ވާހަކަ

ދެކިލަން އެދޭތީ - 37

2

ދެދުވަސް ފަހުން ޖާދިންގެ ފުރުން ހަމަޖެހުނެވެ. ދިއުމުގެ ކުރިން އީވާއާއި ބައްދަލުކޮށްލުމުގެ ފުރުސަތަކަށް އޭނަ އެދުނެވެ. ފުރަތަމަ އީވާ އުޅުނީ އެފުރުސަތު ޖާދިންއަށް ނުދޭށެވެ. މިހާރަކަށް އައިސް ޖާދިންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުންނެވެ. ޖާދިން ދަސްކުރުން އުނދަގޫކަމަކަށް ވެފައި ވާތީއެވެ. ހަމައެއާއެކު ޖެހިލުންވުން ވެސް ހިތުގައި ވީތީއެވެ.

ކުރުނުކޮށް ކުރަމުން ދިޔަ އާދޭސްތަކުން އެންމެފަހުން ޖާދިންއާ ބައްދަލުކުރަން އީވާ ނިންމިއެވެ. ޖާދިން އެދުނީ ހޮޓެލުން ބައްދަލުކުރަންށެވެ. އެކަމާ ހިތުގައި އުފެދިގެން އައި ވަހުމުތަކާ ހުރެ ހަމަހިލާ އެގޮތަށް އީވާއަށް އެއްބަސްނުވެވުނެވެ. ވަގުތުން ދެކޮޅު ހެދިއެވެ. މީހުންނާއި އެކަހެރި ހިސާބަކުން ބައްދަލުކުރަން ބޭނުން ނުވާތީ ރެސްޓޯރެންޓަކުން ބައްދަލުކޮށްލުމުގެ ޚިޔާލު ހުށަހެޅިއެވެ. އީވާއާއި ވާހަކަދައްކަން ބޭނުން ވާތީ ޖާދިން އެއްބަސް ވިއެވެ.

އިރުއޮއްސެމުން ދިޔަ ވަގުތެވެ. އިރުގެ ދަޅަތަކުން ޖައްވު އޮތީ ގިރިޓީ ކުރެވިފައެވެ. ޖެހިލާ ރޯޅިތަކުގައި ވެސް މާހައުލުގެ ހިތްގައިމުކަން އެކުލެވިގެން ވިއެވެ. ދޫނިސޫފާސޫފިތައް ވެސް އެސޮރުމެންގެ މަންޒިލާ ހަމައަށް ވާސިލުވުމަށް ދަތުރުކުރަމުންދާ މަންޒަރު ފެނެއެވެ. ޓެކްސީއެއްގައި ރެސްޓޯރެންޓަށް ދަތުރު ފެށި އީވާއަށް ދަތުރު މަތީގައި ވިސްނެމުން ދިޔައީ އެބައްދަލުވުމުގެ މައިގަނޑު ސަބަބާ މެދުގައެވެ. ޖާދިން ދައްކަން އުޅޭ ވާހަކައަށް އޭނަގެ ޝައުޤުވެރިކަން ދެވިފައި ވިއެވެ. ހަމައެއާއެކު ހިސާބެއްގެ ނުތަނަވަސްކަމެއް ވެސް ހިތުގައި ވިންދުޖަހަން ފެށިއެވެ. އަދިވެސް އޭނަގެ ކަންފަތުގައި ޖާދިން ދިން އިންޒާރުގެ ރަނގަބީލުތަކުގެ އަޑު ގުގުމައެވެ.

ޓެކްސީ ގޮސް ރެސްޓޯރެންޓް ކުރިމައްޗަށް މަޑުކޮށްލުމާއެކު ފައިސާ ދައްކަމުން އީވާ ފޭބިއެވެ. ޓެކްސީގެ ދޮރު ލައްޕާލި ތަނާ، އޭނައަށް ރެސްޓޯރެންޓްގެ ބޭރުގައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި އިން ޖާދިން ފެނުންނެވެ. ޖާދިން އިނީ އިސްޖަހާލައިގެންނެވެ. ހޭވިފައި އޮތް ފަންއިސްތަށިގަނޑުގެ ބޮޑު ބައެއް މޫނަށް ފައިބާފައި އޮތުމުން އެމޫނުގެ އަސަރުތައް ދެނެގަންނަން އުނދަގޫ ވިއެވެ. ލައިގެން ހުރި ނޫކުލައިގެ ގަމީހުގައި ގިނައީ ރުލެވެ. އިރުކޮޅެއް ވަންދެން ޖާދިންއަށް ބަލަން ހުރެފައި އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޖާދިންގެ ހިތުގެ ހާލަތު އިހުސާސްވުމުން މޮޅިވެރިކަން ހިތަށް ވެރިވެއެވެ. ދެވަނަ ސިކުންތުގައި އެއިހުސާސްތައް ބަދަލުވެ ފޫހިކަން ހިތަށް ވެރިވެގެން ދިޔައީ އެހިތާމަތައް ބަރުދާސްތުކުރަން ޖާދިން ޚިޔާރުކުރާ ރުޅީގެ ސަބަބުންނެވެ.

ފިޔަވަޅުތަކުގެ އަޑު އިވުމުން، ޖާދިން އިސްއުފުލައި ބަލައިލިއެވެ. އެދެލޮލުގައި ރަތްކަމެއް ވެއެވެ. ރިހުން އެކުލެވިގެން ވިއެވެ. މޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. އީވާއާއި ނަޒަރު ބައްދަލުވި ހިނދު ހިތްދަތިކަން ވެސް ފާޅުވެގެން ދިޔަ އެވެ. ރުޅީގެ އަސަރެއް އެމޫނުގައި މިހާރު ނުވެއެވެ. ފެންނަމުން ދިޔަ ހަމައެކަނި އިހުސާސަކީ ހިތްދަތިކަމެވެ.

