ވާހަކަ

ދެކިލަން އެދޭތީ - 30

1

މުޅި މާހައުލަށް ވެރިވެގެން ދިޔައީ ނުތަނަވަސްކަމެވެ. ލިބުނު ސިހުމުގައި އީވާއަށް ހީވީ އޭނަގެ މުޅި ވުޖޫދު ވެސް އެނބުރެން ފެށިހެންނެވެ. ފައިގެ ދަށުގައި އޮތް ބިންގަނޑަށް ލޮޅުން އަރައިގެން ދިޔަ ކަމުގެ އިހުސާސާއެކު ބެންޗުގައި އަތް ވިއްދާލެވުނެވެ. މުޅި ނަފުސަށް ވެރިވެގެން އައީ ބިރުވެރިކަމެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔަ އެވެ. މޫނުގެ ދިރުން ގެއްލި ހުދުވާން ފެށިއެވެ. ނޭވާލާން ވެސް ދަތިކަމަކަށް ވިއެވެ.

ޖާދިންއާ ދިމާއަށް ބަލަން އީވާއަށް ހުރެވުނީ ބޮޑު ބިރެއް ފެނުނު ފަދައަކުންނެވެ. ލޮލަށް ފެންނަ މަންޒަރުތައް ޤަބޫލުކުރަން އިންތިހާއަށް ދަތި ވިއެވެ. ހިނިތުންވުމަކާއެކު އޭނައަށް ބަލަން ހުރި ޖާދިން ފެނުމުން އީވާ އުފަލެއް ނުވިއެވެ. ހިތަށް ފިނިކަމެއް ވެސް ނުލިބުނެވެ. އެއާ ޚިލާފަށް އޭނަ ގަތީ ބިރެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައީނުން ހީވީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެހެންނެވެ. ސިއްރުކުރަން އުޅުނު ހަޤީޤަތްތައް ބޭޒާރު ވާން އުޅޭކަމުގެ އިންޒާރުގެ ރަނގަބީލުތައް އިވެން ފެށިއެވެ. މީހާގެ ވުޖޫދަށް ސިހުން ގެނުވާފައެވެ.

ހިންދިރުވާލަން އުނދަގޫވެފައިވާ ހާލު އީވާއަށް ބަލައިލެވުނީ މާކިން އަށެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އީވާއަށް އިސްޖަހާލެވިއްޖެއެވެ. މާކިންއާއި ކުރިމަތިލުމުގެ ހިތްވަރު ގެއްލުނު ފަދައިންނެވެ.

ލިބުނު ހައިރާންކަމާއެކު އީވާގެ މޫނަށް މާކިން ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ. އެއަށްފަހު ރައުހާއަށް ވެސް އޭނަ ނަޒަރެއް ދިނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ސިހުމާއި ބިރުވެރިކަމުގެ ނިޝާންތައް އޭނަ ދުށްޓެވެ. ހާއްސަ ގޮތެއްގައި އޭނައާއި ނަޒަރު ބައްދަލުކުރަން އީވާ ޖެހިލުންވެފައި ހުރިކަން އޭނަ ދެނެގަތެވެ. އިސްއޮބާލައިގެން ހުރީ ކުށްވެރިޔަކު ފަދައިންނެވެ. އޭނައާއި ކުރިމަތިލާން ޖެހިލުންވެފައިވާ ފަދައަކުންނެވެ. އެމޫނު މައްޗަށް ވެރިވެފައިވި ހުދުކަން ވެސް އޭނައަށް ފާހަގަ ކުރެވުނެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު މާކިންއަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭނަގެ ނަޒަރު ކުރިއަށް ހިނގަމުން އައި ޒުވާނާއަށް ހުއްޓުނެވެ. އެއީ ދަންނަ ސޫރައެއްހެން ވެސް އޭނައަށް ހީވިއެވެ.

މާކިން ބަލަމުން ދަނިކޮށް، ޖާދިން އައިސް އީވާގެ ގާތަށް ހުއްޓިއްޖެއެވެ. އަދި ގެނައި އަވަސް ހަރަކާތާއެކު އެއަތުގެ ތެރެއަށް އީވާ ގެނެސްފިއެވެ.

