ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 25

1

ފަންސަވީސްވަނަ ބައި

ދެވަނަ ފަހަރަށް އާޝިދްގެ ކޯލު ލިބުނީ ފޯނު މޭގައި ޖައްސާލައިގެން އޭނާ ރޮމުން ދަނިކޮށެވެ. މިފަހަރު ފޯނުގެ ފެހި ފިތުގައި އިނގިލި ޖައްސައިލީ ނިކަން ވިސްނައިގެންނެވެ. އާޝިދްގެ އަޑު ކަންފަތުގައި ޖެހުމާއެކު އިރާނިޔާއަށް އޭނާގެ އިހުސާސްތައް ނުހިފެހެއްޓުނެވެ. ބާރަށް ރޮއެގަނެވިއްޖެއެވެ. އެއަޑުގައިވި ވޭނާއި ކެކުޅުމެވެ. އިންތިހާދަރަޖައިގެ ހިތްދަތިކަމެވެ.

މާލިކްގެ ކުންފުނިން އެ އަތޮޅު އެހެން ރަށެއްގައި ހިންގާ މަސްފެކްޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކުއްލިއަކަށް އެރަށަށް ދާންޖެހުނުކަން އުނޭޝްއަށް އެންގީ އޭނާ ފިކުރެއްގައި އެނދުގައި އޮށްވައެވެ. ލޯގަނޑު ކުރިމަތީގައި ތަމަންނީ ފައިގެ ނިޔަފަތީގައި ކުލަޖައްސަން އިނެވެ. އެހާ ވަގުތުތަކަށްފަހު މާލިކްގެ ފޯނުކޯލް ލިބުމުން އޭނާ ދެކޮޅުހަދަން ބޭނުންނުވިއެވެ.

"ވަރަށް އަވަހަށް ދާންއެބަޖެހޭ. އަހަރެން ނިކުންނަން ވާއިރަށް ޓީޝާޓަކާއި ޖީންސެއް ރެޑީކޮށްލަބަލަ" ތުވާލި ހިފައިގެން ފާހާނާއަށް ވަންނަމުން އުނޭޝް ތަމަންނީއަށް ބުނެލިއެވެ. މީހަކު އެއްޗެއް ބުނިހެންވެސް ތަމަންނީއަށް ހިއެއްނުވިއެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވެގެންދިޔައީ ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނަށް ފޯނެއް އަންނަތަން ފެނުމުންނެވެ. އަރާފައި އިން ނަންބަރު ފެނުމުން އޭނާގެ ހިތް އަވަސްވެލިއެވެ. ފާހާނައިގެ ދޮރާއި ދިމާލަށް ބަލައިލާފައި ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ.

އުނޭޝް ފާހާނާއިން ނިކުތްއިރު ތަމަންނީ ކޮޓަރީގައި ފެންނާކަށް ނެތެވެ. އޭނާ ބުނި ކަންތައްވެސް ކޮށްފައެއްނެތެވެ. ދެފަރާތަށް ބޯހޫރާލާފައި އުނޭޝް އަލަމާރި ކައިރިއަށް ޖެހިއެވެ. އަމިއްލައަށް ޓީޝާޓަކާއި ޖީންސެއް ނަގައިގެން އިސްތިރިކުރަން ހަދައިގެން އަތުގެ ދެތަނެއްގައި ދޮންވެފައި ހުރި އިސްތިރި ޖެހި ފިހިއްޖެއެވެ. އެވަގުތު އޭނާ އިންތިހާއަށް ހިތުގައިޖެހި ޙާއިޝާ މަތިން ހަނދާންވެއްޖެއެވެ. މީގެކުރިން އޭނާ ދުވަހަކުވެސް އިސްތިރިކުރަން މީހަކު ކައިރީގައި ބުނެފައެއްނެތެވެ. ތަނަކަށް ދާންވާއިރު އޭނާ ބޭނުންވާނެ ހުރިހާ ސާމާނެއް ހުންނަނީ ތައްޔާރުގައެވެ.

އިރާނިޔާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އާޝިދަށް ހީވީ އޭނާގެ ހިތުގައި މީހަކު މިޔަތޫނު ވަޅިޔަކުން ޅިޔަ އަޅުވަމުން ދިޔަހެންނެވެ. އިރާނިޔާ ހިތުގައިޖެހިފައިވާވަރު އެސިކުންތު ތެރޭގައި އޭނާއަށް އަންދާޒާ ކުރެވިއްޖެއެވެ.

