ސައްބީސްވަނަ ބައި
ވައިބަރުން މެސެޖެއް އައީ އޭނާ ފޯނަށް ބަލަހައްޓައިގެން އިންދައެވެ. ހިތްއަވަސްވެގެން ދިޔައީ އެއީ އިރާނިޔާގެ މެސެޖެއްކަން އިނގުމުންނެވެ. 'އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންިޒާރުގައި' ތުންފަތް މައްޗަށް ވެރިވެގެންދިޔަ ފުޅާ ހިނިތުންވުމާއެކު ހިތަށް ލިބުނު ބަޔާންކުރަންދަތި ހިތްހަމަޖެހުމުގައި އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. އިރާނިޔާގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ހިތްހަމަޖެހޭ ހަދިޔާއަކީ އެމެސެޖު ކަމުގައި ވެއްޖެއެވެ. އެތައް ފަހަރަކު އޭނާ އަމިއްލަ ފޯނުގައި ބޮސްދީފިއެވެ. އޭނާގެ ހިތާއި ދެކޮޅަށް މުޅި ދުނިޔެ ނިކުތަސް އެ އަންހެންކުއްޖާއާއި ދުރުގައި އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާ ދިރިހުރުމެވެ. އޭނާގެ އުފަލާއި ހިތާމައެވެ. ރެއާއި ދުވާލު އޭނާއަށް ކުރެވޭ ދުޢާއެވެ. އޭނާގެ ދެލޮލުގެ އަލިކަމެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ރުޒާނާގެ ގޭތެރޭގައި ގަދައަށް ކާންހަދާފައި ހުރީ އިރާނިޔާގެ ދަރިފުޅަށް ނަން ކިޔުމުގެ ގޮތުންނެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ ދަޢުވަތު ދީފައެވެ. އިރާނިޔާއަށްޓަކައި ރުޒާނާއާއި އީސަ އެވަރުގެ ބޮޑު ޚަރަދެއް ކުރީތީ އެދަމަފިރިންގެ ކުރިމައްޗަށްއަރަން އޭނާ ހުރީ ލަދުގަނެފައެވެ. ކޮޓަރިން ނުނިކުމެ އިންއިރު އޭނާއާއި ދާދި ކައިރީގައި ޒަމްހާ އިނެވެ.
"ކިތައްފަހަރު ގޮމަ ރާނީ ބަލާ އައިސްފަ އެދަނީ. ހިނގާ ބޭރަށްދާން. އެވަރުގެ ޙަރަދެއްކުރި ބަޔަކަށް ޝުކުރުވެސް އަދާކުރަންވާނެއްނު" ޒަމްހާ އިރާނިޔާއަށް ވިސްނައިދިނެވެ. ނިދާފައި އޮތް ހޫރުގެ މަގަތުން ބާލީސްތައް ކައިރިކޮށްފައި އިރާނިޔާ ޒަމްހާގެ ފަހަތުން ކޮޓަރިން ނިކުތެވެ.
ގަޑިން ދިގަޑި ބައިވިއިރު ގޭތެރެއަށް ވެރިވެފައިވި ހަލަބޮލިކަން ފިލާ މުޅި ގޭތެރެ ހިމޭން ވެއްޖެއެވެ. އަންހެންވެރިން ކާން ތައްޔާރުވަމުން ދިޔައެވެ. ރުޒާނާއަށް އިރާނިޔާ ބަލަމުންދާކަން ފާހަގަވީ ކަންނޭނގެއެވެ. އިރާނިޔާއަށް ބަލައިލާފައި ރުޒާނާ ހީލިއެވެ.
"އީސަބެއާއި ރުޒާނައްތައަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގޭ" އިރާނިޔާ ބުނެލައިފިއެވެ.
"މިއީ އެވަރުގެ ކަމެއްނޫން. އަހަރެމެންގެ މިހާރު ހުންނަނީ އެންމެ އަންހެންދަރިއެއްނޫން. ދެ ދަރިން" އީސަ ބުނެލިއެވެ. އިރާނިޔާއާއި ގުމްރޫހް އެކަކު އަނެކަކަށް ބަލައިލާފައި ހީލައިފިިއެވެ.
"އެއްވެސް މީހަކު ރާނީ ކައިރީގައި ވަޢުދުވިތަ ރާނީއަށް ޖެހޭ ކޮންމެކަމެއް ބަލަހައްޓައިދޭނަމޭ ކިޔާފަ. ހުރިހާ ކަމެއް ކޮށްދޭނަމޭ ކިޔާފަ. އެއްވެސް ފިރިހެނަކު މިދުނިޔޭގައި އެބަހުރިތަ ތިދެމައިން އަމިއްލަ ކުރަން ބޭނުންވާ" މޭޒު ކައިރީގައި އިން ރުޒާނާ އެހިއެވެ. އިރާނިޔާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. އޭނާގެ ހިތުގައި އާޝިދްގެ ސޫރަ ކުރެހިގެން ހިނގައްޖެއެވެ.