މަންޒަރު ބަލަން ހުރި މާކިންއަށް ހީވީ އޭނަގެ މޫނުމަތީގައި މީހަކު ބާރަ ގަދަ އެތިފަހަރެއް އަޅުވާލިހެންނެވެ. ޤަބޫލުކުރަން ދަތިވެފައިވާ ހާލު ބަލަން ހުރެވުނެވެ. އީވާއާއި އެހާ ގާތަށް ފިރިހެނަކު އައުމުން ހިތަށް ރުޅިވެރިކަމުގެ އަސަރު ވެސް ވެރިވެގެން ދިޔަ އެވެ. އޭނައަށް އަތްމުށްކަވާލެވުނެވެ. ވަގުތުން އީވާގެ ގާތަށް ފިޔަވަޅެއް އަޅާލެވެން އުޅުނެވެ. ނަމަވެސް، ކަންފަތުގައި ގުގުމާލި ޖުމްލައާއެކު އޭނަގެ ދެފައިގައި ހިލިހިލާ ޖެހިގެން ދިޔަ އެވެ. ސިހުން ލިބުނެވެ. ހުއްޓުން އަރާފައި ލޯކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތައް ބަލަން ހުރެވުނެވެ.

''އޯހް އީވް!، އީވްއާ ބައްދަލުކުރާ ހިތުން އަހަރެން ހުރީ ކެތްތެރިކަން ކުޑަވެފަ، ފާއިތުވެ ދިޔަ ހުރިހާ ދުވަހެއްގެ އިންތިޒާރަށް ނިމުން އައިސްފިހެން އިހުސާސްކުރެވެނީ، އީވް ފެނުމުން މިހިތަށް ފިނިކަމެއް ލިބިއްޖެ، ވަރަށް ބޮޑަށް އުފާވެއްޖެ...'' ޖާދިން ވާހަކަދެއްކިއެވެ. އީވާއާއި ދުރަށް ޖެހިލުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ވާހަކަ ދައްކަމުން ކުރިއަށް ވުރެން ބޮޑަށް އީވާގެ ގައިގައި ބައްދާލެވިއްޖެއެވެ. އީވާއާއި ބައްދަލުވުމުން ލިބިފައިވި އުފާވެރިކަން އެތުންފަތަށް ވެރިވަމުން އައި ފުޅާ ހިނިތުންވުންތަކުން ރަމްޒުކޮށްދެއެވެ. މޫނުމަތިން ވެސް ފެންނަނީ ހިތްހަމެޖެހުމުގެ އަސަރެވެ.

ޖާދިންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަން އީވާ ބޭނުން ވިއެވެ. އެގާތްކަމުން ހިތުގައި ރިހުމެއް އުފަން ވެއްޖެއެވެ. ޖާދިންގެ އަތުގެ ބީހުންތަކުން ހަށިގަނޑުގައި ދިލަ ހޫނުކަމެއް އުފަން ވެގެން ދިޔަ އެވެ. އެއަތުގެ ތެރޭން ނިކުންނަން އޭނަ ބޭނުން ވިއެވެ. ނަމަވެސް، އިނގިއްޔެއްހާ މިންވަރު ވެސް ހަރަކާތް ކޮށްނުލެވުނެވެ. މުޅި މީހާ ބަލިކަށިވެފައިވާ ކަހަލައެވެ. ލިބުނު ޝޮކު އަދި ވެސް ފިލައިގެން ނުދެއެވެ. ވަށައިގެންވާހާ މަންޒަރެއް އެނބުރެމުން ދިޔަ ކަހަލައެވެ. ކުރިމަތިލާން ޖެހިފައި އޮތް މުސީބާތުގެ ސަބަބުން ގިލަން ވެރިކަން ހިތަށް ވެރިވަމުން އައެވެ. އެހުރިހާކަމެއް ސިކުނޑިއަށް ނަގައިގަންނަން ދަތިވެއްޖެއެވެ.

