ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 27

ހަތާވީސްވަނަ ބައި

"ޒަމްއަށް ތިހީވީ ރަނގަޅަށް. އަހަރެން ހިތުން އެދެނީ އެހެން ލޯތްބަކަށް. އޭނާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ ހިތް ބަދަލުވެއްޖެ" ހިނިތުންވެފައި އިން ޒަމްހާގެ އަތުގައި ހިފައިލަމުން އިރާނިޔާ ބުނެލިއެވެ.

ދުވަހުގެ ހެނދުނު ވަގުތެވެ. ގޯތިތެރެއަށް ޖެހެމުންދިޔަ ގުދުރަތީ އަރާމު ވައިގެ މީރުކަން ލިބިގަތުމަށް ރުޒާނާއާއި އިރާނިޔާ ޖޯލިތަކުގައި ތިއްބެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ކަމުގައި ވިޔަސް އެގޯތީގައި ހައްދާފައިވާ ގަސްތަކުން މުޅި ތަނަށް ވަނީ ހިޔާއަރާފައެވެ. ތަންކޮޅެއް ދުރުގައި ގުމްރޫހް ހޫރު ގޮވައިގެން ސަކަރާތްޖެހުމުގައި އުޅެއެވެ. އެތެރެބައިން މީހަކު ސަލާމް ގޮވައިި އަޑު ރުޒާނާގެ ކަންފަތުގައި ޖެހުނެވެ. އޭނާ ދޮރުހުޅުވަން ދިޔައިރު އެމީހަކު އެތަނުން ހިނގައިގަނެއްޖެއެވެ. ހުޅުވާފައި ހުރި ދޮރާށިން ވަން މާލިކް ފެނި ސަލާމް ގޮވީ އޭނާކަން ރުޒާނާއަށް އިނގުނެވެ. އޭރު ފޯނަށް ބަލަހައްޓައިގެން އިން އިރާނިޔާއަށް ވަދެގެން އައި މާލިކެއް ނުފެނެއެވެ.

"މާލިކް....!!" އިރާނިޔާ ބަލައިލީ ރުޒާނާ މާލިކްގެ ނަން ކިޔައިލި އަޑަށެވެ. ދުރުގައި ހުރި ގުމްރޫހް ވެސް އައިސް އިރާނިޔާ އަތަށް ހޫރު ދީފިއެވެ.

"އިށީންނަންވީނޫންތޯ..." އަދަބުވެރިކަމާއެކު ރުޒާނާ ބުނެލިއެވެ.

"ކޮބާ އީސަ؟ ހުރިހާކަމެއް ރަނގަޅަށްތަ ކުރިއަށްދަނީ؟" ރުޒާނާ ދެއްކި ގޮނޑީގައި އިށީންނަމުން މާލިކް ވާހަކަދެއްކިއެވެ.

"ހެނދުނު ރުއްދަނޑަށް ދިޔަ ގޮތަށް އަދި ނާދޭ" ރުޒާނާ ބުނެލިއެވެ. މާލިކަށް ބަލަހައްޓައިގެން ހުރި އިރާނިޔާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. މާލިކް ފެނުމުން އޭނާގެ ހިތަށް މާބޮޑަށް އަސަރުކޮށްފިއެވެ.

"ދަރިފުޅާ! އަވަހަށްދޭ މާލިކްބެ ބޯލާނެ ފިނި ބުއިމެއް ހިފައިގެން އަންނަން" ރުޒާނާ ބުނެލިއެވެ.

މާލިކްގެ ސަމާލުކަން އިރާނިޔާ އުނގުގައި އިން ހޫރަށް ހުއްޓިއްޖެއެވެ. އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އިރާނިޔާ އަތުގައި އިން ހޫރު އުރާލިއެވެ.

"މަންމަ....؟" އެހިސާބަށް ބުނެފައި އިރާނިޔާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ރޮވެންފެށުުމާއެކު އޭނާއަށް ތުންފަތުގައި ދަތްއަޅާފައި އިސްޖަހައިލެވިއްޖެއެވެ. މާލިކް އަތުގައި އިން ހޫރު ރުޒާނާ އުރާލިއެވެ. ވާހަކަދައްކަން މާލިކާއި އިރާނިޔާއަށް ވަގުތުދީފިއެވެ.

"އެއްވެސް އަޅަކަށް ނުއުފުއްލެވޭވަރުގެ ތަކުލީފެއް އެކަލާނގެ އެއްވެސް އިންސާނަކަށް ނުޖައްސަވާނެ. ކޮންކަމަކާއި ތިވަރަށް ހިތާމަކުރަނީ. މިހާރު ދަރިފުޅަށް މެދުވެރިވެފައި ތިވަނީ އެކަލާނގެ ދަރިފުޅަށް މެދުވެރިކުރެއްވި އެންމެ ރަނގަޅުގޮތް" މާލިކް ވާހަކަދެއްކިއެވެ.

