ހިތަށް ވެރިވި ހާސްކަމާއެކު އީވާއަށް ބަލަން ހުރެވުނީ ޖާދިންގެ މޫނަށެވެ. ހަމްދަރުދީގެ އަސަރުތައް އީވާގެ ލޮލުގައި ވިއެވެ. ހަމައެއާއެކު އެހާ ކުއްލި ގޮތަކަށް އެތަނުން ޖާދިން ފެނުމުން ސުވާލު ވެސް އުފެދުނެވެ. ޖާދިން އޭނައަށް ފާރަލަނީ ހެއްޔެވެ؟ އޭނަ ދެއްކި ހުރިހާ ވާހަކައެއް ޖާދިންއަށް އަޑު އިވުނީ ހެއްޔެވެ؟ ހުރިހާ ހަޤީޤަތެއް ހާމަވެގެން ދިޔައީ ހެއްޔެވެ؟
ޖާދިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްދަތިކަމުގެ ކުލަވަރުތަކުން އީވާގެ ހިތުގައިވި ސުވާލުތަކަށް ޖަވާބު ލިބުނެވެ. އިސްތިރިކޮށްލެވުނީ ޖާދިންއާއި ކުރިމަތިލާން ފަސްޖެހެވުމުންނެވެ. އެދެލޮލުން އޭނައަށް ހިތްދަތިކަން ފެނުނެވެ. ޝަކުވާތައް ވެސް މެއެވެ. އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
''ޖާ..ދިން...'' އީވާއަށް އުނދަގުލުން ގޮވާލެވުނެވެ. ހިތްވަރުކޮށްލަމުން އިސްއުފުލައި ޖާދިންގެ މޫނަށް އޭނަ ބަލައިލިއެވެ.
ޖާދިންގެ ނަޒަރު ސީދާވެފައި ވަނީ މާކިން އަށެވެ. މާކިން ވެސް އޭރު ބަލަހައްޓައިގެން ހުރީ ޖާދިން އަށެވެ. މަސްރަހުގެ ގޯސްކަން އީވާއަށް އަންދާޒާކޮށްލެވުނެވެ. ހިތް ގެނބިގެން ދިޔަ ހެން ވެސް ހީވިއެވެ. އޭނަ ހާސްވާން ފެށިއެވެ. ބޮޑު ކޯޅުންގަނޑަކަށް ހިނގައިދާނެތީ އޭނަ ބިރުގަތެވެ.
ޖާދިންގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އެރުޅިވެރިކަން ގުޅިފައިވަނީ މާކިންއާއި އެވެ. މާކިންގެ ފަރާތުން ފެނިގެން ދިޔައީ ހިމޭންކަމެވެ. އެތަނުން ކުއްލިޔަކަށް ޖާދިންއާއި ބައްދަލުވުމުން ހިތުގައި ހައިރާންކަން ވެސް އުފެދިފައި ވިއެވެ. އޭނަ އީވާއާއި ބަދަލުކޮށްލި ނަޒަރާއެކު އެތަނުން ދާން ހިނގައިގަތެވެ. ޖާދިން އެތަނުގައި ހުރުމުން އޭގެ މާނަ ނަގަންވީ ކިހިނެއްކަމެއް މާކިންއަށް ވިސްނައި ގަންނަން އުނދަގޫ ވިއެވެ. ހިސާބަކަށް ރުޅި ވެސް އަތު ވެއްޖެއެވެ. އީވާ ދެއްކި ވާހަކަތަކަށް ވިސްނުން ހިންގާލުމެއް ނެތި އަވަސްވެގަތީ އެތަނުން ދިއުމަށެވެ.
''މާކިން...'' އީވާއަށް ބޭއިހްތިޔާރުގައި މާކިންގެ އަތުގައި ހިފާލެވުނެވެ. އެމަންޒަރު ފެނި ޖާދިންއަށް ދަތްކުނޑި ވިކައިގަނެވުނެވެ.
''ދާންވެއްޖެ... އީވާ ދައްކަން ބޭނުންވި ވާހަކަތައް ނިމިއްޖެއެއްނު، އިތުރަށް ދައްކާނެ ވާހަކައެއް އޮތް ކަމަކަށް އަހަރެން ނުދެކެން...... އުއްމީދުކުރަން އަހަރެންގެ ޖަވާބު ވެސް ލިބިއްޖެކަމަށް!...'' އަސަރެއް ނެތް ގޮތެއްގައި މާކިން ބުނެލިއެވެ. އީވާގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ މާކިންގެ އެންމެ ފަހުގެ ނިންމުން ހެއްޔޭ ހިތާއި ސުވާލު ކުރެވުނެވެ. ހިތުގައި މިޔަ އެޅިގެން ދިޔަ ހެން ވެސް ހީވިއެވެ. ލޮލުން ލޭކަރުނަ ފައިބާހާ ވިއެވެ.
ޖާދިންއަށް ކެތްކުރުން ދަތިކަމަކަށް ވެއްޖެއެވެ. މާކިންގެ ލޯތްބަށް އެދި އީވާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން އޭނަގެ ހިތުގެ ވޭން އިތުރުވާން ފެށިއެވެ. މޭ ފިތިގެން ގޮސް ކެތްކުރަން ތަދިވެއްޖެއެވެ. ތަޤުދީރުގެ ރޭވުންތެރިކަމާ މެދު އޭނައަށް ޝަކުވާ ކުރެވުނެވެ. މިފަދަ މަންޒަރެއް އޭނައަށް ދެއްކެވުމުން އެކަމާ މެދު ރުޅި ވެސް އަތުވެއްޖެއެވެ. މިއީ އިންސާފުވެރި ގޮތެއް ވެސް ނޫނެވެ. އޭނަ އީވާ ދެކެ ވާ ތެދުވެރި ލޯބި ބިލާހަކަށް ވެގެން ދަނީ ހެއްޔެވެ؟ އެހިތުގެ އިހުސާސްތަކަށް އެއްވެސް ކަހަލަ ޤަދަރެއް ނުލިބޭނީ ހެއްޔެވެ؟ އީވާގެ ހިތުން އޭނައަށް ކުޑަ މީސް ޖާގައެއް ނެތީ ހެއްޔެވެ؟
''މާކިން...'' އީވާގެ އަރުތެރޭން ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔަ އެވެ. ހިތްދަތިކަން ބަރުދާސްތުކުރަން އޭނައަށް ދަތިވެއްޖެއެވެ. ހަޤީޤަތް ހާމަކުރުމުން ވެސް މާކިންގެ ނިންމުން ބަދަލުނުވެދާނެ ކަމުގެ ގިލަން ވެރިކަމުން ނަފުސަށް ސިހުން ގެނުވައިފިއެވެ. މުޅި ވުޖޫދު އެނބުރެން ފެށި ކަހަލައެވެ. ފައިގެ ދަށުގައި އޮތް ބިންގަނޑަށް ވަރުގަދަ ޒަލްޒަލާއެއް އައިސްފިއެވެ. ކޮޅަށް ހުންނަން ވެސް ދަތި ކަމަކަށް ވެއްޖެއެވެ.
