''އެހެންތަ؟، ބޭހެއް އެއްޗެއް ކައިފިންތަ؟... އަނެއްކާ މެންދުރު ކައިގެންތަ ދަރިފުޅު ތިހުރީ؟... ޖޫސްތަށްޓެއް ވިޔަސް ގެނެސްދެންތަ...'' ބަސްމާގެ އަޑުން ކަންބޮޑުވުން ފާޅުވިއެވެ. މަންމައަށް ބަލައިލި ޖާދިން ހިނިތުންވުމަކާއެކު މަންމަގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
''ކައިގެންނޭ މިހިރީ... ނިދާލީމަ ރަނގަޅު ވެދާނެޔޭ މަންމާ... ޑޯންޓް ވޮރީ...'' އޯގާތެރިކަމާއެކު ޖާދިން ބުނެލިއެވެ. އޭނަ މަސައްކަތްކުރީ މަންމަގެ ހާސްކަމަށް ނިމުމެއް ގެނެސްދޭށެވެ. އޭނަ ދެކެ މަންމަ ވާ ލޯބި އަބަދުމެ ޖާދިންއަށް އިހުސާސްކުރެވެއެވެ. އޭނަ ތަކުލީފަކާ ކުރިމަތިލާން ވެއްޖެ ނަމަ މަންމަ ފިކުރުބުޑޮވާނެ މިންވަރު ވެސް އޭނައަށް ވިސްނެއެވެ.
''މަސައްކަތް ބުރަނަމަ ބައްޕައާއި މަންމަ ވާހަކަދައްކާލާނަން، ހަމަސް ދުވަސް މިވަނީ ވަރުބަލި ފިލުވުމެއް ނެތި ދަރިފުޅު ބުރަކޮށް އުޅޭތާ... މަންމައަށް ފެންނަނީ ދެން ޗުއްޓީއެއް ނަގަން... މަސައްކަތާ ހަވާލުވާނެ މީހުން ތިބޭނެ.. ތިހެން ގޮސް ދަރިފުޅު ބަލިވާކަށް މަންމަ ބޭނުމެއް ނޫން... ޗުއްޓީ ނަގައިގެން އީވާގެ ގާތަށް ދިއުން ކިހިނެއް ވާނެތަ؟... މިހާރު މީ ސަމާ ބްރޭކް ކައިރިވާ ދުވަސްކޮޅެއްނު، އެހެންވީމަ އީވާއަށް ވެސް ޗުއްޓީ ލިބޭނެ އެއްނު...'' ޖާދިންގެ ކޮލުގައި ލޯތްބާއެކު ފިރުމާލަމުން ބަސްމާ ބުނެލިއެވެ.
މަންމަގެ ޚިޔާލު ޖާދިންއަށް ކަމު ދިޔަ އެވެ. ނަމަވެސް، އޭގެ ކުރިން އޮފީހުގައި ހަމައަކަށް އަޅުވަން ޖެހޭ ކަންތައް ހުރުމުން، އެކަންތަކަށް ވަގުތު ހުސްކުރަން ކޮންމެހެން ވެސް އެބަޖެހެއެވެ.
''ލައްބަ މަންމާ، އަޅުގަނޑު ތިކަމާ ވިސްނާނަން... ދެން އަޅުގަނޑު ގޮސްލަނީ...'' މަންމައަށް ހިނިތުންވެލަމުން ޖާދިން، ދިއުމުގެ ހުއްދައަކަށް އެދުނެވެ.
ޖާދިންގެ މޫނަށް ބަލައިލި ބަސްމާ ބޯޖަހައިލިއެވެ. ދަރިފުޅުގެ ފަރާތުން އޭނައަށް ކަމެއް ފާހަގަ ވިއެވެ. އެދެލޮލުން އުދާސްކަން ފެނުނު ހެން ވެސް ހީވިއެވެ. އޭގެ ސަބަބުން ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް އެސުވާލުތައް ދުލާ ހަމައަށް ގެންނާނެ ގޮތެއް ނޭނގުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން މައްޗަށް އަރަމުން ދިޔަ ޖާދިންއަށް ބަލަން ބަސްމާއަށް ހުރެވުނެވެ. ދަރިފުޅަށް އެއައި ކުއްލި ބަދަލާ މެދު ބަސްމާއަށް ވިސްނެމުން ދިޔަ އެވެ. މީގެ ކުރިން ދުވަހަކު ވެސް އޮފީސް ގަޑި ނުނިމެނީސް ޖާދިން ގެއަކަށް ނާދެއެވެ. އޮފީހުގެ މަސައްކަތްތަށް މާބޮޑަށް ބުރައީބާވައޭ އޭނައަށް ހިތާ ސުވާލުކޮށްލެވުނެވެ. މިފަހަކަށް އައިސް އަބަދު ޖާދިން ޚިޔާލަކަށް ގެއްލިފައި ހުންނަ މަންޒަރު އޭނައަށް ވަނީ ފެނިފައެވެ. ފިކުރުބޮޑުވެފައިވާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އެބަދަލުތަކާ މެދު ވިސްނަމުން ގޮސް ބަސްމާއަށް ސޯފާގައި އިށީނދެވުނެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅާ މެދު ބަސްމާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ދަރިފުޅަށް މަދަދުވެރިވާނެ ގޮތަކާއި މެދުގައި ވިސްނުން ހިންގާލެވުނެވެ.