''އީވް... ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ؟... އަހަރެން ފެނުނީމަ ޝޮކެއް ލިބުނީދޯ... ހެހެހެ، ވާނީވެސް އެހެންތާ... ނުފެނި ހުރެ އެހާ ގިނަ ދުވަސް ފަހުން ފެނުނީމަ އެހެން ވެސް ވާނެތާ، އޯހް އައި މިސްޑް ޔޫ ސޯ މަޗް، ދުލަކުން ބަޔާން ކޮށެއް ނުދެވޭނެ...'' އީވާއާއި ދުރަށް ޖެހިލަމުން ޖާދިން ބުނެލިއެވެ. އީވާ އިސްތިރިކޮށްގެން ހުރުމުން، އީވާގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި އަޅުވާލަމުން ޖާދިން ވާހަކަ ދެއްކިއެވެ. ޖާދިންގެ އެހަރަކާތުން އިސްއުފުލަން އީވާއަށް މަޖުބޫރު ވިއެވެ. އޭރު އެދެލޮލަށް ކަރުނަ ޖަމާވެފައި ވިއެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން އީވާއަށް ބަލައިލެވުނީ މާކިންއަށެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަމާއި ސިހުމުން އީވާގެ ހިތުގައި ރިއްސާލައިފިއެވެ. އެއާއެކު ތޫނު ތަދެއް މޭގެ ތެރޭގައި އުފެދިގެން އައެވެ. މާކިންގެ ރީތި ދެލޮލުން ފެންނަމުން ދިޔަ ޝުއޫރުތަކުން، އީވާގެ ނަފުސު ކުށްވެރިކަމުގެ ކަސްތޮޅު ތަކުގެ ތެރޭގައި ގައިދުވެއްޖެއެވެ.

''ރޮނީތަ؟، އެހާ ބޮޑަށް އަހަރެން ދެކެ ލޯބިވޭތަ؟...'' އީވާގެ ކޯތާފަތުން ރޮނގުދަމާލި ހިތްދަތިކަމުގެ ކަރުނަތައް ފޮހެލަދެމުން ޖާދިން ބުންޏެވެ. އޭރު އެކަރުނަތަކުގެ ސިއްރެއް ޖާދިންއަކަށް ނޭނގެއެވެ. އީވާގެ ހިތުގައި އުފެދިފައިވި ހައިޖާންގަނޑުގެ ހިލަމެއް ވެސް ނުވިއެވެ.

އީވާގެ ނަޒަރު ހުއްޓިފައިވަނީ މާކިން އަށެވެ. މާކިން އޭނައާއި ނަޒަރު ވަކިކޮށްލި ގޮތުން އީވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މޭގައި އުތުރިއަރައިގެން އައި ތޫފާނުގެ ދިލަހޫނުކަން އަރުތެރޭން ބޭރު ވިޔަ ނުދީ ގައިދުކުރަން ބޭނުން ވީތީއެވެ.

ފެންނަމުން ދިޔަ މަންޒަރުތަކުގެ ހިތި ހަޤީޤަތާ ކުރިމަތިލާން މާކިންއަށް އުނދަގޫކަމަކަށް ވިއެވެ. ޤަބޫލުކުރަން އިންތިހާއަށް ދަތިވިއެވެ. އީވާއާއެކު އެހުރި ޒުވާނާއާއި ދެމެދުގައި ވަނީ އާދައިގެ ގުޅުމެއް ނޫންކަން ވިސްނައިގަންނަން މާހިރެއްގެ ލަފައެއް ބޭނުމެއް ނުވިއެވެ. އީވާގެ ހިމޭންކަމާއި، އެމޫނުމަތިން ފެންނަމުން ދިޔަ ހިތްދަތިކަމުން ހުރިހާ ވާހަކައެއް މާކިންއަށް ކިޔައިދެމުން ދިޔަ އެވެ. ހިތަށް ތަކުލީފު ލިބެމުން ދިޔައީ އޭގެ ސަބަބުންނެވެ. އީވާ އޭނައަށް އޮޅުވާލަފާނެކަން ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. އިތުބާރު ފުނޑުފުނޑު ކޮށްނުލާނެކަމުގެ އުއްމީދު އެހިތުގައި ވީތީ އެވެ. އޭނައަށް ބޭވަފާތެރިވެދާނެކަން ޤަބޫލުކުރަން ޒަމީރު ދެކޮޅު ހަދަމުން ދިޔަ އެވެ. ނަމަވެސް، ފެންނަމުން ދިޔަ ހުރިހާ ކަމެއްގެ މާނަ އޭނަ ނަގަން ވީ ކިހިނެއް ހެއްޔެވެ؟ އެހުރިހާ ކަމެއް ގުޅުވާލަމުން ފެންނަނީ އެންމެ މަންޒަރެކެވެ. އެއީ ބިރުވެރި އަދި ހިތްދަތި މަންޒަރެކެވެ.