''ބުނީމެއްނު އަހަރެން ނިންމާ ކޮންމެ ނިންމުމެއް ޤަބޫލުކުރާނަމޭ، މިއީ އަހަރެންގެ ނިންމުން... އީވާއަށް އިތުބާރު ކުރުމަކީ އަހަންނަށް ފަސޭހަމެއް ނޫން...'' މާކިން ބުނެލިއެވެ. އެއަށްފަހު އެތަނުން ދާން އޭނަ ހިނގައިގަތެވެ. ކަރުނުން ފުސްވަމުން ދިޔަ ދެލޮލުން މާކިން ކުރިއަށް ހިނގަމުން ދިޔަ މަންޒަރު ބަލަން އީވާއަށް ހުރެވުނެވެ. އޭނައަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރުއިމުގެ އަޑު ސިއްރުކުރުމަށެވެ.
އީވާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔަ އެވެ. ހަށިގަނޑުން ހަކަތަ ހުސްވުމުން ރޮމުންރޮމުން ގޮސް އޭނައަށް ވިނަގަނޑު މައްޗަށް ތިރިވެވިއްޖެއެވެ.
''އީވާ!...'' އީވާގެ ގާތަށް ތިރިވަމުން ޖާދިން ގޮވާލިއެވެ. އީވާ ކޮޅަށް ނަގަން އޭނަ މަސައްކަތްކުރިއެވެ. ގެނެވުނު ހަރަކާތާއެކު އީވާއަށް ޖާދިންގެ އަތް ފޮޅުވާލެވިއްޖެއެވެ. ކަރުނައިގެ ތެރޭގައި ނަފުސު ބެހިގެން ދިޔަ ހިނދު، މަދުވެރިކަމަށް އެދި ޖާދިން ދިއްކޮށްލި އަތުގައި ހިފަން އީވާ ބޭނުމެއް ނުވިއެވެ. އޭނަގެ ހިތް އެދުނީ އެކަނިވެރިކަމަށެވެ.
''އީވާ!!!...'' ތަންކޮޅެއް ބާރަށް ޖާދިންއަށް ގޮވާލެވުނެވެ. އޭނަ ގާތަށް ރުޅި އައެވެ. އީވާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުގައި ލިޔެވިފައިވަނީ މާކިންގެ ނަމެވެ. ކުރާ ހިތާމަތަކުގެ ހިއްސާދާރަކީ ވެސް މާކިން އެވެ. އެކަމާ ހުރި ޤަބޫލުވެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެލޯތްބަށް ފުރަގަސްދީފައި ދިއުމުން ވެސް އީވާ އެދަނީ ރޮމުންނެވެ. އެރަހުމެއް ނެތް އިންސާނާއަށް ޓަކައި ހިތާމަކުރަމުންނެވެ.
ޖާދިންގެ ހަރުކަށި އަޑުން އީވާއަށް އިތުރަށް ގިސްލެވުނީއެވެ. ގޮތްދޫނުކުރުމުގެ ޚިޔާލު ދޫކޮށްލެވުނެވެ.
ޖާދިންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. މާކިންއާއި މެދު އެހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އީވާގެ ހިތުގައި މާކިންއަށްޓަކައި އޮތް މަޤާމު އޭނައަށް ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. އެލޯބި އޭނައަށް ހާސިލުވެވޭނެ ނަމައޭ ވެސް ހިތަށް އެރިއެވެ.
''ކީއްވެގެންތަ ތި ރޮނީ؟...'' އީވާ ކޮޅަށް ނަގަމުން ޖާދިން ވާހަކަދެއްކިއެވެ. އެއަޑުގައި މިހާރު ވަނީ މޮޅިވެރިކަމެވެ. ހިތްދަތިކަމެވެ.
''އައެމް ސޮރީ...'' އީވާއަށް އޭނަގެ މޫނުގައި އަތް އަޅާލެވުނެވެ.
''މަޢާފަށް އެދޭވަރުގެ ކަމެއް އީވްއަކަށް ނުކުރެވޭ...'' ޖާދިން ބުންޏެވެ.
''ނޫން... މިހެން މިވީ އަހަންނާ ހެދި، އެއްވެސް މީހެއްގެ ހިތުގައި ޖައްސަން އަހަރެން ބޭނުމެއް ނޫން، އެކަމަކު އަހަންނަށް އެކަން ކުރެވިއްޖެ...... ޖާދިން!، އަހަންނަށް މަޢާފްކުރޭ، ޖާދިންގެ ލޯބި އަހަންނަށް ޤަބޫލުކުރެވޭކަށް ނެތް... ސޮރީ!... އަހަންނަށް ޖާދިންއާއި ކައިވެންޏެއް ނުކުރެވޭނެ...'' ކަރުނަތައް ފޮހެލަމުން އީވާ ބުންޏެވެ. އޭރު ވެސް އީވާއަށް ގިސްލެވެއެވެ. މޫނު ވަނީ މިލައިގެން ގޮސްފައެވެ. ހިތާމަޔާއި މާޔޫސްކަން ކަރުނައާއެކުވެ އެދެލޮލުގައި ވިދަމުން ދިޔަ އެވެ.
