ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 33

5

ތިރީސްތިންވަނަ ބައި

ކުއްލިއަކަށް ލިބުނު އެހިތްހަމަޖެހުން އޭނާގެ މުޅި ދުވަސް ފުރިހަމަކޮށްދީފިއެވެ. ހިތަށް ލިބިގެންދިޔަ އިންތިހާ ދަރަޖައިގެން ހިތްހަމަޖެހުމުގައި ދެލޮލުން ކަރުނަ ނީރާލިއެވެ. އަންހެންކުއްޖާ އައިސް އޭނާގެ ހަށިގަނޑުގައި ބައްދައިލިއިރުވެސް އޭނާއަށް ހުރެވުނީ ފާޑަކަށް ރޮވިފައެވެ.

އިރާނިޔާ ފަހަތުން އައިސް ހުއްޓުނު ގުމްރޫހާއި އަދްޔަންގެ ކަޅި އަމާޒުވުމާއެކު ދެކުދިންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނެވެ. އެންމެފަހުން ރަކިވެފައި ނަޒަރު ވަކިކޮށްލީ ގުމްރޫހެވެ. އަމިއްލަ ދެފައި މައްޗަށް ކޮޅަށް ހުރި ޙާއިޝާ ފެނުމާއެކު އިރާނިޔާގެ އަޑު ފަޅައިގެން ދިޔައެވެ. ދުވެފައި ގޮސް ޙާއިޝާގެ ގައިގައި ބައްދައިލިއެވެ. އޭނާ ހިތްފުރެންދެން ރުޔެވެ. ޙާއިޝާ އިރާނިޔާގެ މޫނުގެ ދެފަރާތުގައި ހިފާ މޫނުގައި ބޮސްދިނެވެ. އޭރު ޔަޝްފީ ގުމްރޫހްގެ އަތުގައި ހިފައިގެން އައިސް ޙާއިޝާ ކުރިމަތީގައި ބަހައްޓައިފިއެވެ. ޙައިޝާ ގުމްރޫހްގެ ނިތުގައިވެސް ބޮސްދިނެވެ.

"ކޮބާ މަންމަގެ ހޫރު؟ ޙާއިޝާ ބުނެލިއެވެ. އޭރު އަދްޔަން ހޫރު އުރާލާއިގެން އައިސް ޙާއިޝާ ކުރިމަތީގައި ހުއްޓިއްޖެއެވެ.

"ދަރިފުޅާ...! މާމަގެ ފުރާނަޔާ..." ހޫރު އުރާލާ ގަޔާލާ ބޮނޑިކޮށްލަމުން ޙާއިޝާ ބުނެލިއެވެ. އެކުޑަކުޑަ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ޙައިޝާ ރޮމުން ދިޔައެވެ. އަދްޔަން ކައިރިވެލާފައި ޙާއިޝާގެ ބުރަކަށީގައި ފިރުމައިލިއެވެ. އެމަންޒަރު ބަލަން ދުރުގައި ތިބި ރުޒާނާގެ ދެމަފިރިން ވެސް ތިބީ ފެންކަޅިވެފައެވެ.

ގޯތިތެރޭގައި ހުރި ހަ ޖޯލީގެ ޖޯލިފަތީގައި ހުރިހާ މީހުން ތިއްބެވެ. މެންދުރުވަމުން އަޔަސް ގޯތިތެރޭގައި އިންދާފައި ހުރި ގަސްތަކުން މުޅި ސަރަހައްދަށް ވަނީ ހިޔާ އަރާފައެވެ. ކޮކާއަވި ފިޔަވާ އިތުރު އަތްވެއް އެސަރަހައްދަކު ނެތެވެ. ޙާއިޝާގެ އުނގުގައި ހޫރު އިންއިރު އެކުއްޖާގެ އެ އެންމެންނާ އެކުވެރިވެއްޖެއެވެ. ވަކިން ހުރި ދެ ޖޯލީގައި ރުޒާނާއާއި އީސަ ތިއްބެވެ.

"މިއަދު މެންދުރު ކައިގެން ދޯ ގެއަށް ދާނީ" ރުޒާނާ ބުނެލިއެވެ.

"ތެދެއް މަންމާ.. ގެއަށް ދިޔަސް ފަހަރަކު ކާއެއްޗެއް ނުލިބިދާނެ" އިރާނިޔާ ބުނެލިއެވެ.

"ގެއަށްދާން ބޭނުން. އެކަމަކު ރާނީ އާ ނުލާ އެގޭތެރޭގައި މަންމަ ހިތަށް އަރާ ކިހިނެއްބާއޭ އުޅޭނީ؟" ޙާއިޝާ ބުނެލިއެވެ. އިރާނިޔާ ދެރަވެއްޖެއެވެ. ޙާއިޝާއާއި އެކުގައި ދިރިއުޅެން އޭނާވެސް ބޭނުންވެއެވެ. އެހެންނަމަވެސް އެގޭގެ ހަތަރުފާރުން އެތެރެއަށް ބޯދިއްކޮށްލަންވެސް އޭނާ ބޭނުމެއްނުވެއެވެ.

