ތިރީސްހަތަރުވަނަ ބައި
"ޒަހުރިއްޔާ...." އާޝިދް މަޑުމަޑުން ކިޔައިލިއެވެ. އޭނާ ހަނދާންވެއްޖެއެވެ. އެއްދުވަހަކު އޮފީސް ތެރެއިން ސޮފާއާއި ވަޙީދުއްދީނާމެދު ދެކެވުނު ވާހަކަތަކެއް އޭނާ އެހިއެވެ. ޒަހުރިއްޔާގެ ނަން އިވުނީ އެދުވަހުއެވެ.
"އެއީ ޒުކްގެ މަންމަ ދޯ" އާޝިދް އަހައިލިއެވެ. ވަޙީދުއްދީން ބޯޖަހައިލިއެވެ.
"އަޅުގަނޑު ބައްޕަ ކައިރިން ހުއްދައަކަށް އެދެން ބޭނުންވީ އީރަން ކައިރިއަށް އެރަށަށް ގޮސްލަން. އެކަމަކު ބައްޕަ ތިއެދުނީ ވަރަށް ބޮޑު ކަމަކު. އަޅުގަނޑު ތިކަންތައް ބައްޕައަށް ކޮށްދޭނަން" އާޝިދް ބުނެލިއެވެ.
"ބައްޕައަށް އިނގޭ ދަރިފުޅު ކޮށްދޭނެކަން. ދަރިފުޅާ ދަރިފުޅުގެ ލޯތްބާ ދެމެދު ހުރަހަކަށް ވާން ބައްޕަ ނެތިން. އެމަންޖެއާ ދަރިފުޅު ބޭނުމިއްޔާ މިހާރު ގުޅުނަސް ބައްޕަގެ އެއްވެސް މައްސަލައެއްނެތް" ވަޙީދުއްދީން ބުނެލިއެވެ. އާޝިދްގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. ވަގުތުން އެހަބަރު އިރާނިޔާއަށް ދޭން ބޭނުންވިއެވެ.
***
އުނޭޝް ގޭގައި ނޫޅޭތީ ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ތަމަންނީ ބޭރު ޖޯއްޔަށް ނިކުމެލިއެވެ. ސަބްރީން އެގެއަށް އަންނަން ދައުވަތު ދިނުމުންވެސް ތަމަންނީ ދެކޮޅުހެދިއެވެ. ރަށު ތެރެއަށް ނިކުމެ އުޅެން އޭނާ ޖެހިލުންވަނީއެވެ. ޝިރޫ އާއި އަލިފުޅަށް ފެނިދާނެތީ ކަންބޮޑުވަނީއެވެ. އޭނާ ފޯނު ނަގާފައި ސޯއިމާއަށް ގުޅައިލިއެވެ.
"މަންމާ!! އީޝް ހުރީ މިރަށުގަ. ޝާމްގެ މައިންބަފައިން އީޝް ބަލަނީ" ސޯއިމާ ފޯނު ނެގުމާއެކު ތަމަންނީ ބުނެލިއެވެ. އީޝްއާއި ގުޅުވައިގެން ސޯއިމާގެ އަނގައިން ބޭރުވެގެންދިޔަ ހަޑި ބަސްތައް އަހާފައިވެސް ތަމަންނީގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ.
"އަހަރެން ދުވަސްކޮޅަކަށް ގެންދޭ. ބޭނުންވި ދިރިއުޅުމެއް ނުލިބުނު. އުނޭޝްގެ އާއިލާ މިއީ ފޮނިބޮޑު ބައެއް" ތަމަންނީ ބުނެލިއެވެ. ސޯއިމާގެ ވާހަކަތަކުން ތަމަންނީގެ ހިޔާލު ބަދަލުކުރިއެވެ. ދިރިއުޅުން ދޫކޮށްނުލުމަށް އެދުނެވެ. ވީއެންމެ އަވަހަކަށް މާބަނޑު ވުމަށްވެސް ބާރު އެޅިއެވެ. އުނޭޝް އަންނަތަން ފެނުމާއެކު ތަމަންނީ ފޯނު ބާއްވާފައި ހަށިގަނޑު ސީދާކޮށްލިއެވެ. ސައިކަލް ޕާކްކޮށްފައި އުނޭޝް ކައިރީގައި އިށީނުމާއެކު ތަމަންނީ އުނޭޝްގެ ކޮނޑުގައި ބޯއަޅައިލިއެވެ.
"ކަމެއްވެފަތަ ތިއިންނަނީ؟ މިހާރު ހާދަ މަޑުންނޭ ތިހުންނަނީ" އުނޭޝް ބުނެލިއެވެ.
"އުނޭ ބޭނުންވަނީ އަހަރެން މިހެން ހުންނާކަށްނު" ތަމަންނީ ބުނެލިއެވެ.
