ސައުވީސްވަނަ ބައި
"ރުޒާ...." އަތުގައި އޮތް ޅާނބާއި ކަތިވަޅި ދޫކޮށްލާފައި އީސަ އިރާނިޔާއާއި ދިމާލަށް ދުއްވައިގަތެވެ. އީސަގެ ވަޑާންގެއިން ކުނިއަޅާ ބަރޯ ހިފައިގެން ނިކުތް ރުޒާނާ އީސަގެ އަޑު އައި ދިމާލަށް ދުއްވައިގަތެވެ. އީސަ ހުރީ އިރާނިޔާގެ ގައިގައި ހިފަހައްޓައިގެން ހުރިތަން ފެނުމުން ރުޒާނާއަށް ވަގުތު އައިސް ޖެހިއްޖެކަން އިނގިއްޖެއެވެ.
އީސަގެ އެހީތެރިކަމާއެކު އިރާނިޔާ ކޮޓަރިއަށް ވެއްދިއިރު މާބޮޑަށް ލަސްވެއްޖެއެވެ. ރުޒާނާ ކޮޓަރި ދޮރުލެއްޕުމާއެކު އީސަ އަވަސްވެގަތީ ނިދާފައި އޮތް ގުމްރޫހް ހޭލައްވައިގެން ގޭކައިރިއަށް އެމްބިޔުލާންސް ގެނައުމަށެވެ.
އިރާނިޔާ ކޮޓަރިއަށް ވެއްދިތާ މާގިނައިރު ނުވަނީސް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ބޭރުގައި ތިބި އީސައާއި ގުމްރޫހް އަޑުއިވުނެވެ. ދެބަފައިން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"ހިނގާ ގެންދަމާ..." ކޮޓަރިން ބޯދިއްކޮށްލި ރުޒާނާ ބުނެލިއެވެ.
އިސާހިތަކު އިރާނިޔާ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ގޭގައި ހުރި ޒަމްހާއަށް ގުމްރޫހްގެ ފޯނުކޯލް ލިބުމާއެކު ހޮސްޕިޓަލަށް އައިސް އިރާނިޔާއަށް ހޭހަން ކޮށްދޭން ފެށިއެވެ. ވިހެއުމުގައި ވޭންވަރާއެކު ނިދިފައި ހޭލެވުނުއިރު ކައިރީގައި ބަހައްޓާފައި ހުރި ކުޑާއެނދުގައި އޮތް ރަތްފުށްގަނޑެއްފަދަ ކުޑަދަރިފުޅު ފެނުމާއެކު ދެލޯ ކަރުނުން ފުރުނެވެ. އޭނާ އެދަރިފުޅު ކައިރިން ދުށުމަށް ބޯހިއްލާލުމާއެކު ޒަމްހާ އެކުއްޖާ ނަގާ އިރާނިޔާގެ ދެއަތުގެ ތެރެއަށް ލައިދީފިއެވެ.
"ގާރލްއެއް. ހަމަ ކުޑަކުޑަ ރާނީއެއް.." ޒަމްހާ ބުނެލިއެވެ. އިރާނިޔާ ދެލޮލުން ވެއްޓުނު ކަރުނަތިކި އެކުއްޖާގެ ގައިގައި އޮޅާލާފައި އޮތް ފިޔާތޮށިކުލައިގެ ރަޖާކޮޅުގެ ތެރެއަށް ފޭދިގެން ދިޔައެވެ.
"ޒަމް...!! އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން މިދަރިފުޅު މިދުނިޔެއަށް އުފަންވާނީ މިކަހަލަ ހިތާމަވެރި ގޮތަކަށޭ... މިދަރުފުޅު ބައްޕަ ކޮށްދޭންޖެހޭ ކަންތައްތައް އަހަރެންނަށް ކޮށްދިނީ އީސަބެ ދޯ. އަހަރެންނަށް އިނގޭ އަހަރެން ގައިގަ ހިފެހެއްޓީ އީސަބެކަން..." އިރާނިޔާ ދެލޮލުން ކަރުނަ ހުސްނުވެއެވެ.
"ބޭކާރު ކަންތައްތަކާއި ނުވިސްނާ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. މިދަރިފުޅާއެކު ރާނީގެ ލައިފްގެ މުޅިން އާ ބާބެއް އެފެށުނީ" ޒަމްހާ ވާހަކަދައްކަމުން ދިޔައިރު އިރާނިޔާގެ ކަޅިހުއްޓިފައިވަނީ އުނގުތެރޭގައި އޮތް ތުއްތު ދަރިފުޅަށެވެ.
"ރާނީ ބޭނުމިއްޔާ އަހަރެމެން ގެއަށް ބަދަލުވެވިދާނެ. އަހަރެން މަންމައާއި ވާހަކަދައްކާނަން. ބޭނުންތަ؟" ޒަމްހާ އެހިއެވެ.
"ނޫން. ރުޒާނައްތަމެން ވަރަށް ހެޔޮ. ޒަމް...!!! ސިޑްގެ ހަބަރެއްވެސްނުވޭ. ފޯނުވެސް ނިވާފަ އޮތީ. އަހަރެން ވަރަށް ގުޅިން. އެއީ އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގަ އެހީތެރިވާން ވަޢުދުވި މީހާ" އިރާނިޔާ ވާހަކަދެއްކިއެވެ.
