ދުވަހުގެ މަރުހަބާ އަރިސްކުރަމުން ފެނުން ތޮޅެލި އިރުގެ ދޯދިތަކުން ދުނިޔެއަށް އުޖާލާކަން ގެނެސްދީފިއެވެ. ފަތިހު ވެހުނު ވާރޭގެ ސަބަބުން ފަޒާގައި ހިފާލާފައި އޮތް ތެތްފިނިކަމަށް ވެސް ނިމުން އައިސް ފިއެވެ. އިރުއަރައިގެން އައިއިރު އީވާ ހުރީ އެޕާޓްމެންޓްގެ ބެލްކަނީގައެވެ. އަތުގައި އޮތް ހޫނު ކޮފީމަގުން އިރުއިރުކޮޅާ ރަހަ ބަލައިލައެވެ. އިރުގެ ޖާދުވީ ކުލަތަކުން އުދަރެސް ޖަރީވަމުން އައި މަންޒަރު ފެނުނަސް، އެހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ޖާދިންއާއި މެދު އެހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ފަންސާސް ފަހަރު އޭނަ ޖާދިންއަށް ގުޅައިފިއެވެ. އެތައް މެސެޖެއް ވެސް ކުރިއެވެ. ރޭގެ ހަތަރު ދަން ހޭދަވީ އެކަމުގައެވެ. ނަމަވެސް ޖާދިންގެ ޖަވާބެއް ނުލިބުނެވެ. ޖާދިންއާ މެދު ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. އީވާއަށް ކޮފީއަކީ ވަރަށް ކަމުދާ އެއްޗެކެވެ. މިއަދު އެކޮފީން ވެސް އޭނަގެ ހާސްކަމަށް ނިމުން ގެނެސްދިނުމުގައި ނާކާމިޔާބީއާ ކުރިމަތިވެފައި ވިއެވެ.
''އައިމް ސޯ ސޮރީ... ޖާދިން!...'' އީވާއަށް ބުނެވުނެވެ. ބެލްކަނީގައި ހުރި މޭޒުމަތީގައި ކޮފީ ތަށި ބަހައްޓަމުން އަނެއްކާ ވެސް ފޯނު ނެގިއެވެ. ހެނދުނުހެނދުނާ ވިޔަސް ޖާދިންއަށް ގުޅަން އީވާ ނިންމިއެވެ. ޖާދިންގެ ޚަބަރެއް ނުވަނީސް އޭނަގެ ހިތަށް ދެނެއް ހަމަޖެހުމެއް ނުލިބޭނެއެވެ. ޖާދިން އަކީ ޒަމާންވީ އޭނަގެ އެކުވެރިޔާއެވެ. ޖަޒުބާތުގައި ޖެހި ޖާދިން މޮޔަކަމެއް ކޮށްފާނެތީ، ހިތަށް ވެރިވެފައިވަނީ ހާސްކަމެވެ.
''ކީއްވެތަ ފޯނު ނުނަގަނީ؟، އަނެއްކާ ޖާދިންއަށް ކަމެއް ވީބާ؟....'' އީވާއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ފޯނަށް ޖަވާބު ނުދިނުމުން ކަންފަތާއި ފޯނު ވަކިކޮށްލެވުނެވެ. އެވަގުތު މެސެޖެއް ލިބުނެވެ. އަވަސްއަވަހަށް ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. އެއީ މާކިންގެ މެސެޖެކެވެ. ބާއްޖެވެރި ހެނދެނަކަށް އެދި ފޮނުވި މެސެޖެކެވެ. އިރުކޮޅަކަށް ވިޔަސް ހާސްކަން އީވާގެ ހިތުން ފިލައި ދިޔަ އެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ މާކިންގެ މެސެޖަށް ރައްދު ދިނެވެ. އޭގެ އިރުކޮޅެއް ފަހުން މާކިން ގުޅިއެވެ.
''ދުވަން ނުދާ ދުވަހަކީތަ؟...'' ސްޕީކަރަށް ލާފައި މާކިން ވާހަކަދެއްކިއެވެ. އޭނަ އޭރު އުޅުނީ ދުވަންދާން ތައްޔާރުވާށެވެ.
''މިއަދު ނުދެވޭނެ... މީހަކަށް އަހަރެންގެ މޫނު ފެނިއްޖެއްޔާ ވެސް ބިރުގަންނާނެ، ރޭ ހަތަރުދަމު އައިސްޕެކް އަޅައިގެން ވެސް ލޮލުގެ ދުޅަކަން ކަނޑުވައެއް ނުލެވުނު...'' އީވާ ބުނެލިއެވެ. އަދިވެސް އޭނަގެ ލޮލުގައި ރިއްސައެވެ. ގިނައިރު ރުއިމުގެ ސަބަބުން ވެރިވެފައި އޮތް ދުޅަކަން ފިލައިގެން ނުދެއެވެ.
''ސޮރީ...'' މާކިން މަޢާފަށް އެދުނެވެ.
''މަޢާފްކޮށްފިން، މިއަދު ބޭރަށް ދަންޏާ ޖެހޭނެ ވަރަށް ބޮޑަށް މޭކަޕްކުރަން، އަވިއައިނު ވެސް އަޅަން، ރޯލީމަ މިވަރު ވެދާނެ ކަމެއް ހިޔެއް ނުކުރަން...'' އީވާ ބުންޏެވެ.
''ހެހެހެ، މިރޭ ބައްދަލުކުރެވިދާނެތަ؟...'' މާކިން އެހި އެވެ.
''އާނ، ކިހާ އިރަކުތަ ބައްދަލުކުރަން ބޭނުން ވަނީ؟...'' އީވާ އޮޅުންފިލުވަންވެގެން ސުވާލުކުރިއެވެ.
''މިރޭ، ނުވައެއް ޖަހާއިރު ކިހިނެއް ވާނެ؟... އެހާއިރަށް ފްރީ ވާނީ، މިރޭ ކްލިންގަ ޑިއުޓީ އޮތީމަ، އެތާ ކައިރީ ހުންނަ ރެސްޓޯރެންޓްގަ އަހަރެން މަޑުކުރާނަން...'' މާކިން ތަނާއި ގަޑި ކިޔެވެ.
''އެންމެ ރަނގަޅު، އެކަމަކު މިރޭ އެހާ ރީއްޗެއް ނުވާނެ އިނގޭ، ފެނުނީމަ ދިމާ ނުކުރާތި...'' ސަމާސާ ރާގަކަށް އީވާ ބުނެލިއެވެ. އެދެމެދުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. އޭރު އީވާގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. ހާސްކަން ލިބިފައިވި އެދަނޑިވަޅުގައި ވެސް ކަންފަތާ ހަމައަށް މާކިންގެ އަޑު ފޯރުމުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ.
