(ނަވާވީސް ވަނަ ބައި)
"ޒަހުރިއްޔާ... ކާކުބާ...؟" މިހުރިހާއިރު ދޮރު ކައިރީގައި އެތެރޭގައި ދެކެވުނު ވާހަކަތައް އަޑުއަހަން ހުރި އާޝިދް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއީ ކާކުކަން ހޯދުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވެގެން ދިޔައެވެ.
އުނޭޝް އޮފީހަށް ދިޔުމާއެކު ތަމަންނީ ނަލަވެލައިގެން ބޭރަށް ނިކުތެވެ. އަތުގައި އޮތް ތަޅުދަނޑިފަތިން ދޮރާށި ތަޅުލާފައި އޭނާ ހިނގާފައި ދިޔައިރު މަގުމަތިން އެތައް ބައެއްގެ ރުޅިވެރިކަން އޭނާއަށް އަމާޒުވަމުން ދިޔައެވެ. އެއިން އެއްވެސް މީހަކަށް ސަމާލުކަމެއް ދިނުމެއްނެތި އޭނާ ދިޔައީ ސަބްރީނާ ބައްދަލުކުރުމަށް އެގެއާއި ދިމާލަށެވެ. ސްކޫޓީގައި ދިޔަ އަންހެންކުއްޖާއަށް ތަމަންނީ ފެނުމާއެކު ކުއްލިއަކަށް ހުއްޓިއްޖެއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ތަމަންނީ ވަރަށް ދުރަށް ހިނގައިގަނެއްޖެއެވެ. އެންމެ ކައިރިން އޮތް ގޯޅި ވަށާލުމަށްފަހު އަންހެންކުއްޖާ ސްކޫޓީ މަޑުކޮށްލީ ތަމަންނީ ކުރިމައްޗަށެވެ. ތަމަންނީ ދިޔައީ ސިހިގެންނެވެ.
"ވަޓް ދަ.... ދެލޯ ހުޅުވައިގެން ނުދުއްވޭތަ؟" ތަމަންނީ ސްކޫޓީގައި އިން ޒީކަށް ބަލައިލިއެވެ. ޒީކްގެ ދެލޮލުގައިވި ނަފްރަތު ފެނި ތަމަންނީއަށް އުނދަގޫ އިހުސާސްތަކެއް ކުރެވުނެވެ.
"ކަލޭމެން ހީނުކުރާތި އަބަދު މޮޅު ލިބޭނީ ކަލޭމެންނަށް ކަމަށް" ޒީކް ބުނެލިއެވެ.
"ބޭކާރު މީހުން ދައްކާ ވާހަކަ އަހާކަށް އަހަރެންނަކަށް ވަގުތެއްނެތް" ފަރުވާކުޑަ ގޮތަކަށް ތަމަންނީ ބުނެލިއެވެ. އޭނާ ހިނގައިގަތުމާއެކު ފަހަތުގައި އިން އަންހެންކުއްޖާ ޒީކްގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.
"ކިތަންމެ މޮޅަށް ބަޔަކު ރާވައިގެން މީހަކަށް ދެރައެއް ދެވިދާނެ. އެކަމަކު ދާދި އަވަހަށް އެމީހުން ބޭޒާރުވެ އެންމެން ކުރިމަތީގައި ފަޟީޙަތްވެދާނެ. އަހަރެން ހިއެއްނުކުރަން ރީންދައްތަ ޝާނީގެ މަންމައަށްވެ ހުރެ އަމިއްލަ ދަރިއަށް އެހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލާފާނެ ކަމަކަށް" ޒީކް ބުނެލިއެވެ.