"ނުދެކެން... ސިޑް އެއީ ދުލުން ބުނާ ބަހުގެ އިތުބާރު ގެއްލުވާލާނެ މީހެއްނޫން. އޭނަ އަންނާނެ" ޔަޤީންކަމާއެކު ޒަމްހާ ބުނެލިއެވެ.
"މަންމައަށް އިނގޭތަ އަހަރެން ވިހޭކަން. އަހަރެން މިއުޅެނީ މަންމައަށް ގުޅަން ނުކެރިގެން. އަދޫވެސް ނުގުޅާތަ އަހަރެންނަށް ވީގޮތް ބަލަން" އިރާނިޔާ ވާހަކަދައްކަމުން ދިޔައެވެ. އެސުވާލުތަކުގެ ޖަވާބުދޭކަށް ޒަމްހާއަށް ނޭނގުނެވެ. ހުރިހާ ހަގީގަތެއް އިނގޭއިރުވެސް އެވާހަކަތައް އިރާނިޔާއަށް ހާމަކުރަން އޭނާ ޖެހިލުންވަނީއެެވެ.
"ޒަމް...!! އަހަރެން ވަރަށް ހިތްބިރުގަނޭ. ހުރިހާކަމެއް ރަނގަޅުތަ؟" ވިސްނުމަކަށް ގެއްލިފައި އިން ޒަމްހާގެ އަތުގައި ކޮށްޓައިލަމުން އިރާނިޔާ އަހައިލިއެވެ.
"ބޭބީ ނިންދަވަން އެންމެ ރަނގަޅުވާނީ ބޭބީގެ ތަންމަތީގަ. ރާނީވެސް ރެސްޓްކޮށްލާ" އިރާނިޔާ އަތުގައި އޮތް ކުޑަދަރިފުޅު އެނދަށްލިއެވެ. އިރާނިޔާ ކުރާ ހުރިހާ ސުވާލަކަށް ޖަވާބުދޭން އޭނާ އަދި ތައްޔާރެއްނޫނެވެ.
ތަނަވަސްބޮޑު ގޭ ބަދިގެއިން ނިކުތް ދެބައި އުމުރުގެ އަންހެނަކު ސިޓިންރޫމް މެދުގައިހުރި ވަށްސިޑިން އަރައިގެން ގޮސް އެންމެ ކައިރިން ހުރި ކޮޓަރިއަށް ވަނެވެ. އެނދުގައި އިން އާޝިދް އިނީ ދެއުނޅަބޮށީކޮޅު އަތްވިއްދާލައިގެން ގެނެސް ދެއަތުން މޫނު ފޮރުވާލައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައާއި މާޔޫސްކަމެވެ. އަންހެންމީހާ ވަތްކަން އިނގުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިސް އަންހެންމީހާގެ އަތުގައި ހިފައިފިއެވެ.
"ސަކިންތާ...!! އަހަރެން ބަނޑުހައެއްނުވޭ. އަހަރެންދެކެ ކުޑަކޮށްވެސް ސަކިންތަ ލޯބިވަންޏާ ދޮރުގެ ތަޅުދަނޑި ހޯދައިދީ. މިކޮށީގަ ބަންދުވެފައި އިންނަން އަހަރެން ބޭނުމެއްނުވޭ" އާޝިދް ވާހަކަދެއްކިއެވެ.
"ނުކެރޭނެ ވަހީދުއްދީން ރުޅިދުރުވާނެ. ސަކިންތަގެ ވަޒީފާ ގެއްލޭނީ" ސަކީނާ ބުނެލިއެވެ. އާޝިދް ދުރަށްޖެހުނެވެ. ބޮލުގައި އަތްއަޅާއިގެން އޭނާ ފުންނޭވާތަކެއް ލަމުން ދިޔައެވެ.
"އޯލްރައިޓް. އެހެންވެއްޖިއްޔާ ބައްޕަގެ ރޫމު ކީ ދޭންވީނުން. ނުލިބުނިއްޔާ އެދޮރު ފުނޑާލައިގެންވެސް އަހަރެން ވަންނާނަން" ސަކީނާއަކީ އޭނާ ވަރަށް އިހުތިރާމްކުރާ މީހެކެވެ. އެހެންނަމަވެސް ހާލަތާއި ވަގުތު އޭނާއަށް ހަރުކަށިކޮށް ވާހަކަދައްކަން މަޖުބޫރުކުރަނީއެވެ. އޭނާއާއި އޭނާގެ ލޯތްބާއި ދުރުކުރުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
"ވަހީދުއްދީން ސުވާލުކުރައްވާނެ. އަހަރެން ދޭނީ ކޮން ޖަވާބެއް...؟" ސަކީނާ ބުނެލިއެވެ. އަނެއްކާވެސް އާޝިދް ސައިކީނާއާއި ދެތިން ފިޔަވަޅު ފަހަތަށް އެޅިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ. ސަކީނާގެ މޫނަށް ހިމޭންކަމާއެކު ބަލަން ހުރެފައި އޭނާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
"ދަރިފުޅާ...! މަޑުކުރޭ" އާޝިދްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.