"އައިމް ސޮރީ އީރަން... އަހަރެންގެ އެހީތެރިކަމަށް އީރަން އެންމެ ބޭނުންވި ވަގުތު ކައިރީގައި ނުހުރެވުނު. ބައްޕަގެ ހާލުދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކުރި ހަބަރު ލިބިގެން ވަގުތުން ފުރީ. އައި ފަހުން އިނގުނީ އެއީ ބައްޕަގެ ގޭމެއްކަން. އުނޭޝް ހުރީ ބައްޕައަށް ގުޅައިގެން ވަރަށް ހަޑި ވާހަކަތަކެއް ދައްކާފަ" ވާހަކަދައްކަމުން ދިޔައިރުވެސް އާޝިދަށް އިރާނިޔާގެ ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ.

"ސްޓޮޕް ކްރައިންގ... ކިތަންމެ ދުރުގައި ހުއްޓަސް އަހަރެން ހުންނާނީ އަބަދުވެސް އީރަންއާއެކު. އެކަން އަބަދުވެސް ހަނދާނުގަ ބަހައްޓައްޗެ" އާޝިދް ބުނެލިއެވެ.

"އަ... އަހަރެން މުޅިން އެކަނިވެރިވެއްޖެ. މަން... މަންމަވެސް އަހަރެންގެ ސަބަބުން އެދަނީ ދިރިއުޅުމާ މަރާ ދެމެދު ހަނގުރާމަކުރަމުން. އަހަރެން މިއީ ވަރަށް ސުންޕާ މީހެއް..." އިރާނިޔާ ވާހަކަދައްކަމުން ދިޔައެވެ.

"ނޫން ނޫން ތިހެން ނުބުނޭ އީރަން. އުފަން ދަރިއެއްގެ ފަރާތުން ފެންނަންނޭދޭ ވިޔާނުދާ ކަންތައްތަކެއް ފެނުނީމަ އެހިތާމަތައް މައިމީހާއަށް ބަރުދާސްތު ނުކުރެވުނީ. ކީއްވެތަ އަމިއްލަ ނަފްސު ކުށްވެރިތިކުރަނީ...؟ އަހަރެން އީރަން ކައިރިން ދަންދެން ބަސްއަހައިގެން ހުރޭ. އިނގޭ. ބޭކާރު ކަންތައްތަކާއި ނުވިސްނާ" އާޝިދް ލޯތްބާއެކު ވާހަކަދެއްކިއެވެ.

ކުއްލިއަކަށް އާޝިދްގެ ކަންފަތުގައި ޖެހުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެހިނދު އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލައިފިއެވެ.

"އީރަން..." އާޝިދް އިރާނިޔާއަށް ގޮވައިލިއެވެ. އޭނާގެ އަޑަށް ވެރިވެފައިވި ބަދަލު އެވަގުތު އިރާނިޔާއަށް އިނގުނެވެ.

"ބޭބީ ދުނިޔެއަށް އައިއްސި. އަހަރެން މަންމައަކަށްވެއްޖެ. ގާރލްބޭބީއެއް" އިރާނިޔާ ބުނެލިއެވެ. ފޯނުގައިހުރި އާޝިދް ހެއްދެވިފަރާތަށް ހަމްދުކުރި އަޑު އިރާނިޔާއަށް އިވުނެވެ.

"އަހަރެން ވަރަށް އަވަހަށް އީރަންއާއި ބޭބީ އާ ބައްދަލުކުރާނަން. އިންޝާﷲ. މިއީ އަހަރެން ވާ ވަޢުދެއް. މަރު ފިޔަވާ ދުނިޔޭގައިވާ އެއްވެސް ބާރަކަށް އަހަރެން ނުހުއްޓުވޭނެ. އަހަރެން ދަންދެން އަހަރެންގެ އިންތިޒާރުގައި ހުންނާނަންތަ...؟" އާޝިދް އެހިއެވެ. އިރާނިޔާގެ އަނގައިން 'ހޫމް' އެއްގެ އަޑު ނިކުމެގެން ދިޔައިރު އެއްވަރަކަށް ބޯވެސް ޖަހަމުން ދިޔައެވެ.

