ރޭގަނޑުގެ ވަގުތެވެ. މާކިންއާއި ބައްދަލުކުރަން ދާން ތައްޔާރުވަމުން ދިޔަ އީވާއަށް ރީތިވާމޭޒުގެ ލޯގަނޑުން އޭނަގެ ސޫރައަށް ބަލައިލެވުނެވެ. އޭނައަށް އޭރު ވިސްނެމުން ދިޔައީ މިއަދުގެ ހާދިސާއާއި މެދުގައެވެ. ޖާދިންގެ އަމަލުތައް އެދެރަޖައަށް ދިއުމުން ޤަބޫލުކުރަން ދަތިވެފައިވާ މިންވަރު އެމޫނަށް ވެރިވެފައިވި ކުލަވަރުތަކުން ރަމްޒުކޮށްދެއެވެ. އެފަދަ ރަހުމުކުޑަ، އަދި އަމިއްލަ އެދުން ބޮޑު މީހަކަށް ޖާދިންވީ ކޮން އިރަކު ބާވައޭ ވެސް އީވާގެ ހިތަށް އެރިއެވެ. އެބަދަލުތަކަކީ އެހިތަށް ލިބުނު އަނިޔާއާއި ގިލަންވެރިކަމުގެ ސަބަބުން އައި ބަދަލުތަކެއް ހެއްޔެވެ؟ ލިބުނު ހިތާމަތައް ބަރުދާސްތުކުތަން ޖާދިން ޚިޔާރުކުރި ގޮތަކީ އެއީ ހެއްޔެވެ؟
އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެހާދިސާ ސިއްރުކުރަން އޭނަ ވަނީ ގަސްދުކޮށްފައެވެ. މަސްރަހު އިތުރަށް ގޯސްވެގެން ހިނގައިދާނެތީއެވެ. ޖާދިންއަށް އޭނަ ކުރި އިތުބާރުގެ ބިންގަލަށް ވަނީ ލޮޅުން އަރައިގެން ގޮސްފައެވެ. ދެން ޖާދިންއާއި އެކަހެރިތަނެއްގައި ބައްދަލުކުރަން އޭނަ ޖެހިލުންވާނެއެވެ. ބިރުގަންނާނެއެވެ. އެހާދިސާގެ ހާސްކަން އަބަދުމެ ހިތުގައި ވާނެއެވެ.
''ކީއްވެތަ ޖާދިން އަހަންނާ މެދު އެފަދައިން ކަންތައް ކުރީ؟...'' އީވާއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ''އަހަރެން ދެރަވި ޖާދިންގެ ހިތުގައި ޖެއްސުނީތީ، އެކަމަކު ތިކުރި ކަމަކުން ޖާދިން މަތިން އަހަރެން މުޅިން ފޫހި ވެއްޖެ، ރުޅި އަތުވެއްޖެ، ދެން އެކުވެރިކަމުގެ ގުޅުން ވެސް ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން، ދެނެއް ޖާދިންއަށް އަހަރެން އިތުބާރެއް ނުކުރާނަން، ޖާދިންގެ އަސްލު ސިފައަކީ އެއީތަ؟... އޯގާތެރި މީހެއްގެ ނިވަލުގައި ހުރީ ރަހުމުކުޑަ ހިތެއްގެ ވެރިއެއްތަ؟... އެދަރަޖައަށް ނަފުސު ވެއްޓުމުގެ ފުރުސަތު ދިނީ ކީއްވެގެންތަ؟... ޖާދިން ކަންތައްކޮށްފާނެ ގޮތަކާ މެދު އަހަރެންގެ ހިތް ބިރުގަނޭ، އަދިވެސް ހަޤީޤަތް ޤަބޫލުކުރަން ޖާދިން ބޭނުމެއް ނުވޭ، ހުރިހާކަމެއްގައި ކުށްވެރި ކުރަމުން އެދަނީ މާކިން...'' އީވާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ތަފާތު އެކިއެކި ޚިޔާލުތަކުން އެހިތަށް ގޯނާކުރަމުން ދިޔަ އެވެ. ފާއިތުވެދާ ކޮންމެ މިނެޓަކާއެކު ހިތުގެ ހަމަޖެހުން ވެސް ގެއްލެން ފަށައިފިއެވެ. ބޮޑު ތޫފާނެއް އަންނަން އުޅޭ ކަމުގެ އިންޒާރުގެ ރަނގަބީލުތައް ކަންފަތަށް އަޑު އިވޭ ކަހަލައެވެ. ޖާދިންގެ ވާހަކަދެއްކުމުގެ މޭރުމުން އީވާ ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
''މިކަންތައް ދެން ކޮޅެއްގަ ޖެއްސޭނީ ބައްޕައަށް ކިޔައިދީގެން... މާމަ!... މާމަ ވަރަށް ރުޅިގަދަ ވާނެ...'' ރީތިވާމޭޒުގައި އުޅަނބޮށި އަޅުވާލަމުން އީވާއަށް ބުނެވުނެވެ. އަދި ބޯއަރިކޮށްލަމުން އަތްތިލައިގައި ކޯތާފަތް ޖައްސާލެވުނެވެ.
''މާމައަށް ވިސްނައިދޭނީ ވެސް ކިހިނެއްތަ؟...'' އީވާއަށް ވިސްނާލެވުނެވެ. މާމަގެ ހަރުކަށިކަން ތަސައްވަރު ކުރެވުނެވެ. މިހާރުއް ސުރެން މާމާގެ ރުޅިވެރިކަން އޭނަގެ ލޯކުރިމަތިން ފެންނަ ކަހަލައެވެ. މަންމައާ ދިމާއަށް އަޑުލާނެ މިންވަރު ވެސް ވިސްނެމުން ދިޔަ އެވެ.
''އަހަރެން ބޭނުމެއް ނޫން މާމަގެ ހިތުގައި ޖައްސާކަށް، އެކަމަކު އަހަންނަށް ޖާދިންއާއި ކައިވެނި ކުރެވޭކަށް ނެތް، ޖާދިންގެ ފަރާތުން ފެނުނު ސިފަތަކަށް ފަހު އަމުދުން ޖާދިން ފެންނާކަށް ވެސް ބޭނުމެއް ނޫން!...'' އީވާއަށް ހިމޭންކަމުގެ ދުލުން ބުނެވުނެވެ. ފިކުރުބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އޭނަގެ ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ.