"ދައްތައަށް އިނގޭ އެ އަންހެންކުއްޖާދެކެ ދަރިފުޅު ވަރަށް ލޯބިވާކަން. ދައްތަ ނެތިން ދަރިފުޅު ހިފަހައްޓާކަށް. ޒުވާން ފިރިހެންދަރިއެއްގެ ލޯތްބަށް ހުރަސް އެޅުމުގެ ސަބަބުން ދިރިއުޅުމުގެ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ދައްތައަށް ކުރެވިއްޖެ" ސަކީނާ ބުނެލިއެވެ. އޭނާ ޖީބުން ނެގި ތަޅުދަނޑިފަތި އާޝިދަށް ދިއްކޮށްލިއެވެ. ޝުކުރުވެރި ލޮލަކުން ސަކީނާއަށް ބަލަން ހުރެފައި އާޝިދް ކޮޓަރިން ނިކުމެއްޖެއެވެ.
ކުޑަދަރިފުޅާއި އިރާނިޔާގެ ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލިއެވެ. ދެމައިން ގޮވައިގެން ދިޔައީ ރުޒާނާއާއި ގުމްރޫހެވެ. އިރާނިޔާ ލަސްފިޔަވަޅުތަކެއް އަޅަމުން ޒަމްހާއާއި އެކުގައި ކުރިއަށް ދިޔައިރު ކުރީގައި ހުރި ރުޒާނާ އަތުގައި ދަރިފުޅު އޮތެވެ. ހޮސްޕިޓަލަށް ގެންދިޔަ ސާމާނުތައް ހިފައިގެން ގުމްރޫހް ދިޔައެވެ.
ވަކި ހިސާބަކަށް ދިޔަތަނާ ރުޒާނާއަށް އެރުނީ ސަބްރީންގެ ކުރިމައްޗަށެވެ. އެމަގަކީ ބައްސާމް ހިންގާ ފިހާރަ ހުންނަ މަގަށް ވާތީ އެގަޑީގައި އޭނާ ނިކުތީ ފިހާރައިގައި އިނދެފައެވެ. އިރާނިޔާ އަރާ ހަމަވުމާއެކު ސަބްރީންގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ.
"އެހެރީ ވާންވީގޮތް ވެފަ. އަހަރެމެންގެ ތަމަން ހިފާލައިފި ކަމެއް ނުކޮށްހުންނާނެތަ...؟ ދުވަހަކު އުފަލެއް ނުލިބުނިއްޔާ ރަނގަޅީ..." ސަބްރީން އެހެން ބުނި އަޑު ރުޒާނާއަށް އިވުނެވެ. އޭނާ ރައްދުދޭން މަޑުކޮށްލިއެވެ.
"ސަބްރީން... އެކަމަކުވާ ދޯ... އިންސާނެއް ވިއްޔާ ހިތެއްވެސް އޮންނަންޖެހޭނެ. ތިއީ އަޅެ ބޮޑުވަރެއްނޫންތަ...؟" ރުޒާނާ ބުނެލިއެވެ.
"ދައްތާ އަޅާނުލާ... މަތިން އުދުހިފަދާ ކާޅެއް ކާށް ގޮވާލިޔަސް އަޅުގަނޑު ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކަށް ކެތްތެރިވާށާއި ފިޔަވަޅަކަށްފަހު ފިޔަވަޅެއް ވިސްނައިގެން އަޅަން އަޅުގަނޑު މަންމަ ކިޔާ މީހާ ވަނީ އަޅުގަނޑަށް ދަސްކޮށްދީފަ...." އިރާނިޔާ ބުނެލިއެވެ. އިރާނިޔާގެ ވާހަކަތައް އަހާފައި ސަބްރީން މޫނު ހަދައިލިއެވެ.
"ސަބްރީންގެ ތި ގޮތެއްނެތް ވާހަކަތައް އީސަ ކައިރީގައި ބުނެގެން މިއަދު ބައްސާމާއި ހަމައަށް އަހަރެން ގެންދާނަން. މިރަށުގަ ނޫޅޭ ސަބްރީން ނޫން އެހެން އަންހެނެއް ތިފާޑަށް އުޅޭ. ނިކަން މީހުން ލޯބިވާގޮތަށް އުޅެން ދަސްކޮށްބަލަ. ހުރިހާ ކަމަކުން ނުލަފާކަން ދައްކަންޖެހޭތަ...؟" އިރާނިޔާ އެހެން ބުންޏަސް ރުޒާނާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. ޒަމްހާއަށް ހެވުނެވެ. އެމަންޒަރު ފެނުމުން ސަބްރީން ދަތްކުޑި ވިކައިލިއެވެ.
"އެއީ ކަތްދާފުޅުގެ ދަރިތަ..؟" ކައިރީގައި ހުރި މީހެއް ކައިރީގައި ސަބްރީން އެހިއެވެ.