"ދެން ބުނެބަލަ. އެއްވެސް މީހަކު އެބަހުރިތަ ރާނީގެ އިންތިޒާރުގަ" އަނެއްކާވެސް ރުޒާނާ އެހިއެވެ..
"އާނ.. އާޝިދް. ބުނި ވަރަށް އަވަހަށް އަންނާނަމޭ" ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން އިރާނިޔާ ބުނެލިއެވެ.
"އެވާހަކަ ބުނަން ރުޒާނައްތަވެސް މިއުޅެނީ. އެސޮރު މާލޭގަ ހުއްޓަސް ހޫރުއަށް ނަން ކިޔުމުގެ ހުރިހާ ހަރަދެއްކުރީ އޭނަ. ހުރިހާ މަސައްކަތެއްކުރީ ރުޒާނައްތަމެން ކަމުގައި ވިޔަސް ޚަރަދުކުރީ އެސޮރު. ބަކަރި ކަތިލުމުގެ ކަންތައްތަކާއި ވެސް އުޅުނީ ހަމަ އެސޮރު" ރުޒާނާ ވާހަކަދެއްކިއެވެ. ވަގުތުން އިރާނިޔާގެ ދެލޯ ވިދައިގަތެވެ. އާޝިދް ހަމަ އެހާ ލޯބިވޭބާއޭ ހިތަށް އަރައިފިއެވެ.
"ރުޒާނައްތަގެ ބަހެއް އަހަންޏާ އެސޮރުގެ އަތުން ދޫކޮށްނުލާތި. ލިބިފައި ތިހުރީ ހަމަ ރަންގަނޑެއް. ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާދެކެ ލޯބިވާ މީހެއް އެންމެ ރަނގަޅުވާނީ" އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ރުޒާނާ ވާހަކަދެއްކިއެވެ.
އޮފީސް ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމަށްފަހު ވަރަށް ރަނގަޅަށް ދިހަބުރީގެ އިމާރާތަށް އާޝިދް ބަލައިލިއެވެ. ޒޯނުގައި ސައިކަލް ޕާކްކުރުމަށްފަހު ލޮލުގައި އިން އަވިއައިނު ނަގާފައި ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅުގައި އަޅުވައިލިއެވެ. އެއަށްފަހު ހުޅުވާފައި ހުރި ގޭޓުން އެތެރެއަށް ވަނެވެ. އެއްފަރާތުގައި ހުރި ލިފްޓުގެ ފިތަށް އޮށްބާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ލިފްޓު އަންނަންދެނެވެ.
ލިފްޓު އައުމާއެކު އާޝިދް އެތެރެއަށް ވަނެވެ. ނަންބަރު ހަތަރަކަށް ފިތުމަށްފަހު ހަމަޖެހިލިތަނާ ބޭރުން ކޮންމެސް މީހަކު ލިފްޓު ހުއްޓުވައިފިއެވެ. އެތެރެއަށް ވަން އަންހެންކުއްޖާ ފެނުމުން އާޝިދް ކުޑަކޮށް އެއްފަރާތަކަށް ޖެހިލައިފިއެވެ.
"ސޮރީ. ހަތަރަކަށް ދޯ ދަނީ" އަންހެންކުއްޖާ އާޝިދްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
"އިޓްސް އޯކޭ" އާޝިދް ބުނެލިއެވެ.
ހަތަރުވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ދެކުދިން ފޭބިއެވެ. އަވަސް އަރުވާލާފައިހުރި އަންހެންކުއްޖާ ބޭރަށް ނިކުތީ އާޝިދްގެ ގައިގައި ޖެހިގަނެފައެވެ. އެކުއްޖާގެ އެ އަމަލުން އާޝިދް ހިތްހަމަނުޖެހުނެވެ. އޭނާގެ ކުރިމަތިން ހިނގާފައިދާ އަންހެންކުއްޖާގެ ފުރިހަމަ އިސްކޮޅަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. ކުރު ގަމީސްކޮޅަކާއި ކުކުޅުބިސް ކުލައިގެ ސްކިނީއެއް ލައިގެން ހުރިއިރު އަޅި ކުލައިގެ ކުޑަ ދަބަހެއް ހުރަހަށް އަޅުވާލާފައި އޮތެވެ. ބުޅި އިސްތަށިކޮޅު އަރަނީ ކޮނޑާއި ހަމައަށެވެ. މީހާ ދިގުކަމަށް ދައްކަނީ އަރައިގެންހުރި އުސްފައިވާނެވެ.
