ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 28

4

އަށާވީސްވަނަ ބައި

މޭޒުމައްޗަށް ފައިބައިގެން ދިޔަ ފައިލްތަކާއެކު ސޮފޯ އިސްއުފުލާ ބަލައިލިއެވެ. ހިތްހަމަނުޖެހިފައި ހުރި ވަޙީދުއްދީން ފެނުމުން ސޮފާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.

"އަހަރެންގެ ދަރިފުޅު މަޖުބޫރުން ކައިވެންޏެއް ކުރުވަން އަހަރެން ބޭނުމެއްނޫން" ވަޙީދުއްދީން ބުނެލިއެވެ.

ނުލަފާ ޒާތަކަށް ހީލަމުން ސޮފާ ގޮނޑިން ތެދުވިއެވެ. އަދި އޮފީސް ތެރޭގައި ދެފަރާތަށް ހިނގަމުން ދިޔައެވެ.

"ތިއީ ފަހުގެ ނިންމުންތަ؟ ވަޙީދުއަކަށް ހިއެއްނުވޭތަ ތި ވިސްނުން ބަދަލުކުރަންޖެހޭނެހެން. ޒުކް އެއީ ވެސް ވަޙީދުގެ ދަރިއެއްނުން. އެއްދަރިއަކަށްޓަކައި އަނެއް ދަރިފުޅުގެ އުފާވެރިކަމެއް ނޫންތަ އެގެއްލެނީ" މޭޒުމަތީގައި ދެއަތް ވިއްދާ އޭނާގެ ނުރައްކާތެރި ނަޒަރު ވަޙީދުއްދީނާ އަމާޒުކޮށްލިއެވެ.

"ތިއީވެސް އަންހެނެއްނޫންތަ؟ އަންހެނަކަށްވެ ހުރެ އަންހެނަކަށް ނިކަމެތިކަމެއްދޭން ކެރުނީތީ އަހަރެން ހަމަ ޚައިރާންވަން" ވަޙީދުއްދީން ބުނެލިއެވެ.

"ކޮން ނިކަމެތިކަމެއް. އަހަރެން އަދި އެއްވެސް ކަމެއް އޭނާއަކަށް ނުކުރަން. އަހަރެން ފަދައިން ހަމަ ގޭތެރޭގަ އުޅޭ. އެހެންނޫނަސް މިހާރު ކޮން ދެކޮޅެއް ތިހަދަނީ" ސޮފާ ވާހަކަދެއްކިއެވެ. އޭނާގެ މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ބޯހާސްވެފައި ހުރީ ވަޙީދުއްދީނެވެ.

"އާޝިދްގެ ހިތްވަނީ މާކުރިން އެހެން އަންހެންކުއްޖަކަށް ދެވިފައި. އަހަރެންނަށް އެދަރިފުޅު ލިބުނީވެސް ޒުވާނަކަށްވި ފަހުން. އަހަރެންނަށް ހާދަ އިހުތިރާމެއްކުރެޔޭ. އަހަރެންގެ ހިތްވަރެއްނެތް އިތުރަށް އޭނައަށް މަޖުބޫރު ކުރާކަށް" ވަޙީދުއްދީންގެ އަޑު މަޑުވެގެން ދިޔައެވެ.

"ވިސްނާ. އަދި ވަގުތު ފާއިތެއްނުވޭ. މި ކައިވެނި ކުރުވާނީތޯ ނުވަތަ ވަޙީދަށް މުހިންމީ ޒަހުރިއްޔާތޯ..." ސޮފާ ބުނެލިއެވެ. ވަގުތުން ވަޙީދުއްދީންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އެވަގުތުކޮޅު އަމިއްލަ ނަފްސާ އެތައް ޝަކުވާއެއް ކޮށްލެވިއްޖެއެވެ. މަކަރުވެރި ހިޔަޅު އަންހެނަކާއި އެކު ވިޔަފާރިއެއް ހިންގަން އެއްބަސްވެވުނީތީ އަމިއްލަ ނަފްސަށް އަޑުލިއެވެ. އޭނާއަށް ކުރެވުނު ފަރުވާކުޑަ އެންމެ އަމަލެއްގެ ސަބަބުން ކުށެއްނެތް އަންހެނެއް އެވަނީ އެ މަކަރުވެރިޔާގެ އަތްދަށުގައި ހައްޔަރުވެފައެވެ.