''ކީއްވެގެންތަ ބައްދަލުކުރަން އެދުނީ؟...'' ޖާދިންއާ ނަޒަރު ވަކިކޮށްލަމުން އީވާ ސުވާލުކުރިއެވެ. ޖާދިންއާ ކުރިމައްޗަށް ވާހެން ހުރި ގޮނޑީގައި އިށީންނަމުން، އޭނަ ދުރަށް ނަޒަރު ހިންގާލީ ހަށަން ބަނދެލަމުންނެވެ. މާހައުލުގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ ސަބަބުން ރައްކާތެރިކަން އިހުސާސްކުރެވެމުން ދިޔަ އެވެ.

''އަހަރެންގެ ހާލު އޮޅުންފިލުވަން ބޭނުމެއް ނުވޭތަ؟... އެހާ ވެސް އަހަރެން ދުރުކޮށްލީތަ؟...'' ޖާދިންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އޭނައާ ނަޒަރު ސީދާކޮށްލަން ވެސް އީވާ ބޭނުންނުވެފައި އިން ކަން ފާހަގަ ކުރެވި ހިތުގައި ރިއްސާލައިފިއެވެ. އެވަގުތު އަމިއްލަ ނަފުސު ކުށްވެރިކުރެނެވެ. އީވާއާއި މެދު އަމަލުކުރެވުނު ގޮތުގެ ސަބަބުން ލަދުވެތިކަން ހިތަށް ވެރިވެއްޖެއެވެ. ސިކުނޑިއަށް ސަވާރުވެ އިން ޝައިތާނާގެ ބާރު ކެނޑިގެން ދިޔަ ވަގުތު ހެދުނު ގޯސްތަކާއި ދެވުނު ގެއްލުންތައް އޭނައަށް ރޭކާލައިފިއެވެ. ހިތާމައަކީ ވަގުތު ފާއިތުވެފައިވީތީއެވެ. އީވާގެ ހިތުގައި ބިރުވެރިކަމާއި ރުޅިވެރިކަން އުފަންކުރެވުނީތީއެވެ. އޭނައަށްޓަކައި އެހިތުގައިވި ކުލުނުގެ އަސަރު ވެސް ފޮހެވިގެން ގޮސްފައި ވީތީއެވެ. ހާދަ ދެރައެވެ. ދުނިޔެމަތިން އެންމެ ލޯބިވާ އަންހެންކުއްޖާގެ ދެލޮލުން އޭނައަށް ފެންނަނީ ރުޅިވެރިކަމެވެ. ނަފުރަތެވެ. މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔަކަމުގެ އިހުސާސް ޖާދިންއަށް ކުރެވުނެވެ. ހިތުގެ އާހްތައް ދުލާހަމައަށްވެސް ފޯރިއެވެ.

''ޖާދިން ކަންތައް ކުރި ގޮތުން މިއަދު މި ދުރުކަމެއް އައިސްގެން އުޅެނީ...'' މާހައުލަށް ވެރިވި ހިމޭންކަމުގެ ތެރޭން އީވާ ވާހަކަދެއްކިއެވެ. ''އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން އެހާ ރަހުމުކުޑަ މީހަކަށް ޖާދިން ވެދާނެޔޭ، އަމިއްލަ އެދުން އިސްކޮށްފާނެޔޭ، ނުރުހުމުގައި އަހަރެންގެ މައްޗަށް ބާރުގަދަ ކޮށްފާނެޔޭ... ޖާދިން އަހަންނަށް ޤަދަރެއް ނުކުރާކަން މިއަދު ވިސްނިއްޖެ، ކަންތައް ވެދިޔަ ގޮތުން އަހަރެން ވަރަށް ދެރަވި، ހިތުގައި ޖެހުނު، މިއަދު ޖާދިންއަށް އިތުބާރުކުރަން އަހަންނަށް އުނދަގޫވެއްޖެ...''

އީވާގެ ޖުމްލައިން ޖާދިންއަށް އިސްޖަހާލެވުނެވެ. އެއީ ދޮގު ވާހަކަތަކެއް ނޫނެވެ. އޭނަގެ ދެއަތުން އީވާގެ މައްޗަށް އަނިޔާވެރިވެވުނު މަންޒަރުތައް ސިފަވެ ލޮލުން ކަރުނަ ހިލުނެވެ. އެއީ އެހިތުގެ ވޭނީ ފަސާނާ ރަމްޒުކޮށްދިން ކަރުނަ ތަކެކެވެ.

''ކުރީގެ ދިރިއުޅުމަށް އަނބުރާ ނުދެވޭނެތަ؟...'' ފުންނޭވާއެއް ދޫކޮށްލަމުން ޖާދިން އެހިއެވެ. ޖިންސުގެ ޖީބުން ނެގި އަނގޮޓި ވެސް މޭޒުމަތީގައި ބޭއްވިއެވެ. ޖާދިން ބުނަން ބޭނުންވަނީ ކީކޭކަން އީވާއަށް ވިސްނައިގަނެވުނެވެ. ޖާދިންއަށް ބަލަން އީވާއަށް އިނދެވުނީ ހައިރާންކަމާއެކުގައެވެ.

''ޖާދިން...'' އީވާއަށް ގޮވާލެވުނެވެ.

''ޕްލީޒް!...'' އިސްއުފުލައިލި ޖާދިންގެ ދެލޮލުގައިވި ކަރުނަތައް ފެނި އީވާގެ ދުލުގައި ތަޅެއްލެވުނެވެ. އެކަރުނަތަކުން އޭނަގެ ހިތަށް އަސަރުނުކޮށް ނުދިޔަ އެވެ. ރުޅީގެ އަސަރު ފިލައި އެހިތުގައި ވިންދު ޖަހަން ފެށީ ހަމްދަރުދީއެވެ.

''އައިމް ސޮރީ ޖާދިން...'' ޖާދިންއާއި ނަޒަރު ވަކިކޮށްލަމުން އީވާއަށް ބުނެވުނެވެ. އެމޫނުގައިވި ހިތްދަތިކަމުން ގިނައިރު ބަލަހައްޓައިގެން އިނދެވޭ ގޮތެއް ނުވިއެވެ.