''އާރަބްއާ ވާހަކަދައްކަންވީ... ޖާދިން ޗުއްޓީއަކަށް ދިއުން ދެން އެންމެ ރަނގަޅު ވާނީ... އީވާއާ ބައްދަލުވުމުން ވެސް ހަމައަކަށް އެޅިދާނެ...'' ބަސްމާ އަމިއްލަ ޒަމީރާ މަޝްވަރާކޮށްލިއެވެ.
*****
ކޮޓަރިއަށް ވަދެވުމާއެކު، ޖާދިން ދޮރު ތަޅުލިއެވެ. އެއަށްފަހު ކަރުގައި އޮތް ޓައިއަށް ދަމައިގަތެވެ. ގަމީހުގެ ކަރު ގޮށް ވެސް ނައްޓާލަމުން، ޖާދިން ގޮސް އެނދަށް ވެއްޓި ގަތެވެ. ކޮޓަރިއަށް ވެރިވެފައި އޮތް އޭސީގެ ފިނިކަމުން ވެސް ހޫނު ވާން ފެށުމުން، އެނދުން ތެދުވެ ގަމީހާއި ފަޓުލޫނު ވެސް ބާލައިފިއެވެ.
''އީވްއަށް ކަމެއް ވީތަ؟... ކީއްވެގެންތަ ދުރުކަމެއް އަހަރުމެންގެ ދެމެދަށް އައިސްގެން މިއުޅެނީ؟... ނޫނީ މިއީ އަހަންނަށް ކުރެވޭ ކުށްހީއެއްތަ؟...'' ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ޖާދިން ބުނެލިއެވެ. އީވާއަށް އައިސްފައިވި ބަދަލުތައް ނަގައިގަންނަން އޭނަ ނުކުޅެދުނެވެ. ފާއިތުވެ ގޮސްފައިވި ދުވަސްތަކާ މެދު ވިސްނެމުން ދިޔަ ވަރަކަށް ސިކުނޑިއަށް ބުރަ ވަމުން ދިޔަ އެވެ. ރިހުން ގަދަވަމުން ދިޔަ އެވެ. އޭނައާއި އީވާގެ ގުޅުމަށް ކުއްލިޔަކަށް އައިސްފައިވި ހީނަކުރަން ދޭހަކުރަންވީ ކިހިނެއްކަން ޖާދިންއަކަށް ނޭނގުނެވެ. ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް ވެސް ވިންދު ޖަހަން ފެއްޓިއެވެ. ތަފާތު ވަސްވާސްތައް ހިތަށް ވެރިވާން ފެށުމުން ނަފުސުގެ ހަމަޖެހުން ގެއްލުނެވެ. ހިތުގައި ރިހުމެއް އުފެދުނެވެ. ޝަކުވާތައް ފުނިޖެހެން ފެށިއެވެ.
ފޯނުން އީވާއަށް ގުޅަން ޖާދިން މަސައްކަތް ކުރިއެވެ. މިފަހަރު ވެސް ކާމިޔާބުވާ ގޮތެއް ނުވުމުން ނަފުސުގެ މައްޗަށް ރުޅި އިސްކުރެވިއްޖެއެވެ. ގެނެވުނު ކުއްލި ހަރަކާތާއެކު އަތުގައި އޮތް ފޯނު ހޫރާލެވުނެވެ. އެދިޔަ ބާރު މިނުގައި ފޯނު ގޮސް ޖެހުނީ ފާރުގައެވެ. އަޑުފަށްގަނޑާއެކު ފޯނުގެ ސްކްރީން ތަޅައިގެން ގޮސް ބިއްލޫރިކޮޅުތައް ވައިގެ ތެރޭގައި އުދުހިލައިފިއެވެ.
''ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ!...'' އެނދުގައި އިށީންނަމުން، ޖާދިންއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އުދާސްކަމާއި ރުޅިވެރިކަން އެމޫނަށް ވެރިވެފައި ވިއެވެ. ހިތަށް ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން އިތުރު ކަމަކާ މެދު ވިސްނައެއް ނުލެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. އީވާއާއި އޭނަގެ ދެމެދަށް ވެރިވެފައި އޮތް ދުރުކަމަށް ނިމުމެއް ގެންނާނެ ގޮތަކާއި މެދުގައި ޖާދިންއަށް ފިކުރު ހިންގާލެވުނެވެ.