ވަހީދުއްދީންގެ ކޮޓަރިން އާޝިދަށް އޭނާގެ ފޯނު ނުފެނުނެވެ. އަތްލާ ކޮންމެ ތަނަކުން އޭނާ އަތް ދޫކޮށްލަނީ ރުޅިވެރިކަމާއެކުގައެވެ. ބާލީސްތަކާއި އެނދުގެ ބެޑްޝީޓަށް ދަންދެން އުކާލާފައި އޭނާ ބެލިއެވެ. އެންމެފަހުން އޭނާގެ ރުޅިގަނޑު ހައްދުން ނެއްޓިއެވެ. އިރާނިޔާގެ ހަނދާންތައް އާވަމުންދާ ވަރަކަށް އެތެރެހަށީގެ ލޭތައް ކެކެމުން ދިޔައެވެ.
"ޑޭމިޓް...!!" އެނދުގައި ފައިން ޖަހަމުން އާޝިދް ބުނެލިއެވެ. ގޮތްހުސްފައިވާ މީހެއް ފަދައިން އެނދުގައި އޭނާއަށް އިށީނދެވިއްޖެއެވެ. ކޮޓަރިއަށް ހިޔަންޏެއް އެޅުނުހެން ހީވެގެން ބަލައިލިއިރު އޭނާއަށް ވުރެ ހަގު އަންހެންކުއްޖެއް ހުއްޓެވެ. އެކުއްޖާގެ މޫނުމަތިން ފެންނަނީ އާޝިދަށްޓަކައި ލޯތްބާ ޙަމްދަރުދީއެވެ.
"ދޮންބެ...!" އެ އަންހެންކުއްޖާ ގޮވައިލިއެވެ. އާޝިދް ބަލައިލިއެވެ.
އުނގުމަތީގައި އޮތް ކުޑަދަރިފުޅަށް ބަލަހައްޓައިގެން އިރާނިޔާ އިނެވެ. ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުން އޭނާ ބަލައިލިއެވެ. އަރާފައި އިން އަދްޔަންގެ ނަން ފެނުމުން އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ވަގުތުން ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.
"އަދޫ...!! ބޭބީ ބަލާލާކަށް ނާންނާނަންތަ...؟" ފޯނު ނެގިގޮތަށް އިރާނިޔާ ބުނެލިއެވެ. އަދްޔަން ބަހެއް ނުކިޔައެވެ.
"އަދޫ..!! ކީއްވެތަ ވާހަކަނުދައްކަނީ...؟" އިރާނިޔާ އެހިއެވެ.
"އަދޫ...!! ދޮންބެދައްތައާއި ވާހަކަނުދައްކަންތަ ތިހުންނަނީ...؟"
"އަދޫ... ކޮންމެސް އެއްޗެއް ބުނެބަލަ. މަންމަ ގޮވައިގެން އާދެބަލަ ބޭބީ ކައިރިއަށް" އިރާނިޔާ އެވާހަކަތައް ދައްކަމުން ދިޔައިރު އަދްޔަން އެއްވެސް ބަހެއް ނުކިޔައެވެ. ނަމަވެސް އޭނާ އިނީ ލައިންގައެވެ. އިރާނިޔާގެ ސިކުނޑީގެ ކަނަކުން ތަފާތު އިންޒާރެއްގެ ހިލަމެއްވާހެން ހީވެއްޖެއެވެ. އެކަން އޭނާއަށް ޔަޤީންވީ ފޯނުގައި ހުރި އަދްޔަން ރޯކަން އިނގުމުންނެވެ.
"އަދޫ...!! ކް...ކިހިނެއްވީ...؟ ބުނެބަލަ.. ކޮބާ މަންމަ؟ މަންމަ ރަނގަޅުތަ...؟ ހެޔޮނުވާނެ ވާހަކަދައްކަބަލަ. އުނޭ... އުނޭއަށް ކަމެއްވީތަ...؟" އިރާނިޔާގެ ދުލުން ހުރިހާ ސުވާލުތަކެއް އެއްފަހަރާ ނިކުމެއްޖެއެވެ. އޭނާގެ ހިތްބިރުގަންނަނީއެވެ. ހިތުގެތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ.
އަދްޔަން ފޯނު ކަނޑައިލުމާއެކު ޖެހި ބުދެއްހެން އިރާނިޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ ހަރަކާތްތައް ހުއްޓިފައިވާ ކަހަލައެވެ. އުނގުމަތީގައި އޮތް ކުޑަދަރިފުޅު އަނގަ ރޫރު އަޅުވާފައި ރޮމުންދިޔަ އިރުވެސް އިރާނިޔާއަށް ރޭކާވެސްނުލާ ކަހަލައެވެ. ވަށައިގެން ހިނގާ އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ.
"ރާނީއްތާ...!! މާތްކަލާކޮ... ކިހިނެއްވެފަ ތިއިންނަނީ... މަންމާ...!!" ކުޑަދަރިފުޅުގެ ބައެއް ހެދުންކޮޅުތަކެއް ހިފައިގެން ވަން ގުމްރޫހަށް އިރާނިޔާ އިންގޮތް ފެނުމުން ހުއްޓުން އެރިއެވެ. ހުއްޓާނުލާ ރޮމުންދިޔަ ކުޑަދަރިފުޅު ނަގަން އޭނާއަށް ނުކެރުމުން ރުޒާނާއަށް ގޮވަމުން ދިޔައެވެ. މާގިނައިރެއް ނުވަނީސް ރުޒާނާ އައިސް އިރާނިޔާގެ އުނގުމަތީގައި އޮތް ދަރިފުޅު ނަގައިގެން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ގުމްރޫހް އިރާނިޔާގެ މަގަތުން އިށީނުމާއެކު އިރާނިޔާ ބަލައިލިއެވެ. ގުމްރޫހްގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ.