"ޔަޝްކޮވެސް ބޭނުމެއްނޫން ދޮންބެ ވައިފް އާ އެއްކޮށް އުޅެން. ޔަޝްކޮ ބޭނުންވަނީ ކުރީގެ ލައިފް" ޔަޝްފީ ބުނެލިއެވެ. އިރާނިޔާ ޔަޝްފީއަށް ބަލައިލިއެވެ. އަދި ޔަޝްފީގެ އަތަށް ފިތާލިއެވެ.

"ނިންމާލީތަ ކިޔެވުން. ދޮންބެދައްތަ ވަރަށް ދެރަވި ތިކުދިންގެ ހަބަރެއްނުވެ އެހާ ގިނަ ދުވަސްވީމަ" އިރާނިޔާ ބުނެލިއެވެ.

"މިއައީ ބޮޑު ޗުއްޓީއަކަށް. ދައްތަމެންވެސް އައޭ. މާލިކްބެ ނުބުނޭތަ؟" ޔަޝްފީ ބުނެލިއެވެ.

"ފުރަތަމަ ނުވެސް އިނގުނު ޔަޝްފީ ކަމެއް. މޫނުގައި ހުރި ދޮންކަން ފިޔަވާ ކަޅުކުލަ ނޫން އިތުރު ކުލައެއް ނުފެނޭ. ތިކަހަލަ ހެދުން ޔަޝްކޮ އާ ވަރަށް ގުޅޭ" އިރާނިޔާ ބުނެލިއެވެ.

ހުރިހާ އެންމެން ވާހަކަދައްކަމުން ދިޔައިރު ގުމްރޫހާއި އަދްޔަން އެކަކު އަނެކަކަށް ސިއްރު ނަޒަރުތަކެއް ބަދަލުކުރަމުން ދިޔައެވެ. ގުމްރޫހަށް ބަލައިލެވޭ ކޮންމެފަހަރަކު އަދްޔަން ހުންނަނީ ބަލަހައްޓައިގެންނެވެ. އެތަނުން ދުރަށްދާންވެސް އޭނާއަށް ނުކެރުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ އަދްޔަންގެ މޫނަށް ބަލާހިތްވެފައެވެ.

"ދަރިފުޅާ ގޮމަ!! ދޭބަލަ އަވަހަށް އެއްޗެއް ތައްޔާރުކޮށްލައިގެން އަންނަން" ރުޒާނާ ގުމްރޫހަށް ބުނެލިއެވެ. ގުމްރޫހްގެ ފަހަތުން އިރާނިޔާއާއި ޔަޝްފީވެސް ހިނގައިގަތެވެ.

ބަދިގެއަށް ވަނުމާއެކު އިރާނިޔާ ގުމްރޫހާ ދިމާކުރަން ފެށިއެވެ. ޔަޝްފީވެސް އިރާނިޔާއާއި ބައިވެރިވަމުން ދިޔައެވެ.

"ގޮމައަށް އަސްލު އިނގޭ ދޯ މިއަދު މަންމަމެން އަންނަކަން" އިރާނިޔާ ބުނެލިއެވެ. ގުމްރޫހް ބޯޖަހައިލިއެވެ.

"އަދޫ ބުނީ ރާނީއްތަ ކައިރީގަ ނުބުނާށޭ" ގުމްރޫހް ބުނެލިއެވެ.

"ހީވޭތަ ތިއްތި ނުބުނެ ހުންނާނެހެން. ދަންވަރަކަސް ފަތިހަކަސް އަބަދު އޮންނާނީ ގޮމަދައްތައަށް ގުޅައިގެން. ޔަޝްކޮއަށް ހީވަނީ ތިއްތިއަށް ގޮމަދައްތަ ވަރަށް ކަމުދޭހެން" މޭޒުކައިރީގައި އިން ޔަޝްފީ ބުނެލިއެވެ. ވަގުތުން ގުމްރޫހްގެ މޫނުމަތި ރަތްކުލައަކުން ފެވިގެންދިޔަ މަންޒަރު އިރާނިޔާއަށް ފެނުނެވެ. އެހެންކަމުން އޭނާއަށް ހެވުނެވެ.

"ޔާރައްބީ. ދެން ގޮމައާއި ދިމާނުކުރޭ... ވިރިގެން އެތަނަށް ފައިބަފާނެ" ހީލަމުން އިރާނިޔާ ބުނެލިއެވެ.