މަގަށް އެޅިތަނާ ސަބްރީންގެ ގޭ ކުރިމަތީ ހުރި އުނދޯލީގައި އިން ފިރިހެނަކު ފެނި ތަމަންނީ ހުއްޓުން އެރިއެވެ. ކޮންމެސް ތަނަކުން ދެކުނު މީހެއްހެން ހީވެ ނިތަށް ރޫއަރައިގެން ދިޔައެވެ. އެމީހާގެ އުނގުމަތީގައި އިން އީޝް ފެނި ތަމަންނީގެ ފިޔަވަޅުތައް ބިންމަތީގައި ތަތްލި ކަހަލައެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. އަލިފުޅުގެ މޫނު ރަނގަޅަށް އޭނާއަށް ސާފުވެއްޖެއެވެ. މީގެކުރިން އަލިފުޅު އޭނާއަށް ފެނިފައިވަނީ ފޮޓޯއިންނެވެ. މިހާރު އެއީ ކާކުކަން އޭނާއަށް ފަހުމްވެއްޖެއެވެ. އެގެއިން ނިކުމެގެން ބަކުންތަށި ހިފައިގެން ދިޔަ ޝިރޫ ފެނި އިތުރަށް އޭނާއަށް ޔަޤީންވެއްޖެއެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް އޭނާ އެދެމަފިރިންނަށް ފުރަގަސްދިނެވެ. އެތަނުން ދިޔުމަށް ހިނގައިގަތެވެ. އޭނާގެ ހިތް ހީވަނީ މޭ ފަޅާލާފައި ނިކުންނަން އުޅޭ ހެންނެވެ. ދުވަހަކުވެސް އެހާ ބިރެއް ނުގަނެއެވެ. އެގެއިން ހުޝާމްގެ މައިންބަފައިން ފެނުމުން އޭނާގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ.
އުނގުމައްޗަށް ބާލީސް އަރުވައިގެން މަޑުމަޑުން ދެފައި ތަޅުވަމުން ދިޔަ އިރާނިޔާގެ އަނގައިން ލުއިލުއި ނާނާއެއްގެ އަޑު އިވިއިވި ހުއްޓެވެ. ބާލީސް މަތީގައި އޮވެ ނިދެމުން ދިޔަ ހޫރުގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފެނި އިރާނިޔާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހޫރުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އިރާނިޔާ ސިހުނީ އޭނާ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނަށް އަރާފައި އިން އާޝިދްގެ ނަން ފެނުމާއެކު އޭނާގެ ހިތްތެޅިލައިފިއެވެ. ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލިއެވެ.
"ކޮބާ ކިޔައިދޭން ބުނި ވާހަކަތައް؟" އިރާނިޔާ ބުނެލިއެވެ.
"އުނޭޝް ދެއްކި ހަޑި ވާހަކަތައް. އަހަރެން ފަހުން ހުރީ ނުކިޔާދޭންކަމަށް. އެކަހަލަ މީހަކު ކިޔާފާނެއްނު ކޮންމެ އެއްޗެއްވެސް. އެހެންނޫނަސް އޭނަ އާއި ގުޅުންހުރި އެއްވެސް ކަމެއްގެ ވާހަކަ އީރަންއަށް ކިޔައިދޭން އަހަރެން ބޭނުމެއްނޫން" އާޝިދް ބުނެލިއެވެ.
"އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގަ" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން އިރާނިޔާ ބުނެލިއެވެ. ހިތަށް ލިބިގެންދިޔަ ހިތްހަމަޖެހުމުގައި އާޝިދަށް ދެލޯ މަރާލެވިއްޖެއެވެ.
"އަހަރެންނަށް ކަމެއް ކޮށްދީފާނަންތަ؟" އާޝިދް ބުނެލިއެވެ. އިރާނިޔާ މަޑުމަޑުން 'ހޫމް' އެއް ލައްވައިލިއެވެ.
"ދެންމެ ތިބުނި ގޮތަށް އެހާ ލޯބިން އެ ޖުމްލަ އަދި އެއްފަހަރު ބުނެބަލަ" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ރަކި ހުނުމުގެ އަޑު އާޝިދްގެ ކަންފަތުގައި ޖެހުނެވެ. އޭނާ ލަދުގަތްކަން އިނގުމުން އާޝިދްގެ ހިތް ލޯބިން ފުރިގެން ބަންޑުންވި ކަހަލައެވެ.
"ބުނެބަލަ. ޕްލީޒް" އާޝިދް ބުނެލިއެވެ. އިރާނިޔާ އެއްޗެއް ނުބުނެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އިނެވެ.
"ނުބުނަންތަ ތިއިންނަނީ؟ ކީއްވެތަ އަހަރެން ތަޅުވަނީ؟" އާޝިދް ބުނެލިއެވެ.
"އުނހު. ބުނާނަން" އިރާނިޔާ ބުނެލިއެވެ.
"އަހަރެން އަޑުއަހަން މިހުރީ" އާޝިދް ބުނެލިއެވެ.
"އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި" އިރާނިޔާ ބުނެލައިފިިއެވެ.
