ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 30

3

ތިރީސްވަނަ ބައި

ކޮފީތައްޓެއް ތުނބުގައި ޖަހައިގެން މޭޒުކައިރީގައި ސޮފާ އިނެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިންއިރު އިރުކޮޅަކާއި ލޮލުގައި އިން ނަންބަރު އައިނު ރަނގަޅުކޮށްލައެވެ. ދާދި ކައިރިން އަޑެއް އިވޭހެން ހީވެގެން ބަލައިލިއިރު އޭނާގެ ފަހަތުގައި ފުރޮޅުލީ ގޮނޑީގައި އިން ޒަހުރިއްޔާ ފެނިއްޖެއެވެ. ޒަހުރިއްޔާ ދެލޮލުގައިވާ ޝަކުވާ ސޮފާއަށް ފާހަގަވިއެވެ. ނަމަވެސް ނޭނގޭ ކަމަށް ހަދާފައި އޭނާ ޒަހުރިއްޔާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އަމިއްލައަށް ގޮނޑި އަނބުރާފައި ޒަހުރިއްޔާ ސޮފާ އާއި ކައިރިކޮށްލިއެވެ. މިފަހަރުވެސް ސޮފާ ބަލައިނުލިއެވެ.

"ކޮފީ ބޭނުންވެގެންތަ ތިވަރަށް ތިބަލަނީ" ޒަހުރިއްޔާ ބަލާކަން އިނގުމުން ސޮފާ ބުނެލިއެވެ.

"ނޫން" ޒަހުރިއްޔާ ބުނެލިއެވެ.

"ދެން...؟" ސޮފާ ބުނެލިއެވެ.

"އަހަރެން ދިން ސިޓީ ހަވާލުކުރިންތަ؟" ޒަހުރިއްޔާ އެހިއެވެ.

"ހޫމް" ސޮފާގެ ޖަވާބު ކުރެވެ.

"އެއްވެސް ޖަވާބެއް ނުދޭތަ؟" ޒަހުރިއްޔާ އެހިއެވެ.

"ނުދޭ. އަހަރެެން ބުނީމެއްނު އޭނައެއް ނޫޅެޔޭ ޒަހުރިއްޔާ ކިޔާ އަންބަކު ހުރިކަން ހަނދާންވެގެނެއް. މިހާރު އެއުޅެނީ ދެވަނަ ކައިވެންޏެއް ކުރަން" ސޮފާ ބުނެލިއެވެ.

"އެކަމަކު... އަހަރެން ތިއޮފީހަށް ގެންގޮސްދީފާނަންތަ؟" ޒަހުރިއްޔާ ބުނެލިއެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ހިތަށް ވީތަދާއެކު މުޅި ރޫހަށް ބުނަންނޭނގޭ ފުންއަސަރުތަކެއް ކުރުވައިފިއެވެ.

"އަހަރެން ކަންތައް ކޮށްދޭގޮތާއިމެދު ހިތްހަމަނުޖެހެނީތަ؟ ނޫނީ މިގޭ މީހުން ޒަހޫއަށް ގޯހީތަ؟ ކީއްވެތަ މަކަރުވެރިއެއް ކައިރިއަށް ނުދެވިގެން ތިއުޅެނީ؟ ކިތައް ދުވަހު ބުނާނީ އެ ފޯމުގަ ސޮއިކުރާށޭވެސް" ސޮފާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ފަހަކަށް އައިސް ސޮފާގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން މާބޮޑަށްވެސް ޒަހުރިއްޔާއަށް ފާހަގަވެއްޖެއެވެ.

"އަހަރެން ޒުކް އާ ބައްދަލުކުރަން ބޭނުން. އެކުއްޖާ ލޮލުން ދެކިލަން ބޭނުން. އަހަރެންނަށް އެހީވެދީ. ޒުކްގެ ނަންބަރަށް ގުޅައިދީ. ހެޔޮނުވާނެ..." ޒަހުރިއްޔާއަށް ރޮވިއްޖެއެވެ. ޒުކް މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ލަގޮނޑިއަށް ބާރުވެގެންދެއެވެ.

"ނުވާނެ ތިކަމެއް. އަހަރެން ބޭނުމެއްނޫން ޒަހޫ އެމީހުންނާ އެއްވެސް ގުޅުމެއް ބާއްވަން. މާދަމާ ތިގޮނޑިން ތެދުވެވޭވަރު ވީމަ އޭނައަށް ވުރެ ރަނގަޅު މުއްސަނދި ރީތި މީހެއް ޒަހޫއަށް ލިބޭނެ. އޭރުން އަމިއްލަ އަތުން މަސައްކަތްވެސް ކުރެވޭނެ. އޭރުން މާއުފާވެރިއެއްނުން" ސޮފާ ވާހަކަދެއްކިއެވެ. ޒަހުރިއްޔާ ގޮނޑި އަނބުރައިލިއެވެ. ކޮޓަރިއާއި ދިމާލަށް ދުއްވާފައި ދިޔައެވެ. ރޮމުން ގިސްލަމުންނެވެ. އަމިއްލަ ހާލާއިމެދު ޝަކުވާ ކުރަމުންނެވެ. އޭނާއަށް އަޅާލާނެ ހަމަ އެއްވެސް މީހަކު ނެތީއެވެ. އަޖަލު ހަމަނުވާތީ ދުނިޔެއަށް ގިނަވެފައިވާ މީހެއް ކަހަލައެވެ.