''މަންމަގެ ޚިޔާލާ އެއްގޮތަށް ކަންތައް ކުރަންވީ... ޗުއްޓީއެއް ނަގައިގެން އީވްގެ ގާތަށް ދާންވީ...'' ފުން ނޭވާއެއް ދޫކޮށްލަމުން ޖާދިން ބުނެލިއެވެ. ރުޅިވެރިކަމުގެ އަސަރު މޫނުމަތިން ފިލައި އުއްމީދުގެ އޮއެވަރު ފާޅުވާން ފެށިއެވެ. އެނދުން ތެދުވެގެން ގޮސް ބިންމައްޗަށް ވެއްޓިފައި އޮތް ފޯނު ކައިރިއަށް ގުދުވެލަމުން ފޯނު ނެގިއެވެ.
''ޝިޓް!...'' ފޯނުގެ ސްކްރީން އޮތީ ތަޅައިގެން ގޮސްފައެވެ. ފޯނު ނުވެސް ޖެއްސުނެވެ. ރުޅި އިސްކުރެވުމުން ނިކުތް ނަތީޖާއާ މެދު ޖާދިންއަށް ވިސްނާލެވުނެވެ. ކުދިކުދި ކަންތަކުގައި ރުޅިއިސްނުކުރަންވީ މިހެންވެޔޭ ޖާދިންގެ ހިތަށް އެރިއެވެ.
*****
ޗާޖަށް ޖަހާފައި އޮތް ފޯނު ބަލާ ކޮޓަރިއަށް ވަން އީވާ އަވަސްއަވަހަށް ގޮސް އެނދުމަތީ އޮތް ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނަށް ދެވުނު ނަޒަރާއެކު އޭނަ ހުއްޓުން އެރިއެވެ. ޖާދިންގެ ދިހަ މިސްކޯލު އޮތެވެ. ފަސް ވަރަކަށް މެސެޖް ވެސް އޮތެވެ.
ފޯނާއި ނަޒަރު ވަކިކުރަން ނޭނގިފައި ހުރި އީވާއަށް އެނދުގައި އިށީނދެވުނެވެ. ޚިޔާލަކަށް ގެއްލިފައެވެ. ޖާދިންއާއި ކުރިމަތިލުމުގެ ހިތްވަރެއް މިހާރު އޭނަގެ ނެތެވެ. ކުށްވެރިކަމުގެ އިހުސާސްތައް އެހިތުގައި ވާތީއެވެ. ޖާދިންއަށް އޮޅުވާލެވޭތީއެވެ. ހަޤީޤަތް ހާމަކުރަން އީވާ ބޭނުން ވެއެވެ. އެހެނަސް، އެހިތްވަރު އޭނައަކަށް މިވިހާ ދުވަހު ލިބިފައެއް ނެތެވެ. ހިތުގައިވާ ޖެހިލުންވުމާ ހުރެ ފަސްޖެހެވޭނީއެވެ. އޭނަގެ ހިތުން ޖާދިންއަށް ޖާގައެއް ދެވެން ނެތްކަން ފާޅުކުރަން ބިރުގަންނަނީއެވެ. އެވާހަކަ ޖާދިން ނަގާފާނެ ގޮތަކާ މެދު ނުތަނަވަސްވަނީއެވެ. އެހިތް ހަލާކުވާނެ މިންވަރު އަންދާޒާކޮށްލެވޭތީއެވެ. އަނިޔާ ދެވޭނެތީއެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް އެބައޮތް ހެއްޔެވެ؟ އޭނަގެ ހިތް ވަނީ މާކިންއަށް ހިބައިން ދެވިފައެވެ. ދެނެއް އެހިތް ބަދަލެއް ނުވާނެއެވެ. އެހިތުގައި އަބަދުމެ ވާނީ މާކިންގެ ނަމެވެ.
ދުނި އުމުރަށް ހަޤީޤަތެއް ނުފޮރުވޭނެއެވެ. ކޮންމެވެސް ދުވަހަކު ހަޤީޤަތާ ކުރިމަތިލާން ޖެހޭނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އެކަމަށް އަބަދުމެ ތައްޔާރުވާން ޖެހޭނެއެވެ.
