މާކިންގެ ނަންބަރަށް ޑައިލްކޮށްލަމުން އީވާއަށް ފޯނު ކަންފަތުގައި ޖައްސާލެވުނެވެ. ދެވަނަ ރިންގާއެކު މާކިން ފޯނު ނަގައިފިއެވެ. މާކިންގެ އަޑު ކަންފަތުގައި ޖެހުމުން އީވާގެ ހާސްކަމަށް ލުޔެއް ލިބިގެން ދިޔަ އެވެ. ހަށިފުރާ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. ''މާކް...'' އީވާއަށް ގޮވާލެވުނެވެ. ''އީވް؟، އަހަރެން ހާދަ ވަރަކަށް ގުޅަން މަސައްކަތް ކޮށްފީމޭ، ގުޅާ ކޮންމެ ފަހަރަކު ބުނަނީ ފޯނު ނިއްވާލާފައޭ...'' މާކިންގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ. އޭނަ ގުޅުމުން އީވާ ފޯނަށް ޖަވާބު ނުދިނުން އެއީ ނާދިރު ކަމެކެވެ.
ހަމައެއާއެކު ފަހުން ގުޅަން ބެލިއިރު ފޯނު ނިއްވާލާފައި އޮތުމުން ހިތުގައި ސުވާލު ވެސް އުފެދުނެވެ. ''ޗާޖު ހުސްވެގެން ފޯނު ނިވުނީ... އަހަރެން ދާނަން އިރުކޮޅެއްގެ ތެރޭގައި... ސޮރީ ލަސްވާތީ...'' އީވާ މައާފަށް އެދުނެވެ. ''އިޒް އެވްރީތިންގް އޯކޭ!، އަޑުން ހީވަނީ ރޮއެފަ ހުރިހެން، ކަމެއް ދިމާވީތަ؟...'' އީވާގެ އަޑުން ހިތާމައިގެ އަސަރު ދެނެގަނެވުމުން، ލިބުނު ހައިރާންކަމުގައި މާކިންއަށް ސުވާލުކޮށްލެވުނެވެ.
''ނޫން!... އަޑު ކުޑަކޮށް ސަކަރާތްވެގެން މިއުޅެނީ، މާކް އަހަންނަށް ވަގުތުކޮޅެއްދީ... އަހަރެން ދާނަން އިނގޭ..." މާކިންގެ ހިތްހަމަޖައްސާލަދޭން މިރޭގެ ހާދިސާ ސިއްރުކުރަމުން އީވާ ބުންޏެވެ. ވެދިޔަ ކަންތައް މާކިންގެ ކަންފަތާ ހަމައަށް ދާން އޭނަ ބޭނުމެއް ނުވިއެވެ. އޭރުން މާކިންއާއި ޖާދިންގެ ދެމެދުގައި ބޮޑު ކޯޅުންގަނޑެއް އުފެދިދާނެއެވެ. މަސްރަހު އިތުރަށް ގަޑުބަޑުވެދާނެއެވެ. ފޯނު ކަނޑާލަމުން އިރުކޮޅެއް ވަންދެން ފޯނަށް ބަލަހައްޓައިގެން އީވާއަށް އިނދެވުނެވެ. ރައުހާގެ އަތަށް ފޯނު ދިއްކޮށްލަމުން އީވާ އެދުނީ މިރޭގެ ހާދިސާގެ ވާހަކަތައް އިތުރަށް ނުދެއްކުމަށެވެ. ހަށަންބަނދެގެން ހުރި ރައުހާ ބޯޖަހާލިއެވެ. އީވާ ބުނަން ބޭނުންވަނީ ކީކޭކަން އޭނައަށް ނަގައިގަނެވުނެވެ.