ބަދިގޭގައި ހުރެ ކެރެޓްސޫޕް ތައްޔާރުކުރަމުން ދިޔަ އާޝިދްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދުރުގައި ސަކީނާ ހުއްޓެވެ. އޭނާ ބުނެބުނެވެސް އެއްވެސް ކަމެއް ކުރަން އޭނާގެ އަތަށް ނުދިނެވެ. ތައްޔާރުކުރި ސޫޕްފޮދު ބޯތައްޓަކަށް އަޅައިގެން އޭނާ ބަދިގެއިން ނިކުންނަން ހިނގައިގަތެވެ. މުޅި ބަދިގެތެރެ އެއްވަސްވެފައި ވަނީ ބަނޑުފުރޭ ކަހަލަ މީރު ވަހަކުންނެވެ. ސަކީނާ ކައިރިވެލާފައި ބަލައިލިއިރު އެއްވެސް ތައްޓެއްވެސް ހަޑިވެފައެއްނެތެވެ. އުނދުންމަތި ވެސް ސާފެވެ. މަސައްކަތްތެރި ޒުވާނެކެވެ. އެހާމެ ސާފުތާހިރެވެ. އަހްލާގު ރަނގަޅުވެފައި ކިޔަމަންތެރި ދަރިއެކެވެ. އެހެން ޒުވާނުންނަށް ހުރި ނަމޫނާއެކެވެ.

ހެޑްބޯޑުގައި ލެގިލައިގެން އިން ވަޙީދުއްދީނަށް އަމިއްލަ އަތުން ސޫޕް ބޯންދިނީ އާޝިދެވެ. ވެޓްޓިޝޫ އިން ހަށިގަނޑު ސާފުކޮށްދީފައި ބޭސްދިނެވެ. ވަޙީދުއްދީނަށް ނިދެންދެން ބޮލުގައި މަސާޖްކުރަން އިނެވެ. ނިދިކަން ޔަޤީންވުމާއެކު ގައިމަތީގައި އޮތް ރަޖާގަނޑު ރަނގަޅުކޮށްދީފައި އޭސީގެ ޓެމްޕަރޭޗަރ ހެޔޮވަރަކަށް ބެހެއްޓިއެވެ. ލައިޓްގެ އަލި ފަނޑުކޮށްލާފައި ކޮޓަރީ ދޮރު ކައިރިކޮށްލާފައި ބޭރަށް ނިކުތެވެ.

"ސަކިންތާ...!! އަޅުގަނޑު މިދަނީ ބޭރަށް. އޮފީހަށް ވަދެލާފައި ޒުކް ބަލާ ދާނަން. ބައްޕަގެ ހާލު ބަލާލައްޗޭ" ގެނައި ތަށި ޒިންކަށް ލަމުން އާޝިދް ބުނެލިއެވެ. ސަކީނާ ބޯޖަހާލާފައި ޒިންކާއި ކައިރިވެލިއެވެ.

އުނޭޝް ވަޒީފާއަށް ނުނިކުންނަތާ ދެދުވަސްވީއެވެ. އޭނާގެ ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ފެންނުވަރާ ނިދުމެވެ. ނަމާދެއް ނުކުރާ ތަނުގައި ކޮޓަރިން ބޭރަށް ނިކުންނަނީވެސް ބަނޑަށް ކެތްނުވާވަރު ވުމުންނެވެ. އެކުވެރިޔަކާއިއެކު ކައިރި ރިސޯޓަކަށް އޭނާ ކައިރީގައި ނާހާ ތަމަންނީ ދިޔައީތީ އެކަމާހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.

