ވާހަކަ

ދެކިލަން އެދޭތީ - 27

2

އީވާގެ ރުއިމުގެ އަޑު ވަނީ ކޮޓަރީގެ ހަތަރު ފާރުތެރޭގައި ގުގުމާލާފައެވެ. އެހިތަށް ކޮށްފައިވާ ފުން އަސަރުތައް ރައުހާއަށް ދޭހަކުރެވުނެވެ. އިރުއިރުކޮޅާ އީވާއަށް ބަލަމުން، ރައުހާއަށް ކޮޓަރީގެ ތެރޭގައި ކުރުކާލިކަނޑާލެވެއެވެ. އީވާ މަސަލަސްކުރަން ދައްކަންވީ ވާހަކައެއް އޭނައަކަށް ނޭނގުނެވެ. މައްސަލައިގެ ނާޒުކު ކަމާމެދު ވިސްނާވިސްނާ ސިކުނޑިއަށް ބަރުވާން ފެއްޓިއެވެ. އެއާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް ގެންނަމުން އެނދުގައި ރޯން އިން އީވާއަށް ރައުހާ ފުން ނަޒަރެއް ދިނެވެ. އެއްޗެއް ބުނަން އެތުންފަތް ހަރަކާތްކުރިއެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. އިރުކޮޅެއް ވަންދެން އީވާއަށް ބަލަން ހުރެފައި، އީވާގެ ގާތަށް ރައުހާ ދިޔަ އެވެ.

''އަހަންނަކަށް ނޭނގޭ އީވްގެ ހިތްހަމަޖައްސަދޭން ބުނަން ވީ ކީކޭކަމެއް!... މިކަންތައް ހައްލުނުކުރެވި ބޮޑު މައްސަލައަކަށް ވެދާނެތީ އަހަރެން ބިރުގަނޭ...'' ކަންބޮޑުވުމާއެކު ރައުހާ ވާހަކަދެއްކިއެވެ. އެހިތަށް ވެރިވި ރުޅިވެރިކަން ފިލައި އެކުވެރިޔާއާއި މެދު ހަމްދަރުދީ އުފެދުނެވެ. އެވާހަކަތައް އޭނައާއި ހިއްސާކުރުމުން ޝުކުރުވެރި ވެސް ވެވުނެވެ. އީވާ އިން ހާލު އޭނައަށް ތަސައްވަރުކުރެވުނެވެ. އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ނުހަނު ބޭނުން ވިއެވެ. އީވާގެ ހިތުގައި އޮތް ހިތާމަޔާއި ބިރުވެރިކަމަށް ނިމުމެއް ގެންނަން ވެސް މެއެވެ.

ރައުހާއަށް އީވާގެ ގާތުގައި އިށީނދެވުނެވެ. އަދި އީވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ.

އީވާ ގާތު ރުއިން ހުއްޓާލުމަށް ރައުހާ އެދުނެވެ. ހިތާމަތަކާއި ޖަޒުބާތުގައި ޖެހި ރަނގަޅު ނިންމުމެއް ނުނިންމިދާނެތީއެވެ. އެއާއެކު އީވާއަށް ތުންފަތުގައި ބާރަށް ދަތް އަޅާލެވުނެވެ. ވޭނީ އާހް ތަކަށް ނިމުމެއް ގެންނަން ވެގެންނެވެ. އޭރު ވެސް ސިކުނޑީގައި ބޮޑު ތޫފާނެއް އުފެދިފައި ވިއެވެ. އޭގެ ގަދަފަދަކަމުން ބިރުވެރިކަން ހިތުގައި އުފަން ވެފައި ވިއެވެ. ވިސްނުމަކާ ނުލާ ކުރެވުނު ކަމެއްގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާ މެދު މުޅި ނަފުސު ވަނީ ހާސްކަމެއް ތެރޭގައެވެ. ހުރިހާ ކަމެއް ހައްލުކުރަން އީވާގެ ނަފުސު ތެޅިފޮޅެމުން ދިޔަ އެވެ. މާކިންއަށް ހަޤީޤަތް ހާމަކުރަން ބޭނުން ވިއެވެ. ޖާދިންގެ ގާތުން މަޢާފަށް އެދެން ބޭނުން ވިއެވެ. މާމައަށް ވިސްނައިދޭން ވެސް ބޭނުން ވިއެވެ. ނަމަވެސް، ފަށަންވީ ކޮން ދިމާއަކުން ކަމެއް ވިސްނައިގަންނަން ދަތި ވިއެވެ. އާއިލާއާ ކުރިމަތިލާނެ ހިތްވަރެއް ވެސް އޭނަގެ ނެތެވެ. މާމާގެ ހަރުކަށިކަން ތަސައްވަރުކުރެވި އޭނަގެ ނަފުސު ބަލިކަށިވަމުން ދިޔަ އެވެ. އުދާސްކަމުގެ ތެރޭގައި މީހާ ހަފުސްވަމުން ދިޔަ ހިނދު، އޭނަގެ ހިތުގައި މާކިންއަށްޓަކައި އޮތް ލޯތްބަށް އިންސާފު ލިބުމަށް އެދި ހިތް ރޯން ފެށިއެވެ. މާކިންއާއެކު ދިރިއުޅުމެއް ފެށުން އެއީ އޭނަގެ ހިތުގެ މުރާދެވެ. އެމުރާދު ހާސިލު ނުވެއްޖެ ނަމަ ދިރިހުންނާނެ ގޮތެއް ވެސް ޚިޔާލަށް ގެންނަން ދައްޗެވެ.