''އެކަމަކު އަބަދަކު ސިއްރުކުރުން ވެސް ރަނގަޅެއް ނުވާނެ، ކަންތައް ބޮއްސުން ނުލަނީސް ޖާދިންގެ ކަންތައް ވެސް މާކިންއާ ހިއްސާކުރާތި، އަހަންނަށް ހިޔެއް ނުވޭ ފަސޭހައިން އޭނަ ދޫދޭނެހެނެއް، ދަމުން ވެސް ފާޑުފާޑުގެ އިންޒާރު ދީފަ އެދިޔައީ... އަހަރެން ދުވަހަކު ވެސް ހިޔެއް ނުކުރަން ޖާދިން އެކަހަލަ ނުލަފާ މީހަކަށް ވެދާނެޔޭ... މީހާއަށް ބަލާފަ އެއްވެސް އެއްޗެއް ދަސްނުވާނެކަން މިއެނގެނީ... ވަރަށް ފޫހިވޭ...'' ތުންއަނބުރާލަމުން ރައުހާ ބުނެލިއެވެ. ވާހަކަދައްކަން ހުރެފައި އޭނަ ކޮޓަރިން ބޭރަށް ނިކުތެވެ. އޭގެ އިރުކޮޅެއް ފަހުން އައީ ފިހިގަނޑެއް ހިފައިގެންނެވެ. އަދި ތަޅައިގެން ދިޔަ ފޯނުގެ ޑިސްޕްލޭގެ ބިއްލޫރިތައް އެޅިފައި އޮތް ޓައިލްސް މަތި ސާފުކުރަން އުޅުނެވެ.
''އަހަރެން މިކަން ކޮށްފާނަން، އީވް އަވަހަށް ދޭ މާކް ކައިރިއަށް، ކޮން އިރެއް އެސޮރު އީވްގެ އިންތިޒާރުގައި ހުންނަތާ... ފޮށީގަ ހުރި ހެދުންތައް ވެސް އަހަރެން އަލަމާރިއަށް ލާނަން، ދެން ދޭ، އެކަމަކު ދިއުމުގެ ކުރިން މޫނު މަތި ރީތިކޮށްލައްޗޭ، ރުއިމުން މަސްކާރާ ތިހިރީ ހަޑިވެފަ...'' އެނދުން ތެދުވުނު އީވާއަށް ބަލައިލަމުން ރައުހާ ވާހަކަދެއްކިއެވެ. ރައުހާއަށް ޝުކުރުވެރިވެލަމުން، ބިންމައްޗަށް އެޅިފައި އޮތް ބިއްލޫރިކޮޅުތަކަށް ސަމާލުވެލުމަށްފަހު، އީވާ ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ. އެއަށްފަހު ކަރުނައިގެ ސަބަބުން ފޭދިފައިވި މަސްކާރާ ރަނގަޅު ކުރަން އުޅުނެވެ. މޭކަޕް ވެސް ރީތިކޮށްލިއެވެ. އޭރު ޖާދިންދެކެ އައިސްފައި ހުރި ރުޅީގެ ސަބަބުން ރައުހާ ކުދިކިޔާއަޑު އިވެއެވެ.
''ފޯނު ވެސް ހަލާކުކޮށްފައޭ އެދިޔައީ... ހުވާ މިބުނީ ދެން ފެނިއްޖެއްޔާ ހޭއަރުވާލާނަން، އެހެން އައިސް އަމުރެއް ނުކުރެވޭނެ...'' ޖާދިންގެ ކުރިމަތީގައި އަޑުލާން ފަސްޖެހުމުން، ހިތުގައިވި ނުރުހުންތެރިކަން ރައުހާއަށް ބޭރުކުރުމުގެ ފުރުސަތު ލިބުނީ އަދި ކިރިޔާއެވެ. ޖާދިންގެ ރުޅިވެރިކަން ފެނި އޭނަ ހުރީ ބިރުން ފިއްކަނޑައިގެން ދާން ކައިރިވެފައެވެ. އީވާ އާއި އޭނައާމެދު ޖާދިން ކަންތައް ކޮށްފާނެގޮތަކާމެދު ހިތުގައި ބިރުވެރިކަން ވިއެވެ.
