ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 32

3

ތިރީސްދެވަނަ ބައި

"ޒުކް ވަރަށް ފޫހިވޭ މަންމަދެކެ. ޒުކް ބޭނުމެއްނޫން މަންމަ ކައިރިއަށް ދާކަށް" ޒުކް ބުނެލިއެވެ.

"އެހެން ނުބުނާނެ ބޭބީ... އެއީ މަންމައެއްނު. ކޮންމެ ކުއްޖަކުވެސް މަންމަދެކެ ލޯބިވާންވާނެއްނު" އާޝިދް ލޯތްބާއެކު ބުނެލިއެވެ.

"އެހެންވިޔަސްހެޔޮ. ލޯބިވަންޏާ ވާހަކަދައްކާނީވެސް ވަރަށް ލޯބިން ދޯ. ހުރިހާކުދިން ތެރޭގައި ހަޅޭއްނުލަވާނެ ދޯ. އަތަށް ތަދެއްވެސް ނުކުރާނެ ދޯ" އަސަރާއެކު ޒުކް ބުނެލިއެވެ. އާޝިދް ހައިރާންވެފައި ޒުކްއަށް ބަލައިލިއެވެ.

"އަނިޔާކުރީއޭ... ކިހިނެއްހެދީ..؟" އާޝިދް އެހިއެވެ.

"ޒުކް ނުދާނަމޭ ބުނީމަ އަތުގައި ހިފާ ބާރަށް ދެމީ. ދެކޮލުގައި އެއްކޮށް ހިފާ ފިއްތާލީ. އަނގައިން ލޭރަހަވެސްލި. ބުނީ އެއްދުވަހަކުން ގަދަކަމުންވެސް ގެންދާނަމޭ" ޒުކް ބުނެލިއެވެ.


"ކިހިނެއްހުންނަ މީހެއް އެއީ؟ ކޮންދިމާލަށް ދިޔައީ؟ ފެނިއްޖިއްޔާ ޒުކްއަށް އިނގޭނެތަ ވަކިކުރަން" އާޝިދް އެހިއެވެ.

"ވަރަށް ކަޅުކޮށް ފަލަކޮށް ހުންނަނީ. އާނ ފެނިއްޖިއްޔާ ޒުކްއަށް އިނގޭނެ. އެކަމަކު މިހާރު ގެއަށް ގޮސްދާނެ. ވަރަށް ގިނައިރުވެއްޖެ" ޒުކް ބުނެލިއެވެ. އާޝިދް ކުރިއަށް ސައިކަލް ދުއްވައިލިއިރު އޭނާ އިނީ ޒުކް ދެއްކި ވާހަކަތަކުން ވަރަށް ހިތްހަމަނުޖެހިފައެވެ. މަންމައެއް ކަމަކު ދަރިންނަށް އަނިޔާ ކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ.

***

ނިދަން އަރާއޮތް އުނޭޝްގެ ފަހަތުން ތަމަންނީ ބައްދައިލިއެވެ. ގެއަށް އައިފަހުން އަދި އުނޭޝް އޭނާއާއި ބަހެއް ނުކިޔައެވެ. އެކަމުން އޭނާގެ ބޮލުގައި އިންތިހާއަށް ރިއްސަމުން ދިޔައެވެ. އެތައް ގޮތަކުން އުނޭޝް ރުއްސޭތޯ މަސައްކަތްކޮށްފިއެވެ. މުޅި ގެއާއި ގޯތިތެރެ ކަމްލާ ސާފުކުރިފަހުންވެސް ތިންހަތަރު ފަހަރު ސާފުކޮށްފިއެވެ. އުނޭޝް ރުއްސުމަށްޓަކައި މިވަގުތު ކޮންމެފަދަ ކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.

"ހެޔޮނުވާނެ. އަހަރެން ތިންދުވަހަށް ރީންދައްތަމެން ގެއަށް ދިޔައީވެސް އުނޭ ކަންތައްކުރާ ގޮތުން ދެރަވީވަރުން. ކިހިނެއްތަ މިހާރު ތިވަނީ؟" އުނޭޝް އޭނާއާއި ވީކޮޅަށް ބަލައިނުލުމުން އެންމެފަހުން ތަމަންނީ ބުނެލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިނދެ ގަދަކަމުން ލޮލުން ކަރުނަވެސް ގެނައެވެ.

