ވާހަކަ

ދެކިލަން އެދޭތި - 28

5

އުޑުމަތި ސާފު ރީތި ދުވަހެކެވެ. ކޮޅުކޮޅަށް ވިލާތައް މިނިވަންކަމާއެކު ދަތުރުކުރަމުން ދިޔަ އެވެ. ބަހާރު މޫސުމުގެ ދަޅަތަކުން މާހައުލަށް ފުރިހަމަކަން ގެނެސްދީފައި އޮތެވެ. ޖެހިލާ ރޯޅިތަކުގައި ވެސް އެކުލެވިގެން ވަނީ ތާޒާކަމެވެ. ކޮލެޖާއި އިންވެގެން އޮތްނަ ހުސް ޖާގައިގައި ހުރި ބެންޗެއްގައި އިށީނދެލައިގެން އީވާ އިނެވެ. އޯރކް އަދި ވިލޯ ގަސްތަކުން މުޅި ސަރަހައްދު ހިސާރު ކޮށްފައި އޮތެވެ. އެބިޔަ ގަސްތަކުގެ ހިޔާ މުޅި ސަރަހައްދަށް ވަނީ ފެތުރިފައެވެ. ދުރުދުރަށް ދާންދެން ބިންމައްޗަށް ފެތުރިފައި އޮތް ފެހިކަން ގަދަ ވިނަގަނޑުން މާހައުލަށް އިތުރު ދިރުމެއް ގެނެސްދެއެވެ. ވިނަގަނޑުގެ ތެރޭން ރީނދޫކުލައިގެ ކުދި މާތައް ވެސް ފޮޅިފައި ވެއެވެ.

ބެންޗްގައި ބޯއަޅާލައިގެން އޮތް އީވާގެ ނަޒަރު ހުއްޓިފައި ވަނީ ރޯޅީގެ ސަމާސާތަކާއެކު ހެލެމުން ދިޔަ ވިލޯ ގަހުގެ އޮފިތަކަށެވެ. އެމަންޒަރު ބަލަން އޮތްކަމުގައި ވިޔަސް އޭނަގެ ޝައުޤުވެރިކަމެއް ނެތެވެ. މޫނުމަތިން ކަމަކާ މެދު ފިކުރު ހިންގަމުން ދިޔަކަން ރަމްޒުކޮށްދެއެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ ތަނާ މާކިންގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވިއެވެ. ޚިޔާލުތަކުގެ ވާފަށް ކެނޑައިގެން ދިޔައީ ދެނެވެ. ސިހިފައި އީވާއަށް ފަސްއެނބުރި ބަލައިލެވުނެވެ.

މާކިން އަންނަ މަންޒަރު ފެނި އީވާއަށް ހިނިތުންވެލެވުނެވެ. މާކިންގެ ސޫރައިން ހިތަށް ފިނިކަން ގެނެސްދިނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި ސިކުނޑި ކަމުން ދިޔަ ވާހަކަތައް ހަނދުމަވެ މޮޅިވެރިކަން ހިތަށް ވެރިވާން ފެށިއެވެ.

އީވާގެ ގާތަށް އައިސް ހުއްޓުނު މާކިންއަށް އީވާގެ މޫނުން ފާޅުވަމުން ދިޔަ ކުލަވަރުތަކަށް ސަމާލުވެލެވުނެވެ.

''ހާދަ މޫޑީ ވެފަ ތި އިނީ؟...'' އީވާގެ ގާތުގައި އިށީންނަމުން މާކިން އެހި އެވެ. އެރީތި ހިނިތުންވުން އީވާއަށް ހަދިޔާ ކުރަމުންނެވެ.

''ކަމެއްނުވޭ!...'' ހަޤީޤަތް ހާމަކުރަން އީވާއަށް ދަތިކަމަކަށް ވެއްޖެއެވެ. ކޮންމެ ފަހަރަކު އެވަހާކަތައް ދުލާ ހަމައަށް ގެންނަން މަސައްކަތް ކުރުމަށް ފަހު، މާކިންގެ ދެލޮލުން ފެންނަ ލޯބީގެ އަސަރުތަކުން ހިތުގައި ރިއްސާލައެވެ. އެއާއެކު ނަފުސަށް ބިރުވެރިކަން ސަވާރުވެގެން ދެއެވެ. މާކިން އޭނަ ދެކެ ހިތްހަމަނުޖެހިދާނެޔޭ ހިތަށް އެރުމާއެކު ހިތްވަރު އެލިގެން ދެއެވެ. ނަފުސަށް އޮތްނަ އިތުބާރު ގެއްލިގެން ދެއެވެ. ހާސްކަން ވެރިވާން ފަށައެވެ. ފަސްޖެހެވެނީ އެހެންވެއެވެ.