އީވާގެ ބޮލުގައި ތޫނު ރިހުމެއް އުފަން ވިއެވެ. ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ.

''އީވްއަށް ފުރިހަމަ ޔަޤީންކަން އެބަ އޮތްތަ މާކިންއަށް؟...'' ދެ ޚިޔާލެއްގެ މަތީގައިވި ފަދައަކުން ރައުހާއަށް ސުވާލުކޮށްލެވުނެވެ. އެސުވާލުގެ ޖަވާބަކަށް ކެތްތެރިކަމެއް ނެތި ރައުހާ އިންތިޒާރުކުރިއެވެ. އީވާއަށް ޚިޔާލެއް ދިނުމުގެ ކުރިން އެހިތުގެ އިހުސާސްތައް ދަސްކުރަން އޭނަ ބޭނުން ވިއެވެ.

''އާނ... ދިރިއުޅުމުގައި މިހާ ބޮޑު ޔަޤީންކަމެއް ދުވަހަކު ވެސް ނެތް... އަހަރެން ވަރަށް ބޮޑަށް މާކިން ދެކެ ލޯބިވޭ... މިވީ ހަމަސް ދުވަހުގެ ތެރޭގައި އެކަން އަހަންނަށް ޔަޤީން ކުރެވިއްޖެ...'' ކުރެހިފައިވާ އަޑަކުން އީވާ ބުނެލިއެވެ. ''ރައު... ހަޤީޤަތް ހާމަކުރުމުން މާކިން އަހަންނަށް އިތުބާރުކުރާނެތަ؟...''

''ތިހާ ޔަޤީންކަން އޮތް އިރުގައި ކީއްވެގެންތަ ފުރަތަމަ ކަމަކަށް ވެސް މާކިންއަށް ހުރިހާ ކަމެއް ކިޔައިނުދިނީ؟!، މިހާރު އެކަން ކުރަން ލަސްވެއްޖެ، އުނދަގޫ ވެސް ވާނެ... މާކިންއަށް ހީވާނީ އޭނައަށް އޮޅުވާލީހެން... އެހުރިހާ ވާހަކައެއް ޤަބޫލުކުރަން މާކިންއަށް ވެސް އުނދަގޫ ވާނެ...'' ރައުހާއަށް ބުނެވުނެވެ. އެޖުމްލައިން އީވާގެ ލޮލުން ކަރުނަ ނީރާލައިފިއެވެ. ރައުހާ އެހާމަކުރީ ދޮގެއް ނޫނެވެ. އެގުޅުމުގެ ފުރަތަމަ މަރުހަލާގައި މާކިންއަށް ހަޤީޤަތް ހާމަ ކުރެވުނު ނަމަ މަންޒަރު ތަފާތުވީސް ހެއްޔެވެ؟

''ކިހިނެއްތަ ދެން ހަދާނީ؟... މާކިންއާއި ވަކިވާކަށް އަހަރެން ބޭނުމެއް ނޫން... ލޯބިނުވާ ފަރާތަކާ ކައިވެނި ކުރާކަށް ވެސް ބޭނުމެއް ނޫން... ކައިވެންޏަކާ ހަމައަށް އަހަރެން ދާން ބޭނުން ވަނީ ހަމައެކަނި މާކިންއާއެކުގައި...'' އީވާއަށް ގިސްލެވުނެވެ. އެހިތުގައިވި އުއްމީދުގެ ހުޅުކޮޅު އެދަނީ ސިކުނޑީގައި އުފެދިފައި އޮތް ތޫފާނުގެ ގަދަ ވަޔާ ހަނގުރާމަކުރަމުންނެވެ. ކޮންމެ ހިނދެއްގައި ވެސް ރޯޅިތަކުގެ ތެރެއަށް ހުޅުކޮޅު ހިނދިގެން ހިނގައިދާނެކަމުގެ ގިލަންވެރިކަން ހިތުގައި އޮތެވެ.