"އަހަރެން ދެން އަބަދު އުޅެންޖެހޭނީ މިހެންތަ؟ އަހަރެންގެ ކުށަކީ ކޮބާ...؟" ތަމަންނީ ބުނެލިއެވެ. ދެލޯ ހުޅުވައިގެން އޮތް އުނޭޝް ތަމަންނީގެ ވާހަކަތައް އަހަމުން ދިޔައެވެ. އެހެން އޮތްއިރު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. ތަމަންނީ ބުނި ފަދައިން ކުށްވެރިވަނީ އޭނާ ހެއްޔެވެ؟

"އުނޭ ބުނެބަލަ؟ އަހަރެން ކިހިނެއްތަ ހަދަންވީ؟ މާލެ ދާންވީތަ؟" ތަމަންނީ ބުނެލިއެވެ. އުނޭޝް އެނބުރިލުމާއެކު ތަމަންނީ ލޯ ފޮހެލިއެވެ. އަދި ދެ ތުންފަތް ފިއްތާލިއެވެ.

"ކޮންމެތަނެއްގަ ތަމަން ހުއްޓަސް އަހަރެންގެ ކޯލުތަކަށް ޖަވާބުދެވެންވާނެ. އަހަރެން މިއީ ތަމަންގެ ފިރިމީހާއެއް ނޫންތަ؟" އުނޭޝް ބުނެލިއެވެ.

"ތަމަންއަށް އިނގޭތަ ކިހާ ނުބައިކޮށް ކަން ތަމަންއާ މެދު އަހަރެން ވިސްނީ" އުނޭޝް ބުނެލިއެވެ.

"އަހަރެންގެ ހިތަށް ކެތްނުވީ. އުނޭ އަހަރެން ދުރުކުރާވަރުން ދެރަވެގެން ނުހުރެވިގެން ދިޔައީ. ރީންދައްތައަށް އިނގޭނެ އަހަރެން އުޅުނު ހާލު" ތަމަންނީ ބުނެލިއެވެ.

"ތިމަންނަ މިހެރީ ރިސޯޓެއްގައޭ ކިޔާފަ މެސެޖްކުރީ ކީކޭ ހިތަށް އަރައިގެން" އުނޭޝް ބުނެލިއެވެ.

"އެއީ... އެއީވެސް އުނޭގެ ހިތަށް އެއްޗެއް އަރައިތޯ. ގުޅާކަންވެސް އިނގޭ. ހާދަ ހިތްވަރުންނޭ ފޯނު ނުނަގާ ހުރީ. އަހަރެންގެ މަގްސަދަކީ އުނޭ ދެރަކުރުމެއްނޫން" ތަމަންނީ ބުނެލިއެވެ. ބަހެއްނުކިޔާ ނިތްމައްޗަށް އަތް އެއްލައިގެން އުނޭޝް އޮތެވެ. އެގޮތުގައި ހިނދުކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ.

"އަހަރެންނަށް މަޢާފްކޮށްދީ. އަހަރެން ދެން އެހެން ނަހަދާނަން" އުނޭޝްގެ އަތްމަތީގައި އޮށޯންނަމުން ތަމަންނީ ބުނެލިއެވެ. އެންމެފަހުން އުނޭޝް ތަމަންނީ ކައިރިކޮށްލިއެވެ. ނިތުގައި ބޮސްދީފައި ދެލޯ މަރައިލިއެވެ. ތަމަންނީގެ ތުންފަތްމަތީގައި މަކަރުވެރި ހިނިތުންވުމެއް ދުވެލިއެވެ. އޭނާ ބޭނުންވާ ކޮޅަކަށް އުނޭޝްގެ ހިތް އަނބުރާލުމުގެ ބާރު އޮތުމުން ލިބުނު އުފަލުގައި ހިތް ނަށައިލިއެވެ.

***

އައިރިސް ގެއަށް ވަން މަންޒަރު ފެނިފައި ސޯފާގައި އިން ސޮފާ ފުންމައިގެން ތެދުވިއެވެ. ބުމަރެއްހެން ގޮސް ހުއްޓުނީ އައިރިސްގެ ކުރިމަތީގައެވެ. ރުޅިވެރި ނަޒަރަކުން އައިރިސްއަށް ބަލަން ހުރެފައި އަތް ނެގީ އައިރިސްގެ މޫނު މަތީގައި ޖަހާށެވެ. ނަމަވެސް އޭނާގެ އަތުގައި ކައިރިއަށް އައިސް މަޑުކޮށްލި ޒަހުރިއްޔާ ހިފައިފިއެވެ. ބިރުން ވިރިވިރި ހުރި އައިރިސް މަޑުމަޑުން އެއް ފިޔަވަޅު ފަހަތަށް އަޅައިލިއެވެ. އައިރިސް ލައިގެން ހުރި ހެދުމަށް ބަލާލައިފައި ސޮފާ އޯކަށް ދެމިގަތެވެ.

