ތިރީސްއެއްްވަނަ ބައި
ސޯފާގައި ދެކަކުލުގައި ބޯޖަހާލައިގެން އިން އަންހެންކުއްޖާ ފެނި އާޝިދްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އާޝިދަށް އެންމެބޮޑު ޚައިރާންކަމެއް ލިބުނީ އެ އަންހެންކުއްޖާގެ މަޑު ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނު ހިސާބުންނެވެ. ލައިޓްތައް ނިވާފައި ހުރުމުން ކާކުކަން ނޭނގުނަސް އޭނާގެ ހިތުގައި އެކުއްޖާއަށްޓަކައި ހަމްދަރުދީއެއް އުފެދިއްޖެއެވެ.
ލައިޓްތައް ޖައްސައިލުމާއެކު ދެކަކުލުގައި ބޯޖަހައިގެން އިން އައިރިސް ބަލައިލިއެވެ. އާޝިދްކަން އިނގުމުން މާބޮޑަށް ދެރަވެއްޖެއެވެ. އާޝިދަށްވެސްވީ އެވަރެވެ. އެކަހަލަ ވަގުތެއްގައި އެހާލުގައި އައިރިސް އިނދެފާނެ ކަމަކަށް އޭނާގެ ހިތަކަށްވެސް ނާރައެވެ.
"އައިރިސް" އެހެންފަހަރުތަކާއި ޚިލާފަށް އައިރިސް ފެނުމުން މިފަހަރު އޭނާގެ ހިތުގައި ރުޅިވެރިކަމާއި ފޫހިކަމެއް ނުއުފެދުނެވެ.
"އަހަ... އަހަރެން... ގެއަކަށް ނުދާނަން" އައިރިސް ބުނެލައިފިއެވެ. އާޝިދް އިށީނީ އައިރިސް އިން ގޮނޑީގެ ކޮޅުގައެވެ.
"މިތަނުގަ ތިއިންނަނީ ކީއްކުރަން؟ އަހަރެން އިރުކޮޅަކުން ދާނަން. ތަޅުލާފަ ދާނީ" އާޝިދް ބުނެލިއެވެ.
"ހެޔޮނުވާނެ އަހަރެންނަށް އެހީވެދީ. އަހަރެން ގެއަށްދާކަށް ބޭނުމެއްނޫން" ކުއްލިއަކަށް އައިރިސް އޭނާގެ ފައި ކައިރީގައި ކާޕެޓްމަތީގައި އިށީނުމުން އާޝިދަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. އޭނާއަށް ފާޑަކަށް ދެފައި ގަޔާ ކައިރިވެސް ކޮށްލެވިއްޖެއެވެ.
"އަހަރެން ކީއްކޮށްދޭންވީ؟؟" އާޝިދް ބުނެލިއެވެ.
"އާޝިދަށް އަހަރެންނަށް އެއްވެސް ކަމެއް ކޮށެއްނުދެވޭނެ. މި ކައިވެންޏަށް އިންކާރުކޮށް މިހާރުވެސް އާޝިދް ތިވަނީ އަހަރެންނަށް ވަރަށް ބޮޑު އިހުސާންތެރިކަމެއް ވެދީފަ" އައިރިސް ބުނެލިއެވެ. އާޝިދްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އައިރިސް ދައްކަމުންއެދާ ވާހަކަތަކުން ވިސްނަންވީ އެއްޗެއް އޭނާއަށް ނޭނގުނެވެ. ކައިވެނިކުރާ ވާހަކަ ދެއްކިއިރުވެސް އައިރިސް އެކަމަށް އިންކާރުކޮށްފައެއް ނެތެވެ.
"އަހަރެން މިވަގުތު ގެއަށް ދިޔައިއްޔާ މަންމަ ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ. މަންމަ ކޮށްފާނެ ކޮންމެ ކަމެއްވެސް. މަންމަ އޭނަދެކެ ރުޅިއާދޭ" އައިރިސް ވާހަކަދެއްކިއެވެ.
"އައިރިސް ތިކިޔާ އެއްޗެއް އަހަރެންނަށް ނުވިސްނޭ" އާޝިދް ބުނެލިއެވެ.
"އަ.. އައިމް ޕްރެގްނެންޓް" އައިރިސް ބުނެލިއެވެ.