''އޭނައާއި ވާހަކަދައްކައިފިންތަ؟...'' ވާހަކައިގެ ތެރޭން މާކިން އެހިއެވެ. އޭނަ އެސުވާލު ކުރީ ދެފިކުރެއްގައި ހުރެއެވެ. އީވާގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއް ފާއިތުވެގެން ދިއުމުން އެސުވާލު ކުރެވުނުކަމުގެ މޮޔަ ހިތަށް އެރިއެވެ.
''ޖާދިންއާއި ވާހަކައެއް ނުދެކެވުނު...'' ރޭގައި ކަންތައް ވެދިޔަ ގޮތް މާކިންއަށް އީވާ ކިޔައިދިނެވެ. މާކިންއަށް އެވާހަކައަށް އިތުރު ކުރާނީ ކީކޭކަމެއް ނޭނގުނެވެ. ދޫ ހިމޭންވެފައިވީ އެސަބަބާ ހުރެއެވެ.
''ހަނދާންނެތިފައޭ މިހުރީ ވެސް، ތުންފަތް ކިހިނެއްތަ؟...'' ރޭގެ ހާދިސާ މަތިން ހަނދާންވުމުން އީވާއަށް އަހާލެވުނެވެ.
''ތުންފަތްދޯ... ރިހުން ގޮސްފި، ދުޅަވެސް ތިރިވެއްޖެ...'' މާކިން ބުނެދިނެވެ.
''ރޭގަ އަހަރެން ހާދަ ބިރެއް ގަތޭ، މާކްއަށް އިތުރު އަނިޔާއެއް ވިނަމަ ހިތްވެސް ހުއްޓުނީސްކަން ނޭނގެ، ޖާދުއާ މެދުގައި ވެސް ކަންބޮޑު އެބަވޭ...'' ވަޔާ ވިހުރެމުން ދިޔަ އިސްތަށިގަނޑުގައި އީވާއަށް އަތްތިލަ ހިންގާލެވުނެވެ.
''އަހަރެން މިހިރީ ސަލާމަތުންނޭ، އީވް ދެން ތިހާ ބޮޑަށް ކަންތަކާ މެދު ނުވިސްނާ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅު ވާނެ...'' އީވާގެ ހިތަށް ތަސައްލީއެއް ގެނެސްދެމުން މާކިން ވާހަކަ ދެއްކިއެވެ.
*****
''އަދި ވެސް ޚަބަރެއް ނުވޭދޯ؟...'' ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔަ ވަގުތު ރައުހާ ސުވާލުކުރިއެވެ. ޕާންފޮއްޗެއް އަނގަޔަށް ލާން އުޅުނު އީވާ، އޭނަގެ ހަރަކާތްތައް މަޑު ޖައްސާލަމުން ރައުހާއަށް ބަލައިލިއެވެ.
''އާނ، ވަރަށް ގިނަ ފަހަރު ގުޅައިފިން...'' ޕާންފޮތި ތަށީގެ ތެރެއަށްލަމުން އީވާ ޖަވާބު ދިނެވެ. ''ދެންމެ ވެސް މެސެޖެއް ފޮނުވައިފިން...''
''ނިދަނީ ކަމަށް ވެސް ވެދާނެއެއްނު...'' ވިސްނާލަމުން ރައުހާ ބުނެލިއެވެ. ''ބޮޑު މާސިންގާ ދެފިރިހެނުން ތަޅައިގަތީމަ އަހަރެން މިހިރީ އަޖައިބުވެފަ...''
''އަހަރެން ވެސް ބިރުން ހަލާކު ނުވީ ކިރިޔާ...'' އެވަގުތު އިހުސާސްކުރެވުނު ބިރުވެރިކަން އަނެއްކާ ވެސް އެކުވެރިޔާއާ ހިއްސާކުރަމުން އީވާ ބުނެލިއެވެ. ވާހަކައިގައި ތިއްބާ އީވާގެ ފޯނަށް މެސެޖެއް އައެވެ. އަވަސްއަވަހަށް ފޯނަށް ނަޒަރު ހިންގާލެވުނެވެ.
''ކާކު؟، ޖާދިންތަ؟...'' އީވާގެ މޫނަށް ވެރިވި ކުލަވަރުތައް ފެނި ރައުހާ ސުވާލުކޮށްލިއެވެ. އެހިނދު އަތުގައި އޮތް ފޯނު ރައުހާއަށް އީވާ ދައްކާލިއެވެ.
''ހޮޓެލްގެ ނަމާއި ކޮޓަރި ނަންބަރު...'' އީވާ ބުނެލިއެވެ. ''އަންނާނަން ތައްޔާރުވެލައިގެން... ރައު ހޮސްޕިޓަލަށް ދާއިރު އަހަރެން ހޮޓެލަށް ގެންގޮސްދީފާނަންތަ؟.....''
''ހޫމްމްމް... އާދޭ ތައްޔާރުވެގެން... އަހަރެން ވެސް މިދަނީ ތައްޔާރުވެލަން...'' ރައުހާ ބޯޖަހާލިއެވެ.
*****
ހޮޓެލްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އީވާއަށް ކުރިމަތިން ފެންނަމުން ދިޔަ ބޮޑު އިމާރާތަށް ބަލައިލެވުނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
''ކިހިނެއްވީ؟، ހާސްވަނީތަ؟، އެހެންވިއްޔާ އަހަރެން ދަންތަ އީވްއާއެކުގަ؟، އަދި ޑިއުޓީ ފެށެން ވެސް އިރުކޮޅެއް އެބައޮތް...'' އީވާއަށް ބަލައިލަމުން ރައުހާ ވާހަކަދެއްކިއެވެ. އީވާ ނުތަނަވަސްވެފައި އިންކަން އޭނަ ދެނަގަތެވެ.
''ނޫން، އޭރުން ކަމަކު ނުދާނެ... ރައު ދޭ...'' އީވާ ދެކޮޅު ހެދިއެވެ. އަތްދަބަހުން ނެގި އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އޭނަ ކާރުން ފައިބަން އުޅުނެވެ.
''އާރ ޔޫ ޝުއާ؟...'' ކާރުގެ ދޮރުހުޅުވަން އުޅުނު އީވާއަށް ބަލަން އިނދެފައި ރައުހާ އެހި އެވެ. ޔަޤީންކަން ބޭނުން ވެފައެވެ. ޖާދިން އަމަލުކޮށްފާނެ ގޮތަކާ މެދު ރައުހާގެ ހިތުގައި ނުތަނަވަސްކަން ވިއެވެ.