"އަޅުގަނޑަށް ދިމާވި އެއްވެސް ކަމަކާއި މިހާރު ދެރަވެ ހިތާމައެއް ނުކުރަން. މަންމަގެ ޚަބަރެއްނުވާތީ ވަރަށް ދެރަވޭ. ބައެއްފަހަރު މުޅިމީހާ ހުރިހާ ކަމެއްގެ މަތިން ފޫހިކޮށްލަނީ. މަންމައާއެކު މާލިކްބެ ދިޔަކަން އިނގޭ. ކޮބާތަ މަންމަގެ ހާލަކީ؟' ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހު އިރާނިޔާ ވާހަކަދެއްކިއެވެ.

"މިއައީ ހުރިހާ ޚަބަރެއް ދޭންވެގެން. އެކަމަކު ވަރަށް ހިތްވަރުކުރަންވާނެ އިނގޭ" މާލިކް ބުނެލިއެވެ. އިރާނިޔާގެ ހިތް ތެޅިލައިިފިއެވެ. ނުބައި ޚަބަރެއް ނުދެއްވުމަށް އެދި ހިތާއިހިތުން ދުޢާކޮށްލިއެވެ.

"މިކޮޅުން ގެންދިޔައިރު ޑޮކްޓަރުންގެ އުންމީދު ވަރަށް ކުޑަ. ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތެއްނުކުރޭ. މިކޮޅުން ފްލައިޓަށް އެރުވީވެސް ރިސްކެއް ނަގާފައި. ތަންތަނުގަ ޖައްސަމުން އެހާ ދިގު ދަތުރެއް ކޮށްފައި މަންޒިލަށް ދެވުނުއިރުވެސް ހާލަތަކަށް އެއްވެސް ބަދަލެއްނާދޭ" މާލިކް އޮޅުންފިލުވައިދެމުން ދިޔައެވެ.

"މިހާރު މަންމަ ކިހިނެއް؟ އަހަރެން މަންމަ ކައިރިއަށް ގެންގޮސްދީ" އިރާނިޔާ ބުނެލިއެވެ. މާލިކްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅު. އެކޮޅުގެ އެންމެ ރަނގަޅު ހޮސްޕިޓަލަށް ގެންދިޔައީ. ސިކުނޑީގެ ފިފްޓީ، ފިފްޓީގެ އޮޕަރޭޝަނަށްފަހު ވަރަށް ބޮޑުތަން ރަނގަޅު. ތިހުރިހާކުދިން އެމަންމައަށްޓަކައި ކުރި ދުޢާ އެކަލާނގެ އިޖާބަކޮށްދެއްވައިފި" މާލިކް ބުނެލިއެވެ. ތަނުގައި ތިބި ހުރިހާމީހުންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އިރާނިޔާގެ ދެލޮލުން ކަރުނައެއް ދެމިގެންދިޔައެވެ.

"އެއްވެސްކުއްޖެއްގެ ތުންފަތްމަތިން ހިނިތުންވުމެއްނުފެނޭ. ޙާއިޝާއާއި އެއްކޮށް ޔަޝްފީ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިއްޖެ. ޚަބަރުލިބުމާއެކު އެމަންޖެގެ ޚަބަރު ހުސްވެއްޖެ. ހުރީ ހަމައެކަނި އަދްޔަން. އަހަރެން ދުވަހަކުވެސް އެވަރުގެ ހިތްވަރުގަދަ ދަރިއެއް ނުދެކެން. ދެމަސްވާން ކައިރިވިއިރު މިނިޓަކަށްވެސް ހޮސްޕިޓަލުން ނުނިކުމޭ. އެސޮރު ހުރީ ދުނިޔޭގެ ހުރިހާ އުފަލެއްމަތިން ހަނދާންނެތިފައި" މާލިކް ވާހަކަދެއްކިއެވެ. ރުޒާނާ ކައިރީގައި ހުރި ގުމްރޫހްގެ ލޮލުގައި ކަރުނަތައް ބޮނޑިވެގަތެވެ. އަދްޔަން އުޅޭނެގޮތް ހިތަށް އެރުމުން ހިތުގައި ރިއްސާލައިފިއެވެ. ހޮސްޕިޓަލް ތެރޭގައި އަދްޔަން އުޅުނުގޮތް ވަރަށް ގާތުން އޭނާއަށް ވަނީ ފެނިފައެވެ.

"ހޮސްޕިޓަލުން ދޫކޮށްލަނީ ކޮންއިރަކުން؟" އިރާނިޔާ އަހައިލިއެވެ.

"މިހާރު ފިޒިއޯ ފަށައިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. މިހަފްތާ ތެރޭގައި ދޫކޮށްލާނެހެން ހީވަނީ" މާލިކް ބުނެލިއެވެ.