"އަހަރެން ކައިރީގައި ދޮގުނަހަދައްޗޭ ގޮމަ. އަހަރެން ކުރާ ސުވާލަކަށް ޖަވާބުދެވިދާނެތަ...؟" އިރާނިޔާ އެހިއެވެ. އޭނާގެ އަޑުގައިވަނީ ހިތާމައާއި ހިތްދަތިކަމެވެ.
"އަހަރެން ވިހޭފަހުން މަންމަގެވެސް އަދޫގެވެސް އެއްވެސް ޚަބަރެއްނުވޭ. ހުރިހާކަމެއް ރަނގަޅުތަ؟ އަހަރެން ވަރަށް ބިރުގަނޭ. އަހަރެންނަށް އިނގިއްޖެ ކޮންމެސްކަމެއް ގޯސްވެއްޖެކަން" އިރާނިޔާ ބުނެލިއެވެ. ކަޅިޖަހާނުލާ އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން އިން ގުމްރޫހްގެ ލޮލުން ގުޅަވަރަކަށް ވެއްޓުނު ކަރުނަތިކި ފެނި އިރާނިޔާގެ ހަށިގަނޑުގައި ރޫރު އަޅައިގަތެވެ.
"ހެޔޮނުވާނެ. އަހަރެންނަށް ހުރިހާ އެއްޗެއް ކިޔައިދީ. ސިޑް... ސިޑްއަށްވެސް ކޮންމެސް ކަމެއްވެއްޖެ. އެއްވެސް މީހަކު އަހަރެންނަށް އެއްވެސް އެއްޗެއް ކިޔައެއްނުދޭ" އިރާނިޔާގެ ރުއިމުގައިވާ ހިތްދަތި އަސަރުން ގުމްރޫހް އިތުރަށް ހިތްދަތިވަމުން ދިޔައެވެ.
"ރާނީއްތަ އެގެއިން ނިކުތް ދުވަހު ހުރިހާ ކަމެއް ބަދަލުވެއްޖެ. ރާނީއްތަ ކައިރީގައި ނުބުނީ ރާނީއްތަ އިން ހާލަތަށް ބަލާފައި" ގުމްރޫހް ބުނެލިއެވެ. ކުޑަދަރިފުޅު އުރާލައިގެން ހުރެ މަޑުމަޑުން ދެފަރާތަށް ތަޅުވަމުންދިޔަ ރުޒާނާ ދެކުދިންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ.
ހަމަހިމޭންކަން ވެރިވެފައިވާ މުޅި ގޭތެރެއަށް ނަޒަރު ހިންގާލާފައި އުނޭޝް ކުރިއަށް ދިޔައެވެ. ގޭތެރެއިން ފެންނަމުންދަނީ ފަޅުކަމެވެ. ކޮންމެސް ކަމަކާއި ހުރެ އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އިރާނިޔާ ވަރިކޮށް ގެއިން ނެރުމަށްފަހުވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ތަމަންނީގެ ފަރާތުން އޭނާ އުންމީދުކުރި ގާތްކަމެއް ނުލިބުނެވެ. ރަށު މީހުންނާއި އެކުގައި މަސައްކަތްކުރާ އެކުވެރިންގެ ފަރާތުން ނުރުހުމާއި މަލާމަތް ނޫން އެހެން ހަދިޔާއެއް އޭނާއަށް ނުލިބުނެވެ. މައިވަންތަ ލޯތްބާއި އެއްބަނޑުއެއްބަފާ މީހުން ވީތަނެއްވެސް އޭނާއަށް ނޭނގެއެވެ.
ގަބުވެފައި ސިޓިންރޫމުގައި ހުއްޓާ ފަހަތުން އޭނާގެ ގައިގައި މީހަކު ބައްދާލައިފިއެވެ. އެއީ ކާކުކަން އޭނާއަށް އިނގުނަސް އޭނާގެ ހަށިގަނޑު އެކަމަށް އިޖާބަނުދިނެވެ.
"ތަމަން ކީއްވެ އަހަރެން ކައިރީގައި ނުބުނީ...؟" އެހުރިގޮތަށް ހުރެ އުނޭޝް ބުނެލިއެވެ.
"ނޭނގުނު ކޮންކަމެއްގެ ވާހަކަ ތިބުނީ؟" ތަމަންނީ އެހިއެވެ.
"ތަމަންއަށް އިނގޭނެ" އުނޭޝް ބުނެލިއެވެ.
"އިނގިއްޖެ. އެވާހަކަ އުނޭއަށް އިނގެންޖެހެނީ އަހަރެން ބުނީމަތަ؟ އެއީ އުނޭގެ މަންމައެއްނު. އުނޭ މިހާރު ހާދަ ފީކަޅާއޭ" ތަމަންނީ ތުން އަނބުރާލާފައި ހިނގައިގަތެވެ.