***
ހަވީރު ފިނިޖެހިފައިވާ ވަގުތެވެ. ހޫރު ގޮވައިގެން މިއަދު އިރާނިޔާ ނިކުތީ އެކަންޏެވެ. ޒަމްހާއާއި ބައްދަލުކުރުމަށް އެގެއަށް ދިޔުމަށެވެ. އޭނާގެ އަތްމަތީގައި އިން ހޫރު ލައްވާފައިވަނީ އޭނާ ލައިގެން ހުރި ހެދުމާއި ގުޅުވައިގެން ފިޔާތޮށި ކުލައިގެ ކުޑަކުޑަ ހެދުންކޮޅެކެވެ. ބޮލުގައި އަޅުވާފައި އޮތް ބޭންޑްވެސް އިނީ ހަމަ އެކުލައިންނެވެ. މަގު ކުރުކޮށްލުމަށް ގޯޅިއަކަށް އެޅި ވަގުތު ވަޒީފާ ނިންމާފައި ގެއަށް އަންނަ ގުމްރޫހާއި ދިމާވިއެވެ.
"އަޅެ އަހަރެންވެސް ދާނަން" ހޫރުގެ ކޮލުގައި ކޮށްޓާލަމުން ގުމްރޫހް ބުނެލިއެވެ.
"ވަރަށް ވަރުބަލިވެފައެއްނު ތިހެރީ. އެހެންދުވަހަކުން ދޯ ދާނީ" އިރާނިޔާ ބުނެލިއެވެ.
"ނޫނޭ... ނުވޭ ވަރުބައްޔެއް" ގުމްރޫހް ބުނެލިއެވެ.
"އަހަރެން މިނިކުންނަނީ ޒަމްމެން ގެއަށް ވަދެލާފައި. ޒަމް ގޮވައިގެން މިދިމާލުން ބަނދަރު މައްޗަށް ނިކުމެލާނީ ދޯ" ގުމްރޫހް ކުރުނުކުރުމުން އެންމެފަހުން އިރާނިޔާ ބުނެލިއެވެ.
"އޯކޭ އަހަރެން މިތާ ހޫރު ގޮވައިގެން މަޑުކޮށްލާނަން" ގުމްރޫހް ބުނެލިއެވެ. އެއަށްފަހު ހޫރު އުރާލާފައި ކޮލުގައި ބޮސްދީފިއެވެ. ހޫރު މައްޗަށް އުފުލާލައިފައި ސަކަރާތް ޖަހައިލިއެވެ.
ޒަމާންތަކަކަށްފަހު މިސްކިތުން ފައިބައިގެން ހިނގާފައި ގެއަށް ދާން އައި އުނޭޝްއަށް ފުރަގަހަށް ހުރި އަންހެންކުއްޖާ ނުފެނެއެވެ. ނަމަވެސް އަންހެންކުއްޖާ އުރާލައިގެން ހުރި ކުޑަކުއްޖާގެ މޫނު ރީއްޗަށް އޭނާއަށް ފެންނަމުން ދިޔައެވެ. އަނގައަށް އިނގިލި ލައިގެން ހެވިދިލިފައި ގުމްރޫހުގެ ސަކަރާތުގައި ބައިވެރިވަމުންދިޔަ ހޫރުގެ ނަޒަރު އުނޭޝްގެ މޫނަށް ހުއްޓުނީ އެމީހުންނާ ދާދި ކައިރިއަށް އާދެވުނު ފަހުންނެވެ. އެންމެފުރަތަމަވެސް އުނޭޝްގެ ލޮލުގައި އަޅައިގަތީ ހޫރުގެ ފަލަމަސްގަނޑުގައި އިން ބޮޑު ލަފެވެ. އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިސް ހޫރަށް ބަލަހައްޓައިގެން ހުރެވުނެވެ. ހޫރުގެ މޫނުން ނަޒަރު ވަކިނުކޮށް އައިސް ގުމްރޫހްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. ކުއްލިއަކަށް ގުމްރޫހަށް ހޫރު އޭނާގެ ގަޔާ ކައިރިކޮށްލެވިއްޖެއެވެ. ގުމްރޫހަށް ހީވީ އުނޭޝް އޭނާ އަތުން ހޫރު ގެންދަން އުޅޭހެންނެވެ. އުނޭޝް ބަލަހައްޓައިގެން ހުރިގޮތުން އޭނާގެ އަތްފައިވެސް ފިނިވެއްޖެއެވެ. އަލަށް ފެންނަ މީހުންނާ ބީރައްޓެހި ހޫރު މިފަހަރު އުނޭޝްއަށް ބީރައްޓެހިކަމެއް ނުދެއްކިއެވެ. އޭނާގެ ތުއްތު ބަހުރުވައިން އުނޭޝްއާއި ވާހަކަދައްކައިފިއެވެ.
"އަހަރެންގެ ދަރިފުޅުތަ...؟؟ ދީބަލަ...." ދެއަތް ދިއްކޮށްލަމުން އުނޭޝް ބުނެލިއެވެ. އުނޭޝްއަކީ އަދްޔަންގެ ބޭބެއަށް ވީތީ ދެކޮޅަށް އެއްޗެއް ބުނަން ގުމްރޫހަށް ނުކެރުނެވެ. އެހެންނަމަވެސް އިރާނިޔާގެ ހުއްދައެއްނެތި ހޫރު ދޭކަށްވެސް ނުކެރުނެވެ. ހޫރުގެ ގައިގައި އުނޭޝް ހިފަހައްޓަންދެން ގުމްރޫހް ހުރީ ދޫނުކުރަންވެގެނެވެ.