އެވަގުތު އާޝިދްގެ ދެލޮލުން ވެއްޓުނު އުފާޥެރިިކަމުގެ ކަރުނަތިކި އިރާނިޔާއަށް ފެނުނުނަމަ އެކަރުނަތިކި ޖެހުނު ތަނެއްގައި ޖެހި ފަނާވުމުގެ ކުރިން އިރާނިޔާގެ ދެލޮލުގެ ތެރޭގައި ފޮރުވާލާނެކަން ޔަޤީނެވެ.
ކޮޓަރިތެރޭގައި ހުރެ މުޅި އަލަމާރި އެއްކޮޅުން އަނެއްކޮޅަށް ސާފުކުރަމުން އުނޭޝް ދިޔައެވެ. ދުރުގައިހުރި ތަމަންނީ ހިމޭންކަމާއެކު އުނޭޝްގެ ހަރަކާތްތައް ބަލަމުން ދިޔައެވެ.
"ތަމަން...!! ވަރަށް ބޮޑު ގަޅިއެއް އަހަރެންނަށް އެހެދުނީ. އަހަރެންނަށް ޔަގީން މިތަނުގައި އަހަރެން ބޭއްވީ. ތަމަން ދުށީމެއްނު" އުނޭޝް ބުނެލިއެވެ.
"ތެދަށް ބުނަންޏާ ތިތަނުގައި އުނޭ ހުރިތަން އަހަރެން ދުށިން. އެކަމަކު ތިތަނުގަ ހުރެ ކުރި ކަމެއް ނޭނގޭ" ކުރިއަށް ޖެހިލަމުން ތަމަންނީ ބުނެލިއެވެ. އުނޭޝް ބޮލުގައި ރިއްސައިގަތެވެ. މުޅި ކޮޓަރިތެރެ އެފުށްމިފުށަށް ޖެހިއްޖެއެވެ. އިތުރަށް ކުރާނެކަމެއް އޭނާއަށް ނޭނގުނެވެ.
"މިގެއަކީ ވަގުން ވަންނަ ގެއެއްނޫން. މިރަށަކީވެސް ވަގުން އުޅޭ ރަށެއްނޫން" އުނޭޝް ބުނެލިއެވެ.
"ދެން ތިބުނަނީ މިގޭގަ އުޅޭ ވަގަކީ އަހަރެންނޭތަ؟" ތަމަންނީ ބުނެލިއެވެ.
"ތިހެންތަ އަހަރެން މިބުނީ" އުނޭޝް އެނދުގައި އިށީނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލައިފިއެވެ. ތަމަންނީ އުނޭޝްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. ހިތްބިރުގަންނަންވެސް ފަށައިފިއެވެ.
އޮފީސް ރަނގަޅަށް ބަލައިލިންތަ؟" އުނޭޝް ކައިރީގައި އިށީންނަމުން ތަމަންނީ ބުނެލިއެވެ.
"ބަލައިފިން. ނުފެނުނު. އެއީ ވޭތުވެމިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ދެ ދޯންޏަށް ލިބުނު ފައިދާ. އެއީ ހަތަރުލައްކަ ރުފިޔާ. އަހަރެންނަށް ބޭންކަށް ނުދެވިފަ ހުރީމަ އަލަމާރީގަ ބެހެއްޓީ" އުނޭޝް ބުނެލިއެވެ.
"ދެން ކިހިނެއްހަދާނީ؟" ތަމަންނީ ބުނެލިއެވެ.