''މާކްއަކީ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން އެދޭ ހުރިހާ ސިފަތަކެއްގެ ވެރިޔެއް... މާމަގެ ރުޅިގަނޑު ފިނިވެގެން ދިއުމުން މާމަ ވެސް ޤަބޫލުވާނެ...'' ހިތަށް ވެރިވަމުން އައި ތަފާތު ވަހުމުތަކާ ދުރުވެލަން ވެގެން އީވާ ބުންޏެވެ. އޭނަގެ ހިތަށް ވިސްނައިދެމުންނެވެ. އެތައް އިރެއް ވަންދެން ވެސް ޚިޔާލުތަކުގެ ތެރޭގައި ބަނދެވިފައި އިނދެވިދާނެތީ ކޮޓަރިން ނިކުންނަން އީވާ ތެދުވެލިއެވެ. އެއަށްފަހު އޭނަގެ ފޯނު ހިފައިގެން ކޮޓަރީގެ ދޮރާއި ދިމާއަށް މިސްރާބު ޖެހިއެވެ.
''ކޮބާ ކިހިނެއްތަ ދިޔައީ؟، ބިޒީ ކަމުން އީވްއަށް ގުޅާލަން ވެސް ހަނދާނެއް ނެތޭ...'' އީވާ ކޮޓަރިން ނިކުތް ގަޑިއަކީ، ރައުހާ ވެސް ގެއަށް އައިސް ވަން ގަޑިއެވެ. ޑިއުޓީއަށް ފަހު އޭނައަށް ގެއަށް އާދެވޭ ވަރުވީ އަދި ކިރިޔާއެވެ. އެމޫނުމަތިން ވަރުބަލިކަން ފެނެއެވެ. ހަށިފުރާ ނޭވާއެއް ވެސް ދޫކޮށްލިއެވެ.
''ޖާދިން...'' އީވާއަށް ބުނެވުނެވެ. ރައުހާ ގާތުގައި ވެސް މިއަދުގެ ހާދިސާ ހިއްސާކުރަން އީވާ ފަސްޖެހުނެވެ. ނުކުމެދާނެ ނަތީޖާއެއްގެ ސަބަބުންނެވެ. އޭނައަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި ރައުހާގެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތަކާ މެދު ވިސްނާލެވުނެވެ.
''ކީކޭތަ ޖާދިން ބުނީ؟... އަދިވެސް ރުޅިއައިސްފަތަ ހުރީ؟...'' އަރައިގެން ހުރި ބޫޓު ފަޔާއި ވަކިކޮށްލަމުން ރައުހާ ވާހަކަދެއްކިއެވެ. ބޫޓު ކިބަތައް ފައިވާން ހަރުގަނޑުގައި ބަހައްޓަމުން އީވާއަށް އޭނަ ބަލައިލިއެވެ. އެމޫނުމަތިން ނުތަނަވަސްކަން ފެނުނުހެން ހީވެ ސަމާލުވެލެވުނެވެ.
''ވަރަށް ރުޅި އައިސްފަ ހުރީ... އެކަމަކު އަހަރެންގެ ނިންމުން ބުނެދިނިން...'' މާބޮޑު ތަފުސީލެއް ދިނުމެއް ނެތި އީވާ ބުނެދިނެވެ.
''އެހެންތަ؟... ހާދަ މޫޑީވެފަ ހުރިހެން ވެސް ހީވެޔޭ، ރުޅީގައި ޖާދިން އެއްޗެކޭ ބުނީތަ؟، ޒުވާބު ކުރީތަ؟...'' ރައުހާއަށް ބުމައަރުވާލެވުނެވެ.
''ނޫން!... ޖާދިން ދެރަވެފައި ހުރީމަ އެކަމާ މެދު ވިސްނެނީ!...'' ރައުހާގެ ސުވާލުން ލިބުނު ހާސްކަން ފޮރުވަމުން، އީވާ ދެފަރާތަށް ބޯހޫރާލިއެވެ.
''ވެލް ދެޓް ވޯޒް އިންއެވިޓަބްލް، އެކަމަކު އެނޫން ގޮތެއް ވެސް ނެތްތާ، ދެން ޖާދިންއަށް ވަގުތު ދޭން ވީ، ވަގުތާއެކު ހުރިހާކަމެއް ވެސް ރަނގަޅުވެގެންދާނެ...'' ރައުހާ ބުންޏެވެ. އީވާ އެވާހަކައާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.
''ކޮންތާކަށް ދާންތަ ތިހާ ފަރިވެގެން ތިދަނީ؟...'' ބޭރަށް ދާން ރީތިވެލައިގެން ހުރި އީވާއަށް ސަމާލުވެލަމުން ރައުހާ ސުވާލުކުރިއެވެ. އޭނަ ބޭނުންވީ ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. އެވާހަކަތަކުން އީވާއަށް އިތުރު ނުތަނަވަސްކަމެއް ލިބިދާނެތީއެވެ. ''ހާދަ ވަރަކަށް މޭކަޕް ވެސް ކޮށްލައިގެން ތިދަނީ... މާކިން ގާތަށްތަ؟...''
''ވަރަށް ބޮޑަށް އަޅައިގަނޭތަ؟، ޔޫޓިއުބުން ފާޑެއްގެ ވީޑިއޯއެއް ބަލައިގެން މޭކަޕްކޮށްލީ...'' ކޯތާފަތުގައި އަތްތިލަ ޖައްސާލަމުން އީވާއަށް ދެލޯބޮޑުކޮށްލެވުނެވެ. އީވާއަށް ބަލަން ހުރި ރައުހާ ގާތަށް ހިނިއައެވެ.
''ފާހަގައެއް ނުވޭ، އެކަމަކު އީވް ތިހާ ވަރަށް މޭކަޕް ނުކުރާތީ ހައިރާންވީ... އައިމް ހެޕީ ފޯ ޔޫ... މާކްއާއި އީވްގެ ގުޅުން ވަރަށް ސްޕެޝަލް، ތިދެމެދުގައި އޮތް ލޯތްބާ މެދު އަހަރެން ވެސް ހަސަދަވެރިވާ ހިސާބަށް ގޮސްފި، އަހަންނަށް ހިޔެއް ނުވޭ ރެއިންއަށް އަހަރެން ދެކެ ތި ދަރަޖައަށް ލޯބިވެވިދާނެ ހެނެއް...'' ރައުހާ ސަމާސާ ރާގަކަށް ބުންޏެވެ. އީވާ ގާތަށް ވެސް ހިނިއައެވެ. ހުނުމުގެ ތެރޭގައި ދެއެކުވެރިން ތިއްބާ ކުއްލިޔަކަށް އިވިގެން ދިޔައީ ދޮރުގެ ބެލް ޖެހި އަޑެވެ. ހައިރާންކަމާއެކު ދެއެކުވެރިންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެގަޑީގައި އައީ ކާކުބާއޭ ހިތުގައި ސުވާލު އުފެދުނެވެ. ރައުހާ ގޮސް ފާރުގައި ހަރުކުރެވިފައިވި ސެކިއުރިޓީ މޮނީޓާރ ކައިރިއަށް ހުއްޓުނެވެ. އަދި އޭގެ ބަޓަންތަކަށް ފިތާލިއެވެ.
