ވާހަކަ

ދެކިލަން އެދޭތީ - 29

2

''މިއީ މިކަމަށް އެންމެ ރަނގަޅު ވަގުތުތަ؟... ހަޤީޤަތް އެނގުމުން މާކް އެހުރިހާ ކަމެއް ނަގައިގަންނާނީ ކިހިނެއްތަ؟... މާކް އަހަރެން ދެކެ ރުޅި އައިސްފިނަމަ ވާނީ ކިހިނެއްތަ؟... އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫ އެބަވޭ... މާކްގެ ހިތުގައި ޖެހޭކަށް ބޭނުމެއް ނޫން... ކީއްވެތަ އަހަންނަށް ހުރިހާ ކަމެއް ސިއްރުކުރެވުނީ؟، މާކްގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދިން އިރުގައި ކީއްވެތަ އަހަރެންގެ ދިރިއުޅުމާއި އާއިލާގެ ވާހަކަތައް ސިއްރުކުރެވުނީ؟... މާކްގެ ހަޔާތުގައި ކަންތައް ވެފައި އޮތް ގޮތުން މީހުންނަށް އިތުބާރުކުރުމަކީ ފަސޭހަ ކަމެއް ނޫން، އެކަމަކު އެހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު މާކް އަހަންނަށް އިތުބާރު ކުރި، އެއިތުބާރުގެ އަގު އަހަންނަށް އަދާ ކުރެވުނީ ކިހިނެއްތަ!... މާކް!، ފަހަރެއްގައި ވެސް މާކްގެ ހިތުގައި ޖައްސާކަށް އަހަރެން ބޭނުމެއް ނޫން، އަހަރެން ލޯބި ވަނީ ހަމައެކަނި މާކް ދެކެ، ތިލޯތްބާ ނުލާ އަހަންނަށް ނޫޅޭވޭނެ... އަބަދު މިހިތް އެދޭނީ މާކްއަށް، ދެކިލަން އެދޭނީ ހަމައެކަނި ތި ސޫރަ...'' މާކިންގެ ކޮނޑުގައި ބޯއަޅައިލަމުން އީވާއަށް އޭނަގެ ޒަމީރާ މަޝްވަރާ ކުރެވުނެވެ. ދެޒުވާނުންގެ އަތުގެ އިނގިލިތައް ގުޅިލާ މެހިފައިވާ މަންޒަރަށް އީވާގެ ނަޒަރު ހުއްޓުނެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތައް ހިތަށް ތުރާލަކަށް ވެއްޖެއެވެ. އެއާއެކު މީހާގެ ހަމަޖެހުން ގެއްލުނެވެ.

''އީވް...'' ވެރިވެފައި އޮތް ހަމަހިމޭންކަމުގެ ތެރޭން މާކިންގެ އަޑު އިވުނެވެ. އެއަޑަށް އީވާ އިސްއުފުލައި މާކިންގެ މޫނަށް ބަލައިލިއެވެ. މާކިންގެ ނަޒަރު ހުއްޓިފައި ވަނީ ޖައްވު ތެރޭގައި އުދުހެމުން ދިޔަ ލެންޓާން ތަކަށެވެ. އޭރު އެތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ.

''އީވް އެކަހަލަ ފުލޯކު ކަންތައް ވެސް ޤަބޫލުކުރަންތަ؟...'' ލެންޓާންތަކަށް އިޝާރާތްކުރަމުން މާކިން ސުވާލުކުރިއެވެ.

''ނޫން...'' އީވާ ޖަވާބު ދިނެވެ. ''ތަފާތުކަމެއް ވީމަ ކޮށްލާ ހިތްވީ...''

''ކޮންމެ ގޮތެއް ވިޔަސް އަހަރުމެންގެ ދެމެދުގައި މި އޮތް ލޯތްބަށް އިތުބާރުކުރެވޭނެ، އިރާދަކުރެއްވިއްޔާ އީވްގެ މިއަތުން ދޫކޮށެއް ނުލާނަން، ދިރިއުޅުމުގައި އެކުގައި ކުރިއަށް ދާން މަސައްކަތްކުރާނަން...'' މާކިންގެ ވާހަކަތަކުން އީވާގެ ހިތް ޖަޒުބާތުގެ ބާރުގައި ގައިދުވެއްޖެއެވެ. އެހިނދު ލޮލުން ކަރުނަތައް ބަބުޅަން ފެށިއެވެ. މާކިން އޭނަ ދެކެ ވާ މަތިވެރި ލޯބި އޭނައަށް އިހުސާސްކުރެވުނެވެ. އެކަމާ އޭނަ ނުހަނު އުފާވިއެވެ. ދިލަކަން ވެރިވެފައިވި ހިތަށް ތަސައްލީއެއް ލިބުނެވެ.