އޭނަ އީވާއަށް ކުރި ހުރިހާ އިތުބާރެއް އޮޔާލާ ދަނީ ހެއްޔެވެ؟ ވެވުނު ލޯބި އަވާމެންދުރަކަށް ބަދަލުވަނީ ހެއްޔެވެ؟ ލޯތްބަށް ދިން ދެވަނަ ފުރުސަތުގައި ވެސް ކެހިވެރިކަމާ ކުރިމަތިލާންވީ ހެއްޔެވެ؟ އީވާ އޭނަ ދެކެ ވީ ތެދުވެރި ލޯބި ހެއްޔެވެ؟ ނޫނީ އޭނަގެ އިހުސާސްތަކާ ކުޅެލީ ހެއްޔެވެ؟ ދުވަސްކޮޅަކަށް ހިތްހަމަޖައްސާލަން އިހްތިޔާރުކުރި ބައިވެރިޔަކަށް އޭނަ ބަދަލުވީ ހެއްޔެވެ؟ ހުރިހާ ހަޤީޤަތެއް ކިޔައި ދިނުމުން ވެސް އޭނަގެ ހިތް ހަލާކުކޮށްލީ ހެއްޔެވެ؟

''ކޮބާތަ އެންގޭޖްމެންޓް ރިންގް؟...'' އީވާގެ އަތުގައި ހިފާލަން އުޅުނު ޖާދިންއަށް އީވާގެ ކަށިއިނގިލީގައި އަނގޮޓި ނެތްކަން ރޭކާލިއެވެ. އެއާއެކު ކަންބޮޑުވުމާއެކު އީވާގެ މޫނަށް ބަލައިލިއެވެ. ހިތަށް ލިބިފައިވި އުފާވެރިކަމުގެ ސަބަބުން މިހުރިހާ އިރު އީވާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްދަތިކަމުގެ އަސަރުތަކަށް، ޖާދިންއަށް ސަމާލުކަމެއް ނުދެވުނެވެ. ހިތަށް ވެރިވެފައި އޮތް ހަމަޖެހުމުގެ ސުކޫތަށް ނިމުން އަތުވުމާއެކު، މާހައުލަށް އޭނަ ސަމާލުވެލިއެވެ.

ޖާދިންއަށް ފަސްއެނބުރި ބަލައިލެވުނީ، އީވާ ބަލަހައްޓައިގެން ހުރި ދިމާއަށެވެ. އެއާއެކު އޭނަގެ ނަޒަރު ސީދާވެގެން ދިޔައީ އެތާ ހުރި ޒުވާނާ އަށެވެ. ދުވަހަކު ވެސް ދެކެފައިވާ މޫނެއް ނޫނެވެ. އެހިނދު ހައިރާންކަން އޭނައަށް ލިބުނެވެ. އޭނަ ރައުހާއަށް ވެސް ނަޒަރެއް ދިނެވެ. އެމޫނުމަތިން އޭނައަށް ފެންނަމުން ދިޔައީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. އެއާއެކު ހިތުގައި ސުވާލު އުފެދިގެން ދިޔަ އެވެ. މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން ވެސް އޭނައަށް ނަގައިގަނެވުނެވެ. އެއީ ކީއްވެގެން ބާވައޭ ޖާދިންއަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ.