''އީވް... ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އަހަރުމެންނަށް ކުރިއަށް ދެވިދާނެ، ޖަޒުބާތުގައި ޖެހިފައިވުމުން ތިހެން ތިބުނެވެނީ... އީވްއަށް ހެދުނު ގޯސް މަތިން އަހަރެން ހަނދާން ނައްތާލާނަން، މަޢާފްކުރާނަން، ކޮންމެ މީހަކަށް ވެސް އެފަދަ ކަމެއް ކުރެވިދާނެ... އެކަމަކު ތިހެން ނުބުނޭ، އަހަރުމެންގެ ކައިވެނި ހުއްޓުވަން ނުބުނޭ...'' އީވާގެ ބޭވަފާތެރިކަން އެނގޭ ހާލުގައި ވެސް ޖާދިންއަށް ބުނެވުނެވެ. އީވާ އަދިވެސް ހާސިލުކުރަން އޭނަ ބޭނުންވާ ކަހަލައެވެ. އެހިތުގެ ހާލު އެނގޭ އިރުގައި ވެސް މެއެވެ.
''ޖާދިން!، ޕްލީޒް... އަހަންނަށް ޖާދިންއާއެކުގައި ނޫޅޭވޭނެޔޭ... އަހަރެން ޖާދިންދެކެ ލޯތްބެއް ނުވޭ، އަހަރެން ލޯބިވަނީ މާކިން ދެކެ...'' ކުރެހިފައިވާ އަޑަކުން އީވާ ބުނެލިއެވެ. އުނދަގޫ ވިޔަސް ހަޤީޤަތް ދުލާ ހަމަޔަށް ގެނައެވެ.
''ނޫން!... އެއީ ލޯތްބެއް ނޫން، އަހަންނާއި ދުރުގައި ހުރުމުން އީވްއަށް ހެދުނު ގޯހެއް އެއީ!، އަހަރެން މިހާރު މިހިރީ އީވްގެ ގާތުގައެއްނު... ދެން ތިހެން ނުބުނޭ، މިކަންތައް އަހަރެން ސިއްރުކޮށްދޭނަން، މާމައަށް އެނގުމުގެ ފުރުސަތެއް ނުދޭނަން، ކުރިން ރޭވިފައިވާހެން އަހަރުމެންގެ ކައިވެނި ކުރެވިގެން ދާނެ... އަހަރެން އީވް ދެކެ ވަރަށް ލޯބިވޭ...'' މޮޔައަކު ފަދައިން ޖާދިން ބުންޏެވެ. ހަޤީޤަތާ ކުރިމަތިލާން އޭނަ ނުކުޅެދިފައިވާ ކަހަލައެވެ. ހިތަށް ލިބުނު ވޭނުގެ ސަބަބުން އޭނައަށް ރަނގަޅަކަށް ނުވެސް ވިސްނެއެވެ. އީވާގެ މޫނުގައި ދެއަތުން ހިފަހައްޓަން ވެސް އުޅުނެވެ. ލޯބިވާކަން ހާމަކުރަމުންނެވެ.
ޖާދިންއަށް އައިސްފައި ހުރި ބަދަލާ މެދު އީވާ ހައިރާން ވިއެވެ. ހިތުގައި ވެސް ޖެހުނެވެ. ހަޤީޤަތަށް ފިލަން ޖާދިން މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނި ލޮލުން ކަރުނަ ހިލުނެވެ. ޖާދިން އޭނަ ދެކެ ވާ ލޯބި ވެސް ފެންނަމުން ދިޔަ އެވެ. ނަމަވެސް، އެލޯބި ޤަބޫލުކުރެވޭކަށް ނެތެވެ. މާކިން އޭނަގެ ލޯތްބަށް އިންކާރުކޮށްފައި ދިޔަކަމުގައި ވިޔަސް ޖާދިންއަށް އެހިތުން ޖާގައެއް ދެވެން ނެތެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި ކުރިއަށް ދެވޭކަށް ވެސް ނެތެވެ. މާކިން އޭނަގެ ލޯބި ޤަބޫލުނުކުރިކަމުގައި ވިޔަސް މުޅިއުމުރަށް އެހިތުގައި ވަނީ މާކިންގެ ނަމެވެ. ދެން އިތުރު މީހަކަށް އެހިތުން ޖާގަ ދެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ ބުއްދިސަލާމަތުން ހުރެ ޖާދިންއާއި ކައިވެނި ކުރަން އެއްބަސް ވެވޭނީ ކިހިނެއް ހެއްޔެވެ؟ އެކައިވެންޏަކުން ދެމީހުނަށް ވެސް އުފަލެއް ލިބުމެއް ނެތެވެ. އެކަން ޖާދިންއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
''ޖާދިން!...'' އީވާއާއި ގާތަށް އައުމަށް ޖާދިން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާނުލުމުން އީވާއަށް ހަޅޭއްލަވައިގަނެވުނެވެ. އެހިނދު އޭނައަށް ބާރުބާރަށް ގިސްލެވިއްޖެއެވެ.
''ޕްލީޒް... އަހަންނަށް ޖާދިންއާއި ކައިވެންޏެއް ނުކުރެވޭނެ... އެނގޭ އަހަންނަށް ޖާދިންގެ ހިތުގައި ޖެއްސިއްޖެކަން... އެކަމަށް އަހަރެން މަޢާފަށް އެދެން...'' އީވާއަށް ރޮވުނެވެ.
ހުއްޓުން އަރާފައި އީވާއަށް ބަލަން ޖާދިން ހުއްޓެވެ. އޭނަގެ ލޮލުން އެވަގުތު ކަރުނަ ތިއްކެއް ފައިބައިގެން ދިޔަ އެވެ. އީވާގެ ޖުމްލަ އައިސް އެހިތަށް ހެރުނީ ވޭނާއި ކެކުޅުންތަކާ އެކުގައެވެ. ހިތް ފޮތިފޮތިވެގެން ދިޔަ ކަހަލައެވެ.
''ކީއްވެ؟... ކީއްވެ ކައިވެނި ނުކުރެވެންވީ؟...'' ޖާދިންގެ އަޑު ބާރުވެއްޖެއެވެ.
''ޕްލީޒް... އަހަރެން ބޭނުމެއް ނޫން އިތުރަށް ޖާދިންގެ ހިތުގައި ޖައްސާކަށް...'' ވޭނާއެކު އީވާއަށް ބުނެވުނެވެ.