"ބައެއްފަހަރު ހަރުކަށިކޮށް އެއްޗެހި ބުނެވޭކަން އިނގޭ. އެއީ ހަމަ ތަމަންއަށް ރަނގަޅަކަށް. އަހަރެން ބޭނުންވަނީ އަހަރެންގެ މަންމަ ހިތްހަމަޖެހޭކަހަލަ ދަރިއަކަށް ތަމަން ހަދަން. އޭގެފަހުން އަހަރެމެން މިގޭތެރޭގަ ވަރަށް އުފާވެރިކޮށް އުޅޭނީ" އުނޭޝް ވާހަކަދެއްކިއެވެ. އުނޭޝްއަށް ނުފެންނާނެހެން ތަމަންނީ އަނގައިން ވައްތަރެއް ޖައްސައިލިއެވެ.
"ތަމަން އެއްވެސް ކަމަކަށް ބޭނުމިއްޔާ ބުނައްޗެ އިނގޭ. އަހަރެން ބޭނުންވަނީ ތަމަން ވަރަށް އުފަލުގަ ހުންނަން" އުނޭޝް ބުނެލިއެވެ. ތަމަންގެ އަތްތިލަ އޭނާގެ އަތްތިލައިގެ ތެރެއަށް ލުމަށްފަހު އެމޫނަށް ލޯބިން ބަލައިލިއެވެ.
"ބުނަންވީތަ؟" ތަމަން ބުނެލިއެވެ. އުނޭޝް ބޯޖަހައިލިއެވެ.
"މަންމަ ފަރާތު ކާފަ އަހަރެންގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދީފައިހުރި ދެލައްކައެއްހާ ރުފިޔާ އެބުހުރި. އަދި ހުރީ މަންމަ އަތުގަ. ދެންމެ މަންމަ ގުޅާފަ އެވާހަކަ އެދެއްކީ. އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ ނަމުގަ ކޮސްމެޓިކްސް ފިހާރައެއް ހުޅުވަން. އެކަމަކު ހިތަށް މިއަރަނީ ކޮންތާކުބާއޭ ހުޅުވާނީ. އަހަރެންގެ ދިރިއުޅުން ބިނާވެފައި މިއޮންނަނީ މިހާރު މިރަށަށް. މިގޭގަ އަހަރެން ވިޔަފާރިއެއް ހިންގަން އުނޭގެ މަންމަ......" ތަމަންނީއަށް ޖުމްލަ ފުރިހަމަކުރަން ނުކެރުނެވެ. އުނޭޝްގެ މޫނަށް ބަލައިލާފައި އަނެއްކާވެސް ކޮނޑުގައި ބޯއަޅާލައިފިއެވެ.
"ތަމަން ތިއީ އަހަރެންގެ އަންހެނުންނެއްނު. ތިވަރު ކަމެއް އަހަރެންނަށް ކޮށްދެވިދާނެ. މިގޭ އެއްފަރާތު އެއޮތީ ހުސްބިމެއް. އަހަރެން ތިކަމާ އުޅޭނަން އިނގޭ. އިރާދަކުރެއްވިއްޔާ ތަމަންގެ ތި ހުވަފެން ހަގީގަތަކަށް ހަދައިދޭނަން" އުނޭޝް ބުނެލިއެވެ. ތަމަންނީގެ ދެލޯ ވިދައިގަތެވެ. އެހާ ފަސޭހައިން އުނޭޝް އެއްބަސްވެދާނެކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އުނޭޝް ބުނި ގޮތެއް ހަދައިގެން އުޅެން އޭނާ ނިންމިއެވެ. އެހަބަރު ސަބްރީނަށް ދޭހިތުން އޭނާއަށް އިނދެވެނީއެއް ނޫނެވެ.
ސަލާން ގޮވާލައިފައި އަދްޔަން ބޭރުގައި ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. އެތެރެއިން މީހެއް ހިލަމެއް ނުވެއެވެ. ދޮރު ހުޅުވާފައި ހުއްޓަސް ހުއްދައެއްނެތި ވަންނަން ބޭނުންނުވާތީ އޭނާ ހުރީ ދޮރުމަތީގައި މަޑުކޮށްލައިގެންނެވެ. އިރާނިޔާގެ ނަންބަރަށް ގުޅާލުމާއެކު ފޯނު ނަގައިފިއެވެ. އިރުކޮކުން ފެނުނީ ހިނިތުންވެފައިހުރި އިރާނިޔާ ނިކުމެގެން އަންނަ ތަނެވެ. އަދްޔަން ގޮވައިގެން އެތެރެއަށް ވަދެފައި ގޮނޑީގައި ބޭންދިއެވެ.
"ސާބަހޭ... މިއީ އަހަމަ އަދޫގެވެސް ގެއެއްނޫންތަ. ރުޒާނައްތަމެންނަށް އިނގުނިއްޔާ ވަރަށް ދެރަވާނެ އިނގޭ" ކައިރީގައި އިށީންނަމުން އިރާނިޔާ ބުނެލިއެވެ.