ރައުހާގެ ވާހަކަތަކަށް އީވާއަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ޖާދިން ދިން އިންޒާރުތަކާމެދު އޭނައަށް ވިސްނެމުން ދިޔަ އެވެ. ޖާދިންއަށް އޭނާގެ ބަލިފަޔަކީ ކޮބައިކަން ވިސްނައިގަނެވުނީތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގަން މަސައްކަތްކުރާނެކަން ޔަޤީން ކުރެވުނެވެ. ޖާދިންގެ އިންޒާރުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ނިޔަތެއްކަން އޭނައަށް ރަނގަޅަށް ފަހުމު ވެއްޖެއެވެ. މާމަގެ ވިސްނުން ކިލަނބުކޮށްގެން ޖާދިންގެ ހިތުގެ އެދުންތައް ފުރިހަމަކޮށްފާނެކަމުގެ ބިރުވެރިކަން އެހިތުގައި ވިއެވެ. މުޅި މީހާއަށް ހާސްކަން ވެރިވަމުން ދިޔައީ އެޚިޔާލުތަކުންނެވެ.
''މާމަ މިދުވަސްކޮޅު ވީ އުމްރާގައި، ރާއްޖެ ދާން ދުވަސްކޮޅެއް ނަގާނެ، އެހެންވުމުން އެއީ އަހަންނަށް ލިބޭ އިތުރު ދުވަސްތަކެއް، ރައު ބުނިހެން އަވަހަށް ރާއްޖެ ގޮސް ބައްޕައަށް އަހަރެންގެ ނިންމުން ބުނެދޭންވީ...'' އީވާއަށް އޭނަގެ ޒަމީރާ މަޝްވަރާ ކުރެވުނެވެ. ޖާދިން ރުޅީގެ މައްޗަށް ބަރޯސާވެ ހަމަލާއެއް ނުދެނީސް ސަމާލުވެލުމަށް އީވާ ބޭނުން ވިއެވެ. އޭނައާއި ދެކޮޅަށް ޖާދިންއަށް ބޭނުން ކުރެވިދާނެ ހަމައެކަނި ހަތިޔާރަކީ މާމަ އެވެ. މާމަ ޖާދިންދެކެ ވާ ލޯތްބާއި ބަހައްޓާ އޯގާތެރިކަމުގެ ނާޖާއިޒް ފައިދާ ނަގާފާނެކަމުގެ ބިރު އެހިތުގައި އޮތެވެ. މާމަގެ ހުންނަ ގޮތްދޫނުކުރާ މިޒާޖަކީ އޭނައަށް ދެން ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެސް ވެދާނެއެވެ. ކުރިމަތިވެދާނެ ހުރިހާ އަދިގުޑަންތަކާ މެދު އީވާއަށް ފިކުރު ހިންގާލެވުނެވެ. ދިމާވެދާނެ ހުރިހާ އިމްތިހާނަކާއި ވެސް ހިތްވަރާއެކުގައި ކުރިމަތިލާން އޭނަ ގަސްދުކުރިއެވެ. މާކިންދެކެ ވާ ލޯތްބަށްޓަކައި ދުނިޔެއާއި ހަނގުރާމަކުރަން ވެސް ތައްޔާރަށް ހުރިކަހަލައެވެ. ނަމަވެސް މާމަ އޭނަދެކެ ނުރުހިދާނެތީ އެކަމުގެ ޖެހިލުންވުން ހިތުގައި ވިއެވެ.