"އައްޗީޑި. އުމުރުން ފަންސަވިސް އަހަރު ނުވަނީސް ކަޅުފޮތިގަނޑެއްގެ ނިވަލަށް ތިވަނީ ކީއްވެތަ؟ ބަލަ ތި ވައްތަރަށް ހެދުން އަޅާނީ މަރުވަން ކައިރިވީމައޭ..." ސޮފާ ހަޅޭއްލަވައިގަތެވެ. ޒަހުރިއްޔާ ސޮފާއަށް ރުޅިވެރި ނަޒަރަކުން ބަލައިލީ ސޮފާގެ ގަމާރުކަމޭ ހިތަށް އަރާފައެވެ.

"އެ ޖައިޝް ކައިރީގައި ވަދެ އޮވެފަ ދޯ ތިއައީ" ސޮފާ އެހިއެވެ.

"އަހަރެން މިއައީ އާޝިދާއެކު އެ އޮފީހުގަ ހުރެފަ" އައިރިސް ބުނެލިއެވެ. ވަގުތުން ސޮފާގެ ތުންފަތްމަތީގައިވި ރުޅިވެރިކަން ފިލާ ހިނިތުންވުމެއް ދުވެލައިފިއެވެ. އައިރިސްގެ ޖަވާބުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. އިސާހިތަކު އަޑުވެސް މަޑުވެއްޖެއެވެ.

"ވަރަށް ރަނގަޅު. އައިރީ ކުރިން މަންމަ ކައިރީގައި ބުނިނަމައެއްނު. ގުޅީމަ ފޯނުވެސް ނުނަގާވިއްޔާ... އެކަމަކު ތި ދަރިފުޅު ބަނޑުގައި އޮތްހާ ހިނދެއްގައި މަންމައަށް އަނގަ ހެލުވޭނެ އިނގޭ. ބަސްއަހާފަ މަންމަ ބުނާގޮތް ހަދާބަލަ" އައިރިސްގެ އިސްތަށިގަނޑުގައި ފިރުމަމުން ސޮފާ ވާހަކަދެއްކިއެވެ. އެފިރުމުންތަކުން އައިރިސްއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އޭނާ މަޑުމަޑުން މަންމަގެ އަތް ދުރުކޮށްލައިފިއެވެ.

"އަހަރެން މިއައީ އާޝިދަށް ހުރިހާ ހަގީގަތެއް ކިޔައިދީފަ. އަހަރެން ބުނިން އަހަރެން ބަނޑުބޮޑު ވާހަކަ އަދި މަންމަ ކައިވެންޏަށް މަޖުބޫރުކުރާ ވާހަކަ" އައިރިސް ބުނެލިއެވެ. ސޮފާއަށް ހީވީ ނުފެންނަ އަތަކުން އޭނާގެ މޫނުމަތީގައި މީހަކު ވަރުގަދަ އެތިފަހަރެއް އަޅުވާލިހެންނެވެ. ތަދުވިހެންވެސް ހީވެއްޖެއެވެ. ދެލޯ ވަށްކޮށްލާފައި އައިރިސް ބަލައިލަމުން ދަތްކުނޑި ވިކާލައިފިއެވެ. ފުންނޭވާތަކެއް ލަމުން ދިޔައެވެ. ހަމައިން ނައްޓާ ލޭތައް ކެކިގަނެއްޖެއެވެ.

"ކަލޭ ހާދަހާ ނުބައި ނުލަފައޭ ދޯ. ބަފަޔަކާ ނުލާ ކަލޭ ތިހާވަރު ކުރީމަވެސް ތިވައްތަރައްތަ އުޅެން އިނގުނީ. ހުރެބަލަ ނިކަން" ސޮފާ ހަޅޭއްލަވައިގަތެވެ. ކައިރީގައި ހުރި ޕްލާސްޓިކް ގޮނޑި ނަގާފައި މަޅާލީ އައިރިސްއަށް ހަމަލާ ދިނުމަށެވެ. މިފަހަރުވެސް އޭނާއަށް އެކަން ކާމިޔާބުނުވީ ކައިރީގައި އިން ޒަހުރިއްޔާ ގޮނޑީގެ ފައިގައި ހިފެހެއްޓުމުންނެވެ. ރޮވި ބިރުގަނެފައި ހުރި އައިރިސް ތަންވަޅު ބަލާފައި ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.

"ކިހިނެއްވެފަތަ ސޮފާއަށް ތިހުންނަނީ. ހާދަ އެއްޗެއް ނޭނގެޔޭ ދޯ. އަމިއްލަ ދަރިއެއް ނޫނަސް ތިހާ އިންސާނިއްޔަތުކަން ކުޑަވާން ވެދާނެތަ؟" ޒަހުރިއްޔާ ބުނެލިއެވެ. ފުންނޭވާތަކެއް ލަމުންދިޔަ ސޮފާ ޒަހުރިއްޔާއަށް ބަލައިލާފައި ޒަހުރިއްޔާއާއި އެއްހަމައަށް ތިރިވެލައިފިއެވެ.