''އެންމެ ފަހަރަކު ވިޔަސް އަހަންނަށް ފުރުސަތެއް ނުދެވޭނެތަ؟...'' ޖާދިންގެ އަޑުގައި ވަނީ އާދޭހެވެ.

''ޕްލީޒް ޖާދިން... އަހަރެންގެ ނިންމުން ޤަބޫލުކުރޭ، އަހަރެން މަސައްކަތްކުރިން މިހިތުން ޖާދިންއަށް ފުރުސަތު ދޭން، ޖާދިން އަހަރެން ދެކެ ވާ ލޯބި ވިސްނައިދޭން ވެސް، އެކަމަކު މިހިތުން ޖާދިންއަށް ޖާގައެއް ނުދެވުނު، އެކަމަށް އަހަރެން މަޢާފަށް އެދެން، ޖާދިންގެ ހިތުގައި ޖެއްސުނީތީ ވެސް މަޢާފަށް އެދެން....'' އިސްތިރިކޮށްލަމުން އީވާ ބުންޏެވެ. ހިތުގައި އުތުރިއަރައިގެން އައި ޖަޒުބާތުގެ ރޯޅިގަނޑާއެކު އަރުތެރެބެދި ވާހަކަދައްކަން އުނދަގޫވިއެވެ.

''އެއްވެސް ވަރަކަށް އަހަރެން ދެކެ ލޯބި ނުވޭތަ؟، ދެން ކީއްވެތަ ކައިވެންޏަށް އެއްބަސްވީ!...'' އީވާ ދެއްކި ވާހަކަތަކަތުގެ ހިތިކަމުން، ޖާދިންގެ މޭގައި ދިލަ ނަގަން ފެށިއެވެ. އިތުރު ޒަހަމްތައް ލިބުނެވެ.

''އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް... މިއަދު އެކަން އަހަންނަށް ވިސްނިއްޖެ... ޖާދިން، އަހަންނަށް ޖާދިން ދެކެ ލޯތްބެއް ނުވެވޭނެ، މިވާހަތަކުން ތިހިތަށް އިތުރު ހިތާމަތަކެއް ލިބުން ނޫންކަމެއް ނުވާނެ!... ޕްލީޒް، ހަޤީޤަތާ ކުރިމަތިލާ... އަހަންނަށް ޖާދިންއާއި ކައިވެނި ނުކުރެވޭނެ!...'' މޭޒުމަތީ އޮތް އަނގޮޓި ޖާދިން ކައިރިއަށް ޖައްސާލަމުން، އީވާ އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ. ޖާދިން އިނީ ހިމޭނުންނެވެ. އެހިތް އެތިކޮޅުތަކަށް ބުރައިގެން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. މޭގައި ވަރުގަދަ ތޫފާނެއް އުފެދިގެން ދިޔަ އެވެ.

''އޭނައާ އެކު އީވްއަށް އުފަލުގައި އުޅޭވޭނެތަ؟...'' ޖާދިން އެހިއެވެ. ''އީވް ބެލެހެއްޓުމުގެ ފެންވަރު އޭނަގެ އެބަހުރިތަ؟...''

''އާނ، ލޯތްބަކީ ވަކި މިންގަނޑުތަކެއް ކަނޑައެޅިފައިވާ އެއްޗެއް ނޫން......'' އީވާގެ ޖަވާބުން ޖާދިންއަށް އަތްމުށްކަވާލެވުނެވެ. ''އަހަރެން ބޭނުންވަނީ ޖާދިން މިކަންތައް ހަނދާންނައްތާލާފައި ދިރިއުޅުމާއި ކުރިމަތިލާން، އަހަރެން ދުޢާ ކުރާނަން، ޖާދިންގެ ހިތަށް ޝިފާއެއް ލިބޭނެ ފަދައިން... ތިހިތުގެ ވޭނަށް ލުޔެއް ލިބޭނެ ފަދައިން... ޖާދިންގެ ހިތުގައި ޖެއްސުނީތީ އަހަންނަށް މަޢާފްކޮށްދޭތި!...'' ދާންވެގެން އީވާ ކޮޅަށް ތެދުވުނެވެ. އެވަގުތު ތެޅިގެންފައި އީވާގެ ފަހަތުން ޖާދިން ވެސް ތެދުވުނެވެ. އީވާ ހުއްޓުވަން ބޭނުންވެފައި ހުރެއެވެ.

''އަހަރުމެންގެ އާއިލާއަށް ވާނީ ކިހިނެއްތަ؟، އެކަމާ މެދު އީވް ވިސްނާލިންތަ؟، އެންމެންގެ ހުވަފެންތަކާ މިކައިވެނި ގުޅިފައިވާކަމެއް ނޭނގޭތަ؟، އީވް!، ވިސްނާލަބަލަ، މާމަ... މާމަ ދެރަވާނެ ވަރެއް ނޭނގޭތަ؟...'' ބަލި ޤަބޫލުކުރަން ޖާދިންގެ ހިތް ދެކޮޅު ހެދިއެވެ. މާކިންގެ ހައްޤަކަށް އީވާ ވުމަށް ދުވަހަކު ވެސް އޭނަގެ ހިތެއް ނޭދޭނެއެވެ. ހިތަށް ވެރިވެގެން އައި ބިރުވެރިކަމާއެކު ފަހު ހަތިޔާރެއްގެ ގޮތުގައި އޭނަ ޚިޔާރުކުރީ ދެއާއިލާގެ ގުޅުމެވެ. އެކައިވެނި ރޫޅިއްޖެނަމަ ކަންތައް ވެދާނެ ގޮތެވެ. މާމަގެ ހިތުގައި ޖެހޭނެ މިންވަރެވެ. އެހުރިހާ ކަމަކުން އީވާގެ ވިސްނުމާ ކުޅެލެވޭތޯ ޖާދިން ބެލިއެވެ. ފިއްތުންތައް ކުރިމަތި ކުރެވޭތޯ ބެލިއެވެ. ޖަޒުބާތާގެ މައްޗަށް ބާރުފޯރުވޭތޯ ވެސް ބެލިއެވެ.