''އާނ، ޖާދުއަށް ފިލައިގެން ނޫޅޭވޭނެދޯ، ރައު ބުނިހެން މިކަންތަކާ ކުރިމަތި ނުލާހާ ހިނދަކު ހައްލެއް ވެސް ނުލިބޭނެ... އައި ކޭން ހޭންޑްލް ދިސް، ރައު އަހަންނާ އެކު ގޮސްފިނަމަ ޖާދު ހިތްހަމަނުޖެހިދާނެ...'' ރައުހާއަށް އީވާ ހިނިތުންވެލިއެވެ. އެއަށްފަހު ކާރުން ފޭބިއެވެ. އޭނަގެ މިސްރާބު ހުރީ ހޮޓެލާއި ދިމާއަށެވެ.
އީވާއަށް ބަލަން އިނދެފައި ރައުހާ ކާރު ދުއްވާލިއެވެ. އެކުވެރިޔާގެ ބަހަށް އިތުބާރުކުރަމުންނެވެ.
ހޮޓެލްއަށް ވަންނަން ދިޔަ އީވާ ފެނުމާއެކު، ދޮރުފާރަވެރިޔަކަށް ހުރީ މީހާ އޯގާތެރި ހިނިތުންވުމެއް ދިނެވެ. އަދި ލޮބީގެ ދޮރު ހުޅުވާލަދިނެވެ. ޝުކުރެވެރިވެރިކަމުގެ ހިނިތުންވުމެއް އެމީހާއަށް ދެމުން އީވާ އެތެރެއަށް ވަނެވެ.
އީވާގެ މިސްރާބު ހުރީ ރިސެޕްޝަނާ ދިމާއަށެވެ. ރިސެޕްޝަން ދޮށުގައި އިން އަންހެންކުއްޖާ ގާތު އޭނަގެ ނަން ބުނެލުމަށްފަހު، ޖާދިންގެ މަޢުލޫމާތު ސާފުކޮށްލަން ސުވާލުކޮށްލި އިރަށް ލިފްޓާ ދިމާއަށް ދިއުމުގެ އިރުޝާދުތައް އެކުއްޖާ ދިނެވެ. އަދި ޖާދިންގެ ކޮޓަރި ހުރި ފަންގިފިލާގެ މަޢުލޫމާތު ވެސް ދިނެވެ. ޖާދިން އޮތީ އޭނައާއި ބައްދަލުކުރަން އީވާ އަންނާނެ ވާހަކަ ރިސެޕްޝަނަށް އަންގާފައެވެ. އެކަމަށް އިންކާރުނުކުރުމަށް ވެސް އެދިފައެވެ. އެހާ ފަސޭހައިން ބައްދަލުކުރުމުގެ ހުއްދަ ލިބުނީ އެހެންވެއެވެ.
ލިފްޓް ތެރޭގައި ހުރި އިރުގައި ވެސް އީވާއަށް ފުން ނޭވާތަކެއް ދޫކޮށްލެވެއެވެ. ދެކެވޭ ވާހަކައިގެ މިސްރާބު ގެންދާނެ ދިމާއަކާ ގުޅުވައިގެން އޭނައަށް ވިސްނުން ހިންގާލެވުނެވެ. ޚިޔާލުތަކުގައި ހުއްޓާ ވިހި ވަނަ ފަންގިފިލާއާ ހަމައަށް ގޮސް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ. ކޮޓަރީގެ ނަންބަރު ހިތުން ކިޔާލަމުން އީވާ ލިފްޓުން ނިކުތެވެ. ލިފްޓްގެ ދެފަރާތަށް ދެވޭނެހެން ދެސަރައްކާލި އޮތެވެ. ކުރިމަތީ ހުރި ފާރުގައި، ކޮޓަރި ނަންބަރު ތައް ހުރި ދިމާ ފާހަގަ ވާނެހެން ނަންބަރު ލިޔެ ނިޝާނެއް ހަރުކުރެވިފައި ހުއްޓެވެ.
ލިފްޓްގެ ކަނާތް ފަޅީގައި އޮތް ސަރައްކާލިން އީވާ ކުރިއަށް ހިނގައިގަތެވެ. އަދި ސަރައްކާލީގެ ކޮޅުގައި ހުރި ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިލަމުން، ދޮރުގައި ލިޔެފައި އޮތް ނަންބަރަށް ބަލައިލިއެވެ. އެއަށްފަހު ދޮރުގައި ޓަކި ދިނެވެ. އިރުކޮޅެއް ފަހުން ޖާދިން އައިސް ދޮރު ހުޅުވައިފިއެވެ.
ދޮރުކުރިމަތީ ހުރި ޖާދިން ހުރީ ހުސް ގަޔާ އެވެ. ރޭގައި ލައިގެން ހުރި ޖިންސުގައެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ލޮލުގައި ނިދީގެ ވަރުބަލިކަމާއެކުވެ އުދާސްކަން ވެސް ފާޅުވެއެވެ.
''އަތަށް ކިހިނެއް ވީތަ؟...'' ޖާދިން، ދޮރުގައި ހިފަހައްޓައިގެން ހުރި އަތްތިލަ ފެނުމުން އީވާއަށް ކުރިއަށް ޖެހިލެވުނެވެ. ޖާދިންގެ އަތް ފަޅައިގެން ގޮސް ވަނީ ޒަހަމްވެފައެވެ. ލޭ ވެސް ވަނީ ހިކިފައެވެ. ފަރުވާކުޑަކަމާއެކު އަތަށް ނަޒަރު ހިންގާލަމުން ޖާދިން ވާހަކަދެއްކިއެވެ.
''ކީއްކުރަން ބައްދަލުކުރަން ބޭނުންވީ؟...'' ޖާދިންގެ އަޑުގައި މޮޅިވެރިކަމާއި ރުންކުރުކަން އެކުލެވިފައި ވިއެވެ. އެކަން ފާހަގަ ކުރެވި އީވާގެ މޭގައި ރިއްސާލައިފިއެވެ. ޖާދިންގެ ހިތްދަތިކަން ރީތިކޮށް އެމޫނުމަތިން ހާމަކޮށްދެއެވެ. ހުޅުވާލާފައިވާ ފޮތެއް ފަދައިންނެވެ.
''ޖާދު...'' އީވާއަށް ގޮވާލެވުނެވެ. އީވާއަށް ސަމާލުކަން ދިނުމެއް ނެތި، ދޮރު ވީހާވެސް ބޮޑަށް ހުޅުވާލާފައި ޖާދިން ހިނގައިގަތީ ކޮޓަރީގައި ހުރި ސޯފާއާއި ދިމާއަށެވެ. އިރުކޮޅެއް ވަންދެން ދޮރުކުރިމަތީ ހުރެފައި އީވާ އެތެރެއަށް ވަނެވެ. ޖާދިންގެ ފިނި ބެލުންތަކުން އީވާ ޖެހިލުންވާން ފެށިއެވެ. ނަމަވެސް، އެހިސާބަށް އައިސްފައި އަނބުރާލާފައި ދާން އޭނަ ބޭނުމެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް ޖާދިންއާއި ކުރިމަތިލާން އެބަޖެއެވެ. އެއާއެކު އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ އޭނަގެ ނަފުސު ތައްޔާރުކޮށްލި ހެންނެވެ.
