ރޭގަނޑުގެ އަނދިރިކަން ކޮޓަރިއަށް ވެރިވެފައި އޮތެވެ. އެނދުގައި އޮށޯވެލައިގެން އޮތް އީވާއަށް އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލެވުނެވެ. ބަނޑުހައިހޫނުކަން އިހުސާސްކުރެވެމުން ދިޔަ ކަމުގައި ވިޔަސް ބޭރަށް ނިކުންނާކަށް އޭނަ ބޭނުމެއް ނުވިއެވެ. ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރު ގެއްލިފައިވާ ކަހަލައެވެ. އޭރު ގޮހޮރުހުސްވެގެން ގޮސް އަޑުތައް ވެސް އިވެން ފަށައިފިއެވެ. ލިބިފައިވި ހިތާމައިގެ ސަބަބުން މުޅި މީހާ ވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ. މާކިންގެ ފަރާތުން ޖަވާބެއް ނުލިބި އެތައް އިރެއް ފާއިތުވެގެން ދިޔުމުން އީވާގެ ހިތުގެ ރިހުން ގަދަވާން ފެށިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވިގެން ދިޔަ އެވެ. އޭގެ ސަބަބުން މޭގައި ގަދަޔަށް ރިއްސަން ފަށައިފިއެވެ. ރޮއެރޮއެ މޫނު ވެސް ފޮއްސި ވެއްޖެއެވެ. ދެލޯ ރަތް ވެއްޖެއެވެ. ލޮލުގެ ކައިރި ފަށަލަ ވެސް ވަނީ ދުޅަވެފައެވެ. ނޭފަތުގެ ކޮޅުގައި ވެސް ވަނީ ރަތް ކަމެވެ.
''އީވް!، ދެން ނިކުމެބަލަ... ތިހެން ކޮޓަރީގަ އޮތީމަ އެއްވެސް ކަމަކަށް ހައްލެއް ލިބޭނެތަ؟، ޖޫލިއަޓް ވެގެން ރޮއިރޮއި އޮތަކަސް އެއްވެސް ކަމެއް ހަލެއް ނުވާނެ، ޖާދިން ވެސް ގޮއްސިއޭ، ދެން ނިކުންނަން އުޅެބަލަ، ހިތްވަރާއެކު ތިކަމާ ކުރިމަތިލާނަމޭ އަހަރެން ގާތު ބުނީމެއްނު، ދެން މިހާރު ކިހިނެއްތަ ތިހަދަނީ؟، ކޮޓަރިއަށް ވަދެ ފިލާ އޮތީމަ ކަންތައް ހައްތާހާ ގޯސްވާނީ... ދެން ނިކުންނަން އުޅޭ!، އެހެން ނޫނީ ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވަން ޖެހިދާނެ...'' ކޮޓަރީގެ ދޮރުގައި ޓަކި ދެމުން ރައުހާ ވާހަކަ ދެއްކިއެވެ. އެއަޑުގައި މާޔޫސްކަން ވިއެވެ. ތަފާތު އެތައް ވާހަކައެއް ދައްކައިގެން އީވާއަށް ވިސްނައިދެވޭތޯ އޭނަ މަސައްކަތްކުރިއެވެ. ވެދިޔަ ކަންތަކާ ކުރިމަތި ނުލަނީހެއް އެއްވެސް ކަމެއް ހައްލު ނުވާނެކަން ހަނދުމަކޮށްދޭން ބޭނުން ވިއެވެ.
އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. އީވާގެ ޚަބަރެއް ނުވިއެވެ. ދޮރާއި ކަންފަތް ކައިރިކޮށްލުމުން، އީވާގެ ރުއިމުގެ އަޑު ރައުހާގެ ކަންފަތުގައި ޖެހުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު އަނެއްކާ ވެސް އޭނަ ވާހަކަދެއްކިއެވެ. މިފަހަރު އަޑަށް ހަރުކަށިކަން ގެންނަމުންނެވެ.
''އީވް، ދެން ގޮތް ދޫނުކުރުން ދޫކޮށްލަން ވެއްޖެދޯ، އީވްއާ މެދު ވިސްނާވިސްނާ އަހަރެން މިހާރު ހާސްވާން ފަށައިފި، ފަސް މިނެޓް މިދެނީ، ނުނިކުމެފިއްޔާ ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވާނަން!...'' ތަންކޮޅެއް ބާރަށް ދޮރުގައި ޓަކިދެމުން ރައުހާ ބުންޏެވެ. އޭނަ ހުރީ އީވާއާ މެދު ހިތްހަމަނުޖެހިފައެވެ. އީވާގެ ހާލަތާ މެދު ހަމްދަރުދީވެ، މަދަދުވެރިކަން ފޯރުކޮށްދޭން ބޭނުންވިކަމުގައި ވިޔަސް، މިހާރު އީވާގެ އަމަލުތައް ހުރި ގޮތާ މެދު ނުރުހުންވިއެވެ. ބިރުގަނެ ފިލަން ދުވަންޏާ ދުނިޔެއާއި އީވާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ކަރުނައިގެ ދާނެއްގައި ދުވަސް ހޭދަކުރުމުން ވެދިޔަ ކަންތައް ނުވާ ކަމަކަށް ވާނެ ހެއްޔެވެ؟ ޖާދިންއަށް ހަޤީޤަތް ހާމަކުރާނީ ވެސް ކާކު ހެއްޔެވެ؟ މާކިންގެ ގާތަށް މަޢާފަށް އެދިގެން ދާނީ ވެސް ކާކު ހެއްޔެވެ؟ ކުރިމަތިލާން ޖެހިފައިވާ ތޫފާނުގެ ވިލާތައް ބޯމަތިވެ އޭގެ ބާރު އިހުނަށްވުރެން ގަދަވުމުގެ ކުރިން ސަލާމަތުގެ އައްސޭރިއަކަށް ދެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟
ރުއިން ހުއްޓާލަމުން، ފޯނުން ގަޑި ބަލައިލުމަށްފަހު އީވާ ކޮޅަށް ތެދުވުނެވެ. ގަޑިން ހަތެއް ޖަހައި ބޮޑުވެފައި ވުމުން އޭނަ އަވަސްވެގަތީ މާކިންއާއި ބައްދަލުކުރަން ދާން ތައްޔަރުވާށެވެ. މާކިން އަންނާނެ ކަމުގެ ޔަޤީންކަމެއް ނެތަސް އިންތިޒާރުގައި ހުންނަން އީވާ ބޭނުން ވިއެވެ. އެކަމުން ހިތަށް އަނިޔާ ލިބުނުކަމުގައި ވިޔަސް މެއެވެ.