ބައްދަލުކުރަން ބުނި ރެސްޓޯރެންޓަށް ވަން އީވާއަށް ވަށައިގެން ހޯދާ ލެވުނެވެ. މާހައުލުގެ ހަލަބޮލިކަމުގެ ތެރޭން ތަންކޮޅެއް އެކަހެރި މޭޒެއްގައި އިން މާކިން އޭނައަށް ފެނުނެވެ. ހިނިތުންވެލަމުން މާކިންގެ ގާތަށްދިއުމަށް އީވާ އަވަސްވެގަތެވެ. ސިކުނޑީގެ ހާސްކަމާއި ދުރުހެލިވެލަން އޭނަ ބޭނުން ވިއެވެ. ލިބިފައިވި ހާސްކަމުގެ ސަބަބުން މާކިންގެ ހިތުގައި ޝައްކު އުފެދުމުގެ ފުރުސަތު ދެވެން ނެތެވެ. ކުރިއަށް ހިނގައިގަންނަމުން އޭނައާއި މާކިންގެ ނަޒަރު ބައްދަލުވުމުން އީވާ ހަނާއަޅާލިއެވެ. އީވާ އައިސް ކައިރިވެލުމުން މާކިން ގޮނޑިން ތެދުވެލިއެވެ. އަދި އީވާ އިށީންނަން ކުރިމަތީ ހުރި ގޮނޑި ދުރުކޮށްލަ ދިނެވެ. ''ހައު ސްވީޓް!...'' ހިނިތުންވެލަމުން އީވާ ބުންޏެވެ. ''ސަޗް އެ ޖެންޓްލްމެން!...''
''މާޝާﷲ، މިރޭ ވެސް ވަރަށް ރީތި، އެކަމަކު އަދިވެސް ލޮލުން ދުޅަކަން ނުފިލާދޯ، އައިމް ސޮރީ...'' އީވާއަށް ބަލައިލި މާކިން މަޢާފަށް އެދުނެވެ. އީވާގެ ލޮލުން ފެނުނު ރަތްކަމާއި ދުޅަކަމުން އޭނަގެ ހިތުގައި ރިއްސާލިއެވެ. ހާސްފަހަރު މަޢާފަށް އެދެން ބޭނުން ވިއެވެ. އީވާގެ ހިތުގައި ޖެއްސުނީތީއެވެ. ދެން އެފަދަ ކަމެއް ދުވަހަކު ތަކުރާރުނުކުރާނަން ކަމަށް އަމިއްލަ ނަފުސަށް މާކިން ވަޢުދު ވިއެވެ.
''ހެހެހެ، އެތިބަ އަންހެންކުދިން ވަރަށް ދެރަވާނެ އީވް ފެނުނީމަ...'' ގޮނޑީގައި އިށީން އީވާގެ ކަންފަތްދޮށުގައި ސިއްރެއް ބުނާ ފަދައަކުން މާކިން ބުނެލިއެވެ.
''އެއީ؟، އަނެއްކާ ކިހިނެއްވީތަ؟...'' ސިއްރުސިއްރުން މާކިން ލޮލުން އިޝާރާތް ކުރި ދިމާއަށް އީވާ ބަލައިލިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒުގައި ތިބި އަންހެންކުދިން އީވާއަށް ފެނުނެވެ. ވަރުގެ ކޮޅަށް ނަލަހެދިގެން ތިބިއިރު ލައިގެން ތިބި ބާރު ހެދުންތަކުން ހަށިގަނޑުގެ ވަނާތައް ހާމަވެއެވެ. ހެދުންތައް ކުރުވުމުން ހަށިގަނޑުގެ ބޮޑުބައެއް ނިވާނުވެއެވެ. އެގްރޫޕާ ނަޒަރު ވަކިކޮށްލި އީވާ، މާކިންއަށް ބަލައިލީ ނުރުހުންތެރިކަމާއެކުގައެވެ. ''ނަންނަބަރު ދޭން ބުނީ...'' މާކިން ބުނެދިނެވެ. އޭނަ ވެސް ގޮނޑީގައި އިށީނެވެ. ދެޒުވާނުން ވެސް ތިބީ އެކަކު އަނެކަކާ ކުރިމަތިލައިގެންނެވެ. ''ދެން ދިނިންތަ؟...'' ލޯއަޅާލަމުން އީވާ ބުންޏެވެ. ހަސަދަވެރިކަމުގެ ވިދުވަރު އީވާގެ ދެލޮލުން ވިދާލިއެވެ.