އަލިފާން ހިފާފައިވަނީ މަސްފެކްޓްރީ ހިންގާ ސަރަހައްދާއި ތަންކޮޅެއް ދުރުގައި އޮތް ގަސްބުޑެއްގައެވެ. ތަނަށް ގެއްލުމެއް ލިބިފައިނުވާއިރު މުޅި ރަށަށް ދުމުގެ އަސަރު ވަނީ ކޮށްފައެެވެ. ލޯންޗު ހަމަޖެހުނީ ލަސްގަޑިޔަކަށް ކަމަށްވާތީ އުނޭޝް މަޑުކުރަން ބޭނުންވީ އޮފީސް ބައިގައެވެ. އެތަނާއި އިންވެގެން ހަދާފައި ހުރި ބަދިގެ ބައިގައި ކައްކާއެއްގެ އިތުރުން ދެބިދޭސީން އުޅެއެވެ. އަމިއްލައަށް ކޮފީއެއް ހަދާލައިގެން އުނޭޝް އޮފީސް ބަޔަށްވަދެ މޭޒު ކައިރީގައި އިށީނދެގެން އިނެވެ. ފޯނު ނަގާފައި އެންމެ ފުރަތަމަވެސް އޭނާ ގުޅަން ބޭނުންވީ ގޭގައި އެކަނި ހުރި ތަމަންނީއަށެވެ. ފޯނެއްގައި ހުރުމުން ފަހުން ގުޅަން ނިންމާފައި އޭނާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. ކޮފީތަށި ނަގަން އުޅުމުގެ ތެރޭގައި އަތުގައި ފިހިފައި ހުރިތަން ފެނުމުން އޭނާ ވަރަށް ފުން ނަޒަރަކުން އެތަނަށް ބަލައިލިއެވެ. އަނެއްކާވެސް އެވަގުތު ޙާއިޝާ މަތިން ހަނދާންވެއްޖެެވެ. އޭނާގެ ސަބަބުން އެމަންމައަށް ޖެހުނު ހާލު ހަނދާންވެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"ހުރިހާ ކަމެއް ގޯސްވީ އިރާނިޔާގެ ސަބަބުން. އަހަރެން ދުވަހަކުވެސް އެ އަންހެނާއަށް މަޢާފެއް ނުކުރާނަން" އެހިނދުކޮޅުގައިވެސް އޭނާގެ ހިތް ކުށްވެރިކުރީ ކުށެއްނެތް އިރާނިޔާއެވެ. އޭނާއަށް ކުރެވުނު ކަންތައް އޭނާއަށް ނުފެންނަ ކަހަލައެވެ. ނުވަތަ ހިނގާދިޔަ އެއްވެސް ކަމެއްގައި އޭނާ ކުށްވެރިވާކަމަށް އޭނާގެ ނަފްސު ޤަބޫލުނުކުރާ ކަހަލައެވެ.

އިޝާނަމާދަށްފަހު ކުޑަކޮށް ކަސްރަތުކޮށް ހިނގާލަން ނިކުތް ރުޒާނާއާއި އީސައަށް އެރުނީ ދޮރާށި ހުޅުވާލާފައި ނިކުތް ތަމަންނީގެ ކުރިމައްޗަށެވެ. ތަމަންނީ ކައިރީގައި ހުރި އިސްކޮޅުން ދިގު ފިރިހެނެއް ފެނި ރުޒާނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ރުޒާނާގެ ހިނގުން ލަސްވެގެން އީސަ ފަހަތް ބަލައިލިއިރު ރުޒާނާ އެދެމީހުންނަށް ބަލަން ހުރިތަން ފެނުމުން އީސަ ގޮވައިލިއެވެ.

"ރުޒާ...!!! ބޭކާރު ކަންތައްތަކާމެދު ސިކުނޑި ހާސްނުކޮށް ކުރިއަށް އާދެބަލަ" އީސަ ބުނެލިއެވެ. ރުޒާނާގެ ހިނގުން ބާރުކޮށްލިއެވެ.

"އުނޭޝް ގޭގައި ނެތް ވަގުތު ބަލާފައި އޭނަ ފިރިހެނުން ވައްދަނީ ކަންނޭނގެ ދޯ. ހީވަނީ ކޮންމެސް އެހެން ގައުމެއްގެ މީހެއްހެން. އެ އަންހެނާ އުޅޭ ފާޑެއްދޯ. ވަރުގަދަ މަޅިއެއްގައި އުނޭޝް ބަނދެވޭނެ މިފަހަރު" އީސައާއި އެއްވަރަށް ހިނގަމުން ދިޔަ ރުޒާނާ ބުނެލިއެވެ.

"އަހަރެމެންނަށް ކޮންކަމެއްތަ؟ ބަޔަކު އުޅޭގޮތަކަށް އުޅެފާނެއްނު" ފަރުވާކުޑަ ގޮތަކަށް އީސަ ބުނެލިއެވެ. ޖެހިގެން އޮތް ގޯޅިއަށް އެޅުމުގެ ކުރިން ރުޒާނާ އަދި އެއްފަހަރު ފަސްއެނބުރި ބަލައިލިއެވެ. އޭރު އެދެމީހުން ފެންނާކަށް ނެތެވެ.

ޙާއިޝާގެ ފިކުރުތައް އަދިވެސް އިރާނިޔާގެ ހިތާއި ސިކުނޑިން ދުރަށް ނުދެއެވެ. އޭނާ ބަދިގޭގައި ރޭގަނޑގެ ކެއުމުގައި ގުމްރޫހާއި އެކުގައި އިނެވެ. އަނގައިގެތެރެއަށް ކާއެތިކޮޅު ލިއެއް ކަމަކު ދިރުވާލަން ޖެހެނީ ފެންފޮދަކާއި އެއްކޮށެވެ.

"އަދޫ ގުޅިތަ...؟" އިރާނިޔާ ކުރިމަތީގައި އިން ގުމްރޫހަށް ބުނެލިއެވެ.