"އެކްސްކިއުޒްމީ... ކޮބާތަ ބައްޕަގެ އޮފީސް؟" ރިސެޕްޝަނުގައި އިން އަންހެންކުއްޖާ އާޝިދަށް ބަލައިލާފައި ފުންމައިގެން ތެދުވިއެވެ. ބޮޑުމީހާގެ ދަރިފުުޅުކަން އިނގުމުން އިހުތިރާމްކުރުމުގެ ގޮތުން ސަލާމް ގޮވައިލިއެވެ. އަމިއްލަ ބައްޕަގެ ކެބިން ނޭނގޭތީ ސުވާލުކުރަން އާޝިދް ލަދުވެސްގަތެވެ. ނަމަވެސް އެއީ އެ އޮފީހަށް އޭނާ ވަން ފުރަތަމަ ފަހަރެވެ.
"ސިޑިން މައްޗަށް އަރާއިރު ފެންނަން ހުންނާނެ. އިންނާނެ ނަން ޖަހާލާފަ" އެ އަންހެންކުއްޖާ ބުނެލިއެވެ. ހިނިތުންވުމަކާއެކުގައެވެ.
އާޝިދް އަރައިގެން ގޮސް ވަޙީދުއްދީންގެ ނަން ފެންނަން އިން ބިއްލޫރި ދޮރުގެ ބޭރުގައި މަޑުކޮށްލިއެވެ. އޭނާގެ ނިތަށް ރޫއަރައިގެން ދިޔައީ ދެންމެ ލިފްޓުން ދިމާވި އަންހެންކުއްޖާ ސޯފާގައި މަޑުކޮށްލައިގެން އިންދާ ފެނުމުންނެވެ. ނޭނގޭކަމަށް ހަދާފައި އާޝިދް ދޮރު ކަހާލުމާއެކު އަންހެންކުއްޖާ ބަލައިލިއެވެ.
"ޔޫވެސް މިތަނަށްތަ؟ ޖޮބެއް ހޯދަންވެގެންތަ؟" އަންހެންކުއްޖާ އަހައިލިއެވެ. އާޝިދް ވަކި ޖަވާބެއްނުދީ ފެންނަން ހުރި ދޮރާއި ދިމާލަށް ހިނގައިގަތެވެ.
"ބޭޑް މޭނާރސް. މަންމަމެން ތިބީ މީޓީންއެއްގަ" އަންހެންކުއްޖާ ބުނެލިއެވެ. އާޝިދް އެނބުރި ބަލައިލިއެވެ. އެއީ ވަޙީދުއްދީންގެ ބިޒްނަސް ޕާރޓްނަރު ސޮފާގެ ދަރިފުޅުކަން އިނގުމުން ހިތުގައި މާބޮޑަށް ފޫހިކަން އުފެދިގެން ދިޔައެވެ. އަންހެންކުއްޖާ ދެއްކި ވާހަކަތަކަށް ސަމާލުކަން ނުދީ އާޝިދް ދޮރު އެތެރެއަށް ކޮށްޕާލާފައި އެތެރެއަށް ވަނެވެ. ފައިލެއް ޗެކްކުރަމުން ދިޔަ ވަޙީދުއްދީނާއި ސޮފާ އެކުއެކީގައި ބަލައިލިއެވެ.
"ދަރިފުޅުތަ...؟" ހިތްހަމަނުޖެހިގެން ސޮފާ އެއްޗެއް ބުނަން އުޅުނު ވަގުތު ވަޙީދުއްދީން ބުނެލިއެވެ. ސޮފާ ރަނގަޅަށް އާޝިދަށް ބަލައިލިއެވެ. އޭނާއަށް ފުރަތަމަ ނަޒަރުން އާޝިދް ވަކިކުރަން ނޭނގުނީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުންނެވެ. ކުރިއަށް ވުރެ ބޮޑަށް ހަށިގަނޑު ދޮންވެފައި މަސްޖަހާލާފައި ވާއިރު ކުރިއަށްވުރެވެސް ބޮޑަށް ފިރިހެންވަންތައެވެ. ތުނިތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅިން އާޝިދްގެ ރީތިކަން އިތުރުކޮށްދެއެވެ.
"އާޝިދްތަ...؟ ސޮފާއްތައަށް އެހާ ގިނަ ދުވަސްކޮށްފަ ފެނުނީމަ ނުވެސް އިނގުނޭ" ފައިލް ލައްޕައިލަމުން ސޮފާ ބުނެލިއެވެ. އާޝިދް އެއަށް ވަކި ޖަވާބެއް ނުދެއެވެ. ސޮފާއަށް ބަލައިލާހިތްވެސް ނުވިއެވެ.