''ނޫން!، ކަމެއް ވެއްޖެ، މިހާރަކަށް އައިސް އީވް ހުންނަނީ އަބަދު ފިކުރު ބޮޑުވެފަ ހެން އަހަންނަށް ހީވަނީ... ކަމެއްވީތަ؟... އަހަންނާ ހިއްސާނުކުރުންތަ ތިއުޅެނީ؟...'' ކަންބޮޑުވުމާއެކު މާކިން ސުވާލުކުރިއެވެ. ހުޅުވާފައިވާ ފޮތެއްގެ ސަފުހާތަކެއް ފަދައިން އީވާގެ އުދާސްކަން އޭނައަށް ދޭހަކުރެވުނެވެ. އޭގެ ސަބަބުން ހިތުގައި ސުވާލުތައް ވެސް އުފެދިފައި ވެއެވެ. އީވާގެ މޮޅިވެރިކަމުގެ ފަހަތުގައިވާ ސަބަބު ހޯދަން އޭނަ ބޭނުން ވިއެވެ.

''ނޫން!، އެއްވެސް ކަމެއް ނުވެޔޭ.....'' މާކިންއާއި ނަޒަރު ބައްދަލުކޮށްލަމުން އީވާ ބުނެލިއެވެ. ފުން ނަޒަރަކުން އީވާއަށް މާކިން ބަލައިލިއެވެ. އެނަޒަރުގެ ތޫނުކަމުން އީވާގެ ހިތް ތެޅިލިއެވެ.

''މާކްއާ ހުރިހާ ކަމެއް އަހަރެން ހިއްސާކުރާނަން...'' އޭނަގެ ޒަމީރަށް އީވާ ވިސްނައިދިނެވެ. އެއީ އޭނަގެ ހިތަށް ދިން ޔަޤީންކަމެއް ހެން ވެސް ހީވިއެވެ. ރަނގަޅު ދަނޑިވަޅެއް ބަލާފައި މާކިންއަށް ސިއްރުތައް ހާމަކުރަން އީވާ ގަސްދުކުރިއެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ. އޭރުން ހަޔާތަށް ބިންދާލާ ބިޔަ ރާޅުތަކުގެ އޮޔެވަރުގެ ބާރުގައި ޖެހި ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެއެވެ. އޭގެ ކުރިން ސަލާމަތުގެ އައްސޭރިއަކަށް ދާން އީވާ ބޭނުން ވެއެވެ. މާކިންއާއިއެކު އުޖާލާ މުސްތަޤުބަލަކަށް އެދެވޭތީއެވެ. އެއީ އެހިތުގެ ރާޖާއެވެ. ހުވަފެންތަކުގެ މިލްކުވެރިޔާއެވެ. ފުރާނައިގެ ދިރުމަށް ވެސް ވެއްޖެއެވެ. މާކިންއައި ވަކިވުން އެއީ އޭނަގެ ހަޔާތަށް އަނދިރިކަން ވެރިކުރުވާނެ ކަމަކަށް ވެގެން ދާނެއެވެ. ދިރިހުރުމުގެ ހުރިހާ އުއްމީދެއް ވެސް ގެއްލިގެން ދާނެއެވެ. ހަޤީޤަތް މާކިންއަށް ހާމަކުރަން އީވާ ފަސްޖެހެވެނީ އެސަބަބުތަކާ ހެދިއެވެ. މާކިން އޭނަ ދެކެ ރުޅިއައިސްފިނަމަ އެހިތް އެތިކޮޅުތަކަށް ބުރައިގެން ދާނެއެވެ. ޖިސްމަށް ލިބިގެންދާނީ ފުން ހިތާމައެކެވެ. އެހިތްދަތިކަން ބަރުދާސްތުކުރަން އުނދަގޫވާނެކަން ގައިމެވެ.

އިރުކޮޅެއް ވަންދެން އީވާއަށް ބަލަހައްޓައިގެން މާކިން އިނެވެ. އެކަން އީވާއަށް ފާހަގަވެ ހިތް އަވަސްވިއެވެ. މާހައުލަށް ވެރިވަމުން އައި ނުތަނަވަސްކަމަށް ނިމުމެއް ގެނެވޭތޯ އީވާ މަސައްކަތްކުރިއެވެ.

''ތިވަރަށް ނުބަލަބަ، އަހަރެން ލަދުން ގޮސް ހަލާކުވެދާނެޔޭ...'' މާކިންގެ މޭގައި މަޑުމަޑުން ޖަހާލަމުން އީވާ ބުނެލިއެވެ. އެޖުމްލައިން މާކިން ގާތަށް ހިނި އައެވެ.

''ރީތި ވީމަ ބެލޭނެދޯ...'' އީވާއާއި ނަޒަރު ވަކިކުރުމެއް ނެތި މާކިން ހިނިތުންވެލިއެވެ. ''އީވް، ޔަޤީންތަ އެއްވެސް ކަމެއް ނުވާކަން؟...''

''އާނ... އެއްވެސް ކަމެއް ނުވެޔޭ... އަހަންނަށް ހީވަނީ މާކް މާ ބޮޑަށް ހެން ކަންތަކާ މެދު ވިސްނަނީ...'' މާކިންގެ އަތުގައި ހިފަމުން އީވާ ބުންޏެވެ. އަދި ދެޒުވާނުންގެ އަތުގެ އިނގިލިތައް މަހާލަމުން، ލުއި ހިނިތުންވުމަކާއެކު މާކިންއަށް ބަލައިލިއެވެ.