"'އަހަރެން ކިހިނެއްތަ ހަދަންވީ؟، ޖާދިންއަށް ހަޤީޤަތް އަންގަން ބޭނުން، ކައިވެނި ކުރެވެން ނެތް ވާހަކަ ވެސް ބުނަން ބޭނުން...... އެކަމަކު ކިހިނެއް؟... ކިހިނެއްތަ ހުރިހާކަމެއް ހާމަކުރާނީ؟... ޖާދިން!، އެހިތް ހަލާކުވެގެން ދާތަން ބަލާނީ ވެސް ކިހިނެއްތަ؟، ޖާދިން އަހަރެން ދެކެ ނުލާހިކު ލޯބިވޭ... އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ... އެކަމަކު ލޯބި ނުވާއިރު ކިހިނެއްތަ އެކުގައި އުޅޭނީ؟... ޖާދިން، އަހަންނަށް މަޢާފްކުރޭ... މާމާ!... މާމައަށް ވެސް ވިސްނައިދޭން ބޭނުން... އެކަމަކު ކިހިނެއްތަ؟... އޯހް ގޯޑް؟ ވަޓް ޝުޑް އައި ޑޫ... ބައްޕަ!... ބައްޕައާ ވާހަކަދައްކަންވީތަ؟...''
އީވާއަށް ހާސްކަން ލިބުނެވެ. ކަންތައް ހަމައަކަށް އަޅުވާނެ ގޮތަކާ މެދު ވިސްނަން އޭނައަށް އުނދަގޫ ވިއެވެ. ފިކުރުތަކުގެ ތެރޭގައި ނަފުސު ވަނީ ޤައިދު ވެފައެވެ. މާކިންއަށް ވެސް އޭނަގެ ހާލަތުގެ ހިލަމެއް ނުވެއެވެ. އޭނަގެ އާއިލާގެ ސިއްރުތަކާއި ޖާދިންގެ ހަޤީޤަތެއް ނޭނގެއެވެ. މިހާރަކަށް އައިސް އީވާގެ ސިކުނޑީގައި އަބަދުމެ އެޚިޔާލުތައް ބުރު ޖަހައެވެ. ނުތަނަވަސްކަން ވެރިކުރުވަމުންނެވެ. ހަޤީޤަތް އެނގުމުން ވެދާނެ ގޮތަކާމެދު ބިރުގަންނަން ފަށައިފިއެވެ. ހަޔާތަށް އަނދިރިކަން ވެރިވުމުގެ ބިރު ވެސް އޮތެވެ. މާކިންއާއި ވަކިވެގެން ދާކަށް އީވާ ބޭނުމެއް ނުވެއެވެ.
''މާކިންއަށް އަހަރެންގެ ހާލަތު ވިސްނޭނެ... މާކިންއަށް ކިޔައިދިނުމުން މަދަދުވެރިވާނެ... މާކިން އަހަންނާއެކު ހުންނާނެ...'' އީވާ އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭނައާއި މާކިންގެ ލޯތްބަށް އިތުބާރުކުރިއެވެ. ކޮންމެ ފަދަ އިމްތިހާނަކާއި ވެސް ކުރިމަތިލުމުގެ ޤާބިލުކަން ލިބިގެން ވެޔޭ ހިތަށް އެރިއެވެ. އޭނައާއެކު މާކިން ވާނެނަމަ ކޮންމެ ކަމަކާއި ވެސް ކުރިމަތިލުމުގެ ހިތްވަރު ލިބިގެން ދާނެއެވެ.
ތަފާތު އެކި ގޮތްގޮތަށް ފިކުރު ހިންގާލެވުނެވެ. ހަށިފުރާ ދޫކޮށްލެވުނު ފުން ނޭވާއަށްފަހު ޖާދިންއަށް އީވާ ގުޅިއެވެ. ހައިރާންކަން ލިބިގެން ދިޔައީ ޖާދިންގެ ފޯނު ނިއްވާލާފައި އޮތުމުންނެވެ.
''ފޯނު ނިއްވާލަފަ؟... އަނެއްކާ އަހަރެން ދެކެ ޖާދިން ހިތްހަމަނުޖެހުނީތަ؟... އައިމް ސޮރީ ޖާދިން!...'' އީވާގެ ހިތަށް މޮޅިވެރިކަން ވެރިވިއެވެ. ދެތިން ފަހަރު ގުޅި އިރުގައި ވެސް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ. ކަންފަތާއި ވަކިކޮށްލެވުނު ފޯނަށް ބަލަން އީވާއަށް އިނދެވުނެވެ.
ވިސްނުމުގެ ފުން ކަނޑުގެ ތެރެއަށް ގެނބިފައި ވަނިކޮށް ކޮޓަރިއަށް ރައުހާ ވަނެވެ. ރައުހާ ވަދެގެން އައިކަމުގެ ހިލަމެއް ވެސް އީވާއަކަށް ނުވިއެވެ. އޭނަ އިނީ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ.