''ޖާދިން...'' ހިތްވަރުކުރަމުން އީވާއަށް ގޮވާލެވުނެވެ. އޭރު ޖާދިންގެ ނަޒަރު ވެސް އީވާގެ މޫނަށް ހުއްޓިއްޖެއެވެ. އެމޫނުން ފެންނަމުން އައި ހިތްދަތިކަމުގެ އަސަރުތަކުން ހިތް ގެނބުނުހެން ހީވިއެވެ. ބިރުވެރިކަން ވެސް ހިތަށް ސަވާރުވާން ފެށިއެވެ. އޭނަ ފެނުމުން އީވާގެ ފަރާތުން އުފާވެރިކަން ފެންނާނެ ކަމަށް ހާދަ އުއްމީދެއްކުރެވުނެވެ. ނަމަވެސް އޭނައާއި ބައްދަލު ކުރީ މުޅިން ތަފާތު އީވާއެކެވެ. ބިރުވެރިކަމާއި ސިހުމުގެ އިތުރުން އެމޫނުމަތިން ފެންނަނީ ގިލަން ވެރިކަމެވެ. އެބަދަލުތަކުގެ މާނަ ނަގަންވީ ކިހިނެއްކަން ވިސްނައިގަންނަން ޖާދިންގެ ސިކުނޑިއަށް ނުކުޅަދާނަ ވިއެވެ. ހިތުގެ ކަނަކުން ދިން އިންޒާރުގެ ރަނގަބީލާއެކު ނުދަންނަ ޒުވާނާއަށް ބަލައިލެވުނެވެ. އެއީ ކާކު ހެއްޔެވެ؟ އެޒުވާނާއަށް މޮޅިވެރިކަމުގެ ދެލޮލުން އީވާ ބަލަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ ފެނުމުން އީވާ އުފާ ނުވީ ކީއްވެގެން ހެއްޔެވެ؟ އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކާ ގުޅިފައިވަނީ އެޒުވާނާ ހެއްޔެވެ؟ އެޒުވާނާއާއި އީވާއާ ދެމެދުގައި އޮތީ ކޮން ކަހަލަ ގުޅުމެއް ހެއްޔެވެ؟

ޖާދިންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ. ސިއްރުތައް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. އޭރު އެހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ އެވެ. ކުރިމަތިލާން ޖެހިދާނެ ހަޤީޤަތެއްގެ ބިރުވެރިކަމުންނެވެ. ޖާދިންއަށް އަނެއްކާ ވެސް އީވާގެ މޫނަށް ބަލައިލެވުނެވެ.

އީވާގެ ނަޒަރު އަދި ވެސް ސީދާ ވެފައި ވަނީ މާކިން އަށެވެ. އެއީ ޖާދިންއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ. އީވާގެ ދެލޮލުން ފެންނަމުން ދިޔަ ކަރުނައިގެ އަސަރުތަކުން ޖާދިންގެ ހިތް ބިރު ގަންނުވާލައިފިއެވެ.

މާކިންއަށް ހުރިހާ ކަމެއް ވިސްނައިގަނެވުނެވެ. ޖާދިންއާއި އީވާގެ ދެމެދުގައި އޮތް ގުޅުމެވެ. ޚާއްސަކަމެވެ. އަނގޮޓީގެ ވާހަކަ ދެކެވުމުން މާކިންއަށް މުށްބާރުކޮށްލެވުނެވެ. އެހިތް އޭރު ވަނީ ޒަހަމްވެފައެވެ. ރުޅިވެރިކަމާއެކު އީވާއަށް މާކިން ބަލައިލިއެވެ. ބޭވަފާތެރިކަމުގެ ސިއްކަ އީވާގެ ނަމުގައި ޖަހާލެވުނެވެ. އިތުރަށް އެންމެ މިނެޓެއް ވެސް މަޑުކުރަން މާކިން ބޭނުމެއް ނުވިއެވެ. ހިތުގައި ރިހެން ވެސް ފަށައިފިއެވެ. އީވާ ދެކެ ވެވުނު ލޯބީގެ ފޮނިކަން ޒަހަރަކަށް ބަދަލުވެއްޖެއެވެ. މީހާއަށް ވޭނާއި ކެކުޅުން ގެނެސްދެމުންނެވެ. އޭނަ އީވާއަށް ހާދަހާ އިތުބާރެއް ކުރިއެވެ. ލޯބި ދިނެވެ. އެހިތް ހުޅުވާލަދިނެވެ. މާޒީގެ ޒަހަމްތަކުން ޝިފާއެއް ލިބިދާނެ ކަމަށް އުއްމީދުކުރިއެވެ. އެހެނަސް، އޭނަ ވީ ލޯބީގެ ބަދަލު އީވާއަށް ދޭން އެނގުނު ގޮތަކީ އެއީ ހެއްޔެވެ؟ ރަހުމެއް ނެތި އެހިތް ހަލާކުކޮށްލީ ކީއްވެގެން ހެއްޔެވެ؟ އޭނަ ދެކެ އީވާ ދުވަހަކުވެސް ލޯބީ ވީ ހެއްޔެވެ؟