''ރޮނީތަ؟...'' އީވާގެ މޫނަށް ނަޒަރު ހިންގާލި މާކިންއަށް ކަންބޮޑުވުމާއެކު ބުނެވުނެވެ. އޭނައަށް އަވަސްއަވަހަށް އީވާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އަދި އީވާގެ ކޯތާފަތުގައިވި ކަރުނަތައް ފޮހެލިއެވެ. މާކިންގެ ދެލޮލުގައި ވަނީ ނުތަނަވަސްކަމެވެ. އެއަސަރުތަކުން އީވާގެ ހިތުގައި ރިހުމެއް އުފެދުނެވެ.

''ރޮވޭނެއެއްނު އަހަރެން ދެކެ ތިހާ ލޯބި ވަންޏާ...'' އެތެރެއަށް ނޭފަތް ދަމައިލަމުން އީވާއަށް ބުނެލިއެވެ. އީވާގެ ޖުމްލައިން މާކިންގެ މޫނުމަތީގައިވި ހާސްކަން ފިލައި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެހިނިތުންވުމުގެ ތެރެއަށް އީވާ ގެއްލުނެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔޭ އީވާގެ ހިތަށް އެރިއެވެ.

''އަބަދު ތިޔަ ލޯބި ވާނަންތަ؟...'' ޖަޒުބާތުގެ ތެރޭން އީވާއަށް އަހާލެވުނެވެ. ޔަޤީންކަން އެހިތަށް ބޭނުން ވެފައި ވިއެވެ. އޭރުން ހަޤީޤަތް ހާމަކުރަން އޭނައަށް އިތުރު ހިތްވަރެއް ލިބިދާނެތީއެވެ.

''އިރާދަކުރެއްވިއްޔާ މިހިތުގައިވާ ލޯތްބަށް ބަދަލެއް ނާންނާނެ، އެނގޭ ދެމީހުން ބައްދަލުވިތާ ގިނަ ދުވަހެއް ނުވާކަން ވެސް، އެކަމު އަހަރެންގެ ހިތުގައި އީވްއަށް ޓަކައި ވާ އިހުސާސްތަކަށް އަހަރެން އިތުބާރުކުރަން، އަދި އީވް އަހަރެން ދެކެ ވާ ލޯތްބަށް ވެސް ޤަދަރުކުރަން...'' އީވާއާއި ނަޒަރު ވަކިކުރުމެއް ނެތި މާކިން އެހިތުގެ ހާލު ހާމަކޮށްދިނެވެ.

މާކިންގެ އަތަށް އީވާއަށް ބާރުކޮށްލެވުނެވެ. އަދި ހަށިފުރާ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. އިމްތިހާނަކަށް ނަފުސު ތައްޔާރުކޮށްލި ކަހަލައެވެ. ދެތުންފަތް ވެސް ހަރަކާތްކޮށްލިއެވެ. ހަމަ އެވަގުތު މާކިންގެ ފޯނު ރިންގްވާން ފެށިއެވެ. އޭގެ ސަބަބުން އެދެމެދުގައި އޮތް ހާއްސަ ވަގުތުކޮޅަށް ހުރަސް އެޅިގެން ދިޔަ އެވެ. އީވާއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން މާކިން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ.

''މަންމަ!...'' އީވާއަށް ފޯނުގެ ސްކްރީން ދައްކާލަމުން މާކިން ބުނެލިއެވެ. ''އެބަ އަންނަން ފޯނަށް ޖަވާބު ދީފަ...''

މާކިން ކޮޅަށް ތެދުވުނެވެ. އަދި ފޯނު ކަންފަތުގައި ޖައްސާލަމުން ކުރިއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން އިން އީވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ކުރިހާ ހިތްވަރެއް ފެނަށް ވެގެން ދިޔަ އެވެ. އެއާއެކު އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މާކިންއަށް ބަލަން އީވާއަށް އިނދެވުނީ ޚިޔާލުތަކަށް ގެއްލިފައިވާ މީހަކު ފަދައިންނެވެ.