އެތެރެއަށް ވަން އީވާ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. މުޅި ތަނަށް ހީވަނީ ނިގޫރޯޅިއެއް އަރާފައިވާ ހެންނެވެ. އެނދުގެ ބާލީސްތަކާއި ބަނާތަށް ދާންދެން ވަނީ ބިންމައްޗަށް އުކާލެވިފައެވެ. ދޮރު ލައްޕަން އުޅުނު ވަގުތު، ދޮރުގެ ދާރައިގެ ކައިރިން، ފާރުގައި ހިކިފައި ހުރި ލޭގެ ނިޝާންތައް ވެސް އީވާއަށް ފެނުނެވެ.
''އަތަށް ކިހިނެއްވީތަ؟... ފަޅައިގެން ދިޔަ އިރު ވެސް ބޭހެއް އެއްޗެއް ނާޅަންތަ؟...'' ސޯފާގައި އިށީން ޖާދިންއާއި އީވާ ވާހަކަދެއްކިއެވެ. ރިހުން އެކުލެވިގެންވި ދެލޮލުން އީވާއަށް ޖާދިން ބަލައިލިއެވެ. އެދެލޮލުގައި ވަނީ ޝަކުވާއެވެ.
ބަސްހުއްޓިފައި ޖާދިންއަށް ބަލަން އީވާއަށް ހުރެވުނެވެ. އީވާއަށް ހިންދިރުވާލެވުނެވެ.
''އައިމް ސޮރީ...'' ހިތްވަރުކޮށްލަމުން އީވާ ބުނެލިއެވެ. އަދި ސޯފާގައި ގޮސް އިށީނެވެ. ޖާދިންއާއި ވީހާ ވެސް ދުރުންނެވެ. އެދުރުކަމުން ޖާދިންގެ ހިތަށް އަސަރު ކުރިއެވެ.
''އަހަރެންގެ ގާތުގައި ވެސް އިންނާކަށް ބޭނުމެއް ނުވޭތަ؟...'' ޖާދިން އެހިއެވެ. އެސުވާލަށް ޖާބުދޭނެ ގޮތެއް ނޭނގުމުން އީވާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.
މާހައުލަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމެވެ. ފުން ނޭވާތަކެއް ދޫކޮށްލަމުން އީވާއަށް އޭނަގެ އަތުގެ އިނގިލިތަކާ ކުޅެލެވުނެވެ. ހިތުގައިވި ވާހަކަތައް ދުލާ ހަމައަށް ގެންނަން އޭނައަށް ދަތިކަމަށް ވެއްޖެއެވެ.
''ކީއްވެތަ އީވްއަށް އަހަރެން ދެކެ ލޯބި ނުވެވުނީ؟... ކީއްވެތަ ލޯބި ނުވާއިރު ކައިވެންޏަށް އެއްބަސްވީ؟...'' ޖާދިންއަށް އެހިތުގެ ޝަކުވާތައް ބަންޑުންކޮށްލެވުނެވެ. އަސަރާއެކުގައެވެ.
''ޖާދުގެ ހިތުގައި ޖެހިދާނެތީ...'' އީވާއަށް ހިންދިރުވާލެވުނެވެ.
''ދެން މިހާރު ތިކުރަނީ ކޮންކަމެއްތަ؟، އީވްއަށް އިހުސާސެއް ނުވޭތަ އަހަރެންގެ ހިތުގައި ޖެހިފައިވާ މިންވަރެއް، ރޭގައި ވެސް އަހަންނަށް ވުރެން ބޮޑަށް އީވްއަށް މުހިންމުވީ އެމާކިން!، އޭނައާއި އީވްއާ ބައްދަލުވީ އިހަކަށް ދުވަހުއެއްނު، އަހަންނަކީ ކުޑައިރުއްސެރެން ފެށިގެން އީވްގެ އެކުވެރިޔެއް ނޫންތަ؟، ދެން ކީއްވެ!... ކީއްވެ!...'' މުށްކަވާލެވުނު އަތުން މޭގައި ޖަހަމުން ޖާދިން ބުނެލިއެވެ.
''އަހަންނަށް އެނގޭ ވަރަށް ބޮޑަށް ޖާދުގެ ހިތުގައި ޖެއްސިއްޖެކަން... އައިމް ސޮރީ... މިހެން ވެދާނެތީ ބިރުން ހަޤީޤަތް ހާމަކުރަން ފަސްޖެހުނީ... އެކަމަކު ދުނި އުމުރަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެ... އަހަރެން ހާދަ މަސައްކަތެއް ކުރީމޭ އަހަރެންގެ ހިތުގެ ހާލު ޖާދުއަށް އަންގައިދޭން، އެއިން ކޮންމެ ފަހަރަކު ޖާދު އަހަރެން ދެކެ ވާ ލޯބި ފެނި ފަސްޖެހެވުނީ، ޖާދު ދެކެ ލޯބިވޭތޯ ވެސް މަސައްކަތްކުރިން، ނަމަވެސް މިހިތަށް ވިސްނައި ނުދެވުނު... އެއުދާސްކަމުގެ ތެރޭގައި ވަނިކޮށް އަހަންނާއި މާކިން ބައްދަލުވީ، އެބައްދަލުވުމަށް ފަހު އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައީ... އަހަންނަށް ހަޔާތުގައި ފުރަތަމަ ވެސް ލޯބި ވެވުނީ މާކިން ދެކެ، އެހިސާބުން ޔަޤީންކުރެވުނު އަހަރެންގެ ހިތް ދެން ބަދަލެއް ނުވާނެކަން، އެހިތުގައި އިތުރު ފަރާތަކަށް ޖާގައެއް ނެތްކަން، ޖާދިން... އަހަންނަށް މަޢާފްކުރޭ...'' ކުރެހިފައިވާ އަޑަކުން އީވާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެއިން ކޮންމެ ލަޒުފެއް ވިހަ ގަދަ ތީރުތަކެއްގެ ސިފައިގައި އައިސް ޖާދިންގެ ހިތުގެ އެންމެ ފުންމިނަށް ހެރުނެވެ. ހަލާކުވެފައިވި ހިތް އިތުރަށް ޒަހަމް ކުރުވާފައެވެ. ވޭން އަޅުވާލާފައެވެ. އިސްތިރިކޮށްލެވުނު ޖާދިންއަށް އެހިތުގެ ވޭން ބަރުދާސްތުކުރަން ދަތިވިއެވެ.