އީވާގެ ވާހަކަތައް ޤަބޫލުކުރަމުން މާކިން ހިނިތުންވެލިއެވެ. ނަމަވެސް އެހިތުގައި ގޮތް ނޭނގޭ ނުތަނަވަސްކަމެއް ވިއެވެ. އެއިހުސާސްތަކާ ދުރުވެލަން ވާހަކައިގެ މިސްރާބު ބަދަލުކޮށްލެވުނެވެ.

''ބޭނުންތަ އަހަންނާއެކު ކުޑަ ޓްރިޕަކަށް ދާން؟...'' މާހައުލަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން މާކިން އެހިއެވެ. ''މިތާ ކައިރި ހިސާބެއްގަ ވަރަށް ރީތި ޓައުންއެއް އޮތްނަ ވާހަކަ އަޑުއެހިން...''

''ދެމީހުން!، އެކަނިތަ؟...'' އީވާއަށް ދެލޯބޮޑުކޮށްލެވުނެވެ.

''ހެހެހެ، އިތުރު މީހަކު ގެންދަން ބޭނުމީތަ؟... ހެނދުނު ބަހުގަ ގޮސްފަ ރޭގަނޑަށް އާދެވޭނެ، އެކޮޅުގަ މަޑުކުރާ ގޮތަކަށް ނޫނޭ ދާނީ...'' އީވާގެ އަޑުގައިވި ކަންބޮޑުވުމުގެ އަސަރު ދެނެގަނެވުމުން މާކިން އޮޅުންފިލުވައި ދިނެވެ. ކައިވެނީގެ ބޭރުން އެއްވެސް ކަހަލަ އުފަލެއް ހާސިލުކުރުމަކީ މާކިން ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. ޒަމާނީ ލޯބިވެރިން އުޅޭ ފަދައިން އުޅެން އޭނަ ބޭނުމެއް ވެސް ނުވެއެވެ. ވަކިން ހާއްސަ ގޮތެއްގައި އީވާއަށް އޭނަ ޤަދަރުކުރެއެވެ. ހުއްދަ ލިބުމެއް ނެތި އެހަށިގަނޑުގައި އިނގިލިތަކުގެ ކުރި ޖައްސާލަން ވެސް ބޭނުމެއް ނުވެއެވެ.

''ވަރަށް ދުރުތަ؟...'' އީވާ ޝައުޤުވެރިކަން ފާޅުކުރަމުން ބުނެލިއެވެ. ''ހެނދުނު ގޮއްސަ ރޭގަނޑަށް އާދެވެންޏާ ރަނގަޅު ވާނެ...''

''ދެގަޑި އިރުން ދެވޭނެ... ހެނދުނު ހަޔެއް ޖަހާއިރު ބަހުން ދިޔައީމަ ރަނގަޅު ވާނެ، ދެން އެކޮޅުން ހަތެއް ޖަހާއިރު އޮތްނާނެ މިކޮޅަށް އަންނަ ބަސް...'' މާކިން ބުނެދިނެވެ. އޭނަ ވަނީ ވަރަށް ބޮޑަށް ދިރާސާކޮށްފަ އެވެ. އެކަން ފާހަގަވުމުން އީވާ ގާތަށް ހިނި އައެވެ.

''ރަނގަޅުވާނެ... މިހާރު އިމްތިހާނުތައް ވެސް ފެށެން މިއުޅެނީ، އޭގެ ކުރިން ކުޑަ ވެކޭޝަނަކަށް ދިޔައީމަ ސިކުނޑިއަށް ވެސް ލުޔެއް ލިބޭނެ...... އަހަރެން ކުރިން ލަންޑަން ކައިރި ބައެއް ވިލެޖްތަކަށް ދިޔައިން، އެކަމަކު އެއީ ރައުއާއެކުގަ، މިފަހަރު މާކްއާއެކު ދެވޭތީ ހާއްސަވާނެތާ...'' ހިނިތުންވުމަކާއެކު އީވާ ބުނެލިއެވެ.

އީވާ އެއްބަސްވުމުން މާކިން ވެސް އުފާވިއެވެ. އަދި ދަތުރުގެ ކަންތައް ރާވާނެ ގޮތަކާއި މެދުގައި ދެޒުވާނުން މަޝްވަރާކުރިއެވެ.

*****

މާކިންއާއެކުގައި ދިއުމަށް ހަމަޖެހިފައި އޮތް ދަތުރުގެ ވާހަކަތައް ރައުހާއާއި އީވާ ހިއްސާކުރީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތުގައެވެ.

''ދެމީހުން އެކަނިތަ ދަނީ؟...'' ހައިރާންކަމާއެކުގައި ރައުހާ ސުވާލުކުރިއެވެ.

''އާނ، ރޮމޭންޓިކް ޓްރިޕެކޭ... ރައު ދާން ބޭނުން ވީތަ؟...'' ސަމާސާ ރާގަކަށް އީވާ ބުނެލިއެވެ.

''ނޫން، އޭރަށް ތިދެމީހުންގެ ޕްލޭންތައް ފަނިވެދާނެ އެއްނު...'' ދެފަރާތަށް ބޯހޫރާލަމުން ރައުހާ ވާހަކަދެއްކިއެވެ.