''ޖާދިން؟...'' މޮނީޓަރަށް ބަލައިލަމުން ރައުހާ ބުނެވުނީ ހައިރާންކަމާއެކީގައެވެ. އޭނަ ފަސްއެނބުރިލަމުން އީވާއަށް ބަލައިލިއެވެ. ''ޖާދިން ގާތު އަންނާށޭ ބުނިންތަ؟...''
''ނޫން!...'' ރައުހާގެ ގާތަށް ހުއްޓެމުން އީވާ ޖަވާބުދިނެވެ. މޮނީޓަރުން ޖާދިންގެ މޫނު ފެނުމުން ވެސް ހިސާބެއްގެ ފޫހިކަމެއް އީވާގެ ހިތަށް ވެރިވިއެވެ.
''ހީވަނީ އީވްއާ ބައްދަލުކުރަންހެން އެއައީ!، ދޮރު ހުޅުވަން ވީތަ؟...'' ހުއްދައަކަށް އެދި ރައުހާ ބަލައިލީ އީވާ އަށެވެ. ޖާދިންއަށް އެތެރެއަށް ވަނުމުގެ ހުއްދަ ދެވެން އޮތީ ހަމައެކަނި އީވާ އަށެވެ. އޭރު އީވާ ގާތު ދޮރުހުޅުވުމަށް ޖާދިން ބުނާ އަޑު ސްޕީކަރުން އިވެއެވެ. އެއަޑުގައި ވަނީ އާދޭހެވެ.
އީވާއަށް ވިސްނާލެވުނެވެ. ޖާދިންއާއި ކުރިމަތިލާން އޭނަގެ ހިތުގައި ޖެހިލުންވުން ވިއެވެ. ގާތުގައި ރައުހާ ހުރުމުން އޭނަގެ މައްޗަށް ޖާދިންއަށް އަނިޔާވެރި ނުވެވޭނެއޭ އީވާގެ ހިތަށް އެރިއެވެ. ހަމައެއާއެކު އޭނަ ދެއްކި ވާހަކަތަކަށް ފަހުގައި ވެސް، އޭނައާއި ބައްދަލުކުރަން ޖާދިން އައުމުން ހިތުގައި ސުވާލު އުފެދުނެވެ.
''އީވް، ޕްލީޒް... ދޮރޮހުޅުވަބަލަ...'' ކެތްތެރިކަން ކުޑަވެފައިވާ އަޑަކުން ޖާދިން ބުނި އަޑު އިވުނެވެ. ތުންފަތުގައި ދަތް އަޅައިގެން ހުރެފައި އީވާ ބަލައިލީ ރައުހާ އަށެވެ. ރައުހާ ހުރީ އީވާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
ފުން ނޭވާއެއް ދޫކޮށްލަމުން އެތެރެއަށް ވަނުމުގެ ހުއްދަ ޖާދިންއަށް އީވާ ދިނެވެ. އޭގެ އިރުކޮޅެއް ފަހުން ފެނުނީ އެޕާޓްމެންޓްގެ ދޮރު ހުޅުވާލާފައި ޖާދިން އެތެރެއަށް ވަންތަނެވެ. ދޮރުހުޅުވާލުމަށް ފަހު ފުރަތަމަ ވެސް ޖާދިންގެ ނަޒަރު ދަތުރުކުރީ އީވާގެ މޫނަށެވެ.
''ކީއްވެ އެހާ ލަހުން ދޮރު ހުޅުވީ؟... އީވްއާއި ވާހަކަދައްކަން އަހަރެން ބޭނުންވެފައި ހުރިކަން ނޭނގޭތަ؟...'' ރުޅިވެރިކަމާއެކު ޖާދިންއަށް ބުނެވުނެވެ. އޭނަގެ ނަޒަރު ރައުހާއަށް ހުއްޓުމާއެކު ވާހަކަދެއްކުމުގެ ރާގު ބަދަލުކޮށްލިއެވެ. އަދި ޖިންސްގެ ޖީބަށް ދެއަތްތިލަ ޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
''ކޮން ވާހަކައެއްތަ؟... އިތުރަށް ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ، ޖާދިންއަށް އަހަރެންގެ ނިންމުން އޮއްނާނީ ބުނެދީފައި...'' އީވާ ބުންޏެވެ. ޖާދިންގެ މޫނަށް ވެސް ބަލަން އޭނަ ބޭނުމެއް ނުވިއެވެ. އީވާއަށް ނަޒަރު ހުއްޓާލައިގެން ހުރި ޖާދިންއަށް އެކަން ފާހަގަ ކުރެވުނެވެ.
ކުށްވެރިކަމުގެ އިހުސާސްތަކުން ޖާދިންއަށް އިސްޖަހާލެވުނެވެ. އޭނަ އެއައީ އީވާގެ ގާތުން މަޢާފަށް އެދޭށެވެ. އާދޭސްކުރާށެވެ. އެހިތުގައި އޭނައަށް ޓަކައިވި ރުޅިވެރިކަމަށް ނިމުމެއް ގެންނާށެވެ. އޭނައަށް ކުރެވުނު ކުށް ޤަބޫލުކުރެވުނީތީއެވެ. އެފަދައިން އީވާއާއި މެދު ކަންތައް ކުރެވުމުން ޖާދިން ހުރީ ލަދު ގެންފައެވެ. ދެރަވެފައެވެ. ހިތުގައި ޖެހިފައެވެ. އީވާގެ ރުޅިވެރިކަމާ ކުރިމަތިލުމުގެ ހަކަތައެއް ޒަހަމްވެފައިވާ ހިތަކަށް ލިބިފައި ނުވެއެވެ.