''އަހަންނަށް އީވްގެ ހާލު އެބަ ފެނޭ... ލޯބި ނުވާ މީހަކާއެކުގައި އުޅުން އެއީ އަމިއްލަ ނަފުސަށް އަދި ދެން ހުރި މީހާއަށް ވެސް ދެވޭ އަނިޔާއެއް... އަހަންނަށް ފެންނަނީ ފުރަތަމަ މާކިންއަށް ހަޤީޤަތް ހާމަކުރަން... މާކިންއަށް އީވްގެ މަޖުބޫރީ ހާލަތު ކިޔައިދޭން!، ކައިވެންޏަށް އެއްބަސް ވާންޖެހުނު ސަބަބު ބުނެދޭން... އީވްގެ އާއިލާގެ ހުރިހާ ހަޤީޤަތެއް ހާމަކުރަން، ސިއްރުކުރުމެއް ނެތި ހުރިހާ ވާހަކައެއް ކިޔައިދޭން... އެއަށްފަހު މާކިން ނިންމާނެ ގޮތަކާ މެދު އީވް ވާނެ ރުހިޤަބޫލުވާން... އެވާހަކަތައް އަޑުއަހަން މާކިންއަށް ފަސޭހަކަމަކަށް ނުވާނެ... އެކަމަކު، މާކިން އީވް ދެކެ ލޯބިވާނަމަ ދެވަނަ ފުރުސަތެއް ދޭނެ... އެކުގައިވާން ބޭނުންވާނެ...... ދެން ޖާދިން!... ޖާދިންއަށް ވެސް އީވްގެ ހިތުގެ ހާލު އެނގެން ޖެހޭނެ... އެކަމުން ޖާދިންގެ ހިތަށް އަނިޔާ ލިބުނަސް އަނދިރީގައި ބެހެއްޓުން އެއީ ރަނގަޅު ގޮތެއް ނޫން، ފުރަތަމަވެސް އަހަރެން ބޭނުންވި އީވް ގާތު އެވާހަކަ ބުނަން، ކައިވެންޏަށް އެއްބަސްވުމުގެ ކުރިން ތިހިތުގެ ހާލު ޖާދިންއަށް އަންގަން ހިތްވަރުދޭން، އެކަމަކު އަހަންނަށް ނުކެރުނު... ނިކުމެދާނެ ނަތީޖާއަކާ މެދު ހާސްވީ... މިއަދު ހިތަށް އަރާ އެފަދައިން ކަންތައް ކުރެވުނު ނަމައޭ... އޭރުން މިދުވަސް ދެކެން ނުޖެހުނީސް ކަން ނޭނގެ...... ކުރެވޭނެ އިތުރު ކަމެއް ނެތް!... ޖާދިންއަށް އީވްގެ ހިތުގެ ހާލަތު އެނގެން ޖެހޭ ވަގުތު އައިސް ޖެހިއްޖެ...''

އީވާގެ އަތުގައި ހިފާލަމުން ރައުހާ ބުންޏެވެ. އޭނަ ވާހަކަތައް އަތުރަމުން ދިޔައީ ފުންކޮށް ހުރިހާ ކަމާ މެދުގައި ވިސްނާފައެވެ. ކޮންމެ ދިމާއަކުން ވެސް ނިކުމެދާނެ ނަތީޖާއަކަށް ސަމާލުވާން ޖެހޭތީއެވެ.