ސިޓިންރޫމް ސޯފާގައި އިން އިރާނިޔާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ކުރިމަތީގައި ބަހައްޓާފައި ހުރި ލެޕްޓޮޕުން ފެންނަން އިން ޙާއިޝާގެ ހަށިގަނޑު ކުރިއަށްވުރެ އަނަރޫފައެވެ. ދެލޯކައިރި ވަޅުވަދެފައި ހުރިއިރު ތުންފަތްމަތިން ކުރަކިކަމެއް ފާހަގަވާން ހުއްޓެވެ. މެޝިނުގެ އެހީގައި ގިނަ ދުވަސްތަކެއް ވާންދެން އޮތުމުގެ ސަބަބުން އަނގަ ކައިރިން އެއްއަރިއަކަށް ހޮޅިއެއްގެ ނިޝާން ފާހަގަވާން ހުއްޓެވެ. އިރާނިޔާގެ ދެލޮލުން ވިދާ ބަބުޅަމުން ދިޔަ ކަރުނަތައް ފެނުމާއެކު ޙާއިޝާ ތުންފިއްތާލިއެވެ. ޙާއިޝާގެ ފަހަތުން ހުއްޓުނު އަދްޔަން އިރާނިޔާއަށް އިޝާރާތެއް ކޮށްލިއެވެ. ވަގުތުން އިރާނިޔާ ދެލޮލުން ފޭބި ކަރުނަތައް ފޮހެލައިފިއެވެ. މާކުރިންވެސް އަދްޔަން އޮތީ ޙާއިޝާއާއި ރީތި ހިނިތުންވުމަކާއެކު ބައްދަލުކުރަން ބުނެފައެވެ.

"މަންމާ...!! މަންމަ ވަރަށް ހިތްވަރުކުރައްޗޭ.. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަންމައަށް އަހަރެމެންގެ ދެމައިން ކައިރިއަށް އާދެވޭނެ" ހިނިތުންވެލަމުން އިރާނިޔާ ބުނެލިއެވެ.

"މަން... މަންމަގެ މާމަ ދަރިފުޅު..." ހުއްޓަމުން ކަހަލަ ގޮތަކަށް ޙާއިޝާ ބުނެލިއެވެ. އިރާނިޔާ ގުމްރޫހަށް ބަލައިލިއެވެ. އެވަގުތު ގުމްރޫހްގެ އަތުގައި އިން ހޫރު އިރާނިޔާ އުނގަށް ލިއެވެ. ހޫރު ފެނުމާއެކު ޙާއިޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޙާއިޝާގެ ދެފަރާތުން އަދްޔަންއާއި ޔަޝްފީވެސް ގުދުވެލާފައި ހޫރަށް އަތުން ހަނާއަޅަމުން ދިޔައެވެ. ކުރިމަތިން ބަޔަކު ފެންނަން ތިބުމުން ކަޅިޖަހާނުލާ ހޫރު އިނީ ބަލަހައްޓައިގެންނެވެ. އަދްޔަން ފްލައިންކިސްއެއް ދޫކޮށްލުމާއެކު ހޫރުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެ މަންޒަރު ފެނުމުން ތަނުގައި ތިބި ހުރިހާ މީހުން ހީލި އަޑު އިވުނެވެ.

"ދޮންބެދައްތަ ހޫރަށް ކިޔައިދީފިން ތިއްތިއަކާ ދޮންތިއެއް ހުރި ވާހަކަ" އިރާނިޔާ ބުނެލިއެވެ.

"ގޮމަ...ގޮމަ ރަނގަޅުތަ...؟" ޙާއިޝާ އަހައިިލިއެވެ. އިރާނިޔާ ދުރުގައި ހުރި ގުމްރޫހް ކައިރިއަށް ގެނެސް އޭނާ ކައިރީގައި ބޭންދިއެވެ. ގުމްރޫހްގެ ނަޒަރު ޙާއިޝާގެ ވައަތްފަރާތުގައި ގުދަށް ކަހަލަ ގޮތަކަށް އޮތް އަދްޔަންއަށް ހުއްޓުމާއެކު އެހެން ދިމާލަކަށް ނަޒަރު ބަދަލުވެސްކޮށް ނުލެވުނެވެ. އޭނާއަށް އަދްޔަން އެފެނުނީ ހާދަ ދުވަހަކަށް ފަހުގައެވެ. އަދްޔަންވެސް ގުމްރޫހަށް މާނަފުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ޙާއިޝާއްތަ ރަނގަޅުތަ...؟ ވަރަށް ހަނދާންވޭ އެންމެން މަތިންވެސް" ގުމްރޫހް ބުނެލިއެވެ.