''އީވްގެ ވާހަކަތަކުން އަހަރެންގެ ހިތުގައި ޖެހިއްޖެ... އޭނައާއި އަހަންނާ ހުރީ ކޮން ތަފާތެއްތަ؟... ކީއްވެ އޭނަ ދެކެ އީވް ލޯބި ވާންވީ... އަހަންނާއި އަޅާބަލައިރު އެއީ ކާކުތަ!... ކީއްވެ!... ކީއްވެހޭ އޭނަ ދެކެ އީވް ލޯބިވާންވީ!... އަހަރެންދެކެ ލޯބި ނުވެވުނީ ކީއްވެގެންހޭ!!!...'' އީވާގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ޖާދިން ހަޅޭއްލަވައިގަތެވެ. ހިތުގެ ވޭން ބަރުދާސްތެއް ނުކުރެވުނެވެ.
އީވާއަށް ސިހިފައި ޖާދިންގެ މޫނަށް ބަލައިލެވުނެވެ. އެމޫނުން އޭނައަށް ފެނުނީ ރުޅިވެރިކަމެވެ. އެއާއެކު އީވާ ޖެހިލުން ވިއެވެ.
''ޖާދިން... އަހަންނަށް ތަދުވެޔޭ...'' އީވާގެ ކޮނޑުގައި ޖާދިން ހިފަހައްޓައިގެން ހުރީ ނިކަން ބާރަށެވެ. އޭގެ ސަބަބުން ކޮނޑުގެ ކަށިތައް ވެސް ފުނޑުފުނޑުވެދާނެހެން ހީވިއެވެ.
''އަހަރެންގެ ހިތަށް ތަދުވާކަމެއް ނޭނގޭތަ؟، ކީއްވެގެންތަ އަހަރެންގެ އިހުސާސްތަކަށް ޤަދަރުނުކުރަނީ؟... ކީއްވެ އެތާކުންތާކު ނުޖެހޭ ރަހުމުކުޑަ މީހާ ދެކެ ލޯބިވަނީ!...'' ޖާދިން ހުރީ ރުޅި ގަދަވެފައެވެ. އޭނަގެ އިހުސާސްތަކަށް އީވާ ޤަދަރު ނުކުރުމުން ޝަކުވާކުރެވުނެވެ. އެފިރިހެނާ ދެކެ އީވާ ވާ ލޯބީގެ މާނައެއް ޖާދިންއަކަށް ވިސްނައި ނުގަނެވުނެވެ.
ޖާދިންގެ ސުވާލަށް ދޭނެ ޖަވާބެއް އީވާއަށް ނޭނގުނެވެ. ހިމޭންކަން ޚިޔާރުކުރެވުނީ އެހެންވެއެވެ. އެއާއެކު ޖާދިން އިތުރަށް ރުޅިގަދަ ވިއެވެ. އިހުނަށް ވުރެން ބާރަށް އީވާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އަދި އޭނަގެ މޫނު އީވާގެ މޫނައި ކައިރިކޮށްލިއެވެ. އެގާތް ކަމުން އީވާއަށް އުނދަގޫވެ މޫނު އަނެއް ފަރާތަށް އަނބުރާލެވުނެވެ.
''އާހް!... އަހަންނަށް ތަދުވެޔޭ...'' އީވާ އާދޭސްކުރިއެވެ. ''ދޫކޮށްބަލަ... އަހަންނަށް ތަދުވެޔޭ... ޖާދިން!...''
''އަހަރެންގެ ހިތުގައި އަޅާ ވޭނެއް ނުފެނޭތަ؟...'' ޖާދިންއަށް ދަތްކުޑިވިކައިގަނެވުނެވެ. އޭނަ މަސައްކަތްކުރީ އީވާއާއި ގާތް ވާށެވެ. އީވާ ދެކޮޅު ހަދަމުން ދިޔަ ހާލުގައި ވެސް މެއެވެ.
''ޕްލީޒް!، ދޫކޮށްބަލަ... ދޫކޮށްބަލަ...'' އީވާއަށް ތެޅިގަނެވުނެވެ. ޖާދިންއަށް އައިސްފައިވި ބަދަލުތައް ވިސްނައިގަންނަން އޭނައަށް އުނދަގޫވިއެވެ. މުޅިން އެހެން މީހަކު ޖާދިންގެ ހަށިގަނޑު ކޮންޓްރޯލްކުރާ ކަހަލައެވެ. އޭނަގެ އާދޭސްތައް ޖާދިންއަށް އަޑު ނީވެނީ އެހެންވެޔޭ އީވާގެ ހިތަށް އެރިއެވެ.
''ޖާ...'' އީވާ ބުނަން އުޅުނެވެ. ކުއްލިޔަކަށް ފެނުނީ އައިނައި ތަނެއް ނޭނގި ކޮންމެވެސް މީހަކު ޖާދިންގެ މޭގައި ބާރަށް އަތް އަޅާ ކޮއްޕާލިތަނެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ޖާދިން ފަހަތަށް ވިއްސައިގެން ދިޔަ އެވެ. ވިނަގަނޑު މައްޗަށް ވެއްޓުނު ޖާދިން، ހަމަލާ ދިން މީހާއަށް ބަލައިލިއެވެ. މާކިން ފެނުމުން އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
''ދުރުގަ ހުންނާށޭ ބުނީމަ ހުންނަން ޖެހޭނީ ދުރުގަ!...'' އީވާގެ ހިމާޔަތަކަށް އައީ މާކިން އެވެ. އީވާގެ އަތުގައި ހިފަމުން އޭނަގެ ރައްކާތެރިކަމުގެ ދަށަށް އީވާ ގެނައެވެ. ބަސްހުއްޓިފައި ހުރި އީވާއަށް ހައިރާންކަމާއެކު ބަލަން ހުރެވުނެވެ. އެއީ ހަމަ މާކިން ހެއްޔެވެ؟ އޭނަގެ މާކިން ހެއްޔެވެ؟
މާކިންއަށް އީވާ އެކަނިކޮށްފައި ނުދެވުނެވެ. ޕާކުން ނިކުމެ ވަކި ހިސާބަކަށް ދެވުނުތަނާ، އީވާގެ ވާހަކަތަކާ މެދުގައި އޭނައަށް ވިސްނުން ހިންގާލެވުނެވެ. އެކަރުނަތަކާއި އާދޭސްތައް އޭނަގެ ހިތަށް ގޯނާކުރަން ފެށިއެވެ. އޭނަގެ ލޯތްބަށް އެދި އީވާ ސަލާންޖަހަމުން ދިޔަ މަންޒަރު ސިފަވާން ފެށިއެވެ. އެއަންހެންކުއްޖާ އޭނަ ދެކެ ވާ ލޯބި އެއާދޭސްތަކާއި ކަރުނަތަކުން ބަޔާންކޮށްދިނެވެ. އެންމެ ފަހަރަކު ވިޔަސް އީވާގެ މަޖުބޫރީ ހާލަތާ މެދު ވިސްނާލުމަށް މާކިންގެ ހިތް ގޮވާލިއެވެ. ފުރަގަސްދޭން ބޭނުން ވިޔަސް އެލޯތްބަށް އިންކާރެއް ނުކުރެވުނެވެ. އޭނަގެ ހިތް އެދެމެދުން ދިޔައީ އީވާ އަށެވެ. އޭނަ އީވާ ގާތަށް އައީ އެހެން ވެއެވެ. ޕާކަށް އާދެވުނު ތަނާ، ފެނުނު މަންޒަރު ބަލަން އޭނައަށް ކުޅާދާނައެއް ނުވިއެވެ. އީވާގެ ނުރުހުމުގައި ޖާދިން އީވާއާއި ކައިރިވާން މަސައްކަތްކުރަމުން ދިޔަ މަންޒަރު ފެނި އޭނަގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެކަމުން އީވާއަށް ވަމުން ދިޔަ އުނދަގުލާއި ޖާދިންގެ އަތްދަށުން މިނިވަން ވާން ކުރަމުން ދިޔަ މަސައްކަތުން އޭނައަށް ދުރުގައި ނުހުރެވުނެވެ. ރުޅި އާދެވުނެވެ.