''ކޮން ޚިޔާލަކަށް ގެއްލިފަތަ ތިއިނީ؟...'' އީވާ ސިއްސައިގެން ދިޔައީ ނުހަނު ގާތުން މާކިންގެ އަޑު އިވުމުންނެވެ.

''ހެހެހެ، ދެން ދިރިއުޅުމުގެ ކަންތަކާ މެދު ވިސްނާލަނީ...'' އީވާ ބުނެލިއެވެ.

''ކޮންކަމެއްތަ؟... އަހަންނާ ހިއްސާ ނުކުރާނަންތަ؟...'' މާކިންން ޝައުޤުވެރިކަން ފާޅުކުރިއެވެ. އީވާގެ މޫނުމަތިން ފިކުރުބޮޑުވެފައިވާކަމުގެ އަސަރުތައް އޭނަ ދުށްޓެވެ. ފަހަކަށް އައިސް އެފަދަ ނިޝާންތައް އަބަދުމެ ފާހަގަ ކުރެވެއެވެ. ކޮންމެ ފަހަރަކު އީވާގެ ފަރާތުން ލިބެނީ ތަފާތު ޖަވާބެކެވެ. އެކަމާ ހިތުގައި ސުވާލު ވެސް އުފެދެއެވެ. ނަމަވެސް އީވާއާ މެދު އެހިތުގައި އޮތް އިތުބާރެއްގެ ސަބަބުން ހުރިހާކަމެއް ހަނދާން ނައްތާލަނީއެވެ. އީވާގެ ވާހަކަތައް ޤަބޫލުކުރަމުންނެވެ.

''އަހަންނަށް ކުރެވޭ ކަމަކުން ދުވަހަކު ވެސް މާކް އަހަރެން ދެކެ ހިތްހަމަނުޖެހިދާނެތަ؟... ރުޅި އައިސްކޮށްފާނަންތަ؟...'' މާކިންއަށް ބަލައިލަމުން އީވާ އެހި އެވެ. އެހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. ނުތަނަވަސްކަން ވެރިކުރުވަމުންނެވެ.

''ތީ ކޮން ކަހަލަ ސުވާލެއްތަ؟...'' މާކިންއަށް ލިބުނީ ހައިރާންކަމެވެ.

''ޖަވާބު ދީފާނަންތަ؟...'' އީވާއަށް އަހާލެވުނެވެ. ކެތްތެރިކަން ކުޑަ ވެފައެވެ.

މާކިންއަށް އީވާގެ މޫނަށް ބަލައިލެވުނެވެ. ހިތް ނުތަނަވަސްވެފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ.

''ކޮންމެ ކަމެއް ދިމާވިޔަސް ރުޅިއެއް ނާންނާނަން، ފުރަތަމަ ކަންތައް ވެދިޔަ ގޮތް ސާފު ކުރާނީ... އީވްގެ ހުރިހާ ވާހަކައެއް ވެސް އަޑުއަހާނަން، އޭރުން ދެމީހުންގެ ދެމެދުގައި އިތުބާރު ގާއިމް ކުރެވޭނީ... އީވް ކަންބޮޑު ނުވޭ، އަހަރެންގެ ހިތް ދެނެއް ބަދަލެއް ނުވާނެ...'' ވިސްނާލަމުން އީވާގެ ސުވާލަށް މާކިން ޖަވާބު ދިނެވެ. ''ކީއްވެތަ ކުއްލިޔަކަށް ތި ކަހަކަ ސުވާލެއް ތިކުރީ؟...''

''ހިތަށް އެރީ މުސްތަޤުބަލުގައި ވެސް ކަމެއް ވެއްޖެނަމަ ވާނީ ކިހިނެއް ބާވައޭ...'' އީވާ ބުންޏެވެ.

''ހެހެހެ... އެހެންތަ؟... ހާސްނުވޭ، އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނަން އީވްއާއެކުގައި، ދެރަ ގޮތެއް މެދުވެރިޔެއް ނުވާނެ...'' މާކިން ހިނިތުންވެލިއެވެ.