ފާޚަނާއަށް ވަދެވޭނީ ކޮޓަރިން ބޭރަށް ނިކުމެގެން ކަން އީވާއަށް ވިސްނައިލެވުނެވެ. އޭނައަށް ޖެހޭނީ ރައުހާއާއި ކުރިމަތިލާށެވެ. އެއާއެކު ތުންފަތުގައި ދަތް އަޅާލެވުނެވެ. ދޮރު ހުޅުވަން ދިއުމުގެ ކުރިން ކޮޓަރީގެ ބޮކި ދިއްލައިލިއެވެ. ހުދުބޮކީގެ އަލިކަން ކޮޓަރިއަށް ވެރިވެގެން ދިއުމުން ލޮލަށް ވެސް އުނދަގޫ ވިއެވެ.
ދޮރު ހުޅުވުމާއެކު އަވަސްއަވަހަށް ރައުހާއަށް އެތެރެއަށް ޖެހިލެވުނެވެ. އީވާގެ މޫނު އޭނައަށް ފެނުނު ހިނދު ހުއްޓުން އަރައިފިއެވެ. ހިތާމަޔާއި މޮޅިވެރިކަމުގެ ބުރަހެލިކަން އެމޫނުމަތިން ސާފުކޮށް ފެނެއެވެ. ހިތްމަރުވެފައިވާ ކަހަލައެވެ. އީވާގެ ވޭނާއި ހިތްދަތިކަން ތަސައްވަރުކުރެވި ރައުހާގެ ހިތަށް ވެސް ތަދުވެލިއެވެ. ރައުހާއަށް އީވާގެ އަތުގައި ހިފާލެވުނެވެ.
''ރައު...'' އީވާގެ އަޑު ވަނީ ކުރެހިފައެވެ. އޭނަގެ އަރުތެރެ ބެދިފައިވުމުން ވާހަކަދައްކަން އުނދަގޫވިއެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ...'' އީވާގެ ގައިގައި ބައްދާލަމުން ރައުހާއަށް ބުނެވުނެވެ. އީވާދެކެ މީގެ އިރުކޮޅެއް ކުރިން އައިސްފައި ހުރި ރުޅި ވެސް ފިނިވެއްޖެއެވެ. ދައްކަން ކިތަންމެ ގިނަ ވާހަކައެއް ހިތުގައި ވިޔަސް ދުލަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އީވާގެ ހިތާމަތައް ފެނި ރައުހާއަށް ޚިޔާރުކުރެވުނީ ހަމަހިމޭންކަމެވެ. އީވާއަށް ވަގުތު ދޭން ބޭނުން ވާތީއެވެ.
''ދެން ނުރޮއެ މިކަމާ ކުރިމަތިލާންވީ، އަހަރެން ހުންނާނަން އީވްގެ ގާތުގައި، މިކަމުގައި ކޮންމެވެސް ވަރަކަށް އަހަރެންގެ ހިއްސާއެއް ވެސް ވޭ، ޖާދިން އެހާ ކުއްލި ގޮތަކަށް ގުޅުމުން ވާން އުޅެނީ ކިހިނެއްކަން ވެސް ވިސްނާނުލެވުނު، އަދި ހަޤީޤަތް މާކިންއަށް ހާމަކުރުމުގައި އީވްއަށް ފަސޭހަކޮށެއް ވެސް ނުދެވުނު...'' އީވާގެ ބުރަކަށީގައި ފިރުމާލަމުން ރައުހާ ބުނެލިއެވެ.
''ނޫން!، އަހަރެންގެ ސަބަބުން މިހެން މިވީ...'' ރޮވިފައިވާ އަޑަކުން އީވާއަށް ބުނެވުނެވެ. ރައުހާގެ އޯގާތެރިކަމުން އެހިތަށް އިތުރު ވޭނެއް ލިބުނެވެ. ހިތުގައި ޖެހުނެވެ.
''ތިހެން ވިސްނައިގެން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ...'' ރައުހާ ބުނެދިނެވެ.
''އަހަރެން ބޭނުން މިކަންތައް ހައްލުކުރަން...'' ރައުހާ އާއި ދުރަށް ޖެހިލަމުން އީވާ ބުނެލިއެވެ. ''އަހަރެން މިދަނީ މާކްއާ ބައްދަލުކުރަން ދާން...''
''މާކިން އެއްބަސް ވީތަ؟...'' ހައިރާންކަމާއެކު ރައުހާއަށް އަހާލެވުނެވެ.