''މިހުރިހާ ކަމެއްގެ ނުބަޔަކީ ކަލޭ...'' ފުންމައިގެންފައި ތެދުވުނު ޖާދިން ހަޅޭއްލަވައިގަތެވެ. ރުޅިއާއި ހިތާމައިގެ ސަބަބުން އޭނަ ތުރުތުރު އަޅަމުން ދިޔަ އެވެ. އީވާއާއި މާކިންގެ ދެމެދުގައި އޮތް ސާފު ލޯބި ފެނި އޭނަ ހަމައިން ނައްޓާ ހިސާބަށް ގޮސްފިއެވެ. ޝައިތާނީ ވަސްވާސްތަކުން ވިސްނުން ކިލަނބު ކުރުވައިފިއެވެ.
''އާރ ޔޫ އޯލްރައިޓް...'' ޖާދިންއަށް ސަމާލުކަމެއް ދިނުމެއް ނެތި، މާކިން ބަލައިލީ އީވާއަށެވެ. ކަންބޮޑުވުން އެއަޑުގައި ވިއެވެ. ފެންނަމުން ދިޔައީ ހަޤީޤަތެއްކަން ވިސްނައިގަންނަން އުނދަގޫވެފައި ހުރި އީވާއަށް ރޮވުނީއެވެ.
''މާކިން...'' މޫނުގައި އަތް އަޅަމުން އީވާ ބުންޏެވެ.
''ޝްޝްޝް...'' މާކިންގެ އަޑު އިވުނެވެ. އޯގާތެރިކަމާއި ހިމާޔަތުގެ ދަށަށް އީވާ ގެންނަމުން، މާކިން ފުންނޭވާއެއް ދޫކޮށްލިއެވެ. އެލޯތްބަށް ފަސްދީފައި އޭނައަށް ނުދެވުނެވެ. އެދެމެދުގައިވި ދަމާބާރުގެ ސަބަބުން އޭނަ އެވަނީ އީވާގެ ގާތަށް އައިސްފައެވެ. އީވާއަށް އިތުބާރުކުރަން އޭނަގެ ހިތް ގޮވަމުން ދިޔަ އެވެ. ކަރުނައާއި ހިތްދަތިކަމުން ހާމަކުރަމުން ދިޔަ އީވާގެ ހިތުގެ ހާލާ މެދު ހަމްދަރުދީ ވެވުނެވެ. އީވާގެ ހިތުގައި ޖެހިފައިވާ މިންވަރު ވެސް އަންދާޒާ ކުރެވުނެވެ.
ޖާދިންއަށް އިހުސާސްވީ އޭނައަކީ އެތަނުގައި ނެތް މީހަކު ފަދައިންނެވެ. މާކިން ދެކެ އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ރުހުމުގައި މާކިންގެ އަތު ތެރޭގައި ހުރި އީވާ ފެނި އޭނަގެ ރުޅި ކޮންޓްރޯލުން ދޫވިއެވެ. އީވާއާއި ދުރަށް މާކިން ޖެހިލި ވަގުތު ބަލައިފައި އޭނަގެ ގޮށްމުށުގެ ހަމަލާ އަމާޒުކޮށްލީ މާކިންގެ މޫނަށެވެ. އެމަންޒަރު ފެނި އީވާއަށް ހަޅޭއްލަވައިގަނެވިއްޖެއެވެ.
މޫނުމަތިން ތަރިތައް ބުރައިގެން ދިޔަ ހެން މާކިންއަށް ހީވިއެވެ. ހަމަލާގެ ބަރުގަދަ ކަމާ ހުރެ ހެޔަސް ވެސް ގޮތްތަކެއް ވިހެން ހީވިއެވެ. ދެތިން ފިޔަވަޅު ފަހަތަށް އަޅާލަމުން މާކިންއަށް އޭނަގެ ތުންފަތުގައި އަތް ޖައްސާލެވުނެވެ. އޭރު ތުންފަތް ފަޅައިގެން ގޮސް ލޭއަންނަން ފަށައިފިއެވެ. އައި ރުޅީގައި މާކިންއަށް ބަލައިލެވުނީ ޖާދިން އަށެވެ.
''ނޫން!...'' ޖާދިންއާއި ދިމާއަށް ދިޔަ މާކިންގެ ފުރަގަހުން ބައްދައިގަންނަމުން އީވާ އާދޭސްކުރިއެވެ. ''ޕްލީޒް...''
މާކިންއަށް ބަލަން ހުރެވުނީ ޖާދިން އަށެވެ. އެދެލޮލުން އަލިފާންކަނި ބުރައެވެ. އީވާގެ އާދޭސްތަކުން އޭނަގެ އަތުގައި ހިލިހިލާ ނުޖެހިނަމަ، ޖާދިންއާއި ދެމެދު ހަމަލާތައް ބަދަލުކުރެވުނީހެވެ. ރުޅީގެ މައްޗަށް އަމަލުކުރުމުގެ ބަދަލުގައި މިފަހަރު މާކިންއަށް އިޖާބަ ދެވުނީ އީވާގެ އާދޭސްތަކަށެވެ.