ކޮޓަރީގައި އޮވެފައި އޭނާ ބޭރަށް ނިކުމެލީ ބަނޑުހައިވެގެން ކެތްނުވާވަރު ވުމުންނެވެ. ބަދިގެއާއި ދިމާލަށް ހިނގައިގަތް ވަގުތު ބޭރު ދޮރުގައި ބެލްއަޅާ އަޑު އިވެމުން ދިޔައެވެ. ދޮރާއި ދިމާލަށް ފާޑަކަށް ބަލަންހުރީ އެއީ ތަމަންނީކަމަށް ހީކޮށްފައެވެ. ދެފަޔަށް ބާރުލާފައި އެދިމާލަށް ގޮސް ބާރަކަށް ދޮރު ހުޅުވާލީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ދޮރުމަތީގައި ހުރި މާލިކް ފެނުމުން އެނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

ކުރިމަތީގައި ހުރި އުނޭޝްގެ ފައިން ފެށިގެން ބޮލާއި ހަމައަށް މާލިކް ބަލައިލިއެވެ. އޭނާއަށް ވުރެ އިސްކޮޅުން ދިގު އުނޭޝްގެ ހަށިގަނޑު ކުރިއަށް ވުރެވެސް އަނަރޫފަ ވެއްޖެއެވެ. ބޮލުގެ ބުޅި އިސްތަށިގަނޑު ބޯވެފައި މުޅި މޫނު މަތީގައިވަނީ ތުނބުޅިއެވެ. ދެލޯ ކައިރި ކަޅުވެފައި ވާއިރު ހީވަނީ ވަރަށް ގިނަ ދުވަހު ބަލި ތަންމަތީގައި އޮވެފައި ތެދުވެ ހުރި މީހެއް ހެންނެވެ. ލައިގެން ހުރީ މަޑު ނޫކުލައިގެ ސޯޓްބުރިއަކާއި ކުކުޅުބިސް ކުލައިގެ ގަޔަށް ބޮޑު ޓީޝާޓެކެވެ.

މާލިކް ބަލަންހުރި ގޮތުން އުނޭޝް އިސްޖަހައިލިއެވެ. އޭނާ އޮފީހަށް ނުދާތީ ވީގޮތެއް ބަލަން މާލިކް އަތުވެދާނެ ކަމަކަށް އޭނާ ހީކޮށްފައެއްނެތެވެ. އެތެރެއަށް ވަންނަން ބުނަންވެސް ހަނދާންނެތިފައި ހުއްޓާ މާލިކް ގޮވައިލުމުން ބަލައިލިއެވެ.

"އަހަރެން ވަންނަންތަ؟" މާލިކް ބުނެލިއެވެ. އުނޭޝް ބޯޖަހާލާފައި ބޮޑަށް ދޮރުހުޅުވާލިއެވެ.

އެތެރެއަށް ވަދެގެން ދިޔަ މާލިގް ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނޭފަތުގައި ޖެހުނީ ނުބައި ވަހެކެވެ. ހުރިހާ ދިމާލަށް އަވަސް ނަޒަރެއް ދީފައި ދެން ބަލައިލީ އުނޭޝްގެ މޫނަށެވެ. ބަހެއްނުކިޔާ އުނޭޝް ހުރީ ދުރު ބަލަހައްޓައިގެންނެވެ.

"ކޮބާ އަނބިމީހާ؟" މާލިކް އަހައިލިއެވެ.

"އެބައުޅޭ" ތަމަންނީ ރިސޯޓަށް ދިޔަ ވާހަކަ މާލިކް ކައިރީގައި ބުނަން އުނޭޝްއަށް ނުކެރުނެވެ.

"ޔަޤީން މިއިން ޒަމާނެއްގަ މިގެ ތާހިރުކޮށްފަ ނެތްކަން. މި ފެންނަނީ ޙާއިޝާއާއި ރާނީ ނެތްކަމުގެ ނިޝާން. ކޮންމެ މީހަކު މިގެއަށް ވަނަސް ބުނާނީ މިހެންކަން ޔަޤީން. މިގެއެކޭ ފަޅު ހާއްޔެކޭ މިހާރު އެއްވެސް ތަފާތެއްނެތް" ތިރީގައި ވެއްޓިފައި އޮތް ކުޝަން ނަގަމުން މާލިކު ސޯފާގައި އިށީނެވެ.

"ކީއްވެ ކޮޅަށް ތިހެރީ. އާދޭ އިށީންނަން. އަހަރެން މިގެއަށް މިއައީ އުނޭޝް އާއި ބައްދަލުކުރަން" މާލިކް ބުނެލިއެވެ.

"މާލިކްބެ ކޮފީ ބޭނުންތަ؟" އުނޭޝް އެހިއެވެ.

"އުނހު. އަހަރެން މިގެއިން އެއްވެސް އެއްޗެއް ބޯކަށް ބޭނުމެއްނޫން. އިހަށް އައިސް މިތަނުގަ އިށީނދެބަލަ" މާލިކް ބުނެލިއެވެ. އުނޭޝް އިށީނެވެ.

"ލޯގަނޑު ކުރިމައްޗަށް އެންމެފަހުން އެރީ ކޮންއިރަކު؟" މާލިކް އަހައިލިއެވެ. އުނޭޝް މާލިކްގެ މޫނަށް ބަލައިލާފައި ނަޒަރު ބަދަލުކޮށްލިއެވެ.