އަނެއްކާ ވެސް އެދެމެދަށް ވެރިވީ ހިމޭންކަމެވެ. ޖާދިންގެ ހިތަށް ކޮށްފައިވި ފުން އަސަރުތައް އެމޫނުމަތިން ރަމްޒުކޮށްދެއެވެ. އީވާއަށް އެހިތްދަތިކަން އިހުސާސްކުރެވުނެވެ. ދެރަވެ މާޔޫސްވީ ޖާދިން އެދޭ ފަދައިން ކަންތައްކޮށްނުދެވޭނެތީއެވެ. އެކަމުގެ ގިލަންވެރިކަން ހިތުގައި ވިއެވެ.
''އެންމެ ރަނގަޅުތަ ޖާދުގެ އަތުގައި ބޭސްއަޅާ ދިނަސް؟...'' ޖާދިންގެ އަތަށް ބަލަމުން އީވާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެޒަހަމްތައް ފެނި ހިތަށް އުނދަގޫވިއެވެ. އަމިއްލަ ނަފުސު ވެސް ކުށްވެރިކުރެވުނެވެ.
ޖާދިން އިނީ ހިމޭނުންނެވެ. ވާހަކަދައްކަން ބޭނުން ނުވެފައެވެ. ނޫނީ އެހިތުގެ ކެކުޅުންތަކުގެ ސަބަބުން މީހާ ހުއްޓުމަކަށް އައިސްފައި ވަނީއެވެ.
ޖާދިންގެ ޖަވާބެއް ނުލިބި ގިނަ އިރުވުމުން އީވާއަށް އޭނަގެ އަތްދަބަސް ހާވާލެވުނެވެ. އޭނަ ގެންގުޅޭ މެޑިކަލް ކިޓްގައި ބޭނުންވާވަރަށް ސާމާނެއް ނެތެވެ. އެއާއެކު ރިސެޕްޝަނަށް ގުޅާފައި ފަސްޓްއެއިޑް ފޮއްޓެއް ފޮނުވަދޭން އީވާ އެދުނެވެ. އޭގެ އިރުކޮޅެއް ފަހުން ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ކުޑަކޮށް ދޮރުހުޅުވާލި އިރު ދޮރުކުރިމަތީ ހުރީ ހަށިގަނޑުން ބިޔަ ދޮން ފިރިހެނެކެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރަން އޭނަ ސުވާލުކޮށްލުމުން ޖަވާބުގައި އީވާ ބުނީ އަތްކަނޑައިގެން ދިޔައީ ކަމަށެވެ. ބަލައިގެން އުޅުމަށް ބުނެފައި އެމީހާ ފަސްޓްއެއިޑް ފޮށި ދިއްކޮށްލީ، އިތުރު ސުވާލެއްކުރުމެއް ނެތިއެވެ. އެކަމާ ހިތްހަމަޖެހުނު އީވާ ފަސްޓްއެއިޑް ފޮށީގައި ހިފިއެވެ. އަދި ޝުކުރު އަދާކުރަމުން ދޮރު ލައްޕާލިއެވެ.
ފަސްޓްއެއިޑް ފޮށި ހިފައިގެން އައިސް ޖާދިންގެ ގާތުގައި އިވާ އިށީނެވެ. އަދި ޖާދިންގެ އަތްތިލައަށް ލިބިފައި ހުރި ޒަހަމްތަކަށް ފަރުވާ ކުރަން ފެށިއެވެ. ފާރުގަނޑު ސާފުކުރިއިރުގައި ވެސް ޖާދިން ހަރަކާތެއް ކޮށްނުލިއެވެ. އެވޭނަށް ވުރެން އެހިތުގައި އަޅަމުން ދިޔަ ވޭނުގެ ކެކުޅުން ގަދައެވެ. އެޒަހަމްތަކަށް މަލަމެއް ތައްޔާރުކުރަން އީވާ ނޫޅެނީ ކީއްވެބާއޭ ޖާދިންގެ ހިތަށް އެރިއެވެ. އެހިތުގެ ހާލު އީވާއަށް އިހުސާސް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟
''ދެން މިކަހަލަ ކަމެއް ނުކުރައްޗޭ...'' ޖާދިންގެ އަތުގައި ބޭސްއަޅައި ދެމުން އީވާ އެދުނެވެ.
''ޖާދިން!...'' ޖާދިން ބަސްމަދުވެފައި އިނުމުން އުނދަގޫވެގެން އީވާއަށް ގޮވާލެވުނެވެ. އެވަގުތު ޖާދިން އިސްއުފުލައިލިއެވެ. އެދެލޮލުގައިވި ކަރުނައާއި ރަތްކަން ފެނި އީވާއަށް ހިންދިރުވާލުން އުނދަގޫވެއްޖެއެވެ.
''ކީއްވެތަ އޭނަ ޚިޔާރުކުރީ؟... އަހަރެންގެ ކޮން އުނިކަމެއް ހުރެގެންތަ އީވްއަށް އަހަރެން ދެކެ ލޯބި ނުވެވުނީ؟...'' ހާލުގެދުލުން ޖާދިންއަށް ބުނެވުނެވެ. ކޮންމެ ފަދަ ޖަވާބެއް ދިނަސް ޖާދިންގެ ހިތަށް ލުޔެއް ނުލިބޭނެކަން އީވާއަށް ވިސްނައިގަނެވުނެވެ. އީވާއަށް އޭނަގެ ތުންފަތުގައި ދަތް އަޅާލެވުނެވެ.
''ޖާދިންގެ އުނިކަމެއް ހުރެގެނެއް ނޫން...'' އީވާގެ އަޑު ކުރެހުނެވެ. ޖާދިންގެ ވާހަކަދެއްކުމުގެ މޭރުމުން އީވާގެ ހިތަށް އަސަރުކުރިއެވެ.
''ދެން ކީއްވެ؟... އަހަރެން ގާތު އަބަދު މަޢާފަށް އެދެމުން އައީ އެހެންވެގެންތަ؟... އަހަރެންދެކެ ލޯބި ނުވެވުނީމަތަ؟...'' ޖާދިން އެހި އެވެ. އެއަޑުގައި މިހާރު ވަނީ ހަރުކަށިކަމެވެ.
''ޖާދިން!، ތި ސުވާލުތަކަށް އަހަރެން ދޭ ޖަވާބުތަކުން ޖާދިންގެ ހިތަށް އިތުރު ތަކުލީފެއް ނޫނީ ނުލިބޭނެ...'' އީވާ ކޮޅަށް ތެދުވުނެވެ. އަދި އަތުގައި އޮތް ފަސްޓްއެއިޑް ފޮށި ކުރިމަތީ ހުރި ތިރި ބިއްލޫރި މޭޒު މަތީ ބެހެއްޓިއެވެ.