"ނުގުޅޭ. ދިޔަފަހުން އަދި ހަބަރެއްނުވޭ. އެކަމަކު މާލޭގަ ހުރިއިރު ކޮންމެދުވަހަކު ގުޅާ..." ގުމްރޫހް ބުނެލިއެވެ.

"އަސްލު މާލިކްބެ ކަހަލަ މީހަކު ހުރިކަން އެއީ މަންމަމެންގެ ނަސީބު. މަންމައަށް އެހިސާބަށް ބޭސްފަރުވާއަށް އެދެވުނީ މާލިކްބެ ދެއްވި ދީލަތި އެހީތެރިކަމެއްގެ ސަބަބުން" އިރާނިޔާ ބުނެލިއެވެ.

"ރާނީއްތަ ދެން ނުވިސްނާ މާބޮޑަށް. ﷲ އިރާދަކުރެއްވިއްޔާ ޙާއިޝާއްތަ އަޅުގަނޑުމެންނާ ވަރަށް އަވަހަށް ބައްދަލުކުރާނެ" ގުމްރޫހް ބުނެލިއެވެ.

އިރާނިޔާގެ ދެލޮލަށް ކަރުނަ ޖަމާވެފައިވާ ތަން ފެނި ގުމްރޫހް ވިސްނައިލިއެވެ. ވާހަކައިގެ މައުޟޫ ބަދަލުކޮށްގެން ވިޔަސް އިރާނިޔާގެ ސިކުނޑިން އެފިކުރުތައް ބޭރުކުރަން މަސައްކަތް ކުރަން އޭނާ ނިންމިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔުމާއެކު މޭޒުމަތީގައި އޮތް އިރާނިޔާގެ އަތްތިލައިގައި ހިފާލައިފިއެވެ.

"ކޮން ނަމެއް ބޭބީއަށް ކިޔާނީ...؟" ގުމްރޫހް އަހައިިލިއެވެ.

"ގޮމަ ބުނި ކޮންމެ ނަމެއް. އެކަމަކު ރަނގަޅު މާނައެއް އޮންނަންޖެހޭނެ" އިރާނިޔާ ބުނެލިއެވެ. ގުމްރޫހް ލޯހަނިކޮށްލަމުން އިތުރަށް ހިނިތުންވެލިއެެވެ.

"އަސްލު ބޭބީއަށް ވަރަށް ރީތި ނަމެއް ދޭނަމޭ އަދޫ ބުނެފަ އޮތީ. އެހެންވީމަ އަހަރެން އެމަސައްކަތް މިހަވާލުކުރީ ގޮމައަށް" އިރާނިޔާ ބުނެލިއެވެ. ގުމްރޫހްގެ ތުންފަތަށް ވެރިވި ރަކި ހިނިތުންވުމާއެކު އިސްއޮބައިލިތަން ފެނުމުން އިރާނިޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ބައްސާމާއި އަލިފުޅު ޖޯލިފަތީގައި އިނީ ސިޔާސީ ވާހަކައެއްގެ ތެރޭގައެވެ. އެވާހަތައް ވަކިހިސާބަކުން ދެފަޅިވެގެން ގޮސް އޭގެތެރެއަށް ވިިޔަފާރީގެ ބައެއް ވާހަކަތައް ވިހަން ފަށައިފިއެވެ.

"ކައިރީގައި ބިދޭސީން ގެންގުޅެން ބޭނުން. މުދާ ބަލާދާއިރު އެކުގައި އިތުރު މީހަކު ހުރީމަ އަހަރެންނަށްވެސް ފަސޭހަ. އެކަމަކު އޭނަ ގޮވައިގެން ދިޔައިއްޔާ ދެން ފިހާރަ ބަލަހައްޓާނީ ކާކު؟" ބައްސާމް ވާހަކަދެއްކިއެވެ. އެހިސާބުން ސަބްރީން ގެނެސްދިން ދުފާދަޅުން ބައްސާމް ކަރަންފުލެއް ނެގުމުން ދެން ދުފާދަޅު ދިއްކޮށްލީ އަޅިފުޅު އަތަށެވެ.

"ޝިރޫ އަދިވެސް އެތެރޭގަ ހައްޔަރުވެފަ ދޯ" އަލިފުޅު އަހައިލިއެވެ. އެމަންޖެއަށް އިނގުނީ ކަންނޭނގެ ބައްޕި ވަޒީފާއަށް މިއަދު ނިކުތްކަން" ބައްސާމާއި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ސަބްރީން ބުނެލިއެވެ. އިރުކޮޅަކުން ބައްސާމްގެ ކޮނޑުގައި ސަބްރީން ކޮނޑުން ޖަހައިލިއެވެ. ބައްސާމް ބަލައިލުމާއެކު އިޝާރާތުން އެއްޗެއް ބުނެލައިފިއެވެ. ބައްސާމްގެ ނަޒަރު އަލިފުޅަށް ހުއްޓިއްޖެއެވެ.