ރަސްމީކޮށް ލިޔުންތަކުގައި ސޮއިކުރުމަށް އާޝިދް އޮފީހަށް ދިޔައީ ވަޙީދުއްދީން ގުޅާފައި ބުނުމުންނެވެ. އެތެރެއަށް ވަދެގެން ގޮސް އޮފީސް ބަޔަށް އާޝިދް ވަންއިރު ސޮފާއާއި ވަޙީދުއްދީން ކައިރީގައި އައިރިސް ހުއްޓާ ފެނުމުން މޫޑް އޮފްވިއެވެ. އޭނާ ބޭނުންވީ ކުރަން އައި ކަންތައް ނިމުނުހާ އަވަހަކަށް އެތަނުން ނިކުންނާށެވެ.

"މިއަދަށްފަހު އައިރިސް މަސައްކަތްކުރާނީ ދަރިފުޅުގެ ޕީއޭ އެއްގެ ގޮތުގަ. ލިޔުންތައް މިހެރީ ތައްޔާރުގަ. އެކަމަކު އެންމެފުރަތަމަ އޮތީ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރުން" ވަޙީދުއްދީންގެ ބަދަލުގައި ވާހަކަދެއްކީ ސޮފާއެވެ. އޭނާ ހިތްހަމަޖެހޭގޮތަށް އެއްވެސް ކަމެއް ނުވާތީ އާޝިދް ހުރީ އިންތިހާއަށް ފޫހިވެފައެވެ.

"ކުރިންވެސް އަޅުގަނޑު ބުނުއްވީމެއްނޫންތޯ މިތަނުން ވަޒީފާ އަޅުގަނޑު ބޭނުންނުވާ ވާހަކަ. އަޅުގަނޑު އަދި މިހުރީ ވަޒީފާއެއްގައި" އާޝިދް ބުނެލިއެވެ.

"އާޝިދް ބޭނުންނުވިޔަސް މިވަގުތު ހުރިހާ ޒިންމާއެއް ނަގަން ހުރި މީހަކީ ތިއީ" ސޮފާ ބުނެލިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަމެއް ހުއްޓަސް ވާހަކަދެއްކީ މަޑުންނެވެ.

"އަޅުގަނޑު ވާހަކަމިދައްކަނީ ބައްޕަ އާ. ބައްޕަ ކީއްވެގެންތޯ އަޅުގަނޑު ލައްވާ ކަންތައްތައް ގަދަކަމުން ކުރުވަނީ. މިއޮފީހާއި ދުރުގައި ހުރެގެންވެސް ބައްޕަގެ ހުރިހާ މަސައްކަތެއް ބަލަހައްޓަފާނަން. އެކަމަށްޓަކައި ޕީއޭ އަކަށް އަޅުގަނޑު ބޭނުމެއްނުވޭ" އާޝިދް ވާހަކަދެއްކިއެވެ. ސޮފާއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. އައިރިސްގެ ވާހަކަ ބުނުމުން އާޝިދް މާބޮޑަށް ފޫހިވީއެވެ. އައިރިސް އާއިއެކު މަސައްކަތްކުރަން އޭނާ ބޭނުންނުވީއެވެ.

އޮފީހުން އައި ގޮތަށް ވަޙީދުއްދީން މިސްރާބުޖެހީ އާޝިދްގެ ކޮޓަރިއާއި ދިމާލަށެވެ. ޓަކި ޖަހާލާފައި އޭނާ މަޑުކޮށްލައިގެން ހުރީ އާޝިދްގެ ޚަބަރެއް ވަންދެނެވެ. އިރާނިޔާއަށް ގުޅައިގެން އޮތް އާޝިދް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރި ވަޙީދުއްދީން ފެނި ކަންފަތުގައި ޖަހާފައި ހުރި ފޯން ތިރިކޮށްލިއެވެ.

"ވާހަކައެއްދައްކާލަން ކަމަށް" ވަޙީދުއްދީން ބުނެލިއެވެ. އާޝިދް ބޮޑަށް ދޮރުހުޅުވާލުމުން ވަޙީދުއްދީން އެތެރެއަށް ވަނެވެ.

"އަޅުގަނޑުވެސް މުހިންމު ވާހަކައެއް ބުނަންހުރީ. އެކަމަކު އެންމެފުރަތަމަ ބައްޕަ ބުނުއްވާ" އާޝިދް ބުނެލިއެވެ.

"ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އައިިރިސް އާއި ދަރިފުޅު ކައިވެނިކުރަން. އެއީ ރަނގަޅު ކުއްޖެއް. މިކަމަށް ދަރިފުޅު ދެކޮޅުތިހަދަނީ ކީއްވެ؟ ދަރިފުޅަށްޓަކައި މިބައްޕަ ކިހާ ފޮނި އުންމީދުތަކެއް ކުރިން" ވަޙީދުއްދީން ބުނެލިއެވެ.