''އަހަރެން ކިހިނެއްތަ މިކަންތައް ޤަބޫލުކުރާނީ؟...'' ޖާދިން ވެސް ކޮޅަށް ތެދުވުނެވެ. ''ކިހިނެއްތަ؟...''
''އުނދަގޫވާނެކަން އެނގޭ، އެކަމަކު މި ނޫން ގޮތެއް ނެތް... ހިތްވަރާއެކު މިކަމާ ކުރިމަތިލުން އޮތީ، އައިމް ވެރީ ސޮރީ...'' ކިތަންމެ ވަރަކަށް މަޢާފަށް އެދުނަސް ޖާދިންގެ ހިތުގެ ޒަހަމްތައް ފަސޭހަ ނުވާނެކަން އީވާއަށް އިހުސާސްކުރެވުނެވެ. ޖާދިން އޭނަ ދެކެ ވާ ލޯބި އެވަނީ ހިތި ޒަހަރަކަށް ވެގެން ގޮސްފައެވެ. ޖާދިންގެ ހުރިހާ ހުވަފެންތައް ބިލާހަކަށް ވެގެން ގޮސްފިއެވެ. އެހިތުގެ މާޔޫސްކަން އޭނައަށް އިހުސާސްކުރެވުނެވެ. އޭނައަށް މަދުދުވެރިވެވެން އޮތީ ހަމައެކަނި އެކުވެރިޔެއްގެ ހައިސިއްޔަތުންނެވެ. ޖާދިންގެ ހިތަށް ވެސް ފަސޭހަވާނީ ހަޤީޤަތާ ކުރިމަތިލުމުންނެވެ.
''އީވް އަހަންނަށް ވި ބޭވަފާތެރިކަން ހަނދާން ނައްތާލަން އަހަރެން މިހުރީ ތައްޔާރަށް، އެކުގައި ދިރިއުޅުމެއް ފަށަން ވެސް...'' އީވާއަށް ބަލައިލަމުން ޖާދިން ވާހަކަދެއްކީ، އީވާއާއި ގާތަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހިނދު އީވާ ހިނގައިގަތީ ޖާދިންއާއި ދުރަށެވެ.
''ޕްލީޒް، ކީއްވެތަ އަހަރެންގެ ވާހަކަތައް ޤަބޫލުކުރަން ބޭނުން ނުވަނީ... އަހަންނަށް ޖާދުއާއި އެކުގައި ނޫޅެވޭނެޔޭ...'' އީވާ އާދޭސްކުރިއެވެ. ދުލަށް ގެންނަން ދަތި ވިޔަސް އީވާ ހުރިހާ ވާހަކައެއް އަނެއްކާ ވެސް ތަކުރާރުކުރިއެވެ.
''ދެން އޭނައާ އެކުގައި އީވްއަށް އުފަލުގައި އުޅޭވޭނެތަ؟... އެއީ ކާކުތަ؟... އެމީހާގަނޑާ ހެދި އީވް ތިވަރުވާން އެއީ ކާކުތަ؟...'' ޖާދިން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ހޫނުވެގެން ދިޔަ ލޭގެ ސަބަބުން ކަރުގެ ނާރުތައް ވެސް ވަނީ ފުފި ބާރުވެފައެވެ. ދެލޮލުގައި ވަނީ ރަތްކަމެކެވެ. ހިތްދަތިކަން ބަރުދާސްތުކުރަން ދަތިވި ހާލު ޖާދިންއަށް ރުޅިވެރިކަން ޚިޔާރުކުރެވުނެވެ. އެއީ މިހާރު އޭނަގެ އެންމެ ގާތް އެކުވެރިޔާއޭ ހީވާ ކަހަލައެވެ.
''ސްޓޮޕް އިޓް!... ތިހެން މާކިންއާ ދިމާއަށް އެއްޗެހި ނުކިޔަބަލަ، މާކިންގެ ކުށެއް މިކަމުގައި ނެތް... ކުރިކަމެއް ވިއްޔާ ކުރީ އަހަރެން... ކީޕް ހިމް އައުޓް އޮފް ދިސް!...'' ޖާދިންގެ ހަޅޭކުގެ އަޑަށް އީވާ ސިހުނެވެ. ދެލޯބޮޑުކޮށްލަމުން ޖާދިންއަށް ބަލަން އޭނަ ހުއްޓެވެ.
''ނުކުރާނަން ޤަބޫލެއް، އީވްގެ ވިސްނުމާ ކުޅެލީ އޭނަ، އަހަރުމެންގެ ދެމެދަށް ވަނީ ހަމަ އޭނަ...'' ރުޅިވެރިކަމާއެކުގައި ޖާދިން ބުނެލިއެވެ.
''އަހަރުމެން ދެމެދުގައި ގުޅުމެއް ނެތް އިރު މިދެމެދަށް މާކިން ވަންނާނީ ކިހިނެއްތަ؟...'' އީވާއަށް ރައްދު ދެވުނެވެ. ހަޤީޤަތާ ކުރިމަތިލާން ޖާދިން ބޭނުން ނުވާތީ އީވާގެ ކެތްތެރިކަން ކޮޅުން ލައިފި އެވެ. ޖާދިންއަށް ވިސްނައިދޭން ކުރަމުން ދިޔަ މަސައްކަތެކޭ ފޫނެއް ފަޔަށް ފެންފުރުމެކޭ އެއްވަރު ވެއްޖެ އެވެ.
''ގުޅުމެއް ނެތޭ!!!...'' އީވާއާއި ދިމާއަށް ފިޔަވަޅުތައް އަޅަމުން ޖާދިން ވާހަކަދެއްކިއެވެ. ޖާދިންގެ ރުޅިވެރިކަން ފެނި އީވާ ބިރުގަންނަ ގޮތް ވިއެވެ. ކަންތައް ވެދާނެ ގޮތަކާ މެދު އޭނަ ހާސް ވިއެވެ. އޭނަ އުޅުނީ އެކޮޓަރިން ނިކުންނާށެވެ. އެދެމެދުގައި ހޫނު ޒުވާބެއް ފެށުމުގެ ކުރިންނެވެ. ދޮރާ ދިމާއަށް ދިޔަ އީވާގެ އަތުގައި ހިފާ ޖާދިން ލުއްކެއް ޖެހިއެވެ.