''އީވް!، ދެން ކޮން އިރަކުތަ މާކިންއަށް ހަޤީޤަތް ހާމަކުރަނީ؟... ތިހެން ލަސްކުރަންޏާ ހައްތާހާ ކަންތައް ގޯސްވާނީ...'' ވާހަކައިގެ ތެރޭން ރައުހާއަށް ބުނެވުނެވެ. އީވާގެ މޫނުމަތިން ފެންނަ މޮޅިވެރިކަމުން އަދިވެސް ހަޤީޤަތް ހާމަނުކުރެވޭކަން ރައުހާއަށް ވިސްނައިގަނެވުނެވެ. އެކަމަށް ރައުހާ ބާރު އަޅަމުން ދަނީ ތޫފާނެއް ކުރިމަތި ނުވަނީސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ. އީވާއަށް މަދަދުވެރިކަމުގެ އަތެއް ވެސް ދިއްކޮށްލެވޭނީ އޭރުންނެވެ.

''އަހަރެން ބޭނުން ހުރިހާ ސިއްރެއް ބުނެދޭން... އެކަމަކު މާކް އަހަރެން ދެކެ ރުޅި އައިސްފާނެތީ ބިރުގަންނަނީ...'' ކުއްލިޔަކަށް ކެއުން މަތިން އީވާ ފޫހިވެއްޖެއެވެ. އުލާއި ސަމުސާ ތަށީގެ ތެރެއަށް ލުމަށްފަހު ތަށި ދުރަށް ޖައްސާލެވުނެވެ.

''އީވް ތިހެން ކަންތައް ކުރަންޏާ މައްސަލަތައް ހައްތާހާ ގޯސް ވާނީ... ޕްލީޒް، އަހަރެން ބުނާ ގޮތަށް ކަންތައްކޮށްބަލަ، ތި ދަތުރުގަ ރަނގަޅު ދަނޑިވަޅެއް ބަލާފައި މާކިންއަށް ކިޔައިދީ، އީވްދެކެ ލޯބި ވާނަމަ މާކިންއަށް ވިސްނޭނެކަން ޔަޤީން... ރުޅިއެއް ނާންނާނެކަން ވެސް ޔަޤީން...... ހިތުގެ ވަހުމަތުގެ މައްޗަށް އަމަލު ކުރަންވެއްޖެއްޔާ ދުވަހަކު ވެސް އަލިމަގެއް ނުފެންނާނެ، ހިތް ބިރުގަންނަ ކޮންމެ ފަހަރަކު ސިއްރުކުރެވޭނީ، އެއިން ކޮންމެ ފަހަރެއްގައި ފުރުސަތު ގެއްލިގެން ދާނެ، އިތުރު ދޮގުތައް ހެދޭނީ...'' ރައުހާ ވިސްނައި ދިނެވެ.

''އަހަރެން މަސައްކަތްކުރާނަން...'' ތުންފަތުގައި ދަތް އަޅާލަމުން އީވާ ބުންޏެވެ. އެޖަވާބާ މެދު ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ރައުހާގެ ހިތަށް ލިބުނެވެ. އީވާއަށް ބަލައިލި ރައުހާ ފަނޑުހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

''އެންމެ ރަނގަޅު... އީވްއަށް އަހަރެން އިތުބާރު ކުރަން... ދެން ދެމީހުން ވެސް ލިމިޓް ދެނެގެން އުޅޭތި...'' މައުޟޫޢު ބަދަލުކޮށްލަމުން ރައުހާ ބުނެލިއެވެ. އޭނަގެ ރާގުގައި މިހާރު ވަނީ ލާނެއް ކަމެވެ. މާހައުލުގެ ސީރިޔަސްކަން ކަނޑުވާލަން ބޭނުން ވީތީއެވެ.

''ސާބަސް، ކައިވެނީގެ ކުރިން އެކަހަލަ ކަމެއް ކުރާކަށް އަހަރުމެން ނޫޅެމޭ... ކައިވެންޏަކާ ހަމައަށް ދާން އަދި ހާދަ ގިނަ ދުވަހެއް ވެސް އެބަ އޮތޭ...'' ރައުހާގެ ޖުމްލައިން އީވާ ލަދުގަންނަ ގޮތް ވިއެވެ. އޭނަ ރައުހާއާ ދިމާއަށް ލޯ ވެސް އަޅާލިއެވެ. އެއާއެކު ރައުހާގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

''އޯހ، އެހެންވީމަ ކައިވެންޏަކާ ހަމައަށް ދާން ބޭނުންވަނީ ހަމައެކަނި މާކިންއާއި އެކުގަ ދޯ...'' ރައުހާ، އީވާއާއި ދިމާކޮށްލިއެވެ. އެޖުމްލައިން އީވާ ރަކިވާ ގޮތް ވިއެވެ.

''ކޮންދުވަހަކުތަ ރެއިންއާ ދެމީހުން ކައިވެނީގެ ކަންތައް ހަމަޖައްސަނީ؟، ރައްޓެހިވެގެން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެއްނު!...'' ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން އީވާ ބުނެލިއެވެ. ރައުހާއަށް ބަލަމުން އޭނަ ބުމަ އަރުވާލިއެވެ.