''ވާހަކައިގައި ތިއްބާ ބަސް އަންނަ ގަޑި ޖެހިއްޖެ... އަވަހަށް ދަމާ، އެހެން ނޫނީ ބަސް ކަޓާފާނެ!...'' އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން މާކިން ވާހަކަދެއްކިއެވެ. އެއަށްފަހު އީވާއަށް އަވަސް ނަޒަރެއް ދިނެވެ.

މާކިންގެ ވާހަކަތަކުން އީވާގެ އުއްމީދަށް ދިރުން ލިބިފައި ވިއެވެ. ނުތަނަވަސްކަމަށް ވެސް ލުޔެއް ލިބުނެވެ. އެވަގުތު މާކިންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނި އެވާހަކަތައް ހިއްސާކުރުން އީވާއަށް މަޑު ޖައްސާލެވުނެވެ. އެއީ ރަނގަޅު ދަނޑިވަޅެއް ކަމުގައި ނުފެނުނީތީއެވެ.

*****

އެއް ހަފްތާ ފަސް...

''ދަރިފުޅާ... ކޮން ދުވަހަކަށްތަ ފުރުން ހަމަޖެހުނީ؟...'' ކޮފީއަކަށް އިންސާފުކުރަން ބޮޑު ކޮޓަރީގައި އިން ބަސްމާ ވާހަކަދެއްކިއެވެ. އޭރު ޖާދިން އިނީ ވަކިން އިން ސޯފާ ގޮނޑީގައެވެ. އަތުގައި އޮތް އައިޕެޑުން ކޮންމެ ވެސް މަސައްކަތެއް ކުރުމުގައެވެ. އޮފީހުން ގެއަށް އައިސް ވަންތަނާ ފޯނުކޯލެއް އައިސްގެން އޮފީހުގެ މަސައްކަތެއް ކުރަން އިނީއެވެ.

''މާދަން ހެނދުނު...'' މަންމައަށް ނަޒަރެއް ދެމުން ޖާދިން އޮޅުންފިލުވައިދިނެވެ.

''އެހެންތަ؟...'' ކޮފީގެ ރަހަ ބަލައިލަމުން ބަސްމާ ބުނެލިއެވެ. ''އީވްއަށް ސަޕްރައިޒެއް ލިބޭނެދޯ... މަންމަ ހާދަ ބޭނުމޭ ތިދެކުދިން އެކީގައި އުޅޭތަން ދެކިލަން...''

''އިރާދަކުރެއްވިއްޔާ މަންމަގެ ތިހުވަފެން ހަޤީޤަތަކަށް ހަދައިދޭނަން...'' ޖާދިން ހިނިއައިސްފައި ބުންޏެވެ.

''ހެހެހެ، އަދިވެސް ތި އޮފީހުގެ މަސައްކަތުން އަރައިގަނެވޭ ކަމަކަށް ނުވޭދޯ، ގެއަށް އައިސް ވަނީއްސުރެ ތިކަމެއްގަ ތިއުޅެނީ... މާދަމާ ހެނދުނު ފުރަން އޮތިއްޔާ ފުރުމުގެ ކަންތައް ހަމަޖައްސަން ދޭބަލަ...'' ޖާދިންގެ އަތުގައި އޮތް އައިޕެޑު ދަމައިގަންނަމުން ބަސްމާ ވާހަކަދެއްކިއެވެ. މަންމަގެ އެހަރަކާތުން ޖާދިން ސިހުނެވެ. މަންމައާއި ނަޒަރު ބައްދަލުވި ހިނދު އެތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