"އެންމެން މަތިންތަ؟ ނޫނީ އަދޫ މަތިންތަ؟" އިރާނިޔާ ބުނެލިއެވެ. ވަގުތުން ގުމްރޫހްގެ މޫނުމައްޗަށް ވެރިވި ލަދުވެތިކަމުގެ ރަތްކުލައިން އޭނާ ބޭޒާރުކޮށްލައިފިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއިރު ހަގީގަތުގައިވެސް އޭނާ ރަކިވެއްޖެއެވެ.

އެހުރިހާއިރު ޙާއިޝާގެ ނަޒަރު އިރާނިޔާގެ މޫނަށް އަމާޒުވެފައިވިއެވެ. އެ އަންހެންކުއްޖާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަހަތުގައި ނުފިލާ ހިތްދަތިކަމެއްވެޔޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.

"ދަރިފުޅާ ރާނީ...!!" ގުމްރޫހާއި ދިމާކޮށް ހެމުންދިޔަ އިރާނިޔާގެ ނަޒަރު ޙާއިޝާއަށް ހުއްޓައިލިއެވެ.

"ދަރިފުޅު ތިއުޅެނީ އުފަލުންތަ؟" ޙާއިޝާ އެހިއެވެ.

"އާނ މަންމާ. އަޅުގަނޑު މިހުރިިހާ ދުވަސްތައް ހޭދަކުރީ ވަރަށް ހިތާމައިގަ. އެއީ މަންމަގެ ހާލަތެއް ނޭނގޭތީ. އެކަމަކު މިހާރު މަންމަ ކުރިމަތިން ފެނި ވާހަކަދެއްކުނީމަ އަޅުގަނޑުގެ ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް ފިލައިގެން ހިނގައްޖެ" އިރާނިޔާ ވާހަކަދެއްކިއެވެ. ޙާއިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

ސައިކަލުގައި އައި ހުޝާމް ދޮރުމައްޗަށް މަޑުކޮށްލާފައި ކުރިމަތިން ފެންނަން އިން ފެހިކުލައިގެ ދޮރާއްޓެއްލައިފައިވާ ގެއާއި ދިމާލަށް ބަލައިލިއެވެ. ހިނދުކޮޅަކަށްފަހު އަތުގައި އޮތް ގަޑިއަށް ބަލައިލައިފައި ފޯނުނަގާފައި ނަންބަރަށް ގުޅަން އުޅުނެވެ. ދޮރު ހުޅުވާލާފައި ޝެނަލް ނިކުތީ އެވަގުތުއެވެ. ހުޝާމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔަސް ހިނދުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. ޝެނަލްއާމެދު އޭނާ ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވާން ފަށައިފިކަން އިނގުމުން ހިތަށް އުނދަގޫގޮތެއް ވެގެން ހިންގައްޖެއެވެ. މަޑު ހިނގުމެއްގައި ހިނގާފައި އައި ޝެނަލްވެސް ހުރީ އެކަހަަލަ ވިސްނުންތަކެއްގައެވެ. ހުޝާމްއާއި ދިމާލަށް އޭނާއަށް ބެލެމުންދަނީ އެހެންޏާ ނުބަލާ ކަހަލަ ގޮތަކަށެވެ.

"އަރާ. ކޮންތާކަށް ދާނީ" ޝެނަލް މަޑުކޮށްލުމާއެކު ހުޝާމް ބުނެލިއެވެ.

"ޑިނަރ ނަގަންދާނީ. ނިންމާފަ ގެއަށް ގެނެސްދީ" ޝެނަލް ބުނެލިއެވެ.

ހުޝާމް ކުރިއަށް ސައިކަލް ދުއްވާލީ ޝެނަލް އަރާ ހަމަޖެހުނުކަން އިނގުމުންނެވެ.

މާލޭގެ ހިތްގައިމު ރެސްޓޯރަންޓަކަށް ވަދެގެން ގޮސް ދެކުދިން އިށީނީ މީހުން މަދު ހިތްފަސޭހަ ދިމާލެއްގައެވެ. އެކަކު އަނެކަކާއި ވާހަކަނުދައްކާ އިރުކޮޅަކަށްފަހު ދެކުދިންނަށް އެކަކު އަނެކަކަށް ބަލައިލެވުނީވެސް އެކުއެކީގައެވެ.

"އަހަރެން ވާހަކައެއް ދައްކަން ބޭނުން" ހުޝާމް ބުނެލިއެވެ.

"ޝާމް ތިހާ ބީރައްޓެހިވީ ކޮންއިރަކު؟ ކީއްވެތަ އަހަރެންނަށް އުނދަގުތަކެއް މިވަނީ؟ އަހަރެމެން ދެމީހުން ދެމެދަށް މިހާ ދުރުމިނެއް މިއައީ ކީއްވެ؟" ޝެނަލް ބުނެލިއެވެ.