''ހެހެހެ... ނުދޭނަމެއްނު!، އަހަރެން އެންމެ ބޭނުންވާ އަންހެންކުއްޖާ ތިއިނީ އަހަރެންގެ ކުރިމަތީގައެއްނު..." ލޮބުވެތި ހިނިތުންވުމެއް އީވާއާއި ބަދަލުކޮށްލަމުން މާކިން ބުންޏެވެ. އެޖުމްލައިން އީވާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ހަސަދައިގެ ލިސާންތައް ފިލައި އުފާވެރިކަން ހިތަށް ވެރިވެއްޖެއެވެ. އެވަގުތު އޯޑަރު ނަގަން ވެއިޓަރަކު އައެވެ. އީވާ ބޭނުންވާ އެއްޗެއް ސާފުކޮށްލަން މާކިން ސުވާލުކުރިއެވެ. ވެއިޓަރު ދިއްކޮށްލި މެނޫއަށް ނަޒަރު ހިންގާލަމުން ކަމުދާ އެއްޗެއް ފެނޭތޯ އީވާ ބެލިއެވެ. ގަނޑުތައް އުކަމުން ދިޔަ އިރު ވެސް އިރުއިރުކޮޅާ މާކިންއަށް އީވާ ސިއްރު ނަޒަރެއް ދެއެވެ. ދެޒުވާނުން ވެސް ބޭނުންވާ އެއްޗިސް ވެއިޓަރު ގާތު ބުނެދިނެވެ. ދިއުމުގެ ކުރިން ވެއިޓަރު އޯޑަރު ތަކުރާރުކޮށްލިއެވެ.
''އަހަންނަށް ފެންނަނީ ކުރިން ހެން މާކް ތުނބުޅި ދިގުކުރަން، މިހާރު މާގިނައިން އަންހެންކުދިން މާކްއަށް ބަލާ..." އޯޑަރު ނަގަމުން ބަދިގެއާ ދިމާއަށް ވެއިޓަރު މިސްރާބު ޖެހުމާއެކު އީވާ ވާހަކަދެއްކިއެވެ. މާކިން ގާތަށް ހިނި އައެވެ.
''އެންމެ ރަނގަޅު، އީވްއަށް ކަމުދަނީ އެގޮތް ކަމަކަށް ވާނަމަ އަހަންނަށް މައްސަލައެއް ނެތް...'' ހިނިތުންވުމަކާއެކު މާކިން ބުނެލިއެވެ. އެދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ނަޒަރުތައް ބަދަލުކުރެވުނެވެ. ލުއި ހިނިތުންވުންތަކެއް ވެސް މެއެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުން ނުވާ ސާފު ލޯބި ހާމަކޮށްދެމުން ދިޔަ އެވެ.
''ފަހުން އޭނައާއި ވާހަކަ ދެކެވުނުތަ؟...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު މާކިން އަހާލިއެވެ. ޖާދިން އެހުރި ފަތްތަރުގައި އެއްޒަމާނެއްގައި އޭނައަށް ވެސް ހުރެވުނެވެ. ހާލަތު ތަފާތު ކަމުގައި ވިޔަސް މެއެވެ. ލޯބި ކާމިޔާބުނުވުމުން ހިތަށް ލިބޭނެ ރިހުން އޭނައަށް އިހުސާސްކުރެވުނެވެ. ނަމަވެސް އީވާއާއި މެދުގައި ޖާދިން އަމަލުތައް ބެހެއްޓި ގޮތުންނާއި ހަޤީޤަތް އިންކާރުކުރުމުން އެހިތުގައި ޖާދިންއާއި މެދު ފޫހިކަން އުފެދުނެވެ. ހިސާބަކަށް ރުޅި ވެސް އާދެވުނެވެ.