*****

މާކިންއަށް ހަޤީޤަތް ހާމަކުރަން އީވާ ބޭނުންވާ ކޮންމެ ފަހަރަކު އެދެމެދަށް ކޮންމެވެސް ކަމަކާ ހުރެ ހުރަސް އެޅިގެން ދެއެވެ. އެއްފަހަރު މާކިންއަށް އައި އޭނަގެ މަންމަގެ ފޯނު ކޯލެކެވެ. އަނެއް ފަހަރު ކްލިނިކުން އައި މުހިންމު ފޯނު ކޯލެވެ. އެދުވަހު ވެސް އަވަސް އަރުވާލާފައި އީވާއާއި ވަކިވާން މާކިންއަށް ޖެހުނެވެ. ދެން ކުރިމަތިލާން ޖެހުނީ އީވާގެ ހިތުގެ ނުތަނަވަސްކަމާއި ބިރުވެރިކަމާއެވެ. އެއާއެކު ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން އީވާއަށް މަޖުބޫރުވިއެވެ. ހިތުގެ ހާސްކަމުން އަދިވެސް މާކިންއަށް ހަޤީޤަތެއް ހާމައެއް ނުކުރެވެއެވެ. އިމްތިހާނުގެ ދުވަސްކޮޅަށް ވުމުން ވެސް އެކަންތައް ފަސްކޮށްލަން ޖެހުނެވެ. ހިތުގެ ހަމަޖެހުން ގެއްލެން ފަށާފައި ވުމުން އީވާ ހުންނަނީ އަބަދުމެ ފިކުރުބޮޑުވެފައެވެ. ނޭނގޭ ބިރުވެރިކަމެއް ވެސް އެހިތުގައި ވިކަމުން ދިޔަ އެވެ. ތޫފާނެއް އަންނަން އުޅޭ ކަމުގެ ކޮޅުމަތި ވެސް ފެންނަން ފަށައިފިއެވެ. މިހާރަކަށް އައިސް ޖާދިންގެ ފޯނުކޯލެއް ވެސް ނުލިބެއެވެ. ޖާދިންއަށް ވެސް ހަޤީޤަތް ހާމަކުރަން އެބަ ޖެހެއެވެ. އިސްވެ ޖާދިންއަށް ގުޅުމުގެ ހިތްވަރެއް އީވާއަކަށް ނުލިބުނެވެ. ހުރިހާ ދިމާއަކުން ވެސް އޭނނަގެ ސިކުނޑިއަށް ބާރުވަމުން ދިޔަ އެވެ. ބޮލުގައި މިހާރަކަށް އައިސް ނުފިލާ ރިހުމެއް ވެސް އުފެދިއްޖެއެވެ.

*****

ފަހު އިމްތިހާނު އޮތް ދުވަހެވެ. އިމްތިހާނު ނިމުމުން، އިމްތިހާނު ހޯލުން ނިކުންނަން އީވާ މިސްރާބު ޖެހިއެވެ. އޭރު ވެސް މާކިންގެ ސަމާލުކަން ދެވިފައި ވަނީ އިމްތިހާނު ކަރުދާހަށެވެ. އިރުކޮޅެއް ވަންދެން މާކިންއަށް ބަލަން ހުރެފައި ނިކުންނަން އީވާ ހިނގައިގަތެވެ.

އިމްތިހާނު ހޯލުން ނިކުމެވުމާއެކު އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ތުންފަތުގައި ދަތް އަޅާލެވުނެވެ.

''މިއަދު މާކްއަށް ހަޤީޤަތް ހާމަ ކުރާނަން، އިތުރަށް ފަސްކުރަންޏާ މިކަމެއް ހާމައެއް ނުކުރެވި ދުވަސްތައް ފާއިތުވާނީ...'' ސިޑީގެ ރެއިލިންގްގައި ހިފަހައްޓާލަމުން އީވާއަށް އޭނަގެ ޒަމީރާ މަޝްވަރާކޮށްލެވުނެވެ. ލިފްޓުން ފޭބުމުގެ ބަދަލުގައި އީވާ ޚިޔާރުކުރީ ސިޑިއެވެ.

ތަފާތު އެކި ގޮތްގޮތަށް ވިސްނުން ހިންގާލުމަށްފަހު، އޭނަ އަޒުމު ކަނޑައެޅިއެވެ. މާކިންގެ އިންތިޒާރުގައި މަޑުކޮށްލުމަށް އީވާ ގަސްދުކުރިއެވެ.

ކޮލެޖުގެ މައި އިމާރާތުން ބޭރަށް ނިކުމެވުމާއެކު، ކައިރީގައި އޮތް ހުސް ބިމަށް އަވަސް ނަޒަރެއް ދެވުނެވެ. ގިނަ އަދަދެއްގެ މީހުންތައް ހޭލަމޭލަވަމުން ދިޔަ މަންޒަރު ފެނުނެވެ. ހަލަބޮލި މާހައުލުގެ ތެރޭން ވަކިން ހުރި ބެންޗެއް ފެނުމުން އީވާ ހިނގައިގަތީ އެދިމާއަށެވެ. އިމްތިހާނު ހޯލުން ނިކުމެވުމާއެކު މާކިން އޭނަ ހޯދަން އަންނާނެތީ، މާކިންގެ އިންތިޒާރުގައި އިވާ އިނެވެ. ފޯނާ ކުޅެންށެވެ.

