ވާހަކަ

ދެކިލަން އެދޭތީ - 31

1

''އަހަންނަށް މަޢާފް ކުރޭ...'' ޖާދިންއާއި ހަތަރުކަޅި ހަމަކުރަން ފަސްޖެހިފައިވާ ހާލު އީވާ ބުނެލިއެވެ. އޭނަގެ ހިތުގައި ޖާދިންއަށްޓަކައި ހަމްދަރުދީ ވިއެވެ. އެހިތުން ޖާދިންއަށް ޖާގައެއް ދެވެން ނެތެވެ. ކުޑަވެސް ފުރުސަތެއް ނެތެވެ. އެހިތުގެ މިލްކުވެރިޔަކީ މާކިން އެވެ. ދުނިޔެއަށް ނޭވާ ލާހާ ހިނދަކު އެހިތް ބަދަލެއް ނުވާނެއެވެ. ފުރާނަ އެދޭނީ ހަމައެކަނި މާކިން އަށެވެ. އެލޯތްބަށެވެ.

ޖާދިން އޭނަ ދެކެ ވަނީ މަތި ވެރި ލޯތްބެއްކަން އީވާއަށް އެނގެއެވެ. ނަމަވެސް، އެލޯބި ޤަބޫލުކުރެވޭކަށް ނެތެވެ. ހިތުގައި އިހުސާސެއް ނުވާ އިރުގައި ޖާދިންގެ ހިތަށް ދޮގު އުއްމީދުތަކެއް ދޭންވީ ކީއްވެގެން ހެއްޔެވެ؟ ޖާދިންއަށް ވެސް ހަޤީޤަތާ ކުރިމަތިލާން ޖެހޭނެއެވެ. އޭނަ ފަދައިން ދުނިޔެއާ ކުރިމަތިލާން ޖެހޭނެއެވެ. އޭނަގެ އަތުން ބޮޑު ގޯހެއް ހެދިފައިވާކަން އީވާއަށް ޤަބޫލުކުރެވުނެވެ. އޭގެ ސަބަބުން އާއިލީ ގުޅުމަށް ޒަލްޒަލާއެއް އަންނާނެ ކަން ވެސް އެނގުނެވެ. އެހެނަސް އެހިތުގެ ގޮވުންތަކަށް ފުރަގަހެއް ނުދެވުނެވެ. އިންކާރެއް ވެސް ނުކުރެވުނެވެ.

އީވާއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް އަމިއްލަ އެދުން އިސްކުރެވުނެވެ. އޭނަގެ އުފާތަކަށް އިސްކަން ދެވުނެވެ. އަބަދު އޭނަގެ އުފާތަކާއި ހިތްހަމަޖެހުން ޤުރުބާންކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

''ކޮންކަމަށްތަ މަޢާފަށް ތި އެދެނީ؟...'' ޖާދިންގެ ހިތް ތެޅިލައިފިއެވެ.

ޖާދިން ކުރިއަށް އަޅާލި ފިޔަވަޅާއެކު އީވާ ޖެހުނީ ފަހަތަށެވެ. އަދި އަތް އުފުއްލައިލަމުން ޖާދިން ގާތު އެދުނީ އޭނައާއި ދުރުގައި ހުރުމަށެވެ.

ހަށިފުރާ ދޫކޮށްލެވުނު ނޭވާއަށް ފަހު އީވާ އިސްއުފުލައިލިއެވެ. ދިރިއުޅުން އިތުރު އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ސަލާމަތް ހޯދަން އޭނަ ބޭނުން ވިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވުމުގެ ކުރިން، ދިރިއުޅުމަށް އައިސްފައިވި ޒަލްޒަލާން އަރައިގަންނަން ހިތްވަރުލިއެވެ. ކަރުނައިގެ ކޯރުގައި ނަފުސު ބެހިގެން ދިއުމުގެ ފުރުސަތު ދީފި ނަމަ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ. މަޖުބޫރީގެ ޖަލެއްގައި އަނެއްކާ ވެސް މީހާ ގައިދުވެދާނެއެވެ. އެފަދައިން ކަންތައް ތަކުރާރު ވާކަށް އޭނަގެ ހިތެއް ދެނެއް ނުރުހޭނެއެވެ. ހަޤީޤަތް އައިސް ލޯކުރިމަތިން ފާޅުވުމުން އެހިތަށް އިލްހާމް ވެއްޖެއެވެ. މާކިންއަކީ އެހިތުގެ ދިރުމެވެ. ވިންދެވެ. އެލޯތްބާ ނުލާ އޭނަގެ ދިރިއުޅުމަށް ވެރިވެގެން ދާނީ ފަޅުކަމެވެ. ވީރާނާކަމެވެ. އެލޯބި ހާސިލުކުރަން އޭނަގެ ހިތް އެދެމުން ދިޔަ އެވެ. ދުނިޔެއާ ހަނގުރާކަމުރަން ވިޔަސް ހެވެވެ. އެހިނދު ތަފާތު ބާރެއް އީވާއަށް ލިބުނު ކަހަލައެވެ. ކަރުނާއާއި ހިތްދަތިކަމާއެކުގައި ވެސް އޭނަ ހިތްވަރުކުރަމުން ދިޔަ އެވެ. ދެފައި ސާބިތުކުރަން ބޭނުން ވިއެވެ. މިނާޒުކު ވަގުތުގައި ބަލިކަށިވެއްޖެނަމަ މާކިން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ.