***

އުނޭޝް ހުކުރުން ފައިބައިގެން ގެއަށް އައިރު ސޯފާގައި އޮތް ތަމަންނީ އަޑުޖައްސާލާފައި ފިލްމު ބަލަން އިނެވެ. އުނޭޝް ފެނުމާއެކު ދުވެފައި ގޮސް އުނޭޝްގެ ގައިގައި ބައްދައިގަނެފިއެވެ.

"މިގަޑިއަކުނޫން. ވަރަށް ބަނޑުހައި. ކޯޗެއް ތައްޔާރުކޮށްލީ" ތަމަންނީ ދުރުކޮށްލާފައި ހިނގައިގަންނަމުން އުނޭޝް ބުނެލިއެވެ. އޭނާ ބަދިގޭ ދޮރަށް އެރިއިރު މޭޒުމަތި އޮތީ ހުސްކޮށެވެ. އުނދުން މަތީގައި އެންމެ ތެއްޔެއްވެސް ނެތެވެ. ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން އޭނާ ތަމަންނީގެ މޫނަށް ބަލައިލިއެވެ.

"އަހަރެން މަސައްކަތްކުރިން އެއްޗެއް ކައްކަން. އެކަމަކު ނޭނގުނު. އަހަރެންވެސް ބަނޑުހައި އެބަވޭ" ތަމަންނީ ބުނެލިއެވެ. އުނޭޝް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ބަހެއްނުކިޔާ ކޮޓަރިއަށް ގޮސް ވަނެވެ. ތަމަންނީ ހީލާފައި ގޮސް މޭޒު ކައިރީގައި އިށީނދެފައި ސަބްރީންގެ ނަންބަރަށް ގުޅައިލިއެވެ.

"އަހަރެން ބުނީމެއްނު ރީންދައްތަ ކައިރީގަ. އަހަރެން ނުލަފާ ވެއްޖިއްޔާ ވަރަށް ނުލަފާވާނޭ. އުނޭޝް ހީކުރީ އަހަރެން އޭނަ އަންނަންވާއިރަށް ގުދާރު ބިންދާލައިގެން ކައްކާނެ ކަމަށް" ތަމަންނީ ބުނެލިއެވެ. އެކޮޅުން ސަބްރީން އެއްޗެއް ބުނުމުން ތަމަންނީ ހީލައިފިއެވެ.

"އުނޭޝް އުޅެނީ މިހާރު އަހަރެން ވަރަށް ދަށްކޮށްލައިގެން. އެބަޖެހޭ އަނެއްކާވެސް އަހަރެންގެ މުށުތެރެއަށް އޭނަ ވައްދަން. މޮޅުގޮތެއް ބުނެބަލަ" ތަމަންނީ ބުނެލިއެވެ.

"އޯކޭ.. އަހަރެން ތިގޮތަށް ކަންތައްކުރާނަން. މިއަދު މީނީ ވަރަށް އުފަލުން ބަދިގެއަށް ވަދެ ކައްކަން ނުޖެހުނީމަ. އިރުކޮޅަކުން އަންނާނެ އަހަރެން ގޮވައިގެން ބޭރަށް ކާންދާން. އަހަރެން ބަނޑުހައިވިކަން އިނގުމުން އޭނައަކަށް ނުހުރެވޭނެ" ތަމަންނީ ބުނެލިއެވެ.

ކޮޓަރިން ނިކުމެގެން އައި އުނޭޝްއަށް ބަލަން ތަމަންނީއަށް އިނދެވުނެވެ. އުނޭޝް ލައިގެން ހުރީ ބޭރަށް ދާ ކަހަލަ ހެދުމެއް ނޫނެވެ. ސޯޓްބުރިއަކާ ޓީޝާޓެކެވެ.

"ތިފޯނު ބާއްވާފަ މިކޮޅަށް އާދެބަލަ" އުނޭޝް ބުނެލިއެވެ. މޭޒުމަތީގައި ފޯނު ބާއްވާފައި ތަމަންނީ ގޮސް އުނޭޝް ކައިރީގައި ހުއްޓުނެވެ.