"އަދި ނުއެއްވެއެއްނު. އަދިނުކެރެނީ އެހެން ހަމަ އަންނަގޮތަށް ވަދެގަންނަން" އަދްޔަން ބުނެލިއެވެ. އޭނާ އެކި ދިމާ ހޯދާތަން ފެނުމުން އިރާނިޔާއަށް ހެވިއްޖެއެވެ.
"އަހަރެން ކޮޓަރިއަށް ވަންއިރު އުޅުނު ބަދިގޭގަ. ވަރަށް ކޮފީ ބޯހިތުންނޭ ކިޔާފަ. ދޮންބެދައްތަ ކައިރީގައިވެސް އެހި ކޮފީބޯނަންހޭ. އެކަމަކު އެގަޑީގަ ހޫރު ނިންދަވަން އިނީމަ ނުދެވުނު. ދޭބަލަ ބަދިގެއަށް" އިރާނިޔާ ވާހަކަދެއްކިއެވެ. އަދްޔަންއަށް ހެވުނެވެ. އޭނާ ބުނުމަކާއި ނުލާވެސް އޭނާގެ ހިތުގައިވާ ވާހަކަތައް އިރާނިޔާއަށް އިނގިއްޖެއެވެ.
"އެބައުޅޭތަ ރުޒާއްނައްތަމެން" އަދްޔަން އަހައިލިއެވެ.
"ކޮޓަރީގަ ވީ.ހިއެއްނުވޭ ބޭރަށް ނިކުންނާނެހެނެއް" އިރާނިޔާ ބުނެލިއެވެ. އަދްޔަން ގޮނޑިން ތެދުވުމާއެކު އިރާނިޔާ ގޮވައިލިއެވެ.
"ގެއަށް ދިޔުމުގެ ކުރިން އިނގިލާފައި އިނގޭ ދާނީ..." އިރާނިޔާ ބުނެލިއެވެ.
***
ހުޅުވިގެންދިޔަ ދޮރާއެކު ކުރިމަތީގައި ހުރި އާޝިދް ފެނުމުން ސޮފާގެ މޫނުމައްޗަށް އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އާޝިދްގެ މޫނަށް ނުބަލަން އުޅޭ ކަހަލަ ގޮތަކަށް އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ.
"ސޮފާއްތަ ކިހިނެއްތަ؟" އާޝިދް ބުނެލިއެވެ. ސޮފާ އާޝިދަށް ބަލައިލާފައި ގަދަކަމުން ހިނިތުންވެލިއެވެ.
"އާދޭ އެތެރެއަށް. ކޮން ދަތުރެއް؟ ސޮފާއްތަ ހީކުރީ މިގެއަށް ދުވަހަކުވެސް ނާންނާނެކަމަށް" ސޮފާ ބުނެލިއެވެ. އެތެރެއަށް ވަދެގެން ދަމުން އާޝިދް ގޭތެރޭގެ ހުރިހާ ދިމާލަކަށް ނަޒަރު ހިންގައިލިއެވެ. ޒުކްގެ މަންމަގެ އެއްވެސް ހިލަމެއް ނުވެއެވެ.
"މިގެއަށް ނައިސް ވާކަަށް ނެތެއްނު" އާޝިދް ބުނެލިއެވެ. އުންމީދުން ފުރިގެންވި ބެލުމަކުން ސޮފާ އާޝިދަށް ބަލައިލިއެވެ.
"ވަޙީދު ރަނގަޅުތަ؟ އޮފީހަކުން މިހާރު ނުވެސްފެނޭ. ގުޅީމަ ފޯނުވެސް ނުނަގާ" ސޯފާގައި އިށީންނަމުން ސޮފާ ބުނެލިއެވެ.
"މިދޭތެރެން ބަލިކޮށް އުޅުނީ. މިހާރު ރަނގަޅު. ކޮބާ އައިރީ...؟ އައިރީ އާ ބައްދަލުކޮށްލަން މިއައީ" އާޝިދް ބުނެލިއެވެ.
"އައިރީ ބުނި އާޝިދާ އޮފީހުން ބައްދަލުކުރި ވާހަކަ" ސޮފާ ބުނެލިއެވެ.
"އާނ. ވަރަށް ގިނަ ވަގުތު ތިބިން ވާހަކަދައްކާލަން. އަހަރެން ދަންތަ އައިރީގެ ކޮޓަރިއަށް" އާޝިދް ބުނެލިއެވެ. ސޮފާ ކައިރީގައި އިނުން އާޝިދަށް ފަސޭހައެއް ނުވިއެވެ. ކުރަން އައި ބޭނުން ނިންމާފައި އޭނާ ބޭނުންވަނީ އަވަަހަށް އެގެއިން ނިކުންނާށެވެ.