''ނޫން...'' ދެފަރާތަށް ބޯހޫރާލަމުން އީވާ ބުނެލިއެވެ.
''ދެން؟...'' ރައުހާއަށް ދެލޯބޮޑުކޮށްލެވުނެވެ.
''ބައްދަލުކުރަން ދާންވީ ތަނާ ގަޑި ބުނެފަ މެސެޖެއް ފޮނުވާލީ، އަހަރެން އުއްމީދުކުރަނީ މާކްއަށް އަހަރެންގެ މެސެޖު ލިބޭނެ ކަމަށް، އަހަރެން އެތަނަށް ގޮސް މަޑުކުރާނަން... މާކް އަންނަން ދެން އަހަރެން މަޑުކުރާނަން...'' އީވާގެ އަޑުގައި ރިހުމެއް ވިއެވެ.
''އީވް...'' ރައުހާއަށް ގޮވާލެވުނެވެ. އޭނަ ހުރީ ދެރަވެފައެވެ.
''ރަނގަޅުވާނެ... ރައު ބުނިހެން ޖޫލިއެޓް ހެދިގެން ކިހިނެއް މިކަންތައް ހައްލުކުރެވޭނީ، މިއީ އަދި ފެށުމެއްނު، އަދި ކިތައް އަޑިގުޑަންތައް ހުރަސްކުރަން ޖެހޭނެ؟، އަހަންނަށް މާކް މަޢާފްކުރިޔަސް ޖާދިންއާއި މާމައަށް ވިސްނައިދޭން ޖެހޭނެ، އަހަރެން ހިތްވަރުކުރާނަން، އިރާދަކުރެއްވިއްޔާ އަހަރެންގެ ހިތުގައި މާކްއަށްޓަކައި ވާ ލޯތްބަށް ނަސްރު ލިބޭނެ...'' އީވާ އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އުއްމީދު އާކުރަން ވެސް މެއެވެ. މި ނާޒުކު ވަގުތުގައި ބަލިކަށިވެއްޖެނަމަ ކާމިޔާބު ލިބުމަކީ ނާދިރު ކަމަކަށް ވާނެއެވެ. އޭރުން މުޅި ދިރިއުޅުން ބޮއްސުންލައިގެން ހިނގައިދާނެއެވެ.
''ދިއުމުގެ ކުރިން އެއްޗެއް ކައިގެން ދާން ވާނީ...'' އީވާ ނުހުއްޓުވޭނެކަން ޔަޤީން ކުރެވޭތީ ރައުހާ ބުނެލިއެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަމެއް ވިއެވެ. އީވާއާއި ބައްދަލުކުރަން މާކިން ނައިސްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
''އާނ...'' ފަނޑު ހިނިތުންވުމެއް ދޭން މަސައްކަތްކުރަމުން އީވާ ބުނެލިއެވެ.
*****
ފެންވަރާލުމުން ދުޅަވެފައިވި ލޮލަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. މޫނަށް އައިސްފައިވި ބަދަލުތައް ފާހަގަ ކުރެވި، އީވާއަށް މޫނު ބަލާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލަން ހުރެވުނެވެ. މީހާގެ ސިފަ ވަކިކުރަން ވެސް އޭނައަށް އުނދަގޫވެފައިވާ ކަހަލައެވެ. އެހާލުގައި ހުރެ މާކިންއާއި ބައްދަލުކުރަން ދާން އޭނަ ފަސްޖެހެނެވެ. ނަމަވެސް ލިބިފައިވި ފުރުސަތު އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި ނުގޮސް ހުރެވޭކަށް ވެސް ނެތެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން، އީވާ ފާޚަނާ އިން ނިކުތެވެ.
ބޭރަށް ދިއުމުގެ ކުރިން ކާކޮޓަރިއަށް ވަދެ ކުޑަ ގޮތެއް ހަދާލައިގެން އީވާ ނިކުންނަން ހިނގައިގަތެވެ. ޖާދިންގެ ވާހަކައެއް ރައުހާގެ ގާތުން އީވާ އޮޅުންފިލުވަން ނެހެދިއެވެ. މިވަގުތަށް އޭނައަށް މުހިންމުވެފައިވަނީ މާކިން އެވެ. އެދަނޑިވަޅުގައި އިތުރު އެއްވެސް ނަމެއް އެހިތުގައި ނުވެއެވެ.
އީވާއަށް ބަލަން ރައުހާއަށް ހުރެވުނީ މޮޅިވެރިކަމާއެކުގައެވެ. ހިތާހިތުން ދުޢާކުރެވުނީ އީވާގެ ހިތުގެ މުރާދު ހާސިލުވުމަށެވެ. ހިތާމަތަކަށް ނިމުމެއް އައުމަށެވެ. އީވާގެ އަލަތު ލޯބި ހާސިލުވުމަށެވެ. އެލޯބި އެތައް އިމްތިހާނަކާ ކުރިމަތިލާނެކަން އެނގޭ ހާލުގައިވެސް މެއެވެ.