''ވަކިން ވާހަކަދައްކާލެވިދާނެތަ؟...'' އިސްއުފުލަމުން ޖާދިން އެހިއެވެ. ރައުހާ ހުރުމުން އޭނަ ދައްކަން ބޭނުންވި ވާހަކަތައް ދުލާ ހަމައަށް ގެންނަން ދަތިކަމަކަށްވީއެވެ. ޖާދިންއަށް ބަލަން ހުރެވުނީ އީވާގެ މޫނަށެވެ. ޖަވާބެއްގެ އިންތިޒާރުގައެވެ.
''ނޫން!، މިތާ ހުރެ ދައްކަން ބޭނުން ވާހަކައެއްދައްކާ... އަހަރެން ތަނަކަށް ދާން ވެސް އެބަޖެހޭ...'' ޖާދިންއާއި އެކަހެރިކޮށް ބައްދަލުކުރަން އީވާ ދެކޮޅު ހެދި އެވެ. ޖާދިންގެ ހިތު ނިޔަތް ހޯދައިގަތުން ދަތިކަމަކަށް ވެފައި ވާތީއެވެ. އެހިތުގައި ދައުރު ވަނީ ކޮން ފަދަ ނުބައި ރޭވުމެއްކަމެއް ވެސް ނޭނގެއެވެ. ޝައްކުގެ ނަޒަރަކުން ޖާދިންއަށް ބަލަން އީވާ ހުއްޓެވެ.
''ތަނަކަށް ދާށޭ؟... ކޮންތަނަކަށްތަ؟...'' ޖާދިންއަށް އަހާލެވުނެވެ. ފަރުވާތެރިކަމާއެކު އީވާއަށް ނަޒަރު ހިންގާލުމުން އެހުރީ ބޭރަށްދާން ތައްޔާރުވެގެން ކަން ވެސް ރޭކާލިއެވެ. ވިސްނާލެވުމާއެކު އެހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބުނެވެ. އެއާއެކު ޖިންސުގެ ޖީބުގައި އޮތް އަތްތިލަ މުށްކަވާލެވުނެވެ. ރުޅިވެރިކަމުގެ އޮއެވަރު ޖާދިންގެ ދެލޮލުގައި ދައުރުވާން ފެށިއެވެ.
''އޭނައާއި ބައްދަލުކުރަންތަ ތިދަނީ؟...'' ރުންކުރުކަމާއެކު ޖާދިންއަށް ބުނެވުނެވެ. އޭރު އޭނަގެ ނަފުސު ވަނީ ރުޅިވެރިކަމުގެ ތެރޭގައި ގައިދުވެފައެވެ. ނަފުރަތުގެ އަލިފާންކަނި ދެލޮލުން ބުރައިފިއެވެ. ރުޅިވެރިކަމުގެ ހޫނުކަން އެކުލެވިފައިވި ނޭވާތަކެއް އޭނައަށް ދޫކޮށްލެވުނެވެ.
''އަހަރެން މިހިރީ ޖާދިން ދައްކައި އައި ވާހަކައެއް އަޑު އަހަން...'' ޖާދިންގެ ސުވާލުތަކަށް ޖަވާބު ދިނުމެއް ނެތި، ބޮޑުކޮޓަރީގެ ސޯފާއަށް އީވާ އިޝާރާތްކޮށްލިއެވެ.
''އީވް، އަހަރެން މިދަނީ... ފެންވަރަން ވެސް އެބަޖެހޭ، މިއީ ދެމީހުން އެކަނި ތިބެގެން ދައްކަން ޖެހޭ ވާހަކައެއްހެން އަހަންނަށް ހީވަނީ...'' ބަހާނާއެއް ދައްކަން ރައުހާ އުޅުނެވެ. ވާހަކައިގެ ޒާތުން އެތަނުގައި އޭނަ ހުރުން ބުއްދިވެރިކަމަކަށް ނުވާނެތީއެވެ.
ރައުހާ ދާން އުޅުނު ވަގުތު އޭނަގެ އަތުގައި އީވާ ހިފަހެއްޓުމުން، ހައިރާންކަމާއެކު އީވާގެ މޫނަށް ރައުހާ ބަލައިލިއެވެ. އެދެލޮލުން ފެނުނު އަސަރުތަކުން ރައުހާ ހުއްޓުން އެރިއެވެ. ހިތުގައި އެތައް ސުވާލެއް ފުނިޖެހުނެވެ.
އީވާ އޭނައާއި އެކަނި ވާހަކަދައްކަން ދެކޮޅުހަދަމުން ދިޔުމާއި، މާކިންއާއި ބައްދަލުކުރަން ދާން ތައްޔާރުވެގެން ހުރުމުން ޖާދިންގެ ރުޅީގައި ހުޅުފަޅައިގެން ދިޔަ އެވެ. ހީވީ މުޅި ހަށިގަނޑު ވަށައިގެން އަލިފާން ރޯވެގެން ދިޔަ ހެންނެވެ. އޭގެ ހޫނުކަން އޭނަގެ ސިކުނޑި ފިއްސާލައިފިއެވެ. ދަތްތަކަށް ބާރުލީނުން ހީވީ ދަތްތައް ވެސް ބިންދައިގެން ހިނގައިދާނެހެންނެވެ. ރުޅިން ގޮސް އޭނަ ތުރުތުރުއަޅާ ހިސާބަށް ގޮސްފިއެވެ.
''އަހަންނާއި ވާހަކަދައްކަން ބޭނުމެއް ނުވޭ، އެކަމަކު އެފިރިހެނާ ގާތަށް ދާން ބޭނުން!، އެއީ ކީއްވެ؟...'' ހަރުކަށިކަމާއެކު ޖާދިންއަށް ސުވާލުކުރެވުނެވެ. ''ނުދެވޭނެ!، އޭނަ ގާތަކަށް ނުދެވޭނެ!...''
''ޖާދިން!...'' ރުޅިއައިސް ރަތްވެފައި ހުރި ޖާދިން ފެނި އީވާއަށް ގޮވާލެވުނެވެ. އީވާއަށް ރައުހާގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ހައިރާންވެފައި ރައުހާއަށް ވެސް ބަލަން ހުރެވުނީ ޖާދިން އަށެވެ. ޖާދިންއާއި ވަކިން ބައްދަލުކުރަން އީވާ ދެކޮޅުހަދަމުން ދިޔައީ އެރުޅިވެރިކަމުގެ ސަބަބުންބާވައޭ ހިތާ ސުވާލުކޮށްލެވުނެވެ.