"އެހެރީ ކޮޓަރި. ސޮފާއްތަ އެއްޗެއް ތައްޔާރުކޮށްލާނަން އިނގޭ. ބޯލައިގެން ދާންވާނީ. މިގެއަށް އައި ފުރަތަމަ ދުވަހެއްނު" ސޮފާ ބުނެލިއެވެ.
އެކިދިމާ ހޯދަމުން ގޮސް ހިނގައިގަތް އާޝިދަށް ބަލަން އިން ސޮފާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އެހާ އަވަހަށް ވަޙީދުއްދީން ދޫ ދީފާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ. ހުރިހާ މީހުންވެސް އޭނާގެ ކުރިމަތީގައި ޖެހޭނީ ހަތިޔާރު ބަހައްޓާށެވެ. ކުރަން ހިތުއެޅި ކަމެއް ކާމިޔާބުކޮށްފައި ނޫނީ ހިންދެމިލަންވެސް އޭނާ ބޭނުމެއްނުވިއެވެ.
"ޔަގީން އައިރިސް އަހަރެން ކައިރީ ހެދީ ދޮގުކަން. ހުރިހާ ހަގީގަތެއް އެސޮރަށް އިނގޭނަމަ ހަމަ ޔަގީން މިގެއަށް ނައިސްކަން. އަހަރެންނަށްވެސް މާއަވަހަށް ރުޅި އާދެވެނީ..." އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔަ ސޮފާ ހީލިއެވެ. ބޮޑު މުދާގަނޑެއް މިލްކުވާން އުޅޭ ކަމުގެ އިހުސާސް ވާންފެށުމާއެކު އޭނާގެ ހިތުގައި އިންތިޒާރުގެ ގިޓާ ކުޅެން ފަށައިފިއެވެ.
***
އަދްޔަން ބަދިގޭ ދޮރަށް އެރިއިރު އަވަން ކައިރީގައި ގުމްރޫހް ކޮޅަށް ހުއްޓެވެ. ކަށިމައްޗާއި ހަމައަށް އަންނަ ވަށްތިރި ހެދުމުގައި ގުމްރޫހްގެ ހިމަ އުނަގަނޑު އިތުރަށް ހިމަ ކަމަށް ދައްކައެވެ. ތިރިން ލާފައި ހުރި ހަރުވާޅު ހުރީ ދެފަޔަށް ހިފާލާފައެވެ. ގަދަ ފެހިކުލައިގެ އެހެދުމާއެކު ގުމްރޫހްގެ ދިގު އިސްތަށިގަނޑު އޮތީ ދޫކޮށް ހުޅިއެއް ޖަހާލާފައެވެ. ދޮން ކަނދުރާ މަތީގައި ބައެއް އިސްތަށިތައް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ބަލަން އަދްޔަން ހުރީ ގެއްލިފައެވެ. އެ އަންހެންކުއްޖާ އެނާއަށް ހާއްސަވި ވަގުތެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. އިނގޭ އެއްޗަކީ ދުވަހަކުވެސް މީހަކު މަތިން ހަނދާންނުވާ މިންވަރަށް ބޭރުގައި ހޭދަކުރި ދުވަސްތަކު އޭނާ ގުމްރޫހް މަތިން ހަނދާންވި ކަމެވެ.
ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް އަދްޔަން ހުއްޓުނީ ގުމްރޫހްގެ ފަހަތުންނެވެ. ދާދި ކައިރިން މީހެއް ހިލަންވިހެން ހީވެގެން ގުމްރޫހްގެ ސަމާލުކަން އެކަމަށް ދިނެވެ. ހިޔަންޏެއް ފެނި އޭނާ ބިރުގަނެއްޖެއެވެ. ކުޑަކޮށް ގުދުވެލާފައި ގުމްރޫހްގެ ކަނދުރާއަށް އަދްޔަން ފުމެލިއެވެ. ފަހަތަށް ބަލައިލުމާއެކު އަދްޔަން ގުމްރޫހްގެ އަނގަ މަތީގައި އަތް އެޅިއެވެ. ދެލޯ ބޮޑުކޮށް އަދްޔަންގެ މޫނަށް ގުމްރޫހްގެ ކަޅި ހުއްޓާލިއެވެ. އެސްފިޔަ ޖަހައިވެސްނުލާ އަދްޔަންގެ ދެލޮލަށް ބަލަމުން ގުމްރޫހް ދިޔައެވެ. އަދިވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލެއްނާދެއެވެ.
"މިއީ ހަންޑިއެއްނޫން. އަހަރެން" އަދްޔަން ބުނެލިއެވެ. ގުމްރޫހް އެސްފިޔަތައް ލަސްލަހުން ތިރިކޮށްލި މަންޒަރު ފެނުމުން އަދްޔަންއަށް ހީވީ ކުރިމަތިން ފިލްމެއްގެ މަންޒަރު ފެނިގެން ދިޔަހެންނެވެ.