''ހޫމްމްމް، ތިކަމާ އެބަ ވިސްނަން... ސަމާރ ބްރޭކްގަ މިއުޅެނީ ރާއްޖެ ދާން، އެހިސާބުގަ ރެއިން ވެސް ޗުއްޓީ ނަގާނެ، އާއިލާ އެންމެނަށް ރެއިން ދައްކަން ވާނެދޯ... އީވް ދަންތަ ސަމާރ ބްރޭކަށް؟...'' ރައުހާ ސުވާލުކޮށްލިއެވެ.

''އާނ!، ދާނަން، އޭރަށް ޖާދުއަށް ހުރިހާ ކަމެއް ހާމަކުރެވޭނީ...... ބައްޕައާއި ވެސް ވާހަކަދެއްކޭނީ... މާމަ ވަރަށް ރުޅި އަންނާނެކަން ޔަޤީން، މާމަގެ ހުވަފެނެއް އަހަންނާ ޖާދުގެ ކައިވެނި ކުރެވިގެން ދިއުމަކީ... އެކައިވެނި ރޫޅިއްޖެއްޔާ މީހުން ފާޑުފާޑުގެ ވާހަކަ ވެސް ފަތުރާނެ...'' އީވާގެ އަޑަށް މާޔޫސްކަން ވެރިވެގެން ދިޔަ އެވެ. މޫނުގެ ކުލަވަރު ވެސް ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެއްޖެއެވެ.

''ކަމެއް ނުވިޔަސް މީހުން ފާޑުފާޑުގެ ވާހަކަދައްކާނެ، އެއީ ބައެއް މީހުންގެ އާދައެއް، މީހުންގެ ދުލުކުރީގައި ވެސް ނުހިފެހެއްޓޭނެ... ދެން މާމައަށް ވެސް ވިސްނެން ވާނެ ދޯ... މަޖުބޫރުން ކުރުވާ ކަންތަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ... ފުރަތަމަ ވެސް އީވްގެ ބައްޕައަށް ހުރިހާ ކަމެއް ކިޔައިދީ، އައިމް ޝުއާރ ހީ ވިލް އަންޑަސްޓޭންޑް ޔޯރ ސިޗުއޭޝަން...'' ރައުހާ ބުންޏެވެ. އީވާގެ ހިތްމަރުވެގެން ދާން ބޭނުން ނުވާތީ ތަފާތު އެކިއެކި ވާހަކަދައްކައިގެން ހިތްހަމަޖައްސައިދެވޭތޯ އޭނަ ބެލިއެވެ. އުއްމީދު އާކޮށް ދިނެވެ.

*****

ފަތިހަށް އަލިވިލިގެން އައި އިރު ޖައްވުގައި ވަނީ ތެތްފިނިކަމުގެ އަސަރެވެ. އޭގެ ސަބަބުން ދުންފިނި ފައިބާފައި އޮތެވެ. އިރުގެ ދޯދިތަކުން އުދަރެސް މަތި ދޮން ކުރަމުން ދިޔަ އެވެ. ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ދޫނިތައް ވެސް ޖައްވުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ދުވަހުގެ ހިތްގައިމުކަން އިއުލާންކުރަމުންނެވެ.

މަޑުނޫކުލައިގެ އަތްދިގު ޓޮޕަކާއި ހުދުކުލައިގެ ލެގިންސްގައި އީވާ ފެންނަމުން ދިޔަ ގޮތް ނިކަން ހިތްގައިމެވެ. ރީތިކޮށް އަޅާފައި އޮތް ބުރުގާއާއި، ލުއިކޮށް ކޮށްފައި ހުރި މޭކަޕުން ސާދާކަން އިތުރު ކޮށްދެއެވެ. ތަންކޮޅެއް ލަހުން ހޭލެވުމުން އަތްމަތި އަވަސްކޮށްލައިގެން ޗާޖަށް ޖަހާފައި އޮތް އޭނަގެ ފޯނާއި ރީތިވާ މެޒުމަތީ އޮތް އަތްދަބަސް ހިފައިގެން ނިކުންނަން މިސްރާބު ޖެހިއެވެ. އޭރު މާކިން ގުޅަ އެވެ.

''މިދަނީ...'' ފޯނު ނަގަމުން އީވާ ބުނެލިއެވެ. އޭރު އެޕާޓްމެންޓްގެ މައިދޮރުން އީވާއަށް ބޭރަށް ނިކުމެވުނީއެވެ. ދޮރު ލައްޕާލަމުން ތަޅުލެވުނުތޯ ޔަޤީންކޮށްލުމަށްފަހު، ލިފްޓާ ދިމާއަށް ހަލުވިކޮށް މިސްރާބު ޖެހިއެވެ.

*****

ބަސް ކެޓުމުގެ ކުރިން ޖާގައެއް ލިބޭ ގޮތް ވިއެވެ. ނަމަވެސް ލަހުން ބަހަށް އެރުމުން އިށީންނާނެ ޖާގައެއް ނުލިބުނެވެ. ޖެހުނީ ކޮޅަށް ތިބޭށެވެ. ކޮޅަށް ތިބޭ މީހުން ހިފުމަށް ހުށި އަތްގަނޑުގައި އީވާ ހިފާލިއެވެ. މާކިން ހުރީ އީވާގެ ފަހަތުގައެވެ. ކޮޅަށް ތިބި އެންމެނަށް މާކިން ބަލައެވެ. އީވާގެ ހަށިގަނޑުގައި އެއްވެސް މީހަކަށް ނުބީހެވޭނެހެން އޭނަ ހުރީ އީވާއަށް ހިމާޔަތް ދީގެންނެވެ.