''އީވާ!...'' ޖާދިންއަށް ގޮވާލެވުނެވެ. އޭނަގެ ހިތަށް ބިރުވެރިކަން ފޭދި ނިމިއްޖެއެވެ. މޭގަނޑު ރޫރޫއަޅަމުން ދިޔަ އެވެ. ހާމަކޮށްދޭން އުޅުނު ހަޤީޤަތް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އީވާއަކީ ހަމައެކަނި އޭނަގެ މީހެއްކަން ހަނދުމަކޮށްދެމުންނެވެ.

''ޖާދު... އަހަންނަށް ވަނީ ވަރަށް ބޮޑު ގޯހެއް ހެދިފައި... އަހަރެން ބޭނުން އެކަންތައް ހައްލުކުރަން... އަހަންނަށް މަޢާފްކުރޭ...'' އީވާގެ އަޑު ތުރުތުރުއަޅައެވެ.

އީވާގެ ޖުމްލައިން ޖާދިންއަށް ހީވީ ބާރުގަދަ އެތިފަހަރެއް ކަންކަށިމައްޗަށް އަރައިގެން ދިޔަ ހެންނެވެ. މޫނުމަތިން ކުދި ތަރިތައް ބުރައިގެން ދިޔަ ހެން ވެސް ހީވިއެވެ. ނޭވާލާން ހަނދާން ނެތިފައި އީވާއަށް ބަލަން ހުރެވުނެވެ. އިންޒާރުގެ ރަނގަބީލުތައް އިވެން ފެށީ ދެނެވެ.

''އީވް ތި ކިޔަނީ ކީކޭތަ؟... ކީއްވެތަ އީވް ދެރަވެފައި ތިހުންނަނީ... ރޮނީ ކީއްވެގެންތަ؟... ކޮން ކުށެއް ކުރެވުނު ވާހަކައެއްތަ ތިދައްކަނީ؟... އަހަރެންގެ ހިތް ބިރުގަންނަން ފަށައިފި، މިހާ ދުވަސް ފަހުން އަހަރުމެން ބައްދަލުވުމުން ކީއްވެތަ އުފާވެރިކަން އީވްގެ މޫނުމަތިން ނުފެންނަނީ؟... އަހަރެން ފެނުމުން އީވް އުފަލެއް ނުވޭތަ؟...'' ޖާދިންގެ ހިތުގައިވި ޝަކުވާތައް ދުލާ ހަމައަށް އައެވެ. އެއަޑުގައިވި ރިހުން އީވާއަށް އިހުސާސްކުރެވުނެވެ. ދެރަ ވެސް ވިއެވެ. ނަމަވެސް، ކުރެވޭނެ އިތުރުކަމެއް ނެތެވެ. ޖާދިންއަށް ހަޤީޤަތާ ކުރިމަތިލުން ނޫން އިތުރު ގޮތެއް ނެތެވެ.

''އަހަންނަށް މަޢާފްކުރޭ... ޖާދިންގެ ހިތުގައި ޖައްސަން ބޭނުމެއް ނޫން... އެކަމަކު...'' އީވާ ބުނަން މަސައްކަތްކުރިއެވެ. އޭގެ ކުރިން އީވާގެ ވާހަކަތައް ޖާދިން މެދުކަނޑާލިއެވެ. ހީވީ އީވާގެ ދުލުން ބޭރުވެދާނެ ޖުމްލައަކާ މެދު ހިތް ބިރުގަތީ ހެންނެވެ.

''އަހަންނަށް ހީވަނީ މާ ބޮޑަށް އީވް ވަރުބަލިވެފައި ހުރީހެން، ގެއަށް ދަމާދޯ؟... އިމްތިހާނު ވެސް ނިމިއްޖެއެއްނު؟...'' ތެޅިތެޅި އޮތް ހިތަކާއެކު ޖާދިން މަސައްކަތްކުރީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. އޭނަގެ ނަޒަރުގައި އެހިސާބުން ވާހަކަ އަޑިއަޅައި އޮއްބާލުމުން އެކަންތައް ނިމިދާނެއެވެ. އެއް ގޮތަކަށް ވެސް ހަޤީޤަތާ ކުރިމަތިލާން ޖާދިން ބޭނުން ނުވާކަލައެވެ. އީވާއާއި އޭނަގެ ލޯތްބަށް އުނިކަމެއް އައިސްފިކަން ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އީވާގެ ހިތްދަތިކަމުގެ ފަހަތުގައިވި ސަބަބު ވެސް ހޯދަން މުހިންމު ކަމަކަށް ނުވިއެވެ. އޭނަގެ ހުވަފެނީ ދުނިޔެ ފުނފުނޑުވެގެން ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ.