"ރާނީއްތަ ވަރަށް ހިތްހަމަނުޖެހޭނެ ކަންނޭނގެ" ގުމްރޫހް ބުނެލިއެވެ.
"ހެޔޮނުވާނެ. އެންމެފަހަރަކު. އަހަރެން އުރާލަން. ނުގެންދާނަން" އުނޭޝް ބުނެލިއެވެ. އުނޭޝްގެ ދެލޮލުގައިވީ ހިތާމައާއި ވޭނީ އާދޭސްތައް ގުމްރޫހަށް ރަނގަޅަށް ފެނުނެވެ. އެހެންކަމުން އޭނާ ހޫރު އުނޭޝް އަތަށް ދޫކޮށްލިއެވެ.
"ދަރިފުޅާ...!! ބައްޕިގެ ދޫންޏާ... " އުނޭޝް ހޫރު އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. ހޫރުގެ މޫނުގެ ދެފަރާތުގައި ބޮސްދިނެވެ. ދެއަތާއި ދެފައިގައި ބޮސްދީ އޭނާގެ ދެއަތް ތެރޭގައި ހޫރު ފޮރުވާލިއެވެ. ހޫރު މަޖާވެފައި އިންއިރު އެކުއްޖާގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.
"ރާނީއްތަ އަންނަން އުޅޭނެ މިހާރު" އިރުކޮޅަކާ ފަހަތް ބަލަމުންދިޔަ ގުމްރޫހް ބުނެލިއެވެ. ފަހު ފަހަރަށް ހޫރުގެ މޫނުގައި ބޮސްދީފައި ގުމްރޫހާއި ހަވާލުކުރިއެވެ. ގުމްރޫހަށް ނުފެންނާނެހެން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލައިފިއެވެ. އެހެންނަމަވެސް އެކަރުނަ ގުމްރޫހަށް ފެނުނެވެ. އުނޭޝްއަށް އައިސްފައިވާ ބަދަލު ފެނި ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ގުމްރޫހަކަށް ނޭނގުނެވެ.
"އަހަރެންގެ ދަރިފުޅަށް ކިޔަނީ ކޮން ނަމެއްތަ؟" އުނޭޝް އެހިއެވެ.
"އައިޝަތު ހޫރު ބިންތި އުނޭޝް" ގުމްރޫހް ބުނެލިއެވެ. ކަރުނަތަކުގެ ތެރެއިން އުނޭޝްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ ހިނގައިގަތެވެ. އެންމެފަހަރަކުވެސް އެނބުރި ބަލައިނުލައެވެ. ދެވަނަ ފަހަރަށް ހޫރުގެ މޫނު ފެނި އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެދާނެތީއެވެ.
***
ގެސްޓުން ގޮވައިގެން ޖެޓީއަށް ލެފި ލާންޗުން ފޭބި ހުޝާމްއަށް ލޮލުގައި އަޅާފައި އިން އަވި އައިނު ނެގުނީ ގަހެއް ދަށުގައި ހުރި އަންހެންކުއްޖާ ފެނިފައެވެ. އެސޫރައަށް ބެލުނު އަދަދެއްވެސް އޭނާއަށް ނޭނގުނެވެ. ހަމަލޮލުން އެސޫރަ ބަލައިލަން އޭނައަށް ލިބުނު ފުރުސަތު ނަގާލާނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް އޭނާގެ ހިތުގައި ރަސްކަން ކުރަމުންދަނީ އެސޫރައެވެ. ދެވަނަ ސިކުންތުގައި ހުޝާމް މޫނުމަތިން ޚައިރާންކަމެއް ފާޅުވެގެން ދިޔައެވެ. އެ ރިސޯޓުން ތަމަންނީ ފެންނަން ޖެހުނު ސަބަބެއް އޭނައަށް ނޭނގުނެވެ. އެންމެ ބޮޑު ޚައިރާންކަމެއް ލިބުނީ ލާންޗުން ފޭބި އިސްކޮޅުންދިގު ޖަރުމަނުގެ ފިރިހެނެއްގެ އަތުގައި އައިސް ތަމަންނީ ހިފުމުންނެވެ. އެފިރިހެންމީހާވެސް ތަމަންނީގެ އުނގަނަޑުގައި ހިފާ ގަޔާ ކައިރިކޮށްލި ތަން ފެނި ހުޝާމްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ލާންޗުގައި ހުރި ފަޅުވެރިއެއް ކައިރީގައި ބުނެލާފައި ހުޝާމް ޖެޓީ މައްޗަށް ފުންމާލިއެވެ. ނޭނގޭކަމަށް ހަދާފައި އެދެމީހުން ފަހަތުން ހިނގަމުން ދިޔައެވެ. އެދެމީހުންގެ މަންޒިލަކީ ކޮބާކަން އިނގެން ހުޝާމް ހުރީ ބޭނުންވެފައެވެ.