*****
ޓެކްސީއެއްގައި އީވާއާ ބައްދަލުކުރަން އައި ޖާދިންއަށް ޓެކްސީގެ ދޮރު ހުޅުވާލަން އުޅެފައި ވެސް މަޑުކޮށްލެވުނެވެ. އިމާރާތުން ބޭރަށް ނިކުމެ، ހަލަބޮލިކަން ވެރިވެފައި އޮތް މަގުން ކުރިއަށް ހިނގައިގަތް އީވާއަށް ބަލަން އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެވަގުތު ރައުހާއާއި މެދުގައި ޖާދިން ހިތްހަމަނުޖެހުނެވެ. އީވާ ހަމައަކަށް އެޅުމުން އޭނައަށް ގުޅާނަމޭ ބުނެފައި ވެސް ޚަބަރެއް ނުވިއެވެ. ހަމައެއާއެކު އީވާ އެދާ ތަނަކާ މެދުގައި ވެސް ޖާދިންގެ ހިތުގައި ސުވާލު އުފެދުނެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ތަންކޮޅެއް ދުރަށް އީވާއަށް ދެވުނުތަނާ، ޖާދިން ކާރުން ފޭބިއެވެ. އީވާއަށް ޝައްކެއް ނުވާނެ ފަދައަކުން އީވާގެ ފަހަތުން އޭނަ ހިނގައިގަތެވެ. އީވާ އެދާ ތަނެއް ހޯދުން އޭނައަށް މުހިންމު ކަމަކަށް ވެއްޖެއެވެ. ހިތުގައި އެތައް ސުވާލެއް އުފެދިފައިވިއެވެ. އޭނަގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވަމުން ދިޔަ އެވެ. އެހިތުގައި ނުތަނަވަސްކަމުގެ ވިންދު ވެސް ޖަހަން ފެށިއެވެ. އީވާ އެދަނީ ކޮންމެވެސް މީހަކާ ބައްދަލުކުރަން ހެން ޖާދިންއަށް ހީވިއެވެ. މޭގައި ބިރުވެރިކަން އުފެދުނީ އެމީހަކީ ކުރިން ބައްދަލުވި ޒުވާނާއަށް ވެދާނެ ކަމުގެ ޚިޔާލުތަކުންނެވެ. ނޭވާގެ ހިނގުން ވެސް އަވަސްވާންފެށީ މީހާއަށް ލިބުނު ހާސްކަމުގެ ސަބަބުންނެވެ.
''އޭނައާ ބައްދަލުކުރަންތަ އީވް އެދަނީ، އެކަމަކު ކީއްވެ؟... އަހަންނަށް ނުގުޅީ ކީއްވެތަ؟... އީވްއާ މެދު އަހަރެން ފިކުރުބޮޑުވެފައި ހުރި މިންވަރެއް ހަމަ ނޭނގޭތަ؟... އަހަރެން ދެރަވެފައި ހުރިކަމެއް ވެސް ނޭނގޭތަ؟... އަހަންނަށް ވުރެން އީވްއަށް މުހިންމުވީ އެފިރިހެނާތަ؟.... ކީއްވެ؟...'' އުދާސްކަމުގެ ދުލުން އޭނަގެ ހިތާއި ޖާދިންއަށް ޝަކުވާ ކުރެވުނެވެ. އޭނަ ގާތަށް ރުޅި އަންނަން ވެސް ފަށައިފިއެވެ. ރުޅިއަކީ އޭނައާއި ބީރައްޓެހި އިހުސާސެކެވެ. ނަމަވެސް ނިއުޅެމުންދާ މަންޒަރުތަކުން ނަފުސު ކޮންޓްރޯލްކުރުން އޭނައަށް ދަތި ވެއްޖެއެވެ. މޭގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއް އަނދަން ފަށައިފިއެވެ. އޭގެ ހޫނުކަމުން އޭނަގެ ވިސްނުމަށް ވެސް އަސަރުކުރަން ފަށައިފިއެވެ.
''އަހަރެން އީވްއާއި ބައްދަލުކުރަން އައީ ހާދަ ފޮނި އުއްމިދުތަކާއެކުގައޭ، އެކަމަކު އޭގެ ބަދަލު އީވް ތިދެނީ ކިހިނެއްތަ؟... އަހަރެން ދެކެ އީވް މިހާރު ލޯބި ނުވަނީތަ؟... އަހަރުމެންގެ ދެމެދަށް ވެރިވި ދުރުކަމުގެ އަސްލަކީ އެއީތަ؟...'' ފާއިތުވެ ގޮސްފައިވާ ދުވަސްތަކާ މެދު ޖާދިންއަށް ވިސްނި ދެރަވެސް ވިއެވެ. ހިތުގައި ވޭން އަޅަން ފެށިއެވެ.
''އެފިރިހެނާ އަހަރެންގެ އީވްގެ ވިސްނުމާ ކުޅެލީ، މިހުރިހާ ނުބަޔެއްގެ އަސްލަކީ އޭނަ...'' ޖާދިންއަށް ބުނެވުނެވެ. ''އެއީ ކާކުތަ؟...''
*****
އީވާ ދިޔައީ ގެއާއި ތަންކޮޅެއް ދުރުގައި އޮތްނަ ޕާކަށެވެ. އެއީ ވަރަށް ހިތްގައިމު ތަނެކެވެ. ގިނައިން މާކިންއާއެކުގައި އީވާއަށް ވަގުތު ހޭދަކުރެވިފައިވާ މަންޒިލަކީ ވެސް އެއީއެވެ. ފޮނި ހަނދާންތައް ރައްކާކުރެވުނު މެހެފިލަކީ ވެސް އެއީއެވެ. މިއަދު އެތަނަށް އާދެވުމުން އުފާވެރިކަމުގެ ބަދަލުގައި ހިތަށް ވެރިވީ އުދާސްކަމެވެ. މޮޅިވެރިކަމެވެ. މާޒީވެ ގޮސްފައިވާ ދުވަސްތައް ހަނދުމަކުރަމުން، ތަންކޮޅެއް ދުރުގައި ހުރި އަށްޓަކާ ދިމާއަށް އީވާ ހިނގައިގަތެވެ. އެއީ މާކިންއާއި އޭނަ ޖަގަހައެވެ. އެތާ ކައިރިއަށް ހުއްޓުވެނު ހިނދު އީވާގެ ދެލޯ ފުރިގެން ދިޔައެވެ. މާހައުލަށް ވެރިވެފައި އޮތް ފަޅުކަން އިހުސާސް ކުރެވުމުންނެވެ. އެއާއެކު އޭނަގެ ހިތް ރޯލައިފިއެވެ.