"ދަރިފުޅު ކަމަކުތަ؟ ބައްޕައަށް ގުޅާފަ އައިނަމަ. ސޮފްއަށް އިނގޭތަ؟ އާޝިދް މިއޮފީހަށް އައި ފުރަތަމަ ފަހަރޭ މީ" ހީލައިގެން ހުރި ވަޙީދުއްދީން ބުނެލިއެވެ.
"ނޮޓް ފެއަރ.. އަަހަރެން ބޭރުގަ ބަހައްޓާފަ މިތަނަށް ނުވެސް ދަންނަ މީހަކު އައިސްވަނީމަ މަންމައާއި ބޭބެ ހަމަ ހެވިިފަ ތިބެނީ" ތިން މީހުންގެ ސަމާލުކަން ދޮރުން ވަދެގެން އައި އަންހެންކުއްޖާއަށް ހުއްޓުނެވެ. އާޝިދްގެ ހިތުގައި ފޫހިކަމެއް އުފެދިއްޖެއެވެ.
"ބައްޕައާއި ވަކިން ބައްދަލުކޮށްލަން ބޭނުން" އާޝިދް ބުނެލިއެވެ. އަންހެންކުއްޖާގެ ސަމާލުކަން އާޝިދަށް ހުއްޓުނެވެ. އެއީ ކާކުކަން އިނގުމުން އަންހެންކުއްޖާއަށް ހެވިއްޖެއެވެ.
"ނޭނގޭނެއްނުން. އަހަރެން ހީކުރީ ވަޒީފާ ހޯދަން އައި ބިކާރީއެއް ކަމަށް" އަންހެންކުއްޖާ ބުނެލިއެވެ. ސޮފާ އަންހެކުއްޖާއަށް ދެލޯ ވަށްކޮށްލުމާއެކު މައިތިރިވިއެވެ.
"ސޮރީ... އެއީ މަޖާ. އަހަރެންނަށް ކިޔަނީ އައިރިސް" އާޝިދަށް ސަލާމަށް އަތްދިއްކޮށްލަމުން އައިރިސް ބުނެލިއެވެ.
"ވައަލައިކުމުއްސަލާމް.... ބައްޕަ ބިޒީނޫނިއްޔާ އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވަންވީނޫންތޯ" އާޝިދް ބުނެލިއެވެ. ވަގުތުން އައިރިސްގެ އަތް ތިރިކޮށްލިއެވެ. އާޝިދް އެގޮތަށް ކަންތައް ކުރުމުން އޭނާ ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ސޮފާއާއި އަވަސް ނަޒަރެއް ބަދަލުކޮށްލިއިރު ސޮފާ ހުރީ އާޝިދް ކަންތައްކުރި ގޮތުން ހިތްހަމަނުޖެހިފައެވެ.
"އައްދެ. އައިރިސްދެކެ ހާދަ ފޫއްސެއްތިވީ. ތިދެކުދިންނަކީ މުސްތަގުބަލުގަ ގުޅެން ތިބި ދެކުދިންނޭ. ހަނދާންނެތުނީތަ؟" ތުންފަތްމަތީގައި ހިނިތުންވުމެއް ވިއިރު ސޮފާ ހުރީ އެތެރެއިން ކެކިކެކިއެވެ. އެގުޅުމަށް އާޝިދް ނުރުހޭކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. އެހެންވިޔަސް އޭނާގެ އެއްވެސް ފަރުވާލެއްނެތެވެ. ކޮންމެފަދަ ކަމެއް ކޮށްގެންވެސް އާޝިދްގެ އަންބަކަށް އައިރިސް ހަދަން މާކުރިން އޭނާ ހުރީ ނިންމައިގެންނެވެ. އޭނާ ބޭނުންވަނީ ވަޙީދުއްދީން ފެލައިގެން ވިޔަސް އޭނާގެ ނަން މައްޗަށް އެއްކޮށް ވިޔަފާރި ބަދަލުކުރާށެވެ. މިހާރުވެސް ބޮޑު ޕަސެންޓެއް އޮތީ ވަޙީދުއްދީނަށެވެ. ކުރިއަށް މިއޮތް ތިންވަރަކަށް ދުުވަސް ތެރޭގައި އެހުރިހާ މުދަލެއްގެ ވެރިޔަކީ އާޝިދެވެ. އާޝިދް މަރުވުމަށްފަހު މުދާތަކުގެ ޙައްޤުވެރިޔަކީ އޭނާގެ އަނބިމީހާގެ މަގާމުގައި ހުންނަ މީހެކެވެ. އެފައިސާތަކާއި މުދާތަކަށް ސޮފާގެ ވިހަ ލޯ އަމާޒުވިތާ ކިތަންމެ ދުވަހެކެވެ. މީހަކަށް ހިލަމެއްވެސް ނުވާނެހެން އޭނާ ވަޙީދުއްދީންގެ ބޮލަށް އެރިގެން އާޝިދް މާލެވެސް ގެނައެވެ.