ހިތުގައިއަޅަން ފެށި ވޭނުގެ މައްޗަށް މާކިންއަށް އިސްކުރެވުނީ ރުޅިވެރިކަމެވެ. ކުރީގެ ރުންކުރު މިޒާޖަށް އެނބުރި ރުޖޫއަވިކަހަލައެވެ. އޭނަ އީވާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. ނަފުރަތުގެ އަސަރު އެދެލޮލުގައި ވިއެވެ. އިތުރު އެއްވެސް މީހަކު ކިޔައި ނުދިން ކަމުގައި ވިޔަސް އޭނައަށް ހަޤީޤަތް ފަހުމުވެއްޖެއެވެ. އީވާ އަކީ ބޭވަފާތެރިއެކެވެ. މަކަރުވެރިއަކެވެ. ހީލަތްތެރިއަކެވެ. އެނޫން ލަޤަބެއް ދެވެން ނެތެވެ.

މާކިންގެ ލޮލުގައިވި ރުޅިވެރިކަމުން އީވާގެ ހިތުގައި ލޭކޮށިގެން ދިޔަ އެވެ. ވޭނީ އާހެއް އެދުލުން ބޭރުވެގެން ދިޔަ އެވެ. އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނު ވަގުތު، އެތަނުން ދިއުމަށް މާކިން ފުރަގަސް ދީފިއެވެ. އީވާއަށް ހީވީ އެނާޒުކު ހިތުގައި ބާރުގަދަ އަތަކުން ހިފައި ރަހުމެއް ނެތް ގޮތެއްގައި ދެފަޅިއަށް އިރާލި ހެންނެވެ. އެތޫނު ރިހުމުން ޖިސްމަށް ވޭން ލިބިގެން ދިޔަ އެވެ. ތާޒާ ކަރުނަތައް ލޮލަށް ޖަމާވާން ފެށިއެވެ. ހިތުގެ ކެކުޅުންތައް ބަރުދާސްތުކުރަން ދަތިވި ހިނދު ކަރުނައިގެ އުދާސްކަން އިހްތިޔާރުކޮށް ބޭރުވާން ފެށި އެވެ. ހިތުގައި ޒަހަމްތައް އުފަން ކުރުވަމުންނެވެ.

މާކިންގެ ފަހަތުން ދާން އީވާ ބޭނުން ވިއެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅާލެވުނު ވަގުތު އެއަތުގައި ޖާދިން ހިފަހައްޓައިފިއެވެ. އެއާއެކު ދެފައިގައި ހިލިހިލާ ޖެހިގެން ދިޔަ އެވެ. އިތުރަށް އެންމެ ފިޔަވަޅެއް ވެސް އަޅާނުލެވުނެވެ. އެސްފިޔަތަކަށް ނުކުޅާދާނަވި ހިނދު، ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. އީވާއަށް ގިސް ލެވުނެވެ.