''އީވް... ކިހިނެއްތަ ޓެސްޓް ދިޔައީ؟... ފަސޭހަދޯ؟...'' އިވުނީ ރައުހާގެ އަޑެވެ. ފޯނާއި ނަޒަރު ވަކިކޮށްލަމުން އިސްއުފުލައި އީވާ ބަލައިލިއެވެ. އޭރު އެދިމާއަށް އަންނަ ރައުހާ ފެނި އީވާއަށް ހިނިތުންވެވުނެވެ.

''އާނ، ވަރަށް ފަސޭހަ!...'' ބެންޗުގައި ރައުހާ އައިސް އިށީނުމުން އީވާ ބުންޏެވެ.

''އިރުކޮޅަކުންދޯ ގެއަށް ދާނީ؟... މާކިންއަށް މިއަދު ކިޔައިދޭނަންދޯ؟...'' ރައުހާ އެހިއެވެ.

''ހޫމްމްމް، އެކަމަކު ވަރަށް ބިރު އެބަގަނޭ...'' އީވާގެ އަޑުގައި ނުތަނަވަސްކަން ވިއެވެ. ރައުހާއަށް އެކަމަށް ސަމާލުކަން ދެވުނެވެ.

''އީވް، މިފަހަރު ޖެހޭނެ ބުނަން، އެހެން ނޫނީ އަހަރެން ބުނެފާނަން!، ކޮން ގޮތެއްތަ އީވް ބޭނުންވަނީ؟...'' ރައުހާ ޚިޔާލެއް ދިނެވެ. ހުރިހާ ކަމެއްގައި އީވާއަށް ފަސޭހަކޮށްދޭން ރައުހާ ބޭނުން ވިއެވެ.

''ނޫން!، އޭރަށް ކަމަކު ނުދާނެ، އަހަރެން ބުނާނީ...'' އީވާ އަވަސްއަވަހަށް ދެކޮޅު ހެދިއެވެ. ވާހަކައިގެ ނާޒުކުކަމުން ހަޤީޤަތް ހާމަކުރަން ބޭނުންވަނީ ޚުދު އޭނައެވެ. އެހެން ނޫނީ އިތުރު މައްސަލަގަނޑެއް ހިލިގެން ހިނގައިދާނެއެވެ.

''އެންމެ ރަނގަޅު... އަހަރެން މަޑުކުރާނަން އެނގޭ، އީވްއަށް ސަޕޯޓް ބޭނުންވާނެތާ...'' އީވާގެ އަތުގައި ހިފާލަމުން ރައުހާ ބުނެލިއެވެ.

ރައުހާއަށް ހިނިތުންވުމެއް ދެމުން އީވާ ބޯޖަހާލިއެވެ.

''އެނގޭތަ މީގެ އިރުކޮޅެއް ކުރިން ޖާދިން އަހަންނަށް ގުޅި...'' ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވާ ފަދަ ގޮތަކަށް ރައުހާ ބުނެލިއެވެ.

''ކީއްކުރަން؟...'' އީވާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނައަށް ފޯނު ހާވާލެވުނެވެ. ޖާދިންގެ ޚަބަރެއްވެފައި އޮތްތޯ ބެލުމަށެވެ. ހިތުގައި ސުވާލު އުފެދުނީ އެފަދަ އިޝާރާތެއް ނުފެނުމުންނެވެ. ހަމައެއާއެކު ރައުހާއަށް ޖާދިން ގުޅުމުން ހައިރާންކަން އިތުރު ވިއެވެ.

''އަހަންނަށްވެސް ވީ ތިހެންނޭ، ކުޑަ ވަރެއްގެ ޝޮކެއް ލިބުނީ... ވެދާނެ ދޯ އީވްގެ ފޯނު ރޭންޖް ދަށް ވެގެން ނުގުޅުނީ ކަމަށް ވެސް، މިހިސާބުގަ ރޭންޖް މައްސަލަ ވަރަށް ބޮޑު...'' ރައުހާ ވެސް އޭނައަށް ލިބުނު ހައިރާންކަން ހިއްސާކޮށްލިއެވެ.