"އަދި ވަރަށް އުފާވެރި ޚަބަރެއްދީފާނަން. އުނޭޝްގެ ދަރިފުޅު ދުނިޔެއަށް އުފަންވެއްޖެ. ނުދާނަންތަ؟ އަހަރެން ބޭނުމެއްނޫން އުނޭޝް އެމީހުންނަށްޓަކައި އެއްވެސް ކަމެއް ކުރާކަށް" ތަމަންނީ ބުނެލިއެވެ. އިތުރަށް ބަހެއްނުކިޔާ އުނޭޝްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާގެ ދަރިފުޅު ދުނިޔެއަށް އައިކަން އިނގުމުން އޭނާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ވާންވީ އުފާކަމެއް ދެރަކަމެއް އޭނާއަށް ނޭނގުނެވެ.
ހުޝާމްއަތަށް ކޮފީތަށި ގެނެސްދީފައި ކައިރީގައި ހުރިޖޯލީގައި ސަބްރީން އިށީނެވެ. ހުޝާމަށް ބަލަން އިނދެފައި އޭނާގެ ނަޒަރު ބަދަލުކޮށްލީ ހުޅުވާފައި ހުރި ދޮރާށިން ބޭރުގައި ހުރި ޖޯލީގައި އިން ޝިރޫއަށެވެ. އީޝް ގޮވައިގެން ޝިރޫ އެއްވަރަކަށް އުނދޯލި ހެއްލަމުން ދިޔައިރު އީޝްގެ ތުންފަތްމަތިން ހިނިތުންވުން ފިލައިނުދެއެވެ.
"ޝާނީ ނުގުޅާތަ...؟ އަޅުގަނޑާ މާލެއިން ދިމާވިއިރު ވަރަށް ދެރަވެފަ ހުންނަނީ. އެހީމަ މާގިނަ ވާހަކަތަކެއް ނުދައްކާ" ހުޝާމް ބުންޏެވެ.
"ހުޝާމްއަށް ނޭނގޭތަ؟ މިރަށުން ޝާނީ ހިތާވެގެން އުޅުނު ކުއްޖާ މަކަރުހެދިކަން" ސަބްރީން ބުނެލިއެވެ.
"ތިކަހަލަ ވާހަކައެއް ބުނީ.. އެކަމަކު ހިއެއްނުވޭ. މިބުނީ ރީންދައްތައަކަށް ހިއެއްނުވޭތަ އަދްޔަންއަކީ އެކަހަލަ ކުއްޖެއްހެން" ހުޝާމް ބުނެލިއެވެ.
"އަހަރެންނަށް ނޭނގޭކަމެއް އޮންނާނެތަ؟ އެއީ އެ އާއިލާ މީހުންގެ ކަށީގައި ހިފާފައި ހުންނަ ކަންތައްތައް. އެމީހުން ދުވަހަކުވެސް ރަނގަޅެއްނުވާނެ" ސަބްރީން ވާހަކަދެއްކިއެވެ. ހުޝާމް ލަސްލަހުން ކޮފީބޮމުން ދިޔައިރު އަދިވެސް އެކަންތައް އޭނާގެ ހިތް ޤަބޫލެއްނުކުރެއެވެ.
"އެހެންނޫނަސް އެންމެފުރަތަމަވެސް އަހަރެން ޤަބޫލެއްނޫން ޝާނީ އެކަން ކުރާކަށް. އަހަރެން ބޭނުންވަނީ ޝާނީއަށް ހުޝާމް ކަހަލަ ކުއްޖެއް ލިބެން" ސަބްރީން ބުނެލިއެވެ. ކޮފީބޮމުން ދިޔަ ހުޝާމް ކޮށިއަރައިގަތެވެ.
އެނދުގައި އިން އާޝިދް ކައިރީގައި އަންހެންކުއްޖާ އިށީނދެގެން އިނެވެ. އާޝިދް ބަހެއް ނުކިޔުމުން އެ އަންހެންކުއްޖާ ހިތުގައި ޖެހިއްޖެއެވެ. އުމުރުން ސާދަ ވަރަކަށް އަހަރުގެ އެ އަންހެންކުއްޖާ އާޝިދްގެ ކޮނޑުގައި ބޯއަޅައިލުމުން އާޝިދް ބަލައިލިއެވެ.
"ޒުކް ވަރަށް ދެރަވޭ ދޮންބެ ދެރަވެފަ އިންނާތީ. ބައްޕަ ދޮންބެގެ ފޯނު ފޮރުވަން ލީތަން އިނގޭ" ޒުކް ބުނެލިއެވެ. ވަގުތުން އާޝިދްގެ ނަޒަރު ޒުކްއަށް ހުއްޓުނެވެ.