"އަހަރެމެން ދެމީހުން ދެމެދުގައި އޮތީ އެކުވެރިކަމެއް. އެކަމަކު އަހަރެމެންގެ މައިންބަފައިން ނިންމުންތަކެއް ނިންމައިފި" ހުޝާމް ބުނެލިއެވެ.

"އިނގޭ. މަންމަ ތިވާހަކަ މާކުރިން އަހަރެން ކައިރީގައި ދައްކައިފި. ރޭގައި ވެސް ދެއްކި. އަހަރެން ދެކޮޅެއް ނަހަދަން" ފެން ތައްޓަށް ބަލަހައްޓައިގެން އިނދެ ޝެނަލް ބުނެލިއެވެ. ހުޝާމަށް ޝެނަލްއަށް ބަލައިލެވުނީ އެހާ އަވަހަށް އެކައިވެންޏާ ޝެނަލް ރުހޭކަން ހާމަކުރުމުންނެވެ.

"އަހަރެން ޝާނީދެކެ ވަރަށް ލޯބިވޭ. އެކަމަކު އެއީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގަ" ހުޝާމް ބުނެލިއެވެ.

"އިނގޭ އަދިވެސް ޝާމްގެ ހިތުގައިވަނީ އީޝްގެ މަންމަ ކަން. ޝާމް ބޭނުމިއްޔާ ނޫނެކޭ ބުނެވިދާނެ. އަހަރެންގެ އެއްވެސް މައްސަލައެއްނެތް" ޝެނަލް ބުނެލިއެވެ. ހުޝާމް ވަކި އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.

"އަހަރެންވެސް ނިންމުމެއް ނިންމައިފިން. މާދަމާ ރިސޯޓް ލޯންޗުން އަހަރެން ރަށަށް ފުރާނަން. އެނބުރި ގޮސް މަންމަމެންނަށް އަހަރެން ފައިނަލް ޖަވާބެއްދޭނަން. ކުރިން އަހަރެން އީޝްގެ މަންމައާއި ކައިވެނި ކުރިއިރު އެއްވެސް މީހަކަށް އޭނައެއް ނުދައްކަން. ކުޑަމިނުން އޭނަގެ ނަން ޝާނީ ކައިރީގަވެސް ނުބުނަން. ފޮޓޯއެއްހާ މިންވަރުވެސް ނުދައްކަން. އެއީ އޭނަ އަހަރެން ކައިރީގަ އެދުނުގޮތް. މަންމަމެންވެސް އެކަމާއި ހިތްހަމަނުޖެހުނު. އެކަމަކު މިފަހަރު އެއްވެސް މީހަކަށް ޝަކުވާކުރުމުގެ ފުރުސަތު އަހަރެން ނުދޭނަން" ހުޝާމް ވާހަކަދެއްކިއެވެ. ހުޝާމްގެ ޖަވާބަކީ ކޮބާކަން ޝެނަލްއަށް އިނގުމުން އޭނާގެ ހިތް އަވަސްވެލައިފިއެވެ.

ހޫރު ނިންދަވާފައި އިރާނިޔާ ބޭރަށް ނިކުމެލީ ޒަމްހާއާއި އެކުގައެވެ. ދެކުދިން ހިނގާފައި ގޮސް މަޑުުކޮށްލީ ބަނދަރު ސަރަހައްދުގައެވެ. ޒަމްހާއާއި ތަފާތު އެކި ވާހަކަދައްކަމުން ދިޔައިރު އޭނާ ހިތަށް ލިބިފައިވި ހިތްހަމަޖެހުން ޒަމްހާއަށް އިހުސާސްވިއެވެ. އެހެންފަހަރުތަކާއި ޚިލާފަށް އޭނާއަކީ އެހާ ވާހަކަަދައްކާ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް މިފަހަރު ޒަމްހާ އެއްޗެއް ބުނަން ވަގުތުނުދޭ ކަހަލައެވެ. ވާހަކައަކަށްފަހު ވާހަކައެއް ފަށަމުން ދިޔައިރު ޒަމްހާއަށް އިނދެވުނީ އިރާނިޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

"އަހަރެންނަށް މިހާރު އިނގިއްޖެ ހަގީގަތުގައިވެސް ރާނީ ވަރަށް އުފާވެފަ އިންކަން. އައި ފީލް ސޯ ހެޕީ" ޒަމްހާ ބުނެލިއެވެ. އިރާނިޔާ ހީލަމުން އިސްޖަހައިލިއެވެ.