އޮފީހަށް ދިޔުމުގެ ކުރިން ތައްޔާރުވެގެން އުނޭޝް އައިސް ހުއްޓުނީ ބަދިގޭގައެވެ. މޭޒުމަތި އޮތީ ރޭގައި ކޭގޮތަށެވެ. ކޭތަށިތަކާއި ހަޑިވެފައި ހުރި ތެލިތައް ހުރީ ހުރި ގޮތަށެވެ. ބޮލަށް އުނދަގުވާ ކަހަލަ ވަހެއްވެސް ބަދިގޭގައި ވަނީ ހަރުލާފައެވެ. އަތުގައި އޮތް ލެޕްޓޮޕް ދަބަސް ގޮނޑި މަތީގައި ބާއްވާފައި އުނޭޝް ކުރިއަށް ޖެހިލީ އެއްއަތުން ނޭފަތް ނިވާކޮށްލައިގެން ހުރެއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސްހުއްޓުނީ ފެން ހޫނުކުރާ ޖަގު ކައިރީގައެވެ. ކޮފީ ތައްޓެއް ހަދާލައިގެން ބަދިގޭގައި މަޑުކުރުމެއްނެތި ހިފައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. ކުރު ސޯޓްކޮޅާކާއި އަތްކެނޑި ޓޮޕްކޮޅެއް ލައިގެން ނިދާފައި އޮތް ތަމަންނީއަށް ބަލަމުން ގޮސް އުނޭޝް ހުއްޓުނީ ތަމަންނީގެ ބޯލާކޮޅުންނެވެ. އަތުގައި ހުރި ކޮފީތަށި ސައިޑްކަބަޑް މަތީގައި ބަހައްޓާފައި ތަމަންނީގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. ލަސްލަހުން ދެލޯ ހުޅުވާލި ތަމަންނީ ބަލައިލި ގޮތުން އުނޭޝް ހީލިއެވެ.
"އަދިވެސް ނުދަންތަ؟ ގަޑިޖެހިދާނެ" ނިދިބަރު އަޑަކުން ތަމަންނީ ބުނެލިއެވެ.
"ތެދުވާކަށް ނުވޭތަ؟ ބަދިގެ އޮތީ ވަރަށް ހަޑިކޮށް. ސާފުކުރަން ހުރީވެސް ތަމަންއެއްނު. އަވަހަށް ތެދުވޭ. ވަރަށް ނުބައި ވަސްވެސް އެބަހުރި" އުނޭޝް ބުނެލިއެވެ. ތަމަންނީ ދެލޯ ބޮޑުކޮށް އުނޭޝްއަށް ބަލައިލާފައި އެނދުގެ ހެޑް ބޯޑުގައި ލެގިލިއެވެ.
"މިއުޅެނީ ވަރަށް ބޯއަނބުރާތީ. އަހަރެން ކިހިނެއް ހުރިހާ މަސައްކަތެއްކުރާނީ؟ އެ ކަމްލާވެސް ބަހައްޓާފައި ދިޔަ ތަނަކަށް ދިޔަނަމަ. މާލިކްބެމެން ގޭގައި މީހަކު ނެތްއިރު އޭނަ އެގެއަށް ބަދަލުކުރުމުގެ ބޭނުމަކީ ކޮބާ؟" ބޮލުގައި އަތްއަޅާ އުނޭޝްގެ ކޮނޑުގައި ބޯއަޅާއިލަމުން ތަމަންނީ ބުނެލިއެވެ.
"ބޯއަނބުރަނީއޭ. އެހެން ގޮތެއްވޭތަ؟ މިބުނީ ވަރުބަލިވޭތަ؟" އުނޭޝް އަހައިލިއެވެ. ތަމަންނީ ޚައިރާންވެފައި އުނޭޝްގެ މޫނަށް ބަލައިލިރު އުނޭޝްގެ ތުންފަތްމަތިން ފެނުނު ހިނިތުންވުމެއްގެ ސަބަބުން މެއަށް ނުބައި ގޮތެއް ވެއްޖެއެވެ.