''ހޫމްމްމް... ވާހަކަދެކެވުނު، އަހަރެންގެ ނިންމުން ވެސް ހާމަކޮށްފިން...'' ތަފުސީލުތައް ދިނުމެއް ނެތި އީވާ ދިނީ ކުރު ޖަވާބެކެވެ. އީވާގެ ރާގުން އެމައުޟޫޢަށް އިތުރަށް ވާހަކަދައްކަން ބޭނުން ނުވާކަން މާކިންއަށް ނަގައިގަނެވުނެވެ. އެއާއެކު ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. ''ޗުއްޓީގެ ކަންތައްތައް ރާވައިފިންތަ؟...'' މާކިން ޝައުޤުވެރިކަން ފާޅުކޮށްލިއެވެ. ''ވީހާވެސް އަވަހަކަށް ރާއްޖެ ދާން ބޭނުމީ... ބައްޕަމެންނަށް ވެސް މިވާހަކަތައް ކިޔައިދެވޭނީ އޭރުންތާ...'' އީވާ ބުނެދިނެވެ.
''އީވްއަށް ހީވޭތަ އެންމެން އަހަރެންދެކެ ގަޔާވާނެހެން؟...'' މާކިންއަށް އަހާލެވުނެވެ. އެސުވާލު އޭނަގެ ހިތުގައި ވިކަމުން ދިޔަ އެވެ. ޖާދިންއާއި އޭނައާ ދެމެދުގައި އުޑާއި ބިމުގެ ތަފާތު އެބަހުއްޓެވެ. ބޭނުން ނުވިޔަސް އެފަރަގުތަކާ މެދު ވިސްނެއެވެ. އޭނަ އައިސްފައިވަނީ ނިކަމެތި އާއިލާ އަކުންނެވެ. ރާއްޖެތެރޭ ރަށަކުންނެވެ. އޭނަގެ މަންމަ އެދަނީ ކެންސަރު ބައްޔާއި ހަނގުރާމަކުރަމުންނެވެ. މަންމަގެ ބޭސްފަރުވާއަށް ވެސް އެތަކެއް ޚަރަދެއް ކުރަން ޖެހެއެވެ. ހުޅުމާލޭގައި ތިބޭ އެޕާޓްމެންޓަށް ވެސް ކުލިދައްކަން ޖެހެއެވެ. ޑޮކްޓަރަކަށް ވިޔަސް އެހުރިހާ ޚަރުދުތަކެއްގެ ސަބަބުން ދެކޮޅު ޖެހެނީ ކިރިޔާ އެވެ. ބުރަކޮށް އޭނަ މަސައްކަތްކުރަނީ ވެސް އެސަބަބުތަކާ ހެދިއެވެ. އިތުރަށް ފައިސާ ހޯދަންށެވެ. މުއްސަނދި ދިރިއުޅުމަކަށް އެދޭތީއެއް ނޫނެވެ.
''އަހަރެން ކުރިން ވެސް ބުނީމެއްނު އެކަމާ ކަންބޮޑުނުވާށޭ، ބައްޕަ ވަރަށް ރަނގަޅު ވާނެ، މަންމަ ވެސް...'' މޭޒުމަތީ އޮތް މާކިންގެ އަތްތިލައިގައި ހިފާލަމުން އީވާ ބުންޏެވެ. މާކިން ވެސް ހިނިތުންވެލަން މަސައްކަތްކުރިއެވެ. ހިތަށް ގޯނާކުރަމުން ދިޔަ ޚިޔާލުތަކާއި ދުރުވެލަން ބޭނުން ވިއެވެ. އޭގެ ސަބަބުން އޭނައާއި އީވާގެ ގުޅުމަށް ހީނަރުކަމެއް އަންނަން ބޭނުން ނުވާތީއެވެ. އޭނަ ދެކެ ވާ ލޯތްބަށްޓަކައި އީވާ އެހެންނަނީ މުޅި ދުނިޔެއާއި ވެސް ކުރިމަތިލާން ތައްޔާރަށެވެ.