"އަހަރެން ވަރަށްބޮޑު އެހެން މުހިންމު ވާހަކައެއްވެސް ދައްކަންވެފަ އޭ އޮތީ. ހަނދާންވެސް ނެތިފަ މިއިންނަނީ" ބައްސާމް ބުނެލިއެވެ. އަލިފުޅުގެ ސަމާލުކަން ބައްސާމަށް ހުއްޓިއްޖެއެވެ.

"މިއީ ހަމައެކަނި ޚިޔާލެއް. އަލިފުޅު ވިސްނާފަ ރަނގަޅު ކަމަކަށް ތިދެމަފިރިންނަށް ވިސްނެންޏާ ކުރިއަށްދާނީ" ބައްސާމް ބުނެލިއެވެ.

"މިހާރު އަހަރެން އަޑުއަހާހިތްވެއްޖެ. ތިނޫނީ ދުވަހަކުވެސް ބައްސާމް ނެތް ވާހަކައިގެ ކުރިން ޝައުޤުވެރިކަން އިތުރުކުރުވަން ވާހަކަދައްކާފައެއް. ދެން ބުނެބަލަ؟" އަލިފުޅު ބުނެލިއެވެ.

"ހުޝާމްއާއި އަހަރެންގެ ޝާނީގެ ގުޅުމަށް ތިދެމަފިރިން ކީކޭ ބުނާނީ..؟ އެއީ ވަރަށް ރަނގަޅު ދެއެކުވެރިން. އަހަރެންގެ ދަރިފުޅު ލޯބީގެގޮތުން ގުޅުނު މިރަށު ކުއްޖެއް އޭނާގެ ހިތްހަލާކުކޮށްލައިފި. އެކަމާއި މިދުވަސްކޮޅު ވަރަށް ފިކުރު ބޮޑުވެފައި ހުންނަނީ. އަހަރެމެން މިކަމާއި ވިސްނާތާ ދުވަސްތަކެއްވެއްޖެ" ބައްސާމް ވާހަކަދެއްކިއެވެ. އޭނާ ވާހަކަދެއްކީ ސަބްރީން އޭނާގެ އަނގައަށް އަކުރުތައް އަޅާއި ތަރުތީބު ކޮށްދިން ގޮޮތަށެވެ.

"ހެހެހެ.. ގޯސްކަމެއްނޫން ތިއީ ކުރާކަށް. އެކަމަކު ޝާމްއަކީ ބޮޑުވެފައި ހުރި ފިރިހެން ދަރިއެއް.. އޭނާގެ ދިރިއުޅުމަށް ގެންނަންޖެހޭނީ މިވެނި މީހެކޭ ކިޔާފަ އަހަރެމެންގެ ދެމަފިރިން ދުވަހަކުވެސް ފާޑެއް ނުކިޔަން. އީޝްގެ މަންމައަކީވެސް އޭނާގެ ހޮވުމެއް. އެކަމަކު ތިވީ ގޮތުން އަހަރެން ޝިރޫ އާ މަޝްވަރާކޮށްފަ ޝާމް އާ ހަމައަށް ގެންދާނީ. އެންމެ ރަނގަޅެއްނު" އަލިފުޅު ވާހަކަދެއްކިއެވެ.

އުނޭޝްއަށް ގެއަށް އާދެވުނުއިރު ދަންވަރު ބާރަގަޑި ބައިވާން ކައިރިވެއްޖެއެވެ. އެހާގިނައިރު ތަމަންނީ އެކަނި ގޭގައި ޝަކުވާއެއްނުކޮށް އިނުމުން އޭނާ އައީ ތަމަންނީ ހިތްހަމަޖެހޭނެހެން ދެމީހުންނަށް ޕިއްޒާ ގަނެގެންނެވެ. ގޭތެރެ ލޮކްކޮށްފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެނދުގައި ފޯނުގައި އޮތް ތަމަންނީއަށް ދޮރުހުޅުވާލާފައި އުނޭޝް ވަދެގެން އައިކަމެއްވެސް ނޭނގެއެވެ. އޭނާއަށް ރޭކާލީ އުނޭޝް ދާދި ކައިރީގައި ހުއްޓުމުންނެވެ. އުނޭޝް ބަލަން ހުރިތަން ފެނުމުން ތަމަންނީ މޫނުމަތިން ހިނދުކޮޅަކަށް ނުތަނަވަސްކަމެއް ފެނުނެވެ.

"ހާދަ ރޮމޭންޓިކް ކޯލެއްގަ. ކޮން ބިޓެއް ގުޅީ؟" އަތުގައި އޮތް ޕިއްޒާ އެނދުމަތީގައި ބާއްވަމުން އުނޭޝް އެހިއެވެ.