"ދެންމެ ތިބުނި ޖުމްލަ ދެން ނުބުނާތި. އަމުދުން މީހުން ތިބޭ ތަންތަނުގަ. އެ ހަގީގަތް އެއްވެސް އިންސާނަކަށް އަންގަން އަހަރެން ބޭނުމެއްނޫން. އަދި އެއްވާހަކަ. އައިރިސްއަށް ޖެހޭނީ އެދަރި ވައްޓާލަން. އެހެންނޫނީ މިގޭތެރޭގަ އަހަރެންގެ ހިމާޔަތުގަ އޭނާއަށް ނުހުރެވޭނެ" ސޮފާ ބުނެލިއެވެ. ޒަހުރިއްޔާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ސޮފާ ހިނގައިގަތް ދިމާލަށް ބަލަން އިނދެފައި ޒަހުރިއްޔާ ދެއަތަކަށް ބޯހޫރާލިއެވެ. އޭނާގެ އެކުވެރިޔާއަކީ އެހާ ރަހުމުކުޑަ އިންސާނެއްކަން މީގެކުރިން އޭނާއަށް އިނގިފައެއްނެތެވެ.

މޭޒުކައިރީގައި ކާން އިން އާޝިދަށް ބަލައިލާފައި ވަޙީދުއްދީން ގޮނޑިން ތެދުވެ ހިނގައިގަނެފައި ޒުކްގެ ބޮލުގައި ފިރުމައިލިއެވެ. ޒުކް ހީލިއެވެ. ވަޙީދުއްދީން ދެން ބަލައިލީ އާޝިދަށެވެ.

"ބައްޕަ އެއްވެސް ތަނަކަށް ދުރުވާނެތޯ މިރޭ" އާޝިިދް އަހައިލިއެވެ.

"ހިއެއްނުވޭ. ގޭގައި ހުންނާނީ. ދަރިފުޅު ކަމަކުތަ؟" ވަޙީދުއްދީން ބުނެލިއެވެ.
 "އަޅުގަނޑު ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން. ޒުކްގެ" އާޝިދް ބުނެލިއެވެ. ޒުކް އާޝިދަށް ބަލައިލިއެވެ.

"ދަރިފުޅު ކޮންމެ ގަޑިއެއްގަ އަޔަސް ބައްޕަ ހުންނާނަން ތައްޔާރުގަ" ވަޙީދުއްދީން ހިނގައިގަތެވެ.

"ޒުކްގެ ކޮން ވާހަކައެއް. ޒުކްގެ ވާހަކަ ބުނަންވާނީ ޒުކް ހުއްޓަ. އެހެންނޫނީ ޒުކް ވަރަށް ހާސްވާނެ. ޒުކް ނީންނާނެ އެއްވެސް ވޯރކެއް ނުނިންމާވެސް. ދޮންބެ މީޓްކޮށްބަލަ ޓީޗަރުންނާ" ޒުކް ބުނެލިއެވެ. އާޝިދް ކައިރިއަށް ހިނިއައެވެ. ޒުކްގެ ކޮލުގައި ހިފައިލިއެވެ.

"ސާބަސް. ދޮންބެ ނޫޅެން ތިކަހަލަ ވާހަކައެއް ބުނަން. މިއުޅެނީ ކޮންމެދުވަހަކު ސްކޫލު ކައިރިން ޒުކް އަނިޔާކުރާ މީހާގެ ވާހަކަ ބައްޕަ ކައިރީގަ ބުނަން. ދޮންބެ ހުއްޓަ އެއްވެސް މީހަކަށް ޒުކް ދެރަކޮށްލަން ނުކެރޭނެ" އާޝިދް ބުނެލިއެވެ. ޒުކްއަށް އިނދެވުނީ އާޝިދްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާއަށް އާޝިދްގެ ހަށިގަނޑުގައި ބައްދައިލެވިއްޖެއެވެ. އޭނާ ބޭނުންވާ ހިމާޔަތް ބޭބެގެ ފަރާތުން ލިބެމުންދާތީ އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ތަށިތައް ނަގަމުން އެމަންޒަރު ބަލަމުންދިޔަ ސަކީނާ ހުރީ ހީލައިގެންނެވެ. އެފަދަ މާތް ލޯތްބެއް މީގެކުރިން އޭނާއަށް ފެނިފައިނުވާ ކަހަލައެވެ.