ގެސްޓުން އުޅޭ ސަރަހައްދާއި ވަކިން ހަދާފައިހުރި މުވައްޒަފުންނަށް ހާއްސަ ކޮޓަރިބަރި ތަކުން ތިންވަނައަށް ހުރި ކޮޓަރިއަށް އެމީހާއާއި އެކު ވަނެވެ. ލެއްޕިގެންދިޔަ ދޮރުގެ އެތެރޭގައި ދެން ހިނގަމުންދާނީ ކޮންކަންތައްގަނޑެއްކަން ހުޝާމްއަށް އިނގުމާއެކު ހިތުގައި ރިއްސައިގަތެވެ. އަދިވެސް ހަމަ އެ އުޅުމެވެ. ތަމަންނީއަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. އޭނާ ހިތާހިތުން ކިޔައިލިއެވެ. ދެރަވީވަރުން އަނބުރާލާފައި އައިސް އޭނާ ނިދާ ކޮޓަރިއަށް ވަނެވެ.
***
"ވަޓް....؟؟" އާޝިދަށް ބުނެވުނެވެ.
"އާނ.. ތިއިވުނީ ރަނގަޅަށް. އަހަރެން ބަނޑުބޮޑު. އަހަރެން ގެއަށް ވަދެއްޖިއްޔާ މިދަރިފުޅު ސަލާމަތުން ނުބާއްވާނެ. އަހަރެން ހޭނައްތާފަވެސް މިދަރިފުޅު ނެތިކޮށްލާނެ. މަންމަ ހުރީ އެހާ ރުޅިއައިސްފަ" އައިރިސް ވާހަކަދައްކަމުން ދިޔައެވެ.
"އައިރިސް ލަދެއްވެސް ނުގަނޭތަ ތިވާހަކަތައް އަހަރެން ކައިރީގައި ދައްކަން. އަހަރެން ބޭނުމެއްނޫން މިތާހުރެގެން އައިރިސްގެ ތި ހަޑި ވާހަކަތައް އަހާކަށް. ބުނަންތަ؟ ކަލެއާ ކަލޭގެ މަންމަގެ ސިކުނޑިން އަހަރެން ނަން ފޮހެލާ. އަހަރެން ބޭނުމެއްނޫން ކައިވެންޏެއް ކުރާކަށް އަމުދުން ތިކަހަލަ އަންހެނަކާ..." އާޝިދް އައިރިސްއަށް ފުރަގަސްދެމުން ނުރުހިފައި ވާހަކަދައްކަމުން ދިޔައެވެ.
"ހެޔޮނުވާނެ. ﷲ އަށްޓަކައި. ތިކަހަލަ ބަސްތައް ބޭނުންނުކުރޭ. އަހަރެން ވިޔާނުދާ އުޅުމެއް ނޫޅެން. އާނ... އާޝިދް ފެނުމުން އަމަލުތައް އެގޮތަށް ބަހައްޓަން އަހަރެންނަށް މަޖުބޫރުކުރީ މަންމަ. އަހަރެންގެ ހެދުން އެޅުމުގެ ވައްޓަފާޅިވެސް ބަދަލުކުރުވި މީހަކީ މަންމަ. އަހަރެންނަކީ އެ މަންމަ ބޭނުން އަތަކަށް އަނބުރަންހުރި ރޮބެޓެއް. ރޮބެޓެއްހެން މިހުރިހާ ދުވަހު އަހަރެން އުޅެމުން އައީ" އައިރިސް ވާހަކަދައްކަމުން ދިޔައެވެ. އަދިވެސް އޭނާއަށް ރޮވެމުން ދިޔައެވެ. އޭނާއާއި މެދު އާޝިދް އެހާ ހަޔާތްކުޑަކޮށް ވިސްނީތީ އެކަމާއިވެސް އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. ނަމަވެސް އެކަމުގައި ވަކި އާޝިދްގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އޭނާ އާ ބެހޭގޮތުން އާޝިދަށް އިނގުނީ ކޮންކަމެއް ހެއްޔެވެ؟
"އަހަ... އަހަރެން އާޝިދާ މެދު ގޯސް ނަޒަރަކުން ނުވިސްނަން. މީހެއްގެ މުދަލެއްވެސް ފައިސާއެއްވެސް އަދި އެހެން ފިރިހެނެއްގެ ހިތުން މަގާމެއްވެސް ބޭނުމެއްނޫން. އަހަރެން މަގާމެއްވެސް ލޯތްބެއްވެސް ލިބުމަށް އެދެނީ ހަމަ އެންމެ މީހެއްގެ ފަރާތުން. ހަމައެކަނި އަހަރެންގެ ފިރިމީހާ" އައިރިސް ބުނެލިއެވެ. އައިރިސްއަށް ފުރަގަސްދީގެން ހުރި އާޝިދް އައިރިސްއަށް ބަލައިލީ ހަމަ ކުއްލިއަކަށެވެ. ކުރިމަތީގައި ރޮވިފައިހުރި އައިރިސްގެ ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދާ ކަރުނަތައް އޭނާގެ ވާހަކަތަކުގައިވާ ތެދު ހަގީގަތް ހާމަކޮށްދެމުން ދިޔައެވެ. އާޝިދްގެ ހިތް މަޑުކަފަކޮޅަކަށް ބަދަލުވެގެން ދިޔައެވެ.