"ސާބަސް. އެއީ ޝާނީ. ކިޔަވަން މާލެ ދިޔަފަހުން ވައިވަނީ އޯ. އެހެންވެ އަހަރެން މިބުނީ އަހަރެން ވަރަށް އަވަހަށް ބައްދަލުކުރާނަމޭ..." ތަމަންނީ ބުނެލިއެވެ.

"ހާދަ ސީރިޔަސްވީ... އަހަރެން އެހެން އެހީ ސަމާސާއަކަށް. ތަމަން ކައިފިންތަ؟" ލައިގެން ހުރި ގަމީހުގެ ގޮށް ނައްޓުވަމުން އުނޭޝް ބުނެލިއެވެ.

"އުނޭ އަހަރެންނަށް ދުވަހަކުވެސް ޝައްކު ނުކުރައްޗޭ. އަހަރެން އުނޭދެކެ ލޯބިވޭ. އަހަރެން މިއިންނަނީ އުނޭ އަންނަދެން ނުވެސް ކައި. ދެކުދިން އެއްކޮށް އެއްޗެއް ހަދާލައިގެން ކާލަންވެގެން" އުނޭޝްގެ ގައިގައި ފުރަގަހުން ބައްދައިލަމުން ތަމަންނީ ބުނެލިއެވެ.

"އެހެންވެ އަހަރެން މިއައީ ވެސް ތަަމަންއަށް އެންމެ މީރު ޕިއްޒާ ހިފައިގެން" އެނބުރި ތަމަންނީ ކޮލުގައި އުނޭޝް ބޮސްދިނެވެ. ތަމަންނީގެ ތުންފަތްމައްޗަށް ވެރިވެފައިވި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި މަކަރުވެރިކަން އުނޭޝްއަށް ނުފެނެއެވެ.

ދަތުރުކުރުކޮށްލާފައި ވަޙީދުއްދީން ގެއަށް އައިރު ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. ސޯފާގައި ފޯނު ހިފައިގެން އިން އާޝިދަށް ވަޙީދުއްދީން ފެނުނީ އޭނާއާއި ވަރަށް ގާތަށް އައި ފަހުންނެވެ. އިސްއުފުލާ ބަލައިލިއިރު ފެނުނީ ވަޙީދުއްދީންގެ ހިތްހަމަނުޖެހިފައިވާ މޫނެވެ.

"ކާކު ފޯނު ދިނީ" ފުރަތަމަވެސް ވަޙީދުއްދީން ސުވާލުކުރީ އާޝިދްގެ އަތުގައި އޮތް ފޯނާ ބެހޭގޮތުންނެވެ. ވަޙީދުއްދީންގެ ފަހަތުން ސަކީނާއާއި އެކުގައި ސްކޫލު ޔުނީފޯމުގައި ވަދެގެން އައި ޒުކް ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.

"އަ...އަޅުގަނޑު ދިނީ..." ފަހަތުގައި ހުރި ޒުކް ބުނެލިއެވެ.

"ސަކިންތަ ޒުކް ކޮޓަރިއަށް ގެންދޭ" ސޯފާއިން ތެދުވަމުން އާޝިދް ބުނެލިއެވެ. ވަޙީދުއްދީނާ ކުރިމަތިލާން އޭނާ ބޭނުންވަނީ ޒުކް ނެތްތަނެއްގައެވެ.

"އަޅުގަނޑު މިއީ ބައްޕަގެ ކިޔަވާ ޅަ ދަރިއެއްތަ؟ އުމުރުން މިހާ ދުވަސްވިއިރު މިނޫނީ ދުވަހަކުވެސް ނެތް އަޅުގަނޑުގެ މިނިވަންކަމާ މީހަކު ކުޅެފައެއް. މި ހީވަނީ ބައްޕައެއްގެ ނުކިޔަމަންތެރި ދަރިއެއްހެން" ހިތްހަމަނުޖެހިފައި އާޝިދް ބުނެލިއެވެ.

"އަހަރެންނަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުކުރީ ހަމަ އާޝިދް. އަހަރެންގެ އާއިލާގެ ޢިއްޒަތާއި އަބުރަށްޓަކައި އެކަހަލަ ފިޔަވަޅެއް އަޅަން މަޖުބޫރުވީ. މާކުރިންވެސް އަހަރެންނަށް އިނގޭ ރީތިކޮށް ވާހަކަދައްކައިގެން އާޝިދް އަހަރެން ބުނާ ކަމެއް ނުކުރާނެކަން" ދެޖީބަށް އަތް ޖަހާލައިގެން މަޑުމަޑުން ހިނގާފައި އައި ވަޙީދުއްދީން ހުއްޓުނީ އޭނާއާއި އިސްކޮޅުން ދާދި އެއްވަރުގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ ކުރިމަތީގައެވެ. ދެބަފައިންގެ ތަފާތު އެއްވެސް ތަންކޮޅެއް ނެތެވެ. އިސްކޮޅާއި ރޫފައާއި، ކުލައާއި ހަށިގަނޑުވެސް އެއްގޮތެވެ. ހެދުން އެޅުމާއި، ހިނގުމާއި، ކެއިންބއުިންވެސް ތަފާތެއް ނެތެވެ. ދެބަފައިން އެއްތަނެއްގައި ތިބޭއިރު ހީވަނީ ގާތް ދެއެކުވެރިން ހެންނެވެ.