''ކީއްވެ އަހަންނާ ދުރަށް ތިދަނީ؟...'' ޖާދިން ބުންޏެވެ. އީވާގެ ނުރުހުމުގައި ވިޔަސް އެހިތުގެ މުހުތާދުތައް ހާސިލުކުރަން ހިތް ގޮވާލަމުން ދިޔަ އެވެ. އީވާ އޭނަ ދެކެ ލޯބި ނުވިޔަސް އޭނަގެ މީހަކަށް އީވާ ހަދަން ބޭނުން ވިއެވެ. މާކިންއަށް ހަމަހިލާ އީވާ ލިބުމުގެ ފުރުސަތު ދޭކަށް ވެސް ބޭނުމެއް ނުވިއެވެ. އީވާއަކީ އޭނަގެ މީހެކެވެ. ހަމައެކަނި އޭނަގެ އެވެ. އެވަގުތު ޝައިތާނާ އައިސް އޭނަގެ ބޮލަށް ސަވާރުވެގަތެވެ. ހިތުގެ އެދުންތައް ހާސިލުކުރަން ވަސްވާސް ދެމުންނެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން އެވަސްވާސްތަކަށް އަމަލުކުރެވުނެވެ.
''ދޫކޮށްބަލަ!، ތަދުވެޔޭ!...'' އީވާއަށް ރޮވުނެވެ.
ޖާދިންގެ އަމަލުތައް ހުރި ގޮތުން އީވާގެ ހިތް ބިރުން ރޫރޫއަޅާލިއެވެ. އޭނަގެ ބުރުގާގައި ހިފައި ބޮލާއި ވަކިކުރަން އުޅުމުން، ޖާދިންއާއި ދުރަށް ދާން އީވާ ގަދަ ހެދިއެވެ. އީވާގެ ތުންފަތަށް ވެސް ބޮސްދޭން ޖާދިން މަސައްކަތްކުރިއެވެ. އީވާގެ ހެދުމުގެ ތެރެއަށް ޖާދިން އަތްތިލަ ގެންދަން އުޅުމުން އީވާއަށް ތެޅިގަނެވުނެވެ. ޖާދިންގެ އަތުގެ ބީހުންތަކުން އީވާއަށް ހީވީ ހަށިގަނޑުގައި އަލިފާން ޖެހޭ ހެންނެވެ. ޖާދިންގެ ބޭނުން ވިސްނައިގަނެވުމާއެކު، އެރަހުމުކުޑަ އަތުގެ ތެރޭން މިންޖުވާން އީވާ މަސައްކަތްކުރިއެވެ. އިއްފަތްތެރިކަމަށް އެޅެމުން ދިޔަ ހިޔަނީގެ ވަކިތަކުން މިންޖުވާން އީވާގެ ނަފުސު ތެޅިފޮޅިގަތެވެ. ޖާދިންގެ މޭގައި އޭނައަށް ގޮށްމުށުން ޖަހާލެވުނެވެ. ވަކިވެސް އަޅައިގަނެވުނެވެ. އެވަގުތު ޖާދިންއަށް ގެނެވުނު ހަރަކާތާއެކު އީވާގެ ކޯތާފަތުގައި ޖެހުނެވެ. ވީތަދުން އީވާއަށް ރޮއިގަނެވުނެވެ.
އީވާގެ ރުއިމުގެ އަޑަށް ޖާދިންއަށް ހަމަހޭވެރިކަން ލިބުނެވެ. ކުރެވުނު ކަންތައް އޭނައަށް ރޭކާލީ ދެނެވެ. އޭރު ރޮމުންރޮމުން ޖާދިންއާއި ދުރަށް ޖެހުނު އީވާއަށް ލައްވެލެވުނީ ފާރުގައެވެ. ހެދުން ރަނގަޅުކޮށްލަމުން، ބުރުގާ ވެސް ރަނގަޅު ކޮށްލެވުނެވެ. ކަރުނުން ފުރިފައިވި ދެލޮލުން ޖާދިންއަށް އީވާ ބަލައިލިއެވެ. ހަމްދަރުދީގެ އަސަރެއް މިހާރު އެލޮލުގައި ނުވެއެވެ. ވަނީ ރުޅިވެރިކަމެވެ. އެދަރަޖައަށް ޖާދިންގެ އަމަލުތައް ގޮސްފާނެކަމަކަށް ކުޑަކޮށް ވެސް ޚިޔާލުކުރެވިފައި ނެތެވެ. ޖާދިންއަށް ކުރި އިތުބާރު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. ހިތަށް ބިރުވެރިކަން ގެނެސްދެމުންނެވެ. މިހާރު އޭނަގެ ލޯކުރިމަތީ އެހުރީ ހަމަ ޖާދިން ހެއްޔެވެ؟ ގާތް އެކުވެރިޔެއްކަމުގައި ދެކެވުނު ޖާދިން ހެއްޔެވެ؟ ރައްކާތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރި ޖާދިން ހެއްޔެވެ؟
''ސޮރީ!...'' ޖާދިންއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ލަދުވެތިކަން އޭނަގެ އަޑުގައި ވިއެވެ.
އީވާ ގާތަށް އައީ ރުޅިއެވެ. ޖާދިން ހުރި ހާލަތާ މެދު ވިސްނާކަށް އޭނަ ބޭނުމެއް ނުވިއެވެ. މަދަދުވެރިވާކަށް ވެސް މެއެވެ. އެދަރަޖައަށް ޖާދިންގެ އަމަލުތައް ދިއުމުން އެތަނުގައި އެންމެ މިނެޓަކަށް ވެސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ޖާދިންގެ އެވިޔާނުދާ އަމަލުގެ ސަބަބުން އޭނަ ޖާދިންއާއި މެދު ދެކެމުން އައި ނަޒަރިއްޔާތު މުޅިން ހެން ބަދަލު ވެގެން ހިނގައްޖެއެވެ. އެހާ ގިނަ އަހަރު ވީއިރުގައި ވެސް އޭނައަށް ޖާދިން ދަސްނުވިތާއޭ އޭނަގެ ހިތަށް އެރިއެވެ. ހިތްހެޔޮ ހިނިތުންވުމެއްގެ ނިވަލުގައި އެފަދަ ރަހުމުކުޑަ އިންސާނަކު ފިލާ ހުރިކަމެއް ނޭނގުނެވެ.
''އަހަރެން ދެން ބޭނުމެއް ނޫން ޖާދިންއާއި ވާހަކަދައްކާކަށް... މިހިސާބުން އެކުވެރިކަން ވެސް ނިމުނީ!...'' ދިއުމުގެ ކުރިން ހިތުގެ އުދާސްތައް އީވާއަށް ބޭރުކޮށްލެވުނެވެ. އަތްދަބަސް ތެރޭން ނެގި އަނގޮޓި ޖާދިންއާއި ދިމާއަށް އީވާ ހޫރާލިއެވެ. ރުޅި އައިސްފައި ހުރެއެވެ. ދުވަހަކު ޖާދިންއަށް މަޢާފް ނުކުރާނަމޭ ބުނަމުންނެވެ.