''ޖާދިން!، ޕްލީސް... އަހަރެން...'' އީވާ ބުނަން އުޅުނެވެ.

''ކޮންތަނަކަށްތަ ރައުހާ އެދިޔައީ؟... ހިނގާ ތިން މީހުން ވެސް ގެއަށް ދާން، އޭގެ ކުރިން ރެސްޓޯރެންޓަކަށް ދަމާ... އަހަރެން ވަރަށް ބަނޑުހައިވެފަ މިހިރީ...'' ޖާދިންގެ ހަރަކާތްތަކުން އޭނަ ހުރީ ހާސްވެފައިކަން ހާމަވެއެވެ. ތުނިކުރެވިފައިވި ތުނބުޅީގައި އަތް ހިންގާލި ގޮތުން ވެސް ނުތަނަވަސްކަން ފާޅުކޮށްދެއެވެ.

އީވާއަށް ބަލަން ހުރެވުނީ އެވެ. އުދާސްކަން ވެސް ޖާދިންގެ މޫނުމަތިން އޭނައަށް ފެނުނެވެ.

''ޖާދިން!...'' ތަންކޮޅެއް ބާރަށް އީވާއަށް ގޮވާލެވުނެވެ.

''ހިނގާ ދަމާ، ރައުހާ ދިޔައީ ކޮންތާކަށްތަ؟... އެޒުވާނާގެ ފަހަތުންތަ؟ ކީއްކުރަންތަ؟...'' އީވާގެ އަތުގައި ހިފަމުން ޖާދިން އެހިއެވެ.

ޖާދިންގެ އަމަލުތަކުން އީވާ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ވަގުތުން ޖާދިންގެ އަތް ފޮޅުވާލެވުނެވެ. ކައިރިއަށް އަންނަން ޖާދިން މަސައްކަތްކުރުމުން މޭގައި އަތްއަޅައި ދުރަށް ވެސް ކޮއްޕާލިއެވެ. އެއަށްފަހު ލޮލުން ފޭބި ކަރުނަތިކިތައް އަތުގެ ނުފުށުން ފޮހެލަމުން، އީވާ ކުރިއަށް ހިނގައިގަތެވެ.

އީވާ ކަންތައް ކުރި ގޮތުން ޖާދިން ހުރީ ސިހުމެއްގެ ތެރޭގައެވެ. ކުރިއަށް ހިނގަމުން ދިޔަ އީވާއަށް ބަލަން ހުރެފައި އޭނައަށް މުށްކަވާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

''ނޫން... ނޫން... އެހެނެއް ނުވާނެ، އީވް ލޯބިވަނީ ހަމައެކަނި އަހަރެން ދެކެ...'' ޖާދިންގެ ހިތަށް ވެރިވެގެން އައި ބިރުވެރިކަމާއެކު އޭނައަށް ބުނެވުނެވެ. އެއަށްފަހު އީވާއަށް ގޮވަމުން ފަހަތުން ހިނގައިގަތެވެ.

ޖާދިންގެ އަޑަށް އީވާ ސަމާލުކަމެއް ނުދިނެވެ. އެހިތުގެ ހާލު އަންގަދޭން މަސައްކަތްކުރުމުން ވެސް ޖާދިންގެ ފަރާތުން އެއްބާރުލުން ނުލިބުމުން އޭނަ ހުރީ ރުޅިގަދަވެފައެވެ.

*****

''މާކިން!، މަޑުކޮށްބަލަ...'' ބާރުބާރަށް ހިނގަމުން ދިޔަ މާކިންއަށް ގޮވަމުން ރައުހާ ވެސް ފިޔަވަޅުތައް ބާރުކޮށްލިއެވެ. މާކިން، ފިޔަވަޅުތައް މަޑު ޖައްސާނުލާނެކަން އެނގުމުން ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ގޮސް މާކިންގެ ކުރިމައްޗަށް ރައުހާ އެރިއެވެ. އަދި ކުރިބެއްދިއެވެ. ނޭވާ ހަމައަކަށް އަޅުވަމުން މޭގައި ފިރުމާލުމަށްފަހު މާކިންއަށް ރައުހާ ބަލައިލިއެވެ. އެމޫނުމަތިން އޭނައަށް ރުޅިވެރިކަމާއި ހިތްދަތިކަމުގެ އަސަރުތައް ފެނުނެވެ.

''އަހަރެން މިބުނާ އެއްޗެއް އަޑު އަހާބަލަ...'' ރައުހާ އެދުނެވެ. އާދޭހާއެކުގައެވެ.