"އާޝިދް އެރަށުގައި ހުރި ދުވަސްކޮޅުގައިވެސް ޒުކް ވަރަށް އާޝިދްގެ ވާހަކަދައްކާނެ. ނިދާގަޑީގަވެސް އަބަދު ދައްކާނީ ދޮންބެގެ ވާހަކަ. ބުނާނެ ޒުކް ވީޑިޔޯ ކޯލް ހެދިޔަސް ދޮންބެ އަޅައެއްނުލައޭ. ދޮންބެ ތިމަންނަ މަތިން މިސްއެއްނުވެޔޭ" ސަކީނާ ވާހަކަދެއްކިއެވެ.

"ދޮންބެ މިސްނުވާތީއެއްނޫން. އެހެން ނަންބަރެއް ގެންގުޅުނީމަ.. އެކަމަކު ދެން އެހެނެއްނުވާނެ އިނގޭ. އައި ޕްރޮމިސް" އާޝިދް ބުނެލިއެވެ. އަދި ޒުކްގެ ނިތުގައި ބޮސްދިނެވެ.

***

ހޫރު ނިންދަވާފައި އިރާނިޔާ ބޭރަށް ނިކުތްއިރު ކާންހަދާފައި ގުމްރޫހް ކޮޓަރިއާއި ދިމާލަށް އަންނަތަން ފެނުނެވެ. އިރާނިޔާ ކައިރީގައި ހުއްޓިފައި ރުޒާނާ ކާގޭގައި އިރާނިޔާ އަންނަދެން މަޑުކޮށްލައިގެން އިންކަމަށް ބުނެލިއެވެ. ދެކުދިން އެކުގައި ހިނގައިގަތް ވަގުތު ގުމްރޫހަށް ފޯނެއް އަންނަން ފެށިއެވެ.

"އަދޫތަ...؟" ގުމްރޫހް ދުރުގައި މަޑުކޮށްލުމުން އިރާނިޔާ އެހިއެވެ. ގުމްރޫހް ބޯޖަހައިލިއެވެ.

ކާމޭޒު ކައިރީގައި ރުޒާނާ ދެއްކި ވާހަކަތަކުން އިރާނިޔާ ވިސްނުންތަކެއްގެ ތެރެއަށް ދޫކޮށްލައިފިއެވެ. ޒަމާނަށް އަންނަ ބަދަލާއި އެއްގޮތަށް އެއްޗިހީގެ އަގުބޮޑު ވާހަކަދެއްކުމުން އިރާނިޔާ ދެރަވެއްޖެއެވެ. އެއްވެސް އަގަކާއިނުލާ އެގޭގައި ހުންނަން ޖެހުމުން ލަދުވެތިކަމެއްވެސް އިހުސާސް ކުރެވިއްޖެއެވެ. ރުޒާނާގެ ދެމަފިރިންގެ ހިތް އެދެމައިންގެ މައްޗަށް ސާފުވިޔަސް އޭނާ އެހެން ގޮތެއް ވިސްނަން ފެށިއެވެ.

ބޭރު ޖޯއްޔަށް ނިކުމެފައި ޒަމްހާގެ ފޯނަށް ގުޅިއެވެ. އެނާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނެފައި މަޑުކޮށްލައިގެން އިނެވެ. އެވީ ވަގުތުކޮޅުގައި އާޝިދަށް ގުޅާލިއެވެ. ފޯނަށް ޖަވާބު ނުދޭތީ އެންމެފަހުން އާޝިދް އޮންލައިން ވެފައި އިން ގަޑި ބަލައިލިއެވެ. އެއްގަޑީރު ކުރިން އޮންލައިން ވެފައި އިންކަން އިނގުމުން މޫނުމައްޗަށް ފޫހިކަމެއް ވެރިވިއެވެ. އުޑުމައްޗަށް ނަޒަރު ހުއްޓައިލައިގެން އޮތްއިރު ކައިރީގައި ގުމްރޫހް އިށިންއިރުވެސް ނޭނގުނެވެ.

"ހާދަ ބޮޑު ފިކުރެއްގަ" ގުމްރޫހް ބުނެލިއެވެ.

"އާނ... ފިކުރުވެސް ކުރެވޭ. ވަރަށްބޮޑު ނިންމުމެއް ނިންމަން މިއުޅެނީ" އިރާނިޔާ ބުނެލިއެވެ. ގުމްރޫހް ނިތަށް ރުއަރައިގެން ދިޔައެވެ.

"އަނެއްކާ މީހަކާ އިންނަންތަ؟" ގުމްރޫހް ބުނެލިއެވެ. އިރާނިޔާ ކައިރިއަށް ހިނިއައެވެ.