ރައުހާގެ ވާހަކަތައް ޤަބޫލުކުރަން އީވާއަށް އުނދަގޫވިއެވެ. އޭނަގެ ޚަބަރެއް ނުވެގެން މިއިން ދުވަހަކު ވެސް ރައުހާއަށް ޖާދިން ގުޅާފައި ނެތެވެ. އެކަމާ ހުރެ އެހިތުގައި ނުތަނަވަސްކަމުގެ ރަޅުބާންޏެއް ދައުރުކޮށްލިއެވެ. އެއާދަޔާ ޚިލާފު ކަންތަކާ މެދު ވިސްނުން ހިންގާލެވުނެވެ.

''ގުޅާފަ ކީކޭތަ ބުނީ؟...'' އީވާއަށް އަހާލެވުނެވެ.

''އީވް ވީ ކޮންތާކުހޯ... އަހަރެން ބުނިން ދެމީހުން ކޮލެޖުގައޭ، އެހެން ބުނީމަ ޝުކުރު އަދާކޮށްފަ ފޯނު ކަނޑާލައިފި...'' ރައުހާ އޮޅުންފިލުވައި ދިނެވެ.

''އެހެންތަ؟...'' އީވާއަށް ބުނެވުނެވެ. ހިތަށް ގޮތެއް ވެއްޖެކަން ގައިމެވެ. ކުއްލިޔަކަށް ޖާދިންއަށް އެއައި ބަދަލުތައް ދޭހަކުރަން އުނދަގޫވިއެވެ. އެވިސްނުމުގައި ވަނިކޮށް މާކިން އޭނައަށް ގޮވާލި އަޑު އިވުނެވެ. ޚިޔާލުތަކުން ނިކުމެވުނު އީވާއަށް މާހައުލަށް ސަމާލުވެލެވުނެވެ. އޭރު މާކިން އަންނަތަން ފެނިއްޖެއެވެ. އެހިތުގެ ތެޅުން އަވަސްވާން ފެށީ ކުއްލިޔަކަށެވެ. ނުތަނަވަސްކަމުގެ ހައިޖާނެއް އުފެދުނެވެ. އުނގުތެރޭގައި އޮތް އަތުގައި ފިނިދަލެއްވެސް ހިއްލަން ފެށިއެވެ. މާކިން ފެނި މީހާއަށް ލިބުނީ ހާސްކަމެވެ.

ރައުހާ ފެނުމުން މާކިންއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އެކަން ރައުހާއަށް ފާހަގަ ކުރެވުނެވެ.

''ކިހިނެއްވީ ކުއްލިޔަކަށްތި ހުއްޓުނީ؟... އަހަރެން މީ ފުރޭތައެއް ނޫނޭ، ތިދެމީހުންގެ ގުޅުމުގެ ވާހަކަ އީވް ކިޔައިދިންތާ ކޮން ދުވަހެއް، އެހެންވީމަ ދެމީހުން ވާނެދޯ އެކުވެރިކަން ބަދަހިކުރަން، އެފަހަރު އެކުވެރިކަމަށް ދިއްކޮށްލި އަތުގައި މާކިން ނުހިފީމެއްނު...'' މާކިންއަށް ބަލައިލަމުން ސަމާސާ ރާގަކަށް ރައުހާ ބުނެލިއެވެ. އޭނަ މާކިން ގާތަށް ގޮސް ހުއްޓެމުން ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ. އީވާއަށް ދިން ނަޒަރަށް ފަހު ރައުހާގެ އަތުގައި މާކިން ހިފާލިއެވެ. އަދި ހިނިތުންވެލިއެވެ.

''އާދެބަލަ، ތިން މީހުން އެކުގައި ކުޑަކޮށް ވާހަކަދައްކާލަން ވާނެއެއްނު!، އެއަށްފަހު ދެމީހުން އެކަނިވެލަން ފުރުސަތު ދޭނަމޭ، އެނގެޔޭ މާފޮޅުވަން ބޭނުންވެކަން ތިހުރީ...'' ރައުހާގެ މަޤްސަދަކަށްވީ އީވާއަށް މާކިންއާއި ހަމަޖެހިލައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެކަން ރޭކާލުމުން ރައުހާއަށް އީވާ ބަލައިލީ ޝުކުރުގެ ނަޒަރަކުންނެވެ.