''ކައިވެނީގެ ކަންތައް ވެސް ހަމައަކަށް އަޅުވަން ޖެހޭނެ... އީވްގެ މާމައާއި ވާހަކަދެއްކުމުގެ ބަދަލުގައި އީވްގެ ބައްޕައާއި ވާހަކަދެއްކުން ބުއްދިވެރިވާނީ... ކަރީމް އަންކަލް އަކީ ރަނގަޅު މީހެއް، އީވް ދެކެ ނުލާހިކު ލޯބިވޭ... ޖާދިންއާއި އީވްގެ ކައިވެނީގެ ކަންތައް ކުރިއަށް ގެންދިއުމުގެ ކުރިން ވެސް އީވްގެ ޚިޔާލެއް ހޯދި، އެފަހަރު އާއިލާގެ އުފަލަށްޓަކައި އީވް ހަޤީޤަތް ސިއްރުކުރީ، އެކަމަކު ދެން މިކަންތައް ހައްލުކުރަން ބޭނުން ނަމަ ކަރީމް އަންކަލް އަށް ކިޔައިދޭން ޖެހޭނެ.. އީވްގެ މާމައަށް ވިސްނައިދިނުމުގެ ޤާބިލުކަން ލިބިފައިވަނީ ހަމައެކަނި ކަރީމް އަންކަލްއަށް... މާމަ ހަމައަކަށް އެޅުމަށްފަހު މާކިންގެ ވާހަކަ އާއިލާއާއި ހިއްސާކުރާނީ... މާކިންއަކީ ވެސް ޑޮކްޓަރެއް... މިހާރު އީވް ފަދައިން ހިތުގެ ސްޕެޝެލިސްޓަކަށް ވާން ކިޔަވަމުން އެދަނީ... މާކިންއަކީ ހަރުދަނާ ޒުވާނެއް... އީވާއާއި މާކިންގެ ގުޅުމަށް އެއްވެސް މީހަކު ދެކޮޅު ހަދަންވީ ސަބަބެއް އަހަންނަކަށް ނުފެނޭ...''

ރައުހާގެ ވާހަކަތަކުން އީވާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔަ އެވެ. ހިތުގެ އުދާސްތަކާ ދުރުވެލަން އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ.

''އަދި އެއްވާހަކަ ހިއްސާކުރަން ބޭނުން...'' އީވާއަށް ބުނެލެވުނެވެ. މާކިންގެ މާޒީ ރައުހާއާއި ހިއްސާކުރަން އީވާ ބޭނުން ވިއެވެ.

''އަނެއްކާ އިތުރުކަމެއް ސިއްރުކުރަނީތަ؟...'' ރައުހާއަށް ބުމަ އަރުވާލެވުނެވެ.

''މާކިން ކުރިން ކައިވެންޏެއްކޮށް ޑިވޯސްވެފައި ހުރީ...'' މާކިންގެ އަލަތު ކައިވެނީގެ ސިއްރުތައް އީވާ ހާމަކުރިއެވެ. އީވާއަށް ބަލަން އިން ރައުހާއަށް ނިޔަފަތީގައި ދަތް އަޅާލެވުނެވެ.

''ވަރިވީ މާކިންގެ ހުރި މައްސަލައެއްގެ ސަބަބުންނެއް ނޫނެއްނު، އެހެންވީމަ އެކަން ބޮޑު ކަމަކަށް ވެދާނެ ހެން އަހަންނަކަށް ހިޔެއް ނުވޭ...'' ރައުހާ ބުންޏެވެ. ''މިއީ އިހުޒަމާނެއް ނޫނެއްނު އެކަހަލަ ކުދި ކަންތަކައް ބޮޑު ކަމަކަށް ވާން!... މާކިންގެ ރަނގަޅުކަން އެނގުން މުހިންމީ...''

ރައުހާގެ ޖުމްލައިން އީވާގެ ދިލަ ހިތަށް ތަސައްލީއެއް ލިބުނެވެ. ހަށިފުރާ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

''އައިމް ސޮރީ...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު އީވާއަށް ބުނެވުނެވެ.

''ކަންތައް އަދި ގޯހުންގޯހަކަށް ނުދޭ، ވަގުތު އެބައޮތް، އަހަރެން ހުންނާނަން އީވްއަށް އެހީވެދޭން...'' އީވާގެ އަތްތިލައަށް ފިތާލަމުން ރައުހާ ބުނެލިއެވެ. ''އަހަންނާ ތިވާހަކަތައް ހިއްސާކުރީތީ ޝުކުރިއްޔާ...''

''މިހާރު ހިތަށް ވެސް ފަސޭހަ ވެއްޖެ، ހުރިހާ ކަމެއް ރަނގަޅު ވެދާނެކަމުގެ އުއްމީދު ވެސް އާލާވެއްޖެ...'' ރައުހާގެ ގައިގައި ބައްދާލަމުން އީވާ ބުނެލިއެވެ. ''މާމަ ވަރަށް ރުޅި އަންނާނެ މިކަންތައް އެނގުމުން...''

''އެހެންވެޔޭ އަހަރެން މިބުނަނީ އީވްގެ ބައްޕައާ ހިއްސާކުރާށޭ... ތެދަށް ބުނާނަމަ އީވްގެ މާމަގެ އެހުންނަ ކުރީ ޒަމާނުގެ ވިސްނުން އަހަންނަށް ކަމުކު ނުދޭ... މި ޒަމާނުގަ ހުރިހާ އެންމެނަށް ވެސް އެމީހަކު ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ މިނިވަންކަން ލިބެން ޖެހޭނެ ދޯ...''