''ތިއީ ލޯތްބެއް ނޫން، ތިއީ އީވްއަށް ހެދުނު ގޯހެއް، ހަމަ މިހާރުން މިހާރަށް ތިކަން ހުއްޓާލާ، އޭނަ އެއީ ކާކުތަ؟... އެއީ އެއްވެސް މީހެއް ނޫން، އީވް ކަހަލަ މުއްސަނދި ކުއްޖަކާ އޭނަ އެކަށީގެނެއް ނުވޭ... އަހަރެން މިހިރީ އީވްއަށް ހެދުނު ގޯހަށް ފަހުގައި ވެސް އީވް ޤަބޫލުކުރަން ތައްޔާރަށް، މަޢާފްކުރަން ތައްޔާރަށް!، ކުރީގެ ދިރިއުޅުމަށް އަހަރުމެންނަށް ދެވޭނެ... އަހަރެން އީވްގެ ހުރިހާ ހުވަފެންތަކެއް ހަޤީޤަތަކަށް ހަދައިދޭނަން!، އެކަމަކު އޭނަ!، އޭނައަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެ...'' އީވާގެ ގާތަށް ދިއުމަށް ފިޔަވަޅުތަކެއް އަޅަމުން ޖާދިން ހަޅޭއްލަވައިގަތެވެ.
''ރައުހާ ހުންނާނީ ދުރުގަ، މިއީ އަހަންނާއި އަހަރެންގެ ވާން އުޅޭ އަނބިމީހާ ދެމެދު ދެކެވޭ ވާހަކައެއް!...'' އީވާއި ޖާދިންގެ ދެމެދަށް ރައުހާ ވަނުމުން، ރުޅިވެރިކަމާއެކު ރައުހާއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޖާދިން އަމުރުކުރިއެވެ. ޖާދިންގެ ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ރައުހާއަށް ހިންދިރުވާލެވުނެވެ. ނަމަވެސް ޖާދިންގެ އަމުރަށް ކިޔަމަން ވުމުގެ ވިސްނުމެއް އޭނަގެ ނެތެވެ.
''ކޮން އިރަކުތަ ހަޤީޤަތާ ކުރިމަތިލާނީ، އީވް ބުނެފިއެއްނު ފަހުގެ ނިންމުން އޮތްނާނީ ޖާދިންއަށް އަންގަދީފައޭ، ދެންވެސް އެއްޗެއް ނުވިސްނިގެން ތިއުޅެނީ ކީއްވެތަ؟... ޖާދިން ދެކެ އީވް ލޯތްބެއް ނުވެޔޭ...'' ރައުހާ ބުންޏެވެ. އެއާއެކު ޖާދިން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެދިޔަ ބާރު މިނުގައި ގޮސް ރައުހާގެ ކޮނޑުގައި އަތް އަޅާއި ދުރަށް ކޮއްޕާލައިފިއެވެ. ވިސްނައިގެން ނެތް ރައުހާ ގޮސް ތަތްވީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ސިހުމާއެކު ޖާދިންއަށް ބަލައިލި އީވާއަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
''ކިހިނެއް ވެގެންތަ ތިއުޅެނީ!؟...'' އީވާއަށް އަޑުހަރުކޮށް ބުނެވުނެވެ. އޭނަގެ ހިތް ބިރުން ގޮސް ރޫރޫއަޅަމުން ދިޔަ އެވެ. ޖާދިންއަށް އައިސްފައިވި ބަދަލުތަކުގެ ސަބަބުން މީހާ ފިނިވެއްޖެއެވެ.
''އީވްއަށް ކުރެވޭ ގޯސްކަންތައް އިސްލާހުކުރަން މިއުޅެނީ!... އޭނައާއެކު އީވްއަށް މުސްތަޤުބަލެއް ނުލިބޭނެ، އެނގިއްޖެތަ!...'' އީވާގެ އަތުގައި ހިފަމުން ޖާދިން ބުނެލިއެވެ. ރުންކުރުކަން އެމޫނުމަތިން ފެނެ އެވެ.
''އަތުން ދޫކޮށްބަލަ...'' ޖާދިންގެ އަތުގެ ތެރޭން މިނިވަންވާން ބޭނުންވެފައި ހުރި އީވާއަށް ބުނެވުނެވެ. އެޖުމްލައިން އިހުނަށްވުރެން ބާރަށް އީވާގެ އަތުގައި ޖާދިން ހިފެހެއްޓިއެވެ. އަތަށްވީ ތަދުން އީވާއަށް ރޮއިގަނެވުނެވެ.
އީވާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި ޖާދިން މިސްރާބު ޖެހީ ކޮޓަރިތަކާއި ދިމާއަށެވެ. އޭރު ޖާދިންގެ ފަހަތުން ނުދާން އީވާ ގަދަހަދަމުން ދިޔަ އެވެ. ނުތަނަވަސްކަން އެމޫނުމަތީގައި ވިއެވެ.
''ޖާދިން!... ކިހިނެއް ވެގެންތަ ތިއުޅެނީ!...'' ފަހަތުން އިވުނީ ރައުހާގެ އަޑެވެ. ''ހަމަ މިހާރު އީވާގެ އަތުން ދޫކޮށްލާ...''
ރައުހާއަށް ސަމާލުކަން ދިނުމެއް ނެތި އީވާގެ ކޮޓަރީގެ ދޮރު ޖާދިން ހުޅުވާލިއެވެ. އެއަށްފަހު އެކޮޓަރިއަށް ވަނެވެ.
''އަތުން ދޫކޮށްބަލަ، ތަދު ވެޔޭ!...'' އީވާއަށް ރޮވެމުން ދިޔަ އެވެ. ޖާދިން ކަންތައް ކުރަން އުޅޭ ގޮތެއް ނޭނގި އޭނަ ހާސްވާން ފެށިއެވެ. ކުއްލިޔަކަށް އީވާގެ އަތުން ދޫކޮށްލުމަށްފަހު ޖާދިން ގޮސް ހުއްޓުނީ އަލަމާރި ކުރިމައްޗަށެވެ. އަދި އަލަމާރި މަތީ އޮތް ފޮށި ނަގައިގެން ގޮސް އެނދުމަތީ ބެހެއްޓިއެވެ. އެއަށްފަހު ފޮށި ހުޅުވާލިއެވެ.