"ހެޔޮނުވާނެ. އަޅުގަނޑު ދުވަހަކުވެސް އަޅުގަނޑުގެ މަންމަ ނުދެކެން. އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރީ ބޮޑުދައިތައާއިއެކު. ރަށްފުށުގައި އުޅުނުއިރު އަޅުގަނޑަށް ވަނީ އަންހެންކުއްޖަކުދެކެ ދުވަހަކުވެސް ހިތުންފޮހެނުލެވޭ މިންވަރަށް ލޯބިވެވިފަ. މީހަކާއި އިނދެގެން އެ އަންހެންކުއްޖާ ދިޔަ ހިސާބުން އަޅުގަނޑުގެ އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔައީ. އޭގެފަހުންވެސް އަޅުގަނޑުގެ ހިތުގައި ކުޑަކުޑަ އުންމީދެއް އޮތް. މާލިކްބެ އެދުނު އެދުމަކަށް އެރަށަށް އަޅުގަނޑު ވަޒީފާއަށް ދިޔައީ އެއްގޮތަކަށްވެސް އަޅުގަނޑުގެ ލޯބި ހުރީ އެރަށުގައި ކަން އެނގިގެނެއްނޫން. އެކަމަކު އަޅުގަނޑުގެ ކުރިމަތިން އެ އަންހެންކުއްޖާ ފެނުމުން ހާދަ އުފަލެއްވިޔޭ. މިއަދު އެއީ ވަރަށް ހާލުގައި އުޅޭ ނިކަމެތި އަންހެންކުއްޖެއް. ދުނިޔޭގައި އެއްވެސް މީހަކުނެތް. ބައްޕާ! ދުވަހަކުވެސް އަޅުގަނޑު އެލޯތްބާއި ވަކިނުވާނަން. މާފްކުރައްވާ ބައްޕާ.. ބައްޕަގެ ހުރިހާ ޒިންމާއެއް ނަގަން ތައްޔާރު. ބައްޕަ ބުނި ދުވަހެއް ވަންދެން އީރަންއާއި ބައްދަލުނުކޮށްވެސް ހުރެދާނަން. މަންމައެއްގެ ލޯތްބާއިނުލާ ބޮޑުވެފައި ހުއްޓަސް އަޅުގަނޑަށް ހެޔޮތަރުބިއްޔަތެއް ހެއްދެވިފަރާތުން ވަނީ ދެއްވާފަ. އެހެންވެ ބައްޕައަށް ކުރަންވާ އިހުތިރާމް އަޅުގަނޑު ކުރާނަން. ހަމައެކަނި އަޅުގަނޑަށް އެންމެ ކަމެއް ކޮށްދެއްވާ" ވާހަކަދައްކަމުން ގޮސް އާޝިދްގެ އަޑު ކުރެހިގެން ދިޔައެވެ.

ބޮޑުވެފައިހުރި ފިރިހެން ދަރިއަކު އެގޮތަށް އާދޭސްކުރާ މަންޒަރު ފެނުމުން ވަޙީދުއްދީން ބަސްހުއްޓުނެވެ. އޭނާއަށް އިތުރަށް އެއްޗެއް ބުނާނޭ ހިތްވަރެއް ނުލިބުނެވެ. ވަޙީދުއްދީނަށް ހީވީ ކުޑަ ހިނދުކޮޅަކަށް އޭނާއަށް ކުރިމަތިން އާޝިދްގެ މަންމަ ސިފަވިހެންނެވެ. އެއީ ކެތްތެރި، އެހެން އަންހެނުންނަށް ހުރި ނަމޫނާ އަންހެނެކެވެ. އޯގާތެރިއެކެވެ.

"އަޅުގަނޑުގެ އީރަންއާއި އެންމެފަހަރަކު ބައްޕަ ބައްދަލުކޮށްލައްވާ. އައިރިސްއާއި އަޅުގަނޑު ކައިވެނި ކުރުވަން ތިގެންގުޅޭ ވިސްނުން ދޫކޮށްލައްވާ. ފައިސާއާއި މުދަލަކީ މަރުވެގެން ދާއިރު އެކީގަ ގެންދަން ލިބޭނެ އެއްޗިއްސެއްނޫން. އެކަމަކު ދަރިންގެ ހިތްހަމަޖެހުމާއި ލޯތްބާއި ހެޔޮލަފާ ދަރިއެއްގެ މައިންބަފައިންނަށް ކުރާ ހެޔޮދުޢާއަކީ ދުވަހަކުވެސް ގެއްލިގެންދާނެ އެއްޗެއްނޫން. އަޅުގަނޑަށް އިނގޭ ބައްޕައަކީ ހަރުކަށި މީހެއްނޫންކަން. ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ބައްޕަގެ ދެދަރިންގެ އުފާވެރިކަން ބައްޕައަށް މުހިންމުކަން" ވަޙީދުއްދީންގެ ދެއަތުގައި ހިފާލައިގެން ހުރެ އާޝިދް ވާހަކަދައްކަމުން ދިޔައެވެ.