"އަތް ނެގިޔަސް އަޑުގަދަ ނުކުރާތި. ގޮމަގެ މަންމަމެން އަތުވެދާނެ" އަދްޔަން ބުނެލިއެވެ. ގުމްރޫހް އަދްޔަންއަށް ބަލައިލާފައި ބޯޖަހައިލިއެވެ. އަދްޔަން މަޑުމަޑުން އަތް ނެގިއެވެ. އިސްޖަހައިލި ގޮތަށް އަދްޔަންއަށް ނުބަލަން ގުމްރޫހް އަނެއްފަރާތަށް އެނބުރުނެވެ.
"ކޯޗެއް އަވަނަށް ލައިގެން ތިހުންނަނީ" މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީންނަމުން އަދްޔަން އެހިއެވެ.
"ހަވީރު ސައިބޯން ރާނީއްތަ އެޅި ސޮސެޖް ޕިއްޒާ. އަދޫ ކޮފީ ބޯނަންތަ؟" ގުމްރޫހް ބުނެލިއެވެ.
"ގޮމަގެ އަތުން ދީފިއްޔާ އަހަރެން ނުބޯނެ އެއްޗެއް ނޯންނާނެ" އަދްޔަން ބުނެލިއެވެ. ފުރަގަހަށް ހުރިއިރުވެސް އެވަގުތު ގުމްރޫހްގެ ތުންފަތްމައްޗަށް ވެރިވާނެ ރަކި ހިނިތުންވުން އަދްޔަންއަށް ފެނުނު ކަހަލައެވެ.
***
ސޮފާ ތައްޔާރުކުރި އެއްޗެހި ކައިނިމިގެން އާޝިދް ތެދުވިއިރު ކައިރީގައި އައިރިސް ހުއްޓެވެ. އަދިވެސް އައިރިސްގެ މޫނުމަތި ވަނީ މާޔޫސް ކަމެވެ. ޒިންކު ކައިރިއަށް އަތް ދޮންނަން އާޝިދް ދިޔަ ވަގުތު ސޮފާ އައިރިސް ކައިރިއަށް ޖެހިލިއެވެ.
"ތިވައްތަރަށް މޫނު ހަދައިގެން ނުހުރެބަލަ. އާޝިދް ކީކޭ ހިތަށް އަރާނީ" ސޮފާ ބުނެލިއެވެ. މަންމަގެ މޫނަށް އައިރިސް ބަލަމުން ދިޔައީ ހިތްހަމަނުޖެހިފައިވާ ބެލުމަކުންނެވެ.
"ސޮފާއްތާ...!! އައިރީ ގޮވައިގެން ބޭރަށް ނިކުމެލަންކަމަށް. ކުޑަކޮށް ބޮލުގަ ރިއްސަނީއޭ ބުނީމަ" ކައިރިއަށް އައިސް ހުއްޓެމުން އާޝިދް ބުނެލިއެވެ. އައިރިސް އާޝިދްގެ މޫނަށް ބަލައިލިއެވެ. އޭނާ ބޮލުގައި ރިއްސާ ވާހަކަ އާޝިދް ކައިރީގައި ބުނެވުނު ހަނދާނެއް ނުވެއެވެ.
"އަވަހަށްދޭ.... " އުފަލުން ހުރެ ސޮފާ ހުއްދަ ދިނެވެ.
އާޝިދް ފަހަތުން ހިނގައިގަނެފައި އައިރިސް އެނބުރި ސޮފާއަށް ބަލައިލިއެވެ. ބޮޑުވައި އިނގިލި މައްޗަށް ހިއްލައިލަމުން ސޮފާ ހީލި މަންޒަރު ފެނުމުން އައިރިސްގެ ހިތް ރޯލިއެވެ. ހިތުގައި ޝަކުވާވެސް އުފެދުނެވެ.
މަގުމައްޗަށް ނިކުމެފައި ދެކޮޅު ބަލައިލުމަށްފަހު އާޝިދް ގޮސް ހުއްޓުނީ ސައިކަލް ކައިރީގައެވެ. ފަހަތުން އައި އައިރިސްއަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"ކޮންތާކަށް މިދަނީ؟ ކީއްވެ އަހަރެން ތިގެންދަނީ؟" އައިރިސް ބުނެލިއެވެ.
"މިގެންދަނީ އެތަނަކަށް ދިޔުމުން އައިރީގެ ހިތާއި ނަފްސަށް ހިތްހަމަޖެހުން ލިބޭ ތަނަކަށް" އާޝިދް ބުނެލިއެވެ. އިތުރު ސުވާލެއް އައިރިސް ނުކުރެއެވެ. އެފަދަ ތަނަކަށް ދާން ހުދު އޭނާވެސް ހުރީ ބޭނުންވެފައެވެ.