***
ކަމްލާ ކާން ހެދުމާއެކު އުނޭޝް ކާން އެރިއެވެ. އެއްވެސް ޝަކުވާއެއް ނުކޮށް ކަމްލާ ކައްކާފައި ހުރި ހުރިހާ އެއްޗެއް އޭނާ ކެއެވެ. ކައި ނިމުމާއެކު އޭނާ ސޯފާގައި އިށީނދެފައި ގަޑިއަށް ބަލައިލިއެވެ. ތަމަންނީ ގެއަށް ނައިސް ތިންވަނަ ރޭ ފާއިތުވެގެން ދަނީއެވެ. ތަމަންނީ ވިޔާނުދާ ދިރިއުޅުމެއް ޚިޔާރުކުރިތީ އޭނާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. ތަމަންނީ އާ މެދު އޭނާއަށް ފަރުވާކުޑަ ކުރެވުނީއޭ ތަކުރާރުކޮށް ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ތަމަންނީ އެގޮތަށް ކަންތައްކުރީތީ އޭނާ އެހާ ފަސޭހައިން ތަމަންނީއަށް މާފެއް ނުކުރާނެއެވެ. އޭނާ ބޭނުންވަނީ ތަމަންނީގެ އުޅުން އިސްލާހުކޮށްގެން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ޖީބުގައި އޮތް ފޯނު ނަގާފައި ތަމަންނީގެ ނަންބަރަށް ގުޅައިލިއެވެ. ގެއިން ދިޔަފަހުން އަދި އެންމެ ފަހަރަކުވެސް އޭނާގެ ފޯނަށް ތަމަންނީ ޖަވާބު ދީފައެއްނެތެވެ. މިފަހަރުވެސް އޭނާއަށް ޖެހުނީ މާޔޫސްކަމާއެކު ފޯނު ބާއްވާށެވެ.
***
ހޫރު ނިންދަވާފައި އިރާނިޔާ ކޮޓަރިން ނިކުތީ މާބޮޑަށް ބަނޑުހައިވެފައި ހުރުމުންނެވެ. ޓީވީ ހުޅުވައިގެން އިން ގުމްރޫހް ފެނުމުން އެދިމާލަށް އިރާނިޔާ ދިޔައެވެ.
"ބްރޭކިންގް ނިއުސް... އަނެއްކާ ކޮންތާކު ކިހިނެއްވީބާ؟" ގުމްރޫހް ކައިރީގައި އިށީންނަމުން އިރާނިޔާ އެހިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި ހުރި ޓީވީއަށެވެ.
"އާންމުކަމެއްނު. ޖިންސީ ގޯނާ... މިހާރު ކޮންމެދިމާލަކަށް ބަލައިލިޔަސް ފެންނާނީ މިކަހަލަ ހަބަރުތައް. ކުޑަދެކުދިން އެއްތަންވިޔަސް މިކަހަލަ ވާހަކަތައް" ގުމްރޫހް ބުނެލިއެވެ.
"ތިކަހަލަ ހަބަރުތައް އިވުނީމަ އަހަރެން ދެރަވަނީ. ހުވާ މިޒަމާނަކީ ދަރިން ބަފާގެ އަތަށްވެސް ދޫނުކުރާ ޒަމާން" އިރާނިޔާ ބުނެލިއެވެ. އެހެންބުނުމާއެކު ގުމްރޫހް އިރާނިޔާގެ މޫނަށް ބަލައިލިއެވެ. އުނޭޝް ހޫރާއިއެކު ވަގުތުކޮޅެއް ހޭދަކުރި ވާހަކަބުނަން އޭނާގެ ދެތުންފަތް ފޭކޮށްލާފައި ދޫ ހަރަކާތްކޮށްލިއެވެ. ނަމަވެސް އިރާނިޔާ ބުނާނެ އެއްޗެއް ނޭނގޭތީ ބުނަން ނުކެރުނެވެ.