ބަސް ދުއްވަމުން ގޮސް ސިޓީގެ ހަލަބޮލި މާހައުލާ ދުރަށް ދެވުނެވެ. އޭރު ބަހުން ގިނަ އަދަދެއްގެ މީހުން އެކިއެކި ބަސްހުއްޓި ތަކަށް ފޭބުމުން އީވާއާއި މާކިންއަށް އިށީންނާނެ ޖާގައެއް ލިބުނެވެ.

އީވާ ގޮސް އިށީނީ ބަހުގެ ފަހަތު ބަރީގައި ހުރި ގޮނޑިތަކުން، ކުޑަދޮރާ ވީ ފަޅީގައި ހުރި ގޮނޑީގައެވެ. ކުޑަދޮރުގެ ލޫވާރ ކަހާލުމުން ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހިލިއެވެ. އެއާއެކު އީވާއަށް ހިނިތުންވެވުނެވެ. އެމަންޒަރު ބަލަން އިން މާކިންއަށް ވެސް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އީވާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން، އީވާގެ އަތުގައި މާކިން ހިފާލިއެވެ. އަދި މަޑުމަޑުން ފިތާލިއެވެ. އީވާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން މާކިންގެ ހިތަށް ފިނިކަމެއް ކަމުގައި ވިއެވެ. އެއިން ކޮންމެ ވަގުތެއްގައި، އީވާއަށްޓަކައި އެހިތުގައިވި އިހުސާސްތައް ފުންވެގެން ދެއެވެ. ލޯބި އިތުރުވެގެން ދެއެވެ. މިވީ ހަމަސް ދުވަހުގެ ތެރޭގައި އޭނަގެ ހިތް އީވާއަށް ހިބައިން ދެވިއްޖެއެވެ. ހިތުގެ ޒަހަމްތައް ފަސޭހަވެ ނަފުސަށް ދިރުން ލިބިއްޖެއެވެ. އީވާގެ ލޮބުވެތި ހުނުންތަކުން އެފުރާނައަށް ހަމަޖެހުން ގެނެސްދީފިއެވެ. ހިތުގެ އެދުމަކީ އުމުރު ދުވަސް އީވާއާއެކު ހޭދަކުރުމެވެ. އެލޯބީގެ ރާހަތު ހާސިލުވުމެވެ.

*****

ފަސްވަމުން ދިޔަ ޤުދުރަތުގެ ރީތި މަންޒަރުތަކަށް ބަލަން އީވާ އިނެވެ. ސިޓީއާ ވަރަށް ދުރަށް ދެވުމުން ފަރުބަދަތަކުގެ މަލަމަތި ވެސް ފެންނަން ފަށައިފިއެވެ. ވާދީއެއްގެ މަތީގައި އަޅާފައި އޮތް ބްރިޖެއް ހުރަސްކޮށްފައި ބަސް ދިޔަ އިރު ވަށައިގެން އޮތް މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ތަފާތު އެކިވައްތަރުގެ ބިޔަ ގަސްތަކުން ފުރިހަމަވެފައިވާ ޖަންގައްޔެއް ވަށައިގެން އޮތްއިރު، ބަހާރުގެ ކުލަތަކުން ގަސްތަކުގެ ފެހިކަން ވަނީ އިތުރުވެފައެވެ. ކުލަކުލައިގެ ކޮކާތައް ވެސް މިނިވަންކަމާއެކު ޖައްވުގައި އުދުހެމުން ދިޔަ އެވެ. ސާފު ނޫކުލައިގެ އުޑާއި، ކޮޅުކޮޅަށް ދަތުރުކުރަމުންދާ ވިލާތަކުން އެމަންޒަރުތަކުގެ ޗާލުކަން އިތުރުކޮށްދެއެވެ.

އޭގެ ފަހު މަންޒިލަކަށް ބަސް މަޑުކުރީ ސިޓީގެ ހަލަބޮލި މާހައުލާ ދުރުގައި އޮތްނަ ރަށްފުށުގެ ހިސާބަކަށެވެ. އެއީ އާބާދީގެ ގޮތުން މީހުން މަދު ހިސާބެކެވެ. އެތަން މަޝްހޫރުވެފައި އޮތްނަނީ އިހުގެ އިމާރާތާއި މާދަނޑުތަކުގެ ސަބަބުންނެވެ.