އީވާއަށް ފާރަލަމުން އައި ޖާދިން، އީވާގެ ނަޒަރުން ފިލުމަށް އެތާ ހުރި މޭޕްލް ގަހެއްގެ ނިވަލަށް ވަނެވެ. އޭނައަށް ރީތިކޮށް ދުރުގައި ހުރި އީވާ ފެނެއެވެ. އަށީގައި އިށީނދެގެން އިން އިރު އެއިނީ މީހެއްގެ އިންތިޒާރުގައިކަން ވެސް ޖާދިންއަށް ނަގައިގަނެވުނެވެ. އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ. ސިކުނޑިއަށް އަރާފައިބަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން މޫނުގެ ކުލަވަރު ބަދަލުވާން ފެށިއެވެ.
*****
އިންތިޒާރުގެ ވަގުތު ދިގުލާން ފެށިއެވެ. ތިރީސް މިނެޓް ފާއިތުވެގެން ގޮސް ފިއެވެ. މާކިންގެ ހިލަމެއް ވެސް ނުވިއެވެ. މާޔޫސްކަން ވެރިވި ހިތާއެކު ވަށައިގެން އޮތް މާހައުލަށް އީވާއަށް ނަޒަރު ހިންގާލެވެއެވެ. ނޫކަށިފުރައިގެ ޒުވާނުންތައް ލޯބިވެރިން ގޮވައިގެން ހޭލަމޭލަވަމުން ދިޔަ މަންޒަރު ފެނުނެވެ. ލޯބިވެރިންގެ އެމެހެފިލްގައި އީވާ އިނީ އެކަނިވެރިވެފައެވެ. ލޯބީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ހިތްދަތިކަން ނޫން އިތުރު އިހުސާސެއް އެމޫނު މަތީގައި ނުވެއެވެ.
އިންތިޒާރުގައި ފާއިތުވަމުން ދިޔަ ކޮންމެ މިނެޓަކާއެކު ހިތުގައި ބޭޤަރާރުކަން އުފެދެން ފެށިއެވެ. އިށީނދެގެން އިންނަން އުނދަގޫ ކަމަކަށް ވުމުން އީވާއަށް ކޮޅަށް ތެދުވެވުނެވެ. ހާސްވެގެން ގޮސް އަނގިލިތަކުގެ ނިޔަފަތިތަކުގައި ދަތް އަޅާލެވުނެވެ. ވަށައިގެން ހޯދަމުން ކުރިއަށް ހިނގަން ފެށުނެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓިފައި އަނެއްކާ ވެސް އައިކޮޅަށް ހިނގަން ފަށައެވެ. ހާސްކަން އެމޫނުމަތިން ފެނެއެވެ. މާކިން ނާންނާނެކަމުގެ ހިތި ހަޤީޤަތާ ކުރިމަތިލާން ޖެހުނު ހިނދު އީވާއަށް އަށީގައި އިށީނދެވުނެވެ. އަދި އިސްޖަހާލެވުނެވެ. ލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފައިބައިގެން ދިޔަ އެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ޖާދިންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އީވާ ރޮނީކަން އޭނަ ދެނެގަތެވެ. އެފަދަ އެކަނިވެރި މާހައުލެއްގައި ރޯން އިން އީވާ ފެނި ޖާދިންގެ ހިތަށް ސަޒާއަކަށް ވެއްޖެއެވެ. އީވާ އެރޮނީ އެޒުވާނާއަށްޓަކައި ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ ގާތުގައި އީވާގެ އިންތިޒާރުގައި އޭނަ ހުރިކަން އީވާއަށް ނޭނގެނީ ހެއްޔެވެ؟ އޭނަ އީވާދެކެ ވާ ލޯބި އިހުސާސް ނުވަނީ ހެއްޔެވެ؟
ޖާދިންއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެވަނަ ސިކުންތުގައި ފިޔަވަޅުތައް މަޑުޖައްސާލެވުނީ، އީވާގެ ގާތަށް ގޮސް ހުއްޓުނު ޒުވާނާ ފެނުމުންނެވެ. މަންޒަރު ބަލަން ހުރި ޖާދިންއަށް އަތްމުށްކަވާލެވުނެވެ. ދަތްދަތަކަށް ވެސް ބާރުކޮށްލެވުނެވެ. ހިތާމައިގެ އަސަރުތައް ފިލައި ރުޅިވެރިކަން އެމޫނުމައްޗަށް ވެރިވެއްޖެއެވެ.