"ތިކަހަލަ ކަމަކާ ވިސްނޭނީ ބޭނުންވާ މީހާ ކައިރިއަށް އައިސްގެނެއްނު.... މަޑުކޮށްލާ އަދި ގޮމައަށް އިނގޭނެ މި ވިސްނާ ކަންތައް" އިރާނިޔާ ބުނެލިއެވެ.

"މާދަމާ ބޮޑު ދުވަހެއްނު... " ގުމްރޫހް ބުނެލިއެވެ.

"އެއީ ކީއްވެ..؟ އަނެއްކާ އަދޫ އަންނަނީތަ...؟" ސަމާސާ ރާގަކަށް އިރާނިޔާ އެހިއެވެ.

"ދެން އިނގޭނެއްނު... މިއޮށް އައީ ޒަމްޙާއްތަ" ގުމްރޫހް ބުނެލިއެވެ.

"ހޫރު ބަލާލައްޗޭ އިނގޭ" ޒަމްހާ އިށިންނަން ޖޯލި ދައްކާފައި ގުމްރޫހް ގޭތެރެއަށް ވަންނަން އުޅުމުން އިރާނިޔާ ބުނެލިއެވެ.

"އަހަރެން ވަރަށް ބޮޑު ކަމަކު ޒަމް މިގަޑީގަ މިގެނައީ. ބޭނުމީ ހެލްޕެއް. ވަޒީފާއަކަށްދާން" އިރާނިޔާ ބުނެލިއެވެ.

***

ފެންވަރައިގެން އާޝިދް ކޮޓަރިން ނިކުތްއިރު ޓީވީ ހުޅުވައިގެން ވަޙީދުއްދީން ސިޓިންރޫމުގައި އިނެވެ. އާޝިދް އައިކަން އިނގުމާއެކު ޓީވީ އަޑުމަޑުކޮށްލާފައި އާޝިދަށް ބަލައިލިއެވެ. ކައިރީގައި އާޝިދް އިށީނުމުން އޭނާގެ ހުރިހާ ސަމާލުކަމެއް އާޝިދަށް ދީފިއެވެ.

"ކޮންވާހަކައެއް ދައްކަން އުޅުނީ" ވަޙީދުއްދީން ބުނެލިއެވެ.

"ޒުކްގެ މަންމަގެ ވާހަކަ" އާޝިދް ބުނެލިއެވެ. ވަޙީދުއްދީނަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ޒަހުރިއްޔާއާއި ބެހޭގޮތުން އާޝިދް ދައްކަން އުޅެނީ ކޮންވާހަކައެއްބާއޭ ހިތަށް އެރިއެވެ.

"އަނެއްކާ ކިހިނެއްވީ؟" ވަޙީދުއްދީން ބުނެލިއެވެ.

"ބައްޕައަށް އެނގިލައްވާތަ ކޮންމެދުވަހަކު ޒުކް ސްކޫލު ނިމޭ ގަޑިއަށް އެތަނަށް ޒުކް މަންމަ ގޮސް ގަދަކަމުން ޒުކް ގެންދަން އުޅޭކަން" އާޝިދް ބުނެލިއެވެ.

"އިނގޭ. އެކަމަކު ދަރިފުޅާ...!! ޒުކްއަށް ހީވަނީ އެއީ ޒުކްގެ މަންމައޭ. އެކަމަކު އެއީ ޒުކްގެ މަންމައެއްނޫން. ޒުކްއަށް ނޭނގޭނެ އެމަންޖެގެ މަންމަ ހުންނަ ގޮތެއްވެސް" ވަޙީދުއްދީން ބުނެލިއެވެ. އާޝިދްގެ މޫނުމަތިން ޚައިރާންކަމެއް ފާޅުވެގެން ދިޔައެވެ. އެއީ ޒުކްގެ މަންމަ ކަމަށް ނުވަންޏާ ދެން އެއީ ކާކު ހެއްޔެވެ؟ ޒުކް ގެންދަން މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟

"އެހެންވިއްޖިއްޔާ އެއީ ކާކު؟؟ ކީއްކުރަން ޒުކް ގެންދަން އުޅެނީ" އާޝިދް އެހިއެވެ.

"އެއި ޒުކްގެ މަންމަގެ އެއްބަފާ ދައްތަ. އެއީ ވަރަށް ނުބައި އަންހެނެއް. އޭނާއަށް ދުވަހަކުވެސް ދަރިއަކު ނުލިބޭ. ޒުކް ދުނިޔެއަށް އުފަންވުމާއެކު އުޅެގަތީ އެކުއްޖާފުޅު ހޯދަން. އަދިވެސް ކާމިޔާބު ނުވެގެން އެއުޅެނީ" ވަޙީދުއްދީން ބުނެލިއެވެ.