"އަހަރެންނަށް ހުރިހާ އުފަލެއް ލިބިއްޖެ. ހަމައެކަނި ކައިރީގަ ސިޑް ނެތްކަމުގެ އިހުސާސް ކުރެވެނީ" އިރާނިޔާ ބުނެލިއެވެ.

"ކެތްކުރޭ އިންތިޒާރުގެ ނިންމުން އަންނާނީ ވަރަށް ފޮނިކޮށް" ހީލަމުން ޒަމްހާ ބުނެލިއެވެ.

"ޒަމްއަށް އިނގޭތަ! ކުރީ ރެއަށްފަހު އަހަރެންގެ ހިތުގައި ސިޑްއަށްޓަކައި އެތައް މަގާމެއް އުފުލިގެން ހިނގައްޖެ. އަހަރެންގެ ހިތް ސިޑްއަށްޓަކައި ދީނާވާވެއްޖެ. ސިޑް އޭނަގެ ބައްޕަ ކައިރީގަ އަހަރެން ބޭނުންވާވަރު ހާމަކޮށްފި. އަހަރެން ބަސްހުއްޓިއްޖެ. އަހަރެން ބޭނުމެއްނޫން ދުވަހަކުވެސް ސިޑް ދެރަކޮށްލާކަށް" އިރާނިޔާ ވާހަކަދެއްކިއެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން ދަތްދޮޅީގައި އަތްވިދެލައިގެން އަރިއަކަށް އިރާނިޔާއަށް ބަލަހައްޓައިގެން އިން ޒަމްހާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.

ފުރުސަތެއް ލިބުމާއެކު ހޫނުގަދަ ދުވަސްތައް އެއްފަރާތްކޮށް ވިއްސާރަ ވިލާތައް ދުނިޔެ މައްޗަށް ގަދަވެގަނެއްޖެއެވެ. ކަޅު ވިލާތަކުން މުޅި ދުނިޔެ ބައްދާލާފައިވާއިރު ރޭގަނޑެކޭ ދުުވާލެކޭ ތަފާތެއް ނެތެވެ. މަޑުވަރަކަށް ޖެހެމުންދިޔަ ވައި ވެސް ހިނދަކަށްފަހު ހިނދެއް އައީ ބާރުވަމުންނެވެ. ދުވަސް ފެށިގޮތުން އެތައް ބަޔަކު ހިތްހަމަޖެހުން ފާޅުކުރަން މަގުމަތީގައި ތިއްބެވެ. އެހެނީ ވިއްސާރަ ދުވަސްވަރަކީ އެތައް ބައެއް ހިތަށް ހިތްހަމަޖެހުން ގެނުވާ ދުވަސްތަކެކެވެ.

ކުޑަ ހިފައިގެން ދުރުދުރުގައި ފިޔަވަޅު އަޅަމުން ހިނގާފައި އަންނަ ސޮފާ އަރައިގެން ހުރި ފައިވާނުގެ ޓޮށް އަޑު މުޅި ހިސާބަށް ވަނީ ފެތުރިފައެވެ. އޭނާ ހަރަކާތްތައް އަވަހެވެ. ވާރޭ އޮށްސާލުމުގެ ކުރިން ސައިކަލާއި ހަމައަށް ދާން އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ކުއްލިއަކަށް ކުރިމައްޗަށް އެރި މީހާގެ މޫނު ފެނުމާއެކު އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ.

"ކަލޭ... ކަލެއަށް މިގޭ ހަތަރުފާރުން އެތެރެއަށް ވަންނަން ހިތްވަރު ލިބުނީ ކިހިނެއް؟ ކަލެއަށް މިގެ ދެއްކީ ކާކު؟" ކުރިމަަތީގައި ހުރި އާދައިގެ އިސްކޮޅެއް ލިބިފައިވާ ޒުވާނާއަށް އަލިފާން ނަޒަރަކުން ބަލައިލަމުން ސޮފާ ބުނެލިއެވެ.

"އަަހަރެންނަށް މިގެ އިނގުނީ މިގޭތެރޭގަ އަހަރެންގެ އަނބިމީހާ ދިރިއުޅޭތީ" ފަސްޖެހުމެއްނެތި ޒުވާނާ ބުނެލިއެވެ.

"އަނބިމީހާއޭ... ލަދެއްވެސް ނުގަނޭތަ؟ ބަލަ ކަލޭ ހަނދާންނެތުނީތަ އައިރިސްއަކީ މިހާރު ކަލޭގެ އަނބެއްނޫނޭ. އަހަރެންގެ ދަރިފުޅަށް ދެން ކަލެއާ ވައިވެސް އެޅެން ނުކެރޭނެ" ގޮތުގައިހުރި ސޮފާ ބުނެލިއެވެ.