އީވާއަށް ބަލަން ހުރެފައި، އެތަނުން ދާން މިސްރާބު ޖެހި މާކިންއަށް ރައުހާ ނަޒަރެއް ދިނެވެ. ޖާދިންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އެންމެ ރަނގަޅު ވަނީ، ޖާދިންއާއެކު އީވާ އެކަނިވުމަށް ދޫކޮށްލުން ކަމުގައި ރައުހާއަށް ވިސްނުނެވެ. ހަމައެއާއެކު އީވާ ދެކެ އެފަދައިން ރުޅިއައުމުގެ ފުރުސަތު މާކިންއަށް ދެވޭކަށް ވެސް ނެތެވެ. އެކުވެރިޔާގެ ކަރުނައަޅަމުން އެދަނީ ހިތުގައި ޖެހިގެންނެވެ. އެކަރުނަތައް ގުޅިފައިވަނީ މާކިންއާއެވެ. ކުރިން ވެސް މިފަދައިން ކަންތައް ވެދާނެ ކަމުގެ ބިރުވެރިކަން އެހިތުގައި އޮތެވެ. ނަމަވެސް މިހާ ކުއްލި ގޮތަކަށް ހަޤީޤަތް ނިއުޅިގެން ހިނދައިދާނެ ކަމަކަށް އޭނައަށް ލަފާކޮށް ނުލެވުނެވެ. މާކިން ރުޅިއައިސްގެން ގޮސްފިނަމަ ދެން ކަންތައް ވެދާނެ ގޮތަކާ މެދު ހިތުގައި އުފެދުނު ބިރުވެރިކަމާއެކު، މާކިންގެ ފަހަތުން ރައުހާއަށް ހިނގައިގަނެވުނެވެ. ހަޤީޤަތް ހާމަކުރަން އީވާއަށް ދެވުނު ފުރުސަތު އެވަނީ ގެއްލިގެން ގޮސްފައެވެ. އިތުރަށް މަސްލަހަތު ބޮއްސުން ލައިގެން ނުދަނީސް އަލިމަގެއް ފެނޭތޯ ބަލަން އެބަޖެހެއެވެ.

*****

އީވާއަށް ރޮވެނީއެވެ. ލަގޮނޑިއަށް ކެތްކުރަން ދަތިވަނީއެވެ. ހިތްދަތިކަމުގެ ރާޅު އައިސް މޭތެރެއަށް ބިންދާލުމާއެކު ވޭނީ ގިސްލުމެއްގެ އަޑު ވެސް ތުންފަތް ފޫއަޅުވާލާފައި ބޭރުވެގެން ދިޔަ އެވެ. ހިތްދަތިވެފައިވާ މިންވަރު އެދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން ހާމަކޮށްދެއެވެ.

ވަށައިގެން ހޭލަމޭލަވަމުން ދިޔަ މީހުންގެ ނަޒަރުތައް ވެސް އީވާއަށް ހުއްޓެމުން ދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ވަރަށް ވުރެން އީވާގެ ހާލަތު ގޯހެވެ. ވޭން ބަރުދާސްތުކުރަން ދަތިވެ ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެނައުން ދަތިކަމަށް ވެއްޖެއެވެ. މާކިންގެ ދެލޮލުން އޭނަގެ ބޮލުގައި އެޅުވި ބޭވަފާތެރިކަމުގެ ލަޤަބުން ހިތް ކުދިކުދިވަނީއެވެ. އެދެލޮލުން އަމާޒުވި ރުޅިވެރިކަން، ރުވާފަ ދޫކޮށްލި ދުނި ތީރުތަކެއް ފަދައިން އައިސް މޭގެ އެންމެ ފުން މިނަށް ހެރިއްޖެއެވެ. ނަސުފަށް ވޭނާއި ރިހުން ގެނެސްދެމުންނެވެ. ކެހިވެރިކަމާއި، އޮޅުވާލުމުގެ އިލްޒާމު ވެސް އޭނަގެ ބޮލުގައި އެވަނީ އެޅިފައެވެ. އެހުރިހާ ކަމަކަށް އޭނައަށް ކެތްކުރެވިދާނެ އެވެ. ނަމަވެސް، މާކިންގެ ދެލޮލުން ފެނުނު ރުޅިވެރިކަމާއި ނަފުރަތަށް އޭނަ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެލޯތްބާއި ދުރަށް އޭނަ ދާނީ ކިހިނެއް ހެއްޔެވެ؟ އެވޭން އޭނަ ބަރުދާސްތުކުރާނީ ކިހިނެއް ހެއްޔެވެ؟

ފުރާނައިގެ ދިރުން ގެއްލިފައިވާ މީހަކު ފަދައިން ގަބުވެފައި އީވާއަށް ރުހެވުނެވެ.