''މާކް ބުނީމެއްނު ދެން އަހަރެންގެ އަތުން ދޫކޮށް ނުލާނަމޭ، އެއީ އަހަންނަށް ވި ވަޢުދެއްކަމުގައި މި ބަލަނީ، ކޮންމެ ފަދަ ހާލަތަކާ ކުރިމަތިލާން ޖެހުނަސް އަހަރެން ދޫކޮށްފައި ނުދައްޗޭ... އަހަރުމެން ދެމެދުގައި އޮތް ލޯތްބަށް އަބަދު އިތުބާރުކުރާތި...'' ޖަޒުބާތުގެ އޮއެވަރުގެ ތެރޭގައި ބެހިގެން ދިޔަ އީވާ އަށް ބުނެވުނެވެ.
''އެވަޢުދު އަހަރެން ފުއްދާނަން، މިއަތުން ދޫކޮށެއް ނުލާނަން!...'' އީވާގެ އަތްތިލައަށް ފިތާލަމުން މާކިން ޔަޤީންކަންދިނެވެ. އެޔަޤީންކަމުން އީވާގެ ހިތަށް ރާހަތެއް ގެނެސްދިނެވެ. ''އެހެންވީމާ އީވްއާއެކު ރާއްޖެ ދާން ޓިކެޓް ނަގަންވީ ދޯ؟...'' މާކިން ހިނިތުންވެލިއެވެ. ''އާނ... އެކީ ދިޔައީމަ ރަނގަޅުވާނީ... ބައްޕަ ބޭނުންވާނެ މާކްއާ ބައްދަލުކުރަން!...'' އުއްމީދާއެކުއި އީވާ ބުނެލިއެވެ. ''އަހަރެން ވެސް ބޭނުން މަންމައަށް އީވް ތަޢާރަފްކޮށްދޭނަން... މަންމަ ވަރަށް އުފާވާނެ އީވްއާ ބައްދަލުވުމުން...'' މާކިން ވެސް އޭނަގެ ހިތުގެ އުއްމީދުތައް ހިއްސާކުރިއެވެ. ދެލޯބިވެރިން މުސްތަޤުބަލާ މެދު ފޮނި އުއްމީދުތައް ދެކެމުން ދިޔަ އެވެ. ހުވަފެންތައް ވެސް މެއެވެ. ވާހަކައިގެ ތެރޭން ހުވަފެނުގެ ގަނޑުވަރު ބިނާ ކުރެވުނެވެ. ވަޢުދާއި އަހުދުތައް ވެވުނެވެ. ލޯބީގެ ބާރުން އަހުދުތަކުގައި ސިއްކަ ވެސް ޖެހިގެން ދިޔަ އެވެ.
ރެސްޓޯރެންޓުން ނުކުމެވުނުއިރު ހިމަފޮދު ވާރޭ ވެހެމުން ދިޔަ އެވެ. އަސްކަނިދޮށުގައި މަޑުކޮށްލަމުން ވާރޭގެ ތެރެއަށް އީވާއަށް އަތްދިއްކޮށްލެވުނެވެ. އެއަށް ފަހު މާކިންއަށް ބަލައިލިއެވެ.
''ހާދަ ރީތިކޮށޭ މިރޭ އުޑުމަތި އޮތީ، ކުއްލިޔަކަށް މޫސުން މިބަދަލުވީ ވެސް، ކުޑައެއް ވެސް ނުލާ މިއާދެވުނީ...'' އަތުގައި ހުރި ފެންތައް ފޮޅާލަމުން އީވާ ބުނެލިއެވެ.