*****
ފިޔަވަޅުތަކެއްގެ ހިލަންވުމުން އީވާއަށް އިސްއުފުލާލެވުނެވެ. އޭރު އޭނަގެ ކުރިމައްޗަށް ހުއްޓި ހުރީ އެހިތުގެ ވެރިޔާއެވެ. ހިތުގެ ވިންދެވެ. އޭނަގެ މާކިން އެވެ. ނަމަވެސް ހިތް ރޯލީ އެމޫނުމަތިން ފެނުނު ނަފުރަތުގެ އަސަރުތަކުންނެވެ. ބީރައްޓެހިކަމުންނެވެ. ކުރިން އޭނައަށް ރީތި ހިނިތުންވުންތައް ހަދިޔާ ކުރާ ތުންފަތުގައި މިހާރު ވަނީ ހިމޭންކަމެވެ. ދެލޮލުގައި ވަނީ ރުޅިވެރިކަމެވެ. މޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ. އެބަދަލުތަކުން އީވާގެ ހިތަށް ތަދުވިއެވެ. ލޭކޮށުނެވެ.
''މާކް!...'' އީވާއަށް ގޮވާލެވުނެވެ.
''ދައްކަން އުޅޭ ވާހަކަ އަވަހަށް ބުނޭ، އަހަރެން އަތަކު ވަގުތެއް ނެތް!...'' މާކިންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އޭނައަށް އީވާގެ ދެލޯ ފެނުނު ވަގުތު ހުއްޓުން އެރިއެވެ. ރަތްވެ ދުޅަވެފައިވި ދެލޮލުން ވާހަކަތަކެއް ކިޔައިދޭން އުޅޭ ކަހަލައެވެ. މޫނުމަތި ވެސް ވަނީ މިލައިގެން ގޮސްފައެވެ. ހިތްދަތިކަމުގެ އިންތިހާ އެވެ.
ވާހަކަ ފަށަންވީ ކިހިނެއްކަމެއް އީވާއަކަށް ނޭނގުނެވެ. އެއާއެކު ތުންފަތުގައި ދަތް އަޅާލެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. އީވާ ވާހަކަ ނުދެއްކުމުން ދާން ވެގެން މާކިން ފުރަގަސް ދިނެވެ. އެމަންޒަރު ފެނުނު އީވާއަށް ތެޅިގަނެވުނެވެ. ގެނެވުނު ކުއްލި ހަރަކާތާއެކު މާކިންގެ އަތުގައި ހިފަހައްޓާލެވުނެވެ. އޭރު އެދެލޮލުން ތާޒާ ކަރުނަތައް ނީރާލައިފިއެވެ.
ހަރުކަށިކަމާއެކު އީވާގެ އަތް ފޮޅުވާލަން މާކިން ބޭނުން ވިއެވެ. ރުޅި އިސްކުރަން ވެސް ބޭނުންވިއެވެ. އޭނަގެ ނަޒަރު އީވާއަށް ހުއްޓުނު ހިނދު މީހާ ފިނިވިއެވެ. ހަރަކާތެއްކޮށްލަން ވެސް ނޭނގިފައި ބަލަހައްޓައިގެން ހުރެވުނެވެ. އީވާގެ ކަރުނަތަކުން އެހިތަށް އަސަރު ނުކުރެޔޭ ބުނެފިނަމަ އެވާނީ ކަނޑައެޅިގެން ދޮގަކަށެވެ. އޭނަގެ ހިތް އަދިވެސް އީވާއަށް އެދެމުން ދިޔަ އެވެ. އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނީ ވެސް އެހެން ވެއެވެ. ބޭވަފާތެރިއަކަށް އެހިތް ރޯތީއެވެ. އިހުސާސްތައް ވާތީއެވެ.
''މާކިން... ޕްލީޒް...'' ރޮވިފައިވާ އަޑަކުން އީވާ އާދޭސްކުރީ މަޑުކޮށްދިނުމަށެވެ.
މާކިންއަށް އޭނަގެ ހިތުގެ ކެކުޅުންތައް ބަރުދާސްތުކުރަން ދަތިވިއެވެ. އީވާ ގެސެން އެމޭގައި ފޮރުވާލަން ބޭނުން ވިއެވެ. ކަރުނަތައް ފޮހެލަ ދޭން ބޭނުން ވިއެވެ. ހިތްދަތިކަމަށް ނިމުމެއް ގެނެސްދެން ވެސް މެއެވެ. އެހެނަސް، އޭނައާ މެދު އީވާ ކަންތައް ކުރިގޮތް ހަނދާންވެ އިނގިއްޔެއްހާ މިންވަރު ވެސް ހަރަކާތް ކޮށް ނުލެވުނެވެ. މުޅި މީހާއަށް ވޭން ލިބިފައިވާ ކަހަލައެވެ. އީވާގެ ބޭވަފާތެރިކަން އޭނަ ހަނދާން ނައްތާލާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އިތުބާރުކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ ލޯބި ވާނީ ވެސް ކިހިނެއް ހެއްޔެވެ؟
އީވާގެ އަތް ނައްޓުވާލަމުން މާކިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ދުރަށް ޖެހިލައިފިއެވެ.
''އަހަރެން އީވާއަށް ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ ނެގީ ކީއްވެގެންތަ؟، އަހަންނަށް އޮޅުވާލީ ކީއްވެގެންތަ؟، އެހެން މީހަކާ ކައިވެނި ކުރަން އެއްބަސްވުމަށްފަހު ކީއްވެގެންތަ އަހަންނާއި ރައްޓެހިވީ... އަހަރެންގެ ހިތާއި ކުޅުނީ ކީއްވެގެންތަ؟... އަހަރެންގެ މާޒީ ކިޔައިދިނުމުން ވެސް އޮޅުވާލީ ކީއްވެގެންތަ؟...'' މާކިން ރުޅިވެރިކަމާއެކު ވާހަކަދައްކަން މަސައްކަތްކުރިކަމުގައި ވިޔަސް، އޭނަގެ އަޑަށް މާޔޫސްކަން ވެރިވިއެވެ. އެއަޑުން ހިތުގެ ހާލު އަންގައިދިނެވެ.
