުން އައިރިސް އެހިއެވެ. އާޝިދް ބޯޖަހައިލިއެވެ. ތިންކުދިންނަށް ވާވަރަށް ހެދިކާއާއި ކަޅުސައި ސަކީނާ ގެނެސްދިނެވެ.
"އާޝިދް ބުނި ގޮތަށް އަހަރެން މަންމަ ކައިރީގައި ބުނެފިން. މަންމަ މިހާރު ނިންމައިގެން ހުރީ އަހަރެން ޕްރެގްނޫން ކަމަށް" އައިރިސް ބުނެލިއެވެ.
ކޮބާ އާޝިދް ބޭނުންވެން ތިއުޅޭ ކަމަކީ އަސްލު" އައިރިސް އެހިއެވެ.
"އެވާހަކަ ބުނަންވީ ދޯ. މިއިން އެއްވެސް ކަމެއް އަދި ޖައި އަކަށް ނޭނގޭނެ. މިބުނީ އަހަރެމެން ދެމީހުން އައިރީ މަންމަ ކުރިމަތީގައި ޑްރާމާ ކުޅޭ ވާހަކަ. އަހަރެން ބޭނުންވަނީ މާދަމާ ހަވީރު ތިގޭގަ އުޅޭ ޒަހުރިއްޔާދައްތަ ގޮވައިގެން އޮފީހުގެ ޓެރަސްއަށް އަންނަން. އަހަރެން ހުންނާނަން ޒުކް ގޮވައިގެން އެތަނުގަ" އާޝިދް ބުނެލިއެވެ.
"ކީއްވެ ޒަހުއްތަ! އެންޑް ޒުކް އެއީ ކާކު...؟؟ އަދި ނޭނގުނު" އައިރިސް ބުނެލިއެވެ.
"ޒުކް އެއީ އަހަރެންގެ ބޭބީސިސް. ސޮފާއްތަ ކިޔައެއްނުދޭތަ ޒުކް ހުންނަ ވާހަކަ" އާޝިދް ބުނެލިއެވެ.
"އަދި މިއިނގުނީ. ދެން ކީއްވެ ޒަހުއްތަ ގެންނާށޭ ތިބުނީ؟" އައިރިސް އެހިއެވެ.
"ލުކް އައިރިސް!! މިއީ ވަރަށް ބޮޑުވާހަކައެއް. އައިރިސް ކައިރީގައި އައިރިސްގެ މަންމަގެ ގޯސްވާހަކަތަކެއް ދެއްކުމަކީ އަހަރެން ކުރާހިތްވާ ކަމެއްނޫން. އެކަމަކު މިކަންތައް ކޮޅެއްގަ ޖެއްސެން އޮތީ އައިރިސްއަށް މިކަންކަން އިނގިގެން" އާޝިދް ވާހަކަދެއްކިއެވެ.
"ކޮންކަމެއް؟ ކޮންވާހަކަތަކެއް؟ މަންމަ ކޮށްފާނެ ކިތަންމެ ނުބައި ކަމެއްވެސް" އައިރިސް ބުނެލިއެވެ.
"ޒަހުރިއްޔާދައްތަ އެއީ އަހަރެންގެ މަންމަ... އައިމީން މައި ސްޓެޕްމަމް" އާޝިދް ބުނެލިއެވެ. ލިބުނު ޝޮކްގައި އައިރިސްއަށް އަނގަމަތީގައި ދެއަތް އެޅުނެވެ.
"މާނައަކީ ޒުކް އެއީ..."
"އާނ... ޒުކްގެ މަންމަ. އަދިވެސް ބައްޕަގެ އަނބިމީހާ" އާޝިދް ބުނެލިއެވެ. އައިރިސްގެ މޫނުމަތިން ފެންނަމުންދިޔަ ޚައިރާންކަން އިތުރުވެގެން ދިޔައެވެ. މަންމައާއިމެދު ހިތުގައި ޝަކުވާ އުފެދިގެން ދިޔައެވެ.