"އެހެންވިއްޖިއްޔާ ޒުކްގެ މަންމަ ކޮބާ...؟" އާޝިދް އެހިއެވެ. ވަޙީދުއްދީންގެ މޫނުމައްޗަށް ވެރިވި ކުލަވަރު އާޝިދަށް ފެނުނެވެ.

"ދުނިޔޭގަ އެބަހުރި. ދިމާވި އެކްސިޑެންޓަކަށްފަހު ހަނދާންތައް ގޮއްސަ" ވަޙީދުއްދީން ބުނެލިއެވެ.

"އެހެންވެއްޖިއްޔާ އަޅުގަނޑަށް ފެންނަނީ މިގެއަށް ގެންނަން. އެއީ ހަމަ އަޅުގަނޑުގެވެސް މަންމައެއްނު" އާޝިދް ބުނެލިއެވެ. ވަގުތުން ވަޙީދުއްދީންގެ ދެލޯ ކަރުނަތަކުން ބަރާވެއްޖެއެވެ.

"އެއީ ވަރަށް ދިގު ވާހަކައެއް. މިވާހަކަތައް ދަރިފުޅަށް ކިޔައިދޭން ފަސޭހަ ވަގުތަކުން ބައްޕަ ކިޔައިދޭނަން. މިހާރު މާބޮޑަށް ލަސްވެސްވެއްޖެކަން އިނގޭ" ވަޙީދުއްދީން ބުނެލިއެވެ.

"އޯލްރައިޓް. އެކަމަކު އެމީހާ އަބަދު ސްކޫލު ކައިރިއަށް އައިސް ޒުކްއަށް އަނިޔާވެރިވާ މަންޒަރު ބަލަން އަޅުގަނޑު ދެން ނުހުންނާނަން. އެކަމަށް ފިޔަވަޅު އަޅާނަން. އަޅުގަނޑަށް ހެޔޮ އެއީ އަންހެނަކަސް. ދަރިއަކު ނުލިބެންޏާ ދަރިއަކު ގެންގުޅެވިވެސްދާނެއްނު" އާޝިދް ބުނެލިއެވެ. ވަޙީދުއްދީނަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. އެއްބަފާ ކޮއްކޮއަށްޓަކައި އާޝިދްގެ ހިތުގައިވި މަތިވެރި ލޯބި އެދެލޮލުން ފާޅުވާތަން ފެނި ހެއްދެވިފަރާތަށް ޙަމްދުކޮށްލެވުނެވެ. ބޭބެއެއްގެ ހިމާޔަތް އެންމެ ފުރިހަމައަށް ޒުކްއަށް ލިބޭނެކަން އޭނާއަށް ކަށަވަރު ވެއްޖެއެވެ. ސޮފާއާއި ދެކޮޅަށް ހަނގުރާމަކުރަންވެސް އޭނާ ބޭނުންވަނީ އާޝިދްގެ ނުގުޑާ ހިތްވަރެވެ.

***

މުޅިން އާ ދުވަހެކެވެ. އާ އުންމީދުތަކަކާއެކު ދެލޯ ހުޅުވާލި އުނޭޝްގެ ތުންފަތް މަތީގައިވީ ހިނިތުންވުމެކެވެ. ފަތިސްނަމާދު ޖަމާޢަތުގައި ކުރެވުނުކަން ހަނދާންވުމާއެކު ހިތަށް ލިބުނު ހިތްހަމަޖެހުމާއި އަރާމު އެތައް ތަނެއް ބޮޑުވެގެން ދިޔައެވެ. ކައިރީގައި ތަމަންނީ ނިދާފައި އޮތްތަން ފެނުމުން ގަޑި ބަލައިލިއެވެ. ނުވައެއްޖަހަން ގާތްވެއްޖެއެވެ. އާޝިދްގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ތަމަންނީގެ އުޅުމަށް ބަދަލުގެންނަށް އޭނާ ބޭނުންވެއެވެ. ރޭގައި ދިން ނަޞޭޙަތްތަކަށް ތަމަންނީ ސަމާލުކަމެއް ނުދޭކަން އުނޭޝްއަށް އިނގުނެވެ. އެހެންކަމުން އަދިވެސް ހުއްޓާނުލާ ތަމަންނީއަށް ވިސްނައިދޭން އޭނާ ނިންމިއެވެ.

"ތަމަން.... ތަމަން..." ނިދާފައި އޮތް ތަމަންނީގެ ކޮލުގައި މަޑުމަޑުން ޖަހައިލަމުން އުނޭޝް ގޮވައިލިއެވެ.