''އީވް!...'' އީވާގެ ކުރިމައްޗަށް ހުއްޓެމުން ޖާދިން ގޮވާލިއެވެ.

އީވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޖާދިންގެ ހިތަށް ތަދުވަމުން ދިޔަ އެވެ. އެހިތުގައި އިތުރު ރިހުމެއް އުފެދުނީ، އީވާގެ ކަރުނަތަކުން ހާމަކުރަން އުޅޭ ހަޤީޤަތުގެ ސަބަބުންނެވެ. ތަފާތު އެކިއެކި ވަހުމުތައް ހިތަށް ސަވާރުވަމުން ދިޔަކަމުގައި ވިޔަސް، އެއިން އެއްވެސް ކަމަކަށް ސަމާލުކަންދޭން އޭނަ ބޭނުމެއް ނުވިއެވެ. އީވާއަށް އިތުބާރުކުރަން އޭނަގެ ހިތް ގޮވަމުން ދިޔަ އެވެ. އެދެމެދުގައި އޮތް ލޯތްބަށް ވެސް މެއެވެ. ކަތިފިޔަވަޅެއް އީވާ ނުނަގާނެއެވެ. އޭނަދެކެ ވާ ލޯބީގެ ސަބަބުން، އީވާ އެވަނީ އޭނައާއި ކައިވެނި ކުރަން އެއްބަސް ވެފައެވެ. ދެން އިތުރު މީހެއްގެ ގާތަށް އީވާ ދިޔުން އެއީ ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. އެހެން ވެގެން ވެސް ނުވާނެއެވެ. އީވާއަކީ ހަމައެކަނި އޭނަގެ މީހެކެވެ. ހިތުގައި އެވާ ވަހުމާއި ޝައްކުތައް ފޯދި އޭގެ މޫތަށް ހިތުގައި އަތްގަދަކޮށްލުމުގެ ފުރުސަތު ދެވޭކަށް ނެތެވެ.

ނަމަވެސް... ހިތުގައި ޖެހި އީވާ ރޮނީ ކީއްވެގެން ހެއްޔެވެ؟ އެހިތާމަތަކުގެ އަސްލަކީ ކޮބާހެއްޔެވެ؟ އެސުވާލުތަކުން ޖާދިންގެ ހިތުގެ ހަމަޖެހުން ގެއްލުވާލައިފިއެވެ.

''އީވް، ރޮނީ ކީއްވެގެންތަ؟...'' ޖާދިންއަށް އަހާލެވުނެވެ. ކަންބޮޑުވުމުގެ އަސަރުތައް އެއަޑުގައިވިއެވެ.

ޖާދިންގެ ސުވާލަށް އީވާއަށް ޖަވާބެއް ނުދެވުނެވެ. ހަޤީޤަތުގައި ޖާދިންއާއި ކުރިމަތިލުމުގެ ހިތްވަރެއް ވެސް އީވާގެ ނެތެވެ. އޭނައަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތްކުރިއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިކަމުގައި ވިޔަސް ހަޤީޤަތާ ކުރިމަތިލާން އެބަ ޖެހެއެވެ. މަސްލަހަތާ މެދު ވިސްނަން އެބަޖެހެއެވެ.

''އީވް، އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ، ތަނަކަށް ތަދުވަނީތަ؟...'' ނުތަނަވަސްކަމާއެކު ޖާދިން އެހިއެވެ. އޭނަ އީވާގެ އަތުގައި ހިފަން އުޅުނެވެ. ހުއްޓުން އެރީ އީވާ ގެނައި އަވަސް ހަރަކާތާއެކު ފަހަތަށް ޖެހިލުމުންނެވެ. ހައިރާންކަމާއެކު އީވާއަށް ބަލަން ޖާދިންއަށް ހުރެވުނެވެ.

''އީވް؟...'' ޖާދިންއަށް ގޮވާލެވުނެވެ. އީވާ އެދެމެދަށް ގެނައި ދުރުކަމުން ހާސްކަން ހިތަށް ވެރިވެގެން ދިޔަ އެވެ.

ކަރުނަތައް ފޮހެލަމުން ޖާދިންގެ މޫނަށް އީވާ ބަލައިލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