''އީވް؟، ކިހިނެއްތަވީ؟... ފޯނު ނަގަން އައި މީހާ ނުނިކުމެގެން އަހަރެން މިއައީ... ކާއެއްޗެހި ވެސް ފިނިވެއްޖެ...'' ކޮޓަރިއަށް ވަންނަމުން، އުކުޅުވަޅުގައި އަތް ވިއްދައިގެން ހުރެ ރައުހާ ބުނެލިއެވެ. އިސްޖަހާލައިގެން އިން އީވާ ފެނި ރައުހާއަށް ލިބުނު ހައިރާންކަމާއެކު ގޮވާލެވުނެވެ. އީވާގެ މޫނުން ހިތާމައިގެ ކުލަވަރުތައް ވެސް ރައުހާއަށް ފާހަގަ ކުރެވުނެވެ.
އީވާގެ ޚަބަރެއް ނުވުމުން، އަވަސް ފިޔަވަޅުތަކުގައި ގޮސް އޭނައަށް އީވާގެ މަގަތުގައި އިށީނދެވުނެވެ. އަދި އީވާގެ ކޮނޑުގައި އަތްޖައްސާލެވުނެވެ. އެހަރަކާތުން އީވާ ދިޔައީ ސިއްސައިގެންނެވެ.
''އީވް!...'' ތެޅިގަންނަމުން އެނދުން ތެދުވުނު އީވާއަށް ބަލަން އިން ރައުހާއަށް ގޮވާލެވުނެވެ. އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. ''ވަޓް ހެޕެންޑް؟...''
ސުވާލުން ފުރިގެންވި ރައުހާގެ ނަޒަރު ފެނުމުން އީވާއަށް ތުންފަތުގައި ދަތް އަޅާލެވެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް މިހާތަށް ހިއްސާކުރަމުން އައި އެކުވެރިޔާ ވެސް ވަނީ އޮޅުވާލުމެއްގެ ތެރޭގައެވެ. މިހާލަތަށް އޭނަގެ ދިރިއުޅުން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ހުރިހާ ކަމެއް ސިއްރުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ދޮގުތަކުގެ މައްޗަށް ބަރޯސާ ވެވުނީ ކީއްވެގެން ހެއްޔެވެ؟ ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހެވެނީ ކީއްވެގެން ހެއްޔެވެ؟
''އީވާ...'' އިސްޖަހާލި އީވާ ފެނުމުން ރައުހާއަށް ގޮވާލެވުނީ ކަންބޮޑުވާއެކުގައެވެ. އީވާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އެހިތަށް ނުތަނަވަސްކަން ލިބުނެވެ. ކޮންމެވެސް ބޮޑު ކަމަކާ އީވާ ކުރިމަތިލާން ޖެހިފައިވާކަން އޭނަ ދެނެގަތެވެ. އެއާއެކު އެތައް ސުވާލެއް ހިތުގައި ފުނިޖެހިގެން ދިޔަ އެވެ.
''ކިހިނެއް ވީތަ؟، ޖާދިންއާ ދެމީހުން މައްސަލައެއް ޖެހުނީތަ؟...'' އީވާގެ އަތުގައި ހިފާލަމުން ރައުހާއަށް ބުނެވުނެވެ.
މަޑުމަޑުން އީވާ ދެފަރާތަށް ބޯހޫރާލީ ރައުހާގެ ސުވާލަށް ޖަވާބު ދިނުމުގެ ނިޔަތުގައެވެ.
''ދެން ކިހިނެއްތަ ވީ؟...'' ރައުހާއަށް ހައިރާންކަން ލިބުނެވެ.
''އަހަންނަށް ޖާދިންގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވިއްޖެ...'' މޮޅިވެރިކަމާއެކު އީވާއަށް ބުނެވުނެވެ. ދެފިކުރެއްގައި ހުރި އީވާ އިސްއުފުލާ ރައުހާއަށް ބަލައިލިއެވެ. އޭނަ އެވަނީ މީހެއްގެ މަދަދުވެރިކަމަށް ބޭނުން ވެފައެވެ. ހަތަރު އަނގޮޅިއަކަށް އާދެވިފައިވާތީ، ޚިޔާރު ކުރަންވީ ރާސްތާއެއް ގަސްދުކުރުމުގައި ގޮސްޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ރައުހާއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނަގެ ހުރިހާ ސިއްރުތަކެއްގެ ހިއްސާދާރެވެ. މިއުނދަގޫ މަގުން ކުރިއަށް ދިއުމުގައި މަދަވުވެރި ވެވޭނެ ހަމައެކަނި ފަރާތަކީ ވެސް ރައުހާ އެވެ.
ރައުހާއާއި ހުރިހާ ވާހަކައެއް ހިއްސާކުރަން އީވާގެ ސިކުނޑި ބާރުއަޅަމުން ދިޔަ އެވެ. އޭރު އޭނަގެ ހިތް އިންޒާރު ދެމުން ދިޔައީ އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނާލުމަށެވެ
.