''ކީއްކުރަން؟!...'' ހަރުކަށިކަން އަޑަށް ގެންނަން މަސައްކަތްކުރިކަމުގައި ވިޔަސް މާކިންގެ އަޑުގައި ފުން ރިހުމެއް އެކުލެވިފައި ވިއެވެ.

''ތިހެން ދިއުމުން ކަމަކު ނުދާނެ... އަހަންނަށް އެނގޭ މާކިންގެ ހިތުގައި ސުވާލުތައް އެބަހުރިކަން، ޖަވާބު ބޭނުންކަން... އީވް... އީވްއަށް ފުރުސަތެއް ދީބަލަ... ކަންތައް ވެދިޔަ ގޮތް ކިޔައިދެވޭނީ އޭރުން... މާކިންދެކެ އީވް ވަރަށް ބޮޑަށް ލޯބިވޭ... މާކިން ނޫން މީހަކު ދެކެ ލޯތްބެއް ވެސް ނުވޭ، ތިހެން ގޮސްފިނަމަ އީވްގެ ހިތުގައި ޖެހިދާނެ... ޕްލީސް މާކިން...'' ރައުހާގެ އަޑުގައި ވަނީ އާދޭހެވެ. މާކިންއަށް ވިސްނައިދެވޭތޯ އޭނަ މަސައްކަތްކުރިއެވެ.

'' އޭނަގެ ހިތުގައި ޖެހިދާނެޔޭ؟... އަހަންނާއި މެދު އޭނަ ކަންތައް ކުރި ގޮތުން އަހަރެން ހިތުގައި ޖެހޭނެކަމެއް އޭނައަކަށް ނޭނގޭތަ؟ އަހަރެން ހާދަ އިތުބާރެއް ކުރީމޭ.. އެކަމަކު، އޭނަ އަހަންނަށް އޮޅުވާލީއެއް ނޫންތަ؟... އެއްފަހަރާ ދެމީހުންނާއެކު ގުޅުން ބާއްވަމުން ދިޔައީ... އޭގެ މާނަ އަހަރެން ނަގަންވީ ކިހިނެއް؟... އަސްލު ލޯބިވެރިޔާއާއި ދުރުގައި ހުރުމުން މުނިފޫހިފިލުވަން ޚިޔާރުކުރި މީހަކަށް ނޫންތަ އަހަރެން މިވީ!...... އަދިވެސް އޭނައާ މެދުގައިތަ އަހަރެން ވިސްނަންވީ...'' ސިކުނޑިއަށް ސަވާރުވެފައިވި ރުޅިވެރިކަމުގެ ސަބަބުން ދެކެވެމުން ދިޔަ ވާހަކައަށް މާކިންއަށް ސަމާލުކަމެއް ނުދެވުނެވެ. ހިތުގެ އުދާސްތައް އޭނައަށް ބޭރުކޮށްލެވުނެވެ.

''މާކިން!...'' މާކިންއާއި މެދު ހިތްހަމަނުޖެހުނު ރައުހާއަށް މާކިންގެ މޫނުމަތީގައި ޖެހުނެވެ. ކުރެވުނު ކަންތައް ވިސްނި، ދެވަނަ ސިކުންތުގައި އޭނަ މަޢާފަށް ވެސް އެދުނެވެ.

''ތިއީތަ މާކިން އީވާ ދެކެ ވާ ލޯތްބަކީ؟... އެއްފަހަރު ވެސް އީވާއަށް ކަންތައް ވެދިޔަ ގޮތް ސާފުކޮށް ދިނުމުގެ ފުރުސަތެއް ނުދޭނަންތަ؟... އަހަންނަށް އެނގޭ މާކިން ތިހުރީ ހިތުގައި ޖެހިފަކަން...... ކަންތައް ވެދާނެ ގޮތުގެ ސަބަބުން އީވާގެ ހިތުގައި އޮތް ބިރުވެރިކަމުން މިހުރިހާ ދުވަހު ހަޤީޤަތް ހާމަނުކުރެވުނީ... މާކިން އީވާ ދެކެ ހިތްހަމަނުޖެހިދާނެތީ ޖެހިލުންވީ... މާކިންއާއި ވަކިވާން ޖެހިދާނެތީ ބިރުގަނެ ސިއްރުކުރެވެނީ... މާކިން ނޫން އިތުރު މީހަކު ދެކެ އީވާ ލޯތްބެއް ނުވޭ... އެއްފަހަރު ވިޔަސް އީވާއަށް ފުރުސަތު ދީބަލަ... އޭރުން އީވާ އެހުރި މަޖުބޫރީ ހާލަތު ވިސްނޭނެ!...'' ރައުހާ ބުންޏެވެ.