"ދެންހެޔޮ ދަރިފުޅާ ހުއްޓާލާ. ބައްޕަ ބޭނުންވަނީ މިވަގުތު އަރާމުކޮށްލަން" އާޝިދްގެ ބުރަކަށީގައި ފިރުމައިލަމުން ވަޙީދުއްދީން ބުނެލިއެވެ.

ވަޙީދުއްދީން ކޮޓަރިން ނިކުތުމުން އާޝިދް ހިފަހައްޓާލައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގަނެއްޖެއެވެ. އެނދުގައި އިށީނދެފައި ފޯނު ބަލައިލިރު އިރާނިޔާ އަދިވެސް އިނީ ފޯނުގައެވެ. އޭނާ އިތުރަށް ހިތުގައިޖެހުނީ ހުރިހާ ވާހަކައެއް އިރާނިޔާއަށް އަޑުއިވޭނެކަން އިނގުމުންނެވެ.

"އީރަން...." ކަންފަތުގައި ފޯނު ޖައްސާލާފައި އާޝިދަށް އިރާނިޔާއަށް ގޮވައިލެވުނީ ރޮވިފައިވާ އަޑަކުންނެވެ. އިރާނިޔާއަށް ބަހެއް ނުކިޔުނެވެ. އޭނާއަށް ރޮވެނީއެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެވިިފައި ތިބި ދެހިތް ފޯނުގައި ތިބެގެން ހިތުގައިޖެހި ރޮމުންދިޔަ އަޑު ދެމީހުންވެސް އަސަރާއެކު އަހަމުން ދިޔައެވެ. ކަރުނައިގެ ސިފައިގައި ދެމީހުން އޮހޮރަމުން ދިޔަ ޖަޒުބާތުތައް އެކަކު އަނެކަކަށްޓަކައި ދެހިތުގައިވި ލޯބި އަންގައިދެމުން ދިޔައެވެ. ކޮންފަދަ ހިތްދަތި މަޖުބޫރީއެއް ހެއްޔެވެ؟

ޝިރޫ ފާހާނައިން ނިކުތްއިރުވެސް ހުޝާމް އޮތްގޮތަށް ނިތްމައްޗަށް އަތް އެއްލައިގެން އޮތެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެވެ. ހުޝާމް ކައިރީގައި ކުޅޭއެއްޗެއް ހިފައިގެން އީޝް އިނެވެ. ހުޝާމް އޮތްގޮތުންވެސް އޭނާ ގެ ސިކުނޑީގައި ބޮޑުކަންތައްގަނޑެއް އެނބުރެމުންދާކަން ޝިރޫއަށް ޔަޤީންވިއެވެ.

"ހާދަބޮޑު ފިކުރެއްގަ" ހުޝާމްގެ މަގަތުން އިށީންނަމުން ޝިރޫ ބުނެލިއެވެ.

"ބައްޕަ ވަރަށް އެހެންކަހަލަ ވާހަކަތަކެއް ދައްކައިފި. މަންމައަށް އިނގޭދޯ..." ހުޝާމް އެހިއެވެ. ނޫނެކޭ ބުނެ އޮޅުވާލަން ޝިރޫއަށް ނުކެރުނެވެ. އޭނާ އިސްޖަހައިލި ގޮތުންވެސް އެއީ އޭނާއަށްވެސް އިނގޭ ކަމެއްކަން ހުޝާމްއަށް އިނގުނެވެ.

"މަންމަވެސް ބޭނުންވަނީ އެގޮތްތަ؟ މަންމާ!! އެއީ އެންމެ ރަނގަޅު ގޮތްތަ؟ ޝާނީއަކީ ވަރަށް ގާތް އެކުވެރިއެއް. މިގުޅުމަށް އަހަރެން އާބަސް ބުންޏަސް ޝާނީ ނުބުނާނެ" ހުޝާމް ބުނެލިއެވެ.

"ދެފަރާތުންކުރެ އެންމެ ފަރާތަކުންވެސް ނުރުހިއްޖެނަމަ މިކަމަކާއި މަންމަވެސް އަދި ބައްޕަވެސް ނޫޅޭނަން. ޝާމްއަކަށް މަންމަމެން މަޖުބޫރެއް ނުކުރާނަން" ޝިރޫ ބުނެލިއެވެ. ހުޝާމް ބޯހިއްލާލާފައި ޝިރޫގެ އުނގުމަތީގައި ބޯއަޅައިލިއެވެ. ހުޝާމްގެ އިސްތަށިގަނޑުގައި ޝިރޫ ފިރުމަމުން ދިޔައެވެ.