"އައިރީގެ މަންމައަށް ހާދަ އެއްޗެއް ނޭނގެއޭ. މީހެއްގެ ވިޔަފާރިން ވައްކަންކުރަން އުޅޭއިރު ތިމާއަށް ހީވަނީދޯ ތިމާއަކީ ވަރަށް މޮޅު މީހެކޭ. އެއްޗެއް އިނގޭނަމަ އައިރީ ހުރީ އަހަރެންގެ ޢިއްދައިގަކަން އިނގުނީސް ކަންނޭނގެ. އަހަރެން މިއަދު ދާނީ އައިރީ އާ ބައްދަލުކޮށްފަ. އަދިވެސް އަންބެއްގެ ހުކުމް ހިނގާނެ" ޒުވާނާ ބުނެލިއެވެ.

"އާޗާ.. ހާދަ އަނގަ ދިޔާވެއްޖޭ ދޯ. އަހަރެންގެ ކޮންމެ އަންހެންދަރިއެއްގެވެސް ދިރިއުޅުން ކޮންޓްރޯލް ކުރުމުގެ ބާރު އޮތީ ހަމައެކަނި އަހަރެންގެ އަތުގައި. އެހެރީ ކަލޭ ވަން ދޮރު ހަމަމިހާރު މިގެއިން ނިކުމޭ" ޒުވާނާގެ މޫނުމަތީގައި ފުއްޓައްކެއް ޖަހައިލަމުން ސޮފާ ބުނެލިއެވެ. އެތެރެހަށީގައި ކެކެމުންދާ ލޭތައް މައިތިރިކުރަން މަސައްކަތްކުރަމުންދިޔަ ޒުވާނާ ސޮފާގެ މޫނު ނޫން އެހެން ދިމާލަކަށް ބަލައިވެސް ނުލައެވެ.

"ކަލޭ ކަހަލަ ބިކާރީއަކާއި އަހަރެންގެ އައިރިސް އެކަށީގެންވާނީ ކިހިނެއް؟ ލަދެއްވެސް ނުގަނޭތަ؟ އަދިވެސް ދާން ނުކެރިފައި ތިހުންނަނީ ކިހިނެއްވެފަތަ؟" ސޮފާ އިއްވައިލިއެވެ.

"ބަރާބަރު ތިންމަސް. އަހަރެން މިހެރީ ކައިވެނި ރުޖޫޢަކޮށްގެން. ތިންމަސް ތެރޭގައި އައިރީ ހުންނާނީ އަހަރެންގެ ދެއަތުގެ ތެރޭގައި. ކަލޭ ހުރޭ އެތަން ބަލަން" ސޮފާއާއި މޫނާއި ދާދި ކައިރީގައި ހުއްޓި ކަންފަތް ކައިރީގައި ސިއްރެއް ބުނެލާހެން ބުނެލާފައި ޒުވާނާ އެގެއިން ނިކުމެގެން ހިނގައްޖެއެވެ. ސޮފާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ރުޅިގަނޑެއްގައި ހައްޔަރުވެފައި ހުއްޓާ ވާރޭ އޮށްސާލި އަޑު ކަންފަތުގައި ޖެހިއްޖެއެވެ. ޒުވާނާއަށް ކުދި ކިޔަމުން ސޮފާ ގެއިން ނިކުންނަން ހިނގައިގަތެވެ.

ކޮޓަރީގެ އެތަން މިތަނުގައި އުކާފައި ހުރި އެއްޗެހިތައް ފެނި އުނޭޝްގެ ބޮލުގައި ރިއްސައިގަތެވެ. ރުޅި މޫނު ހަދައިގެން އެނދުގައި އިން ތަމަންނީ ފެނުމުން އުނޭޝް ޚައިރާންވިއެވެ. އޭނާ އޮފީހަށް ދިޔައިރު ތަމަންނީގެ މޫޑު ރަނގަޅެވެ. ނަމަވެސް މިހާރު ހުރިހާކަމެއް އެވަނީ ބަދަލުވެފައެވެ. ކޮޓަރި އެންމެ އެއްގޮތީ ކުނިގޮނޑަކާއެވެ.

"ވަޓްސް ރޯންގް" އެތެރެއަށް ވަދެ ދޮރު ލައްޕައިލަމުން އުނޭޝް ބުނެލިއެވެ. ތަމަންނީ ބަހެއް ނުކިއިއެވެ. މޫނު އަނބުރާލައިގެން އިންގޮތުން އުނޭޝް ކައިރިއަށް ހިނިއައެވެ.