ފެންނަމުން ދިޔަ އިހުގެ އިމާރާތްތަކާއި، ހަނި ދިގު މަގުތަކާއި، ތަފާތު ވައްޓަފާޅިތަކަށް ފަރުމާ ކުރެވިފައިވާ ފެންއަރުވާ ވާޑާމާއި، ސްޓެޗޫތަކުން މުޅި މާހައުލުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. ފަތުރުވެރިން ވެސް ގިނަ އަދަދަކަށް އެހިސާބުގަނޑުގައި ހޭލަމޭލަވަމުން ދިޔަ އެވެ. އީވާއަށް އެންމެ ކަމުދިޔައީ އެހިސާބުން ދުރަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތް މާމެލާމެލީގެ ދަނޑުތަކެވެ. ޕޮޕީސް، ލެވެންޑާރ، ޓިއުލިޕް، ސަންފްލާވާރގެ ސައިލުތައް ދުރުދުރަށް ދާން ދެން ފެތުރިފައި އޮތެވެ. އެދަނޑުތައް އޮބިގެން ދަނީ އުދަރެހާއި ހިސާބުންނެވެ. ޖެހިލާ ރޯޅިތަކުގައި ވެސް މަލުގެ ހިތްގައިމުކަން އެކުލެވިގެން ވިއެވެ.

ހެނދުނުގެ ނާޝްތާއަށް ފަހު އީވާ ބޭނުންވީ މާމެލާމެލިން ދިރުން ގެނެސްދީފައި އޮތް ދަނޑުގައި ހިނގާލަން ދާށެވެ. އީވާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން މާކިން ދެކޮޅެއް ނުހެދިއެވެ.

ބައި ބަޔަށް މާތައް ބަހާލެވިފައި އޮތް އިރު ހިނގުމަށް ހާއްސަކުރެވިފައި ދިގު މަގެއް އޮތެވެ. އެމަގުން ކުރިއަށް ހިނގަމުން ދިޔަ އިރު، ލެވެންޑާރ މާތަކުގައި އިނގިލިތަކުގެ ކުރި އީވާއަށް ހިންގާލެވުނެވެ. ހިނދުރީގެ ތެރެއަށް މަލުގެ މީރުވަސް ސަވާރުވެގެން ދަނީ ސިކުނޑިއަށް އާރޯކަން ގެނެސް ދެމުންނެވެ. ދަނޑުގެ މެދަށް ހުއްޓި ހުންނައިރު މުޅި ހިސާބު ގަނޑު ފެނެއެވެ. މާމެލާމެލީގެ ފުރިހަމަކަމާއި ފަރުބަދަތަކުގެ ހިތްގައިމުކަމެވެ. މޫސުމުން ހުރިހާ މަންޒަރަކަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

މާހައުލަށް ނަޒަރު ހިންގާލަމުން ގާތުގައި ހުރި މާކިންއަށް އީވާ ބަލައިލިއެވެ. އޭރު މަކިން ވެސް ހުރީ އީވާއަށް ބަލަހައްޓައިގެންނެވެ. ދެޒުވާނުންގެ ނަޒަރު ބައްދަލުވި ހިނދު އެދެމެދުގައި އޮތް ލޯބި ބަޔާންކޮށްދިނެވެ. އެހިތްގައިމު މާހައުލުގެ ތެރޭން ވެސް އީވާއަށް އެންމެ ކަމުދިޔައީ މާކިން އެވެ. އެހިތް ލޯބީގެ ޖަޒުބާތުތަކުން ފުރި ބަނޑުން ވިއެވެ. ހަށިފުރާ ދޫކޮށްލެވުނު ނޭވާއާއެކު، މާކިންގެ އަތުގެ ތެރެއަށް ވަދެވުނެވެ.

*****

އިރުއޮއްސެމުން ދިޔަ ވަގުތެވެ. ދުވަސްވަރަކީ އެހިސާބުގަނޑުގެ މީހުން ލޯބިގެ މުނާސަބަތެއް ފާހަގަކުރާ ދުވަހެކެވެ. ލޯބިވެރިންގެ ނަން ޖަހާފައި ވައިގެ ތެރެއަށް ދޫކޮށްލާ ލެންޓާންތަކުން ލޯބި އިތުރުވެގެން ދާނެކަމަށް އެމީހުން ޤަބޫލުކުރެއެވެ. އިހުގެ ބޯދާ ވިސްނުމެކެވެ. އެފަދަ ކަންކަމަކީ އީވާ ޤަބޫލުކުރާ ކަންތައް ނޫންކަމުގައި ވިޔަސް، ބައިވެރިވާން ބޭނުން ވިއެވެ. މާކިންއާއި އޭނަގެ ނަން ލެންޓާންގައި ލިޔަމުން ވައިގެ ތެރެއަށް ދޫކޮށްލިއެވެ. ވަޔާއެކު ލެންޓާން މައްޗަށް އަރަމުން ދިޔަ އެވެ. އީވާގެ ތުންފަތުގައިވި ހިނިތުންވުން ފުން ވެއްޖެއެވެ. ގާތުގައި ހުރި މާކިން ވެސް މައްޗަށް ނަޒަރު ހިންގާލަމުން ހިނިތުންވެލިއެވެ. އޭރު އީވާއާއި މާކިންގެ އިނގިލިތައް ވަނީ ގުޅިލާ މެހިފައެވެ. ދެ ޒުވާނުންގެ ފުރުގަހުން ވެސް އޮއްސެމުން ދާ އިރުގެ ދަޅަތައް ފާޅުވަމުން ދިޔަ އެވެ.