"އަޅުގަނޑަށްވެސް އިނގޭ އަޅުގަނޑު އިތުރު ކައިވެންޏެއް ކުރަންޖެހޭކަން. އީޝްއަށް މައެއްގެ ލޯބި ބޭނުންވާނެކަން. މިފަހަރު އަޅުގަނޑު ބޭނުންވަނީ މަންމައާއި ބައްޕަ އެދޭގޮތަށް ކަންކަން ކުރަން" ހުޝާމް ބުނެލިއެވެ. ޝިރޫގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

ބަދިގެތެރެއާއި ސިޓިންރޫމް ސާފުކުރަން ހުރި އުނޭޝް އިރުކޮޅަކާއި ސޯފާގައި އާފަލެއްކާން އިން ތަމަންނީއަށް ބަލައިލައެވެ. އޭނާގެ ހިތުގައި ވަނީ ކީކޭކަމެއް ނޭނެގެއެވެ. އިރުކޮޅަކާއި ޙާއިޝާގެ ކޮޓަރިއާއި ދިމާލަށް ބަލައިލައެވެ. ފިހިގަނޑު ދުރުގައި ބަހައްޓާފައި އައިސް ތަމަންނީ ކައިރީގައި އިށީނެވެ. ހުޅުވާފައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ލައިގެން ހުރި ސޯޓްބުރީގެ ޖީބުގައި އޮތް ފޯނު ނެގިިއެވެ. އަދްޔަންގެ ނަންބަރު ޖަހާފައި ގުޅަން މަސައްކަތްކުރިއެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. ދެން އޭނާ މަސައްކަތްކުރީ ޔަޝްފީގެ ނަންބަރަށް ގުޅުމަށެވެ. ދެފަހަރު ރިންގުވެލިތަނާ ޔަޝްފީ ފޯނު ނަގައިފިއެވެ. 'ހަލޯ' އޭ ބުނިގޮތަށް ޔަޝްފީ އިތުރު އެއްޗެއް ނުބުނެއެވެ. އިވުނީ އަދްޔަންގެ އަޑެވެ.

"މަންމަގެ ތިބީ ދެދަރިން. އެ ދެދަދަރިން މިވަގުތު މިތިބީ މަންމައަށް ހިދުމަތްކުރަން" އަދްޔަން ބުނެލި އަޑު އުނޭޝްއަށް އިވުނެވެ. ދެން ފޯނު ކެނޑިގެން ދިޔައެވެ. އުނޭޝް ހިތުގައި ޖެހުނެވެ. ފޯނު ކައިރީގައި ބާއްވާފައި ދެއަތުން މޫނުމަތި ފޮހެލައިފިއެވެ.

"މިއަދު ހާދަ އެހެން ފާޑަކަށް އުޅޭ ދުވަހެއް. ކޮންކަމަކާއި ތިވިސްނަނީ. ކާކަށް ތިގުޅަނީ؟" ފަރުވާކުޑަ ރާގަކަށް ތަމަންނީ އެހިއެވެ.

"މަންމައަށް. މަންމަ މަތިން ވަރަށް ހަނދާންވޭ" އުނޭޝް ބުނެލިއެވެ.

"އުޅޭވައްތަރެއް. އޭނަ އެބައުޅޭތަ އުނޭޝް މަތިން ހަނދާންކުރަން. މިޒަމާނަކީ މައިމީހާ ދަރިން މަތިން ހަނދާންކުރީމަ ދަރިންވެސް މައިމީހާ މަތިން ހަނދާންކުރާ ޒަމާން" ތަމަންނީ ބުނެލިއެވެ.

"އެއީ އަހަރެންގެ މަންމައޭ. މަންމަ މިރަށުން ގެންދިޔައިރު އޮތީ މަރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ. އަހަރެން ނުގުޅަންޏާ މަންމަ ހާދަ ދެރަވާނޭ. މަންމަގެ ހާލެއްވެސް ނޭނގޭ" އުނޭޝް ބުނެލިއެވެ.

"ދެން ގުޅަންވީނުން. އޭނައެއް ނޫޅޭ އޭނަގެ އުނޭޝް ކިޔާ ދަރިއެއް ހުރިކަން ހަނދާންވެގެނެއް" ތަމަންނީ ބުނެލިއެވެ. އުނޭޝް ތަމަންނީގެ މޫނަށް ބަލައިލިއެވެ. އަދި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ތަމަން އެހާ މޫޑީ ނުވެބަލަ. އަދިވެސް ބަނޑުގައި ރިއްސާތަ...؟ ދައްކަބަލަ ފިރުމާލަދޭނަން" ތަމަންނީގެ ބަނޑުގައި އަތުން ފިރުމައިލަމުން އުނޭޝް ބުނެލިއެވެ. ތަމަންނީ އެއްޗެއް ނުބުނެއެވެ.