''އީވާ...'' ހަރުކަށިކަމާއެކު ޖާދިންއަށް ގޮވާލެވުނެވެ. އެއަޑުގައި ތުރުތުރުލުމެއް ވިއެވެ.
''ރުޅިއައިސް ތިހިރީ އަހަރެން ދެކެ އެއްނު، އެރުޅި އަހަންނަށް އަމާޒުކުރޭ، މާކިންގެ ގަޔަށް އަތް އިސްނުކުރާތި... މާކިންގެ ލޯތްބަށް ސަލާން ޖަހަމުން މާކިންގެ ފަހަތުން ދުވީ އަހަރެން!... މާކިން އެއް ނޫން އަހަރެންގެ ފަހަތުން އައީ... އަހަރެން މާކިންގެ ފަހަތުން އުޅުނީ... ރުޅިއަންނަންޏާ އަހަންނާ ދިމާއަށް އެއްޗެހި ކިޔާ... މާކިން މިކަމުގެ ތެރެއަށް ނުވައްދާ...'' ޖާދިންއާއި ކުރިމަތިލަމުން އީވާ ބުނެލިއެވެ. އޭނަ ހުރީ ޖާދިންއާއި މާކިންގެ ދެމެދުގައެވެ. މާކިންގެ އަތުގައި ހިފަހައްޓައިގެންނެވެ. އެއީ ޖާދިންއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ.
''ކީއްވެ!... އޭނައަށް ވީ ކީއްވެގެންތަ!...'' ޖާދިން ހަޅޭއްލަވައިގަތެވެ.
''ޖާދިން... މިހާރު ތިރިހީ ރުޅިގަދަވެފައި، ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް އެކަމެއް ނުވާނެ......... އެޕާޓްމެންޓަށް ދޭ... އަހަރެން އިރުކޮޅަކުން އަންނާނަން ޖާދިންއާއި ވާހަކަދައްކަން... ޕްލީޒް...'' އާދޭހާއެކު އީވާ ބުނެލިއެވެ. ޖާދިންގެ ރުޅިވެރިކަން އޭނައަށް ހައްޤުކަން އީވާ ޤަބޫލުކުރިއެވެ. ނަމަވެސް އެރުޅިވެރިކަމުގެ ރޯޅިތައް މާކިންއަށް އަމާޒުވާކަށް ބޭނުމެއް ނުވިއެވެ.
ރުޅިވެރިކަމާއެކު މާކިންއަށް ބަލައިލަމުން އެތަނުން ދާން ޖާދިން މިސްރާބު ޖެހިއެވެ. އިތުރަށް މަޑުކޮށްފިނަމަ އަތުންފައިން ގޯހެއް ހެދި ދާނެތީއެވެ.
ޖާދިން ދިޔަ ދިމާއަށް ބަލަން އީވާ ހުރީ މޮޅިވެރިކަމާއެކުގައެވެ. ޖާދިންގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް ތަސައްވަރުކުރެވުނީތީއެވެ. ދެރަވީ ޖާދިންގެ ހިތުގެ ޒަހަމްތައް ފަސޭހަކޮށްދޭނެ ގޮތެއް ނޭނގުމުންނެވެ.
*****
ދިހަ ވަރަކަށް މިނެޓް ފާއިތުވެގެން ދިޔަ އެވެ. މާކިންއާއި އީވާ އިށީނދެލައިގެން ތިބީ ބެންޗެއްގައެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އޭރު އީވާގެ ހިތާމަތަކަށް ނިމުން އައުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. މާކިން އަނބުރާ އައުމުން ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިފައި ވިއެވެ.
''ތަދުވޭތަ؟...'' މާކިންގެ ތުންފަތުން ފަޅައިގެން ގޮސްފައިވި ހިސާބަށް އިޝާރަތް ކުރަމުން އީވާ އެހިއެވެ. އޭނަގެ ސަބަބުން މާކިންއަށް އަނިޔާވުމުން މޮޅިވެރިކަން އަޑުގައި ވިއެވެ.
''އީވް ކުޑައިން ޖަހާ ތުންފަތް ފަޅާލި ރެއަށް ވުރެން ރަނގަޅު...'' ސަމާސާ ރާގަކަށް މާކިން ބުނެލިއެވެ. އީވާ އިނީ ހިމޭންވެފައެވެ. ހިނިތުންވާން ނޭނގިފައެވެ. އެކަން މާކިންއަށް ފާހަގަ ވިއެވެ.
''މާކްގެ ހިތުގައި އަހަންނަށް ޖެއްސިފައިވާނަމަ މަޢާފަށް އެދެން... އަހަންނަށް ހަޤީޤަތް ހާމަނުކުރެވުނީ ފިނޑިވުމުގެ ސަބަބުން...'' އިސްތިރިކޮށްލަމުން އީވާ ބުނެލިއެވެ. ''އަހަރެން މާކިން ދެކެ ވަރަށް ލޯބިވޭ...''
''ލޯބިވާކަން އެނގޭ، އެލޯބީގެ ބާރުގައި އަހަރެން މިތަނަން ގެނައީ ވެސް...'' އީވާއަށް ބަލައިލަމުން މާކިން ބުނެލިއެވެ. އަދި އެއަތުގައި ހިފިއެވެ. ''އަހަންނަށް ވެސް އީވްގެ ހިތުގައި ޖެއްސިއްޖެ...''
''ނޫން!... އަހަންނަށް ކުރެވުނު ކަންތަކުން މިހެން މިވީ...'' އީވާ އަވަސްއަވަހަށް އިސްއުފުލާލަމުން ބުންޏެވެ. ''ފުރަތަމަ ވެސް އަހަރެން މަޖުބޫރީ ހާލަތު ކިޔައިދެވުނުނަމަ މިހެން ނުވީސް!....''
''ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެ، އެކަމަކު މުސްތަޤުބަލާ މެދު އުއްމީދު ގެއްލުވާލާކަށް ނުވާނެ... އީވްއާ ބައްދަލުވުމުގެ ކުރިން ދިރިއުޅުމާ މެދު އެއްވެސް އުއްމީދެއް ނުކުރަން... އެކަމު މިއަދު... މިއަދު އަހަރެންގެ ހިތުގައި އުއްމީދެއްވޭ، ހުވަފެންތަކެއް ވޭ... އީވް އަހަރެންދެކެ ވާ ލޯބިން މިހިތަށް ދިރުން ގެނެސްދީފި... އަހަރެން އީވްގެ އަތުން ދެން ދޫކޮށެއް ނުލާނަން، ސަބިތުކަމާއެކުގައި ހުންނާނަން!.... އީވްގެ މަޖުބޫރީ ހާލަތު ވިސްނިއްޖެ...'' އީވާގެ އަތްތިލައަށް ފިތާލަމުން މާކިން ބުނެލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ދިނެވެ.
''އަހަންނާއެކު ވާނަންތަ؟...'' އީވާ އަހާލިއެވެ.
''އާނ... ދެން އީވްގެ ހިތުގައިޖެހޭ ފަދަ ކަމެއް ނުކުރާނަން...'' ޔަޤީންކަން ދެމުން މާކިން ބުންޏެވެ. އީވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
''ޕްރޮމިސް؟...'' އީވާ އެހިއެވެ.
''ޕްރޮމިސް!...'' އީވާގެ ގައިގައި ބައްދާލަމުން މާކިން ޔަޤީންކަން ދިނެވެ.
''މާކް، އަހަރެން ދާން ވެއްޖެ، ޖާދިން ހުންނާނެ އަހަރެންގެ އިންތިޒާރުގައި، ޖާދިންގެ ގާތުން އަހަރެން ޖެހޭނެ މަޢާފަށް އެދެން...'' މާކިންއާއި ދުރަށް ޖެހިލަމުން އީވާ ބުންޏެވެ. މާކިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔަ އެވެ.
''ތުންފަތުގައި ބޭސްލައްޗޭ، އެހެން ނޫނީ އިންފެކްޓް ވެދާނެ...'' މާކިން ހިފަހައްޓާލާފައިވި އަތަށް ބަލައިލަމުން އީވާ ވާހަކަދެއްކިއެވެ. ''އަހަރެން ދިއުމުގެ ފުރުސަތެއް ނުދޭނަންތަ...''
''އަހަރެން އެއްގޮތަކަށް ވެސް ތި ޖާދިން ދެކެ ހިތްހަމައެއް ނުޖެހޭ...'' ވެދިޔަ ކަންތަކަށް އަލިއަޅުވާލަމުން މާކިން ބުނެލިއެވެ. އޭނަގެ ހިތުގައި ޖާދިންއާ މެދުގައި ރުޅިވެރިކަން ވިއެވެ. އީވާއާއި މެދު ކަންތައް ކުރި ގޮތުގެ ސަބަބުންނެވެ.
''އެރުޅިވެރިކަމުގެ ފަހަތުގައި ވަނީ ހިތްދަތިކަން... ޖާދިންއާ ވާހަކަދައްކަން އަހަރެން ބޭނުން... ހަޤީޤަތާ ކުރިމަތިލާން ޖެހޭނެއެއްނު...'' އީވާ ބުނެލިއެވެ.
''އީވްގެ އާއިލާއަށް އަހަރެން ކަމުދާނެތަ؟...'' ވާހަކައިގެ ތެރޭން މާކިންއަށް އަހާލެވުނެވެ. އީވާގެ އާއިލާގެ ހައިބަތާ މެދު ފުރަތަމަ ފަހަރަށް މާކިންއަށް ވިސްނާލެވުނެވެ. އޭނަ އައިސްފައިވަނީ ނިކަމެތި އާއިލާ އަކުންނެވެ. ޑޮކްޓަރަކަށް ވިޔަސް، އޭނަގެ ނަސަބާ މެދު އީވާގެ އާއިލާ ނުރުހިދާނެތީ މާކިންގެ ހިތުގައި ކަންބޮޑުވުން އުފެދުނެވެ. އޭނައާއި ޖާދިންއާ ދެމެދުގައިވި ފަރަގުތަކާ މެދު ވެސް ވިސްނާލެވުނެވެ.
''މަންމައާއި ބައްޕައަށް ކަމުދާނެ... މާމައަށް ވިސްނައިދިނީމަ ޤަބޫލުވާނެ...'' މަންމައާއި ބައްޕަގެ ފަސާނާ ކިޔައިދެމުން އީވާ ބުންޏެވެ.
''މާމަ ކުޑަކޮށް އުނދަގޫ ވާނެ، އެކަމަކު ބައްޕަ ވިސްނައިދިނީމަ ޤަބޫލުވާނެ...'' އުއްމީދުގެ ހުޅުކޮޅު ރޯކުރަމުން އީވާ ބުނެލިއެވެ. އީވާގެ ވާހަކަތަކަށް އިތުބާރު ކުރަމުން ގޯސް ޚިޔާލުތަކާ މާކިން ދުރުވެލިއެވެ. އެފަދައިން ވިސްނާނަމަ ނުތަނަވަސްކަން ހިތަށް ވެރިވެދާނެއެވެ.
*****
''ޖާދިން ނާދޭތަ؟...'' އެޕާޓްމެންޓަށް ވަންނަމުން ސޯފާގައި އޮތް ރައުހާ ގާތު އީވާ ސުވާލު ކުރިއެވެ. އީވާގެ އަޑު އިވޭ އިރަށް ފުންމައިގެންފައި ރައުހާ ތެދުވެއްޖެއެވެ. އޭނަ އޮތީ އީވާގެ އިންތިޒާރުގައިކަން އެއަމަލުން ހާމަކޮށްދިނެވެ.
''ނާދޭ...'' ހައިރާންކަމާއެކު ރައުހާ ޖަވާބުދާރީވިއެވެ.
''ކިހިނެއްތަ ހުރިހާކަމެއް ދިޔައީ؟... މާކިންއާއި ބައްދަލުވިތަ؟...'' އީވާ ގާތަށް ހިނގައިގަންނަމުން ރައުހާ ސުވާލުކުރިއެވެ.
''ޖާދިން ނާންނަނީތަ؟...'' އީވާއަށް ބުނެވުނެވެ.
އީވާ ގާތަށް އައިސް ހުއްޓުނު ރައުހާއަށް އީވާގެ މޫނަށް ބަލައިލެވުނެވެ. އެމޫނުގެ އަސަރުތައް ފަހުމުކުރަން އުނދަގޫވެފައިވާ ހާލުގައެވެ. ޖާދިންގެ ސުވާލުތައް ކުރުމުން ވެސް ހައިރާންކަން ލިބުނެވެ.