''ކީއްތަކުރަން ތިއުޅެނީ؟...'' ޖާދިންއަށް ބަލަން ހުރެފައި އީވާ އެހިއެވެ. އެވަގުތު ރައުހާ ވެސް ކޮޓަރިއަށް ވަދެއްޖެއެވެ. ޖާދިންގެ ހަރަކާތްތައް ހީވަނީ މޮޔަވެފައި ހުރި މީހަކު ހެންނެވެ. އަލަމާރި ހުޅުވާލުމަށްފަހު އަތުގައި ޖެހުނު ހެދުންތައް ގެންގޮސް ފޮށީގެ ތެރެއަށް ގަންބާލައިފިއެވެ.
''މިތާ ހުރީމަ އީވް ތިހެން ތި ވިސްނަނީ، ރާއްޖެ ދެވުނީމަ ރަނގަޅުވާނެ، އޭރުން އަހަރުމެންގެ ގުޅުން ބަދަހިވެގެންދާނެ، ރާއްޖެ ދެވުނުހާ އަވަހަކަށް ކައިވެނި ކުރާނީ!...'' އަވަސްއަވަހަށް ވާހަކަދައްކަމުން ޖާދިން ބުނެލިއެވެ.
''ކޮން ގުޅުމެއްގެ ވާހަކައެއްތަ ތި ދައްކަނީ!، އަހަރުމެންގެ ދެމެދުގައި ގުޅުމެއް ނެތޭ، ކިތައް ފަހަރުތަ ބުނަން ޖެހޭނީ!، ޖާދިން، ޕްލީޒް، ތިކަން ހުއްޓާލަބަލަ...'' އަޑަށް ބާރުލަމުން އީވާއަށް ބުނެވުނެވެ. ޖުމްލަ ފުރިހަމަ ކުރެވުނުތަނާ އޭނައަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
''ނުހުއްޓާނަން!، އީވް ތީ އަހަރެންގެ މީހެއް!، ހަމައެކަނި އަހަރެންގެ!...'' މޭގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޖާދިން ބުންޏެވެ. ''މިރެއިން މިރެއަށް ފުރާނީ، އޭރުން ހުރިހާ ކަމެއް ހަމައަކަށް އެޅޭނީ!...''
''ނުދާނަން!، ޖާދިންއާއިއެކު އެއްވެސް ތަނަކަށް އަހަރެން ނުދާނަން، އަޑު އިވިއްޖެއްތަ؟... އަހަރެންގެ ފަހުގެ ނިންމުން ވާނީ ޖާދިންއަށް ބުނެދީފައި، އިތުރަށް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ...'' އީވާ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ގެނައި އަވަސް ހަރަކާތާއެކު ކޯތާފަތުން ރޮނގު ދަމަމުން އައި ކަރުނަތައް ފޮހެލިއެވެ. އަދި ޖާދިންއާއި ކުރިމަތިލައިފިއެވެ. ޖާދިން ދުވަހަކު ވެސް ގޮތް ދޫނުކުރާނެކަން ފެންނަމުން ދިޔަ އަމަލުތަކުން އީވާއަށް ޔަޤީން ކުރެވުނެވެ. ރުޅި އާދެވުނީ އޭނަ ވިސްނައިދޭން ކުރަމުން ދިޔަ މަސައްކަތުން އަލިމަގެއް ނުފެނުމުންނެވެ. އަދިވެސް ޖާދިން ހުންނަން ބޭނުންވަނީ ބިލާހެއްގެ ތެރޭގައެވެ. ވަހުމެއްގެ ތެރޭގައެވެ. ހަޤީޤަތަށް ލޯހުޅުވަން އެދަނީ އިންކާރުކުރަމުންނެވެ.
''ޤަބޫލެއް ނުކުރާނަން!، އެފިރިހެނާ އީވްގެ ވިސްނުމާ ކުޅެލާފަ ތިހުރީ، އޭނައާއި ދުރަށް ދިއުން ދެން އެންމެ ރަނގަޅުވާނީ...'' ހަރުކަށިކަމާއެކު ޖާދިން ބުނެލިއެވެ. އެވަގުތު އީވާގެ ފޯނުރިންގް ވާން ފެށިއެވެ. ޖާދިންއާއި ވަކިކޮށްލެވުނު ނަޒަރު އީވާއަށް ހުއްޓާލެވުނީ އަތުގައި އޮތް ފޯނަށެވެ. ގުޅަނީ މާކިން އެވެ. އޭނައަށް ލަސްވެގެންނެވެ. އެހިސާބުން އެކަންތައް ނިންމާލާފައި ދާން އީވާ ގަސްދުކުރިއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ޖާދިންގެ ވިސްނުން ބަދަލުނުކުރެވޭނެތީއެވެ.
ފޯނަށް ޖަވާބު ދޭންވެގެން އީވާ އުޅުނީ ކޮޓަރިން ނިކުންނާށެވެ. ރުޅިން ގޮސް ތުރުތުރުއަޅަމުން ދިޔަ ޖާދިން ވިދުވަރުގެ ހަލުވިމިނުގައި އައިސް އީވާގެ އަތުން ފޯނު ޖަހައިގަތެވެ. ފޯނަށް ބަލައިލުމަށްފަހު އޭނައަށް ދަތްކުނޑި ވިކައިގަނެވުނެވެ. ރުޅިގަދަވެގެން ދިޔަ ދަނޑިވަޅުގައި ބާރުބާރަށް ޓައިލްސްތަކުގެ މައްޗަށް ފޯނު ހޫރާލިއެވެ. އަޑުފަށްގަނޑާއެކު ފޯނު ފުނޑުފުނޑުވެ އޭގެ ބައިތައް ވައިގެ ތެރޭގައި އުދުހިގެން ދިޔަ އެވެ.
ހަޅޭކެއްގެ އަޑާއެކު އީވާއަށް އޭނަގެ ކަންފަތުގައި އަތް އަޅާލެވުނެވެ. ބިރުން ގޮސް ރޫރޫއަޅަމުން ދިޔަ ހިތަކާއެކު ޖާދިންއަށް ބަލައިލިއެވެ. ދެތިން ފިޔަވަޅު ފަހަތަށް ވެސް ޖެހިލެވިއްޖެއެވެ.
ރައުހާ ވެސް ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މަސްރަހު އިތުރަށް ގޯސްވެދާނެތީ ވެސް އޭނަ ހާސްވާ ގޮތް ވިއެވެ.