ޖާދިންގެ ރޭވުންތެރިކަމުގެ ކޮޅުމަތި އީވާއަށް ފެންނަން ފެށީ ދެނެވެ. އެބައްދަލުވުމުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބުން ވެސް ހުޝިޔާރުކަމާއެކު ހޯދައިގަނެވުނެވެ. އެހާ ވަރުން އެބައްދަލުވުމަށް އާދޭސްކުރީ ޖާދިންގެ ހިތުގައި ފޮރުވިފައި އޮތް ނުބައި އެޖެންޑާ ހާމަކުރާށެވެ. ޖާދިންގެ މަޤުސަދަކީ އޭނަގެ ބަލި ފައި ދެނެގަނެ ހަމަލާ ދިނުމެވެ. ބަލި ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. ހަޤީޤަތާ ކުރިމަތިލާން ވެސް ބޭނުން ނުވާތީއެވެ. ހިތާމަޔާއި މޮޅިވެރިކަމުގެ ދަލުގައި އޭނަ ޖައްސަން މަސައްކަތްކުރީ ވެސް ޖަޒުބާތުތަކާ ކުޅެންށެވެ. މިހާރު އޭނައަށް މަންޒަރުތައް ސާފުވާން ފަށައިފިއެވެ. ޖާދިންގެ ނުބައި ރޭވުންތަކުގެ ހިލަން ވާން ފަށައިފިއެވެ.

''މިތަނަން އަހަރެން ގެނައީ ތިހެން ބުނަންދޯ؟...'' ޖާދިންއާއި ކުރިމަތިލަމުން އީވާ ބުނެލިއެވެ. މިހާރު އެއަޑުގައި ވަނީ ނުރުހުންތެރިކަމެވެ. އޭނަގެ އިހުސާސްތަކާ ކުޅެލަން ޖާދިން މަސައްކަތްކުރުމުން ހިތްނަމަނުޖެހުނެވެ. ބުމަގޮށްޖަހާލެވިއްޖެއެވެ.

''އީވް ތިވިސްނަނީ ގޯސްކޮށް!، އެފިރިހެނާއާއެކު އީވްއަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!...'' އީވާ ގާތަށް ފިޔަވަޅުތަކެއް އަޅަމުން ޖާދިން ބުންޏެވެ. ކުއްލިޔަކަށް ޖާދިންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެގެން ގޮސްފިއެވެ.

''އަހަރެންގެ ދިރިއުޅުމާ މެދު ވިސްނާނީ އަހަރެން!، ނިންމުންތައް ވެސް ނިންމާނީ އަހަރެން، ވަރަށް ދުވަސް ވެއްޖެ އެހެން މީހުންގެ ނިންމުންތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަން މަސައްކަތްކުރާތާ، އޭގެ ސަބަބުން އަހަންނަށް ނޭވާލާން ވެސް ދަތިކަމަކަށްވެއްޖެ، އެކަމަކު ދެން އިތުރަށް އެފަދައިން ކަންތައް ވުމުގެ ފުރުސަތެއް ނުދޭނަން، މީ އަހަރެންގެ ދިރިއުޅުން!، ބޭނުންވާ ގޮތެއް ވެސް އެނގޭނީ އަހަންނަށް!...'' އީވް ބުންޏެވެ. އޭނަ ރުޅިއަންނަ ގޮތް ވެސް ވެއްޖެއެވެ.

''އަމިއްލަ އެދުން އިސްކުރުމުން އޭގެ ނަތީޖާ ގޯސްކޮށް ނިކުމެއްޖެއްޔާ ވާނީ ކިހިނެއްތަ؟...'' ޖާދިންއަށް އީވާގެ ވާހަކަތައް ކަމަކު ނުދިޔައެވެ. އޭނަ ބޭނުންވީ އޭނަ އަތުރަމުން ދިޔަ މަކަރުވެރިކަމުގެ ދަންތުރައިގައި އީވާ ހައްޔަރުވާށެވެ.

''ޖާދިން މިހާރު ތިކުރަނީ ކޮންކަމެއްތަ؟، ތިއީ ވެސް އަމިއްލަ އެދުމެއް ނޫންތަ؟، އަހަރެންގެ ނިންމުން ބަދަލެއް ނުވާނެކަން އެނގޭ އިރުގައި ވެސް ގޮތް ދޫކުރާކަށެއް ބޭނުމެއް ނުވެއެއްނު، ކޮންމެ ފަހަރަކު ޖާދިންއާ މެދު ހަމްދަރުދީވެ އަނެއްކާ ވެސް ރުޅިވެރިކަން އުފެދެނީ ޖާދިންގެ ތި ވިސްނުމާ ހެދި... މިއަދު ޖާދިން ފެނުނު އިރު އަހަންނަށް ހީވީ ހަޤީޤަތް ޤަބޫލުކުރަން ތައްޔާރަށް ހުރިހެން، އެކަމަކު މިހާރު ޔަޤީން ކުރެވިއްޖެ އެހެން ނުވާނެކަން...'' ޖާދިންއާއި ދުރަށް ފިޔަވަޅުތައް އަޅަމުން އީވާ ބުނެލިއެވެ. ޖާދިން އޭނަގެ އަތުގައި ހިފަން އުޅުމުން އަވަސްއަވަހަށް ދުރަށް ޖެހިލެވުނީއެވެ.

''އީވްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާއިރު ބަލަން ހުންނަން ވީތަ؟، ތިއީ ލޯތްބެއް ނޫން...'' ހިތްހަމަނުޖެހުމާއެކު ޖާދިންއަށް އަޑު އިސްކުރެވުނެވެ. ހިތްދަތިކަމުގެ މައްޗަށް އަނެއްކާ ވެސް ރުޅިވެރިކަން ވެރިވާން ފަށައިފިއެވެ.

