ސިއްހަތު

ލޯ ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންވާ ބައެއް ނިއުޓްރިއެންޓްސް

އީމާ މުހައްމަދު ވަހީދު

ލޮލަކީ އިންސާނެއްގެ ހަށިގަނޑުގައި ހުންނަ ގުނަވަންތައް ތަކުގެ ތެރެއިން ވަރަށް މުހިންމު ގުނަވަނެކެވެ. އަހަރެމެންނަށް ވަށައިގެންވާ މާހައުލު ފެންނަނީ ލޮލުގެ އެހީގައެވެ. އަހަރެމެންގެ ފަސް ހިއްސުގެ ތެރެއިން އެންމެ މުހިންމު އެއް ހިއްސަކީ ލޮލެވެ. އެހެންކަމުން ލޯ ދުޅަހެޔޮ ކަންމަތީ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ލޮލުގެ ފެނުން ރަނގަޅުކޮށް ލިބޭ ގެއްލުންތަކުން ލޯ ރައްކާތެރިކުރުމަށް ބޭނުންވާ ވަރަށް ގިނަ ނިއުޓްރިއެންޓް ހުރެއެވެ.

ލޮލަށް ބޭނުންވާ ވިޓަމިން އީގެ މާއްދާ ނުލިބޭ ނަމަ، ލޮލުގެ ފެނުން ދަށް ވެއެވެ. އެހެންކަމުން ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ކެއުމުގައި ވިޓަމިން އީ ހިމެނޭ ކެއުމުގެ ބާވަތްތައް ގިނައިން ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ޕީނަޓްސް އާއި އަލްމަންޑް އާއި ބޮރޮކޮލީ އަދި އޮލިވް އޮއިލް އަކީ ވިޓަމިން އީ އިން މުއްސަނދި ވެފައިވާ ކެއުމުގެ ބާވަތްތަކެވެ.

ވިޓަމިން ސީ އަކީ ލޮލަށް ލިބޭ ގެއްލުންތަކަށް ފަރުވާ ކުރާ އެންޓިއޮކްސިޑެންޓެކެވެ. އެގޮތުން ވިޓަމިން ސީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފޭރާއި ފެހިކުލައިގައި ހުންނަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

އޮމެގާ 3 ފެޓީ އެސިޑްސް، އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމުގެ ބާރު ކެނޑޭ މިންވަރު ކުޑަކޮށްދޭނެ އެވެ. އެގޮތުން ކުޑަކުދިންގެ ލޮލުގެ ފެނުން ވަރުގަދަ ކޮށްދެއެވެ. އޮމެގާ 3 ފެޓީ އެސިޑްސް އިން މުއްސަނދިވެފައިވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑު މަސް ހިމެނެއެވެ.

ލޯ އަނދިރި ވެ ލޯ ފުސަވުމަކީ އާއްމު ގޮތެއްގައި ވިޓަމިން އޭގެ މާއްދާ ލޮލަށް ނުލިބޭ ކަމުގެ އަލާމާތެކެވެ. އެހެންކަމުން ލޯ ފުސްވުމާއި ލޮލުގެ ފެނުން ވަރުގަދަ ކުރުމަށްޓަކައި ކެއުމުގައި ވިޓަމިން އޭ ހިމެނޭ ކާނާގެ ބާވަތްތައް ހިމެނުމަކީ މުހިންމު ކަމެކެވެ. މަހާއި ބިހުގެ ރީނދޫ ބަޔަކީ ވިޓަމިން އޭ އިން މުއްސަނދި ވެފައިވާ ބާވަތްތަކެކެވެ.

އެހެންނަމަވެސަ ލޯ ފުސްވެ ލޮލުން ފެން ފޭބުމާއި އަދި ލޮލުގައި ރިއްސުން ފަދަ ކަންކަން ވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.