"ކަމެއްވީތަ؟ އަހަރެންނަށް ކަމެއް ކުރެވުނީތަ؟" މަޑުމަޑުން ހިނގާފައި އައިސް ތަމަންނީ ކައިރިން އިށީންނަމުން އުނޭޝް ބުނެލިއެވެ.

"މަގުމަތިން އިރާނިޔާއާއި ދިމާކޮށްލީ ކީއްވެ؟ އަނެއްކާ އޭނާއަށްޓަކައި ހިތް އުތުރު އަރަނީތަ؟ ވިހެއިފަހުން އޭނާގެ ރީތިކަން އިތުރުވީތަ؟" ތަމަންނީ ކިޔައިލިއެވެ. ވަގުތުން އުނޭޝްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަންތައް ތަމަންނީއަށް އިނގުނު ގޮތަކާއިމެދު ވިސްނައިލިއެވެ.

"އަހަރެން ރާނީ ފަހަތަކުން ނުދަން. އޭނާއަށްޓަކައި އަހަރެންގެ ހިތުގައި އެއްވެސް އިހުސާސެއްނެތް. އަހަރެންނަށް ދެވުނީ އަހަރެންގެ ދަރިފުޅުގެ ފަހަތުން. އެކުއްޖާ ފެނުނީމަ އަހަރެންނަށް ވީގޮތެއްވެސް ނޭނގުނު" އުނޭޝް ބުނެލިއެވެ. އޭނާގެ އަޑު މަޑުވެގެން ދިޔަކަން ތަމަންނީއަށް އިނގުނެވެ.

"ދެން ދާންވީނުން. އަހަރެންނަށް ހެޔޮ ނަޔަސް. އުނޭޝް ބޭނުން ގޮތަކަށް އުޅެބަލަ" ތަމަންނީ އެނދުން ތެދުވެގެން ގޮސް ފާހާނާއަށްވަނެވެ. އެމަންޒަރު ބަލަން އޭނާއަށް އިނދެވުނީ ކަރުނަވީ ލޮލަކުންނެވެ.

ވަޙީދުއްދީން އޮފީހަށް ވަންއިރު މޭޒު ކައިރިގައި އިން ސޮފާ އިނީ ވިސްނުންތަކެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާ ގޮސް މޭޒު ކައިރީގައި އިށިންއިރުވެސް ސޮފާއަށް ނޭނގުނެވެ. ސޮފާއާއި ދިމާލަށް ބަލަހައްޓައިގެން އިނދެފައި އޭނާ މަސައްކަތައިގެން ކުރިއަށްދާން ފެށިއެވެ.

"އޮފީހުގެ ކަންތައްތައް ބަލަން އާޝިދް އަންނާނެ ތަންކޮޅެއް ފަހުން. އޭނަ ބުނި މިއަދު ހުރިހާ މުވައްޒަފުންނާ ބައްދަލުކުރާނަމޭ" ވަޙީދުއްދީން ބުނެލިއެވެ. ސޮފާއަކަށް އެ އަޑެއް ނީވުނެވެ. އޭނާގެ ވިސްނުންތަކާއި ގުޅިފައިވަނީ އައިިރިސްގެ ފިރިމީހާ ހެނދުނު އައިސް ދެއްކި ވާހަކަތަކެވެ. ތިންމަސް ހަމަނުވަނީސް އައިރީސް ކައިވެނި ކުރުވާނީ ކިހިނެއްކަމާމެދު އޭނާ ވިސްނަމުން ދިޔައެވެ. އަތު ތެރޭގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އެނާއަށް ތެޅިގަނެވުނެވެ. ވަޙީދުއްދީން ފެނުމާއެކު ހީލެވޭތޯ އުޅުނެވެ. ނަމަވެސް ވަޙީދުއްދީންގެ ސަމާލުކަން އޭނާއަށް ނުލިބުނެވެ.

"އައިރިސް ބޭނުންވޭ ތިންމަހެއްހާ ދުވަސް އަދި މަޑުކޮށްލަން. އޭނަގެ ދޮންތައާއި ބައްދަލުކުރަން ދާން ކިޔަނީ. އަހަރެން ހުއްދަދީފިން" ސޮފާ ބުނެލިއެވެ. ވަޙީދުއްދީން އަޅައެއްނުލިއެވެ.

"ތިންމަހަށްފަހު އޭނާ އެނބުރި އައިމަ ކައިވެނީގެ ކަންތަކާއި އުޅޭނީ. އޭރުުން ދޯ އާޝިދަށްވެސް ހަމަޖެހިލެވޭނީ" ސޮފާ ބުނެލިއެވެ. އޭނާ ތެދުވެގެން އައިސް ވަޙީދުއްދީންގެ މޭޒު ކައިރީގައި ހުއްޓިއްޖެއެވެ.