"އަހަރެން ހަމަ ޚައިރާންވެއްޖެ. ކުއްލިއަކަށް ކޮންހާ ބަދަލެއް؟ އުނޭޝް ނޫނަސް ދެ އަނބިންވެސް ތިން އަނބިންވެސް ތިބޭ މީހުން އުޅޭ. އެއިން މީހަކަށް ތިހާ ބަދަލެއްނާދޭ" މާލިކް ވާހަކަދެއްކިއެވެ. އުނޭޝް ހަމަ ބަހެއްވެސް ނުކިޔާ އިނެވެ.

"އަހަރެން ހުރީ އެއްޗެއް ނުބުނަން. އެކަމަކު ދެން ނުހުރެވޭނެ. އަހަރެން ދެކުނީ ތި ތިންކުދިންނަކީވެސް އަހަރެންގެ އަމިއްލަ ދަރިން ފަދައިން. އަހަރެންގެ ހަޔާތަށް ދުވަހަކުވެސް ފައުޒީއަށް ވުރެ އަހަރެންނަށް ވަފާތެރި އެކުވެރިއެއް ނާދޭ. މިއާއިލާއަށް ޖެހޭ ކޮންމެ ކަމެއްގަ އަބަދުވެސް އެންމެ ކައިރީގައި ހުންނަން އަހަރެން ބޭނުމީ" މާލިކް ހުއްޓައިލިއެވެ. ދައްކަންޖެހޭ ވާހަކައިގެ ގޮތުން އޭނާއަށް އުނދަގޫ ގޮތެއް އިހުސާސް ވެއްޖެއެވެ.

"އުނޭޝްއަކީ މި އާއިލާގެ އެންމެ ދޮށީ މީހާ. ހަގީގަތުގަ ހުރިހާ ޒިންމާތަކެއް ނަގާ ހަގަށް ތިބި ދެކުދިންނަށް ނަމޫނާއަކަށް ވާންވީ މީހާ. އެކަމަކު އުނޭޝް ވަރުގެ ޒިންމާދާރުކަން ކުޑަ ހަރުދަނާކަމެއްނެތް އެއްވެސް މީހަކު އަހަރެން ނުދެކެން. އަދްޔަން އަހަރެން ހީކުރިގޮތެއް ނޫން. ޙާއިޝާ ބަލި ތަންމަތީގައި އޮތްއިރު އެފަކީރު ކޮންހާލެއްގަ ތެޅުނީ. އުނޭޝް ހިތަށް އެއްވެސް އެއްޗެއް އެރިތަ؟ ކީއްވެގެންތަ އުނޭޝްއަށް ނުވިސްނެނީ. ކޮންގޮތަކަށް ވިސްނާފަ ކުރި އިތުރު ކައިވެންޏެއް؟" މާލިކް ވާހަކަދައްކަމުން ދިޔައެވެ.

"ކައިވެންޏެއް ކޮށްގެން ތިމާގެ ހަޔާތަށް ގެނެވޭ އަންހެނާއަކީ ތިމާ ސުވަރުގެ ގެންދިޔުމަށް އެހީތެރިވެދޭނެ މީހަކީ. ރަނގަޅުގޮތް ބުނެދީ ތިމާ ނުބައި މަގަކުން ދާނަމަ ވިސްނައިދީ ކައިރީގައި ހުންނަންޖެހޭ އެންމެ ގާތް އެކުވެރިޔަކަށް ވާންޖެހޭ މީހާ. އުނޭޝް ތިހުރީ މަގު ގެއްލި އަޅާލާނެ މީހަކު ނެތިފަ. ގޮތަކަށް ބުނަންޏާ ދުނިޔެއަށް ގިނަވާން ތައްޔާރުވެފަ. ފައިސާއާއި މުދަލަކީ އުނޭޝްގެ ކުރިމަތީގައި އެއްވެސް އެއްޗެއްނޫން. އަރާމު ގޮނޑީގަ އޭސީދަށުގަ އިނދެ ދެތިން ކަރުދާހުގަ ސޮއިކުރުމުން އުނޭޝްގެ ޖީބަށް ވަންނަ ފައިސާ ގިނަޔަސް ގިނަ މީހުން އެ ހޯދަންޖެހެނީ ވެހޭހާ ވާރެއާ ދިއްލާހާ އަތްވެއްގަ ގަނަތެޅިގެން. އަހަރެއް ވަންދެން ދޯންޏަށް ލިބުނު ފައިސާތައް އުނޭޝް އަތުން ގެއްލިގެންދާނީ ކިހާ ފަރުވާކުޑަވީމަ" މާލިކް ވާހަކަދެއްކިއެވެ.

"އެއްބަސް ތިކަމަށް. ކެމެރާތައް މައްސަލަ ޖެހިފަ ހުރީމަ ފުލުހުންނަކަށް މައްސަލައެއް ހުށައެއްނާޅަން" އުނޭޝް ބުނެލިއެވެ.