''އަހަރެންގެ މަޖުބޫރީ ހާލަތުގެ ސަބަބުން އެކައިވެންޏަށް އެއްބަސްވާން ޖެހުނީ، އަހަރެން ޖާދިން ދެކެ ލޯތްބެއް ނުވޭ، މާމަ ބޭނުންވީ އަހަރެންގެ ކައިވެނި ޖާދިންއާއި ހަމަޖައްސަން، މާމަގެ އުއްމީދުތައް އެކައިވެންޏާއި ގުޅިފައިވާތީ އަހަންނަށް އެއްބަސް ވެވުނީ... އިންކާރުނުކުރެވުނީ... ޖާދިންއަކީ ހަމައެކަނި އަހަރެންގެ އެކުވެރިޔެއް، އިތުރު ގުޅުމެއް ނުވޭ... އަހަރެން ހީކުރީ ލޯބި ނުވިޔަސް ކައިވެންޏަކާ ހަމައަށް ދެވިދާނެކަމަށް، އެކަމަކު އެއީ ކިހާ ގޯސް ނިންމުމެއްކަން އަހަންނަށް ރޭކާލީ މާކިންއާއި ބައްދަލުވި ހިސާބުން، މާކިންއަކީ އަހަރެންގެ ފުރަތަމަ ލޯބި، އުމުރުގެ މިހާތަނަށް އައިއިރުގައި ވެސް އަހަރެން އެއްވެސް މީހަކާ ރައްޓެއްސެއް ނުވަން... އަހަރެންގެ ހިތް ފުރަތަމަ ވެސް ޚިޔާރުކުރި ފަރާތަކީ މާކިން، ލޯބި ދަސްވީ ވެސް މާކިންގެ ފަރާތުން، މިހިތުގައި އަބަދުމެ ވާނީ ތި ނަން...... މާކިން މިރޭވެސް އަހަރެން ދޫކޮށް ގޮސްފިކަމުގައި ވިޔަސް އަހަރެން އަބަދުވެސް މާކިން ދެކެ ލޯބިވާނަން، އަހަންނަށް ހެދުނީ ގޯހެއްކަން ޤަބޫލުކުރަން، މާކިންގެ ހިތުގައި ޖެއްސިއްޖެކަން ވެސް ޤަބޫލުކުރަން، އަހަރެން ބޭނުންވި މާކިންއަށް ހަޤީޤަތް އަންގަން، އެކަމަކު ފަސްޖެހެވުނީ، ކަންތައް ވެދާނެ ގޮތަކާ މެދު ހާސްވީ، މާކިން އަހަރެން ދޫކޮށް ގޮސްފާނެޔޭ ހީވީ، އެދުވަސް މިއަދު ހަޤީޤަތަކަށް ވަމުން މިދަނީ، މާކިން... ޕްލީޒް... އަހަރެންގެ ވާހަކަތަކަށް އިތުބާރުކުރޭ... އަހަރެން ލޯބިވަނީ މާކިން ދެކެ، ޖާދިންއާ ވެވުނު އެއްބަސް ވުން އުވާލަން އަހަރެން އަޒުމު ވެސް ކަނޑައަޅައިފިން، ޖާދިންއާއި ކައިވެނި ކުރާކަށް އަހަރެން ބޭނުމެއް ނޫން، ލޯބި ނުވާ މީހަކާއެކުގައި ކިހިނެއްތަ އަހަރެން އުޅޭނީ؟..... އަބަދުވެސް މިހިތުގައި ވާނީ މާކިންގެ ނަން!....''
ހުރިހާ ހަޤީޤަތެއް މާކިންއަށް އީވާ ހާމަކުރިއެވެ. އޭނަގެ އާއިލާގެ ހައިބަތެވެ. މުއްސަނދިކަމެވެ. ޖާދިންއާއި ކައިވެނި ކުރަން އެއްބަސް ވާން ޖެހުނު އޭނަގެ މަޖުބޫރީ ހާލަތެވެ. ޖާދިންއަށްޓަކައި ދުވަހަކު ވެސް އެހިތުގައި އިހުސާސެއް ނުވާކަމެވެ. ޖާދިން އަކީ ހަމައެކަނި އޭނަގެ އެކުވެރިޔެއް ކަމެވެ. އޭނަ ލޯބިވަނީ މާކިން ދެކެ ކަމެވެ. އެލޯތްބަށްޓަކައި ކޮންމެ ފަދަ އިމްތިހާނަކާއި ކުރިމަތިލާން ވެސް ފަސްނުޖެހޭނެކަމެވެ. ދުނިއުމުރަށް މާކިން ދެކެ އޭނަ ލޯބިވާނެކަމެވެ. މާކިންގެ މާޒީ ހަނދާން ނައްތާލަން މަދަދުވެރިވާނެކަމެވެ. މާކިންގެ ހިތަށް ލިބުނު ޒަހަމްތަކަށް ޝިފާއެއްކަމުގައި ވާނެ ކަމެވެ.