''އެންމެ ހާސްވަނީ މަންމައާ ދިމާއަށް މާމަ އެއްޗެކޭ ބުނެފާނެތީ...'' އީވާއަށް އޭނަގެ ކަންބޮޑުވުންތައް ހިއްސާކުރެވުނެވެ. ހަޤީޤަތް ހާމަ ވެގެން ދާ ހިނދުގައި މާމަގެ ނަޒަރުގައި މަންމަ ކުށްވެރި ނުވުން އެއީ ނާދިރު ކަމެކެވެ. މަންމަ ދެކެ މާމަ ކުރާ ނަފުރަތު އޭނައަށް ވަނީ ފެނިފައެވެ. އެކަމާ އޭނަ ނުހަނު ދެރަވެއެވެ. ހިތުގައި ޖެހެއެވެ. އެކަމަށް ދުވަހަކު ނިމުމެއް އަންނާނެ ބާވައޭ ހިތާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ.

''އީވް... އަހަންނަށް ޔަޤީން އީވްގެ މައިންބަފައިން ބޭނުންވާނީ އީވް އުފަލުގައި ވާތަން ދެކެން... ކަރުނައާއި ހިތްދަތިކަމުގައި ވާތަން ދެކެން ބޭނުމެއް ނުވާނެކަން...... ޖާދިންއާއި ކުރެވޭ ކައިވެނިން އީވްއަށް އުފަލެއް ނުލިބޭނެކަން މިހާރު އީވްއަށް ޔަޤީން ކުރެވިއްޖެއެއްނު... ތިހިތް ވެސް ދަސްވެއްޖެއެއްނު... މީ ޖެހިލުންވާން ވީ ވަގުތެއް ނޫން... ހިތްވަރާއެކު ގޮންޖެހުންތަކާ ކުރިމަތިލާން ވީ ވަގުތު...'' އީވާއަށް ހިތްވަރުދެމުން ރައުހާ ބުނެލިއެވެ.

''މާކިން ކަންތައް ކޮށްފާނެ ގޮތަކާ މެދު އަހަރެން ވަރަށް ބިރުގަނޭ... އަހަރެންގެ ސަބަބުން މާކިންއަށް ދެރައެއް ލިބޭތަން ދެކެން ކެތެއް ނުކުރެވޭނެ... މާކިންއާއި ދުރުގައި ވެސް ނުހުރެވޭނެ...'' ހަޤީޤަތް ހާމަވުމުން މާކިން އަމަލުކޮށްފާނެ ގޮތަކާ މެދުގައި އީވާގެ ހިތް ބިރުވެރިކަމާއެކު ތެޅެމުން ދިޔަ އެވެ. އެކަން ރައުހާއަށް ފާހަގަ ކުރެވުނެވެ.

''ހާސްނުވެބަލަ... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ، ނެގެޓިވް ތިންކިންގް ވިލް އޯލްވޭސް ސްޓޮޕް ޔޫ ފްރޮމް ޓެލިންގް ދި ޓްރުތް!...'' ރައުހާ ފަނޑު ހިނިތުންވުމަކާއެކު ބުނެލިއެވެ.

ރައުހާގެ ނަސޭހަތާއި އެއްބަސްވުމުގެ ގޮތުން އީވާ ބޯޖަހާލިއެވެ.

''އެންމެ ފަހުން އީވްއަށް ވެސް ލޯބި ވެވުނީދޯ!... މިހާރު އެނގިއްޖެ ދޯ އެއީ ކޮންފަދަ ބާރު ގަދަ އިހުސާސެއްކަން؟... ލޯބީގެ ޔަޤީންކަން އޮތިއްޔާ ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލެވިދާނެ... ހެހެހެ... އަހަންނަށް އެންމެ މަޖަލީ އީވް ނަފުރަތު ކުރި މީހާ ދެކެ ލޯބި ވެވުނީތީ... ނަފުރަތަކީ ލޯބީގެ ފެށުން ކަން އީވް ސާބިތުކޮށްދީފި...'' ލުއި ހުނުމަކާއެކު ރައުހާ ބުނެލިއެވެ. މާހައުލުގެ ސީރިޔަސްކަމާއި އުދާސްކަމަށް އޭރު ނިމުމެއް އަތުވެއްޖެއެވެ. އެއީ ރައުހާ ބޭނުން ވި ގޮތް ވެސް މެއެވެ. ސިކުނޑީގެ ހާސްކަމާ އީވާ ދުރަށް ގެންދަން ތަފާތު ވާހަކަތައް ރައުހާ ދެއްކިއެވެ.