"އެއްކަމަކުން ނޫނޭ އުނޭޝް މަގުއޮޅިފަ ތިހެރީ. މިސްކިތް ހުންނަ މަގު އިނގޭތަ؟ ހަނދާން އެބަހުރިތަ ތިއީ މުސްލިމެއްކަން. އާޝިދްގެ ބައްޕައަށް ގުޅާފަ އާޝިދާ ބެހޭގޮތުން ކޮންކަހަލަ މުޑުދާރު ވާހަކަތަކެއް ތިދެއްކީ. އެއީ ހަމަ ރާނީ އާ އާޝިދް ގުޅުމެއް އޮތީމަ ތަ؟ އުނޭޝް ހިތާއި ނިކަން އެންމެފަހަރުވެސް ސުވާލުކޮށްލަބަލަ ހަގީގަތުގައިވެސް އިރާނިޔާއަކީ ކައިވެނިން ބޭރުން ހިތުހުރި ގޮތަކަށް ފިރިހެނުންނާއެކު އުޅޭ އަންހެނެއްތޯ؟ ނޫނީ ދުވަހަކުވެސް ކަމަކަށް ޝައްކުވިތަ؟ އުނޭޝްއަށް އެއްވެސް ކަމެއް ފުރިހަމަކޮށްނުދީ އޮތްތަ؟ ނޫނީ ހުތުރީތަ؟" މާލިކް ވާހަކަދެއްކިއެވެ.

"ތިއުޅުން ދޫކޮށްލާފަ ތިމާގެ މުސްތަގުބަލާ ދޭތެރޭ މިއާއިލާއާއި ދޭތެރެ ހަމަޖެހިގެން ވިސްނާލާނީ ކޮންއިރަކުން؟ އިތުރު ކައިވެންޏެއްކޮށް އަމިއްލަ ހަޔާތަށް އަންހެނަކު ގެނައިރު އެއީ ކޮން އާއިލާއަކުން އައިސްހުރި ކޮންކަހަލަ މީހެއްތޯ ބަލައިލިންތަ؟" މާލިކް ވާހަކަދެއްކިއެވެ. އުނޭޝް މާލިކްގެ މޫނަށް ބަލައިލިއެވެ.

"އަހަރެން ތަމަން އާ އިނީ ލޯބިވެގެން" އުނޭޝް ބުނެލިއެވެ.

"ތަނަކުން ރީތި ދޮން އަންހެންކުއްޖެއް ފެންނައިރަށް ލޯބިވާންވެއްޖިއްޔާ ކޮބާ ސަލާމަތެއް. އޭރުން ތިބޭނީ އުނޭޝް ކަހަލަ ފިރިހެނުންގެ މުޅިންވެސް އަނބިންނާ ލޯބިވެރިންނެއް ނޫންތަ؟ މާލިކް ބުނެލިއެވެ.

"އިންސާނާ ދުނިޔެއަށް ދެލޯ ހުޅުވައިގެން ނޭފަތުން ނޭވާލެވޭހާ ހިނދެއްގައި ވަގުތު އޮންނާނެ. ތިމާއަށް ކުރެވުނު ފާފައެއް އޮތިއްޔާ ތަޢުބާވޭ. ކަރުނަ އޮހޮރާފަ އެކަލާނގެއަށް ދަންނަވާ. ތެދުމަދު ދެއްކުވުމަށް އެދި އާދޭސްކުރޭ. ދެލޮލުން ކަރުނަ ނާންނަންޏާ ތިމާގެ ހިތް މަޑުކުރައްވާތޯވެސް ދުއާކުރޭ. ތިމާގެ އަމިއްލަ ނަފްސު ހިސާބުކުރޭ. އެކަލާނގެއަކީ އެއްވެސް އަޅަކު ހުސްއަތާ ދޫކޮށްލައްވާނެ ފަރާތެއްނޫން. ތިމާގެ އަނބިމީހާ ތިމާގެ ކޮންޓްރޯލް ދަށުގައި ބަހައްޓާ. ކައިރިކުރަންވީ މީހާ ދުރުކޮށްފަ ދުރުކުރަންވީ މީހާ ކައިރިކުރުން އެއީ އުސޫލެއްނޫން" މާލިކް ވާހަކަދައްކަމުން ދިޔައެވެ. އުނޭޝް ބަހެއްނުކިޔާ ހިމޭނުން އިސްޖަހާލައިގެން އިނެވެ.