"މީގެފަހުން މިގޭގަ ކޮންމެ ގަޑިއަކު ހުންނަންޖެހޭނީ ކާންހަދާފައި. ކައްކާނީ ތަމަން. އަހަރެން ހުރިހާ ވަގުތެއްގައި ކާން ބޭނުންވަނީ ގެއިން. ގޭ ހުރިހާތަނެއް ހުންނަންޖެހޭނީ ސާފުކޮށްފައި. ގޯތިތެރެ ކުނިކަހާފަ. އަދި މަގުމަތިވެސް. އަހަރެންގެ ހުރިހާ އަންނައުނުތަކެއް ހުންނަންވާނީ ދޮންނަންޖެހޭ އެއްޗެހި ދޮވެފަ. އިސްތިރިކުރަންޖެހޭ އެއްޗެހި އިސްތިރިކޮށްފަ... ތަމަން... އަޑުއިވިއްޖެތަ...؟" އުނޭޝް ބުނެލިއެވެ. އެހާ ހަރުކަށިކޮށް އުނޭޝް ވާހަކަދެއްކުމުން ތަމަންނީ ހުރީ ޤަބޫލުނުކުރެވިފައެވެ. ގަބުވެފައި ހުއްޓެއްކަމަކު އޭނާ މަޑުމަޑުން ބޯޖަހާލައިފިއެވެ.

"އެކަމަކު އަހަރެންނަށް އެހާ ރަނގަޅަށް ކައްކަން ނޭނގޭ.. މިގެއަށް މީހަކު..."

"މިގެއަށް މަސައްކަތްކުރާނެ މީހަކު ހޯދުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އަހަރެންގެ އަނބިމީހާ ތިހުރީ ސަލާމަތުންނެއްނު. އާދޭ... ބައެއް އެއްޗެހި ކައްކާނެގޮތް އަހަރެން ކިޔައިދޭނަން. ތަމަން ކުރާނީ. އަހަރެން ހުންނާނީ ކިޔައިދޭން. ނިކަން އަވަހަށް އެބަޖެހެއެއްނު މެންދުރަށް އެއްޗެއް ހަދާލަން" އުނޭޝް ބުނެލިއެވެ. އެތެރެއިން ފުފެމުންދިޔަ ތަމަންނީ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"އެކަމަކު...." ތަމަންނީ އެއްޗެއް ބުނަން އުޅުނެވެ.

"އެކަމަކު ކިހިނެއްވީ...؟" އުނޭޝް ބުނެލިއެވެ.

"އަހަރެން މިއުޅެނީ ވަރަށް ވަރުބަލިވާތީ. ބުރަކަށީގައިވެސް ރިއްސާ" ތަމަންނީ ބުނެލިއެވެ.

"ތަމަން ބޭނުންވަނީ އަހަރެން ކައިރިން ވަރިވެގެން ދާންތަ؟ ނޫނެއްނު... ދެން ކަމެއްކުރަން ޖެހުނީމަ ތިހާ ބަހަނާ ދައްކަނީ ކީއްވެތަ؟ ތަމަންވެސް ތިއީ އަންހެނެއްނޫންތަ؟ ނިކަން އަންހެނެއްހެން އުޅެބަލަ" އުނޭޝް ބުނެލިއެވެ. އުނޭޝްގެ ވާހަކަތަކުން ހިނދަކަށްފަހު ހިނދެއް ތަމަންނީ ރުޅިގަނޑު ގަދަވަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ. ކައްކަން ތައްޔާރުކުރަމުން ދިޔައެވެ. މާދަމާ އޭނާއަށް އުފާވެރިކަމެއް އޮތީ މިއަދު އުނޭޝް ބުނާގޮތް ހަދައިގެންކަމަށް ސަބްރީން އޭނާ ކައިރީގައި ވަނީ ބުނެފައެވެ.

"މާދަމާ އަހަރެން އޮފީހުން އަންނައިރު ގެންނާނަން ކައްކަން ދަސްކުރާ ފޮތެއް. އެބަލައިގެން ތަމަންނީ ހުރިހާ ވަގުތެއްގަ ކައްކަން ދަސްކުރަންވީ..." ފުރިޖުން އާފަލެއް ނަގައިގެން ހުރެ ކަމުން އުނޭޝް ބުނެލިއެވެ.

ކައްކައިގެން އުނޭޝްއަށް ކާންދީ ނިމުނުއިރު ތަމަންނީ ހުރި ލޮޑުވެފައެވެ. ފާހާނާއަކަށް އުނޭޝް ކޮޓަރިއަށް ވަނުމުން ތަމަންނީ ސޯފާގައި އިށީނެވެ. ބުރަކަށި ދަމައިލަން އުޅުނު ވަގުތު ދޮރުހުޅުވުނުތަން ފެނުނެވެ. ތަމަންނީ ފުންމައިގެން ތެދުވިއެވެ. ޙާއިޝާމެން ދިޔަފަހުން އެގެއަކީ މީހުން އައިސް ގޮސް އުޅޭ ގެއެއް ނޫނެވެ. ދޮރުހުޅުވާފައި ވަން އަންހެންކުއްޖާއަށް ތަމަންނީގެ ނަޒަރު ހުއްޓުނެވެ. އަބާޔާ ކަޅު ހެދުމުގައި ހުރި ޔަޝްފީ ފެނުމުން ތަމަންނީ މޭނުބައިކޮށް ގަތެވެ. ބާރަށް ހިނގާފައި އައިސް ހުއްޓުނީ ގޭތެރޭ އެކި ދިމާލަށް ބަލަން ހުރި ޔަޝްފީ ކުރިމަތީގައެވެ.