''ކޮންކަމެއްތަ؟... އީވް އަހަންނަށް ކިޔައިދީބަލަ... ތިހެން ދެރަވެފައި ހުރުމުން އަހަރެން ބިރު އެބަގަނޭ... ހީވަނީ ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާހެން...'' ރައުހާގެ ހިތް ތެޅިލައިފިއެވެ. ހިމޭންކަމާއެކު ވަގުތު ފާއިތުވަމުން ދިޔަ އެވެ. ފަސްޖެހުމުގެ އަސަރުތަކާ ހުރެ ހިތުގައިވި އުދާސްކަން ދުލާ ހަމައަށް ގެންނަން އީވާއަށް ދަތިވިއެވެ.
''އީވާ!...'' ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ރައުހާއަށް ބުނެވުނެވެ. ''ހިމޭނުން ހުރުމުން އެއްވެސް ކަމެއް ހައްލެއް ނުވާނެ، އަހަންނަށް ކިޔައިދީބަލަ، އޭރުންދޯ މަދަދުވެރިވާން އެނގޭނީ... ކޮންކަމެއްތަ އީވްއަށް ކުރެވުނީ؟... ޖާދިންގެ ހިތުގައި ޖެއްސިއްޖެޔޭ ތިބުނަނީ ކީއްވެގެންތަ؟...''
''އަހަރެން ޖާދިން ދެކެ ލޯތްބެއް ނުވޭ...'' ތުން ފިއްތާލަމުން އީވާއަށް ބުނެވުނެވެ. އެއަޑުގައި ވަނީ ހިތްދަތިކަމެވެ. ''ދުވަހަކު ވެސް ޖާދިން ދެކެ ލޯބި ވެވޭނެ ހެނެއް ހިޔެއް ނުވޭ...''
ރައުހާއަށް ލިބުނީ ސިހުމެވެ. ވަގުތުން ދެލޯބޮޑުކޮށްލެވުނެވެ. ދުލުން ބަސްހުއްޓިފައިވާ ހާލު އީވާއަށް ބަލައިލިއެވެ. ކަޅި ޖަހާލުމެއް ނެތިއެވެ. އޭނަގެ ޚިޔާލަށް ތަންކޮޅެއް ކުރިން ދުވަހަކު އީވާއާ ދެކެވުނު ވާހަކައެއް އާލާވާން ފެށިއެވެ.
''އެކަމަކު އަހަރެން ގާތު އެހީމެއްނު ލޯބިވުމުން އެނގެނީ ކިހިނެއް ހެއްޔޭ؟، އެއީ ޖާދިން ދެކެ ލޯބިވެގެނެއް ނޫންތަ؟...'' ރައުހާގެ އަޑުގައި ހައިރާންކަން ވިއެވެ.
''އެއީ ޖާދިން ދެކެ ލޯބި ވެގެންނެއް ނޫން...'' އީވާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އެއާއެކު ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ. ހަޤީޤަތް ހާމަކުރުމުން ރައުހާ ބުނެފާނެ އެއްޗަކާ މެދު އީވާގެ ހިތް ނުތަނަވަސް ވިއެވެ. ނަމަވެސް، އެކުވެރިޔާގެ މަދަދަށް އޭނަ އެވަނީ ބޭނުން ޖެހިފައެވެ. ޚިޔާލު ހޯދުން މުހިންމުކަމަކަށް ވެފައެވެ. ދާންވީ ރާސްތާއެއް ކަނޑައެޅުމުގައި ކުރިމަތިވަމުން ދިޔަ ފިއްތުންތަކުން ސަލާމަތްވާނެ އިތުރު ގޮތެއް އޭނައަކަށް ނުފެނުނެވެ.
''ދެން ކާކުތަ؟...'' ރައުހާއަށް ކޮޅަން ތެދުވެވުނެވެ. އެހިތުގެ ތެޅުން އަވަސްވެއްޖެއެވެ. މީހާ ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
''މާކިން!... އަހަރެން ލޯބިވަނީ މާކިން ދެކެ!...'' އިސްތިރިކޮށްލަމުން އީވާ ބުނެލިއެވެ. ޖަޒުބާތުގައި ޖެހި އީވާގެ ލޮލުން ކަރުނަ ނީރާލައިފިއެވެ. ހަޤީޤަތް ހާމަކުރުމަށްފަހު ރައުހާއާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ.
އީވާގެ ޖުމްލައާއެކު ރައުހާއަށް ލިބުނު ސިހުމުގައި އަނގަ ތަންމިނަށް ހުޅުވާލެވިއްޖެއެވެ. ކުރިއަށް ވުރެން ބޮޑަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަމަތީ އަތްއަޅާމުން އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. ބުނަންވީ ކީކޭކަމެއް ރައުހާއަކަށް ނޭނގުނެވެ. ހިމޭންކަން ޚިޔާރުކުރެވުނީ އެހެން ވެއެވެ.