"އަދި އެއްވާހަކަ ބުނެލާނަން. ދުވަހަކުވެސް އަހަރެންގެ ސައިކަލް ފަހަތަށް އަންހެންކުއްޖެއް ނާރުވަން އަހަރެންގެ ކޮއްކޮ ނޫނީ. އީރަން ނޫނީ އެހެން ކުއްޖަކު ދުވަހަކުވެސް އަރުވާނަމޭ ހިތުގަ ނެތް. އެކަމަކު... އަހަރެންނަށް އިނގޭ އައިރީ އަކީ ގޯސްކުއްޖެއް ނޫންކަން" އާޝިދް ބުނެލިއެވެ. ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު އައިރިސް ސައިކަލަށް އެރިއެވެ.
***
"މިހާރު ތިރީސް މިނިޓް މިވަނީ ގޮމަ ތިތަނުގަ ހުންނަތާ.. ގެއެއް އަޅަނީތަ...؟" އަދްޔަން ބުނެލިއެވެ. ތެދެކެވެ. ގުމްރޫހް އަދިވެސް ހުރީ ހުރި ތަނުގައެވެ. އަދްޔަން ކުރިމައްޗަށް ދާން އޭނާއަށް ނުކެރެނީއެވެ. އަދްޔަންގެ އެންމެ ބަލައިލުމަކުންވެސް އޭނާއަށް ހީވަނީ ވިރިގެން ތިރިއަށް ފައިބަން އުޅޭހެންނެވެ. އަދި އަމުދުން މިހާރު އޭނާއާއިމެދު ތަފާތު ގޮތެއް އަދްޔަން ބަހައްޓާކަން އޭނާއަށް އިނގުނުފަހުން އެ ލަދުވެތިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ. ދެންމެ އަދްޔަން އޭނާއާއި ކޮށްލި ސަމާސާވެސް އޭނާއަށް ވަރަށް ކަމުދިޔައެވެ.
ކުއްލިއަކަށް ގުމްރޫހް ސިއްސައިގެން ދިޔައީ އޭނާގެ އުގަނޑު ދެފަރާތުގައި މީހަކުހިފައިލިހެން ހީވުމުންނެވެ. އެއީ އަދްޔަންކަން އޭނާއަށް ޔަގީންވީ އެކަހަލަ ސަމާސާއެއް އަދްޔަން ނޫން އެހެން މީހަކު ނުކުރާނެކަން އިނގޭތީއެވެ.
"ގޮމަގެ ތި ސިފަ އަހަރެންނަށް ވަރަށް ކަމުދޭ... ކީއްވެތަ އެހާ ވަރަށް ލަދުގަންނަނީ؟ ކިހިނެއް އަހަރެމެން ދެމީހުން ކައިވެނިކޮށްގެން އުޅެނީ؟ އޭރުން އަހަރެން ޖެހޭނީ އަބަދު އިންތިޒާރުކޮށްކޮށް ހުންނާކަށްނު" އަދްޔަން ބުނެލިއެވެ. ގުމްރޫހް ބަހެއްވެސް ނުކިޔާ ހުރިއިރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. އެހާ ގާތުގައި އަދްޔަން ހުރުމުން އޭނާއަށް ތަފާތު އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ.
"އަހަރެން މިއައީ ގޮމަ ކައިރީގަ ނުލާހިކު ބޮޑު ވާހަކައެއް ބުނަންވެގެން. ގޮމަ ތިހުންނަނީ އަހަރެންނަށް ތިމޫނުވެސް ދައްކާނުލާ" އަދްޔަން ބުނެލިއެވެ.
"އަހަ...އަހަރެން....." ގުމްރޫހަށް ނުބުނެވުނެވެ. ކުއްލިއަކަށް އަދްޔަން ކޮށްލި ހަރަކާތަކާއެކު އެނާއާއި ވީކޮޅަށް ގުމްރޫހް އަނބުރައިލިއެވެ. ނުވިސްނާ ހުއްޓާ އެފަދަ ހަރަކާތެއް އަދްޔަން ގެނައުމުން ގުމްރޫހަށް އަދްޔަންގެ އުނގަނޑުގައި ދެއަތުން ހިފައިލެވުނެވެ. ތިރިކޮށްލާފައިވާ އެސްފިޔަތައް ލަސްލަހުން އުފުލާލައިފައި އޭނާ އަދްޔަންގެ މޫނަށް ބަލައިލިއެވެ. އަދްޔަންގެ ތުންފަތް މައްޗަށް ވެރިވެފައިވަނީވެސް ގުމްރޫހް ރަކިކޮށްލާ ފަދަ ހިނިތުންވުމެކެވެ. އަދްޔަން ގުމްރޫހްގެ މޫނާއި މޫނު ގާތްކޮށްލިއެވެ. އަދި ގުމްރޫހްގެ ކޯތާފަތުގައި ލުއިލުއިކޮށް ބޮސްދިނެވެ. އަދްޔަން އެކުރި ކަމަކުން އަމުދުން އެމޫނަށް ބަލައިލަން ގުމްރޫހަށް ނުކެރުނެވެ. "އަދި ބޭނުންތަ؟ އިނގޭ ބަހެއްނުކިޔާ ތިހުންނަނީ ބޭނުންވީމަކަން" އަދްޔަން ސިއްރު ސިއްރުން ބުނެލިއެވެ. ގުމްރޫހަށް ހެވިއްޖެއެވެ. އޭނާއަށް މޫނުމަތީގައި ދެއަތް އެޅުނެވެ. ތަނަށް ވެރިވެގެން ދިޔައީ އަދްޔަންގެ ހުނުމުގެ އަޑެވެ. އޭނާ ބޭނުންވީ އިތުރަށް ގުމްރޫހް ލަދުގަންނަވާލާށެވެ.