"އޭތް... ކަލޭ ތިއީ ކާކު؟ މީހުންގެ ގޭގެއަށް ވަންނައިރު ސަލާމް ގޮވައިލުމެއްވެސް ނެތްތަ؟" ތަމަންނީ ބުނެލިއެވެ. ޔަޝްފީގެ ބޮޑު ދެލޮލުން ތަމަންނީއަށް ބަލައިލިއެވެ. ކޮންމެވެސް ތަނަކުން އޭނާ އެ މޫނު ދުށް ހަނދާނެއްވިއެވެ. ނަމަވެސް އެވަގުތު ހަނދާންކުރަން ބޭނުމެއްނުވިއެވެ.

"ފާޑެއްގެ ފޮތިގަނޑެއް އޮޅައިގެންހުރެ އަދި އެބަ ބަލައެއްނު. ސަލާންޖަހަންތަ ތިއައީ...؟" ތަމަންނީ ބުނެލިއެވެ. ޔަޝްފީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

"ގޭދޮރުމަތީގައި މަޑުކޮށްލާ. އަހަރެން މިގޮވަނީ އަހަރެންގެ ފިރިމީހާއަށް" ތަމަންނީ ބުނެލިއެވެ.

"އަހަރެން ވައްތަރުތަ ސަލާންޖަހާ މީހަކާ" ޔަޝްފީ ބުނެލިއެވެ. ތަމަންނީ ޔަޝްފީގެ މޫނަށް ބަލައިލިއެވެ. ތަފާތު ދޮންކަމެއް ލިބިފައިވާ ރީތި އަންހެންކުއްޖެކެވެ. އަޑުގައި ވަނީ އޮމާންކަމެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. ފެންނަންހުރީ މޫނާއި ދެއަތްތިލަ އެކަންޏެވެ. ވައަތުގެ ކަށި އިނގިލީގައި ރިހިކުލައިގެ އަނގޮޓިއެއް އިނެވެ.

"ދެން ކީއްކުރާ އަންހެނެއް. ބަޔަކު ފޮނުވައިގެން ޖާސުސްކުރަން ދޯ. އާންމުކޮށް ތިފާޑަށް ހުންނާނީ އެވައްތަރު އަންހެނުން" ތަމަންނީ ބުނެލިއެވެ. އިރާނިޔާ ފަދައިން ޔަޝްފީ އަކީވެސް މީހުންނާ ޒުވާބުކުރަން އިނގޭ ކުއްޖަކަށް ނުވާތީ ތަމަންނީގެ ކޮންމެ ޖުމްލައެއް އޭނާ އެއްކަންފަތުން އަހަމުން އަނެއް ކަންފަތުން ބޭރުކުރަމުން ދިޔައެވެ.

"އެކްސްކިއުޒްމީ..." ޔަޝްފީ ބުނެލިއެވެ.

"ތަމަން...!! ކާކުތަ..؟" ކޮޓަރިން ނިކުތް އުނޭޝް ބުނެލިއެވެ. ދޮންބެގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔަޝްފީގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލައިފިއެވެ. އެނބުރުނުގޮތަށް ދުވެފައިގޮސް އުނޭޝްގެ ގައިގައި ބައްދާލައިފިއެވެ. އެމަންޒަރު ބަލަންހުރި ތަމަންނީގެ ދެއަތް މުށްކެވިގެން ދިޔައެވެ. ޔަޝްފީ ދުވެފައި އައިގޮތުން އުނޭޝްއަށް އެމޫނު ރަނގަޅަށް ނުފެނުނެވެ. އެހެންކަމުން އޭނާގެ މޫނުމަތިން ޚައިރާންކަމެއް ފާޅުވެގެން ދިޔައެވެ. ޔަޝްފީގެ ދެކޮނޑުގައި ހިފާ ދުރުކޮށްލާފައި ރަނގަޅަށް ބަލައިލިއެވެ. ވަގުތުން އުނޭޝްގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެއްޖެއެވެ.

"ކަލޭ... ރައްކާވޭ މިތަނުން.. ލަދެއްވެސް ނުގަނޭތަ؟" ޔަޝްފީގެ ގައިގައި ހިފާ ދުރަށް ކޮށްޕާލަމުން ތަމަންނީ ބުނެލިއެވެ. އެކަމަށް ނުވިސްނާ ހުރުމުން ޔަޝްފީއަށް ކުޑަކޮށް ތަދުވިއެވެ.