''ރައު...'' މާހައުލަށް ވެރިވެފައި އޮތް ހިމޭންކަމުން އީވާއަށް އުނދަގޫވިއެވެ. ކަރުނުން ފުރިފައިވި ދެލޮލުން އިސްއުފުލައި ރައުހާއަށް ބަލައިލުވީ ހިތްވަރުކޮށްލަމުންނެވެ.
''ތިކަމާ އަހަރެން ބުނާނީ ކީކޭތަ؟... އީވް!، ތިކުރެވޭ ކަމަކާ މެދު ވިސްނާލަބަލަ، ޖާދިން!، އޭނައަށް ދޭނީ ކޮން ޖަވާބެއްތަ؟... އީވް ތިހުރީ ޖާދިންއާ ކައިވެނިކުރަން އެއްބަސްވެފަޔޭ... ދެން ކިހިނެއް އިތުރު މީހަކު ދެކެ ލޯބިވާނީ... ލޯބީގެ ގުޅުމެއް ކުރިއަށް ގެންދާނީ؟...'' ރައުހާއަށް ބުނެވުނެވެ. މަސްރަހުގެ ނުބައިކަމާ މެދުގައި ރައުހާއަށް ވިސްނާލެވުނެވެ.
'އަހަރެން ޖާދިން ދެކެ ލޯތްބެއް ނުވޭ... ލޯބި ނުވާއިރު ކިހިނެއް ކައިވެނި ކުރާނީ؟، ރައު ބުނީމެއް ނޫންތަ ލޯބިނުވާ މީހަކާއެކު ދިރިއުޅެން އުނދަގޫ ވާނެޔޭ... ދިރުއުޅުމާ މެދު ފުންކޮށް ވިސްނާށޭ، އެއަށްފަހު ގޮތެއް ނިންމާށޭ... އިތުރުގޮތެއް ފެނިއްޖެއްޔާ އަހަރެން ކަންތައް ކުރާނީ ކިހިނެއްހޭ!...'' ކުރެހިފައިވާ އަޑަކުން އީވާއަށް ބުނެވުނެވެ. އެކުވެރިޔާގެ ފަރާތުން އިވެމުން ދިޔަ ބަސްތަކުން އީވާގެ ހިތުގައި ޖެހުނެވެ. އުއްމީދު ގެއްލެން ފެށިއެވެ. ރޮވުނީ އެހެން ވެއެވެ. އަލިމަގެއް ނުފެނިދާނެ ކަމުގެ ބިރުވެރިކަން ހިތަށް ވެރިވިއެވެ.
''އީވް އަހަރެން ތިކަމާ އެއްބަސް ވާނީ ކިހިނެއްތަ؟ އީވް ތިހުރި ހާލަތާ މެދު ވިސްނާލަބަލަ، ކައިވެންޏަށް ޖާދިންއަށް އާނ ބަސް ދީފައި ތިހުރީ... ނޭނގި ނަމަވެސް އެއީ ޖާދިންއަށް ދެވުނު އުއްމީދެއް ނޫންތަ؟، އަނެއްކޮޅުން އީވްގެ މާމަ، މާމަ އެކައިވެންޏާ މެދު ކުރާ އުއްމީދު އެނގެއެއްނު، އެކަމާ އީވްއަށް ދެކޮޅު ހެދިދާނެތަ؟... ޖަޒުބާތުގެ މައްޗަށް ކަންތައް ނިންމުމުގެ ކުރިން ނިކުމެދާނެ ނަތީޖާއަކާ މެދު ވިސްނާލަބަލަ... ކިހިނެއްތަ އެހުރިހާ ކަމެއް ހަމައަކަށް އަޅުވާނީ؟... އަނެއްކޮޅުން މާކިން!، އޭނައަށް ހުރިހާ ކަމެއް ކިޔައިދިނިންތަ؟... އޭނަގެ ޚިޔާލަކީ ކޮބާތަ؟......'' ރައުހާއަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އީވާގެ ކަރުނަތަކުން އޭނަގެ ހިތަށް އަސަރުކުރިއެވެ. އެހެނަސް، ވިސްނަންޖެހޭ ކަންތައް ބޮއްސުންލާ ހިސާބަށް ގޮސްފިއެވެ. ޚިޔާލު ދިނުމުގެ ކުރިން ނިކުމެދާނެ ކޮންމެ ފަދަ ނަތީޖާއަކާ މެދު ވިސްނަން ޖެހެއެވެ. މައްސަލައިގެ ނާޒުކު ކަމުންނެވެ. މަސްރަހު ގޯސްނުވެ ހައްލު ހޯދަން ރައުހާގެ ސިކުނޑިއަށް ނުކުޅަދާނަ ވިއެވެ.