"ބައްޕަ ތިންދުވަހަށް ރިސޯޓަށް ހިނގައްޖެ. ސޮފާދައްތައާއި ބައްޕަ ދެއްކި ވާހަކަތައް ޒުކްއަށް އިވުނު. ބުނި ދޮންބެ އެއްވެސް ތަނަކަށް ދިޔަނުދޭނަމޭ" ޒުކް ހުރިހާ ވާހަކަތަކެއް ދެއްކިއިރު އާޝިދް އަޑުއަހަން އިނެވެ. ބައްޕަގެ ބޮލަށް އެރިގެން އޭނާ ގޭގައި ބަންދުކުރަން ބާރުއަޅަނީ ސޮފާކަން އިނގުމުން އާޝިދްގެ ލޭކެކިގަތެވެ.
"ފޯނު ލިބުނީމަ ދޮންބެ ދާނީތަ ގޭގަ ޒުކް އެކަނި ބަހައްޓާފަ. އޭރުން މަންމަ އައިސް ޒުކް ގެންދާނެ. ޒުކް ބޭނުމެއްނޫން މަންމަ އުޅޭ ގެއަށް ދާކަށް" ޒުކް ބުނެލިއެވެ.
"ދޮންބެ ނުދާނަން ޒުކް އެކަނި ބަހައްޓާފަ. ޒުކް ބުނެދީބަލަ ދޮންބެ ފޯނު ވީތަނެއް" ޒުކްގެ ދެއަތުގައި ހިފައިލަމުން އާޝިދް ބުނެލިއެވެެ.
"ހިނގާ ޒުކް އާ އެކު" އާޝިދްގެ އަތުގައި ހިފައިގެން ޒުކް ހިނގައިގަތެވެ.
"ކޮންކަމެއް ބަދަލުވީ؟ ކާކަށް ކޮންކަމެއްވީ؟ ބުނެބަލަ؟ އަހަރެން އެވަރަށް ނުތަޅުވަބަލަ" އިރާނިޔާ ބުނެލިއެވެ.
"ރާނީއްތަ ގެއިން ނިކުތް ދުވަހު ޙާއިޝާއްތަ...."
"މަންމަ.... މަންމައަށް ކިހިނެއްވީ....؟؟ އަހަރެން ހިތް ބުނި މަންމަ ރަނގަޅެއްނޫނޭ" އިރާނިޔާ ވާހަކަދައްކަން ފެށުމުން ގުމްރޫހަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ.
"ޙާއިޝާއްތަ މަގުމައްޗަށް ވެއްޓުނުގޮތަށް ހެއެއް ނާރާ. ޑޮކްޓަރުން ބުނީ ޙާއިޝާއްތައަށް ސްޓްރޯކެއް ޖެހުނީއޭ" ގުމްރޫހް ބުނެލިއެވެ.
އިވިގެންދިޔަ ވާހަކަތަކުން އިރާނިޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އޭނާގެ ނޭވާވެސް ހިމޭންވި ކަހަލައެވެ. ހުރިހާ ކަމެއްވީ އޭނާގެ ސަބަބުންނެވެ. މޭގެތެރޭގައިވާ ހިތް އިތުރަށް ބަލިކަށިވެއްޖެއެވެ. ދުނިޔޭގައި ހުރި ހަމައެކަނި މަންމަވެސް ހިތާމައިގެ ކަނޑަށް ގަންބާލެވުނީއެވެ. އެއްވެސް އުފަލެއް އޭނާއަށް ޙައްޤެއްނޫނެވެ. ދެކަކޫ ކުރުކޮށްލުމަށްފަހު ކަކޫމަތީގައި ބޯއަޅާއިލިއެވެ. އެއަށްފަހު އިވެންފެށީ އޭނާގެ ވޭނީ ރުއިމުގެ އަޑެވެ. ރުޒާނާއަށް މަޖުބޫރުވީ ދަރިފުޅު ގޮވައިގެން އޭނާގެ ކޮޓަރިއަށް ދާށެވެ.
އިރާނިޔާ ރޮމުންދިޔަ މަންޒަރު ބަލަން ހިމޭންވެފައި ގުމްރޫހް އިނެވެ. މިފަހަރު އިރާނިޔާއަށް ނަޞޭޙަތްތަކެއް ދީގެން އޭނާ ހުއްޓުވަން ގުމްރޫހް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވަނީ އިރާނިޔާ ހިތްފުރެންދެން ރޯށޭވެ. އޭނާގެ ނަފްސަށް ލުއިކަމެއް އިހުސާސްވާނީ އޭރުންނެވެ.
އާޝިދްގެ އަތުގައި ހިފައިގެން ޒުކް ގޮސް ވަނީ ތިރީބައިގައި ވަކިން ހުރި ކޮޓަރިއަކަށެވެ. އެކޮޓަރީގެ ތަޅުދަނޑި ޒުކް އަތުގައި އޮތްތަން ފެނުމުން އާޝިދް ބަލައިލީ ޚައިރާންވެފައެވެ.
"ބައްޕަ ބުނީ ޒުކް އަތުގައި ބާއްވާށޭ. ދޮންބެއަށް ނޭނގުނަސް މިކޮޓަރީގަ ހުންނަނީ މަންމަގެ އެއްޗެހި. މި ކަބަޑުގަ އޮންނާނީ ދޮންބެގެ ފޯނު" ޑްރެސިންގްޓޭބަލް ކައިރީގައި ވަކިން ހުރި ކަބަޑެއް ދައްކައިލަމުން ޒުކް ބުނެލިއެވެ. އާޝިދް ލަސްކުރާކަށް ނެހެދިއެވެ. ހިތްއަވަސްވެފައިވާ ހާލު ކަބަޑު ހުޅުވައިލިއެވެ.