''ދެން ތިއީ ލޯބިތަ؟، އަހަރެން ކުރިން ހީކުރީ ޖާދިން އަހަރެންދެކެ ލޯބިވާ ކަމަކަށް!، އެކަމަކު އެއީ ވެސް ކުރެވުނު ކުށްހީއެއް، މިއަދު ޖާދިންގެ ނުފެނި ހުރި ސިފަތައް ވެސް އަހަންނަށް ފެނި ދަސްވެއްޖެ...'' ރުންކުރު ރަގާކަށް އީވާއަށް ބުނެވުނެވެ. އީވާއަށް ބަލަން ހުރި ޖާދިންއަށް އިސްތަށިތަކުގެ ތެރެއަށް އަތް މަހާލެވުނެވެ.

''އާނ! މިއީ ލޯބި...'' ދަތްތަކަށް ބާރުލަމުން ޖާދިން ބުނެލިއެވެ. އެދެމެދުގައި ޒުވާބު ކުރެވެން ފެށުމުން މީހުންގެ ނަޒަރުތައް ހުއްޓެމުން ދިޔަކަން ފާހަގަ ކުރެވި ވާހަކައިގެ ރާގު ބަދަލުކޮށްލަން ޖާދިން މަސައްކަތްކުރިއެވެ. އެއީ ފުރުސަތެއް ކަމުގައި ބަލައި ޖާދިންގެ ފުށުން ސަލާމަތްވޭތޯ އީވާ އުޅުނެވެ.

''މަޖުބޫރުން ލޯތްބެއް ހާސިލެއް ނުކުރެވޭނެ...'' ދިއުމުގެ ކުރިން އީވާ ބުންޏެވެ. ''ތިހެން ކަންތައް ކުރަންޏާ އަހަރެންގެ ހިތުގައި ޖާދިންއާ މެދު ރުޅިވެރިކަން އުފެދުން ނޫން އިތުރުކަމެއް ނުވާނެ!...''

''މާމައަށް އެފިރިހެންނާ ކަމުދާނެހެން ހީވޭތަ؟...'' ކުރިއަށް ހިނގަމުން ދިޔަ އީވާއަށް ޖާދިންގެ އަޑު އިވުނެވެ. ފިޔަވަޅުތައް މަޑު ޖައްސައިފިނަމަ އެއީ ޖާދިންއަށް ލިބޭނެ ހިތްވަރެއްކަން އެނގުމުން އިހުނަށް ވުރެން ބާރަށް ހިނގަން ފެށިއެވެ. ޖާދިން އޭނަގެ ފަހަތުން އަންނަކަން އެނގުމުން އަވަސްއަވަހަށް މަގުން ދިޔަ ޓެކްސީއަކަށް އަތް ނަގާލެވުނެވެ. ޓެކްސީ އައިސް ދުވާރު ކައިރިއަށް ހުއްޓާލުމާއެކު ސިކުންތެއް ވެސް ނަގާލުމެއް ނެތި، އީވާ ޓެކްސީއަށް އަރައިފިއެވެ. އަދި ދޮރު ތަޅުލިއެވެ. އެވަގުތު ޖާދިން އައިސް ޓެކްސީގެ ދޮރުލޫވާގައި އަތުން ޓަކި ދިނެވެ. އީވާއަށް ގޮވިއެވެ. ރުޅިއައިސްފައިވުމުން ޖާދިންއަށް ސަމާލުކަން ދޭން އީވާ ބޭނުމެއް ނުވިއެވެ.

ޑްރައިވަރު ގާތު ޓެކްސީ ދުއްވާލުމަށް އީވާ އެދުނެވެ. އޭރު ވެސް ޖާދިން ހަޅޭއްލަވައެވެ. ޓެކްސީ ދުއްވާލުމުން ޓެކްސީގެ ފަހަތުން ވެސް އީވާއަށް ގޮވަމުން ޖާދިން އައެވެ.

ޓެކްސީގެ ދުވެލި ބާރުކޮށްލުމުން، ޓެކްސީއާ އެއްހަމައެއްގައި ޖާދިންއަށް ފައިތިލަ ސާބިތެއް ނުކުރެވުނެވެ. ލޮލުގެ ކޮޅަށް ގޮސް ގެއްލުނު ޓެކްސީއަށް ބަލަން ހުރެފައި އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. މަގުގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ ނަޒަރު އަމާޒު ވިޔަސް އެކަމަށް ޖާދިން ސަމާލުކަމެއް ނުދިނެވެ. ހިތާމަޔާއި ހިތްދަތިކަމާއެކުވެ އޭނަ ހުރީ ރުޅިވެސް ގަދަވެފައެވެ.

*****

ޓެކްސީގައި އިން އީވާއަށް ކުޑަދޮރުގެ ލޫވާގައި ބޯޖައްސާލެވުނެވެ. އަދި ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ. ޖާދިންގެ އިންޒާރުތަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ކުރެވޭ ކަމަކުން ދެއާއިލާގެ ގުޅުން ހީނަރުވެދާނެތީ ވެސް ބިރުގަންނަން ފަށައިފިއެވެ. ނަމަވެސް ހަނުހުންނަން ވެއްޖެއްޔާ ކަންތައް ގޯހުން ގޯހަށް ދިޔުން ނޫންކަމެއް ނުވާނެއެވެ. ޖާދިންގެ ހަޤީޤީ ސޫރަ ފެނުމަށް ފަހު އެންމެ މިނެޓެއް ވެސް ޖާދިންއާއެކުގައި ހޭދަކުރަން އީވާގެ ޒަމީރު ދެކޮޅު ހަދަން ފެށިއެވެ. ރުޅިވެރިކަން ނޫން އިހުސާސެއް މިހާރު އެހިތުގައި ނުވެއެވެ. ޖާދިންއަށް ކުރި އިތުބާރާއި ޤަދަރު ވެއްޔާ އެކުވެއްޖެއެވެ.