"ހެދޭނެގޮތެއްނެތް. ވަރަށް ބޮޑު ގެއްލުމެއް މިލިބުނީ. ކެމެރާތައް ޗެކްކޮށްގެންވެސް އޭގެއަށް ވީގޮތް ބަލަންވީ ކަންނޭނގެ. ހިނގާ އަހަރެންނާއެކު ޕޮލިސްސްޓޭޝަނަށް ދާން" އުނޭޝް ބުނެލިއެވެ. ތަމަންނީގެ ހިތް ތެޅެންފެށީ އެއެއް މިއެއް ބަލާފައެއްނޫނެވެ. ފުލުުހުންގެ ވާހަކަ ބުނުމުން އޭނާގެ މުޅި ހަށިގަނޑުގައި ރޫރު އަޅައިގަނެއްޖެއެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. ވާރޭ ތުނިކޮށްލާފައި ވީނަމަވެސް އުޑުމަތީގައި އަދިވެސް ވިއްސާރަ ވިލާތައް ދައުރުވަމުން ދިޔައެވެ. ވައިނުޖެހުނެއް ކަމަކު ފަޒާތެރޭގައި ވަނީ ތެތްފިނި ކަމެއް ހިފާލާފައެވެ. ގޭތެރޭގައި އޮންނަން ޖެހުމުގެ ސަބަބުން އާޝިދްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. ސައިކަލަށް އަރައިގެން ދާނެ ވަކި މަންޒިލެއްނެތި އޭނާ ދުއްވަމުން ދިޔައީ ސިކުނޑިއަށް ލުޔެއް ހޯދައިދިނުމުގެ މަގްސަދުުގައެވެ. މާލެ އައިފަހުން ވަކި ބޭނުމެއްނެތި މިއީ އޭނާ ބޭރަށް ނިކުތް ފުރަތަމަ ފަހަރެވެ. މަޖީދީމަގުން ނިކުމެގެން ގޮސް މާފަންނާއި ވީކޮޅަށް ދުއްވާފައި ދިޔައިރު އޭނާގެ ހިތުގައި ހަމައެކަނިވީ އިރާނިޔާގެ ތަސްވީރެވެ. ވަޙީދުއްދީންގެ ފަރާތުން އިތުރަށް ކައިވެންޏާއި ބެހޭގޮތުން ވާހަކައެއް ނުއިވުނަސް އަދިވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. ވަކި ދިމާލެއްނެތި ދުއްވާފައި އައިސް މަޑުކޮށްލީ ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލުން ބޭރުމަގުގައެވެ. ސައިކަލުން ފައިބާފައި މަޑިމަތީގައި އިށިންއިރު އޭނާގެ ނަޒަރު އަމާޒުވެފައިވަނީ ވިލިނގިއްޔާއި މާލެއާއި ދެމެދު ދަތުރުކުރަމުންދިިޔަ ފެރީއަކަށެވެ. ވަގުތަކީ ހަވީރުގެ ވަގުތަކަށް ވުމާއެކު މަގުމަތީގައި މީހުން ގިނައެވެ.
"ޒަހުރިއްޔާ... އެއީ ކާކުބާ...؟ އެމީހާއާއި ބައްޕަ އާ އޮތީ ކޮން ގުޅުމެއްބާ؟" އޭނާގެ ސިކުނޑިތެރޭގައި ސޮފާއާއި ވަޙީދުއްދީނާ ދެމެދުު ދެކެވުނު ވާހަކަތައް ތަކުރާރު ވެލިއެވެ. އެމީހާއާއި ބެހޭގޮތުން މައުލޫމާތެއް ހޯދަން ކުރާނެ މަސައްކަތެއްވެސް އޭނާގެ ސިކުނޑިއަކަށް ނޭނގުނެވެ. ބޭރަށް ނިކުތީ އިތުރަށް ސިކުނޑި ގޮށްވަން ނޫންކަން ހަނދާންވުމާއެކު ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އިރާނިޔާއަށް ގުޅާލަން އުޅުނު ވަގުތު ދާދި ކައިރީގައި ސައިކަލެއް އައިސް މަޑުކޮށްލިއެވެ. އޭނާ ބަލައިލުމާއެކު ފުރަތަމަ އެއީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް ދެވަނަ ސިުންތުގައި އޭނާގެ ނިތްމަތިން ރޫތައް ފިލާ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ނޭނގުނީމަ ފުރަތަމަ އެއްޗެއް ނުބުނީ" ޖައިޝްގެ ކޮނޑުމަތީގައި ޖަހާލާފައި އާޝިދް ބުނެލިއެވެ.
"ނުފެންނަތާ ތިންވަރަކަށް އަހަރުވެދާނެ. އެކަމަކު ސިޑް ފުރަގަހުން ފެނުނީމަވެސް އަހަރެންނަށް އިނގިއްޖެ. ކިހިނެއްވެފަ މިތާ ތިއިންނަނީ؟" ޖައިޝްވެސް އާޝިދް ފަދައިން ސައިކަލް މަޑި މަތީގައި އިށީނެވެ.
"ދިރިއުޅުމުގެ ކަންތައްތަކާއި ވިސްނާލަން ހަމަ މަޑުކޮށްލައިގެން އިނީ. ކުޑަކޮށް ބޯހަމަޖައްސާލެވޭނީވެސް މިކަހަލަ ގުދުރަތީ ވައި ލިބޭ ހިސާބުގައި މަޑުކޮށްލީމައެއްނު. ޖައި ކޮންދަތުރެއް؟ ކޮންއިރަކު މިކޮޅަށް އައީ؟" އާޝިދް އެހިއެވެ.