ދަންވަރުގެ ހަމަހިމޭންވަގުތެވެ. ވެހެމުންދާ ވާރޭގެ ސަބަބުުން މުޅި ކޮޓަރީތެރެ ވަނީ ފިނިހިފާލާފައެވެ. ޖެހެމުންދާ ވައިގެ އަޑުން ހީވަނީ ފުރާޅު އެއްލާލަން އުޅޭހެންނެވެ. މަގުމައްޗަށް ހުރި ކުޑަދޮރު ހުޅުވާލައިގެން ވެހެމުންދާ ވާރެއަށް ބަލަހައްޓައިގެން ޒަހުރިއްޔާ ހުއްޓެވެ. އޭނާގެ އުނަގަނޑާއި ހަމައަށް އަންނަ ދިގު އިސްތަށިގަނޑު އިށީނދެގެން އިން ގޮނޑިތެރެއަށް އޮތީ ބޮނޑިވެފައެވެ. ޖެހެމުންދާ ވައިގެ ސަބަބުން އިސްތަށިތަކަށް ދިރުން ލިބިފައިވާ ކަހަލައެވެ. ނަށަމުން އެއް އިސްތަށި އަނެއް އިސްތައްޓާ ސަމާސާ ކުރަމުން ދާއިރު އޭނާގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނާ ހިތަށް އަޅަމުން ދިޔަ ވޭން އިހުސާސްކޮށްދެމުން ދިޔައެވެ. ދަންވަރުގެ ބޮޑު ބައެއް ފަހަނައަޅާ ގޮސްފައިވާއިރު އޭނާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށާއި ސިކުނޑިއަށް ކުރަމުންދިޔަ ބާރު ބޮޑެވެ.

ކާނުތައް ފުރިގެން މަގުމަތީގައި ބޮޑުވަމުންދިޔަ ފެންތަކަށް ބަލަން ހުރިއިރު މާޒީވެ ގޮސްފައިވާ ދުވަސްތަކުން ދުވަހެއް އޭނާގެ ހަނދާނަށް އަންނަމުން ދިޔައެވެ. އެންމެ ފުރަތަމަ ވަޙީދުއްދީނާއި އޭނާ ބައްދަލުވީވެސް މިފަދަ ތޫފާނީ ރެއެއްގައެވެ.

އެކުވެރިއެއްގެ ގޭގައި އޮތް ޕާޓީއެއް ނިންމާފައި އޭނާ މަގުމައްޗަށް ނިކުތްއިރު ވިއްސާރައިގެ އެއްވެސް ނިޝާނެއްނެތެވެ. ގެއާއި ހަމައަށް ނުދެވެނީސް ގަދަ ވަޔާއެކު އޮށްސާލައިފިއެވެ. ދުއްވައިގަންނަން ހަދައިގެން މަގުމަތިން ޓެކްސީއެއް ހުއްޓުވަންވެސް އޭނާ ހަނދާނެއްނެތެވެ. ދުވަމުންގޮސް އޭނާއަށް ނިކުމެވުނީ މާލޭގެ އެންމެބޮޑަށް ފެންބޮޑުވާ އަމީނީ މަގަށެވެ. ލައިގެން ހުރި ކަޅުހެދުން ކަކުލާއި ހަމައަށް އުފުލާލާފައި ހުރިއިރު ފައިގެ ތަނބިކަށިން މައްޗަށް ފެންގަނޑު ހުއްޓެވެ. އަޅައިގެން ހުރި ބުރުގަލާއެކު ހެދުން ވަނީ މުޅި ގައިގައި ތަތްލަވާފައެވެ. ދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އަވަސް އަވަހަށް ދަބަސް ތެރެއަށް އަތްކޮށްޕާލާފައި ފޯނު ނަގަން އުޅުނީ އެއީ ގާތްމީހެއް ކަމަށް ހީކޮށް އެހީއަކަށް އެދުމަށެވެ. ނަމަވެސް އޭނާގެ އަތުން ފޯނު ދޫވެގެން ތިރިއަށް ފައިބައިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. ފެންގަނޑުގައި ފޯނު ޖެހެންދެން އޭނާއަށް ހުރެވުނީ ޝޮކެއްގައެވެ. އަދި ދެހަފްތާވެސް ނުވާ އެފޯނަކީ އޭނާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިޔާއެވެ. ފެންގަނޑު ތެރޭގައި އިށީނދެފައި ފެންގަނޑު ތެރެއިން އެކި ދިމާލުގަ އަތްޖައްސަން ފެށިއެވެ. ނަމަވެސް އޭނާގެ އަތުގައި ފޯނުޖެހޭ ގޮތެއް ނުވިއެވެ.

"އެހީއެއް ބޭނުންތަ؟ އަރަންވީނުން ސައިކަލަށް" ދާދި ކައިރިއަށް މަޑުކޮށްލި ރަތްކުލައިގެ ސައިކަލެއްގައި އިން ޒުވާނަކު ބުނި އަޑު އިވިގެން ބަލައިލިއެވެ. އޭނާ ފުންމައިގެން ތެދުވިއިރު އަތުގައި ފޯނު އޮތެވެ.

"ސޮރީ..." ހުރެވުނީ މަގު މެދުގައިކަން އިނގުމުން އޭނާ އަވަސް އަވަހަށް ޕޭވްމަންޓް މައްޗަށް އެރިއެވެ.