*****

ލަންޑަނަށް ދިޔަތާ މާގިނަ ދުވަސްތަކެއް ނުވެ ޖާދިން ކުއްލި ގޮތަކަށް މާލެ އައުމުން ބަސްމާގެ ހިތުގައި ސުވާލު އުފެދުނެވެ. ވަރަށް ބޮޑަށް ޖާދިންގެ މޫނުމަތި މިލައިގެން ގޮސްފިކަން ވެސް އޭނައަށް ފާހަގަ ކުރެވުނެވެ. ހިތުގައި އުފެދުނު ސުވާލުތަކާ ހުރެ ޖާދިންއާއި ވާހަކަދައްކަން ބޭނުން ވިއެވެ. ޗުއްޓީ ހަމަނުވަނީސް އަންނަން ޖެހުނު ސަބަބު އޮޅުން ފިލުވަން ވެސް ބޭނުން ވިއެވެ. ހަމައެއާއެކު ޖާދިންގެ މޫޑު ގޯސްވުމުގެ ފަހަތުގައި އޮތް ސަބަބު ވެސް އޮޅުން ފިލުވަން ބޭނުން ވިއެވެ. އޭނަ އުއްމީދުކުރީ އީވާއާއި ބައްދަލުވެ ދުވަސްކޮޅެއް ހޭދަކޮށްލެވުމުން ޖާދިންއަށް އުފާވެރިކަން ލިބޭނެކަށެވެ. ހިތްހަމަޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދައިން ކަންތައް ނުވުމުން ދެން އެހިތުގައި އުފަންވެގެން އައީ ބިރުވެރިކަމެވެ. ޖާދިންއާއި އީވާގެ ދެމެދުގައި ކުންޏެއް ޖެހުނީވާބައޭ ވެސް ހިތަށް އެރިއެވެ. ޖާދިންއަށް އައި ކުއްލި ބަދަލުގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރަކީ އެއީ ބާވައޭ ހިތަށް އެރިއެވެ. ހިތުގައި ދައުރުވާން ފެށި ޚިޔާލުތަކުން ހިމޭނުން ހުންނަން ބަސްމާއަށް އުނދަގޫ ވިއެވެ. އެއާއެކު ޖާދިންއާއި ބައްދަލުކުރަން އޭނަ ދިޔަ އެވެ.

''ދަރިފުޅާ...'' ޖާދިންގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ބަސްމާ ގޮވާލިއެވެ. ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން ތަޅުގައި ހިފާލެވުނެވެ. ދޮރުހުރީ ތަޅުލާފައެވެ. ދެތިން ފަހަރަކު ބަސްމާ ދޮރުގައި ޓަކި ދިނެވެ. ޖާދިންގެ ޚަބަރެއް ނުވިއެވެ. އެއާއެކު ލިބުނު ހައިރާންކަމާއި ނުތަނަވަސްކަމާއެކު ހިތް ތެޅިލައިފިއެވެ.

''ޖާދިން!...'' ބަސްމާ ގޮވާލިއެވެ. އޭނައަށް ޖާދިން އިޖާބަ ނުދިނުން އެއީ ނާދިރުކަމެކެވެ. އެކަމާ ހުރެ ހިތަށް ހާސްކަން ވެރިވާން ފެށިއެވެ. ޖާދިންއަށް ކަމެއް ވެއްޖެއްޔޭ ބަސްމާގެ ހިތް އިންޒާރު ދިނެވެ.

''ދަތުރުގެ ވަރުބަލިކަމުން އަނެއްކާ ނިދުނީބާ؟، އެހެންވެގެންތަ ޖަވާބު ނުދެނީ، ގެއަށް އައިސް ވެސް އަހަންނާ އެހާ ގިނަ ވާހަކައެއް ނުދައްކާ، މޫނު ދައްކާލާފަ އައިސް ވަނީ ކޮޓަރިއަށް... މޫނު ވަރަށް ބޮޑަށް މިލައިގެން ގޮސްފައި ހުރީ، އެއީ ދަތުރުމަތީ ވަރުބަލިކަންތަ؟، ނޫނީ ބޮޑު ކަމެއް ދިމާވީތަ؟...'' ބާސްމައަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. އެވިސްނުމުގައި ގޮސް ސިޑި ކައިރިއަށް އޭނަ ހުއްޓުނެވެ. އަދި ވެސް އެއްފަހަރު ފަސްއެނބުރި ޖާދިންގެ ކޮޓަރިއާ ދިމާއަށް ބަލައިލެވުނެވެ.

''ފިކުރުބޮޑުވަންނާ އިތުރު ހާސްކަމެއް ނޫނީ ނުލިބޭނެ... ރޭގަނޑުގެ ކެއުމުން ބައްދަލުވީމަ އޮޅުންފިލުވާނީ...'' ހިތަށް ވިސްނައިދެމުން ބަސްމާ ސިޑިން ފޭބިއެވެ. އެވަގުތަކީ އާރަބް ވެސް ގެއަށް އައިސް ވަން ވަގުތެވެ. ލޯބިވާ ފިރިމީހާއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން އާރަބްގެ ގާތަށް ބަސްމާ ދިޔަ އެވެ.

*****

ރޭގަނޑުގެ ކެއުމަށް ޖާދިން ނައިސް ގިނަ އިރުވާން ފެށުމުން ބަސްމާއަށް އަނެއްކާ ވެސް ނުތަނަވަސްކަން ލިބުނެވެ. ޖާދިން ބަލާ ނޯކަރަކު ފޮނުވައިގެން އިން އިރުގައި ވެސް އޭނައަށް ވިސްނެމުން ދިޔަ އެވެ. ޖާދިންއަށް އައި ބަދަލުތަކާ މެދުގައެވެ.