"އަހަރެއްވެސް އަދި ނުވާނެ. އެކޮޅުން މެރީކޮށްގެން އަންހެނުން ގޮވައިގެން އެއްކޮށް ބަދަލުވީ" ޖައިޝް ބުނެލިއެވެ.
"ސީރިޔަސްލީ. މެރީވެސް ކޮށްލީތަ؟ ކޮބާ ވައިފް...؟ ރަނގަޅުތަ ހުރިހާ ކަމެއް. ކޮންގްރާ އިނގޭ" އާޝިދް ބުނެލިއެވެ.
"ވަރަށް ވާހަކަ އެބަހުއްޓޭ. ހިނގާބަލަ މިތާ ކެންޓީނަށް އަރާލަން" ޖައިޝް ބުނެލިއެވެ.
ސަބްރީން ތަމަންނީއާއި ބައްދަލުކުރީ ދެނަމާދު ދޭތެރޭގައި އެގެއާއި ދިމާލު އަތިރިމަތިންނެވެ. ފުރަތަމަވެސް އޭނާގެ ދަބަސް ތެރެއިން ނެގި ކަރުދާސް ރުފިޔާތަކެއް ދެބަޔަށް ބަހާލައިފައި އެއްބައި ސަބްރީނާއި ހަވާލުކުރިއެވެ. ދެމީހުންގެ ތުންފަތްމަތިންވެސް ފެންނަމުން ދަނީ ހިނިތުންވުމެވެ.
"މިޖެހުނީ މާދަމާ ބޭންކަށް ދާންތާ. އަހަރެންގެ އެކައުންޓުގައި މިހާ ފައިސާ ހުރިކަން އިނގުނިއްޔާ ބައްސާމް ވަރަށް ސުވާލުކުރާނެ. މާދަމާ ގޮޮސް އާ އެކައުންޓެއް ހުޅުވާނީ" ސަބްރީން ބުނެލިއެވެ.
"ތިިއީ އަހަރެންގެ ފުރަތަމަ ކާމިޔާބީ. ފަހުން ލިބޭނެ ބައިވަރު" ސަބްރީންގެ ދެކޮނޑުގައި ހިފައިލަމުމުން ތަމަންނީ ބުނެލިއެވެ.
"ނަސީބެއްނު ތަމަން ކަހަލަގެ ދަރިިޔަކު އަހަރެންގެ އެކުވެރިޔާގެ ހުރިކަން" ސަބްރީން ބުނެލިއެވެ.
"ކޮބާ އެ ޙާއިޝާގެ މަރުގެ ޚަބަރު ނުލިބޭތަ؟ ހީވަނީ މަރުނެއްފުޅި ފެން ބޮއެގެން އުޅޭ މީހެއްހެން. އަހަރެން ހާދަ ރުޅިއެއް އާދެޔޭ އެ އަންހެނާދެކެ" އަނގަހަދާލައިފައި ދެލޯ ވަށްކޮށްލަމުން ސަބްރީން ބުނެލިއެވެ. ބޮޮޑު ލާރިގަނޑެއް ލިބުމުން ހިތްހަމަޖެހިފައި ހުރި ތަމަންނީއަށް ސަބްރީން ދައްކާ އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލައެވެ. އޭނާގެ ސިކުނޑި ތެރޭގައި ވަރުގަދަ ރޭވުންގަނޑެއް ރާވަމުން ދިޔައެވެ. ޙައިޝާގެ އާއިލާ މީހުންގެ ހިޔަނި އެގޯއްޗަށް ފޯރުމުގެ ކުރިިން އޭނާ އެރޭވުން ކާމިޔާބު ކުރަން ޖެހެއެވެ.
"މިއީ ވީގޮތަކީ. އަދިވެސް އަހަރެން އައިރީ ބޭނުން. އެކަމަކު އޭނަގެ އަމާ ފުރޭތައަކަށް ވުރެ ނުބައި" ކުރިިމަތީގައި ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ޖައިޝް ވާހަކަދެއްކިއެވެ. އާޝިދް ޝައުގުވެރިކަމާއެކު ޖައިޝްގެ ވާހަކަތައް އަޑުއަހަން އިނެވެ.