ބައްސާމާއި ސަބްރީންގެ ވާހަކަތައް އަލިފުޅު ޝިރޫއާއި ޙިއްސާކުރީ ނިދަން އެރި ވަގުތުގައެވެ. އެވާހަކަތައް އަހާފައި ޝިރޫ އިރުކޮޅަކު ހިމޭންކަމާއެކު އޮތެވެ. އޭނާގެ ވިސްނުމުގައިވަނީ ކޯޗެއްކަމެއް ނޭނގެއެވެ.

"ހީވޭތަ މިކަމާ އާޝިދް ރުހޭނެހެން" ޝިރޫ ބަހެއް ނުކިޔާ އޮންނަން ފެށުމުން އަލިފުޅު އެހިއެވެ.

"ނޭނގެ ދޯ. އަހަރެންނަށް ހީވަނީ ގޯސް ނިންމުމެއް ނޫންހެން އެއީ. އެމަންޖެއަކީ ވަރަށް އަޚްލާގް ރަނގަޅު ކުއްޖެއް. މިކުޑަކުޑަ ދަރިފުޅަށްވެސް މައެއްގެ ލޯބި ބޭނުންވޭ. ބައްސާމްމެންގެ ދެމަފިރިންނަށް ޝާމްގެ މިދަރިފުޅު ހުއްޓަސް މައްސަލައެއް ނެތީމައެއްނު އެކަހަލަ ކަމަކަށް އެދޭނީ" ޝިރޫ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

"މިފަހަރު އޮފް ދުވަހަށް އައިމަ އެވާހަކަ ދައްކަންވީނުން" އަލިފުޅު ބުނެލިއެވެ.

"ނޫން. އަހަރެންނަށް ވުރެ ބޮޑަށް ރަނގަޅުވާނީ އަލިފުޅު މިވާހަކަ ދެއްކިއްޔާ. ހުޝާމަކީ މާ ބައިވަރު އެކުވެރިންތަކެއް ތިބި ކުއްޖެއްނޫން. ބައްޕައަކާއި ދަރިއަކާއި އޮންނަ ގުޅުމަށް ވުރެ ތިދެބަފައިންގެ ދެމެދުގައި އޮންނަނީ ދެއެކުވެރިންގެ އޮންނަ ކަހަލަ ގުޅުމެއް" ޝިރޫ ބުނެލިއެވެ.

ކުޑަދަރިފުޅު އުރާލައިގެން ހުރެ ދެކޮޅަށް ހިނގަމުންދިޔަ އިރާނިޔާގެ އަނގައިން މަޑުމަޑު ނާނާއެއްގެ އަޑު އިވެމުން ދިޔައެވެ. ގަޑިން ދަންވަރު އެކެއް ޖެހުމާއި ގާތްވެއްޖެއެވެ. އެގޮތުގައި ފަނަރަ ވަރަކަށް މިނިޓް ހޭދަވެގެން ދިޔައިރު ދަރިފުޅު އޮތީ ގަދަ ނިދީގައެވެ. އެނދުގައި ދަރިފުޅު ބޭއްވުމަށްފަހު އޭނާ އޮށޯތީ ކައިރީގައެވެ. ސައިޑްކަބަޑް މަތީގައި އޮތް ފޯނު ނަގާފައި ބަލައިލީ އޭނާ އިންތިޒާރު ކުރަމުންއެދާ މީހާގެ އެއްވެސް އިޝާރާތެއް ވެފައި އޮތްތޯއެވެ. ދަރިފުޅުގެ ފޮޓޯ ފޮނުވި ފަހުންވެސް އެއްވެސް ޚަބަރެއް ނުވެއެވެ. އިންތިޒާރުގެ ވަގުތުތައް ގުނަމުން ދަނިކޮށް އަނެއްކާވެސް އޭނާގެ ވިސްނުންތަކާއި ފިކުރުތައް ޙާއިޝާގެ ހަނދާންތަކާއި ގުޅިއްޖެއެވެ. ޙާއިޝާ ބޭރަށް ގެންދިޔަ ފަހުން ޚަބަރެއް ނުވެއެވެ. އަދްޔަންއަށާއި، ޔަޝްފީއަށްވެސް ނުގުޅެއެވެ. އޮތީ އެންމެ ގޮތެކެވެ. މާލިކަށް ގުޅުމެވެ. އެދަތުރުގައި މާލިކް ބައިވެރިވިކަން އޭނާއަށް އިނގުނީ ގުމްރޫހްގެ ފަރާތުންނެވެ.