"އޯކޭތާ. ބަފައިންނާ ދޮންބަފައިން ޅަދަރިންނަށް ޖިންސީ ގޯނާކޮށްފަވެސް މަރައެއް ނުލައެއްނު. އަހަރެންގެ ދަރިފުޅުގެ ބައްޕަ އެދަރިފުޅު ދުނިޔެއަށް ނާންނަނީސް އެދަރިފުޅުގެ މަންމައާއި އެކު މަރާލަން އުޅުނީ... ގޮމައަށް އިނގޭތަ! އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން ހޫރަށް މިވާހަކަ އިނގެން" އިރާނިޔާ ބުނެލިއެވެ. ގުމްރޫހަށް އިނދެވުނީ އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. އޭނާ އުނޭޝް ދިމާވި ވާހަކަބުނަން ބޭނުންވިޔަސް އެހިތްވަރެއް ނުލިބުނެވެ.
"ދެން ހިނގާކާން... ހޫރަށް ހޭލެވިގެން ރޯން ފަށާފާނެ" ގުމްރޫހްގެ އަތުގައި ހިފައިލަމުން އިރާނިޔާ ބުނެލިއެވެ.
"މިއަދު އުނޭޝްބެއާ ދިމާވި. ހޫރު އުރާލާފައި ބައްދާވެސްލި. ވަރަށް ލޯބިވެސްކުރި" ގުމްރޫހް ބުނެލިއެވެ. އެވާހަކަތައް ހިތުގައި ބަހައްޓައިގެން ހިމޭނުން ހުންނަން އޭނާއަށް ކެތްނުވީއެވެ.
***
ތަމަންނީއަށް ގެއަށް އާދެވުނީ އަނެއްދުވަހު ހެނދުނުއެވެ. ނަމަވެސް ގެއަށް އޭނައަށް ވަދެވޭގޮތެއް ނުވިއެވެ. އެވަގުތު އުނޭޝް ވާނީ އޮފީހުގައިކަން އޭނާ ހަނދާންވިއެވެ. ހަދާނެގޮތެއް ނޭނގިގެން ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ހުއްޓާ ފޯނެއް އަންނަން ފެށިއެވެ. ބަލައިލިއިރު ސަބްރީނެވެ. އެވަގުތު ސަބްރީންގެ ކޯލު ލިބުނުކަން ނަސީބޭ ހިތާ ހިނގައިގަތެވެ.
"އަހަރެން ބޯގޮވައިގެން ހިތަށް އެރީ ރައްޓިއްސަކާއެކު ރިސޯޓަށޭ ކަނޑާލާނީ. އާނ... އެހެންޏަ... އުނޭޝް އުޅެނީ ހާދަ ފޫހި ގޮތަކަށޭ މިހާރު" ސަބްރީން ގެނެސްދިން ކޮފީތަށީގައި ހިފަމުން ތަމަންނީ ބުނެލިއެވެ.
"ދެން ކިހިނެއްހަދާނީ؟ ރީންދައްތަ ނުބުނަންތަ އެހާ ކެތްތެރިކަން ކުޑަވެގެން ނޫޅޭށޭ. އެކަހަލަ ވަގުތުތަކުގައި ތަމަން ޖެހޭނީ ބޮޑަށް އެސޮރަށް އަޅާލަން. ކައިރީގަ ހުންނަން. އޭރުން އެސޮރު ބޮޑަށް ލޯބިވާނީ" ކައިރީގައި އިށީންނަމުން ސަބްރީން ބުނެލިއެވެ.
"އަސްލު ވަރަށް ކަޑަވެފަ މިހުރީ ދެވުނީމަވެސް. ދެން ސެޓުކުރެވޭތޯ ބަލާނީ... ހާދަ ފަޅޭ... މިބުނީ މިގޭތެރޭގަ އިތުރު ބަޔަކު ނޫޅެނީތަ؟ ބައްސާމްބެ ފެންނަން ނެތީމަ" ހަގީގަތުގައި އެނާ އެހީ އަލިފުޅުގެ އާއިލާގެ ވާހަކައެވެ. އޭނާ އެގެއަށް ވަނީ އެމީހުން ނެތްކަން ޔަގީންކޮށްފައެވެ.