''މާކިން...'' އިވިގެން ދިޔައީ އީވާގެ އަޑެވެ. މާކިން ގާތަށް ދިއުމަށް އިވާ ބޭނުން ވިއެވެ. ނަމަވެސް އޭގެ ކުރިން ޖާދިން އައިސް އޭނަގެ އަތުގައި ހިފައި ހުއްޓުވައިފިއެވެ. އީވާގެ އަޑަށް ފަސްއެނބުރި ބަލައިލި މާކިންއަށް އެމަންޒަރު ފެނުނެވެ. އެއާއެކު އޭނައަށް ދަތްކުނޑި ވިކާލެވުނެވެ. މާކިންއަށް އޭނަގެ ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަތިކި ރުޅިވެރިކަމާއެކުގައި ފޮހެލެވުނެވެ. އަދި އީވާ ގޮވަމުން ދަނިކޮށް މަގުން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން އެއަށް އަރައިފިއެވެ.

އީވާއަށް ރޮވެމުން ދިޔަ އެވެ. ނިއުޅެމުން ދިޔަ މަންޒަރުތަކުން ޖާދިންއަށް ހީވީ ހިތަށް ތުނޑުތޫނު ކަށިތަކެއް ހެރެމުން ދިޔަ ހެންނެވެ. މޭގައި ގަދަފަދަ ރިހުމެއް އުފެދުނެވެ. އެހިނދު ނޭވާލާން ވެސް ދަތި ކަމަކަށް ވެއްޖެއެވެ.

*****

އެޕާޓެމެންޓަށް އާދެވުމާއެކު އީވާ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. ފުރަތަމަކަމަކަށް ވެސް ޖާދިންއާއި ދުރަށް ދާން އޭނަ ހުރީ ބޭނުންވެފައެވެ. ޖާދިން ގޮވަމުން ދަނިކޮށް ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި ދޮރު ތަޅުލިއެވެ.

''އީވް!... ދޮރުހުޅުވަބަލަ...'' ތަޅުގައި ހިފާލަމުން ޖާދިން ބުނެލިއެވެ. އޭނަ ދޮރުގައި ވެސް ޓަކިދިނެވެ. އީވާގެ ޚަބަރެއް ނުވިއެވެ.

ކޮޓަރީގެ ދޮރަށް ލެނގިލަމުން އީވާއަށް ރޮވުނެވެ. އެހުރި ތަނަށް އޭނައަށް ތިރިވެވުނެވެ. ރޮމުން ގިސްލަމުންނެވެ. މޭގައި އުފެދިގެން އައި ރިހުމުގެ ސަބަބުން އޭނައަށް މޭގައި ވެސް ފިރުމާ ލެވިއްޖެއެވެ. އެރިހުމާއި ތަދަށް ކުޑަމީސް ބަދަލެއް ނައެވެ. ވިސްނެމުން ދިޔަ ކަންތަކުގެ ސަބަބުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ދެފައި ގެނެސް މެޔާއި ކައިރިކޮށްލަމުން ކަކުލުގައި ބޯއަޅާލެވުނެވެ. އޭރު ކޮޓަރި ތެރެއަށް ފެތުރިފައި އޮތީ ވޭނީ ގިސްލުމެއްގެ އަޑެވެ. ހިތްދަތިވެގެން ގޮސް އީވާއަށް ރޮވެނީއެވެ. ކަރުނަތަކަށް ވެސް ބާރެއް ނުފޯރުވުނެވެ. ހިތުގައި އުފެދިފައި އޮތް ހައިޖާނުގަނޑު ތެރޭގައި ހަނާވަމުން ދިޔަ އެވެ.

އީވާގެ ރުއިމުގެ އަޑު ކޮޓަރީގެ ބޭރުގައި ހުރި ޖާދިންއަށް އިވެއެވެ. އެކަމާ ހުރެ އޭނައަށް ހާސްކަން ލިބުނެވެ. ނުތަނަވަސްކަމާއެކު މޫނުގައި ފިރުމާލެވިއްޖެއެވެ. އަދި ދުރުގައި ހުރި ރައުހާއަށް ބަލައިލިއެވެ.

''ޑަބަލް ތަޅުދަނޑި އެބައޮތްތަ؟...'' ރައުހާ ގާތަށް ދަމުން ޖާދިން އެހި އެވެ.

''ޖާދިން!...'' ރައުހާ ގޮވާލިއެވެ. އޭނަ ބުނަން ބޭނުންވީ އީވާއަށް ވަގުތު ދިނުމަށެވެ.

''އެބައޮތްތަ!...'' ޖާދިންގެ އަޑުއަށް ހަރުކަށިކަން ވެރިވިއެވެ. އެދެލޮލުން ހިތްދަތިކަން ފެނެއެވެ. ކެކުޅުމެއްގެ ތެރޭގައިވާކަން ވެސް ހާމަކޮށްދެއެވެ.