''އީވާ!...'' އީވާގެ ފަހަތުން ޖާދިންއަށް ދެވުނެވެ. ނަމަވެސް އޭގެ ކުރިން އީވާ ކޮޓަރިން ނިކުމެއްޖެއެވެ. ކޮޓަރީގެ ދޮރު ކުރިއްމައްޗަށް ހުއްޓެމުން ލެއްޕިގެން ދިޔަ ދޮރުގައި ޖާދިންއަށް އަތުން ޖަހާލެވުނެވެ.
''ކިހިނެއްތަ މިވީ؟...'' އޭނަގެ ދެއަތްތިލައަށް ބަލައިލަމުން ޖާދިންއަށް ބުނެވުނެވެ. ކުރެވުނު ކަންތަކާ މެދުގައި އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. ޖާދިންއަށް އޭނަގެ ބޮލުގައި ވެސް ހިފަހައްޓާލެވުނެވެ. އީވާގެ ފަހަތުން ދާން އުޅެފައި ވެސް ދެންމެ ހިނގި ހާދިސާ ހަނދާންވެ ދެފައިގައި ހިލިހިލާ ޖެހުނެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ އީވާއާއި މެދުގައި އެފަދައިން ކަންތައް ކުރެވުނީ ކީއްވެގެން ހެއްޔެވެ؟
''ނޫން!...'' ޖާދިންއަށް ބުނެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާޕެޓް މައްޗަށް ވެއްޓިފައި އޮތް އަނގޮޓި އޭނަ ނެގިއެވެ. އަދި މުށުތެރެއަށް ލިއެވެ. އެއީ އޭނައާއި އީވާގެ ގުޅުމުގައި ޖެހިފައި އޮތް ނިމުމުގެ ސިއްކަކަން ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ.
''ނޫން!، މިހެން ވެގެން ނުވާނެ، އީވް!، ތީ ހަމައެކަނި އަހަރެންގެ މީހެއް، ހަމައެކަނި އަހަރެންގެ!... އަހަރެން އީވް ހާސިލުކުރާނަން...'' މުށުތެރޭ އޮތް އަނގޮޓިއަށް ބަލަމުން ޖާދިންއަށް ބުނެވުނެވެ. އޭނަ ހުރީ އީވާގެ ލޯބީގައި އާވާރާ ވެފައެވެ. އެލޯބި ކޮންމެ ފަދަ ގޮތަކަށް ވެސް ހާސިލުކުރަން ބޭނުން ވެފައެވެ. އީވާގެ ބަލިފަޔަކީ ކޮބައިކަން އޭނައަށް ރަނގަޅަށް އެނގެއެވެ.
''އަހަންނަށް މަޢާފްކުރޭ، މި ނޫން އިތުރު ގޮތެއް ނެތް!، އީވް އުފަލުގައި ގެންގުޅެވޭނީ ހަމައެކަނި އަހަންނަށް، އެމާކިންގެ ކޮން ހައިސިއްޔަތެއްތަ ހުރީ އީވްއާ ރައްޓެހިވާން!...'' މާކިންއާއި މެދުގައި ޖާދިންގެ ހިތުގައި އަނދަމުން ދިޔަ ނަފުރަތުގެ ހުޅުގަނޑު ބޮޑުވެގެން ދިޔަ އެވެ.
''އޭނަގެ ސަބަބުން މިހެންމިވީ، އީވްއާއި އަހަރެންގެ ދެމެދަށް ފާވެގަތީ އޭނަ! ބޮޑު ނޮހޮރައްޕާނެކޭ!!!...'' ރުޅިވެރިކަމާއެކު ޖާދިންއަށް ދަތްކުނޑިވިކައިގަނެވުނެވެ. ''އީވްގެ ވިސްނުމާ ކުޅުނީ އޭނަ... އީވް ހާސްނުވޭ... އަހަރެން އީވްއަށް ރަނގަޅު ގޮތް ހޯދަދޭނަން...''
ކަންތައް ކުރަންވީ ގޮތް އޭނަގެ ހިތާއި ޖާދިން މަޝްވަރާ ކުރިއެވެ. ގަދަ މަޖުބޫރުން ވިޔަސް އީވާ އޭނަގެ މީހަކަށް އީވާ ހަދަން ޖާދިން އަޒުމު ކަނޑައެޅިއެވެ. އީވާއަށް އޮތް ރަނގަޅު ގޮތްތައް ވެސް ނިންމީ ޚުދު ޖާދިން އެވެ. އީވާގެ ޚިޔާލެއް ނެތިއެވެ.
*****
ހޮޓަލުން ބޭރަށް ނިކުމެވުމާއެކު އީވާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ޖާދިން ދެކެ އައިސްފައި ހުރި ރުޅި ފިނިވާ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އެމަންޒަރުތައް ލޯކުރިމަތިން ތަކުރާރުވާން ފެށައެވެ.
މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވަމުން ޓެކްސީއަށް އީވާ އެރިއެވެ. ގެޔަށް ދިޔަ މަގުމަތީގައި ދިރިއުޅުން ގޮސް ފައި އޮތް މިސްރާބާ މެދު ފިކުރު ހިންގި އީވާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ޖާދިންގެ ރަހުމުކުޑަކަން ތަސައްވަރު ކުރެވި އޭނަގެ ހިތަށް ފުންއަސަރުތަކެއް ކުރިއެވެ.
''ޖާދިން ކުރަން އުޅުނުކަމަކުން ދެން ދުވަހަކު ވެސް އަހަންނަށް ޖާދިންއަށް އިތުބާރެއްނުކުރެވޭނެ!... ޖާދިންއަކީ އެހާ ހިތްނުބައި މީހެއްކަމެއް ނުދެނެހުރިން، އެކަމަކު މިއަދު ޖާދިންގެ އަމަލުތަކުން އެކަން ސާބިތުކޮށްދީފި، ޖާދިންގެ ހިތުގައި ޖެއްސުނީތީ މަޢާފަށް އެދެން ބޭނުންވި، އެކަމަކު މިހާރު ބޭނުމެއް ނޫން!، ތި ރަހުމުކުޑަ މީހާއަށް ދެނެއް އިތުބާރެއް ވެސް ނުކުރެވޭނެ، ޖާދިންއާއެކުގައި މުސްތަޤުބަލެއް އަހަންނަކަށް ނުލިބޭނެ......'' އީވާއަށް ތުން ފިއްތާލެވުނެވެ. އޭނަގެ ހިތުގައި ޖާދިންއާއި މެދު ފޫހިކަން އުފެދުނެވެ.
(ނުނިމޭ)