''ހީވަނީ އިރުކޮޅަކުން ބޯކުރާނެހެން...'' ގަދެވެގެން ދިޔަ ވަޔާއެކު ހީވީ ގަސްތައް ވެސް މުލުން ލުއްސާލަފާނެހެންނެވެ. ބާރުބާރަށް ގުގުރައިގަތުމާއެކު އީވާއަށް މާކިންގެ ގައިގައި ބައްދާލެވުނެވެ. ކުއްލިޔަކަށް ގުގުރައިގަތުމުން އޭނަ ދިޔައީ ވެސް ސިއްސައިގެންނެވެ. ގަޑިއެއްހާ އިރު ފާއިތުވެގެން ދިޔަ އިރުގައި ވެސް ވެހެމުން ދިޔަ ވާރެއަށް ބަދަލެއް ނާދެއެވެ. އެންމެފަހުން އީވާ ގަސްދުކުރީ ތެމިގެން ވެސް ދާށެވެ. އެޚިޔާލު މާކިންއަށް ކަމަކު ނުދިޔައެވެ. ''ދެން ހިނގާބަލަ، ރޮމޭންޓިކް ވާނެޔޭ...'' ވާރޭގެ ތެރެއަށް ނިކުންނަމުން މާކިންގެ އަތުގައި ހިފައި އީވާ ދަމާލިއެވެ. ''ރޯގާ ޖެހިދާނެޔޭ، އެހެންނޫނަސް އީވްއަކީ ފިންޏަށް ނުލާހިކު ބަލިކަށި މީހެއް...'' މާކިން ދެކޮޅު ހެދިއެވެ.
''އެންމެ ރެޔަކަށް ރަނގަޅުވާނެޔޭ، މާކް ހުންނަންޏާ އަހަންނަށް ފިންޏެއް ނުވާނެ، ދެން ބޮޑާނުހާކަބަލަ، މަޖާ ވާނެޔޭ... ޕްލީޒް...'' އީވާ އާދޭސްކުރިއެވެ.
އެންމެފަހުން އީވާގެ ފަހަތުން މާކިން ވެސް ވާރޭގެ ތެރެއަށް ނިކުތެވެ. ވާރެޔޭ ތެމެމުން ދެލޯބިވެރިން ވެސް މަންޒިލަށް ދިއުމަށް މިސްރާބު ޖެހިއެވެ. އެދެމެދުގައި ތަފާތު ސަމާސާތައް ވެސް ކުރެވެމުން ދިޔަ އެވެ. މާކިންގެ އަތު ނުޖެހޭންވެގެން ހަޅޭއްލަވަމުން އީވާ ކުރިއަށް ދުވަމުން ދިޔަ އެވެ. މާކިން ވެސް ހެމުން އީވާގެ ފަހަތުން ދިޔަ އެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. މާކިންއާއެކު ހޭދަކުރެވެމުން ދިޔަ އުފާވެރި ވަގުތުކޮޅުން އީވާގެ ހިތަށް ފިނިކަމެއް ގެނެސްދީފައި ވިއެވެ. ފިކުރުތަކާ ދުރުކޮށްދިނެވެ. ލޯބީގެ ރާހަތު ހިތަށް ގެނެސްދެމުންނެވެ.
މާކިން ދުވެފައި އައިސް އީވާގެ މެދުހަށީގައި ހިފާ އުފުއްލާލުމާއެކު އީވާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އީވާގެ ހުނުމުގެ އަޑު ވެސް ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އެއުފާވެރި ވަގުތުކޮޅުގެ ތެރެއަށް ހިތާއި ނަފުސު ދޫކޮށްލެވުނެވެ. ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަތުގެ އިނގިލިތައް މަހާލައިގެން ކުރިއަށް ހިނގަން ފެށިއިރު ވާރޭ ތުނިކޮށްލައިފިއެވެ. މާކިންއާއި ގާތަށް ޖެހިލަމުން މާކިންގެ މުލައްދަނޑީގައި އީވާއަށް ބޯޖައްސާލެވުނެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ''އައި ލަވް ޔޫ...'' މާކިންއާ ނަޒަރު ބައްދަލުކުރަމުން އީވާ ބުނެލިއެވެ. މާކިން ވެސް ހިނިތުންވުމަކާއެކު ލޯބިވާކަން ހާމަކުރިއެވެ.
(ނުނިމޭ)