''އީވާ އެކަނި ވުމުގެ ފުރުސަތު ދީ...'' ރައުހާ ބުނެލިއެވެ. އެވަގުތު ޖާދިން ގާތަށް ރުޅި އައެވެ. މުށްކަވާފައި ނިކަން ބާރަށް އޭނައަށް ފާރުގައި ޖަހާލެވުނެވެ. ދެތިން ފަހަރަކު އެފަދައިން އޭނަ ކަންތައް ކުރިއެވެ. ހިތުގެ އުދާސްތަކަށް ކެތްކުރަން އޭނައަށް ދަތިވަނީއެވެ. ނޭވާލާން ވެސް އުނދަގޫވަނީއެވެ. އެހުރިހާކަމެއް ނަގައިގަންނަން އޭނައަށް ދަތިކަމަކަށް ވެއްޖެއެވެ.

''ޖާދިން!...'' ޖާދިންގެ އަމަލުތަކުން ރައުހާ ބިރުގަންނަ ގޮތް ވިއެވެ.

''ތަޅުދަނޑިދީ!...'' ފުންނޭވާއެއް ލަމުން ޖާދިން ރައުހާއަށް އަމުރުކުރިއެވެ.

ޖާދިންއަށް އައިސްފައިވި ކުއްލި ބަދަލުން ރައުހާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އެއީ ހަމަ ޖާދިން ބާވައޭ ވެސް އޭނަގެ ހިތަށް އެރިއެވެ.

''ދޭށޭ މިބުނީ، އީވް އެކަނި ކޮށްލުމުގެ ފުރުސަތެއް ނުދެވޭނެ!... އީވް ރޯއަޑެއް ނީވޭތަ!...'' ރައުހާއާއި ދިމާއަށް ފިޔަވަޅުއަޅަމުން ޖާދިން ވާހަކަދެއްކިއެވެ.

''އިވޭ!، އެހެންވެ މިބުނަނީ އީވްއަށް ވަގުތު ދޭށޭ... ހަޤީޤަތާ ޖާދިން ވެސް ކުރިމަތިލާން އަހަންނަށް ފެންނަނީ... ރުޅި އިސްކުރުމުން ހުރިހާކަމަކަށް ހައްލެއް ނުލިބޭނެ...'' ޖާދިންގެ ރުޅިވެރިކަން ގުޅިފައިވަނީ ކޮން ސަބަބަކާއި ކަން ރައުހާއަށް ވިސްނުނެވެ. އޭނަގެ އަޑުގައި ވަނީ ހަމްދަރުދީއެވެ.

''ކޮން ހަޤީޤަތެއްތަ؟...'' ޖާދިންއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ރައުހާ ދިޔައީ ސިއްސައިގެންނެވެ. އެއީ ދުވަހަކު ޖާދިންގެ ފަރާތުން ފެންނާނެ ކަމަށް އުއްމީދުކުރެވުނު ސިފައެއް ނޫނެވެ. ހައިރާންކަމާއެކު ދެލޯބޮޑުކޮށްލެވުނެވެ.

''އަހަންނަށް ފެންނަނީ ޖާދިން މިވަގުތަށް މިތަނުން ދާން، އީވް ހަމައަކަށް އެޅުނީމަ އަހަރެން ގުޅާނަން!... ޕްލީސް ގޯ... ހުރިހާ ކަމަކާ ކުރިމަތިލާން ޖާދިން ވެސް ތައްޔާރުވޭ...'' މޭގައި ދެއަތް ހުރަސްކުރަމުން ރައުހާ ބުންޏެވެ. އޭނަ ބޭނުންވީ ޖާދިން އެތަނުން ފޮނުވާލާށެވެ. ހަމަޖެހިލައިގެން ހުރިހާ ކަމަކާ މެދު ވިސްނާލަން ވަގުތު ދޭށެވެ.

ޖާދިން ހިމޭން ވިއެވެ. ފުންނޭވާތަކެއް ދޫކޮށްލިއެވެ. އިތުރު ބަހެއް ބުނުމެއް ނެތި ބާރުބާރަށް ހިނގާފައި ގޮސް އޭނަ އެޕާޓްމެންޓުން ނިކުތެވެ. އެއަށްފަހު އަތުގެ ކޮޅަށް ދޮރު ޖެހިއެވެ.

''އެއީ ހަމަ ޖާދިންތަ؟... ޖާދިން އަކީ ހަމަ އެހާ ރުޅި ގަދަ މީހެއްތަ؟...'' ލެއްޕުނު ދޮރާ ދިމާއަށް ބަލަން ހުރެފައި ރައުހާއަށް ބުނެވުނެވެ.

*****

''އެ ކާކުތަ!... އެފިރިހެނާއަކީ ކާކުތަ!...'' ލިފްޓް ކުރިމައްޗަށް ހުއްޓިލަމުން ޖާދިންއަށް ބުނެވުނެވެ. ހިތުގައި އޮތް ރުޅިވެރިކަން އޭނައަށް އަމާޒުކުރެވުނީ އެޒުވާނާ އަށެވެ.