*****

އިރުއޮއްސި އަނދިރިކަން ވެރިވާން ފެށުމުން ޖައްވުގެ ތެރޭގައި މިނިވަންކަމާއެކު އުދުހެމުން ދިޔަ ލެންޓާންތަކުގެ ހިތްގައިމުކަން ފެންނަން ފެށިއެވެ. އީވާއާއި މާކިން ތިބީ ކޯރެއްގެ ކައިރީގައެވެ. އެތާނގައި އިށީނުމަށް އަށިތަކެއް ބެހެއްޓިފައި ހުއްޓެވެ. ޖެހިލާ ރޯޅިތަކުގައި ފިނިކަމެއް އެކުލެވިގެން ވިއެވެ. ކޯރުގައި ފެން ދައުރުވަމުން ދިޔަ އަޑު ވެސް މާހައުލަށް ވެރިވެފައި އޮތެވެ.

''އީވް...'' މާހައުލުގެ ހިމޭންކަމުގެ ތެރޭން މާކިންގެ ފިރިހެންވަންތަ އަޑު އިވުމުން އީވާގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ދުރުން ދިއްލާފައި ހުރި ބޮކިތަކުގެ ފަނޑު އަލިކަން އެހިސާބަށް ވެރިވެފައި އޮތެވެ. އެފަނޑު އަލިކަމުގެ ތެރޭން މާކިންގެ މޫނަށް އީވާ ބަލައިލިއެވެ.

''ސަމާރ ބްރޭކަށް އީވް މާލެ ދަންތަ؟...'' މާކިން ސުވާލުކުރިއެވެ. މާކިންއަށް ބަލަން އިން އީވާ ބޯޖަހާލިއެވެ.

''އީވް ބޭނުންތަ އަހަރެންގެ މަންމައާއި ބައްދަލުކުރަން؟...'' މާކިން އެހިއެވެ. އެސުވާލުން ވެސް އޭނައާއި އީވާގެ ގުޅުމާ މެދު މާކިން ވަރަށް ބޮޑަށް ސީރިޔަސްވެފައިވާކަން އީވާއަށް ނަގައިގަނެވުނެވެ. ވަގުތުން ހިތް ތެޅިލައިފިއެވެ. އުފާ ވެސް ވިއެވެ. ނަމަވެސް ސިކުނޑީގައި ވިކާލި ޚިޔާލުތަކުން ހިތް ނުތަނަވަސްވާން ފެށިއެވެ. މާކިންގެ ދެލޮލުން ފެނުނު އުއްމީދުގެ އޮއެވަރުން އީވާގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. އެދެލޮލަށް ބަލަން އިރުކޮޅެއް ވަންދެން އީވާއަށް އިނދެވުނެވެ.

''ހޫމްމްމް...'' އީވާއަށް ޖަވާބުގައި ބުނެވުނެވެ.

''މަންމަ ވަރަށް އުފާވާނެ އީވްއާއި ބައްދަލުވުމުން... އަހަރެންގެ އާއިލާގައި ހުންނާނީ ހަމައެކަނި މަންމަ!، ދެން ބޮޑުދައިތަގެ އާއިލާ ވެސް އުޅޭނެ، އެކަމަކު މިހާރު ބޮޑުދައިތަ ދިރިއުޅެނީ މެލޭޝިޔާގައި... އަހަންނަށްޓަކައި މަންމަ ވަނީ ބޮޑެތި ޤުރުބާނީތަކެއް ވެފައި...''

މާކިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެމޫނުމަތިން ހިތާމައިގެ ކުލަވަރު އީވާ ދުށްޓެވެ. މާކިން ކުރިން ހިއްސާކޮށްފައިވި ވާހަކަތަކަށް އީވާއަށް ވިސްނުން ހިންގާލެވުނެވެ. މާކިންގެ ބައްޕަ ވަނީ މާކިންގެ މަންމަ ވަރިކޮށްލުމަށްފަހު، އެކަނި ހާލަށް ދޫކޮށްލާފައެވެ. އެބައްޕައާ މެދު ވިސްނަން މާކިން ބޭނުން ނުވާކަން މާކިންގެ ވާހަކަތަކުން ހާމަވެއެވެ. އެހެންވެ އެމައުޟޫޢުއަށް އީވާ ވާހަކައެއް ނުދެއްކިއެވެ.

''މާކިންގެ މަންމައަށް އަހަރެން ކަމުދާނެތަ؟...'' އީވާ އަހާލިއެވެ. އެސުވާލުން މާކިންގެ ގާތަށް ހިނިއައެވެ.

''ކީއްވެ ކަމުނުދާންވީ؟... މަންމައަށް އަހަރެންގެ ހޮވުން އަބަދު ވެސް ކަމުދާނެ...'' ހިނިތުންވުމަކާއެކު މާކިން ބުނެލިއެވެ. ދެން އެދެމެދަށް ވެރިވެގެން އައީ ހިމޭންކަމެވެ. އެހިމޭންކަމުގެ ތެރޭން އީވާ ވިސްނާލިއެވެ. ހަޤީޤަތް ހާމަކުރަންވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މާކިން އޭނައާ މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އެވާހަކަތަކަށް ފަހުގައި ވެސް އެހިތުގައި އޭނައަށްޓަކައިވާ ލޯތްބަށް ބަދަލެއް އައިސްފާނެ ހެއްޔެވެ؟

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