ދިމާލަށް ފެންނަން އޮތް އޭނާގެ ފޯނު ފެނިފައި ހިނިތުންވެވުނެވެ. ފޯނު ނަގާފައި ބަލައިލިއިރު ޗާޖު ހުސްވެގެން އޮތީ ނިވިފައެވެ.
"ދޮންބެ މިދަނީ ކޮޓަރިއަށް. ފޯނު ޗާޖުކުރެވޭނީ އޭރުންނެއްނު" އާޝިދް ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮސްފައި ފަސްއެނބުރި ޒުކްއަށް ބަލައިލިއެވެ. ހެވިފައިހުރި ޒުކް ފެނިފައި އޭނާ ހިގައިގަތީ ޒުކްއާއި ދިިމާލަށެވެ. އެކުއްޖާ އެވަރު ކޮށްދިނުމުން އެކަނިކޮށްލާފައި ދާން ނުކެރުނެވެ.
"ދޮންބެ ދިޔަސް ޒުކްއަށް އޯކޭއޭ. ޒުކް މިދަނީ ހޯމްވޯރކްތައް ނިންމަން. ބައްޕައަށް އިނގުނަސް ޒުކްއަށް މައްސަލައެއްނެތް ދޮންބެއަށް ފޯނު ދިނީ ޒުކް ކަން" އާޝިދް ކައިރިއަށް އައިސް ޒުކްގެ މޫނުގެ ދެފަރާތުގައި ހިފައިލިއެވެ.
"ތެންކިޔު ސޯ މަޗް ޕްރިންސަން... ދޮންބެ ލަވްސް ޔޫ ސޯ މަޗް" ޒުކްގެ ނިތުގައި ބޮސްދީފައި އާޝިދް ބުނެލިއެވެ.
"ދެންހެޔޮ. ޒުކްއަށް އިނގޭ ހުރިހާއެއްޗެއް. ފަހަރިއަށް ޒުކް ގެ ވަރަށް ސަލާން" ޒުކް ބުނެލިއެވެ. ބޯޖަހައިލުމާއެކު އާޝިދަށް ހެވިއްޖެއެވެ.
އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން އިރާނިޔާގެ ދެލޮލުގެ އަރިމަތިން އަދިވެސް ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބަމުން ދިޔައެވެ. އޭނާގެ ހިތާއި ސިކުނޑީގައި އަދިިވެސް ވަނީ ޙާއިޝާގެ އެކިއެކި ޚިޔާލުތަކެވެ. ޙާއިޝާގެ އަޑު ކަންފަތުގައި ނުޖެހޭހާ ހިނދެއްގައި އޭނާގެ ފިކުރުތަކަށް ނިމުމެއް ނެތެވެ. އެވިސްނުންތަކާއި ޚިޔާލުތަކުގެ ތެރެއިން ފުރޭނިގެން އޭނާގެ ހިތާއި ހަމައަށް އާޝިދްގެ ސޫރަ ފުންވެއްޖެއެވެ. އެހިނދު އިތުރަށް އޭނާގެ ހިތުގައި ރިއްސައިގަތެވެ. ހުރިހާ ހިތާމައަކާއި އެއްފަހަރާ އޭނާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނައަށް ހުރި ގޮތް ހެއްޔެވެ؟ އެތައް ޝަކުވާތަކާއި ވަސްވާސްތަކުން އޭނާގެ ހިތާއި ސިކުނޑި ހާސްކުރަމުން ދިޔައެވެ.
ކުއްލިއަކަށް އޭނާ ސިހުނީ ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ބަލައިލިއިރު އަރާފައި އިން އާޝިދްގެ ނަން ފެނި އޭނާގެ ހަށިގަނޑު ކޮޅަށް ޖެހިއްޖެއެވެ. އަވަހަށް ފޯނު ނަގަން ތެޅިގަނެވުނު ގޮތުން ފޯނު ބިޒީކޮށްލެވިއްޖެއެވެ. ދެވަނަ ފަހަރަށް އާޝިދްގެ ކޯލު ލިބުނީ ފޯނު މޭގައި ޖައްސާލައިގެން އޭނާ ރޮމުން ދަނިކޮށެވެ. މިފަހަރު ފޯނުގެ ފެހި ފިތުގައި އިނގިލި ޖައްސައިލީ ނިކަން ވިސްނައިގެންނެވެ. އާޝިދްގެ އަޑު ކަންފަތުގައި ޖެހުމާއެކު އިރާނިޔާއަށް އޭނާގެ އިހުސާސްތައް ނުހިފެހެއްޓުނެވެ. ބާރަށް ރޮއެގަނެވިއްޖެއެވެ. އެއަޑުގައިވި ވޭނާއި ކެކުޅުމެވެ. އިންތިހާދަރަޖައިގެ ހިތްދަތިކަމެވެ.
(ނުނިމޭ)