''އޭނަ މިހުރިހާ ނުބައެއްގެ އަސްލަކީ، އީވްގެ ވިސްނުމާ ކުޅެލި މީހަކީ އެއީ...'' ރުޅިގަދަވެގެން ގޮސް ޖާދިން ހީވަނީ ރޫޅި ދާނެހެންނެވެ. އެޒުވާނާއާ މެދު އެހިތުގައި އަނދަން ފެށީ ނަފުރަތުގެ ދިލަ އަލިފާނެވެ. ރުޅިގަދަވެގެން ގޮސް ގޮށްމުށުން ލިފްޓްގެ ދޮރުގައި ވެސް ޖެހިއްޖެއެވެ. އޭނައަށް ތަދުގެ އިހުސާސެއް ނުކުރެވެއެވެ. އެއަށްވުރެން ބޮޑަށް މީހާ ވަނީ ރުޅި ގަދަ ވެފައެވެ.

''އޭނަގެ ސަބަބުން މިހުރިހާ ކަމެއް ވީ!...'' ދަތްތަކަށް ބާރުލަމުން ޖާދިންއަށް ބުނެވުނެވެ.

*****

ރޮމުން ދިޔަ އީވާ އޭނަގެ އަތްދަބަސް ތެރޭން ފޯނުނެގިއެވެ. އަދި ހިތު ދަސްވެފައިވާ މާކިންގެ ނަންބަރު ލިޔެލަމުން ޑައިލްކޮށްލިއެވެ. ފޯނު ރިންގްވަމުން ދިޔަ އެވެ. އޭރު އީވާއަށް ހިތާ ހިތާ ދުޢާކުރެވުނީ މާކިން ފޯނަށް ޖަވާބު ދިނުމަށެވެ. ލޮލުން ކަރުނަތައް ފައިބައިގަތީ ފޯނަށް ޖަވާބު ނުލިބުމުންނެވެ.

''މާކިން!...'' ރޮވިފައިވާ އަޑަކުން އީވާއަށް ބުނެވުނެވެ. އޭނަގެ ތުންފަތުގައި ތުރުތުރުލުމެއް ވިއެވެ. ރުއިމުގެ ސަބަބުން ދެލޯ ވަނީ ރަތްވެ ދުވަޅެވައެވެ. ދޮން މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ހިތާމަޔާއި ހިތްދަތިކަމުގެ ތަސްވީރެއް ފަދައެވެ.

ވިއްސަކަށް ފަހަރު މާކިންއަށް އީވާ ގުޅިއެވެ. އެންމެ ފަހަރަކު ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރޮމުންރޮމުން ގޮސް އީވާގެ އަޑު ކުރެހިއްޖެއެވެ. ލޮލުން ކަރުނަ ހުސްވާން ކައިރިވެއްޖެއެވެ. ނަމަވެސް، އެހިތްތަދިކަމަށް ނިމުމެއް ނެތް ފަދައެވެ. ފޯނުން މާކިންއާއެކުގައި ނަގާފައި ހުރި ފޮޓޯތައް ބަލަން އީވާ އޮތީ، ދޮރުކައިރީގައި ބިންމަތީ އޮށޯވެލައިގެންނެވެ. ކަރުނަތައް ހިކިފައި ވިޔަސް އެސްފިޔަތަކުގައި ތެތްކަން ވިއެވެ. އިރުއިރުކޮޅާ ގިސްލުމެއްގެ އަޑުން ކޮޓަރީގެ ހިމޭންކަން ނަގާލައެވެ.

''މާކިން ޕްލީޒް، ހަމަ އެންމެ ފަހަރަކު ވިޔަސް އަހަންނަށް ވެދިޔަ ކަންތައް ކިޔައިދޭން ފުރުސަދު ދެވިދާނެތަ؟، އަހަންނަށް އެނގޭ މިހާރު މާކިން ހިތުރީ ހިތުގައި ޖެހިފައިކަން، ރުޅި އިސްކުރެވެނީ އެހެންވެކަން، ފަހަރެއްގައިވެސް މާކިންގެ ހިތުގައި ޖައްސަން އަހަރެން ބޭނުމެއް ނުވޭ، އަހަރެން ވަރަށް ލޯބިވޭ މާކިން ދެކެ... ޕްލީޒް، ހަމަ އެންމެ ފަހަރަކު، އެންމެ ފަހަރަކު އަހަންނާއި ބައްދަލުކޮށްލެވިދާނެތަ؟... ހަޤީޤަތް ހާމަކުރުމުގެ ފުރުސަތު އަހަންނަށް ދެވިދާނެތަ؟، އެހުރިހާ ކަމަކަށް ފަހުގައި މާކިން ނިންމާ ގޮތަކަށް އަހަރެން ރުހޭނަން، ނަފުރަތު ކުރަންޏާ އެކަމަށް ވެސް ޤަބޫލުވާނަން، އެކަމަކު ތިހެން އަހަރެން ދެކެ ނަފުރަތު ކުރުމުން އަހަރެންގެ ހިތުގައި ވޭން އަޅާ... އަހަރެން މާކިންއަށް ބޭވަފާތެރިއެއް ނުވަން.... މިރޭ އަހަރެން ހުންނާނަން މާކިންގެ އިންތިޒާރުގައި، އައިސްދީފިއްޔާ ޝުކުރުވެރިވާނަން... އަންނަން ބޭނުންނުވާ ނަމަ މާކިންގެ އެނިންމުމަށް ވެސް އަހަރެން ޤަދަރުކުރާނަން...''