"އަދިވެސް އެއީ އަހަރެންގެ އަނބިމީހާއޭ. އަހަރެން އެކައިވެނި ރުޖޫއަވެސް ކޮށްފިން. މައްސަލައަކީ ވަރިވެގެން ދިޔަފަހުން އަދިވެސް އައިރީ އަހަރެންގެ ލޮލަށް ނުފެނޭ. އަހަރެންގެ ހިތްބުނޭ އައިރީ އަހަރެންނާ ބައްދަލުކުރަން ބޭނުންވެޔޭ. އަމަޔާ ހެދި އެމަންޖެ އެހުންނަނީ ގޮތްހުސްވެފަ" ޖައިޝް ވާހަކަދެއްކިއެވެ.
"ދެން ކީކޭ ބުނާނީ؟ ހިނގަ ފުލުހުންނަށް މައްސަލަ ހުށައަޅަމާ" އާޝިދް ބުނެލިއެވެ.
"އުޅެންވީ ތިކަމާ. ތިއީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ" ޖައިޝް ބުނެލިއެވެ.
އެނދުގައި އޮތް ތަމަންނީ މަޑުކޮށްލައިގެން އޮތީ ފާހާނައިން އުނޭޝް ނިކުންނަ އިރެއްގެ އިންތިޒާރުގައެވެ. އޭނާގެ ބޮޑު މަޝްވަރާއެއް ކުރަންވެފަ އޮތީތީ އޮތީ ނިކަން ހެދިލައިގެންނެވެ. އޭނަ އެންމެ ފުރަތަމަ ބޭނުންވަނީ އުނޭޝްގެ ހިތްމޮޔަކޮށްލާވަރުގެ ކަމެއް ކޮށްލާށެވެ. އެއަށްފަހު އޭނާގެ ބޭނުން އުނޭޝްއަށް އިއްވާދޭށެވެ. އިންތިޒާރުގައި ވަގުތުތައް ގުނަމުން ދަނިކޮށް އުނޭޝް ފާހާނައިން ނިކުމެއްޖެއެވެ. ތަމަންނީ އުންމީދުކުރި ގޮތާއި ޚިލާފަށް އެނދަށް ނާރާ އުނޭޝް ކޮޓަރީ ދޮރުލައްޕާލާފައި ބޭރަށް ނިކުތެވެ. ތަމަންނީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އުނޭޝް އޭނާއަށް ބަލާވެސްނުލާ ނިކުމެގެން ދިޔުމުން ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ. އެނދުން ތެދުވެގެން ކޮޓަރިން ނިކުމެގެން ދިޔައީ ނިދަންލި ބަނޑު ފެންނަވަރުގެ ޕެޓީކޮޅާއި ކުރު ސޯޓްކޮޅުގައެވެ.
އުނޭޝް ހޯދަމުން ގޮސް ބަދިގޭ ދޮރަށް އެރިއިރު އުނޭޝް އިންގޮތުން ތަމަންނީ ޚައިރާންވިއެވެ. މޭޒު ކައިރީގައި އިން އިންއިރު ތުނބުގައި ޖަހާލާފައި އިނީ ސިނގިރެޓެކެވެ. އުނޭޝް އެގޮތަށް ދުންފަތުގެ އިސްތިއުމާލް ކުރާ މަންޒަރު ތަމަންނީއަށް ފެންނަ މިއީ ފުރަތަމަ ފަހަރެވެ.
"އުނޭ...!!" ތަމަންނީ ގޮވައިލިއެވެ. ފަރުވާކުޑަ ނަޒަރަކުން ތަމަންނީއަށް ބަލައިލާފައިވެސް އުނޭޝް އަޅައެއްނުލިއެވެ.
"ކީއްވެ އަހަރެން އިގްނޯ ތިކުރަނީ. ކީއްތިކުރަނީ؟ ޗީޑި... ހާދަ ނުބައި ވަހެކޭ ދުވަނީ" އުނޭޝްއާއި އަރާ ހަމަކުރަމުން ތަމަންނީ ބުނެލިއެވެ.
"މިގަޑީގަ އަހަރެން އިތުރަށް ބޯގޮށްވަން ނޫޅޭ. ތަމަން ކޮޓަރިއަށްދޭ. ކުޑަވަގުތުކޮޅަކަށް އަހަރެން އެކަނިވެލަން ބޭނުން" އުނޭޝް ބުނެލިއެވެ. އެއް ސިނގިރެޓް ނިންމާފައި އަނެއް ސިނގިރެޓް ނަގައިގެން ތުންބުގައި ޖެހި މަންޒަރު ފެނި ތަމަންނީ މޭނުބައިކުރަން ފެށިއެވެ.