މުޅީން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ކޮޓަރީގައި ހޫރު ރީތިކަން ހުރި އިރާނިޔާގެ ތުންފަތް މަތީގައި މިއަދުު ވީ ހިނިތުންވުމެކެވެ. އޭނާގެ ދުވަސް ފެށުނީ ވަރަށް އުފާވެރިކޮށެވެ. މިއަދު އެއްވެސް މީހަކަށް އޭނާ ދެރަކޮށެއް ނުލެވޭނެއެވެ. ފަތިސްނަމާދަށްފަހު އޭނާއަށް ލިބުނީ އުފާވެރިކަމުން ފުރިގެންވީ ފޯނުކޯލެކެވެ. އޭނާއަށް ގުޅީ އަދްޔަންއެވެ. ޙާއިޝާ މިއަދު ގެއަށް ގެންނަ ކަމަށާއި ހަމަޖެހިގެން ވީޑިޔޯ ކޯލެއް ކުރާނެކަމަށް އަދްޔަން ވަނީ ބުނެފައެވެ. އެވަގުތު އޭނާއަށް އުފަލުން ރޮވުނެވެ. ހެއްދެވިފަރާތަށް ޙަމްދުކުރެވުނެވެ.

"މަންމިގެ ހޫރަށް މިއަދު ދައްކާލާނަން އިނގޭ މާމައާއި ތިއްތިއާ ދޮންތި....." އީޝްގެ ކޮލުގައި ބޮސްދެމުން އިރާނިޔާ ބުނެލިއެވެ. ގުރާފެހިކުލައިގެ ހެދުންކޮޅެއް ލައްވާފައި އިން ހޫރު އިރާނިޔާގެ ކޮންމެ ވާހަކައަކަށް ދެއަތް ތަޅުވާ ސަކަރާތްޖަހަމުން ދިޔައެވެ.

"ނިމުނީއޭ މަންމިގެ ދޮންދޮން ތިއްތިކޮށް. މިތަނުގަ ބަސްއަހައިގެން އޮންނައްޗެ އިނގޭ މަންމި ރެޑީވަންދެން" އީޝް އެނދުގައި ބާއްވާފައި އިރާނިޔާ ތައްޔާރުވަމުން ދިޔައެވެ. އޭނާ އިރުކޮޅަކާއި ހޫރަށް ބަލައިލައެވެ. ހޫރުގެ ކޮންމެ އިޝާރާތަކަށް ވިސްނައިގެން ހުރި އިރާނިޔާ ތުންފަތްމަތިން ހިނިތުންވުން ފިލާނުދެއެވެ. އެންމެފަހު ކަމަކަށް އޭނާ ޒަމްހާއަށް ގުޅިއެވެ. ހޫރަށް ވެކްސިންދިނުމަށް ދާން ހޮސްޕިޓަލުގައި މީހުން މަދު ވަގުތެއްކަން ޒަމްހާ ބުނުމުން އިރާނިޔާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.

"ރުޒާނައްތާ! މިދަނީ އިނގޭ. ނިމުނުހާ އަވަހަކަށް އަންނާނަން" ބަދިގެއަށް ބޯދިއްކޮށްލާފައި އިރާނިޔާ ބުނެލިއެވެ.

"ރުޒާނައްތަގެ އެހީއެއް ބޭނުންތަ؟" ރުޒާނާ ބުނެލިއެވެ.

"ނޫނޭ... އެކޮޅުގަ އެބަހުރި ޒަމް..." އިރާނިޔާ ބުނެލިއެވެ.

"އައްދެ... މިއަދު ހާދަ ތިއްތި ކޮށްލާފަ މީނީ... އަން... މި ކުޑަ ނަގައިގެންދޭ. މިވަގުތު މަގުމަތި ވަރަށް ހޫނުވާނެ" އިރާނިޔާ ހިނގައިގަތީ ރުޒާނާ ދިން ކުޑަ ހިފައިގެންނެވެ.

ތެދެކެވެ. ރުޒާނާ ބުނި ފަދައިން މަގުތަކަށްވަނީ ރަތްދަކަ އަވި ފެތުރިފައެވެ. މެންދުރުގެ އެންމެ އަވިގަދަ އެވަގުތުތަކުގައި ސްކޫލަށްދާ ކުދިިންނާ އެކުދިންގެ ބެލެނިވެރިންނޫން އިތުރު އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ. މަގުގެ އެއްފަރާތުން ހިނގަމުންދިިޔަ އިރާނިޔާގެ ފިޔަވަޅުތަކަށް ކުއްލިއަކަށް ހުއްޓުމެއްއައީ ގޯޅިން ނިކުތް ސައިކަލެއް އޭނާއާއި ދާދި ކައިރިއަށް މަޑުކޮށްލުމުންނެވެ. ސިހުނުވަރުން ހޫރު ބުރަކަށީގައި އަތްއަޅާ ގަޔާލާ ފިއްތާލިއެވެ. ސައިކަލް މަތީގައި އިން އުނޭޝްގެ ނަޒަރު އިރާނިޔާއަށް ހުއްޓުނެވެ. އޭނާ އެއްޗެއް ބުނަން އުޅެނިކޮށް އިރާނިޔާ ހިނގައިގަތެވެ. އުނޭޝްއަށް އިރާނިޔާ ދެލޯއަޅައިލީ އޭނާގެ ހިތުގައި އުނޭޝްގެ މައްޗަށް އޮތް ފޫހިކަން އަންގައިދިނުމުގެ ގޮތުންނެވެ. އިރާނިޔާގެ އަތްމަތީގައި އިން ހޫރުގެ މޫނު އުނޭޝްއަށް ފެންނަގޮތެއް ނުވިއެވެ. ހޫރުވެސް މަންމަ ފަދައިން އުނޭޝްއަށް ނަފްރަތުކުރާ ކަހަލައެވެ. އިރާނިޔާގެ ކޮނޑުމަތީގައި ބޯއެޅިގޮތަށް ހިއްލައިވެސް ނުލިއެވެ. އެދަރިފުޅު ފެނުމުން އުނޭޝްގެ ހިތުގައި ލޯބި އުތުރިއަރައިގަތެވެ. އިރާނިޔާގެ ފަހަތުން ސައިކަލް ދުއްވައިލެވިއްޖެއެވެ.