"ތިކައިވެނީގެ ހުވަފެން ހަމައެކަނި ސޮފާ ތިދެކެނީ. ދުވަހަކުވެސް ތިހުވަފެން ހަގީގަތަކަށް ނުވާނެ" ފަރުވާކުޑަގޮތަކަށް ވަޙީދުއްދީން ބުނެލިއެވެ.

"ވަޓް....؟ " ސޮފާ ބުނެލިއެވެ.

"ކުރިންވެސް އަހަރެން ބުނީމެއްނު އަހަރެންގެ ދަރިފުޅަށް ކައިވެންޏަކަށް މަޖުބޫރުކުރަން ބޭނުމެއްނޫނޭ. ސޮފާވެސް ތިވިސްނުން ދޫކޮށްލާފަ ޒަހޫ އަހަރެންނާ ހަވާލުކުރޭ" ވަޙީދުއްދީން ބުނެލިއެވެ.

"އޯލްރައިޓް. އެކަމަކު ޒަހުރިއްޔާއަށް ކަލޭ ޖެހޭނީ އަލުން ބޭސްކުރަން. އަހަރެން ކަލެއާ ޒަހުރިއްޔާ ހަވާލުކުރާނީ އުމުރުދުވަހު ތެޅުނަސް ދުވަހަކުވެސް އަރައިނުގަނެވޭނެވަރު ކޮށްލާފަ" ސޮފާގެ އަޑުގައިވަނީ އިންޒާރެވެ. އޭނާ ދެލޯ ވަށްކޮށްލައިގެން ވަޙީދުއްދީނަށް ބަލަހައްޓައިގެން ހުރިއިރު ޖަންގަލީ ތެރޭގައި އުޅޭ ލޯބޮޑު ރުޅިގަދަ ޖަނަވާރަކާ ތަފާތެއްވެސް ނެތެވެ.

"ކަލޭ ތިއީ ހާދަ ރަހުމެއްނެތް އިންސާނެކޭދޯ. އަހަރެން ހަމަ ޚައިރާންވޭ. އަހަރެން މިއީ ފިރިހެނަކަށް ވީތީ މިތާ އެތެރޭގަ ކަލޭގެ މުޅި ދިރިއުޅުން އަބުރާ ޢިއްޒަތް ވެއްޔާއި މޮޑެލެވޭނެހާ ހިތްވަރު އަހަރެންގެ ހަށިގަނޑުގައި އެބަހުރި. ގައިބާރު ދެރަވެ މުސްކުޅި އަދި އަހަރެންނުވޭ. ކަލޭ ކާކަށް ތި އިންޒާރުދެނީ. ޔަޤީނުންވެސް ކަލޭގެ ބަނޑުންވެސް މިދުނިޔެއަށް އުފަންކުރީ އަންހެންދަރިންނެއް ނޫންތަ؟" ވަޙީދުއްދީންގެ ބަސްތަކުން ސޮފާ ޖެހިލުންވިއެވެ. ނަމަވެސް އޭނާ ގޮތްދޫކުރަން ބޭނުމެއްނުވިއެވެ.

"އަހަރެން ހަމަ މިރޭ ޒަހުރިއްޔާގެ ކޮޓަރިއަށް ފިރިހެނަކު ވައްދާނަން" ސޮފާ ބުނެލިއެވެ.

"ވައްދާ... އެކެއްނޫން. ތިންހަތަރު މީހުން ވައްދާ. މާދަމާ އޮފީހަށް ކަލޭ އައުމާއެކު ތި މުޑުދާރު ހަށިގަނޑު ޝިކާރަކުރަން ހުންނާނީ ހަމަ އެންމެ ފިރިހެނެއް.... ހެހެހެ...." މަލާމާތުގެ ހިނިގަނޑަކާއެކު މޭޒުމަތީގައި އޮތް އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އޮފީހުން ނިކުންނަން ދިޔައެވެ. ސޮފާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ހިނގާފައިދާ ވަޙީދުއްދީނާ އާޝިދާއި އެއްވެސް ތަފާތެއްނެތެވެ.

"ޒަހުރިއްޔާ... ކާކުބާ...؟" މިހުރިހާއިރު ދޮރު ކައިރީގައި އެތެރޭގައި ދެކެވުނު ވާހަކަތައް އަޑުއަހަން ހުރި އާޝިދް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއީ ކާކުކަން ހޯދުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