"ކީކޭ ބުނަން ތިއުޅެނީ؟ އަހަރެން ބަނޑުބޮޑީއޭތަ؟" ތަމަންނީ އެހިއެވެ.
"ވެދާނެއްނު. އަހަރެން ވަރަށް އުފާވާނެ. އަހަރެމެންގެ ދިރިއުޅުން ފުރިހަމަވާނެ. ނޫންތަ....؟ އޭރުން މިގެއިން އަހަރެންނަށް ވާއެއްޗެއް އޮންނާނީ އަހަރެމެންގެ ދަރިފުޅަކަށްނު. ތަމަން ފިރިހެން ކުއްޖެއް ވިހައްޗެ. އަހަރެން ބޭނުންވަނީ ފިރިހެންކުއްޖެއް" އެހާ އަވަހަށް އުނޭޝްގެ ހިތުން އެތައް ހުވަފެނެއް ބަލާލައިފިއެވެ.
"އަސްލު އަހަރެން އަދި ރެޑީއެއްނޫން ބޭބީއަކަށް. ސީރިޔަސްކޮށް އަހަރެން ބިރުގަނޭ" ތުއިވެލަމުން ތަމަންނީ ބުނެލިއެވެ.
"އެވަރު ކަމެއްނޫން އެއީ. ދެން ތެދުވެ ފްރެޝްވެލާ. އަހަރެން މިދަނީ. އޮފީހުން އަންނަމުން އަހަރެން ގެނެސްދޭނަން ކިޓެއް" އުނޭޝް ބުނެލިއެވެ.
ހޫރު ގޮވައިގެން ގޯތިތެރޭގައި ހުރި ވަރުގަދަ ޖޭމު ގަސްދޮށުގައި އެލުވާފައި ހުރި އުނދޯލީގައި އިރާނިޔާ އިނެވެ. ކައިރީގައި ހޫރުގެ ރީތިވާ ސާމާނު އަޅާފައިހުރި ވަށިގަނޑު ހުއްޓެވެ. މަގުމަތިންދާ ކޮންމެ މީހެއްގެ ލޮލުގައި އެމަންޒަރު އަޅައިގަންނަމުން ދިޔައެވެ. އެއިން ކޮންމެ މީހެއްގެ ހިތް ވަނީ އިރާނިޔާއަށްޓަކައި ހަމްދަރުދީން ފުރިފައެވެ. އަދި ރުޒާނާގެ ދެމަފިރިންގެ ހިތްހެޔޮކަމަށްޓަކައި ހިތާހިތުން ތާރީފު ކުރަމުން ދިޔައެވެ.
"އަނހަ.... ހޫރުގެ ޒަމްދައްތަ ހީވެސް ނުކުރާ ގަޑިއެއްގަ މިއޮށް ވައްޓައިލީ" ރުޒާނާއާއި އެކުގައި އެދިމާލަށް އައި ޒަމްހާ ފެނުމުން އިރާނިޔާ ބުނެލިއެވެ.
"ނިދީތަ...؟" ރުޒާނާ އެހިއެވެ.
"ނުނިދާ. ތަނެއް ނުފެނުނަސް ދެލޯ ބޮޑުކޮށްގެން އޮތީ" އިރާނިޔާ ބުނެލިއެވެ.
"ހިނގާ އެތެރެއަށްދާން. ބޭބީއަށް ފީޑްނުކުރެވޭނެ މިތަނުގައެއް" އިރާނިޔާ ބުނެލިއެވެ.
"ގެނޭ ޒަމްދައްތަ އަތަށް ދޮންކޮޅު. ރާނީ ގެންދޭ ވަށިގަނޑު" ރަޖާކޮޅަށް ލާފައި އޮތް ހޫރު ނަގާ ލުއިލުއިކޮށް ކޮލުގައި ބޮސްދެމުން ޒަމްހާ ބުނެލިއެވެ.
"ރުޒާނައްތަގެ އެހީއެއް ބޭނުންތަ؟" ރުއްދަނޑުން އީސަ ގެނެސްފައި ހުރި ކާށިތައް ހެހެން ތައްޔާރުކުރަމުން ރުޒާނާ ބުނެލިއެވެ.
މޭޒު ކައިރީގައި އިން ވަޙީދުއްދީނަށް ސައިހަދާފައި ސަކީނާ އެއްފަރާތަކަށް ޖެހިލިއެވެ. އޭނާއާއި ދާދި ކައިރީގައި ޒުކްވެސް އިނެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އާޝިދްވެސް ބައިވެރިވެއްޖެއެވެ. އެންމެން އެކުގައި ސައި ފެށުމާއެކު ތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.