''ހާދަ ފިކުރުބޮޑުވެފަ ތިއިންނަނީ...'' ނެގިމަޑުވެފައި އިން ބަސްމާ ފެނި އާރަބް ސުވާލުކުރިއެވެ. އަނބިމީހާގެ މޫނުމަތިން ހާސްކަން އޭނަ ދުށްޓެވެ. އެއާއެކު ހިތުގައި ސުވާލު އުފެދުނެވެ.

''އާރަބް!، އަހަންނަށް ހީވަނީ ޖާދިންއަށް ކޮންމެވެސް ކަމެއް ވެއްޖެހެން، ވަރަށް ކުއްލި ގޮތަކަށް ލަންޑަނުން އެއައީ، އައިސްފަ ވެސް އަހަންނަށް މޫނު ދައްކާލާފަ ދިޔައީ ކޮޓަރި، އެހެންޏާ ބޭރު ގައުމަކަށް ގޮސްފަ އަންނައިރަށް ހަދިޔާއާއި ދަތުރުނާމާ ކިޔިއިދޭނެ، އެކަމަކު މިފަހަރު ތަފާތު...'' ވިސްނުމަކަށް ގެއްލިފައި އިން ބަސްމާ ބުންޏެވެ.

''ވެދާނެއެއްނު މާބޮޑަށް ވަރުބަލިވީކަމަށް ވެސް...'' ބަސްމާގެ ހިތްހަމަޖައްސާލަ ދޭން އާރަބް ބުންޏެވެ. "ތިވަރަށް ނުވިސްނަބަލަ، އެހެން ނޫނީ ދުވަސްކޮޅަކުން ބޮލުގެ އިސްތަށިތައް ނުރަވެދާނެ...''

އެވަގުތު ނޯކަރު ކުއްޖާ އައިސް ކާކޮޓަރިއަށް ވަނެވެ. ޖާދިންގެ ޚަބަރެއް ނުވެޔޭ ބުނުމާއެކު، ބަސްމާއަށް ގޮނޑިން ތެދުވެވިއްޖެއެވެ. ހައިރާންކަމާއެކު ބަސްމާއަށް ބަލަން އާރަބްއަށް އިނދެވުނެވެ.

''ޖާދިންގެ ޚަބަރެއް ބަލާފަ އެބަ އަންނަން...'' އާރަބްއަށް ދިން ނަޒަރާއެކު ބަސްމާ އަވަސްވެގަތީ ކާކޮޓަރިން ނިކުތުމަށެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ސިޑިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

*****

ވަރުބަލިވެގެން ގޮސް ނިދިފައި އޮތް ޖާދިންއަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި ތަޅާއަޑަށެވެ. ކަންނެތްކަމާއެކު އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އޭރު ކޮޓަރިއަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. އަވަސްއަވަހަށް އެނދުގައި އަތް ހިންގާލެވުނީ އޭނަގެ ފޯނު އަތުޖެހޭތޯއެވެ. ބާލީސްތަކުގެ ދަށުގައި އޮތް ފޯނުގައި އަތް ލެވުމާއެކު، ފޯނު ނަގައި ގަޑި ބަލައިލެވުނެވެ. ފޯނުގެ އަލި ލޮލަށް އެޅުމުން ކުޑަކޮށް އުނދަގޫވާ ގޮތް ވެސް ވިއެވެ.

''ޖާދިން!...'' މަންމަގެ އަޑު ޖާދިންގެ ކަންފަތުގައި ޖެހުނީ ދެނެވެ. އަވަސްއަވަހަށް އޭނަ އެނދުން ތެދުވުނެވެ. އަދި ދޮރުހުޅުވުމަށް އަވަސްވެގަތެވެ. އޭގެ ކުރިން ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. މެންދުރު އައިސް ވަންގޮތަށް ފެންވަރައިގެން އޭނަ އެނދުގައި އޮށޯވެލީ ކަންތައް ކުރަންވީ ގޮތަކާ މެދުގައި ވިސްނުމަށެވެ. މެންދުރު ވެސް އޭނައަށް މަންމަ ގޮވި އަޑު އިވުނެވެ. ނަމަވެސް މަންމައާއި ކުރިމަތިލާން ބޭނުން ނުވާތީ ހިމޭންކަން ޚިޔާރުކުރެވުނީއެވެ. ވޭނީ ފަސާނާގެ ތެރޭގައި އޮތްވާ އޭނައަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

''ކޮން އިރެއްތަ މަންމަ ދޮރުގައި ތަޅާތާ!...'' ޖާދިން ދޮރުހުޅުވުމާއެކު ބަސްމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ފަރުވާތެރިކަމާއެކު ޖާދިންގެ މޫނަށް ބަލައިލިއެވެ. އެލޮލުގައި ރަތްކަމުގެ އަސަރު ވާހެން އޭނައަށް ހީވިއެވެ. މޫނުމަތިން ވަރުބަލިކަމާއި މޮޅިވެރިކަން ވެސް ފެނުނެވެ.

''ސޮރީ މަންމާ، ނިދިފަ އޮތީމަ...'' ޖާދިން މަޢާފަށް އެދުނެވެ.

''ލޮލަށް ކިހިނެއްވެފަ ތިހިރީ....'' ބަސްމާއަށް އަހާލެވުނެވެ. އެސުވާލުން ޖާދިންއަށް އޭނަގެ ލޮލުގައި އަތްޖައްސާލެވުނެވެ. މަންމަގެ މޫނުމަތިން ފެނުނު ކަންބޮޑުވުމާއެކު ދޭނެ ޖަވާބަކާމެދު ވިސްނާލެވުނެވެ. ހުރިހާކަމެއް މިވަގުތަށް މަންމަމެންނަށް ސިއްރުކުރަން ޖާދިން ގަސްދުކުރިއެވެ. އެކަމަށް އޭނައަށް ހައްލު ހޯދިދާނެކަމުގެ ޔަޤީންކަން ހިތުގައި އޮތީތީއެވެ.