''މާކިން، ޕްލީޒް، އަހަންނަށް އިތުރު ފުރުސަތެއް ދީފާނަންތަ؟... އަހަންނަށް މާކިންއާއި ނުލާ ނޫޅެވޭނެ... އަހަރެން ލޯބިވަނީ ހަމައެކަނި މާކިންދެކެ، މިހިތުގައި މިވާ އިހުސާސްތައް ދެނެއް ބަދަލެއް ނުވާނެ... އައި ލަވް ޔޫ...'' މާކިން ގާތަށް ފިޔަވަޅެއް އަޅަމުން އީވާ އާދޭސްކުރިޔެވެ. ދުވަހަކު ފިރިހެނެއްގެ ގާތުގައި ލޯތްބަށް އެދި ސަލާންޖަހާފައި ނުވެއެވެ. ނަމަވެސް މިރޭ އެކަން ވެސް ކުރަން އީވާ ހުރީ ތައްޔާރަށެވެ. މާކިންއާއި ނުލާ އޭނައަށް ދިރި ނޫޅެވޭނެއެވެ.
''އަހަރެން ހުރިހާ ކަމެއް ހައްލުކުރާނަން، ޖާދިންއަށް ވިސްނައިދޭނަން، މާމައަށް ހަޤީޤަތް ހާމަކުރާނަން، މާކިން އަހަންނާއެކުގައި ވާނެނަމަ ހުރިހާ ކަމަކާ ވެސް އަހަރެން ކުރިމަތިލާނަން، މުޅި ދުނިޔެ ދެކޮޅު ހެދިކަމުގައި ވިޔަސް މާކިންއާއެކުގައި ވާނަން... ޕްލީޒް މާކިން... އަހަންނަށް ފަހު ފަހަރަށް އިތުބާރުކުރޭ، އަހަރެން މާކިން ދެކެ ވަރަށް ލޯބިވޭ... ތިލޯތްބާއި އަހަރެން ދުރުނުކުރޭ... އާދޭސްކުރަން...'' ދެއަތް ޖޯޑުކުރަމުން އީވާއަށް ބުނެވުނެވެ.
ޖާދިންއަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެހެން ފިރިހެނެއްގެ ލޯތްބަށް އެދި އީވާ ސަލާން ޖަހާ މަންޒަރު ބަލަން ކެތްކުރެވޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ އޭރު އެދެކަންފަތަށް އީވާ ދެއްކި ވާހަކަތައް ފޯރައިފިއެވެ. ހުރެވުނީ އިވާމެންނާއި ކައިރީގައި ހުރި ގަހެއްގެ ނިވަލުގައި ކަމުން، އީވާ ދެއްކި ހުރިހާ ވާހަކައެއް ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. ބޮލަށް ވެސް އެނބުރުން އަރާހާ ވެއްޖެއެވެ. މޭގެ ތެރޭގައި އޮތް ހިތް ވޭނާއި ކެކުޅުންތަކުން ފިތިބާރުވަމުން ދިޔަ އެވެ. މުޅި ޖިސްމުގައި ތޫނު ރިހުމެއް އުފަންވެގެން ގޮސް ފިއެވެ. އީވާގެ ކޮންމެ ޖުމްލައެއް ބާރުގަދަ ވިހައަކަށް ވެގެން ގޮސް މުޅި މީހާ ނިކަމެތިކޮށްލައިފިއެވެ. އެހިތް ރަހުމެއް ނެތި އިރާލި ކަހަލައެވެ. ދޫކޮށްލެވޭ ކޮންމެ ނޭވާއަކާއެކު ހިތުގެ ގިލަންވެރިކަން އިތުރު ވެގެން ދެއެވެ. ލޮލުން ކަރުނަ ވެސް ހިލުނެވެ.
''އީވާ!...'' މާހައުލުގެ ތެރޭގައި ޖާދިންގެ އަޑު ގުގުމާލިއެވެ. ސިއްސައިގެން ގޮސްފައި އީވާއަށް ބަލައިލެވުނެވެ. ޖާދިން ފެނުމުން ބިރުވެރިކަމާއެކު އީވާއަށް މާކިންގެ ގާތަށް ޖެހިލެވުނީ ބޭއިހްތިޔާރުގައެވެ. ޖާދިންގެ މޫނުން ފެނުނު ކުލަވަރުތަކުން އީވާގެ ހިތުގައި ރިއްސާލައިފިއެވެ. ބިރުވެރިކަން ވެސް އުފެދުނެވެ. މިދުވަހާ ކުރިމަތިލާން ޖެހޭނެކަން ކުރިން ވެސް ލަފާކޮށްލެވުނެވެ. އޭނަ ކުރަން ބޭނުން ނުވި ކަންތައް އެދަނީ ލޯކުރިމަތިން ތަމްސީލުވަމުންނެވެ. ޖާދިންގެ ހިތުގައި އޭނައަށް ޖެއްސިއްޖެއެވެ. އެހިތް ހަލާކުކޮށްލެވިއްޖެއެވެ. އަމިއްލަ ހިތުގެ މުހުތާދު ހާސިލުކުރަން، ރަހުމެއް ނެތި ޖާދިންގެ ހިތް ޒަހަމްކޮށްލެވިއްޖެއެވެ. ހާދަ ދެރައެވެ.
ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އީވާގެ ކުރިމައްޗަށް ޖާދިން ހުއްޓުނެވެ. އަދި މާކިންއަށް އޭނަ ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. ކަންފަތަށް އިވުނު ހަޤީޤަތް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހަދަމުން ދިޔަ އެވެ. އީވާ އޭނަ ދެކެ ލޯބި ނުވާކަން އެނގުނު ކަމުގައި ވިޔަސް އެހަޤީޤަތާ ކުރިމަތިލާން ބޭނުމެއް ނުވިއެވެ. އޭނަ ހުއްޓާ އިތުރު ފިރިހެނަކު ޚިޔާރުކުރުމުން އެކަން ހަޖަމުކުރަން ވެސް ދަތިވެއްޖެއެވެ.
(ނުނިމޭ)