"އާނ.. ބައްސާމްބެ ވާނީ ފިހާރައިގައެއްނު. މިގޭގަ ތިބި ބަޔަކު. މިހާރު އެމީހުން އަމިއްލަ ގެއަށް ބަދަލުވެއްޖެ. ހަފްތާއެއް ވަންދެން މަޑުކުރީ" ސަބްރީން ބުނެލިއެވެ. ތަމަންނީ ހީލިއެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ދެން އަބަދުވެސް އެމީހުން އުޅޭނީ އެރަށުގަހޭ އަހަންވެސް އޭނާ ބޭނުންވިއެވެ. ދެ އާއިލާ އޮތީ ކޮން ގުޅުމެއްތޯވެސް އަހަން ބޭނުންވިއެވެ. އެމީހުންނާ ގުޅިގެން އެންމެ ސުވާލެއް ކުރަންވެސް ނުކެރުނެވެ. އެހެންކަމުން އޭނާ ހަމައެކަނި ހީލުމަކުން ފުއްދާލީއެވެ.
***
އައިރިސް އަތަށް ފިނި ފެންތައްޓެއް ލައިދީފައި އާޝިދް އިށީނީ ކައިރީގައެވެ. އައިރިސް އާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ފޫހިކަން ފިލާ ހިތް ސާފުވެއްޖެއެވެ. އެ އަންހެންކުއްޖާއާއި މެދު ހިތުގައި ހަމްދަރުދީ އުފެދިއްޖެއެވެ.
"އަހަރެން މެރީކުރީ ޖައިޝްދެކެ ވަރަށް ލޯބިވާތީ" އައިރިސް ބުނެލިއެވެ.
"ޖައިޝް...؟" އާޝިދްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އޭނާގެ އެކުވެރި ޖައިޝްއަށް ވެދާނެބާއޭ ހިތަށް އެރިއެވެ.
"އާނ.. ޖައިޝް. މެރީކުރީވެސް މަންމަގެ ނުގަބޫލުގަ. ދޮންތަ ރާއްޖެއިން ބޭރުމީހަކާ އިންނަން ގަބޫލުވިއިރު އަހަރެން ދިވެއްސަކާ މެރީކުރަން މަންމަ ދެކޮޅުހަދަންވީ ސަބަބެއް އަހަރެންނަކަށް ނޭނގުނު. އެދުވަސްކޮޅު އަހަރެންނާ މަންމައާ ވަރަށް ގަދައަށް ޒުވާބުކުރަން ޖެހުނު. މަންމަ ވީމަ ހިމޭނުން ހުންނަން އަހަރެން ކެތްކުރިން. ޖައިޝްދެކެ ލޯބިވާވަރުން، އެކުގައި އުޅެން ބޭނުންވާވަރުން މަންމައާއި ދެކޮޅަށް ނިކުތީ. މާލެ އައިފަހުން މަންމަ އައީ ޖައިޝްއަށް ވަރަށް މަލާމަތްކޮށް ދަތިކުރަމުން. މީހަކު ލައްވާ ތަޅައިވެސްގަތް. މީހަކު ހުންނަ ހުރުމަކުން ނޭނގިދާނެ. މަންމައަކީ ވަރަށް ނުރައްކާތެރި މީހެއް. ޕާޓޭއަކު މެދުވެރިކޮށް ވަރަށް ބައިވަރު ޑްރަގްސްތަކެއް ޖައިޝްގެ ބޮލުގައި އަޅުވާނަމޭ ކިޔާފަ އަހަރެންނަށް ބިރުދެއްކީ. އެހާ ދުވަހު ރާއްޖެއިން ބޭރުގަ އުޅެފަ އައިމަ މިތާ ޖަލުތަކުގެ ހާލަތު އަހަރެންނަށް ވިސްނިފަ އޮތްގޮތުން ވަރަށް ބިރުގަނެ ޖެހިލުންވި. އެހެންވެ އަހަރެން ހީކުރީ ޕޮލިހުން އަހަރެންގެ ޖައިޝްގެ ގައިގަ ވަރަށް ތަޅާނެކަމަށް ޑްރަގްސް ފެނުނީމަ. ޖައިއަށްޓަކައި އަހަރެން ދުރަށް ދިޔައީ. ޑިވޯސްވާން އެދި ފޯމް ލީވެސް އަހަރެން. އެވެސް މަންމަ އަހަރެންނަށް މަޖުބޫރުކޮށްގެން. އެދުވަހު ޖައި ވަރަށް ރުއި. ޖައިއަށް އިނގުނު އަހަރެން ކަންތައްގަނޑެއް ސިއްރުކުރާކަން. އަހަންވެސް އެހި. އަހަރެން އެކައްޗެއްވެސް ކިޔާނުދެން. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ޖައި ކައިރިއަށްދާން. މިއުފާވެރި ހަބަރު ޖައިއަށް ދޭން" އައިރިސްއަށް ފެންދިން ތަށި ހިފާލައިގެން ވާހަކަތައް އަހަމުން ދިޔަ އުނޭޝް ހިތަށް އެއީ އޭނާގެ އެކުވެރި ޖައިޝް އޭ ކިތަންމެ ފަހަރަކު އަރައިފިއެވެ. ޖައިޝްގެ ވާހަކަތައްވެސް ހުރީ ހަމަ އައިރިސްގެ ވާހަކަތައް ހުރި ފަދައިންނެވެ.