ރައުހާގެ ވާހަކަތަކުން އީވާ ހަމައަކަށް އެޅުނެވެ.

''އަހަންނަށް ސިއްރުން ލައްކަ ގަނޑެއް ގަނެފިންދޯ؟... އެހެންވީމަ އޭރު ކެފޭއަށް ދިޔައީ ވެސް މާކިން ފެންނާނެކަމަށްދޯ؟... ވަގުވަގަށޭ އޭރު އުޅުނީ ވެސް... އަހަންނަށް ނުފެނުނީ އީވްގެ ނަސީބު ގަދަކަމުން ހެން ހީވަނީ...'' އީވާއާ ދިމާކޮށްލަން ރައުހާ ބުންޏެވެ.

''ނޫން، ކެފޭއަށް ދިޔައީ އެހެންވެގެންނެއް ނޫން، އަހަރެން އެތަނަށް ދިޔަ ފުރަތަމަ ދުވަހު އެނގުނީ މާކިން ވެސް އުޅެނީ އެތަނުގައިކަން...'' އީވާ ބުނެދިނެވެ.

''އޯހ ނޯ!... މިހާރު ކާއެއްޗެހި ވެސް ހުންނާނީ ފިނިވެފަ... އީވް އާދޭ މޫނު ދޮވެލައިގެން... އަހަރެން މިދަނީ ކާއެއްޗެހި ހޫނުކޮށްލަން... ކެއުމުގެ ތެރޭން ހުރިހާ ކަމެއް ކިޔައިދޭން ޖެހޭނެ، އަހަރެން ބޭނުން ހުރިހާ ކަމެއްގެ ތަފުސީލީ ރިޕޯޓެއް!...'' ކުއްލިޔަކަށް ކަމެއް މަތިން ހަނދާން ވެގެން ރައުހާ ބުނެލިއެވެ. ދެކެވުނު ވާހަކައިގެ ހޫނުކަމުގެ ސަބަބުން ކާއެއްޗެހީގެ މަތިން ވެސް ހަނދާން ނެތުނީއެވެ.

ރައުހާއަށް ކާއެއްޗެއް އަރުތެރޭން ދިރުވާލެވޭނީ ވެސް ހޫނުކަން ހުރެގެންނެނެވެ. ހާއްސަކޮށް ދުންއަރައަރާ ހުންނަ ނޫޑްލްސްކާން އޭނަ ނިކަން ފޯރި ހުރެއެވެ. އެމަންޒަރު ބަލަން އީވާ ހުންނަނީ އަޖައިބުވެފައެވެ. ރައުހާގެ ދޫ ވެސް ނުފިހެނީބާވައޭ ހިތަށް އަރައެވެ.

ރައުހާގެ ފަހަތުން ކޮޓަރިން ނިކުންނަން އީވާ ދިޔަ އެވެ. އޭރު އީވާގެ މޫނުމަތިން އުދާސްކަން ފިލައި، ހަމަޖެހުމުގެ އަސަރުތައް ވެރިވެއްޖެއެވެ.

*****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތެވެ. ޖާދިން ފެންނަން ނެތުމުން، ޖާދިންގެ ޚަބަރު އޮޅުން ފިލުވަން ނޯކަރަކު ފޮނުވާލުމަށްފަހު، ކާމޭޒު ދޮށުގައި އިން އާރަބްއަށް ބަސްމާ ބަލައިލިއެވެ.

''އާރަބް...'' އާރަބްއަށް ބަލަން އިނދެފައި ބަސްމާ ގޮވާލިއެވެ. ބަތް ސުވާއެއް ކާން އުޅުނު އާރަބް އޭނަގެ ހަރަކާތް މަޑު ޖައްސާލަމުން، ތަށީގެ ތެރެއަށް އުލާއި ސަމުސާ ލިއެވެ. އެއަށްފަހު ބަސްމާއަށް ބަލައިލިއެވެ. އެމޫނުމަތިން ފެނުނު ކަންބޮޑުވުމުގެ އަސަރުތަކުން އާރަބްއަށް ހައިރާންކަން ލިބުނެވެ.

''ހާދަ ފިކުރުބޮޑުވެފައި ހުރިހެން ހީވެޔޭ، އަނެއްކާ ކިހިނެއްތަ ވީ؟...'' ލޯބިވާ އަނބިމީހާގެ ނުތަނަވަސްކަން ފެނި އާރަބްއަށް ސުވާލުކޮށްލެވުނެވެ.