''ހޫމްމްމް، މިފަހަރު އީވްގެ ހުރި މޮޔަ ކަންތައް ހިއްސާކުރާނަން...'' ރައުހާ ސަމާސާ ރާގަކަށް ބުނެލިއެވެ.

''ރައު!...'' ކޮންމެ ފަދަ ވާހަކައެއް ވެސް ރައުހާ ހިއްސާކޮށްފާނެތީ އީވާއަށް އަވަސްއަވަހަށް ބުނެވުނެވެ. މާކިންއަށް އެކަން މަޖާ ވިއެވެ. އޭނަ އީވާއަށް ބަލައިލަމުން މަނާ ނުކުރުމަށް އެދުނެވެ. އެއާއެކު އީވާއާއެކު އުޅެން ފެށީއްސުރެން ފާހަގަ ވެފައިވާ ކަންތައްތައް، މާކިންއާއި ރައުހާ ހިއްސާކުރިއެވެ. މާހައުލަށް ވެރިވެފައި އޮތީ އުފާވެރިކަމެވެ.

''އެއްފަހަރު ހެދުމެއް އިސްތިރިކުރަން ދިނީމަ ހެދުން ވެސް ވިރުވާލައިފި... އަދިވެސް ހަނދާން އެބަހުރި ދެރަވެގެން އަހަންނަށް ރޮވުނު ވަރު، ވަރަށް ލޯބިން ގެންގުޅުނު ހެދުމެކޭ އެއީ...'' ހެމުންހެމުން ރައުހާ ބުނެލިއެވެ. އެވަގުތު ރައުހާއާއި ދިމާއަށް އީވާ ލޯއަޅައިލިއެވެ. މާކިންއަށް ހިނިތުންވެވުނެވެ.

އުފާވެރިކަމުގެ މާހައުލަށް ބިންދާލަން ތައްޔާރުވަމުން ދިޔަ ރާޅުގެ ހިލަމެއް އެކަކަށް ވެސް ނުކުރެވުނެވެ. ދެމުން ދިޔަ އިންޒާރުގެ ރަނގަބީލުތަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ. އެރާޅުގެ ބާރުގަދަ ކަމުން ދިރިއުޅުމުގެ އުއްމީދުތައް ފުނޑުފުނޑު ވެގެންދާނެ ކަންވެސް ރޭކާ ނުލިއެވެ.

''ހެމުން ގޮސް ބަނޑަށް ތަދުވާވަރު ވެއްޖެޔޭ... ދެން މިއަދަށް ހުއްޓާލަނީ... އަދި ފަހުންވެސް ބައްދަލުވާނެތާ...'' ސިއްރު ނަޒަރެއް އީވާއާއި ބަދަލުކޮށްލަމުން ރައުހާ ބުނެލިއެވެ. އެއީ ރައުހާ ދިން އިޝާރާތެކެވެ. އޭނަ އިރުކޮޅެއްގެ ތެރޭގައި އެތަނުން ދާނެ ކަމާއި އީވާއަށް ފަހިވެގެންދާނެ ފުރުސަތުގެ ބޭނުން ހިފުމަށް ވެސް ސިއްރުސިއްރުން ބުނެލިއެވެ.

''އީވް!...'' ރައުހާ ދާންވެގެން ތެދުވަން އުޅުނު ވަގުތު، އިވިގެން ދިޔައީ އިތުރު ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. ސިހުމާއެކު އީވާއާއި ރައުހާ ބަލައިލީ އެކަކު އަނެކަކުގެ މޫނަށެވެ. ބިރެއް ފެނުނު ފަދައަކުން އީވާއަށް އަޑުއައި ދިމާއަށްވެސް ބަލައިލެވުނެވެ. އޭރު އޭނަގެ މޭގަނޑު އަނގަޔަށް އައިސްފިއެވެ. ކުއްލިޔަކަށް ބެންޗުން ތެދުވެވިއްޖެއެވެ. ރައުހާއަށް ވެސް ފުންމައިގެންފައި ތެދުވެވުނެވެ.

އީވާއާއި ރައުހާގެ ހަރަކާތްތަކުން މާކިންއަށް ލިބުނީ ހައިރާންކަމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