''ކިހިނެއްވީތަ؟...''
ރައުހާއަށް އަހާލެވުނެވެ. އެއާއެކު ކަންތައް ވެދިޔަ ގޮތް ރައުހާއަށް އީވާ ކިޔައިދިނެވެ. ދެއެކުވެރިން ވެސް އޭރު ތިބީ ސޯފާގައެވެ. ރައުހާއަށް އޭނަގެ އަނގަމަތީގައި އަތް އަޅާލެވުނެވެ.
''އޯ މައި ގޯޑް!...'' ދެލޯބޮޑުކޮށްލަމުން ރައުހާ ބުންޏެވެ.
''ޖާދު ވަރަށް ދެރަވެފައި ހުރީ... ރުޅި ވެސް ގަދަވެފަ ހުރީ... އަހަރެން ބުނިން އެޕާޓްމެންޓަށް ދާށެ، އަހަރެން ފަހުން އައިސް ވާހަކަދައްކާނަމޭ، އެކަމަކު އަހަރެން ދެކެ ހިތްހަމަނުޖެހިފަ ހުރީމަ ހޮޓެލަށް ދިޔައީ ކަން ނޭނގެ...'' އީވާގެ އަޑުގައި މޮޅިވެރިކަންވެއެވެ.
''އެޓްލީސްޓް މާކިން އީވްއަށް އިތުބާރުކޮށްފިދޯ، ދެން ޖާދިންއަށް ވިސްނައިދޭންވީ... އޭރަށް މިކަންތައް ހަމައަކަށް އެޅިދާނެ...'' އީވާގެ ކޮނޑުގައި ފިރުމާލަމުން ރައުހާ ހިތްވަރުދިނެވެ.
''ޖާދުއާ މެދު ވަރަށް ކަންބޮޑުވޭއެބަ...''
އީވާގެ އަޑުން ހާސްކަން ހާމަވެއެވެ. ޖާދިން އެހާ ގަދަޔަށް ރުޅިއައިސްފައި ހުއްޓާ ދުވަހަކު ވެސް އީވާއަށް ފެނިފައި ނުވެއެވެ. ނުތަނަވަސްވަނީ އެރުޅީގެ މައްޗަށް ޖާދިން އަމަލުކޮށްފާނެ ގޮތެއް ވިސްނައިގަންނަން އުނދަގޫވާތީއެވެ.
''ގުޅާބަލަ...'' ރައުހާ ޚިޔާލެއް ދިނެވެ. އޭނަ ވެސް ކަންތައް ވެދިޔަ ގޮތުން ޖާދިން ދެކެ ހަމްދަރުދީ ވިއެވެ.
އީވާ ގުޅިއެވެ. ޖަވާބެއް ނުލިބުނެވެ. ހޮޓެލްގެ މަޢުލޫމާތު ހޯދަން މެސެޖެއް ވެސް ކުރި އެވެ. ޖާދިން ހުރި ތަނަކަށް ގޮސްގެން ވެސް ބައްދަލު ކުރާށެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އެކަމުން ވެސް ޖާދިން އޭނަ ދެކެ ހިތްހަމަނުޖެހިފައި ހުރި މިންވަރު އީވާއަށް އަންދާޒާ ކުރެވުނެވެ. ދެރަ ވެސް ވިއެވެ.
*****
ހޮޓަލްގެ ކޮޓަރީގެ ދޮރު ލައްޕަމުން ޖާދިންއަށް ހަޅޭއްލަވައިގަނެވުނެވެ. ރުޅި ގަދަވެގެން ގޮސް ރޫޅެން ކައިރިވެއްޖެއެވެ. ކެކެމުން ދިޔަ އަލިފާން ފަރުބަދައަކާ ތަފާތެއް ނެތެވެ. ގަމީހުގެ ގޮށްފަށުގައި ހިފާ ދަމައިގަތީނުން ހަށިގަނޑާ ގަމީސް ވަކިކޮށްލުމަށްފަހު އަތުގެ ކޮޅަށް ހޫރާލެވުނެވެ. އޭރު ޖާދިންއަށް ރޮވިއްޖެއެވެ. ފުރާފުރިހަމަވެފައި ހުރި ފިރިހެނަކަށް ވިޔަސް އެހިތުގައި ޖަޒުބާތުތައް ވެއެވެ. ވޭން އަޅައެވެ. ތަދު ވެއެވެ. މޭގައި އުފެދިފައި ހުރި ވޭން ބަރުދާސްތުކުރަން ދަތި ވިއެވެ.
ކޮޓަރީގެ ދޮރުގައި ނިތް ޖައްސާލައިގެން ހުރި ޖާދިންއަށް އޭނަގެ ލޮލުން ފޭބި ކަރުނައިގެ ފިނިކަން އިހުސާސް ކުރެވުނެވެ. މުށްކެވިފައިވި އަތުން އޭނައަށް ފާރުގައި ބާރަށް ޖަހާލެވުނީ، އިރުއިރުކޮޅާ އެހިތަށް ތުނޑުތޫނު ކަށިތައް ހަރަމުން ދިޔަ މަންޒަރާއި އަޑުތަކަށް ކެތްނުވެގެންނެވެ. އެތައް ފަހަރަކު ފާރުގައި ޖެހި ކަމުގައި ވިޔަސް އޭނަގެ ހިތަށް ލުޔެއް ނުލިބުނެވެ. އޭރު ޖާދިންގެ އަތް ފަޅައިގެން ގޮސް ލޭ ހިލިއްޖެއެވެ. އަޑު ވީއްލާ ނުރޯން ގަދައަޅައި މަސައްކަތް ކުރިކަމުގައި ވިޔަސް އޭނައަށް ކާމިޔާބެއް ނުލިބުނެވެ. ކަކުލުހުޅުން ވާގި ދޫވި ވަގުތު އޭނައަށް ދޮރު ބުޑަށް ތިރިވެވިއްޖެއެވެ. އެއާއެކު ވޭނީ އާހްތަކެއް ޖާދިންއަށް ބޭރުކޮށްލެވުނެވެ.
ފޯނު ރިންގް ވިޔަސް ޖަވާބު ދޭކަށް ޖާދިން ބޭނުމެއް ނުވިއެވެ.
(ނުނިމޭ)