***
އުނޭޝް ގެއަށް އައިރު ދޮރާށި ކައިރީގައި ތަމަންނީ ހުރިތަން ފެނި ޚައިރާންކަމެއް ލިބިގެން ދިޔައެވެ. އެންމެބޮޑު ޚައިރާންކަމެއް ލިބުނީ ތަމަންނީ އަޅައިގެން ހުރި ހެދުން ފެނިފައެވެ. ދުވަހަކުވެސް ދިގު ހެދުމެއް ލާފައިނުވާ ތަމަންނީ ހުރީ ކަޅުކުލައިގެ ބޮޑު ހެދުމެއް ލާފައެވެ. އުނޭޝްއަށް ބަލައިލިއިރު ހީވަނީ ދެންމެދެންމެ ރޮވިދާނެ ހެންނެވެ. ތަމަންނީގެ އެ ނަޒަރުން އުނޭޝް ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ.
"ދެން ރީންދައްތަ ދަނީ އިނގޭ. ދެކުދިން ވާހަކަދައްކައިގެން ޖެހުނު މައްސަލައެއްވިއްޔާ ހައްލުކުރޭ" ސަބްރީން ތަމަންނީގެ ބުރަކަށީގައި ފިރުމައިލަމުން ބުނެލިއެވެ. ސަބްރީން ހިނގައިގަތުމާއެކު އެއީ ކާކުކަން އުނޭޝް ހަނދާންވިއެވެ. ތަމަންނީއާއި ކައިވެނި ނުކުރަނިސް އެގެއިން އެއްރެއަކު އެނާ ވަނީ ތަމަންނީއާއި ބައްދަލުކޮށްފައެވެ. އެގޭ ކައިރީގައި ހުންނަން ޖެހުމުންވެސް ސަބްރީން ހުރީ ބޮލުގައި ރިއްސައިގަނެފައެވެ. އޭނާ ބޭނުންވީ ވީހާ އަވަހަކަށް އެމަގުންވެސް ނިކުންނާށެވެ.
***
ސްކޫލު ކައިރިއަށް މަޑުކޮށްލާފައި ހުރިހާ ދިމާލަށް އާޝިދް ނަޒަރު ހިންގައިލީ ޒުކް ފެންނަން ހުރިތޯއެވެ. ކުދިންތަކުގެ ތެރެއިން ފޮތްތައް މޭގައި ލައްކޮށްލައިގެން ހުރި ޒުކްއަށް އާޝިދް ފެނުމާއެކު ބާރަށް ހިނގާފައި އައިސް ސައިކަލަށް އަރައިފިއެވެ. ބަހެއްނުކިޔާ އިންނަން ފެށުމުން އާޝިިދް ސައިކަލް މަޑުކޮށްލާފައި ޒުކްގެ މޫނަށް ބަލައިލިއެވެ.
"ބަލީތަ...؟ ކިހިނެއްވެފަ ތިއިންނަނީ ބަހެއްވެސް ނުކިޔާ. އެހެންޏާ ދޮންބެ ވާހަކަދައްކާނެ އެންމެ ފުރުސަތެއްވެސް ނުދޭނެ" އާޝިދް ބުނެލިއެވެ.
"މިއަދުވެސް މަންމަ އައިއްސި ޒުކް ގެންދަންވެގެން" ޒުކް ބުނެލިއެވެ.
"ޒުކް ވަރަށް ފޫހިވޭ މަންމަދެކެ. ޒުކް ބޭނުމެއްނޫން މަންމަ ކައިރިއަށް ދާކަށް" ޒުކް ބުނެލިއެވެ.
"އެހެން ނުބުނާނެ ބޭބީ... އެއީ މަންމައެއްނު. ކޮންމެ ކުއްޖަކުވެސް މަންމަދެކެ ލޯބިވާންވާނެއްނު" އާޝިދް ލޯތްބާއެކު ބުނެލިއެވެ.
"އެހެންވިޔަސްހެޔޮ. ލޯބިވަންޏާ ވާހަކަދައްކާނީވެސް ވަރަށް ލޯބިން ދޯ. ހުރިހާކުދިން ތެރޭގައި ހަޅޭއްނުލަވާނެ ދޯ. އަތަށް ތަދެއްވެސް ނުކުރާނެ ދޯ" އަސަރާއެކު ޒުކް ބުނެލިއެވެ. އާޝިދް ޚައިރާންވެފައި ޒުކްއަށް ބަލައިލިއެވެ.
(ނުނިމޭ)