"ދަރިފުޅު ސަކިންތައާއި އެކުގަތަ ދަނީ؟" އުނގުމަތީގައި އޮތް ފޮތިކޮޅުން އަތް ފޮހެލަމުން ވަޙީދުއްދީން ޒުކްއަށް ބުނެލިއެވެ.
"ނޫން. މިއަދު ޒުކް ގެންދާނަމޭ ދޮންބެ ބުނި. މިއަންނަނީ ބޭގް ހިފައިގެން" ޒުކް ސިޑިން އަރައިގެން ދިޔުމުން ވަޙީދުއްދީންގެ ނަޒަރު ކުރިމަތީގައި އިން އާޝިދަށް ހުއްޓުނެވެ.
"ޒުކް ލާފައި އަންނަމުން އޮފީހަށް ވަދެވޭނެތަ؟" ވަޙީދުއްދީން އެހިއެވެ.
"އެއީ ކީއްކުރަނަވްނަތޯ؟" އާޝިދް ސުވާލުކުރިއެވެ.
"އެތަނުގައި މިހާރު ހުރީ ދަރިފުޅުގެ އެއްޗެހި. އެއީ ދަރިފުޅު ކުރަންހުރި މަސައްކަތް" ވަޙީދުއްދީން ލޯތްބާއެކު ބުނެލިއެވެ.
"އަދި އަޅުގަނޑު މިހުރީ ވަޒީފާއެއްގައި. މާލެއައީ ޗުއްޓީއެއްގަ. ބައްޕަ އޮޅުވާލެއްވި ކަމެއް މާލިކްބެއަށް ނޭނގޭ" އާޝިދް ބުނެލިއެވެ.
"ބައްޕަ މާލިކާ ވާހަކަދައްކާނަން. އާޝިދް ދެން މަސައްކަތްކުރާނީ ބައްޕަގެ އޮފީހުގަ" ވަޙީދުއްދީން ބުނެލިއެވެ.
"އަޅުގަނޑު ބޭނުމެއްނޫން. ކީއްވެތަ ކޮންމެ ކަމަކަށް މަޖުބޫރު ތިކުރަނީ؟ އަޅުގަނޑު އެ އައިރިސްއަކާ ކައިވެންޏެއް ނުކުރާނަން. މިތަނުގައި ބަނދެފައި ބޭއްވިޔަސް އެ ކައިވެންޏެއް އަޅުގަނޑު ނުކުރާނަން. އަޅުގަނޑުގެ ދިރރިއުޅުމުގެ ކަންތައްތައް ނިންމުމުގެ ޙައްޤު ލިބިގެންވަނީ އަޅުގަނޑަށް. ކައިވެންޏަށްފަހު ލޯބިނުވާ އަންހެނަކާއެކު ދިރިއުޅެންޖެހެނީ ބައްޕައެއްނޫން. އަޅުގަނޑު. އެހެންވީމަ ބައްޕަ އެންމެ ރަނގަޅުވާނީ ސޮފާއްތަގެ ހުށައެޅުން ޤަބޫލުނުކުރިއްޔާ" ފާޅުގައި އާޝިދް ވާހަކަދެއްކިއެވެ. އޭނާ ތެދުވެގެން ހިނގައިގަންނަންދެން ވަޙީދުއްދީނަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
ދުވަސްތައް ހަފްތާތަކަށް ބަދަލުވެގެން ދާއިރު އިރާނިޔާ ވަގުތު ހޭދަކުރަމުން ދިޔައީ ތުއްތު ހޫރާއި އެކުގައެވެ. އޭނާގެ މުޅި ދިރިއުޅުމަކީ ދަރިފުޅު ކަމުގައި ވެއްޖެއެވެ. އެހެން ކުދިންނާއި ޚިލާފަށް ދޮޅުމަސްވިއިރު ހޫރު ހޭން ދަސްކޮށްފިއެވެ. އޭނާގެ ހުރިހާ ވަގުތެއް ހޫރަށް ހުސްކުރަން ފެށިއެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް ނުފިލާ ރިހުމެއްވިއެވެ. ޙާއިޝާގެ ހަނދާންތަކާއި އާޝިދް ނެތްކަމުގެ ފަޅުކަން އޭނާއަށް އިހުސާސް ކުރެވެއެވެ. އާޝިދްގެ ފޯނުކޯލްތަކުން އޭނާ ހިތްހަމަޖެހުން ލިބުނަސް ޙާއިޝާގެ އެއްވެސް ޚަބަރެއް ނުވެއެވެ.