"ތަމަން...!! މޮޔަވީތަ...؟ މިއީ އަހަރެންގެ އެއްބަނޑުއެއްބަފާ ކޮއްކޮއޭ... ހަމަބިމަށް އާދެބަލަ..." އުނޭޝް ތަމަންނީއާއި ދިމާލަށް ހަޅޭއްލަވައިގަތުމާއެކު ތަމަންނީ ހިމޭންވިއެވެ. އުނޭޝްގެ އަތުތެރޭގައި ހުރި ޔަޝްފީއަށް އޭނާ އަދި އެއްފަހަރު ބަލައިލިއެވެ. މިފަހަރު އޭނާއަށް އެއީ ޔަޝްފީކަން އިނގިއްޖެއެވެ.

"އެންމެން އައި. މިއައީ ދޮންބެދައްތައާއި ހޫރުކޮއްކި އާ މީޓްކޮށްފަ. މަންމަމެން އެބައާދޭ" ޔަޝްފީ ބުނެލިއެވެ. އުނޭޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވެސް ފިލައިގެން ދިޔައެވެ. އެ މަންމައާއި އޭނާ ބައްދަލުކުރާނެ ގޮތަކާއިމެދު ފިކުރުކުރެވެން ފަށައިފިއެވެ.

"ދޮންބޭ!! ދޮންބެ ކަންތައްކުރީކީ ރަނގަޅަކަށް ނޫން. ދޮންބެއަށް އިނގެއެއްނު އެކަން. އެހެންވީމަ މަންމަ ކައިރީގަ މަޢާފަށްއެދެންޖެހޭނެ އިނގޭ" ޔަޝްފީ ބުނެލިއެވެ.

"ނޭނގޭނެއްނު. އަހަރެން ވަރަށް ބޮލުގަ ރިއްސާފަ އިން ގަޑިއެއްގަ ޔަޝްކޮ އައިސް ވަނީ" ތަމަންނީ ބުނެލިއެވެ. އޭނާ ބޭނުންވީ ކުރެވުނު ކަންތައް ހަނދާންނައްތާލާފައި އުނޭޝް ކުރިމަތީގައި ރަނގަޅު މީހެއްގެ އެކްޓިން ދައްކާށެވެ. ނަމަވެސް އޭނާ ދެއްކި ވާހަކަތަކަށް ޔަޝްފީ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ތަމަންނީގެ ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތުގައި އުފެދުނީ އިންތިހާދަރަޖައިގެ ފޫހިކަމެވެ.

"ދޮންބޭ!! ދެން ދުވަހަކުވެސް ދޮންބެދައްތަ މިގެއަކަށް ނުގެންނާނަންތަ؟ ހޫރާއެކު އުޅެން ދޮންބެ ބޭނުމެއްނުވޭތަ؟" ޔަޝްފީ އެހިއެވެ. އުނޭޝް ލޯބިންފުރިގެންވީ ބެލުމަކުން ޔަޝްފީއަށް ބަލައިލިއެވެ. އެސުވާލުގެ ޖަވާބު އޭނާ ދޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅާއެކު އުޅެން އޭނާ އިންތިހާއަށް ބޭނުންވެއެވެ. ޔަޝްފީގެ ވާހަކަތަކުން ތަމަންނީގެ ރުޅިގަނޑު ފަޅައިގެންދާން ކައިރިވިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އުނޭޝް އެކަން މާބޮޑު ކަމަކަށް ނެހެދިއެވެ.

އަދްޔަންއާއި ޙާއިޝާ ގެއަށް ވަނީ ޔަޝްފީ ގޮވައިގެން އުނޭޝް ސޯފާގައި އިންދައެވެ. އުނޭޝް ފެނުނުކަމަށް ނަހަދާ ޙާއިޝާ ގޭތެރޭ އެކިތަންތަނަށް ނަޒަރު ހިންގައިލިއެވެ. ފޮށި ހިފައިގެން ހުރި އަދްޔަން ޔަޝްފީއަށް ހިނިތުންވުމެއް ދީފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ޔަޝްފީ ތެދުވެގެން ގޮސް ދޮރުމަތީގައި ހުރި އޭނާގެ ފޮށީގައި ހިފިއެވެ. އެތަނުގައި ބާކީ ހުރި ފޮށްޓަކީ ޙާއިޝާގެ ފޮށިކަން އިނގުމުން އުނޭޝް ހިނގައިގަތެވެ. ފޮށްޓާއި ހަމައަށް ނުދެވެނީސް އޭނާއަށް ހުއްޓެން މަޖުބޫރުވީ ޙާއިޝާ ބުނެލި ޖުމްލަތަކެއްގެ ސަބަބުންނެވެ.