އިޝާނަމާދުން އައި ގޮތަށް އާޝިދް ކޮޓަރީގައި އަމިއްލައަށް ތަޅުލެވިގެން އިނީ ވަޙީދުއްދީން ދެކެ ހިތްހަމަނުޖެހިފައި އިން ވަރުންނެވެ. ރަނގަޅަށް ކާއެއްޗެއް ނުކާތަ ސައުވީސްގަޑިއިރު ވާން ކައިރިވެއްޖެއެވެ. ބަނޑަށް ކެތްނުވެގެން އޭނާގެ ގޮހޮރު ކާއެއްޗަކަށް އެދެމުންދާތާ އެތައް އިރެކެވެ. އެންމެފަހުން ކެތްނުވެގެން ކޮޓަރިން ނިކުމެ ކާބަޔާއި ދިމާލަށް ހިނގައިގަތެވެ. ސަކީނާ ހުރީ މޭޒުމައްޗަށް ކާއެއްޗެހި އަރުވާފައެވެ. ތަށިތައް ކައިރީގައި އޮތް ނޯޓް ފެނުމުން އާޝިދް ބަލައިލިއެވެ. އެއީ ސަކީނާގެ އަތު ލިޔުމުން ލިޔެފައިވާ ނޯޓެކެވެ. "ކާން ބޭނުންވެއްޖިއްޔާ އަވަނަށް ލައިގެން ހޫނުކޮށްލައިގެން ކާލާތި އިނގޭ. އިތުރު އެއްޗެއް ބޭނުންވިއްޔާ ސަކިންތައަށް ގޮވާލާ" ލިޔެލާފައި އޮތީ އެވަރަށެވެ. އާޝިދްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ސަކީނާ އެދުނު ފަދައިން އޭނާ ބޭނުންވާވަރަށް ކާއެއްޗެހި އަވަނަށް ލިއެވެ.

ގަޑި ހަމަވަންދެން މޭޒު ކައިރީގައި އިނީ ފޯނު ހިފައިގެންނެވެ. އިރާނިޔާގެ ދަރިފުޅުގެ ފޮޓޯއަށް ބަލަހައްޓައިގެން އިންއިރު އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. އޭނާ އިނީ އެދެމައިން ދެކެން އިންތިހާއަށް ބޭނުންވެފައެވެ. ބައްޕަގެ މޫނުމަތީގައި ދަޖަލުކުރަން ބޭނުންނުވާނަމަ މިހާރު އޭނާ ގަދަކޮށްލާފައި ގެއިން ނިކުމެގެން ދާނެތާ ކިތަންމެ އިރެކެވެ. އެގޮތަށް އޭނާގެ ބައްޕައާއި ރުޅިހަދައިގެން ދިޔަސް އިރާނިޔާގެ ރުހުން ނުލިބޭނެކަން އެއީ ޔަޤީންކަމެކެވެ. އޭނާ ބޭނުންވަނީ ވަޙީދުއްދީންގެ ރުހުމާއެކު އޭނާގެ އަންބެއްގެ ދަރަޖަ އިރާނިޔާއަށް ދީގެން އިރާނިޔާ ހިތްއެދޭ ތަނެއްގައި ދިރިއުޅޭށެވެ.

ވައިބަރުން މެސެޖެއް އައީ އޭނާ ފޯނަށް ބަލަހައްޓައިގެން އިންދައެވެ. ހިތްއަވަސްވެގެން ދިޔައީ އެއީ އިރާނިޔާގެ މެސެޖެއްކަން އިނގުމުންނެވެ. 'އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި' ތުންފަތް މައްޗަށް ވެރިވެގެންދިޔަ ފުޅާ ހިނިތުންވުމާއެކު ހިތަށް ލިބުނު ބަޔާންކުރަންދަތި ހިތްހަމަޖެހުމުގައި އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. އިރާނިޔާގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ހިތްހަމަޖެހޭ ހަދިޔާއަކީ އެމެސެޖު ކަމުގައި ވެއްޖެއެވެ. އެތައް ފަހަރަކު އޭނާ އަމިއްލަ ފޯނުގައި ބޮސްދީފިއެވެ. އޭނާގެ ހިތާއި ދެކޮޅަށް މުޅި ދުނިޔެ ނިކުތަސް އެ އަންހެންކުއްޖާއާއި ދުރުގައި އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާ ދިރިހުރުމެވެ. އޭނާގެ އުފަލާއި ހިތާމައެވެ. ރެއާއި ދުވާލު އޭނާއަށް ކުރެވޭ ދުޢާއެވެ. އޭނާގެ ދެލޮލުގެ އަލިކަމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