***
އާޝިދް ސައިކަލް މަޑުކޮށްލީ ގެސްޓްހައުސްއެއް ކުރިމައްޗަށެވެ. އައިރިސް އިމާރާތަށް ނަޒަރު ހިންގާލާފައި ދެން ބަލައިލީ އާޝިދްގެ މޫނަށެވެ. ސުވާލު އުފެދިފައިވާ ނަޒަރަކުން ބަލަމުންދާތީ އެންމެފަހުން އާޝިދް ހުއްޓުނެވެ.
"ޑޯންޓް ގެޓް މީ ރޯންގް. ހިނގާ އެތެރެއަށް" އާޝިދް ބުނެލިއެވެ. ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ނުލިބޭތީ އައިރިސްގެ ދެފައި ހަރަކާތް ނުކުރިއެވެ. އެދޮރުން އެތެރެއަށް ފިޔަވަޅެއް އަޅަން ބޭނުންނުވާ ކަހަލައެވެ.
"ހިނގާ. މިތާ އެތެރޭގަ ވަނީ އައިރީގެ އުފާވެރިކަން. ޓްރަސްޓްމީ. އަހަރެންނަކީ ނުލަފާ މީހެއް ނޫން. އެއަށްވުރެ މާބޮޑަށް އަހަރެން އަހަރެންގެ އީރަންދެކެ ލޯބިވޭ" އާޝިދް ބުނެލިއެވެ. އައިރިސްގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ. އާޝިދަށް އިތުބާރުކުރާށޭ އޭނާގެ ހިތް ބުނެލައިފިއެވެ. އާޝިދްގެ ފަހަތުން ހިނގަމުން ގޮސް ފުރަތަމަ ފަންގިފިލާއަށް އަރައިފިއެވެ.
"މިއީ ކޮޓަރިއަކީ. އަހަރެން މިކިޔާ އެއްޗެހި އަޑުއަހައްޗެ. ގެއަށް ދާންވީމަ އަހަރެންނަށް ގުޅާ. އޭރުން އަހަރެން އަންނާނަން އައިރީ ބަލާ" އާޝިދް ބުނެލިއެވެ. އޭނާ އެތަނަށް ދޫކޮށްލާފައި އާޝިދް ދާން އުޅުމުން އައިރިސް ދެލޮލުން ކަންބޮޑުވުން ފާޅުވާން ފެށިއެވެ.
"ޓްރަސްޓް މީ އައިރީ. ޓަކި ޖަހާލާ..." އާޝިދް ބުނެލިއެވެ. ދެވިސްނުމެއްގައި ހުރެފައި އައިރިސް އެދޮރުގައި ޓަކި ޖަހައިލިއެވެ. އާޝިދް ހިނގައިގަތީ ޖައިޝްގެ އަތުތެެއަށް އައިރިސް ވަންފަހުންނެވެ.
***
ހެނދުނުގެ ސައި މޭޒުމައްޗަށް އަރުވަމުން ދިޔައިރު ޙާއިޝާ އާއި އަތް ގާތްކޮށްދެމުން ކަމްލާ ދިޔައެވެ. އެބަދިގޭގައި ވަކިން ހުރި މޭޒަށް ތަމަންނީ އުނޭޝްގެ ސައި އަރުވަމުން ދިޔައެވެ. އުނޭޝްއަށް ޕާނާއި ޖޭމް ހުރިއިރު އެއީ އުނޭޝް ކައި އުޅޭ އެއްޗެއް ނޫންކަން ތަމަންނީއަށް ނޭނގޭއެވެ. އެހެންކަމުން އެ މޭޒުމައްޗަށް ސިކުންތަކު ދެފަހަރު ޙާއިޝާގެ ކަޅި ހުއްޓެމުން ދިޔައެވެ. ތަމަންނީއަށް އެކަން އިނގޭ އިރުވެސް މާބޮޑު ސަމާލުކަމެއް އެކަމަށް ނުދިނެވެ.