''ހަމަ މިހާރު ނިކުމޭ!، ތިހެން އައިސް އީވްގެ މައްޗަށް އަމަރުކޮށް ބާރު ފޯރުވުމުގެ ހައިސިއްޔަތެއް ޖާދިންއަށް ލިބިފައެއް ނެތް!، ސެކިއުރިޓީއަށް ނުގުޅަނީސް ނިކުންނަން އުޅޭ!...'' ރައުހާއަށް އަޑު ހަރުކޮށް ބުންޏެވެ. އޭނަގެ އަޑުގައި އިންޒާރު އެކުލެވިގެން ވިއެވެ.
''އަހަރެން އަމުރު ފޯރުވަނީ އަހަރެންގެ ވާން އުޅޭ އަނބިމީހާއަށް!...'' ރައުހާއަށް ހޫނު ރައްދެއް ދެމުން ޖާދިން ވާހަކަ ދެއްކިއެވެ.
''ހޮޔެނުވާނެ!، ހުއްޓާލަބަލަ!، އަހަރެންގެ ހިތުގައި ޖާދިންއާއި މެދު ރުޅިވެރިކަން އުފައްދަން ނޫޅެބަލަ!!، ތިއަމަލުތަކުން އަހަންނަށް ޖާދިން ދަސްވެފައި ނުވާކަން ސާބިތުވެގެން އެބަދޭ!... ޖާދިންގެ އަންބަކަށް ދުވަހަކު ވެސް އަހަރެން ނުވާނެ!، އެކަމާ ކުރިމަތިލާންވީ ވަގުތު މިއީ!، އަޑުއިވިއްޖެތަ؟...'' ކުރެހިފައިވާ އަޑަކުން އީވާއަށް ބުނެވުނެވެ. ރުޅިއާއި ހިޔާތަމައިގެ އަސަރުތައް ވަނީ މަސްހުނިވެފައެވެ.
''އަހަންނަށް މިހެން ހެދީ ހަމަ އީވް!... އަހަރެން ވި ލޯބީގައި ކޮޅުފައިން ޖެހުމުގެ ނަތީޖާ މިއީ!...'' ހަޅޭއްލަވައިގަންނަމުން ޖާދިން ބުނެލިއެވެ. އެލޮލުގައިވި ރަތްކަމުގެ ތެރޭން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔަ އެވެ. ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ ތިކި ޖާދިން ފޮހެލީ ރުޅިވެރިކަމާއެކުގައެވެ.
''އަހަންނަށް އެނގޭ ކިތަންމެ ވަރަކަށް މަޢާފަށް އެދުނުކަމުގައި ވިޔަސް ޖާދިންގެ ހިތަށް ލުޔެއް ނުލިބޭނެކަން، ތި ހިތުގައި ޖެއްސިއްޖެކަން އަހަރެން ޤަބޫލުކުރަމޭ... އެކަމަކު...''
''އެކަމަކު އަހަރެން ދެކެ ލޯބި ނުވެވޭނެޔޭ ބުނަންތަ ތިއުޅެނީ؟...'' އީވާގެ ވާހަކަ މެދުކަނޑާލަމުން، ޖާދިން ދަތްޕިލަޖައްސާ ބާރުކޮށްލިއެވެ. ރުޅިން ގޮސް އެއަޑު ތުރުތުރު އަޅައެވެ.
''ޖާދިން.....'' އީވާއަށް ގޮވާލެވުނެވެ. މިހާރު އެއަޑުގައި މޮޅިވެރިކަން ވިއެވެ. ރުޅީގެ އަސަރު ފިލައި ގޮސްފިއެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ޖާދިންއަށް ވިސްނައިދޭން ހަދަންވީ ގޮތެއް ނޭނގުމުންނެވެ.
''އޭނައާއެކު އުފާވެރި ދިރިޅުމެއް ލިބިދާނެހެން ހީވޭތަ؟ އޭނައާއި މެދުގައި އީވްއަށް އެނގެނީ ކޯޗެއްތަ؟ އޭނަ ދަސްވެފައި ވަނީ ކިހާވަރަކަށްތަ؟...'' ރުންކުރު ރާގަކަށް ޖާދިން ބުނެލިއެވެ.
''އާނ، ޤަބޫލުކުރެވޭ މާކިންއާއިއެކު އުފާވެރި ދިރިއުޅުމެއް ލިބިދާނެ ކަން، ޔަޤީނުން ވެސް ޖާދިންއަށް ވުރެން ރަނގަޅަށް އަހަންނަށް މާކިން ދަސްވެއްޖެ، މިއަދު އަހަރެންގެ ކުރިމަތީގައި ތިހުރި ޖާދިންއަކީ ދުވަހަކު ވެސް އަހަންނަށް ފެނުނު ޖާދިންއެއް ނޫން، ތިކުރާ އަމަލުތަކުން ސާބިތުކޮށްދެނީ އަހަންނަށް ޖާދިން ދަސްވެފައި ނުވާކަން...... އެތައް އަހަރެއް ވީއިރުގައި ވެސް އަހަންނަށް ޖާދިންގެ އަސްލު ސޫރަ ވަކިކުރަން ނޭނގުނު...'' އީވާ ރައްދުދިނެވެ. އެވާހަކަތަކުން ޖާދިންގެ ހިތް މަރުވެގެން ދާނެކަން އޭނައަށް ރޭކާލިއެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް އޭނައަކަށް ނުފެނުނެވެ. ހަޤީޤަތާ ކުރިމަތިލައިގެން މެނުވީ ދެން ޖާދިންގެ ހިތަށް ތަސައްލީއެއް ނުލިބޭނެއެވެ.
މުޅި ކޮޓަރިއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ޖާދިންއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. އީވާގެ ޖުމްލައިން އެހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. މޭގައި އުފެދިގެން އައި ރިހުމާއެކު ލޮލުން ކަރުނަ ފައިބައިގެން ދިޔަ އެވެ. ދުލުން ބަސްހުއްޓިފައި އީވާއަށް ބަލަން ޖާދިންއަށް ހުރެވުނެވެ. އެދެލޮލުގައި ވަނީ ކެކުޅުންތަކެވެ. ވޭނައި ރިހުމުގެ އަސަރުތަކެވެ.
''ޕްލީޒް ގޯ... އަހަރެން ބޭނުމެއް ނޫން އިތުރަށް ވާހަކަދައްކާކަށް...'' ޖާދިންއަށް ފުރަގަސްދެމުން އީވާ ބުންޏެވެ. ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލެވުނެވެ.
''ސެކިއުރިޓީއަށް ނުގުޅަނީސް ދާން އުޅޭ!...'' ރައުހާ ވެސް އިތުރުކޮށްލިއެވެ.