"ތިއީ މީހުން އެކިޔާ ވާރޭގެ ޕަރީތަ؟" ފެންއެޅިގެން ހަލާކުވެފައިވާ ފޯނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ރޮވިފައެވެ.

"ހާދަ ދެރަވެފަ. ފޯނު ވެއްޓުނީ ދޯ. އަހަރެން ހަދައިދީފާނަން. އެއްވެސް ކަމެއްނޫން ތިއީ. ހިނގާ ގެއަށް ގެންގޮސްދޭނަން. ހިއެއްނުވޭ އެހާ އަވަހަށް ވާރޭ ހުއްޓަން އުޅޭހެނެއް" ވަޙީދުއްދީން ބުނެލިއެވެ. އޭނާ ވިސްނާލަން ހުރެފައި ކަޅުކުލައިގެ ވާރޭ ކޯޓުގެ ނިވަލުގައިވާ ވަޙީދުއްދީންގެ މޫނަށް ފުރަތަމަ ފަހަރަށް ބަލައިލިއެވެ. ނުލަފާ މީހެއްގެ ސިފަތަކެއް ވަޙީދުއްދީންގެ ފުށުން އޭނާއަށް ނުފެނުނީތީ މަޑުމަޑުން ސައިކަލަށް އަރައިފިއެވެ. ނަމަވެސް ގެއަށް ވަދެވޭ ގޮތެއް އޭނާއަށް ނުވިއެވެ. އެއީ ކިޔަވަން ހުންނަ ގެއަށް ވިތީ އެގާރަ ޖެހުމާއެކު އެގޭ ދޮރު ބަންދުވެއްޖެއެވެ. އެއީ ހެދިފައި އޮންނަ ގަވައިދެއްކަން މާކުރިންވެސް އިނގެއެވެ. ވަންނާނެ ތަނެއް ނެތިގެން ދޮރުކައިރީގައި ވިސްނަން ހުރެފައި މާލޭގައި ހުންނަ އެނާގެ ހަމައެކަނި އެއްބަފާ ދައްތައަށް ގުޅަން ބޭނުންވިއެވެ. ނަމަވެސް ފޯނު ހަލާކުވެފައި އޮތުމުގެ ސަބަބުން ކަރުއެލުވާލިއެވެ. އެވަގުތުވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ ސައިކަލް މަތީގައި އިން ވަޙީދުއްދީނެވެ.

"އަން... މިތާ ހުންނަންވެއްޖިއްޔާ މާބޮޑަށް ބަލިވެދާނެ. ގުޅަން ބޭނުންވާ ތަނަކަށް ގުޅާ" އޭނާ ފޯނުގައި ހިފާފައި ދައްތައަށް ގުޅައިލިއެވެ. އެއީ އޭނަކަން އިނގުމާއެކު ފުރަތަމަވެސް އިވިގެން ދިޔައީ އެނާއަށް ދިމާލަށް ހަޑިއެއްޗެހި ގޮވަން ފެށި އަޑެވެ. ވަގުތުން އޭނާ ފޯނު ކަނޑާލައިފިއެވެ. ވަޙީދުއްދީން އަތަށް ފޯނު ދީފައި ޝުކުރުއަދާކުރިއެވެ. އެންމެފަހުން ވަޙީދުއްދީން އެރޭ ގެއަށް ދިޔައީ އޭނާ ގޮވައިގެންނެވެ. އޭނާ ނިންދެވީ ބޮޑު ގެއެއްގައި އަރާމު ކޮޓަރިއެއްގައެވެ. ނިދަން ދިނީ އޭނާގެ ހަރުވާޅަކާއި އަތްދިގު ޓީޝާޓެކެވެ. އެއީ ދުވަހަކުވެސް އޭނާގެ ހަނދާނުން ފިލައިގެންދާނެ ރެއެއްނޫނެވެ. އެދެމީހުންގެ މެދުގައި އެކުވެރިކަމެއް އުފެދުނުރެޔަކީ އެރެއެވެ. ނަސީބުކަން ދިމާކުރި ގޮތުން އަނެއްދުވަހު ދިރިއުޅޭ ގެއަށް ދިޔުމާއެކު އެގެއިން އޭނާ ނެރެލައިފިއެވެ. ދަންވަރު ނިދަން ނާންނަކަމަށް ބުނެ ބޮޑެތި އިލްޒާމްތަކެއް ބޮލުގައި އަޅުވާފައެވެ. އެފަހުން އޭނާ ދިރިއުޅުން ބަދަލުކުރީ ވަޙީދުއްދީންގެ ގެއަށެވެ. އޭނާއަށް ހިމާޔަތްދިނީ ވަޙީދުއްދީނެވެ. އެއީ އޯގާތެރިއެކެވެ.