ސައިމޭޒު ކައިރިއަށް އާދެވުނީ އުނޭޝްއާއި އަދްޔަންއަށް އެކީގައެވެ. އުނޭޝް ފަދައިން އަދްޔަންވެސް އަތްދިގު ގަމީހަކާއި ނޫ ކުލައިގެ ފަޓްލޫނަކާއެކު ދަށަށް ޖަހައިގެން ހުރުމުން ޙާއިޝާގެ މޫނުމައްޗަށް ޚައިރާންކަމެއް ވެރިވިއެވެ. އަދްޔަންއަށް ބަލަހައްޓައިގެން ހުއްޓާ އަދްޔަން ކައިރިއަށް ޖެހިލާ ޙާއިޝާގެ ދެއަތުގައި ހިފާލައިފިއެވެ. އުނޭޝް އެމަންޒަރު ބަލަމުން ގޮސް މޭޒު ކައިރީގައި އިށީނދެއްޖެއެވެ.
"މާލިކްބެ ގުޅާފައި ބުނެފި ގެސްޓްހައުސް މެނޭޖަރ ކަމާއި އަޅުގަނޑު ހަވާލުވާށޭ. އާޝިދްބެ އައިމަ އެހެންގޮތެއް ހަމަޖައްސާނީއޯ. އަދި އޮފީހަށް ނިކުންނާށޭވެސް ބުނި. މަންމާ! މިހާރު އަޅުގަނޑު ބޭނުންވަނީ ޒިންމާދާރު މީހަކަށްވާން. ވަރަށް އަވަހަށް އަޅުގަނޑުގެ ކައިވެނި ކުރެވޭނެއްނު... އަޅުގަނޑު ބޭނުމެއްނޫން ފިރިއެއްގެ މަގާމުން ފެއިލްވެގެންދާ މީހަކަށްވާން" އަދްޔަން ބުނެލިއެވެ. ދުރުގައި އިން އުނޭޝް އިސްޖަހައިލިއެވެ. އަދްޔަން އެޖުމްލަ އެބުނެލީ އޭނާއަށްގެން ހީވުމުން ހިތުގެ ކަނެއްގައި ރިއްސާލައިފިއެވެ.
"އެކަމަކު... ރުއްދަނޑު..." ޙާއިޝާ އެއްޗެއް ބުނަން އުޅުނެވެ.
"ރުއްދަނޑުވެސް އަޅުގަނޑަށް ބެލެހެއްޓޭނެ. ހިނގާ ސައިބޯން ފަށަމާ... ފުރުތަމަ ދުވަހު ގަޑިއަށްދާން ބޭނުން" އަދްޔަން ބުނެލިއެވެ.
"ކޮބަ ޔަޝްކޮ....؟" ސައިބޯން ފެށުމުގެ ކުރިން އަދްޔަން އެހިއެވެ.
"ފާހާނާއަކަށޭ ކިޔާފަ އެދިޔައީ" ޙާއިޝާ ބުނެލިއެވެ.
ޕާން ހުރުމުން ކާހިތްނުވެފައި އިނަސް ތަމަންނީ ދެރަވެދާނެތީ ކުޑަ އެތިކޮޅެއް ފެންފޮދަކާއި ލައިގެން އުނޭޝް ދިރުވައިލިއެވެ. އެމަންޒަރު ނުބަލަން ހުއްޓަސް ވަގު ލޮލުން ޙާއިޝާއަށް ބެލެމުން ދިޔައެވެ. އޭނާގެ ލަގޮނޑީގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ. މައިމީހާ ވިއްޔާއެވެ.
"ކަމްލާ... ތިތަނުން ދެތިން ރޮއްޓާއި، މައްސުނި ކޮޅަކާއެކު އެތަނަށް ގެންދެބަލަ" އެންމެފަހުން ޙާއިޝާއަށް ބުނެވިއްޖެއެވެ. ނަމަވެސް އޭނާ ބަލައިނުލައެވެ. އުނޭޝްއަށް ޙާއިޝާއަށް ނަޒަރެއް ދެވިއްޖެއެވެ. އެނާ އުފާވެސްވިއެވެ. އެމަންމައާއި އޭނާއާއި ދެމެދު ކިތަންމެ އުސް ފާރެއް ލެވިފައި ވިޔަސް އޭނާގެ ހިތުގެ ހާލު އެމަންމައަށް އިހުސާސް ކުރެވިއްޖެއެވެ.
"އަހަރެންގެ އެއްވެސް ކަމެއް އެ މަންމަ ހަނދާނެއްނުނެތޭ. މަންމައަކީ އެއީ...." ތަމަންނީއަށް އެކަނި އިވޭވަރަށް އުނޭޝް ބުނެލިއެވެ. އޭނާގެ ލޮލުން ކަރުނައެއް ވެއްޓުނުއިރުވެސް ނޭނގުނެވެ.
(ނުނިމޭ)