"ރާނީ...!! މަޑުކޮށްބަލަ....ރާނީ..." އުނޭޝް ގޮވަމުން ދިޔައެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ؟ މީހުންނާ އިނދެގެން ހުރެ ތިވައްތަރަށް އުޅެން ލަދެއް ނުގަނޭތަ؟ މަގުމަތިންދާ އަންހެންކުދިންނާ ފޮށުމަކީ ކަލޭގެ ކަށީގައި ހިފާފައި ހުރި ކަމެއް ދޯ؟" އިރާނިޔާ ހަޅޭއްލަވައިގަތުމުން އިތުރަށް ބަހެއްކިޔަން އުނޭޝްއަށް ނުކެރުނެވެ.

"ބަލަ ކަލޭ ބޭނުންނުވެގެނެއްނޫންތަ އެ އަންހެންކުއްޖާ ވިހަން ތައްޔާރުވެފަ އިންދާ ގެއިން ނެރެ އެއްލާލީ. މިހާރު ކޮންކަމެއް ސާބިތުކޮށްދޭން އެމަންޖެ ފަހަތުން ތިދުވަނީ" މަގުމަތިން ދިޔަ ރުޒާނާގެ އެކުވެރިއެއް އުނޭޝްއާއި ދިިމާލަށް ބުނެލިއެވެ.

"އަހަރެން އޭނަ ފަހަތުން ނުދަން. އަހަރެން ދިޔައީ އަހަރެންގެ ދަރިފުޅުގެ ފަހަތުން" އުނޭޝް ބުނެލިއެވެ. އަދިވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިއަށް ހިނގާފައިދިޔަ އިރާނިޔާގެ އަތްމަތީގައި އިން ހޫރަށެވެ. އެދަރިފުޅު އެންމެ ފަހަރަކުވެސް އެނބުރި ބަލައިނުލައެވެ.

"ދަރިފުޅޭ... ލަދެއްވެސް ނުގަނޭތަ؟ ކަލޭ ތިއީ ބަފައެއްތަ؟ ތިއީ ބަފައިންގެ ހުރުމަތް ކަނޑަން މިދުނިޔެއަށް އައިސް ތިބި ޖައްބާރު ފިރިހެނުންގެ ތެރެއިން އެކެއް. އިންސާނެއްވެއްޖިއްޔާ ގޮތެއްވެސް އޮންނަން ޖެހޭނެހެން އަހަރެންނަށް ހީވަނީ" އަންހެންމީހާ ހިނގައިގަތުމުން އުނޭޝް ރުޅިއައެވެ. އެމީހާއާއި ޒުވާބުކުރަންވެސް ހިތަށް އެރިއެވެ. ނަމަވެސް ބަލި ލިބޭނީ އޭނާއަށްކަން އިނގޭތީ އިތުރު ބަހެއްނުކިޔާ ސައިކަލުގައި ދުއްވައިލިއެވެ.

މޭޒުމައްޗަށް ފައިބައިގެން ދިޔަ ފައިލްތަކާއެކު ސޮފޯ އިސްއުފުލާ ބަލައިލިއެވެ. ހިތްހަމަނުޖެހިފައި ހުރި ވަޙީދުއްދީން ފެނުމުން ސޮފާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.

"އަހަރެންގެ ދަރިފުޅު މަޖުބޫރުން ކައިވެންޏެއް ކުރުވަން އަހަރެން ބޭނުމެއްނޫން" ވަޙީދުއްދީން ބުނެލިއެވެ.

ނުލަފާ ޒާތަކަށް ހީލަމުން ސޮފާ ގޮނޑިން ތެދުވިއެވެ. އަދި އޮފީސް ތެރޭގައި ދެފަރާތަށް ހިނގަމުން ދިޔައެވެ.

(ނުނިމޭ)