''އެކޮޅުގަ ހުއްޓަ އެލާރޖިކްވީ...'' ޖާދިން މޮޅު ދޮގެއް ހެދިއެވެ. ބަސްމާއަށް ޤަބޫލުކުރެވޭނެ ފަދައިންނެވެ. ދެންވެސް ޖާދިންއަށް ބަލަން ބަސްމާއަށް ހުރެވުނެވެ.

''މިހާރު ރަނގަޅޭ، ބޭސްކައިގެން ނިދާލެވުނީމަ ލުޔެއް ލިބިއްޖެ'' އޯގާތެރި ހިނިތުންވުމެއް މަންމައަށް ދެމުން ޖާދިން ބުނެލިއެވެ. މަންމަ ހާސްވެދާނެތީ އެހިތުގެ ހާލު ޖާދިން ސިއްރުކުރިއެވެ.

''އެހެންތަ؟...... ކީއްވެ އެހާ އަވަހަށް މާލެ އައީ؟...'' ބަސްމާއަށް އެހިތުގައި އޮތް ނުތަނަވަސްކަން ދުލާ ހަމައަށް ގެނެވުނެވެ.

''އެކޮޅަށް ދިޔައީމަ އެނގުނީ އީވް ރާއްޖެ އަންނަން ތައްޔާރުވެފަ އޮތްކަން، އީވްއާއެކު އަންނަން ޓިކެޓް ނުލިބުނީމަ އަވަހަށް އަންނަން ޖެހުނީ، ސަމާރ ބްރޭކާ ހެދި ވަރަށް ބާރު ބޮޑުވެ އޮތީ... ދެން އޮފީހުގެ ކުޑަކަމެއް ވެސް ކުއްލި ގޮތަކަށް ނިންމަން ޖެހިފަ އޮތީމަ އަވަހަށް އައީ...'' ޖާދިން ފަށުވި ދޮގުތަކެއް އަތުރާލިއެވެ. މަންމައަށް ޝައްކެއް ނުވާނެ ފަދައަކުންނެވެ.

''ވަރަށް ބަނޑުހައި ވެސް ވެއްޖެ... މޫނު ދޮވެލައިގެން އަންނާނަން ކެއުމުގައި ބައިވެރިވާން......'' ޖާދިން ހިނިތުންވެލިއެވެ.

''އަވަހަށް އަންނާތި...'' ދިއުމުގެ ކުރިން، ސަމާލުވެ ޖާދިންއަށް ބަލައިލަމުން ބަސްމާ ބުންޏެވެ. އެއަށްފަހު ދާން ހިނގައިގަތެވެ. ޖާދިންގެ ވާހަކަތަކުން ބަސްމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޖާދިން އޭނަ ގާތު ދޮގު ނަހަދާނެތީ ދަރިފުޅުގެ ވާހަކަތަކަށް އިތުބާރުކުރެވުނެވެ. އެއާއެކު ހިތުގެ ވަހުމުތަކާ ދުރުވެވުނެވެ.

''ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ބޭނުން!، މާކިން، އެއީ ކާކުތަ؟... އޭނަގެ މަޢުލޫމާތު ހޯދަންވީ!...'' ޖާދިން ވިސްނާލިއެވެ. އީވާއާއި ދެކޮޅަށް ބޭނުންކުރެވޭނެ ހަމައެކަނި ހަތިޔާރަކީ މާކިން އެވެ. މާކިންގެ ދިރިއުޅުމުގެ ހުރިހާކަމެއް އެނގުމުން އޭނައަށް ފަސޭހަ ވާނެއެވެ.

*****

ތިން ދުވަސް ފަސް...

އެއާޕޯޓަށް އީވާ ބަލާ އައިސްތިބި ކަރީމްގެ ދެމަފިރިންގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލީ ޓާރމިނަލުން ބޭރަށް ނިކުތް އީވާ ފެނުމުންނެވެ. އީވާއަށް ވެސް މަންމައާއި ބައްޕަ ފެނުމުން ހިނިތުންވެލެވުނެވެ. އަދި އެމީހުންގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ.

''މަންމާ...'' ފުރަތަމަވެސް އީވާ އައިސް ބައްދައިގަތީ ލައިލާ ގައިގައެވެ. ޒަމާންތަކެއް ފަހުން ދަރިފުޅާ ބައްދަލުވުމުން ލައިލާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޯގާތެރިކަމާއި ލޯތްބާއެކު އީވާގެ ބުރަކަށީގައި ފިރުމާލިއެވެ.

''ބައްޕަ މަތިން ހަނދާން ނެތުނީދޯ...'' އީވާގެ ބޮލުގައި ފިރުމާލި ކަރީމް ބުންޏެވެ. އެއާއެކު ކަރީމްގެ ގައިގައި ވެސް އީވާ ބައްދާލިއެވެ. ކަރީމްގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ދުވެލިއެވެ.

''ދަރިފުޅު ބުނީމެއްނު ރައުހާ ވެސް އަންނާނެ ވާހަކަ...'' ރައުހާ ފެންނަން ނެތުމުން ހައިރާންކަމާއެކު ލައިލާއަށް ސުވާލުކުރެވުނެވެ.

''ރައު ކުޑަކަމެއް ނިންމަން ޖެހުނީމަ މިއަދު އާދެވޭ ގޮތް ނުވީ، މާދަމާ އަންނާނެ...'' އީވާ އޮޅުންފިލުވައި ދިނެވެ. އޭނައާއި އެކުގައި މާކިންއަށް ވެސް އާދެވޭ ގޮތެއް ނުވިއެވެ. ރައުހާއާއި މާކިންއަށް އާދެވޭނީ މާދަމާ ރޭގައެވެ. އެއީ ރަނގަޅަށް ދިމާވި ކަމެއް ގޮތުގައި އީވާ ދެކުނެވެ. ބައްޕައަށް ހަޤީޤަތް ހާމަކުރުމަށްފަހު މާކިން ތަޢާރަފްކުރަން އީވާ ގަސްދުކޮށްފައި ވާތީއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