ދުވަހުގެ ހޫނު ވަގުތުތައް ނިމި ހަވީރުގެ ފިނި މުޅި ރަށަށް ފެތުރިއްޖެއެވެ. މަގުތަކަށް އެކި އުމުރުފުރާތަކުގެ މީހުން ނިކުމެ ހަލަބޮލި ކޮށްލައިފިއެވެ. ރުޒާނާއާއި އެކުގައި ހޫރު ރީތިކޮށްލައިގެން އެހާ ދުރަށް ހިނގާލަން އިރާނިޔާ ނިކުތީ ގުމްރޫހާއި ރުޒާނާ އެކަމަށް އެދޭ ވަރުންނެވެ. ވިހެއި ފަހުން އިރާނިޔާ ބޭރަށް ނިކުތް މިއީ ފުރަތަމަ ފަހަރެވެ.
ޒަމްހާއާއި އެކުގައި އިރާނިޔާ ވަކިވެލީ ރުޒާނާއާއި ގުމްރޫހް ތިމާގެ މީހެއްގެ ގެއަށް ވަނުމުންނެވެ. ބަނދަރުމަތީގައި ހުރި ބެންޗެއްގައި ދެއެކުވެރިން ތިބިއިރު ހޫރް އިނީ ޒަމްހާގެ އުނގުގައެވެ. ވާހަކަދެއްކުމުގެ ތެރެއިން ހޫރްގެ ކަނާތު ފައިގެ ފަލަމަސްގަނޑުގައި އިން ކަޅުކުލަ ގަދަ ލަފެއް ޒަމްހާގެ ލޮލުގައި އަޅައިގަތެވެ. އެތަނުގައި ޒަމްހާ އިނގިލިން ފިރުމައިލިއެެވެ.
"އުނޭޝްގެ ހަމަ ތިފައިގަ. ހަމަ ތިތަނުގަ ތިކަހަލަ ލަފެއް އިންނާނެ. ހޫރްގެ އަނގަމަތިން އަހަރެންނަށް އުނޭޝްގެ އަނގަމައްޗާއި ވަރަށް ވައްތަރުގޮތެއް ހުރޭ" އިރާނިޔާ ބުނެލިއެވެ.
"އަޅެ އެއީ ފިރިހެނެއްތަ؟ ކީއްތަވާނީ ގުޅާލާފަ މިދަރިފުޅުގެ ހާލު ބަލައިލިއްޔާ. އަހަރެން ހަމަ ޚައިރާންވޭ..." ޒަމްހާ ބުނެލިއެވެ. އިރާނިޔާ ބަހެއްވެސް ނުކިޔާ އެވަގުތު ފަޅަށް އައިސްވަން ދޯންޏަކަށް ބަލަހައްޓައިގެން އިނެވެ.
"އަހަރެން ތެދެއް ބުނަންތަ ޒަމް؟ ހޫރްގެ ތި ނިޝާން ފެނުނީމަ ބައެއްފަހަރު އުނޭޝް މަތިން ހިތަށްއަރާ. ޒަމްގެ ހިތަށް އެރި ގޮތަށް އަހަރެންވެސް ހިތަށް އަރާ... އެކަމަކު މިހާރު އަހަރެން އުނޭޝްއާ މެދު ވިސްނާ ފިކުރުކުރަން ކުޑަކޮށްވެސް ބޭނުމެއްނޫން. އެހިތާމައެއް އަހަރެން ނުކުރަން. އަހަރެން ބޭނުމެއްވެސްނޫން. އުނޭޝް އެނބުރި އަޔަސް އަހަރެން އެލޯތްބަށް އުމުރަށް ސަލާން" އިރާނިޔާ ވާހަކަދެއްކިއެވެ. ޒަމްހާ ހޫރާއި އެކުގައި ސަމާސާ ކުރަމުން ދިޔައިރު އޭނާ އިރާނިޔާ ދެއްކި ވާހަކަތައް އަޑުއަހަމުން ދިޔައެވެ.
"އަހަރެން ހިތުގައި އާ އިހުސާސްތަކެއް އުފެދިއްޖެ. އުނޭޝްގެ ހަނދާންތަކާއި އަހަރެންގެ ހިތާއި ދެމެދު ފާރެއް ލެވިއްޖެ" އިރާނިޔާ ބުނެލިއެވެ. ޒަމްހާ އިރާނިޔާގެ މޫނަށް ބަލައިލިއިރު އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
"ޒަމްއަށް ތިހީވީ ރަނގަޅަށް. އަހަރެން ހިތުން އެދެނީ އެހެން ލޯތްބަކަށް. އޭނާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ ހިތް ބަދަލުވެއްޖެ" ހިނިތުންވެފައި އިން ޒަމްހާގެ އަތުގައި ހިފައިލަމުން އިރާނިޔާ ބުނެލިއެވެ.
(ނުނިމޭ)