"ސޮފާއްތަގެ ނުފޫޒުން ތިގޭތެރޭގަ ޒަހުރިއްޔާތަ އެ އިންނަނީ ހުރިހާ އުފާތަކުން މަހުރޫމްވެފަ. ބައްޕަ ބުނި ހަނދާންތައްވެސް ގޮށްސައޭ ހުރީ. ޒުކްއަށް އަދި ދުވަހަކުވެސް އޭނަގެ މަންމައެއް ނުފެނޭ. އެކުއްޖާގެ އުމުރުން މިހާރު ތޭރަ އަހަރުވެއްޖެ. އެކުއްޖާ އެހެން މީހަކަށް މަންމަ ކިޔައިގެން އެ އުޅެނީ. އެމީހާއާއި މެދު ޒުކްގެ ހިތުގައި އޮތީ ފޫހިކަމެއް. ކިހިނެއްތަ އޭނައަށް ކިޔައިދޭނީ އެއީ އޭނަގެ މަންމައެއްނުނޭ..." އާޝިދް ވާހަކަދެއްކިއެވެ.
"ކާކު ބުނީ ޒަހުއްތަގެ ހަނދާންތަކެއްނެތޭ... އެހަނދާންތައް އައިތާ ކޮންދުވަހެއް. އާނ.. މަންމަ އެއްގޮތަކަށްވެސް ބޭނުމެއްނުވޭ ޒަހުއްތަ ގެއިންބޭރަށް ނިކުންނާކަށް. ޒަހުއްތަ އަހަރެން ކައިރީގައި އަބަދުވެސް ކިޔާނެ ބޭރަށް ނެރެދޭށޭ... އިނގޭތަ ޒަހުއްތައަކަށް ނުއެއް ހިނގޭ...." އައިރިސް ވާހަކަދެއްކިއެވެ. މިފަހަރު ޝޮކް ލިބިގެން ދިޔައީ އާޝިދަށެވެ.
"ވަޓް...؟" އާޝިދް ބުނެލިއެވެ.
"އާނ ގޮނޑީގަ އިންނަނީ. އަހަރެންނަށް ހީވަނީ އެކަމުގައިވެސް މަންމަ ނުބައެއް ހަދާފައި ހުރިހެން. އަބަދުވެސް ބޭނުންވާނީ ޒަހުއްތަ އެއް ޑޮކްޓަރަކަށް ދައްކަން އެހެޔޮވާނެ ކޮންމެ ކަހަލަ ބައްޔެއްވިޔަސް. އަހަރެން އެއްދުވަހު ސުވާލުކުރީމަވެސް ބުންޏޭ އެއީ އޯލް އިން ވަން އެކޯ" އައިރިސް ބުނެލިއެވެ.
"އަސްލު މަންމަ ބޭނުންވަނީ ކޮންކަމެއްތަ؟" އައިިރިސް އެހިއެވެ.
"ބައްޕަގެ މުދަލާއި ފައިސާ. އެހެންވެ އަހަރެން އައިރިސް އާ ކައިވެނި ކުރުވަން ބާރު އެއަޅަނީ. މިހާރު އެމުދާތައް އަހަރެންގެ ނަން މަތީގައި އޮތީމަ. އެލިޔުން އިންނަނީ އަހަރެން ދުނިޔޭގަ ނެތް ދުވަހެއް އަތުވެއްޖެނަމަ އެމުދަލުގެ ވެރިޔަކަށް އަހަރެންގެ އަންބެއްގެ މަގާމުގައި ހުންނަ މީހަކަށް ލިބޭގޮތަށް" އާޝިދް އޮޅުންފިލުވައިދިނެވެ. އައިރިސް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އޭނާ އެއްޗެއް ނުބުނެ އިނީ އެއީ އެމަންމަ ކޮށްފާނެ ކަމެއްކަން އިނގޭތީއެވެ. މަންމަ ދިފާއުކޮށް ދެއްކޭނެ އެއްވެސް ވާހަކައެއް ނެތީމައެވެ.
"ކައިވެންޏަށްފަހު އަހަރެން ދުނިޔެއިން ނައްތާލުން އެއީ ސޮފާއްތަގެ އެންމެ ބޮޑު ޕްލޭން" އާޝިދް ބުނެލިއެވެ. ވަގުތުން އައިރިސް ހުއްޓުން އެރިއެވެ.
(ނުނިމޭ)