''އީވް!... އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ، މާކިންއަށް އެނގޭތަ؟... އޭނައަށް ހުރިހާކަމެއް ކިޔައި ދިނިންތަ؟...'' އީވާގެ ކުރިމައްޗަށް ހުއްޓިލަމުން ރައުހާ އެހި އެވެ. އީވާގެ ހިމޭންކަމުން އޭނަގެ ހިތް ބިރުގަންނަން ފެށިއެވެ. އެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކުން އޭނައަށް ވާހަކަތަކެއް ކިޔައިދިނެވެ. އެއާއެކު ރައުހާގެ މެޔަށް ފިނިވެގެން ދިޔަ އެވެ. އިތުރު ނުތަނަވަސްކަމެއް މީހާއަށް ލިބުނެވެ.
''އީވް... ތިހެން ނުހުރެ ޖަވާބު ދީބަލަ، މާކިންއަށް ކިޔައިދިނިންތަ؟، ޖާދިންއާއި އީވްގެ ކައިވެނީގެ ކަންތައް މާކިންއަށް އެނގޭތަ؟... މަޖުބޫރީ ހާލަތެއް ވިޔަސް އެވާހަކަތައް ކިޔައިދިނިންތަ؟...'' އީވްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ރައުހާ ސުވާލުކުރިއެވެ. އެވަގުތު، އީވާގެ މޭގައި އުފެދިފައި އޮތް ވޭނީ ތޫފާނުގެ ރޯޅިތައް އާހްތަކުގެ ސިފައިގައި އަރުތެރޭން ބޭރުވެގެން ދިޔަ އެވެ. އީވާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އީވާއަށް ބަލަން ހުރި ރައުހާއަށް ކުއްލިޔަކަށް އީވާގެ ކޮނޑުން ދޫކޮށްލެވިއްޖެއެވެ.
''ސިއްރުކުރީތަ؟...'' ރައުހާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއަށްފަހު ހާސްކަމާއެކު މޫނުގައި އަތްތިލަ ހިންގާލެވުނެވެ. އިސްތަށިގަނޑުގައި ވެސް އަތްފުނާ އަޅާލެވުނެވެ.
''އަހަރެން ތިކަމުގައި ބުނަންވީ ކީކޭތަ؟......'' ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން ރައުހާއަށް ސުވާލުކޮށްލެވުނެވެ. އޭރު އޭނަ ގާތަށް ރުޅި އަތުވެއްޖެއެވެ.
''އެއްވެސް ކަމަކާ މެދުގައި އީވް ވިސްނާލިންތަ؟ ތިކަމުން ނިކުމެދާނެ ނަތީޖާއަކީ ކޮބައިކަން އެނގޭތަ؟... ޖާދިންއާއި މާކިންއަށް ވެސް އޮޅުވާލެވުން ނޫންކަމެއް ކުރެވުނުތަ؟... މާކިން ދެކެ ލޯބިވެޔޭ ބުނާ އިރު ކީއްވެތަ މާކިންއަށް ހަޤީޤަތް ހާމަ ނުކުރެވުނީ؟... ޖާދިންގެ ވާހަކަ ނުބުނެވުނީ ކީއްވެތަ؟...... އެއީ މާކިންގެ ހިތަށް ދެވޭ އަނިޔާއެއް ނޫންތަ!...'' ރައުހާގެ ޖުމްލައިން އީވާއަށް ގިސްލެވިއްޖެއެވެ. ކޯތާފަތުން ރޮނގުދަމާލާފައި ހަރުވިކަމާއެކު ކަރުނަތައް ފައިބަމުން ދިޔަ އެވެ. ރައުހާގެ ވާހަކަތައް އީވާއަށް ދޮގެއް ނުކުރެވުނެވެ.
''އީވްގެ މާމައަށް ދޭނީ ކޮން ޖަވާބެއްތަ؟ ކައިވެންޏަށް ދެކޮޅު ހެދުމުގެ ހިތްވަރު އެބަހުރިތަ؟... ޖާދިންއަށް ވިސްނައިދޭން ބުނާނީ ވެސް ކީކޭތަ؟... މާކިންއަށް އީވްގެ ހާލަތު ޤަބޫލު ކުރެވޭނެތަ؟...'' ހަށަން ބަނދެލަމުން ރައުހާ ވާހަކަދެއްކިއެވެ. އީވާގެ ކަރުނަތަކުން އޭނަ ދެރަ ވެސް ވިއެވެ. ހިތަށް އަސަރުކުރިއެވެ.
(ނުނިމޭ)