"ނޫން. ހިނގާދާން. އަހަރެން ކޮޓަރިއަށް ދާނީ އުނޭ ގޮވައިގެން" އުނޭޝްގެ އަތުގައި ހިފާ ދަމައިލަމުން ތަމަންނީ ބުނެލިއެވެ.
"މިބުނީނު އަހަރެންނަށް އުނދަގު ނުކުރާށޭ. މިތަނުން ދާށޭ... އަޑެއް ނީވޭތަ؟" އުނޭޝްގެ އަޑު ބާރުވިއެވެ. ލިބުނު ސިހުމުގައި ތަމަންނީއަށް އިތުރަށް އެއްޗެއް ބުނަން ނުކެރުނެވެ. އޭނާ ކުއްލިއަކަށް ތެދުވެ ދުއްވައިގަތެވެ.
އާޝިދް ގެއަށްވަނީ ނަމާދުކޮށްގެން ގަޑިން އަށެއްޖަހާ ބޮޑުވިފަހުންނެވެ. އޭރު ސޯފާގައި ވިސްނުމަކަށް ގެއްލިފައި ޒުކް އިނެވެ. ބަދިގެއިން ސަކީނާ މަސައްކަތްކުރާ އަޑު އިވިއިވި ހުއްޓެވެ. ކަރުހިއްކައިގަނެފައި ހުއްޓަސް ޒުކްއަށް އަޅާނުލާ ދާން އާޝިދަށް ނުރުހުނެވެ. އޭނާ ގޮސް ކައިރީގައި ހުއްޓުމާއެކު ޒުކް އިސްއުފުލާ ބަލައިލިއެވެ.
"ދޮންބޭ! ކޮންތާކު އުޅެފަ ތިއައީ؟ ކޮބާ ފޯނު؟ ޒުކް ހާދަ ވަރަކަށް ގުޅައިފީމޭ" ޒުކް ކައިރީގައި އިށީންނަމުން ޖީބުގައި އޮތް ފޯނު ނަގާފައި އާޝިދް ޒުކްއަށް ނަޒަރެއް ދިނެވެ.
"ދިހަފަހަރު ގުޅާފަ. ކިހިނެއްވީ ދޮންބެގެ ބޭބީސިސްއަށް. ބަލިވީތަ؟" ޒުކްގެ ބޮލުގައި ފިރުމައިލަމުން އާޝިދް އެހިއެވެ.
"ޒުކްއަށް އެއްވެސް ކަމެއްނުވޭ. އެކަމަކު ބައްޕަ ވަރަށް ބަލިވެއްޖެ. ޒުކް ކިޔާކިޔާ ބޭހެއްވެސް ނުނެގި. ދޮންބެ ހިނގާބަލަ ދާން. ބައްޕައަށް ކަމެއްވިއްޔާ ޒުކްއަށްވެސް ދޮންބެއަށްވެސް އަޅާލާނީ ކާކު؟" އާޝިދްގެ އަތުގައި ހިފައިގެން ވަޙީދުއްދީންގެ ކޮޓަރިއާއި ދިމާލަށް ދަމުން ޒުކް ބުނެލިއެވެ. އާޝިދް ހުރީ ކަންބޮޑުވެފައެވެ. އޭނާގެ ހިތާއި ގުޅިފައިވާ އެއްވެސް މީހަކު ބައްޔެއްގެ ވޭން ތަޙައްމަލް ކުރާކަށް ބޭނުމެއްނުވެއެވެ.
ދޮރުހުޅުވާލާފައި ވަންއިރު އެނދުގައި ވަޙީދުއްދީން އޮތެވެ. ރޯގާއާއި އެކުވެގެން އިވޭ ނޭވާގެ އަޑުން އެކަނިވެސް ވަޙީދުއްދީން ބަލިވެފައިވާ މިންވަރު އޭނާއަށް އިނގިއްޖެއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް ވަޙީދުއްދީންގެ މަގަތުން އިށީނދެއްޖެއެވެ.