"އަހަރެން ވަރަށް ބަނޑުހައި. ދޭބަލަ އެއްޗެއް ތައްޔާރުކޮށްލަން" ތަމަންނީ ދެލޯ ހުޅުވިކަން އިނގުމާއެކު އުނޭޝް ބުނެލިއެވެ.

"އުނޭ ދޭބަލަ ކޮފީއެއް ހަދައިގެން ބޯލަން. އަހަރެން މެންދުރަށް ރަނގަޅު އެއްޗެއް ހަދާނަން" ނިދި އަޑަކުން ތަމަންނީ ބުނެލިއެވެ. އުނޭޝްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އަހަރެން ބޭނުންވަނީ ތަމަންނީ އަތުން ކައްކައިގެން ކާން. ހަމަޖެހޭ ދިރިއުޅުމެއް ބޭނުންވަންޏާ އެންމެ ފުރަތަމަ ފިރިމީހާގެ ކަންތައްތަކަށް އިސްކަންދޭންޖެހޭނީ. މިގޭގަ ދިރިއުޅެނީ ހަމައެކަނި އަހަރެމެން ދެމީހުން. ނިކަން ތަންކޮޅެއް މުރާލިވެބަލަ. ތިހާ ކަންނެތް މީހެއް އަންބެއްގެ މަގާމުގައި ހުންނަންޏާ އަހަރެންނަށް އެހެން ގޮތަކަށް ވިސްނަން ޖެހިދާނެ" އުނޭޝް ބުނެލިއެވެ. ދެލޯ މަރައިގެން އޮތަސް އެވާހަކަތައް ތަމަންނީއަށް އިވޭނެކަން އޭނާއަށް އިނގެއެވެ.

އުނޭޝް ފާހާނާއަށް ވަންކަން އިނގުމާއެކު ތަމަންނީ ފުންމައިގެން ތެދުވިއެވެ. ރުޅިއައިސްގެން ފުން ނޭވާތަކެއް ލަމުން ގޮސް އަތުގައި އޮތް ކުޝަނުން ފާހާނާއިގެ ދޮރުގައި އެއްލާ ޖަހައިފިއެވެ.

***

ރުޒާނާއާއި އީސަގެ އަތުގައި އިން ހޫރު ދުރުގައި މަސައްކަތެއްގައި ހުރި އިރާނިޔާއަށް ބަލަހައްޓައިގެން އިނެވެ. ބޭރަށް ދިއްލާފައިވާ ގަދަ އަވީގައި ހުރި ޖޯއްޔަށް ބާލިސްތައް ހޫނުކޮށްލަން ނެރުނީ ހުކުރުދުވަހަށް ވުމާއެކު ތަންތަން ސާފުކުރުމަށް ކުރަމުންދިޔަ މަސައްކަތްކުގެ ތެރެއިންނެވެ. އޭނާއާއެކު އެމަސައްކަތުގައި ގުމްރޫހްވެސް ބައިވެރިވަމުން ދިޔައެވެ.

ނިދާކޮޓަރިން ހޫރުގެ ގޮދަޑިއާއި ބާލިސްތައް ހިފައިގެން ނިކުތް އިރާނިޔާއަށް ކުރިމަތީގައި އައިސް ހުއްޓުނު އަންހެންކުއްޖާ ފެނުމާއެކު ހުއްޓުވިއްޖެއެވެ. އަންހެންކުއްޖާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލައިލެވިއްޖެއެވެ. އޭނާއަށް ކާކުކަން ދެނެގަންނަން އުނދަގޫވިއެވެ. އަންހެންކުއްޖާ ހީލި ވަގުތު ދެފަރާތު ކޮލަށް އެޅިގެންދިޔަ އަޑިކޮޅާއެކު އިރާނިޔާގެ ލޯމަތީގައި ސޫރައެއް ކުރެހިގެން ދިޔައެވެ. އިސާހިތަކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ފަހަތުން އައިސް ހުއްޓުނު ފިރިހެންކުއްޖާ ފެނި އޭނާގެ ހިނިތުންވުން ފުޅާވިއެވެ. ކުއްލިއަކަށް ލިބުނު އެހިތްހަމަޖެހުން އޭނާގެ މުޅި ދުވަސް ފުރިހަމަކޮށްދީފިއެވެ. ހިތަށް ލިބިގެންދިޔަ އިންތިހާ ދަރަޖައިގެން ހިތްހަމަޖެހުމުގައި ދެލޮލުން ކަރުނަ ނީރާލިއެވެ. އަންހެންކުއްޖާ އައިސް އޭނާގެ ހަށިގަނޑުގައި ބައްދައިލިއިރުވެސް އޭނާއަށް ހުރެވުނީ ފާޑަކަށް ރޮވިފައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