''ޖާދިން!، އެސޮރު މިދުވަސްކޮޅު މާ ބުރަކޮށް އުޅޭހެން އަހަންނަށް ހީވަނީ... ދުވަސްކޮޅަކަށް ވިޔަސް ޗުއްޓީއަކަށް ދެވޭނެ ގޮތެއް ނުހެދޭނެތަ؟... މިއަދު ބޮލުގައި ރިއްސާތީއޭ ކިޔާފަ މެންދުރު ގެއަށް އައިސްފި، އެއައި ގޮތަށް ކޮޓަރިން ނުނިކުންނަހެން ހީވަނީ... އަހަރެން އިރާކޮޅު ބޭރަށް ދަމުން ކޮޓަރީގެ ދޮރުގައި ޓަކި ދިނުމުން ވެސް ޖަވާބެއް ނުލިބުނު...'' ބަސްމާއަށް، އޭނަގެ ކަންބޮޑުވުންތައް ބަންޑުންކޮށްލެވުނެވެ. ފިރިހެން ދަރިފުޅާ މެދު އޭނަގެ ހިތުގައި ހާސްކަން އުފެދިފައި ވިއެވެ.

ބަސްމާގެ ވާހަކައާއި މެދުގައި ވިސްނަން އިންދާ ކާކޮޓަރިއަށް ވަދެގެން އައި ޖާދިން، އާރަބްއަށް ފެނުނެވެ.

ޖާދިންއަށް ބަލައިލުމުން އެއައީ ދެންމެ ފެންވަރައިގެންކަން އެނގެއެވެ. ހޭވިފައި އޮތް ފަން އިސްތަށިގަނޑުގައި ވަނީ ތެތްކަމެވެ. މިހާރު އެމޫނުމަތިން ތާޒާކަން ފެނެއެވެ. ބޮލުގެ ރިހުން ކެނޑިގެން ދިއުމުގެ ނަތީޖާއެވެ.

ޖާދިން ގޮސް އޭނައަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ.

''ތެދެއް ދަރިފުޅާ... މާބުރަކޮށް މަސައްކަތުގައި އުޅޭ ދުވަސްކޮޅެއްތަ؟...'' ގޮނޑީގައި ހަމަޖެހިލި ޖާދިންއަށް ބަލަމުން އާރަބް ސުވާލުކޮށްލިއެވެ.

''އޭނައާ ތިސުވާލު ކުރިޔަސް ޖަވާބެއް ނުދޭނެ، މަސައްކަތަށް ގޮސް ހުސްވެފަ ހުރި ދަރިއެއް، ކައިވެނި ކުރަން ވާއިރަށް ދަރިފުޅު ޖެހޭނެ ތި މަސައްކަތާ ދުރުވެލަން، އެހެންނޫނީ އީވާ އެކަނިވާނެ، އެއީ ރަނގަޅު ގޮތެއް ވެސް ނޫން!...'' އާރަބްގެ ސުވާލަށް ޖާދިންއަށް ޖަވާބު ނުދެވެނީސް ބަސްމާ ވާހަކަދެއްކިއެވެ. މަންމައަށް ބަލައިލި ޖާދިން ލުއި ހިނިތުންވުމެއް ދިނެވެ. އަރާމުކޮށްލެވުމުން އޭނަގެ ސިކުނޑިއަށް ވަނީ ލުޔެއް ލިބިފައެވެ. ހަމައެއާއެކު ހިތުގައި ރާވާލެވުނު ކަމެއްގެ ސަބަބުން ނަފުސަށް ހަމަ ނޭވާލުމުގެ ފުރުސަތު ވެސް ވަނީ ފަހިވެގެން ގޮސްފައެވެ.

''ދަރިފުޅާ ބައްޕައަށް ފެންނަނީ ދެން ދުވަސްކޮޅަކަށް މަސައްކަތާ ދުރަށް ޖެހިލަން...'' އާރަބް އިރުޝާދު ދިނެވެ.

''ބައްޕަ ބުނިހެން ޖާދިން ދެން ކަންތައް ކުރަން ވާނީ، ބޭރު ޤައުމަކަށް ގޮސް ޗުއްޓީ ހަދާލީމަ ސިކުނޑިއަށް ވެސް ލުޔެއް ލިބިދާނެ...'' އާރަބްގެ ވާހަކައަށް އެއްބާރުލުން ދެމުން ބަސްމާ ބުނެލިއެވެ. މަންމައާއި ބައްޕަގެ ވާހަކައަށް އެއްބާރުލުން ދިނުމުގެ ގޮތުން ޖާދިން ބޯޖަހާލިއެވެ.