"ވަރަށް ހުންގަދަ. ބައްޕާ...!! ހިނގާދާން ޑޮކްޓަރަށް ދައްކަން. މޭގައި ރޯގާ ހިފައިފިއްޔާ ނިއުމޯނިޔާވެސް ޖެހިދާނެ. ތިވަރު ވީއިރު ކީއްވެ އަޅުގަނޑު ކައިރީގައި ނުބުނީ" އާޝިދް ބުނެލިއެވެ. ވަރުބަލިކަމާއެކު ދެލޯ ހުޅުވާލަމުން ވަޙީދުއްދީން އާޝިދަށް ދިނީ އެއްވެސް އަސަރެއްނެތް ހިނިތުންވުމެކެވެ.
"މިއީ އެވަރުކަމެއްނޫން ދަރިފުޅާ. ޕެނަޑޯލް ގުޅައަކުން ރަނގަޅުނުވާ ބައްޔެއް މިހާރު ނޯވެއެއްނު" ވަޙީދުއްދީން ބުނެލިއެވެ.
"ބައްޕަ މިރޭ ދެން އެއްވެސް ތަނަކަށް ގޮސްގެން ނުވާނެ. އެއްޗެއް ނުވެސް ކަންދޯ..." އާޝިދް ބުނެލިއެވެ.
"ނުކެވޭނެއްނު. ރޯގާޖެހުނީމަ ހުރިހާ ކާއެއްޗެހި ޒުކްއަށްވެސް ނުބައޭ" ވަޙީދުއްދީންގެ އަނެއް ފަރާތުން އިށީނދެގެން އިން ޒުކް ބުނެލިއެވެ.
"ޒުކް މިތާ ބައްޕަ ކައިރީގައި މަޑުކުރޭ. ދޮންބެ މިއަންނަނީ ވަރަށް އަވަހަށް" އާޝިދްގެ ހަރަކާތްތައް އަވަހެވެ.
"ދޮންބޭ!! ބޭސްވެސް ނެތް" ކޮޓަރިން ނިކުންނަން ދިޔަ އާޝިދަށް ގޮވާލާފައި ޒުކް ބުނެލިއެވެ. އާޝިދް ބޯޖަހާލާފައި ނިކުމެގެން ދިޔަ މަންޒަރު ބަލަހައްޓައިގެން އޮތް ވަޙީދުއްދީންގެ ހިތަށް ވަރަށް އަސަރުުކޮށްފިއެވެ. ހެއްދެވިފަރާތުން އޭނާއަށް ދެއްވި ދެ ޖިންސުގެ ދެ ދަރީންނަކީވެސް ވަރަށް އަޚްލާގް ރަނގަޅު ދެކުދިންނެވެ. ދެކުދިންގެ މަންމައަކީ ވަކި ދެމީހުންނަށް ވިޔަސް ދެކުދިންގެ މެދުގައިވެސް ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އޭނާގެ ދެލޮލުން ކަރުނަ ހިލުވާލީ އެދެކުދިންގެ ހިތުގައިވެސް އޭނާއަށްޓަކައި އޮތް ބަފައިވަންތަ ލޯބި އިހުސާސް ކުރެވުމުންނެވެ. އޭނާ އެނބުރިލާފައި ކައިރީގައި އިން ޒުކްގެ މޫނަށް ބަލައިލިއެވެ. އޭނާގެ ބޯ މަސާޖްކުރަމުން ދިޔަ ޒުކް ބައްޕައަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެހިނިތުންވުމާއި ޒަހުރިއްޔާގެ ހިނިތުންވުމާއި ތަފާތެއްނެތެވެ. އެ މައުސޫމް އަންހެންކުއްޖާ ކުޑައިރު ވަނީ މަންމައާއި ވަކިވާން ޖެހިފައެވެ. ޒަހުރިއްޔާ އެކްސިޑެންޓްކޮށްލީ ސޮފާ ނޫން ދެވަނަ އިންސާނެއްނޫނެވެ. ސޮފާއަކީ ޒަހުރިއްޔާގެ އެންމެ ގާތް އެކުވެރިިޔާއަށް ވީއިރު އެ އެކުވެރިިކަމުގެ ނާޖާއިޒް ފައިދާ ސޮފާ ނެގީ ހީލަތްތެރިކަމާއެކުގައެވެ. ޒަހުއްރިއްޔާ މަކަރުން ހުރިހާ ކަމެއް ނިންމަމުން ދިޔަސް ޒަހުރިއްޔާ އެކުވެރިޔާއަށް ކުރީ އިތުބާރެވެ.
(ނުނިމޭ)