''ގާތް އެކުވެރިޔަކަށް ވެހުރެ ވެސް އީވްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާއިރު އެކަމަށް ހިތްވަރުދޭންތަ ތިހުންނަނީ؟، ތީ ކޮންކަހަލަ އެކުވެރިޔެއްތަ؟...'' ހިތިކަން ޖާދިންގެ އަޑުގައި ވިއެވެ. އޭނަ ރައުހާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ.
''ތެދަށް ބުނާނަމަ އަހަރެން ހިތްހަމައެއް ނުޖެހުނު އީވްއާއި މާކިންގެ ގުޅުމާމެދު، ޖާދިންއާއި މެދު ވިސްނިފައި އެކަމާ ދެކޮޅު ހަދަން ބޭނުންވި، ޖާދިން ފަދަ ހިތްހެޔޮ ޒުވާނަކަށް ދެރައެއް ލިބެން ބޭނުން ނުވީތީ... އެކަމު ޖާދިންގެ ހަޤީޤީ ސޫރަ ފެނުމުން ދެން ކޮންމެ ކަމެއްގައި ވެސް އީވްއަށް މަދަދުވެރިވާނަން، ތިކަހަލަ މީހެއްގެ ހިޔަނި ވެސް އީވްގެ ދިރިއުޅުމަށް އެޅުމުގެ ފުރުސަތެއް ނުދޭނަން، އީވްގެ އުފާތައް ވަނީ މާކިންއާއި އެކުގައި، އެކަން ޖާދިން ޖެހޭނީ ޤަބޫލުކުރަން!، އީވްގެ ނިންމުމަށް ޖެހޭނީ ޤަދަރުކުރަން!...''
ޖާދިންއާއި ރައުހާގެ ދެމެދުގައި ހޫނު ޒުވާބެއް ފެށުނެވެ. އެދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވުނެވެ. އެންމެފަހުން ޖާދިންގެ ބަސްމަގު ވެސް ބަދަލުވެގެން ދިޔަ އެވެ. ދުވަހަކު ވެސް އީވާގެ ކަންފަތައް އަޑު ނީވޭ މޭރުމަކުން ރައުހާ އާއި ވާހަކަދެއްކުމުން އީވާއަށް އޭނަގެ ކަންފަތުގައި އަތް އަޅާލެވުނެވެ. އެހިތުން ޖާދިންއަށް ދެވުނު ޤަދަރު ވެއްޔާއި މޮޑެވިގެން ގޮސްފިއެވެ. ޖާދިންއާއި މެދު ހިތުގައި އޮތް ތަސްވީރު މުޅިންހެން ކިލަނބު ވެއްޖެއެވެ.
''އީވްއަށް ހީވޭތަ އޭނައާއި އީވްގެ ގުޅުމަށް މާމަ ރުހޭނެހެން!...'' ކޮޓަރިން ނިކުންނަން ދިޔަ ޖާދިން އީވާއަށް ބަލައިލަމުން ބުންޏެވެ. ޖާދިންގެ ރާގުން އީވާގެ ހިތް ތެޅިލައިފިއެވެ. އޭނައަށް އިސްއުފުލައި ޖާދިންގެ މޫނަށް ބަލައިލެވުނެވެ.
''ނުރުހުމުގައި ވިޔަސް އަހަރެންގެ މީހަކަށް އީވް ހަދާނަން، ބަލަން ހުންނާތި!...'' އިންޒާރެއް ދިނުމަށްފަހު ޖާދިން ނިކުމެގެން ދިޔަ އެވެ. ޖާދިންގެ ފަހަތުން ހަޅޭއްލަވަމުން ރައުހާ ނިކުތެވެ. ޖާދިން ނިކުތުމާއެކު އެޕާޓެމެންޓްގެ ދޮރު ވެސް ތަޅުލައިފިއެވެ. ޖާދިންއާއި ދިމާއަށް ކުދި ކިޔަމުންނެވެ.
''ދެޓް އެރޮގެންޓް ޖާރކް!، ކީކޭ ހިތަށް އަރައިގެންތަ އޭނަ އުޅެނީ!...'' އީވާގެ ކޮޓަރިއަށް އައިސް ރައުހާ ވަން އިރު އީވާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ދަމުންދަމުން ޖާދިން ދިން އިންޒާރުތަކާ މެދު އީވާއަށް ވިސްނުން ހިންގާލެވުނެވެ. އެއާއެކު ހިތަށް ބިރުވެރިކަން ފޭދުނެވެ.
''އީވް!، ވީހާވެސް އަވަހަކަށް އީވްގެ ބައްޕައާއި ވާހަކަދައްކާ، އެކަހަލަ ނުލަފާ މީހަކާއި ކައިވެނި ކުރުމުގެ ކުރިން ހަޤީޤަތް އެނގުނުކަންއެއީ އީވްގެ ނަސީބު، ހާދަ ނުލަފާ މީހާ ގަނޑެކޭ... މިފެށެނީ ކޮލެޖްގެ ޗުއްޓީ ދުވަސްކޮޅެއްނު، އަހަންނަށް ފެންނަނީ ވީހާ ވެސް އަވަހަކަށް ރާއްޖެ ދާން، ގޮސް އީވްގެ ބައްޕައަށް ވެގެންއުޅޭ ގޮތް ސާފުކޮށް ކިޔައިދޭން... އޭރަށް އޭނަގެ އުނދަގުލުން ދެން ސަލާމަތް ވާނީ...'' އީވާގެ ގާތުގައި އިށީންނަމުން ރައުހާ ވާހަކަ ދެއްކިއެވެ. އެއީ އެންމެ ރަނގަޅު ގޮތޭ އީވާގެ ހިތަށް ވެސް އެރިއެވެ. އިތުރަށް މަސްލަހަތު ގޯސް ނުވަނީސް މައިންބަފައިންނަށް ހަޤީޤަތް ހާމަކުރަން އޭނަ ގަސްދުކުރިއެވެ.
''ފޯނު ލިބިދާނެތަ؟... މާކް ހުންނާނެ އަހަރެންގެ ޚަބަރެއް ނުވެގެން ފިކުރުބޮޑުވެފަ...'' ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އީވާ ބުނެލިއެވެ. ޓައިލްސްތަކުގެ މަތީގައި ފުނޑުފުނޑުވެފައި އޮތް ފޯނަށް ވެސް އީވާ ބަލައިލިއެވެ.
(ނުނިމޭ)