ފޮޓޯ ބަލަން އޮވެފައި، މާކިންއަށް ދިގު މެސެޖެއް ލިޔެފައި އީވާ ފޮނުވިއެވެ. ފޯނަށް ޖަވާބު ނުދިނަސް އެމެސެޖު ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެތައް ގަޑި އިރެއް ފާއިތުވެގެން ދިޔަ އިރުގައި ވެސް މާކިންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ހިތްފަޅައިގެން ހިނގައިދާނެހެން ހީވިއެވެ. ވޭނީ އާހްތަކެއް އީވާގެ ތުންފަތް ފޫއަޅުވާލާފައި ނިކުތެވެ.

''ޕްލީޒް މާކިން!... ހަމަ އެންމެ ފަހަރަކު...'' އީވާއަށް ރޮވުނެވެ.

*****

އެނދުގައި އޮތް މާކިންގެ މޫނުމަތިން ފެންނަނީ ހިމޭންކަމެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އެނބުރެމުން ދިޔަ ފަންކާއަށެވެ. އެފަންކާގެ އުސޫލުން އޭނަގެ ސިކުނޑީގައި ވެސް އެތައް ޚިޔާލެއް އެނބުރެމުން ދިޔަ އެވެ. ވޭން ދެނިވި ކަންތަކެވެ. އޭނަ އީވާއަށް ކުރި އިތުބާރު އޮޔަލާ ދިއުމުން އެކަމުގެ ގިލަންވެރިކަން ދެލޮލުގައި ވިއެވެ. ލޯބީގައި ނާކާމިޔާބުމުން އެކަމުގެ މާޔޫސްކަންވެސް އެމޫނުމަތިން ފެނެއެވެ. ކުރި ވައުދާއި އަހުދުތައް ބިލާހަކަށް ވެގެން ދިއުމުން އެކަމާ ރުޅި ވެސް އާދެވުނެވެ.

ކުއްލިޔަކަށް މާކިން ކޮޅަށް ތެދުވުނެވެ. އަދި ރީތިވާ މެޒު މަތީ އޮތް އޭނަގެ ފޯނު ނެގިއެވެ. މީގެ އިރުގަނޑެއް ކުރިން ފޯނު ރިންގްވަމުން ދިޔަ އަޑު އޭނައަށް އިވުނެވެ. ނަމަވެސް އަޅާނުލާ އޮތީ އެވެ. ގުޅާނީ އީވާކަން ޔަޤީން ކުރެވޭތީއެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން އީވާއާއި ވާހަކަދައްކާކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. އީވާގެ ހީލަތްތެރިކަން އޭނަގެ ސަމާލުކަމަށް ނައުމުން އަމިއްލަ ނަފުސު ދެކެ ވެސް ރުޅި އާދެވުނެވެ.

''ކީއްވެ އަހަންނަށް އޮޅުވާލީ؟، ކީއްވެ އަހަންނަށް ދޮގު ހެދީ؟... އަހަންނަށް ލޯބިވާން ދަސްކޮށްދީފައި އަހަންނަށް ސަޒާ ދިނީ ކީއްވެގެންތަ؟...'' މާކިންއަށް ޝަކުވާ ކުރެވުނެވެ.

ފޯނު ނަގައި ބަލައިލިއިރު އީވާ ގުޅާފައި އޮތް ތަން ފެނުނެވެ. ސަމާލުކަން ދޭން ބޭނުމެއް ނުވިއެވެ. ނަމަވެސް، ފޯނަށް އައިސްފައިވި މެސެޖް އޭނަގެ ލޮލުގައި އަޅައިގަތެވެ. ދެފިކުރެއްގައި ހުރެ އޭނަ މެސެޖް ހުޅުވާލިއެވެ. އަދި ކިޔަން ފެށިއެވެ. ކިޔާ ނިމުމުން އަސަރެއް ނެތް ގޮތަކަށް އޭނައަށް ފޯނު ހޫރާލެވުނީ ރީތިވާމޭޒު މައްޗަށެވެ. އޭގެ ކުރިން ފޯނުގައި ހުރި އީވާއާއި އޭނަގެ ހަނދާންތައް މާކިން ފޮހެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