"އަދޫ!! ތިފޮށި ލާފައި އައިސް މަންމަގެ ފޮށި ކޮޓަރިއަށް ގެންގޮސްދީބަލަ.... މަންމަ މިދަނީ ގަސްތައް ބަލާލައިފައި" ގޭތެރެއިން ގޯތިތެރެއަށް ނިކުންނަމުން ޙާއިޝާ ބުނެލިއެވެ. ޙާއިޝާ އޭނާ އެހާ ދުރުކޮށްލީތީ އުނޭޝް ހިތުގައިޖެހިއްޖެއެވެ. ނަމަވެސް އެކަން ވާނީ އެގޮތަކަށްކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. ކުށްވެރިއަކީ އެނާކަން މީހަކު އޭނާއަށް ހަނދާންކޮށްދޭކަށް ނުޖެހެއެވެ.

ގިނައިރުތަކަށްފަހު އުނޭޝް ކޮޓަރިއަށް ވަންއިރު ތަމަންނީ އެނދުގައި އޮތެވެ. އެނދުގެ ތަންކޮޅެއްގައި އިށީނުމަށްފަހު އުނޭޝް ދެއަތުގެ އުނޅަބޮށި ފައިގައި ވިއްދާލާފައި ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އޭނާގެ ހިތާއި ސިކުނޑި ޝަކުވާތަކާއި ފިކުރުތަކުން ފުނިޖެހިއްޖެއެވެ. މަންމަގެ އެދުރުކަން އޭނާ ތަޙައްމަލް ކުރަންޖެހޭނީ ކިހާ ދުވަހަކުކަމެއް ހިތަށް ގެންނަންވެސް ދައްޗެވެ. މާލިކް ދިން ނަސޭހަތްތަކަށްފަހު ދިރިއުޅުމަށް ރަނގަޅު ބަދަލެއް ގެންނަން ކުރެވުނު މަސައްކަތްތަކަށްފަހު އަނެއްކާވެސް އޭނާގެ ނަފްސަށް ހިމޭންކަމެއް ވެރިވާން އުޅޭހެން ހީވާން ފަށައިފިއެވެ. ދެން ކަންތައްކުރަންވީ ގޮތަކާއިމެދު ވިސްނަން ފަށައިފިއެވެ. ތަމަންނީއާއި މެދު ޙާއިޝާގެ ހިތްހެޔޮކޮށްގެން ނޫނީ އޭނާގެ ދިރިއުޅުން ފަސޭހަ ނުވާނެކަން އޭނާއަށް އިނގެއެވެ.

"ތަމަން...!!" ދެލޯ މަރައިގެން އޮތް ތަމަންނީ ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟ މިގޭތެރޭގައި އެއްވެސް މީހަކާ ތަމަން ޒުވާބުކުރާ އަޑު އަހަރެންނަށް އިވިގެން ނުވާނެ. މަންމަމެން ކައްކައިގެން ކެޔަސް ތަމަން އެއްވެސް ޝަކުވާއެއް ކޮށްގެންނުވާނެ. އެމީހުން ކައްކައިގެން ކާނީ ވަކިން. މަންމަ އުޅުނަސް ތަމަން އަހަރެންނަށް ވަކިން ކައްކަންޖެހޭނެ. އަދި އެއްވާހަކަ. މަންމަ ކުރާނެކަމަށް އެއްވެސް ކަމެއް ބަހައްޓައިގެން ނުވާނެ... އިނގޭ..." އުނޭޝް ވާހަކަދެއްކިއެވެ. ތަމަންނީ ބޯޖަހައިލިއެވެ.

***

އާޝިދްގެ ސައިކަލް އޮފީސް ދޮރުމައްޗަށް މަޑުކޮށްލުމާއެކު ވަޙީދުއްދީން ގޮސް އަރައިފިއެވެ. ދެބަފައިން ސައިކަލުގައި ނައްޓާލި މަންޒަރު އޮފީހަށް ވަންނަން އައި ސޮފާއަށް ފެނުމުން ނިތަށް ރޫ އަރައިގެން ދިޔައެވެ. ދެބަފައިން އެކުގައި ދިޔަ ތަނެއް ހޯދަން އޭނާ ބޭނުންވިއެވެ. އަވަސް އަވަހަށް ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލަށް އަރައިގެން ނައްޓާލިއެވެ.

ކެފޭއަކަށް ދެބަފައިން އަރާފައި މަޑުކޮށްލައިގެން ތިއްބެވެ. މެންދުރު ވަގުތަށްވީތީ ދެބަފައިންވެސް އޯޑަރ ދިނީ ކެއުމަކަށެވެ.