ދުވަހަކަށްފަހު ދުވަހެއް އެދެމެދުގައި އޮތް އެކުވެރިކަން ބަދަހިވަމުން އައިސް ލޯބިވެރިންނަށް ވެވުނު ގޮތެއް ދެމީހުންނަކަށްވެސް ނޭނގެއެވެ. އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުހެން ހީވީ ގަނޑުވަރެއްފަދަ އެގޭގައި ވަޙީދުއްދީންގެ އަންބަކަށް ވެގެން ދިރިއުޅުމުގެ ފުރަތަމަ ފިޔަވިހި އެޅި ދުވަހުއެވެ. އެގެއަށް މަސައްކަތްކުރަން ސަކީނާވެސް ގެނައީވެސް ހަމަ އެދުވަހުއެވެ. އުފަލާއި އަރާމުގައި ވަޙީދުއްދީންގެ ދެއަތުގެ ތެރޭގައި ދުވަސްތައް ގުނަމުން ދަނިކޮށް އޭނާ ޒުކްއަށް ބަލިވެއިންކަމުގެ ޚަބަރު ޑޮކްޓަރުން ދިނެވެ. އެދުވަހު އޭނާއަށް އުފަލުން ރޮވުނެވެ. ވަޙީދުއްދީންގެ ފުރަތަމަ ދަރިފުޅު ނޫނަސް އެދުވަހު ވަޙީދުއްދީންގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނު މަންޒަރު އޭނާ ދުއްޓެވެ.

ޒުކް ދުނިޔެއަށް އައިތާ މާގިނަ ދުވަހެއް ނުވަނީސް އިތުރު އުފަލެއް އޭނާއަށް ލިބުނީ ވަޙީދުއްދީންގެ ބިޒްނަސް ޕާރްޓަނަރަކަށް އޭނާގެ އެންމެ ގާތްއެކުވެރިޔާ ސޮފާ ހަމަޖެހުނުކަން އިނގުނު ދުވަހުއެވެ. ހިތްހަމަޖެހުމުގައި އުފަލުގައި ޒުކް ގޮވައިގެން އުޅެމުންދަނިކޮށް އޭނާ ކުރިމަތިލާން ޖެހުނީ ނުރައްކާތެރި އެކްސިޑެންޓަކާއެވެ. އޭރު ޒުކްއަށް ދެއަހަރުވެސް ނުވެއެވެ. އެ އެކްސިޑެންޓުން އޭނާގެ ފުރާނަ ސަލާމަތްވިޔަސް ހަނދާންތަކެއް އަނބުރާ ނުގެނެވުނެވެ. އެހެންކަމުން ހޮސްޕިޓަލުން ދޫކޮށްލުމާއެކު ސޮފާ އޭނާ ގެންދިޔައެވެ. ޑޮކްޓަރުންގެ ބޭހާއި ހިތްވަރުން ތިން އަހަރު ދުވަހުގެތެރޭގައި އޭނާގެ ހަނދާންތައް އެނބުރާ ލިބުނެވެ. އެއީ ހެއްދެވި ފަރާތުން އޭނާ ދެއްވި ނިޢުމަތެކެވެ. ވަގުތުން ލޯބިވާ ފިރިމީހާއާއި ދަރިފުޅު ކައިރިއަށް ދާން ބޭނުންވެގެން ތެޅިގަތެވެ. ނަމަވެސް ސޮފާ އެކަން މަނާކުރަމުން އައެވެ. އޭނާގެ އެއްފައިގެ ނާރުތަކުގެ މައްސަލަ ޖެހިފައިވާ ވާހަކަ ބުންޏެވެ. އޭނާ ނެތްކަމުގެ ފަޅުކަން ވަޙީދުއްދީން ނުކުރާ ވާހަކައާއި އެދިރިއުޅުމުން ނިކުމެ މިނިވަންކަމާއެކު އުޅެން ސޮފާ ނަޞޭހަތްދެމުން ދިޔައެވެ.

އިވުނު ބާރު ގުގުރިއާއި އެކު ޒަހުރިއްޔާއަށް ދެކަންފަތް މަތީގައި އަތް އެޅިއްޖެއެވެ. ކުޑަދޮރު ލައްޕާލާފައި ގޮސް އެނދަށް އަރައިފިއެވެ. އެނދުގެ ފައިލާކޮޅުން ފެށިގެން ހެޑްބޯޑާއި ހަމައަށް ދިޔައީ ބޮކެއް ދާ އުސޫލުންނެވެ. ބާލީސް ދަށުގައި އޮތް ފޮޓޯ ފްރޭމް ނަގާފައި އޭގައިވާ ޒުކްއާއި ވަޙީދުއްދީންގެ ތަސްވީރުގައި ބޮސްދީފިއެވެ. އޭރު އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފްރޭމްގައި ބޮސްދީފައި ތިރިއަށް ދެމިގަނެއްޖެއެވެ.

ސޯފާގައި ދެކަކުލުގައި ބޯޖަހާލައިގެން އިން އަންހެންކުއްޖާ ފެނި އާޝިދްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