''ލައްބަ... ދަތުރުގެ ކަންތައް ރާވައިފިން...'' ކެއުމުގެ ތެރޭން ޖާދިން ހިއްސާކުރިއެވެ.

''މިހާ އަވަހަށް؟...'' ހައިރާންކަމާއެކު އާރަބް ސުވާލުކޮށްލިއެވެ.

''އޭރު މަންމަ އެހެން ބުނާ އިރަށް ދަތުރު ރާވައިފިންދޯ؟... އީވާއަށް ގުޅައި އުފާވެރި ޚަބަރު ދީފިންތަ؟...'' ހިނިތުންވުމަކާއެކު ބަސްމާ އެހި އެވެ. ޖާދިންގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ބަސްމާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ކަންބޮޑުވުން ފިލައި ދިޔަ އެވެ.

''ނޫން މަންމާ!، އީވް ގާތު ނުބުނައްޗޭ!، ސަޕްރައިޒެއް ދޭން ބޭނުންވަނީ...'' ލުއި ހިނިތުންވުމަކާއެކު ޖާދިން ބުނެލިއެވެ.

އާރަބްއާއި ބަސްމާ އެކަކު އަނެއްކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަޖެހުމުގެ ކުލަވަރުތަކުން ބަސްމާ އިނީ އުފާވެފައެވެ. އެދަރިފުޅުގެ އުފަލަށްޓަކައި އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

''ދަރިފުޅާ ހާދަ އަވަސް އަރުވާލައިގެން ތިކަނީ، ތިހެން ކަނިކޮށް ނޯށަށްއަރާފާނެ... އަނެއްކާ ތަނަކަށް ދާން އޮތީތަ؟...'' އަވަސްވެފައިވި ޖާދިންގެ ހަރަކާތަށް ބަލަން އިނދެފައި ބަސްމާ ބުނެލިއެވެ. ކަންބޮޑުވުން އޭނަގެ އަޑުގައި ވިއެވެ.

''ފިހާރައަށް ދާން...'' އެއްނޭވާއިން ފެންތަށި ހުސްކޮށްލަމުން ޖާދިން ވާހަކަ ދެއްކިއެވެ. ފޯނު ތަޅައިގެން ގޮސްފައި އޮތްކަން ހަނދާންވުމުން ޖާދިންއަށް އަތްމަތި އަވަސްކޮށްލެވުނެވެ. އީވާ އޭނައަށް ގުޅާ އިރު ފޯނު ނިވިފައި އޮތުމުން ދެކެފާނެ ގޮތަކާ މެދު އޭނަ ފިކުރުބޮޑުވީއެވެ. އެހާ ވަރަށް ގުޅައި މެސެޖުކޮށްފައި އޮތުމުން އީވާއަށް ހާސްކަން ވެސް ލިބޭނެތާއެވެ. އެކަމާ ވިސްނި ޖާދިން ބޭނުންވީ ވީހާ ވެސް އަވަހަކަށް ފޯނެއް ގަނެގެން އީވާގެ ޚަބަރެއް ބަލާށެވެ.

''އެކީއްކުރަން؟...'' ހައިރާންކަމާއެކު ބަސްމާ އެހި އެވެ.

''ފޯނެއް ގަންނަން، މިއަދު ފޯނު ވެއްޓި ތަޅައިގެން ގޮސްފި...'' ޖާދިން ގޮނޑިން ތެދުވަމުން ބުނެލިއެވެ.

''ބަލައިގެން ވެސް ނޫޅެވެޔޭދޯ...'' ޖާދިންއަށް ބަލައިލި ބަސްމާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މަންމައަށް ހިނިތުންވުމެއް ދެމުން ނިކުންނަން ހިނގައިގަތް ޖާދިން އޭނަގެ ބައްޕައަށް ވެސް އަވަސް ނަޒަރެއް ދިނެވެ.

ޖާދިން ނިކުމެގެން ދިޔަ މަންޒަރު ބަލަން އިން ބަސްމާއަށް ހިނިތުންވެވުނެވެ. މިއަދު މެންދުރު ފެނުނު އުދާސްކަން އެމޫނުމަތިން ނުފެނުމުން އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިހާރު އޭނަގެ ލޮލަށް ފެންނަމުން އެދަނީ ކުރީގެ ޖާދިން އެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