"ބައްޕަ މިއުޅެނީ ދަރިފުޅަށް ވަރަށް ބޮޑު ހަގީގަތެއް ކިޔައިދޭންވެގެން. ބައްޕަ ބޭނުންވަނީ މިކަމުން ސަލާމަތްވާން. ސޮފާގެ ނުރައްކާތެރިކަމުން ސަލާމަތްވާން ދަރިފުޅު ބައްޕައަށް އެހީވާނަންތަ؟" ވަޙީދުއްދީން ބުނެލިއެވެ. އާޝިދްގެ މޫނުމަތިން ފެނުނީ ޚައިރާންކަމެވެ.

"ކީކޭ ތިބުނީ...؟؟ ސޮފާއްތަގެ ކޮންކަމެއް އަނެއްކާ...؟ އައިރިސްވެސް ބުނި ތިކަހަލަ އެއްޗެއް" އާޝިދް ބުނެލިއެވެ.

"އައިރިސް ކީކޭ ބުނީ...؟" ވަޙީދުއްދީން އެހިއެވެ.

"އައިރިސް އުޅެނީ މީހަކާ އިނދެގެން. އަދި މިހާރު އައިރިސް ބަނޑުބޮޑު" އާޝިދް ބުނެލިއެވެ.

"ތިވާހަކަ އިވުމުން ބައްޕައަށް މާބޮޑު ޝޮކެއް ނުލިބޭނެ. ބައްޕައަށް އިނގޭ އަމިއްލަ އެދުމެއް ހާސިލްކުރަން އެ އަންހެނާ ކިތަންމެބޮޑު ކަމެއްވެސް ކޮށްފާނެކަން. ދަރިފުޅުމެންގެ ކައިވެންޏަކީ ބައްޕަ ކުރަން ބޭނުންވި ކަމެއްނޫން. އެކަމަކު އެކަން އެގޮތަށްވެއްޖެނަމަ ބައްޕައަށް ހޯދައިއެދެވުނީ ޒުކްގެ އުފާވެރިކަން" ވަޙީދުއްދީން ވާހަކަދެއްކިއެވެ.

"ތިބުނީ... ނުވިސްނުނު. އަޅުގަނޑު އައިރިސް އާ ކައިވެނިކުރީމަ ޒުކްއަށް ލިބޭނީ ކޮންއުފާވެރިކަމެއް؟" އާޝިދް އެހިއެވެ.

"ޒުކްގެ މަންމަ ޒުކް ކައިރިއަށް ގެނެވޭނެ ކަމަށް ސޮފާ ބުނީ. ސޮފާ ބޭނުންވަނީ ބައްޕަގެ ވިޔަފާރިން ބޮޑު ބައެއް. ވިޔަފާރި ދަރިފުޅުގެ މައްޗަށް ބަދަލުކުރަން އުޅޭކަން އިނގުނު ހިސާބުން އައިރިސްގެ ވާހަކަތައް ބައްޕަ ކައިރިގައި ދައްކަން ފެށީ. ދަރިފުޅުގެ ފުރާނަ ދުއްވާލާފައިވެސް އޭނާ އެކަން ކާމިޔާބުކޮށްފާނެ. އެއީ ސުންޕާ އަންހެނެއް" ވަޙީދުއްދީން ވާހަކަދެއްކިއެވެ.

"ދެން ބައްޕަ ތިބުނުއްވަނީ އަޅުގަނޑު އައިރިސް އާ ކައިވެނި ކުރައްވާށޭތަ...؟" އަސަރާއެކު އާޝިދް އެހިއެވެ.

"ނޫން. ޒުކްގެ އުފަލަށްޓަކައި ދަރިފުޅުގެ އުފާވެރިކަން ގެއްލުވާލަން ބައްޕަ ބޭނުމެއްނޫން. ބައްޕަ ބޭނުންވަނީ މަކަރަކުން ވިޔަސް އޭނާގެ އަތްދަށުން ޒަހުރިއްޔާ ސަލާމަތްކުރަން. މިކަން ބައްޕައަށް ކޮށްދެވޭނީ ދަރިފުޅަށް" ވަޙީދުއްދީން ވާހަކަދެއްކިއެވެ.

"ޒަހުރިއްޔާ...." އާޝިދް މަޑުމަޑުން ކިޔައިލިއެވެ. އޭނާ ހަނދާންވެއްޖެއެވެ. އެއްދުވަހަކު އޮފީސް ތެރެއިން ސޮފާއާއި ވަޙީދުއްދީނާމެދު ދެކެވުނު ވާހަކަތަކެއް އޭނާ އެހިއެވެ. ޒަހުރިއްޔާގެ ނަން އެނާ އެހީ އެދުވަހުއެވެ.

"އެއީ ޒުކްގެ މަންމަ ދޯ" އާޝިދް އަހައިލިއެވެ. ވަޙީދުއްދީން ބޯޖަހައިލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